اليسع عليه السّلام އަކީ އަރަހުށި މާތް الله سبحانه وتعالى ބަނީޢިސްރާއީލު ބާގައިގެ މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ފޮނުއްވި ނަބީބޭކަލެކެވެ. ކީރިތި ޤުރްއާނުގައި اليسع عليه السّلام ގެ ނަންފުޅު ދެފަހަރު ބަޔާން ކުރައްވާފައިވެއެވެ. އެއީ މާޢިދާ ސޫރަތާއި ޞާދު ސޫރަތުގައެވެ. ކީރިތި ޤުރްއާނުގައި اليسع عليه السّلام ގެ ނަންފުޅު ބަޔާން ކުރައްވާފައިވީނަމަވެސް އެކަލޭގެފާނުގެ ރިސާލަތާ ބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ އެކަލޭގެފާނުގެ ޙަޔާތްޕުޅާ ބެހޭގޮތުން އެއްވެސް އިތުރު ތަފްސީލެއް ބަޔާން ކުރައްވާފައެއް ނުވެއެވެ. އެހެންކަމުން ތާރީޚު ފޮތްތަކާއި ތަފްސީރު ފޮތްތަކުގެ އަލީގައި އެކަލޭގެފާނުގެ ޙަޔާތްޕުޅަށް ފަނޑުނަމަވެސް އައްޔެއް އަޅުވާލެވޭތޯ އަޅުގަނޑު މަސައްކަތްކޮށްލާނެމެވެ.
ނަންފުޅާއި ނަސަބުފުޅު
علاّمة إبن كثير رحمه اللّـه އޭނާ ލިޔުއްވި ތާރީޚުފޮތްކަމުގައިވާ އަލްބިދާޔާ ވައްނިހާޔާގެ ދެވަނަ ޖިލްދުގެ 285 ވަނަ ޞަފްޙާގައި، إبن إسحاق رحمه اللّـه އާ ޙަވާލާ ދެއްވައި اليسع عليه السّلام ގެ ފުރިހަމަ ނަންފުޅެއްކަމުގައި ލިޔުއްވާފައިވަނީ اليسع بن أخطوب އެވެ. އަދި ހަމައެފޮތުގައި، ابن عساكر އޭނާ ލިޔުއްވި ތާރީޚު ދިމިޝްޤުގައި ލިޔުއްވާފައިވާ ކަމަށް، ނަކަލު ކުރައްވާފައިވަނީ ކުރިންދެންނެވުނު ނަސަބުފުޅާ ތަފާތު ނަސަބުފުޅެކެވެ. އެނަސަބުފުޅަކީ اليسع بن الأسباط بن عدي بن شوتلم بن أفراثيم بن يوسف بن يعقوب بن إسحاق بن إبراهيم الخليل އެވެ.
ތާރީޚުގެ ބައެއް އެދުރުން ވިދާޅުވާގޮތުގައި اليسع عليه السّلام އަކީ إلياس عليه السّلام ގެ ބޮޑުބޭބޭފުޅުގެ ދަރިކަލެކެވެ. { ބައްލަވާ الحافظ ابن عساكر ލިޔުއްވި تاريخ دمشق ގެ ފުރަތަމަ ޖިލްދުގެ 214 ވަނަ ޞަފްޙާ އަދި الحافظ إبن كثير رحمه اللّـه ލިޔުއްވި އަލްބިދާޔާ ވައްނިހާޔާގެ ދެވަނަ ޖިލްދުގެ 285 ވަނަ ޞަފްޙާ އަދި 286 ވަނަ ޞަފްޙާ}
الجامع لأحكام القرآن ގައި އެފޮތުގެ މުއައްލިފު الإمام القرطبي ލިޔުއްވާފައިވެއެވެ. وهب بن منبِّه ވިދާޅުވެފައިވެއެވެ. اليسع عليه السّلام އަކީ إلياس عليه السّلام ގެ އަޞްޙާބުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. اليسع عليه السّلام ނަބީކަމާއިގެން ފޮނުއްވުނީ زكريا عليه السّلام އާއި يحيى عليه السّلام އާއި عيسى عليه السّلام ގެ ކުރީންނެވެ. { الجامع لأحكام القرآن ގެ އަށްވަނަ ޖިލްދުގެ 450 ވަނަ ޞަފްޙާ}
ތާރީޚުގެ ބައެއް ފޮތްތަކުގައި ރިވާވެގެންވާ ގޮތުގައި اليسع عليه السّلام ބޮޑުފުޅުވީ إلياس عليه السّلام ގެ ހަރުދަނާ ބެއްލެވުމުގެ ދަށުންނެވެ. حسن البصري رحمه اللّـه ގެ އަރިހުން قتادة ރިވާކުރައްވާފައިވެއެވެ. اليسع عليه السّلام ނަބީކަމައިގެން ފޮނުއްވުނީ إلياس عليه السّلام ގެ ފަހުންނެވެ. އެކަލޭގެފާނު މާތް الله سبحانه وتعالى، ގެ އެއްކައުވަންތަ ދީނަށް މީސްތަކުންނަށް ގޮވައިލެއްވިއެވެ. އެކަލޭގެފާނުގެ ގޮވައިލައްވަމުން ގެންދެވީ إلياس عليه السّلام ގެ ޝަރީޢަތަށް މީސްތަކުން ތަބާވުމުގެ މައްޗަށެވެ. އެ މިންހާޖުގައި މީސްތަކުން ސާބިތުވެ ތިބުމަށެވެ. اليسع عليه السّلام އަވަހާރަވެއްޖެއުމަށް ދާންދެން އެގޮތުގައި ދެމިހުންނެވިއެވެ. { ابن كثير ގެ قصص الأنبياء ދެވަނަ ޖިލްދުގެ 252 ވަނަ ޞަފްޙާ/ تاريخ الطبري ގެ އެއްވަނަ ޖިލްދުގެ 462 އަދި 464 ވަނަ ޞަފްޙާ}
شيخ الإسلام إبن تيميّة، الجواب الصحيح އޭ ކިޔުނު ފޮތުގެ ލިޔުއްވާފައިވެއެވެ. اليسع عليه السّلام އަށް މާތް الله سبحانه وتعالى، ދެއްވި މުޢުޖިޒާތްތަކުގެ ތެރޭގައި ﷲ ގެ އިޒުނަފުޅާއެކު މަރުވެފައިވާތަކެތި ދިރުއްވުމާއި، ކަނު މީހުންނާއި ޖުޒާމްބަލިޖެހިފައިވާ މީސްތަކުން ރަނގަޅުކޮށްދެއްވުން ހިމެނެއެވެ. އެކަލޭގެފާނު އުރުދުންގެ ކޯރު ހުރަސްކުރެއްވުމަށްޓަކައި އެކޯރުގެފެންގަނޑު މާތް الله سبحانه وتعالى ހިއްކަވައިދެއްވިއެވެ. މިވާހަކަތަކަކީ إسرائيلية ގެ ތެރެއިން ހިމެނިގެންވާ ވާހަކަތަކެވެ. މިއީ ކިހާ ޞައްޙަ ވާހަކަތަކެއް ކަމެއް އެނގިފައެއް ނުވެއެވެ. {ބައްލަވާ الجواب الصحيح ގެ 451 ވަނަ ޞަފްޙާއިން ފެށިގެން 454 ވަނަ ޞަފްޙާއަށް}
މިދަންނަވާ ލެވުނީ ތާރީޚުގައި اليسع عليه السّلام ގެ ވާހަކަތައް ބަޔާންކުރެވިފައިވާ ގޮތުގެ ބައެއް މިސާލުތަކެވެ. ދެން މިބަލައިލަނީ ކީރިތި ޤުރްއާނުގައި اليسع عليه السّلام ގެ ވާހަކަ ބަޔާން ކުރައްވާފައިވާ ގޮތަށެވެ.
ކީރިތި ޤުރުއާނުގައި
ކުރިންވެސް ދެންނެވިފައިވާނޭ ފަދައިން، اليسع عليه السّلام ގެ ސީރަތުގެ އެއްވެސް މިންވަރެއް ބަޔާން ކުރައްވާފައެއް ނުވެއެވެ. އެކަލޭގެފާނުގެ ޝަރީޢަތުގެ ތަފްސީލެއް އަދި އެކަލޭގެފާނު ޙަޔާތްޕުޅުގެ އެއްވެސް ތަފްސީލެއް ބަޔާން ކުރައްވާފައެއް ނުވެއެވެ. ކީރިތި ޤުރްއާނުގައި ދެފަހަރު އެކަލޭގެފާނުގެ ނަންފުޅު ބަޔާން ކުރައްވާފައިވާއިރު އެދެފަހަރުވެސް އެކަލޭގެފާނުގެ ނަންފުޅު ބަޔާން ކުރައްވާފައިވަނީ اليسع عليه السّلام ގެ މައްޗަށް ސަނާއާއި ތާރިފު ބަޔާން ކުރެއްވުމުގެ ބަސްފުޅުންނެވެ. އެގޮތުން އަންޢާމު ސޫރަތުގެ 86 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
وَإِسْمَاعِيلَ وَالْيَسَعَ وَيُونُسَ وَلُوطًا ۚ وَكُلًّا فَضَّلْنَا عَلَى الْعَالَمِينَ ﴿٨٦﴾
މާނައީ: “އަދި إسماعيل ގެފާނާއި، اليسع ގެފާނާއި، يونس ގެފާނާއި، لوط ގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި ތިމަންރަސްކަލާނގެ އެއިން ކޮންމެ ބޭކަލަކު عالم ތަކުގެ މައްޗަށް މާތްކުރައްވައި އިތުރުކުރެއްވީމެވެ.”
ޞާދު ސޫރަތުގައި اليسع عليه السّلام އަށް ތާރީފު ކުރައްވައި އަރަހުށި الله سبحانه وتعالى، ވަޙީ ކުރައްވާފައިވަނީ އެކަލޭގެފާނަކީ ހެޔޮލަފަ ޞާލިޙުބޭކަލެއްގެ ކަމުގައެވެ. ޞާދު ސޫރަތުގެ 48 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވަނީ މިދަންނަވާ ފަދައިންނެވެ.
وَاذْكُرْ إِسْمَاعِيلَ وَالْيَسَعَ وَذَا الْكِفْلِ ۖ وَكُلٌّ مِّنَ الْأَخْيَارِ﴿٤٨﴾
މާނައީ:”އަދި إسماعيل ގެފާނާއި، اليسع ގެފާނާއި، ذوالكفل ގެފާނު ހަނދުމަކުރައްވާށެވެ! އެހުރިހާ ބޭކަލުންވަނީ ހެޔޮލަފާމީހުންގެ ތެރެއިންނެވެ”.
2 Comments!
Comments are closed.



Me first nice
Awesome
I like to know more
Hope you will write these kinds of precious informations