ކުށަކާ ނުލާ 12
ދިހަ ވަރަކަށް މިނަޓް ފަހުން ދެ ސައިކަލުގައި ދިޔަ ހަތަރު ފިރިހެނުން އެ ވަގުތު ނަދާ ހުރި ހިސާބުން ދިޔައެވެ. ތެމިފޯވެފައި، އެކަނިމާ އެކަނި ހުރި އަންހެން ކުއްޖަކު ފެނުމުން އެ މީހުން އައި ކޮޅަށް އަނބުރާލިއެވެ. އެމީހުން އައިސް ނަދާ ހުރި ދިމާލުން މަގުގެ އަނެއް ފަރާތުގައި މަޑުކޮށްލިއެވެ. ނަދާ ބިރުން ހުރެ ދޮރުގައި ބުރަކަށި ޖެހެން ދެން ފަހަތަށް ޖެހިލިއެވެ. އެ މީހުންނަށް ނުބަލަން ހުރި ނަމަވެސް އިރުއިރުކޮޅާ އެ ދިމާއަށް ބަލާލެވެއެވެ.
އެ ހަތަރު މީހުން ނަދާއާ ދިމާއަށް ބަލަން ތިބެ ވާހަކައެއް ދައްކާފައި އިރުއިރުކޮޅާ ބާރުބާރަށް ހީގަނެއެވެ. އެއިން ކޮންމެ ފަހަރަކު ނަދާ ބިރުން ސިހެއެވެ. އެހެން ނަދާ ހުންނަތާ ފަސްވަރަކަށް މިނަޓް ފަހުން އެތަނުން އެކަކު ނަދާއާ ދިމާއަށް އަންނަން ފެށިއެވެ. ބިރުން ހަލާކު ވެފައި ހުރި ނަދާގެ ލޮލުން ކަރުނަ އައީ ހަދާނެ އެއްވެސް ގޮތެއް ނެތީތީއެވެ.
ހަމަ އެވަގުތު އަޔާޒް އައިސް ނަދާގެ ކުރިމަތީ މަޑުކޮށްލިއެވެ. ނަދާއާ ދިމާއަށް އައިސްއައިސް ހުރި މީހާ އެނބުރި އޭނަގެ އެކުވެރިން ކައިރިއަށް ގޮސް ހުއްޓުނެވެ.
އަޔާޒް ނަދާއަށް ބަލާލާފައި އަވަސް އަވަހަށް ސައިކަލުން ފައިބައިގެން އައިސް ކާޑު ނަގާ ދޮރު ހުޅުވާލިއެވެ. މަގުގެ އަނެއް ފަރާތުގައި ތިބި މީހުންނަށް ބަލާލަމުން އަޔާޒް ނަދާގެ ބުރަކަށީގައި އަތް ޖައްސާލަމުން އެތެރެއަށް ވައްދާފައި ދޮރު ލައްޕާލިއެވެ.
“ކީއްވެ ނުވަދެ ހުރީ؟” ލިފްޓަށް ފިތާލާފައި އަޔާޒް އަހާލިއެވެ.
“އަޔާއާ އެކީ ދާތީ ފޯނު އެކަނި ގެނައީ…” މަޑުމަޑުން ނަދާ ބުންޏެވެ.
“ދެން ކީއްވެ ނުބުނެ ހުރީ؟” އަޔާޒްގެ އަޑުގައި ނުރުހުން އެކުލެވިގެން ދިޔައެވެ.
އަޔާޒްއަށް ގޮވީމޭ، އަޑު ނީވުނީއޭ ބުނެފި ނަމަވެސް އަންނާނީ ރުޅި ކަން އެނގޭތީ ނަދާ އެއްޗެއް ނުބުނެ ހުޅުވުނު ލިފްޓަށް ވަނެވެ.
ނަދާ ހުރީ ބިރުން ކަން އެނގޭތީ އަޔާޒްވެސް އެ ވަގުތު އިތުރު އެއްޗެއް ނުބުނެއެވެ.
އަނެއް ދުވަހު ފޯން ހުޅުވޭ ތޯ އެތައް މަސައްކަތެއް ކޮށްގެންވެސް ނުހުޅުވުމުން ނަދާ އެކަން ހުއްޓާލީ ފޯން ހަލާކުވީ ކަމަށް ނިންމާފައެވެ. ފޯން ހަލާކު ވީ ވާހަކައެއް ނަދާ އަޔާޒް ކައިރިއަކު ނުބުނެއެވެ.
އަޔާޒް އާއި އެކު އައިސް މައިހާ ސައިކަލުން ފައިބާފައި އިރުކޮޅަކު ހުއްޓެވެ.
“ޝުކުރިއްޔާ… އަދި އުނދަގޫ ކުރެވުނީތީ މާފަށްވެސް އެދެން” އިސް ޖަހައިގެން ހުރެފައި މައިހާ ބުންޏެވެ.
“އެހާ ވަރަށް އަހަރެން ދުރުވީތަ؟” އަޔާޒް އަހާލިއެވެ.
“ދުރު ވެއްޖެ… ކިހާ ވަރަކަށް ކަން އަޔާއަށްވެސް އެނގޭނެ” ދެންވެސް މައިހާ އިސް އުފުލާ އަޔާޒްގެ މޫނަކަށް ނުބަލައެވެ.
“އެހެން ވިޔަސް މައިއަށް އެހީއެއް ބޭނުން ވާ ވަގުތު، ކަމެއް ކޮށްނުދީ ބަލަން ހުންނަހާ ދުރެއް ނުވޭ… ދުވަހަކުވެސް އެހާ ދުރެއް ނުވާނެ… ކޮންމެ ކަމެއް ބަދަލު ވިޔަސް ހިތެއް ބަދަލެއް ނުވޭ” އަޔާޒް ބުންޏެވެ.
“އެހެން ވިޔަސް ކަމެއް ކޮށްދިނީމަ ޝުކުރު އަދާ ކުރެވިދާނެއެއްނު؟” އެންމެ ފަހުން އަޔާޒްގެ މޫނަށް މައިހާ ބަލާލިއެވެ.
“ހަމައެކަނި ގުޅުން ބަދަލު ވީ، އެހެން ކަމެއް ބަދަލެއް ނުވޭ… މައި ކޮންމެ ދުވަހަކުންވެސް ކަމެއް ބޭނުން ވެއްޖެއްޔާ ބުނެލަން އެކަނި ޖެހޭނީ” އަޔާޒް ބުންޏެވެ.
“އޯކޭ… ދެން ދަނީ…” މައިހާ ގެއާ ދިމާއަށް ފިޔަވަޅެއް އަޅާލަމުން ބުންޏެވެ.
“ސިޑިން އެރޭނެތަ؟” އަޔާޒް އަހާލިއެވެ.
“އެވަރު ވާނެ…” އަޔާޒްއަށް ބަލާލާފައި ހީލާފައި މައިހާ ގެޔަށް ވަނެވެ.
އަޔާޒް ދިޔަ ތަން ބަލަން ކުޑަ ދޮރު ކައިރީ ހުރި މަދީހާ ސިޓިންގްރޫމަށް ނިކުތް އިރު މައިހާ އެތެރެއަށް ވަނީއެވެ.
“ކިހިނެއްތަ މައިހާ ތި އުޅެނީ؟” މައިހާ ފެނުމުން މަދީހާ އަހާލިއެވެ.
“އަހަރެން ކިހިނެއް އުޅުނީތަ؟” މައިހާގެ ރާގުގައި ހުރީ ހިތްހަމަ ނުޖެހުމެވެ.
“އަޔާޒް އެހެން މީހަކާ އިނދެފަވެސް މައިހާ ގެޔަށް ގެނެސްދީ، ޑިޔުޓީއަށް ހޮސްޕިޓަލަށް ގެންގޮސްދީ ހަދަން ޖެހޭތަ؟” މަދީހާވެސް ވާހަކަދެއްކީ އެ ރާގަށެވެ.
“އަހަރެން އޭނަޔާ އިންނަން އެއްބަސް ވީ ނަމަ އޭނަ ނުޖެހޭނެ ދޯ އެހެން މީހަކާ އިންނާކަށް؟” މައިހާގެ އަޑު ގަދަވިއެވެ.
“ކަމެއް ވީމައެއްނު މައިހާގެ ބައްޕަ ގަބޫލު ނުވީ؟” މަދީހާ ބުންޏެވެ.
“އާނ، ދައްތަގެ ދަރިއަކާ އަހަރެން ދެވަން ދައްތަ ބޭނުން ވެގެން ބައްޕަ ކައިރީ އެހެން ކިޔާ ވަރުން ބައްޕަ ގަބޫލު ނުވީ” މައިހާ ހީވީ ޒުވާބު ކުރަން ބޭނުން ވެފައި ހުރި ހެންނެވެ.
“ދައްތަ ނުކިޔަމޭ މައިހާ، ކީއްވެތަ ގަބޫލު ނުކުރެވެނީ؟” މަދީހާ އަހާލިއެވެ.
“ގަބޫލެއް ނުކުރެވޭނެއެއްނު؟ ދައްތަ ކީ އެއްޗެއް ކިޔައިގެން ވިއްޔަ ބައްޕަ އަޔާއާ ގަބޫލު ނުވީ…” މައިހާ ރައްދު ދިނެވެ.
“ތީ މާ ކުރީގެ ވާހަކައެއް، ދައްތަ ބުނަން މިއުޅެނީ، އަޔާޒްއަކީ ރަނގަޅު މީހެއް ނަމަ ކީއްވެ އޭނަ އެހެން މީހަކާ އިނީ؟ އިނދެފަވެސް ކީއްކުރަން މައިހާ އޭނަގެ ސައިކަލު ފަހަތަށް ލައިގެން އުޅެންވީ؟” މަދީހާ ބުންޏެވެ.
“އޭނަ ނޫޅޭ އަހަރެން ސައިކަލު ފަހަތަށް ލައިގެންނެއް. އަހަރެން ގުޅީމަ އޭނަ މިރޭވެސް އައީ އަހަރެން ގެޔަށް ލައިދޭން” މައިހާ ބުންޏެވެ.
“ދެން އެހެން ވިއްޔާ މައިހާތަ އަދިވެސް އޭނަ ފަހަތުން—” މަދީހާ އެއްޗެއް ބުނަން ފެށި ނަމަވެސް ފުރިހަމައެއް ނުކުރެވުނެވެ.
“ދައްތާ! ކީކޭ ކިޔަންތަ ތި އުޅެނީ؟ ދައްތަ ބޭނުން ވީ އަހަރެން އަޔާޒްއާ ނީންނާކަށްނު؟ އަހަރެން އެކަން ހުއްޓާލައިފީމޭ، ނީންނާނަމޭ ދެން އަޔާއަކާ… ދައްތައަށް ނޭނގޭ ކަންތަކުގެ ވާހަކަ ދެއްކުން ދެން ހުއްޓާލަން ވެއްޖެއެއްނު؟” މައިހާ އައި ރުޅީގައި އަޑަށް ބާރު ލާފައި ބުނެލިއެވެ.
“މައިހާ!” ކޮޓަރިން ނިކުތް އައްބާސްއަށް މައިހާ ވާހަކަ ދެއްކި ގޮތް އިވިފައި ގޮވާލެވުނެވެ.
“އައްބާސް، މައިހާ—” މިފަހަރުވެސް މަދީހާއަކަށް ފުރިހަމައެއް ނުކުރެވުނެވެ.
“ކިހާ ބޮޑު ކަމެއް! އަނެއްކާ އަނެއް ވާހަކައެއް ބައްޕަ ކައިރީ ދައްކަން ވީ؟ އަހަރެން އުޅޭހާ ގޮތަކާ ދައްތަ ބެހޭކަށް ނުޖެހޭނެ. އަހަރެން އަޔާޒްއާ އެކީ އަޔަސް، އެހެން މީހަކާ އެކީ އަޔަސް އެއީ ދައްތައާ ބެހޭ ކަމެއް ނޫން” އައި ރުޅީގައި ފުރަތަމަ ފަހަރަށް މަދީހާއާ އެހާ ބޭ އަދަބީ ގޮތަކަށް މައިހާއަށް ވާހަކަ ދެއްކުނީއެވެ.
އައްބާސް ބަލަން ނުހުރެ އައިސް މައިހާގެ ކޯމަތީ ޖެހިއެވެ.
“މަންމަގެ މަގާމުގައި ހުރި މީހާ ސުވާލު ކުރީމަ ޖަވާބު ދޭން ޖެހޭނީ ތިހެންނެއް ނޫން. މައިހާއަށް ކިހިނެއްތަ ވެގެން ތި އުޅެނީ؟” އައްބާސް ރުޅި އައީ މަދީހާއާ މުޚާތަބު ކޮށް މައިހާ ވާހަކަ ދެއްކި ގޮތުންނެވެ.
“ބައްޕައަށްވެސް ފެންނާނީ އަހަރެންގެ ކުށް… ދައްތަގެ އެއްވެސް ކަމެއް ނުފެންނާނެ. އަހަންނާ ތިހާ ނުރުހެންޏާ އަހަރެން ނޫޅެން ބައްޕަމެންނަށް ފެންނަ ހިސާބުގަ ހުންނާކަށް… އަހަރެން ހިނގައިދާނަން…” ރޮވިފައި ހުރި މައިހާ ބުންޏެވެ.
“މިހާރު ތިހިރީ މީހަކު ރަނގަޅަކަށް ބުނާ އެއްޗެއްވެސް އަޑު އަހާ ގޮތަކަށް ނޫން… މައިހާ ދަންޏާ ދާން ވީ… އަހަންނެއް ނުހުއްޓުވާނަން” މައިހާއާ މެދު ހިތްހަމަ ނުޖެހިފައި ހުރި ވަރުން އައްބާސް އެ ވަގުތު ގޮތެއް ނިންމިއެވެ.
“އައްބާސް!” މަދީހާއަށް ބުނެވުނެވެ.
“މަދީހާ އެއްޗެއް ބުނެފިއްޔާ އަދި ހައްތަހާ ގޯސް ވާނީ، މައިހާއަށް ހީވާނީ މައިހާއަށް ދެރައަކަށޭ ކޮންމެ އެއްޗެއްވެސް ބުނާނީ، ދާން ބޭނުން މީހަކު ދިޔަދީ، ހުއްޓުވާނެ ކަމެއް ނެތް” އައްބާސް އެހެން ބުނެފައި ކޮޓަރިއަށް ވަނެވެ. މައިހާ ކަރުނައިގެ ތެރެއިން ބައްޕަ ދިޔަ ދިމާއަށް ބަލަން ހުރެފައި ކޮޓަރިއަށް ވަނެވެ.
ޖެހިގެން އައި ދެ ދުވަހުވެސް ނަދާގެ ފޯނަށް ނުގުޅިގެން އެންމެ ފަހުން ތިން ވަނައަށް ވީ ދުވަހު ހުދާ އަދި ނިހާލްވެސް ގުޅީ އަޔާޒްއަށެވެ. މެންދުރު ކައިގެން އޮފީހަށް ދިޔަ ތަނާ ނިހާލްއާ ހުދާ އަޔާޒްއަށް ގުޅާފައި ނަދާއާ ނުގުޅިގެން އުޅޭތާ ދެ ދުވަސް ވީ ވާހަކަ ބުނުމުން އަޔާޒްވެސް ނަދާއަށް ގުޅިއެވެ. ނަދާގެ ފޯން އޮތީ ނިއްވާލާފައެވެ. ދެވަނަ ފަހަރަށް ހުދާ ގުޅުމުން އެންމެ ފަހުން ގެޔަށް ދިޔައީ ފޯން ނިވާލައިގެން އުޅޭތީ ނަދާ ދެކެ ރުޅި އައިސްގެންނެވެ.
“ފޯނު ނިވާލައިގެން ކީއްވެތަ ތި އުޅެނީ؟” ގެޔަށް ވަން ގޮތަށް، ސިޓިންގްރޫމް ކުނި ކަހަން ހުރި ނަދާއާ ދިމާއަށް އަޔާޒް ބުންޏެވެ.
“ކިހިނެއްވީ؟ ކަމަކުތަ އަޔާ ގުޅީ؟” ނަދާއަށް އަހާލެވުނީ، މުހިންމު ކަމަކު އަޔާޒް ގުޅީ ކަމަށް ހީކޮށެވެ.
“ހުދާއާ ނިހާލް އެބަ އުޅޭ ނަދާއާ ނުގުޅިގެން، ފޯނަށް ކިހިނެއް ހަދައިގެން ތި އުޅެނީ؟” އަޔާޒް އަނެއްކާވެސް އެހިއެވެ. އަދި އައިސް އަލަމާރިން ފެންފުޅިއެއް ނަގާ ތައްޓަކަށް ފެން އަޅައިގެން ބޯލިއެވެ.
އޭރުވެސް ނަދާ ފޯނަށް ވީ ގޮތެއް ނުބުނެއެވެ.
“ފޯނު ކޮބާ؟” ނަދާ ޖަވާބެއް ނުދީ ހުރުމުން ތަންކޮޅެއް ބާރަށް އަޔާޒް އެހިއެވެ.
“ކުރީރޭ ތެމިގެން ނިވުނު ގޮތަށް ފޯނެއް ނުހުޅުވުނު” އެންމެ ފަހުން ނަދާ ބުންޏެވެ.
“ދެން ނުބުނެ ތި ހުންނަނީ ކީއްވެ؟” އަޔާޒް ސުވާލު ކޮށްފައި ނަދާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ގެއިން ނިކުތެވެ.
ނަދާ ގޭތެރެ ސާފުކޮށްލާފައި ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލުކޮށްގެން ބޭރަށް ދާން ތައްޔާރުވިއެވެ. ޑްރެސިންގްޓޭބަލްގެ ވަތްގަނޑު ހުޅުވާލާފައި އޭގައި ހުރި ފައިސާއަށް ބަލަން ހުއްޓެވެ. ނަމަވެސް އިރުކޮޅަކު އެހެން ހުރެފައި ނަދާ ޕަރސް ހުޅުވާ އޭގައި ނަދާގެ ކޭޝް ކާޑް އޮތްތޯ ޔަގީން ކޮށްލިއެވެ.
ކޮންމެ ކުއްޖަކަށް އެކައުންޓެއް ހުޅުވާ، ކުލިން ލިބޭ ފައިސާއިން ކޮންމެ ކުއްޖަކަށް މަހަކު އެއްހާސް ރުފިޔާ ޖަމާ ކޮށްދިނުމަކީ ސާޖިދާ ބަރާބަރަށް ކުރާ ކަމެކެވެ. ނަދާގެ އަމިއްލަ ކަންކަމަށް ބޭނުން ކުރަނީ އެ އެކައުންޓްގައި ހުރި ފައިސާއެވެ. އެ ދުވަހު ނަދާ ބޭނުން ވީ ފޯނެއް ގަންނާށެވެ. ދެ ވަނަ ފަހަރަށް އެއްވެސް މީހަކު ނަދާ ހޯދަން އަޔާޒްއަށް ގުޅާ އުނދަގޫ ކުރަން ބޭނުން ނުވާތީއެވެ.
ފޯނެއް ގަނެފައި ނަދާ އާ ސިމްއެއްވެސް ނެގިއެވެ. ކުރީގެ ސިމް ނަގައިދިނީ އަޔާޒްއެވެ. އެ ސިމް އަލުން ނެގޭނީ އަޔާޒްއަށް ކަމަށް ވާތީ، އެކަމާވެސް އަޔާޒްއަށް އުނދަގޫ ކުރަން ބޭނުން ނުވާތީއެވެ.
އެ ދުވަހު އަޔާޒްއަށް އޮފީހުން ނިކުމެވުނީ ހައެއްވެސް ޖެހި ފަހުންނެވެ. އަޔާޒް ހުރީ ނަދާއަށް ފޯނެއް ގަނެގެން ގެޔަށް ދާށެވެ. ނަމަވެސް އޭރު ފިހާރަތައް ބަންދު ކޮށްފައި ހުރުމުން ފޯނެއް ގަތުން އެރެއަށް ފަސްކޮށްލާފައި ގެޔަށް ދިޔައީއެވެ.
ފެން ވަރައިގެން ސައި ބޮއެގެން އަޔާޒް ގެއިން ނިކުތް އިރު ނަދާ އާ ފޯނެއް ގަތް ކަމެއް އަޔާޒްއަކަށް ނޭނގެއެވެ. އަޔާޒް އެ ވާހަކަ ނުދައްކާތީ ނަދާވެސް ނުބުނީއެވެ.
އަށެއް ޖަހަން އުޅެނިކޮށް ބެލް ޖަހާލި އަޑު އިވުމުން، ޤުރުއާން ކިޔަވަން އިން ނަދާ ޚަތިމު ބާއްވާފައި ގޮސް ދޮރު ހުޅުވިއެވެ. އެއާއެކު ދޮރުމަތީ ތިބި ތިން އަންހެން ކުދިން އެއްފަހަރާ ނަދާ ގައިގައި ބައްދައިގަތެވެ.
“އަޅެ، ނުވެސް ވައްދާނަންތަ؟” ދުރަށް ޖެހިލާފައި އަސްނާ އެހިއެވެ.
“ނޫނޭ، ވަދޭ” ދޮރު ބޮޑަށް ހުޅުވާލަމުން ނަދާ ފަހަތަށް ޖެހިލާފައި އެކުވެރިން ވަންނަން ތަން ދެއްކިއެވެ.
“އަނެއްކާ ދެމަފިރިންގެ މާ ސްޕެޝަލް ވަގުތުކޮޅެއްގަތަ މި އުނދަގޫ ކޮށްލެވުނީ؟” އަބަދުވެސް ސަމާސާ ކުރުމުގައި އުޅޭ ނައުޝީން ނަދާއާ ދިމާކޮށްލިއެވެ.
“ނޫން ދެން… ސާބަސް ނައުގަނޑާ” ނައުޝީން ގައިގައި ވިކާލަމުން ނަދާ ބުންޏެވެ.
“އިހަށް ދޮރު ތަޅު ނުލާތި، ނާސިފްމެން އެބަ އާދޭ” ނަދާ ދޮރު ތަޅުލާން އުޅުމުން އަސްނާ ބުންޏެވެ. އަސްނާމެން އިށީން ތަނާ އަނެއްކާވެސް ބެލް ޖެހި އަޑު އިވުމުން ނަދާ ދޮރު ހުޅުވުމުން އަސްނާގެ ފިރިމީހާ ނާސިފްއާ، ނައުޝީންގެ ފިރިމީހާ ހާޒިމްއާ، ހީނާގެ ވާން އުޅޭ ފިރިމީހާ ޝިމާއު ވަނެވެ.
“ކޮބާ އަޔާ؟ ގޮވާބަލަ!” ނާސިފް ބުންޏެވެ.
“ކުޑަ އިރުކޮޅެއް ކުރިން އަޔާ ބޭރަށް އެ ދިޔައީ” ނަދާ ޖަވާބު ދިނެވެ.
“ކޮން އިރަކުން އަންނާނީ؟” ހާޒިމް އަހާލިއެވެ.
“އަންނާނެ އިރެއް ބުނާކަށް ނޭނގެ. އަޔާ ހޯދަންތަ ތި އައީ؟” ސަމާސާ ރާގަކަށް ނަދާ އެހިއެވެ.
“ނޫނޭ، އަޔާ ހޯދާކަށް ނޫން މި އައީކީ. އަސްލު އަންގާނުލާ މިހެން އައީމަ އުނދަގޫ ވާނެކަން އެނގޭ، އެވެސް އެންމެން އެއްކޮށް. އެކަމަކު މެރީ ކުރި ފަހުން ނަދާ ހީވަނީ ފިލައިގެން އުޅޭހެން ވިއްޔަ. އަހަރުމެން ގުޅާނުލިއްޔާ ނަދާގެ ހަބަރެއް ނުވާނެ، އަނެއްކާ ގުޅިޔަސް ނަދާ ފޯން ނަގާނީވެސް މަދު ފަހަރަކު. މެރީ ކުރީމަ ނަދާ މުޅިން ސަކަރާތް. ނޫނީ އަޔާއަށް ޓައިމް ދީފަ ބާކީ ވަގުތެއް ނޯންނަނީތަ؟ އެހާވެސް އަޔާއަށް ނަދާ ބޭނުންވޭތަ؟” އަނެއްކާވެސް ވާހަކަ ދެއްކީ ސަމާސާ ހުސްނުވާ ނައުޝީންއެވެ.
“މި ނައު ނުވާނެ ދުވަހަކުވެސް ރަނގަޅެއް، އަބަދު ދިމާ ކުރުން އޮންނާނީ” ހިނިއައިސްފައި ނަދާ ނައުޝީންގެ އަތުގައި ޖަހާލިއެވެ.
“އެހެން ދޯ ބުނާނީ؟ ދެ ދުވަސް ވެއްޖެ ގުޅާތާ، ނަދާގެ ފޯނު އޮންނަނީ ނިއްވާލާފަ. އަޔާގެ ނަމްބަރެއް ނޭނގެ. އެންމެ ފަހުން ނަދާގެ ދޮންތައާ ގުޅައިގެން މިގޭގެ ނަން ހޯދައިގެން މިއައީ. އެ ވަރުންވެސް ނުބުނާނެ ރަނގަޅެކޭ” ހީނާ ޝަކުވާ ކޮށްލީ އެކުވެރިޔާ ދުރުވީ ވަރުންނެވެ.
“އަޅޭ… ހާދަ ރަނގަޅޭ ހީނާމެން. ވަރަށް ބޮޑަށް ސޮރީ އިނގޭ އެހާ ފަރުވާ ކުޑަ ކޮށްލެވުނީމަ، ދެން ނުވާނެ އެހެންނެއް. ދެން ބުނެބަލަ، މަގޭ ބެސްޓް ފްރެންޑުން ތިހާ އުނދަގުލުން މިގެ ހޯދައިގެން ތި އައީ ކަމަކުތަ؟” ހީނާގެ ގައިގައި ބައްދާލާފައި ނަދާ މާފަށް އެދުނެވެ.
“އާނ ދެން، ކަމެއް އޮތީމަ ދޯ މިހާ މަސައްކަތުން އަންނާނީ. ނަދާ ލައްވާ ޕާސްތާ ކައްކައިގެން ކާން މިއައީ” އަސްނާ ބުންޏެވެ.
“އަސްނާ، ދެން ތެދަށް ބުނެފިއްޔާ ނަދާ އުފަލުންވެސް ކައްކާފަ ކާން ދޭނެ އަސްނާއާ ހީނާ ބުނި އެއްޗެއް، އަވަހަށް ބުނޭ” ނައުޝީން ސިއްރުވެރި ގޮތަކަށް ބުންޏެވެ.
ނަދާ އަސްނާއާ ހީނާއަށް ބަލާލިއެވެ.
ހީނާ ދަބަހުން ސިޓީއުރައެއް ނަގާ ނަދާއަށް ދިއްކޮށްލިއެވެ. ނަދާ އަވަސް އަވަހަށް ސިޓީ އުރަ ހުޅުވާ އޭގައި އޮތް ކާޑް ނަގާ ބަލާލިއެވެ.
“ހީނާ، އަހަރުން ގްރޫޕްގެ ލާސްޓް ގަރލްވެސް ގެޓިންގ މެރިޑް!! އަޅޭ… ކޮންގްރާ! ޝިމާއު، ކޮންގްރާ!” ނަދާ އުފަލުން ހީނާ ގައިގައި ބައްދާލާފައި ހީނާއާ ޝިމާއުއަށް މަރުހަބާ ކިއެވެ.
“ނަދާ ފޯނަށް ކިހިނެއްތަ ހަދައިގެން ތި އުޅެނީ؟ އަހަރުމެން ކަހަލަ މީހުންގެ އުނދަގޫ ބޮޑު ވެގެން ގަސްތުގަ ނިއްވާލައިގެންތަ ތި އުޅެނީ؟” މި ފަހަރުވެސް ނަދާއާ ދިމާ ކޮށްލީ ނައުޝީންއެވެ.
“ނޫޅެން ފޯނަށް ވީ ގޮތެއް ބުނާކަށް. ނައު ބޭނުން އެއްޗެއް ހިތަށް އަރުވައިގެން ހުރޭ. ހިނގާ ކޮފީ ބޯން. ހޮޓްތަ އައިސްތަ؟” ނަދާ ތެދުވަމުން އަހާލިއެވެ.
“އަހަރުން ބޯނީ އައިސް ކޮފީ، އެކަމަކު ދުވާ ނުބައި ވަހުން ކޮފީ ބޯން ނުކެރޭ ކުއްޖަކުވެސް މިތާ އެބައިން” ނައުޝީން އެއްލޯ މަރާލަމުން ބުނެލިއެވެ.
“ތި ވާހަކަ ގަބޫލެއް ނުކުރެވޭ. މިތާކު ނެތް ކޮފީ ނުބޮވޭ މީހަކު” ނައުޝީންއާ ދިމާއަށް ނަދާ ލޯއަޅާލިއެވެ.
“އަސްނާ މިއުޅެނީ އަދިވެސް ސީކްރެޓްސް ހިފައިގެން… ނަދާ އަހާބަލަ” ނައުޝީން ބުނެލިއެވެ.
“އަސްނާ… ޔޫ… ޕްރެގްނަންޓް…؟” ނަދާއަށް ވިސްނިގެން އަހާލިއެވެ.
އަސްނާއާ ނާސިފް އެކީގައި ބޯޖަހާލިއެވެ.
“ވާއު!!! އައިމް ސޯ ހެޕީ ފޮރ ޔޫ! ކޮންގްރާ، އަސްނާއާ ނާސިފްއަށްވެސް” ނަދާ އަސްނާ ގައިގައި ބައްދާލަމުން ދެމަފިރިންނަށް މަރުހަބާ ކިއެވެ.
“ސޯ، މިރޭ މީ ޑަބަލް ސެލެބްރޭޝަންގެ ރެއެއް، ހިނގާ ޕާސްތާ ކައްކަން. އަސްނާ، ޕާސްތާ އޯކޭތަ؟” ނަދާ އަހާލީ އަސްނާއަށް ޕާސްތާ ކަމުނުގޮސްފާނެތީއެވެ.
“ޕާސްތާ ބެސްޓް ވާނެ” އަސްނާ ބުންޏެވެ.
ނައުޝީންއާ ނަދާ ދިޔައީ ޕާސްތާ ކައްކާނެ އެއްޗެހި ގަންނާށެވެ. އެންމެން ވެގެން ކައްކާ ނިމުނު އިރު ނުވައެއް ޖެހީއެވެ. އަޔާޒް އައިސްދާނެތީ ކަންބޮޑު ވި ނަމަވެސް ނަދާއަށް ހަމަޖެހިލެވުނީ ރޭގަނޑު ބޭރަށް ދާ ރެއެއްގައި އަޔާޒް ދާނީ އާތިފްމެން ގެޔަށް ކަން އެނގޭތީއެވެ. އެ ގެޔަށް ދާ ރެއަކު އަޔާޒް އަންނާނީ އެގާރަ ޖަހާ ކަންހާ އިރުއެވެ. އެހެން ކަމުން އެރޭ އަޔާޒް އަވަހަށް އަންނާނެ ކަމަކަށް ނަދާ ހިއެއް ނުކުރެއެވެ. އަޔާޒް އައުމުގެ ކުރިން، ދިހައެއް ޖަހަން ވާ އިރަށް އެ މީހުން ފޮނުވާލަން ނިންމައިގެން އިން ނަދާ ސިހުނީ އެންމެން ކާން އުޅެނިކޮށް ގޭ ދޮރު ހުޅުވާލާފައި އަޔާޒް ވަނުމުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
31 Comments!
Comments are closed.








Yey me first dhw..V v rythi mi part vec…whn next,❤❤❤??
Thnq jiji, hehe yes u 1st
ސަލާމް ހުރިހާ ކުދިން، މިއޮތީ ބާރަ ވަނަ ބައި، ހީކުރަން ކަމުދާނެ ކަމަށް، ވާހަކަޔާ މެދު ދެކޭ ގޮތް ކޮމެންޓަކުން މާޝާއަށް އަންގާލަދެއްޗޭ އިނގޭ. ތޭރަ ވަނަ ބައި އިރާދަ ކުރއްވިއްޔާ ހޯމަ ދުވަހުން ގެނެސްދޭނަން. ބާއްޖަވެރި ހުކުރު ދުވަހަކަށް އެދެން.
Nice story.
Konmedhuvahaku baeh kiyaalun libeyne nama, haadhahaa ufaavaaney
Thnq My, Marsha ves hithah araa konme dhuvahaku upload kuraa varah liyevey nama ey, but nuvey, so dhen vaa varakun try kuraany mi.
Marsha eyy maa Las….. Ok vaane kithanme Kuru koh liunas maadhama STORY up koh dheebala……. I REALLY love this story… masha allah Mi story Naany ah varah kamudhey
Thnq Naany, plz wait till Monday dear ?
Thedhe maa las. V reethi story. Mirey up koladhey na dho
Alhe v dhera vey readers disappoint kollan jeheytho, plz b patient ingey, Monday ge bai dhigu kolleveytho try kuraanan, thnq Ca
V reethi mi partves a avahah next part up kohdeeba
Thnq Shaaha, Monday ga up lohlaanan inge
Thedhe maa las. V reethi story. Mirey up koladhey na dho
Alhey.. Plz wait for Monday dear
Woww?????? varah reethi ???????
Meekkomee thnq for reading ??
Varah reethi
Thnq Ibsha
Masha Allah varah reethi thankolheh avahah genesdheeba plus plus plus hevay kuruvias
Thnq Leash, Monday ga dhigu koh genesdheynan ingey Insha Allah
Next part Ava’s pls
Vrh obi mi story
❤❤❤❤❤❤❤❤❤❤❤❤❤??????❤❤?❤????????????
Thnq so much haoo
mi part eyhaa kamaku nudhey eykamu vaahaka v v salhi
Oh, next part rangalhu veytho balaanan. Thnq seet
Vaahaka v reethi ekam heevanee v kuruhen mireyge part vedhaane kiyaahithun hunaathee kamah ves ?waiting for next part
Thnq Ninaa, eh varakah upload kuran, but may b a few sentences ge thafaatheh huredhaane, next part iraadha kurevviyya dhigu kollaanan
Comment kuraashey kiyaafa maashaa rply vx nukure
Sorry, baeh faharu thankolheh busy vany, ekamu dhen balaanan baraabar ah reply kureveytho, thnq ingey faahaga kollaafa bunelyma Haifa
Nice
Thnq flower lover girl,
Masha Allah! I like your simplicity of writing…over vefa nuhurey describe kodhdheefa hunna iru ves…clear, furihama aneh hen bunannya spontanious flow of your writing is Amazing..keep it up! ?
My international students ah mi vaahaka kiyai dheythee they r waiting next part ah..hehe..me too..when is next…?
Oh, thnq so much Ahana. Now uploading next part.