މަގޭ ދަރިފުޅާ… 1
(މި ވާހަކަ އަކީ ކުރިންވެސް މި ސައިޓްގަ މާޝާ ގެނެސްދީފަ އިން ވާހަކައެއް، އަނެއްކާވެސް އަލުން މި ގެނެސްދެނީ ކިޔުންތެރިންނަށް ކަމުގޮސްފާނެ ކަމަށް)
“މަންމާ، ޔާން ބަސް އަހާނަމޭ… ބަސް އަހާނަމޭ… ބަސް އަހާނަމޭ… ބަސް އަހާނަމޭ…
މަންމާ ޔާންއާ ވާހަކަ ދައްކަބަލަ ޕްލީޒް… ޕްލީޒް… ވާހަކަ ދައްކަބަލަ… ވާހަކަ ދައްކަބަލަ…
މަންމާ، ބުނެބަލަ ޔާން ދެކެ ލޯބި ވެޔޭ… ބުނެބަލަ ޕްލީޒް… މަންމަ ޔާން ދެކެ ލޯބި ވެޔޭ ބުނެބަލަ…”
އަހަރެންގެ ދަރިފުޅުގެ އާދޭސް އަހަރެންގެ ހިތާ ސިކުނޑީގައި ތަކުރާރު ވަމުން ދިޔައެވެ. އެއް ފަހަރަކު ދެ ފަހަރަކު ނޫނެވެ. ވިހި ތިރީސް ފަހަރަކުވެސް ނޫނެވެ. އެތައް އެތައް ސަތޭކަ ފަހަރަކުއެވެ.
އަހަންނަށް ލޯމަރާލަމުން ދެކަންފަތުގައި އަތް އަޅާ ބާރުކޮށްލެވުނެވެ.
ނަމަވެސް އެއަޑެއް ނުކެނޑުނެވެ. އަޔާން ދުވެލާފައި ދާއިރު އެކުދި ފިޔަވަޅުތަކުގެ އަޑު އިވެނީއެވެ. އަހަރެންގެ އަތުގައި ނުޖެހެން ވެގެން ދުއްވައިގަންނަމުން ހީނލާ ލޯބި ހީނލުމުގެ އަޑު އިވެނީއެވެ. އުމުރުން ހައަހަރުގައިވެސް ރަނގަޅަށް “ރ” ނުކިޔޭ އަޔާންގެ ލޯބިލޯބި ވާހަކަތައް އަޑު އިވެނީއެވެ.
ނަމަވެސް އެހުރިހާ އަޑަކަށް ވުރެން ބާރަށް އިވެނީ އެއަޑެވެ.
“މަންމާ… ޔާން ބަސް އަހާނަމޭ… މަންމަ ޔާންއާ ވާހަކަ ދައްކަބަލަ ޕްލީޒް، މަންމަ ޔާން ދެކެ ލޯބި ވެޔޭ ބުނެބަލަ… މަންމާ، ޔާން ދެން އެހެންނެއް ނޫޅޭނަމޭ، ޔާން މަންމަ ދެކެ ލޯބި ވެޔޭ… ޔާންއާ ވާހަކަ ދައްކަބަލަ މަންމާ… ޔާން މަންމަގެ ބަސް އަހާނަމޭ…”
ހަމަ އެއާއެކު އަހަރެންގެ ހެދުމުގެ ފަސްބައިގައި އެއް އަތުން ހިފަހައްޓައިގެން ހުރެ އަހަރެންގެ ފަހަތުން ހިނގަމުން އަނެއް އަތުން ލޮލުން އޮހެމުން ދިޔަ ކަރުނައާ، ގިނައިރު ރުއިމުގެ ސަބަބުން ނޭފަތުން އަންނަމުން ދިޔަ ފެން ފޮހެމުން ދިޔައިރު ދެރަވެ ގިސްލެވިފައި ހުރި އެ މައުސޫމް ސޫރަ އަހަރެންގެ ހިތުން އެންމެ ސިކުންތަކަށްވެސް ފިލައިގެނެއް ނުދެއެވެ.
“ޔާން… މަންމަގެ ޔާން…” ލޯހުޅުވާލަމުން ދެއަތްތިލަ ގުޅުވާލުމާ އެކު މޭގައި ޖައްސާ ބާރު ކޮށްލާފައި އަހަރެންގެ ދަރިފުޅަށް ގޮވާލަމުން އަހަންނަށް ބާރަށް ރޮއިގަނެވުނެވެ.
ގިސްލެވުމާއެކު އަހަންނަށް އަނެއްކާވެސް ލޯމަރާލެވުނެވެ. އެވަގުތު ހީވީ އަހަރެންގެ އަޔާން އަހަންނަށް ގޮވާލި ހެންނެވެ.
“މަންމާ…”
އެއާއެކު އަހަރެންގެ ދެއަތުގެތެރޭ އަހަރެންގެ ދަރިފުޅު ވާކަމުގެ އިހުސާސެއް ކުރެވުނެވެ.
ލޯހުޅުވާ ބަލާލީމެވެ. ދެއަތް ދުރުކޮށް ދެއަތް ތިލައަށް ވަކިވަކިން ބަލާލެވުނެވެ. ފަޅު ވެފައިވާ އުނގަށް ބަލާލެވުނެވެ.
އެއީ ހީވި ހީވުމެކެވެ. އަހަރެންގެ ދަރިފުޅު އަހަރެންގެ އަތުތެރެއަކު ނެތެވެ. އަހަރެންގެ އަޔާން އަހަރެންގެ މޭގައި ބޯޖައްސާލައިގެން އަހަރެން ގައިގައި ބައްދާލައިގެންނެއް ނެތެވެ.
އަހަރެންގެ ދެއަތް ހުހެވެ. އަހަރެންގެ އުނގު ހުހެވެ. އެވަގުތު އަހަރެންގެ ހަށިގަނޑުގެ އެތެރެވެސް ހުސްހެން ހީވިއެވެ. މޭގެ ތެރޭގައި ހިތެއް ނެތެވެ. އެއްވެސް ގުނަވަނެއް އަހަރެންގެ އެތެރެ ހައްޓަކު ނެތެވެ.
އެހެން ވީއިރު އަހަރެންގެ މެއަށް މިހާ ތަދުވަނީ ކީއްވެ ހެއްޔެވެ؟ މުޅި ހަށިގަނޑުގައި ވޭނީ ރިހުމެއް މިވަނީ ކީއްވެ ހެއްޔެވެ؟ ހަށިގަނޑުގައި ހިތެއް ނެތް އިރު، މީހަކު ހިތް ނަގާ ފޮތިފޮތި ކޮށްލި ނަމަވެސް ނުވާނެހާ ތަދު އަހަންނަށް އިހުސާސް ކުރެވެނީ ކީއްވެ ހެއްޔެވެ؟ ފަހަރަކަށް ވުރެން ފަހަރެއް އެތަދު އިތުރު ވަނީ ކީއްވެ ހެއްޔެވެ؟
މިވޭނަށް އަހަރެން ކެތް ކުރާނީ ކިހިނެއް ހެއްޔެވެ؟
އަހަރެންގެ ދަރިފުޅުގެ ހަނދާނުން އަހަންނަށް ލިބެމުން މިދާ ރިހުމާ ވޭން އެތައް ގުނައެއް އިތުރު ވެގެން ދަނީ އަހަންނަށް ކަންތައް ކުރެވުނު ގޮތް ހިތަށް އެރުމުންނެވެ. އެންމެ ފަހުން އަހަންނަށް ބުނެވުނު ބަސްތައް ހަނދާން ވުމުންނެވެ.
އަހަންނަކަށް އިތުރަކަށް ކެތެއް ނުކުރެވޭނެއެވެ.
“އަޔާން….!” އަހަރެންގެ ދުލުން ހަޅޭކެއްގެ ސިފައިގައި ބޭރުވީ އެނަން އެކަންޏެވެ. ނަމަވެސް އަހަރެންގެ ހިތް ރޮމުން ބުނަމުން ދިޔަ ބަސްތައް އިވެނީ އަހަރެންގެ ހިތަށް އެކަންޏެވެ.
“މަންމަގެ އަޔާން! މަންމަގެ ދަރިފުޅާ! މަންމަ ގާތަށް އާދޭ… ހެޔޮ ނުވާނެ… އެންމެ ފަހަރަކު ވިޔަސް އާދޭ މަންމަގެ އުނގަށް… މިފަހަރު އާދޭސް މިކުރަނީ މަންމަ… ޕްލީޒް ޕްލީޒް ޕްލީޒް… ދަރިފުޅާ އެންމެ ފަހަރަކު… މަންމަ އެދުވަހު ބުނީ ތެދެއް ނޫނޭ މަންމަގެ ދޫންޏާ… މަންމަ ދަރިފުޅު ދެކެ ވަރަށް ލޯބިވޭ… ދަރިފުޅު އެދުވަހު މަންމަގެ އަޑު ނޭހިޔަސް މަންމައަށް އެނގޭ، ތީ ބަސްއަހާ ކުއްޖެއް ކަން… އާދޭ މަންމަ ގާތަށް… މަންމަ ދަރިފުޅާ ވާހަކަ ދައްކާނަމޭ… ދަރިފުޅު ބޭނުން އިރެއް ވަންދެން ވާހަކަ ދައްކަން މަންމަ އިންނާނަން ދަރިފުޅު ގާތު… މަންމަ ދަރިފުޅު ދެކެ ވަރަށް ވަރަށް ވަރަށް ބޮޑަށް ލޯބިވޭ… ޕްލީޒް، އާދޭ މަންމަ ގާތަށް، އެންމެ ފަހަރަކު ވިޔަސް އަދި މަންމަ ގައިގައި ބައްދާލަން އާދޭ… ޔާން، އަވަހަށް އާދޭ ޕްލީޒް…”
އަހަރެންގެ ހަޅޭކުގެ އަޑަށް އަހަރެން މަންމައާ ކޮއްކޮ އައިސް ވަނެވެ. އަހަރެންގެ ހާލު ފެނި ވަގުތުން އެދެމީހުންނަށްވެސް ރޮވުނެވެ.
“ދޮންތާ… ދެން ނުރޮއިބަލަ، ހިތްވަރު ކޮށްބަލަ…”
“ދަރިފުޅާ… ހެޔޮ ނުވާނެ، ތިވަރަށް ނުރޮއި… މަންމައަށް އެނގޭ ދެރަ ވާނެ ކަން… އެކަމަކު ހިތްވަރު ކުރަން ވާނެއެއްނު…؟”
އަހަރެންގެ މަންމައާ ކޮއްކޮ ރޮމުން އަހަރެން ގައިގައި ފިރުމަމުން ބުނަމުން ދިޔައެވެ. ނަމަވެސް އަހަންނަށް އެއަޑެއް ނީވެއެވެ. އަހަރެން ހަނދާން ވަމުން ދިޔައީ އެދުވަހެވެ. އަހަރެންގެ ދަރިފުޅާ އަހަރެން އެންމެ ފަހުން ވާހަކަ ދެއްކި ދުވަހެވެ. ވާހަކަ ދެއްކި ގޮތެވެ. އަހަރެންގެ ދަރިފުޅު ރުއި ރުއިމެވެ. އަހަރެންގެ ހެދުމުގެ ފަސްބައިގައި ހިފައިގެން ހުރެ ރޮމުން ކުރި އާދޭހެވެ.
************
އެއީ މީގެ ދެ ދުވަސް ކުރިއެވެ. ނަމަވެސް އަހަންނަށް ހީވަނީ އޭގެ ފަހުން އެތައް އެތައް ދުވަހެއް ވެއްޖެ ހެންނެވެ. އެހެން ނަމަވެސް އެހަނދާން އަހަރެންގެ ހިތުގައި ވަނީ ދެންމެ ވީ ކަމެއް ހެންނެވެ.
އަހަރެންގެ ހަ އަހަރުގެ ފިރިހެން ދަރިފުޅު އަޔާން އެއީ އަހަރެންގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. އަށް އަހަރު ކުރިން އަހަރެންނާ ޝިފާޒް ކައިވެނިކޮށް، އޭގެ ދެއަހަރު ފަހުން އަޔާން ލިބުނުތާ އަހަރެއްވެސް ނުވެ ޝިފާޒް ވަނީ ނިޔާވެފައެވެ. އޭގެ ފަހުން އަހަރެންނާ އަޔާން އުޅެނީ އަހަރެންގެ މަންމައާ ބައްޕަ ގާތުގައެވެ.
އަޔާން ކުރިއަށް ވުރެން ހަލަނި ވެގެން އުޅޭތާ ހަފްތާއެއްހާ ދުވަސް ވެއްޖެއެވެ. ކާގަޑީގައި ކާކަށް ބޭނުމެއް ނުވެއެވެ. ކިޔަވަން ބުނުމުން އެތައް ބޮޑަލެއް ހާކައެވެ. އެދުވަހު އަހަރެން ރުޅި އައީ ތިން ހަތަރު ފަހަރު ބުނުމުންވެސް އަޔާން ޤުރުއާން ކިޔަވަން ނައުމުންނެވެ.
“އަޔާން، މަންމަ މިހާރު ވަރަށް ރުޅި އަތުވެއްޖެ އިނގޭ! ތިހެން ހަދަންޏާ މާދަމާ ސްކޫލް ޓްރިޕް އަކު ނުދެވޭނެ” އަހަރެން ރުޅި އައިސްގެން ބުނީމެވެ.
“ނޫން، ފޮނުވަން ވާނެ، އެހެން ނޫނީ ވަނީ މަންމަ ދޮގު ހެދި ކަމަށް، އިއްޔެވެސް މަންމަ އާންޓީ ގާތުގައި ބުނީމެއްނު ޔާން ފޮނުވާނަމޭ…” އަޔާން ބުންޏެވެ.
“ހެވޭ އެހެން ބުންޏަސް، ނުކިޔަވަންޏަކާ ނުފޮނުވާނަން” އަހަރެން ބުނީމެވެ.
“ނޫން، ފޮނުވަން ވާނެ” އަޔާން ބޮޑާ ހާކާލިއެވެ.
“މި ބުނީނު ނުކިޔަވަންޏަކާ ނުފޮނުވާނަމޭ؟” އަހަރެންވެސް ގޮތުގައި ހިފަހައްޓާލީމެވެ.
“މަންމައާ ރުޅި!” އަޔާން ކޮޓަރިއާ ދިމާއަށް ދުއްވަގަތެވެ.
“އަޔާން، ހަމަ މިހާރު އަންނަން ވީ ކިޔަވަން” އަހަރެން ގާތަށްވެސް ރުޅިއައެވެ.
“ނުކިޔަވާނަން!” ދޮރުން ބެރަށް ބޯ ދިއްކޮށްލަމުން އަޔާން ބުނެލިއެވެ.
އަހަންނަށް ހައިރާން ވެފައި ބަލަން ހުރެވުނެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް އަޔާން ވާހަކަ ދެއްކި ގޮތެއް ނޫނެވެ. އައި ރުޅީގައި ފުރަތަމަވެސް ހިތަށް އެރީ އަޔާންގެ އަނގަމަތީގައި ޖަހާށެވެ. ނަމަވެސް އެޚިޔާލު ހިތުން ފޮހެލީމެވެ. އަޔާން ގައިގައި ޖަހާކަށް އަހަރެން ބޭނުމެއް ނޫނެވެ. މިވީހާ ތަނުގައިވެސް އެއްފަހަރުވެސް އަޔާން ގައިގައި އަހަންނެއް ނުޖަހަމެވެ. ވީއިރު މިއަދަކުވެސް ނުޖަހާނަމެވެ.
“އެންމެ ރަނގަޅޭ، ނުކިޔަވާ ހުރޭ. މަންމަ ލޯތްބެއް ނުވާނަން ނުކިޔަވާ ކުދިން ދެކެއެއް. ދެން ޓްރިޕްއަކުވެސް ނުދެވޭނެ. އަޔާން ބޭނުން އެއްވެސް ކަމެއް ނުވާނެ… މަންމަ ދެން އަޔާންއާ ވާހަކައެއްވެސް ނުދައްކާނަން. ވަރަށް ފޫހިވޭ ބަސްނާހާ ކުދިން ދެކެ” އަހަރެން ހިތްހަމަ ނުޖެހުނު ވަރުން އިތުރަށް އެވާހަކަ ނުދައްކާ ސޯފާގައި އިށީނީމެވެ.
ބައިގަޑިއެއްހާ އިރު ފަހުން އަޔާން ކޮޓަރިން ނިކުތެވެ. އަހަންނާ ދިމާއަށް ބަލަން ކޮޓަރީ ދޮރު ކައިރީ އިރުކޮޅަކު ހުރެފައި އައިސް އަހަރެން ގާތު ހުއްޓުނެވެ. އަހަރެން އަޔާންއާ ވާހަކަ ނުދައްކާ ގިނަ އިރު ވުމުން އޭނަ ދެރަވީއެވެ. އެކަން އެނގުނު ނަމަވެސް އަހަރެން ރުޅި އައިސްފައި އިން ވަރުން އަޔާންއާ ދިމާއަށް ބަލައެއް ނުލަމެވެ.
“މަންމާ…” އަޔާން މަޑުމަޑުން ގޮވާލިއެވެ.
އަހަރެން އަޑު އިވޭ ކަމަކަށްވެސް ނަހަދަމެވެ.
“މަންމާ…” އަހަރެންގެ ފައިގައި ހިފާ ހަލުވާލަމުން އަޔާން ދެވަނަ ފަހަރަށް ގޮވާލިއެވެ. ދެންވެސް އަހަރެން އަޅައެއް ނުލަމެވެ.
އަޔާންގެ ތުން ފިތެން ފެށިއެވެ. އަހަރެން އަޅައެއް ނުލަމެވެ.
އަހަރެން ވާހަކަ ނުދައްކަންޏާ އަޔާން ވަރަށް ދެރަވާނެ ކަން އަހަންނަށް އެނގެއެވެ. އަޔާންއާ ވާހަކަ ނުދައްކާ ހުރުން އެއީ އަހަންނަށްވެސް ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް އެގޮތަށް ވާހަކަ ދެއްކުމުންނާ، އެރޭ ޤުރުއާން ނުކިޔެވުމުން އަހަރެން ބޭނުންވީ އަޔާންއަށް ފިލާވަޅެއް ދޭށެވެ. އޭނަ ކުޑަޔަސް ބޭނުންހާ ގޮތަކަށް ކަންތައް ނުވާނެކަން އޭނައަށް ބުނެދޭށެވެ.
އަޔާންގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. ދެންވެސް އަހަރެން ބަލާނުލުމުން އަޔާން އެއްޗެއް ނުބުނެ އަހަރެން ގާތު މަޑުމަޑުން އިނެވެ.
އެރޭ ހަތެއް ޖެހުމުން އަހަރެން ކާން ހަދާފައި އަޔާން ގާތު ކާން ބުނީވެސް އަހަރެންގެ ކޮއްކޮ ރީނާ ލައްވައެވެ. އަޔާން ކާން އިންނަ އިރު ކޮންމެ ފަހަރަކުވެސް އޭނަ ގާތުގައި އިންނަ ނަމަވެސް އެރޭ އަހަރެން އިނީ ދުރުގައެވެ. އެރޭ އަޔާން ގާތު އިނީ ރީނާއެވެ.
ކައި ނިމިގެން ރީނާއާ އެކު ގޮސް ގައި ދޮވެ ނިދަން ތައްޔާރު ވެގެން އަޔާން ނިކުތެވެ. އޭރުވެސް އަހަރެން އިނީ ސިޓިންގރޫމްގައެވެ. އޭރު އަޔާން އަތުގައި ޚަތިމް އޮތެވެ. އަހަރެން ވާހަކަ ނުދައްކާ ހުރުމުން ދެރަ ވެގެންނާ ރީނާ ނަސޭހަތް ދިނުމުން އަޔާން ކިޔަވަން އައީއެވެ.
“މަންމާ، މިއައީ ކިޔަވަން” އަޔާން ބުންޏެވެ.
އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. މަންމައާއި ރީނާ ކައިރީގައި ބަލަން ތިއްބެވެ. އަހަރެން އެއްޗެއް ނުބުނުމުން އަޔާން އެމީހުންނާ ދިމާއަށް ބަލާލިއެވެ. މަންމަ ބޯޖަހާލަމުން އަޔާންއަށް ކިޔެވުމަށް ބުނެލިއެވެ.
އަހަރެން ގާތު އިށީނދެ އަޔާން ކިޔަވަން ފެށިއެވެ. އެހެން ފަހަރުވެސް ކިޔަވާ ފަދައިން ހަތް ފަހަރު ފިލާވަޅު ކިޔާފައި އަޔާން އަހަންނަށް ބަލާލިއެވެ.
“މަންމާ… މިހާރު ރުޅިއެއް ނޫން ދޯ؟ ޔާންއަށް މާދަމާ ޓްރިޕް ދެވޭނެ ދޯ؟” އަޔާން އަހާލިއެވެ.
އަހަރެން ޖަވާބެއް ނުދެމެވެ.
“ލީނާ، ދެން ޔާންއާ ވާހަކަ ދައްކަބަލަ…. މިހާރު ގުރުއާންވެސް ކިޔެވީއެއްނު؟” މަންމަ އަހަންނަށް ގޮވާލާފައި ބުންޏެވެ.
“އަޔާން ކިޔެވީ އަހަރެން ވާހަކަ ނުދައްކާތީކީ ނޫނޭ، އަޔާން ކިޔެވީ މާދަމާ ޓްރިޕް ދާން ބޭނުން ވާތީ. މަންމަ ބުނޭ އަޔާން ގާތުގައި، ގުރުއާން ކިޔެވީމަ މާދަމާ ދެވޭނެޔޭ، އެކަމަކު މަންމަ އަޔާންއާ ވާހަކައެއް ނުދައްކާނަމޭ. މިއަދު މަންމަ ވަރަށް ދެރަ ވެއްޖެ އަޔާން މަންމަގެ ބަސް ނޭހީމާ، މަންމަ ބޭނުމެއް ނޫން ބަސް ނާހާ ކުދިންނާ ވާހަކަ ދައްކާކަށް، ލޯތްބެއް ނުވޭ ބަސް ނާހާ ކުދިން ދެކެއެއް…” އަހަރެން ބުނީމެވެ. އަދި އެތަނުން ދުރަށް ދާން ތެދުވީމެވެ.
ނަމަވެސް އެވަގުތު އަޔާން އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ.
“ސޮރީ މަންމާ… ޔާން ދެން އެހެންނެއް ނޫޅޭނަން… ޔާން ދެން މަންމަގެ ބަސް އަހާނަން… ކިޔަވާނަން… ޔާން ބޭނުމެއް ނޫން ޓްރިޕް ދާކަށް، ޔާން ބޭނުމީ މަންމަ ޔާންއާ ވާހަކަ ދައްކަން، ޔާން ދެކެ ލޯބި ވާން…” ރޮވިފައި ހުރެ އަޔާން ވާހަކަ ދެއްކިއެވެ.
އަޔާން ރޯތަން ފެނުމުން އަހަރެންގެ ހިތަށް ތަދުވިއެވެ. ނަމަވެސް އަހަރެން ބޭނުންވީ އެވަގުތު އެކަން އަޔާންއަށް ނުދައްކާށެވެ. ބަސް ނޭހުމަކީ އަދަބު ލިބޭނެ ކަމެއްކަން އަޔާންއަށް އަންގާށެވެ.
“އަދިވެސް ޔާން އުޅޭނެ އެހެން، މަންމަ އެއް ފަހަރު ބުނީމަ ބަސް ނޭހީމަ މަންމައަށް އެނގިއްޖެ އަޔާން ދެންވެސް ހަދާނީ އެހެން ކަން، އެހެން ނޫނަސް މިހާރު ޓްރިޕް ދާން ހުއްދަ ދީފީމެއްނު؟ މަންމަ ވާހަކަ ނުދެއްކިޔަސް އަޔާންއަށް ހެޔޮ ވީމަ އަޔާން އެހެން އުޅުނީ…” އަހަރެން އަޔާންގެ އަތް ދުރަށް ޖައްސާލަފައި ހިނގައިގަތީމެވެ.
އެވަގުތު ބާރަށް ރޮއިގެންފައި އަޔާން އަހަރެންގެ ހެދުމުގެ ފަސްބައިގައި ހިފެހެއްޓިއެވެ.
“މަންމާ… ޕްލީޒް… ސޮރީއޭ… ޔާން ދެކެ ލޯބި ވެބަލަ މަންމާ… ޔާން ބަސް އަހާނަމޭ… ކިޔަވާނަމޭ… މަންމަ ބުނާބަސް އަހާނަމޭ… މަންމަ ޔާންއާ ވާހަކަ ދައްކަބަލަ… ޕްލީޒް… ބުނެބަލަ މަންމަ ޔާން ދެކެ ލޯބި ވެޔޭ…” އަޔާން ރޮމުން ވާހަކަ ދައްކަމުން ދިޔައެވެ. ނަމަވެސް އަހަރެން ގޮތް ދުލެއް ނުކުރަމެވެ.
“މަންމާ… ޕްލީޒް، ޔާން ބަސް އަހައިގެންނޭ މިހިރީ… ވާހަކަ ދައްކަބަލަ ޔާންއާ… ޔާން ދެން ކޮންމެ ރެއަކުވެސް ގުރުއާން ކިޔަވާނަމޭ… މަންމަ ބުނާ ބަސް އަހާނަމޭ… ޔާން ދެކެ ލޯބިވެޔޭ ބުނެބަލަ މަންމާ… ޕްލީޒް…” އަޔާން ރޮމުން ދިޔައެވެ. އަހަރެންގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. ނަމަވެސް އަހަރެން އަޔާންއާ ދިމާއަށް ބަލައެއް ނުލަމެވެ.
އަޔާން ރޮމުން ވާހަކަ ދައްކަމުން، އަތުން ލޮލާ ނޭފަތް ފޮހެމުން އަހަރެންގެ ހެދުމުގެ ފަސްބައިގައި ހިފައިގެން ހުރެ އަހަރެންގެ ފަހަތުން އަހަރެން ދާހާ ތަނަކަށް ހިނގަމުން ދިޔައެވެ. ފަނަރަ ވަރަކަށް މިނެޓް ފަހުން މަންމަ އައިސް އަޔާން އުރާލައިގެން ދިޔައެވެ. އޭރުވެސް އަޔާން ހުއްޓައެއް ނުލައެވެ. އޭރު އަޔާން ނިދާ ގަޑި ފާއިތު ވެގެން ހިނގައްޖެއެވެ. ފަސް ވަރަކަށް މިނަޓް ވަންދެން އަޔާން ރޯއަޑު ކޮޓަރި ތެރެއިން އިވިއިވި ހުއްޓެވެ. ފަނަރަ މިނަޓެއްހާ އިރު ފަހުން އަޔާންއަށް ނިދުމުން މަންމަ ނިކުތެވެ. އޭރުވެސް އަހަރެން ސޯފާގައި އިނީމެވެ. އަޔާން އެވަރަށް ރޮއްވުނީތީ ދެރަވެ އަހަންނަށްވެސް ރޮވެނީއެވެ.
“އެވަރަށް އެކުއްޖާ ރޮއްވާކަށް ނުވާނެ ލީނާ” އަހަރެން ގާތު އިށީންނަމުން މަންމަ ބުންޏެވެ.
“އޭނަ ބަސް ނޭހީމަ އަދަބުވެސް ދޭން ޖެހޭނެއެއްނު މަންމާ” ލޮލުން އައި ކަރުނަ ފޮހެލަމުން އަހަރެން ބުނީމެވެ.
އަހަރެން އަޔާން ދެކެ ލޯބިވާ ވަރު މަންމައަށާ އަހަރެންގެ އާއިލާގެ އެންމެންނަށްވެސް އެނގޭނެއެވެ. ޝިފާޒް ނިޔާވުމަށް ފަހު އަޔާންއަށް ލޯބި ދިނީ އަހަރެންގެ އާއިލާއިންނެވެ. އެކުއްޖާއާ މެދު ޝިފާޒްގެ އާއިލާގެ އެކަކުވެސް އެއްވެސް އަޅާލުމެއް ނުބަހައްޓައެވެ. މަގުމަތިން ފެނުނިއްޔާ ގޮވާލުން ފިޔަވާ އެމީހުންނަކާ އަޔާންއަކާ އެއްވެސް ގުޅުމެއް ނެތެވެ. ވީއިރު މަންމައާ ބައްޕައެއްގެ ލޯބި އަޔާންއަށް ދެނީ އަހަރެން އެކަންޏެވެ. އަޔާންއަށް ކިތަންމެ ކުޑަ ކަމެއް ދިމާ ވިޔަސް އަހަރެންގެ ހިތް ހަލާކު ވެދާނެއެވެ.
އެހެން ނަމަވެސް އަޔާން ރަނގަޅު ކުއްޖެއް ގޮތުގައި ބޮޑު ކުރުން އެއީ އަހަރެންގެ ޒިންމާއެކެވެ. އެޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރަން ބޭނުން ނަމަ ބައެއް ފަހަރު އަމިއްލަ ހިތް ހަރު ކުރަން އަހަންނަށް ޖެހޭނެއެވެ. އަމިއްލަ ހިތަށް ތަދުވި ނަމަވެސް، އަޔާން ރޮއްވައިގެން ވިޔަސް އަހަރެން ބޭނުން ވަނީ އެއީ ބަސްއަހާ ކުއްޖަކަށް ހެދުމަށެވެ.
އެރޭ އަހަންނަށް ނިދުނީ ވަރަށް އުނދަގުލުންނެވެ. ނިދަން އޮށޯތުމުގެ ކުރިން އަހަރެން އަޔާންގެ އެނދު ކައިރިއަށް ގޮސް އަޔާންގެ މޫނުގައި ފިރުމާލީމެވެ. އެމައުސޫމް މޫނުގައި ބޮސްދިނީ ރޮވިފައި ހުރެއެވެ. އަޔާން ހޭލައްވާފައި އެރޭ ކަންތައް ކުރެވުނު ގޮތުން މާފަށް އެދެން ބޭނުން ވިއެވެ. އަހަރެން އަބަދުވެސް އަޔާން ދެކެ ލޯބި ވާނެކަން އަންގައިދޭން ބޭނުން ވިއެވެ. ނަމަވެސް އެވަގުތުވެސް އަހަރެން ނިންމައިގެން ހުރީ އަނެއް ދުވަހުންވެސް އަޔާންއާ ކޮންމެވެސް ވަރަކަށް ދުރުދުރުން އުޅުމަށެވެ.
ނުނިމޭ
13 Comments!
Comments are closed.








Mi vaahaka aky Marsha ah liyan undhagu vi vaahaka eh, adhi miadhaa hama ahves, kiyanves ehaa undhagu vaahaka eh, hykuran kiyuntherinnah kamudhaane kamah.
Me first dhw❤?…Nd feshun vv rythi ingey..So emotion ???…Waitinn fr the next curiously
Me first dhw❤?…Nd feshun vv rythi ingey..So emotion ???…Waitinn fr the next curiously
Will upload tomorrow, thnq dear
nice ……..when next part
Are u in laamu atoll
Thnq juma n laamu atoll manje.
Wowow so emotional ??????
When next part??
Thnq, next part tomorrow
Kiyan udha gu mi vaahaka kykyhen dhera vany faadhehge udhaguleh vany ekam vaahaka varah reethi
Thnq #
Nice
Thnq Makku