ސިޑީގެ ވަކި ހިސާބަކަށް ދިޔަތަނާ ޓެރެސްއާއި ދިމާލުން ނައިނާގެ ބާރު ހަޅޭކުގެ އަޑު އިވިފައި ހައިޒަލްއަށްވީގޮތެއްވެސް ނޭނގުނެވެ. ސިކުންތުކޮޅެއްގެ ތެރޭ ބޮޑު ސިޑިބަރި ގިރާކޮށްލަމުން ޓެރެސްއަށް އެރިއިރު ފެނުނު މަންޒަރަކުން ހައިޒަލްގެ މޫނު ހުދުވެގެންދިޔައެވެ. ހިނދުކޮޅަކަށް ހުއްޓުން އެރިއިރު ބިރުންގޮސް ހިތް ހުއްޓުނީހެން ހީވިއެވެ.
ނައިނާގެ ފަހަތުގައި ކަޅު ހެދުމެއްގައި ނިވާވެގެން ހުރި ޒުވާނާ އުރައިގެ ތެރެއިން ނެގި ވަޅީގެ މިޔަ އަނދިރީގެ ތެރޭގައި ވިދާގަތީ ނުރައްކާތެރިގޮތަކަށެވެ. ހައިޒަލްއާއި ދިމާލަށް ނަޒަރު ހުއްޓިފައިވާ ނައިނާ ހައިޒަލްގެ ނަޒަރު ހުއްޓިފައިހުރި ދިމާލަށް އެނބުރިލަން އުޅުމާއިއެކު އެ މީހާ ނައިނާގެ ބޮލާއިދިމާލަށް ވަޅި މަޅާލުމާއިއެކު ހައިޒަލްއަށް ހުރެވުނުތަންވެސް ނޭނގުނެވެ. ނޫނެކޭ ކިޔާ ހަޅޭލަވައިގަންނަމުންގޮސް ނައިނާގެ ގައިގައި ހިފައިގަނެވުނުއިރު އެ ޒުވާނާ އަވަސް ހަރަކަތާއިއެކު ޓެރެސްގެ ރެއިލިންގް މައްޗަށް އެރިއެވެ. އެވަގުތު ދެޒުވާނުންގެ ނަޒަރު ސީދާވެގެން ދިޔައިރު އެދެލޮލުން ފެނިލި ނުރައްކާތެރިކަމުން ހައިޒަލްގެ ހިތްވެސް ވިރިގެންފޭބިފަދައެވެ. އެ ނަޒަރުން އެކަނިވެސް ބޯމަތިވަމުން އަންނަ ކޮޅިގަނޑުގެ ބޮޑުކަން ހައިޒަލްއަށް އަންގައިދިންފަދައެވެ. ހިތުގައި ހިނގައިގަތް ބިރުވެރިކަމުގެ އިހުސާސާއިއެކު ހައިޒަލްގެ މުޅި ހަށިގަނޑު ފިނިވެގެންދިޔައިރު ނައިނާ ހަށިގަނޑު އެއަތުތެރޭ ފިއްތާލެވުނީ ތަދުވާހާ ބާރަށެވެ. އޭރު އެ ޒުވާނާ ޓެރެސްގެ ރެއިލިންމަތީހުރެފައި ފަރިތަކަމާއިއެކު ބްރިޖްމައްޗަށް ފުންމާލައިފިއެވެ.
“ނައިނާ.. އާރޔޫ އޯކޭ…” ހައިޒަލް ހުއްޓުމެއްނެތި ނައިނާގެ ބޮލުގައި ފިރުމަމުން ހާސްވެފައި ސުވާލުކޮށްލިއެވެ. އޭރު ހައިޒަލްގެ ހަށިގަނޑު ފިނިވަމުންދިޔައިރު ހިތްތެޅެމުންދިޔައީ މޭ ފޫދުއްވާލައިފައި ނިކުންނަހާ ބާރަށެވެ.
“އޯކޭއޭ… ސްކްރީމްކޮށްގެން ހައި ވަރަކަށް ބިރުގަންނަވާލެވިއްޖެދޯ… ކަަރަންޓްކެނޑުނީމަ ލިފްޓް ހުއްޓުނީ ޓެރެސްއަށް… ދެން ޓެރެސްއަށް އެރިތަނާ ތަނެއްގައި އަޅައިގަތީމަ ބިރުން ހަޅޭލަވައިގަނެވުނީ… އައިމް ސޮރީ…” ދެންމެ ނައިނާގެ ފުރާނައާއި އަމާޒުވެގެންދިޔަ ނުރައްކާތެރި އެތިފަހަރުގެ ހިލަމެއްވެސް ނުވެހުރެ ނައިނާ ވާހަކަދެއްކީ ނުހަނު ހަމަޖެހިލައިފައި ހުރެއެވެ. އެވާހަކަތަކުން ހައިޒަލްގެ ހިތަށް ހަމަޖެހުމެއް ލިބުނީ ދެންމެ ވެދިޔަ ކަންތައް ނައިނާއަށް ނޭނގޭކަން ޔަގީންވެފައެވެ. ނައިނާގެ ފުރާނަ ވެއްޓިފައިވާ ނުރައްކާތެރި އަނދަވަޅު އިނގި އެހިތަށް ސިހުމެއް ލިބޭކަށް ހައިޒަލް ނޭނދެއެވެ. ހައިޒަލް މަޑުމަޑުން ލޯމަރާލަމުން ނައިނާގެ ހަށިގަނޑުގައި ވަށާލެވިފައިވާ ދެއަތަށް އިތުރަށް ބާރުކޮށްލިއެވެ. އެއާއިއެކު ނައިނާގެ އިސްތަށިގަނޑުތެރޭ މޫނުފޮރުވާލަމުން ދެލޯމަރާލީ ދެންމެ ލޯމައްޗަށް ނިއުޅިގެންދިޔަ މަންޒަރު ހިތުން ފުހެލަން ބޭނުންވެފައި ހުރިފަދައަކުންނެވެ.
*** *** *** *** *** ***
މަޑު ދުވެލީގައި އައި ކާރު ޑައިމެންޑް ވޭލީގެ ކުރިމައްޗަށް ހުއްޓާލުމާއިއެކު ނައިނާ ކާރުގެ ދޮރުފަތް ހުޅުވާލަމުން ކާރުން ފޭބިއެވެ. އޭރު ހައިޒަލް ކާރުން ފޭބުމެއްވެސް ނެތި ހުންގާނުގައި އަތްއަޅުވާލައިގެން ދެއަތުން މޫނު ފޮރުވާލައިގެން އިންއިރު ނައިނާ ހައިޒަލްއަށް ނަޒަރެއްދެމުން ކުރިއަށް ހިނގައިގަތެވެ. ނައިނާ ކުރިއަށް އަޅާލި ފިޔަވަޅާއިއެކު ހައިޒަލް ކާރުގެ ދޮރުފަތް ހުޅުވާލިގޮތަށް ލައްޕާލުމެއްވެސް ނެތި އައިގޮތަށް އައިސް ފަހަތުން ނައިނާގެ ހަށިގަނޑުގައި ހިފައިގަތެވެ. އެވަގުތު ޑައިމެންޑް ވޭލީއާއި ދިމާލަށް ހައިޒަލްގެ ނަޒަރު ދަތުކުރިއިރު އެގޭގެ ދެވަނަ ބައިގެ ކުޑަދޮރުން ހިޔަންޏެއް ހަރަކާތްކޮށްލިހެން ހީވިއެވެ. ބޮޑަށް ހީވީ ނައިނާއާއި ހައިޒަލްގެ ހަރަކާތްތަކަށް ފާރަލައިގެން ހުރެފައި ކޮންމެވެސް މީހަކު ކުޑަދޮރާއި ދުރަށް ޖެހިލީހެންނެވެ. ވަގުތުން ހައިޒަލް ނައިނާއާއި ދުރުވެލިއިރު ބާރު ހިނގުމެއްގައި ގޮސް ކާރަށް އަރިގޮތަށް ކާރު ދުއްވާލިއެވެ. އެއާއިއެކު އިރުކޮޅެއްވަންދެން ހައިޒަލް ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރުމަށްފަހު ނައިނާ ގެއަށް ވަންނަން ހިނގައިގަތެވެ.
ހައިޒަލް އިންތިޒާރުކުރީ އެވަގުތަށެވެ. ދުރުގައި ޕާރކްކޮށްފައި އޮތް ކާރުގައި އިނދެގެން ނައިނާ ގެއަށް ވަތްކަން ޔަގީންކޮށްފައި ހައިޒަލް ކާރު ޑައިމެންޑްވޭލީއާއި ދިމާލަށް ދުއްވާލިއެވެ. ޑައިމެންޑްވޭލީގެ ކުރިމަތީ ފަނަރަވަރަކަށް މިނެޓް ކާރު ޕާރކްކޮށްގެން އިނދެފައި ހައިޒަލް ކާރުން ފޭބިއެވެ. އެއާއިއެކު ފިޔަވަޅުގެ އަޑު ނީވޭހާ މަޑުން އައިސް ދޮރާށިން އެތެރެއަށް ވަންނަމުން ވަށައިގެން ނަޒަރު ހިންގާލިއެވެ. އޭރު ހައިޒަލްގެ އަތްމުށްކެވެމުންދިޔައިރު މޫނުމަތިން ފެންނަމުންދިޔައީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ.
“ނިކުމޭ…” ދެވަނަ ސިކުންތުގައި ހައިޒަލްގެ ބާރު ހަޅޭކުގެ އަޑު މުޅި ގޭތެރޭ ގުގުމާލައިގެންދިޔައެވެ.
“ފިލާހުރިތަނަކުން ނިކުންނާށޭ… ކަލޭ މިތާ އެބަހުރިކަން އަަހަންނަށް އިނގެޔޭ…” ހިމޭންކަމާއިއެކު ފާއިތުވެގެންދިޔަ ވަގުތުކޮޅަކަށްފަހު ކެތްތެރިކަން ކޮޅުންލީފަދަގޮތަކަށް ހައިޒަލް ދެވަނަ ފަހަރަށްވެސް ހަޅޭލަވައިގަތެވެ. އެއާއިއެކު ތިރީބަޔާއި ސިޑިގޮޅީގެ ހޮޅިބުރިތައް ނިވިގެންދިޔައިރު ސިޑިއާއި ދިމާލުން ބަރު ފިޔަވަޅުތަކެއްގެ އަޑު އިވެންފެށިއެވެ. ހައިޒަލް ވަގުތުން ސިޑިއާއި ދިމާލަށް ފޯނުން އަލިއަޅުވާލިއެވެ. ކައިރިވަމުންދިޔަ ފިޔަވަޅުތަކުގެ އަޑާއިއެކު އިރުކޮޅެއްގެ ތެރޭގައި އެ ޒުވާނާ ހުރީ ހައިޒަލްގެ ކުރިމަތީގައެވެ. ކަޅުކުލައިގެ ސްކްނީއަކާއި ޓީޝާޓެއްގައި ހުރިއިރު ބޮލުގެ އަޅަގެން ހުރި ތޮފީގެ ނިވާގަނޑުން މޫނުގެ ބޮޑުބައެއް ފޮރުވިފައިވެއެވެ. ނޭފަތާއި އަނގަޔާއި އެއްކޮށް މާސްކްއެއް ބައްދައްލާފައިވާގޮތުން ފެންނަމުންދިޔައީ ހަމައެކަނި އެޒުވާނުންގެ ލޮލެވެ.
“ކަލޭގެ ބޭނުމަކީ ކޮބާ… ނައިނާއަށް ފާރަލައިގެން ކަލެއަށް ވަކިމޮޅުތަކެއް ވާނޭހެން ހީވޭތަ؟ ނައިނާއަށް އަނިޔާއެއްދޭން ހިތަށްވެސް ނާރުވައްޗޭ… ނައިނާގެ ގައިގައި އިނގިލިކުރިޖައްސާލިޔަސް އަހަރެން އަތުން ކަލޭ މަރުވާނެ…” ހައިޒަލް އެ ޒުވާނާގެ މެޔަށް އަތުގެ ހަމަލާތަށް ދެމުން އެ ޒުވާނާ ފަހަތަށް ކޮއްޕަންފެށިއެވެ. އެއާއިއެކު އަތްމުއްކަވާލަމުން ގޮށްމުށުގެ އެތިފަހަރުތައް އެ ޒުވާނާގެ މޫނަށް އަމާޒުކުރަންފެށީ ރުޅި ކޮންޓްރޯލްނުކުރެވިފައި ހުރެއެވެ. އެޒުވާނާގެ އަނގަމަތި ފެޅި ލެއިން މުޅި މޫނު ކަޅިވާންފެށިއިރު އުދަނގުލުން ކޮންމެވެސް އެއްޗެއް ބުނަން މަސައްކަތްކުރިއެވެ.
“ނައިނާއަށް ތިހާ ރައްކާތެރިކަން ދޭން ބޭނުންވަންޏާ އަމިއްލަ ބައްޕަ ހުއްޓުވާ… އަލްހާންގެ އަމަލުތައް ހުރީ ހައިޒަލް ހީކުރާހާ ވަރަށްވުރެވެސް ރަހުމްކުޑަކޮށް… އޭނަ ކޮންމެ ހާލެެއްގައިވެސް އަމިއްލަ އެދުން ހާސިލްކުރާނެ… ނައިނާގެ ފަހަތުން އުޅެނީ ހަމައެކަނި އަަހަންނެއްނޫން… އަފްލާހް… އެކުއްޖާ މަރަންވެސް ފަސްނުޖެހޭނެ… އޭނަގެ ނުބައިކަމުގެ ވާހަކަ މީހަކު ކިޔައިދޭކަށް ނުޖެހޭނެ…” އެ ޒުވާނާގެ ދުލުން ބޭރުވި ބަސްތަކާއިއެކު ހައިޒަލް އިރުކޮޅެއްވާންދެން ހުއްޓުންއެރިއެވެ. މޫނުމަތިން ފެނިލީ ޝޮކްގެ އަސަރާއިއެކު ހިނދުކޮޅަކަށް ހުއްޓުންއަރާފައި ހުރުމަށްފަހު އެ ޒުވާނާގެ ޓީޝާޓުން އަތްދޫކޮށްލަމުން ފަހަތަށް ކޮއްޕާލިއެވެ. އެއާއިއެކު މަޑުމަޑުން ފަހަތަށް ޖެހެން ފެށިއިރު ދެފަރާތަކަށް ބޯހޫރާލިއެވެ. އެއާއިއެކު އަނެއްފަރާތަށް އެނބުރެމުން ބާރު ހިނގުމެއްގައި ގެއިން ނިކުންނަން ހިނގައިގަތެވެ. އޭރު އެ ޒުވާނާވެސް އޭނަގެ އަމިއްލަ ސަލާމަތްހޯދައިގެން އަވަހަށް ފިލައިފިއެވެ.
އަތުކޮޅަށް ކާރުގެ ދޮރުޖަހަމުން ހައިޒަލް ޑްރައިވަރ ސީޓްއަށް ވެއްޓިގަންނަމުން ގޮށްމުއްކަވާފައި ސަރަކައަށް އެތިފަހަރެއް ބޭލިއެވެ. އެއާއިއެކު ކަރުގެ އެންމެ އަޑިން ހަޅޭލަވައިގަތީ ރުޅި ކޮންޓްރޯލްނުކުރެވިގެންނެވެ. އޭރު ދިގު އިނގިލިތައް ފަންއިސްތަށިގަނޑުގެ ތެރެއަށް މަހާލެވިފައިވާއިރު އިސްތަށިތައްވެސް ބުޑުން ލުހެލަން އުޅޭހެން ހީވެއެވެ. މަޑުމަޑުން ދަތްތަކަށް ބާރުކުރަމުންދިޔައިރު އެދެލިކޮޅެއްފަދަ ދެލޮލުގެ ތެރެއިން ކަރުނަތައް ދެމިގަންނާކަށް ހިނދުކޮޅެއްވެސް ނުނެގިއެވެ. އެއާއިއެކު ސަރަކައިގައި ބޯއަޅާލެވުނީ ހަށިގަނޑުން ވަރުދޫވެގެންކަހަލަ ގޮތަކަށެވެ.
*** *** *** *** ***
ނައިނާ ފެންވަރައިލައިގެން ނިކުމެގެން އައިރު ބޯކޮށް ވާރޭވެހެމުންދިޔައެވެ. ވާރޭގެ ތިކިތައް ފުރާޅުގައި ޖެހެމުންދިޔަ އަޑު ރޭގަނޑުގެ ހިމޭންކަމުގެ ތެރެއިން އިވެމުންދިޔައީ ބަރުގޮތަކަށެވެ. ބެލްކަނީގެ އޮމާން ޓައިލްސްމަތީ ދެމެމުންދިޔަ ފެންގަނޑަށް ކުދި ކުދި ފެންތިކިތައް ބޮސްދެމުން ބާނީތައް އުފައްދަމުން ދިޔައިރު ހޮޅިބުރީގެ ހުދުއަލީގައި ފެންތިކިތައް ފެންނަމުންދިޔައީ ޖަވާހިރުކޮޅުތަކެއް މިސާލުގައެވެ. ނައިނާ އިރުކޮޅެއްވަންދެން ބެލްކަނީގެ ފަރުދާތައް ކަހާލައިގެން އެ މަންޒަރު ދެކެން ހުރުމަށްފަހު ފޯނު ނަގައި ހައިޒަލްގެ ނަންބަރަށް ގުޅާލިއެވެ.
އެނދުމަތީ ރިންގްވަމުންދިޔަ ފޯނަށް ބަލަހައްޓައިގެން ހައިޒަލް އޮތީ ހަރަކާތެއް ނެތިއެވެ. އެ މޫނުމަތިން ފެންނަމުންދިޔަ ހިތްހަލާކުކޮށްލާފައިވާ އަސަރާއިއެކު މިވަގުތުވެސް އެލޮލުގެ ތެރެއަށް ތާޒާ ކަރުނަތައް ގިނަވަމުންދިޔައެވެ. ފޯނުގެ ސްކްރީންއަށް އަރާފައިވާ ނައިނާގެ ފޮޓޯގަނޑާއިއެކު ފޯނުގެ ދިސްޕްލޭ ނިވިދިއްލެމުންދިޔައިރު ފޯނު ނެގުމުގެ ހިޔާލެެއް ހައިޒަލް ނެތްފަދައެވެ.
ދެފަހަރަކު ފޯން ރިންގްވެފައި ކެނޑިފައި ތިންވަނަ ފަހަރު ރިންގްވާން ފެށުމާއިއެކު ހައިޒަލް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
“ހައި…” ނައިނާގެ ފޮނި ފޮނި އަޑު ކަންފަތުގައި ޖެހުމާއިއެކު ހައިޒަލްއަށް އުނދަގޫގޮތަކަށް ލޯމަރާލެވުނީ ކުށްވެރިކަމުގެ އިހުސާސްތަކުގައި ހިތް ބަނދެވިގެންދިޔަލެއް ބޮޑުކަމުންނެވެ.
“ހައި… ނިދާފައިތަ؟” ހައިޒަލް އަޑު ނީވި ގިނައިރު ވާންފެށުމާއިއެކު ނައިނާ އަހާލިއެވެ. އިރުކޮޅެެއްފަހުން ހައިޒަލް މަޑުމަޑުން ހޫމް ލައްވާލަމުން ފޯން ކަނޑާލުމުން ނައިނާ އިރުކޮޅެއްވަންދެން ފޯނު ތިރިކޮށްލުމެއްވެސް ނެތި ގަނޑުވެފައި ހުރެވުނެވެ. ކިތަންމެ ނިދިއައިސްފައި ހުއްޓަސް މިހާތަނަށްވެސް ނައިނާއަށް ނިދެންދެން ހައިޒަލް ކޮންމެރެއަކުހެން ފޯނުގައި އޮވެއެވެ. ވީއިރު މިރޭ އެގޮތަށް ކަންތައްކުރުމުން ނައިނާ ހިތުގައި ސުވާލު އުފެދޭގޮތްވިއެވެ. މިރޭ ދެޒުވާނުން ޓެރެސްގައި ހޭދަކުރި ވަގުތުކޮޅަށްފަހު ހައިޒަލްއަށް ތަފާތެއް އައިހެން ހީވަނީ ކީއްވެގެން ހެއްޔެވެ؟
*** *** *** *** *** ***
ދޭތެރެއަކުން ދޮރުގައި ވައިއަޅުވައި އަޑާއި ފުރާޅުތަށް ހެލިލާއަޑު ބޯކޮށްވެހެމުންދިޔަ ވާރޭގެ އަޑާއި އެކުވެގެން އިވެމުންދިޔައީ މިޔުޒިކެއް ފަދައިންނެވެ. އިރުއިރުކޮޅުން އަންނަ ގަދަ ކޮޅިގަނޑުގައި ގަސްތަކުގައި ވައިއަޅުވަމުންދިޔައީވެސް ބިރުވެރި ގޮތަކަށެވެ. ބާރުވަޔާއިއެކު ވިއްސައިގެން އަންނަ ވާރޭގެ ތިކިތައް ކުޑަދޮރުގެ ބިއްލޫރިތަކަށް ބޮސްދީފައި ތިރިއަށް ފައިބައިގެންދާ މަންޒަރަށް ގެއްލިފައި ހައިޒަލް އޮތްއިރު ދެލޮލުގައި ނިދީގެ އަސަރެއްނެތެވެ. އޭނާގެ ސިކުނޑި ގައިދުކޮށްފައިވަނީ މިރޭ ނުދަންނަ ޒުވާނާގެ ފަރާތުން އިވުނު އިންޒާރުތަކުންނެވެ. ނުވިސްނަން އުޅުނަސް އެ ހިޔާލުތައް ހުރިހާ ފަރާތަކުން ވަށާލައި އޭނަގެ ހިތަށް ނޭނގޭގޮތަކަށް އުނދަގޫކުރަމުންދަނީއެވެ. ކުރިމަތިވަމުން އަންނަ ކޮޅިގަނޑު ހިނދެއް ހިނދަކަށް ވަރުގަދަވަމުން އަންނައިރު އޭނަގެ ނަފްސުގެ ހަމަޖެހުން ނެތިގެންދަނީއެވެ. ނައިނާއާއި ވަކިވާންޖެހޭވަގުތު ކުޑަތަންވަމުން އަންނަނީކަން އަމިއްލައަށްވެސް އިހުސާސްވިއެވެ. އޭނަ އިތުރަށް ގޮތުގައި ހިފަހައްޓައިފިނަމަ ކަންތައް ގޯސްވެގެންދާނެކަމުގެ ރަތް ސިގްނަލް މެދުކެނޑުމެެއްނެތި ސިކުނޑިން ދެމުން ދިޔައެވެ. ނައިނާ ދޫނުކޮށްލާ އޭނަ ހިފަހައްޓާވަރަކަށް ނައިނާއަށް ލިބޭ އަނިޔާ އިތުރުވުން ނޫންކަމެއް ނުވާނެއެވެ. ބައްޕަގެ ރަހުމްކުޑަކަން ހަަމަލޮލަށް ފެނުމަށްފަހު ހައިޒަލްއަށް އެކަން އެގޮތަށްވާކަށް ދުލެއްނުކުރެވޭނެއެވެ. ނައިނާއަކީ އޭނަގެ ފުރާނައެވެ. އޭނަގެ އަމިއްލަ އުފާތައް ޤުރުބާންކޮށްގެންވެސް ނައިނާ ރައްކާތެރިކުރާނެއެވެ.
*** *** *** **** *** ***
އާދުވަހަކަށް މަރުހަބާ ކީއިރު އެހެންދުވަސްތަކާއި ހިލާފަށް ނައިނާގެ މޫނުމަތި ފެނުނީ މޮޅިވެރިކަމަކާއި ކަމަކާއި ގަޔަވާނުވެފައި ހުރި ކުލަވަރެވެ. ނައިނާއަށް ދުވަސްފެށުނީ ރަނގަޅަކަށް ނޫނެވެ. ހައިޒަލްގެ ހަބަރެއް ނުވެގެން އަމިއްލައަށް ހިނގާލައިފައި އޮފީހަށް އައިރު ނައިނާ ހުރީ މޫޑު ހަރާބުވާގޮތްވެފައެވެ. އެވަގުތު ހައިޒަލްއާއި ތިރީ ފްލޯރއިން ދިމާވުމުންވެސް ނައިނާ ފެންނަކަމަށްވެސް ހަދާނުލާ ދިޔަގޮތުން ނައިނާގެ ހިތަށް އުނދަގޫވާގޮތްވިއެވެ. އަނެއްކޮޅުން ހެނދުނުގެ ބްރީފިންއަށް ފަހު ހައިޒަލް މީޓިންހޯލް ނިކުމެގެންދިޔަގޮތަށް މެންދުރުވެގެންދިޔައިރުވެސް ފެނިނުލިއިރު ނައިނާގެ ކެތްތެރިކަން ކޮޅުންލާގޮތްވިއެވެ. މީގެ ކުރިން ނައިނާ ދެކިނުލާ ކެތްނުވާ ލޯބިވެރިޔާގެ އަމަލްތައް ކުއްލިއަކަށް ތަފާތުވީއިރު ނައިނާއަށް ވިސްނާނޭގޮތެއްވެސް ނޭނގުނެވެ. ހައިޒަލްގެ އެދުރުކަމުން އުނދަގޫވެގެން ހުރެ ނައިނާ އެތަށްފަހަރަކު ހައިޒަލްގެ ކެބިން ކުރިމަތިން ހުރަސްކުރިއެވެ. އެއިން ކޮންމެވަގުތަކު ހުސްކޮށް އޮންނަ ކެބިން ފެނިފައި ނައިނާގެ ހިތަށް ނޭނގޭފަދަ ހުސްކަމެއް ލިބުނެވެ.
އެންމެ ފަހުން ހަވީރުވާން އުޅެނިކޮށް ނައިނާއަށް ހައިޒަލް ފެނުނީ ޑޮކިއުމެންޓޭޝަން ރޫމްއިން ނިކުމެގެން އަންނަނިކޮށެވެ. އަތުގައި ފައިލްއަށް ނަޒަރު ހިންގަމުން މަޑު ހިނގުމެެއްގައި އައިސް ނައިނާއާއި އަރާހަމަވީތަނާ ނައިނާ ހައިޒަލްގެ އަތުގައި ހިފަހެއްޓިއެވެ. އެވަރުންވެސް ހައިޒަލް އިސްއުފުލާ ނައިނާއާއި ދިމާލަށް ބަލައެއްނުލިއެވެ.
“ހައި… އާރޔޫ އެވޮއިޑިން މީ…” ނައިނާ ވާހަކަދެއްކީ ހިތްހަމަނުޖެހިފައި ހުރެއެވެ.
“މިހާރަކު ނޫންދޯ… އައިމް ބިޒީ ރައިޓް ނައު…” ހައިޒަލް ނައިނާގެ އަތްދުރުކޮށްލަމުން ބާރު ހިނގުމެއްގައި ގޮސް އެންމެ ކައިރިއަށްހުރި މިކްޔާލްގެ ކެބިންއަށް ވަދެ ނިވާވިއެވެ. އެއާއިއެކު އިރުކޮޅެއްވަންދެން ނައިނާއަށް ހުއްޓުން އަރައިފައި ހުރެވުނީ ހައިޒަލްއަށް ކުއްލިއަކަށް އައިސްގެން މިއުޅޭ ބަދަލު ނަގައިގަންނާނޭގޮތެއް ނޭނގިފައެވެ.
*** *** *** *** *** ***
މިރޭވެސް ބަނަވިލާތަކުން އުޑުމަތި ބައްދާލުމުގައި ކާމިޔާބު ހޯދައިފައިވެއެވެ. ސާދަވިލޭރޭގެ ހަނދުގެ އަލިކަމަށް އެވިލާތައް ފޫދުއްވާލުމުގައި ކާމިޔާބު ނުހޯދުނުއިރު ދުނިޔެ މަތީއޮތީ ކަނުއަނދިރިކަމަށް ގެނބިފައެވެ. ދޭތެރެއަކުން ވިދުވަރުގެ ހުދުއަލިތަކުން އުޑުމަތި ދިއްލިގެންދާގޮތުން ރޭގަނޑު ދުވާލަށް ހަދާލައެވެ. ޖަހާލާ ގުގުރީގެ ބާރު އަޑުފަށްގަނޑާއިއެކު ވައިގެ ބާރު އަޑު ފަޒާގައި ހިފާލައިފައިވާގޮތުން ކޮންމެ ވަގުތަކުވެސް ވާރޭ ވެހިގަންފާނެހެން ހީވެއެވެ.
ވައި އެންމެ ގަދަވީވަގުތު އަލްހާން ހުންނެވީ ސާދަވަނަ ފަންގިފިލާރގެ ކޯރިޑޯގައެވެ. އެއް އަތުން އާވިއަރައަރާހުރި ކޮފީތައްޓެއް ހިފައިގެން ހުންނެވިއިރު ފޯނުން ކޮންމެވެސް މީހަކާއި ވާހަކަދައްކަވަމުން ގެންދެވިއެވެ. ތަނަވަސް ނިއްކުރިއަށް ރޫތައް އަރައިގެން ގޮސްފައިވާއިރު އެދެލޮލުން ފެންނަނީ ނުރައްކާތެރި ވިދުވަރެކެވެ.
“ކޮންމެގޮތަކަށްވިޔަސް އަހަރެން ބޭނުމީ އަހަރެން ބޭނުންވާގޮތަށް ކަންތައް ނިމުން… ރުހުމުގައި ހައިޒަލް އަހަރެންގެ ގާތަށް އަންނަވަރުކުރަން ބޭނުމީ… އެކަމަށްޓަކައި އެއަންހެންކުއްޖާގެ ފުރާނަ ދުއްވާލަން ޖެހުނަސް އަހަންނަށް ހެޔޮ… އަފްލާހް… ކަލެއާ ހަވާލުކުރެވިފައިވާ މަސައްކަތްކުރިއަށް ގެންދޭ…” އަލްހާންގެ އަޑުގައި ރަހުމްގެ ކަންފުޅެެއްވެސް ނުވެއެވެ. މާތް ﷲ ހުރުމަތްތެރިކުރައްވާފައިވާ ފުރާނައެއް ނައްތާލަން އަމުރުކުރިއިރު އެ މޫނުމަތިން ޖެހިލުންވުމުގެ އެއްވެސް އަސަރެއް ނުފެނުނެވެ. އަމިއްލަ އެދުމާއި ދުނިޔޭގެ ދަޅަތައް ހާސިލްކުރުމުގެ އެދުންވެރިކަން ހިތަށް ވަދެ ހިތުގައިވާ އީމާންކަން ބަލިކަށިވެގެންގޮސްފައިވަނީ އެކަމުގެ އުގޫބާތުގެ ބޮޑުކަން ވިސްނޭވަރަށްވުރެ ބޮޑަށެވެ.
އެވަގުތަކީ ހައިޒަލް ކޯރިޑޯއަށް ނިކުތްވަގުތެވެ. އަލްހާން ވާހަކަތައް އަޑުއިވި ލިބުނު ޝޮކްގެ ބޮޑުކަމުން ކުރިއަށް ފިޔަވަޅެެއް އަޅާލަންވެސް ހައިޒަލް ނުކުޅެދުނެވެ. ހިތުގައި އުފެދިގަތް ބިރުވެރިކަމާއި ނުތަނަވަސްކަން ކަރުނައިގެ ސިފައިގައި ބޭރުވެގެންދިޔައިރު އަލްހާންއާއި ދިމާލަށް ބަލާލެވުނީ ޝަކުވާގެ ނަޒަރަކުންނެވެ. އަނިޔާވެރިކަމާއި ބާރުވެރިކަން ދައްކައިގެން އޭނަގެ އުފާތަކާއި ވަކިވާން ބައްޕަ މަޖުބޫރުކުރަނީ ކީއްވެހެއްޔެވެ؟ ބައްޕަގެ މި ރަހުމްކުޑަ ފަރާތް ފެނުމަށްފަހު އޭނަ ރުހުމުގައި ބައްޕަގެ ގާތަށް ދާނެހެން ބައްޕައަށް ހީވަނީހެއްޔެވެ؟ ބައްޕަގެ މިއަނިޔާވެރިކަމާއި ރަހުމްކުޑަކަންފެނި އޭނަގެ ހިތުގައި ބައްޕަގެ މައްޗަށްވާ ލޯބި ދުވަހުން ދުވަހަށް ފަޑުވަމުންދާކަން ބައްޕަ އިނގިލައްވާނެނަމައެވެ.
ހައިޒަލްގެ ހިތުގައި ހިނގައިގަތް ބިރުވެރިކަމާއިއެކު އެންމެ ސިކުންތުކޮޅަކުވެސް އެތާގައި މަޑުކޮށްލުމެއްވެސް ނެތި ލިފްޓަށް އެރިގޮތަށް ތިރީ ފްލޯރއަށް މިސްރާބުޖެހިއެވެ. ލިފްޓްތެރޭގައި ހޭދަވި ވަގުތުވެސް ހައިޒަލްއަށް ގަރުނެއްހާ ދިގުވީވަރު އެކިފަރާތުން ނުރައްކާތެރިކަމުގެ ރަނގަބީލުތައް ސިކުނޑީގައި ގުގުމާލަމުން ދިޔަގޮތުން ހައިޒަލްގެ ހިތްވަރުދޫވެ ކެތްތެރިކަން ކޮޅުންލާގޮތްވިއެވެ.
ހަތަރުވަނަ ފަންގިފިލާއަށް ލިފްޓް ހުއްޓުމާއިއެކު ހައިޒަލް ލިފްޓުން ފޭބުމާއިއިރު އެވަގުތު މުޅި ފަންގިފިލާއިން ކަރަންޓްދިޔައީ ކުއްލިއަކަށެވެ. އިމަރޖެންސީ ލައިޓްތައް މަސައްކަތްނުކުރިއިރު އަނދިރިކަން ވަކިން ފުންވިއެވެ. އެވަގުތު ކޯރިޑޯގެ ބެލްކަންޏާއި ދިމާލުން ނައިނާގެ އަޑުއިވިފައި ހައިޒަލްގެ ފިޔަވަޅުތައް ބެހެއްޓީ އެދިމާލަށެވެ. ބްލޫސް ފެޝަންއިން އެޅެމުންދިޔަ ފަޑުއަލިކަމުގައި ބެލްކަނީގައި ހަރަކާތެރިވަމުންދިޔަ ދެ ހިޔަނި ފެނުމާއިއެކު ހައިޒަލްގެ ބުމަކައިރިވެގެންދިޔައެވެ. ކައިރިވަމުންދިޔަ ވަރަކަށް މަންޒަރު ސާފުވެގެންދިޔައިރު ހައިޒަލްގެ މޫނުމަތިން ފެނިލި ރުޅިވެރިކަމާއިއެކު ދަތްކުނޑިވިކިގެންދާކަށް ސިކުންތުކޮޅެއްވެސް ނުނެގިއެވެ. މިއަދު ހަތަރުދަމު އަމިއްލަ ނަފްސު މައިތިރިނުކުރެވިފައި ހުއްޓާ ބައްޕަގެ ވާހަކަތައް އިވި އެ ރުޅިވެރިކަމަށް ދަރުއަޅާލެވުނުއިރު ނައިނާ އެފަދަގޮތަކަށް ފެނުމުން ރުޅިގަނޑު ހިލިގަތީ ވަކިވަރަކަށް ނޫނެވެ. ކަޔާންއާއި ނައިނާ އަނދިރީގައި އެކަހެރިކޮށް ތިބުމުން ވަގުތުން ހިތް ސަކަރާތްވިއެވެ. ހައިޒަލްގެ މުށްކެވިފައިވާ އަތްތިލަ ޖީބަށް ޖަހާލަމުން ދުރަށް ހިނގައިގަތްއިރު ނައިނާ ކަޔާންއާއި ސަމާސާކުރަން ހުރެފައި ފަސްއެނބުރި ބަލާލީއެވެ. އެއާއިއެކު ހައިޒަލް ގޮވާލަމުން ދުވެފައި އައިސް ހައިޒަލްގެ ގައިގައި ހިފާލީއެވެ.
“ގޮސް އޭނަ ގައިގައި ބައްދަބަލަ…” ހައިޒަލް ނައިނާގެ އަތް ހަށިގަނޑާއި ވަކިކޮށްލަމުން ބުނެލި ބަހުން ނައިނާގެ މޫނުމަތީ އެތިފަހަރެއްޖެހިފަދައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.






Here is the 35 th part… hope everyone will like it… feel free to comment… readers comment and motivation means alot to me… kudakoh lasvhjje dho.. aslu cover pic badhalukuran time negy.. cover pic kamudheytha readers ah… enjoy reading.. good night… insha allah next part on saturday night
Wow…?? vaahaka varah reethi. Abadhuves misaituga huna vaahakathah kiyan. Ekamaku comente mikuree alah❤❤. Kon dhivahakun dhenoi pert genes dhenee?..inthizaaruga mihuree ingey
thnkx
thnkx
Cover pic is very nice ?? stry ge mi part Hama vrh reethi ??
NAI n hai dhuru nukurachcheyh ???? …..eagerly waitin for da next part ..?keep up the gud wrk sis ?❤️❤️✨?
thnkx. let c dw
Alhey cover pic adhi mi part vec vvv rythi
?????????✨✨✨…sifakohlaafa hurileh v kamudhey…ingeythr? Yuh nd inaash thy dhevana ah jiji ah kamudhaa dhe writer in…hehe…waiting fr Saturday night ingey..keep up the gud workk dear…
Luw yuh dhiraa???????
thnkx
Alhey mi part vx hama vrh reethi..maashaa allah…bt e dhe love birds.. ??plx e dhe love birds dhuru nukurachey..waiting 4 next part..kn iraku ap kllrni??btw nice picture ??
thnkx
Vvv.rethi waiting for next part love you all
thnkx
Vvv.reethi waiting for next part love you all
thnkx
Cover pic hama habeys ingey. ❤???? nd mi story ge konmes part eh vx kiyani hama varah kiyaa hithun, varah reethi nd varah interesting???sifa kurun thah vx hama ??nd Dhiraa sis alhe Nai nd Hai dhuru nukurahchey. ??? can’t wait. ??But still waiting waiting waiting waiting. ?love you more
thnkx. let c dww
❤️❤️❤️❤️❤️love it
thnkc
V salhi as usual.. waiting for the next part.. luv you
thnkc
Mirey konn irakun story up kurani? … Kon dhivass thakeh tha vaahaka up kuramun gendhani?
inshaallah mireyge vaguuthehga up kuraanan