ޢީދު ހަދިޔާ

- by - 60- August 9, 2019

އޮއްސެމުންދިޔަ އިރަށް ބަލަހައްޓައިގެން ހުރި ފިޒާ ދުއްވައިގަތީ އެއްލި ކަޅިއަކުން ފެނުނު މަންޒަރަކުންނެވެ. މޫދާއި ދިމާލަށް ކުދި ފިޔަވަޅުތަކެއް އަޅަމުންދިޔަ ތުއްތު ތުއްތު ކުއްޖެކެވެ. 2 އަހަރަށްދާ ތުއްތު ފަރިފުޅު ނަގާ ވެލިފޮޅާލަމުން ފިޒާ ދަރިފުޅު ގައިގަ ބައްދާލާ ކޮލުން ދޮނެއްނެގިއެވެ. އެ ދަރިފުޅުގެ މޫނަށް ބަލައިލާ ކޮންމެ ފަހަރަކު މާޒީގެ ހިތި ތަޖުރިބާ ސިކުނޑީގައި ވަކި ހިއްޕާލާ ހިތަށް ތަދުކުރުވައެވެ. ފިޒާ ދަރިފުޅު ގޮވައިގެން ގެއަށް ދިއުމަށް ހިނގައިގަތީ އިރުއޮއްސި އަނދިރިވާން ފެށުމުންނެވެ.

“ކިތައް ދުވަހު ބުނާނީ ތި މަންޖެ ގޮވައިގެން މި ގަޑީ ބޭރަށް ނުދާށޭ… މިހާރު އެއޮތް އިރުއޮއްސި އަނދިރިވީ..”ފިޒާ ގޭ ދޮރުމައްޗަށް އެރުމާއެކު މަރިޔަންފުޅުގެ ހިތްހަމަނުޖެހުން ފާޅުކުރިއެވެ. މަރިޔަންފުޅު ގޮސް ލިޒީ އުރާލައިގެން ހިނގައިގަތީ ކުދިކިޔަމުންނެވެ. ފިޒާ ގޭތެރެއަށް ވަށައިގެން ނަޒަރެއް ދެމުން ގޮސް އިށީނދެލީ ފެންޑާގައި ހަދާފައި ހުރި އުނދޯލީގައެވެ. ފިޒާ މާޒީގެ ތެރެއަށް ފީނާލިއެވެ.

 

 

އެއީ މީގެ ތިން އަހަރު ކުރިއެވެ. އީދު އަންނާތީ ރަށުގެ ކުދިބޮޑު ރައްޔިތުންވެސް އުޅުނީ އީދަށް ތައްޔާރުވުމުގައެވެ. އެއްބަޔަކު ރަށުތެރެ ސާފުކުރުގައި އުޅުނުއިރު އަނެއް ބަޔަކު އުޅެނީ ބޮޑުއީދުގައި ކުޅޭ ކުޅިވަރުތަކަށް ރެޑީކުރުމުގައެވެ. މަސްނެރުމާއި ދަފިނެގުމާ ކޯޑިޖެހުމާ ފެންކުޅުމާ އަދިވެސް އެ ކަހަލަ ކުޅިވަރުތަކަށް މީހުންތައް ބަހާލާފައިވާއިރު ރަށަށް އަރާ ބީރައްޓެހިންވެސް ބޭނުންވާނަމަ އެމީހުންވެސް އެ ކަންކަމުގައި ބައިވެރިކުރެއެވެ. އެ ރަށަކީ ކޮންމެ އަހަރަކުވެސް ބޮޑުއީދު ވަރަށް ފޯރިގަދަކޮށް ފާހަގަކުރާ ރަށަކަށްވާތީ އީދަށް ވަރަށް ގިނަ ރަށުން ބޭރު މީހުން އަރާ ރަށެކެވެ.

މަސްނެރޭ ސަރަހައްދު ސާފުކުރުމުގައި އުޅުނު ފިޒާއަށް ހުއްޓުން އެރީ ކުރިމތީގައި ގޮސް ހުއްޓުނު ޒުވާނާ ދެކެފައެވެ. އިސްކޮޅުން ދިގު ބައިމަތި ފުޅާ އެ ޒުވާނާގެ މޫނަށް ނަޒަރު ހުއްޓާލެވުނުގޮތަށް އެހެން ދިމާލަކަށް ބަލައިލަން ނޭގިފައި ފިޒާއަށް ހުރެވުނީ އެ ޒުވާނާގެ ފުރިހަމަކަމުންނެވެ. އަވި އައިނެއް އަޅާ ލޯ ފޮރުވާލާފައިވި ނަމަވެސް އެ ތުންފަތާ ނޭފަތާ މޫނުގެ ބައްޓަން ފިޒާގެ ހިތުގައި ބިންވަޅު ނެގުނެވެ. އަދި ކުޑަކޮށް ފަޅަންފަށާފައި ހުރި ތުނބުޅީގެ ސަބަބުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.

“އެކްސްކިއުޒްމީ…ހޭއި   އާ ޔޫ އޯކޭ… ހޭ” ފިޒާއަށް ހޭވެރިކަންވީ އެ ޒުވާނާ އެތައް އިރަކު ފިޒާއަށް ގޮވާ ވާހަކަ ދެއްކިފަހުންނެވެ. “އަމް ޔާ ކީކޭ” ފިޒާއަށް ހުރެވުނުގޮތުން ލަދުގަތްނަމަވެސް އިސްޖަހާލަމުން ވާހަކަ ދެއްކިއެވެ. “ތީ ފަޒީންގެ ދޮންތަ ތަ؟ ފަޒީން ބުނީ މި ފަޒީންގެ ދޮންތަ އަތަށް ދީބަލާށޭ. ހުންނާނޭ އައިސް ބުލޫ ޖީންސަކާ ބުލޫ ޓީޝާޓަކާ ލައިގެން.. ” ހުޒާމް ވާހަކަ ދައްކަމުން ފިޒާއަށް ދިއްކޮއްލީ ފަޒީންގެ ފޯނެވެ. “ފަޒީންގެ މަންމަ ގުޅާފަ ތިއޮތީ..” ފިޒާ ފޯނުގައި ހިފަމުން ބަލައިލުމުން ހުޒާމް ތަފްސީލުކޮށްދިނެވެ. ފިޒާ ފޯނު ހިފައިގެން އެއްކައިރިއަކަށް ޖެހިލަމުން ވާހަކަ ދެއްކިއެވެ. އެ ވަގުތު ހުޒާމް ހުރީ ފިޒާގެ ލޫޅާފަތި ރީތި ހަށިގަނޑަށް ނަޒަރު ހުއްޓާލައިގެންނެވެ.

ފިޒާ ފޯނުކޯލް ކުރުކޮށްލަމުން ބަލައިލިއިރު ހުޒާމް ހުރީ އޭނައާ ދިމާލަށް ބަލާށެވެ. ފިޒާ ބަލައިލުމުން އަވަހަށް އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްލިކަން ފިޒާއަށް އިނގުނެވެ. ފަޒީންގެ ފޯނު ހިފައިގެން ގޮސް ހުޒާމް ލޯ ކުރިމަތިން ގެއްލެންދެން ފިޒާ ހުރީ ބަލާށެވެ. “މަސްތުވެއްޖޭ ފެނިފާ މިތުރާ … ބަސް ބުނޭތޯ ފަހަތުން ދެވެޔޭ…..” ފިޒާގެ އެކުވެރި ފާތުން ލަވައެއް ކިޔާލުމުން އެ ގުރޫޕުގައި ދެންތިބި ޝާދިޔާ އާ ފަރީނާ އާ ބިޝާރާ ހޭންފެށިއެވެ. “ސާބަހޭ މި ފިޒީއަށް.. ގައިމު އަލަށް ފިރިހެނަކު ފެނިގެންވެސް މީހަކު ތިހެން ނުހުންނާނެ.. ހަމަ ސޮނިވެއްޓިފަ.. އީދު ނިންމާފަ އެ ސޮރު ދިއުމުގެ ކުރިން އެ ސޮރު ކާމިޔާބު ކުރަންޖެހޭނެ އިނގޭ.. އެހެން ނޫނީ އަހަރުން ނުކިޔާނަން ތީ އަންހެނަކަށް” “އެ ތެދެއް އެންމެ ފަހަރަކު ފެންނައިރަށް ތިހާވަރު ވެއްޖެއްޔާ މަ ނަމަ މިރަށުން ދިޔަކަ ނުދޭނަން.. ހެހެ” އެންމެންވެެގެން ފިޒާ އާ ދިމާކުރަންފެށިއެވެ.

“ހުއް ކަލޭމެންނަށް ހީވާގޮތްދޯ.. މަ އޭނަ ސެޓްކޮށްފަ ނޫނީ ދުލެއް ނުކުރާނަން” “ކިހިނެއް؟ އަނގައިން؟ އަދި ތިހެން ބުންޔަސް ނުވާނެ ދޯ.. މަންޖެއަކީ މީހަކު ރައްޓެހިވާން އަހާއިރަށްވެސް އެތަނަކުން ދުވެ ފިލާމީހެއް” ފިޒާ ވާހަކަ ދައްކާ ނުނިމިގެން އުޅެނިކޮށް ބިޝާރާ ދިމާކޮށްލިއެވެ. “އޯކޭ އޯކޭ މަ އޭނަ ސެޓްކޮށްފިއްޔާ ކޮންއެއްޗެއް ދޭނީ..” “ސެޓްކޮށްފިއްޔާ ދޭނަން އަހަރުން އެންމެންވެގެން 1000 ރުފިޔާ” “އޯކޭ ޑީލް” ފިޒާ އެކަމާ އެއްބަސްވިއެވެ. “އޭ އޭ އަދި މަޑުކޮށްބަލަ.. ސެޓްކޮށްފަ އަހަރުންނަށް ޕުރޫފްވެސް ދައްކަންޖެހޭނެ އިނގޭ.. އެހާ ބޮޑު އަދަދެއް ބުނެލާ ބަހަކަށް ނުދެވޭނެ ދޯ..” ފާތުން ޝަރުތެއް ހުށަހެޅިއެވެ.

ގެއަށްގޮސް ފެންވަރާ ނަމާދުކޮށްގެން ފިޒާ ނިކުތީ އީދު ޝޯ އަށް ނަށަން ޕްރެކްޓިސް ކުރާތަނަށްދާށެވެ. ސިޑިން ދުވެފައި ކަހަލަ ގޮތަކަށް މައްޗަށް އަރައިގެން އައި މީހަކާ ފިޒާ މުޑިއެރީ ފޯނަށް ބަލަންހުރެ ސިޑިން ފައިބަމުންދިއުމުންނެވެ. “އޫޕްސް ސޮރީ.. “މައާފަށް އެދެމުން ފިޒާ ފޯނުން ނަޒަރު ދުރުކޮށްލަމުން އެ މީހަކާ ދިމާލަށް ބަލައިލިއެވެ. ކުރިމަތީގައި ހުރީ ފުރަތަމަ ފެނިލުމުންވެސް އޭނާގެ ހިތް އަތުލި ޒުވާނާއެވެ. “އިޓް އޯކޭ.. އަހަންނަށްވެސް ބަލާނުލާ މި އާދެވުނީ.. ބައި ދަ ވޭ މީ ހުޒާމް” ހުޒާމް ސަލާމަށް އަތްދިއްކޮށްލަމުން ތަޢާރަފްވެލިއެވެ. “މީ ފި ފިޒާ” ހާސްވެފައި ހުރި ފިޒާ ހަމަޖެހެން މަސައްކަތް ކުރަމުން ސަލާމްކޮށްލަން އަތުގަ ހިފާލިއެވެ.

“އިޓްސް ނައިސް ޓު މީޓް ޔޫ. . މިރަށުގަ އަހަރެންގެ މާގިނަ ފުރެންޑުންނެއްވެސް ނުތިބޭނެ.. ސްޕެޝަލީ ގާލްސް.. ސޯ ވިލް ޔޫ ބީ މައި ގާލްފުރެންޑް” ހުޒާމްގެ ހުށަހުޅުމުން ފިޒާއަށް ޝޮކެއް ލިބުނުކަހަލައެވެ. ފަހަތަށް އެއް ފިޔަވަޅު އަޅާލިއެވެ. “އޯ އައި މީން އެސް އަ ފުރެންޑް” ފިޒާއަށް ބަލަންހުރެ ވިސްނާލުމަށްފަހު ހުޒާމް ބުނެލިއެވެ. ހުޒާމް އެހެން ބުނުމުން ފިޒާ ބޯ ޖަހާލިއެވެ. އަދި ހީލުމަށްފަހު ދާން ހިނގައިގަތެވެ. އަވަސް ކޮށްލައިފައި ދާން ހިނގައިގަތް ފިޒާއަށް ހުއްޓެވުނީ އަތަށް ވާންވުމުންނެވެ. “އަހަރެންގެ އަތްވެސް ހިފައިގެންތަ ދާން ތިއުޅެނީ.. ހެ ހެ” ސަލާމްކުރުމަށް ހިފި އަތުން އަދިވެސް ދޫނުކުރެވި ހުރިކަން ފިޒާއަށް ވިސްނާލެވުނީ ހުޒާމް އެހެން ބުނުމުންނެވެ. އަވަސް ކޮށްލާފައި މާފަށް އެދެމުން ފިޒާ މިފަހަރު ދުއްވައިގަތީ ގަތް ލަދެއްގެ ބޮޑުކަމުންނެވެ. ފިޒާ ދިއުމުންވެސް ހުޒާމް ހިނިގަނޑެއްޖަހާލިއެވެ. އަދި ސިޑިން އަރަމުން ފަޒީންއަށް ގޮވަންފެށިއެވެ.

އީދު އަންނަން 2 ދުވަހަށް ވީއިރު ރަށުތެރެވަނީ ވަރަށް ހަލަބޮލިވެފައެވެ. ރަށު ރައްޔިތުންގެ އިތުރުން ރަށުން ބޭރު ގިނަ ބަޔަކު ގޮސް ތިބުމުގެ ސަބަބުން މިހާރުވެސް ހީވަނީ ރަށަށް އީދު އައިސްސަ އޮތްހެންނެވެ. ފިޒާމެންގެ ގެއަކީ ބޮޑު ގެއަކަށްވެފައި މީހުން މަދު ގެއަކަށްވުމުން ކޮންމެ އަހަރަކުވެސް އީދު ޗުއްޓީއަށްދާ ގިނަ ބަޔަކު އެގޭގައި ތިބެއެވެ. ނަސީބު ދިމާކުރިގޮތުން ހުޒާމްގެ ހުރުމާ ކެއުމާވެސް ހަމަޖެހުނީ އެގެއިންނެވެ.

2 ދުވަސް ވޭތުވެ ދިޔައިރު ފިޒާއަށް ހުޒާމް ފެނުނީ ދެތިން ފަހަރުއެވެ. އެއް ގެއެއްގައި އުޅުނު ނަމަވެސް ދެމީހުންވެސް އީދުގެ ކަންތައްތަކުގައި އަވަދިނެތި އުޅުމުގެ ސަބަބުން ދިމާނުވަނީއެވެ. އީދުގެ ފެށުން އޮތީ ފަތިސް ނަމާދުން ނިމިގެން ފައިބާ އީދު ބަޑި ޖެހުމުންނެވެ. ފިޒާވެސް ތެދުވެ ފަތިސް ނަމާދުކޮށްލައިގެން އަވަހަށް ބޭރަށް ދާން ނިކުތީ އީދު ބަޑި ޖަހާތަން ބަލަންދާށެވެ. ނޫ ކުލައިގެ ސްކިނީއާއި އެކު ލައިގެންހުރި ޓީޝާޓު މަތިން ޖެކެޓެއް ލަމުން ބޭރަށް ނިކުތް ފިޒާއަށް ހުއްޓެވުނީ އޭނާގެ  ކޮޓަރީ ދޮރު ކައިރީ ހުރި ހުޒާމް ފެނުމުންނެވެ.

ހުޒާމް ކައިރީގައި މަޑުކޮށްލިނަމަވެސް ފިޒާއަށް ކުރިން ވާހަކަ ދައްކާކަށް ނުކެރުނެވެ. އެހެންކަމުން ސިޑިއާއި ދިމާލަށް ހިނގައިގަންނަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން ހުޒާމް ފިޒާގެ އަތުގައި ހިފެހެއްޓިއެވެ. “ހޭއި.. އަހަރެންވެސް ގޮވައިގެން ދޭބަލަ.. ފަޒީންމެން މާ ކުރިންގޮސް އުޅޭތީ އެކަނި ދާން ފޫހިވެެގެން މިއައީ” ފިޒާގެ އަތުގައި ހިފައިގެން ހުރިގޮތަށް ހުޒާމް ވާހަކަދެއްކިއެވެ. “އޯކޭ.. ހިނގާ..” ހުޒާމް އަތުން އަތް ދަމައިގަންނަމުން ފިޒާ ވާހަކަ ދެއްކިއެވެ. ހުޒާމް ފެނުމުންވެސް ފިޒާގެ ހިތް މަޑުން ނޯވެ ތެޅި ފޮޅޭއިރު އަދި އަތުގައި ހިފައިގެން ދާނީ ކިހިނެއް ހެއްޔެވެ؟

ދެމީހުންނަށް ގޮސް މަޑުކޮށްލެވުނީ ތަންކޮޅެއް މީހުން މަދު އަނދިރި ދިމާލެއްގައެވެ. ފިޒާ ހުއްޓިގެން ހުރިއިރު ފިޒާގެ ފަހަތުގައި ހުޒާމް ހުރީ އޭނާގެ ބޮޑީގާޑެއްފަދައިން އެހެން މީހުނަށް ފިޒާގެ ގައިގަ ނުޖެހެވޭނެހެންނެވެ. “ހޫމް ހޫމް.. މީތާ އަހަރުންނާ ވަކިން މިއައި ކަމަކީ..” ބިޝާރާމެން ގުރޫޕް އެތަނަށްގޮސް ދިމާކޮށްލުމުން ހުޒާމް ހިނގަނޑެއް ޖަހާލާފައި އެތަނުން ދިޔައީ ފަޒީންމެން ކައިރިއަށެވެ.

އީދު ބަޑިއަށްފަހު އީދު ނަމާދުކޮށް އީދު ސައިގެ ކަންތައް ނިމުމުން ދެންއޮތީ ފެންކުޅުމެވެ. ފެންކުޅެން ވަކި ގަޑިއެއް ހަމަޖައްސާފައިވާއިރު އެ ގަޑީގައި މަގެއް މަތިން ނުތެމި ނުދެވޭވަރަށް ގަދައަށް ފެންޖަހަމުން ގެންދިޔައެވެ. ފިޒާއަކީ ކޮންމެ އީދެއްގައިވެސް ފެންކުޅޭގަޑީގައި ކޮޓަރިއަށް ވަދެ ތަޅުލައިގެން އޮންނަ މީހެކެވެ. އެއީ ފިޒާ އެހާ ގަޔާވާ ކަމެއް ނޫނެވެ. ކޮޓަރީގައި އޮތް ފިޒާ ސިއްސައިގެން ދިޔައީ ކޮޓަރީ ދޮރުގައި ވަރަށް ބާރަށް މީހަކު ތަޅައިގަތުމުންނެވެ. ބިޝާރާމެންގެ ކަމަކަށް ބަލާފައި ފިޒާ އަނގައިން ނުބުނެ އޮތީ ކޮންމެ އީދެއްގައިވެސް އެމީހުން އޭނާ ކޮޓަރިން ނެރެންވެގެން އެކަހަލަ ކޮންމެސް ކަމެއް ކުރާތީއެވެ.

“ފިޒާ ފިޒާ.. ފިޒާ ދޮރު ހުޅުވަބަލަ.. މީ މަށޭ ހުޒާމް.. ފަޒީންގެ އަތް ވަރަށް ބޮޑަށް ކަފައިންގޮސްގެން ހޮސްޕިޓަލަށް ދާން މިއުޅެނީ. އެކަމަކު ލޭ މަނާ ނުވެގެން.. ފިޒާ އަތުގަ ނެތްތަ ބާރަށް އައްސާލާ ކަހަލަ ފޮތިކޮޅެއް އެއްޗެއް؟” ހުޒާމްގެ ވާހަކަ ރަނގަޅަށް ނުނިމިގެން އުޅެނިކޮށް ފިޒާ ދޮރު ހުޅުވާލައިފިއެވެ. އަދި ވަރަށް ހާސްވެފައި ހުރެ ފަޒީން ކޮބައިތޯ ސުވާލު ކުރިއެވެ. ފިޒާގެ ހާސްކަން ފެނިފަ ހުޒާމް ކައިރިއަށް ކުޑަކޮށް ހިނިއަންނަގޮތްވުމުން ފިޒާއަށް އެއްޗެއް ވިސްނުނުކަހަލައެވެ. އަވަސް ކޮށްލާފައި ދޮރުލައްޕަން އުޅުނެވެ. ނަމަވެސް އެކަމަށް ހުށިޔާރުވެ ހުރި ހުޒާމް ދޮރުފަތުގައި ހިފަހައްޓާފައި ކޮޓަރި ތެރެއަށް ދެމިގަތެވެ.

“ދެން ކޮންތާކަށް ދާނީ.. މިހާރު ތިހިރީ މަގޭ އަތްދަށުވެފަ.. އެންމެނަށް ނުވެގެން އުޅުނު ކަންތައް އެންމެފަހުން މިވީ މަށަކަށްނު. ހައްހައް” ހުޒާމް ވާހަކަ ދައްކަމުން ދިޔައިރު ދިޔައީ ފިޒާއާ ކައިރިއަށް ފިޔަވަޅު އަޅަމުންނެވެ. ހުޒާމް އަޅާ ކޮންމެ ފިޔަވަޅަކާއެކު ފިޒާވެސް ފަހަތަށް ފިޔަވަޅެއް އަޅަމުންދިޔައެވެ. ފާހާނާ ދޮރާ ހަމައަށް ދެވުމުން ފިޒާ  އުޅުނީ ދުއްވައިގަންނާށެވެ. ނަމަވެސް ހުޒާމް މާ ހުށިޔާރެވެ. ފިޒާގެ ފުރަަގަހުން ބަނޑާ ދިމާލުން އަތް އަޅުވާލުމަށްފަހު އުފުލާލައިގެން ފާހާނާއަށް ވެއްދީ ފިޒާ ތެޅިތެޅި އޮއްވައެވެ. “ކުރިން ހަދާހެން މިހާރު ދެން ވަޅަކަށް ނުލެވޭނެތާ.. މިހާރު ޖެހޭނީ މިހެން މާގަނޑުން ފެންޖަހަން.” ހިނިއައިސްގެން ހުރެ ހުޒާމް ހޭންޑް ޝަވަރ ނަގާ ފިޒާ ގަޔަށް ފެންޖަހަން ފެށިއެވެ. ފިޒާވެސް ބަލާކަށް ނުހުރެ މުުސްލިމް ޝަވަރއިން ހުޒާމް ގަޔަށް ފެންޖަހަންފެށިއެވެ. ހުޒާމް ފިޒާ އަތުން މުސްލިމް ޝަވަރ އަތުލެވޭތޯ މަސައްކަތް ކުރަމުންދިިޔައެވެ. އޭރު ފިޒާވެސް ބިދިބިދިފަ ހެމުން ޝަވަރ ބަންދުކުރަން އުޅުނެވެ. ދެމީހުން ތެމިފޯވިއިރުވެސް އެކަކަށްވެސް އަނެކަކު އަތުން ޝަވަރ އަތުލެވޭގޮތެއްނުވިއެވެ.

ޝަވަރުން ފެންޖަހަން ހުރި ހުޒާމް ޝަވަރު ބަންދުކޮށްލުމަށްފަހު ފިޒާއާ ކައިރިއަށް ޖެހިލިއެވެ. ހީލަ ހީލާ ހުރި ފިޒާއަށް ހުއްޓުންއެރީ ހުޒާމް ދިޔަގޮތަށް ހުއްޓުނުލެއް ކައިރިކަމުންނެވެ. ފިޒާ ފަހަތަށް ފިޔަވަޅެއް އަޅާލި ނަމަވެސް ބިތުގައި ޖެހުމުން ފިޒާ ހުޒާމް އާއި ދިމާލަށް ބަލައިލިއެވެ. “ފިޒާ އައި ލައިކް ޔޫ. . ފިޒާ ފުރަތަމަ ފެނުނު ދުވަހުވެސް ތި ރީތިކަމުގެ ޖާދޫގަ ޖެހުނު. އެ ދުވަހުއްސުރެ ތި ކުއްޖާއަށް އެދި އެދި މި ހުންނަނީ..އަހަންނަށް އިނގޭ ފިޒާއަށްވެސް އަހަރެން ކަމުދާކަން. ބުނެބަލަ. ކަމުދޭތަ؟” އިސްޖަހައިގެން ހުރި ފިޒާގެ ދަތްދޮޅީގައި ހިފާ މައްޗަށް ހިއްލާލަމުން ހުޒާމް އެހިއެވެ. ލަދުން ވިރި ވިރި ހުރި ފިޒާ ބޯ ޖަހާލީ އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ.

ދެން ހުޒާމް ކޮށްލި ކަމަކުން ފިޒާ ދިޔައީ ސިހިގެންނެވެ. އޭގެ ފަހުން ވީ ކަމެއްވީ ދެމީހުންގެވެސް ރުހުމުގައެވެ. ނަމަވެސް ވަކި ހިސާބަކުން ފިޒާ ދެކޮޅު ހެދުމުން ހުޒާމް ހިތްހަމައެއްނުޖެހުނެވެ. ފިޒާ ބޭނުންވަނީ ކައިވެނީގެ މަތިވެރި ގުޅުމުން ގުޅެވެންދެން އިއްފަތްތެރިއެއްގެ ގޮތުގައި ހުންނާށެވެ. ހުޒާމް އެތައް ގޮތަކަށް ވާހަކަ ދައްކައިގެންވެސް ފިޒާ ގޮތްދޫނުކުރުމުން ނިކުމެގެންދިޔައީ ހިތްހަމަނުޖެހި ހުރެއެވެ. އެކަމާ ފިޒާ ވަރަށް ދެރަވިއެވެ. ފެންވަރައިގެން ނިކުމެ ފަހުން ރީތިކޮށް އެވާހަކަ ދައްކާނީއޭ ހިތާ ފިޒާ ހިތްހަމަޖައްސާލިއެވެ.

އީދުގެ ކުޅިވަރުތައް ކުރިއަށްދެއެވެ. ފިޒާ ހުަޒާމްއާ ވާހަކަދެއްކޭތޯ ކުރާ މަސައްކަތްވީ ނާކާމިޔާބެވެ. ފަޒީންގެ ފޯނުން ނަންބަރު ނަގައިގެން ފިޒާ ހުޒާމްއަށް ގުޅީ ވަރަށް އުއްމީދާއެކުއެވެ. ނަމަވެސް ފޯނެއްނުނަގައެވެ. ފިޒާ ހުޒާމްއަށް މެސެޖުކުރަންފެށީ މަޢާފަށްއެދިއެވެ. ދެން އެކަހަލަ ކަމެއް ނުވާނެ ކަމުގައި ބުނެ ފިޒާ ހުޒާމްދެކެ ވާ ލޯބި ހާމަކުރިއެވެ. ހުޒާމްގެ ރެޕްލައިއެއް އައީ އެރޭ ދަންވަރު ފިޒާގެ ކޮޓަރިއަށް ހުޒާމް ވައްދާނަންތޯ އަހާފައެވެ. ވަގުތުން ޔެސް އޭ ޖަހާފަ ފިޒާ ރެޕްލައިކޮށްލީ ހުޒާމްގެ ލޯބި ކޮންމެ ގޮތަކުންވެސް ހޯދަން ބޭނުންވާތީއެވެ.

އާ ދުވަހަކަށް އިރުއަރައިގެން އައިރު އެއްބަޔަކު އަރާމު ނިދި ނަގާލާފަ ފަތިހުގެ ހިތްގައިމުކަމުން އުފާ ހާސިލްކުރަމުންދިޔައިރު އަނެއްބަޔަކު ނިދީގެ ފޮނި މީރުކަން ހާސިލުކުރަމުންދިޔައެވެ. ނިދިފައި އޮތް ފިޒާއަށް ހޭލެވުނީ އިރުގެ ދޯދިތައް ކުޑަދޮރުގެ ބިއްލޫރިތައް ފޫއަޅުވާލާފައި އައިސް ލޮަލަށް އެޅުމުންނެވެ. ލޯ ހުޅުވާލެވުމާއެކު ފިޒާގެ ލޮލުން ކަރުނަ ނިރާލީ ރޭގެ ހަނދާންވެފައެވެ. ހުޒާމްގެ ރުހުން ހޯދުމަށް ފިޒާކުރީ ދުވަހަކުވެސް ކައިވެނީގެ ކުރިން ކުރުމަށް ހިތަށް އަރުވާފައިވެސް ވާކަމެއްނޫނެވެ. ރޮއިރޮއިފަވެސް ފިޒާ ހިތްހަމަޖައްސާލީ ހުޒާމްގެ ރުހުން ލިބި ލޯބި ލިބޭނެކަމަށް ވިސްނައިގެންނެވެ.

ބިޝާރާމެންނަށް ހުޒާމްއާއި ފިޒާގެ ލޯބީގެ ގުޅުން އެންގީ އީދު ނިމިގެން ހުޒާމް މާލެ ދިއުމުގެ އެއްދުވަސް ކުރިންނެވެ. ކުރިން އެކަކަށްވެސް ނާންގާ އެ ގުޅުން ކުރިއަށް ގެންދިޔައީ ހުޒާމްގެ އެދުމުގެ މަތިންނެވެ. ނަމަވެސް އެމީހުން ކައިރީ ބުނި ނަމަވެސް އިތުރު ބަޔަކަށް އެކަން ނޭނގުމަށް ހުޒާމް އެދުނެވެ. ބިޝާރާމެން ފިޒާއަށް ދިނުމަށް ބުނި އެއްހާސް ރުފިޔާ ފިޒާއަށް ދިން ނަމަވެސް ފިޒާ އޭގައި ނުޖެހުނެވެ. އެއީ އޭނަ ބޭނުންވެގެން ކުރިކަމެއްކަމަށާއި އެ ރުފިޔާ ހިފައިފިނަމަ އޭނާގެ ލޯތްބަކީ އެއްވެސް އަގެއްހުރި އެއްޗެއް ކަމުގައި ނުދެކެވޭނެކަމުގައި ބުންޏެވެ.

ހުޒާމް ފުރައިގެން ދިޔަތާ ހަފްތާއެއްވީއެވެ. މާލެ ދިއުމަށްފަހު ހުޒާމްގެ ފޯނަށް ނުގުޅިގެން ފިޒާ ހުންނަނީ ވަރަށް ދެރަވެފައެވެ. ވަރަށް މަސައްކަތުން އުޅެވެސް ކާމިޔާބު ނުވުމުން ބިޝާރާމެންގެ އެދުމުގެ މަތިން ފަޒީން ކައިރީ ފިޒާ ހުޒާމްގެ ވާހަކަ ކިޔައިދިނެވެ. ފަޒީން ހައިރާންވީ ފަޒީންގެ ރައްޓެހިކަމުގަ އައިސް ހުޒާމް އޭނާގެ ދައްތައަށް އެވަރުގެ ބޮޑު ލަނޑެއް ދިިނުމުންނެވެ. އަދި ހުޒާމްއަކީ މީހެއްގެ ފިރިއެއްކަމާ ދަރިއެއް ހުންނަކަންވެސް ފިޒާއަށް ބުނެދިނެވެ. ފިޒާއަށް ހީވީ ސިނކުޑިމަތީގައި މީހަކު ބާރަށްޖެހިހެންނެވެ. ޝޮކެއްގައި އިން ފަދައިން އަނގައިން ނުބުނެ އިރުކޮޅަކު އިނުމަށްފަހު ފަޒީން ގޮވަ ގޮވާ ހުއްޓާ ގޮސް ކޮޓަރިއަށްވަދެ ދޮރު ލައްޕާ ތަންޑުއެޅިއެވެ.

ހުޒާމްގެ ހަނދާނުގައި ނުކައި ނުބޮއެ ދުނިޔެމަތިން ފޫހިވެފައިވާ ފިޒާއަށް އިތުރު ހިތްދަތިކަމެއްލިބުނީ ކޮންމެ މަހެއްވެސް ފެށޭކޮޅުގައި ޖެހޭ މައްސަރު ކަންތައް ނުޖެހުމުންނެވެ. ސިއްރުން ސިއްރުން ކިޓެއް ގެންގޮސްގެން ޓެސްޓު ހެދިނަމަވެސް އެއީ ދުނިޔެއަށް ސިއްރުކުރެވޭނެކަމެއް ނޫންކަން ފިޒާއަށް އިނގެއެވެ. އެއް ހިތާމައިގެ މައްޗަށް އަނެއް ހިތާމަ ފާވީއެވެ. މުޅި ރަށަށް ގިނަވެ ފަޟީހަތްވީއެވެ. އެކުވެރިންތައް ގެއްލި މީހުންގެ ނުރުހުމުގެ ބަސްތަކުގެ އަމާޒު ފަތްގަނޑަކަށްވީއެވެ. ފިޒާގެ ހަނދާނަށް އައީ އެއްރެއެއްގައި ހުޒާމް ބުނި ޖުމްލައެކެވެ. “ފިޒީއަށް އީދު ހަދިޔާއެއް އަދި ދޭންޖެހޭނެދޯ” އާނއެކެވެ. އީދު ހަދިޔާ ދީފިއެވެ. ހިތުން ނުފިލާނެ އީދު ހަދިޔާއެކެވެ.

ފަޒީން ވަރަށް މަސައްކަތުން ހުޒާމްގެ ހަަބަރެއްވޭތޯ ބެލިއިރު އިނގުނީ އާއިލާ ގޮވައިގެން ޔޫކޭއަށް ދިރިއުޅުން ބަދަލުކުރިކަމެވެ.

ފިޒާއަށް މާޒީ ތެރެއިން ނިކުމެވުނީ މީހަކު ސަލާމްގޮވާ އަޑަށެވެ. “އެ ކޮއެ ކޮބާ މަންމަ” މަރިޔަންފުޅުގެ ރައްޓެހި ޒުލޭހާ އައިސް ހުރީ މަރިޔަންފުޅު ހޯދާށެވެ.

 

..ނިމުނީ..

60

You may also like...

9 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
    1. Avleen vaahaka up nukoh medhukandaalevunyma fahun ekama noolhevuny… ekam azker mn baynumiyya alun vaahaka up kuran feshidhaane..
      Ekm vaahaka alun fashaegn up kuraanythw or hama next part in feshign up kuraanythw mi visnany..
      Kihineh hedhiyyaa ragalhuvaany???

      ⚠Report!

Leave a Reply

Your email address will not be published.