ވީރާނާވެފައިވީ ޙަޔާތް މަގޭ 3

- by - 5- July 13, 2019

އެވަގުތު އަތުގައި ހުރި އެއްޗެހިތައް އަތުން ދޫވިއެވެ. މޭގައި އަތްއަޅާލުމަށްފަހު އަޑު އިވުނު ދިމާއަށް ބަލާލުމަށްޓަކައި މަޑުމަޑުން އެދިމާއަށް މޫނު އަނބުރާލަން އުޅުނު ވަގުތު ކުއްލިއަކަށް އިވުނީ ހުނުމުގެ އަޑެވެ.

********************************

ކުޑަކޮށް ހަޅޭއްލަވައިގަންނަމުން ހޭ އަޑު އިވުނު ދިމާއަށް ބަލާލެވުނެވެ. ޝާފީއާއި ޔަމާން ކޮޓަރި ދޮރުމަތީގައި ތިއްބެވެ. “މަންމާ… މަންމަ ބިރުގަތީދޯ….” ޝާފީ ހެމުން ހެމުން ބުނެލިއެވެ. އަހަންނަށް ވީ ގޮތް ފެނުމުން އޭނައަށް މަޖާވީއެވެ. އޭރުވެސް އަހަންނަށް ހުރެވުނީ މޭގައި އަތްއަޅައިގެންނެވެ. އަހަންނަށް އޭރު އިވުނީ ޝާފީ އަތުގައި އޮތް ކުޅޭ އެއްޗެއް ވެއްޓުނު އަޑެވެ. ޔަމާން އޭތި ނަގާ ޝާފީ އަތަށް ދިނެވެ. ދެން ޝާފީއާއިއެކު ކޮޓަރި ތެރެއަށް ވަނެވެ. ހައިރާންވީ އެމީހުން އައި އިރެއް ވެސް އަހަންނަށް ނޭންގުނީމައެވެ. އެހާވެސް ބޮޑަށް އަހަންނަށް ހުރެވުނީ ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައެވެ. ހަމަ ޔަޤީނުންވެސް އަހަރެންނާއިއެކު ޔަމާން މިކޮޓަރިއަކަށް ނާދެއެވެ. ސާފުކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ފޯނެއް އައިސްގެން އެބަ އަންނަމޭ ކިޔާފައި ޔަމާން ބޭރަށް ނުކުތީ ކުޑައިރުކޮޅެއް ކުރިންނެވެ. ޝާފީ ބަލާ ދާ ވާހަކައެއް ނުބުނެއެވެ. “ދަރިފުޅާ.. ކާކާ އެއްކޮށް ދަރިފުޅު ތި އައީ؟” އަހަރެން ކައިރިއަށް ގޮސް ޝާފީއާއި ސުވާލު ކުރީމެވެ.

“ޝާފީ އައީ ދޮންބެއާއި އެކު…” ދޮންބެގެ އަޑު އިވުމުން އަހަރެން ބަލާލިއިރު ކޮޓަރި ދޮރު ކައިރިއަށް ހުއްޓެނީއެވެ. ކައިރީގައި ރީމާވެސް ދޮންބެގެ އަތުގައި ހިފައިލައިގެން ހުއްޓެވެ. “ޝާފީއަށް މަންމަމެން ނުފެންނަތާ މާ ގިނައިރު ވީ… ދޯ ޝާފީ!” ޝާފީގެ ކޮލުގައި ހިފާލަމުން ދޮންބެ ބުނެލިއެވެ. “ފޫހިވެގެން އުޅެން ފެށީމަ ދޮންބެ ބުނީ ހިނގާށޭ ދުއްވާލަން ދާން… ބުނީމަ ވަރަށް އުފަލުން މަންމައާއިއެކު ތައްޔާރުވީ.. އެކަމަކު ބޭރަށް ނިކުމެ އުޅެނިކޮށް ބުނެފި ބޭނުމީ މަންމަމެން ކައިރިއަށް ދާށޭ.. އެހެންވެ ދޮންބެ ޔަމާންއަށް ގުޅާފަ މި އައީ….” ދޮންބެ މިހެން ބުނުމުން މީގެ ކުޑައިރުކޮޅެއް ކުރިން އަނެއް ކޮޓަރި ސާފުކުރަން އުޅެނިކޮށް ޔަމާންއަށް ފޯން ކޯލެއް އައިސްގެން ބޭރަށް ނުކުތްކަން އަހަރެން ހަނދާންވިއެވެ. އަހަރެން ޔަމާންގެ މޫނަށް ބަލާލިއިރު، ޔަމާން ހެވިފައި އަހަންނާއި ދިމާއަށް ބަލަން ހުއްޓެވެ. ވީ ގޮތް އަހަންނަށް ވިސްނުމުން އަހަރެންވެސް ހިނިތުންވެލީމެވެ.

ކުޑައިރުކޮޅަކު އަހަރެމެންނާއި ވާހަކަ ދައްކަން މަޑުކޮށްލުމަށްފަހު ދޮންބެމެން ދިއުމުގެ ކުރިން ޝާފީ ގާތު ދާނަންތޯ ސުވާލުކުރިއެވެ. ޝާފީ ބަލާލީ އަހަރެންގެ މޫނަށެވެ. “މަންމަމެން ދާނަން މި މަސައްކަތް ނިންމާލާފައި… ދަރިފުޅު ދޮންބެމެންނާއިއެކު ދާނީ ދޯ؟” ރީތި ހިނިތުންވުމެއް ދެމުން ޝާފީ ބޯ ޖަހާލިއެވެ. ދެން މަޑުމަޑުން ދުވެލާފައި ގޮސް ދޮންބެގެ އަތުގައި ހިފާލިއެވެ. އަހަންނާއި ޔަމާން އެމީހުން ލިފްޓަށް އަރަންދެން ތިބީމެވެ. ލިފްޓަށް އަރަމުން ޝާފީއާއި ރީމް އަތުން ހަނާއަޅަމުން “ބާއި” އޭ ކިޔާލިއެވެ. އަހަރެމެންވެސް ހިނިތުންވެލަމުން އަތުން ހަނާއަޅާލީމެވެ. ލިފްޓުގެ ދޮރު ލެއްޕުމުން އެތެރެއަށް ވަނީ ކުރަން ފެށި މަސައްކަތްތައް ނިންމާލަންވެގެންނެވެ. ކޮޓަރިއަށް ވަނުމަށްފަހު މަސައްކަތް ފެށީމެވެ. ޔަމާންވެސް އަހަންނަށް އެހީވެދޭން އުޅޭތީ އަހަރެން ހީކުރި ވަރަށްވުރެވެސް މަސައްކަތް ކުރިއަށް ދިޔަލެއް އަވަހެވެ.

އަނެއްކާވެސް ޔަމާންގެ ފޯނު ރިންގުވާން ފެށިއެވެ. “މަޑުކޮށްލާ… މި ދަނީ” ފޯނު ނަގާ އެކޮޅުން އެބުނި އެއްޗެއް އަޑުއަހަން ހުރުމަށްފަހު ޔަމާން ބުނެލި އަޑު އިވުނެވެ. ދެން އަހަންނަށް ގޮވާލާފައި، ވަރަށް އަވަހަށް އަންނާނަމޭ ބުނެ ކޮޓަރިން ނުކުތެވެ. އާއެކޭ ބުނުމަށްފަހު އަހަރެންވެސް ކުރަމުން ދިޔަ މަސައްކަތް ކުރިއަށް ގެންދިޔައީމެވެ. އަލަމާރި ސާފުކުރަމުން ގޮސް އެންމެ ތިރީ ވަތްގަނޑު ހުޅުވާލިއިރު ފޮޓޯ އަލްބަމެއް ފެނުނެވެ. މަޑުމަޑުން އަހަރެންގެ އަތް އަލްބަމާއި ދިމާއަށް ހަރަކާތްކުރަން ފެށިއެވެ. އަލްބަމް ނަގައިގެން އައިސް އެނދުމަތީގައި އިށީނުމަށްފަހު ހުޅުވާލީމެވެ. ކޮންމެ ފޮޓޯއެއް ބަލަމުން ދިޔައިރު އިޚްތިޔާރަކާ ނުލާ އަހަރެންގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. އެ އަލްބަމްގައި ވަނީ އަހަރެންގެ ކުޑައިރުގެ އެކިއެކި ހަނދާންތަކެވެ. މަންމައާއި ބައްޕަ އަހަންނާއިއެކު އެކި ދުވަސްމަތިން ނަގާފައިވާ ފޮޓޯތަކެވެ. އަހަރެންގެ އެންމެ ތުއްތުއިރުއްސުރެ މަންމަމެންނާއިއެކު ނަގާފައިވާ ފޮޓޯތައްވެސް ހުއްޓެވެ. ގަނޑަކަށްފަހު ގަނޑެއް އެއްލަމުން ދިޔައިރު، މާޒީގެ އެތައް ހަނދާންތަކެއް އާލާވަމުން ދިޔައެވެ. އެންމެ ކުޑައިރުގެ ފޮޓޯތައް ފެނިފައި ހިތަށް ފިނިކަމެއް ލިބުނީ މަންމައާއި ބައްޕައާއި ދެމީހުންނާއިއެކު ނެގިފައިވާ ފޮޓޯތަކަކަށް ވީތީއެވެ. އުމުރުން ހަ އަހަރުން ފެށިގެން ނަގާފަ ހުރި އެއްވެސް ފޮޓޯއެއްގައި ބައްޕައެއް ނެތެވެ. ކިތަންމެ ދުވަހެއް ވެފައިވީ ކަމުގައިވީ ނަމަވެސް ފޮޓޯތައް ފެނުމުން އަހަންނަށް ވަރަށް އަސަރު ކުރިއެވެ.

“ޝަބާ.. ޝަބާ” އަހަންނަށް ހޭވެރިކަމެއްވީ ޔަމާން އަހަރެންގެ ކޮނޑުގައި ހިފާ ކުޑަކޮށް ތަޅުވާލުމުންނެވެ. ސިހިފައި ޔަމާންގެ މޫނަށް ބަލާލެވުނުއިރު އެ މޫނުމަތިން އަހަންނާއިމެދު ކަންބޮޑުވެފައިވީ މިންވަރު ސާފުކޮށް ފެންނަމުން ދިޔައެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ލޯތްބާއިއެކު ފޮހެލައިދިނުމަށްފަހު، އަހަރެންގެ މޫނުގައި ޔަމާންގެ ދެއަތުން ހިފައްޓާލިއެވެ. އެފަދަ ވަގުތެއްގައި ޔަމާންގެ އޯގާތެރިކަން ލިބުމުން އަހަރެން ތެދުވެފައި އެ މޭގައި މޫނު ފޮރުވާލީމެވެ. ޔަމާންވެސް އަހަރެންގެ ހަށިގަނޑުގައި ދެއަތް ވަށާލިއެވެ. އަހަރެން ދެރަވީ ކީއްވެގެންކަން ޔަމާން ދެނެގަތެވެ. އަހަރެންގެ މައިންބަފައިން ދުނިޔޭގައި ނެތްކަން ޔަމާންއަށް ކުރިންވެސް އެނގޭނެއެވެ. ހުޅުވިފައިވާ އަލްބަމުން ފެނުނު ފޮޓޯތަކުން ވީގޮތް ޔަމާންއަށް ޔަޤީން ކުރެވުނީއެވެ. އަހަރެން ހަމައަކަށް އެޅެންދެން ޔަމާން އެ ހުރި ގޮތަށް ހުއްޓެވެ. އަހަންނާއި ވާހަކަ ދައްކާ އަހަންނަށް ހިތްވަރުދިނެވެ. “އެބަ އަންނަން..” ހަމައަކަށް އެޅުމުން ޔަމާންއާއި ދުރުވެލުމަށްފަހު އަހަރެން ބުނެލީމެވެ. ފާހާނާއަށް ވަދެ މޫނު ދޮވެލައިގެން ނުކުތްއިރު ޔަމާން އެނދުގައި އިށީންދެލައިގެން އިނެވެ. އަހަރެން ފެނުމުން ކައިރިއަށް އައިސް އަތުގައި ހިފާލިއެވެ. ދެން ކޮޓަރިން ނުކުމެ ސިޓިންގރޫމާއި ދިމާއަށް މިސްރާބު ޖެހިއެވެ.

ސިޓިންގރޫމްގައި ހުރި ކުޑަ މޭޒުމަތީގައި ޕިއްޒާއާއި ދެ ފުޅި ކޯކް ހުއްޓެވެ. “ހިނގާ ޕިއްޒާ ކާން… ކައިގެން ދެން މަސައްކަތް ކުރިއަށް ގެންދާނީ ދޯ…” އަހަރެން ގޮވައިގެން ގޮސް ސޯފާގައި އިށީންނަމުން ޔަމާން ބުނެލިއެވެ. ކަމުން ދިޔައިރު ކޮންމެވެސް ވަރަކަށް އަހަރެމެން އެކި ވާހަކަތައް ދެއްކީމެވެ. ކައި ނިމިގެން ކުޑައިރުކޮޅަކު ސޯފާގައި މަޑުކޮށްލީމެވެ. ދެން އަނެއްކާވެސް މަސައްކަތް ފެށީމެވެ. ބޮޑުބޭބެމެންގެ ބައި އެއްކޮށް ސާފުކޮށް ނިމުނުއިރު ފަސްގަޑި ބައިވަނީއެވެ.

ގެއަށް ދެވުނުއިރު ދޮންބެ އަދި ޝާފީ ގޮވައިގެން ނާދެއެވެ. ޔަމާން ތައްޔާރުވެލައިގެން ދިޔައީ ބޭރަށެވެ. އަހަރެން ފެންވަރާ ތާޒާވެލައިގެން ސިޓިންގރޫމް ސޯފާގައި މަޑުކޮށްލައިގެން އިނީމެވެ. ޓީވީ ހުޅުވާލުމަށްފަހު އެކި އެކި ޗެނަލްތަކަށް ބަދަލުކުރަމުން ދިޔައީމެވެ. ކަމުދާ ޕްރޮގްރާމެއް ފެނުމުން، ޝައުގުވެރިކަމާއެކު އެ ޕްރޮގްރާމް ބަލަން އިނދެވުނެވެ. މިހެން އިންދާ ޝާފީއާއި ރީމާ ގޮވައިގެން ދޮންބެ އައިސް ގެއަށް ވަނެވެ. އަހަރެން ފެނުމާއެކު ޝާފީ ދުވެލާފައި އަހަރެން ކައިރިއަށް އައެވެ. ޝާފީ ނަގާ އުނގަށްލުމުން އަހަރެންގެ ގައިގައި ބައްދާލިއެވެ. އަދި އަހަންނަށް އެ ދުވަހު ދިޔަ ތަންތަނާއި، ކުރި ކަންތައްތައް ކިޔައިދިނީ ވަރަށް އުފަލުން އިނދެއެވެ. “މަންމާ… ކޮބާ ބައްޕަ؟” ޝާފީ މިހެން އަހާލި ވަގުތަކީ ޔަމާން ގެއަށް އައިސް ވަން ވަގުތެވެ. ” ބައްޕަ މި ހުރީނު… އަވަހަށް އާދޭ ބައްޕަގެ ދޫނި…” އަހަންނަށް އެއްޗެއް ނުބުނެވެނީސް ޔަމާން ޖަވާބުދިނެވެ. ޔަމާންގެ އަޑު އިވުމުން އެ ދިމާއަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ. “ބައްޕާ..” އަހަރެންގެ އުނގުން ފައިބައިގެން ދުވެފައި ޔަމާން ކައިރިއަށް ދިޔައެވެ. ޔަމާން ތިރިވެލާފައި ޝާފީ ނަގާ އުރާލުމުން ޔަމާންއަށްވެސް އެވާހަކަތައް ކިޔައިދިނެވެ. ހިނި އައިސްފައި ޔަމާންއާއި ޝާފީ ވާހަކަ ދައްކަމުން ދިޔަ މަންޒަރު ފެނުމުން އަހަރެން އުފާވިއެވެ.

އެރޭގެ ވަގުތެވެ. ރޭގަނޑުގެ ކެއުމަށްފަހު ޔަމާންއާއި ޝާފީ ތިބީ ފޮތެއް ހިފައިގެން ކޮޓަރީގައި ހުރި ސޯފާގައެވެ. ވާހަކަ ކިޔުމަކީ ޝާފީ ވަރަށް ކުރާ ހިތުން ކުރާ ކަމެކެވެ. އަދި ޔަމާން ވާހަކަ ކިޔައިދޭއިރުވެސް ޝައުޤުވެރިކަމާއެކު އަޑުއަހަން އިންނާނެއެވެ. ޝާފީގެ ކިޔެވުމުގެ ކަންކަމުގައިވެސް ޔަމާންގެ އެހީތެރިކަން ލިބެއެވެ. އާއްމުކޮށް ހަފްތާ ބަންދުގައި ޔަމާންގެ ގިނަ ވަގުތުތަކެއް ޝާފީއާއިއެކު ހޭދަކުރެއެވެ. ޔަމާންގެ ލޯތްބާއި އަޅާލުން ލިބޭތީ ޝާފީ ހުންނަނީ ވަރަށް އުފަލުންނެވެ.

“ދަރިފުޅާ.. ނިދާކަށް ނުވޭތަ؟ މިހާރު ނުވައެއް ޖަހައިފި….” މާ ލަސްވާން ފެށުމުން އަހަރެން ބުނީމެވެ. “މަންމާ ޕްލީޒް… ފައިވް މިނެޓްސް… މި ވާހަކަ ނިމެނީއޭ… ދޯ ބައްޕާ؟” އެ ވާހަކަ ނުނިމެނީސް ޝާފީ ނިދާކަށް ބޭނުމެއް ނުވިއެވެ. “ތެދެއް… ވަރަށް އަވަހަށް ނިމޭނެ… ދެން އިނީ އެންމެ ޕޭޖެއް ދޯ ދަރިފުޅާ” ޔަމާން މިހެން ބުނެލާއިރަށް ޝާފީ ވަގުތުން ބޯ ޖަހާލިއެވެ. އޯކޭ އޭ ބުނުމަށްފަހު އަހަރެން ސިޓިންގރޫމަށް ނުކުތީމެވެ. އޭރު މަންމައާއި ބައްޕަ ސޯފާގައި ތިބުމުން އެމީހުންނާއި ވާހަކަ ދައްކަން މަޑުކޮށްލީމެވެ.

ބައިގަޑިއެއްހާއިރު ފަހުން ކޮޓަރިއަށް ވަންއިރު ޔަމާންގެ އުނގުގައި ބޯ އަޅާލައިގެން ޝާފީ ނިދާފައި އޮތެވެ. އެ މައުސޫމު މޫނަށް ބަލަހައްޓައިގެން ޔަމާން އިން އިރު އޭނާގެ އަތުން ޝާފީގެ ބޮލުގައި ލޯބިން ފިރުމަމުން ދިޔައެވެ. އެ މަންޒަރު ފެނުމުން އުފަލުން އަހަރެންގެ ލޯ ފެންކަޅިވިއެވެ. “އެންމެ ފަހުން ނިދައިފި ދޯ” އަހަރެން މަޑުމަޑުން ކައިރިއަށް ގޮސް ހުއްޓުނީމެވެ. “އާން… ނިދިއްޖެ…. އެބަ އަންނަން އެނދުގައި ބާއްވާލާފައި..” ޝާފީ ނަގާ ކޮނޑުމަތީގައި ބާއްވާލަމުން ޔަމާން ބުންޏެވެ. އަހަރެން ސޯފާގައި އިށީނީމެވެ. އިރުކޮޅެއްފަހުން ޔަމާންވެސް އައިސް އަހަރެންގެ ކައިރީގައި ޖައްސާލިއެވެ.

ކޮޓަރީގެ ދޮރުގައި ޓަކި ޖެހި އަޑު އިވުނީ އަހަރެމެން ދެމީހުން ވާހަކަ ދައްކަން ތިއްބައެވެ. އަހަރެން ތެދުވެގެން ގޮސް ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ހުރީ ދޮންބެއެވެ. ޔަމާން ހޯދަން އައި ވާހަކަ ބުނުމުން އަހަރެން ޔަމާންއަށް ގޮވާލާފައި އަނެއްކާވެސް ގޮސް ސޯފާގައި ޖައްސާލީމެވެ. ޔަމާން ދޮންބެ ގާތަށް ދިޔައެވެ. އެނބުރި އައިސް ސޯފާގައި އިށީންދެ އަހަރެންގެ ކޮނޑުގައި ހިފާއްޓާލިއެވެ. “ޝަބާ… އަހަރެން މި ދަނީ ދޮންބެއާއި ހޫދުއާއިއެކު ކޮފީއަކަށް… ތަންކޮޅެއް ލަސްވެދާނެ… އެހެންވީމަ ނިދާލާ އިނގޭ… ވަރަށް ވަރުބަލިވެފައެއްނު ހުންނާނީ މިހާރު” އަހަރެންގެ މޫނަށް އެޅިފައިވާ ކުރު އިސްތަށިތައް ކަންފަތްދޮށަށް ލައްވާލަދެމުން ޔަމާން ބުނެލިއެވެ. ޖަވާބުގައި އަހަރެން ހިނިތުންވެލީމެވެ. ހޫދުއަކީ ޔަމާންއާއި ދޮންބެއާއި ދެމީހުންގެ ގާތް އެކުވެރިއެކެވެ. އެކުގައި ކޮފީތަކަށް ދިއުމަކީ އާއްމުކޮށް އެމީހުން ކުރާ ކަމެކެވެ.

ޔަމާން ދިއުމުން އަހަރެން ސޯފާގައި އޮށޯވެ ހަމަޖެހިލައިގެން ޖައްސާލީ ކޮންމެހެން ނިދާކަށް ނޫނެވެ. ނަމަވެސް ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަމާއެކު އަހަރެން ފުން ނިދީގެ ތެރެއަށް ގެނބިގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ދެން ހޭލެވުނީ އަހަރެންގެ ހަށިގަނޑު ސޯފާއިން އުފުލުނު އިހްސާސް ކުރެވިގެންނެވެ. މަޑުމަޑުން ދެލޯ ހުޅުވާލެވުނުއިރު އޮވެވުނީ ޔަމާންގެ އަތުތެރޭގައެވެ. އެ މޫނަށް ބަލާލިއިރު ޔަމާންގެ ނަޒަރުވެސް ހުއްޓިފައިވަނީ އަހަރެންގެ މޫނަށެވެ. އިރުކޮޅަކުން ޔަމާންގެ ފިޔަވަޅުތައް ހުއްޓުނެވެ. އެނދުގެ އެއްފަރާތުގައި އަހަރެން ބާއްވާލިއިރުވެސް އަހަރެންގެ މޫނުން ނަޒަރު ވަކިކޮށެއްނުލައެވެ. “ކީއްވެ ސޯފާގައި ނިދަން އޮތީ؟” ޔަމާން ސުވާލުކުރިއެވެ. “އަސްލު ނިދާކަށް ނޫން އޮތީ… އެކަމަކު ނިދުނީ…  ގަޑިން ކިހާ އިރެއް؟” ނިދި އަޑަކުން އަހަރެން ބުނީމެވެ. “ޝަބާ ގާތު އަހަރެން ބުނީމެއްނު މާ ލަސްނުވަނީސް ނިދާލާށޭ… މިހާރު ބާރަ ޖަހަނީ… ދެން ހިނގާ ނިދަން…” ޔަމާން މިހެން ބުނުމުން އަހަރެން ދެ ލޯ މަރާލީމެވެ. ޔަމާންވެސް އަހަރެންގެ ކައިރީގައި އޮށޯތެވެ.

ދެދުވަސް ފަހެވެ. މިއަދަކީ ބޮޑުބޭބެމެން މާލެ އަންނަ ދުވަހެވެ. ޔަމާންވެސް އަހަންނާއެކު އެއަރޕޯޓަށް ދިޔައެވެ. އަހަރެމެން ދިޔައީ ޝާފީވެސް ގޮވައިގެންނެވެ. ގިނަ ދުވަސްތަކަކަށްފަހު ބޮޑުބޭބެމެންނާއި ބައްދަލުވެވޭތީ އަހަރެން ހުރީ ވަރަށް އުފަލުންނެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް ހިތުގައި ނުތަނަވަސްކަމެއްވިއެވެ. ދުވަސްތަކަކަށްފަހު ރަޔާންއާއި ކުރިމަތިލާން ޖެހޭނެތީއެވެ. އޭރުވެސް އަހަރެންގެ ސިކުނޑީގައި އެތައް ޚިޔާލުތަކެއް ހިނގަމުންދިޔައެވެ. ރަޔާން އަހަރެންދެކެ މިހާރުވެސް އެހާ ނަފްރަތު ކުރާނެ ބާވައެވެ؟ މިހާ ދުވަސްކޮށްފާ ފެނުމުން ވާހަކަ ދައްކާނެ ބާވައެވެ؟ ޝާފީ އަހަރެންގެ އަތުގައި ހިފާ ކުޑަކޮށް ތަޅުވާލުމުން ސިހިފައި އަހަންނަށް ބަލާލެވުނެވެ. “މަންމާ… ފެންބޯން…” ފެންފުޅި ނަގާ ޝާފީއަށް ފެން ދިނުމަށްފަހު އެރައިވަލްސް ގޭޓާއި ދިމާއަށް ބަލާލީމެވެ. ޓްރޯލީއެއްގައި ހިފަހައްޓައިގެން އަހަރެމެން ތިބި ދިމާއަށް ހިނގަމުން އައި ބޮޑުބޭބެ އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ބޮޑުބޭބެގެ އެއްފަރާތުގައި ދައްތަވެސް ހުއްޓެވެ. ބޮޑުބޭބެއާއި ދައްތަ އަހަރެމެންނާއި ބައްދަލުކުރީ އުފާވެރި ހިނިތުންވުމަކާ އެކުގައެވެ. ދައްތަ އަހަރެންގެ ގައިގައި ބައްދާލިއެވެ. ޝާފީގެ ކޮލުގައި ހިފާ ޝާފީއާއިވެސް ލޯބިން ވާހަކަ ދެއްކިއެވެ. ބޮޑުބޭބެވެސް ޝާފީގެ ބޮލުގައި ފިރުމާލިއެވެ. އަދި ޔަމާންއާއި ސަލާމްކުރިއެވެ. އަހަރެންގެ ހިނިތުންވުން ފަނޑުވެގެން ދިޔައީ އެއްލި ކަޅިއަކުން އެތާ ކައިރީގައި ހުރި ޒުވާނާ ފެނިފައެވެ.

5

You may also like...

5 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Yes you are first jiji… 🙂
   Thank u dear…😊
   Next part wednesday ge kurin upload kolleveytho balaanan In Sha Allah

   ⚠Report!
  1. Thank you dear 😊

   In Sha Allah next episode, wednesday ge kurin genesdheveytho varah masakai kuraanan

   ⚠Report!
 1. Assalaam Alaikum dear readers 🙂

  Here is the third part of “Veeraan vefaivee hayaai magey”…..
  Please share your views about the story…

  ⚠Report!

Leave a Reply

Your email address will not be published.