Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުށަކާ ނުލާ 11

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
July 8, 2019 8 Mins Read
24 Comments

ކުއްލިއަކަށް ނަދާގެ ހަނދާނަށް އައީ އަޔާޒްއާ ވާހަކަ ދައްކަން އިން ދުވަހެއްގައި އަޔާޒްއާ ބެހޭ ގޮތުން ނަދާއަށް ކުރެވުނު ޚިޔާލެވެ. ދެ މީހުން އެކުގައި ނަދާގެ ހިތަށް ސިފަ ކުރެވުނު ގޮތެވެ. އެއާއެކު ނަދާގެ ހިތަށް ގޮތެއް ވެގެން ދިޔައެވެ. ކުރެވުނު އިހުސާސާއެކު ނަދާގެ ހިތް ބާރަށް ތެޅިގަތެވެ. ކުރިން އަމިއްލަ ނަފްސަށްވެސް ނޭނގޭ ކަމެއް، ކުއްލިއަކަށް އެއްވެސް ޝައްކެއް ނެތި ޔަގީންވެގެން ދިޔައެވެ.

އަޔާޒް ދެކެ ނަދާއަށް ލޯބި ވެވުނީ ކޮން އިރަކު ކަމެއް ނަދާއަކަށް ނޭނގެއެވެ. އަޔާޒް އެ ދުވަހު ބުނި ހެން، އަޔާޒް ނެތުމުން ނަދާ ފޫހި ވެއެވެ. އަޔާޒް އަންނާނެ ވަގުތަކަށް އިންތިޒާރު ކުރެވެނީ އެކަން އިހުސާސްވެސް ނުވެއެވެ. އަޔާޒްއާ ވާހަކަ ދައްކާލެވުމުން ހިތަށް ލިބޭ ހަމަޖެހުމަކީ އެހެން އެއްވެސް ކަމަކުން ލިބޭ ހަމަޖެހުމެއް ނޫނެވެ. ނަދާ ގާތުގައި އަޔާޒް ނެތް ނަމަ އަޔާޒްއާ އެކު ހޭދަވާ ވަގުތާއި، އަޔާޒްއާ ދެކެވޭ ވާހަކަތައް މަތިން ހަނދާން ވެއެވެ.

އެއީ ލޯބި ކަމުގައި ނަދާއަށް ބުނެދިނީ އަޔާޒްއެވެ. ލޯބީގައި ވާ ގޮތްތައް ނަދާއަށް ކިޔައިދިނީ އަޔާޒްއެވެ. ލޯބި ވުމުން ވާ ގޮތް ދަސްކޮށްދިނީ އަޔާޒްއެވެ. ނަމަވެސް މި ވެވެނީ ލޯބި ކަން ނޭނގި ލޯބި ވެވޭ ހެއްޔެވެ؟ ނަދާއަށް އަޔާޒް ދެކެ އެ ވެވެނީ ލޯބި ހެއްޔެވެ؟

ކުރިން ނޭނގުނު ނަމަވެސް މިއަދު ނަދާއަށް އެނގިއްޖެއެވެ. ޔަގީންވެއްޖެއެވެ. ލޯތްބަކީ މިއީއެވެ.

ލޯތްބަކީ ކޮބާ ކަން އެނގުމާއެކު، ލޯބި ނާކާމިޔާބު ވުމަކީ ކޮބާކަންވެސް ނަދާއަށް ދަސްވެއްޖެއެވެ. ލޯބި ވެވިއްޖެ ކަން އެނގުމުގެވެސް ކުރިން ނަދާގެ ލޯބި ވަނީ ނާކާމިޔާބު ވެފައެވެ. އަޔާޒްގެ ލޯތްބަކީ ނަދާއަށް ލިބެން ނެތް އެއްޗެކެވެ. އަޔާޒްގެ ހިތަކީ ނަދާއަށް މިލްކު ނުވާނެ އެއްޗެކެވެ. އެ ހިތަކީ މާ ކުރިން ފެށިގެންވެސް އެހެން އަންހެން ކުއްޖެއްގެ މިލްކެކެވެ. އެ ހިތުގައި ލިޔެވި ބިންވަޅު ނެގިފައި ވަނީ އެހެން ނަމެކެވެ.

ނަދާއަށް ރޮވޭކަން އިހުސާސް ވީ ލޮލުން އައި ކަރުނައިން އަތްތިލަ ތެމުމުންނެވެ. އެއާއެކު ރުއިން ހައްތަހާ ވީ ބާރެވެ. އެ ރުއިމަށް ނަދާގެ ބާރެއް ނުވާ ކަހަލައެވެ. އަމިއްލަ ހިތަށް ބާރެއް ނުވާ ފަދައިންނެވެ.

ލޯބި ވެވިއްޖެ ކަން އިހުސާސް ވުމާއެކު، ލޯތްބަކީ ކިހާ ވޭނެއް ދޭ އެއްޗެއް ކަންވެސް ނަދާއަށް އެނގިއްޖެއެވެ. ހިތަށް ލިބެމުން ދިޔަ ރިހުމާއެކު ނަދާއަށް މޭގައި އަތް އަޅާލެވުނެވެ. އާހެއްގެ އަޑު އަނގައިން ބޭރުވުމާއެކު ގިސްލެވުނެވެ. ދެ އަތްތިލައިން މޫނު ފޮރުވާލުމާއެކު ނަދާ ދެ ކަކޫ ގެނެސް މޭގައި ޖައްސާލަމުން ކަކުލުގައި މޫނު ޖައްސާލިއެވެ.

ސިހިފައި ނަދާއަށް އިސްއުފުލާލެވުނީ ގޭ ދޮރު ހުޅުވުނު އަޑަށެވެ. އަވަސް އަވަހަށް ލޯ ފޮހެލަމުން، ލައިގެން ހުރި ކުރުތާގެ ފަސްބައިން ނަދާ މޫނު ފޮހެލިއެވެ. ބެލްކަނިން ސިޓިންގްރޫމަށް ވަދެވެން ހުރި ދޮރުން ކުޑަކޮށް ބޯ ދިއްކޮށްލާ ފާރުގައި ހުރި ގަޑި ބަލާލީ އަޔާޒް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލި އަޑު އިވުމުންނެވެ. އޭރު ގަޑިން ފަސްގަޑި ފަނަރައެވެ. ނަމާދުވެސް ނުކޮށް އެތާ އެހާ ގިނަ އިރު އިނދެވުނު ކަމެއް ނަދާއަކަށް އިހުސާސެއް ނުވެއެވެ. ނަދާ ބަދިގެއަށް ވަދެ މޫނު ދޮވެލައިގެން ޓިޝޫއިން މޫނު ހިއްކާލިއެވެ. އަދި އަޔާޒް ނިކުތުމުގެ ކުރިން ކޮފީއެއް ހަދައިގެން ގެނެސް، ކުޅިރޮށި ތައްޓަކާ އެކު މޭޒުމަތީ ބެހެއްޓިއެވެ. އަނެއްކާވެސް ބެލްކަންޏަށް ނިކުމެ ހުރީ އަޔާޒް ފެންނަ ހިސާބަށް ނުދާން ވެގެންނެވެ.

ޖެހިގެން އައި ހަފްތާގައި، ނަދާމެންގެ ފްލޯރގައި ހުންނަ އަނެއް އެޕާޓްމެންޓަށް ބަޔަކު އައެވެ. ހެނދުނު ހެނދުނާ އަޑު ގަދަ ވެގެން ނަދާ ބަލާލި އިރު އެ އެޕާޓްމެންޓަށް އެއްޗެހި ވައްދަނީއެވެ. އެ ބަޔަށް އަންނަނީ ކޮން ބައެއްތޯ ބަލާލާ ހިތް ވީ ނަމަވެސް ނަދާއަކަށް ދޮރު ހުޅުވައިގެން ބަލަން ހުންނާކަށް ނުކެރުނެވެ.

ހަމަ އެ ދުވަހު، އަޔާޒް މެންދުރު ކައިގެން ދިޔުމުން ނަދާ ބެލްކަންޏަށް ނިކުމެ ޖޯލީގައި އޮށޯވެލީ ވާހަކަ ފޮތެއް ހިފައިގެންނެވެ. ފޮތް ހުޅުވާލައިގެން އޮތް ނަމަވެސް ނަދާއަކަށް ވާހަކައިގެ އެންމެ ތަންކޮޅެއްވެސް ނުކިޔުނެވެ. ދިރިއުޅުމާ މެދު ވިސްނަން އިނދެވުނީއެވެ. އަޔާޒްއާ މެދު ވިސްނޭ ވަރަކަށް ނަދާގެ ހިތަށް އުނދަގޫ ވަމުން ދިޔައެވެ. ނަދާ ދެކެ އަޔާޒް ރުޅި އަންނަ ވަރު ހިތަށް އެރުމުން ލޮލުން ކަރުނަ އައީ އިޚްތިޔާރަކާ ނުލައެވެ.

ކުއްލިއަކަށް އަމިއްލަ ނަފްސު ދެކެ އައި ރުޅި ނަދާއަށް ބޭލުނީ އަތުގައި އޮތް ފޮތަށެވެ. ފޮތުގައި ހިފާ ދެ ފަރާތަށް ދެ އަތުން ދަމާލުމާ އެކު ދެފަޅިއަށް ވީދާލިއެވެ. ދުރަށް އެ ދެ ފަޅި އެއްލާލާފައި ދެ އަތުން ލޯ ފޮހެލިއެވެ. ނަމަވެސް ރުއިމެއް ނުހުއްޓުނެވެ. ދެ އަތް މޫނުގައި އަޅާލަމުން ރޯން އިނދެވުނީ ރޯލުމުންވެސް ހިތަށް ލުޔެއް ލިބިދާނެ ކަމަށެވެ.

“ހޭ، ކިހިނެއްވީ؟ ކީއްވެ ރޮނީ؟”

އަންހެން އަޑަކުން އެ ސުވާލު އިވުމާއެކު ސިހިފައި ނަދާއަށް ބޯ ހިއްލާ ބަލާލެވުނެވެ.

ޖެހިގެން ހުރި ބައިގެ ބެލްކަނީގައި، ކުޑަ ކުޑަ ފިރިހެން ކުއްޖަކު އުރާލައިގެން ހުރި އަންހެން ކުއްޖަކު ނަދާއާ ދިމާއަށް ބަލަން ހުއްޓެވެ.

“ކަމެއް ވީތަ؟” ނަދާ ބަލަން އިންދާ ކަންބޮޑުވެފައި އެ އަންހެން ކުއްޖާ އަނެއްކާވެސް އަހާލިއެވެ.

އެއްޗެއް ނުބުނެ ނަދާ ދެފަރާތަށް ބޯ ހަލުވާލިއެވެ.

“ދެން ކީއްވެ ތި ރޮނީ؟” އަންހެން ކުއްޖާ އެ ސުވާލު ކުރީ ނަދާ އެކަނި އިނދެ ރޯތަން ފެނުމުންނެވެ.

ދެންވެސް ނަދާ ޖަވާބެއް ނުދިނެވެ. އިސް ޖަހާލީ އަނެއްކާވެސް ލޮލުން ކަރުނަ ތިއްކެއް ވެއްޓުމުންނެވެ.

“ކޮބާ ހަޒްބަންޑް؟ އެކަނިތަ ތީނީ ގޭގަ؟” އެ އަންހެން ކުއްޖާ ނަދާއާ މެދު ކަންބޮޑު ވެފައި ހުރީތީ ސުވާލު ކުރަމުން ދިޔައެވެ.

އަޔާޒްގެ ވާހަކަ ބުނި އިރަށް ނަދާއަށް އިތުރަށް ރޮވުނީއެވެ. އަނެއްކާވެސް މޫނުގައި އަތް އަޅާ ފޮރުވާލުމާއެކު ނަދާއަށް ގިސްލެވުނެވެ.

“އަޅޭ…” އޭނައަށް ބުނެވުނެވެ. ކަމެއް ނުކޮށް ބަލަން ހުންނަން ނުކެރިގެން އެ އަންހެން ކުއްޖާ އަނެއްކާވެސް ނަދާއާ ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ.

“ހޭ، ގޭ ދޮރު ހުޅުވާލަބަލަ، އަހަރެން މި ދަނީ… ދޮރު ނުހުޅުވައިފިއްޔާ އަހަރެން ދެން ޖެހޭނީ މި ބެލްކަނިން ތި ބެލްކަންޏަށް ފުންމާލަން” ސަމާސާ ރާގަކަށް އެހެން ބުނެފައި އެ ކުއްޖާ އެތެރެއަށް ވަނެވެ.

އިރުކޮޅަކުން ގޭ ބެލް ޖެހި އަޑު އިވުނެވެ. ލޯ ފޮހެލާފައި ނަދާ ގޮސް ދޮރު ހުޅުވާލިއެވެ.

“މިހާރު އޯކޭ؟” އެ ކުއްޖާ އަހާލިއެވެ.

“އާދޭ އެތެރެއަށް” ބޯ ޖަހާލާފައި، އެ އަންހެން ކުއްޖާ ބޭރުގައި ހުރުމުން ނަދާ ބުންޏެވެ.

“އަހަންނަށް ކިޔަނީ ރީމާ، މިއަދު ހެނދުނު މި ގެޔަށް ބަދަލު ވީ” ރީމާ އަމިއްލައަށް ތަޢާރަފްވިއެވެ.

“ނަދާ. އެކަނިތަ؟” ނަދާ އަމިއްލަ ނަން ބުނެފައި އެހިއެވެ.

“ނޫން، ހަޒްއާ އަހަންނާ، އަހަރުމެންގެ ދަރިފުޅާ، އަހަރެންގެ ކޮއްކޮ ރަނާއާ، އާރިމްގެ ކޮއްކޮ އަފްޒާއާ” ރީމާ ޖަވާބު ދިނެވެ.

“ދެންމެ އުރައިގެން ހުރީ ދަރިފުޅުތަ؟” ނަދާ އަހާލިއެވެ.

“އާނ، އިޔާން” ރީމާ ދަރިފުޅުގެ ނަން ބުނެދިނެވެ.

ނަދާއަށް އިތުރަށް އަހާނެ އެއްޗެއް ނުވިސްނުނެވެ. އެހެންވެ ބުނާނެ އެއްޗެއް ނޭނގިފައި ދުރު ބަލާލިއެވެ.

“ނަދާ، ކީއްވެ ރުއީ؟” ނަދާގެ އަތުގައި އަތް ޖައްސާލަމުން ރީމާ އަހާލިއެވެ.

އެއްޗެއް ނުބުނެ ނަދާ އިސް ޖަހާލިއެވެ.

“ބުނަން ބޭނުން ނުވަންޏާ ނުބުންޏަސް އޯކޭ… އެކަނި އިނދެ އެހެން ރޯ ތަން ފެނުނީމަ އަހާލެވުނީ” ރިމާ ދުރަށް ޖެހިލާ ސޯފާގައި ލެނގިލީ ނަދާގެ މޫނަށް ބަލަން އިނދެއެވެ.

ހިތުގައި ހުރި ހުރިހާ އެއްޗެއް އެހެން މީހަކާ ހިއްސާ ކޮށްލަން ބޭނުންވެފައި އިން ވަރުން، އިޚްތިޔާރުން ބޭރުގައި ކަހަލަ ގޮތަކަށް ނަދާއަށް ވާހަކަ ދައްކަން ފެށުނެވެ. އަޔާޒްގެ އެކުވެރިކަމުން ފެށިގެން، އަޔާޒްއާ މައިހާގެ ވާހަކައާ، ހުދާއާ ޝާމިލްގެ ކައިވެނީގެ ވާހަކައާ، ނަދާއާ އަޔާޒް ކައިވެނި ކުރަން ޖެހުނު ގޮތާ، އޭގެ ފަހުން ވީ ހުރިހާ ކަމެއް ނަދާ ރީމާއަށް ކިޔާދިނެވެ. ވާހަކަ ދައްކާ ނިމުނު އިރު ނަދާއަށް އިނީ އަނެއްކާވެސް ރޮވިފައެވެ.

“ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ދިރިއުޅުން މަތިން ފޫހި ވާކަށް ނުވާނެ، އުންމީދު ކަނޑާލާކަށް ނުވާނެ… ނަދާއާ އަޔާޒްގެ މެދުގަ ކަންތައް ރަނގަޅު ވާނެ އިރާދަ ކުރެއްވިއްޔާ، އެކަމަކު ކޮން ދުވަހަކުން ކަމެއް ނޭނގެ، ތީގަ ނަދާގެ ކުށެއް ނެތް ކަން އަޔާޒްއަށް ވިސްނޭ އިރަށް ކޮންމެސް އެއް ގޮތަކަށް ނިމޭނެ، އެކަމަކު އެ ދުވަހަކުން ނަދާއަށް އަޔާޒްގެ ލޯބި ލިބޭނެ ކަމެއް، ނޫނީ، އަޔާޒްއާ ނަދާ ސުލްހައިގައި ވަކި ވާނި ކަމެއް ނޭނގެ… އެކަމަކުވެސް އޭރުން ނަދާގެ ހިތަށް ލުއި ވާނެ ޔަގީނުންވެސް، މިހާރު ތި އުޅޭ ހެން އުޅޭކަށް ނުޖެހޭނެ އޭރުން. އަހަރެން ދުޢާ ކުރާނަން އަޔާޒްގެ ހިތް ނަދާގެ މައްޗަށް ލެނބޭތޯ… ނަދާގެ ލޯބި ކާމިޔާބު ވޭތޯ… އިރާދަ ކުރެއްވިއްޔާ ވާނެ… ނަދާވެސް ދުޢާ ކުރޭ… ދެރަ ވާނެ ކަން އެނގޭ… އެކަމަކު ހިތްވަރު ކުރަން ވާނެ… އިނގޭ” ނަދާގެ އަތުގައި ހިފާލަމުން ރީމާ ހިތްވަރު ދިނެވެ.

“ދެން އެހާ ފޫއްސެއް ނުވާނެ ދޯ؟” ލޯ ފޮހެލާ ހަމަ ޖެހިލަމުން ނަދާ ބުންޏެވެ.

“އާނ، އަހަރުމެން އުޅެންޏާ ނުވާނެ ފޫއްސެއް، އެކަމަކު އަބަދަކު ނުތިބޭނެ، ރަނާ އައީ ޑޮކްޓަރަށް ދައްކާލަން، އަފްޒާ އުޅޭނީ އަސްލު ހުޅުމާލޭގަ، އިހަށް އަހަރުމެންނާ އެކީ މަޑުކޮށްލީ އޭނަ ފިރިމީހާ އަންނަން ދެން، އޭނަ ފިރިމީހާ ވީ އޭނަގެ ބައްޕަ ގޮވައިގެން ލަންކާގަ ބޭހަކަށް ގޮސް. މިތަން ހިފިޔަސް އާރިމް އަބަދަކު މާލެއަކު ނުހުންނާނެ، އޭނަ އެކި ފަހަރު އެކި ރަށްރަށުގަ މަސައްކަތް ކުރާނީ. އަހަރެން އިޔާން ގޮވައިގެން އެކަނި ވާތީ އާރިމް އާ އެކީ އަބަދުވެސް ދަނީ” ރީމާ ކިޔައިދިނެވެ.

“އެހެންތަ؟” ނަދާއަށް ބުނެވުނެވެ.

“އެކަމަކު އަހަރެން މި ކޮޅުގަ ހުންނަންޏާ ނަދާ ފޫހި ވިޔަކަ ނުދޭނަން، މިހާރު ދެން މި ފްރެންޑް ވެވުނީނު ދޯ؟ ދެން އައިސްލާނަން މިހެން އުޅެލާފަ ދޭތެރެއަކުން، ނަދާވެސް ފޫހި ވަންޏާ ޖައްސާލާ އަހަރުމެން ބަޔަށް. އެކަމަކު ދެން މިހެންނެއްވެސް މާ ގިނަ ދުވަހަކު ނޫޅެވޭނެއެއްނު ދޯ؟ އަންނަ އަހަރު ޔާން ސްކޫލަށް ވައްދަން ޖެހޭނެ، އޭރުން އާރިމް ޖެހޭނީ މިކޮޅުގަ ހުންނަން، އެހެން ނޫނީ އަހަރެން ގެންދިޔުން ހުއްޓާލަން” ހީލާފައި ރީމާ ބުންޏެވެ.

“ރީމާ ދާން ވަންދެން ފޫހި ފިލާނެ… ދެން އޯކޭ ވާނެ އެ ގޮތްވެސް” ނަދާ ތެދުވީ ރީމާއަށް ކޮފީ ހަދާށެވެ.

ބައި ގަޑިއެއްހާ އިރު މަޑުކޮށްލާފައި ރީމާ ދިޔައީ ތިނެއް ޖަހަން އުޅެނިކޮށެވެ.

އެ ދުވަހުގެ ފަހުން، ނަދާއާ ރީމާގެ މެދުގައި އުފެދުނު އެކުވެރިކަމުގައި ނަދާމެން ގެޔަށް ރީމާ އާދެއެވެ. ކޮންމެ ދުވަހަކު ހެން ދެ އެކުވެރިން އެކީގައި ވަގުތުކޮޅެއް ހޭދަ ކުރެއެވެ. ރީމާގެ އާއިލާއާވެސް ނަދާ އެކުވެރި ވިއެވެ. ވަކިން ޚާއްސަކޮށް އިޔާން ނަދާއާ ރައްޓެހިވިއެވެ.

ދެ ފަހަރަކު ރީމާމެން ގެޔަށް އައުމަށް ނަދާއަށް ރީމާ ދައުވަތު ދިން ނަމަވެސް ނަދާ އެގެޔަށް ދާކަށް އެއްބަހެއް ނުވެއެވެ. އަޔާޒް ހިތްހަމަ ނުޖެހިދާނެތީ އަހަން ނުކެރޭތީއެވެ. އެކަން ވިސްނި، ރީމާވެސް އިތުރަކަށް ބާރެއް ނާޅައެވެ. ނަމަވެސް، ރީމާމެން އެ ގެޔަށް އައިތާ މަހެއް ވީ ތަނާ، އަފްޒާއަށް ވަޒީފާ ލިބުމުން އެ ކަމުގެ އުފަލުގައި ދޭ ސައެއްގައި ބައިވެރި ވުމަށް ދައުވަތު ދިނުމުން ނަދާއަށް އެއްބަސް ނުވެއެއް ނުކެރުނެވެ.

އެ ދުވަހު މެންދުރު އަޔާޒް ކައިގެން އަލުން އޮފީހަށް ދާން ނިކުންނަނިކޮށް ނަދާ ގޮވާލިއެވެ.

“އަޔާ… މި ގޭ ރީމާމެން ގެޔަށް މިއަދު ހަވީރު އައިސްބަލާށޭ ބުނެފަ އޮތީމަ… އޯކޭތަ އަހަރެން ދިޔަޔަސް؟” ޖެހިލުން ވެފައި ނަދާ އެހިއެވެ.

“ނަދާ ބޭނުން ތަނަކަށް ނަދާ ދާންވީ. ނަދާ އުޅޭނެ ގޮތެއް އެނގޭނީ ނަދާއަށް، އަހަރެން ކައިރީ އަހާކަށް ނުޖެހޭނެ” ޖަވާބު ދިން އިރު ހީވީ ތަނަކަށް ދިޔުމަށް އަޔާޒް ކައިރިން ހުއްދައަށް އެދުމުން އެކަމާވެސް އަޔާޒް ރުޅި އައީ ހެންނެވެ.

ނަދާ އެއްޗެއް ބުނޭތޯ ބަލަން ނުހުރެ އަޔާޒް ނިކުމެ ދޮރު ލައްޕާލިއެވެ.

އޭގެ ފަހުން ހަތަރު މަސް ވެގެން ދިޔަ އިރު ނަދާ ގެޔަށް ދިޔައީ އެންމެ ދެ ދުވަހުއެވެ. އެއް ފަހަރު ދިޔައީ އެކަންޏެވެ. އަނެއް ފަހަރު ދިޔައީ އަޒްކާގެ އުފަން ދުވަހުއެވެ. އެ ދުވަހު އަޔާޒް ހުދާމެން ގެޔަށް ދިޔައީ އެއީ އަޒްކާގެ އުފަން ދުވަހަށް ވުމުން، ހުދާ އަޔާޒްއަށް ގުޅާފައި އެދުމުންނެވެ. ނަމަވެސް އަޔާޒްއާ ނަދާ ދިޔައީ ވަކިންނެވެ. ގެޔަށް ދިޔައީވެސް ވަކިންނެވެ. އަޔާޒްއާ އެކުގައި ދާން ނުބުނަން ވެގެން ތަންކޮޅެއް ކުރިން ނަދާ ދިޔައީ އެކި ކަންކަމުގައި ހުދާއަށް އެހީވެދިނުމަށޭ ބުނެފައެވެ. ޕާޓީ ނިންމާފައި އަޔާޒް ދާން އުޅުމުން ނަދާ ގޮވައިގެން ދާށޭ ހުދާ ބުނުމުންވެސް ނަދާ މަޑުކުރީ އަދި އިރުކޮޅަކު ހުރެލަން ބޭނުން ކަމުގައި ބުނަމުންނެވެ. އެ ދުވަހުވެސް ނަދާއަށް ފެނުނީ މުޅިން އެހެން އަޔާޒްއެކެވެ. އެއީވެސް މީހުންގެ ކުރިމަތީ ޑްރާމާ ކުޅެން ނަދާއަށް ޖެހުނު ދުވަހެކެވެ.

ރީމާމެން ގެޔަށްވެސް ނަދާ ދަނީ ވަރަށް މަދުންނެވެ. ރީމާ އިސްވެ ބުނިއްޔާއެވެ. އަޔާޒްއާ ނަދާގެ މެދުގައި ކަންތައް ހުރި ގޮތް އެނގޭތީއާ، ނަދާގެ މިޒާޖު ހުންނަ ގޮތުން އެއީ ބޭރަށް ނިކުމެ އުޅޭ ހިތްވާ ކުއްޖެއް ނޫންކަން އެނގޭތީ ރީމާވެސް އެ ގެޔަށް އައުމަށް ނަދާއަށް ދަޢުވަތު ނުދެނީއެވެ. ކޮންމެ ދުވަހަކު ހެން ރީމާ އިޔާން ގޮވައިގެން ނަދާ ކައިރިއަށް ގޮސް ގަޑިއެއް ނޫނީ ދެ ގަޑިއެއްހާ އިރު އިނދެއެވެ. އެ ވަގުތުކޮޅަކީ އެހެން ކަންތައް ނަދާގެ ހިތުން މުޅިންހެން ފިލައިގެން ދާ ވަގުތުކޮޅަކަށް ވިއެވެ. ބައެއް ފަހަރު ރީމާ ބުނެގެން އިޔާން ގެނެސްގެންވެސް ނަދާ އުޅެއެވެ. އަފްޒާއާ ރަނާ ދިޔުމުން، އާރިމް ގޭގައި ނޫޅޭ ވަގުތުގައި ކަމެއް ޖެހިއްޖެ ނަމަ އިޔާން ގޮވައިގެން އެ ކަމެއް ކުރަން އުނދަގޫ ވާ ފަހަރު ރީމާ ގުޅާލަނީ ނަދާއަށެވެ. އުފަލުން އިޔާން ގެނެސްގެން އެ ވަގުތުކޮޅުގައި ނަދާ ގެންގުޅެއެވެ. ނަމަވެސް ރީމާމެން އައިތާ ހަތަރު މަސް ވީ ތަނާ އެ މީހުން ދުވަސްކޮޅަކަށް ރާއްޖެތެރެއަށް ދިޔުމުން ދެން އައީ އަނެއްކާވެސް ނަދާއަށް ފޫހި ދުވަސް ކޮޅެކެވެ.

ހުދާއާ އަލުން ގުޅުނު ފަހުން ނިހާލް ނަދާއަށް ގުޅައެވެ. ނަދާއަކީ ނިހާލްގެ އެއްބަނޑު އެއްބަފާ ކޮއްކޮއަކަށް ނުވި ނަމަވެސް ނިހާލް ދެކެނީ ނަދާއަކީ ކޮއްކޮއެއް ކަމުގައެވެ. ސާޖިދާގެ ކަންތައް ހުންނަ ގޮތް އެނގި، އަދި ހުދާއާ މެދު ކަންތައް ވީ ގޮތުންނާ އެކު، ނަދާގެ ކައިވެނިވެސް ކުރެވުނު ގޮތުން ނިހާލް ނަދާއާ މެދު ކަންބޮޑު ވެއެވެ. ގުޅާ ކޮންމެ ފަހަރަކު، ކަމެއް ޖެހިއްޖެ ނަމަ ފަސް ނުޖެހި ނިހާލްއަށް ގުޅުމަށް އެދެއެވެ. ނަދާ އަދި ރިދާ އެދުނު ކޮންމެ ކަމެއް ނިހާލް ކޮށްދޭނެ ކަން ނަދާއަށް ޔަގީން ވެއެވެ. އަދި އެ ފަދަ ދުވަހެއް އަތުވެއްޖެ ނަމަ ނަދާ އެންމެ ފުރަތަމަ ގުޅާނެ މީހަކީވެސް ނިހާލްއެވެ.

ނަދާގެ ސްކޫލް އިރުގެ ރައްޓެހިންވެސް ނަދާއަށް ގުޅައެވެ. ނަމަވެސް އެ މީހުން ގުޅިއަސް ނަދާ ފޯނަށް ޖަވާބު ދެނީ މަދު ފަހަރަކުއެވެ. ނަދާގެ ވާހަކައިންވެސް އެ މީހުންނަށް ކަމެއް އެނގިދާނެތީއެވެ. އެހެން ވުމުން އެ މީހުންނާވެސް ނަދާ ދުރުވިއެވެ.

މަހަކު ދެ ފަހަރު ހުދާއާ ރިދާ، އަޒްކާ ގޮވައިގެން ނަދާ މެން ގެޔަށް އާދެއެވެ. އެ ދުވަހަކީ ހުކުރު ދުވަހަކަށް ނުހަދާ ވޭތޯ ނަދާ ވަރަށް މަސައްކަތް ކުރެއެވެ. ހަފްތާ ތެރޭގައި އަޔާޒްއަށް އަރާމު ކޮށްލަން ލިބެނީ ހަމަ އެކަނި ހުކުރު ދުވަސް ކަމަށާ، އެ ދުވަހު އަޔާޒްއަށް އުނދަގޫ ކުރަން ބޭނުން ނުވާތީ ކަމަށް ބުނެ އެހެން ދުވަހަކުން އެ މީހުން ގެނެއެވެ. ހައްތަހާވެސް އަޔާޒްއާ އެކު މީހުންގެ ކުރިމަތީ ނަދާ ހޭދަ ކުރަން ޖެހޭ ވަގުތު މަދު ކުރުމަށެވެ. އެ ދެމެދުގައި ވާ ގުޅުން އޮތް ގޮތް އެހެން މީހުންނަށް ސިއްރު ކުރަން ބޭނުން ވާތީއެވެ.

ގިނަ ހުކުރު ދުވަސް ތަކުގައި ހުކުރުން ފައިބައިގެން އަޔާޒްއާ އެކު އާތިފް އާދެއެވެ. ކައިގެން އެ ގޭގައި މަޑުކޮށްލާފައި އަޔާޒްއާ އާތިފް ދާނީ އެކުގައި އަސުރު ނަމާދަށެވެ. އެ ނޫން ދުވަހެއްގައި އާތިފްވެސް އެ ގެޔަކަށް ނާދެއެވެ.

ކައިވެންޏަށް ހަތް މަސް ވީ އިރު ނަދާ އެއްވެސް އެއްޗެއް ބޭނުން ވެގެން އަޔާޒް ކައިރިއަކު ނުބުނެއެވެ. ކޮންމެ ދުވަހަކުވެސް އަޔާޒް ދަނީ ނަދާ ބޭނުން ވެދާނެ ކަމަށް ކާ މޭޒުމަތީ ކޮންމެވެސް ވަރަކަށް ފައިސާ ބަހައްޓާފައެވެ. ގޭތެރޭގެ ކަންތައް ކުރުމަށެވެ. އޭގެ އިތުރުން އަޔާޒްގެ ކޭޝް ކާޑް ޑްރެސިންގް ޓޭބަލްގެ ވަތްގަނޑުގައި ބޭއްވީ ނަދާ ކައިރީ ބުނެފައެވެ. މާ ކުރީގައި އޭގެ ޕިން ނަދާއަށް ބުނެދިނީ އަޔާޒް އަމިއްލައަށެވެ. ނަމަވެސް އަޔާޒްގެ ފައިސާ އިން، ގެޔަށް ބޭނުން ވާ އެއްޗެއް ފިޔަވައި، ނަދާއަށް އެއްވެސް އެއްޗެއް ނުގަންނަ ކަން އަޔާޒްއަށް އެނގުނީ ނަދާގެ ފޯން ހަލާކު ވިކަން އަޔާޒްއަށް އެނގުނު ދުވަހުއެވެ.

އެއީ ކައިވެންޏަށް ފަހު އަޔާޒްއާ އެކީގައި ނަދާ ބޭރަށް ދިޔަ ފުރަތަމަ ދުވަހެވެ. އަދި އެއީ އަޔާޒްއާ ނަދާގެ ކައިވެންޏަށް ފަހު މައިހާ އަޔާޒްއަށް ފުރަތަމަ ގުޅި ދުވަހެވެ.

އާތިފްގެ ދައުވަތަކަށް ނަދާއާ އަޔާޒް އެރޭ ކެއުމަކަށް ދިޔައީ، އާތިފް ބުނުމުން އަޔާޒްއަށް ދެކޮޅު ހަދަން ނުކެރިގެންނެވެ. ދެމީހުން އެކީގައި ދާތީ ނަދާ ދިޔައީ ހަމަ އެކަނި ފޯން ހިފައިގެންނެވެ. އަޔާޒް އަތުގައި ކީ ކާޑާއި، ގޭގެ ތަޅުދަނޑި އޮންނާނެތީއެވެ.

ކައި ނިމިގެން އެކި ވާހަކައިގައި އާތިފްއާ އަޔާޒް ތިބެފައި ރެސްޓޯރެންޓުން ނިކުތް އިރު އެކެއް ޖަހަން ފަސް މިނަޓަށް ވެއްޖެއެވެ. އޭރޮ އޮތީ ވާރޭ ވެހެން އުޅޭ ކަހަލަ ގޮތަކަށެވެ.

ސައިކަލުގައި އައިސް ގޭ ކައިރިއަށް މަޑުކޮށްލި ތަނާ އަޔާޒްއަށް ފޯނެއް އައެވެ. އޭރު ވާރޭ ކަނި ޖަހަން ފަށައިފިއެވެ.

ފޯން ބަލާލާފައި އަޔާޒްއަށް ފޯނާ ދިމާއަށް ބަލަން ހުރެވުނެވެ. އެ ފޯން ކެނޑިދާނެ ހެން ހީވެ، އަޔާޒް ފޯން ނަގާ ކަންފަތުގައި ޖައްސާލި އިރު ދޮރު ހުޅުވައި ދިނުމަށް އެދި ނަދާ ގޮވާލި އަޑެއް އަޔާޒްއަކަށް ނީވެއެވެ.

“މައި…” އަޔާޒް ފޯން ނެގުމާ އެކު މައިހާ ގޮވާލި އަޑު އިވުމުން، ލަސް ލަހުން އަޔާޒް މައިހާގެ ނަން ބުނެލިއެވެ.

“އަޔާ… ވަރަށް ބޮޑަށް ސޮރީ މިހާ ލަސްކޮށްފަ ގުޅަން ޖެހުނީމަ… ވަރަށް ބޮޑު ކަމަކު މި ގުޅީ… ކޮށްދެވިދާނެތަ؟” ޖެހިލުންވެފައި ހުރިކަން މައިހާގެ އަޑުންވެސް އަޔާޒްއަށް އެނގުނެވެ.

“މައިއަށް އެނގޭނެ ކޮށްދޭނެ ކަން” އަޔާޒް ބުންޏެވެ.

“ބާރަ ޖެހި އިރު ނިމެން އޮތް ޑިޔުޓީ ނިންމާފަ ނިކުމެވުނީ ބާރަގަޑި ބައި ވީ ފަހުން، ޓެކްސީއެއް ނުލިބިގެން ހިނގާފަ ދަނިކޮށް ފައި ފުރޮޅާލައިގެން ތަދުވާތީ… ބައްޕަ ނުނަގާ ފޯނެއް، އަނެއްކާ ވާރޭވެސް ވެހެން ފަށައިފި… އަޔާއަށް އަހަރެން ބަލާ އައިސް ދެވިދާނެތަ؟” މައިހާ ވީ ގޮތް ބުނެދިނެވެ.

“މި ދަނީ، ކޮންތާކު ތިހުރީ؟” އަޔާޒް ވަގުތުން އެއްބަސް ވިއެވެ.

މައިހާ ހުރި ހިސާބު ބުނުމާއެކު މިދަނީއޭ ބުނެ ފޯން ކަނޑާލާފައި އަޔާޒް ސައިކަލު ސްޓާޓް ކޮށްލިއެވެ.

“އަޔާ—” ނަދާ އަނެއްކާވެސް އަޔާޒްއަށް ގޮވާލިއެވެ.

“މުހިންމު ކަމަކު މި ދަނީ، ނަދާ ގެއަށް ވަދޭ” މަޑުކޮށްލުމެއް ނެތި، ނަދާއާ ދިމާއަށް ބަލާވެސް ނުލާ އެހެން ބުނެފައި އަޔާޒް ސައިކަލު ދުއްވާލިއެވެ.

ހަދާނެ ގޮތެއް ނުވިސްނިފައި ނަދާ މަގުގެ ދެ ފަރާތް ބަލާލިއެވެ. އެ މަގުގައި ހުރި ހަމައެކަނި ހޮޅިބުރި އަނދާފައި ހުރުމާއެކު ވިއްސާރައިގެ ސަބަބުން މަގު އޮތީ މުޅިން އަނދިރި ވެފައެވެ. ނަދާ ފޯނުން ގަޑި ބަލާލިއެވެ. އެއްގަޑި ބާވީސް މިނަޓެވެ. ރީމާމެން އުޅޭނަމަ އެތެރެއަށް ވަދެވުނީހެވެ. ކުއްލިއަކަށް ވާރޭ ބޯކޮށްލުމާއެކު ނަދާ ތެމި ފޯވިއެވެ. ގޭ ދޮރުމަތީ ހުރި ނަމަވެސް ވާރެއަކުން އެއްވެސް ހިޔަލެއް ނުވިއެވެ. އަޔާޒްއަށް ގުޅާލަން ހިތަށް އަރާ ފޯން ހުޅުވާލުމާއެކު، ތެމިފައި އޮތް ފޯންވެސް ނިވުނެވެ. ހުޅުވަން ނަދާ އުޅެއުޅެވެސް ނުހުޅުވުނެވެ. ދެރަވެފައި ފޯނަށް ބަލަން ނަދާ ހުއްޓެވެ. އެއީ ނަދާއަށް އަށާރަ އަހަރު ފުރުނު ދުވަހު ހުދާ ދިން ހަދިޔާއެކެވެ. ނަދާގެ ފުރަތަމަ ފޯނެވެ.

ދިހަ ވަރަކަށް މިނަޓް ފަހުން ދެ ސައިކަލުގައި ދިޔަ ހަތަރު ފިރިހެނުން އެ ވަގުތު ނަދާ ހުރި ހިސާބުން ދިޔައެވެ. ތެމިފޯވެފައި، އެކަނިމާ އެކަނި ހުރި އަންހެން ކުއްޖަކު ފެނުމުން އެ މީހުން އައި ކޮޅަށް އަނބުރާލިއެވެ. އެމީހުން އައިސް ނަދާ ހުރި ދިމާލުން މަގުގެ އަނެއް ފަރާތުގައި މަޑުކޮށްލިއެވެ. ނަދާ ބިރުން ހުރެ ދޮރުގައި ބުރަކަށި ޖެހެން ދެން ފަހަތަށް ޖެހިލިއެވެ. އެ މީހުންނަށް ނުބަލަން ހުރި ނަމަވެސް އިރުއިރުކޮޅާ އެ ދިމާއަށް ބަލާލެވެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ހަނދުވަރު

Next

މަގޭ ދަރިފުޅާ… 1

Next
July 8, 2019

މަގޭ ދަރިފުޅާ… 1

Previews
July 7, 2019

ހަނދުވަރު

24 Comments!

  1. Mar Sha Marsha says:
    July 8, 2019 at 5:57 pm

    Hi all, plz leave a comment kamudhiyayas, noonas, so i can do better!! part 12 will be uploaded on thursday, thnq 😀

  2. UNKNOWN says:
    July 8, 2019 at 6:17 pm

    The story is going in the right direction

    1. Mar Sha Marsha says:
      July 9, 2019 at 1:44 pm

      Thnq UNKNOWN,

  3. jiji says:
    July 8, 2019 at 6:45 pm

    Salhi ingey❤..Whn next?…Curiously waitinn enge?..keep going sis?

    1. Mar Sha Marsha says:
      July 9, 2019 at 1:45 pm

      Hi jiji, thnq for reading n commenting ?

  4. Ahana says:
    July 8, 2019 at 7:02 pm

    Thursday!!! Alhe adhi haadha 2 days eba oiiy dho?
    Masha Allah! Vaahaka varah reethi Masha..

    1. Mar Sha Marsha says:
      July 9, 2019 at 1:46 pm

      Thursday ehaa dhureh noonehnu Ahana, thnq so much

  5. Ibsha says:
    July 8, 2019 at 7:04 pm

    Varah reethi..dhen kihineh baa vaany

    1. Mar Sha Marsha says:
      July 9, 2019 at 1:47 pm

      Thnq Ibsha, let’s c dho ?

  6. Leas says:
    July 8, 2019 at 7:54 pm

    Masha Allah varah reethi dhen nadhaa ah ehves dheragotheh nahadhaathi mihaaru vaavarah dhera kurevay eves insaanekay abadhu dherakuraakah nuvaane ehnnu

    1. Mar Sha Marsha says:
      July 9, 2019 at 1:49 pm

      Thnq Leas, nadha ah happy life eh libey tho balan story nimen dhen kiyahchey

  7. Ishfa says:
    July 8, 2019 at 9:22 pm

    Nice. Ahrenge life eh nu me

    1. Mar Sha Marsha says:
      July 9, 2019 at 1:50 pm

      Thnq, Ishfa, ehentha! Wat a coincidence dho!

  8. Unique says:
    July 8, 2019 at 10:15 pm

    Ehthaaga 5:15 anehthaaga 3 othy I guess olhigen kanneyge dhw?

    1. Unique says:
      July 8, 2019 at 10:16 pm

      Im talking about the time when she met reema and when reema left the house

    2. Mar Sha Marsha says:
      July 9, 2019 at 1:54 pm

      5.15 ga ei kury dhuvaheh, e dhuvahu ge fahun, later that week ryma men annany, ryma nadha ge apartment ah aisfa dhaa iru around 3 vany, confusion clear vejje dho mihaaru?

  9. Aby says:
    July 8, 2019 at 10:56 pm

    Varah reethi? hafthaa ge dhe dhuvahuge bahdhal ga thin dhuvahu up nukureveynetha? Vaahaka reethi kamun dhe dhuvas madhu hen ihusaas kurevenee… ?

    1. Mar Sha Marsha says:
      July 9, 2019 at 1:55 pm

      Vaahaka ehkoh type koh ninmaafa will try 3 times a week genesdheveytho, so happy that u like the story, thnq Aby

  10. Ninaa says:
    July 9, 2019 at 11:24 am

    Mi site ha mihaaru kiyey enme reethi vaahaka hope Ayaaz ah nadhaa dheke loabi vevey dhuvahakun nadhaa ge loabi hoadhan v massakai kuran jeheyne kamah

    1. Mar Sha Marsha says:
      July 9, 2019 at 2:05 pm

      Oh, thnq Ninaa, aan ehaa faseyha in ayaa ah nadha libigen nuvaane dho dhen!!

  11. Aby says:
    July 9, 2019 at 11:45 am

    Alhe e grp nadha ah gotheh nuhadhaane baa???? Ayaaz Anna iru onnaanee hurihaa kameh ve nimifa kanneyge… Pls pls pls Marsha aneh bai up kollaba avahah

    1. Mar Sha Marsha says:
      July 9, 2019 at 2:07 pm

      Nadha ah vaa gotheh engeyne Thursday ga, let’s c dho!!

  12. Meekkomee says:
    July 9, 2019 at 7:07 pm

    Wow??? mi part ves varah reethi☺️☺️☺️….can’ t wait for next part ????

  13. Kehmadhu says:
    July 11, 2019 at 11:57 am

    Koba next part…avahah up kohla dheeba

Comments are closed.

Next Episodeކުށަކާ ނުލާ 12←


All Right Reserved!