ބޮޑުބޭބެވެސް ޝާފީގެ ބޮލުގައި ފިރުމާލިއެވެ. އަދި ޔަމާންއާއި ސަލާމްކުރިއެވެ. އަހަރެންގެ ހިނިތުންވުން ފަނޑުވެގެން ދިޔައީ އެއްލި ކަޅިއަކުން އެތާ ކައިރީގައި ހުރި ޒުވާނާ ފެނިފައެވެ.

**********************

އެއްވެސް އަސަރެއް މޫނުމަތިން ދައްކާނުލާ އެތާ ހުއްޓިލައިގެން ހުރިއިރު ކައިރީގައި ތިބި މީހުންނަކަށްވެސް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. އެތައް ދުވަހެއް ފަހުން ފެނުނު ނަމަވެސް އެ ހަށިގަނޑަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. ކަޅު ޓީޝާޓަކާއި ނޫ ޖިންސެއްގައި ހުރިއިރު އަވިއައިނަކުން އެ ދެލޯ ފޮރުވާލެވިފައިވިއެވެ. ބޮޑުބޭބެ ޔަމާންއާއިއެކު ރަޔާންގެ ކައިރިއަށް ދިޔައެވެ. އެދެމީހުން އެކަކު އަނެކަކާ ސަލާމްކޮށްލުމަށްފަހު ވާހަކަ ދެއްކިއެވެ. ހިނދުކޮޅަކަށް ރަޔާންގެ ނަޒަރު އަހަންނަށް އަމާޒުވިހެން ހީވިއެވެ.

ރަޔާން ހުރީ ލޯބި ލޯބި ކުޑަ އަންހެން ކުއްޖެއް އުރާލައިގެންނެވެ. އެއީ ރަޔާންގެ ދަރިފުޅެވެ. އެ ކުއްޖާ އުރާލަން ބޭނުންވި ނަމަވެސް ރަޔާންގެ އަތުގައި އިނީތީ ކައިރިވެލަންވެސް އަހަރެން ޖެހިލުންވިއެވެ. ދައްތައަށް މިކަން ވިސްނިގެން ކަންނޭންގެއެވެ. ރަޔާން އަތުން އެ ކުޑަ އަންހެން ކުއްޖާ ނަގައިގެން އައިސް އަހަރެން ކައިރީގައި މަޑުކޮށްލިއެވެ. އޭރު ރަޔާން ހުރީ ޔަމާންއާއި ބޮޑުބޭބެއާއި ވާހަކަ ދައްކާށެވެ. “މިއީ އައިނީ، ރަޔާންގެ ދަރިފުޅު…” އަހަރެން އުރާލަން އަތް ދިއްކޮށްލުމުން އައިނީ އަހަރެންގެ މޫނަށް ބީރައްޓެހި ގޮތަކަށް ބަލަން އިރުކޮޅަކު އިނެވެ. ދެން އަނެއްކާވެސް ދައްތަގެ މޫނަށް ބަލާލިއެވެ. ހީވަނީ އައިނީ މަޑުކުރީ އޭނާގެ މާމަގެ އިޝާރާތެއް ލިބެންދެންހެންނެވެ. ދައްތަ ހިނިތުންވެލަމުން ބޯ ޖަހާލުމުން، އައިނީ އަހަރެންގެ މޫނަށް އަނެއްކާވެސް ނަޒަރު ހުއްޓާލިއެވެ. ދެން އަހަންނާއި ދިމާއަށް ދެއަތް ދިއްކޮށްލުމަށްފަހު އަހަރެންގެ އަތުތެރެއަށް އައެވެ.

“މަންމާ…” ޝާފީ އަހަންނަށް ގޮވާލުމުން އަހަރެން އެ މޫނަށް ބަލާލީމެވެ. ދެން އައިނީއަށް ބަލާލިއިރު އަހަރެންގެ މޫނަށް ޝައުޤުވެރިކަމާއެކު ބަލަން އިނެވެ. އެ މައުސޫމުކަމުން އަހަރެންގެ ހިތް ލޯބިން ފުރުނެވެ. “މަންމަ؟ މަންމަ؟….” އަހަރެންގެ މޫނަށް ބަލަން އިނދެގެން މަޑުމަޑުން ތަކުރާރުކޮށްލިއެވެ. އަހަރެން ސުވާލުގެ ނަޒަރަކުން އައިނީއަށް ބަލާލުމަށްފަހު ދައްތައަށް ބަލާލީމެވެ. އައިނީގެ މަންމަ ކައިރީގައި ނެތްކަން ވެސް އަހަންނަށް ފާހަގަވީ އެވަގުތުގައެވެ. ވަށައިގެން ނަޒަރު ހިންގާލުމަށްފަހު ދައްތައަށް ބަލާލީމެވެ. ދައްތަގެ މޫނުން ފެނުނު މޮޅިވެރިކަމުން އަހަންނަށް އެކަމާ ގުޅޭގޮތުން އިތުރު އެއްޗެއް އަހާލާކަށް ނުކެރުނެވެ. ހިތުގައި ސުވާލު އުފެދުނު ނަމަވެސް އަހަރެން އިޚްތިޔާރުކުރީ ހިމޭންކަމެވެ.

ދެވަނަ ފަހަރަށް ޝާފީ ގޮވާލުމުން އަހަރެން ހިނިތުންވެލަމުން ޝާފީއާއި ވާހަކަ ދެއްކީމެވެ. “ދަރިފުޅު ބަލާބަލަ.. މި އިނީ ކޮއްކޮއެއް.. ދަރިފުޅުގެ އައިނީ ކޮއްކޮ” އަހަރެން ދަރިފުޅަށް ބުނެދިނީމެވެ. “އައިނީ ކޮއްކޮ؟؟” ޝާފީ ސުވާލު ކުރިއެވެ. އާއެކޭ ބުނުމުގެ ގޮތުން އަހަރެން ބޯ ޖަހާލީމެވެ. ޝާފީ ހިނިތުންވެލަމުން އައިނީއަށް ބަލާލިއެވެ. އައިނީ އަހަރެންގެ ކޮނޑުގައި ބޯއަޅާލިއެވެ. އަހަރެން މަޑުމަޑުން އައިނީގެ ބޮލުގައި ފިރުމާލީމެވެ. ހައިރާންވީ އަހަރެންގެ އަތުގައި އައިނީ އެހާއިރުވަންދެން އިން އިރުވެސް އެކަމާ ދެކޮޅަށް ރަޔާން އެއްވެސް އެއްޗެއް ނުބުނީމައެވެ. އެތާ ބައިވަރު މީހުން ތިބީމަ އެއްޗެއް ނުބުނީކަމަށްވެސް ވެދާނެއެވެ. އެހެން ނޫންނަމަ އަހަރެން އަތުން އައިނީ އަތުލައިގެން ދާކަށްވެސް ރަޔާން ފަހެއް ނުޖެހޭނެއެވެ.

މާލެ ދިއުމަށްފަހު ގެޔާއި ހިސާބަށް ދެވެންދެންވެސް އައިނީ އިނީ އަހަރެންގެ އަތުތެރޭގައެވެ. ގެޔަށް ވަދެވުނުއިރު އަހަރެންގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ އައިނީއަށް ވަނީ ނިދިފައެވެ. ވުމާއެކު ދައްތަ އަހަރެން އަތުން އައިނީ ނަގާ ކޮޓަރިއަށް ގެންދިޔައެވެ. ދެން އަހަރެން އަވަސްވެގަތީ އެމީހުންނަށް ކާން ތައްޔާރުކުރާށެވެ. އެއަރޕޯޓަށް ދިއުމުގެ ކުރިން އަހަރެން ދިޔައީ ކައްކާފައި ކަމުގައިވާތީ، އެ މަސައްކަތްވެސް މާ ލަހެއްނުވެ ނިންމާލެވުނެވެ. މޭޒުމަތި ތައްޔާރު ކުރުމަށްފަހު ސިޓިންގރޫމަށް ނުކުތްއިރު، ޔަމާން ޝާފީ ގޮވައިގެން ސޯފާގައި އިނެވެ.

އިރުކޮޅަކުން ދައްތައާއި ބޭބެ ސިޓިންގރޫމަށް ނުކުތުމުން ކާން ދިއުމަށް ބުނީމެވެ. އަހަރެމެންވެސް އެމީހުންނާއެކު ބައިވެރިވުމަށް ބުނުމުން އެއްބަސްވީމެވެ. “ރަޔާންއަށް ގޮވާލާފައި އެބަ އަންނަން.” ދައްތަ އިށީންދެފައިވެސް ތެދުވެގެން ދިޔައީ ރަޔާންގެ ޚަބަރެއް ނުވާތީއެވެ. އިރުކޮޅަކުން ދައްތަ އެނބުރި އައިސް އިށީނެވެ.

“ޒާހިރާ… ކޮބާ ރަޔާން؟” ބޮޑުބޭބެ ސުވާލުކުރިއެވެ. “ނިދާފައި އޮތީ.. ކާން އަންނާށޭ ބުނީމަ ބުނި އިރުކޮޅަކުން މިދަނީއޭ…” އެންމެންވެސް މަޑުކޮށްލައިގެން ތިބީ ރަޔާން އަންނަންދެންނެވެ. މާ ގިނައިރު މަޑުކުރާކަށް ނުޖެހުނެވެ. ރަޔާން އައިސް މޭޒުދޮށުގައި އިށީންދެލުމުން އެންމެންވެސް ކާން ފެށިއެވެ. ކެއުން ކުރިއަށް ދިޔައިރުވެސް ރަޔާން އާދަޔާ ޚިލާފަށް ބަސްމަދުކަން އަހަންނަށް ފާހަގަ ކުރެވުނެވެ. ގިނަ ވާހަކަތައް ދެއްކީ ޔަމާންއާއި ބޮޑުބޭބެއެވެ. ކައި ނިމުމުން ރަޔާން ތެދުވެގެން ދިޔައީއެވެ.

މާ ގިނައިރު މަޑުނުކޮށް އަހަރެމެން ގެއަށް ދާން ބޭނުންވީ ބޮޑުބޭބެމެން އަރާމުކޮށްލުމަށް ފުރުޞަތު ދިނުމުގެ ގޮތުންނެވެ. “ދަރިފުޅުމެން މާދަމާވެސް އަންނަންވާނެ އިނގޭ…” އަހަރެމެން ނުކުތުމުގެ ކުރިން ދައްތަ ބުންޏެވެ. އާއެކޭ ބުނެފައި އަހަރެމެން ނުކުތީމެވެ. ނަމަވެސް އަހަރެންގެ ހިތް ނުތަނަވަސްވެގެން ދިޔައީ ރަޔާންގެ ކުރިމައްޗަށް އަރަންޖެހޭނޭ ހިތަށް އެރުމުންނެވެ. އެކަމާ ވިސްނަން ބޭނުންނުވާތީ ދެފަރާތަށް ބޯ ހަލުވާލެވުނެވެ. ޔަމާން ސުވާލުގެ ނަޒަރަކުން ބަލާލާފައި ކިހިނެއްވީތޯ ސުވާލުކުރިއެވެ. ކަމެއް ނުވާކަމަށް ބުނަމުން އަހަރެން ގަދަކަމުން ހިނިތުންވެލީމެވެ. އެވަގުތު ޝާފީ ބައްޕާ އޭ ކިޔާ ގޮވާލާފައި ކޮންމެވެސް އެއްޗެކޭ ބުނުމުން ޔަމާންގެ ސަމާލުކަން ޝާފީއަށް ހުއްޓުނުކަން ނަސީބެކޭ ހިތަށް އެރިއެވެ.

އަނެއްދުވަހުގެ މެންދުރުފަހުގެ ވަގުތެވެ. ސޯފާގައި އަހަރެން ޖައްސާލައިގެން އޮއްވާ ފޯނު ރިންގްވާން ފެށިއެވެ. ފޯނު ނަގާ ކަންފަތުގައި ޖައްސާލީ ކާކުތޯ ބަލާވެސް ނުލައެވެ. “ދަރިފުޅާ ޝަބާ” ކުއްލިއަކަށް ތެދުވެވުނީ ދައްތަގެ އަޑު އިވުމުންނެވެ. އަނގައަށް ގޮތެއް ހަދާލެވުނީ ދައްތަމެން ގާތު މިއަދު އެ ގެއަށް ދާނަމޭ ބުނެވިފައިވާކަން ހަނދާންވުމުންނެވެ. ދެވަނަ ފަހަރަށް ދައްތަ އަހަންނަށް ގޮވާލުމުން އަހަރެން ވާހަކަ ދައްކަން ފެށީމެވެ.

ފޯނު ބޭއްވުމަށްފަހު ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ދައްތަ އެދުނީ އެގެއަށް ޝާފީ ގޮވައިގެން އައިސް ދިނުމަށެވެ. އަހަންނަށް ހަވީރު ދާނަމޭ ބުނެވުނީތީ ކޮންމެހެންވެސް ދާން އެބަޖެހެއެވެ. ރަޔާން ކުރިމައްޗަށް ނާރާވޭތޯ މަސައްކަތްކުރާނީއޭ ހިތުލަމުން ޝާފީ ކޮބައިތޯ ބަލާލަން ދިޔައިމެވެ. ޝާފީއާއި ރީމާ ތިބީ ސިޓިންގރޫމްގައެވެ. އެކުދިން ތިބީ ފޮތެއް ހިފައިގެން ކުލަ ޖައްސާށެވެ. “ދަރިފުޅާ ހިނގާ ފެންވަރަން ދާން…” އަހަރެން އެ ދެކުދިން ކައިރީގައި އިށީންދެލީމެވެ “ބޮޑުބޭބެމެން ގެއަށް ދާންވާނެއެއްނު މިއަދު….”

ޝާފީ ތައްޔާރުކޮށްލުމަށްފަހު، މަންމައާއި ހަވާލުކޮށްލާފައި އަހަރެން ދިޔައީ ފެންވަރާށެވެ. ކޮޓަރި ދޮރު ހުޅުވާލުމަށްފަހު ޔަމާން ވަނީ އަހަރެން ލޯގަނޑު ކުރިމަތީގައި ފުނާ އަޅަން ހުއްޓައެވެ. ޔަމާންއާއި ދިމާއަށް ބަލާލިއިރު އެ މޫނުމަތިން ވަރުބަލިކަން ފެންނަމުން ދިޔައެވެ. ނަމަވެސް އަހަރެން ފެނުމުން ހިނިތުންވެލާ ކައިރިއަށް އައެވެ. ވަކި އެއްޗެއް ނުބުނެ ފަހަތުން އައިސް އަހަރެންގެ ހަށިގަނޑުގައި ބައްދާލިއެވެ. އަހަރެން ޔަމާންއާއި ދިމާއަށް އެނބުރިލާ އެ މޭގައި މޫނު ފޮރުވާލީމެވެ.

ޔަމާންއާއި ދުރުވެލާ އެ މޫނަށް ބަލާލިއިރު ޔަމާންވެސް ހުރީ އަހަންނަށް ބަލާށެވެ. “ލަވް ޔޫ” އަހަރެންގެ ނިއްކުރީގައި ތުންފަތް ޖައްސާލަމުން ލޯބިން ފުރިފައިވި އަޑަކުން ޔަމާން ބުނެލިއެވެ. އަހަންނަށް ބޭ އިޚްތިޔާރުގާ ދެލޯ މަރާލެވުނެވެ. އަހަރެންގެ ކޯތާފަތުގާއި ދެއަތުން ހިފަހައްޓާލުމުން މަޑުމަޑުން ދެލޯ ހުޅުވާލީމެވެ. ޔަމާންގެ ނަޒަރު އަހަރެންގެ މޫނަށް ހުއްޓިފައިވުމުން، ލަދުން އިސްޖަހާލެވުނެވެ. ޔަމާން އަހަރެންގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން އަހަރެންނާއި ހަތަރުކަޅި ހަމަކުރިއެވެ.

ދެމީހުން އެކަކު އަނެކަކުގެ ލޮލުގެ ތެރެއަށް ގެއްލި ތިއްބާ ސިއްސައިގެން ދިޔައީ ދޮރުގައި ޓަކި ޖަހާލި އަޑަށެވެ. “މަންމާ.. ނުނިމޭތަ؟” އިވުނީ ޝާފީގެ އަޑެވެ. “މަޑުކޮށްލާ… މި ނިމެނީ އޭ ދަރިފުޅާ” އަހަރެން ޖަވާބު ދިނީމެވެ. “ޝާފީ މި ދަނީ ޓީވީ ބަލަން…” މިހެން ބުނެ ޝާފީ ދިޔައީއެވެ.

“ކާން ހަދަންތަ؟” އަހަރެން ސުވާލުކުރީމެވެ. “ނޫނޭ.. ދެން ހަވީރު ސައިބޯނީ” ކަރުގައި އަޅާފައިވާ ޓައީ ދޫކޮށްލަމުން ޔަމާން ބުނެލިއެވެ. އަހަރެން ކައިރިވެލާ ގަމީހުގައި އަޅުވާފައި އިން ކަރުގޮށް ނައްޓުވާލީމެވެ. ޓައީ ނަގައި އޭގެ ޖާގައިގައި ބޭއްވީމެވެ. އެބަ އަންނަމޭ ބުނެފައި އަހަރެން ކޮޓަރިން ނުކުތުމުގެ ކުރިން ބުރުގާއެއް އަޅާލީމެވެ. އެނބުރި އައީ ފިނި ޖޫސް ތައްޓެއް ހިފައިގެންނެވެ. އޭރު ޔަމާން ސޯފާގެ ތެރެއަށް ހަށިގަނޑު ދޫކޮށްލައިގެން އޮތެވެ. ކައިރިއަށް ގޮސް ޔަމާންއަށް ގޮވާލުމުން ދެލޯ ހުޅުވާލިއެވެ. ޖޫސްތަށި ދިނުމުން ބޯލުމަށްފަހު ތަށި ދިއްކޮށްލިއެވެ. ތަށި ހިފައިގެން ހިނގައިގަތުމުން ޔަމާން އަހަރެންގެ އަތުގައި ހިފާލިއެވެ. “ކޮންތާކަށް ތި ދަނީ؟؟ މަޑުކޮށްލަބަލަ އަދި ކުޑައިރުކޮޅަކު…” އަހަރެންގެ އަތަށް ދަމާލަމުން ސޯފާގައި ބޭންދިއެވެ. ދެން އަހަރެންގެ ގައިގައި ބައްދާލިއެވެ.

އެއްވެސް ވާހަކައެއް ނުދައްކާ އިރުކޮޅަކު ތިބީމެވެ. “ޔަމާން.. މި އުޅެނީ ދައްތަމެންގެއަށް ދާންކަމަށް…. ދައްތަ މިއަދު ގުޅާފައިވެސް ބުނެފި ހަވީރުން އެ ގެއަށް ދާން… އޯކޭތަ ދިޔަޔަސް؟” ޔަމާން ދެކޮޅު ނަހަދާނެކަން އެނގޭއިރުވެސް އަހަރެން އެހީމެވެ. “ކުރިންވެސް ބުނީމެއްނު ޝަބާ ބޭނުންވާ ތަނަކަށް ދިއުން އަހަރެން މަނައެއް ނުކުރާނަމޭ.. އަދި އަމްދުން އާއިލާމީހުންގެ ގާތަށް ދާން .. އެކަމަކުވެސް އުފާވޭ އަހަރެން ގާތު ބުނާތީ… އަހަންނަކީ ޝަބާގެ ދިރިއުޅުމުގައި މުހިންމު މީހެއް ކަމުގައި އިހްސާސްކުރެވޭ” އަހަރެންގެ ބޮލުގައި ފިރުމާލަމުން ޔަމާން ބުނެލިއެވެ. ޔަމާންއާއި ދުރުވެލާ އެ މޫނަށް ބަލާލީމެވެ. “ދެން އަވަހަށް ތައްޔާރުވެލާ..” އަހަރެން ހިނިތުންވެލަމުން ތެދުވެ ތަށި ހިފައިގެން ކޮޓަރިން ނުކުތީމެވެ.

ޝާފީ ގޮވައިގެން ދައްތަމެން ގެއަށް ދިޔައިރުވެސް ރަޔާންއާއި ކުރިމަތިލާން ނުޖެހޭނެ ގޮތެއް މެދުވެރިވޭތޯ ހިތާހިތުން އެދެވުނެވެ. ބެލް ޖަހާލުމުން ދައްތަ އައިސް ދޮރު ހުޅުވާލިއެވެ. “ޔަމާން ނާދޭތަ؟” އަހަރެމެން އެތެރެއަށް ވަނުމުން ސުވާލުކުރިއެވެ. “ޔަމާން މުހިންމު ކަމަކު ބޭރަށް ދާން ޖެހުނީމަ ނާދެވުނީ” އަހަރެން ޖަވާބުދިނީމެވެ. އަހަރެމެން ސޯފާގެ ކައިރިއަށް ގޮސް ހުއްޓުނުއިރު އައިނީ އަތަށް ކުޅޭ އެއްޗެހިތަކެއް ނަގައިގެން ސޯފާގައި އިނެވެ.

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޝާފީއާއި އައިނީ އެކުވެރިވެއްޖެއެވެ. އެ ދެކުދިން ކުޅެ މަޖާކުރަމުން ދިޔައިރު، އެ މަންޒަރު ބަލާ މީހުންގެ ހިތްތަކަށްވެސް ހަމަޖެހުން ލިބޭނެކަން ގައިމެވެ. ބޭރުން ބޮޑުބޭބެ އައިސް ވަނީ އަހަރެމެން އެ ގެއަށް ދިޔަތާ މާ ގިނައިރެއް ނުވަނީހެވެ. އަހަރެމެން ފެނުމުން ޔަމާން ކޮބައިތޯ އަހަންނާއި ސުވާލުކުރިއެވެ. ދައްތައަށް ދިން ޖަވާބު ބޮޑުބޭބެއަށްވެސް ދިނީމެވެ.

އެ ގެއަށް ދިޔަތާ ގަޑިއެއްހާއިރު ހޭދަވީއިރުވެސް ރަޔާންގެ ހިލަމެއް ގޭތެރެއިން ނުވުމުން އަހަރެން ހިތްހަމަޖެހުނެވެ. ދައްތަގެ އެދުމަށް އެމީހުންނާއެކު ހަވީރު ސައިގައި ބައިވެރިވީމެވެ. ސައިބޮއި ނިމިގެން ބޮޑުބޭބެ ދެކުދިން ގޮވައިގެން ސިޓިންގރޫމަށް ދިއުމުން އަހަރެން ދައްތައާއިއެކު ތަށިތައް ނެގުމުގައި އުޅުނީމެވެ. އެކަންތަކުން ނިމިގެން ސިޓިންގރޫމަށް ދިޔައިރު ދެކުދިން ތިބީ ކާޓޫން ބަލާށެވެ. އަހަރެންވެސް ގޮސް ސޯފާގައި އިށީނީމެވެ. ބޮޑުބޭބެ ތެދުވެގެން ބޭރަށް ދިޔައީ ރައްޓެއްސަކު ގުޅައި ބައްދަލުކޮށްލަން އެދުމުންނެވެ.

އިރުކޮޅަކުން އައިނީ އައިސް އަހަރެން ކައިރީގައި މަޑުކޮށްލުމުން އަހަރެން އައިނީ ނަގާ އުނގުގައި ބައިންދާލީމެވެ. އަތުގައި ކަތުރަކާއި ކަރުދާސްތަކެއް ހުއްޓެވެ. އައިނީ ކޮންމެވެސް އެއްޗެއް ކަރުދާހުން ހަދަން ފެށުމުން އަހަރެންވެސް އެކަމުގައި ބައިވެރިވީމެވެ. ޝާފީ އޭރުވެސް އިނީ ޝައުގުވެރިކަމާއެކު ކާޓޫނު ބަލާށެވެ.

ގޭގެ ދޮރު ހުޅުވާލުމަށްފަހު ރަޔާން ވަނީ އަހަރެމެން އެ މަސައްކަތުގައި ތިއްބައެވެ. ރަޔާންގެ ނަޒަރު އަހަރެންގެ މޫނުން ދެން އަމާޒުވެގެން ދިޔައީ އައިނީގެ މޫނަށެވެ. އެ މޫނުމަތިން ފެނުނު ކުލަތައް ތަރުޖަމާ ކުރާކަށް އަހަންނަށް އެވަގުތު ނޭންގުނެވެ. ހުއްޓުން އަރާފައި އިނދެވުނީއެވެ. އަހަރެންގެ އުނގުގައި އައިނީ އިނުމުން ހިތްހަމަނުޖެހިފައި ކަމަށްވެސް ވެދާނެއެވެ. އިއްޔެ މީހުން ތިބުމުން އެއްޗެއް ނުބުނި ކަމުގައި ވިޔަސް މިއަދު އެއްޗެއް ނުބުނެ މަޑުން ހުރެދާނެހެން އަހަންނަކަށް ހިއެއް ނުވެއެވެ. ރަޔާން ކުރިއަށް އަޅާލި ފިޔަވަޅާއިއެކު އަހަންނަށް އައިނީ ސޯފާގައި ބައިންދާލުމަށްފަހު ފުންމައިގެން ތެދުވެވުނީ ދެން ވާނެ ގޮތެއް ލަފާކޮށްލަންވެސް ނޭންގޭތީއެވެ.

(ނުނިމޭ)

64

11 Comments

 1. Mai Naa

  July 17, 2019 at 6:45 pm

  Assalaam Alaikum dear Readers….
  Here is the fourth part of “Veeraanaa vefai vee hayaai magey”…
  Please share your view about the story…

 2. Ibsha

  July 17, 2019 at 7:10 pm

  Varah reethi

  • Mai Naa

   July 17, 2019 at 11:46 pm

   Thank you so much Ibsha ?

 3. Sleepy puffin

  July 17, 2019 at 9:05 pm

  V reethi. When is the next??????????????????????????????curiously waiting.

  • Mai Naa

   July 17, 2019 at 11:53 pm

   Thank you so much Sleepy puffin ??
   ……
   Next part liye nimunuhaa avahakah upload kollaanan In Sha Allah

 4. ??Doll¥??

  July 18, 2019 at 10:48 pm

  Masha Allah….. ❤️❤️ Vrh ves Reethi mi part ves……. Konirakutha nest part up kohleyenee dear☺️❤️❤️Can’t wait what’s gonna happen next……. Anyways I will wait for the next part……. ❤️❤️❤️

  • Mai Naa

   July 19, 2019 at 9:30 pm

   ??Doll¥?? dear
   Thank you so much ?

   Next part vee emme avahakah genesdheynan In Sha Allah
   Thank you again dear

 5. Mai Naa

  July 19, 2019 at 9:19 pm

  ? Thank you so much ??Doll¥??
  Next part vee emme avahakah genesdheynan In Sha Allah
  Thank u again dear

 6. Mari?

  July 19, 2019 at 10:18 pm

  Vvv salhi ? ? masha allah. Keep it up! ???

  • Mai Naa

   July 20, 2019 at 5:43 pm

   Thank you so much ?
   Mari?

 7. Maisha

  August 8, 2019 at 8:36 pm

  V reethi❤

Comments are closed.