ހުވަފެނަކީ ބިލާހެކެވެ. – 7

- by - 28- September 19, 2019

ކާރުގެ އެންމެ ފަހަތު ސީޓުގައި ތިބީ ތަމަންނާއާއި ވިލްދާނެއެވެ. ދުއްވަން އިނީ ގައިޝާންއެވެ. ހުއްޓާ ނުލާ ވާހަކަ ދައްކަން އިނީ ޖައިލާއެވެ. ޖައިލާގެ ބޭކާރު ވާހަކަތަކަށް ހޫން އަޅުވަމުން ތަމަންނާގެ ކުޑަ އިނގިލި ވިލްދާންގެ އިނގިލީގައި އޮޅާލިއެވެ. އެއްޗެއް ނުބުނިކަމުގައި ވިޔަސް އޭނާގެ އެ ހަރަކާތުން ވިލްދާންގެ ހިތަށް ހަމަޖެހުމެއް ލިބުނެއެވެ. ތަމަންނާ އޭނާޔާއި ދިމާލަށް ބަލާނުލިޔަސް ވާހަކަ ނުދެއްކިޔަސް އެ ވަގުތު ވިލްދާންގެ ހިތަށް ފޯރުވީ ބަޔާންނުކުރެވޭ ފަދަ އިހްސާސެކެވެ.

ކާރުގެ އޭސީންނާއި ތަމަންނާގެ ކުޑަަ އިނގިލިން ލިބެމުންދިޔަ އަރާމުން އޭނާގެ ލޯ ދިޔައީީ މެރެމުންނެވެ. ދުރު ހަނދާނެއް ސިކުނޑީގައި ކުޅެވެމުން ދިޔައެވެ. ފެންނަނީ ކުޑަ ކުއްޖެކެވެ. ނަމަވެސް އޭނާގެ ބޯ އޮތީ ފެންގަނޑެއްގެ އަޑީގައިއެވެ. ނޭވާ ނުލެވިގެން އެކުއްޖާ މަރަށް ތެޅެނީއެވެ. ހޭކެނޑިގެން ގޮސް ލޯ މެރުނުއިރުވެސް އެ ކުއްޖާ ފެންގަނޑުން ބޯ ނުނެގިއެވެ. ހީވާގޮތުގައި މީހަކު ގަދަކަމުން ކަނދުރާގައި ހިފަހައްޓާފައިހުރި ކަހަލައެވެ. ކުއްލިއަކަށް އެ މަންޒަރު ގެއްލި ދެން ފެނުނީ އަންހެންކުއްޖެކެވެ. ނޫ ކުލައިގެ ހެދުމެއްގައި ހުރި އަށް ވަރަކަށް އަހަރުގެ އަންހެން ކުއްޖެކެވެ. އޭނާގެ ރިހި ލޯ އަވީގައި ބަބުޅާއިރު ހީވަނީ ޖަވާހިރެއް ހެންނެވެ. ކުޑަ ފިރިހެންކުއްޖަކާއި އެއްކޮށް އެ އަންހެންކުއްޖާ ދިޔައީ ވެއްޔާއި ކުޅެމުންނެވެ. ކުއްލިއަކަށް އަންހެންކުއްޖާ ރޯން ފެށިއެވެ. ފިރިހެން ކުއްޖާގެ ފަހަތުގައި ކަޅު ކުލައިގެ މަހުލޫގެއް ހުއްޓެވެ. މޫނެއް އަތެއް ފަޔެއް ނޭނގޭ އިންސާނެއްގެ ބައްޓަމަށް ހުރި ކަޅު މީހެކެވެ. އޭތި ސީދާ ހިފީ އެ ފިރިހެންކުއްޖާގެ ކަންފަތުގައެވެ.

“ދާން؟..”

ވިލްދާން ސިއްސައިގެންގޮސް ދެލޯ ހުޅުވުނެއެވެ. ވަށައިގެން ބަލާލެވުނު ގޮތުން އޭނާ ހުރެވުނީ ކޮންތާކު ކަން ވެސް ހަނދާންނެތުނު ކަހަލައެވެ. ކަންފަތަށް ފާޑެއްގެ ތަދެއް ފެތުރުނުހެން ވެސް ހީވިއެވެ. ކަންފަތުގައި ފިރުމަމުން ކައިރީގައި އިން ތަމަންނާއަށް ނަޒަރެއް ހިންގާލެވުނެއެވެ. އިނގިލި އެކަންޏެއް ނޫނެވެ. މިހާރު އޭނާ އިނީ ވިލްދާންގެ މުޅި އަތަށް އަތް މަހައިގެންނެވެ. ނޭވާ އިހުސާސްވާހާ ކައިރީގައެވެ.

“ދާން؟…”

ކާރުގައި ތިބީ ދެމީހުން އެކަނިކަން ރެޔަކާލީ ދެނެވެ. ވިލްދާންގެ ހިތް އަވަސްވާން ފަށައިފިއެވެ. ތަމަންނާގެ ތުންފަތަށް އޭނާގެ ނަޒަރު ގޮސް ހުސްވިއެވެ. ތަމަންނާ ވެސް ގަޔާވެފައި ހުރި ކަހަލައެވެ. ވިލްދާންއަށް ކެތްވާނީ ދެން މިވަރަށެވެ. ޖިސްމުގައި އަލިފާން ރޯކުރީ ތަމަންނާއެވެ. ވީމާ ނިވަން ޖެހޭނީވެސް އޭނާއެވެ. ލިބުނު ދަނޑިވަޅުގެ ބޭނުން ހިފީއެއް ނޫނެވެ. ލިބެމުން ދިޔަ އަނިޔާއަށް ލުޔެއް ހޯދީއެވެ.

ތަަމަންނާގެ ކެކުޅުން ކާރުތެރޭ ގުގުމާލިއެވެ. ވިލްދާންގެ ގަމީހުގެ ގޮއްތައް ނެއްޓެމުން ދިޔައީ ހަލުވިކޮށެވެ. ދެމީހުނަށް ދުރުވެވެނީ ނޭވާލާން އެކަންޏެވެ. އެހާވެސް ވިލްދާން ހުރީ ތަމަންނާ ބޭނުންވެފައެވެ. ތަމަންނާގެ ލޮލުގައި ކަރުނަ ހިލުނެއެވެ. އޭނާގެ ޖިންސުގެ ގޮއްތަކުގައި އަތް ބީހެވުމާއިއެކީ ތަމަންނާ ދުރަށް ޖެހިލިއެވެ.

“އައި ކާންޓް ދާން..”

ތަމަންނާ ލައިގެން ހުރި ޓީޝާޓު ރަނގަޅު ކޮށްލަމުން ކާރުން ފައިބަން އަތް ގަނޑުގައި ހިފާލިއެވެ.

“ތަމަންނާ.. ކީއްވެ ތިހެން ތި ބުނީ؟ އަހަރެން ތަމަންނާ ބޭނުން.. ވަރަށް އުދަނގޫވޭ.. ކޮންޓްރޯލް ކުރަން ވެސް އުދަނގޫ.. ގަދަކަމުން ވިޔަސް….”

ބުނެވޭ ބަސްތަކާއި މެދު ވިސްނާނުލާ އަަވަސްއަވަހަށް ވިލްދާން ވާހަކަ ދެއްކިއެވެ. އޭނާގެ އަތް މުއްކަވާފައި ހުރިލެތް ބާރުކަމުން މުޅި އަތްތިލަޔަށް ހުރީ ލޭ އަރާފައެވެ. އިސްތަށިގަނޑު ހޭވިފައި ހުރިއިރު ވިލްދާންގެ ފިޔާތޮށި ކުލައިގެ ތުންފަތްވަނީ ރަތްވެ ދުޅަވެފައެވެ. ގަމީހުގެ ގޮއްތައް ނެއްޓި އޭނާގެ މޭމަތީގައި ފެނުގެ ފަށަލައެއް ލެވިފައިވިއެވެ. އޭރުވެސް ވިލްދާންގެ ތަނަވަސް މޭމަތި ދިޔައީ އަވަސް އަވަހަށް ހިއްލެމުންނެވެ. ތަމަންނާ ލަދުން އިސްޖަހާލިއެވެ. އޭނާގެ ކޯތާފަތަށް ފެތުރިގެންދިޔައީ އާވި އަރާ ކަހަަލަ ހޫނެކެެވެ. ވިލްދާންގެ ތޫނު މަސްތީ ނަޒަރުން އޭނާ ވިރެމުންދާ ކަހަލައެވެ.

“އައި ނޯ… އައި ނޯ، ދާން… އެކަމަކު މިހާރަކު ނޫން. އަދި މީ ރަނގަޅު ވަގުތެއް ނޫން”

ތަމަންނާ ކާރުގެ އަތްގަނޑުގައި ހިފާލަމުން ކާރުން ފޭބިއެެވެ. ވިލްދާން ވެސް އަވަސްއަވަހަށް ގަމީހުގެ ގޮއް އަޅުވަމުން ކާރުން ފޭބިއިރު ޖައިލާ ވަރަށް މަޖާވެފައި ކާރާއި ދިމާލަށް އަންނަނީއެވެ. ތަންކޮޅެއް ފަހަތުގައި ގައިޝާންވެސް ހަށަންބަދެލައިގެން ހުއްޓެވެ. އޭނާގެ މޫނުން ފާޅުވަމުން ދިޔަ ނުރުހުމުގެ ކުަލަވަރު ފޮރުވަން ވެސް ނޫޅޭ ކަހަލައެވެ.

“ވިލްދާން ނިދާފައި އޮތީމަ ބާއްވާފަ ދިޔައިމަ.. ކީއްތަ ތި ކުރީ؟ ހާދަ ހޮޓްވެފަ ދެމީހުން ތި ތިބީ؟”

ޖައިލާ އެއްފަހަރާ ދެބުމަ ހަލުވަމުން ބޯ ވެސް ދެފަރާތަށް ހޫރަން ފެށިއެވެ. ތަމަންނާ ލަދުން އިސްޖަހާލަމުން ލަދުރަކި ހިިިނިތުންވުމެއް ރައްދުކޮށްލިއެވެ. އޭނާގެ އެ ހަރަކާތުން އެކަނިވެސް ވިލްދާންގެ ލޭ ކެކި ހަމަ އެވަގުތު ތަމަންނާ މިލްކުރަން ބޭނުންވިއެވެ.

“ހިނގާބަ ވެޑިން ޑްރެސް ބުޓީކަށް.. ޔޫ ޝުޑް ސީ މައި ޑްރެސް.. މިހާރު ސެލެކްޓް ވެސް ކޮށްފިން..”

ވެޑިން ބުޓީކަަށް ވަންތަނާހެން މާމެލާމެލީގެ ފޮނިވަސް ނޭފަތުގައި ޖެހުނެއެވެ. ފިނިކޮށްފައި އޮތް އެ ފިހާރައިން ވިލްދާންގެ ހޫނުވެފައި ވާ ހަށިގަނޑަށް އަރާމުވިއެވެ. ޖައިލާ ތަމަންނާ ގޮވައިގެން ގޮސް ޑްރެސިންގް ރޫމަކަށް ވަދެއްޖެއެވެ. ހުދުުކުލައިގެ ހަތަރު ފާރުތަކުގެ ތެރޭގައި ދެބެން އެކަނިވިއެވެ. ފުރަތަމަ ވާހަކަ ދެއްކީ ގައިޝާންއެވެ.

“ޔޫ އޯކޭ؟”

ވަރަށް ނޫންކަމަށް ހަދަމުން ވިލްދާންގެ މޫނަށް އަވަސް ނަޒަރެއް ގައިޝާން ހިންގާލިއެވެ. ވިލްދާންގެ ތޫނު ދެލޮލުން އެކަން އަޅައިނުގަނެ ނުދިޔައެވެ.

“އޯކޭ.. ކިހިނެތްވީ؟”

ވިލްދާން ކަނާތް ފަރާތަށް އެނބުރިލަމުން ގައިޝާންއާއި ހަތަރު ކަޅިހަމަކުރިއެވެ. ގައިޝާން ހީވަނީ އެއްޗެއް ބުނަން ނުކެރިގެން އުޅޭ ހެނެވެެ. އޭނާގެ ހަރަކާތްތަކުން ކަމަކާ ކަންބޮޑުވެފައި ހުރި ކަހަލައެވެ.

“އައި ޑޯންޓް ތިންކް ބައްޕަ ގެޔަށް ގެންނަ މެހެމާނަކާއި އެއްކޮށް އެހާ ގާތް ގުޅުމެއް ބޭއްވުމަކީ ރަނގަޅުކަމެއް ހެން..”

ގައިޝާން ދެއަތް ފަަހަތަށްލަމުން އިސްޖަހާލިއެވެ. ގައިޝާންގެ ބަސްތައް އަޑުއިވުމުން ވިލްދާން ހައިރާންވިއެއް ކަމަކު އޭނާ އެކަން މޫނަކުން ނުދައްކައެވެ.

“ކީއްވެ ތިހެން ތިބުނީ؟”

ވިލްދާންގެ ސުވާލުން ގައިޝާންގެ ކަންކަށިމައްޗަށް ވާން އެރިއެވެ. ވިލްދާންގެ ހިތުގައި ކެކި އަރަމުންދިޔަ ރުޅިގަނޑު އިތުރުވިއެވެ. ވިލްދާންއަށް އުފަލެއް ލިބެން އުޅޭކަމުގެ ކިރިޔާ ހަބަރެއް ގައިޝާންއަށް ލިބުނަސް އެކަން ހުއްޓުވަން އޭނާ އުޅޭނެއެވެ. އޭނާގެ މަގްސަދަކީ ވިލްދާން އެކަނި ކޮށްލުމެވެ. މުޅި އުމުރު ކޮމްޕެނީއާއި ހަވާލުވެގެން ރަން ބިސްއަޅާ ކުކުޅެއްހެން މީނާގެ ހިދުމަތުގައި ހުރުމެވެ.

“ތަމަންނާއަކީ ރަނގަޅު ކުއްޖެއް ނޫން..”

ވިލްދާންގެ ކެތްތެރިކަން ކޮޅުންލިއެވެ. ގައިޝާންގެ މައްސަލައަކީ ކޮބާ ހެއްޔެވެ؟ ދުަވަހަކުވެސް ރަނގަޅަށް އެއްޗެކޭ ނުބުނާނެއެވެ. ބުނަން ނޭނގޭންޏާ ނުބުނެ ހުރީމަ ވީ ނޫން ހެއްޔެެވެ؟ ތަމަންނާއަށް ފާޑުކިޔަން ގައިޝާން މީ ކާކު ހެއްޔެވެ؟

“ޓަޑާ!!”

ވިލްދާންއަށް ރުޅިގަނޑު ނުބޭލެނީސް ޑްރެސިންގް ރޫމްގެ ފަރުދާ ކެހުނެއެވެ. ކުރިމަތީގައި ހުރީ ހުދުކުލައިގެ މޭމެއިޑް ޑްރެސްއެއް ލައިގެން ހުރި ޖައިލާއެވެ. އަރި އަރި އަށް ލެނބެމުން ޖައިލާ ދައްކަމުން ދިޔަ ފޮނި ވައްތަރުތަކަށް ހިތްވަރު ދޭން ގައިޝާން ދެއަތްތިލަބަޑި ޖަހާވަރަކަށް ވިލްދާންގެ އަތް މުއްކެވެމުން ދިޔައެވެ. ގައިޝާންއަށް ލޯބި ލިބޭ ފަދައިން ވިލްދާންއަށް ނުލިބެން ވީ ސަބަބެއް އެބަ އޮތް ހެއްޔެވެ؟ ލޯތްބަކީ ވަކި ބަޔަކަށް ހާއްސަ އެއްޗެއް ހެއްޔެވެ؟

ލޯބި؟؟

ވިލްދާންގެ ސިކުނޑިއަށް އެރި އެ ލަފުޒުން އޭނާގެ ދެލޯ ބޮޑުވިއެވެ.

ޑޫ އައި ލަވް ހެރ؟

“ތަމަންނާ ނުކުމެބަލަ..”

ތަމަންނާގެ ނަމުގެ އަޑަށް ބާރު ލުއްކެތް ޖެހި ފަދައިން ވިލްދާންއަށް ބަލާލެވުނެއެވެ. އިސްޖަހަމުން މަޑު ހިނގުމެއްގައި ތަމަންނާ ވެސް ނިކުތީ ޑްރެސިން ރޫމް ތެރެއިންނެެވެ. ވިލްދާންގެ އަނގައިން ކުޅު ހިކުނުއެވެ. ދެލޯ ބޮޑުވެ ހިތުގެ ހިނގުން އަވަސްވިއެވެ. ތަމަންނާ އެ ހުދުހެދުމުގައި ފެންނަނީ ހޫރެއް ހެނެވެ. އަވީގެ ރަން ދޯއްޖެއްގެ ކުލައިގައި ހުންނަ ހަންގަނޑާއި ކަޅުކަންގަދަ ދިގު އިސްތަށިގަނޑުން ހެދުމުގެ ރީތިކަން އިތުރުވިއެވެ. ބަލާ ބެލުމަށް އާދައިގެ ހެދުމެކެވެ. މާ ބޮޑު ޑިޒައިނެއް ނެތެވެ. ނަމަވެސް ތަމަންނާގެ ކަރުން އެ ހެދުން މެހުމާއި އެކީ ހެދުމުގެ ރީތިކަން ދިހަގުނަ އިތުރުވިއެވެ.

“ވާއު، ޓެމްސް.. ގޯޖަސް!!”

ޖައިލާގެ ތޫނު އަޑުން ވިލްދާން ކީއްކުރަން ގައިޝާންވެސް ސިހުނެއެވެ. އޭނާވެސް ހުރީ ތަަމަންނާއާއި ދިމާލަށް ބަލަހައްޓައިގެެނެވެ. ތަަމަންނާ މަޑު ހިނގުމެއްގައި ގޮސް ވިލްދާން ކައިރިއަށް ހުއްޓުނެވެ.

“ވަރަށް އަގުބޮޑު އެކަމަކު ތި ހެދުން، ޓެމްސް.. ޔޫ ކޭން ބައި އިޓް ތަ؟”

ހެދުމުގައި އަޅުވާފައި އިން ފަނަރަހާހުގެ އަގު ކަރުދާސް ފެނުމާއި އެކީ ތަމަންނާ ރޯމަހެއްހެން ތެޅެން ފެއްޓިއެވެ. ފިހާރަ ހިންގަން ހުރި އަންހެންކުއްޖާ ޕިސް ތަޅާލިއެވެ. ޖައިލާ ހުރީ ފާޑެއްގެ ލާނެތް ހިންޏެއް އައިއްސައެވެ. ތަމަންނާ އިސްޖެހުނެއެވެ. އައިކޮޅަށް ހިނގައިގަތީ އަވަހަށް ހެދުން ބޭލުމަށެވެ. އަރައިގެން ހުރި ހައި ހީލްސްގެ ސަބަބުން އޭނާ އަރި އަޅާލަން އުޅުނުތަނާހެން ބާރުގަދަ އަތެއް އޭނާގެ އުނަގަނޑުގައި ވަށާލިއެވެ.

“މި ހެދުމާއި، ލައިގެން ހުރި ހުރިހާ އެއްޗިއްސަށް.”

ވިލްދާން ރަން ކުލައިގެ ކާޑެއް ދިއްކުރަމުން ފިހާރަ ހިންގަން ހުރި އަންހެން ކުއްޖާއާއީ ދިމާަލަށް ލޯ އަޅާލިއެވެ. އެ ކުއްޖާ ބިން ފަޅާފައި އަޑިއަށް ނުވަންކަން ނަސީބެކެވެ. ވިލްދާންގެ ލޮލުގައި ވަނީ ފާރެއް ފޫއަޅުވާލެވޭހާ ތޫނުކަމެކެވެ. ކައިރީގައި ލައްވެގެން ހުރި ތަމަންނާގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ.

ފިހާރައިން ހެދުން ގަނެގެން ނިކުތީ ތަމަންނާ އެކަންޏެވެ. ޖައިލާ ބަތްޕޮޅިއެއްހެން އަނގަ ހަދަމުން ގައިޝާން ގާތުގައި އެ ހެދުން ގަނެދިނުމަށްޓަކައި އާދޭސް ކުރަމުން ދިޔައެވެ. މިވަރުން ދަންޏާ ބައްޕަ ގާތުގައި ލާރިއަށް އެދޭނެކަން ވިލްދާންއަށް އިނގެއެވެ. ދެން ބައްޕަ ލާރިއަށް އެދޭނީ ވިލްދާންގެ ގާތުންކަން ވެސް އޭނާއަށް އިނގެއެެވެ. ގައިޝާންއަކީ ޑޮކްޓަރުކަން ކިޔަވައިގެން ހުރި މީހެއް ކަމުގައިވިޔަސް ވަޒީފާއަށް ނިކުން މީހެއް ނޫނެވެ. ވީމާ އޭނާ އަތުގައި އަމިއްލަ ރުފިޔާއެއް ނުހުންނާނެކަން ވެސް ވިލްދާންއަށް އިނގެއެވެ.

މާލެއަށް އާދެވުނުއިރު ޖައިލާއާއި ގައިޝާން ވާހަކަދެއްކުން ހުއްޓާލިއެެވެ. ނަމަވެސް ކާރުގެ ފަހަތު ސީޓުގައި ފޮޅެމުން ދިޔައީ މާމެލާމެލީގެ ގުލްދަސްތާނެކެެވެ. ވިލްދާންގެ ހިތުގައި ހަނަފަސްވެފައި ވި ބަގީޗާއަށް ވާރޭ ވެހުނު މީ ފުރަތަމަ ފަހަރެވެ. އަންހެނެއް މިހާ ބޭނުންވި މީ ފުރަތަމަ ފަހަރެވެ. ތަމަންނާގެ ލޮލުން އޭނާއަށްޓަކައި ފެންނަ ލޯތްބަކީ ދޮގެއްކަން ގަބޫލެއް ނުކުރެވޭނެއެވެ. ތަމަންނާގެ އެއްވެސް ނޭދެވޭ ސިފައެއް ފެންނަން އޭނާގެ ދެލޯ ވަނީ ނުކުޅެދެވިފައެވެ. އެއަށްވުރެ ތަމަންނާއަށް އޮތް އިތުބާރު ބޮޑުވެއްޖެއެެވެ. ހިތުގައި ކިތަންމެ ސުވާލެއް އޮތް ކަމުގައި ވިޔަސް ތަމަންނާގެ ހުރިހާ ހަރަކާތެއްގެ ފަހަތުގައި ރަނގަޅު ސަބަބެއް އޮންނާނެކަން ގަބޫލުކުރެވެން ފަށައިފިއެވެ.

ގެޔަށް އާދެވުނުއިރު ދެމީހުން ވެސް ތިބީ ހަމަހިމޭން ވަޢުދުތަކެއް އެކަކު އަނެކަކަށް ވެގެނެވެ. ލޯބީގެ ރަހަ މިހާ ފޮނިވާނެކަން ވިލްދާންއަށް ކުރިން އިނގުނުނަމަ ތަމަންނާ ފެނުނު ފުރަތަމަ ދުވަހުވެސް އޭނާ މިލްކުރާނެކަން ޔަގީނެވެ. ތަމަންނާގެ އަތުގައި އޮތް ކޮތަޅު ނަގަމުން އޭނާގެ އަތަށް ވިލްދާން އަތް މަހާލިއެެވެ. ގެޔަށް ވަދެގެން ވެސް ދިޔައީ އެގޮތުގައެވެ. ސިޑިމަތީގައި މަންޒަރު ބަލަން ހުރި ޝިފްރާގެ ލޮލުން އަލިފާނުގެ ކަނި ބުރާކަހަލައެވެ. ފަހަތުގައި ދެލޯ ކުނާކޮށްގެން ގައިޝާންވެސް ހުރީ ފާޑަކަށެވެ.

*******************************************************************************************

 

 

 

 

 

 

 

28

Rainoppa

I'm a girl who likes writing all sorts of stories. Especially horror. 22 years old and writing relieves stress mostly. Feel free to comment and vote. :) If anybody wants to get in touch with me and give me any new ideas regarding novels, you can reach out to me. My email address is : [email protected]

You may also like...

5 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ

Leave a Reply

Your email address will not be published.