ހުވަފެނަކީ ބިލާހެއް – 6

- by - 44- September 11, 2019

ތަމަންނާއާއި ފާރަލާތާ މިވޭތުވެދިޔަ ފަނަރަ މިނިޓު ތެރޭގައި އިނގިގެން ދިޔަކަމަކީ އޭނާ ބިރުގެންފައި ހުރިވަރެވެ. އޭނާ ނޭނގޭ ހިތާމައަކާއި ކުރިމަތިލާކަމެވެ. ދެކޮޅަށް ބޯ ހޫރުވަމުން ކުށެއް ކުރި މުޖުރިމެއް އުޅޭ ފަދައިން އޭނާ ހަލުވި ހިނގުމެއްގައި ގޮސް ބަސް ހުއްޓިއަކަށް މަޑުކުރިއެވެ. ބަސް އާދޭތޯ އިންތިޒާރުކުރަމުން ދިޔައިރުވެސް އޭނާގެ ދެލޮލުން ކަރުނަ ނުހިކޭކަން ދުރުން ވެސް އިނގެއެވެ. ވަށައިގެން ތިބި މީހުން ފާހަގަވެގެން ބަލާލާ ކޮންމެ ފަހަރަކު ރުމަލުން ލޯ ކައިރި ފޮހެލައެވެ.
ބަހަށް ތަމަންނާ އެރުމާއިއެކު ހުޅުމާލެއަށް ދާން ވިލްދާން ތައްޔާރުވެލިއެވެ. ބޮލުގައި ހެލްމެޓް ހެޔޮވަރުކޮށްލާ ލޯ ފޮރުވާލީ އަޅި އަަވިއައިނަކުންނެވެ މިއީ މީހަކަށް އޭނާ ފާރަލި ދެވަނަ ފަހަރެވެ. ފުރަތަމަ ފާރަލީ އޭނާގެ އަމިއްލަ ބައްޕައަށެވެ. އެދުވަހު އޭނާއަށް އިނގިގެންދިޔަ ކަންތަކުގެ ހިތި ރަހަ އަދިވެސް އަރުގެ ބުޑުގައި ލާ ކަހަލައެވެ.
ތަމަންނާ އެރި ބަހުގެ ފަހަތުން އާދައިގެ ދުވެއްޔެއްގައި ދިޔަ ވިލްދާންގެ ހިތުގައި އެތަކެއް ސުވާލެއް އުފެދުނެއެވެ. ތަމަންނާ އެދަނީ އޭނާގެ މަންމަ ކައިރިއަށް ހެއްޔެވެ؟ އޭނާގެ މަންމަ އޮތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ ހެއްޔެވެ؟ ދެން އެހެން ކަމުގައި ވަނީނަމަ ޝިފްރާއަކީ ކާކުހެއްޔެވެ؟ ހުރީ ހުސް ސުވާލެވެ. އެންމެ ބޮޑު ސުވާލަކީ ރޭގައި ހިނގާދިޔަ ކަމެވެ. ތަމަންނާ އޭނާ ގާތުގައި ރައްޓެހިވާން އެހީ ކީއްވެ ހެއްޔެވެ؟
ފަނަރަ މިނިޓެއްހާ ފަހުން ބަސް މަޑުކޮށްފިއެވެ. ތަމަންނާ ފޭބިތަން ވިލްދާން ބަލަން ހުރީ ފުދޭވަރަކަށް ދުރުގައެވެ. ތަމަންނާ އަނެއްކާ ވެސް ދެކޮޅު ބަލަމުން ފޯނު ނަގާ މީހަކަށް ގުޅާލިއެވެ. އިރުކޮޅަކު ވާހަކަ ދައްކަން ހުރެފައި ފޯނު ބާއްވާފައި ދެކޮޅަށް ހިނގަން ފެއްޓިއެވެ. ހީވަނީ ލައިނުގަނެގެން އުޅޭ ހެނެވެ.
ފަސް ވަރަކަށް މިނިޓު ތެރޭ ސައިކަލެއްގައި އިން ފިރިހެނެއް އައިސް ތަމަންނާ ކައިރިއަށް ޕާކްކޮށްލިއެވެ. އޭނާ ހިނިތުންވަމުން ތަމަންނާއާއި ކޮންމެވެސް ވާހަކައެއް ދެއްކިއެވެ. ތަމަންނާ ރޮނީކަން އޭނާގެ ހަރަކާތްތަކުން އިނގުނެއެވެ. ހުދު ގަމީހެއް ލައިގެން އިން ފިރިހެން މީހާ ބަލާބެލުމަށް ވައްތަރީ ވިލްދާންގެ ބައްޕަގެ އުމުރުގެ މީހަކާއެވެ. އެހާ އުމުރުން ދޮށީ ފިރިހެނަކާއި އެއްކޮށް ތަމަންނާ ކުރަނީ ކީއް ހެއްޔެވެ؟ ނުވަތަ މި ފިރިހެންމީހާ އަކީ ވެސް ތަމަންނާގެ ދަލުގައި ޖެހިގެން އުޅޭ މީހެއް ހެއްޔެވެ؟ ވިލްދާންގެ ހިތުގައި ސުވާލުތައް ގިނަވި ވަރަކަށް ތަމަންނާއާއި ދޭތެރޭ ނަފްރަތު އުފެދުނެއެވެ. ތަމަންނާ ދެކެ ރުޅިއައި ވަރަކަށް އެތެރެ ހަށީގައި ރިހުމެއް އަޅާ ކަހަލައެވެ.
އެ ފިރިހެންމީހާގެ ސައިކަލު ފަހަތަށް އަރައިގެން ދެމީހުން އައިސް ހުއްޓުނީ ޓްރީޓޮޕް ހޮސްޕިޓަލަށެވެ. ވިލްދާން ހައިރާންވިއެވެ. ބޮޑު އަތް ދަބަހެއް ހިފައިގެން ރޮމުން ތަމަންނާ ހޮސްޕިޓަލަށް އައީ ކީއްކުރަން ހެއްޔެވެ؟ ސައިކަލު ފަހަތުން ފޭބުމާއި އެކީ އެ ފިރިހެންމީހާ ގޮސް ސައިކަލު ޕާކް ކޮށްލިއެވެ. ދެމީހުން ހޮސްޕިޓަލަށް ވަނީ އެއްކޮށެވެ. ތަމަންނާގެ އުނަގަނޑުގައި ބޭއްވިފައި އޮތް އެ ފިރިހެންމީހާގެ އަތް ފެނިފައި ވިލްދާންގެ ދެލޯ ހަނިވެގެން ދިޔައެވެ. ކަންކަށި މައްޗަށް ވާން ކުރަމުން އޭނާ ވެސް މިސްރާބު ޖެހީ ހޮސްޕިޓަލަށް ވަންނާށެވެ. ތަމަންނާއަށް ފެނުނަސް ވަރިހަކަމަށް ބަލައިގެންނެވެ.
ހޮސްޕިޓަަލަށް ވަންތަނާހެން ބިން ފަޅާފައި ތަމަންނާ އަޑިއަށް ދިޔައީ ކަމެއް ނޭނގެއެވެ. ފުރަތަމަ ފަންގިފިލާ ހޯދާ އަވަދި ވި އިރުވެސް ތަމަންނާ ނުފެނުއެވެ. ވިލްދާން ކުޅުނު ކުޅިގަނޑު ބަލަން ތިބި ނަރުހުންގެ މޫނުގައި ހުރީ ސުވާލު މާކު ޖެހިފައެވެ. އެންމެ ފަހުން ކަރު އެލުވާލާއިގެން މަންމައަށް ޒިޔާރާތް ކޮށްލަން ނިންމީއެވެ.
ފޮނި ލުނބޯ ވަހަކުން އެއްވަސް ވެފައި ވި ކޮޓަރީގައި މަންމަ އޮތީ ނިދާފައެވެ. ލަސްލަހުން މަންމަގެ މޭ ކޮންމެ ނޭވާއަކަށް ހިއްލެއެވެ. އެނޫނިއްޔާ ދިރިހުރިކަމުގެ އެއްވެސް ނިޝާނެއް އެ އަނަަރޫފަވެފައިވި ހަށިގަނޑުގައި ނެތެވެ. ވިލްދާން އޭނާގެ މަންމަގެ އަތުގައި ހިފާލިއެވެ. އެވަގުތު އޭނާގެ ލޮލުން ކަރުނަހިލުނެއެވެ. ހިފަހައްޓައިގެން ހުރި ނޭވާ ބޭރުކޮށްލެވުނެއެވެ. ހިތުގެ އުދާސްތައް ބަންޑުންކޮށްލަން ބޭނުންވިއެވެ. ނަމަވެސް އަޑު އަހާނީ ކާކު ހެއްޔެވެ؟
ދެލޯ ފުހެމުން ދަޅެއް ހިފައިގެން އޭނާ ގޮނޑިއެއްގައި ޖައްސާލިއެވެ. ދަޅުގެ ފިިނިކަން އޭނާގެ ހަށިގަނޑަށް ތާޒާކަމެއް ގެނުވިއެވެ. ވިލްދާން ފޯނު ނަގަމުން އަލްބަމް ހުޅުވާލިއެވެ. ފޮޓޯއަކަށް ބަލަން އިނދެފައި އޭނާގެ ތުންފަތުގައި ދުވެލީ މާނަފުން ހިނިތުންވުމެކެވެ.
ފޮޓޯގައި އިނީ އޭނާގެ އާއިލާއެވެ. އެއީ ގައިޝާން ކިޔަވަން ފުރުމުގެ ކުރިން ނަގާފައިވާ ފޮޓޯއެކެވެ. ހިތްހެޔޮ މަޑުމައިތިރި މަންމައެވެ. އަނގަ ގަދަ މަކަރުވެރި ބައްޕައެވެ. ގޮތް ދޫނުކުރާ ބޮޑާ ކޮއްކޮއެވެ. ދެން ވިލްދާނެވެ.
“ތީ ދާންތަ؟”
ކައިރީގައި އިށީން ރިހި ކުލައިގެ ކަޅީގެ ވެރި އަންހެންކުއްޖާ ފެނި ވިލްދާން އިންތަނުން ނުވެއްޓުނީ ކިރިޔާއެވެ. އޭނާ ރުޅިއައިސް ބަލަން ފެށި ގޮތުން ތަމަންނާ ހީލިއެވެ. ހުރިހާ ކަމެއް ވެސް ދަންނަކަން އެ ހިނިތުންވުމުން ބުނާ ކަހަލައެވެ.
“ތަމަންނާ ފަހަތުން އަހަރެން އައީ. މިތަނަށް އައީ ކާކާ އެއްކޮށް؟ އެވެސް ހަމަ..”
ވިލްދާންގެ ބަސްތައް އަޑުނާހާ ތަމަންނާ ތެދުވެގެން ހިނގައިގަތެވެ. އެއްޗެށް ބުނަން ބޭނުން ނުވަނީ ކަމަށް ވެސް ވެދާނެއެވެ. ފަހަތުން ނުދާނަމޭ ހިތަށް އަރަ އަރާ އޮއްވާ ވިލްދާން ތަމަންނާގެ ފަސް ފަހަތުން ހިނގައިގަތެވެ.
“ތަމަންނާ މަޑުކޮށްބަލަ..!”
ދެމީހުންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އެރިއިރު ތިބެވުނީ ހޮސްޕިޓަލުން ބޭރުގައި ހަދާފައި އިން ޕާކެއްގައެވެ. މެންދުރުގެ ގަދަ އަވީގައި ތަމަންނާގެ ހަންގަނޑު ވިދާ ބަބުޅާކަހަލައެވެ. ނިއްކުރީގައި އުފެދެމުން ދިޔަ ފެން ތިކިތައް އޭނާގެ ކޯތާފަތަށް ބީހިލާ ކޮންމެ ފަހަރަކު އަތުގެ ނުފުށުން ފޮހެލައެވެ. ތަމަންނާ ހީވަނީ ތަނަކަށް ދާން ލަސްވެފައި ހުރި ހެނެވެ.
“ކޮބާ އެ ފިރިހެންމީހާ؟ ފިރިހެނަކާ އެއްކޮށެއް ނު މިތަނަށް ވަނީ؟”
ވިލްދާން ބޭނުން ނުވިޔަސް އޭނާގެ ރާގުގައި ވަނީ މަލާމާތެވެ. އަޑުގައި ވަނީ ނުރުހުމެވެ. ތަމަންނާ އެއްޗެކޭ ނުބުނެ އިސްޖެހުމުން ވިލްދާންގެ ރުޅިގަނޑު އުތުރި ކެކޭ ގޮތްވިއެވެ.
“ކީއްކުރަންތަ އަހަރެން ކައިރި ރައްޓެހިވާށޭ އަހަނީ އެހެން ފިރިހެނުންނާ އެއްކޮށް ރޯމާ ދުވާލު އުޅެފަ.. އެހެން ނޫނަސް މީތަ މިހާރު ތަމަންނާ ބިޓު ހިއްލަން އަންނަން އިނގުނު ތަނަކީ. އަހަރެންނާ ދެން ވާހަކަ ނުދައްކާތި. މީގެ ފަހުން ތަމަންނާ ތީ އަހަރެން ދަންނަ މީހެއް ނޫން!”
ވިލްދާން ފަަހަތަށް އެނބުރި ހިނގައިގަންނަން އުޅުނުތަނާހެން އޭނާގެ އުޅަބޮށީގައި ހިފާ ކުރިމައްޗާއި ވީ ފަރާތަށް އަނބުރާލިއެެވެ. އަނެއްކާވެސް ތަމަންނާގެ ގައިގައި ހުންނަ ހަކަތަ އިހުސާސްވެވިފައި ވިލްދާން ހައިރާންވެލިއެވެ.
“ވިލްދާން.. ”
ދެން ވީ ގޮތެއް އެެއްވެސް ބަހުރުވަޔަކުން ހަރަކާތަކުން ވިލްދާންއަށް ބަޔާން ކުރާކަށެއް ނޭނގުނެއެވެ. އިނގޭހާ އެއްޗަކީ ތަމަންނާގެ ތުންފަތުގައި ދިން މަޑު މާމުައިި ރަހައެވެ. ތަމަންާގެ އުނަގަނޑު ހަނިވެފައި އޭނާގެ ކަނދުރައިން ދޮވާ މަޑު މާމެލާމެލީގެ ވަހުގެ މަސްތީކަމެވެ. ތަމަންނާ އިސްވެ ވިލްދާންގެ ތުންފަތްވަނީ އޭނާގެ މިލްކަކަށް ހަދާފައެވެ. ތުންފަތް އެކަންޏެއް ނޫނެެވެ. ވިލްދާންގެ މުޅި ޖިސްމާއި ރޫހުއެވެ.
“އަހަރެން ރޭގަ ކުރީ ސަމާސާއެއް ނޫން.. އަހަރެން ހަޤީޤަތުގައި ވެސް ދާން ދެކެ ލޯބިވޭ!”
ވިލްދާން ހުރީ ބަސްހުއްޓިފައެވެ. ތަމަންނާގެ އުނަގަނޑުގައި އަތް އޮޅާލައިގެން ހުރިއިރު އަނގައިގައި ލަމުން ދިޔަ ފޮނި މާމުއި ފާޑުގެ ރަހަ އޭނާއަށް ކަމުދިޔައެވެ. ތަމަންނާގެ ހަރަކާތްތަކުން އޭނާގެ ސިކުނޑި ސުމަކަށް ދިޔައެވެ. ބުނާނެ އެއްޗެއް ނޭނގި ހަރަކާތެއް ނުގެނެވިފައި ތަމަންނާގެ ފުން ރިހި ކަނޑެއްފަދަ ލޮލަށް އޭނާ ދިޔައީ ގެނބެމުންނެވެ.
“ދާން!! ވާހަކަ ދައްކަބަ!”
ތަމަންނާ ވިލްދާންގެ މޭމަތީ އަތް އަޅާލަމުން ދުރަށް ކޮއްޕާލިއެވެ. އެވަގުތު އޭނާ ހޭވެރިކަންވިއެވެ. މޫނަށް ރުޅިވެރިކަމުގެ އަސަރު ފާޅުވިއެވެ. ބުމަ ގޮއްޖަހަމުން ތުންފަތް އަތުގެ ނުފުށުން ފޮހެލީ ފަކުރުގަތް މީހެއް އުޅޭ ހެނެވެ. ނަމަވެސް އޭނާގެ ހިތުގައި އޮތީ އެެހެން އިހްސާސެކެވެ. ތަމަންނާގެ ކަރުނަ ހިލިފައިވި ލޯ ފެނުމުން އޭނާގެ ހަރަކާތުން ތަމަންނާ ހިތުގައި ޖެހުނީކަން އިނގުނެއެވެ.
“ތަމަންނާ.. ލޯތްބަކީ ކުޅޭ ކުޅިވަރެއްތަ؟ ގައިމު ކުރިން ބުނި ނުލިބުނު ލޯތްބަކީ ގައިޝާން އޭ!! މިހާރު މަށަށް ވީ؟ ކީކޭ ތަ ކިޔަން ތި އުޅެނީ؟!! އަހަރެންގެ ސުވާލުތަކަށް ޖަވާބު ނުދެނީސް ތަމަންނާއަކަށް މިތާކުން ނުދެވޭނެ!”
ގައިގައި ނެތް ހިތްވަރެއް ލަމުން ވިލްދާން އަޑުގެ ނެތް ތަނަށް ހަޅޭއްލަވަން ފެށިއެވެ. އޭނާގެ ދެފައި ކޮޅުގައި ވާގި ނެތް ހެން ވެސް ހީވާން ފެށިއެވެ. ކުރިމަތީގައި ހުރި ތަމަންނާގެ އަނގަ ހުޅުވިފައި ވީއިރު އޭނާގެ ލޮލުން ހޯސްއަޅާފައި ކަރުނަ ފައިބަނީއެވެ.
“އަހަރެން ވިލްދާން ދެކެ ލޯބިވީ އަލަކަށް ނޫން! ވިލްދާން އަަހަރެން މަތިން ހަނދާން ނެތުނަސް އަހަރެން ހުރިހާ އެއްޗެއް ހަނދާން އެބަ ހުރި!”
އެއްފަރާތަކަށް ވިލްދާން ކޮއްޕާލާފައި އަނބުރާ އައިކޮޅަށް ތަމަންނާ ދާން ހިނގައިގަތެވެ. ފަހަތަށް ބަލާލުމެއް ވެސް ނެތިއެވެ. އޭނާގެ ފަން އިސްތަށިގަނޑު ވަޔާ ވިހުރޭ މަންޒަރު ފެނުމުން ވިލްދާން ހަނދާންވީ ފިޔާތޮށި ކުލައިގެ މަހުމާ ރަބަރުގެ މަތިންނެވެ. ބިމުގައި ދެފައި ތަތްކުރެވިފައި ހުރިހެން ވިލްދާން ހުރީ ކުރިއަށް ފިޔަވަޅެއް ވެސް އަޅަން ނޭނގިފައެވެ.
ބޮލަށް ވާން ކުރާ ކަހަލަ ތަދެއް ފެތުރިގެންދިޔައެވެ. ތަމަންނާ އެބުނި ވާހަކައިގެ މާނައަކީ ކޮބާ ހެއްޔެވެ؟ އޭނާ އެ ދައްކަނީ ކޮން ވަގުތެއްގެ ވާހަކައެއް ހެއްޔެވެ؟ ހަނދާން ނެތުނީ ކާކު މަތިން ހެއްޔެވެ؟ ހަނދާން ނެތީ ކޯއްޗެއް ހެއްޔެވެ؟
**********************************************
ގެޔަށް އާދެވުނުއިރު ހަވީރު ވެއްޖެއެވެ. ގޭތެރޭގެ މާހައުލު ވަނީ ހަލަބޮލިވެފައެވެ. އިސްޖަހައިގެން ދެފައި ބިމުގައި ކާއްތަމުން ވިލްދާން ހިނގަމުން ދިޔައީ ބަރުހެލި ފާޑަކަށެވެ. ތަމަންނާގެ ބަސްތަކާއި މެދު އޭނާއަށް ވިސްނެނީއެވެ. ތަމަންނާގެ ބީހިލުމަަކަށް ހިތް އެދެވެނީއެވެ. ހީވަނީ ހިތާއި ސިކުނޑި ބޮޑު ހަނގުރާމައެއް ހަށިގަނޑުގައި ކުރަމުން ދާހެނެވެ. ވިސްނެނީ ތަމަންނާއަކީ ރަނގަޅު އިހްތިޔާރެއް ނޫންކަމެވެ. ނަމަވެސް ބޭނުންވަނީ އޭނާ އަތުތެރެއަށް ލާ ފޮރުވާލާށެވެ. ބޮޑު އަރާރުމެއްގައި ވިލްދާން ބެދި މީހާގެ ގައިން ވަރުދޫވާހެން ހީވެއްޖެއެވެ.
“ދަރިފުޅާ..”
ބައްޕަގެ އަޑަށް ވިލްދާންގެ ފިޔަވަޅަށް ހުއްޓުމެއް އެރިއެވެ. ގޭތެރެެއަށް ރަނގަޅަށް ނަޒަރު ހިންގާލެވުނީ ދެނެވެ. ފާރުތަކުގައި ކުލައާއި އެއްޗެހި ލާން ބަޔަކު މަސްއޫލުވެގެން ތިބިއިރު އެއް ބަޔަކު މާމެލާމެލީގެ އެތައް ބާވަތެއްގެ ބޮޑު ޓެންޓެއް ކަހަލަ އެއްޗެއް ޗާދެލިޔާ މަތީ އަޅުވަނީއެވެ. ބޭރުމީހަކާއި ވާހަކަ ދައްކަން ޖައިލާ އިނީ ސޯފާގައެވެ. ގައިޝާން ބައްޕަ ގާތުގައި ހުއްޓިލައިގެން ހުއްޓެވެ. ހަށަން ބަނދެލައިގެން އޭނާ ބަލަން ހުރި ފާޑުން ވިލްދާން ހިތްހަމަ ނުޖެހުނެއެވެ.
“ދަރިފުޅާ.. ކޮބާ ތަމަންނާ؟ ދުށިންތަ؟”
ގާދިރު ހުރީ ކަކުލާއި ހިސާބަށް އަރާ ކުރުތާ އަކާއި ހަރުވާޅެއް ލައިގެނެވެ. އުމުރުން ފަންސާހުގެ އަހަރުތައް ގުނަމުން ދާ މީހެއް ހެނެއް ބަލާބެލުމަކަށް ހިޔެއް ނުވެއެވެ.

ތަމަންނާގެ ނަން އިވުމާއި އެކީ ކަންކަށި މައްޗަށް ވާންވެ ވިލްދާންގެ ހިތުގައި އުދަބާންޏެއް އުފެދުނު ކަހަލައެވެ. ދުރުގައި ބަލަން ހުރި ގައިޝާންގެ އަތް މުއްކަވާލި މަންޒަރެއް ވިލްދާނަކަށް ނުފެނުނެއެވެ.
“ތަމަންނާ އެބައުޅޭ ހޮސްޕިޓަލުގަ..”
ކުރުކޮށް ޖަވާބެއް ދެމުން ވިލްދާން ފަހަތަށް އެނބުރިލީ ސިޑިން އަރައިގެން އަވަހަށް ކޮޓަރިއަށް ދާށެވެ. ނަމަވެސް އޭނާ ހުރި ތަނަށް ގަނޑުވީ ކުރިމަތީގައި ހުރި ތަމަންނާ ފެނިފައެވެ.

“މިހިރީ ދޯ ތަމަންނާ… ޖައިލާ މިހާރު ކޮން އިރެއް ޝޮޕިންއަށް ދާ ހޯދާތާ! ދޯ ދަރިފުޅާ؟”
ތަމަންނާގެ ލޯ ވިލްދާންގެ މޫނުން ނުނެއްޓެއެވެ. އެއްޗެއް ހޯދާ ފަދައިން އޭނާ ވިލްދާންގެ ލޮލަށް ބަލަމުން ދިޔައީ ފޮރުވިފައި އިން ސިއްރެއް ހޯދާ ފަދައިންނެވެ.
“ހޭ ޓެމްސް. ލެޓްސް ގޯ!!”
ޖައިލާ ދުވަމުން ކަހަލަ ގޮތަކަށް އައިސް ތަމަންނާގެ އަތުގައި ލޯބިން ހިފާލިއެވެ. ރައްދުގައި ތަމަންނާ ވެސް ހިނިތުންވެލިއެެވެ.
“ދޮންބެ ވެސް ހިނގާ..”
ގައިޝާން ދޮންބެ އޭ ބުނުމުން ފާޑަކަށް ވިލްދާން އޭނާއާއި ދިމާލަށް ބަލާލިއެވެ. ގައިޝާންގެ ލޮލުގައި އެވާ އިހްސާސަކީ ކޮބާ ހެއްޔެވެ؟ އެއީ ހަމްދަރުދީ ހެއްޔެވެ؟ ހަމްދަރުދީ ވެގެން ދުވަަހަކު ވިލްދާންއާއި މުހާތަބުކޮށް ނުބުނާ ބަހެއް މިޔަދު ބުނަން ވީ ކީއްވެ ހެއްޔެވެ؟

44

Rainoppa

I'm a girl who likes writing all sorts of stories. Especially horror. 22 years old and writing relieves stress mostly. Feel free to comment and vote. :) If anybody wants to get in touch with me and give me any new ideas regarding novels, you can reach out to me. My email address is : [email protected]

You may also like...

5 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Hello, guys. More episodes of this story will be uploaded on Monday, Friday and Sunday.
    Stay tuned and let me know your thoughts on this.
    😀

    ⚠Report!
  2. Raayaa… Thamannaa ge hithuge thamannaathakaa raayaa ge mi story ga dhen vaane gothakaa medhu hama visnaalan ves dhathi adhi.. hella curious.. waiting for next ep

    ⚠Report!

Leave a Reply

Your email address will not be published.