ވީރާނާވެފައިވީ ޙަޔާތް މަގޭ 7

- by - 22- August 10, 2019

“ޝަބާ…. ޝަބާ… ދައްތަމެން މިފަހަރު މާލެ އައީ އެކޮޅަށް އެނބުރި ދާގޮތަކަށް ނޫން…” ވާހަކަ ދައްކަން އުނދަގޫވެގެން ދެ ފަހަރަކު މެދުކަނޑާލުމަށްފަހު ދައްތަ ދެން ބުނެލި ޖުމްލައިން އަހަރެންގެ ދެލޯ ބޮޑުވިއެވެ. ލިބުނު ހައިރާންކަމުގައި ދައްތަގެ ކޮނޑުމަތިން ބޯ ހިއްލާލެވުނެވެ. ސުވާލުގެ ނަޒަރަކުން ބަލާލެވުނީ ކަންފަތަށް އިވުނު ވާހަކަ އަޑު އިވުނީ ރަނގަޅަށްކަން ޔަޤީން ނުކުރެވިގެންނެވެ.

**********************

ދައްތަ އެ ބުނީ ތެދެއްކަން އިތުރަށް ޔަޤީންކޮށްދިނުމުގެ ގޮތުން ބޯ ޖަހާލިއެވެ. އިތުރު އެއްޗެއް ނުބުނެ އަހަންނަށް ހައިރާންވެފައި ދައްތައާއި ދިމާއަށް ބަލަން އިނދެވުނީ މިވަނީ ކިހިނެއް ހެއްޔޭ އަހާފަދަ ގޮތަކަށެވެ. އަހަންނަށް އެނގިފައި އޮތް ގޮތުން ވިއްޔާ، ދައްތަމެން އައީ ޗުއްޓީއަކަށެވެ. އެނބުރި ދާގޮތަށް ހަމަޖެހިފައިވަނީ ޖެހިގެން އަންނަ ހަފްތާގައެވެ.

 

އެކަމަކު މިހާރު މި ކިޔަނީ ކީކޭ ހެއްޔެވެ؟ އަހަންނަށް ނޭންގޭ ކަންތައްތަކެއް އުޅެނީ ހެއްޔެވެ؟ އެމީހުން އަހަންނަށް ކަމެއް ސިއްރު ކުރަނީ ހެއްޔެވެ؟ އެކަމަކު އަހަންނަށް ކަމެއް ސިއްރުކުރަންޖެހޭ ސަބަބަކީ ކޮބާހެއްޔެވެ؟ އެފަދަ ކަމެއް އޮތްނަމަ އެކަން ހިއްސާ ނުކުރީ ކީއްވެގެން ހެއްޔެވެ؟ އަހަރެން މިއީ އެހާވެސް ދުރު މީހަކީ ހެއްޔެވެ؟ ހިތުގައި އެތައް ސުވާލެއް އުފެދުނު ނަމަވެސް އެ ސުވާލުތައް ދުލާއި ހަމައަށް ގެންނަން އަހަރެން ނުކުޅެދުނެވެ.

 

ސުވާލުކުރުމަށްޓަކައި ދެތުންފަތް ހަރަކާތްކޮށްލާފައިވެސް ފަހު ވަގުތު ޚިޔާލު ބަދަލުވީ ކީއްވެކަމެއް ހުދު އަހަންނަށްވެސް ނޭންގުނެވެ. ދެތުންފަތް ޖައްސާ ބާރުކޮށްލާ ތިރީ ތުންފަތުގައި ދަތް އަޅާލެވުނީ އަނގައިން އަޑެއް ބޭރުވެދާނެތީއެވެ. މިވީހާތަނަށްވެސް ދައްތަމެންނާއި ދެކޮޅަށް އެއްޗެއް ބުނެފައެއް ނޯންނާނެއެވެ. އެމީހުން ހިތުގައި ޖެހޭފަދަ ކަމެއްނުކޮށްވޭތޯ އަހަރެން ވަރަށް މަސައްކަތްކުރަމެވެ. އެމީހުންނަށް އަދަބުކުޑަވާފަދަ ނޫނީ އިހްތިރާމް ގެއްލޭފަދަ ބަހެއްވެސް ނުބުނެވޭތޯ އަހަރެން ބަލަމެވެ. އެހެންވީމާ އަހަންނަށް ބުނެވޭ ކުޑަކުޑަ އެންމެ ލަފްޒަކުންވެސް ދައްތަގެ ހިތުގައި ޖެހިދާނެތީ އަހަރެން ޖެހިލުންވީއެވެ. ހިތުގައި ޝަކުވާ އުފެދުނު ނަމަވެސް އެއިން އެއްވެސް ޝަކުވާއެއް ދުލާއި ހިސާބަށް ނުގެނެވުނެވެ. ދައްތައަށް އަހަރެންގެ ހާލަތު އިހްސާސްކުރެވިގެން ކަންނޭންގެއެވެ. އަހަރެންގެ އަތުގައި ހިފާ ފިރުމާލިއެވެ.

 

“ދަރިފުޅާ… ކޮންމެހެން ދަރިފުޅަށް މިކަން ސިއްރުކުރާކަށް ނޫން… ކަންތައްތައް ވީގޮތުން އެ ވާހަކަ ދައްކަން އެއްވެސް މީހަކަށް ފަސޭހަ ކަމަކަށް ނުވި. ފޯނުން އެވާހަކަތައް ކިޔައިދޭން ބޭނުންނުވީ… ދައްތަމެންނަށްވެސް އެނގޭ ކޮންމެވެސް ދުވަހަކުން މިކަން ދަރިފުޅަށް އެނގޭނެކަން… މިކޮޅަށް އައިސް އެވާހަކަ ދައްކާނީއޭ ހިތާ ތިބިކަމުގައިވިޔަސް، މިހާ ދުވަސްވިއިރުވެސް އެ ހިތްވަރު ނުލިބުނީ…”

 

“އެކަމަކު ދައްތާ… ކީއްވެ؟… ކިހިނެއްވީ ކުއްލިއަކަށް މިކޮޅަށް ބަދަލުވާން ނިންމީ؟” އަހަރެން ސުވާލުކުރީމެވެ.

 

“ރަޔާން ބޭނުންނުވީ އެކޮޅުގައި އިތުރަށް މަޑުކުރަން… ކަންތައްތައް ދިމާވިގޮތުން އެތާ އުޅެން ރަޔާންއަށް ފަސޭހަ ކަމަކަށް ނުވާނެތީ ދައްތަމެންނަށްވެސް ފެނުނީ އެއީ އެންމެ ރަނގަޅު ނިންމުންކަމަށް.” ސުވާލުގެ ނަޒަރަކުން އަހަރެން ދައްތައަށް ބަލާލީ، ވެގެން އުޅޭގޮތެއް އަދިވެސް އަހަންނަށް ނޭންގޭތީއެވެ.

 

“ދަރިފުޅުގެ ހިތުގައި ސުވާލު އުފެދޭނެކަން އެނގޭ.. ކުއްލިއަކަށް ދިރިއުޅުމަށް އައި ބަދަލު ބަލައިގަންނަން ދައްތަމެންނަށްވެސް ފަސޭހަކަމަކަށްނުވި.. ރަޔާންގެ އަންހެނުންނާއި ބެހޭގޮތުން މާގިނަ ވާހަކަތަކެއް ނޭންގުނަސް، އެމީހުންގެ ކައިވެނީގެ ވާހަކަ ދަރިފުޅަށްވެސް އެނގިފައި އޮންނާނީ…” ދައްތަ އަހަރެންގެ މޫނަށް ބަލާލިއެވެ. އެ  ސަބަބު ގުޅިފައިވަނީ ރަޔާންގެ ކައިވެންޏާއި ބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. އެކަމަކު ސުވާލު ނުކުރީ ދައްތަ ވާހަކަ ކުރިއަށް ގެންދަން ފުރުޞަތު ދިނުމުގެ ގޮތުންނެވެ.

 

“ކުއްލިގޮތަކަށް ކުރެވުނު އެ ކައިވެނީގެ ސަބަބުން ދައްތަގެ ހިތުގައިވެސް ސުވާލު އުފެދުނު… ރަޔާން ޖަނާއާއި ކައިވެނިކުރަން ބޭނުންވާކަން ދައްތަމެންނަށް އެންގިއިރު ކައިވެނިކުރާނެ ދުވަސްވެސް އޮތީ ކަނޑައަޅާ ނިންމާފައި.. ކައިވެނި ކުރެވުނުއިރުވެސް ދައްތަމެންނަށް ޖަނާއަކީ ކާކުކަން މާ ރަނގަޅަކަށް ނޭންގޭ… ކައިވެނިކޮށްގެން ކުރީކޮޅުގައި އެދެމީހުން އުޅުނީ ވަރަށް ހަމަޖެހޭ ދިރިއުޅުމެއް… ނޫނީ އެއީ ދައްތަމެންގެ ލޯ މައްޗަށް އެމީހުން ދެއްކި މަންޒަރެއް ކަންނޭންގެ… އެކަމުގެ ހަޤީޤަތަކީ ކޮބައިކަމެއްވެސް ދައްތައަކަށް ނޭންގެ…” ދައްތަ އަހަންނަށް އެވާހަކަތައް ކިޔައިދޭން ފެށިއެވެ. އެންމެ ފަހު ޖުމްލަ ބުނިއިރު ދެފަރާތަށް ބޯ ހޫރާލިއެވެ.

 

“އެކަމަކު ފަހުން ރަޔާން އެ ވާހަކަ ނުދެއްކިޔަސް ދެމީހުންގެ ދެމެދުގައި މައްސަލަޖެހޭކަން ދައްތައަށް އެނގޭ.. ދަރިއަކު ލިބުމުން އެކަން ހައްލުވާނެކަމަށް ހީކުރިން. އެކަމަކު ވަކި ބަދަލެއް ނާދޭ… މާ ގިނަދުވަހެއް ނުވެ އައިނީވެސް ދޫކޮށްލާފައި ޖަނާ ދިޔައީ… އެވަރުގެ ތުއްތު ކުއްޖަކު ދޫކޮށްލާފައި ދާން ކެރިދާނެކަމަކަށްވެސް ދައްތަ ހިއެއް ނުކުރަން… އައިނީއަށް އޭރު އަދި ދެއަހަރުވެސް ނުވޭ…” ދައްތަމެން މާލެ އައިއިރު ޖަނާ ނައީ ކީއްވެގެންކަން އަހަންނަށް މި އެނގުނީ އަދި ކިރިޔާއެވެ. އެދުވަހު އައިނީ މަންމަ އޭ ކިޔާފައި ގޮވާލުމުން ދައްތަގެ މޫނުން ފެނުނު ހިތާމައިގެ އަސަރުތަކުގެ އަސްލަކީ އެއީ ކަމުގައި އަހަންނަށް ވިސްނުނެވެ.

 

“އައިނީ މަންމަ ނެތިގެން ރޯއިރު، އެ އަޑު އަހާކަށް ދައްތައަކަށް ކުޅަދާނައެއް ނޫން. އެ ވަރުގެ ތުއްތު ކުއްޖަކު މަންމައާއި ނުލާ އުޅޭނީ ކިހިނެއް؟ ޖަނާ ދިޔަތާ ކުރީކޮޅު މަންމަ ނެތިގެން އެތައް އިރެއް ވަންދެން އައިނީ ރޯނެ.” މިހާ ހިސާބުން ދައްތަގެ ވާހަކަ ހުއްޓާލުމަށްފަހު އެއްދިމާއަކަށް ބަލަން އިންގޮތުން މާޒީގެ އެ ދުވަސްތައް ހަނދާންވެ އެދުވަސްތަކާއިމެދު ވިސްނަނީހެން ހީވިއެވެ. އަހަރެން ދައްތައަށް ގޮވާލީމެވެ.

 

“އެކަމަކު ދައްތަ ހިތްވަރުދެރައެއް ނުކުރަން…. އުފަން ދަރިއަކާއި ދުރުގައި މާ ގިނަ ދުވަހަކު ކެތެއް ނުކުރެވޭނެއޭ ދައްތަ ހިތަށް އެރީ… ދުވަސްކޮޅަކުން ޖަނާ އަލުން އެނބުރި އައިސްދާނޭ ހިތާ ހުރީ… އެކަމަކު އެވެސް ވީ ކުށްހީއަކަށް..” ވާހަކަ މެދުކަނޑާލުމަށްފަހު ދައްތަ އަހަރެންގެ އަތުގައި ހިފާ ބާރުކޮށްލިއެވެ.

 

“އެންމެފަހުން ދައްތަ ރަޔާންއާއި އެވާހަކަ ދެއްކީ.. ދެމީހުންގެ ދެމެދު ޖެހުނު މައްސަލައެއް ހައްލުކޮށްފަ ޖަނާ އަލުން އަނބުރާ ގެންނަން ދައްތަ އެދުނީ ތުއްތު އައިނީގެ ހައްގުގައި. ރަޔާން އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދިން. އޭނާ ބުނީ އަޅާނުލާށޭ، އަންނަން ފެނިއްޖެއްޔާ އަންނާނޭ. ތިމަންނަ އާދޭސްކުރާކަށް ނުދާނަމޭ.. ޖަނާ އުޅެން ބޭނުންވާ ގޮތަކަށް އުޅެފާނެއެއް ނޫންހޭ..” ދައްތަ ވާހަކަ މެދުކަނޑާލާފައި ފުންނޭވާއެއް ދޫކޮށްލިއެވެ.

 

“ރަޔާންގެ އެ ފަރުވާކުޑަ ޖަވާބުން ދައްތަ ވަރަށް ދެރަވި. އެކަމާ ކަންތައް ބޮޑުވެގެން ބޮޑުބޭބެއާއިވެސް ވާހަކަ ދެއްކިން.. ބޮޑުބޭބެ ބުނީ ރަޔާންއަށް ވަގުތުދޭށޭ..” ދައްތަގެ ދެލޮލުން ރިހުމުގެ އަސަރު ފެނުނެވެ.

 

“ދައްތަ އެއްޗެއް ނުބުނެ ހުރީ އަދި ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމަށް އުންމީދުކޮށްގެން… އެކަމަކު ރަޔާންއަށް އައި ބަދަލުތަކުން ދައްތައަށް އެއްޗެއް ނުބުނެ ނުހުރެވުނީ….. ރަޔާން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަކުރަންފެށި… ހެނދުނު ގެއިން ނުކުމެގެން ދާ މީހާ ގެއަށް ވަންނަނީ ރޭގަނޑު ނިދަން….. އައިނީއަށް އެއްވެސް ވަރަކަށް އަޅާނުލާ….. އެ މޫނުން ފެންނަނީ އަބަދުވެސް މާޔޫސްކަމާއި ހިތްދަތިކަން… ދިރިއުޅުން މަތިން ފޫހިވެފައި ހުންނަ މީހެއްހެން އުޅުނީ…” ދައްތަގެ ލޯ ފެންކަޅިވިއެވެ.

 

“ދެވަނަ ފަހަރަށް އެވާހަކަ ބޮޑުބޭބެ ގާތުގައި ދެއްކިން… ބޮޑުބޭބެވެސް ހުރީ އެކަމާ ވަރަށް ކަންބޮޑުވެފައި… އަނެއްކާވެސް ރަޔާންއާއި ވާހަކަ ދައްކާ، އެތައް ވަރަކަށް ވިސްނައިދީ، އެތައް ނަސޭހަތެއް ދިން ފަހުން، އުޅުން ބަދަލުކޮށް އައިނީއަށްވެސް އަޅާލަން ފެށީ… އެކަމަކު އޭގެ ފަހުންވެސް އެ މޫނުމަތިން ހިނިތުންވުމެއް ނުފެނެއޭ ބުނުމަކުން ދޮގަކަށް ނުވާނެ…” ދައްތަގެ ލޮލުން ފޭބި ކަރުނަތައް ފޮހެލިއެވެ.

 

“ދަރިފުޅާ… އައިނީވެސް ފަހުން ޖަނާ ހޯދަން ކުރިން އެ އުޅުނު ވަރަކަށް ނޫޅޭ… އެކަމަކު އައިނީއަށް މަންމައެއްގެ ލޯބި ބޭނުންވާނެކަން އަހަރެމެންނަށްވެސް އެނގޭ… އެންމެންވެސް ދިރިއުޅުމައިގެން ކުރިއަށްދިޔަ….. ދިރިއުޅުން ހަމައަކަށް އެޅުނީކަމަށް ހީކޮށްގެން ތިއްބާ އަނެއްކާވެސް ލިބުނީ ހިތާމަވެރި ޚަބަރެއް… އެކޮޅުގައި ހިންގަމުން ދިޔަ ވިޔަފާރި ހުއްޓުމަކަށް އައީ… އެކަމުގެ މާ ބޮޑު ތަފްސީލެއް ދައްތައަކަށް ނޭންގެ…” ދައްތަ ކިޔައިދިނެވެ.

 

“ހުރިހާ ކަމެއް އެގޮތަށް ދިމާވީމަ ރަޔާން ބޭނުމެއްނުވި އެ ކޮޅުގައި މަޑުކުރާކަށް. އޭނާއަށް ވާނީ އެއީ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުން ކަހަލަ ކަމަކަށްތާ….. ނުލާހިކު އުންމީދާއެކީ ފެށި ވިޔަފާރިއެއް އެއީ….. ބޮޑުބޭބެއަށްވެސް ފެނުނީ މާލެ ބަދަލުވުމަކީ ރަނގަޅު ގޮތެއްކަމަށް… ރަޔާންއަށްވެސް ހަމަޖެހިލެވޭނީ އެ މާހައުލާއި ދުރަށް ގޮސްގެންކަމަށް ދައްތައަށްވެސް ޤަބޫލުކުރެވުނީ.” ދިރިއުޅުން ބަދަލުވެގެން ދިޔަގޮތް ކުރުގޮތަކަށް ދައްތަ ކިޔައިދިނެވެ. އަހަންނަށް ހައިރާންވެފައި އެވާހަކަތައް އަޑުއަހަން އިނދެވުނެވެ.

 

“ޝަބާ… ކިތަންމެ ހަމަޖެހޭކަން މޫނުމަތިން ރަޔާން ދެއްކިއަސް، މިހާރުވެސް ރަޔާން އުޅެނީ ހިތްހަމަޖެހިގެން ނޫންކަން ދައްތައަށް އިހްސާސްކުރެވޭ. ރަޔާން ނުބުންޏަސް ދައްތައަށް އެކަން އެނގޭ. ހިތަށްއަރާ ދައްތަ ކުރަންވީ ކޮންކަމެއްބާވައޭ؟ ރަޔާންގެ އުފަލަށްޓަކައި ދައްތަ ކޮންމެ ކަމެއްވެސް ކުރަން މިހުރީ ތައްޔާރަށް… އެކަމަކު…” ދައްތަގެ ވާހަކަ ހުއްޓާލީ އިތުރަށް ކުރިއަށް ނުގެންދެވިގެންނެވެ. އަހަރެން ހިތްވަރުދިނުމުގެ ގޮތުން ދައްތަގެ ކޮނޑުގައި ފިރުމާލީމެވެ. ދަރިއަކަށް ހިތާމައެއް ނޫނީ ދެރައެއް ލިބޭތަން ދެކެން މަޔަކަށް ކެތެއް ނުވާނެކަން އަހަންނަށް ވަރަށް ރަނގަޅަށް އިހްސާސްކުރެވެއެވެ.

 

“ދައްތާ.. ތިހުރިހާ ކަމެއް ވެގެން ދިޔައިރު ކީއްވެ އަހަރެން ގާތު ނުބުނީ؟؟” އެންމެ ފަހުން އަހަންނަށް ބުނެވުނެވެ.

 

“ދައްތަމެންނަށް ދެރައެއް ލިބިއްޖެނަމަ ޝަބާ އެކަމާ ވިސްނާ ދެރަވާނެކަން ދައްތަމެންނަށް އެނގޭ. ފޯނުން އެ ވާހަކަތައް ދައްކައިގެން ދަރިފުޅު އިތުރަށް ހާސްކުރަން ބޭނުންނުވީ… މިކޮޅަށް އައިފަހުންވެސް އެ ވާހަކަ ދައްކަން ރަނގަޅު ފުރުޞަތެއް ނުލިބުނީ… އެހެން ނޫނަސް އެތައް ދުވަހެއް ފަހުން ދަރިފުޅުގެ މޫނުމަތިން ފެނުނު ހިތްހަމަޖެހުން ދައްތަމެންގެ ސަބަބުން ނެތިގެން ދާން ބޭނުންނުވީ….” ދައްތަ ބުނެދިނެވެ. އަހަރެން ދައްތަގެ ކޮނޑުގައި އަތް ޖައްސާލާ ދައްތައަށް ހިތްވަރުދެވޭތޯ ބެލީމެވެ.

 

“ދައްތާ… ދެން އެކަހަލަ ކަމެއް ދިމާވިޔަސް އަހަންނަށް އެކަން ސިއްރު ނުކުރާތި. ދައްތަމެންނަށް ލިބޭ ކޮންމެ އުފަލަކާއި ހިތާމައެއްގައި އެންމެ ގާތުގައި ވާން އަހަރެން ބޭނުން.. ދައްތަ ކަންބޮޑުނުވާތި.. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް.”

**********************

“މަންމާ!!” ޝާފީގެ އަޑު އިވުމުން އަހަރެމެންގެ ވާހަކަ މެދުކަނޑާލީމެވެ. ކޮޓަރީގެ ދޮރުން ނުކުތްއިރު ޝާފީ ދުވެލާފައި އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. އަހަރެން ޝާފީއަށް ގޮވާލީމެވެ.

 

“ގެއަށް ވަންގޮތަށް މަންމަ ކައިރިއަށޭ ކިޔާފައި ފުރަތަމަވެސް ގޮސް ވަނީ ދަރިފުޅުގެ ކޮޓަރިއަށް… ނުފެނިގެން އުޅެން ހެދީމަ ބޮޑުބޭބެމެން ކޮޓަރި ބަލާބަލާށޭ ބުނީމަ ދަރިފުޅަށް ގޮވަމުން އެ ދިޔައީ..” ސޯފާގައި އައިނީ ބައިންދާލަމުން ބޮޑުބޭބެ ކިޔައިދިނެވެ.

 

“ޒާހިރާ… އަހަރެން މިދަނީ ޔޫނުސްއާއިއެކު ބޭރަށް” ދައްތައަށް ގޮވާލާފައި ބޮޑުބޭބެ ބުނެލިއެވެ.

 

“ޝާހިދު ސައިވެސް ނުބޮއިތަ ދަނީ؟” ދައްތަ އަހާލިއެވެ.

 

“އާން… މިގަޑީގައި މަޑުކުރެވޭކަށް ނެތޭ… އޭނާ ދެންމެއަކު ގުޅާފައި ބުނީ މިރޭ ފްލައިޓުން ފުރާ ވާހަކަ. އެހެންވީމާ  މި ގަޑީގައި ބައްދަލުކޮށްލެވޭނީ… ޒާހިރާ… މި ކުދިންނަށް ސައި ހަދައިދީ… ދަރިފުޅާ ޝަބާ… ދަރިފުޅުމެން އަވަހަށް ދޭ ސައިބޯން..” މިހެން ބުނެފައި ބޮޑުބޭބެ ގެއިން ނުކުމެގެން ދިޔައީއެވެ.

 

“ދަރިފުޅުމެން ހިނގާ ސައި ބޯން… ބޮޑުބޭބެގެ ގޮތް ދަރިފުޅަށްވެސް އެނގެއެއްނު.. ރައްޓެއްސަކު ގުޅާލައިފިއްޔާ ކޮންމެހެންވެސް ދާންޖެހޭނެ… އަނެއްކާ ރައްޓެހިންވެސް އެހާ ގިނަވާނެ…” ދައްތަ ބުނެލިގޮތުން އަހަރެންވެސް ހިނިއައެވެ. ޝާފީގެ އަތުގައި ހިފައިގެން ދައްތަ ހިނގައިގަތުމުން އަހަރެން ސޯފާގައި އިން އައިނީ ނަގާ އުރާލީމެވެ. އައިނީގެ މޫނު ފެނުމުން ކުޑައިރުކޮޅެއް ކުރިން ދައްތަ ދެއްކި ވާހަކަތައް ހަނދާނަށް އައެވެ.

 

“މި ކުއްޖާއަށް މިހާ ތުއްތުއިރުވެސް މިދިމާވީ ހާދަ ހިތާމަވެރި ގޮތެކެވެ. އެ ހިތަށް ހާދަ އަސަރެއް ކުރާނެއެވެ. މަންމައެއްގެ ލޯތްބާއި އަޅާލުން އެވަރުގެ ކުއްޖަކަށް ވަރަށް މުހިންމުވާނެއެވެ. އެކަމަކު….” ހިތަށް އެތައް އެއްޗެއް އަރާ ފައިބަމުން ދިޔައިރު، އަހަންނަށް އެ ތުއްތު ހަށިގަނޑު ގަޔާލާ ބޮނޑިކޮށްލެވުނެވެ. އެ ކޯތާފަތުގައި ބޮސްދެވުނުއިރު، އަހަރެންގެ ލޯ ފެންކަޅިވިއެވެ.

 

“ދަރިފުޅާ ޝަބާ… އަވަހަށް އާދޭ” ދައްތަ އަހަންނަށް ގޮވާލި އަޑު އިވުނެވެ.

 

“މި ދަނީ ދައްތާ…” އަހަރެން އަވަސް ހިނގުމެއްގައި އައިނީ ގޮވައިގެން ގޮސް ކާބަޔަށް ވަނީމެވެ.

**********************

ޖެހިގެން އައި ހަފްތާގައި އައިނީ ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރިއެވެ. ވީހާވެސް ގިނަ ވަގުތު އައިނީ ކައިރީގައި ހޭދަކުރެވޭތޯ އަހަރެން ބެލީމެވެ. ކޮންމެ ކުއްޖަކުވެސް ބަލިވީމާ އެންމެ ބޮޑަށް ބޭނުންވާނީ މަންމަގެ އެހީތެރިކަމާއި އޯގާތެރި ފިރުމުންތަކެވެ. ނަމަވެސް އައިނީގެ މަންމަ ކައިރީގައި ނެތުމުން އެކުއްޖާ ވަނީ އެ އުފަލުން މަހުރޫމުވެފައެވެ. އަހަރެން ބޭނުންވީ އެކަން އައިނީއަށް އިހްސާސްވެސް ނުކުރެވޭ ވަރަށް ލޯތްބާއި އަޅާލުންދޭށެވެ. އަހަންނަކީ އައިނީގެ މަންމަ ކަމުގައި ނުވިޔަސް، އެމީހުން މާލެ އައިތާ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އަހަންނާއި އައިނީއާއި ދެމެދުވަނީ ގާތް ގުޅުމެއް އުފެދިފައެވެ. އަހަންނާއިއެކު ހޭދަކުރާ ވަގުތުތަކުގައި އެ މޫނުމަތިން ހިތްހަމަޖެހުން ފެނެއެވެ.

 

ހޮސްޕިޓަލްގައި އުޅޭ ވަގުތުތަކުގައި ރަޔާންއާއި ދިމާވި ނަމަވެސް ރަޔާން ބަލަނީ އަވަހަށް އަހަރެން ކުރިމަތިން ދުރަށް ދެވޭތޯއެވެ. އަދިވެސް އަހަރެންދެކެ ރުޅިއައިސްފައި ހުރީ ކަންނޭންގެއެވެ. އަހަރެންވެސް ކޮންމެހެން ރަޔާންއާއި ވާހަކަ ދައްކާކަށް ނޫޅެމެވެ. އޭނާއަށް ކަންތައް ދިމާވި ގޮތާއި ދޭތެރޭ އަހަރެން ދެރަވެއެވެ. އޭނާއާއިމެދު ހަމްދަރުދީވަމެވެ. އެކަމަކު ކުޑަމިނުން ހިތްވަރުދިނުމުގެ ބަހެއް ބުނެވޭވަރުގެ ގުޅުމެއްވެސް އަހަރެމެން ދެމީހުން ދެމެދަކު ނެތެވެ.

 

އެހެންކަމުން ހަދާނެ ގޮތެއް ނޭންގިފައި އަހަރެން ހުރީއެވެ. އައިނީއަށް އަހަރެންގެ އެހީތެރިކަމާއި އަޅާލުން ވީ އެންމެ ބޮޑަކަށް ދެވޭތޯ ބަލަމެވެ. އެކަމުގައިވެސް ޔަމާންގެ އެއްބާރުލުން އަހަންނަށް ލިބެއެވެ. ޔަމާންވެސް އައިނީއާއިއެކު ވަގުތު ހޭދަކޮށް އައިނީ ހިތްހަމަޖައްސައިދެވޭތޯ ބަލައެވެ.

 

ފަސްދުވަސް ފަހުން އައިނީ ހޮސްޕިޓަލުން ގެއަށް ދޫކޮށްލިއެވެ. އޭގެފަހުންވެސް އަހަރެން އެ ގެއަށް ގޮސް އައިނީއާއިއެކު ގިނަ ވަގުތު ހޭދަކުރީމެވެ. އައިނީއަށް ބޭނުންވާނެ ކަންތައްތައް ވީ އެންމެ ރަނގަޅަކަށް ކޮށްދެވޭތޯ ބެލީމެވެ. އެކަމަކުވެސް ރަޔާން އައިނީ ކައިރީގައި މަޑުކުރާ ވަގުތުތަކުގައި އަހަރެން ހުންނަނީ ދުރުގައެވެ.

**********************

ދުވަސްތަކެއް ފަހެވެ. އެއްދުވަހެއްގެ މެންދުރުފަހު، ޝާފީ ގޮވައިގެން ދައްތަމެން ގެއަށް އަހަރެން ދިޔައީމެވެ. އައިނީއާއި ދެކުދިން ކުޅެން ތިބެފައި އިރުކޮޅަކުން އައިނީ އައިސް އަހަރެންގެ އުނގުތެރެއަށް ވަނެވެ. އަހަރެން އެ ތުއްތު މޫނަށް ބަލާލީމެވެ. އާފުރިލަމުން، ދެއަތުން ލޯ އުނގުޅަމުން ދިޔަ ގޮތުން އެ އުޅެނީ ނިދި އައިސްގެންކަން އަހަންނަށް އެނގުނެވެ. އައިނީ ގޮވައިގެން ކޮޓަރިއަށް ދިއުމުގެ ކުރިން ޝާފީއަށްވެސް ގޮވީމެވެ. އެކަމަކު ޝާފީ އެތަނުގައި މަޑުކުރާނީއޭ ބުނެ ބްލޮކްސްތަކެއް ހިފައިގެން އިނީއެވެ. އެތަނުން ދިޔުމުގެ ކުރިން ދައްތަ ގާތު ޝާފީއަށް ބަލާލަން އަހަރެން ބުނީމެވެ.

 

ކޮޓަރިއަށް ގޮސް އައިނީ އެނދުމަތީގައި ބާއްވާލީމެވެ. އައިނީއަށް ނިދެންދެން ކައިރީގައި އިނީމެވެ. ބޮލުގައި ފިރުމާލަމުން، އެނދުން ތެދުވީ އައިނީއަށް ނިދުނުކަން ޔަޤީންވީމައެވެ.  ސިޓިންގރޫމަށް ނުކުތްއިރު ޝާފީ ކުރިން އިންތަނުގައި ނެތުމުން، ދައްތަގެ ކޮޓަރިއަށް ދިޔައިމެވެ.

 

“ދައްތާ.. ޝާފީ ކޮބާ؟” ކޮޓަރި ދޮރު ހުޅުވާލިއިރު ފެންނަ ހިސާބުގައިވެސް ޝާފީ ނެތުމުން އަހަރެން ދައްތައާއި ސުވާލުކުރީމެވެ.

 

“ކުޑަ އިރުކޮޅެއްކުރިން ދައްތަ ބަލާލިއިރުވެސް ސޯފާގައި އިން” ދައްތަ ބުންޏެވެ.

 

“އެކަމަކު މިހާރު ނެތޭ ދައްތާ… ޝާފީ؟؟” އަހަރެން ވަރަށް ހާސްވިއެވެ. ޝާފީއަށް ގޮވާލެވުނީ އަޑަށް ބާރުލާފައެވެ.  ދައްތަ ބަދިގެ ބަލާލާނެކަމަށް ބުނެފައި އެދިމާއަށް ދިއުމުން އަނެއްކާވެސް އަހަރެން ސިޓިންރޫމަށް ނުކުތީމެވެ.

 

“މަންމާ….” ޝާފީގެ ވޭނުން ފުރިގެންވީ އަޑު އިވުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ދަރިފުޅާ އޭ ކިޔާ އަޑު އިވުނު ދިމާއަށް ދުއްވައިގަނެވުނުއިރު އަހަންނަށް ރޮވިއްޖެއެވެ.

 

ފެނުނު މަންޒަރުން ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. ހަރަކާތެއްވެސް ނުގެނެވި ގަނޑުވެފައި އަހަންނަށް ހުރެވުނެވެ. ހަމަހޭވެރިކަންވުމުން ކަރުނަތައް ފޮހެލަމުން ރުޅިވެރިކަމާއެކު އެ މޫނަށް ބަލާލީމެވެ.

 

“ރަޔާން….” އަކުރުތަކަށް ދަމާލަމުން، އަހަންނަށް ކަރުބުޑުން ހަޅޭއްލަވައިގަނެވުނެވެ.

 

(ނުނިމޭ)

22

You may also like...

7 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Assalam Alaikum dear readers
    Here is the seventh part of ‘Veeraanaa vefaivee hayaai magey’
    Hope you will like this part

    ⚠Report!

Leave a Reply

Your email address will not be published.