އަހަރެން އެނބުރި އަންނާނަން (12 ވަނަ ބައިގެ ތެރެއިން…)

ތުއްތަގެ އެންމެ ފަހު ޖުމްލައިން އަހަރެންގެ ހިތަށް ހީވީ ހަންޖަރެއް ހަރާލިހެންނެވެ. ޑިވޯޒް ވާން ތުއްތަ ބުނީމައެވެ. ޒައިދާން އާއި ވަކިވުމަކީ އަހަރެން ދުވަހަކުވެސް ވިސްނާފައިވާ ކަމެއް ނޫނެވެ. އަހަރެންނާއި ޒައިދާން އާއި އެއްކޮށް ހާދަ ގިނަ ހުވަފެނެއް ވާނީ ބަލާފައެވެ. ކައިވެންޏަށް ދެއަހަރު ނުވަނީސް ޒައިދާންއާއި ވަކިވުމަކީ އަހަރެން ދިރިހުއްޓަސް މަރުވެދާނޭ ކަމެއް ކަމުގައި އަހަރެންނަށް ހީވިއެވެ. އަނެއްކޮޅުން އަހަރެންނަށް މިފަދަ ޙާލެއް ޖެހުނު ދުވަހު އެހީވެމުން އެދަނީ ތުއްތައެވެ. ތުއްތަ އާއި މަންމަގެ ނުގަބޫލުގައި ޒައިދާންއާއި އެއްކޮށް ކުރިއަށްދާނެ ހިތްވަރެއްވެސް އަހަރެންގެ ނެތެވެ. ޒައިދާން އަހަރެންނަށް އޮޅުވާލީއެވެ. ޒައިދާން އަހަރެންދެކެ ޙަޤީޤަތުގައި ލޯބިވިނަމަ، އަހަރެންނަކަށް އެހެނެއް ނުހެދީސްއެެވެ. މިހުރިހާ ޚިޔާލުތަކުން އަހަރެންގެ ހިތް ކުދިކުދިވާހެން ހީވިއެވެ. ހޯސްލާފައި ކަރުނަތައް އަހަރެންގެ ލޯމައްޗަށް ފައިބާގަތެވެ. ޑިވޯޒް ފޯމްލުމުގައި ތުއްތަ އެހީވާނެކަމާއި، އިތުރަށް ރޮއެ ހިތާމަ ނުކުރަން ބުނެފައި ތުއްތަ، ކޮޓަރިން ހިނގައްޖެއެެވެ.

++++++++++++++++++++++++++++++++++++++++++

އަހަރެން އެނބުރި އަންނާނަން.. (13 ވަނަ ބައި)

އޭގެ އަނެއްދުވަހެެވެ.

“މިއޮތީ ފޯމު… ކޮންމެވެސް ވަރަކަށް ފުރަންފަށާފައި މިއޮތީ… އިފާމެންގެ ބައެއް އިންފޮމޭޝަން އެބަ ބޭނުންވޭ… ސޮއިވެސް..” މިހިން ބުނުމަށްފަހު ތުއްތަ އަހަރެންގާތު އިށީނުމަށްފަހު ފޯމު އަހަރެންގެ އަތަށް ދިނެވެ.

“ތުއްތާ.. އަހަރެންނަށް އަދި ވަގުތުކޮޅެއް ބޭނުން..” އަހަރެންނަށް މިހެން ބުނެވުމާއެކު އަނެއްކާވެސް ރޮވިއްޖެއެެވެ.

“އިފާ… އިފާ އިތުރަށް ވަގުތު ނަގާވަރަކަށް ހަމަ ދެރަވެ، ކޮންފިއުޒްވާނީ، ތުއްތައަށްވެސް އިނގެޔޭ އިފާއަށް މި ޑިޒިޝަން ނަގަން އެހާފަސޭހަ ނުވާނެކަންވެސް.. އެކަމަކު އިފާއަށް ރަނގަޅަކަށް ތުއްތަ މި ހެލްޕްކޮށްދެނީ ….ތުއްތައަށްވެސް ވަރަށް އުނދަގޫވި، އަފްސަލް ކައިރިން ޑިވޯޒްވާން އުޅުނުއިރު، އޭނަގެ ހުރިހާކަމެއް ފަޅާއެރީމަވެސް، އެހެންވީމަ، ތުއްތައަށް އެނގޭ އިފާއަށްވެސް ފަސޭހަނުވާނެކަން.. އެކަމަކު މިއަދު މި ޑިޒިޝަން އަވަހަށް ނުނަގައިފިއްޔާ.. ފަހުން އަދި މާ ހިތާމަ ކުރަންޖެހޭނެ.. އެހެންވެ މިބުނަނީ.. ތުއްތައާއި މަންމަވެސް ބޭނުމެއްނޫން އިފާ ތިހިން އަބަދު އެނދުގައި ރޯލަ ރޯލަ އޮންނާކަށް.. ތީގެ ތެރެއިން ނިކުމެ ހިތްވަރުގަދަ މީހެއްގޮތަށް، އިންޑިޕެންޑެންޓްކޮށް އުޅޭތަން ދެކެން ބޭނުމީ… އިފާތީ ކުރިންވެސް ތިހިން އުޅުނުމީހެއް ނޫނެންނު.. އަމިއްލައަށް ވަޒީފާއަށް ގޮސް އާމްދަނީ ހޯދައިގެން އުޅުނު މީހެއްނު.. ވިސްނާލަބަލަ!..” ތުއްތަ އަހަރެންނަށް ކޮންވިސްކޮށްދޭޭން މަސައްކަތްކުރިއެވެ.

އެއީ ތެދެކެވެ. އަހަރެން މިއީ ވަރަށް އިންޑިޕެންޑެންޓްކޮށް އުޅުނު މީހެކެވެ. މިއަދު އަހަރެންނަށް މިހާލު މިޖެހުނީ މީހެއްދެކެ އިންތިހާއަށް ލޯބިވެވުނީމައެެވެ. މާއަވަހަށް އިތުބާރުވެސް ކުރެވުނީމައެވެ. އަހަރެން އެކަނި ހުރިއިރު އަހަރެންނަށް ވަޒީފާއަށް ދެވެއެވެ. ބަރާބަރަށް ނިދެއެވެ. ކެވެއެވެ. ރައްޓެހިންނާއި އެއްކޮށް ބޭރަށްވެސް ދެވެއެވެ. އަމިއްލަ މަސައްކަތުން ހޯދާ ފައިސާއިން އަހަރެންގެ އަމިއްލަ ބޭނުންތައް ފުއްދެއެެވެ. މިއަދު އަހަރެން މިއޮތީ އަމިއްލައަށް އެނދުން ތެދުވެލާނެހާވެސް ހިތްވަރުނެތިފައެވެ. ފުރިހަމަ ނިދިން މަޙްރޫމްވެފައެވެ. އޮއްޓަރު ކުރެއްވި އެއްޗެއް އަރުތެރެއިން އެތެރެވަނީ ގަދަކަމުންނެެވެ. ފެންވަރާ، ސާފުތާހިރުވާ ހިތެއް ނުވެއެވެ. ކޮޓަރީގައި އަލިކަމެއް ހުއްޓަސް އަހަރެންނަށް އުނދަގޫވެއެވެ. ރެއާއިދުވާލު އަހަރެންމިއޮންނަނީ އަނދިރިކަމުގައެވެ. އަހަރެންގެ މުޅި ދުނިޔެ އެކަނިވެރިވެ، އަނދިރިވެއްޖެއެވެ.

++++++++++++++++++++++++++++++++++++++++++++++++++

ތުއްތަދެއްކި ވާހަކަތައް އެއީ، ތެދުވާހަކަތަކެއްކަމުގައި އަހަރެންނަށް މަޑުމަޑުުން ވިސްނެންފެށިިއެވެ. އަދި އަހަރެންވެސް މިކަމުން އަރައިގަންނެ ކުރިން އުޅުނުގޮތަށް އުޅެން ބޭނުންވާތީ، އަހަރެން ތުއްތަބުނިހެން ހިތްވަރުކުރެވޭތޯ ބެލީމެވެ. މަދުން ނަމަވެސް ސިޓިންގރޫމަށް ނިކުމެލާހެދީމެވެ. ކޮންމެވެސް ވަރަކަށް ގައިދޮވެލާވެސް ހަދަމެވެ. ނިދި މުޅިން ހަމައަކަށް ނޭޅުނަސް ކޮންމެވެސް ވަރަކަށް ނިދޭކަމުގެ އިޙްޞާޞްކުރެވެއެވެ.

ވަރަށް އުނދަގުލުން، ވަރަށް ހިތްވަރާއެކު، އަހަރެން ތުއްތަ ބުނިހެން އެފޯމުގައި ސޮއިކުރުމަށްފަހު، ފޯމު ފުރަން ބޭނުންވާނެ މަޢުލޫމާތު، ތުއްތައާއި ހަވާލުކޮށްފީމެވެ. ތުއްތަ ކޯޓަށް ފޯމުވެސް ލައިފިއެވެ. އަދި އަހަރެން އެވާހަކަ ހުވޭއަށްވެސް ކޮންމެވެސް ވަރަކަށް ކިޔާދިނީމެވެ. އެއީ ކޯޓަށްދާހިސާބުން ކުރިއަށްވުރެ އަހަރެންގެ ހާލުގޯސްވެ ކަމެއްވެދާނެތީ، އެމީހުންގެ އެހީތެރިކަންވެސް މިކަމުގައި އަހަރެން ބޭނުންވާނެކަމުގައި ބުނީމެވެ. ހުވޭވެސް އަހަރެންނަށް ވަރަށް ހިތްވަރުދީ، ހެދިއެވެ. އެއީވެސް އަހަރެންނަށް ލިބުނު ވަރަށްބޮޑު ހިތްހަމަޖެހުމެކެވެ.

އޭގެ ހަފްތާއެއްފަހެވެ. ކޯޓަށް ދާން ކިޔައިފައި އޮތުމުން ތުއްތަ އަހަރެން ގޮވައިގެން ކޯޓަށް ދިޔައެވެ. ޒައިދާން އާއި ޒައިދާންގެ މަންމަ ކޯޓުތެރެއިން އަހަރެންނަށް ފެނުނެވެ. ޒައިދާން ފެނުމުން އަހަރެންގެ ހިތަށް ރިހުމެއް ވެރިވިއެވެ. ޒައިދާން އަހަރެންގެ މޫނަށް ބަލާލިއެވެ. ޒައިދާންގެ މޫނުމަތީގައި އުފާވެރިކަމެއް ނެތްކަން އަހަރެންނަށް ފާހަގަކުރެވުނެވެ.

ވަރިވާން ހުށަހެޅީ ކީއްވެތޯ ޢާޒީ ސުވާލުކުރުމުން، ހިނގާދިޔަ ކަންތައް އަހަރެން ޢާޒީއާއި ޙިއްސާކުރީމެވެ. ޢާޒީ އަހަރެން ދެއްކި ވާހަކަ އެއީ ތެދެއްތޯ ޒައިދާންގާތު އެހިއެެވެ. ޒައިދާން ޖަވާބުގައި އާނއެކޭ ބުންޏެވެ. އަދި ޒައިދާން އާއި އަހަރެން އިރުތަށް އުޅެން ބޭނުންތޯ، ސުވާލުކުރުނުން، ޖަވާބުގައި، އަހަރެން ޒައިދާންގެ ދޮށީއަތްބެއްގެ ގޮތުގައި ހުންނަން ބޭނުންނުވާ ކަމަށް ބުނީމެވެ. އަދި ޒައިދާންގެ ޚިޔާލުހުރިގޮތް ޢާޒީ އެހުމުން ޒައިދާންބުނީ، އިފާ ބޭނުންވާގޮތަށް ނިންމަދޭން ބޭނުންވާކަމުގައެވެ. ވުމާއެކު، ޢާޒީ މާގިނަވަގުތުތަކެއް ނުނަގާ، އަހަރެންނާއި ޒައިދާން ވަރިކޮށްދީފިއެެވެ. ޢާޒީގެ އެ ޖުމްލައަކީ އަހަރެން އަޑުއަހަން ކުޅަދާން ޖުމްލައެއް ނޫނެވެ. އަދި އެންމެ ފަހަރަކު ނަމަވެސް އަހަރެން ޒައިދާންކައިރިއަށް ގޮސްލަން އަހަރެން ބޭނުންވިއެވެ. ޒައިދާން ފެންނަން ހުރުމުން އަހަރެންނަށް ވަރަށް އުނދަގޫވިއެވެ. އަހަރެން ފެންކަޅިވެފައިވާތަން ޒައިދާންއަށް ފެންނާނެއެވެ. ތުއްތަ އަހަރެންގާތު، ކޯޓުތެރޭގައި ނުރޯން، ބުނެފައިވާތީ، އަހަރެން ހިފަހަށްޓަން ވަރަށް މަސައްކަތް ކުރީމެވެ. ކޯޓަށް އަހަރެން ވަނީ ޒައިދާންގެ އަތްބެއްގެ ގޮތުގައެެވެ. އެހެނަސް ކޯޓުން އަހަރެން ނިކުތީ، ޒައިދާންގެ އަތްބެއްގެ ގޮތުގައެއް ނޫނެވެ. މިޚިޔާލުތަކުން އަހަރެންގެ ހިތަށް އިތުރު ހިތްދަތިކަމެއް ލިބުނެވެ.

+++++++++++++++++++++++++++++

ކޯޓުން ގެއަށް އައިސް ގެއަށް ވަދެވުމާއެކު، އަޑުގެނެތްތަނަށް އަހަރެންނަށް ރޮވުނެވެ. އެއްވެސް ވަރަކަށް ނުހިފެހެއްޓުނެވެ. އަހަރެންގެ ހަށިގަނޑުގައި އެއްވެސް ހަކަތައެއް ނެތެވެ. ގައިން ވަރުދޫވާހެން ހީވިއެވެ. މޭމައްޗަށް ވަރަށް ބާރަށް ތަދުވާހެން ހީވިއެވެ. އިހުނަށްވުރެ އަހަރެންގެ އަޑު ގަދަވިއެެވެ. ތުއްތަ އަހަރެން ގައިގައި ހިފަހައްޓައިގެން ހުރި ހަނދާންވެއެވެ. ސޯފާއާއި ހަމައަށް ދެވުނު ހަނދާނެއް ނުވެއެވެ. އަހަރެންނަށް ހޭ ވެރިކަން ވީ އިރު އަހަރެން އޮތީ ހޮސްޕިޓަލްގެ އެެމެޖެންސީ ރޫމްގައެވެ.

“ތުއްތާ.. ކީއްވެ އަހަރެން މިތާ މިއޮތީ…” އަހަރެން އެތަނަށް އައިގޮތެއް އޮޅުން ފިލުވުމަށް އަހަރެން އެހީމެވެ.

“އިފާ ވަރުދެރަވެފައި ހުރީމަ ގެނައީ.. ޑީހައިޑްރޭޓްވެސް ވާގޮތްވެފައިހުރީ..ނިދާ އިންޖެކްޝަނެެއް ޖަހާފަ މިހާރު ތިއޮތީ.. ދެން ނިދާލާ.. އައިވީ ހުސްވީމަ ފޮނުވާލާނަމޯ ޑޮކްޓަރ ވިދާޅުވީ..”

“އެއީ ތެދެއް އިފާ.. ނިދާލެވުނީމަ ދެން ރަނގަޅުވާނީ..” ރާކިންގެ އަޑު އަހަރެންނަށް އިވުނުހެން ހީވިއެވެ. އިންޖެކްޝަންގެ ސަބަބުން ކޮންމެވެސް ވަރަކަށް ‘ޑިޒީ’ ވެފައި ހުރުމުން، އަހަރެންނަކަށް ރާކިންވެސް ވަކިކުރާކަށް ފަސޭހައެެއް ނުވިއެވެ.

އޭގެ އަނެއްދުވަހު ހޮސްޕިޓަލުން އަހަރެން ގެއަށް ދޫކޮށްލިއެވެ. މަންމަވެސް އަހަރެންނަށްގުޅާ އަހަރެންގެ ޙާލުބެލިއެވެ. ލީޝާ ގޮވައިގެން ހުވޭ ވެސް އަހަރެންގާތަށް އައެވެ. އަހަރެންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އެހެނަސް އެކަކާވެސް މާގިނަ ވާހަކަ ދައްކާކަށް އެހާ ފަސޭހައެއް ނުވިއެވެ.

އަހަރެންގެ ޙަޔާތް ފުނޑުފުނޑުވީ ކަހަލައެވެ. އަހަރެންގެ ޙާލު އިހުނަށްވުރެ ގޯސްވާހެން އަހަރެންނަށް ހީވިއެެވެ. ކެއުމާއި ނިދުމަށް އަލުން ބުރޫ އަރަން ފެށިއެެވެ. އެނދުމަތީގައި އޮށޯވެ އޮންނަންވެސް އަހަރެންނަކަށް އެހާ ފަސޭހައެއް ނޫނެވެ. އެންމެ އިށީނދެ އިންނަން ފަސޭހައީ، ކޮޓަރި އަނދިރިކޮށްލައިގެން ކޮޓަރީގެ ކަނެއްގައެވެ.

މިގޮތަށް 3 ދުވަސް ހޭދަވިފަހުން، އެއްދުވަހު، އަހަރެންގެ ކޮޓަރީގައި ޓަކިޖަހާލުމަށްފަހު، ރާކިން އައިސް ކޮޓަރިއަށްވަނެވެ. އަހަރެންނަށް ކުޑަކޮށް އުނދަގޫވިއެވެ. ދުވަހަކުވެސް ތުއްތައާއި ނުލާ ރާކިން އަހަރެންގެ ކޮޓަރިއަކަށް ނުވަދެއެވެ. އެހެނަސް އެދުވަހު އައީ އެކަންޏެވެ. އައި ގޮތަށް އަައިސް އަހަރެންގެ ކައިރީ ތަޅުންގަނޑުގައި އިށީދެއްޖެއެެވެ. އަހަރެންނަށް ބިރުވެރިކަން އިޙްޞާޞްވިއެވެ. ކުއްލިއަކަށް އަފްސަލްބެ މަތިން އަހަރެން ހިތަށް އެރިއެވެ. ރާކިން އެއައީ އަހަރެންނަށް ކީއްކުރަންބާއެވެ. އަހަރެންގެ ނޭވާވެސް ކުރުވާން ފެށިއެވެ. ދާހިތްލާ، ހިތް އަވަސް ވާން ފެށިއެވެ.

“އިފާ… ކީއްވެ ބިރުން ތިއިނީ.. އަހަރެން އައިމަ ބިރުގަތީތަ؟ އިފާއަށް ގޮތެއް ހަދާކަށް ނޫނޭމިއައީކީ.. އިފާއާއި ވާހަކަ ދައްކާލަންމިއައީ…ތުއްތަ އަހަރެންނަށް އިފާ ކޮޓަރީގައި ވަގުތު ހޭދަކުރާގޮތް ކިޔައިދީފި،.. އަހަރެންނަށް ވަރަށް އުނދަގޫވެގެން މިއައީ..އަހަރެންނަން ފެންނަ ގޮތުގައި އިފާގެ ކޮންޑިޝަން ތިދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުން.. އެހެންވެ އަހަރެންނާއި ތުއްތަ ބޭނުންވަނީ، އިފާ ރަނގަޅު ޑޮކްޓަރަކަށް ދައްކާފައި އިފާ ކުރިން ހުރިގޮތަށް އަނބުރާ ގެންނަން.. މި ދަނޑިވަޅު އިފާ އަށް އަހަރުުމެން އެންމެންގެ އެހީތެރިކަން ބޭނުންވާނެ، ތުއްތަ ރޮއެފަ ބުނީ އިފާގެ ހާލު ދުވަހެއް ދުވަހަކަށް ގޯސްވާހެން ހީވާވާހަކަ،.. އަހަރެންމީ އިފާގެ ބޭބެ ކަމުގައި އިފާ ދެކިގެން ބޭބެ އާއި ތުއްތަ ބުނީތީ، މިކަމުގައި އެއްބާރުލުން ދީ އިފާ…ޕްލީޒް..އިފާ.. .” ރާކިން އެއްފަހަރާ ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. އަހަރެންނަށް އެހާ ބޮޑަށް ރާކިން ކީ އެއްޗެއް އޮޅުމެއް ނުފިލިއެވެ. އެކަމަކު، ރާކިން ފެންކަޅިވެފައި އިންތަން ފެނުނެވެ. އަހަރެން ރާކިންގެ މޫނަށް ބަލަން އިރުކޮޅަކު އިނީމެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނުމުން ރާކިން ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ.

އޭގެ އަނެއްދުވަހެވެ. ކޮޓަރީގައި އަހަރެން ޢާންމުކޮށް އިށީނގެ އިންނަ، “ކަނުގައި” އިށީނދެ އިނީމެވެ. ފެން ނުވަރާތާވެސް ދުވަސްކޮޅެއް ވެއްޖެއެެވެ. އަހަރެންނަކީ ހާދަބޭކާރު މީހެކޭ އަހަރެން ހިތަށް އެރިއެވެ. ޙަޔާތުގައި އެއްވެސް ނަޞީބެއް ނެތެވެ. މަންމައާއި ބައްޕަގެ ލޯބި ލިބުނީކީނޫނެވެ. ޅަ އުމުރުގައި ކިޔަވަން މާލެ ފޮނުވުމުން، އަފްސަލްބެ އަހަރެންނާއި ގަދަކަމުން ބެހުނީއެވެ. އަހަރެންގެ ޒުވާންކަމުގެ ފައިދާ އެކި ރޭ މަތިން އެމީހާގަނޑު ނެގީއެވެ. އަހަރެންގެ ހަށިގަނޑުގައި އެ ހަޑިމުޑުދާރު މީހާގަނޑު ބީހިފައި ހުރި ހުރިހާތަންނަންދެކެ އަހަރެން ފަކުރުގަނެފިއެވެ. ޒައިދާންދެކެ ލޯބިވީތީ، އޭނާވެސް އަހަރެންގެ ލޯބި ކުޅޭ ކުޅޭ އެއްޗަކަށް ހެދީއެވެ. ދުނިޔޭގައި ކިތަންމެ ގިނަ ދުވަހު ހުއްޓަސް ޒައިދާން އެއްވެސް ނުލިބޭނެއެެވެ. އަހަރެންމީ ތުއްތަގެ ކުރީގެ ފިރިމީހާ ގަނދަކަމުން ‘ނުބެހޭ’ މީހަކަށްވެސް ނުވާނެއެެވެ. އަހަރެން ދުނިޔޭގައި އުޅުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެޚިޔާލުތަކަކީ މި ވޭތުވެދިޔަ ދުވަސްކޮޅުގައި ވަރަށް ގިނައިން އަހަރެންނަށް އަންނަ ޚިޔާލެކެވެ. އެ ޚިޔާލުތަކުން އަހަރެންގެ ބޯ ހާސްވެ، ބޮލަށް އުނދަގޫވެއްޖެއެވެ. އަދި އަހަރެންގެ ކައިރީ މީހަކު ވަސްވާސް ދިންހެންވެސް ހީވިއެެވެ.

“އިފާ.. ތީ މުޑުދާރު ހަށިގަނޑެއް.. ކީިއްކުރާ އެއްޗެއްތީ…ޒައިދާނެއް ނުވޭ އިފާދެކެ ލޯތްބެއް.. އޭނަ ޝިފޫއާ އެއްކޮށް އުޅޭނެ މާ ލޯބިން.. އޭނަ އެއް އިރެއްގައިވެސް އިފާދެކެ ލޯތްބެއްނުވޭ.. އިފާ ދުނިޔޭގައި ހުންނަހާ ދުވަހު އިތުރަށް ހިތާމަކުރާނީ،، ޒައިދާން ޝިފޫއާއި އިނދެގެން ދަރިން ލިބިގެން އުޅޭތަން ދެކެން ކެތްވާނެ؟ ނުވާނެ އިފާ…އަމިއްލައަށް މަރުވޭ… އޭރުން ބޯހާހެއް ނުވާނެ.. އެއްފަހަރުން ހިތްހަމަޖެހޭނެ އިފާ… ޑޫ އިޓް އިފާ .. ޑޫ އިޓް! ޑޯންޓް ޑިލޭ…ޑޫ އިޓް ޓުޑޭ!!…”

މިއަޑުތަކުން އަހަރެންގެ ބޯހާސްކަން އިތުރުވިއެވެ. އަހަރެން މަޑުމަޑުން ތެދުވެ އަލަމާރިން ބެޓްޝީޓެއް ނެގިތަނުން ބޮލަށްގޮތެއްވާހެން ހީވެގެން އަނެއްކާވެސް ކުރިން އިށީނދެ އިން ކަނުގައި އިށީނީމެވެ. އަހަރެން އިނީ ފަންކާއަށް ބަލަންށެވެ. ބެޑްޝީޓް އޮތީ އަހަރެންގެ އަތުގައެވެ. އަހަރެން އޭރުވިސްނަމުން ދިޔައީ އޭތި ފަންކާގައި އެއްސޭނެ ގޮތަކަށެވެ!

(ނުނިމޭ..)

38

5 Comments

 1. jiji

  July 1, 2019 at 8:43 pm

  Me first dhw…Kiyaafa comment eh kohlaanan ingey❤❤❤

  • jiji

   July 2, 2019 at 2:46 pm

   Ma Sha Allah???…Vv rythi ingey mi part vec???…But haadha sad ey dhw story mihaaru…Making meh to cry???..keep going..waiting fr the next curiouslyyyy???????????????

 2. Naff

  July 1, 2019 at 9:07 pm

  Masha Allah… Vr vr vr rythi.. aslu Vs Hama kurimathin sifa vaahen Vs hyvey… Nd me second dhw.. when next part.. Nd kyhve comment thakah reply nukurany????

 3. drax

  July 2, 2019 at 1:51 pm

  Sad story ??????.
  But reethi

 4. Yaas4

  July 4, 2019 at 8:40 pm

  Thank you all readers!.. Thanks @jiji,@ Naff & @drax for commenting..varahfavey comment kuraathee aslu. it keep me encouraged.. keep reading & commenting.. love you all XoXo <3

Comments are closed.