Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީމަޒުމޫނުދީނީ

ކީރިތި ރަސޫލާ ގެ ލޯބިފުޅު އެކަލޭގެފާނުގެ ކާފަދަރިކައުކަނބަލުންނަށް

Ali Ihsaan Level 210 Stories100 Login
June 4, 2019 4 Mins Read
6 Comments

އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم އަކީ މުޅި އިންސާނިއްޔަތަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާއެވެ. އިސްލާމްދީނުގެ ހަރުދަނާ އުސޫލުތައް އުނގަންނަވައި ދެއްވުމުގެ އިތުރުން އެކަލޭގެފާނު ވެވަޑައިގެންނެވީ މުޅި އިންސާނިއްޔަތަށް ފައިދާއާއި ލާބައާއި މަންފާކުރަނިވި އެންމެހައި ކަންތައްތަކެއް ބަޔާންކޮށްދެއްވި ރަސޫލާކަމުގައެވެ. އެންމެހައި ހެޔޮ ޚުލުޤުފުޅާއި މަކާރިމްތަކެއް އިންސާނިއްޔަތަށް ބަޔާންކޮށްދެއްވި ޚާތިމުލް އަންބިޔާޢު ކަމުގައެވެ. މިއެންމެހައި ކަމެއް އެކަލޭގެފާނުވަނީ ޢަމަލުފުޅާއި ބަސްފުޅުތަކުން ސާބިތުކޮށްދެއްވާފައެވެ.

ކުޑަކުދިންނަކީ ހިތްތަކުގެ އުފާވެރިކަމެވެ. މާދަމާގެ ކުރިމަގެއެވެ. ރަނގަޅު ހަރުދަނާ ޖީލެއް ބިނާވެގެންދަނީ ޅަދަރީންނަށް ދެވޭ ތަރުބިއްޔަތެއްގެ މައްޗަށެވެ. އެކުދިންނަށް ދައްކުވައިދެވޭ ނަމޫނާއެއްގެ މައްޗަށެވެ. އެހެންކަމުން އެކުދިންނަށް ހަރުދަނާ ތަރުބިއްޔަތެއް ދިނުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވެއެވެ. އެންމެ ޅަފަތުއްސުރެ އެކުދިންނަށް ލޯތްބާއި އަޅާލުން ދިނުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅުއްވައެވެ. ޚުދު ކައުއިތުރު ނަބިއްޔާ صلّى اللّـه عليه وسلّم ވަނީ އެކަންކަމުން ރިވެތި ނަމޫނާއެއް ދައްކަވާފައެވެ.

އެގޮތުން މިދަންނަވާލަނީ، ކައު ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ކާފަދަރިކައުކަނބަލުންނާމެދު ގެންގުޅުއްވާފައިވާ ރިވެތި ސުލޫކުގެ ތެރެއިން ހޮވައިލެއްވިފައިވާ ބައެއް ނަމޫނާތަކެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ކައުސާހިބާ صلّى اللّـه عليه وسلّم ގެ ބޭފުޅުންގެ ތެރެއިން ބާލިޣުވެވަޑައިގެންނެވުމާ ހަމައަށް ދުނިޔޭގައި ތިއްބެވީ އެކަލޭގެފާނުގެ ހަތަރު ދަރިކަނބަލުންނެވެ. އޭގެ ތެރެއިން އައްސައްޔިދާ ޒައިނަބު ބިންތި ރަސޫލާ صلّى اللّـه عليه وسلّم އަކީ އެކަލޭގެފާނުގެ އެންމެ ދޮށީ ދަރިކަނބަލުންނެވެ. ޒައިނަބުގެފާނުގެ ދަރިކަނބަލުން އައްސައްޔިދާ އުމާމާއަކީ އެމާތް ނަބިއްޔާގެ އެންމެ ދޮށީ ކާފަދަރިކަނބަލުންނެވެ.

މާތް ރަސޫލާ މުޙައްމަދު صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ކާފަދަރިކަނބަލުން އުމާމާ ދެކެ އިންތިހާއަށް ލޯބިފުޅުވެވަޑައިގަންނަވައެވެ. ވަރަށް ގިނައިން އެދަރިކަނބަލުން އުރުވަޑުވައި ލޯބި ކުރައްވައި ހައްދަވައެވެ. ބައެއް ފަހަރު ނަމާދުފުޅު ކުރައްވާއިރު އެދަރިކަނބަލުން އުރުވަޑުވައިގެން ހުންނަވައި ނަމާދުފުޅު ކުރައްވައި ހައްދަވައެވެ. ބުޚާރީއާއި މުސްލިމުގައި ރިވާވެގެންވާ ޙަދީޘްފުޅެއްގައިވެއެވެ. “ކީރިތި ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ކާފަދަރިކަނބަލުން އުމާމާ އުރުފުޅުވަޑުވައިގެން ޤިޔާމުގައި ހުންނަވާއިރު ހުންނަވައެވެ. ސަޖިދައަށް ވަޑައިގަންނަވަންވީމާ ބިންމަތީގައި އެ ދަރިކަނބަލުން ބައިންދަވައެވެ”

މާތް ނަބިއްޔާ محمّد صلّى اللّـه عليه وسلّم ވަރަށް ގިނައިން އުމާމާއަށް ހަދިޔާ ދެއްވާ ހައްދަވައެވެ. ބައެއް ފަހަރަށް އެކަލޭގެފާނު އަރިހަށް ގެނެވޭ އަގުބެޑެތި ހާރުފަދަތަކެތި އުމާމާގެ ކަރުފުޅުގައި ތުރުކޮށްދެއްވައެވެ. އަނެއްބައި ފަހަރަށް އަނގޮއްޓިފަދަ ތަކެއްތިވެސް އެކަމަނާއަށް ވެދުމަށް އަރުވައެވެ.

އުއްމުލް މުއުމިނީން އައްސައްޔިދާ އާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. އެއްފަހަރަކު ހަބަޝާގެވެރި ނަޖާޝީ އިތުރު ސާހިބާގެ އަރިހަށް ނުހަނު ގިނަ ހަދިޔާ ފޮނުއްވިއެވެ. އޭގެތެރޭގައި އަގުބޮޑެތި ގަހަނާތަށް ހިމެނެއެވެ. އިތުރު ސާހިބާ އެތަނުން އަނގޮއްޓިއެއް ނެންގެވިއެވެ. އެއަށް ފަހު އައްސައްޔިދާ އުމާމާ ބަލާފޮނުއްވައިގެން ގެންނަވައި އެ އަނގޮއްޓި ދެއްވުމަށްފަހު ޙަދީޘްކުރެއްވިއެވެ. ” އޭ އަހުރެންގެ ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅުގެ އިނގިލީގައި ތިޔަ އަނގޮއްޓިއަޅާށެވެ.” ( ސުނަނު އިބްނު މާޖާ/ މިއީ ޙަސަން ދަރަޖައިގެ ހަދީޘެކެވެ)

އިތުރު އެހެން ޙާދިޘާއެކެވެ. އެއްފަހަރަކު ކައުއިތުރު ރަސޫލާއަށް ވެދުމަކަށް ވަރަށް އަގުބޮޑު ރީތީ ހާރުކޮޅެއް ވެދުމަކަށް އެރުވުނެވެ. އެ ހާރުކޮޅު ލިބިވަޑައިގަތުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “އަހަރެން މިހާރު ދޭނީ އަހަރެންގެ އަހުލުބައިތުގެ ތެރެއިން އަހަރެން އެންމެ ލޯބިވާ ފަރާތަކަށެވެ” މިހެން އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވުން ކީރިތި ރަސޫލާގެ ބައެއް އަނބިއަނބިކަނބަލުން ހީފުޅު ކުރެއްވި އެހާރުކޮޅު ދެއްވާނީ އުއްމުލް މުއުމިނީން އާއިޝަތުގެފާނަށް ކަމަށެވެ. ނަމަވެސް ކައުއިތުރު ރަސޫލާ އެކަލޭގެފާނުގެ ކާފަދަރިކަނބަލުން އައްސައްޔިދާ އުމާމާ ގެންނަވައި އެކަމަނާގެ ކަރުފުޅުގައި އެހާރުކޮޅު ތުރުކޮށްދެއްވިއެވެ.  {ابن عبد البر / الاستيعاب في معرفة الأصحاب}

ޙަސަންގެފާނާއި ޙުސައިންގެފާނަކީ ކީރިތި ރަސޫލާގެ ލޯފުޅުގެ ނޫރުފުޅުކަމުގައި ހިމެނިވަޑައިގަންނަވާ ދަރިކަނބަލުން ފާޠިމަތުގެފާނުގެ ދެދަރިކަލުންނެވެ. ކައުއިތުރު ނަބިއްޔާ صلّى اللّـه عليه وسلّم ގެ ދެ ކާފަދަރިކަލުންނެވެ. އެކަލޭގެފާނުގެ ވަރަށް ފުން ލޯބިފުޅެއް ޙަސަންގެފާނާއި ޙުސެއިންގެފާނަށް ދެއްވާފައިވެއެވެ. އަބޫ ބަކްރާ ރަޟިޔަ ﷲ ޢަންހުގެ އަރިހުން އިމާމު ބުޚާރީ ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާ އެކަލޭގެފާނުގެ މިންބަރުކޮޅުގައި ހުންނަވައި ޙަދީޘް ކުރައްވަނިކޮށް އަހަރެން އަޑު އެހީމެއެވެ. އޭރު އެކަލޭގެފާނުގެ އަރިހުގައި މިންބަރުކޮޅުގައި އިށީންދެވަޑައިގެން ޙަސަންގެފާނު އިންނެވިއެވެ. ނަބިއްޔާ އެއްފަހަރު މީސްތަކުންނާ ދިމާއަށް، އަނެއްފަހަރު ޙަސަންގެފާނާ ދިމާއަށް ބައްލަވަމުން ޙަދީޘް ކުރެއްވިއެވެ. “އަހަރެންގެ މިދަރިފުޅަކީ ސައްޔިދެކެވެ. މީނާގެ ސަބަބުން ދެކޮޅުވެރިކަން އުފެދިފައިވާ މުސްލިމު ދެޖަމާއަތެއްގެ ދެމެދުގައި ޞުލްޙަ ގާއިމު ކުރެވިގެންދާނެ ކަމަށް އަހަރެން އުއްމީދު ކުރަމެވެ. { ޞަޙީޙު ބުޚާރީ ޙަދީޘް ނަންބަރު 3746}

އަލްބަރާޢު ރަޟިޔަ ﷲ ޢަންހުގެ އަރިހުން އިމާމު ބުޚާރީ ރިވާކުރައްވާފައިވެއެވެ. ކީރިތި ރަސޫލާ އެކަލޭގެފާނުގެ ކާފަދަރިކަލުން ޙަސަންގެފާނު އެކަލޭގެފާނުގެ ކޮނޑުފުޅަށްލައްވައިގެން ހުންނަވަނިކޮށް އަހަރެން ދުށީމެއެވެ. އޭރު އެކަލޭގެފާނު ޙަދީޘް ކުރައްވަމުން ގެންދެވިއެވެ.

“‏ اللَّهُمَّ إِنِّي أُحِبُّهُ فَأَحِبَّهُ ‏”

މާނައީ: ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާ އޭނާ ދެކެ ލޯބިވަމެއެވެ. އިބަރަސްކަލާނގެ އޭނާދެކެ ލޯބިވެވޮޑިގެންފާނދޭވެ” {ޞަޙީޙް ބުޚާރީ ޙަދީޘް ނަންބަރު 3749}

އަބޫ ބުރްދާ ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއްފަހަރަކު ރަސޫލާ ތިމަމެންނަށް ޚުތުބާއެއް ދެއްވަން ހުންނެވިއެވެ. އެކަލޭގެފާނު އެހެން ހުންނަވަނިކޮށް ޙަސަންގެފާނާއި ޙުސައިންގެފާނު އެކަލޭގެފާނުގެ އަރިހަށް ވަޑައިގަންނަވާ މަންޒަރު އެކަލޭގެފާނަށް ފެނިވަޑައިގެނެވިއެވެ. އޭގެ ދެބޭފުޅުން ތިއްބެވީ ރަތް ކުލައިގެ ޖުއްބާކޮޅެއް ތުރު ކުރައްވައިގެންނެވެ. އެދެބޭފުޅުން ތުއްޕުޅުކަމުން ދުވެވަޑައިގެންފައި ވަޑައިގަންނަވާއިރު އެއްބައިފަރު ވެއްޓިވަޑައިގަންނަވައެވެ. އެ މަންޒަރު ފެނިވަޑައިގެންނެވުމުން އަވަސްއަވަހަށް މިންބަރުން ތެދުވެވަޑައިގެން އޭގެ ދެބޭފުޅުންނާ ދިމާއަށް ވަޑައިގެންނެވިއެވެ. އެދެބޭފުޅުން އުރުވަޑުވައިގެން ގެންނަވައި އިތުރު ސާހިބާގެ ކުރިފުޅުމަތީގައި ބޭތިއްބުވިއެވެ. އެއަށްފަހު ޙަދީޘު ކުރެއްވިއެވެ. “އަރަހުށި މާތް ﷲ ވަޙީ ކުރައްވާފައިވަނީ ޙައްޤު ތެދު ބަސްފުޅެވެ. އެކަލާނެގެ ވަޙީ ކުރައްވާފައިވަނީ ހަމަކަށަވަރުން ތިޔަބައިމީހުންގެ މުދަލާއި ދަރިންނަކީ ފިތުނައެއްކަމަށެވެ. އިމްތިހާނެއް ކަމަށެވެ. މިދެކުދިން ވެއްޓިވެއްޓިފައި އަންނަތަން ފެނުމުން އަހަރެންނަށް އެ މަންޒަރު ބަލަން ކެތެއްނުކުރެވުނެވެ. ޚުތުބާ މެދުކަނޑާލެއްވުމަށްފަހު އެދެކުދިން ކައިރިއަށް އަހަރެން ދިޔައީ އެހެންވެގެންނެވެ. {ޖާމިއުއް ތިރުމިޒީ ޙަދީޘް ނަންބަރު 3774}

މިދަންނަވާލެވުނީ ކައުއިތުރު މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ ލޯބިފުޅު އެކަލޭގެފާނުގެ ކާފަދަރިކައުކަނބަލުންނަށް ދެއްވާފައިވާ ގޮތުގެ ދެތިން މިސާލެކެވެ. އެޒަމާނުގެ ބަދަވީންނަކީ އެބައިމީހުންގެ ދަރިންނަށް ލޯބިކޮށް ބޮސްދީ ހަދާބައެއް ނޫނެވެ. ބައެއް ފަހަރު ކައުސާހިބާ صلّى اللّـه عليه وسلّم ގެ ފައިންޕުޅު ދެކެން އަންނަ ބަދަވީންގެ މީސްތަކުންވެސް އެމާތް ނަބިއްޔާ ކުޑަކުދިންނާމެދު ގެންގުޅުއްވާ ޚާއްޞަ ލޯބިފުޅުގެ ސަބަބުން އަޖައިބުވެގެން އުޅެއެވެ.

އުއްމުލް މުއުމިނީން އައްސައްޔިދާ އާއިޝާ ރަޟިޔަ ﷲ ޢަންހާގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. އެއްފަހަރަކު ބަދަވީންގެ ބަޔަކު ރަސޫލާގެ އަރިހަށް އައިސް ސުވާލު ކުރެއްވިއެވެ.  ކަލޭގެފާނު އެކަލޭގެފާނުގެ ދަރިދަރިކައުކަނބަލުންނަށް ލޯބިކުރައްވައި ބޮސްދެއްވައި ހައްދަވަންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. އާނއެކެވެ. ބަދަވީންގެ މީސްތަކުން ދެންނެވިއެވެ. މާތް ﷲ ގަންދެމެވެ. އަހަރެމެން ދުވަހަކުވެސް އަހަރެމެންގެ ދަރިންނަށް ލޯބިކޮށް ބޮސްދީ ހަދައެއް ނޫޅެމެވެ. އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުންގެ ހިތްތަކުން މާތް ﷲ އޯގާވެރިކަން ނަންގަވާފައިވުމުން ތިމަންކަލޭގެފާނު ކުރައްވާނީ ކީއްތޯއެވެ؟ {ސުނަނު އިބްނު މާޖާ}

އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ބައެއް މައިންބަފައިންގެ ފަރާތުން ފެންނަމުންދާ ނުބައި ސިފައެކެވެ. ބައެއް ފަހަރު ދަރިންދެކެ ވާލޯބީގެ ސަބަބުން އެކުދިން ގޯސްކަމެއް ކުރި ކަމުގައި ވިޔަސް އެކަން މާބޮޑު ކަމަކަށް ނަހަދާ އަޅާ ނުލާ ދޫކޮށްލެވެއެވެ. ޙަޤީޤަތުގައި ކުޑަކުއްޖަކު ބޮޑުވަމުން އަންނައިރު އެކުދިންނަށް އަކުރު ދަސްކޮށްދޭ ފަދައިން އެކުދިންނަށް ރަނގަޅު އަޚްލާޤު ދަސްކޮށްދެން ޖެހެއެވެ. ރަނގަޅު ނުބައި އެކުދިންގެ ސިކުނޑިތަކާ ގުޅޭނެ މިންވަރަކުން ބުނެދޭން ޖެހޭނެއެވެ. އެހެން ނޫންނަމަ ދަރިފުޅުދެކެވެވޭ ލޯތްބަކީ “ކަނު” ލޯތްބަކަށް ބަދަލުވެގޮސް ދަރިފުޅު ކުރާ ގޯސްކަންތައްތައްވެސް ރަނގަޅު ކަންތައްތައްކަމުގައި ބެލެންފެށޭނެއެވެ. އިސާހިތު މައިންބަފައިންގެ އަރުގައި އެކަމުގެ ހިތި ރަހަ ލާންފަށާނެއެވެ.

އެހެންކަމުން އިސްލާމްދީނުގެ ނަބިއްޔާ ތުއްތު ކުދިންނަށް އެކުދިންގެ ޅަފަތުގައިވެސް ހެޔޮ ނުބައި ދަސްކޮށްދެއްވުމަށް ވަނީ ބާރު އަޅުއްވާފައެވެ. އެކަމުގެ ނަމޫނާ މިސާލުތައް ވަނީ ދައްކަވާފައެވެ. އެއްފަރަކު ޞަދަޤާތުގެ ގޮތުގައި އިތުރު ސާހިބާ صلّى اللّـه عليه وسلّم ގެ އަރިހަށް ބައިބަރު ކަދުރުތަކެއް ގެނެވިފައި ހުއްޓެވެ. އެމަންޒަރު އެކަލޭގެފާނުގެ ކާފަދަރިކަލުން ޙަސަންގެފާނަށް ފެނިވަޑައިގެން އެތަނުން ކަދުރެއް ނަންގަވައި އަނގަފުޅަށް ލެއްވިއެވެ. އެތަން ފެނިވަޑައިގެން އިތުރު ސާހިބާ އެކަލޭގެފާނުގެ ލޯބުފުޅުވާ ކާފަދަރިކަލުނަށް ވިދާޅުވިއެވެ. ދަރިފުޅު ދިޔަ ކަދުރު އަނގައިން ނެރޭށެވެ. ޞަދަޤާތުގެ ގޮތުގައި ގެނެވޭ ތަކެތި އަހަރެމެންނަށް ހުއްދަ ނުވާނެކަން ދަރިފުޅަށް ނޭނގޭ ހެއްޔެވެ؟ {ބުޚާރީ}

Share Article

Follow Me Written By

Ali Ihsaan

Level 210 Stories100 Login

Other Articles

Previous

ކުށަކާ ނުލާ 1

Next

ނާއިންސާފް 5

Next
June 5, 2019

ނާއިންސާފް 5

Previews
June 4, 2019

ކުށަކާ ނުލާ 1

6 Comments!

  1. AZOO AHOO says:
    June 4, 2019 at 2:15 am

    varah ibrahthyri liumeh

  2. cl#@|\|cl3 says:
    June 4, 2019 at 5:27 am

    Mii adhi mi aharuge alhugandah kiyunu enmme reethi & iburaiy theri vaahaka…
    keep it up well done…

  3. jiji says:
    June 4, 2019 at 6:09 am

    Vv iburaitheri….v furihama liyumeh…
    Hope to c more n more writings frm yuh..
    Keep up the gud workk??????

  4. Ibsha says:
    June 4, 2019 at 7:31 pm

    Varah ibraiy theri

  5. Princess says:
    June 6, 2019 at 10:57 am

    V v reeti furihama liumeh ??

  6. Iyaan says:
    June 7, 2019 at 6:13 pm

    Mikahala vaahaka ey neren vy… Salhi liyumeh ???

Comments are closed.



All Right Reserved!