ގޭގެ ދޮރު ހުޅުވާލުމަށްފަހު ރަޔާން ވަނީ އަހަރެމެން އެ މަސައްކަތުގައި ތިއްބައެވެ. ރަޔާންގެ ނަޒަރު އަހަރެންގެ މޫނުން ދެން އަމާޒުވެގެން ދިޔައީ އައިނީގެ މޫނަށެވެ. އެ މޫނުމަތިން ފެނުނު ކުލަތައް ތަރުޖަމާ ކުރާކަށް އަހަންނަށް އެވަގުތު ނޭންގުނެވެ. ހުއްޓުން އަރާފައި އިނދެވުނީއެވެ. އަހަރެންގެ އުނގުގައި އައިނީ އިނުމުން ހިތްހަމަނުޖެހިފައި ކަމަށްވެސް ވެދާނެއެވެ. އިއްޔެ މީހުން ތިބުމުން އެއްޗެއް ނުބުނި ކަމުގައި ވިޔަސް މިއަދު އެއްޗެއް ނުބުނެ މަޑުން ހުރެދާނެހެން އަހަންނަކަށް ހިއެއް ނުވެއެވެ. ރަޔާން ކުރިއަށް އަޅާލި ފިޔަވަޅާއިއެކު އަހަންނަށް އައިނީ ސޯފާގައި ބައިންދާލުމަށްފަހު ފުންމައިގެން ތެދުވެވުނީ ދެން ވާނެ ގޮތެއް ލަފާކޮށްލަންވެސް ނޭންގޭތީއެވެ.

**********************

ދެތިން ފިޔަވަޅެއް އަޅާލިތަނާ އައިނީ ދުވެލާފައި ގޮސް ރަޔާންގެ ފައިގައި ބައްދާލިއެވެ. ރަޔާން ގުދުވެލާފައި އައިނީ ނަގާ އުރާލިއެވެ. އައިނީ އަތުގައި އޮތް ކަރުދާހުން ހަދާފައިވާ މާތައް ދައްކާލުމުން ރަޔާން ހިނިތުންވެލަމުން ތައުރީފުކޮށްލިއެވެ. އައިނީ އެ ކުދިކުދި ދަތްތައް ފެންނަވަރަށް ލޯބިކޮށް ހިނިތުންވެލިއެވެ. އައިނީގެ މޫނުން ނަޒަރު ވަކިކޮށްލާ އަހަރެންގެ މޫނަށް ނަޒަރު ހުއްޓާލިއިރު، ރަޔާންގެ މޫނުމަތީގައިވި ހިނިތުންވުން އެކީ ފިލައިގެން ހިނގައްޖެއެވެ. އެ މޫނުން ފެންނަމުން ދިޔައީ ކޮންކަހަލަ އަސަރުތަކެއް ކަމެއް ބުނެދޭކަށް އަހަންނަކަށް ނޭންގުނެވެ. އަހަރެންގެ ނަޒަރު ރަޔާންގެ މޫނުން ވަކިކޮށްލާ ދުރަށް ނަޒަރު ހުއްޓާލީ އެ މޫނަށް މާ ގިނައިރު ބަލަން އުނދަގޫވުމުންނެވެ.

“ދަރިފުޅާ ރަޔާން… ދަރިފުޅު އައީ ދޯ…. ސައިބޯންވީނު” ދައްތަ އެވަގުތު އެތަނަށް އައިކަން ނަސީބެކޭ އަހަރެންގެ ހިތަށް އެރިއެވެ. “ނޫން މަންމާ.. މި ގަޑިއަކު ނުބޯނަން” މިހެން ބުނެ އައިނީވެސް ގޮވައިގެން ރަޔާން މިސްރާބުޖެހީ ކޮޓަރިއާއި ދިމާއަށެވެ. ހީވަނީ އަހަރެން ކުރިމަތީގައި ހުންނަން ބޭނުން ނުވެގެން ދިޔަހެންނެވެ.

ދައްތަ އަހަންނަށް ގޮވާލާ ކޮޓަރިއަށް އަންނަން ބުނުމުން އަހަރެން ދައްތަ ފަހަތުން ގޮސް ކޮޓަރިއަށް ވަނީމެވެ. އޭރު އެނދުމަތީގައި ކޮތަޅުތަކެއް ބަހައްޓާފައި ހުއްޓެވެ. އަހަރެން އަތަށް އެ ކޮތަޅުތައް ދެމުން އެއީ ދައްތައާއި ބޮޑުބޭބެގެ ފަރާތުން އަހަންނަށް ދޭ ހަދިޔާ ކަމުގައި ބުންޏެވެ. އަހަރެން ދައްތަމެންނަށް ޝުކުރު އަދާކުރީމެވެ. އެވަގުތު އަހަރެންގެ ފޯނު ރިންގްވާން ފެށިއެވެ. ގުޅަނީ ޔަމާންއެވެ. ޔަމާން ކުރަން ދިޔަ މަސައްކަތް ނިމުމުން އަހަރެމެން ގެޔަށް ދިޔައީތޯ ބަލާލަންވެގެން ގުޅާލީއެވެ. އަހަރެން އަދި ނުދާކަމަށް ބުނުމުން މަޑުކުރުމަށް ބުންޏެވެ. ޔަމާންވެސް ބޮޑުބޭބެމެން ގެއަށް އަންނާނެކަމުގައި ބުނެ ފޯނު ބޭއްވިއެވެ.

އެރޭގެ ވަގުތެވެ. ޝާފީ ނިދުމުން އަހަރެން ސޯފާގައި ވާހަކަ ފޮތެއް ހިފައިގެން އިނީ ޔަމާން އަންނަންދެނެވެ. ރައްޓެހިންތަކަކާއެކު ޔަމާން ބޭރަށް ދިޔައީ ނުވައެއްވެސް ޖެހި ފަހުންނެވެ. ބައިގަޑިއެއްހާއިރުފަހުން ވާހަކަ ފޮތް ބާއްވާފައި އަހަރެން ސޯފާގައި އޮށޯވެލީމެވެ. އަހަންނަށް ޚިޔާލުކުރެވުނީ ރަޔާން އެދުވަހު ކަންތައް ކުރި ގޮތާއި މެދުގައެވެ. އޭނާގެ އެ ހަމަހިމޭންކަމާއި ބަސްމަދުކަމުން އަހަރެން ހައިރާންވިއެވެ. ކުރިންވެސް އަހަރެމެން ދެމީހުން ދެމެދުގައި މާ ރަނގަޅު ގުޅުމެއް ނެތެވެ. އެކަމަކު އޭނާ ހިތްހަމަ ނުޖެހޭ ކަމެއް ކުރެވިއްޖެނަމަ ރަޔާންއަކީ އެކަން ފާޅުނުކޮށް ހުންނާނެ މީހެއް ނޫނެވެ. މިހާރު ރަޔާން ބަދަލުވީ ކަމަށްވެސް ވެދާނެއެވެ. ނޫނީ އައިނީ ހުރުމުން ޒުވާބުކުރަން ބޭނުންނުވީކަމަށްވެސް ވެދާނެއެވެ. އޭނާގެ ވިސްނުން ހުރި ގޮތެއް ދެނެގަންނާކަށް އަހަންނަކަށް ނޭންގުނެވެ. ދުވަސްތަކެއް ވަންދެން އެއްގެއެއްގައި އަހަރެމެން އުޅުނުކަމުގައިވިޔަސް އަހަންނަށް ރަޔާން ރަނގަޅަށް ދަސްވެފައެއް ނެތެވެ.

މިކަހަލަ އެތައް ޚިޔާލުތަކެއްގެ ތެރޭގައި ވަނިކޮށް ކޮޓަރި ދޮރު ހުޅުވާލާފައި ވަނީ ޔަމާންއެވެ. އަހަރެން ސޯފާއިން ތެދުވެ އިށީނީމެވެ. ޔަމާން އަހަރެންގެ މޫނަށް ފުންކޮށް ނަޒަރު ހިންގާލިއެވެ. “ކޮންކަމަކާ ތި ވިސްނަނީ؟” ޔަމާން ސުވާލުކުރުމުން އަހަރެން ހައިރާންވިއެވެ. އަހަރެންގެ ކަންތައްތައް ޔަމާން ދެނެގަންނަނީ ނުހަނު ފަސޭހަކަމާއެކުގައެވެ. ނުވިސްނަމޭ ބުނާ ކަހަލަ ގޮތަކަށް ދެފަރާތަށް ބޯ ހޫރުވާލީމެވެ. ރަޔާންގެ ވާހަކަ އަހަރެން ކޮންމެހެން މިގަޑީގައި ދައްކާކަށް ބޭނުމެއް ނުވެއެވެ. “ޔަމާން އަންނަންދެން ހަމަ އޮތީ.. ދެން ހިނގާ ނިދަން… މިހާރު މާ ލަސްވެއްޖެއެއްނު..” އަހަރެން ސޯފާއިން ތެދުވަމުން ބުނެލީމެވެ.

**********************

ޖެހިގެން އައި ދުވަހުގެ ރޭ ބޮޑުބޭބެމެންނަށް ރޭގަނޑުގެ ކެއުމަށް ދަޢުވަތު ދިނީ މަންމަ ބުނެގެންނެވެ. އަހަންނާއިއެކު މަންމައާއި ދޮންބެދައްތަ ކެއްކުމުގައި އުޅުނެވެ. އިޝާ ނަމާދުކޮށް ނިމިގެން މޭޒުމަތި ތައްޔާރުކޮށްލުމަށްފަހު ސިޓިންގރޫމްގައި މަޑުކޮށްލައިގެން ތިބީ ބޮޑުބޭބެމެންގެ އިންތިޒާރުގައެވެ. ބެލް އެޅުމުން ދޮރު ހުޅުވާލީ މަންމައެވެ. ހިނިތުންވުމާއެކު ބޮޑުބޭބެމެންނަށް ގޭގެ އެންމެންވެސް މަރުހަބާ ކިއެވެ. އަހަރެން ހައިރާންވީ ރަޔާންވެސް އައިނީ ގޮވައިގެން އައިސް ހުރީމައެވެ. ރަޔާންއަކީ ހިތުން ރުހުމުން އަހަރެން ހުންނަ ތަނަކަށް އަންނާނެ މީހެއް ނޫނެވެ. ކެއުމުގެ ތެރޭގައި ބޮޑުބޭބެމެންނާއި މަންމަމެންގެ މެދުގައި ވަރަށް ގިނަ ވާހަކަ ދެކެވުނެވެ. ކައި ނިމިގެން ސިޓިންގރޫމްގައިވެސް އެމީހުން އެތައް އިރަކު ތިއްބެވެ. ބޮޑުބޭބެމެންގެ ފަރާތުން މަންމަމެންނަށްވެސް ހަދިޔާ ދިން އިރު އަނެއްކާވެސް އަހަންނަށާއި ޝާފީއަށް ހަދިޔާ ދިނުމުން އަހަރެން ސުވާލުކުރީމެވެ. އެ ހިނދު ދައްތަގެ ލޯ ފެންކަޅިވިތަން ފެނިފައި އަހަރެން ދެރަވިއެވެ. އެ މަންޒަރު އެހެން މީހަކަށް ފެނިދާނެތީ އަހަރެން ކަންބޮޑުވިއެވެ. ވަށައިގެން ނަޒަރު ހިންގާލިއިރު ނަސީބަކުން އެހެން މީހެއްގެ ނަޒަރު އަހަރެމެންނަށް ހުއްޓިފައެއް ނެތެވެ. އަހަރެމެން ތިބީވެސް އެހެން މީހުންނާއި ތަންކޮޅެއް ދުރުގައެވެ.

“ތިއީ ދައްތަ ދަރިއެއްގެ ގޮތުގައި ބަލާ ކުއްޖެއް… އެހެންވީމާ ދައްތައަށް މިވަރުގެ ހައްގެއް އޮންނާނެކަމަށް ދައްތަ ގަބޫލުކުރަނީ… ދައްތަ…” އިތުރަށް ވާހަކަ ކުރިއަށް ނުގެންދެވިގެން ދައްތަ ހުއްޓާލިއެވެ. އަހަރެން ދައްތަގެ ކޮނޑުގައި ބޯ އަޅާލީމެވެ. އެވަގުތު އެތަނަށް ބޮޑުބޭބެ އައުމުން އިތުރަށް އެވާހަކަ އަހަރެމެން ކުރިއަކަށް ނުގެންދަމެވެ.

“ޒާހިރާ… މިހާރު މާ ލަސްވަނީއެއްނު…. ހިނގާ ގެއަށް ދާން ދޯ… ދަރިފުޅާ ޝަބާ… ބޮޑުބޭބެމެން ދެން ދަނީއޭ…” ބޮޑުބޭބެ އަހަރެންގެ ބޮލުގައި ލޯތްބާއެކު ފިރުމާލިއެވެ. ޝާފީ އައިސް އަހަންނަށް އޭނާގެ އަތުގައި އޮތް ޕާރުސަލެއް ދައްކާލަމުން ރަޔާންބެ ދިން އެއްޗެކޭ ބުނެލުމުން އަހަރެން އަޖައިބުވިއެވެ. ޤަބޫލުނުކުރެވިގެން ރަޔާންއާއި ދިމާއަށް ބަލާލިއިރު ރަޔާން ހުރީ ދޮންބެއާއި ވާހަކަ ދައްކާށެވެ. އަހަރެންގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުރިކަން އިހްސާސްކުރެވިގެން ކަންނޭންގެއެވެ. އަހަންނާއި ދިމާއަށް ރަޔާން ބަލާލިއެވެ. އަހަރެންގެ ނަޒަރު ޝާފީ އަތުގައި އޮތް ޕާރުސަލަށް ސިކުންތުކޮޅަކަށް ބަދަލުވުމަށްފަހު އަނެއްކާވެސް ރަޔާންއަށް ބަލާލީމެވެ.

“ރަޔާންބެ….. ސޮރީ…. ކޮއްކޮ ހަނދާން ނެތުނީ ތެންކިއު ބުނަން… ތެންކިއު” ޝާފީ ދުވެލާފައި ރަޔާންގެ ގާތަށް ގޮސް ޝުކުރު އަދާކުރިއެވެ. ރަޔާން ހިނިތުންވެލާ ޝާފީގެ ބޮލުގައި ފިރުމާލަމުން ވާހަކަ ދެއްކުމުން އަހަންނަށް ލިބުނު ހައިރާންކަމުގައި ދެލޯ ބޮޑުކޮށްލެވުނެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ރަޔާން އަހަންނާއި ހިނިތުންވެލާ ހިތްހެޔޮކަމާއެކު އަނގައިން ބުނެލި ދުވަހެއް ހަނދާނަކަށް ނާދެއެވެ. އަހަންނާއި ދުވަހެއްގެ ކޮޅުންވެސް މުއާމަލާތުކޮށްފައި ނުވާ ގޮތަކަށް އަހަރެންގެ ދަރިފުޅާމެދު ކުރުމުން ހައިރާންވާނެތާއެވެ. އަދި ޝާފީއަށް ހަދިޔާވެސް ގެނެސްދީފިއެވެ. ރަޔާންގެ ބަދަލުވެފައިވި މިޒާޖު ފެނި ލިބުނު ހައިރާންކަމުގައި އަހަރެން ހުރީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ.

ބޮޑުބޭބެމެން ދިޔައިރު އެގާރަ ޖަހަނީއެވެ. ޔަމާންއާއި ދޮންބެއާއި ދެމީހުން ފުޓްބޯޅަ މެޗެއް ބަލަން ތިބުމުން އަހަންނާއި ދޮންބެދައްތަވެސް އިރުކޮޅަކު ބެލްކަނީގައި ވާހަކަ ދައްކާލަން މަޑުކޮށްލީމެވެ. ދޮންބެދައްތަ ނިދި އަންނަން ފެށުމުން އަަހަރެމެން އެތެރެއަށް ވަނީމެވެ. ކޮޓަރިއަށް ގޮސް ނިދާ އެއްޗެހި ބަދަލުކޮށްލައިގެން އެނދުގައި އޮށޯވެލީމެވެ. މާ ގިނައިރެއްނުވެ ޔަމާންވެސް ކޮޓަރިއަށް ނިދަން އައެވެ.

**********************

ބޮޑުބޭބެމެން އައި ފަހުން މިހާރު ދެހަފްތާވަނީއެވެ. ކޮންމެ ދުވަހަކުވެސް އެގެއަށް ޝާފީ ގޮވައިގެން އަހަރެން ދަމެވެ. އައިނީއާއިއެކު ވަގުތު ހޭދަކުރަމެވެ. އައިނީގެ ގިނަ ކަންތައްތައް ކޮށްދެނީވެސް މިހާރު އަހަންނެވެ. ޝާފީއާއި އައިނީއާއި ދެކުދިންވެސް ފޫހިކަމެއްނެތި އެކުގައި ވަގުތު ހޭދަކުރެއެވެ. ބައެއްފަހަރު ޔަމާންވެސް އަހަރެމެންނާއިއެކު އެގެއަށް ދެއެވެ. ބޮޑުބޭބެއާއި ދައްތައާއިއެކު ހޭދަކުރެވޭ ކޮންމެ ވަގުތުކޮޅަކީ އަހަރެން ވަރަށް އުފާވާ ވަގުތުތަކެކެވެ. އެމީހުންނާއިއެކު ވަގުތު ހޭދަކުރާނެ ފުރުސަތު މި ލިބުނީވެސް ގިނަ ދުވަސްތަކަކަށްފަހުގައެވެ.

**********************

ދުވަހަކީ ހޮނިހިރު ދުވަހެވެ. ހެނދުނުގެ ނާސްތާއަށްފަހު، ޝާފީ ނަޒީލްގެ މަންމަމެންގެއަށް ގެންދިޔައީ ޔަމާންއެވެ. ބަންދު ދުވަހަކަށްވުމާއެކު އެދުވަހު އެގޭގައި ޝާފީ ބަހައްޓަން އެމީހުން ބޭނުންވީއެވެ. ޝާފީވެސް ހުރީ މާމަމެންގެއަށް ދެވޭތީ ވަރަށް އުފަލުންނެވެ. އެހެން ނޫނަސް މިއަދު އެގޭގައި މާޔާއާއި އޭނާގެ ދަރިފުޅު މާޒް އުޅޭނެއެވެ. މާޒްއާއި ޝާފީ އެއްތަން ވެއްޖެއްޔާ އަބަދުވެސް އުޅޭނީ ކޮންމެވެސް ކުޅިވަރެއް ކުޅުމުގައެވެ. މާޔާއަކީ ބޮޑުބެގެ ދޮށީ އަންހެން ދަރިފުޅެވެ.

އެކި ކަންކަމުގައި މަޝްޢޫލްވެ އުޅެމުން ގޮސް މެންދުރުވުމުން ނަމާދުކޮށްލައިގެން ކޮޓަރިތެރެ ސާފުކޮށްލީމެވެ. ޢަޞްރުނަމާދު ވަގުތުވުމުން ނަމާދުކޮށްލައިގެން އަހަރެން ދިޔައީ ޝާފީ ބަލާ އެގެއަށެވެ. އެކުގައި ޔަމާންވެސް ދިޔައެވެ. އެހެންފަހަރުތަކެކޭ އެއްގޮތަށް މިފަހަރުވެސް އަހަރެމެން ދިއުމުން އުފާވެރިކަމާއެކު އެމީހުން ބައްދަލުކުރިއެވެ.

**********************

ސޯފާގައި އިށީންދެލައިގެން އިންއިރު އަހަރެންގެ ސަމާލުކަންވަނީ އަތުގައި އޮތް އަލްބަމަށް ހުއްޓާލެވިފައެވެ. އެވަގުތު ކޮޓަރީގައި އިނީ އަހަރެން އެކަންޏެވެ. ޝާފީ ނިންދަވާލުމަށްފަހު ޔަމާންވެސްވީ ރައްޓެއްސަކާއެކު ބޭރަށް ގޮހެވެ. މަޑުމަޑުން އަލްބަމްގެ ޞަފްޙާތައް އެއްލަމުން ދިޔައިރު،  ކުޑައިރުގެ އެކިދުވަސްތަކުގެ ހަނދާންތައް އާވަމުން ދިޔައެވެ. އެންމެ ކުޑައިރުގެ އުފާވެރި ދުވަސްތަކެވެ. ދިރިއުޅުން ބަދަލުވެގެން ދިޔަގޮތެވެ. އެކި ޚިޔާލުތަކުން ސިކުނޑިއަށް އުނދަގޫ ކުރަމުން ދިޔައިރު ދެލޯ ފެންކަޅިވަމުން ދިޔަކަންވެސް އަހަންނަށް ނޭންގުނެވެ.

ސިހުމެއް ލިބުނީ އަހަރެންގެ ކޮނޑުގައި ކޮންމެވެސް މީހަކު އަތް ބާއްވާލުމުންނެވެ. ލިބުނު ސިހުމުގައި އަތުން އަލްބަމް ދޫވި ނަމަވެސް ހުށިޔާރުކަމާއެކު އެމީހަކު އަލްބަމް ވެއްޓުނަނުދީ ހިފެހެއްޓިއެވެ. އެ މޫނަށް ބަލާލެވުނުއިރު ޔަމާންއެވެ. ޔަމާންގެ މޫނުމަތިން އޭނާ އަހަންނާއިމެދު ކަންބޮޑުވެފައިވީ މިންވަރު ފެންނަމުންދިޔައެވެ. ލޯތްބާއިއެކު އަހަރެންގެ ކޯތާފަތުގައި ފިރުމާލަމުން އަހަންނާއި ޖެހިގެން ސޯފާގައި އިށީންދެލިއެވެ. އަހަރެންގެ ފުރަގަހުން އޭނާގެ އަތް ގެންގޮސް ކޮނޑުގައި ހިފާ ބާރުކޮށްލިއެވެ. ޔަމާންގެ ކޮނޑުގައި ބޯއަޅާލެވުނީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ.

އަހަރެންގެ މާޒީގެ މާ ގިނަ ވާހަކަތަކެއް ޔަމާންއަކަށް ނޭންގޭނެއެވެ. ޔަމާންގެ ކޮނޑުގައި ބޯ އަޅައިގެން އޮވެ އަހަރެން އޭރުގެ ގިނަ ވާހަކަތަކެއް ކިޔައިދޭން ފެށީމެވެ. ޔަމާންގެވެސް އެދުމުގެ މަތިންނެވެ.

**********************

އަހަންނަކީ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެހެންކަމުން އެދެމީހުންވެސް އަހަރެންދެކެ އިންތިހާއަށް ލޯބިވެއެވެ. އެމީހުން އަހަރެންގެ ހުރިހާ ކަމެއްވެސް އެންމެ ގާތުން ބަލަހައްޓަމުން ގެންދިޔައެވެ. އަހަރެމެން ދިރިއުޅެމުން ދިޔައީ ބައްޕަގެ ރަށުގައެވެ. ބައްޕަ ކުރާ މަސައްކަތުން އަހަރެމެންގެ އާއިލާ އުޅެމުން ދިޔައީ ތަނަވަސް ދިރިއުޅުމެކެވެ. ބައްޕަ ހުންނަނީ އަހަރެން ބޭނުންވާ ކޮންމެ އެއްޗެއްވެސް ހޯދައިދޭން ތައްޔާރަށެވެ. އާއިލާއާއިއެކު އަހަރެން ހޭދަކުރަމުން އައީ ވަރަށްވެސް އުފާވެރި ދުވަސްތަކެކެވެ.

ކުއްލި ގޮތަކަށް ބައްޕަ މި ދުނިޔެއާއި ވަކިވުން ވެގެންދިޔައީ އަހަރެމެންގެ އާއިލާގެ އުފާވެރިކަމަށް ނިމުމެއް އައިސް ފުން ހިތާމަތަކާއި ކުރިމަތިލާން ޖެހުނު ކަމަކަށެވެ. އޭރު އަހަރެންގެ އުމުރުން އެންމެ ހަ އަހަރެވެ. އާއިލާގެ ހުރިހާ ޚަރަދުތަކެއް ބަލަހައްޓަމުން ގެންދިޔައީ ބައްޕަ ކަމުގައިވުމާއެކު، ފައިސާގެ ދަތިކަމާއިވެސް އަހަރެމެންނަށް ކުރިމަތިލާން ޖެހުނެވެ.

އެ ދަނޑިވަޅުގައި އެހީތެރިކަމެއް ފޯރުކޮށްދިނީ މަންމަގެ އެއްބަނޑު ބޭބެއެވެ. އަހަރެންގެ ބޮޑުބޭބެއެވެ. އެއީ މާމަ އެހެން މީހަކާ ކައިވެނިކޮށްގެން ލިބުނު ދަރިއެކެވެ. އަހަރެމެން ރަށުގައި ތިއްބާ މާލެ ގެނެސް ބޮޑުބޭބެގެ ގޭގައި އަހަރެމެން ތިބުމުގެ އިންތިޒާމް ހަމަޖައްސައިދިނެވެ. ބޮޑުބޭބެމެން ފަސްވަނަ ފްލޯރގައި ދިރިއުޅެމުން ދިޔައިރު، ހަތަރުވަނަ ފްލޯރ މަންމައަށް ދިނެވެ. ނަމަވެސް އެތަނުގައި ކުލަލުމާއި އަދި ބައެއް އިތުރު މަސައްކަތް ކުރިއަށްދާތީ ވަގުތީގޮތުން އެމީހުން ދިރިއުޅެމުންދިޔަ ފްލޯރއިން އެއް ކޮޓަރި އަހަރެމެންނަށް ޚާއްޞަކުރިއެވެ. އެހެން ފްލޯރތައް އޭރުވެސް ވަނީ ކުއްޔަށް ދީފައެވެ.

މަންމައަށް ޚާއްޞަކުރި ބައިގެ މަސައްކަތް ނިމުމުންވެސް މަންމަ އެބަޔަށް ދާން ބޭނުމެއް ނުވިއެވެ. ބައްޕަ ވަކިވުމަށްފަހު އަހަރެމެންގެ ހުރިހާ ޚަރަދުތަކެއްވެސް ބަލަހައްޓަމުންދިޔައީ ބޮޑުބޭބެ ކަމަށްވީތީއެވެ. އެބައި ކުއްޔަށް ދީގެން ބޮޑުބޭބެމެންނަށް ލިބޭނެ އާމްދަނީ އުނިވާން މަންމަ ބޭނުންނުވީއެވެ. އެކަމަކު ބޮޑުބޭބެގެ ޚިޔާލު މުޅިން ތަފާތެވެ. ބޮޑުބޭބެ ބުނީ އެއީ މަންމައަށް ދީފައިވާ ތަނެއްކަމުގައެވެ. އެކަމަކު މަންމަ ބޭނުމިއްޔާ ބޮޑުބޭބެމެން ދިރިއުޅޭ ބައިން މަންމައަށް ދީފައިވާ ކޮޓަރީގައި އުޅުނަސް އެއްވެސް މައްސަލައެއް ނެތް ކަމުގައެވެ.

މަންމަ ނިންމީ ބޮޑުބޭބެމެންގެ ބައިން ދިން ކޮޓަރީގައި އުޅުމަށެވެ. އެންމެ ފަހުން ބޮޑުބޭބެ މަންމައަށް ދިން ބައި ކުއްޔަށް ދިނީއެވެ. އެކަމަކު އެތަނުގެ ކުލީގެ ގޮތުގައި ލިބޭ ފައިސާ ޖަމާކުރަމުން ދިޔައީ މަންމަގެ އެކައުންޓަށެވެ. މަންމަ އެކަމާއި ދެކޮޅު ހެދި ނަމަވެސް ފަރުވާލެއް ނުބަހައްޓައެވެ.

ބޮޑުބޭބެގެ އަންހެނުން، ޒާހިރާއަށް އަހަރެން ކިޔަނީ ދައްތައެވެ. ދައްތަވެސް އަހަރެމެންނަށް ވަރަށް ހެވެވެ. އެ ގެއަކީ ބޮޑު ގެއަކަށްވެފައި އަހަރެމެން އުޅޭތީ ދައްތަވެސް ފޫހިފިލާ ވާހަކަ ދައްތަ ބުނެއެވެ. އަހަރެމެން ދެމައިންގެ ހުރިހާ ކަމެއްގައިވެސް ބޮޑުބޭބެއެކޭ އެއްފަދައިން ދައްތަގެ އެހީތެރިކަންވެސް ލިބެއެވެ. އަދި ދައްތަމެންގެ އަންހެން ދަރިއަކު ނުހުންނާތީ އެމީހުން ދެކެނީ އަހަންނަކީ އެމީހުންނަށް ނުލިބުނު އަންހެން ދަރިފުޅުގެ ގޮތުގައެވެ. ބޮޑުބޭބެމެންގެ ހުންނަނީ އެންމެ ފިރިހެން ދަރިއެކެވެ. އެއީ ރަޔާނެވެ. އަހަންނަށްވުރެ ރަޔާން ބޮޑުވާނީ ފަސް ވަރަކަށް އަހަރެވެ.

އެމީހުންގެ ދަރިފުޅު ރަޔާންއާއި އަހަންނާއި ދެމެދު އެމީހުން އެއްވެސް ތަފާތުކުރުމެއް ނުގެންގުޅެއެވެ. ނަމަވެސް އެއީ ރަޔާން ކިހާ ނުރުހޭ ކަމެއްކަން އަހަންނަށް ފުރަތަމަކޮޅު ނޭންގެއެވެ. ބައްޕަ ވަކިވުމަށްފަހު އަހަރެންގެ މިޒާޖަށްވެރިވި ހިމޭންކަމުން އަހަންނަށް މާ ބޮޑަށް އެކަން ފާހަގަ ނުވީއެވެ. އެކަމަކު ފަހުން އަހަރެން ހަމައަކަށް އެޅި ކުރީގެ މިޒާޖަށް ބަދަލުވާން ފެށުމުން އަހަންނަށް އެކަން ދެނެގަނެވެން ފެށިއެވެ. އަހަރެން އެގެއަށް ބަދަލުވިތާ ދެތިން އަހަރުވިއިރުވެސް ރަޔާން އަހަންނާއި މާބޮޑަށް ވާހަކައެއް ނުދައްކައެވެ. ކޮންމެހެން ބުނަންޖެހޭ އެއްޗެއްވެސް ބުނަނީ މަޖުބޫރުން ބުނާ އުސޫލުންނެވެ.

އެއް ގެއެއްގައި ދިރިއުޅުނު ނަމަވެސް އަހަންނާއި ރަޔާންއާއި އެއްވެސް ގުޅުމެއް ނޯވެއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އަހަންނާއި ވާހަކަ ދައްކާކަށް ރަޔާން ބޭނުމެއް ނުވެއެވެ. އޭނާ ހުންނަ ތަނަކަށް އަހަންނަށް އާދެވިއްޖެނަމަ ބަލަނީ އަވަހަށް އެތަނަކުން ދެވޭތޯއެވެ. ކިތަންމެ ކުޑަ ނަމަވެސް އަހަރެންގެ ޅަ ސިކުނޑިއަށްވެސް މިކަންކަން ނަގައިގަނެވެއެވެ. އަހަންނަކީވެސް މަޑުމައިތިރި މިޒާޖެއްގެ މީހަކަށް ވީތީ މާ ބޮޑަށް ރަޔާންއާއި ވާހަކަ ދައްކާކަށް ނޫޅެމެވެ.

މިގޮތުގައި ދުވަސްތައް ވޭތުވަމުންދިޔައެވެ. ރަޔާން އަހަރެންދެކެ އަންނަ ރުޅިއަކަށް ބަދަލެއް ނާދެއެވެ. އޭގެ ސަބަބުތައް އަހަންނަށް ދެނެގަނެވުނީ ފަހުންނެވެ.

(ނުނިމޭ)

43

11 Comments

 1. Rai

  July 25, 2019 at 9:37 am

  Varah reethi.???????????????????????????when next

  • Mai Naa

   July 25, 2019 at 10:53 am

   Thank you Rai
   ??
   Next part Monday ga genesdheynan In Sha Allah

 2. Mary

  July 25, 2019 at 9:59 am

  Wawawa. Vvvvv salhi ??????

  • Mai Naa

   July 25, 2019 at 10:54 am

   Thank you Mary
   ??

 3. Sleepy puffin

  July 25, 2019 at 10:46 am

  This part is great. Good luck for next part.love your story.when is the next part.???????♥️♥️♥️❤️????❤️❤️???????????????

  • Mai Naa

   July 25, 2019 at 10:55 am

   Thank you so much Sleepy puffin
   ??
   Next part Monday ga genesdheynan In Sha Allah

 4. Mai Naa

  July 25, 2019 at 10:51 am

  Assalamu Alaikum dear readers
  Here is the fifth part of “Veeraanaa vefaivee hayaai magey”
  Hope you all will like this part
  Pls share your view about the story

 5. Ash

  July 25, 2019 at 11:09 am

  Vvv reethi mi part ? keep it up…..☺️☺️☺️☺️

  • Mai Naa

   July 26, 2019 at 2:59 pm

   Thank You so much Ash ☺️☺️

 6. Ryn

  July 25, 2019 at 6:54 pm

  V. Salhi ingey… We like it so so so so much ?????

  • Mai Naa

   July 26, 2019 at 3:00 pm

   Thank you so much Ryn ☺️☺️

Comments are closed.