ނާއިންސާފް 5
އަހަރެންނަށް އެނދުގައި ޖައްސާލެވުނު އިރު ފަތިހު ހަތަރުގަޑި ބައިވަނީއެވެ. ފަތިސްނަމާދުކޮށްގެން ނިދަން، އަހަރެން، ފޯނު ބަލައިލީމެވެ. ހައިރާންވީ ދުވަހަކުވެސް ނާންނަ ވަރަށް މެސެޖު އައިސްފައި ހުރުމުންނެވެ. ދަންނަ އެންމެންހެން މެސެޖުކޮށްފައި ހުރި އިރު، ނުދަންނަ މީހުންގެ ޓެކްސްޓް މެސެޖުތައްވެސް މަދެއް ނޫނެވެ. ބަޔަކު މީހުން މީ އަހަރެންގެ އުފަންދުވަހޭ ސޯޝަލް މީޑިއާގައި ޖެހީ ހެއްޔެވެ؟ ވީ ގޮތެއް ހިތަށް އަރުވާލަންވެސް މަށަކަށް ނޭންގުނެވެ.
“އީދް މުބާރިކް” “ހެޕީ އީދް” ނަމާދުން އައިސް މެސެޖުތައް ކިޔަންފެށީމެވެ. އާނއެކެވެ. ޢީދެވެ. ބޮޑު ހާސްގަނޑެއްގެ ތެރޭގައި މުޅި ހަފްތާ އުޅުމުން، ރޯދަ މަސް ނިމުނު ގޮތެއްވެސް ނޭންގެއެވެ. ދުވާލު ދާ ހަތަރު ދަމު ނިދާ މީހުންނަށް ނުވެސް އިނގޭނެ ތާއެވެ. ނިދިއައިސްފައި ހުރި ނަމަވެސް އިތުރަށް ނިދާކަށް އަހަރެންގެ ހިތެއް ނޭދުނެވެ. ދަންނަ މީހުންނަށް ވީވަރަކުން އީދު މުބާރިކް ލިޔުމަށް ފަހު، ބޭރަށް ނިކުމެލަން އަހަރެން ނިންމީމެވެ.
ލާނެ ހެދުން އިސްތިރިކުރަން ޙަވާލުކޮށްފައި، އަހަރެން ސައިކަލަށް އަރާ ދުއްވާލީމެވެ. ފަތިހުގެ އެ ގަޑި އެހެން ދުވަސް ދުވަހަށް ވުރެ ހަލަބޮއްޔެވެ. އެކިހިސާބު ތަކުގައި ދުއްވަމުން ގޮސް އަހަރެން އެންމެ ފަހުން އަހަރެންގެ ކޮޓަރިއަށް ދިޔައީ ދާނެ އެހެން ތަނެއް ނެތިގެންނެވެ.
ފެންވެރީ ކިތަންމެ ލަހުން ނަމަވެސް، އަނެއްކާވެސް އަހަރެން ފެންވަރާ، ރީތި ވެލީމެވެ. ކޮފީ ތަށްޓަކުން ސިކުނޑި ތާޒާ ކޮށްލުމަށްފަހު، އަނެއްކާވެސް، އަހަރެން ނިކުތީ ބޭރަށެވެ. ތަންކޮޅަކަށް ދުއްވުމަށް ފަހު، ފިހާރައަކުން، މާބޮނޑިއެއް ގަނެގެން، އަހަރެން ދިޔައީ، ގެއަށެވެ. މަންމަމެން ގެއަށެވެ.
“ދޮންބޭ….” ވަނުމާއި އެކު ނުހަނު ލޯބިން މިޝްކާ މަށަށް ގޮވާލިއެވެ. ނައިޓީގައި، ކޮފީ މަގެއް ހިފައިގެން ހުރި އިރު، މިޝްކާ ފެންނަނީ ޢުމުރަށް ވުރެވެސް ހަގުކޮށެވެ. މާ ބޮނޑި މިޝްއަށް ދިނުމަށް ފަހު، ކާމޭޒަށް ކަމަށް ބުނެފައި އަހަރެން ދިޔައީ އަހަރެންގެ ކޮޓަރިއަށެވެ.
ކުޑަ އިރުކޮޅަކު މަޑު ކޮށްލުމަށް ފަހު، އަހަރެން މަންމަމެންނާއި އެކު ސައިބޯން ދިޔައީމެވެ. ޢީދުގެ އުފާވެރި ކަމަކީ، ޢާއިލާއާއި އެކު ހޭދަ ކޮށްލެވޭ ވަގުތު ކޮޅެވެ. މިހެން ބުންޏަކަސް، މަށަށް ޢާއިލާއާއި އެކު ވަގުތު ހޭދަ ކުރުމުގެ ފުރުސަތު އަބަދުވެސް އޮވެއެވެ. ހުރި ކަންނެތް ކަމެއްގެ ސަބަބުން މަންމަމެން ކައިރިޔަށް ނުދެވެނީއެވެ.
އެހެން އަހަރުތަކެކޭވެސް އެއްގޮތަށް އަހަރެން އީދު ނަމާދަށް ދިޔައީ، ލުވެއިޒް އެއްކޮށެވެ. އެހެންނޫނަސް ޖިހާން އާއި ރިކް އަދިވެސް، ޔޫހާގެ މައްސަލަ ޙައްލުކުރުމުން ސަލާމަތް ވި ކަމެއް ނޭންގެއެވެ.
“މާޒް.. ހާދަ ނުފެނޭ މިހާރު. ކޮންތާކު ތި އުޅެނީ..” މަގު ތޮއްޖެހި، ލުވެއިޒް ސައިކަލު މަޑުކޮށްލި ވަގުތު، ފަހަތުން އައި ސައިކަލު ދުއްވަން އިން ޝަޔާން އަހަރެންގެ ކޮނޑުގައި އަތް އަޅުވާލިއެވެ. ޝަޔާން އަކީވެސް ފެށުނީއްސުރެ އަހަރެމެންނާއި ވަރަށް ގާތް އެކުވެރިއެކެވެ. ޝާނާ އާއި ލުވެއިޒް ގެ ލޯބީގެ ގޮތުން ގުޅުމުގެ ސަބަބުން އެ އެކުވެރިކަން އިތުރަށް ވަނީ ވަރުގަދަ ވެފައެވެ.
“ތީ ހަމަ ޝާން އަށް ހީވާ ގޮތް… އަބަދު ރައު ގޮވައިގެން އުޅެން ވަންޏާ ދެން އަހަރުމެންގެ ޚަބަރެއް ނުވާނެއްނު. ޝަޔާން ގެ ފަހަތުގައި އިން ރައުހާ އަށް ނިސްބަތްކޮށް މަ، ބަހުން ޖަހާލީމެވެ. އަހަރެންގެ އާދަ ކަމަށް ވުމުން، އެއްވެސް މީހަކު އަޅައެއް ނުލިއެވެ.
“ޒިން، ކޮންކަމެއް އީދުގަ އޮތީ؟” އެއްވެސް ކަމެއް ނުއޮންނާނެކަން ޔަޤީންވާ ހާލު ލުވެއިޒް އަހާލިއެވެ. މަ ކުރާނެ ކަމަކަށް އޮންނާނީ ނިދުމާއި ކެއުމެވެ. ކައިކައިފައި ނިދީމަ އެ ނިމުނީއެވެ.
“ހިނގާބަ ޝާން މެންނާއެއްކޮށް ނޫނަށް ޖައްސާލަން.” އަނެއްކާވެސް ޝަޔާން ވާހަކަ ދެއްކިއެވެ. ޝާންމެންނޭ ބުނުމުން އަހަރެން ކޮންބައެއްހޭ އަހާލީމެވެ.
“ފެމަލީ.. މި ބުނީ މަށާ ދޮންތަ ވާހަކަ. ދެން އޮފްކޯސް، ދޮންތަޔާއެއްކޮށް ލުވެއިޒް ދާނެ. މަ ގެންދާނަން ރައު.” ދެން ވެސް ވާހަކަ ދެއްކީ ޝާންއެވެ.
“ދެން ޝާންމެން ފެމިލީ ޓްރިޕް ރުއިންކުރަން މާޒް ދާކަށް ނުވަނެ ދޯ. އަނެއްކޮޅުން ކައެމެން، ބިޓުން ގޮވައިގެން މާފޮޅުވަން ދިޔައީމަ، މަ އެކަނި ވާނެ.” ދެންވެސް ދިމާކޮށްލަމުން އަހަރެން އިންކާރު ކުރީމެވެ.
“ދެން، ވެލިންޓަން އިން އައި އިރު، ކައި ގޮވައިގެން އައިނަމަ. ހަމަ އަހަރުމެންނަށް ދައްކާވެސް ނުލިއޭ.” ވާހަކަ ތެރެއަށް ވަންނަމުން ރައުހާ ބުނެލިއެވެ. މަ ދޭނެ ރައްދު މަދުވާނެ ހެއްޔެވެ؟
“ކައި ރީތިކަމުން ރާއްޖެއަށް އައިސްފިއްޔާ އެސްފީނާއެއް ޖެހިދާނެތީ..” އަހަރެން ވަރަށް ވެލާފާ ބުނެލީމެވެ. ހަމަ އެއާއެކު ލުވެއިޒް ހޭން ފެށިއެވެ. ދެމަހެއް ތެރޭ މީހެއްގެ އަންބަކަށް ވާން އުޅޭ އަންހެން ކުއްޖާ އަކީ މަގޭ ލޯބިވެރިޔާއޭ، ބުނާއިރުވެސް، އެހެންމީހުންނަށް ރެޔަކާ ނުލަނީއެވެ. އަހަރެން އަމިއްލައަށް، މަށަށް އޮސްކާ އެވޯޑް ދީފީމުހެވެ.
އެންމެފަހުން ނިމުނީ އަހަރެންވެސް ދާ ގޮތަށެވެ. ޝާންގެ ބޭންޑު ޝޯ ގައި ޕަރފޯމް ކުރަން ހަމަޖެހިފައި އޮއްވާ، ބައެއް ކުދިންނަށް ނުދެވޭތީ، އެބައި ކަވަރ ކޮށްދިނުމަށް ޝާން އެތައްފަހަރަކު އާދޭސް ކުރުމުންނެވެ. ލުވެއިޒްގެ ލޯންޗުގައި، އަހަރެމެން ފުރިއިރު، ހެނދުނު ނުވައެއް ޖަހަނީއެވެ. ދަތުރު އަހަރެން ހީކުރި ވަރަށް ވުރެ މަޖަލެވެ. ލަވަކިޔުމާއި، ޖެއްސުންކުރުމުގައި، ހަތަރު ގަޑިއިރު ދިޔަ ގޮތެއްވެސް ނޭންގުނެވެ.
ނ.ކެނދިކުޅުދޫއަށް އަހަރުމެން ލެފިއިރު، އީދުގެ ކުލަތަށް، ހުރިހާ ހިސާބަކުންވެސް ފެންނަން ހުއްޓެވެ. ކުލަ ޖެހުން ފަށައިފިކަން ބިންމަތީގެ ތަންތަންގަނޑުން ފެންނަން ހުރި އިރު، ދޭތެރެ ދޭތެރެއިން ސައިކަލުގައި އެކިއެކި ގްރޫޕްތައް، ސަކަރާތް ޖަހަމުން ދާ އަޑު އިވެއެވެ. ޙަޤީގީ އުފާވެރި ކަމަކީ އެއީ ނޫންހެއްޔެވެ؟
އަހަރެމެންނާއި ޚިލާފަށް ޝާން ބޭނުންވީ، ރަނގަޅަށް ސަކަރާތް ޖަހާލާފައި ގެއަށް ދާށެވެ. އެހެންކަމުން، ރައުހާ އާއި، އޭނައާއިއެކު އައި ދެތިންރަށްޓެހިން، އުތުރަށް ހިނގައިގަތުމުން، އަހަރެމެން، ދެކުނަށް ހިނގައިގަތީމެވެ. ޝާނާގެ ގެވެސް، އަދި އަހަރެމެން ތިބޭ ގެސްޓްހައުސް ވެސް ހުރީ އެކޮޅުގައި ކަމުންނެވެ.
ޝާނާ އާއި އަލީނާ ބޮޑު ވާހަކައެއްގައި ތިބެ ކުރިއަށް ދަމުން ދިޔައިރު، އަހަރެން ވެސް، ލުވެއިޒް އާއި ވާހަކަ ދައްކަމުން ދިޔައީމެވެ. އަހަރެންނެކޭވެސް އެއްގޮތަށް، އީންވެސް އައީ، ޝާ އާއި ލުވެއިޒް އާދޭސް ކުރާ ވަރުންނެވެ.
މަގުމަތީ މާ ބޮޑު ކަމެއް ނުވި ނަމަވެސް، ކުލަ ކޮތަޅު ތަކުން، ނުރެކެވުނެވެ. އަހަރެން ލައިގެން ހުރި އަތްދިގު، ހުދު ޓީޝާޓު، ގެއަށް އައި އިރު އޮތީ މުޅުން، ޚަރާބުވެފައެވެ. ކުލަތައް ފިލާނެ ކަމެއްވެސް ނޭންގެއެވެ. އަޅެ ކަޅު ޓީޝާޓެއް ލެވުނު ނަމައެވެ.
އެއްޗިހި ބަދަލުކޮށްލައިގެން ނުވެސް ކައި، އަހަރެން އޮށޯތީ ނިދާށެވެ. އެހެންމީހުން ކޮބައިތޯވެސް ބަލައި ނުލަމެވެ.
…..
ޔޫހާގެ މަންމަ ހަޅޭއްލަވައިގަތް އަޑާއިއެކު، އަހަރެންނަށް ހުވަފެނަކުން ހޭލެވުނެވެ. ބިރުން އޮށްދާ ނުހިއްލިއެއް ކަމަކު، އަހަރެންނަށް ހުރީ ކޮންމެސް ގޮތެއް ވެފައެވެ. އަޅާނުލާ އަހަރެން، ރީތިވެލައިގެން، އަޅިކުލައިގެ ޓީޝާޓެއް އަތުން ހިފައިގެން ނިކުތީމެވެ. ހުރިހާ ބޮއްކެއް ނިއްވާލާފައި ހުރުމުން، އެއްވެސް މީހެއް ނޫޅެނީކަން އެނގެއެވެ.
ކަންނެތް ކަމާއިއެކު، ހިނގާފައިގޮސް، ފްރިޖުން ފެންފުޅިއެއް ނަގާ ކަނޑާލީމެވެ. ވަށައިގެން ބެދިފައި އޮތުމުން، ފުދޭވަރަކަށް އަނދިރި ކަމުން، އަހަރެން ދޮރުކައިރިއަށް ދިޔައީ، ބޮކި ޖައްސާލުމަށެވެ. ނުވިސްނާ ހުއްޓާ، ދޮރު ހުޅުވާލައިފައި، ވަން ކުއްޖެއް އައިސްޖެހުނީ އަހަރެންގެ ގައިގައެވެ. ދެމީހުންނަށްވެސް ލިބުނީ ކުޑަވަރެއްގެ ޝޮކެކެވެ.
ސިއްސައިގެން ދިޔަ ވަރުން، ވެއްޓެން ދިޔަ އީން، އަހަރެންގެ އަތުން ހިފާއްޓަފައި އޮތް އިރު، އަހަރެމެންނަށް ތިބެވުނީ، ފުދޭވަރަކަށް ކައިރީގައެވެ. ވަގުތުން އީންގެ ދޮން މޫނު ރަތްވެގެން ދިޔައެވެ. މަ ހުސްގަޔާ ހުރުމުން ކަންނޭންގެއެވެ. މަޑުމަޑުން ސޮރީ އޭ ބުނެލަމުން އީން އަވަހަށް ދުރަށް ޖެހިލިއެވެ. އަދި މަޑުމަޑުން އެތެރެއަށް ހިނގައިގަތެވެ.
“އީން..” ކޮޓަރިއަށް ވަދެ ވަދެ ހުއްޓާ، މަ ގޮވާލުމުން އީން ބަލައިލިއެވެ. މަ ލުވެއިޒް ކޮބާތޯ އެހުމުން، ދިޔައީ ޝާނާ އާ އެއްކޮށް ކަމަށް ބުންޏެވެ. ކިތަންމެ އޮރކްވަރޑް ނަމަވެސް، އަހަރެން ހިނގާލަން ދާން ބުނީމެވެ. މިއޮތް ބޮޑު ރަށުގައި، މަ ކުރާނެ ކަމެއް ނެތުމުން، ދެން ބުނާނީވެސް ކީކޭ ހެއްޔެވެ.
ފޫހިވެފައި ހުރުމުން ކަންނޭންގެއެވެ. އީންވެސް، ދެކޮޅު ހެދުމެއް ނެތި އައެވެ.
އެންމެން އީދުގެ ހަރަކާތްތަކުގައި އުޅޭއިރު، އަތިރި މަތި، ވަރަށް ހަމަ ހިމޭނެވެ. ހޭޅިފަށުގައި އޮތް ޖޯއްޔެއްގައި އަހަރެން އޮށޯވެލީމެވެ. އެއިރު އީން، ރާޅުޖަހާ ފަށުގައި، ހުއްޓެވެ. ބޮލިހޮވަމުން، ފޮޓާނަގަމުން، ރާޅުތަކުގައި ނުޖެހި އީން އުޅެމުން ދިޔަގޮތް، ސޯޅައަހަރުގެ ކުއްޖަކަށް ވުރެ މާ ޅައެވެ. ރާޅުގައި ނުޖެހެންވެގެން، އުޅެމުން ދިޔަ ގޮތުން އަހަރެންނަށް ހެވެންވެސް ހެވެއެވެ.
ވިލުނޫކުލައިގެ ހެދުމަކާއި ކަޅު ލެގިންސްގައި، އީން ފެންނަލެއް ނުހަނު ފުރިހަމައެވެ. ފަހަތަށް އައްސާލާފައި އޮތް ކަޅު ދިގު ފަން އިސްތަށިގަނޑު، ފެންނަގޮތް ސާދާ ވެފައި ރީއްޗެއެވެ. މޭކަޕާއި ނުލައިވެސް، އެ މޫނުން އެއްވެސް އުނިކަމެއް ނުފެނެއެވެ. އަޅިކުލައަކާއި ވައްތަރު، ކަޅުދެލޯ، ލުވެއިޒްއާއި އެލީޒާއަށްވުރެ، މާފުންވެފައި، ރީތިކަމަށް ދައްކައެވެ.
މައުސޫމް ރީތި އެ އަންހެން ކުއްޖާ، ކޮންމެ ރެއަކު، އެކަނި މައި އެކަނި، ދަންވަރު ރޮނީ ކީއްވެތޯ، ސުވާލުކޮށްލެވުނެވެ. އީންގެ ޙަޤީގަތް އެނގެން، ނޭނގޭ ބޮޑުމިނެއްގައި ބޭނުންވިއެވެ.
އަހަރެމެން ގެއަށް ދިޔައީ، އިރު އޮއްސެން ގާތްވެފައިހުއްޓައެވެ. އެއިރު، ލުވައިޒް އާއި ޝާނާގެ އިތުރުން ރައުހާއާއި ޝާން ވެސް އުޅެއެވެ. ވަން ގޮތަށް އީން ދިޔައީ އީންގެ ކޮޓަރިއަށެވެ. މަ ގޮސް، ލުވެއިޒް ކައިރިއަށް، ސޯފާއަށް ވެއްޓިގަތީމެވެ. ދެން ތެދުވަން ބޭނުން ނުވާފަދަ ގޮތަކަށެވެ. ނަމަވެސް، ދެވަނަ ސިކުންތުގައި، ޝާން އާއި ހެދި، ޖެހުނީ ތެދުވާށެވެ.
ކިޔަން ޖެހޭ ލަވަ ދިނުމަށް ފަހު، އަހަރެން ދަސްކުރަންވީ ބައިތައް ކިޔައިދީފައި، ދަސްކުރަން ބުންޏެވެ. އެއަށް ވުރެ ފޫހި ކަމެއް އޮންނާނެހެއްޔެވެ؟ މަވާ ސަލާމެވެ.
އެރޭވެސް އެއްވެސް މީހަކު ގެއަކު ނޫޅެއެވެ. އެންމެން އީދު މަޖާ ނަގަނީއެވެ. އެކަމަކު މަ، ގޭގައި އެނދުގައެވެ. ލުވެއިޒްމެން ބިޓުން ހޯދި ފަހުން، އައި ގިނަ ޢީދުތަކެކޭވެސް އެއްގޮތަށެވެ.
އަނެއްކާވެސް މަ ނިދީއެވެ. މީހުން، ވަކިން ޚާއްސަކޮށް މަންމަމެން، ބުނެ އުޅޭނެއެވެ. ސައުވީސް ގަޑިއިރު ނިދިޔަސް، ނިދަން ފޫހިނުވާ މީހުން އުޅެއެވެ. އޭގެން ކުރީސަފު މީހަކަށް މަ ވާނެއެވެ.
ސައުވީސް ގަޑިއިރު ނިދަމޭ ކިޔާ ފޮނިކެނޑިއަކަސް، އެކެއް ޖެހިތަނާހެން، މަށަށް ހޭލެވުނެވެ. ވޭތުވެ ދިޔަ މަހު، މަ އެންމެ ފޯރީގައި ސަކަރާތް ޖަހާ ގަޑި ވީމަ ތޯއްޗެކެވެ.
ކޮންމެއަކަސް ބޭރަށް ނިކުތީ، ތެދުތެދަށް ބުނާނަމަ، ވަކި ސަބަބެއް އޮވެގެނެއް ނޫނެވެ. މާލޭން ނުލިބޭ، ވައިކޮޅު ޖައްސާލޭށޭވެސް ބުނެވިދާނެއެވެ.
ބޫޓުނެގި ވަގުތު، މަގޭ ‘ދަންވަރު ރާނީ’ ނޫޅުއްވާކަން އެނގުނެވެ. ޔަގީނެވެ. ކޮންމެސް އިންސިއަކާއި އެއްކޮށް މީޓަށް ގޮހެވެ. ރޯދަމަސް ނިމުމުން، ހަންޑިއެއް ކައިރިއަށް ދެވުމުގެ ފުރުސަތުވެސް ކުޑައެއް ނޫންތާއެވެ. އެމީހަކާ އެމީހެއްގެ ޙަޔާތެވެ. މަށަށް ކީތް ހެއްޔެވެ.
ހަނދު ފެންނަންވެސް ނެތް އިރު، އަތިރި މަތީ އެއްވެސް އަލިކަމެއް ނުވެއެވެ. ގޭ ފަހަތުގައި ހުރި، ހޮޅު އަށީގައި އިށީންދެލީމެވެ. ދަންވަރު، މާލެގެ ހަލަބޮލި މާހައުލުގައި، ކުރެވޭހާވެސް ކަމަކީ ބުރުޖެހުމެވެ. ނަމަވެސް ރަށް ހިތްފަސޭހައެވެ. އެކަމަކު މިބުނީ މަ ރަށްފުށު ދިރިއުޅުމެއް ބޭނުމެކޭ ނޫނެވެ. މަ ކަހަލަ، ބޮޑާ މީހެއް، މަދިރި ހާއްޔެއްގައި ހަފްތާއެއްވެސް ދިރިހުންނާނީ ކިހިނެއްހެއްޔެވެ.
އެއްލި ކަޅިއަކުން މަށަށް ފެނުނީ ހަންޑިއެކެވެ. ވީ އުފަލުން މަ ދެލޯ ބޮޑުކޮށްގެން ބަލަން ފެށީމެވެ. ކުރެވުނީ ކުށްހީއެއް ނޫންކަން ޔަޤީން ކުރާށެވެ. ނޫނެކެވެ. އެއީ ތަންކޮޅެއް ކުރިން ރެއަކު މަށަށް ފެނުނު ހަނދެވެ.
އީން މޮޅީ ހަމައެކަނި، ޗޮކްލެޓު ވައްކަން ކުރާކަށް ނޫނެވެ. މީޓަށް ދާނެ ތަންތަން ކަނޑައަޅާންވެސް އެވަރެއް ނެތެވެ. ހުރީ ފުޓުބޯޅަ ދަނޑުގެ، ޗޭންޖިން ރޫމް ފުރާޅު މައްޗަށް އަރައެވެ. ކިތަންމެ ދުރަސް އެއީ އީން ކަން މަށަށް އެނގެއެވެ. ތިރިޔަށް ފައިބާލައިގެން އިށީންދެގެން އިން އިރު، ކައިރީގައި ހުރި މީހަކު މާރަނގަޅަކަށް ނުފެނެއެވެ. ފަހަރުގައި އޮށޯވެ އޮތީމަ ކަމަށް ވެދާނެއެވެ.
ދެން، އަހަރެން ކަހަލަ ނުސިޔާނު މީހުން ކުރާނީ ކީތްކަން އެނގެއެއް ނޫންހެއްޔެވެ؟ ގޮސް ފުރާޅަށް އެރީމެވެ. ފުދޭވަރަކަށް ޓްރެއިނިން ލިބިފައިވުމުން، އަނދިރީގައިވެސް، އެތަނަށް އެރުންވީ މަށަށް މެޓަލަކަށެވެ. އެކަމަކު ރަހައެއް ނުލައެވެ.
“އޯހް.. އެކަނިތަ؟ މަ ހީކުރީ ބީއެފް ގޮވައިގެން ކަމަށް.” ބްލެކްމެއިލް ކުރެވޭނެ ފެންވަރުގެ ފޮޓޯއެއް ނުލިބުމުން، މާޔޫސް ކަމާއިއެކު، މަގޮސް އީން ކައިރީ އިށީނީމެވެ.
“މަ ކޮންމެ ތާކަށް އަރާ އިނަސް، ދަންވަރު ވެއްޖިއްޔާ، މާޒިން ވާނެ އަންނަން.. ޕީޕަލް ނީޑް ޕްރައިވެސީ ކަމެއް ނޭންގޭތަ؟” އީން ރުޅި އައިސްފައި ވާހަކަ ދެއްކުމުން މަ ހައިރާން ވިއެވެ. ނަމަވެސް ބޮޑަށް ހައިރާން ވީ، ގިނައިރު ރުއިމުގެ ސަބަބުން އަޑަށް އައިސްފައި ހުރި ބަދަލުންނެވެ. އެ ކަރުނަތަކުގެ ފަހަތުގައި އޮތް ސިއްރު އެނގުން މަށަށް ވަރަށް މުހިންމު ވެއްޖެއެވެ. ކަންކަމުގެ ސިއްރު ހޯދާ މީހަކަށް ކައިރީގައި އުޅޭ މީހެއްގެ ޙަޤީގަތް ނޭންގެންޏާ ކިހާ އުނދަގޫވާނެ ހެއްޔެވެ.
“މަމް މަތިން މިސް ވަނީތަ؟” ވަރަށް އިރު ހަނު ހުރެފައި އަހަރެން އަހާލީމެވެ. އިތުރު އެއްޗެއް ސިކުނޑިއަށް ނައިސްގެންނެވެ. އީން ކަހަލަ މެގަ މައިންޑެއް، ލޯބިވެރިޔާ ޚިޔާނާތް ތެރިވެގެން ރޯ ވައްތަރެއް ނުޖަހައެވެ.
ޖަވާބު އައި ސްޕީޑުން މަށަށް ނުހެވުނީ ކިރިޔާއެވެ. އަދި މި ބުނެވުނީ ކުޑަކޮށް ނުބައި ކޮށެވެ. އީންގެ މޫޑް ހުރި ގޮތުން ހިނިގަނޑު މައިތިރި ކުރީއެވެ. ކުރަން ޖެހުނީއެވެ.
އެތަށް އިރެއް ފަހުން ބޯހޫރުވާލިއިރު، އެ ހަރަކާތުގައިވެސް ވަނީ މައުސޫމް ކަމެވެ.
ވަރަށް ހިތްވަރު ކޮށްފައި އަހަރެން އަތް ގެންގޮސް އީންގެ ކޮނޑުގައި ބާއްވާލީމެވެ. އަދި ގަޔާއި ކައިރި ކޮށްލީމެވެ. އެކުވެރިއެއްގެ ގޮތުން، ދެރަވެފައި ހުރި އެކުވެރިޔާއަށް ފޯރުކޮށްދެވެން އޮތް އެހީއަކީ އެއީ ކަމުގައި ވާތީއެވެ. ދުރުވާން އުޅެފައިމެ، އީންމަޑުން އިނެވެ. އަހަރެން އެހެން ހެދީ ނުބައި މާނައެއްގައި ނޫންކަން ވިސްނުނީ ކަންނޭންގެއެވެ.
އީންގެ މުޅި ހަށިގަނޑު ދިޔައީ ތުރުތުރު ލަމުންނެވެ. ކޮޓަން ފޮތީގެ ހެދުމެއް ނަމަވެސް، އެ ހަށިގަނޑުގައިވި ގަދަ ފިނިކަން އިހުސާސްވެއެވެ. ވަރުބަލިކަން ފެންނަން ހުރި މޫނުމަތިގައިވަނީ މައުސޫމް ކަމެވެ. ހިތް އެދެމުން ދިޔައީ ‘ހިތާމަ’ އީންގެ ރަދީފުން ނެރެލުމަށެވެ. އެއީ… އެއީ ކީއްވެކަމެއް މަށަކަށް ނޭންގެއެވެ.
“ސިއްރެއް ބުނަންތަ؟” އެއްވެސް އެއްޗެއް ނުބުނުމުން އަހަރެން ކުރިއަށް ގެންދިޔައީމެވެ.
“އެއްވެސް މީހެއް ކައިރީ ނުބުނާތި. ލުވެއިޒް ކައިރީގަވެސް.” އަހަރެން އެހެންބުނުމުން، މަޑުމަޑުން އީން ހޫމްއަޅުވާލިއެވެ.
“އީން.. މަ… މަށަކީ ވަރަށް ހެއްވާ ޖޮބެއް ގެންގުޅޭމީހެއް.” ކުޑަ ހީލުމަކާއި އެކު މަ އެހެން ބުނުމުން، އީން ފާޑަކަށް މަށަށް ބަލާލިއެވެ. އަދި އެ ހިތާމަވެރި ކަމުގެ ތެރެއިން ފަނޑުކޮށް ހިނިތުން ވެލިއެވެ.
“އެ ޖޮބް އިނގެން ބޭނުންތަ؟” މަ ފަރުވާތެރި ކަމާއެކު އީން އަށް ބަލައިލީމެވެ. އީން މީހެއް ކައިރީ ބުނެފާނެ ހެއްޔެވެ؟ އަނގަ ހުޅުވި ނަމަވެސް، އަޑެއް ނައެވެ. އެހެނަސް، މަށަށް، ބުނަން އުޅުނީ އާނއެކޭ ކަން އެނގުނެވެ.
“މަ.. މުޙައްމަދު މާޒިން ޒިހާން، އަކީ ސީކްރެޓް އެޖެންޓެއް.. ސްޕައިއެއް.” ވަރަށް ފަހުރުވެރި ވެލާފައި އަހަރެން ބުނީމެވެ. ވަރަށް ޖޯކު ރާގު ގަނޑެއްގައެވެ. ބުނި ގޮތުން ކަންނޭންގެއެވެ. އީންވެސް، ކުރެހިފައިހުރި އަޑުން، މަޑުމަޑުން ހީލިއެވެ.
“ސިންސް ވެން؟” މާ ކުރިންވެސް މަ ހުރީ، ސުވާލު ކުރާނެކަމަށް ވިސްނައިގެންނެވެ. ނަމަވެސް، އީން ކުރީ މަ ޖަވާބުދޭން ރެޑީވި ސުވާލެވެ. އަޅައިގަންނަމުން، މި އަހަރުން ފެށިގެންނޭ މަ ބުނީމެވެ.
ހަމަ އެއާއި އެކު، އީންގެ މޫޑު އިހު ހުރި ގޮތަށް ބަދަލުވިއެވެ. އަދި މަށާއި ދުރަށް ޖެހިލިއެވެ.
“އެވީ ކިހިނެއް؟” ހިތާ ކުރަންޖެހޭ ސުވާލު، އަހަރެންގެ ދުލުން ބޭރު ވީއެވެ.
“މާޒިން ހަދާ ދޮގުތައް ޤަބޫލުކުރާހާ މޮޔައެއް ނޫން އީން އަކީ.” ވަރަށް ހަރުކަށި ކަމާއިއެކު އީން ބުންޏެވެ.
“އިނގޭ އެއްވެސް މީހަކު ޤަބޫލު ނުކުރާނެ ކަންވެސް. އެހެންވެ މި ބުނީވެސް.. އެކަމަކު ތެދު ވާނީ ތެދަށް.” ދުރަށް ބަލަހައްޓައިގެން އިނދެ މަ ބުނެލީމެވެ. މަ ހީކުރީ އީން ޤަބޫލުކުރާނެ ކަމަށެވެ. ނަމަވެސް އަލީނާ، މަ ހީކުރި ކަހަލަ އީން އަކަށް ނުވިތާއެވެ.
އީންވެސް އިތުރަށް ހަރުކަށި ގޮތެއް ބޭނުމެއް ނުކުރިއެވެ. “މާޒިން ތި ހަދަނީ ތެދުކަމަށް ވަންޏާ އީންކަހަލަ މީހަކާ ގާތްވެސް ނުވާނެ.”
“ހެޔޮނުވާނެ އީން.. ސަބަބު ބުނެބަލަ” ވާހަކަ ދެއްކުނު ބާރުމިނުން، ހުދު އަހަރެންވެސް ހައިރާންވިޔެވެ. އަހަރެންނަށް ރުޅި އަންނަން އިނގޭކަން އަހަރެން ނުދެނަހުރީމެވެ.
އަހަރެން ހީކުރީ، އެހާ ބާރަށް ބުނެވުމުން، އީން ރުޅި އަންނާނީ ކަމަށެވެ ނަމަވެސް ކަންތައް ވީ އެހެނެއް ނޫނެވެ. ދުރަށް ބަލަހައްޓައިގެން އިނުމަށް ފަހު، އިރުކޮޅަކުން، އިވެން ފެށީ، ގިސްލުމުގެ އަޑެވެ. އެއީ އަހަރެން އެހާ ރުޅި އައިސްފައި ބުނުމުން ހެއްޔެވެ؟ ސަބަބު އެނގެން އަހަރެންގެ ކެތްތެރިކަން ކޮޅުންލަނީއެވެ.
“މާޒިން…. މަ… މަ..” ބުނެ ބުނެ ހުރެފާ، ކުއްލިއަކަށް އީން ތެދުވެ ހިނގައިގަތެވެ. އެހެންކަމުން ހިފަހައްޓަން، މަށަށް އެއްވެސް ކަމެއް ނުކުރެވުނެވެ. އެ ދިޔަ ބާރު މިނުގައި، ގޮސް، އީން ތިރިޔަށް ފޭބިއެވެ. ހަރަކާތެއްވެސް ގެންނަން ނޭންގިފައި މަށަށް ހުރެވުނީއެވެ.
ދެރަވެފައި ތިބޭ ވަގުތު އަންހެން ކުދިން، ވަރަށް މޮޔަ ކަންކަންވެސް ކުރާކަން ހަނދާންވި ހިނދު، މަ ތެދުވީމެވެ. ނަމަވެސް އެއިރު އީން، ބޯޅަދަނޑުން ނިކުންނަނީއެވެ. އަދި މަ ބަލަބަލާ ހުއްޓާ، ގޮސް ގެއަށްވަދެ، ގެއްލުނެވެ.
ދެން ދިޔުމުގެ ބޭނުމެއް ނެތަތީ، މަ ފުރާޅުގައި އޮށޯވެލީމެވެ. ދުވާލު ހެވިފައި ހުންނަ އީން، ރޭގަނޑު އަބަދު ރޮނީ ކީއްވެ ހެއްޔެވެ؟ މަ އީން އާއި ވައި ނޭޅޭނެ ވަރުގެ އީން ކުރީ ކީތް ހެއްޔެވެ؟ އަހަރެން މަޑުމަޑުން އަތް ގެންގޮސް ހިތްމަތީ ބާއްވާލީމެވެ.
…………
އަހަރެންނަށް ހޭލެވުނީ އިރުގެ ދޯދިތައް މޫނަށް އެޅުމުންނެވެ. ރޭގެ ކަންތަކާއި، އޮވެވުން ތަން ހަނދާން ވުމުން، މީހަކު ބުރަކަށީގައި ސައްޕެއް ޖެހިހެން ތެދުވީމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.




Me first dhw. .kiyaafa comment eh kohlaanan ingey dear..??
Hehe congra
Woah??…vvv Salhi mi part vec vec..monsta thy gurl eh thr ..heheh…cuz Hama hyvy inge gurl eh hn..btw whn next part….Curiously waiting fr the next ingey..plc soon up kurahche story!!??
Ahaha thankss. Jiji kurin hykury monsta akii boy ehh kamah dhww. Brw ey liyefa huryma monsta ves ehn hithahh eri. Yeahh I’m a girl. ????. And really thankss ?❤️
hey… monsta it was amazing ingey… btw me second dhw… :* luv yuh!
Yhh. Congra and really thanksss. ❤️?❤️
WOW…I am loving this story….Vvfurihama MAA Sha Allah..??????❤️❤️
Thank you ? ??.
Awesome .love this story sis ??????❤
Thankss Drax brww
Monsta thy noonu atholhu kujjehtha?
Hehe yess
Kendhukolhu avashu ga thw e ulheniii? Btw varah reethi story ma sha Allah
ummm no… hehe Thankss
i just remembered to ask// e foni zin namaadhu es kuretha lol, he actually good dho kithamme fonyas
Hehe lol. Yhh dhen Xin anehhen basahaane. He is not goas. Dirty minded ?????
24 hours nidhiyas foohi nuvaa list ge second ah my name jaalahchey :p
Hehe. Dhen Drax thinakah laafa monsta hatharakahh dhww ????
een yaa zin ge varah salhi scene eh geneba
Hehe. Emyhun ge scenes ginakuran hama mi masaiikaii kuranyy. Thankss mrs Salvatore. Aleena?? ??
Very nice
Thankss ?