މަޔާންގެ ވާހަކައިގެ މެދުތެރެއިން މާލަމުގެ ދޮރުހުޅުވިގެންދިޔުމާއިއެކު ކަނުލާ އަޑުއަހަން ތިބި އެންމެންގެ ނަޒަރު އެދިމާލަށް ދަތުރުކުރިއެވެ. ޖެހިލުންވެ ކުރިއަށް ފިޔަވަޅުއަޅަމުން އައި އަންހެންކުއްޖާގެ މޫނު އެންމެންގެ ނަޒަރުގެ އަމާޒު ފަތްގަނޑަކަށްވިއެވެ. ހައިޒަލްއަށްވެސް ފަސްއެނބުރިބަލާލެވުނުއިރު އޭނައާއި އަރާހަމަވި އަންހެންކުއްޖާ ފެނި މޫނުމަތީގައިވީ ކުލަވަރު ވަގުތުން ބަދަލުވިއެވެ. ހަށިގަނޑުގައި ފިނިކަމެއް ދުވެލިއެވެ.
ފިޔަވަޅުތައް ފާހަގަވާހާ ލަސްލަހުން ޝާދީން ކުރިއަށް ފިޔަވަޅުތައް ނަގަމުންދިޔައިރު ބޮޑުކޮށްލެވިފައިވާ ދެލޯ އަމާޒުކުރެވިފައިވަނީ ކުށްވެެރިންގެ ޖާގައިގައި އިން އަލްހާންގެ މޫނަށެވެ. އެލޮލުގެ ތެރޭގައި ކަރުނަތައް ހަނގުރާމަކުރަމުންދިޔައިރު އެލޯ ފަރުދާކުރެވިފައިވަނީ ވޭނާއި ރިހުމުގެ އިހުސާސްތަކުންނެވެ. ލޮލަށް ފެންނަމުންދާ ކަންތައް ދޮގުކުރަން ބޭނުންވާ ހާލުވެސް ޝާދީންއަށް އަލްހާންގެ މޫނު ނޫން ތަނަކަށް ނުބެލުނެވެ. އޭނަގެ މުޅި ހަށިގަނޑު ގަނޑުވެ ލޯ ނޫނީ ހުރިހާ ގުނަވަންތަކެއް އޭގެ މަސައްކަތް ހުއްޓާލައިގެން ތިބި ކަހަލައެވެ. އެއީ އޭނަގެ ހީރޯއެވެ. އޭނަގެ ރޯލް މޮޑެލްއެވެ. އެންމެ ފަހުރުވެރިވި ޝަހްސިއްޔަތެވެ. ނަމަވެސް މިއަދު އެވަނީ ކިލަނބުވެފައެވެ.
ޝާދީންގެ ދެތުންފަތުން ބޭރުވި މަޑު އާޙްއަކާއިއެކު އޭނައާއި ގާތަށް އިން ގޮނޑީގެ އަތްގަނޑުގައި ހިފައި ބާރުކޮށްލެވުނެވެ. އޭނަގެ ހަށިގަނޑުގެ ކޮންމެ ސެލްއެއް މަރުވަމުންދަނީއެވެ. ކެތްކުރާނީ ކިހިނެތް ހެއްޔެވެ؟ މިހިނދު އޭނަގެ ފުރާނަ ހަށިގަނޑާއި ވަކިވެގެންދިޔަސް ހިތަށް މާފަސޭހަވާނެއެވެ.
ޝާދީންގެ ނަފްސަށް އަންނަކޮންމެ ބަދަލެއް ދެނެގަންނަން އިނދެފައި ހައިޒަލް މޫނު ދުރަށް އަނބުރާލީ އެ މަންޒަރު ދެކެން އުނދަގޫވެގެންނެވެ. ޝާދީންގެ ހިތަށްކުރާނޭ އަސަރާއި ވާނޭ ދެރަ އޭނައަށް ކިތަންމެ ރަނގަޅަކަށްވެސް އިހުސާސްކުުރެވެއެވެ. ހައިޒަލްއަށް އަލްހާންއަކީ ޤާތިލަކަށްވިޔަސް ޝާދީންއަށް އަދިވެސް އެއީ ލޯބިވާ ބައްޕައެވެ. އެއްވެސް ދަރިއަކަށް ތިމާގެ ބައްޕަ އެފަދަ މަޤާމެއްގައި އިންނަތަން ދެކެން ކެތެއްްނުވާނެއެވެ. އަދި އެއީ އޭނަގެ ނަފްްސު ގަތުލްކުރި ހަޤީގަތެވެ. ވީއިރު އަލްހާންގެ ލޭ ހިއްސާކުރާ ދަރފުޅަށް ޤަބޫލުކުރަން ފަސޭހަވެދާނެ ހެއްޔެވެ؟ އޭރު އަލްހާން އިނީ އިސްއޮބައިލައިގެން ދަރިފުޅުގެ ފިނި ކަރުނަތައް ދެކޭނޭ ހިތްވަރެއް ނެތިފައެވެ. އޭނައަށް ކުރެވުނު ކުށްތައް ހަތިޔާރަކަށްވެގެން ޝާދީންގެ ހުރިހާ އުފާތަކެއް ކޮށާލައިފިއެވެ. އެ ލޮލުން ކަރުނައޮހޮރާލާ ހިތުގައި ހާސް ކޫރުން އަޅުވާލައިފިއެވެ. އޭނައަކީ ދަރިފުޅުގެ ކުށްވެެރިއެކެވެ.
ކުޑަވަގުތުކޮޅެއްގެ މެދުކެނޑުމަކަށްފަހުު ޝަރީއަތް ފެށިގެންދިޔައެވެ. ހެކި ހުށަހެޅުމަށް ކުށްވެރިޔާއާއި ދެކޮޅަށް ވަކާލާތު ކުރާ ވަކީލަށް ޤާޒީ ފުރުސަތު ދެއްވިއެވެ. މަޔާން އޭނަގެ ހެކިތައް ހުށަހަޅަމުން ހާޒިރުވެ ތިއްބެވި ފަރާތްތަކާއި ޤާޒީއަށް އޭނަގެ ދައުވާގެ ސައްހަކަން ސާބިތުކޮށްދޭން ކޮންމެ ހެއްކެތް ވަކިވަކީން އޮޅުންފިލުވައިދިނެވެ. މަޔާން ހޯދާފައިވާ ހެކިތައް އޭނަގެ ވާހަކަތަކަށް ފުރިހަމައަށް ބާރުދިނަސް އެ ހެކިތަކާއި ގުޅޭގޮތުން އަލްހާންގެ ވަކީލް ރާސިލް ސުވާލުތައް ކުރިމަތިކުރުވިއެވެ. އޭނަގެ ބޭނުމަކަށްވީ ޤާޒީއާއި އަޑުއަހަން ތިބި މީހުންގެ ހިތުގައި ޝައްކު އުފެއްދުމެވެ. މަޔާންގެ ހެކިތަކުގެ ވަރުގަދަކަމާއިއެކުވެސް އޭގެ ދެރަކަން ލޯތަކަށް ދެއްކުމެވެ. ރާސިލްގެ ކޮންމެ ސުވާލަކަށް މަޔާން ރައްދުދިނީ އެއަށްވުރެ ވަރުގަދަކޮށް ރާސިލްގެ އަނގަ ބަންދުވާވަރަށެވެ. އެއިން އެއްވެސް ސުވާލެއް މުގުރާލައި ޖަވާބެއް ހޯދާ އޭނަގެ ކުޅަދާނަކަން ރާސިލްއަކަށް ނުދެއްކުނެވެ. އެދެމެދުގައި ހިނގި ބަހުސްގައި ރާސިލް މަޔާންއާއި ދިމާލަށް ބިންދާލި ކޮންމެ ވާހަކައެއް މަޔާން މުގުރާލީ އެއަށްވުރެ ފުރިހަމައަށެވެ.
މަޔާންގެ ކޮންމެ ބަހަކުން ޝާދީންގެ ނަފްސަށް ގުނޑުން ގެނައެވެ. ކޮންމެ ހެއްކަކުންވެސް ޝައްކެއްވެސް ނެތްވަރަށް ހާމަކޮށްދިނީ މަޔާންގެ ދައުވާގެ ސައްޙަކަމެވެ. ކުށްވެރިޔަކީ އަލްހާންކަމެވެ. މަޑުމަޑުން ޝާދީންގެ ލޯމަތީގައިވާ ފަރުދާ ނެގެމުންދިޔައިރު އޭނައަށް އިނދެވުނީ ހުއްޓުން އަރާފައެވެ. މަޔާންގެ ދުލުން ބޭރުވާ ކޮންމެ ބަހެއް އޭނަގެ ކަންފަތަށް ވަންނަމުންދިޔައީ ދޮންކޮށްފައި ކަންފަތުގެ ތެރެއަށް ކޮއްޕާލައި ދަގަނޑެއް ފަދައިންނެވެ. ކޮންމެ ފަހަރަކު ހިތުގައި ނަގައިގަންނަ ދިލަ ރިހުމުން ކެތްނުވެގެން ޝާދީންގެ ލޯމެރިގެންދާއިރު ދެފަރާތަށް ބޯހޫރައިގަންނަނީ އެ ވާހަކަތައް ޤަބޫލުކުރަން ބޭނުންނުވާތީއެވެ. ނަމަވެސް ލޯކުރިމަތީން ހެކި ފެންނަމުންދާއިރު އޭނަ އެކަން ދޮގުކުރާނީ ކޮން ދުލަކުން ހެއްޔެވެ؟
ޤާޒީގެ އިޒުނައާއިއެކު މަޔާން ސްކްރީނުން އެ ހާދިސާގައި ދުނިޔެ ދޫކުރި ފަރާތްތަކުގެ ހަށިގަނޑުގެ ފޮޓޯތައް ދައްކަމުންދިޔައިރު އެންމެންގެ ލޮލަށް ކަރުނަ އެއްވިއެވެ. އެތާގައި މިވަގުތު ތިބި ގިނަމީހުންނަަކީ އެ ހާދިސާގައި ދުނިޔެ ދޫކުރި ފަރާތްތަކުގެ އާއިލާ މެންބަރުންނެވެ. އެތަށްދުވަހެއްފަހުން އެ ހިތްދަތި މަންޒަރު ލޯމައްޗަށް ސިފަވެ އެންމެން ކަރުނައިގެ ކޯރަކަށް ގަންބާލައި ފާރު ނުހިކިވާ ޒަހަމްތަކުން ލޭ އޮހޮރާލި ވަގުތުކޮޅެކެވެ. އެއީ ހިތްވަރުގަދަ މީހަކަށްވެސް ބަލާލަން ކެތްވާފަދަ މަންޒަރެއްނޫނެވެ. ލޯބިވާ ފަރާތްތައް މުޅީންހެން ޒަހަމްވެފައިވާއިރު ސިފަވެސް ވަކިވާވަރުނުވެއެވެ. ރީތި ސޫރަތަައް ފެނުނީ ނުހަނު ބިރުވެރިކޮށެވެ. ޝަރީއަތް ފެށުނީއްސުރެ ޝާދީންއަށް އަމާޒުވެފައިވީ ނަޒަރު އަޒްހާންގެ ފޮޓޯއަށް އަމާޒުކޮށްލައިގެން އިނދެފައި ހައިޒަލް އޭނަގެ ގާތުގައި އިން ނައިނާގެ ކޮނޑުގައި މޫނު ފޮރުވާލީ އެ މަންޒަރު ދެކޭނެހާ ހިތްވަރު ނެތިގެންނެވެ. އެއީ ހުވަފެނުންވެސް އޭނަގެ ލޮލުން ކަރުނަ އޮހޮރާލާ މަންޒަރެވެ. ހަމަލޮލަށް ފެނުމުން އޭނަގެ ހިތް ކުދިކުދިވެގެން ފޭބިފަދައެވެ.
މުޅި މާލަން ހިމޭންވެގެންދިޔަ ވަގުތުކޮޅު އަންހެންކުއްޖެއްގެ ހިމޭން ގިސްލުމުގެ އަޑު މާލަމުގެ ތެރޭގައި ގުގުމާލިއެވެ. އެންމެންގެ ނަޒަރު އަޑު އަންނަ ދިމާލަށް އަމާޒުވިއެވެ. ހައިޒަލްވެސް ބޯހިއްލާލަން ބޭނުންނުވެފައި އޮވެވެސް އެ އަޑު ޖެހުމާއިއެކު ވަގުތުން ނައިނާގެ ކޮނޑުމަތީން ބޯނަގަމުން ބަލާލިއެވެ. އެއާއިއެކު ލޮލަށް ފެނުނު މަންޒަރުން އޭނަގެ ލޮލަށް ތާޒާ ކަރުނައެއްވިއެވެ.
އަޑުވީއްލާ ޝާދީން ރޮމުންދިޔައިރު ލޯވަނީ މަރާ ތަގުޅިކޮށްލެވިފައެވެ. މޭމައްޗާއި ދިމާލުން ޝާދީން ލައިގެން އިން ހެދުންކޮޅު އަތުގެ ތެރެއަށް ބޮޑިވަމުންދިޔައިރު އެ ހަށިގަނޑު ތުރުތުރު އަޅަމުންދިޔައެވެ. ލޮލުގެ ތެރެއަަށް ސައިލެއްގެ ގޮތަށް ދެމެމުންދިޔަ ކަރުނަތަކުން ހެދުމުގެެ މޭމަތި ފޯކުރަމުންދިޔައިރު ނޭވާތައްވަނީ ފުންވެފައެވެ. ސިކުންތުކޮޅަކަށް ހަށިގަނޑަށް ގެންނާނޭ ހަރަކާތެއް ނުވިސްނިފައި އިނދެފައި ހައިޒަލް ގޮނޑިން ތެދުވިއެވެ. ނައިނާގެ އަތުގައި ހިފާ ކޮންމެވެސް އެއްޗެއް ބުނެލިއެވެ. ދެގޮނޑިބަރީގެ ދޭތެރެއިންވާ ހަނި ދާއިރާއިން ހިނގާލައިފައި ގޮސް ހައިޒަލް އިށީނީ ޝާދީން ގާތުގައެވެ. ޝާދީންގެ އަތުގައި ހިފައި ބާރުކޮށްލަމުން ޝާދީންގެ މޫނު ގެނެސް ކޮނޑުމަތީ ބާއްވާލަމުން ހައިޒަލް ޝާދީންގެ ބޮލުގައި ފިރުމާލިއެވެ. އޭރު އެންމެންގެ ނަޒަރު ސީދާވެފައިވަނީ އެދެޒުވާނުންނަށެވެ. މަޔާންވެސް ހުރީ ވާހަކަކޮޅު މެދުކަނޑާލައިގެންނެވެ.
މަޔާންގެ އެދުމުގެ މަތީން ދެން ޝަރީއަތް ފެށުނީ އިރުކޮޅެއްގެ މެދުކެނޑުމަކަށްފަހުއެވެ. އިތުރުވާހަކަތައް ދެކެވެމުން ކަންކަން ތިލަވަމުންދިޔައިރު އެންމެންނަށް ތިބެވުނީ އާދަޔާ ހިލާފަށް ހިމޭންވެފައެވެ. އިނގެމުންދިޔަ ކޮންމެ ހަޤީގަތާއިއެކު ނަފްސަށް އައި ސިހުން ނަގައިގަންނާނޭ ގޮތެއް ނުވިސްނިފައެވެ. ނަފްރަތާއި ރުޅިވެރި ކަޅިއެޅުންތަކުގެ އަމާޒަކަށް އަލްހާންވަމުންދިޔައިރު އަލްހާން އިނީ އެއިންކަމަކަށް ސަމާލުކަމެއްދެވޭފަދަ ހާލެއްގައެއްނޫނެވެ. ޝާދީންގެ ވޭނީ ގިސްލުމުގެ އަޑު ކަންފަތުގެ ހިނދުރީގައި ޖެހުނީއްސުރެ އެ ލޯ ހުއްޓިފައިވީ ހިތާމައިން ނިވާއަޅާފައިވާ އެ މޫނަށެވެ. އޭނަގެ ލޯމައްޗަށް އެހެން ހުރިހާ ފަރާތްތަކެއް ޣައިބުވެފައިވެއެވެ. ޝާދީންގެ ދެތުންފަތުގެ ފާރު ފޫއަޅުވާލައިފައި ބޭރުވާ ކޮންމެ ވޭނީ އާޙްއަކާއިއެކު އަލްހާންގެ މޭގައި ހުރަހަށް ވަޅި އަޅާލެވޭފަދައެވެ. އެ ލޮލުން ވެއްޓޭ ކޮންމެ ކަރުނަތިއްކަކާއިއެކު ހިތަށް އެތަށް ހަންޖަރަކުން ހަމަލާދޭފަދައެވެ.
އެއްގަނޑިއިރަށް ދެމިގެންދިޔަ އަޑުއެހުން ނިމި ޝާދީން ކޯޓުން ނިކުތުމާއިއެކު މީޑީއާގެ ރާޑަރަށް ޝާދީން އެރިއެވެ. ނޫސްތައް ފަޅުފިލުވަން ހަބަރަކަށް އިންތިޒާރުކޮށްގެން ތިބި ނޫސްވެރިންތައް ޝާދީން ވަށާލިއެވެ. ކުށްވެރިޔާގެ ދަރިފުޅަށްވާތީ ޝާދީންއާއި އެމީހުން ކުރިމަތިކުރުވަން ބޭނުންވާ އެތަށް ސުވާލުތަކެއްވިއެވެ. ފުލުފުލުގައި ސުވާލުތައް އޮހެންފެށިއިރު ކެމެރާތަކުގެ ފްލޭޝްތައް ޝާދީންގެ މޫނަށް ކެނޑެންފެށިއެވެ.
“ކުށްވެރިންގެ އަސްލު މަޤްޞަދަކީ ކޮބައިކަން ތިފަރާތަށް އިނގޭތޯ؟ ކުށުގެ އެއްވެސް ހަބަރެއް ތިފަރާތަށް މީގެ ކުރިން އެއްވެސް ވަރަކަށް އިނގިފައިވޭތޯ؟ މިވަގުތުކުރެވޭ އިހުސާސްތަކަކީ ކޮބާތޯ؟” ޖަަވާބުދޭނޭ ފުރުސަތެއްވެސް ނުލިބި ކުރިމަތިވަމުންދިޔަ ސުވާލުތަކުން ޝާދީންގެ ހިތްވަރު އިތުރަށް އެލޭގޮތްވިއެވެ. ކަރުނަ ހިފަހައްޓާލަން ނުކުޅަދާނަވާވަރުވިއެވެ. އެވަގުތު ކޯޓުން ނެރެގެން ފުލުހުންގެ ވެހިކަލާއި ދިމާލަށް ގެންދިޔަ އަލްހާން ފެނިފައި ނޫސްވެރިންތައް ޝާދީން ދޫކޮށްލުމަށްފަހު އެދިމާލަށް މިސްރާބުޖެހިއެވެ. ނަމަވެސް ނޫސްވެރިން އެހިސާބާއި އަރާހަމަވުމުގެ ކުރިން ފުލުހުން ސަފަކަށް އެތުުރި ސަރަހައްދު ބަންދުކޮށްލައިފިއެވެ.
“ކޮންފަދަ ނުބައި އިންސާނެއް… ޖަނަވާރުުންވެސް އޭގެ އެއްރަހިމުން އުފަންވާ އެއްޗަށް ރަހުމުކުރޭ… ލަދެއްވެސް ނުގަނޭތަ… މިހުރިހާ ދުވަހު އަރާމާއި އުފަލުގައި ދުނިޔެ އަތަށް ލައިގެން އުޅުނުއިރު ކަލޭގެ ސަބަބުން މަރުވި މީހުންގެ އާއިލާތަށް އުޅޭނޭ ހާލު ވިސްނުނުތަ؟ އަމިއްލަ އެދުމާއިހެދި ކަލޭ ހަލާކުކޮށްލީ ކިތައްމީހުންގެ ދިރިއުޅުން….” ރުޅިންގޮސް ފޯވެފައިވާ އާއިލާގެ މެންބަރުންތައް އެއްޗެހި ކިޔައިގަންނަމުން ރުޅިވެރިކަމާއިއެކު އަރައިގަންނަން މަސައްކަތްކުރިއެވެ. އަތުޖެހުނު އެއްޗެއް ހޫރަން ފެށުމުން ވެހިކަލްއަށް އަލްހާން އެރުވިގޮތަށް ވެހިކަލް ދުރަށްދުއްވާލާށެވެ. އެ ހުރިހާ ކަމެއް ދެކެން ހުރެފައި ލޮލަށް ގިނަވަމުންދިޔަ ކަރުނަތައް އިނގިލިތަކުގެ ކުރީން ފުހެލަމުން ޝާދީން އޭނަގެ ކާރާއި ދިމާލަށް ހިނގައިގަތެވެ.
“ދޮންތާ…” ހައިޒަލްގެ އަޑުއިވިގެން ޝާދީން އެނބުރިބަލާލިއިރު އެއްްވެފައިވާ މީހުންގަނޑުގެ ތެރެއިން ފުރޭނިގެން ހައިޒަލް ދުވެފައި އައިސް އެ ހިސާބާއި އަރާހަމާވީއެވެ.
“ޕްލީޒް… އަހަރެން ބޭނުމީ އެކަނިވެލަން….” ހައިޒަލްގެ މޫނަށް ފިނި ނަޒަރަކުން ބަލަހައްޓައިގެން ހުރެ ޝާދީން އިއްވާލިއެވެ. އެ ނަަޒަރު ޝާދީން ހައިޒަލް ކުށްވެރިކުރަނީހެން ހިނދުކޮޅަކަށް ހައިޒަލްްއަށް ހީވިއެވެ. ވާހަކަދެއްކުމުގެ ފުރުސަތެއްވެސް ނުދީ އެންމެ ހަލުވި ހިނގުމުގައި ގޮސް ޝާދީން ކާރަށް އަރާ ދުއްވާލިއިރު ހައިޒަލްއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެ ހިތުގައި ދޮންތައާއިމެދު ކަންބޮޑުވުން އުފެދިފައިވިއެވެ. ދޮންތައަށް އެންގުމެއްނެތި މިކަން މިހިސާބަށް ގެނެވުމަކީ އޭނައަށް ކުރެވުނު އެންމެ ރަނގަޅުކަމެއްބާވައޭ ފުރަތަމަ ފަހަރަށް ހިތަށްއެރިއެވެ.
*** *** *** *** *** ***
އަޑުއެހުން ނިމިގެންވެސް ވިންޓަރ ބްރީޒްއަށް ދާން ހައިޒަލް ގަސްތެއްނުކުރިއެވެ. އަޑުއެހުން ނިމި ނައިނާ ގެއަށްލުމަށްފަހު ހައިޒަލް މިސްރާބެއްނެތި މަގުތަކުގައި ކާރުދުއްވަމުންދިޔައެވެ. އާރޓިފިޝަލް ބީޗާއި ދިމާލަށް ކާރު މަޑުކޮށްލައިގެން ހޮޅިލައި ނަގަމުންދިޔަ ރާޅުތަކަށް ބަލަހައްޓައިގެން އިނދެ ހައިޒަލް ކިތަންމެ ވަރަކަށްވެސް ވިސްނިއެވެ. އޭނަގެ ހިޔާލުގެ ކޮންމެ ވާފަށެއް ގުޅިފައިވަނީ ދޮންތަ ޝާދީންއަށެވެ. ފެށުނުކޮޅުމަތީ ކާމިޔާބުވާނޭކަމުގެ ސިގްނަލް ލިބުނަސް އޭނަގެ ހިތް އޮތީ އުފާވެރިކަމުގެ އިހުސާސެއްނެތި ހުސްކޮށެވެ. ޝާދީންގެ ހިތާމައިގެ ސަބަބުން މިއަދު އޭނައަށް ލިބުނު ހަމަޖެހުމެއް ނެތެވެ. ޝާދީން ފެނުނުވަގުތުއްސުރެ އޭނަގެ ހިތުގައި ވަކިހިއްޕާލައިފައިވީ އުނދަގޫކަމެކެވެ. އެ އިހުސާސްތައް ޝާދީންއާއި ހަތަރުކަޅިކުރަންވެސް އޭނައަށް ދަތިކުރުވިއެވެ.
އަސުރު ނަމާދުކޮށްލައިގެން ހައިޒަލް ޑައިމެންޑްވޭލީ ދިމާލަށް ހިނގައިގަތީ ފައިމަގުގައެވެ. ލައިގެން ހުރެ ހުޑްއިން ބޮލާއި މޫނު ނިވާކޮށްލައިގެން ހުރެ ފެންނަ މީހަކަށްވެސް ފާހަގަނުވާނޭފަދައިން ހައިޒަލް ހިނގާފައިދިޔައީ މީހުންގެ ސަމާލުކަން ހުއްޓެން ބޭނުންނުވާތީއެވެ. ދިގު މަގުތަކުން ހިނގަމުންއައިސް މަގު ހުރަސްކުރަން ކަފިހި މައްޗަށް އެރުމާއިއެކު ފަހަތުން އައި ކާރެއް ބަރުގޮނު އަޅާލިއެވެ. ހައިޒަލް ފަސްއެނބުރި ބަލާލިއިރު ޔަޒްދާން ކާރުގެ ވިންޑްސްކްރީން ތިރިކޮށްލަމުން ބޭރަށް ބޯނެރެލީއެވެ.
“އަހަރެމެންގެ ސީއީއޯ ފައިމަގުގައި އުޅުއްވާ ދުވަހެއްތަ؟ އާދޭ… ލިފްޓެއް ދީފާނަމޭ…” ޔަޒްދާން ކިތަންމެ ގާތްކޮށް ވާހަކަދެއްކިޔަސް އެއަޑުގައިވީ ސީރިޔަސްކަމެވެ. ކޮންމެވެސް ކަމަކާއި ފިކުރުބޮޑުވެފައި އިންހެން ހީވިއެވެ.
“ތޭންކްސް ބްރޯ… ކާރު ގަރާޖަށް ލައިފައި މިއުޅެނީ…” ހައިޒަލް ކާރުގެ ކުރީ ސީޓަށް އަރާ ހަމަޖެހިލަމުން ވާހަކަދެއްކިއެވެ. އެވަގުތުކޮޅު ދެޒުވާނުންގެ ނަޒަރު ހަމަވީއިރު ތަފާތުކަމެއްވިއެވެ. “ޒެލް” “ތުއްތު” ދެޒުވާނުންގެ ހިތަށް އައީ ދެނަމެއްވިޔަސް ސިކުނޑީގައި ފިޔަޖަހާލީ އެއް ހަނދާނެކެވެ.
ޔަޒްދާން މަގަށް ނަޒަރު ހިންގާލި ވަގުތުކޮޅަކަށްފަހު ކާރުގައި ޖަހާފައިވާ މިޔުޒިކްގެ އަޑު މަޑުކޮށްލިއެވެ. ސީޓްމަތީގައި އޮތް ކޮފީ ދަޅު ނަގައި ސީޓްގައި ހަމަޖެހިލަމުން އަނެއް ދަޅު ހައިޒަލްއާއި ދިމާލަށް އެއްލިއެވެ.
“ހައިގެ ޕޭރެންޓްސްގެ ކޭސްގެ ހިއަރރިން ފެށުނުވާހަކަ އަޑުއިވުނު… އަހަރެން ހީކުރީ ހައިގެ ޕޭރެންޓްސްއަކީ އަލްހާންއާއި ރިހާނާކަމަށް…” ޔަޒްދާން ވާހަކައިގެ މެދުތެރެއިން ހައިޒަލްގެ މޫނަށް ނަޒަރުހުއްޓާލިއެވެ. އޭނައިނީ އިތުރަށް އިނގެން ބޭނުންވެފައެވެ.
“ގިނަފަހަރަށް ލޯމައްޗަށް ފެންނަ ހުރިހާކަމަކީ ހަޤީގަތެއްނޫނެއްނު… ސޮރީ އަހަރެން ހުރީ ހުރިހާކަމެއް ނިމުނީމަ ޔަޒާއަށް ކިޔައިދެން… އެކަމް މިއަށްވުރެ ރަނގަޅު ޓައިމްއެއް ދެން އަންނާނެބާވައޭ ހިތަށް އަރާ….” ހައިޒަލްއަށް އެހާ ފަސޭހައިން ޔަޒްދާންގެ ކުރިމަތީ ހިތްހުޅުވާލެވުނީ އެހެން މީހަކާއި އެ ވާހަކަތައް ހިއްސާކުރަން ބޭނުންވެފައި އިނުމުންނެވެ. އަމުދުން އެދެމެދުގައިވާ ގުޅުން އޭނައަށް އިނގިފައިވާތީއެވެ.
ހައިޒަލް އޭނަގެ ހަޔާތުގެ ކޮންމެ ސަފްހާއެއް ޔަޒްދާންގެ ކުރިމަތީ ހުޅުވަމުންދިޔައިރު ޔަޒްދާންއަށް އިނދެވުނީ ބުނާނޭ އެއްޗެއް ނޭނގިފައެވެ. ހައިޒަލްގެ ކޮންމެ ވާހަކައެއް އޭނަގެ ޤަބޫލުކުރުންތަކަށް ލިބުނު ބާރަކަށްވިއެެވެ. ލޯތްބަކީ ފަސޭހައިން ވެވޭ އެއްޗަކަށްވިޔަސް ހާސިލްކުރަން އުނދަގޫ އެއްޗެކެވެ. ލޯބިވެރިންގެ ކުރީ ސަފުގައި ތިބިފައި އޭނައާއި ޝާދީން ވަކިވާންޖެހުނީ އެއީ ތަޤުދީރުގައި ގުޅެވެން ނެތް ދެފަރާތަށްވީމައެވެ. ހައިޒަލް ވާހަކަދައްކަމުންދިޔައިރު ޔަޒްދާންއަށް ވިސްނެމުންދިޔައީ ޝާދީންއާއި މެދުގައެވެ. ހައިޒަލްއާއި ނައިނާގެ ހަޔާތް ގުޅުވާލެވުނީ އެދެމީހުންގެ ހަޔާތާއިއެވެ. ތަފާތަކީ އޭނަ ޝާދީން ދޫކޮށްލީ އަމިއްލަ ފެނިގެން މަޖުބޫރުކަމެއްނެތިކަމަށްވުމެވެ. ޝާދީންގެ އުފަލާއިމެދު ވިސްނައިފައެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް އެ ނިންމުން ނިންމުނީތީ އޭނަ ހިތާމަކުރެއެވެ. މިއަދު ޝާދީން ކުރަމުންދާ ހިތާމަތައް ފެނި އަމިއްލަ ނަފްސުކުށްވެރިކުރެވުނުވަރަށް ދުވަހަކު ކުށްވެެރިނުކުރެވޭނެއެވެ. އޭނަގެ ލޯބިން ޝާދީންގެ ހިތުގެ ޒަހަމްތަކަށް ޝިފާދޭން އެދުނަސް އޭނަ އެނބުރިދާނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ އެ ހިތްހަލާކުކޮށްލުމަށްފަހު ދޫކޮށްލައިފައި ދިޔަ މީހަކީ އޭނައެވެ. ދުނިޔޭގެ އެހެން ފަރާތްތަކާއި އޭނަ، މިއަދު ޝާދީންއަށް ތަފާތުވެދާނެހެއްޔެވެ؟ އޭނަގެ ދެއަތުންވެސް ޝާދީންއަށް ދިނީ އަނިޔާއެވެ. ހަނދާންތަކުުގެ ގޮތުގައި ދޫކޮށްލެވުނީ ރިހުންތަކެވެ.
*** *** *** *** *** ***
ގޭގެ ވެރިންކަމުގައިވާ އަލްހާންއާއި ރިހާނާއާއި ނުލާ ވިންޓަރބްރީޒްއިން ބައެއް މަދުވެފައިވާފަދައެވެ. އެ ގަނޑުވަރެއްފަދަ ގެއަށް ވެރިވެފައި މަރުފަދަ ހިމޭންކަމާއިއެކު އަތްގާތްނުވެގެން އުޅޭ ނޯކަރުންތައްވެސް މިއަދު ތިބީ ކުރާނޭކަމެެއް ނޭނގިފައި ކަަހަލަގޮތަށެވެ. ޝާދީން ސިފަކުރާ އޭނަގެ “ހުވަފެނީ ގަނޑުވަރަށް” އަޅާލެވުނު ފިޔަވަޅުތަކާއިއެކު އެހެންދުވަސްތަކާއި ހިލާފަށް ހިތަށް ހަމަޖެހުމެއްނުލިބުނެވެ. އޭނަގެ ވަށައިގެންވީ ހިތާމައާއި އުދާހުގެ ފާރު ފޫދުއްވާލައިފައި އުފަލުގެ ޒައްރެއްވެސް ހިތާއި ހަމަޔަށް ވާސިލެއްނުވިއެވެ. މާޒީގެ ކޮންމެ ހަނދާނެއް އޭގެ އެންމެ ފުރިހަމައަށް ލޯމަތީ ސިފަވާންފެށިއިރު ޝާދީންގެ ފުރާނަ ހަށިގަނޑާއި ވަކިވެގެންދާން މަސައްކަތްކުރާހެން ހީވިއެވެ.
ކިތަންމެ ވިސްނަން ބޭނުންނުވިޔަސް ޝާދީންގެ ސިކުނޑިވަނީ އެތަށް ހިޔާލުތަކަކުން ފުރިބާރުވެފައެވެ. އޭނަގެ ކަންފަތުގައި ގުގުމާފައި ހުރީ މަޔާންގެ ވާހަކަތަކެވެ. ލޯކުރިމަތީ ތަސްވީރުވަމުންދިޔައީ ޝަރީއަތް ކުރިއަށްދިޔަވަގުތު އަލްހާންގެ މޫނަށް އަރާ ފައިބަމުންދިޔައީ ކުލަތަކެވެ. އެހުރިހާކަމަކުން ހާމަކޮށްދިނީ އަލްހާންގެ ކުށްވެރިކަން ނޫން ކޮންކަމެއްހެއްޔެވެ؟
ޝާދީން ކޮޓަރިއަށް ވަތްގޮތަށް އަނދިރި ކޮށްލައިގެން އޮވެ ކަރުނަ އޮއްސުންނޫންކަމެއް ނުކުރެވުނެވެ. ނުކިޔަމަންތެރިކަރުނަތައް ބާލީސްތެރެއަށް ވަންނަމުންދިޔައިރު ހުއްޓުވަން މަސައްކަތްކުރާކަށް ޝާދީން ބޭނުމެއްނުވިއެވެ. ލޮލުން ކަރުނަ އައިސް ކަރުނަތައް ހުސްވިޔަދޭށެވެ. ފުރާނަވެސް ހަށިގަނޑާއި ވަކިވިޔަދޭށޭވެ. އޭނައާއި މެދު ވިސްނަން ހުރީކާކު ހެއްޔެވެ؟ އުފަން މަންމައާއި ބައްޕަވެސް އޭނައާއި މެދު ވިސްނައެއްނުލިއެވެ.
ޝާދީން ކޮޓަރި ތަޅުލައިގެން އެކަނިކޮޓަރީގައި އޮއްވާ ވަގުތުތައް ފާއިތުވަމުންގޮސް ކޮޓަރީގައިވާ އަލިކަން ފަނޑުވެ އަނދިރިކަމަށް ގެނބިގެން ދިޔައެވެ. ބޮކިތައް ދިއްލާލަން ތެދުވާކަށްވެސް ޝާދީން ބޭނުމެއްނުވިއެވެ. މި އަނދިރިކަމާއި ކަޅުކަން އޭނަގެ ހަޔާތާއި ވަރަށް ބޮޑަށް ގުޅެއެވެ. އޭނަގެ ހަޔާތަށް ދެން އަލިކަމެއް ނާންނާނެެއެވެ. އޭނަގެ އަނދިރި ހަޔާތް ހައްތަހާ ބޮޑަށް އަނދިރިކަމަށް ގެނބިގެން ދިޔައީއެވެ.
ޝާދީން އެގޮތަށް އޮއްވާ ކޮންމެވެސް މީހަކު ދޮރުގައި ޓަކިދިނެވެ. ދެހިޔާލެއްގައި އޮވެފައިވެސް ޝާދީން ގޮސް ދޮރުހުޅުވާލިއެވެ. ދޮރުމަތީހުރި ނައިނާ އެތެރެއަށް ވަތްގޮތަށް ކޮޓަރީތެރޭގައިވާ އަނދިރިކަމަށް ނިމުމެއް ގެންނަން އަވަސްވެގަތެވެ. ޗާންދަލިޔާގެ ލޯތަރަތަރަޖަހައިގެންދާހާ ހުދު އަލިން ކޮޓަރިތެރެ އަލިވެގެންދިޔައިރު ޝާދީންގެ ލޮލަށް އުނދަގޫވެގެން ލޯކުޑަކޮށްލިއެވެ. ގިނައިރު ރުއިމުގެ ސަބަބުން ރަތްވެފައިވާ ދެލޯ ހުޅުވާލުންވެސް ޝާދީންއަށް ވީ ދަތިކަމަކަށެވެ.
“ދޮންތާ….” ޝާދީންގެ ރަތްލޭކޮޅެއްފަދަ ލޮލަށް ބަލާލެވުނުގޮތުން ނައިނާގެ ހިތަށް ވާންވިއެވެ. ރަތްލޮލުގެ ތެރޭ ރަސްކަންކުރަމުންދިޔައީ ހުސްކަމެވެ. ކުލަފަޑުވެފައިވާ މޫނުމަތީން ގިނަދުވަހު ހިތައިމައިގައި އުޅެފައިވާ މީހަކާއި ތަފާތެއްނެތެވެ.
“ދޮންތާ… ޕްލީޒް… އަމިއްލައަށް ހުރިހާ ހިތާމައެއް ބޮލުގައި އަޅައިގެން ނޫޅޭ… ދޮންތައާއިއެކު އަހަރެމެން އެބަތިބީމޭ… ދޮންތަ ހިތްހަމަނުޖެހިފައި ހުރެދާނެއަތީ ހައި ހުރީ ވަރަށްދެރަވެފައި… އަންނަން ނުކެރިގެން އުޅޭތީ އަހަރެން މިއައީ…” ނައިނާ އެނދުގައި އިށީދެ ޝާދީންގެ އަތުގައި ހިފަހައްޓާލިއެވެ.
“ކީއްވެ އަހަރެން ހައިދެކެ ރުޅިއަންނަންވީ… މިހުރިހާދުވަހުވެސް ހައިދެކެ އަހަރެން ލޯބިވީ އަމިއްލަ ކޮއްކޮ ނޫންކަން އިނގިހުރެ…. މިއަދު އަހަރެން ހައި ދުރުކޮށްލަންވީ ކީއްވެ؟ ބޮޑުވެގެން އަހަރެން ބާކީކުރިމީހަކީ ހައި… އަމުދުން މިއަދު ހައި އަހަންނާއި ދިމާލަށް ރުހުމުގައި ބަލާވެސް ނުލާނެ… ހައިގެ ކުރިމައްޗަށް އަހަރެންދާނީވެސް ކިހިނެތް؟ އަހަރެންގެ ބައްޕަގެ ސަބަބުން ހައިގެ މަންމައާއި ބައްޕަވެސް…” ޝާދީން ވާހަކަދައްކަމުން އައިސްފައި ވަކިހިސާބަކުން މެދުކަނޑާލީ ކުރިއަށް ނުގެންދެވިގެންނެވެ. އޭނަގެ ދުލުގެ ކުރިއަށް އެދެނަން ގެންނާނީވެސް ކިހިނެތްހެއްޔެވެ؟ އޭނައަކީ ކުޑަބެ އަޒްހާންއާއި ކުޑަމަންމަ ހައިލާގެ ގާތިލްގެ ދަރިފުޅެވެ. ނޭނގިނަމަވެސް މިހުރިހާ ދުވަހު އޭނައަށްވަނީ އަލްހާންގެ ކުށުގައި ބައިވެރިވެވިފައެވެ.
“ދޮންތާ… އަމިއްލަ ނަފްސު ކުށްވެރިނުކޮށްބަލަ… ހައިވެސް ދޮންތަ ކުށްވެރިއެއްނުކުރޭ.. ދޮންތަ ދެރަވެފައި ހުރީމަ ހައި އުޅެނީ ރިގްރެޓްވެގެން… ކިޔައިފި މައްސަލަ ދޫކޮށްލާނީއޭވެސް…” ނައިނާ ވާހަކަދައްކަމުންދަނިކޮށް ޝާދީން ނައިނާގެ އަތުގައި ހިފަހެއްޓިއެވެ. ބޯހޫރާލިއެވެ.
“އަހަންނަށްޓަކައި އެވަރުގެ ކަމެއްނުކުރައްޗޭ ހައިގާތު ނައިނާ ބުނާތި… މިހުރިހާދުވަހު ދުނިޔޭގެ އުފަލުގައި އުޅުނުއިރު ބައްޕަމެންނަށް އަމިއްލަ ކުށް އިހުސާސްއެއްނުވި… އެހެންނޫންނަަމަ މިދުވަސް ދެކޭކަށް ނުޖެހުނީސް… އަހަރެން ދެރަވަނީ ބައްޕައަށް އަދަބު ލިބޭނެއަތީއެއްނޫން… އެފަދަ ކުށެއް ކުރަން ބައްޕައަށް ކެރުނީތީ…. އަމިއްލަ ކޮއްކޮގެ ލެއިން އަމިއްލަ ފަސްބައި ކަޅިކުރީތީ… އެފަދަ ހިތްވަރެއް ބައްޕައަށް ކުރަން ކެރުނީ ކިހިނެތް… އެއީ ބައްޕަގެ ހުރި ހަމައެކަނި ކޮއްކޮއޭ…” ޝާދީންގެ ދިގުދިގު އެސްފިޔަތަކުން ފޮރުވިފައިވާ ލޮލުން ފެނުނީ އިންތިހާ ދަރަޖައިގެ ހިތްދަތި ވޭނެކެވެ. ރިހުމެކެވެ. ކަރުނަ އަދި ލޮލުގެ އަސަރުތައް އިތުރުކޮށްދީފައިވެއެވެ.
އިތުރަށް ޝާދީންއަށް އެންމެ ބަހެއްވެސް ނުކިޔުނެވެ. ނައިނާގެ ހަމްދަރުދީއާއިއެކު އޭނަ ކުރަމުންދިޔަ އެންމެ ފަހުގެ ހިތްވަރުވެސް ނެތިގެންދިޔައީއެވެ. ދެއަތުން މޫނު ފޮރުވާލިގޮތަށް ބާރުބާރަށް ރޮއެގަނެވުނީ އިތުރަށް ހިތާމަތައް ހިފަަހައްޓަން ނުކުޅަދާނަވެގެންނެވެ. އޭނަގެ ހިތްހީވަނީ ފަޅަފަޅައިގެންދާ އުޅޭހެންނެވެ. އަަދަދުނުވާހާ ގިނަ އަނިޔާތަކުން ހިނދުކޮޅެއްތެރޭ އެ ހިތް ޒަހަމްކޮށްލައިފިއެވެ. އެ ޒަހަމްތަކަށް ފަރުވާއެއްނެތެވެ. އޭނަގެ ހަށިގަނޑާއި ފުރާނަ ވަކިވެގެން ނޫނީ މިހިތާމައަކަށް ނިމުމެއް އޮތްކަމަކަށް ޝާދީން ގަބޫލެއްނުކުރެއެވެ.
*** *** *** *** *** ***
މިޑޯވިއުގެ ތަނަވަސް ޑައިނިންރޫމްގައި ރޭގަނޑުގެ ކެއުމަށް އިންސާފުކުރެވެމުންދިޔައިރު މިރޭ މުޅި އެގޭގެ ތެރޭގައިވެސް އާދަޔާ ހިލާފު ހިމޭންކަމެކެވެ. އިޝާރު ހިމޭންކަމާއިއެކު ކޭންބައްލަވަމުންދިޔައިރު އޭނަގެ ދުލުން އެންމެ ބަހެއްވެސް ބޭރެއްނުވެއެވެ. އެ ދުލުގައި ތަޅެއް އެޅުވިފައިވާފަދައެވެ. އިޝާރުގެ ހިމޭންކަމުން އިޔާނާވެސް އިނީ ބަހެއް ބުނަން ނުކެރިފައެވެ. ތަށިތެރޭ އޫ ހަލުވާލަ ހަލުވާލާ ޝަލީން އިނީ މަންމައާއި ބައްޕަގެ ފަރާތުން ފާޅުވަމުންދާ އާދަޔާހިލާފު މިޒާޖަށް ހާއްސަ ސަމާލުކަމެއް ދީގެންނެވެ. އެއީ ހޮސްޕިޓަލުން ދޫކޮށްލިފަހުން ޝަލީން އޭނާގެ ކޮޓަރިން ބޭރަށް ފިޔަވަޅެއް އަޅާލާ އެންމެންނާއި ބައިވެރިވި ފުރަތަމަ ފަހަރެވެ. ވޭތުވެގެންދިޔަ ދެހަފުތާ އެކީހެން އޭނަ ހޭދަކުރީ ކޮޓަރީގައި ބަންދުވެގަނެގެން ހިތާމަކުރުމުގައެވެ. އެލޮލުގައި ކަޅު ދާއިރާއެއް ހެދި ހަށިގަނޑު އަނަރޫފަކަމަށް ދައްކަނީ އެވީ ދުވަސްތަކުގައި ކެއުމާއި ދުރުވީވަރުންނެވެ.
“ދަރިފުޅާ ހައިޒަލް މިރޭވެސް ނާންނަނީތަ؟” ޝަލީންގެ ހަރަކާތްތަކަށް ނަޒަރު ހުސްކޮށްލި އިޔާނާ ސުވާލުކުރިއެވެ. ޝަލީން ހޮސްޕިޓަލުން ދޫކޮށްލިފަހުން ހައިޒަލް އެގެއަށް ވަދެލީ އިނގިލިން ގުނާލެވޭހާ މަދު ފަހަރަކުއެވެ. އެއީ އިޔާނާގެ ހިތުގައިވެސް ޝައްކުތަކެއް ހިނގާލަން މެދުވެރިކުރުވި ސަބަބެކެވެ. ޝަލީން ސިއްރުކުރަން އުޅަން އެ ދެމަފިރިން އެކުގައި އުޅޭ އިރު ދެޒުވާނުންގެ ފަރާތުން އެއްވެސް ގާތްކަމެއް އޭނައަކަށް އިހުސާސެއްނުކުރެވެއެވެ. ގިނަވަގުތު ހައިޒަލް ހުންނާނީ ބަހެއްވެސް ބޭރުނުކޮށް ބީރައްޓެއްސެއް ފަދައިންނެވެ.
“އަންނާނަމޭ ބުނި… މަންމާ ހައިއަށް މިދުވަސްކޮޅު ބުރަވާނެއެއްނު…. އަލްހާން އަންކަލްއަށްފަހު ހުރިހާ ކަމަކާއި ހަވާލުވެގެން ހުންނާނީ ހައި… ނުވިތާކަށް ދޮންތަވެސް އަތުވެެއްޖެ….” ޝަލީން އެދެމެދުގައިވާ ގުޅުން ސިއްރުކުރަންވެގެން ބަހަނާތަކެއް ދެއްކިއެވެ.
“ޝާދީން އައީތަ؟ މިހުރިހާކަމަކާއި ކުރިމަތިލެވޭނޭ ހިތްވަރު އެކުއްޖާގެ ހުންނާނޭބާވައޭ ހިތަށް އަރާ…” އިޔާނާ ޝާދީންއާއިމެދު ކަންބޮޑުވުން ފާޅުކުރިއެވެ.
“ދޮންތަގެ ހިތާމަތައް ވަޒަންކުރާކަށްވެސް ނޭނގެ… ޤަބޫލުވެސް ނުކުރެވޭ އަލްހާން އަންކަލް އެފަދަ ކަމެއް ކޮށްފާނޭކަމަކަށް… ހާދަ ރަހުމްކުޑަވީމައޭ މީހަކު މަރާލަން ކެރޭނީ… އަދި އެވެސް އަމިއްލަ ކޮއްކޮ… މަންމާ… މުދަލާއި ފައިސާގެ ބޭނުމުގައި އިންސާނަކު އެފަދަ ދަށު ދަރަޖައަކަށް ހަމަ ވެއްޓިދާނެތަ؟” އެއީ ޝަލީންއަށް އަދިވެސް ޤަބޫލުނުކުރެވިގެންއުޅޭ ހަޤީގަތެވެ. ހައިޒަލް ހާދަ ކެތްގަދައެވެ. މިހުރިހާ ދުވަހު އިނގިހުރެ ނޭނގޭކަމަށް ހަދައިލައިގެން ހުރިއިރު ބޭރުފުށުން ނުފެނުނަސް އެ ހިތުގެ ތެރޭ ހާދަ ޒަހަމެއް ލާނެއެވެ. އެއިން އެއްވެސް އަސަރެއް ބޭރުފުށުން ފާޅުވިޔަ ނުދީ ހައިޒަލް ލައްކަ ހިތްވަރުކޮށްފިއެވެ.
“ކީއްކުރާނީ ދަރިފުޅާ… ދުނިޔޭގެ ގިނަ ލޯތަށްވަނީ އެދުންވެރިކަމުގެ ކުލަތަކުގައި ޖެހި ކަނުވެފައި… މީހާގެ ފިކުރާއި އަޤީދާ ނުބައިވެއްޖެއްޔާ ކޮންމެފަދަ ކުށެއްވެސް ކޮށްފާނެ…” އިޔާނާ ވާހަކަދެއްކިއިރު އެ ވާހަކަތަކުން އުނދަގޫވީ އިޝާރުއަށެވެ. އަލްހާންއަށް ނިސްބަތްކޮށް ދައްކަމުންދިޔަ ވާހަކަތަކަކަށްވިިޔަސް އޭނައަށް ހީވަމުންދިޔައީ އިޔާނާއާއި ޝަލީންގެ ތުހުމަތުގެ އިނގިލި ދިއްކުރެވެމުންދާ ފަރާތަކީ އޭނަ ހެންނެވެ. މާދަމާވެސް އޭނާ ކުރި ކުށް ހާމަވެގެން ހިނގައްޖެނަމަ އޭނައާއި އަލްހާންގެ ތަފާތެއް އެދެމައިންގެ ކުރިމަތީ އޮވެދާނެހެެއްޔެވެ؟ ދެމީހުންވެސް ކުރީ އެއްކުށެވެ. ތަފާތުވީ ބައިވެރިވި ބައިވެރިވުމެވެ.
އިޝާރުގެ އަރުތެރެއިން އިތުރަށް އެންމެ އެތިފުކެއްވެސް އެތެރެއެއްނުވިއެވެ. ކަރުތެރެ ބެދޭހެން ހީވުމުން ކައިރީގައި ހުރި ފެންތަށި ނަގާ އެއްނޭވާއެއް ދަމާލިގޮތަށް ކާތަށި ދުރަށް ޖައްސާލިގޮތަށް ގޮނޑިން ތެދުވެ އޭނަ އެތަނުން ދުރުވިއެވެ. އޭނާގެ މާޒީ އޭނަގެ މުސްތަޤުބަލަށް އެވަރަށް ނިވާއެޅި ރެއެއް މިނޫނީއެއް ނާދެއެވެ. އޭނާގެ ދިރިއުޅުން ބަދަލުކުރެވޭފަދަ ބާރެއް އޭނަގެ އަތްމަތީ އޮތްނަމަ އޭނަގެ މާޒީއިން އެދުވަސް ފުހެލާނެތާ ކިތަންމެ ދުވަހެކެވެ. އަލްހާންގެ ދަޅައިގައި ޖެހި އެކުށްނުކުރެވުނުނަމައެވެ. އަމިއްލަ އަތުން ފަސްބައި ކިލަނބުކުރުމުގެ ކުރީން މުސްތަޤުބަލާއިމެދު ވިސްނާލެވުނުނަމައެވެ. އޭރުން މި އުނދަގޫ އިހުސާސްތައް އޭނަގެ ހަށިގަނޑު ގައިދެއްނުކުރީހެވެ. ހިތާ ހަމަޖެހުން ވަކިކޮށް ކުށްވެރިކަމުގައި މުޅި އުމުރު ނަފްސު ތެޅިފޮޅޭކަށް ނުޖެހުނީހެވެ. ނަމަވެސް މިއަދު ކުރެވޭނޭކަމެއް ނެތެވެ. ދުވަސްތަކާއިއެކު ދިރިއުޅުމުން އަގުހުރި ވަގުތުތަކެއް ފާއިތުވެގެން ހިނގައްޖެއެވެ. ހާލަތު އެތައް ކަމެއް ބަދަލުކުރީއެވެ.
*** *** *** *** *** ***
އޭ.އެޗް.ފިނޭންޝިއަލްގެ ހަބަރާއިއެކު ނޫސްތައް ފަޅުފިލުވަމުންދިޔަ ރައިހާންގެ މައްސަލައިން މުޅި ޤައުމުވަނީ ހޫނުވެފައެވެ. މިހުރިހާ ދުވަސްތަކެއްވާންދެން ރައްޔިތުންގެ ލޮލުގައި އަނދުންްއަޅުވާއިގެން އުޅުނު ވަރުގަދަ ޝަހްސިއްޔަތްތަކުގެ އަނދިރި ފަރާތްތައް ކަޝްފުވެގެންދިޔައިރު އެތައް ބައެއްގެ ނުރުހުންތައް އެފަރާތްތަކާއި އާއިލާތަކަށް ކުރިމަތިވަމުންދިޔައެވެ. މިހުރިހާ ދުވަހު ފަރުދާގެ ފުރަގަހުގައި ތިިބި މީހުން ކުރިއަށް އައިސް އެމީހުންނަށް ލިބިފައި އަނިޔާތަކާއި ގެއްލުންތަކުގެ ވާހަކަ ހަރުއަޑުން ދައްކަމުންދިޔައެވެ. ކޯޓުގައި ކުރިއަށްދަމުންދިޔަ މައްސަލައާއިއެކު އެތަށް ވާހަކައެއް ކުރިފަޅައި ފެތުރި ރާއްޖޭގެ މަސްރަހޫ ހަލަބޮލިވިއެވެ.
ރައިހާންގެ ބަންދާއިމެދު ގޮތަށް ނުނިމިގެން އުޅެނިކޮށް އޭ.އެޗް.ފިނޭންޝިއަލްގެ މައްސަލައިގައި އަލްހާން ބަންދުކުރުން ވެގެންދިޔައީ އައްމާރުގެ ރިހޭ ފައިމައްޗަށް ފޮއެ ވެއްޓުންފަދަަކަމަކަށެވެ. އެއްކަމުގެ މައްޗަށް އަނެއްކަންތައް ކުރިމަތިވެގެންދިޔައިރު އައްމާރުގެ ބޯގޮވާވަރުވިއެވެ. އަދި މީޑިއާގެ އާންމުންގެ ފަރާތުން ކުރިމަތިވަމުންދިޔަ ފިއްތުން ތަކުން އައްމާރު ހުރީ މޮޔަވާރުވެފައެވެ. ރައިހާންއާއިއެކު އޭނަގެ އިއްޒަތާއި ޤަދަރުވެސް ވެއްޔާއި މޮޑެވިއްޖެއެވެ. ހުރި ފިރިހެންދަރިފުޅު ކުރި ވިޔަނުދާ އަމަލުގެ ސަބަބުން އެންމެން އިނގިލި ދިއްކުރަމުންދިޔައީ އޭނައާއި ދިމާލަށެވެ. އެވަރުންވެސް ދަރިފުޅަށް ހަމަމަގަށް އަޅުވާ ކުށަށް އަދަބުދިނުމުގެ ބަދަލުގައި އައްމާރު މަސައްކަތްކުރަމުންދިޔައީ މަތީ ފަރާތްތަކަށް ރިސްވަތުދީގެން ރައިހާން ސަލާމަތްކުރެވޭތޯއެވެ. އޭނަގެ ދަރިއަކު ކުށްވެރިވެގެން ކަމާއި ބެހޭފަރާތަކުން އަދަބުދޭނޭ މަންޒަރަކީ އޭނަ ދުވަހުގެކޮޅުންވެސް ދެކޭނޭ މަންޒަރެއްނޫނެވެ. އަމުދުން ހުރި ހަމައެކަނި ފިރިހެންދަރިފުޅަށެވެ. އެއީ އޭނަގެ ފިޔަވަޅުގެ މަތީން ހިނގަން ހުރި ދަރިފުޅެވެ. އޭނަގެ މުއްސަނދިކަމުގެ ވާރިސެވެ. ރައިހާން ކުޑައިރުވެސް އޭނަވަނީ ރައިހާން ކުރިކިތަންމެ ކުށެއް ނުކުރާކަމަކަށް ހަދާފައެވެ. އަންހެނުން އާލިއާގެ ލޯމައްޗަށްވެސް ނުހަނު މޮޅަށް އޮޅުވާލައިފައެވެ. ވީއިރު މިއަދު އޭނައަށް އެކަން ނުކުރެވޭނޭ ސަބަބެއްނެތެވެ. މިއަދުވެސް އޭނަގެ އަތުގައި ފައިސާ ބާރު އެބައޮތެވެ. އޭނައަށް ނުވާނޭކަމެއް އޮންނާނޭކަމަށް އައްމާރުގެ ބޮޑާ ނަފްސުވެސް ޤަބޫލެއްނުކުރެއެވެ.
*** *** *** *** *** ***
ޖަލުގައި ތިބޭ ގައިދީންނާއި ބައްދަލުކުރަން ހަމަޖެހިފައިވާ ކޮޓަރީގައި ބަހައްޓާލެވިފައި ކުޑަ މޭޒުކައިރީގައި ޝާދީން އިށީދެގެން އިނީ ދެއަތް ދެއަތާއި މޮޑެލަ މޮޑެލައެވެ. އެލޮލުގެ ތެރޭގައި މިވަގުތުވެސް ކަރުނައިގެ ތެތްކަންވިއެވެ. ލޮލުން ވެއްޓެމުން ތައްޔާރުވަމުންދިޔަ ކަރުނަ ތިކި ފުހެލަމުން ޝާދީން އިސްއުފުލާ ބަލާލިއެވެ. އޭރު ދެ ފުލުހުންގެ މެދުގައި ހުރެގެން އަލްހާން އައިސް ބައްދަލުކުރާ ކޮޓަރިއަށްވަންނަނީއެވެ. މޭޒު ކައިރީގައި އިން ޝާދީން ފެނުމާއިއެކު އަލްހާންގެ ފިޔަވަޅުތަކަށް މަޑުޖެހުމެއް އައިރު ޝާދީންގެ މޫނަށް ނަޒަރު ހިންގާލި ވަގުތު ކޮޅަކަށްފަހު އިސްޖަހާލިއެވެ. ފުލުހުންގެ އިޝާރާތަށް ޝާދީންއާއި ކުރިމަތިވާނޭހެން އިން ގޮނޑީގައި އިށީންއިރު އިސްއުފުލާ އެންމެ ފަހަރަކުވެސް އަލްހާން ބަލައެއްނުލިއެވެ. ގޮނޑީގައި ހަމަޖެހިލި އަލްހާންއަށް ނެއްޓިގެން އައި ނަޒަރު ފުލުހުންގެ މޫނަށް ހުއްޓުނުއިރު ޝާދީންގެ މޫނުގައިވީ ސުވާލުގެ ކުލަވަރެވެ.
“އެބޭފުޅާ އެއްވެސް ފަރާތަކާއި ބައްދަލުކުރާކަށް ބޭނުމެއްނުވޭ… މަޖުބޫރުކުރުވައިގެން ގެނައުމަކީ އަޅުގަނޑުމެން ކުރާނޭކަމެއްނޫން….” ފުލުސް މީހާ ދިން ޖަވާބުން ޝާދީންއަށް އިސްޖަހާލެވުނީ ރިހާނާގެ ކުރިމަތީ އޭނަގެ އެއްވެސް އަގެއްނެތްކަން ޔަގީންވެފައެވެ. އޭނައާއި ބައްދަލުކުރުމަށްވުރެ ރިހާނާއަށް މުހިންމުވީ ގޮތުގައި ހިފަހެއްޓުމެވެ.
ޝާދީން އިސްޖަހާލައިގެން އިންދައި ފުލުސްމީހާ ނިކުންނަމުން ޝާދީންއަށް ގަނޑި ހަނދާންކޮށްލަދިނެވެ. އަދި ބޭރުގައި މަޑުކުރާނޭކަމަށް ބުނަމުން ނިކުމެ ކޮޓަރީގެ ދޮރާއި ޖެހިގެން ޖަހާފައިވާ ބޯ ބިއްލޫރި ގަނޑު ކުރިމަތީ ހުއްޓިލިއެވެ. އެތާ ހުންނައިރު ކޮޓަރިތެރޭ ހިނގާ ކަންތައްތައް ނުހަނު ރީތިކޮށް ފެނެއެވެ.
ކޮޓަރިތެރޭ ދެބަަފައިން އެކަނިވުމުން އެދެމެދަށް ވެރިވެގެންދިޔައީ ހިމޭންކަމެވެ. އިސްވެ ބަހެއްބުނާނެހާ ހިތްވަރު ނުކުރެވުނުތާ އެކަކު އަނެކަކުގެ މޫނަށް ބަލާލުމަކީވެސް ކުރެވޭވަރުގެ ކަމަކަށްނުވިއެވެ. ޝާދީން އިސްޖަހާލައިގެން އިނީ ބައްޕަގެ މޫނާއި ހަތަރުކަޅި ހަމަކުރާނެގޮތެއް ނޭނގިފައެވެ. މިފަދަ ހައިސިއްޔަތަކުން ބައްޕައާއި ބައްދަލުވުމަކީ އޭނަގެ ހިޔާލަަށްވެސް ގެނެވުނުކަމެއްނޫނެވެ. އޭނަ ދިރިހުއްޓާ ނުފެންނާނޭކަމަށް ހީކުރި މަންޒަރު ހަޤީގަތަކަށްވެގެން އައިސް އޭނައާއި ބައްދަލުކޮށްފިއެވެ.
ކުލަފަޑުވަމުންދިޔަ އަލްހާންގެ މޫނަށް ޝާދީން ކަޅި ހުއްޓާލިއެވެ. ހަފްތާއެއްގެ ތެރޭގައި އެ ހަށިގަނޑު ހިކި އަނަރޫފަވެއްޖެއެވެ. ތުނބުޅި މަތިމަހުގެ ސަބަބުން ސިފައަށް ބަދަލެއް ގެނުވާފައިވެއެވެ. ދެލޯވަޅުވަދެފައިވާއިރު މޫނުމަތީގައި ތާޒާކަމެއްނެތެވެ. މޫނުމަތީން ފެން ދަމާލެވިފައިވާފަދައެވެ.
ޝާދީންގެ ނަޒަރުތައް އެ މޫނަށް ހުއްޓެމުންދާފަދައިން އަލްހާންއަށް އިނދެވުނީ މަލެއްފަދަ ދަރިފުޅުގެ މޫނަށް އިސްއުފުލާ ބަލާލަން ނުކެރިފައެވެ. މިގޮތަށް ދަރިފުޅުގެ ކުރިމައްޗަށް އަންނަންޖެހުމުން އޭނަގެ ނަފްސުގެ މައްޗަށް ގަދަވެގަނެފައިވަނީ ލަދުވެތިކަމުގެ އިހުސާސްތަކެވެ. ކުށްވެރިކަމުގެ ގަދަ ހޫނެއް މޭގެތެރޭ އަނދަމުންދިޔައެވެ. ދަރިފުޅުގެ ނަމުން ގޮވާލަން ބޭނުންވިޔަސް އަޑުވަނީ އަރުތެރޭ ތާށިވެފައެވެ. މިއަދު އޭނަ އެދަރިފުޅުގެ ކުރިމަތީ އަނގަ ހުޅުވާނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ މިއީ އެއްްވެސް ދަރިއަކު ބައްޕައެއްގެ ފަރާތުން ދެކެން ބޭނުންވާނޭ ދުވަހެއްނޫނެވެ.
“ކީއްވެ… ބައްޕާ ކީއްވެ… ކޮންކަމެއް އުނިވެގެން…” ހިމޭންކަމާއިއެކު ނޭވާގެ އަޑުނޫން އެހެން އަޑެއް ނީވި ދިޔަ ވަގުތުކޮޅަކަށްފަހު ޝާދީން ސުވާލުކުރިއެވެ. ސިއްރެއްފަދައިން އެދުލުން ބޭރުވި ބަސްތައް ވަކި ހިސާބަކުން ބާރުވެގެންދިޔައިރު ޝާދީން އިސްއުފުލާ އަލްހާންގެ މޫނަށް ބަލާލިއެވެ. އޭރު އެލޮލުގައި ޝާދީން ހިފަހައްޓަމުންދިޔަ ކަރުނަތަކުން ލޮލުގެ ތެރޭ ވިދުމެއްވިއެވެ.
“ކޮންކަމެއް ބޭނުންވެގެން…. ބައްޕަ ބޭނުންވީ މުދަލާއި ފައިސާ ނަމަވެސް ކުޑަބެ ގާތު ބުނިނަމަ… ކުޑަބެއަކީ އެހާ އަމިއްލަ އެދުން ބޮޑު ދަހިވެތިމީހެެއްނޫނޭ… ކުޑަބެ މަރާލަން ބައްޕަގެ ވިސްނުމަށް އައީވެސް ކިހިނެތް… އެއީ ބައްޕަގެ ލޭ ހިއްސާކުރާ ކޮއްކޮއޭ…” ރޭ ހަތަރުދަމު ރުއިމުގެ ސަބަބުން ޝާދީންގެ ފޮނިފޮނި އަޑު ބަދަލުވެ އަޑުވީ ކުރެހިފައެވެ.
“އެހާ ރަހުމްކުޑަ މީހަކަށް ބައްޕަވީ ކީއްވެ… މިހުރިހާ ދުވަހު ކުޑަބެގެ ބުރަމަސައްކަތުން އުފާތައް މިލްކުކުރަމުންދިޔައިރު ކުރެވުނު ފާފައާއިމެދު ބައްޕަ އެންމެ ފަހަރަކުވެސް ވިސްނާލިންތަ؟ ކުރެވުނު ފާފަ ބައްޕަ ހަނދާންހުރިތަ؟ ކުށެއް ނެތް އިންސާނެއް ނުހައްޤުން މަރާލައިފައި ނުވާކަމަކަށް ހަދާލައިފައި ހުރިއިރު ބައްޕަގެ ލޮލަށް ނިދިއައިތަ؟ ބައްޕަގެ ހިތަށް އެއްވެސް އެއްޗެއް ނާރާތާ؟” ފުންނޭވާއަކުން ލޮލުން އަންނަމުންދިޔަ ކަރުނަތައް މެދުކަނޑާލަމުން ޝާދީން ވާހަކަދެއްކިއެވެ. އޭރު ދިފާއުގައި ބަހެއް ބުނުމެއްނެތި އަލްހާންއިނީ ލޮލުން ފައިބަމުންދިޔަ ކަރުނަތައް އިނގިލިތަކުން ފުހެލަ ފުހެލައެވެ. އޭނަގެ ދުލުގައި ތަޅެއް އެޅުވިފައިވާފަދައެވެ.
“ނަސީބެއްކަންނޭނގެ މި ދުވަސްދެކޭން މާމަ ދުނިޔޭގައި ނެތްކަން… ބައްޕަ ކުރި ކުށުގެ ސަަބަބުން މާމަވެސް މިދުނިޔެ ދޫކުރީ… މަންމައާއި ބައްޕަގެ ލޯބީން ހައި ބާކީވީ… މާމަ ދިން ތަރުބިއްޔަތަށް ބައްޕަ ގޮންޖެހިއިރު އެ ނިކަމެތި މައިމީހާއާއިމެދު ބައްޕަ އެންމެ ފަހަރަކުވެސް ވިސްނާލިންތަ؟ އަޅުގަނޑާއިމެދު ވިސްނާލިންތަ؟ އިއްޔެއާއި ހަމައަށްވެސް ބައްޕައާއިމެދު އަޅުގަނޑު ފަހުރުވެރިވީން… ކުޑަބެއަށްފަހު ހައިއާއި ބައްޕަ ހަވާލުވުމުން ބައްޕަފަދަ އޯގާތެރިއަކު ނުވާނޭކަމުގައި ހީކުރީން… ކިހިނެތް އިނގެނީ އެއީ މީހުންގެ ލޮލުގައި ބައްޕަ އަޅުވާލި އަނދުނެއްކަމަށް… އަމިއްލަ އެދުމަށްޓަކައި ބައްޕަވީ ޤުރުބާނީއެއްކަމަށް ހީކުރެވޭނީ ކިހިނެތް؟” ކޮންމެ ޖުމްލައާއިއެކު ޝާދީންއަށް ރޮވެމުންދިޔައިރު އަލްހާންއަށް ބަލަހައްޓައިގެން އިނުން ނޫން ކަމެއް ނުކުރެވުނެވެ. އެހަށިގަނޑު ތެރޭ ދަރިފުޅު ފޮރުވާލަމުން އެލޮލުން އޮހެމުންދިޔަ ކަރުނަތައް ފުހެލަދޭން ބޭނުންވިޔަސް އަލްހާންގެ އެންމެ ގުނަވަނެއްވެސް ހަރަކާތެއްނުކުރިއެވެ. އޭނަގެ ކުށުގެ ސަބަބުން އިސްއުފުލާ ދަރިފުޅާއި ދިމާލަށް ބަލާލާނެހާ ހިތްވަރެއްވެސް އެ ހަށިގަނޑަކު ނެތެވެ.
“މި މުއްސަނދިކަމާއި ތަނަވަސްކަމުން ބައްޕައަށް ކުޑަވެސް އުފަލެއް ލިބުނުތަ… އަމިއްލަ ދަރިފުޅަށް އުފަލެއް ހޯދައިދެވުނުތަ؟ މުއްސަނދިކަމާއި ފައިސާއަކީ އަޅުގަނޑު ބޭނުންވީ އެއްޗެއްނޫނޭ… ފެށުނީއްސުރެ އަޅުގަނޑު ބޭނުންވީ ލޯބި… މައެއްގެ ލޯބި… މިހުރިހާ އެއްޗެއް ލިބިމެ އަޅުގަނޑުވީ ހުރިހާކަމަކުން މަހްރޫމްވެފައި… ދުނިޔޭގެ އުފާތައް މުށުތެރެއަށްލާން އުޅެން ހަަދައިގެން މަންމައަށް އަޅުގަނޑާއި ދިމާލަށް ބަލާލެވޭނެ ވަގުތެއްނުވި… ބައްޕަގެ ދެލޯ އަބަދުމެ ހުއްޓިފައިވީ ވިޔަފާރިއަށް…” ޝާދީން ކުރިމަތިކުރަމުންދިޔަ ސުވާލުތަކުން އަލްހާންގެ ނަފްސުވެސް ހިމޭންވާން މަޖުބޫރުކުރުވިއެވެ. މި މުއްސަނދިކަމާއިއެކު ދަރިފުޅަށް ހޯދައިދެވުނު އުފަލެއްނެތްކަން އަމިއްލައަށް އިހުސާސްކުރެވުނެވެ. އެ ދަރިފުޅު އެންމެ ބޮޑަށް ބޭނުންވި ބަފައެއްގެ ލޯބިވެސް އޭގެ އެންމެ ފުރިހަމަގޮތުގައި އޭނައަކަށް ނުދެވުނެވެ.
ވޭތުވެގެންދިޔަ ދެތިން މިނެޓް ޝާދީންގެ ދުލުން އެންމެ ބަހެއްވެސް ބޭރެއްނުވިއެވެ. އޭނަގެ ހުރިހާ ހިތްވަރެއް އެލި މޫނުގައި ދެއަތްއެޅުުނުގޮތަށް ބާރަށް ރޮއެގަނެވުނީއެވެ. ދުލާއި ހަމަޔަށް ގެނައުމަށް ނުކުޅެދުނު ބަސްތައް ބޭރުވެގެންދިޔައީ ކަރުނައިގެ ސިފައެވެ. ލަފްޒުތަކާއި ނުލާ އެއަމަލުންވެސް އަލްހާންގެ ހިތަށް ފުންއަސަރެއް ކުރުވިއެވެ. އޭނައަށް ނޭނގިހުއްޓާ ކޯތާފަތްމަތީ ކަރުނަތައް ދެމުނެވެ. އޭނައަށް އިހުސާސްވަމުންދިޔައީ އޭނަގެ ކޮންމެ ގުނަވަނަކަށް ހަންޖަަރަކުން ހަމަލާދިނުމުން ވާފަދަ ދިލަ ތޫނު ތަދެކެވެ. މޭގައި ނަގައިގަތް ދިލައާއިއެކު އަލްހާންއަށް މެޔާއި ދިމާލުގައި އަތްއަޅާބާރުކޮށްލެވުނެވެ. އަނގައިން އާޙެއްގެ އަޑު ބޭރުވިއެވެ.
“ބައްޕާ… އަދިވެސް ވަގުތުފާއިތެއްނުވޭ… ތައުބާވެއްޖެނަމަ އެފަރާތުން ނުފުއްސަވާ ފާފައެއްނުވޭ… އިތުރަށް ދެކޮޅުނުހަދާ… ކުށަށް އިއުތިރާފުވޭ… އެހެންނޫނީ އެ ކުޑަބެ މައާފެއް ދުވަހަކުވެސް ބައްޕައަކަށް ނުލިބޭނެ… މުޅި އުމުރަށް އެ ފާފަ ބައްޕަގެ ނަފްސު ނުތާހިރުކުރާނެ… އާދޭސްކުރަން ބައްޕާ… ވެރިއިލާހުގެ އަޒާބާއިމެދު ބިރުވެތިވޭ… މިއަދު އަހަރެމެން ބޭނުންގޮތަކަށް އުޅެވުނަސް މާދަމާ ވާނޭ ގޮތެެެެއް އިނގޭނީކާކަށް….” ޝާދީންގެ އިބްރަތްތެެރި ބަސްކޮޅުން އަލްހާންގެ ލޮލަށް ކަރުނަގިނަކުރުވިއެވެ. އެ ބަސްތަކުން ނިދާފައިވާ އޭނަގެ ނަފްސު ހޭލައްވާލިފަދައެވެ. ދުނިޔޭގެ އެދުމުގައި ޢޭނަ ނަފްސުވީ ޣާފިލްވެފައެވެ. އޭނަގެ ސިކުނޑީގެ މައްޗަށް ގަދަވެގަނެފައިވީ އެދުންވެރިކަމެވެ.
ޝާދީން ނަފްސު ކޮންޓްރޯލުން ދޫވެގެންދިޔައިރު އަނގަމަތީ އަތްއަޅާލައި ބާރުކޮށްލައިގެން ހުރެ ދުވެފައި ކޮޓަރިން ނިކުތެވެ. އިތުރަށް އެތާގައި މަޑުކުރުމަކީ ޝާދީންގެ ހިތަށް ކެތްވާވަރުގެ ކަމަކަށްނުވީއެވެ.
ޝާދީން ނިކުމެގެން ދިޔަތަން ބަލަން އިނދެފައި އަލްހާން މޭޒުމަތީ ބޯއަޅާލިއެެވެ. އެ ލޮލުގެ ތެރެއިން ދުނިޖަހާފައި ފައިބައިގަތް ކަރުނަތައް ސައިލެއް ފަދައިން މޭޒުމަތީ ދެމެންފެށިއެވެ. ރަތްވެފައިވާ ދެލޯ މަޑުމަޑުން މެރިގެންދިޔައިރު މިއީ އޭނަގެ އެންމެ ފަހުވަގުތުކޮޅަށް ވާނެނަމައޭ އަލްހާންގެ ހިތަށްއެރިއެވެ. އަލުން ދުނިޔެއަށް ލޯހުޅުވާލާކަށް އަލްހާންގެ ހިތެއް ނޭނދެއެވެ.
*** *** *** *** *** ***
އިރުގެ ދޯދިތައް ހިމޭންކޮށް އޮތް ކަނޑުގެ ސަތަހައަށް ބޮސްދެމުން ކަނޑުގެ ފުންމިން ނޭނގޭ އަޑިމިނުގެ ތެރެއަށް ގެއްލެމުންދިޔައެވެ. ތިރީ އުޑުގައި އިން އިރު އޭގެ ޖާގައިން ތިރިތިރިއަށް ޖެހެމުންއައިސް އިސާހިތަކު އުދަރުހުގެ ތެރެއަށް ގެއްލިގެން ދިޔައެވެ. ރޭގަނޑަށް މަރުހަބާ ކިޔާ ރަންވިލާތަކުން އުޑުމައްޗަށް ވެރިކޮށްފައިވާ ކުލައިގެ ހިޔަނި ކަނޑުގެ ބާނީތަކަށް އެޅި ލޮނުގަނޑު ބަބުޅަމުންދިޔައެވެ.
ހުދުފަސްގަނޑުގައި ބަނޑުޖަހައިލައިގެން ތިބި އަކިރިތަކާއި ސަމާސާކުރަމުން ވެލިގަނޑުގައި ލުއިލުއިކޮށް ބޮސްދެމުންދާ ރާޅުތަކާއި ފިޔަވަޅުގެ ނިޝާންތައް ހަވާލުކުރަމުން ޝާދީން ކުރިއަށްދިޔައެވެ. އިރުއޮއްސި މީސްކޮޅު މަދުވަމުންގޮސް އޭރު ގޮނޑުދޮށް އެކީހެން ފަޅުވެއްޖެއެވެ. އެތާގައި މިވަގުތު ދިރޭ ފުރާނައަކަށް ހުރީ ހަމައެކަނި ޝާދީންއެވެ. އަނދިރީގެ ތެރެއަށް ދުނިޔެ ގެެއްލެމުންދިޔަވަރަކަށް ޝާދީން އެ އަނދިރިކަމާއި ދިމާލަށް ފިޔަވަޅުތައް ނަގަމުންދިޔައިރު އެ ހިތުގައި ބިރާއި ޖެހިލުންވުމުގެ އިހުސާސްގެ ކަންފުޅެއްވެސް ނެތެވެ. ހިތާމައާއި ހިތުގެ ގިލަންވެރިކަން ހަށިގަނޑުގެ އެހެން ހުރިހާ އިހުސާސްތަކެއް ގަނޑުކޮށްލައިފައިވެއެވެ. މިވަގުތުވެސް އެލޮލުގައިވަނީ ކަރުނައިގެ ތެތްކަމެވެ. މޫނުމަތީ ހިތާމައިގެ ކުލަވަރެވެ. ދިރިހުއްޓަސް މަރުވެފައިވާކަމުގެ އަސަރުތައް އެ މޫނުމަތީން ފާޅުވަމުންދިޔައެވެ. އެދެލޮލުގައި މާޔޫސްކަމުގައި އިންތިހާއެވެ. ކުރިމަތީގައި ނަގަމުންދިޔަ ކަނޑުގެ ރާޅުތައް އޭނަ ދިރުވާލައި މި ހިތާމަތަކުން މިންޖުކޮށްދޭނެނަމައެވެ. ދިރިއުޅުމުގެ މި އިމްތިހާނަކީ އޭނަައަށް ކެތްވާވަރުގެ ކަމެއްނޫނެވެ.
މަޑުމަޑުން ފިޔަވަޅުތަށް ލަސްވަމުން އައިސް ޝާދީން އެތާހުރި ގަހަކަށް ލެގިލިއެވެ. ހަށިގަނޑުގެ ހުރިހާ ބާރެއް ގަހުގެ މައިގަނޑަށް ދޫކޮށްލައިގެން ހުރެވުނީ ބާރެއްނެތިފައެވެ. އެތަށްއިރަކު އެހެން ހުރުމަށްފަހު ގޮނޑުދޮށަށް އެރުމުގެ ހިޔާލެއްވެސް އޭނަ ކުރީ ރަތްވިލާތައްވެސް އޮއްސި މުޅި ދުނިޔެ އަނދިރިވެގެންދިޔަފަހުންނެވެ. އޭރު ރޭގަނޑުގެ ރަފީގުގެ އަޑު މިޔުޒިކެއްފަދައިން އިވެމުންދިޔައެވެ. ނަމަވެސް ހިމޭންކަމުގެ ތެރޭގައި އެއަޑުއިވެނީ ނާމާންކޮށެވެ.
ފެހިކަން ގަދަގަސްތަކުގެ މެދުން ހިނގޭގޮތަށް އޮތް މަގުން އަރައިގެން އައިސް ޝާދީން ހުޅުމާލޭގެ ފުޅާ މަގަށް ނިކުތެވެ. އެވަގުތު އޭނަގެ ކުރިމަތި އަޅާލައިފައި ދިޔަ ސައިކަލު ފެނި ޝާދީންގެ ފިޔަވަޅުތައް މަޑުޖެހުނެވެ. ފަހަތުން ފެނުނަސް އެއީ ކާކުކަން އޭނަގެ ހަށިގަނޑުގެ ކޮންމެ ސެލްއެއްވެސް ދެނެގަނެފިއެވެ. ސައިކަލު ދިޔަދިމާލަށް ފިޔަވަޅުތައް ނެގުނީ އަމިއްލަ ބާރަކާއިނުލައެވެ. ހިތްވެސް ތަންވަޅު ބަލާފައި އޭނަގެ އަތްދޮށުގެ މިނިވަންވެގެން އޭގެ މަންޒިލްއާއި ދިމާލަށް މިސްރާބު ޖެހީއެވެ.
ފަސްބުރިއަށް ހަދާފައިވާ އިމާރާތުގެ ކުރިމައްޗަށް ވޭވް ސައިކަލް ހުއްޓާލަމުން ޔަޒްދާން ސައިކަލުން ފޭބިއެވެ. އޭރު އެގޭގެ ދޮރުމަތީ ކާރެއް މަޑުކޮށްލައިގެން އޮތެވެ. ބިދޭސީ މަސައްކަތު މީހަކު ދޮރުމަތީ ހުރި ފޮށިތައް ކާރުގެ ޑިކީއަށް އަރުވަމުންދިޔައެވެ.
“ދާން…” ކަންފަތުގައި ޖެހުނު އަޑާއިއެކު ޔަޒްދާން ބަލާލިއިރު ގޭގެ މައިދޮރުން ނިކުމެގެން މަންހަލް އަންނަނީއެވެ. ފަހަތުން އައި މަންހަލްގެ ބޭބެ މައިރަން ޔަޒްދާންއަށް އެއްލޯމަރާލަމުން އިމާރާތުގެ ފާރަށް ލެގިލިއެވެ. ދުވެފައި އައި މަންހަލް މަޑުޖެހުނީ ޔަޒްދާންއާއި އަރާހަމަވެފައެވެ. އޭރު އެދެމެދުގައިވީ ދެތިން ފިޔަވަޅުގެ ދުރުމިނެވެ. ދެޒުވާނުންގެ ހަތަރުކަޅި ހަމަވި ވަގުތުކޮޅު ޔަޒްދާންގެ ލޮލުން އަސަރެއް ނުފެނުނަސް މަންހަލްގެ އަޅިލޮލުގެ ތެރެއަށް އެތަށް އަސަރުތަކެއް ބަންޑުންވެގަތެވެ.
“ޗެކިން ފެށޭ ގަނޑި ގާތްވަނީނު… އެކޮޅަށް ގޮސް ގުޅަންވާނެ އިނގޭ…” ޔަޒްދާން ވާހަކަދައްކަމުން އެހެން ދިމާލަކަށް ނަޒަރު ހުއްޓާލިއެވެ.
“މިއޮތީ މަންގެ… އެދުވަހު ގޭގައި ބާއްވާފައި ދޯ އައީ…” ޔަޒްދާންގެ މުށުގެ ތެރޭގައި އޮތް ޗެއިންފަށް މަންހަލްގެ އަތަށް ލައްވާލިއިރު ދެޒުވާނުންގެ އިނގިލިތައް ބީހިލިއެވެ. ކަރަންްޓް ޝޮކެއް ޖެހުނުފަދައިން ޔަޒްދާން އަތްދަމައިގޮތަށް ޖީބަށް އަތްތިލަ ޖަހާލިއެވެ. މަންހަލް މުށްހުޅުވާލަމުން އަތްމަތީ ކެވެލިފަށް ފަތުރާލިއެވެ. އެއީ ޔަޒްދާންއަށް ހަދިޔާކުރަންވެގެން އޭނަ ހެއްދި ޗެއިންފަށެކެވެ. ޔަޒްދާންއަށް ދޭނެ ގޮތެއް ނޭނގިގެން ކޮޓަރީގައި ބާއްވާފައި އައީއެވެ.
“މަން… ދާކަށްނުވޭތަ…” މަންހަލްއާއި ޔަޒްދާންއަށް ވަގުތުކޮޅެއްދީގެން ހުރި މައިރަން އެދިމާލަށް ހިނގައިގަންނަމުން ބުނެލުމާއިއެކު މަންހަލް އެއަތުގެ ތެރޭގައި ކެވެލިފަށް ފޮރުވާލިއެވެ. ޔަޒްދާންއަށް ހިިނިތުންވެލަމުން ކާރާއި ދިމާލަށް ހިނގައިގަތްފައިވެސް މަންހަލްގެ ފިޔަވަޅުތައް ހުއްޓުނެވެ. އޭނަގެ ހިޔާލު ބަދަލުވީހެން ހީވި ހިނދުކޮޅަކަށްފަހު މަންހަލް ފަސްއެނބުރުނުގޮތަށް ދުވެލައިފައި އައިސް ޔަޒްދާންގެ މެދު ހަށީގައި ބައްދާލިއެވެ. ޔަޒްދާންއަށް ލިބުނު ސިހުމާއިއެކު ދެލޯބޮޑުކޮށްލެވުނެވެ. ހިނދުކޮޅަކަށް ހަރަކާތެއް ގެންނަން ނޭނގިފައިހުރެވެސް ޔަޒްދާންގެ ދެއަތް މަންހަލްގެ އުނަގަނޑުގައި ވަށާލިއެވެ.
“ދާން… ވަަރަށް މިސްވާނެ… ލަވްޔޫ…” މަންހަލް ޔަޒްދާން އަތުގެ ތެެރެއަށް ހައްތަހާ ބޮޑަށް ބޮޑިވެލިއެވެ. އޭރު ޝާދީން އެ ހިސާބަށް އައިސް އަރާހަމަވީއެވެ. ފެނުނު މަންޒަރުން ޝާދީން ހީވީ އޭނަގެ ހަށިގަނޑުގައިވާހާ ހުރިހާ ނާރެއްގައި ވަޅިއަޅާލެވުނުހެންނެވެ. ލޮލަށް ފުސްވެގެންދިޔައިރު ޝާދީން ފަސްދިނީ އެ މަންޒަރު ދެކޭހާ ހިތްވަރެއް އެ ހިތުގައި ނެތިގެންނެވެ.
އިރުކޮޅަކަށްފަހު މަންހަލް ދުރުވެލަމުން ދުވެފައި ގޮސް ކާރަށް އެރުމާއިއެކު ޔަޒްދާން ސައިކަލާއި ދިމާލަށް ހިނގައިގަތެވެ. އެވަގުތު އޭނާއަށް ފަސްދީ ދުރަށްދަމުންދިޔަ އަންހެންކުއްޖާ ފެނި ޔަޒްދާންގެ މޫނަށް ތަފާތުކުލައެއްވެރިވިއެވެ. ތުންފަތުގައި ދަތްއަޅާލިގޮތަށް ދުވެފައި ގޮސް އެއަންހެންކުއްޖާއާއި އަރާހަމަކުރީ އެއީ ކާކުކަން އިނގޭ ހާލުގައެވެ.
“ޝާދީން….” ޔަޒްދާން ކިޔާލީ ޔަޤީންކޮށްލައިފައި ކަހަލަގޮތަކަށެވެ. ޔަގީންކަމެއް ނެތި އޭނަގެ ނަން ކިޔާލި ރާގުންވެސް ޝާދީންގެ ހިތުގައި ހިފާ ބާރުކޮށްލެވުނުފަދައެވެ. އެތައް އަަހަރެއްފަހުން ފެނުނަސް ފަހަތުންވެސް އޭނަ ޔަޒްދާން ދެނެގަންނާނެއެވެ. ނަމަވެސް ޔަޒްދާން ރަނގަޅަށްވެސް އޭނަ މަތީން ހަނދާން ނައްތާލައިފިއެވެ. ހެކި ފެނުނީ އޭނަގެ އަމިއްލަ ލޮލަށެވެ. ލޯބިވާ ފަރާތުގެ އަތުގެ ތެރޭ އެހެން އަންހެންކުއްޖެއް ވާތަން ދެކެން ލޯބިވާ މީހަކަށް ގައިމުވެސް ކެތެއްނުކުރެވޭނެއެވެ. އޭނަގެ ހިތުގައި ވޭންއަޅާވަރު ޔަޒްދާންފަދަ ބޭވަފާތެރިއަކަށް ނޭނގޭނެއެވެ.
“ވަރަށް ގުޅޭ ދެމީހުން… ކޮންއިރަކު މެރީކުރަނީ؟” ޝާދީން ފަސްއެނބުރިބަލާލިއިރު އެލޮލުގައި ވިދަވިދާހުރި ކަރުނަތައް ކިތަންމެ ރީތިކޮށްވެސް ޔަޒްދާންއަށް ފާހަގަކުރެވުނެވެ. އަމިއްލަ ނަފްސުކުށްވެރިކުރެވުނީ އެލޮލުން ކަރުނަ އަންނަން ޖެހެނީ އޭނަގެ ސަބަބުންކަން އިނގޭތީއެވެ. ޔަޒްދާންގެ ނަޒަރު އެ މޫނަށް ހުއްޓުނު ވަގުތުކޮޅު ބަހެއް ބުނުމެއްނެތި ޝާދީން ދުރަށް ހިނގައިގަތެވެ. އޭނަގެ ކަރުނަތައް ޔަޒްދާންފަދަ ހަރުހިތެއްގެ ވެރިއެެއްގެ ކުރިމަތީ އޮހޮރަންވީ ކީއްކުރަންހެއްޔެވެ؟ ޔަޒްދާން ކޮންމެ ކަމެއްވެސް ކުރާނީ އޭނަދެކެ ލޯބިނުވާކަން އަންގަންވެގެންނެވެ. އެހިތުން ޝާދީންއަށް ޖާގައެއް ނެތްކަން ދައްކަންވެގެންނެވެ. ޝޯޝަލް މީޑިއާގައި މަންހަލްއާއި ދެމީހުންގެ ލޯބި އިސްތިހާރުކޮށްލައިގެން އުޅޭއިރު އޭނަގެ ހިތަށް އެކަމުން ކުރާނޭ އަސަރާއިމެދު ޔަޒްދާން އެންމެ ފަހަރަކުވެސް ވިސްނާނުލާނެކަން އޭނައަށް އިނގެއެވެ.
“ޝަވާ…” ޔަޒްދާންގެ ދުލުން ބޭރުވި ނަމާއިއެކު ޝާދީންގެ ދެފައިގައި ހިލިހިލާގަނޑެއް ޖެހިފަދައެވެ. އޭނަގެ ހަށިގަނޑު ވަގުތުން އޭގެ މަސައްކަތް ހުއްޓާލިއެވެ. ޔަޒްދާން އެ ނަމުން އެގޮވާލީ ހާދަ ދުވަހެއް ފަހުންނެވެ. ހުރިހާ ރިހުންތަކެއް މާޒީއަށް ދޫކޮށްލުމަށްފަހު ޔަޒްދާންގެ އަތުތެރެއަށް ދާނެހެން ހީވިވަގުތުކޮޅަކަށްފަހު ޝާދީން ދުރަށްދުއްވައިގަތެވެ. ހިތްހަލާކުވެގެން ހަފުސްވިޔަސް އޭނަ ދެން ހިތްހަލާކުކޮށްލި ލޯބިވެރިޔާގެ ގާތަކަށް ނުދާނެއެވެ. އެންމެ އަދާއަކުން ޔަޒްދާން ދިން ވޭންތައް ހިތުން ފިލުވައިދެވޭނެހެން ހީވާނަމަ އެއީ ޔަޒްދާންއަށް ކުރެވޭ ކުށްހީއެކެވެ.
ލޯތްބަކީ އޭނައަށް ކެހިވެރި ލަފްޒެކެވެ. އޭނަދެކެ ލޯބިވާކަމަށް ދައުވާކުރި ކޮންމެ މީހަކު އޭނައަށް ދިނީ ހިތާމައެވެ. ވޭނެވެ. އެލޮލުން އޮހޮރާލި ކަރުނައެވެ. ހިތުގައި ލައްވާލީ ފިލައިގެންނުދާހާ ފުން ޒަހަމްތަކެކެވެ. ލޯބި އެލަފްޒަކީ އޭނަ ދުވަހުގެކޮޅުންވެސް އިތުބާރުކުރާނޭ ލަފްޒެއްނޫނެވެ.
**** *** *** *** ***
ޕްރައިވެޓް ރޫމްއަށް ވެރިވެފައިވާ ހިމޭންކަން ދޭތެރެއަކުން ނަގާލަނީ މެޝިންތަކުން އިވޭ ތޫނު ބީޕްގެ އަޑުންނެވެ. ހުދުކުލައިން ބެޑްޝީޓުން ނިވާކުރެވިފައިވާ އޮތް އަންހެންކުއްޖާގެ ހަށިގަނޑުގެ އެކި ބައިބަޔަށް މެޝިންތައް ގުޅާލެވިިފައިވެއެވެ. ދެލޯ މެރިފައިވާ އެ އަންހެންކުއްޖާގެ ހަށިގަނޑުގައި އެއްވެސް ހަރަކާތެއްނެތެވެ. ދިރިއޮތީ ހަށިގަނޑުގެ ގުނަވަންތަކުގެ މަސައްކަތްކުރަމުންދާ މެޝިންތަކުގެ އެހީގައެވެ. ހަށިގަނޑުގައި ވިންދުޖެހިޔަަސް ނޭވާލަމުންދިޔައީ އޮކްސިޖަން މާސްކްގެ އެހީގައެވެ.
ފިޔަވަޅުގެ އަޑުނީއްވާ އެއަންހެންކުއްޖާ ބާއްވާލެވިފައިވާ އެނދާއި ކަައިރިވަމުންދިޔަ ފިރިހެންމީހާ ހުރީ ކަޅު އެއްޗެހީގައި ނިވާވެގެންނެވެ. މޫނުގައި މާސްކެއް ބައްދާލެވިފައިވެއެވެ. މަޑުމަޑުން އެނދުގައި އޮތް އަންހެންކުއްޖާއާއި ގާތްވިގޮތަށް އަވަސް ހަރަކާތަކާއިއެކު އެކުއްޖާގެ ހަށިގަނޑުގައި ހިއްޕާފައިވާ މެޝިންތައް އެމީހާ ވަކިކުރަންފެށިއެވެ.
މެޝިންތަކުގެ އެލާރޓާއިއެކު އެނދުމަތީގައި އޮތް ކުއްޖާގެ ގަޔަށް ބާރުގަނޑެއް އަރާ ކަރަންޓް ޝޮކެއްގައިވާ މީހެއްފަދައިން ތެޅެންފެށިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
78 Comments!
Comments are closed.






mi bai mi haa lahun upkohlevuneethee hurihaa readers ge faraathun dhira varah bodah maafah edhen.. aslu dhira mihaaru vaahaka mi upkuranee hama liyaa gothah.. liyan gina iru nagaathee ehen vanee… dhira varah masahkaih kuraanan kurin time nagaigen liyefa bahahtan.. hurihaa kudhin dhiraa ah maafu kurahjjey… and mi part mi inee shaadheen ah haahsa kohfa.. mee shaadheen ge feelings detail kohfa in ep eh.. heekuran kamudhaane kamah.. kuree dhe part ge comment thakah dhira maadhamaa reply kohlaaanan… baahjaveri reakah edhen
Woahhhhh?
thankss dear
Ok up veje kiyaa vess nimunee reethi varah varah reethi maafuvess kofin inthizaaru kuranee mi 74 ka
thanks dear
It’s ok dear …
n mi part ves varah salhi …
when … next part …
hei koo… after a long time.. hws you… thankss dear.. insha allah friday night ga
Alhe koo haadha dhuvas vehjey dhw dhimaanuvaathaa…. Konthaaku thiulheni dhariyaa…. Laalu hiykuriy koo stry aa dhurah dhiyaiykamah……
V v v nyc stry…great work…may allah bless ur work?…love this stry…aslu v inthizaaru kurevey mi stry ah
thankss dear
Haadha molhey. Haadha molhey. Masha Allah! Rovijje. ❤️❤️❤️
thankss dear.. thank you so much
Woah…Hama rovihje..Dhiraa v v molhu… sifa kohdhyfa hurileh vx alhey haadha ryhchey dhw…Ibraaiy kurun vx v v furihama ingey..Kon irakun dhn oiy bai…so curious to knw who’s the person??..Lysm dhiraaa???❤❤❤??????????????????
thankss dear.. alhe dhira nurohjjey… insha allah friday night ga.. hingaa dhw balamaa.. ly too dear
Woah there is no words that I can express how beautiful this story is. ???? Thanks for giving a moment to smile . ☺️☺️☺️
thankss dear.. your comments make me speechless.. thankss for putting a bright smile on my face
This is perfect ????
owwn… thankss darling..dear ge vaahaka ves varah reethi
Hey dhiraa small request please mi vaahaka mi month nimmen vaarah nimmidhaanetha??…Cox my exams start….. anyways story hama habeys♥️♥️♥️
Dhen you ge exam veema mi story ninman veetha❓❓❓❓❓❓noway dhiraa ehen nuhadhachey hama ekani azker buneema story ninmaakah nuvaanu ?????????please please please please please please please
Hey I was just saying Cox I can’t stay away frm this story it’s so good???
Dhen story nimuneema vess hunnani story dhurugayeny pis pis ???????????????? dear fahun vess story kiyeyni story nuninmee mayehnu
thankss dear… dhiraves mi balanee final exam ge kurin mi vaahaka ninmaaleveytho… study well for your exams… Thoola.. dear dont worry hama plan kohfa in gothah story ninmaalaanee.. avas koshehnulaa nan ingey
dhira cover pic ga ethiby konbaehtha..kobatha ethanun naina and haizal..and thiryga eii konbaehtha
cover pic dho… mathee e thibee young couples.. left in furathama e thibee haizal and naina dhen mayaan and shaleen.. thireega ee adults.. left in furathama e inee rihana, azhaan, haila and alhaan.. dhen fade koh in girl akee shaadheen boy akee yazdhan.. hope you understood dear
eh bayaku madhu lai and shaleens brother
mi vaahaka up vey dhww ehn hurihaa vaahaka thakah vure kurin..
Mi paet kiyaahithun mi site belunu vareh neyge varah furihama varah reethi hama speechless dhen ammaaru ah varugadha bodieh dheebala maa fonivegen eyna eh ulheny dhiraa u r the best hama ????
im sorry dear.. maa lasvee dhw update… thank you so much dear.. mayaan gaathu bunanvee dhw ahmaaru ah bodieh dheyshey… eyna bahataa kudakoh fonivaane chance dheefa athukuran vaanee.. owwn thanks dear
Well no words to explain your talent.. keep it up dear.. it’s really really really impressive and amazing ??
thankss dear.. dont know how to express how happy im to happy those warm words
Can anyone tell me who is raihaan in this story?????
Dear raihaan akee ahmaaru ge dharifulhu.. one of the criminal who was hiding.. will know more from the upcoming eps
Alhe mi part ekani kiyaali myhakah ves raihaan igeyne
thanks dear.. raihaan ge role kudaveema neyngunee kanneynge
I love this.. Varah Reeth.. Thanko lheh lahun mikiyuny.. Still.. Varah Reethi❤️
thank you so much dear… lahun viyas kiyaaleema varah happy
kon raihaan eh??
Raihaan akee ahmaaruge dharifulhu
lava kiyaa raihaan
maldivian idol raihaan.. hehehe.. no sisto.. mi vaahakaiga ulhey raihaan lava eh nukiyaane hehehe
???????Thanks for the update…… When nxt part…..
And the stry is just obiness to the max??????????……….
Keep it up……….. Lots of love from your crazy fan………….. ???????????????????I wish I could see Haizal, mayaan, naina and shaleen????……… ??????????…… LUV U ❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????
my pleasure.. insha allah friday night ga… thankss dear… im so happy to hear that.. lots of luv to youu to Mrs:crazy.. hehehe.. dhw dhiraves varah dhekilaa hiyyvey e kudhinkolhu
Mi vaahakaige 74 vana bai hukuru dhuvahuge reyge vaguthehga up kohlaanan… hurihaa kiyuntherin ves inthizaaru kuraane kamah heekuran
Haaadha lahuney
sorry dear.. type kuran time beynunvaathee ehenve
Its OK Dhiraa take ur time….. # crazy……… LUV U……… ???????
thankss for understanding dear
Dhiraa ge First comment liyaairu vaahaka upload kohdheyne ireh liyedheeba, anyways story is fabulous ♥️?
thankss dear.. i will do it next time
Mihaaru mivaahaka up kurumaa liyumaaa varah varah faruvaa kudakan feel vey
Ehnve v v v v dhera vey
Aslu mee favorite vaahaka
?????????????????????????????????????????????????????????????
im so sorry dear.. avas aruvailaigen type kureema vaahaka ge touch gehleythee dhira time nagaigen type mi kuranee.. kurin avas kohlaafa in dhe ep ves dhira hiyy hama nujehigen edit kuran jehunee.. once again im sorry.. ekan ragalhu kohlaanan
??Dhiraa hukuru dhuvahu ge Rey upload konmehenves kohdheyn vaane ??#crazy…………. LUV U ❤️
insha allah i will
Mihaaru varah foohi mi story
dear foohivaa sababeh bunelihyaa dhiraa varah ufaavaane.. is it because of storyline or the delay in updating
Wow dhiraa mi part vex haadha reechey..????? mi story is the best story i ever read.. thanks for making my day colourful????????????????????????????????????????????????????????????????????????????????????????????????keep it up and best of luck for next part. Waiting…..
thankss dear… it means alot to me… your comments make my day more happy and more beautiful with so many colours… you can read the next part now
Wow vaahaka vvv reethi maashaa Allah????
thankss dear… vaahakaiga ulhey kuhjjeh dhw miulheny… hehehe
When is next part
you can read it now
Mirey ge kihaairaku up vaany vaahaka
dear mihaaru upvefa inee
Dhiraa!!! Kihaairaku up vaanyyy???? Curiously waiting…
dear… mihaaru upvefa inee
Dhiraa Kobaa vaahaka…………………..
dear mihaaru upvefa inee
Dhiraa….plx thankolheh avahah upload kohdhehcheyy…..
sorry dear… i tried my best but fudheyvarakah lahun mi vee
Dhira kihaa iraku up vaany
dear mihaaru upvefa inee
Kobaatha vaahaka dhoonyaa.. kihaairaku up vaanee. Adhi alah mivaahakayah comment mikuree. Evess shakuvaayaaeku.. hehe ekamaku vaahaka hadivegenehnun ingey. Inthizaaruge guitar hithuthrey maagina raagu kulheythee???
its okey dear… maa lasvee dhw.. sorry for that.. and thankss dear… varah ufaavehjje comment eh kohleema… dhen inthizaaruge guitar huhtaalaafa vaahaka kiyaalaa.. hehehehe
Kobaa hey next part .dhiraa akah trust eh nukurevey mihaaraku..up eh nukurevey dhw..you are so careless vaahaka kiyan ves varah foohi vey thihen hadhanyaa..
dear hama dhenme e upvee… sorry dear.. kithanme lasviyas bunaa dhuvahakah dhira up kuran.. evarah dhira ah trust kurahjjey… and once again im so sorry
Koba adhives up nuvey
dear mihaaru upvefa inee