ކުށަކާ ނުލާ 4
ހުދާ އަވަސް އަވަހަށް ފޯން ނަގާ ބަލާލި އިރު ގުޅަނީ ނިހާލްއެވެ.
“ނިހާލް!” ހުދާއަށް ގޮވާލެވުނެވެ.
“ބެލްކަނީ ދޮރު ހުޅުވާލަބަލަ، އަހަންނޭ” ނިހާލް އެހެން ބުނުމާއެކު ނަދާގެ އަތުން ދޫކޮށްލާފައި ގޮސް އެ ދޮރު ހުޅުވިއެވެ. އަދި ނިހާލްއަށް އެތެރެއަށް ނުވަދެވެނީސް ނިހާލް ގައިގައި ބައްދާލިއެވެ.
“ހުދާ…” ނިހާލް ހުދާ ގޮވައިގެން އެތެރެއަށް ވަދެ ދޮރު ލައްޕާލިއެވެ.
“ދޮންތަބޭ، ކިހިނެއް…؟” ބެލްކަނީގެ ދޮރަށް އިޝާރާތް ކޮށްލަމުން ނަދާ ކުރަން ފެށި ސުވާލު ފުރިހަމަ ނުކޮށް ހުއްޓާލިއެވެ.
“ކޮޓަރި ބެލްކަނިން ފުންމާލީ—” އެ ވަރަށް ނިހާލްއަށް ބުނެވުނު އިރަށް ހުދާ ނިހާލްއާ ދުރަށް ޖެހިލާ އެ މޫނަށް ބަލާލިއެވެ.
“އެހާ ދުރުން؟ ނިހާލްއަށް ކަމެއް ވީ ނަމަ..؟ ވެއްޓުނު ނަމަ…؟” ހުދާގެ ހިތުގައި ނިހާލްއަށް ޓަކާ ބިރުވެރިކަން އުފެދިގެން އައެވެ. ހުދާއާ ބައްދަލު ކުރުމަށް ނިހާލް އެ ފަދަ ބޮޑު ނުރައްކަލަކާ ކުރިމަތި ލާފާނެ ކަމަކަށް ހުދާ އެއްގޮތަކަށްވެސް ހިއެއް ނުކުރެއެވެ. ނިހާލް އެ ފުންމާލީ ޖެހިގެން ހުރި ނިހާލްމެންގޭ ތިން ވަނަ ފްލޯރ އިން ހުދާމެންގޭ ދެވަނަ ފްލޯރ އަށެވެ.
“ކަމެއް ނުވެޔޭ، އެހާ ދުރެއް ނޫނޭ އެއީ” ހުދާގެ މޫނުގައި އަތް ޖައްސާލަމުން ނިހާލް ހީލިއެވެ.
“ނިހާލްއަށް ދުރު ނޫނަކަސް އަހަންނަށް އެއީ ވަރަށް ދުރު… ދެން ދުވަހަކުވެސް އެކަހަލަ ކަމެއް ކޮށްގެން ނުވާނެ، އަހަރެން ބުނީމެއްނު ނިހާލް ބުނި ތަނަކަށް އަހަރެން ގޮސްދާނަމޭ” ނިހާލްގެ އަތްމަތީ އަތް ޖައްސާލަމުން ހުދާ ބުންޏެވެ.
އިތުރު އެއްޗެއް ނުބުނެ ނިހާލް ބޯޖަހާލިއެވެ.
ދެން ދިޔައީ ހިމޭން ކަމާ އެކު އެކަކު އަނެކަކަށް މޫނަށް ބަލަން ތިބެވުނު ވަގުތުކޮޅެކެވެ. އެއީ ދެ މީހުން އެ ގޮތަށް ބައްދަލުވި ފުރަތަމަ ފަހަރެވެ. އެފަދަ ގާތް ކަމެއް ހިއްސާ ކުރެވޭ ފުރަތަމަ ފަހަރެވެ. ދައްކަން ބޭނުންވި އެތައް ވާހަކައެއް ހުރި ނަމަވެސް އެގޮތަށް ތިބެވުނީއެވެ.
އިރުކޮޅަކު ނިހާލްއާ ހުދާއަށް ބަލަން ހުރެފައި ނަދާ ފާހާނާއަށް ވަނީ އެ ދެ މީހުންނަށް އެކަނިވެލާނެ ފުރުސަތެއް ދިނުމަށެވެ.
“ނިހާލް، އަހަރެން ބޭނުމެއް ނޫން ޝާމިލްއާ އިންނާކަށް، ނިހާލް ނޫން މީހަކާ އިންނާކަށް އަހަރެން ބޭނުމެއް ނޫން… ކޮންމެސް ގޮތެއް ހަދާބަލަ… މަންމައާ ނިހާލް ވާހަކަ ދައްކަބަލަ… ނޫނީ ޒުލްފާއްތައާ ވާހަކަ ދައްކަބަލަ… ނިހާލް ބައްޕަ ކައިރީ ބުނެގެން ވިޔަސް—” އާދޭހުގެ ރާގެއްގައި ވާހަކަ ދައްކަމުން ދިޔަ ހުދާގެ ތުންފަތުގައި ނިހާލް އިނގިލި ޖައްސާލީ ބައްޕަގެ ވާހަކަ ހުދާ ބުނުމުންނެވެ.
“ހުދާއަށް އެނގެއެއްނު އެއީ އަހަރެންގެ ބައްޕައަށް ވުރެ ބޮޑަށް ޝާމިލްގެ ދޮންބައްޕަ ކަން؟ އަހަރެން އެއްވެސް ކަމަކު ބުނާކަށް ނުދާނެ ކަން؟” ނިހާލް ބުންޏެވެ.
ހުދާ އިސްޖަހާލިއެވެ. ނިހާލްއާ ނިހާލްގެ ބައްޕަގެ ގުޅުން އޮތް ގޮތް ހުދާއަށް އެނގެއެވެ. ނޭނގޭ ކަމެއް ވިއްޔާ ނިހާލް ވަނީ ކިޔާދީފައެވެ. ބައްޕައާ ވާހަކަ ދެއްކި ނަމަވެސް އެއްވެސް ކަމަކު ނިހާލް ބައްޕަގެ ފަރާތުން ނޭދޭނެކަން އެތައް ފަހަރަކު ނިހާލް ވަނީ ހުދާ ކައިރީ ބުނެފައެވެ. ނިހާލްގެ މަންމައާ މެދު ބައްޕަ ކަންތައް ކޮށްފައިވާ ގޮތުންނެވެ.
“ސޮރީ…” ހުދާ މާފަށް އެދުނެވެ.
“ހުދާ މާފަށް އެދޭކަށް ނުޖެހޭނެ… އެހެން ކޮންމެ ކަމެއްވެސް އަހަރެން ކުރާނަން” ނިހާލް ދެ އަތުން ހުދާގެ މޫނުގައި ހިފާ އުފުލާލިއެވެ.
“މަންމަ… އަހަރެން ބުނެގެން ގަބޫލެއް ނުވި… ނިހާލް ބުނެފިއްޔާ ފަހަރެއްގަ… ނިހާލް މަންމައާ ވާހަކަ ދައްކާނަން ދޯ؟” ހުދާ އެދުނެވެ.
“ކަން ބޮޑު ނުވޭ، އަހަރެން ހުދާގެ މަންމައާ ވާހަކަ ދައްކާނަން، ފަހަރެއްގަ އޭރުން މަންމަ ގަބޫލު ވެދާނެއެއްނު” ހުދާ ހިތްހަމަ ޖައްސައިދިނުމަށް އެހެން ބުނި ނަމަވެސް ހުދާގެ މަންމަ، ނިހާލްއާ ހުދާ ގުޅުމަށް ގަބޫލު ވެދާނެހެން ނިހާލްއަކަށް ހިއެއް ނުވެއެވެ. އެހެން ނަމަވެސް ހުދާއަށް ޓަކާ ނިހާލް ސާޖިދާ އާ ވާހަކަ ދައްކާނެއެވެ. ސާޖިދާ ގަބޫލު ނުވި ނަމަވެސް ހުދާ ބޭނުން ވާނަމަ ނިހާލް ހުދާއާ ކައިވެނި ކުރާނެއެވެ. މަންމަ ނެތް ދުނިޔޭގައި އެއްބަނޑު އެއްބަފާ ކޮއްކޮ ފިޔަވައި ނިހާލް އެންމެ ލޯބިވާ އިންސާނަކީ ހުދާއެވެ. އަދި އަމްދުން ހުދާމެން ގޭތެރޭގައި ސާޖިދާގެ ކަންތައް ހުންނަ ގޮތް ނިހާލްއަށް އެނގޭތީ، ނިހާލް ބޭނުން ވަނީ ހުދާ އެދޭ ފަދަ ދިރިއުޅުމެއް ހުދާއަށް ހޯދައިދޭށެވެ. ހުދާ ބޭނުން ހިސާބަކަށް ކިޔެވުމުގެ ފުރުސަތު ދޭށެވެ.
“އަހަރެން ބޭނުމީ މިގެއިންވެސް ދާން، މަންމައަށް އަހަރުމެންގެ އުފަލާ މެދު ނުވިސްނެނީ ކީއްވެ ކަމެއް ނޭނގޭ” ޝަކުވާގެ ރާގެއްގައި ހުދާ ބުންޏެވެ.
“ތިހެން ނުބުނޭ… މަންމަވެސް ވިސްނާނީ ހުދާމެންނަށް ރަނގަޅު ވާނެ ގޮތަކަށް، އެކަމަކު އެ ގޮތް އަދި މަންމައަށް ނޭނގެނީ، އަދި ވިސްނޭނެ… ދެން ދެރަ ނުވޭ” ހުދާ ގެނެސް މޭގައި ޖައްސާލަމުން ނިހާލް ބުންޏެވެ.
އެކަކު އަނެކަކު ގައިގައި ބައްދާލައިގެން އިރުކޮޅަކު ތިބެފައި ދެގަޑި ބައި ވާން ކައިރި ވުމުން ނިހާލް ދުރަށް ޖެހިލިއެވެ.
“ދެން ދަނީ…” ދާން ބޭނުން ނުވެފައި ހުރެގެން ބުނާ ފަދަ ގޮތަކަށް ނިހާލް ބުންޏެވެ.
ބޯ ޖަހާލާފައި ހުދާ ނިހާލްގެ އަތުގައި ހިފައިގެން ކޮޓަރިން ނިކުތެވެ. ސާޖިދާއަށް ނޭނގި ނިހާލް އެގެއިން ނިކުތީ ހުދާއާ ނަދާގެ އެހީގައެވެ.
އަނެއް ދުވަހު ހުދާ އޮފީހަކަށް ނުދެއެވެ. މެންދުރު ނަދާ ސްކޫލުން ގެޔަށް އައިތާ މާ ގިނަ އިރެއް ނުވެ ނިހާލް ހުދާއަށް ފޯން ކުރިއެވެ. ސާޖިދާއާ ވާހަކަ ދެއްކުމަށް އެ ގެޔަށް އަންނަ ވާހަކަ ބުނާށެވެ. ދިހަ ވަރަކަށް މިނަޓް ފަހުން ގޭގެ ބެލް ޖަހާލި އަޑު އިވުމުން ހުދާއާ ނަދާ އެކުގައި ސިޑިން ފޭބި އިރު ސާޖިދާ ދޮރު ހުޅުވަނީއެވެ.
“އައްސަލާމް ޢަލައިކުމް!” ދޮރުމަތީ ހުރި ނިހާލް ފެނުމުން ސާޖިދާ ބަލަހައްޓައިގެން ހުންނަން ފެށުމުން ނިހާލް ސަލާން ގޮވާލިއެވެ.
“ކީއް ކުރަން ތި އައީ؟” ސަލާމުގެ ޖަވާބު ދިނުމެއް ނެތި ސާޖިދާ ނުރުހުން ވެފައި އަހާލިއެވެ.
“މަންމާ…! އާދޭ އެތެރެއަށް… އިށީނދޭ…” ސާޖިދާ ކަންތައް ކުރި ގޮތުން ލަދު ގެންފައި ހުރި ނަދާ އައިސް ސާޖިދާއަށް ގޮވާލާފައި އަތުގައި ހިފާ އެތެރެއަށް ވައްދަމުން ނިހާލްއަށްވެސް އިށީނުމަށް ދައުވަތު ދިނެވެ. އެއްޗެއް ބުނަން ނުކެރިފައި ދުރުގައި އެ މަންޒަރު ބަލަން ހުދާ ހުއްޓެވެ.
“ދެން ބުނެބަލަ!” ނިހާލް އިށީނުމުން ސާޖިދާވެސް އިށީނދެފައި ބުންޏެވެ.
“ހުދާއާ އަހަރެން ކައިވެނި ކުރަން ބޭނުން ވާތީ މިއައީ ހުދާ މަންމަގެ ހުއްދައަށް އެދެން” އިތުރު ވާހަކައެއް ދެއްކުމެއް ނެތި ނިހާލް ސީދާ މައުޟޫއަށް ދިޔައެވެ.
ސާޖިދާ ނިހާލްއަށް ޖަވާބެއް ނުދީ ސިޑި ކައިރީ ހުރި ހުދާއަށް ބަލާލިއެވެ.
“ހުދާ މަންމަ ގަބޫލު ކުރޭ، އަހަރެންނާ ކައިވެނި ކުރުމަށް ފަހު ހުދާ ގެންގުޅޭނީ ވަރަށް ލޯބިން، އެއްވެސް ކަމަކަށް ދަތި ވިޔަކަ ނުދޭނަން، ހުދާ ހުންނާނީ އިރާދަ ކުރެއްވިއްޔާ ވަރަށް ހުފަލުން” ނިހާލް އިތުރަށް ބުންޏެވެ.
“ހުދާގެ ކައިވެނި އެހެން މީހަކާ ކުރަން އަހަރެން ހަމަ ޖައްސައިފިން” ނިހާލްގެ މޫނަށް ބަލާލަމުން ސާޖިދާ ބުންޏެވެ.
“އެކަމަކު ތީ ހުދާ ބޭނުން ވާ ގޮތެއް ނޫން” ނިހާލްގެ އަޑުގައި ޖެހިލުމެއް ނުވެއެވެ.
“މީކީ ބޭރު މީހުން އައިސް ބެހެން ޖެހޭ ކަމެއް ނޫން، ނިހާލްއަކާވެސް ނުބެހެވޭނެ. އަހަރެންގެ ދަރިންގެ ކަންތައް ކުރާނެ ގޮތް އެނގޭނީ އަހަންނަށް. ހުދާ ބުންޏެއް ކަމަކު ކޮންމެ ކޮންމެ މީހަކާ ނީނދެވޭނެ، މަގޭ ދަރިން އިންނަން ޖެހޭނީ މަ ބުނާ މީހަކާ، މަ ބުނާ ދުވަހަކުން” ސާޖިދާ ބުނަން ބޭނުން ވި އެއްޗެއް ބުނެފައި ދާން ތެދުވިއެވެ.
“މަންމާ، އަހަރެން ބުނެފީމެއްނު ޝާމިލްއަކާ ނީންނާނަމޭ…؟ އަހަރެން އިންނާނީ ނިހާލްއާ” ސާޖިދާގެ ކުރިމައްޗަށް އައިސް ހުއްޓިފައި ހުދާ ބުންޏެވެ.
“އަހަރެން އިއްޔެ ހުދާއަށް ޖަވާބު ދީފަ އޮންނާނީ، އިތުރަކަށް މިކަމުގަ ދައްކާނެ ވާހަކައެއް ނޯންނާނެ، ނިހާލްވެސް ދެން ދޭ” ސާޖިދާ ހުދާއަށް ބުނެލިއެވެ.
“ހުދާ މަންމާ، ހުދާގެ ރުހުމާ ދެކޮޅަށް ތި ނިންމަނީ އަދި ރަނގަޅު ނިންމުމެއް ނޫން” ނިހާލްވެސް ތެދުވިއެވެ.
“މިބުނީނު މިކަމުގަ ދެން ދައްކާނެ ވާހަކައެއް ނޯންނާނެޔޭ؟ މިއަދުގެ ފަހުން ދެން ނިހާލް ހުދާއާ ވާހަކަ ދައްކައިގެން ނުވާނެ، ތި ދެމެދުގަ އޮތް ގުޅުމެއް ވިއްޔާ ދެން ކަނޑާލާ، ހުދާއާ ދެން ބައްދަލު ކޮށްގެން ނުވާނެ” ސާޖިދާ ނިހާލްއަށް އެންގިއެވެ.
“އަހަރެން މި ބުނީނު ޝާމިލްއަކާ ނީންނާނަމޭ؟ އަހަރެން ނިހާލްއާ އިންނަން މަންމަ ގަބޫލު ނުވިޔަސް އިންނާނީ ހަމަ ނިހާލްއާ. ވަރިހަމަ ކޮންމެ ގޮތެއް ވިޔަސް” ހުދާހެ އަޑުގައި ހުރީ ގޮތް ދޫނުކުރުމެވެ. އެހެން ބުނެފައި އައިސް ނިހާލްގެ އަތުގައި ހުދާ ހިފާލީ ސާޖިދާގެ ކުރިމަތީ ގޮތް ދޫނުކުރާނެކަން ދައްކަން ކަހަލައެވެ.
ރުޅި އައި ނަމަވެސް އެކަން ނުދައްކާ ވޭތޯ މަސައްކަތް ކުރަމުން ސާޖިދާ ވިސްނާލިއެވެ.
“މައްސަލައެއް ނެތް. ތީ ހުދާގެ ނިންމުން ކަމަށް ވަންޏާ އަހަރެން ކުރާނެ ކަމެއް ނެތް. އެކަމަކު އަހަރެން ދުވަހަކުވެސް ތި ކަމަކާ ގަބޫލެއް ނުވާނަން. ހުދާ ހަނދާން ކުރާތި! ހުދާއަށް ނިހާލްއާ އިނދެވޭނީ އަހަންނަކީ މަންމަ ނޫން ކަމަށް ބުނެފަ، ތިކަން ކުރާ ދުވަހުން ފެށިގެން ތީ މަގޭ ދަރިއެއް ނޫން، އެ ދުވަހަކުން ފެށިގެން ބަލާ ހުދާގެ ބައްޕަ ހެން މަންމަވެސް މަރުވީ ކަމަށް…
އަހަރެންގެ ރުހުމާ ދެކޮޅަށް ތިކަން ކުރުމަށް ފަހު، އަހަރެން މަރުވި ދުވަހަކުން މޫނު ބަލަންވެސް އައިސްގެން ނުވާނެ، އަހަރެންގެ ދަރިއަކާވެސް ދެން ހުދާއަކާ ގުޅުމެއް ނޯންނާނެ. މި ގޮތަށް އެއްބަސް ވެފަ ނިކުމޭ މިގޭން!” ސާޖިދާ އެންމެ ފަހު ޖުމްލައާ އެކު ގޭ ދޮރާ ދިމާއަށް އިނގިލި ދިއްކޮށްލިއެވެ.
“މަންމާ….” ސާޖިދާގެ ވާހަކަ ގަބޫޅު ނުކުރެވިފައި ހުރި ހުދާއަށް ބުނެވުނީ ހަމަ އެކަނި އެހެންނެވެ.
“މަށަކީ ހުދާގެ މަންމައެއް ނޫން. ނިކުމޭ މިގޭން” ސާޖިދާގެ އަޑު ކުރިއަށް ވުރެ ބާރު ވިއެވެ.
“މަންމާ… ތިހެން ބުނާކަށްވެސް ނުވާނެ، ދޮންތައަށް އެހެން ނުހަދަބަލަ…” ދެރަވެ ރޮވިފައި ހުރި ނަދާ ގޮސް ހުދާގެ ކޮނޑުގައި ހިފާލިއެވެ. މަންމަގެ ބަސްތައް ނަދާއަށްވެސް ހުރީ ގަބޫލު ކުރަން ދަތިވެފައެވެ.
“މީކީ ނަދާގެ ދޮންތައެއް ނޫން، ދުރަށް ދޭ!” ބާރަށް އައިސް ނަދާގެ އަތުގައި ހިފާ ހުދާއާ ދުރަށް ޖައްސަމުން ސާޖިދާ ބުނެލިއެވެ.
ރޮވިފައި ހުރި ހުދާއަށް ބަލާލެވުނީ ނިހާލްގެ މޫނަށެވެ. ހަދާނެ ގޮތެއް ނުވިސްނިފައެވެ.
ނިހާލް މަޑުމަޑުން ހުދާގެ އަތް ނިހާލްގެ އަތް ތިލައާ ވަކިކޮށްލިއެވެ. ހުދާ އަނެއްކާވެސް ނިހާލްގެ އަތުގައި ހިފަން އުޅުނެވެ. ނަމަވެސް އަވަސް އަވަހަށް ދެ ފަރާތަށް ބޯ ހަލުވާލުމާ އެކު ނިހާލް އެގެއިން ނިކުމެގެން ދިޔައެވެ.
ދުރުގައި ނަދާގެ އަތުގައި ހިފަހައްޓައިގެން ހުރި ސާޖިދާއަށް ބަލާލުމާއެކު ހުދާ ދުވެފައި ގޮސް ސިޑިން އެރިއެވެ. ސާޖިދާގެ އަތް ފޮޅުވާލަމުން ނަދާވެސް ހުދާގެ ފަހަތުން ދިޔައެވެ.
އަނެއް ދުވަހު ހެނދުނު އޮފީހަށް ދާން ތައްޔާރު ވެގެން ހުދާ ގެއިން ނިކުތް ނަމަވެސް ދިޔައީ އޮފީހަކަށް ނޫނެވެ. މީހަކަށް ފެނިދާނެ ކަމުގެ ބިރެއް ނެތި ހުދާ ގޮސް ނިހާލްމެން ގެޔަށް ވަދެ ނިހާލްއަށް ގުޅަމުން މައްޗަށް އެރިއެވެ.
“މިހިރީ ތިގޭގަ…” ނިހާލް ފޯން ނެގުމާއެކު ހުދާ ބުންޏެވެ.
ނިހާލް ކޮޓަރިން ނިކުމެގެން އައިސް ދޮރު ހުޅުވި އިރު ނިހާލްމެން އުޅޭ ބައިގެ ދޮރުމަތީ ހުދާ ހުއްޓާ ފެނުމުން ގޭތެރެއަށް ބަލާލާފައި އަވަސްއަވަހަށް ހުދާ ގޮވައިގެން ގޮސް ވަނީ ނިހާލްގެ ކޮޓަރިއަށެވެ.
ދޮރު ލައްޕާލުމާއެކު ހުދާ ނިހާލް ގައިގައި ބައްދައިގަތެވެ.
“މަންމަ ގޮތް ދުލެއް ނުކުރާނެ ނިހާލް… އަހަރެންނަކަށް ނޭނގެ ހަދާނެ ގޮތެއް… ބުނެބަލަ ނިހާލް، ދެން ކިހިނެއް ހަދާނީ…؟” ނިހާލްގެ މޭގައި ބޯ ޖައްސާލައިގެން ހުރެ ހުދާ ބުންޏެވެ.
“ހުދާ، އަހަރެން ބުނާ ގޮތެއް ހަދާނަންތަ؟” ނިހާލް މަޑު މަޑުން އަހާލިއެވެ.
ޖަވާބެއް ނުދީ ހުދާ ބޯ ހިއްލާ ނިހާލްގެ މޫނަށް ބަލާލިއެވެ.
ހުދާގެ އަތުގައި ހިފައިގެން ގޮސް ނިހާލް އެނދުގައި އިށީނެވެ.
ރޭ ހަތަރު ދަމު ނުނިދާ ނިހާލް ވިސްނިއެވެ. ދުނިޔޭގެ ހުރިހާ ކަމަކަށް ވުރެ ބޮޑަށް ނިހާލް ހުދާ ބޭނުމެވެ. ނަމަވެސް ހުދާގެ މަންމަ އެހާ ނުރުހޭ ކަމަކަށް ހުދާއަށް މަޖުބޫރު ކުރާކަށް ނިހާލް ނޭދެއެވެ. އެއީ ނިހާލްގެ މަންމަ ދީފައިވާ ތަރުބިއްޔަތާ މުޅިން ދެކޮޅު ކަމަކަށް ވީތީއެވެ. މައިން ބަފައިންގެ ނުރުހުމުގައި ދަރިން ކުރާ ކަންތައްތަކުން ފުރިހަމަ ހިތްހަމަޖެހުމާ އުފާ ނުލިބޭނެތީއެވެ.
“ހުދާ މަންމަ ބުނާ ގޮތެއް ހަދާ…” ނިހާލްއަށް އެ ވަރަށް ބުނެވުނު އިރަށް ހުދާ ދެ ފަރާތަށް ބޯ ހަލުވަން ފެށިއެވެ.
“އިހަށް އަޑު އަހާބަލަ…” ހުދާގެ މޫނުގައި ދެ އަތުން ހިފާލަމުން ނިހާލް އެދުނެވެ. “އަހަރުމެންނަށް އެހެން ޗޮއިސްއެއް އެބަ އޮތްތަ؟ ހުދާއަށް މަންމަ އެ ބުނިހެން ހަދާފަ އަހަންނާ މެރީ ކުރެވޭނެތަ؟ ހުދާގެ ފެމިލީ ދޫކޮށްލާފަ އަހަންނާ އެކީ އުފަލުން އުޅެވޭނެތަ؟ މާދަމާވެސް ވާނެ ގޮތެއް ނޭނގޭނެ އެކަކަށްވެސް، ހުދާގެ މަންމައަށް ގޮތެއް ވެއްޖެއްޔާ ހުދާއަށް ދުވަހަކުވެސް އަމިއްލަ ނަފްސަށް މާފު ކުރެވޭނެތަ؟ އެގޮތަށް އަހަރުމެންނަށް ހިތްހަމަ ޖެހުމެއް ނުލިބޭނެ ހުދާ، އެނގެއެއްނު އެކަން؟” ހުދާއަށް ވިސްނައިދެވޭތޯ ނިހާލް މަސައްކަތް ކުރިއެވެ.
ހުދާއަށް ރޮވުނެވެ. ނިހާލް އެ ބުނީ ތެދެކެވެ. މަންމައާ ނަދާއާ ރިދާއަކީ މި ދުނިޔޭގައި ތިބި ހުދާގެ އާއިލާއެވެ. އިތުރު އެހެން މީހަކު ނެތެވެ. ވީ އިރު އެ މީހުން ދޫކޮށްލާފައި އައިސް ހުދާއަށް ނިހާލްއާއެކު އުފާވެރި ދިރިއުޅުމެއް ހޭދަ ކުރެވިދާނެ ހެއްޔެވެ؟
“އަހަރެން ވަރަށް ލޯބިވޭ ހުދާ ދެކެ، އިރާދަ ކުރެއްވިއްޔާ އަބަދުވެސް ވާނަން. އަހަރެން އުމުރަށްވެސް ހުދާއަށް އިންތިޒާރު ކުރާނަން. ހުދާ… ހުދާ ޝާމިލްއާ މެރީ ކުރޭ، ހުދާގެ ސަބަބުން ފަހަރެއްގަ އޭނައަށް ހެޔޮ ބަދަލެއް އައިސްދާނެ، އެގޮތަށް ވޭތޯ ހުދާ މަސައްކަތް ކުރޭ. ހުދާ ޝާމިލްއާ ކައިވެނި ކުރިޔަސް އަހަރެންގެ އެހީއެއް އެއްވެސް ކަމެއްގް ބޭނުން ވަންޏާ ގުޅާލާ، އަހަންނަށް ވާ ވަރުގެ ކަމެއް ވިއްޔާ ކޮށްދޭނަން…
އަހަރުމެން ގުޅެން އޮތިއްޔާ ކޮންމެސް ދުވަހަކުން އެކަން ވާނެ، އެ ދުވަހެއް އަންނަން ދެން އަހަރެން ހުންނާނީ ހުދާގެ އިންތިޒާރުގަ” ނިހާލް ހުދާގެ ބޮލުގައި ފިރުމަމުން ވާހަކަ ދައްކަމުން ދިޔައެވެ.
“އަހަރެންނާ ޝާމިލް އެކީ އުޅޭތަން ބަލަން ނިހާލްއަށް ފަސޭހަ ވާނެތަ؟” ނިހާލްގެ މޫނަށް ބަލާލަމުން ހުދާ އަހާލިއެވެ. އެއީ ނިހާލްއަށް ބަލަން އުނދަގޫ ވާނެ މަންޒަރުތަކަކަށް ވާނެ ކަން އެނގި ހުރެއެވެ.
އެއްޗެއް ނުބުނެ ނިހާލް ދެ ފަރާތަށް ބޯ ހަލުވާލިއެވެ.
“ދެން…؟” ހުދާ އަހާލިއެވެ.
“އަހަރެން ނުހުންނާނަން ދެން މިގެއަކު… މަންމަ ގެ ހަދާ ނިމެން ދެން ނާޒީ ކައިރިއަށް ދާނީ” އެއްބަނޑު އެއްބަފާ ކޮއްކޮ މަތިން ހަނދާން ކުރަމުން ނިހާލް ވަގުތުން ގޮތެއް ނިންމިއެވެ.
އެ ދުވަހު ނިހާލްވެސް އޮފީހަކަށް ނުދެއެވެ. ކޮޓަރީގައި ހުދާ ގޮވައިގެން އެކި އެކި ވާހަކައިގައި ތިނެއް ޖަހަން ދެން އިނދެފައި އެއްވެސް މީހަކަށް ނޭނގި ހުދާ ގޮވައިގެން ނިކުތީ އެ ދުވަހުގެ ފަހުން ދެ މީހުން ބައްދަލު ނުވުމަށް ނިންމައިގެންނެވެ. މަންމަ ބުނި ގޮތަކަށް ކަންތައް ކުރުމަށް ހުދާ އެއްބަސް ވެގެންނެވެ. ކިތަންމެ ހިތް ނޭދުނު ނަމަވެސް އެ ދެމެދުގައި އޮތް ގުޅުން ނިންމާލަމުންނެވެ.
ހަމަ އެކަނި މަންމައަށް ޓަކައެވެ. ސާޖިދާ ކަންތައް އެ ކުރަނީ ރަނގަޅަށް ނޫން ކަން އެނގޭ އިރުވެސް އެއީ މަންމައަށް ވީތީއެވެ. ޝާމިލްއާ ކައިވެނި ކުރުމަށް ފަހު ހުދާއަށް އުފަލެއް ނެތްކަން ޔަގީން ވާ އިރުވެސް އާއިލާ ދޫކޮށްލަން ނޭދޭތީއެވެ.
ދެ ހަފްތާ ފަހުން ހުދާއާ ޝާމިލްގެ ކައިވެނި ކުރެވުނެވެ. ކައިވެނީގެ ކަންތަކުގައި ނިހާލްއަށް ވެވުނު އެހީއެއް ވެދީފައި އެރޭ ކައިވެނި ކުރެވުމުގެ ކުރިން ނިހާލް ނާޒިޔާ މެން ގެޔަށް ބަދަލު ވިއެވެ. ދަމުން ލަތީފް ގާތު އެ ގެއިން ދަނީއޭ ނިހާލް ބުންޏެވެ. އިތުރު ސުވާލެއް ލަތީފް ކުރާނެ ކަމަކަށް ނިހާލް ހިއެއް ނުކުރެއެވެ. ނަމަވެސް ނިހާލް ދަނީ ކީއްވެތޯ ލަތީފް އެހުމުން ޖަވާބެއް ނުދީ ދާކަށް ނުކެރުނެވެ. އަދި ލަތީފް އެ ސުވާލު ކުރުމުން، ޝާމިލްއާ ހުދާގެ ކައިވެނީގެ ހަގީގަތް ލަތީފްއަށް ނޭނގޭ ކަން ނިހާލްއަށް އެނގުނެވެ.
“ކަމެއް ނުވޭ” ނިހާލް ބުނެލިއެވެ.
“ކަމެއް ނުވަންޏާ ކީއްވެ ދާންވީ؟ ހިތް ހަމަ ނުޖެހޭ ކަމެއް ދިމާވީތަ؟” ލަތީފް އަހާލީ ދަރިފުޅާ މެދު ކަންބޮޑުވުމެއް ހިތުގައި ވީތީއެވެ.
“ބަލަން ބޭނުން ނުވާ މަންޒަރުތަކެއް ނުބަލަން ވެގެން މި ދަނީ” ނިހާލް ސީދާ ޖަވާބެއް ދޭކަށް ބޭނުމެއް ނުވިއެވެ.
“ކީކޭ ތި ބުނީ؟ ކޮން މަންޒަރެއް؟” ލަތީފްއަކަށް ނުވިސްނުނެވެ.
“ބައްޕައަކަށް ނޭނގޭނެ އެއްވެސް ކަމެއް… ބަލަން އުޅެގެންނެއްނު ކަމެއް އެނގޭނީ؟” ހިތް ހަމަ ނުޖެހިފައި ނިހާލް ބުނެލިއެވެ. އަދި ދާން ހިނގައިގަތެވެ.
“ނިހާލް، މަޑު ކޮށްބަލަ” ލަތީފް ގޮސް ދަރިފުޅުގެ އަތުގައި ހިފެހެއްޓިއެވެ.
ނިހާލް ހުއްޓިފައި ބައްޕައަށް ބަލާލިއެވެ. އެ ވަގުތު ނިހާލްގެ ލޮލުން، އެ ހިތުގައި ވީ ރިހުން ލަތީފްއަށް ފެނުނެވެ. ދަރިފުޅަށް ހިތާމައެއް ކުރިމަތި ވެގެން އުޅެނީ ކަމުގައި ހިތް ބުންޏެވެ.
“ވީ ގޮތެއް ބުނެބަލަ ދަރިފުޅު، އޭރުންނެއްނު ބައްޕައަށް އެނގޭނީ” ނިހާލްގެ ބުރަކަށީގައި ފިރުމާލަމުން ލަތީފް ލޯތްބާއެކު ބުންޏެވެ.
ޒަމާންތަކެއް ފަހުން ބައްޕައާ ދަރިފުޅާ ދެމެދު އޮންނަ ގުޅުން ނިހާލްއަށް އިހުސާސް ކުރެވުނެވެ. ބައްޕައާ އެކު ގޮސް ނިހާލް އެނދުގައި އިށީނދެ އިސްޖަހާލިއެވެ. ހިތުގައިވާ ހުރިހާ އެއްޗެއް ކިޔައިދޭން ބޭނުންވެ، ނަމަވެސް ނުކެރިފައެވެ.
“ނިހާލް…” ނިހާލްގެ ކޮނޑުގައި އަތް ޖައްސާލަމުން ލަތީފް ގޮވާލިއެވެ. ދަރިފުޅުގެ ވާހަކަ އަޑު އަހަން ބޭނުން ވެގެންނެވެ. ދަރިފުޅު ދެކެ ލޯބި ވާކަން އަންގަން ބޭނުން ވެގެންނެވެ. އެހީއެއް ބޭނުން ނަމަ ތައްޔާރަށް ހުރިކަން ބުނެދޭން ބޭނުން ވެގެންނެވެ. ނަމަވެސް ލަތީފްއަށް ފަސް ޖެހެވެނީ، ޒުލްފާއާ ކައިވެނި ކުރި ފަހުން، ކުދިންގެ މަންމައާ މެދު ކަންތައް ކުރެވުނު ގޮތް ހިތަށް އަރާފައެވެ. އެކަމާ ދެ ކުދިންވެސް ލަތީފްއަށް މާފު ނުކުރެއޭ ހީވާތީއެވެ. ކުދިންނާ ދުރުވެވިފައި ވާ ވަރުންނެވެ.
ނިހާލްއާ ނާޒިޔާއާ ގާތް ކަން ދަމަހައްޓަން ލަތީފް މަސައްކަތް ކުރިއެވެ. ނާޒިޔާއާ އެކު ކޮންމެވެސް ވަރެއްގެ ކާމިޔާބެއް ލިބުނެވެ. ނަމަވެސް ނިހާލް ދުވަހަކުވެސް ލަތީފްއަށް އެ ފުރުސަތެއް ނުދެއެވެ. ވާހަކަ ދެއްކި ނަމަވެސް ދުވަހަކުވެސް ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ނޫނީ ނުބުނެއެވެ. އަމްދުން އިސްވެ ވާހަކައެއް ނުދައްކައެވެ.
ނަމަވެސް އެކަން ރަނގަޅު ކުރަން ލަތީފް ބޭނުން ވެއެވެ. އަދި އަމްދުން މިއަދު ނިހާލް ފެނުމުން އެ ދަރިފުޅުގެ ހާލު ލަތީފްއަށް އިހުސާސް ކުރެވުނެވެ. ސަބަބު ނޭނގުނު ނަމަވެސް ނިހާލްގެ ހިތަށް ތަދުވެފައި ވާކަން ލަތީފް ދެނެގަތެވެ.
“ނިހާލް…” އަނެއްކާވެސް ދަރިފުޅުގެ ނަމުން ލަތީފް ގޮވާލިއެވެ.
“މިގޭގަ… ޝާމިލްއާ… ޝާމިލްއާ ހުދާ އެކީގަ އުޅޭ ތަން ބަލަން ހުންނާކަށް ބޭނުމެއް ނޫން…” ސިއްރުން ކަހަލަ ގޮތަކަށް ނިހާލް އެންމެ ފަހުން ބުންޏެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.








ސަލާމް ކުދިން، އަނެއް ބައި ހޯމަ ދުވަހުން ގެނެސްދޭނަން.
First dhw..story v rythi ingey<3 …waiting fr monday ingey..keep it up Marsha <3 <3 <3
???
Mee sec dhw Varah reethi mi bai ekam thankolheh kuru???…….
Varah reethi
nice keep it up ?????
Nice