އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ

- by - 14- August 13, 2019

ނަންފުޅާއި ނަސަބުފުޅު

އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންޙާއަކީ، ހިލާލުވަންހަގެ ބޭކަނބަލެކެވެ. ބައްޕާފުޅަކީ އެވަންހައިގެ ބޮޑެއްކަމުގައިވާ ޙާރިޘް ބިން ޙަޒްނެވެ. އޭނާއަކީ ވަރަށް ހެޔޮވިސްނިވަޑައިގަންނަވާ އިންޞާފަށް ލޯބިކުރައްވާ މީހެކެވެ. ޖާހިލިއްޔަ ޒަމާނުގައި އާދަޔަކަށް ހަދާފައިވަނީ އަންހެން ކުއްޖަކު ލިބިއްޖެނަމަ ދުނިޔޭގެ ލަދަށާއި ލިބިދާނެ ނިކަމެތިކަމަށް ބިރުން އެކުއްޖަކު މަރާލުމެވެ. ބިމުގެ ފަސްގަނޑު ދަށައްލައި ފޮރުވާލުމެވެ. ނަމަވެސް ޙާރިޘް ބިން ޙަޒްނު އެގޮތަކަށް ކަންތަކެއް ނުކުރައްވައެވެ. ނުހަނު ލޯތްބާއި އަޅާލުން ދެއްވައި އޭނާގެ ދަރިދަރިކަނބަލުން ތަރުބިއްޔަތު ކުރެއްވިއެވެ.

އައްސައްޔިދާ މައިމޫނާ ގެ މަންމާފުޅަކީ ޔަމަނުކަރައިގެ ޙިމްޔަރުވަންހައިގެ ބޭކަނބަލެކެވެ. ނަންފުޅަކީ، ހިންދު ބިންތު ޢައުފު ބިން ޒުހައިރު ބިން ޙާރިޘެވެ. ހިންދު ބިންތު ޢައުފަކީ، ތާރީޚުގެ ފަތްފުށްތަކުގައި ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯއްދަވާފައިވާ ބޭކަނބަލެކެވެ. ތާރީޚް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެކަމަނާއަށް ވުރެ ރަނގަޅު ދަނބިދަރިންތަކެއް ލިބިފައިވާ ދެވަނަ އަންހެނަކު އިންސާނީ ތާރީޚް ދެކެފައެއް ނުވެއެވެ.

އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންޙާ ރައްކައުވީ ރަސޫލާ صلّى اللّـه عليه وسلّم ނަބީކަމައިގެން ފޮނުއްވުމުގެ ސޯޅަވަރަކަށް އަހަރު ކުރީންނެވެ. މާތްވެގެންވާ މައްކާގައެވެ. އެކަމަނާ ރައްކާވުމުން އެކަމަނާގެ މަންމާފުޅާއި ބައްޕާފުޅު ދެއްވި ނަންފުޅަކީ ބައްރަތެވެ. އެކަމަނާއަށް މައިމޫނާ އޭ ވިދާޅުވެ ނަންފުޅު ދެއްވީ ރަސޫލާ صلّى اللّـه عليه وسلّم އެވެ. އެއީ، ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު އެކަމަނާއާ ކާވެނި ބައްލަވައިގެންނެވުމަށް ފަހުގައެވެ.

އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ ގެ ވަރަށް ގިނަ އުޚްތުން ތިއްބަވައެވެ. އެ އެންމެހައި ބޭކައުކަނބަލުންވެސް ކާވެނީގެ ގޮތުން ގުޅިވަޑައިގެން ތިއްބެވީ ނުހަނު ޤަދަރުވެރި ބޭފުޅުންނާއެވެ. އުއްމުލް ފަޟުލު (ލުބާބަތުލް ކުބްރާ) ރަޟިޔަﷲ ޢަންހާ އާ ކާވެނި ބައްލަވައިގެން އުޅުއްވީ ކައުސާހިބާ صلّى اللّـه عليه وسلّم ގެ ބޮޑުބޭބޭފުޅު ޢައްބާސް ބިން ޢަބްދުލް މުއްޠަލިބު ރަޟިޔަ ﷲ ޢަންހުއެވެ. އުއްމުލް ފަޟުލު ރަޟިޔަ ﷲ ޢަންހާ އަކީ އިސްލާމްދީނުގެ ވަރަށް ކުރީކޮޅުގައި ކައުސާހިބާގެ ނުބުއްވަތާއި ރިސާލަތަށް އީމާންވެވަޑައިގެން އިންނެވި ބޭކަނބަލެކެވެ. ސީރަތުގެ ވަރަށް ގިނަ ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވާ ގޮތުގައި އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަﷲ ޢަންހާ އަށްފަހު ދެވަނައަށް އިސްލާމްވެވަޑައިގެނެވުމުގެ ޝަރަފު ހާސިލު ކުރެއްވި އަންހެން ބޭފުޅަކީ އުއްމުލް ފަޟުލު ރަޟިޔަ ﷲ ޢަންހާއެވެ.

އިސްލާމްދީނުގެ މަތިވެރި ކޮމާންޑަރު ސައިފުﷲ ޚާލިދު ބިން ވަލީދު ރަޟިޔަﷲ ޢަންހުގެ ގެ މައިކަނބަލުން ލުބާބަތުއް ޞުޣުރީ ބިންތު ޙާރިޘަކީ، ވެސް އައްސައްޔިދާ މައިމޫނާގެ އެއްބަނޑު އެއްބައްޕާފުޅު އުޚްތެކެވެ. ލުބާބަތުއް ޞުޣުރީ އަކީ މައްކާގެ ބޮޑުންގެ ތެރޭގައި ހިމެނޭ ވަލީދު ބިން މުޣީރަތުގެ އަނބިކަނބަލުންނެވެ.

އަސްމާ ބިންތު ޢުމައިސް ރަޟިޔަ ﷲ ޢަންހާއަކީ އައްސައްޔިދާ މައިމޫނާ ގެ އެއްބަނޑު އުޚްތެކެވެ. އެކަމަނާ ކާވެނި ބައްލަވައިގެން އިންނެވީ ކައުސާހިބާގެ ބޮޑުބޭބޭފުޅު އަބޫ ޠާލިބުގެފާނުގެ ދަރިކަލުން ޖަޢުފަރުގެފާނާއެވެ. ހިޖުރައިން ނުވަވަނަ އަހަރު ކުރެވުނު މުޢުތާ ހަނގުރާމައިގައި ޖަޢުފަރުއް ޠައްޔާރު ރަޟިޔަ ﷲ ޢަންހު ޝަހީދުވެވަޑައިގެންނެވިއެވެ. އޭގެ އަސްމާ ބިންތު ޢުމައިސް ރަޟިޔަ ﷲ ޢަންހާ އާ ކާވެނި ބައްލަވައިގެންނެވީ މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫ ބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހުއެވެ. ހިޖުރައިން 13 ވަނަ އަހަރުގެ ތެރޭގައި އެކަލޭގެފާނު ފުރައުއްތަވެވަޑައިގެންނެވުމުން އައްސައްޔިދާ އަސްމާއާ އާ ދެން ކާވެނި ބައްލަވައިގެންނެވީ ހަތަރުވަނަ ޚަލީފާ ޢަލީ ބިން އަބީ ޠާލިބު ރަޟިޔަﷲ ޢަންހުއެވެ.

ސަލްމާ ބިންތު ޢުމައިސް ރަޟިޔަﷲ އަންހާއަކީ އަކީ އައްސައްޔިދާ މައިމޫނާގެ އެއްބަނޑު އުޚްތެކެވެ. އެކަމަނާ ކާވެނި ބައްލަވައިގެން އިންނެވީ ސައްޔިދުއް ޝުހަދާޢު ޙަމްޒާ ބިން ޢަބްދުލް މުއްޠަލިބު ރަޟިޔަﷲ ޢަންހުއާއެވެ.

އިތުރު ސާހިބާ ހިޖުރައިން އެއްތިރީސްވަނަ މައްސަރު ކާވެނި ބައްލަވައިގެންނެވި، ޒައިނަބު ބިންތި ޚުޒައިމާ ރަޟިޔަﷲ ޢަންހާއަކީވެސް އައްސައްޔިދާ މައިމޫނާގެ އެއްބަނޑު އުޚްތެކެވެ. އެމާތް ދެކަނބަލުންގެ ކާވެނިފުޅަށް އަށެއްކަ މަސްދުވަސްވީތަނާ އުއްމުލް މުއުމިނީން ޒައިނަބު ބިންތި ޚުޒައިމާ ފުރައުއްތަވެއްޖެއެވެ.

އެންމެ ހެޔޮ ރަނގަޅު ދަނބިދަރިތަކެއް ލިބިވަޑައިގެންނެވި އަންހެނާގެ ގޮތުގައި ތާރީޚުގެ އެދުރުން ހިންދު ބިންތި ޢައުފު ސިފަ ކުރައްވާފައިވަނީ މިދެންނެވި ސަބަބުތަކަށް ޓަކައެވެ. މި އުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم ވެސް ދެފަހަރެއްގެ މަތިން އެކަމަނާގެ ދަނބިދަރިކަލެއް ކަމުގައި ވެވަޑައިގެންފައިވެއެވެ.

އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާއަށް ބޮޑުދައިތަ ވިދާޅުވާ ބޭފުޅުންގެ ތެރޭގައިވެސް ދަރަޖަ މަތިވެރި ޞަޙާބީ ބޭކަލުން ހިމެނިވަޑައިގެންފައިވެއެވެ. އޭގެ ތެރޭގައި މުސްލިމުންނަށް އެތައް ނަޞްރަކާއި ފަތަޙައެއް ހޯއްދަވައި ދެއްވި ޖެނަރަލު ޚާލިދު ބިން ވަލީދު ރަޟިޔަﷲ ޢަންހު ހިމެނި ވަޑައިގަންނަވައެވެ. މުސްލިމު އުއްމަތުގެ ޙިބުރު ނުވަތަ ތަރުޖަމާނުލް ޤުރުއާނުގެ ލަޤަބުފުޅުން މަޝްހޫރުވެވަޑައިގެންފައިވާ ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުއަކީވެސް އައްސައްޔިދާ މައިމޫނާއަށް ބޮޑުދައިތަ ވިދާޅުވާ ބޭފުޅެކެވެ.

ކުރީގެ ދިރިއުޅުއްވުން

އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ އާ އެންމެ ފުރަތަމަ ކާވެނިފުޅު ބެއްލެވީ ޘަޤީފުވަންހައިގެ ބޮޑެއްކަމުގައިވާ މަސްޢޫދު ބިން ޢަމްރޫ ބިން ޢުމައިރު އައްޘަޤަފީއެވެ. މާގިނަ ދުވަސްތަކެއްނުވެ، އޭނާ އެކަމަނާ ވަރިކުރައްވައިފިއެވެ.

ދެން، އައްސައްޔިދާ މައިމޫނާ އާ ކާވެނިބައްލަވައިގެންނެވީ ޢާމިރު ބިން ލުއައްޔުވަންހައިގެ ޒުވާނެއްކަމުގައިވާ އަބޫ ރުހުމް ބިން ޢަބްދުލް ޢުއްޒާއެވެ. އޭގެ ދެކަނބަލުން ކާވެނީގެ ގޮތުން ގުޅިވަޑައިގެން ނުހަނު އުފާފާގަތިކަމުގައި ދިރިއުޅުއްވަމުން ވަޑައިގަންނަވަނިކޮށް އަބޫ ރުހުމް ބިން ޢަބްދުލް ޢުއްޒާ އަވަހާރަވެއްޖެއެވެ. އެހެންކަމުން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ ވަރަށް ޒުވާން ޢުމުރުފުޅެއްގައި ހުވަފަތްވެވަޑައިގެންފިއެވެ.

ނަބިއްޔާ، އައްސައްޔިދާ މައިމޫނާ އާ ކާވެނިބެއްލެވުން

ހިޖުރައިން ހަވަނަ އަހަރުގެ ތެރޭގައި ނަބިއްޔާ صلّى اللّـه عليه وسلّم އަށް ވަރަށް ބަރަކާތްތެރި ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް ފެނިވަޑައިގެންނެވީ، އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނާއެކު މައްކާއަށް އަރާވަޑައިގެން ޢުމްރާގެ އަޅުކަން އަދާކުރައްވާ މަންޒަރެވެ. އޭގެ ތެރެއިން ބައެއް ބޭކަލުންގެ އިސްތަށިފުޅު ތުރުކުރައްވައި އަނެއްބައި ބޭކަލުންގެ އިސްތަށިފުޅުން ބައެއް ކަނޑުއްވާފައިވާ މަންޒަރެވެ.

މާތް ނަބިއްޔާ އެކަލޭގެފާނަށް މި ފެނިވަޑައިގެންނެވި ބަރަކާތްތެރި ހުވަފެންފުޅުގެ ޚަބަރު އެކަލޭގެފާނުގެ ޞަޙާބީ ބޭކަލުންނަށް ދެއްވިއެވެ. އެބޭކަލުން އެކަމާ ވަރަށް އުފާފުޅު ކުރެއްވިއެވެ. އެބޭކަލުންގެ މަޝްވަރާގެ މަތިން އިތުރު ސާހިބާ މައްކާއަށް ޢުމްރާވެވަޑައިގެންނެވުމަށްޓަކައި ދަތުރުފުޅު ފެއްޓެވިއެވެ. އެކަލޭގެފާނާއެކު ފަނަރަ ސަތޭކައެއްހާ ޞަޙާބީބޭކަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މައްކާގެ މުޝްރިކުންނަށް މި ޚަބަރު ލިބުމުން، ކައުސާހިބާއާއި އެކަލޭގެފާނުގެ އަޞްހާބުން މައްކާއަށް އެރިޔަ ނުދިމުނަށްޓކައި ހަނގުރާމައިގެ ހަތިޔާރާއެކު ނުކުމެގެންފިއެވެ. މައްކާގެ ޙުރުމަތްތެރި ބިމުގައި ލޭއޮހޮރުވިޔަ ނުދެއްވުމަށްޓަކައި އިތުރު އެކަލޭގެފާނު މައްކާގެ މުޝްރިކުންނާއެކު ޞުލްހަނާމާއެއް ލިޔުއްވުމަށް ނިންމެވިއެވެ. އެ ޞުލްހަނާމާ ނުވަތަ އެގްރިމެންޓްގައި މައިގަނޑު ހަތަރު ޝަރުތެއް ފާހަގަ ކުރެވިފައިވެއެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ޝަރުތަކީ، މުސްލިމުން މިއަހަރު ޢުމްރާގެ އަޅުކަން އަދާނުކޮށް އެނބުރި މަދީނާއަށް ދިޔުމެވެ. އަންނަ އަހަރު އިތުރު ސާހިބާ އާއި އަޞްޙާބުން ވަޑައިގެން ތިން އަހަރުދުވަހުގެ ތެރޭގައި ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރައްވައި ފުރިހަމަ ކުރެއްވުމަށެވެ. ކޮންމެއަކަސް މައްކާގެ މުޝްރިކުންގެ ޝަރުތުތައް ޤަބޫލު ކުރައްވައި ރަސޫލާ صلّى اللّـه عليه وسلّم އެނބުރި މަދީނާއަށް ވަޑައިގެންނެވިއެވެ.

ހިޖްރައިން ހަތްވަނައަހަރު މުސްލިމުންނާއެކު ކައުސާހިބާ صلّى اللّـه عليه وسلّم ޢުމްރަތުލްޤަޟާއަށް މައްކާއަށް ވަޑައިގެންނެވިއެވެ. މައްކާގެ މުޝްރިކުންގެ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ތިންދުވަހު މައްކާގައި މަޑުކުރައްވައި ޢުމްރާގެ އަޅުކަން އަދާ ކުރެއްވުމަށްޓަކައެވެ.

ކުރިވެސް ދެންނެވިފައިވާނޭ ފަދައިން އޭރު އައްސައްޔިދާ މައިމޫނާ އިންނެވީ ހުވަފަތްވެވަޑައިގެންފައެވެ. އެކަމަނާ ދިރިއުޅުއްވަމުން ގެންދެވީ އެކަމަނާގެ ދައިތާފުޅު އައްސައްޔިދާ އުއްމުލް ފަޟުލު ރަޟިޔަﷲ ޢަންހާގެ ގެކޮޅުގައެވެ. އެކަމަނާ ހިތްޕުޅުގެ އަޑިން އެދިވަޑައިގަންނަވަމުން ގެންދެވީ ރަސޫލާ صلّى اللّـه عليه وسلّم އާ ކާވެނިބައްލަވައިގެން މި އުއްމަތުގެ މުއުމިނުންގެ މައިކަނބަލަކަށް ވެވަޑައިގެންނެމަށެވެ. އެހެންކަމުން އެކަމަނާގެ ހިތްޕުޅުގެ އެދުންފުޅުގެ ވާހަކަ އެކަމަނާގެ އުޚްތުންގެ އަރިހުގައި ވިދާޅުވެ ދެއްވިއެވެ.

އައްސައްޔިދާ މައިމޫނާ ގެ އެދުންފުޅަކީ، ތައިމުވަންހަޔަށާއި، އަދިއްޔުވަންހަޔަށާއި، އުމައްޔަތުވަންހަޔަށާއި، މަޚްޒޫމުވަންހަޔަށާއި، އަސަދުވަންހަޔަށާއި، މުސްޠަލިޤުވަންހައިގެ މީސްތަކުންފަދައިން ކާވެނީގެ ގޮތުން ބަނޫ ހިލާލުވަންހަ އާ ކައުސާހިބާ އާ ގުޅުން ބަދަހިކުރެއްވުމެވެ. އައްސައްޔިދާ އުއްމުލް ފަޟުލު ރަޟިޔަﷲ ޢަންހާ، އައްސައްޔިދާ މައިމޫނާގެ ހިތްޕުޅުގެ އަޑީގެ އެދިވަޑައިގެންނެވުމުގެ ވާހަކަ، އެކަމަނާގެ ފިރިކަލުން ޢައްބާސް ބިން ޢަބްދުލް މުއްޠަލިބު ރަޟިޔަ ﷲ ޢަންހު ގެ އަރިހުގައި ވިދާޅުވެދެއްވިއެވެ.

ޢައްބާސް ބިން ޢަބްދުލް މުއްޠަލިބު ރަޟިޔަ ﷲ ޢަންހު، މިވާހަކަ ކައުސާހިބާ صلّى اللّـه عليه وسلّم އަރިހުގައި ނުހަނު އަދަބުވެރިކަމާއެކު ދެންނެވިއެވެ. ކައުސާހިބާ، އެކަމަނާގެ އެދިވަޑައިގަތުން ޤަބޫލުފުޅު ކުރައްވައި އެކަމަނާއާ ކާވެނި ބައްލަވައި ގެންނެވުމަށް ނިންމެވިއެވެ. ކާވެނިފުޅުގެ ކަންތައްތައް ހަމަޖެއްސެވުމަށް ޖަޢުފަރުއް ޠައްޔާރު ރަޟިޔަ ﷲ ޢަންހު އާ ޙަވާލުކުރެއްވިއެވެ. އައްސައްޔިދާ މައިމޫނާ ގެ ފަރާތްޕުޅުން ވަލީވެރިއަކަށް އައްޔަންކުރެއްވީ ޢައްބާސް ބިން ޢަބްދުލް މުއްޠަލިބު ރަޟިޔަ ﷲ ޢަންހު، އެވެ.

ކާވެނިފުޅެއް ކުރައްވައިފިނަމަ، އެކަން މީސްތަކުންނަށް އަންގަވައި ވަލީމާއެއް ދެއްވުމަކީ ރަސޫލުންނާއި ނަބީބޭކަލުންގެ ސުންނަތެކެވެ. މުސްލިމުންގެ މައްޗަށްވެސް ގަދަވެގެންވާ ސުންނަތެއްމެއެވެ. އެހެންކަމުން ކައުސާހިބާ صلّى اللّـه عليه وسلّم ވެސް، އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ އާ ކާވެނި ބައްލަވައިގެން، މައްކާގެ ޤުރައިޝުންނަށް ނުހަނު ވަރުގަދަ ވަލީމާއެއް ދެއްވުމަށް ޤަޞްދުކުރެއްވިއެވެ.
ނަމަވެސް، ހިޖުރައިން ހަވަނަ އަހަރުގެ ތެރޭގައި މުސްލިމުންނާއި މައްކާގެ ޤުރައިޝުންނާއި ދެމެދުގައި ވެފައިވާ އެއްބަސްވުމުގައިވަނީ ކައުސާހިބާއާ މުސްލިމުން މައްކާގައި ތިބެންޖެހޭނީ ތިން ދުވަހުގެ މުއްދަތުގައި ކަމުގައެވެ. އެއްއަށްވުރެ ގިނަ ދުވަސްވަންދެން މައްކާގައި މަޑުކޮށްގެން ނުވާނެ ކަމުގައެވެ.
އެހެންކަމުން، ކައުއިތުރު ރަސޫލާ މުޙައްމަދު صلّى اللّـه عليه وسلّم މައްކާގައި ހުންނަވާތާ ހަތަރު ވަނައަށް ވީދުވަހު މައްކާގެ މުޝްރިކުން ފޮނުވައިގެން މުޝްރިކުންގެ ޖަމާއަތަކާއިގެން ޙުވައިޠިބު ބިން ޢަބްދުލް ޢުއްޒާ އައިސް، ކައުސާހިބާ އާއި މުސްލިމުން މައްކާއިން އެނބުރި މަދީނާއަށް ވަޑައިގެންނެވުމަށް ދަންނަވައިފިއެވެ. ކައުސާހިބާ صلّى اللّـه عليه وسلّم، އެބައިމީހުންނާއެކު ވެފައިވާ މުޢާހަދާއަށް ޙުރުމަތްތެރިކޮށް ހިއްތެވުމުގެ ގޮތުން މައްކާއިން ފައިބައިވަޑައިގެންނެވިއެވެ. މައްކާއިން ނުކުމެވަޑައިގެން ދަތުރުފުޅު ކުރައްވައި ވަޑައިގެން ސަރިފު އޭ ކިޔުނު މަންޒިލުގައި ފޭލިގެ ޖެއްސެވިއެވެ. އެތަނަކީ މައްކާއިން ދިހަ މޭލު ދުރުގައި އޮންނަ މަންޒިލެކެވެ.

އިތުރު އެކަލޭގެފާނު ސަރިފުގައި ހުންނަވަނިކޮށް، އެކަލޭގެފާނުގެ ޚާދިމު އަބޫ ރާފިޢު ރަޟިޔަﷲ ޢަންހު ، އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ ޖަމަލަކަށް ސަވާރުކުރައްވައިގެން ގެންނަވައި ކައުސާހިބާއާ ޙަވާލުކުރެއްވިއެވެ. އެ ދެކަނބަލުންގެ ކާވެނިފުޅުގެ އެންމެހައި ކަންތައްތަކެއް ކުރިއަށް ދިޔައީ ސަރިފުގައެވެ.

ވަރަށް ގިނަ ޢިލްމުވެރިން ވިދާޅުވާގޮތުގައި، އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ އަކީ އިތުރު ސާހިބާއަށް އެކަމަނާގެ ނަފްސު ހިބަކުރެއްވި ބޭކަނބަލެކެވެ. އެހެނީ ކައުސާހިބާ އެކަމަނާއާ ކާވެނި ބައްލަވައިގަތީ އެކަމަނާގެ ފަރާތްޕުޅުން ލިބިވަޑައިގެން ޢިޝާރަތެއްގެ ސަބަބުންނެވެ.

ކައުސާހިބާގެ އަރިހުގައި

ރަސޫލާ صلّى اللّـه عليه وسلّم، ޢުމްރަތުލް ޤަޟާއިން އެނބުރި މަދީނައަށް ވަޑައިގެން އެކަލޭގެފާނުގެ މިސްކިތްކޮޅު ކައިރީގައި އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ އަށް ކޮޓަރިކޮޅެއް ބިނާކޮށް ދެއްވިއެވެ. އެކަމަނާގެ ކޮޓަރިކޮޅަކީ، މި އުއްމަތުގެ އުއްމުލް މުއުމިނީނަކަށްޓަކައި އެންމެ ފަހުން ބިނާކުރެވުނު ކޮޓަރިކޮޅެވެ. ރަސޫލާ صلّى اللّـه عليه وسلّم، އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ އާ ކާވެނި ބައްލަވައިގެންނެވި އިރު އެކަލޭގެފާނުގެ އިތުރު އެހެން އަށް އަނބިއަނބިކަނބަލުން ތިއްބެވިއެވެ.

އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ އަކީ ވަރަށް އަޅުވެރި ތަޤްވާވެރި ބޭކަނބަލެކެވެ. އަޅުކަމެއް ކުރައްވާއިރު އެއަޅުކަމުގެ ފުރިހަމަ ޘަވާބާއި ދަރުމަ ޙާޞިލުވާނެ ގޮތުގައި އެއަޅުކަމެއް ކުރައްވަން ޝައުޤުވެރިވެވަޑައިގަންނަވާ ބޭކަނބަލެކެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ އާދަވެގެން ނަމާދުފުޅު ކުރައްވަނީ މަސްޖިދުއްނަބަވީގައެވެ. އެހެނީ، އެހެން މިސްކިތެއްގައި ކުރާ އެއްހާސް ނަމާދުގެ ޘަވާބާއި ދަރުމަ، މަސްޖިދުއްނަބަވީގައި ކުރާ އެއް ނަމާދުން ލިބޭނެކަމަށް ރަސޫލާ صلّى اللّـه عليه وسلّم، ޙަދީޘް ކުރައްވާފައި ވާތީއެވެ.

އެއްފަހަރަކު އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ، އެކަމަނާގެ އަޅު އަންހެންކުއްޖަކު މާތް ﷲ ގެ ވަޖުހުފުޅަށްޓަކައި މިނިވަން ކުރެއްވިއެވެ. ކައުސާހިބާ صلّى اللّـه عليه وسلّم، އެކަމަނާގެ އަރިހުގައި ހުންނަވާ ދުވަސް އައުމުން އެކަމަނާ އިތުރު ސާހިބާގެ އަރިހުގައި އެވާހަކަ ވިދާޅުވިއެވެ. އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “ކަމަނާ އެ އަޅުއަންހެން ކުއްޖާ، ކަމަނާގެ މައިފުށުގެ ބޮޑުބޭބެއިންގެ ތެރެއިން ބޭފުޅަކަށް ދެއްވިނަމަ މާގިނަ ޘަވާބާއި ދަރުމަ ލިބިއްޖައީހެވެ.”

އެއްދުވަހަކު އިތުރު ސާހިބާ صلّى اللّـه عليه وسلّم، އަށް އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ ގެ ގެކޮޅުގެ ކައިރިން މަރުވެފައި އޮތް ބަކަރިއެއް ފެނިވަޑައިގެންނެވިއެވެ. އެބަކަރިއަކީ އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ ގެ އަޅުއަންހެން ކުއްޖަކަށް ކޮންމެވެސް މީހަކު ޞަދަޤާތުގެ ގޮތުގައި ދީފައިވާ އެއްޗެކެވެ. އެ ބަކަރި ފެނިވަޑައިގެން އިތުރު އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. “ތިޔަބައިމީހުން އެބަކަރީގެ ހަން ދިބާޢުކޮށްގެން ބޭނުން ނުކުރީ ކީއްވެގެން ހެއްޔެވެ؟” އެކަލޭގެފާނަށް ދެންނެވުނެވެ. “އެ ބަކަރި މަރުވެފައިވަނީ ޠަބީޢީ މަރަކުންނެވެ. އެއީ މުޅަ އެއްޗެއް ނޫންތޯއެވެ؟” ޙަދީޘު ކުރެއްވިއެވެ. “ޙަރާމްވަނީ މުޅަތެކެތީގެ މަސްކެއުމެވެ. އެތަކެތީގެ ހަން ދިބާޢު ކުރުން ޙަރާމެއް ނުވާނެއެވެ.”

އުއްމު ޙުފައިދު ބިންތު އަލްޙާރިޘަކީ، އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ ގެ އެއް ބައްޕާފުޅު އުޚްތެކެވެ. އެކަމަނާ ކާވެނި ބައްލަވައިގެން އުޅުއްވީ ބަނީ ޖަޢުފަރު ވަންހަޔަށް ނިސްބަތްވާ ބޭކަލަކާއެވެ. އެއްފަހަރު އެކަމަނާ، އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ އަށް ފިހެފައިވާ ޟައްބުގެ މަސް ވެދުމަށް އެރުވިއެވެ. އެއީ އެކަމަނާ ނަޖުދުން ގެންނެވި އެއްޗެކެވެ. ކައުސާހިބާ އާއި ޚާލިދު ބިން ވަލީދު ރަޟިޔަﷲ ޢަންހު، އައްސައްޔިދާ މައިމޫނާ ގެ އަރިހަށް ވަޑައިގެންނެވުމުން ޟައްބުގެ މަސް ފަރީކުޅުއްވުމަށް އެކަމަނާ އޭގެ ދެކަލުންނަށް ދެއްވިއެވެ. ޟައްބުގެ މަހަކީ ކައުއިތުރު ރަސޫލާއަށް އެހާ ފަރިތަފުޅު މަހެއްނޫނެވެ. އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުން އާދަވެގެން ކާބާވަތެއް ނޫނެވެ. ކައުސާހިބާއަކީ، އެކަލޭގެފާނު އާދަވެގެން ފަރީއްކުޅުއްވާ ބާވަތްތައް ފިޔަވައި އެހެން ތަކެތި ފަރިއްކުޅުއްވާ ބޭކަލެއް ނޫނެވެ. އެފަދައެއްޗެއް ފަރިއްކުޅުއްވިޔަސް މަދުފަހަރަކު މެނުވީ ފަރީއްނުކުޅުއްވައެވެ.

ނަމަވެސް، އެފަހަރު އެކަލޭގެފާނު ޟައްބުގެ މަސް ފަރީއްކުޅުއްވުމަށް އެތަކެއްޗާ ދިމާއަށް އަތްޕުޅު ދިއްކޮށްލެއްވިއެވެ. އެހިނދު އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ
އެކަލޭގެފާނަށް އެއީ ޟައްބުގެ މަސްކަމުގައި ދެންނެވިއެވެ. ވަގުތުން އެކަލޭގެފާނުގެ އަތްޕުޅު ދަންމަވައިގެންނެވިއެވެ. ޚާލިދު ބިން ވަލީދު ރަޟިޔަﷲ ޢަންހު ދެންނެވިއެވެ. “ޟައްބުގެ މަހަކީ ޙަރާމް އެއްޗެއްތޯއެވެ؟” ޙަދީޘު ކުރެއްވިއެވެ. “ނޫނެކެވެ. އެކަމަކު އެއީ ތިމަންކަލޭގެފާނުގެ ޤައުމުގެ މީސްތަކުން ކައިއުޅޭ އެއްޗެއް ނޫނެވެ. އެހެންކަމުން ތިމަންކަލޭގެފާނު އެތަކެތި ކާހިތްނުވީއެވެ”

ޚާލިދު ބިން ވަލީދު ރަޟިޔަﷲ ޢަންހު އެކަލޭގެފާނާއި ކައިރި ފަރާތުން ޟައްބުގެ މަސް ނައްޓުވައިގެން ފަރިއްކުޅުއްވިއެވެ.އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ ވެސް އެތަކެތި ފަރިއްކުޅުއްވުމުން އެއްކިބާވެވަޑައިގެންނެވިއެވެ. އެކަމަނާ ވިދާޅުވިއެވެ. “ކައުސާހިބާ ފަރީނުކުޅުއްވާ އެއްޗެއް އަޅުގަނޑުވެސް ނުކާނަމެވެ. އަޅުގަނޑު ކާނީ އިތުރު ސާހިބާ ފަރީއްކުޅުއްވާ އެއްޗެކެވެ.”

ކައުސާހިބާ صلّى اللّـه عليه وسلّم، އެއް ދުވަހެއްގެ ހެނދުނުގެ ވަގުތެއްގައި އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ ގެ ގެކޮޅަށް ފައިންޕުޅު ބީއްސެވިއެވެ. އޭރު އެކަލޭގެފާނުގެ މާތް މޫނުފުޅުން ހިތާމެވެރިކަމާއި މޮޅިފުޅުވުމުގެ އަސަރުތައް ފާޅުވޭވެ ހުއްޓެވެ. أمّ المؤمنين ސުވާލުކުރެއްވިއެވެ. “ކަލޭގެފާނުގެ މޫނުފުޅުން ނުތަނަވަސްކަމުގެ އަސަރު ތިމަން ކަމަނާއަށް އެބަފެނެއެވެ.” އިތުރު ސާހިބާ ޙަދީޘު ކުރެއްވިއެވެ. “ތިމަންކަލޭގެފާނާ ބައްދަލުކުރެއްވުމަށް ޖިބްރީލުގެފާނު ވަނީ ވަޢުދުވެވަޑައިގެންފައެވެ. ނަމަވެސް އެކަލޭގެފާނުގެ އެއްވެސް އިޝާރަތެއް ނުވެއެވެ. ޖިބްރީލުގެފާނަކީ އެކަލޭގެފާނު ވެވަޑައިގަންނަވާ ވަޢުދާ ޚިލާފުވެވަޑައިގަންނަވާ ބޭކަލެއް ނޫނެވެ.”

އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. ރަސޫލާ އެދުވަސް ހޭދަކުރެއްވީ ޖިބްރީލުގެފާނު ވަޑައިނުގަންނަވާތީ އެކަމުގެ ހިތާމަފުޅުގައެވެ. އެހެން އުޅުއްވަނިކޮށް ކައުސާހިބާއަށް ގެކޮޅުގެ ތެރެއިން މަރުވެފައި އޮތް ކުޑަ ކުއްތާއެއް ފެނިވަޑައިގެންނެވިއެވެ. ދެން މީހަކަށް އަމުރު ކުރައްވައިގެން އޭތި އެތަނުން ނަންގަވައި ބޭރަށް އެއްލައިލެވުނެވެ. އަދި އެކަލޭގެފާނުގެ އަތްޕުޅުން ފެންނަންގަވައި އޭތި އޮތްތަނަށް ފެންވިސަވައިލެއްވިއެވެ.

އެދުވަހުގެ ހަވީރުގެ ވަގުތެއްގައި ޖިބްރީލުގެފާނު އެކަލޭގެފާނުގެ އަރިހަށް ވަޑައިގެންފިއެވެ. ކައުސާހިބާ އެކަލޭގެފާނުގެ އަރިހުގައި ކުރިންރޭ ވަޑައިނުގެންނެވުމުން އެކަމުގެ ޝަކުވާ ދެންނެވިއެވެ. ޖިބްރީލުގެފާނު ވިދާޅުވިއެވެ. “ތިޔަ ވިދާޅުވި ފަދައިން ތިމަންކަލޭގެފާނު، ކަލޭގެފާނުގެ އަރިހަށް ވަޑައިގެންނެވުމަށް ވަޢުދުވެވަޑައިގެންނެވީމުއެވެ. ނަމަވެސް ތިމަންމެން މަލާއިކަތް ބޭކަލުން ކުއްތާގެ ސޫރަ ހުންނަތަންތަނަށް ވަދެވަޑައިގެން ނޫޅުއްވަމުއެވެ.”

ވަފުދުތަކުގެ އަހަރު މަދީނާއަށް އައި ވަފުދުތަކުގެ ތެރޭގައި އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ ގެ ވަންހަފުޅުކަމުގައިވާ ހިލާލުވަންހައިގެ ވަފުދުވެސް ހިމެނުނެވެ. އެ ވަފުދުގައި އެކަމަނާގެ އެއްބަނޑު އެއްބައްޕާފުޅު އުޚްތެއްކަމުގައިވާ ޢައްޒަތު ބިންތު އަލްޙާރިޘްގެ ދަރިކަލުން ޒިޔާދު ބިން ޢަބްދު ﷲ ބިން މާލިކު ވެސް މަދީނާއަށް ވަޑައިގެންނެވިއެވެ. ޒިޔާދު މަދީނާއަށް ވަޑައިގެންފައި އެކަލޭގެފާނުގެ ބޮޑުދައިތާފުޅު ދެކެވަޑައިގަތުމަށްޓަކައި އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ ގެ ގެކޮޅަށް ވަޑައިގެންނެވިއެވެ.

ކައުސާހިބާ صلّى اللّـه عليه وسلّم އޭރު ވަޑައިގެންވީ ބޭރުގައެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު އެގެކޮޅަށް ވަޑައިގެންނެވިއިރު އެގެކޮޅުގައި ބޭރުމީހަކު އިންދައި ދެކެވަޑައިގެންނެވިއެވެ. އެވަގުތު ކައުއިތުރު ސާހިބާގެ މޫނުފުޅުމަތީން ހިތްޕުޅާ ނުވުމުގެ އަސަރު ފާޅުކުރައްވައި އެގެކޮޅުން ނިކުމެވަޑައިގެންނެވިއެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ އަށް އެކަން އެނގިވަޑައިގެން އިތުރު ސާހިބާގެ އަރިހަށްވަޑައިގެން ވިދާޅުވިއެވެ.

“އޭ މާތް اللّـه ގެ رسول އާއެވެ! މިއީ އަޅުގަނޑަށް ބޮޑުދައިތަކިޔާ ކުއްޖެކެވެ. މީނާގެ މަންމައަކީ އަޅުގަނޑުގެ އުޚުތެކެވެ.”

ކައު ސާހިބާ صلّى اللّـه عليه وسلّم އަށް، أمّ المؤمنين ގެ ވާހަކަފުޅު އަޑުއިވިވަޑައިގަތުމުން އެގެކޮޅަށް ވަދެވަޑައިގެންނެވިއެވެ. އެއަށްފަހު ޒިޔާދު ބިން ޢަބްދު ﷲ ބިން މާލިކާއެކު އެދުވަހުގެ މެންދުރު ނަމާދަށް ވަޑައިގެންނެވިއެވެ. ނަމާދުފުޅުން އަވަދިވެވަޑައިގެން ޒިޔާދަށް ރަޙްމަތާއި ބަރަކާތްލެއްވުން އެދިވަޑައިގެން ހެޔޮދުޢާފުޅު ކޮށްދެއްވިއެވެ. ކައުސާހިބާގެ ދުޢާފުޅުގެ ބަރަކާތުން ޒިޔާދު ގެ މޫނުފުޅުން އަބަދުވެސް އަލިކަމާއި އުޖާލާކަން ފާޅުވޭވޭ ހުރެއެވެ. ބަނޫ ހިލާލުވަންހައިގެ މީސްތަކުން ބުނެއުޅެއެވެ. “އަހަރެމެންނަށް އަބަދުވެސް ޒިޔާދު ގެ މޫނުފުޅުން އަލިކަމާއި އުޖާލާކަން ފެނެއެވެ.”

ޙައްޖަތުލް ވަދާޢުގައި ބައިވެރިވެވަޑައިގެންނެވުން

ކައުސާހިބާ صلّى اللّـه عليه وسلّم ހިޖުރައިން ދިހަވަނަ އަހަރު ޙައްޖުވެވަޑައި ގެންނެވުމަށަޓަކައި މައްކާއަށް ވަޑައިގެންނެވިއެވެ. އިސްލާމީ ތާރީޚުގައި އެ ޙައްޖު މަޝްހޫރުވެފައި ވަނީ ޙައްޖަތުލް ވަދާޢުގެ ނަމުންނެވެ. އެދަތުރުފުޅުގައި މުސްލިމުންގެ ތެރެއިން އެތައްހާސް ބޭކައުކަނބަލުންނެއް ބައިވެރިވެވަޑައިގެންނެވިއެވެ. ކައުސާހިބާގެ އަނބިއަނބިކަނބަލުންނާއެކު أއުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ ވެސް އެދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ޙައްޖުގެ ޢަރަފާތް ދުވަހު ކީރިތި ރަސޫލާ މުޙައްމަދު صلّى اللّـه عليه وسلّم، ހުންނެވީ ރޯދަފުޅަށްކަން ނުވަތަ ނޫންކަމާއި މެދު މީސްތަކުންގެ މެދުގައި ދެބަސްވުމެއް އުފެދުނެވެ. ބައެއް ޞަޙަބީ ބޭކަލުން ވިދާޅުވަމުން ގެންދެވީ އިތުރު ސާހިބާ ހުންނެވީ ރޯދަފުޅަށް ކަމުގައެވެ. އަނެއްބައި ބޭކަލުން ވިދާޅުވަމުން ގެންދެވީ އެކަލޭގެފާނު ރޯދަފުޅެއް ނޫންކަމުގައެވެ. މީސްތަކުންގެ މިވާހަކަތައް އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ އަށް އެނގިވަޑައިގެންނެވުމުން އިތުރު އެކަލޭގެފާނަށް އެކަމަނާ ކިރުތަށި ކޮޅެއް ފޮނުއްވިއެވެ. އެހިނދު އެކަލޭގެފާނު އެ ކިރުތަށި ކޮޅު ހިއްޕެވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم، ގެ މި ޢަމަލުފުޅުން ޢަރަފާތްދުވަހު ޙައްޖުވެރިން ފިޔަވައި އެހެން މީސްތަކުން ރޯދަ ހިފުމަކީ ގަދަވެގެންވާ ސުންނަތެއްކަން ހާމަވެގެން ދިޔައެވެ.

ކީރިތި ރަސޫލާ صلّى اللّـه عليه وسلّم، ޙައްޖަތުލް ވަދާޢުން އެނބުރި ވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކަލޭގެފާނަށް ސުވަރުގެވަޑައިގެންވުމުގެ އާލާސްކަންފުޅު ފެށިއްޖެއެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝަތުއް ޞިއްދީޤާ ރަޟިޔަ ﷲ ޢަންހާ އާއި، އުއްމުލް މުއުމިނީން އައްސައްޔިދާ އުއްމު ސަލަމާ ރަޟިޔަ ﷲ ޢަންހާ ގެ އަރިހުން ރިވާވެފައިވާ ގޮތުގައި ކައުސާހިބާގެ އާލާސްކަންފުޅު ފެށުނީ އެކަލޭގެފާނު އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ ގެ ގެކޮޅުގައި ހުންނަވިކޮށެވެ. އެކަލޭގެފާނުގެ އާލާސްކަންފުޅު ބޮޑުވުމުން އެހެން އަނބިއަނބިކަނބަލުންގެ އިޒުނަފުޅާއެކު އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝަތުއް ޞިއްދީޤާ ރަޟިޔަ ﷲ ޢަންހާ ގެ ކޮޓަރިކޮޅަށް ވަޑައިގެންނެވިއެވެ. ހިޖުރައިން 11 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 12 ވަނަ ދުވަހު އެކަލޭގެފާނު ސުވަރުގެވަޑައިގެންނެވީ އެކޮޓަރި ކޮޅުގައި އޮންނަވަނިކޮށެވެ.

ކައުސާހިބާއަށްފަހު

ކީރިތި ރަސޫލާ صلّى اللّـه عليه وسلّم، ސުވަރުގެވަޑައިގެންނެވުފަހު، އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ އެކަމަނާގެ އެންމެހާ ވަގުތުތަކެއް ހުސްކުރައްވާފައިވަނީ އަޅުކަން ކުރެއްވުމަށްޓަކައެވެ. ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައި އެކަލާނގެއަށް ހަނދުމަކުރައްވައި ޒިކުރުކުރެއްވުމަށްޓަކައެވެ. ކީރިތި ރަސޫލާ صلّى اللّـه عليه وسلّم، އަށްފަހު އެކަމަނާ ޒީނަތްތެރިކަމުން ދުރުވެވަޑައިގެން އިންނެވި ކަމަށް ރިވާވެފައިވެއެވެ.

އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ އަކީ ވަރަށް ތަޤްވާވެރި ދީންވެރި ބޭކަނބަލެކެވެ. އެކަމަނާއަށް ބޮޑުދައިތަ ވިދާޅުވާ ބޭފުޅެއްކަމުގައިވާ ޔަޒީދު ބުނުލް އަޞުމް ވިދާޅުވެފައިވެއެވެ. ” އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ އެކަމަނާގެ ގިނަ ވަގުތުތައް ހޭދަކުރައްވަނީ ނަމާދުކުރެއްވުމުގައެވެ. އެހެން ނޫނީ ގެކޮޅުތެރޭގެ ކޮންމެވެސް މަސައްކަތްޕުޅެއްގައެވެ. އެދެކަންތަކުން އަވަދިވެވަޑައިގެން އިންނަވާނަމަ އިންނަވާނީ މިސްވާކު ކުރެއްވުމަށެވެ.”

ޚުލުޤުފުޅު

ކުރިންވެސް ދެންނެވިފައިވާނޭ ފަދައިން އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ އަކީ ވަރަށް ފުރިހަމައަށް އިތުރު ސާހިބާގެ ސުންނަތަށް ރައްކާތެރިވެވަޑައިގެންނެވި ބޭކަނބަލެކެވެ. މީސްތަކުންނަށް ރަސޫލާގެ ސުންނަތަށް ޢަމަލުކުރުމަށް ބާރު އަޅުވާ ބޭކަނބަލެކެވެ.

އެއްފަހަރަކު އަންހެނަކު ބައްޔެއްވުމުން އޭނާ އެބަލީން ފަސޭހަވެއްޖެނަމަ މަސްޖިދުލްޢަޤްޞާއަށް ގޮސް ނަމާދެއް ކުރުމަށް ނަދުރު ބުންޏެވެ. އޭނާގެ ބަލިފަސޭހަވުމުން ޤުދުސަށް ދާންވެގެން ދަތުރުގެ ސަލާމްކޮށްލަން އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ ގެ އަރިހަށްގޮސް އެވާހަކަ ދެންނެވިއެވެ. أمّ المؤمنين ވިދާޅުވިއެވެ. “މަސްޖިދުއްނަބަވީގައި ނަމާދުކޮށްލާށެވެ. އޭރުން ޘަވާބު މާބޮޑުވާނެއެވެ. އަލްމަސްޖިދުލްޙަރާމް ފިޔަވައި އެހެން ކޮންމެ މިސްކިތެއްގައި ކުރާ ނަމާދަކަށްވުރެ އެއްހާސްގުނަ ޘަވާބު އިތުރުވާނެއެވެ. ނަދުރުވެސް ފުއްދޭނެއެވެ.”

އެއްފަހަރަކު އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ ގެ ތިމާގެފުޅު ބޭފުޅަކު އެކަމަނާއަށް ޒިޔާރަތްކުރުމަށް އެގެކޮޅަށް ދިޔައެވެ. އޭރު އޭނާގެ އަނގައިން ރާވަސް ދުވަދުވާ ހުއްޓެވެ. އޭނާ ރާބޮއެގެން ހުރިކަން އެނގިވަޑައިގެން އެކަމަނާ ވަރަށް ބޮޑަށް ކޯފާއިސްކުރައްވާ ވިދާޅުވިއެވެ.
“ހަމަމިހާރު މިގެއިން ނުކުމެގެން ދާށެވެ. ދުވަހަކުވެސް އަހަރެންގެ އެއަށް ވަދެގެން ނުވާނެއެވެ.”

އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ އަކީ ވަރަށް ދީލަތިފުޅު ބޭކަނބަލެކެވެ. ދީލަތިފުޅުކަމަށް މަޝްހޫރު ބޭކަނބަލެކެވެ. އެކަމަނާ އެހެންމީހުންގެ ބޭނުންތައް ފުއްދަވައިދެއްވަން ދަރަނިވެސް ނަންގަވައެވެ. ދަރަންޏެއް ނަންގަވައިފިނަމަ ވަރަށް އަވަހަށް އަދާވެސް ކުރައްވައެވެ. މިގޮތުން އެއްފަހަރަކު ތަންކޮޅެއް ބޮޑު ޢަދަދެއް ދަރަންޏަށް ނެންގެވުމުން މީހަކު ދެންނެވިއެވެ. “ކަމަނާ ތިޔަ ދަރަނި އަދާކުރައްވާނީ ކިހިނަކުންތޯއެވެ؟” أمّ المؤمنين ވިދާޅުވިއެވެ. “ދަރަނި އަދާކުރުމުގެ ފުރިހަމަ ޤަޞްދު އޮވެގެން މީހަކު ދަރަންޏެއް ނަގައިފިނަމަ اللّـه سبحانه وتعالى އެ ދަރަންޏެއް އަދާކޮށްދެއްވާނެއެވެ.”

ޢިލްމުވެރިކަން

އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ އަކީ ވަރަށް ޢިލްމުވެރި ބޭކަނބަލެކެވެ. އެކަމަނާ ކައުސާހިބާގެ އަރިހުގައި ހޭދަކުރައްވާފައިވަނީ ގާތް ގަނޑަކަށް ތިންއަހަރުފުޅެވެ. އެހެންކަމާއެކުވެސް އެކަމަނާ ރިވާކުރައްވައިފައިވާ ޙަދީޘުފުޅުތައް ނިސްބަތުން ވަރަށްގިނައެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ ރިވާކުރައްވައިފައިވާ ޙަދީޘުފުޅުތަކުގެ ޢަދަދަކީ ހަތްދިހަ ހައެކެވެ. އެކަމަނާގެ އަރިހުން ރިވާވެފައިވާ ހަތް ޙަދީޘަކާމެދު ދެއިމާމުން އިއްތިފާޤުވެވަޑައިގެންފައިވެއެވެ. އޭގެއިތުރަށް ބުޚާރީގައި އެއް ޙަދީޘު މުސްލިމުގައި ފަސް ޙަދީޘުވެއެވެ.

އަވަހާރަވުން

ހިޖްރައިން 51 ވަނަ އަހަރު އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ، ޙައްޖަށް ވަޑައިގެންނެވިއެވެ. ޙައްޖުގެ މަނާސިކުތައް ފުރިހަމަ ކުރަވައި ނިންމެވިފަހުން އެކަމަނާއަށް އަވަހާރަވުމުގެ އާލާސްކަންފުޅު ޖެހިވަޑައިގެންފިއެވެ. އާލާސްކަންފުޅު ބޮޑުވުމުން އެކަމަނާ ވިދާޅުވިއެވެ. “އަހަރެން މިރަށުން ގެންދާށެވެ. އަހަރެން މިރަށުގައި މަރުނުވާނެކަމަށް ކީރިތި ރަސޫލާ صلّى اللّـه عليه وسلّم، ޙަދީޘް ކުރައްވަނިކޮށް އަޑުއެހީމެވެ.”

އެކަމަނާ ގޮވައިގެން ދަތުރުކުރެއްވި ބޭކަލުންނަށް ސަރިފޭ ކިޔުނު ތަނަށް ދެވުނުތަނާ އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ އަވަހާރަވެއްޖެއެވެ. އެތަނަކީ ކީރިތި ރަސޫލާ صلّى اللّـه عليه وسلّم، އެކަމަނާއާ އެކު އެންމެ ފުރަމަތަ ރޭކުރެއްވި މަންޒިލެވެ. އޭރު އެކަމަނާގެ ޢުމުރުފުޅަކީ 80 އަހަރުފުޅެވެ.

އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ ގެ މައްޗަށް އިމާމުވެވަޑައިގެން ކަށުނަމާދުކުރެއްވީ އެކަމަނާއަށް ބޮޑުދައިތަ ވިދާޅުވާ ބޭކަލެއްކަމުގައިވާ ޢަބްދު ﷲ ބިން ޢައްބާސް ރަޟިޔަ ﷲ ޢަންހުއެވެ. އެކަމަނާގެ ހަށިކޮޅު ފަސްދާނުލާން ގެންދާންފެށުމުން އެކަލޭގެފާނު ވިދާޅުވިއެވެ. “ތިޔައީ رسول اللّـه صلّى اللّـه عليه وسلّم ގެ ޙުރުމަތްތެރި އަނބިކަނބަލުންނެވެ. ތިޔަ ހަށިކޮޅު ނުތަޅުވައި މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު ގެންދާށެވެ.”

އެކަމަނާ ފަސްދާނުވަޑުވަން ވަޅުފުޅަށް ތިރިކުރެއްވީ ޢަބްދު ﷲ ބިން ޢައްބާސް ރަޟިޔަ ﷲ ޢަންހާއި، ޔަޒީދު ބުނުލް ޢަޞުމް އާއި، ޢަބްދުﷲ ބިން ޝައްދާދެވެ. މިތިންބޭފުޅުންނަކީ އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ އަށް ބޮޑުދައިތަ ވިދާޅުވާ ތިންބޭފުޅުންނެވެ.

އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާ އަވަހާރަވިކަމުގެ ޚަބަރު އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝަތުއް ޞިއްދީޤާ ރަޟިޔަ ﷲ ޢަންހާ އަށް ލިބިވަޑައިގެންނެވުމުން އެކަމަނާ ވަރަށް ހިތާމަފުޅު ކުރައްވައި ވިދާޅުވިއެވެ. “އަހަރެމެންގެ ތެރޭގައި ހުންނެވި އެންމެ ތަޤްވާވެރި ގާތް ތިމާގެ ކަމުގެ ގުޅުން ޤާއިމު ކުރައްވާ ކަމަނާ އަވަހާރަވީއެވެ.”

އަރަހުށި މާތްﷲ، އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންހާއަށް ރުއްސުން ލައްވާށިއެވެ! އާމީން.

ރިފަރެންސް
1. ދަ ވައިވްސް އޮފް ޕްރޮފެޓް މުޙައްމަދު: ދެއާ ސްޓަރައިވްސް އެންޑް ދެއާ ލިވިސް/ މުޙައްމަދު ފާތި މަސްޢޫދު
2. ގްރޭޓްވިމެން އޮފް އިސްލާމް/ ޣައްޡަންފަރު
3. އައްސީރަތުއް ނަބަވިއްޔާ/ އިބްނު ކަޘީރު
4. އައްރަހީޤުލް މަޚްތޫމް/ ޞަފިއްޔުއް ރަހްމާނުލް މުބާރަކް ޕޫރީ
5.ސުންނާ.ކޮމް

14

You may also like...

3 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. V. Iburaitheri liyunkolheh . Adhives mikahala liyunkolheh kiyaalan libeyne kamah ummeedhu kuran. Maaiy allah ihsaan thikuravvaa masakkathugai barakaaiy lavvaandheyve. Aameen

    ⚠Report!

Leave a Reply

Your email address will not be published.