ކުށަކާ ނުލާ 2
ހަމަ އެދުވަސްކޮޅު ޝާމިލް ހުދާގެ ފަހަތުން އުޅެން ފެށިއެވެ. ހުދާ ފެންނަ ކޮންމެ ފަހަރަކު ޝާމިލް ހުދާއަށް ލޯބި ހުށައަޅައެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ހުދާ ދެކޮޅު ހަދައެވެ. ހުދާ ޝާމިލްގެ ހުށައެޅުމަށް ދެކޮޅު ހަދަނީ އެންމެ ސަބަބަކާ ހެދިއެއް ނޫނެވެ. އެތައް ސަބަބެއް އެކަމުގައި ވެއެވެ.
ފުރަތަމަ ކަމަކީ ހުދާ ނިހާލް ދެކެ ލޯބިވާތީއެވެ. ދެވަނަ ކަމަކީ ޝާމިލްގެ އުޅުމާ ހުދާ ނުރުހޭ ކަމެވެ. ތިންވަނަ ކަމަކީ ޝާމިލްއަކީ ނިހާލްގެ ދޮންމަންމަގެ ދަރިއަކަށް ވީތީއެވެ.
ނިހާލް ފަދައިން ޝާމިލްއަކީވެސް ހުދާމެން ކުޑަ އިރުން ފެށިގެން ދަންނަ ޒުވާނެކެވެ. ނިހާލްގެ ބައްޕަ ލަތީފްއާ ޝާމިލްގެ މަންމަ ޒުލްފާ، އޭގެ އަށާރަ އަހަރު ކުރިން ކައިވެނި ކުރުމަށް ފަހު ޒުލްފާއާ ޒުލްފާގެ ދެ ކުދިންވެސް އުޅެމުން އައީ ލަތީފްމެން ގޭގައެވެ. ލަތީފް، ނިހާލްގެ މަންމަ ނަޒީހާ ވަރި ނުކުރި ނަމަވެސް ލަތީފްއާ ޒުލްފާގެ ކައިވެންޏަށް އަހަރެއް ވާން އުޅެނިކޮށް ނަޒީހާ އެ ގެއިން ނިކުތީ ޒުލްފާއާ ނަޒީހާގެ މެދުގައި ޖެހުނު މައްސަލައެއްގައެވެ.
ޝާމިލްއާ ނިހާލްއަކީ އެއް އުމުރެއްގެ ދެ ޒުވާނުންނަށް ވީ ނަމަވެސް އެއީ މުޅިން ތަފާތު މިޒާޖެއްގެ ދެ މީހުންނެވެ. މަންމައާއި ބައްޕަ ވަކި ވުމަށް ފަހު ނިހާލްއާ، އެއްބަނޑު އެއްބަފާ ކޮއްކޮ ނާޒިޔާ ދިޔައީ މަންމައާ އެކީއެވެ. ނަމަވެސް އޭގެ ހަތަރު އަހަރު ފަހުން އަނެއްކާވެސް ލަތީފްގެ ގެއަށް ދެ ކުދިން ބަދަލު ވީ މަންމަގެ ޖަނާޒާއަށް ފަހު، އެ މަންމަގެ އެންމެ ފަހުގެ އެދުމަށް އިހްތިރާމް ކުރުމުގެ ގޮތުންނެވެ. ނަޒީހާ ދެކުދިންގެ ފަރާތުން އެދުނީ ބައްޕައާ މެދު ހިތް ބުރަ ނުކުރުމަށެވެ. ބައްޕައަށް މާފު ކުރުމަށެވެ. އަދި ބައްޕަގެ އާއިލާއާ ގުޅިގެން އުޅުމަށެވެ.
ލަތީފް ކައިރިއަށް ދިޔަ ފަހުން ޒުލްފާގެ ފަރާތުން އިވުނު ނަފްރަތުގެ އެތައް ބަސްތަކާ އެކުވެސް ނިހާލްއާ ނާޒިޔާ، މަންމަ ބުނެފައިވާ ގޮތަށް ކަންތައް ކުރިއެވެ. ލަތީފް އެ ކުދިންނަށް ގޯހެއް ނޫނެވެ. ޒުލްފާ ކަންތައް ކުރާ ގޮތެއް ލަތީފްއަކަށް ނޭނގެއެވެ. ލަތީފްގެ ކުރިމަތީގައި ޒުލްފާ އަމިއްލަ ދަރިންނާ އެ ކުދިންނާ ތަފާތެއް ނުކުރެއެވެ.
ޝާމިލްއާ ނިހާލް ކިޔަވާ ނިމުނީ އެކީގައެވެ. އޭލެވެލްއަށް ފަހު ނިހާލް ވަޒީފާ ހޯދިއެވެ. އޭގެ ފަހުން ކިޔެވީ އަމިއްލަ މަސައްކަތުންނެވެ. އެއާ ޚިލާފަށް ކިޔަވާ ނިމުމުން ޝާމިލް ބޭނުންވީ ރައްޓެހިންނާ އެކީ ހޭދަކޮށްލާނެ ފްރީ ދުވަސްކޮޅެކެވެ. އެއީ ޝާމިލްގެ ދިރިއުޅުން ބަދަލުވި ދުވަސްކޮޅެވެ. މިނިވަން ކަމުގެ ބޭނުން އެންމެ ރަނގަޅު ނޫން ގޮތުގައި ޝާމިލް ކުރިއެވެ. ޝާމިލް އުޅޭ ތަނެއް، ގެޔަށް އަންނަ ވަގުތެއް ބެލުމުގެ ބަދަލުގައި ޒުލްފާ ބެލީ ޝާމިލް ބުނާހާ ކަމެއް ކޮށްދީ، ބޭނުން ވަރަކަށް ފައިސާ ދެވޭތޯއެވެ. ޝާމިލްއާ ބެހޭ ގޮތުން އިވޭ އަޑުތަކާ، އަންނަ ޝަކުވާ ތަކަށް ޒުލްފާ އަޅައެއް ނުލައެވެ. އެއީ އެ އުމުރުގެ ކުދިން އުޅޭ ގޮތް ކަމަށް ބުނެ އެފަދަ ކަންތައް ބޮޑު ކަމަކަށް ނަހަދާ ދޫކޮށްލިއެވެ. ނަތީޖާއަކަށް ވީ ޝާމިލް މަސްތުވާ ތަކެތީގެ އަވައިގާ ޖެހުމެވެ.
ޒުލްފާއަށް ޝާމިލްގެ އުޅުމާ މެދު ވިސްނާލެވުނީ ހަގަށް ހުރި ދަރިފުޅުވެސް ޝާމިލް ހިނގި މަގުން ހިނގަން ފެށުމުންނެވެ. އެއަށް ފަހު ދަރިންނަށް ވިސްނައިދޭން ޒުލްފާ މަސައްކަތް ކުރިއެވެ. ނަމަވެސް އޭރު ވަނީ މާ ލަސްވެފައެވެ.
ޝާމިލް އުޅުން އިސްލާހު ކުރަން މަސްއްކަތް ކުރަން ފެށީ ހުދާގެ ސަބަބުންނެވެ. ހުދާގެ ފަހަތުން އުޅެން ފެށުމުން، އެންމެ ފަހުން އެކަމާ އުނދަގޫ ވެގެން ޝާމިލްގެ އުޅުމާ މެދު ހުދާ އެއްޗެހި ކިޔުމުންނެވެ. ޑްރަގްސް ބޭނުން ކުރުން ހުއްޓާލާ، ވަޒީފާއަކަށް ދާން ފެށި ފަހުންވެސް ހުދާގެ ފަރާތުން އާނބަސް ނުލިބުމުން ޝާމިލް އެވާހަކަ މަންމައާ ހިއްސާ ކުރީ މަންމަގެ ފަރާތުން އެހީއެއް ލިބިދާނެ ކަމަށެވެ.
ނިހާލްއާ ހުދާގެ ގުޅުމަށް ސާޖިދާ ގަބޫލު ނުވެދާނެ ހެން ނިހާލްއަށް ފުރަތަމަވެސް ހީވިއެވެ. ސަބަބަކީ ނިހާލްގެ މަންމައެވެ. ހަގީގަތުގައި މަންމަގެ ސަބަބުންނެއް ނޫނެވެ. މައްސަލައަކީ ދޮން މަންމައެވެ. ޒުލްފާއާ ސާޖިދާއަކީ އެންމެ ގާތް ދެ އެކުވެރިންނެވެ. ލަތީފްއާ ކައިވެނި ކޮށްގެން ޒުލްފާ އެގެއަށް އައި ދުވަހުން ފެށިގެންވެސް އެއީ ބެސްޓް ފްރެންޑުންނެވެ. ސާޖިދާމެން ގެއިން ޒުލްފާ ނުފެންނަ ދުވަހެއް ނުދާނެއެވެ. ނަޒީހާއާ، ނަޒީހާގެ ކުދިންނާ މެދު ސާޖިދާ ނުރުހޭ ސަބަބަކަށް ވީ ޒުލްފާގެ ފަރާތުން އަޑު އިވެމުން އައި ވާހަކަތަކެވެ.
ހުދާގެ އުމުރުން އަށާރަ އަހަރު ފުރުމުން ކައިވެނި ކުރުމަށް ސާޖިދާ ބާރު އަޅަން ފެށިއެވެ.
“މިހާރު ތިހިރީ ކިޔަވާ ނިމި ވަޒީފާއަށް ދާން ފަށާފަ، ދެން މީހަކާ އިންނަން ވީ. އަބަދަކު ތިހެންނެއް ހުދާއަކަށް ނޫޅެވޭނެ، އަމިއްލައަށް މީހަކާ އިންނަން ނޫޅެންޏާ ދެން ޖެހޭނީ މަންމަ ބުނާ މީހަކާ އިންނަން” އެއީ ސާޖިދާ ބުނި ގޮތެވެ.
ނިހާލްގެ ވާހަކަ ސާޖިދާ ގާތު ބުނާނެ ގޮތެއް، ވިސްނާވިސްނާވެސް ހުދާގެ ސިކުނޑިއަކަށް ނައެވެ. މާ ކުރިން ފެށިގެންވެސް ނިހާލްއާ ހުދާމެންގެ އެކުވެރި ކަމަކީ ސާޖިދާ ރުހޭ ކަމެއް ނޫނެވެ. އަދި މިއަދު ނިހާލްއާ ހުދާގެ މެދުގައި އެ ފަދަ ގުޅުމެއް ވާކަން އެނގުމުން ސާޖިދާ ރުޅި އަންނާނެ ކަން ހުދާއަށް އެނގެއެވެ.
ހުދާ ގާތު ކައިވެނީގެ ވާހަކަ ދެއްކިތާ ތިން މަސް ވީ އިރު ސާޖިދާ ނިންމައިގެން ހުރީ ހުދާ އަމިއްލައަށް ކައިވެނި ކުރާނެ މީހަކު ނުހޯދުނީ ކަމުގައެވެ. ހުދާއަކީ ގެއިން ބޭރަށް ނިކުމެ އުޅޭ ކުއްޖަކަށް ނުވާތީ ސާޖިދާއަށް އެހެން ހީވަނީއެވެ. މަގުމަތިން ފެނީގެން ނޫނީ ހުދާއާ ނިހާލް ވާހަކަ ދައްކަނީ ހަމަ އެކަނި ފޯނުންނެވެ. އެ ގުޅުމަށް ދެ އަހަރު ވެފައިވީ ނަމަވެސް އެއް ފަހަރުވެސް ހުދާއާ ނިހާލް އެކަހެރިކޮށް ބައްދަލު ވެފައެއް ނުވެއެވެ.
ހުދާގެ ކައިވެނި ކުރުވާނެ މީހަކާ މެދު ސާޖިދާ ވިސްނަން ފެށިއެވެ. އެކަމާ މަޝްވަރާ ކުރަން ސާޖިދާ ބޭނުންވީ އެންމެ ގާތް އެކުވެރިޔާއާއެވެ. ޒުލްފާއަށް ގުޅައިގެން ގެނެސް ސާޖިދާ އެ ވާހަކަ ފެށީ ޒުލްފާގެ ނަޒަރުގައިވެސް ކަމުދާ މީހަކު ހުރިތޯ ބަލާށެވެ.
“ޒުލް، މަގޭ ހުދާ ނޫޅޭ އަދިވެސް މީހަކާ އިންނާކަށް، އެ ކަހަލަ ހިޔާލެއް ކުރާ ހެންވެސް މަށަކަށް ހިއެއް ނުވޭ، މިހާރު ބުނެފިން ދެން ލަސް ނުކޮށް މީހަކާ އިންނަން އުޅޭށޭ، އެކަމަކު އޭނަ ހިތަށް ނާރާ އެއްޗެކޭވެސް. މިހާރު އަހަރެން ހިތަށް މި އަރަނީ ދެން އަހަރެންނޭ ހުދާ އިންނާނެ މީހަކު ހޯދަންވީ، އެކަމަކު އެއީކީވެސް ފަސޭހަ ކަމެއް ނޫނެއްނު ދޯ؟ ޒުލް ބުނެބަލަ، ނެތްތަ ރަނގަޅު ކުއްޖަކު؟” ސާޖިދާ އެކުވެރިޔާގެ ޚިޔާލު ހޯދަން ބޭނުންވިއެވެ.
އެފަދަ ފުރުސަތަކަށް ބަލަބަލާ ހުރި ޒުލްފާއަށް އުފަލުން ސާޖިދާގެ އަތުގައި ހިފާލެވުނެވެ.
“ސާޖީ، އަހަރެންވެސް ތިކަމާ މި ވިސްނަނީ، އެނގޭތަ؟ މަގޭ ޝާމިލް ވަރަށް ލޯބިވޭ ހުދާ ދެކެ، އޭނަ އިހަށް ދުވަހު އަހަރެން ކައިރީ ހުދާގެ ވާހަކަ ދެއްކީ، އޭނަ ބުނެގެން ހުދާ ކުޑަކޮށް ހިތްހަމަ ނުޖެހުނު ވާހަކައާ އަހަރެން އޭނައަށް އެހީއެއް ވެދޭށޭ ކިޔާފަ…” ޒުލްފާ ސާޖިދާގެ މޫނަށް ބަލަން އިނީ އެ މޫނުން އެއްވެސް އެއްޗެއް ދޭހަ ވޭތޯއެވެ.
“ސާޖީ، އަހަންނަށް އެނގޭ އަހަރެންގެ ޝާމިލް އަދި އުޅެނީ މާ ރަނގަޅު އުޅުމެއް ނޫން ކަން، އެކަމަކު އެއީ އެ އުމުރުގެ ކުދިން އަދި އުޅޭ ގޮތް، މީހަކާ އިނދެ ދިރިއުޅުމެއް ފެށީމަ ރަނގަޅު ވެދާނެ، އޭނަ ބުނަންވެސް ބުނި ރަނގަޅު ވާނެމޭ، ކުރިން މަސައްކަތެއް ނުކުރާ މީހާ މިހާރު ވަޒީފާއަށްވެސް ދަނީއެއްނު؟ މީހަކާ އިނީމަ ދެން އެހެން ބޭރުތެރެއަށް ގޮސް އުޅުންވެސް މަދުވާނެ، އޭރުން އެ ކުރާ ކަންތައް ހުއްޓާލާނެ” ޒުލްފާ ވާހަކަ ދެއްކީ އަވަސް އަވަހަށެވެ.
“ޒުލްގެ ޝާމިލްއަކީ ރަނގަޅު ކުއްޖެއް… އަނެއްކާ އަހަރުމެން ނުދަންނަ މީހަކާ ހުދާ އިނުމަށް ވުރެ ރަނގަޅެއްނު ދަންނަ ކުއްޖަކާ އިނިއްޔާ؟ އެވެސް ޒުލްގެ ދަރިފުޅު… ތީ ވަރަށް ރަނގަޅު ހިޔާލެއް… އަހަރެންނަށް ވަރަށް ކަމުދޭ ޝާމިލް… ވަރަށް ކަމުދޭ… ޒުލް، އަހަރެން ހުދާއާ ވާހަކަ ދައްކާލާފަ ބުނާނަން އިނގޭ، ވަރަށް އުފާ ވެއްޖެ…” ސާޖިދާއަށް ޒުލްފާގެ އަތުގައި ހިފާލަމުން ބުނެވުނީ ލިބުނު އުފަލެއްގެ ބޮޑު ކަމުންނެވެ.
“ނިހާލް، އަހަންނަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނުނު މަންމަ ކައިރީ ބުނާނެ ގޮތެއް، ނިހާލްގެ ނަން ބުނާ އިރަށް މަންމަ ދާނެ ފަޅައިގެން، އިތުރަށް އެއްޗެއް ބުނާނެ ފުރުސަތެއްވެސް ނުދޭނެ، ކުރީ ދުވަހުވެސް މަގުމަތިން އަހަރެން ނިހާލްއާ ދިމާއަށް ބަލާލި ތަން ފެނިގެންވެސް ހީވީ އަހަރެން ކާލަފާނެ ހެން” ރޭގަނޑު ދިހަގަޑި ބައި އެހާ އިރު ނިހާލް ގުޅުމުން ހުދާ ފޯން ނެގި ގޮތަށް ބުންޏެވެ.
“މަންމަ ކައިވެނީގެ ވާހަކަ ދެއްކީމަ ބުނަން މަޑުކޮށްލާ، އޭރުން ހުދާގެ ވާހަކަ މަންމަ އަޑު އަހާނެ ހެން ހީވަނީ، ތިހާ ވަރަށް ހާސް ވާކަށް ނުވާނެ” ނިހާލް ބުނެލީ ހަމަޖެހިފައި ހުރެއެވެ.
“ނިހާލްއަށް އަހަރެންގެ މަންމަ ނޭނގޭތީ ތިހެން ތި ބުނީ، އެނގޭ ނަމަ ނުބުނާނެ” ހާސްވެފައި ހުރި ހުދާ ބުނެލިއެވެ.
“ހަމަ ޖެހިބަލަ، ހުދާ މެރީ ނުކޮށްގެން ކަންބޮޑު ވަންޏާ މެރީ ކުރަން ބޭނުންވާ ވާހަކަ ބުނީމަ މަންމަ ވާނީ އުފަލެއްނު؟ ދެން ވަގުތު ޖެހެން ދެން ކެތްތެރިވެލާބަލަ، އިރާދަ ކުރެއްވިއްޔާ ރަނގަޅަށް ހުރިހާ ކަމެއްވެސް ވާނީ” ނިހާލް ކަންބޮޑުވި ނަމަވެސް ބެލީ ހުދާ ހަމަޖައްސާލެވޭތޯއެވެ.
“ދެން މި ޝާމިލްއަށް ހަދަން ވީ ކިހިނެއްތަ؟ މިހާރު އޭނަ ފެންނަ އިރަށް އަހަރެން ރުޅި އާދޭ. މިވަރަށް ނޫނެކޭ ބުނާ އިރުވެސް އޭނަ ނޫޅޭ ހުއްޓާލާކަށް، އަޅެ ނިހާލް ކޮންމެސް ގޮތެއް ހަދާބަލަ ޕްލީޒް، އަހަރެން މިހާރު ބޯ ގޮވަން ކައިރި ވެއްޖެ” ޝާމިލްގެ އުނދަގުލުން ސަލާމަތް ވާން ބޭނުންވެފައި ހުރި ވަރުން ހުދާ ބުންޏެވެ.
“އަހަރެން ބުނެފިއްޔާ އޭނަ ޖެއްސުމަށްވެސް ހުއްޓާނުލާނެ، އަހަރެން ބުނީތީ އަދި ކުރާ އުނދަގޫ ބޮޑު ކޮށްލާނެ، އެހެން ނޫނަސް އަހަރެން އޭނަ ކައިރީ ހުދާއާ ދުރުގަ ހުންނާށޭ ބުނެފިއްޔާ ހިތަށް އަރާނެ ދޯ އަހަންނާ ހުދާއާ ކޮން ގުޅުމެއް އޮވެގެން ހޭ އޭނަ ކައިރީ އެހެން ބުނަން ވީ؟ އަހަރެން ބޭނުމެއް ނޫން ހުދާ މަންމަ ކައިރީ ހުދާ އަމިއްލައަށް އަހަރުމެންގެ ވާހަކަ ބުނުމުގެ ކުރިން އެހެން މީހެއްގެ ފަރާތުން އެކަން ހުދާ މަންމައަށް އެނގޭކަށް، އަދި އަމްދުން ޝާމިލް ނޫނީ އޭނަގެ މަންމަގެ ފަރާތުން” ނިހާލް ބުންޏެވެ.
“އޭނަ ކައިރީ ބުނެގެން ވިޔަސް އަހަރެން ބޭނުމީ އަހަރެންގެ ފަހަތުން ދުވުން އޭނަ ހުއްޓާލަން، އެކަމަކު އޭނައަށް އެނގިގެން ޒުލްފާއްތައަށް އެނގިއްޖެއްޔާ ދެން އެންމެ މިނަޓެއްވެސް ނުވާނެ މަންމައަށް އެނގޭކަށް، ނޭނގެ އެވާހަކަ މަންމައާ ހަމައަށް ގެންނާނީ ކިހާ ސާމާނެއް އެއްކޮށްގެން ކަމެއްވެސް، އޭރުން ދެން އެ ނިމުނީ” އެހެން ހިތަށް އެރުމުންވެސް ހުދާ ކަންބޮޑު ވިއެވެ.
“ހުދާ، ކާމް ޑައުން!” ހުދާގެ އަޑުގައި ވީ ކަންބޮޑުވުން ފާހަގަ ކުރެވުމުން ނިހާލް މަޑުމަޑުން ބުންޏެވެ. އެއާއެކު ހުދާ ފުންކޮށް ނޭވައެއް ލީ އަޑު ނިހާލްއަށް އިވުނެވެ.
“ނިހާލް…” ހުދާ ގޮވާލިއެވެ.
“އައި ނޯ، އައި މިސް ޔޫ ޓޫ، ވަރަށް ބޮޑަށް” ނިހާލްގެ އަޑުގައި ތަފާތު އަސަރެއް އެކުލެވިގެން ދިޔައެވެ.
“މިސް ޔޫ ޓޫ، ވަރަށް ބޭނުން މީޓް ކޮށްލަން، ނުވާނެ ކަން އެނގޭ އިރުވެސް ހަމަ ހިތަށް އަރަނީ…” ހުދާވެސް ހަމަ އެރާގުގައި ބުނެލިއެވެ.
“އެނގޭ، އެކަމަކު އަދި ވަގުތު ނުޖެހޭތީއެއްނު ދޯ؟ އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް މީޓް ވާނެ، ދެން ނިދާލާ، މާދަން ހެނދުނު ފެންނާނެއެއްނު” ކޮންމެ ދުވަހަކުވެސް އޮފީހަށް ދާ ވަގުތު އެކަކު އަނެކަކު ފެންނާތީ ނިހާލް ބުނެލިއެވެ.
“އާނ، ފެންނާނެ…” އެވަރުން ހިތްހަމަ ނުޖެހޭ ކަން ހުދާ ބުނެލި ގޮތުންވެސް ނިހާލްއަށް އެނގުނެވެ. އެއާއެކު ނިހާލްގެ ހުނުމުގެ އަޑު ހުދާއަށް އިވުނެވެ.
“ދެން ބާއްވަނީ، އައި ލަވް ޔޫ!” އެހެން ބުނެފައި ފޯން ތުންފަތާ ކައިރި ކޮށްލަމުން ނިހާލް ފޯނުގައި ބޮސް ދިނުމާއެކު ފޯން ކަނޑާލާފައި ފޯނަށް ބަލަން ހުރީ ކަމެއްގެ އިންތިޒާރުގައި ހުރި ފަދައިންނެވެ.
މިނަޓެއް ނުވެ ނިހާލްގެ ފޯނަށް ވައިބަރ މެސެޖެއް އައެވެ. ހިނިއައިސްފައި ހުރެ ނިހާލް މެސެޖް ހުޅުވާ ބަލާލީ އޭގައި އޮންނާނެ އެއްޗެއް ނޭނގޭތީއެއް ނޫނެވެ. ކޮންމެ ރެއަކުވެސް ނިހާލްގެ ކޯލަށް ފަހު ހުދާ ފޮނުވާ މެސެޖްގައި ނިހާލް ފޯނުން ބުނާ ޖުމްލައިގެ ޖަވާބު އޮންނާނެތީއެވެ.
“އައި ލަވް ޔޫ ޓޫ” ހަމަ އެކަނި އެ ތިން ލަފްޒާ އެކު ރަތް ކުލައިގެ ތުންފަތެއްގެ ނިޝާން ފެނުމުން ނިހާލް ހީލާފައި ފޯން މޭމަތީ ބާއްވަމުން އެނދުގައި ހަމަ ޖެހިލާ ލޯ މަރާލިއެވެ.
“ދޮންތަ ދެން ކިހާ ދުވަހެއް ވަންދެންތަ ތިހެން މީޓް ނުކޮށް ހުންނާނީ؟ މިހާރު ރައްޓެހި ވިތާ ދެ އަހަރުވީ… ތިހެންތަ އަބަދު އުޅޭނީ؟” ހުދާ ފޯން ބޭއްވުމުން، ކިޔަން އޮތް ވާހަކަ ފޮތް ލައްޕާލާފައި ނަދާ އައިސް ހުދާގެ އެނދުގައި އިށީނެވެ.
“މީޓް ކުރަނިކޮށް މަންމައަށް ފެނިއްޖެއްޔާ ޔޯ؟” ހުދާ އަހާލިއެވެ.
“މަންމަވެސް ދޯ! ކީއްވެތަ މަންމަ އެހެން އުޅެނީ؟ މަންމަ އަހަރުމެން ދެކެ ލޯބި ނުވަނީ ކީއްވެތަ؟” ނަދާ އަހާލިއެވެ.
“އައި ޑޯންޓް ނޯ. އަހަންނަށް އެނގެނީ އަހަންނަށް ކުއްޖަކު ލިބުނު ދުވަހަކުން އެ ކުއްޖެއް ދެކެ އަހަރެން ވަރަށް ލޯބި ވާނެ ކަން” ނިހާލް އާ އެކު އުފާވެރި އާއިލާއެއްގެ ހުވަފެނެއްގެ މަންޒަރުތައް ޚިޔާލަށް ގެންނަމުން ހުދާ ލޯ މަރާލިއެވެ.
އެވަގުތު ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލި އަޑު އިވިފައި، ނަދާއަށް އެނދުން ތެދުވެގެން ދޮރާ ހަމައަށް ނުދެވެނީސް ދޮރު ހުޅުވާލާފައި އަޔާޒް ވަނެވެ.
“އަޔާ! ލިބުނުތަ؟” ދުވެލާފައި ގޮސް އަޔާޒްގެ ކުރިމަތީ ހުއްޓުނު ނަދާ އަހާލީ އެއްޗެއް ބޭނުންވެފައި ހުރި ކުޑަ ކުއްޖެއް ހެންނެވެ.
ޖަވާބެއް ނުދީ އަޔާޒް އަތުގައި އޮތް އެތެރެ ނުފެންނަ ކޮތަޅު ނަދާއަށް ދިއްކޮށްލިއެވެ.
ކޮތަޅުން ދެ ވާހަކަ ފޮތް ނަގާ ބަލާލުމާއެކު ނަދާ އުފަލުން ފުންމައިގަތެވެ. އެއާއެކު ހިނިއައިސްފައި ނަދާއަށް ބަލަން ހުރި އަޔާޒް ގައިގައި ބައްދައިގަތެވެ.
“ތެންކިޔު އަޔާ ތެންކިޔު! އަޔާ ހާދަ ރަނގަޅޭ، ގަނެގެން ދޯ ތި ގެނެއީ؟” ދުރަށް ޖެހިލަމުން ނަދާ ދެފޮތް މޭގައި ޖައްސާލިއެވެ.
“މައި އަތުގަވެސް، އޭނަގެ ފްރެންޑެއް އަތުގަވެސް ނެތީމަ ގަތީ” ނަދާ އެ ދެ ފޮތް ކިޔާހިތުން އުޅުނު ވަރު އެނގޭތީ އަޔާޒް ބޭނުން ވީ ގަނެގެން ވިޔަސް ނަދާއަށް އެ ހޯދާދޭށެވެ.
ނަދާ އަނެއްކާވެސް ފޮތްތަކަށް ބަލާލިއެވެ.
“އަޔާ ހާދަ ރަނގަޅޭ… މަސް ފެށުނީމަ—”
“ނޯ، ހެޔޮ ނުދިނަސް… ތީ ނަދާއަށް އަހަރެން ދިން ގިފްޓެއް” ނަދާ ބުނަން އުޅުނު އެއްޗެއް ވިސްނިގެން އަޔާޒް ނަދާގެ އަތުގައި ހިފާލަމުން ބުންޏެވެ. އެ ފޮތްތަކަށް ވީ އަގު އަޔާޒްއަށް ދޭން ނަދާއަށް އުނދަގޫ ވާނެކަން އެނގޭތީއެވެ.
ނަދާ އެއްޗެއް ނުބުނެ އަޔާޒްގެ މޫނަށް ބަލަން ހުއްޓެވެ.
“ދެން ތިހެން ނުހުރެ ދޭބަލަ ތި ހުޅުވާފަ ބަލާލަން، އަނެއްކާ ނޭނގެއެއްނު މިސްޓޭކަކުން ތީގަ ޕްރިންޓް ނުވެ ނޫން ކަމެއްވެސް ހުރީ؟ ޕޭޖެއް މަދުވެސް ވެދާނެއެއްނު؟ ޗެކް ކޮށްލަބަލަ އަވަހަށް” ނަދާ މޭގައި ޖައްސާލައިގެން ހުރި ފޮތުގައި އިނގިލި ޖައްސާލަމުން އަޔާޒް ބުނެލިއެވެ.
ވަގުތުން ނަދާ ގޮސް އެނދުގައި އިށީނދެ ފަހަރަކު ފޮތެއް ހުޅުވާ ބަލަން ފެށިއެވެ.
“ކިޑްސް ސްޓޯރީސް!” ނަދާއަށް ބަލާލަމުން ހުދާ މޫނަށް ވައްތަރެއް ޖައްސާލިއެވެ.
“މީ ކިޑްސް ފޮތެއް ނޫނޭ، ބޮޑެތި މީހުންވެސް ކިޔާ ފޮތެކޭ މީ” އުނގުގައި އޮތް “ހެރީ ޕޮޓަރ އެންޑް ދަ ކަރސްޑް ޗައިލްޑް” ލައްޕާލާފައި ހުދާއާ ދިމާއަށް ދިއްކޮށްލަމުން ނަދާ ބުނެލިއެވެ.
“ނަދާ ނޫނިއްޔާ ނޫޅޭނެ ތި ހެރީ ޕޮޓަރ ފޮތްތައް ކިޔާ ތިވަރުގެ ކުއްޖެއް” ހުދާ ބެލީ ނަދާއާ ދިމާ ކޮށްލެވޭތޯއެވެ.
“ދެން އެހެން ވިއްޔާ މީ ބޮޑެތި މީހުންގެ ފޮތެއްނު؟ ދޮންތަ ނުކިޔާނެ މިވެސް” އެނދުމަތީ ނަދާ ކައިރީ އޮތް “ޑެވިލް އިން ސްޕްރިންގް” އަށް އިޝާރާތް ކޮށްލަމުން ނަދާ ބުންޏެވެ.
“އަހަންނަކަށް ނުވާނެ ތި ކަމެއް، ނަދާ ތި ކިޔަމެއްނު މިގޭ އެންމެންނަށް ވާ ވަރަށް، މިހާރު މި ރިދާވެސް ހީވަނީ ވާހަކައާ ހެދި މޮޔަވާން އުޅޭ ހެން، ނަދާ ކައިރިން ވައިރަސް އަރައިގެން” ހުދާ ބުންޏެވެ.
“މީ ނުލާހިކު ފޫހި ފިލާ ކަމެކޭ، ދޯ އަޔާ؟” ލިޔާ މޭޒު ކައިރީ އިން އަޔާޒްއަށް ނަދާ ބަލާލިއެވެ.
“ފޫހި ފިލާ، އެކަމަކު ނަދާ ކިޔާ ވަރަކަށް ނުކިޔޭ އަހަންނަކަށްވެސް” ހިނިއައިސްފައި އަޔާޒް ޖަވާބު ދިނެވެ.
“ދެން އަޔާ އެހާ ވަރުން ތި ފޮތްތައް ގަނެ ދިނީމަ އެއްވެސް އެއްޗެއް ނުދެންތަ އަޔާއަކަށް، ދޭބަލަ ކޮފީއެއް ގެނެސްދޭން” ހުދާ ބުނެލިއެވެ.
“އާނ މި ދަނީ، އަޔާ، ވަރަށް އަވަސް ވާނެ އިނގޭ” ނަދާ ފޮތްތައް މޭޒުމަތީ ބެހެއްޓިއެވެ.
“ދޮންތައަށް ވެސް ކޮފީއެއް ހަދައްޗޭ” ހުދާ އެދުނެވެ.
ފަސް މިނަޓެއް ހާއިރު ފަހުން ތަބަކެއްގައި ތިން މަގު ކޮފީއާ، ސްޓިކްސް ދަޅަކާ ޗިޕްސްމޯ ބިސްކޯދު ޕެކެޓެއް ހިފައިގެން ނަދާ އައިސް މޭޒުމަތީ ބެހެއްޓިއެވެ.
“ނަދާ ކިހިނެއްތަ ކޮފީ ގިރަނީ، އަހަންނަކަށް ނުގިރޭ މިހެންނެއް ކިތަންމެ ވަރަކަށް އުޅުނަސް” ކޮފީ ތަށިން ރަހަ ބަލާލާފައި ހުދާ ބުނެލިއެވެ.
“އެއީ ނަދާގެ އަތުގެ މެޖިކެކޭ ދޯ؟” އަޔާޒްވެސް ކޮފީފޮދެއް ބޯލިއެވެ.
އެކި ވާހަކައިގައި ތިބެފައި އަޔާޒް ދިޔައިރު ބާރަ ޖަހަން ކައިރި ވެއްޖެއެވެ. ނަދާ ނިދަން ތައްޔާރު ވެގެން އެނދަށް އެރީ އަޔާޒް ގެނެސްދިން ވާހަކަ ފޮތެއް ހިފައިގެންނެވެ.
“އަހަރުމެންގެވެސް އަޔާ ކަހަލަ ފްރެންޑެއް ހުރި ނަމައެއްނު… ނަދާ ހާދަ ލަކީއޭ، ތި ފޮތްތައް ނުލިބުނީމަ ގަނެގެން ވިއްޔަ އެ ގެނެސްދިނީ، ކިހާ ރަނގަޅުތަ އަޔާ” ނަދާ އޮތް އެނދަށް ބަލާލަމުން ހުދާ ބުންޏެވެ.
“އަޔާ ރަނގަޅު ވާނެއެއްނު، އެއީ މަގޭ ބެސްޓް ފްރެންޑޭ” ނަދާ ބުނެލިއެވެ.
ތެދެކެވެ. އަޔާޒްއަކީ ނަދާގެ އެންމެ ގާތް އެކުވެރިޔާއެވެ. ސްކޫލްގައި އެއް ކްލާހުގައި އުޅުނު ކުދިން ފިޔަވައި ނަދާގެ ހަމަ އެކަނި ރަޙުމަތްތެރިޔާއެވެ. އެ ދެމެދުގައި އެވާ އެކުވެރިކަމަކީ ނަދާ ހަނދާން ހުންނަން ފެށީއްސުރެވެސް އޮންނަ ގުޅުމެކެވެ.
ނަދާމެން ގެޔަށް އަޔާޒް އަންނަން ފެށީ އާތިފްއާ އެކުގައެވެ. ޒަމީރުގެ ދުނިޔޭގައި އާތިފް އެ ގެޔަށް އައިސް އުޅުނު އިރުން ފެށިގެން އަޔާޒްވެސް އެ ގެޔަށް އައިސް އުޅެއެވެ. އޭރުން ފެށިގެން ޒަމީރުގެ ކުދިންނާ މެދު އާތިފް އެކޭ އެއް ގޮތަށް އަޔާޒްވެސް ދެކެމުން އައީ ވަރަށް ގާތް ކޮށެވެ. ބޮޑެތި ވެގެން އައި އިރު އެ ތިން އަންހެން ކުދިން ކަމަކު ބޭނުން ވެގެން ބުނެފި ނަމަ ވީ އެންމެ އަވަހަކަށް އެ ކަމެއް ކޮށްދެވޭތޯ އަޔާޒް ބަލައެވެ. އެ ގޮތުން އެ ހަތަރު ކުދިންގެ މެދުގައި އުފެދިފައި ވަނީ ވަރަށް ގާތް އެކުވެރި ކަމެކެވެ. ވަކިން ޚާއްސަކޮށް އަޔާޒް އާ ނަދާގެ މެދުގައި އޮތީ މިސާލެއް ފަދަ އެކުވެރި ކަމެކެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.








ސަލާމް ހުރިހާ ކުދިން، މިއޮތީ ވާހަކައިގެ ދެވަނަ ބައި، ހީ ކުރަން މި ބައިވެސް ކަމުދާނެ ކަމަށް، ކިޔުންތެރިން ދެކޭ ގޮތް ކޮމެންޓަކުން މާޝާއަށް އަންގާލަދޭތި އިނގޭ. އަނެއް ބައި ހޯމަ ދުވަހުން ގެނެސްދޭނަން އިންޝާﷲ. ބާއްޖަވެރި ހުކުރު ދުވަހަކަށް އެދެން.
Mee first dhw Varah reethi mi bai ??????
Hey its me jiji ingey..btw mi part vec v v rythi ingey..V kiyaa hithun indha nimuny….
Hehe..Monday ga dhw next part..will be waiting fr that ingey…lysm
Mi part varah lobi
Masha allah
??????????
Wow..varah reethi..next part avahah up koala..ly♥♥
Varah reethi. Abadhuves marsha ge vaahaka kiyan. Marsha ge huriha vaahaka eh ves me ah varah reethi
thank you all, part 3 now uploaded,
habbu