ކޮފީ

- by - 38- June 16, 2019

“ބްރޯ ނެތްތަ ފެގެއް؟ މަގޮލާ މުޅިން މަޅީގައޭ.” އަހަރެން އިށީނދެގެން އިން މޭޒުގެ އެއްފަރާތުގައި ހުރި ގޮނޑި ދަމާލަމުން ލައިޝާން އިށީނެވެ. އެއީ އަބަދުވެސް އޭނާގެ ޙާލެވެ. ދުވަހަކުވެސް އަތުގައި ލާރި ހުންނަ ކަމަކަށް ނުވާނެއެވެ. އެކަމަކު އަހަރެމެންނަށް އެއީކީ މާބޮޑު މައްސަލައެއް ނޫނެވެ. ލާރި ހުންނާނީ ވަޒިފާއެއްގައި ހަރުލާނަމަތާއެވެ. ގުރޫޕުގެ ފޯރިއާއި ރޫޙު ހިފެހެއްޓުމަށްޓަކައި ލައިޝާން ނޫން ދެވަނަ މީހަކަށް ބޭނުމެއް ނުވާނެއެވެ. އެއީ އަހަރެމެންގެ ހުސް ވަގުތުތައް ފުރުމުގައި އެންމެ މުޙިއްމު ރޯލެއް އަދާކުރާ އެކެކެވެ. އޭނާއާއި ނުލައި އަހަރެމެންގެ ގުރޫޕް ފުރިހަމައެއް ނުވާނެއެވެ. ފޫހި ފިލުވައިދިނުމުގައި ލައިޝާން އެއީ ހަމަ އެއްވަނައެވެ. އޭނާ ހުރެއްޖެނަމަ ކުރާނެ ކަމެއް ނެތިގެން ފޫހިވެފަ ތިބޭކަށް ނުޖެހޭނެއެވެ. އަބަދުވެސް ކޮންމެވެސް ސަކަރާތެއް ޖަހާނެއެވެ.

“ހޫމް… ތި ނެތިއެއް ނުވާނެއްނު؟ އަވަހަށް ޖައްސާ!” އަހަރެން ޖީބުގައި އޮތް ސިނގިރޭޓު ފޮށި ނަގައި ލައިޝާންއަށް އެއްލަމުން ބުނެލީމެވެ.

“ކޮބާތަ މިތާ ވެއިޓަރުން؟ ހާދަ ސްލޯއޭ ދޯ ސާރވްކުރެވޭ ލެއް.. ބަޔަކު މިތަނަށް ވަތްކަންވެސް ނުދަންނަނީ ތޯއްޗެ.” އަހަރެންގެ ކުރިމައްޗަށް ހުރި ގޮނޑީގައި އިން މުފްލިޙް ކޮޅުކޮޅަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ. އަދި އަހަރެން އެއްލި ސިނގިރެޓް ފޮށިން ލައިޝާން ސިނގިރެޓެއް ނަގައި މޭޒުމަތީ ބޭއްވުމާއެކު މުފްލިޙްވެސް ފޮށިން ސިނގިރެޓެއް ނަގައި ރޯކޮށްލިއެވެ. އަހަރެންގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށީ އެވަގުތުއެވެ.

“ކޮބާ! މިހާރު ގުޅަންފެށީ. އަދި މިއުޅެނީ މިތަނަށް ވަދެ ގޮނޑީގަ ރަނގަޅަށް ހަމަޖެހިނުލެވިގެން.” ލައިޝާން އަހަރެންނަށް ބަލާލަމުން މާލާމާތުގެ ރާގަކަށް ބުނެލިއެވެ. އެއާއެކު ކައިރީގައި ތިބި އެންމެންގެ ހުނުމުގެ އަޑު އިވިގެންދިޔައެވެ.

“ސާބަސް. މަ ރިސޯޓުންނޭ އެގުޅަނީ.” އަހަރެން ފޯނުގެ ސްކްރީނަށް ބަލާލަމުން ވަރަށް މޭފުއްޕާލާފައި ބުނެލީމެވެ.
“މީވެސް ދެން ރިސޯޓުން ގުޅާ ގަޑިތަ؟ ހޫނ. ތި ނަގާބަ ދެންވެސް. ކައެ ޖޮބުން ކަނޑާލި ވާހަކަ ބުނަންކަމަށްވެސް ވެދާނެ!” އިޝާންވެސް ހެމުން އަހަރެންގެ ފޯނުގެ ސްކްރީނަށް ބަލާލާފައި ސަމާސާ ކޮށްލިއެވެ. އެއާއެކުވެސް ދެން ތިބި އެންމެން އެއް އަޑުން ހީގަތުމާއެކު އަހަރެން ފޯނު ކަންފަތުގައި ޖަހަމުން ގޮނޑިން ތެދުވެ އެއްކައިރިއަކަށް ޖެހިލީމެވެ. ގުޅީ އަހަރެންނަށް ދެދުވަސް ފަހުން އިން ފްލައިޓުން ރިސޯޓަށް ދިއުމަށްޓަކައި ޖާގަ ހަމަޖެހުނު ވާހަކަ އެންގުމަށެވެ. އަހަރެން ފޯނު ބޭއްވުމަށްފަހު ގަޑި ބަލާލީމެވެ. ގަޑިން ދަންވަރު ބާރަ ޖަހަނީއެވެ. ތެދެކެވެ. މިއީ ދެން ރަސްމީ ވާހަކަތައް ބުނަން ކޮން ގަޑިއެއް ހެއްޔެވެ؟ އެއަށްފަހު ދުވަސްތައް ދިޔަލެއް އަވަސްކަމޭ އަހަރެންގެ ހިތަށްއެރިއެވެ. އަހަރެންގެ އަހަރީ ޗުއްޓީ މިއޮއްގެން ނިމުނީއެވެ. ރަށަށް އައި ފަހުން އަދި ހީވަނީ ތިން ދުވަސްވެސް ނުވެގެން އުޅޭހެންނެވެ. އެހެނަސް 30 ދުވަސް ހަމެވެގެން ދަނީއެވެ. އަހަރެމެން ތިބި މޭޒާއި ދިމާއަށް ދިއުމަށް އެނބުރުނު ވަގުތު އަހަރެންގެ ފޯނަށް މެސެޖެއް އައެވެ. އައީ އަހަރެންގެ ރައްޓެހިން އަހަރެންނަށް ގުޅީ ކަމަށް ހީކޮށް ދިމާކުރި ނަންބަރުންނެވެ.

“ކޮން އިރަކުން އަންނަނީ؟ ވަރަށް ނިދި އާދޭ އެބަ.” އެއީ އަހަރެންގެ އަންހެނުންގެ މެސެޖެކެވެ. އަހަރެން އިރުކޮޅަކުން މިދަނީ ކަމަށް ބުނެ ރިޕްލައި ކޮށްލީމެވެ. އިތުރު އިންތިޒާރެއް ކުރުމަށް އޭނާއަށް ޖެއްސެނީކަން ނުވިސްނޭ ޙާލުގައެވެ. އެހެން ނޫނަސް އަދި ގަޑިން އެޖެހީ ބާރަނޫންހެއްޔެވެ؟ މިހާރު އަހަރެން މިތަނުން ނުކުމެގެން ގޮސްފިނަމަ ރައްޓެހިން އަހަރެންނަށް ހާދަހާ މަލާމާތެއް ކުރާނެއެވެ.

އަހަރެންގެ “އިރުކޮޅު” ވީ 2 ގަޑިއިރަށްވުރެ ވެސް ގިނަ އިރުކޮޅަކަށެވެ. ގެއަށް ދެވުނު އިރު ގަޑިން މެންދަމުން އަލިވެ 2 ގަޑި 30 ވެއްޖެއެވެ. ރައްޓެހިންނާ އެކީގައި ވާހަކައިގައި ޖެހި ވަގުތު ދިޔަ ގޮތެއްވެސް ނޭނގުނެވެ. އަހަރެން މަޑުމަޑުން ކޮޓަރީގެ ދޮރަށް ތަޅުދަނޑި ޖަހާލީމެވެ. އަދި އެއަށްވުރެ މަޑުމަޑުން ތަޅު ހުޅުވާލުމަށްފަހު އެތެރެއަށް ވަދެ ދޮރު ލައްޕާލީމެވެ. އަދި ކުޑަ އެނދުގައި ނިދިފައި އޮތް އަހަރެންގެ ކުޑަ ދަރިފުޅަށް ނަޒަރެއް ނިދުމަށްފަހު ކައިރީގައި ހުރި އެނދުގައި އެއްއަރިއަކަށް ލޯމަރާލައިގެން ނިދާފައި އޮތް އަހަރެންގެ އަނބިމީހާއަށް ބަލާލީމެވެ. އަދި އަވަސް އަވަހަށް ފާޚާނާއަށް ވަދެ ފެންވަރާލީމެވެ. ބޭނުންވަނީ ގައިން ދުވާ ސިނގިރެޓު ވަސް ފިލުވާލާށެވެ. އެހެން ނޫނީ އަނެއްކާ މިކަންވެސް މައްސަލައަކަށް ވެދާނެއެވެ.

ފެންވަރާލައިގެން އައިސް އަހަރެން ނިދަން ތައްޔާރުވެގެން އެނދުގައި އޮށޯތީމެވެ. އަދި ކައިރީގައި އޮތް މަލްސާއަށް ބަލާލީމެވެ. އޭނާ އޮތީ ގަދަ ނިދީގައެވެ. އަހަރެން ފޯނު ނެގުމަށްފަހު ގަޑި ބަލާލީމެވެ. އޭރު ގަޑިން 3 ޖެހީއެވެ. މިހާއިރު ވާއިރު އެއްވެސް މީހަކަށް ނުނިދައި އެނދުގައި އޮވެވޭނެ ހެއްޔެވެ؟ އެހެންކަމުން އަހަރެން އޭނާއަށް އުނދަގޫނުކޮށް ނިދާލަން ނިންމާފައި ފޯނު ނަގައި ފޭސްބުކް ހުޅުވާލީމެވެ. އެކުވެރިން ޖަހާފައި ހުރި ސަކަރާތްތައް ބެލުމުގައާއި ސްޓޭޓަސްތަކަށް ކޮމެންޓް ކުރުމުގައި ވަގުތުކޮޅެއް ދުއްވާލުމަށްފަހު އަހަރެންނަށް ނިދުނުއިރު 4 ވެސް ޖަހައިފިއެވެ.

އަހަރެންނަށް ހޭލެވުނީ މަލްސާ އަހަރެންނަށް ގޮވާ އަޑަށެވެ.

“ތެދުވެބަލަ ނަމާދުކުރަން. މިހާރު ބަންގިވެސް ގޮވައިފި. ދެން ޔާންއަކަށް ނުވެސް ދެވޭނެ ޖަމާޢަތް ފަށަންވާ އިރަށްވެސް.” އެއީ އަހަރެން ލޯބިވާ އަހަރެންގެ އަނބިމީހާގެ އަޑެވެ. އޭރު އޭނާ އަހަރެންނަށް ގޮވާތާވީ ކިހާ އިރެއްކަމެއް ނޭނގެއެވެ. އަހަރެން “ހޫނ” ލައްވާލަމުން ކައިރީގައި އޮތް ބާލީހުގައި ބާރަށް ބައްދާލާފައި އަނެއްކާވެސް ނިދީގެ މީރުކަމުގެ ތެރެއަށް ގެނބުނީމެވެ. އެންމެ ފަހުން އޭނާވެސް ހަތިޔާރު ބަހައްޓާފައި އަހަރެންނަށް އުނދަގޫ ނުކޮށް ގޮސް ނަމާދަށް އަރައިފިއެވެ.

އަހަރެންނަށް ހޭލެވުނީ ދަރިފުޅު ރޯއަޑަށެވެ. އެއަޑު ނާހައި ނިދި ހަމަކުރެވޭތޯ ބަލަމުން ބޮލުގައި ބާލީސް އަޅައިގެން ނިދޭތޯ މަސައްކަތް ކުރީމެވެ. އެހެނަސް އަޑު ކަނޑައިގެން ނުދިއުމުން އަހަރެން ނިދިން ބަރުވެފައިވާ އެސްފިޔަތައް ދުރުކޮށްލަމުން ލޯ ހުޅުވާލައި ބަލާލީމެވެ. އޭރު އަންހެނުން ދަރިފުޅު މަސަލަސްކުރަން އުޅެއެވެ.

“ކީއްވެގެންތަ އެވަރަކަށް އެރޮނީ؟” ގަޑިއަށް ބަލާލަމުން ހިތްހަމަނުޖެހިފައި އަހަރެންނަށް ބުނެވުނެވެ. އޭރު އަދި ގަޑިން ނުވަގަޑި ތިރީސް ވީއެވެ. ފަތިސްވީފަހުން ނިދި މީހަކަށް މިހާ އަވަހަށް ހޭލަން ޖެހުމަކީ ކިހާ ބޮޑު ބޭއިންސާފެއް ހެއްޔެވެ؟ އެއީ އަހަރެންގެ ހިތުގައި އުފެދުނު ޝަކުވާއެވެ. އެހެނަސް އެޝަކުވާ ބޭރުކުރެވޭކަށް ނެތެވެ. ރޮނީ އަހަރެންގެވެސް ދަރިފުޅެވެ.
“އިއްޔެއެއް ނޫންތަ ވެކްސިން ޖެހީ؟ ފައިގަ ރިއްސާތީއޭ އަދިވެސް އެރޮނީ.” މަލްސާ ދަރިފުޅު ގޮވައިގެން ދެކޮޅަށް ހިނގަމުން ބުނެލިއެވެ. ދަރިފުޅަށް ހަމަސް ފުރުނީ އިއްޔެއެވެ. ވެކްސިން ޖެހީވެސް އަހަރެންގެ ލޯ ކުރިމަތީގައެވެ. އެހެނަސް އަހަރެން އެކަން ކުޑަކޮށްވެސް ހަނދާނެއް ނެތެވެ. ވެކްސިން ޖެހިފަހުން އަހަރެންނަށް ގެއަށް ވަދެވުނީ އެންމެ ދެފަހަރުކަން ހަނދާންވީ ދެނެވެ. އެއީ ހަވީރު ކުޅެން ދިއުމަށް ތައްޔާރުވާށާއި ކުޅެ ނިމިގެން އައިސް ފެންވަރާލުމަށެވެ. އެއަށްފަހު ބޭރަށް ދިޔަ މީހާއަށް އާދެވުނީ ކޮފީ ނިންމާލުމަށްފަހު 2 ގަޑި ތިރީސްވީ ފަހުންނެވެ. ރޭގަނޑުގެ ކެއުންވެސް ނިންމާލެވުނީ ރައްޓެހިންނާއި އެކީގައި ބޭރުންނެވެ. އަހަރެން ދަރިފުޅަށް ވެކްސިން ޖެހިކަން ކުޑަކޮށްވެސް ހަނދާންވި ނަމަ އެއަށްވުރެ ކުރިން ގެއަށް އާދެވުނީސް ކަންނޭނގެއެވެ. އަހަރެން މަޑުމަޑުން ތެދުވެ ދަރިފުޅުގެ ވެކްސިން ޖަހާފައިވާ ފަޔަށް ބަލާލީމެވެ. ވެކްސިން ޖަހާފައިވާ ހިސާބު ވަނީ ދުޅަވެފައެވެ.

(ނުނިމޭ)

38

You may also like...

7 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
 1. mi story rythi ingeyy… I just love naughty boy kudhin ulhey stories… my Yaan ahh dhera gothehh nuhadhahhcheyy…

  ⚠Report!
 2. Alhey varah reethi story eiy💗💗💗 vvvv rangalhu sifakurunthavves ingey😊😊😊😊MASHA ALLAH 🙂🙂🙂🙂😊😊😊feshunves vvvv rangalhu ingey💖💖💖❤️❤️ varah thafaathu vaahaka akau kanneynge mi vaahaka vaanee😊😊😊😊hehe…… Mi vaahakaige nan kiyaaleemaves heevanee v thafaathu vaahaka akau vaane hen ingey💗💗💗💗🙂🙂🙂🙂😊😊😊😊Thank you mihaa reethi story eiy genesdheythee 💗💗💞💞❤️❤️💖💖curiously waiting for the next part🙂🙂🙂

  ⚠Report!
 3. Ma Sha Allah…Feshun vv rythi ingey Zim…
  Kon irakun next part upkohlaany….keep going ingey …waiting fr the next🙂

  ⚠Report!

Leave a Reply

Your email address will not be published.