
އެނގުމެއްނެތި…15
އީތަން ކުއްލިއަކަށް ފޯނު ކަނޑައިލުމުން އަލީޝާ އޮތީ ހިތް ނުތަނަވަސްވެފައެވެ. ދެ އަތުގައި ނުވަަތަ ދެ ފައިގައިވެސް އޮޅާފައިވީ ޓޭޕުގަނޑު ދަމާދަމައި ނެއްޓެން ހިތަށްވެސް ނޭރިއެވެ. ކޮޓަރިއަށް ވަދެގެން އައި އިބްރާހިމްގެ ޓީޝާޓުގައި ހުރި ލޭ ފެނިފައި އަލީޝާގެ ދެލޯ ތަންމިނަށް ބޮޑުވިއެވެ. އޭނާ ހީކުރީ އެއީ އީތަންގެ ލޭ ކަމަށެވެ. ފެންކަޅިވާނެ ފުރުސަތެއްވެސް ނުދީ އިބްރާހިމް އައި ގޮތަށް އައިސްް އަލީޝާ ކޮނޑަށް ނަގައިގެން އެ ކޮޓަރިން ނުކުތެވެ. ފުލުހުން އާދޭތޯ ބަލަން މައިދޮރު ކައިރިއަށް އީތަންއަށް ބޯ ދިއްކޮށްލެވުނީ އެ ވަގުތަށް ކަމުން އެތަން ނުފެނެއެވެ. ނަމަވެސް އިބްރާހިމްގެ ކޮނޑުމަތީ އޮތް އަލީޝާއަށް ބަދިގެ ފަރާތުން ހުރަސްކޮށްލި އީތަން ފެނުނެވެ. ފެނުނުއިރު މާ ލަސްވެއްޖެއެވެ. ހަޅޭއްލަވައިގަތުމުގެ ކުރިން އިބްރާހިމް އަލީޝާގެ މޫނު ކުރިމަތިން، ދެން ވަތް ކޮޓަރީގެ ދޮރު ހުރަސްކޮށްފިއެވެ.
****************************
ގުޅިތާ ފަސް މިނެޓު ފަހުން ފުލުހަށް އެ ގެއާއި ހަމައަށް އާދެވުނުއިރު އީތަންއަށް އެތެރެއަށް ނުވަދެ ހިފަހައްޓައިލެވިފައި ހުރީ ކިރިޔާއެވެ. ފުލުހުން ދޮރުގައި ޓަކިޖެހުމުން އިބްރާހިމް ދޮރު ހުޅުވިއެވެ.
“ކިހިނެތްތޯ ވީ؟” އިބްރާހިމް ހިސާބަކަށް ހާސްވާކަން ދައްކައިލަމުން އަހައިލިއެވެ.
“މިގޭގަ ކުއްޖަކު ކިޑްނެޕްކޮށްގެން އުޅޭކަމަށް ރިޕޯޓު ލިބިގެން މިއައީ.” އިންސްޕެކްޓަރު ހަރުދަނާ ރާގަކަށް ވާހަކަދެއްކިއެވެ. އިބްރާހިމް ދެން ދައްކައިލީ ހައިރާންކަމެކެވެ. “ކޮބާ މިގޭ ވެރިމީހާ؟”
“ބައްޕަ މި ވަގުތަކު ނެތް ގެއަކު. އަޅުގަނޑު އެކަނި މި އުޅެނީ.” އިބްރާހިމް ބުންޏެވެ.
“މިގޭތެރެ ފާސްކޮށްލަން ޖެހޭނީ.” އިންސްޕެކްޓަރުގެ އަނގަައިގައި އެއްބައި އޮއްވައި އިބްރާހިމް އެތެރެއަށް ވަންނަން ތަން ދައްކައިފިއެވެ. ދުރުގައި މަންޒަރު ބަލަން ފިލާ ހުރި އީތަންއަކަށް ވާނުވާ އޮޅުމެއް ނުފިލިއެވެ. އިބްރާހިމްްގެ ރޭވުމަކީ ކޮބާބާއެވެ؟ އަލީޝާ އެ ގޭގައި ނެތްކަމުގައި ވެދާނެ ނަމަވެސް، ޝަކީބުގެ ހަށިގަނޑު އޮންނާނެކަން ޔަގީންވިއްޔާއެވެ. ކުރެވުނު ކުށަށް އިބްރާހިމް އިއުތިރާފުވަނީ ބާއެވެ؟
އިންސްޕެކްޓަރު ގޭތެރެއަށްވަދެ ފާސްކުރިއިރު އާދަޔާއިހިލާފު އެކައްޗެއްވެސް ނުފެނުނެވެ. ފެންޑާ ތެރޭގައި ސިނގެރޭޓުގެ ވަހުން ވަސް ހިއްޕާލައިފައިވީ ނަމަވެސް އެއީ އެ މީހުންނަށް މާ އާދަޔާއިހިލާފު ކަމެއް ނޫނެވެ. ގޭގައި ބައްޕައަކު އުޅޭކަން ވަނީ އެނގިފަވިއްޔާއެވެ. މައްސަލަ ހުށައަޅަން ގުޅި މީހާވެސް ފެންނަން ނެތުމުން ފުލުހުން ނިންމީ އެއީ ބަޔަކު ޖެއްސުމަށް ކުރި ސަމާސާއެއް ކަމަށެވެ. ވަގުތު ބޭކާރު ކުރެވުނީތީ އިބްރާހިމްއަށް މާފަށްއެދުމަށްފަހު އެ މީހުން ނުކުތެވެ. އިބްރާހިމް ވަރަށް ހަމަޖެހިލާފައި ގޮސް އެންމެ ފަހުން ނުކުތް ކޮޓަރިއަށް ވަނެވެ. އީތަންއަކަށް މިކަން ހަޖަމެއް ނުކުރެވުނެވެ. ނަމަވެސް ފުލުހުން ކައިރިއަށް ނުކުމެ އޭނާގެ ލޮލުން މީހަކު ގަތުލުކުރަނިކޮށް ދުށް ވާހަކަ ބުނާނެ ހިތްވަރެއް ނުލިބުނެވެ. ފާސްކޮށްފައި މައްސަލައެއް ނުފެނުނު ގެއަކުން އަލުން ކަމެއް ހޯދާކަށް ގަބޫލެއް ނުވާނެކަން އިނގޭތީއެވެ. ދެން ދޮގު މައުލޫމާތު ދެނީއޭ ކިޔާފައި ސްޓޭޝަނަށް ގެންދާނީ އީތަން ނޫންކަމެއްވެސް ނޭންގެއެވެ.
ފުލުހުންގެ ކާރު ގޮސް އޮބައިލައި، ސައިރަންގެ އަޑު ކެނޑުމުން އީތަން މަޑުމަޑުން އިބްރާހިމްގެ ގޭތެރެއަށް ވަދެ، އަލީޝާ އޮތް ކޮޓަރިކަމަށް ބެލެވޭ ކޮޓަރީގެ ތަޅުގައި ހިފައިލިއެވެ. މިއީ އަމިއްލަ ކައްވަޅު ކޮނުންކަހަލަ ކަމެއްކަމުގައިވީ ނަމަވެސް އީތަންގެ ފަރުވާލެއް ނެތެވެ. ދޮރު ވަރަށް ފަސޭހައިން ހުޅުވިއްޖެއެވެ. ކޮޓަރިތެރެ އޮތީ ހުސްކޮށެވެ. އަލީޝާ ހަމަ ހަގީގަތުގައިވެސް އެ ގޭގައި ނެތީބާއޭ އީތަންގެ ހިތަށްއެރިއެވެ. ނަމަވެސް އޭނާ ނިންމީ ދެވަނަ ކޮޓަރިވެސް ބެލުމަށެވެ. ތެޅި ތެޅި އޮތް ހިތަކާއިއެކީ ދެވަނަ ކޮޓަރީގެ ތަޅު އަނބުރައިލުމުން އެ ދޮރުވެސް ހުޅުވިއްޖެއެވެ. ހޮޅިބުރި ނިވާފައި ހުރުމުން މަޑުމަޑުން ފާރުގައި އަތް ކާއްތާލާފައި ސުވިޗު ޖައްސައިލިއެވެ. އެ ކޮޓަރިވެސް އޮތީ ހުހަށެވެ. ކޮޓަރިތެރޭގައި ދެ ދޮރު އިނެވެ. އެއް ދޮރަކީ ފާހަނާ ދޮރެވެ. މަރުވެފައި އޮތް ހަށިގަނޑަކަށް ސަމާލުވަމުން އެނދުދަށާއި އަލަމާރި ބެލިއިރު އެ ތަނެއްގައި ހުންނަން ނުވާ އެއްވެސް ޒާތެއްގެ އެއްޗެއް ނެތެވެ. ދެން ހުރި ދޮރު ހުޅުވައިލިއިރު އެއީ ގޯތި ތެރެއަށް ނުކުމެވެން ހުރި ދޮރެކެވެ. ކޮޓަރިއެއްގެ ތެރެއިން ގޯތިތެރެއަށް ނުކުމެވެން ދޮރެއް ހުރިތަން އީތަންއަށް ފެނުނީ އަލަށެވެ. ނަމަވެސް އެ ކަމުގައި އާދަޔާއިހިލާފު ކަމެއް ނެތެވެ.
ދޮރުން ބޭރަށް ބޯދިއްކޮށް ދެ ފަޅި ބަލައިލިއިރު އިބްރާހިމްގެ ޖެހުނުތާ ލަކުނުވެސް ނެތެވެ. ދެން އީތަންއަށް ބަލައިލެވުނީ ކުރިމަތީ އޮތް ގަސް ބޯ ވަލަށެވެ. މަރުވެފައި އޮތް މީހަކާއި ބަނދެފައި އޮތް ކުއްޖަކު ގޮވައިގެން ފިލަން ވަދެވެން އެ ނޫން ތަނެއް ނެތެވެ. އެހެންލާފައި މާ ރީއްޗަށްވެސް ވަލުތެރެއަށް ވަދެވެން އޮތެވެ. އީތަން މަޑުމަޑުން ވަލުތެރެއަށް ވަދެ، ދެފަޅި ބަލަމުން ހިނގައިގަތެވެ. ހުރި ސީދަލަށް މާ ދުރަށް ނުދެވެނީސް ފައިން ހަރު އެއްޗަކަށް އެރިފައި ބަލައިލެވުނެވެ. އެއީ ރިހި ފަށެކެވެ. އަތަށް ނަގައި ގާތުން ބަލައިލިއިރު އެ ފަށް އީތަންއަށް މާ ރަނގަޅަށްވެސް އިނގުނެވެ. އެއީ އަލީޝާގެ ކަރުގައި އަބަދުވެސް އޮންނަ ރިހި ފަށެވެ. ފަށް ޖީބަށް ލާފައި ވަށައިގެން ހޯދައިލިއެވެ. ދެން ލޮލުގައި އަޅައިގަތީ އެންމެ މުހިންމު ހެއްކެވެ. ލޭތިކިތަކެކެވެ. އެއީ ޝަކީބުގެ ކަރުން ފޭބި ލޭކަން އީތަންއަށް ޔަގީނާއި ގާތްވިއެވެ. ލޭ ތިކިތައް ފަހަތުން އީތަން ހިނގަންފެށިއެވެ.
ލޭ ތިކިތައް ހުއްޓުނީ ފާޑެއްގެ ހޮހޮޅައެއްގެ ކުރިމައްޗަށެވެ. އެ ކަހަލަ ތަނެއް މި ރަަށުގައި ހުންނަކަން އީތަން އަޑުއަހާފަކާވެސް ނެތެވެ. އެ ހިސާބަކީ މީހުން އައިިސް އުޅޭ ހިސާބަކަށް ނުވާތީ ކަންނޭންގެއެވެ. އެއީ ނާމާން ހިސާބެކޭ ކިޔާ މީހަކުވެސް ނޫޅެއެވެ. އެހެން ކިޔާނަމަ އެތަނަށް އަންނަ ކުދިވެރިން ގިނަވާނެކަން ޔަގީނެވެެ. ހޮހޮޅައިގެ ހަނިމިން ފެނިފައިވެސް އީތަންގެ ނޭވާ ކުރުވާގޮތްވިއެވެ. އިރުކޮޅެއް ވަންދެން ބަލަހައްޓައިގެން ހުރެވުނެވެ.
“ބަލާބަލަ ދިން ދޯކާ. އެންމެ ގަދަޔަށް އަންނަހިތުން އުޅުން މީހާ ނައެންނު. ކޮބާ ގުޅޭގޮތްވެއްޖެތަ؟” އަލިފާންގަނޑު ކުރިމަތީ އިން ހުދާ ޔުމްނާއަށް ބުނެލިއެވެ. އެކުދިން ތިބީ އަލީޝާ ބާބަކިއުއަށް ނައިސްގެންނެވެ.
“ޕިސް. ފޯނު ނިވާލާފައޭ އޮތީ. ދާންވީކަންނެ އަލީޝާ ގެއަށް، ވީ ގޮތް ބަލަން.” ޔުމްނާ ކަންފަތުގައި ފޯނު ޖަހައިގެން ހުރެ ބުނެލިއެވެ.
“އަނެއްކާ އީތަންއާއި އެއްކޮށް ޑޭޓަކަށް ދިޔައީބާ، އަހަރުުންނާއެކު އޮތް ޕްލޭން ޑިޗްކޮށްފަ؟” ހަމްދާން ބުންޏެވެ.
“ވެދާނެ!” ހުދާ ލޯ ބޮޑުކޮށްލާފައި ލާނެއްގޮތަކަށް ބުނެލުމުން އެންމެން ހީގަތެވެ.
“އެކަމަކު ސީރިއަސްކޮށޭ. ވެދާނެއެންނު ކަމެއްވީކަމަށްވެސް. މަ އަންނާނަން އެ ގެއަށް ގޮއްސަ.” ޔުމްނާ ބުންޏެވެ.
“ހޫނ ދޭ ކައިންޑް އޭންޖަލް. އޭނަ އެހެން މީހަކާ އެއްކޮށް ތަނަކަށް ދިޔަކަން އިނގިއްޖިއްޔާ ދުލެއް ނުކުރާނަން އެކަމަކު.” ހުދާ ވަރަށް ހެވިފައި ބުންޏެވެ. ޔުމްނާ ހިނގައިގަތުމުން މަވެސް ދާނަމޭ ކިޔާފައި ފަހަތުން މާޒިންވެސް ދިޔައެވެ. “މަގު އޮޅުވައިނުލާތި އިޝްގީވެގެންގޮސް.” ހުދާ ގޮވައިލިއެވެ.
ވޭތުވެދާ ކޮންމެ ސިކުންތެއްގެ ތެރޭގައި އަލީޝާއަށް ވަމުންދަނީ ކިހިނެތް ކަމެއް ނޭންގޭތީ، ހިންދިރުވާލާފައި އީތަން ހޮހޮޅަ ތެރެއަށް ދެމިގަތެވެ. ހިސާބަކަށް ގުދުވެގެން ކުރިއަށް ދެވުނު ވަރަކަށް ހީވީ ބިމު އަޑިއަށް ފޭބޭހެންނެވެ. ބޭރުން ވަންނަ އިރުގެ އަލި އެކީހެން ކެނޑުމުން ފޯނުގެ ބައްތި ދިއްލި އީތަންގެ ހިތް، ފަސްއެނބުރި ގޮސް އެ ތަނުން ނުކުންނަން ގޮވައި އާދޭސްކުރަމުންދިޔައެވެ. ދާހިތްލާ ފޯވެ، މޫނު މައްޗަށް އަނދިރިވާހެން ހީވާން ފެށުމުންވެސް އީތަން އަމިއްލަ ނަފްސަށް ބާރުފޯރުވައި، ކުރިއަށް ދަތުރުކުރިއެވެ. އެއީ ހުސް ވަހުމުކަން އިނގޭތީއެވެ. ނޭވާ ހާސްވަނީކީ ނޫނެވެ. އޭނާގެ ބިރު، އޭނާގެ ސިކުނޑިއަށް އޮޅުވައިލަނީއެވެ. އެކަން އީތަން އަމިއްލަ ނަފްސަށް ވިސްނައިދިނެވެ.
އީތަންއަށް ކިރިޔާ ފިޔަވަޅެއް އަޅައިލެވޭވަރު ވީތަނާހެން ހުޅުވިފައިވީ ބޮޑު ޖާގައަކަށް ނުކުމެވިއްޖެއެވެ. އަނގަވަތަށް ނުވެއްޓުނީ ކިރިޔާއެވެ. އީތަން ވަށައިގެން ނަޒަރުހިންގައިލިއެވެ.
“މިހާރު ފޫހިވެއްޖެ.” އިބްރާހިމް ކުއްލިއަކަށް އިނދެފައި ބުންޏެވެ. އަލީޝާ ބަލައިލިއެވެ. އޭނާގެ އަނގަމަތިން އެކަނި ވަނީ ޓޭޕުގަނޑު ނައްޓާފައެވެ. “އަލީޝާ މަރުވެއްޖިއްޔާ އަހަންނަށް އެހެން ކުއްޖެއްދެކެ ލޯބި ވެވިދާނެއެންނު.” އެއްފަހަރު މީހަކު މަރައިލެވުމުން ދެވަނަ ފަހަރަށްވެސް އެކަން ތަޖުރިބާކުރާހިތް ވެގެން އިބްރާހިމް ބުނެލިއެވެ. ކައިރީގައި އޮތް ޝަކީބުގެ މަސްގަނޑަށް ނުބަލައި ވޭތޯ ކުރަންޖެހުނު ބުރަ މަސައްކަތަށްފަހު އިބްރާހިމް ކިޔާ އެއްޗަކަށް އަލީޝާއަށް ސަމާލުކަން ދެވުނީ ވަރަށް ކުޑަކޮށެވެ. އޭނާގެ ހަމަ ބުއްދި ފިލައި ނުގޮސް އޮތްކަން ރަނގަޅެވެ. އިބްރާހިމް ޖީބުން ކަޓަރު ނެގުމަށްފަހު އަލީޝާ ކައިރިއަށް ތިރިވިއެވެ.
“އަހަރެން ބޭނުމެއް ނޫން ގަދަކަމުން އަލީޝާ ހިފަހައްޓައިގެން ގެންގުޅޭކަށް. އެއަށްވުރެ އަލީޝާދެކެ ލޯބިވޭ. ބޭނުންވަނީ ތި ހިތް. އަލީޝާ އަަހަންނާ ނުގަބޫލުވަންޏާ ދެން އެހެން މީހަކާއެކީ އުޅޭތަން ބަލާކަށް އަހަންނަކަށް ކެތެއް ނުވާނެ. އަދި އަމުދުން އެ އީތަންއާ.” އީތަންގެ ނަންގަތްއިރު އިބްރާހިމްގެ ދެލޮލުން އަލިފާންކަނި ނުބުރީ ކިރިޔާއެވެ. “ދެން ކިތަންމެ ފަހަރަކު އާދޭސްކުރިއަސް އަލީޝާގެ ހިތް ބަދަލު ނުވާނެކަން މިހާރު އިނގިއްޖެ.” އިބްރާހިމް އަދިވެސް ވާހަކަދެއްކީ ވަރަށް ލޯބިންނެވެ.
“އީތަންއާ މަށާ އެއްވެސް ގުޅުމެއް ނޯވޭ.” އަޑު ތުރުތުރުލާ ހާލުވެސް ކަރުނަ ތިއްކެއް ވެއްޓުނަނުދީ އަލީޝާ މަސައްކަތްކުރީ އީތަން ސަލާމަތްކޮށްދެވޭތޯއެވެ. އަދިވެސް އޮތީ ސީދާ އިބްރާހިމްގެ ލޮލަށް ބަލަހައްޓައިގެންނެވެ. އިބްރާހިމްގެ ސިކުނޑީގައި ހިނގަމުންދަނި ކޮންކަހަލަ ފިކުރުތަކެއްބާއޭ އޭނާގެ ހިތަށްއެރިއެވެ. އިބްރާހިމް ހަމަ ހަގީގަތުގައިވެސް އޭނާދެކެ ލޯބިވަނީބާއޭ ހިތަށްއެރިއެވެ. އެހެން މީހަކުނަމަ އެހާ އިރުވާއިރު އަލީޝާ ގައިގައި ނުބައި ގޮތަކަށް ނުބީހި ނުހުންނާނެކަން ޔަގީނެވެ. އެކަމަށް ފުރުސަތު އެބައޮތް ނޫންހެއްޔެވެ. އިބްރާހިމް ހަމަ ހަގީގަތުގައިވެސް ހިތުގެ އަޑިން އަލީޝާގެ ހިތް އޭނާއަށް ލެނބެން ބޭނުންވަނީބާއެވެ. ނަމަވެސް މިފަދަ ހުރިހާ ހިޔާލަކާއި ދެކޮޅަށްވެސް ވިސްނަން މަޖުބޫރުވީ ކައިރީގައި އޮތް ފުރާނަނެތް މަސްގަނޑުގެ ސަބަބުންނެވެ. އަދި އެ ވަގުތު އިބްރާހިމް އަލީޝާއާއި ދިމާއަށް ހަތިޔާރެއް އަމާޒުކޮށްގެން އިންކަމުންނެވެ.
“ހާސްނުވޭ. އެއްބުރުން މަރާލަދޭނަން.” އިބްރާހިމް އެހެން ބުނުމަށްފަހު އަލީޝާގެ ދަތްދޮޅީގައި ހިފައި ކަރު ސީދާކޮށްލިއެވެ. އަލީޝާއަށް ލޯ މަރައިލެވުނެވެ.
“އީތަން… ނާންނާތި!” އެންމެ ފަހު ވަގުތުވެސް އަލީޝާގެ ހިތަށްއެރިއެވެ. އެވަގުތު ކުއްލިއަކަށް އަލީޝާއަށް ލޯ ހުޅުވައިލެވުނީ އޭނާގެ ކަރުގައި ކޭއްތިލާފައި ދިޔަ ތިލަ، ދުރަށް ދިޔަހެން ހީވި ހީވުމާއިއެކު، އިވުނު ބާރު އަޑަކުންނެވެ. އެއީ އިބްރާހިމް ބަންލާފައި ގޮސް ބިންމައްޗަށް ޖެހުނު އަޑެވެ. ކައިރީގައި ހުރީ އީތަންއެވެ. އިބްރާހިމް ވިއްސައިގެން ދިޔައީ އީތަން އޭނާގެ މޫނުމައްޗަށް ގޮންމުށުން އަރުވައިލި އެތިފަހަރުންނެވެ. ވަލު ޖަނަވާރެއްހެން އަރައި އީތަން އިބްރާހިމްގެ ގައިގައި ތަޅައިގަތީ، އިބްރާހިމްގެ އަތުގައި އޮތް ކަޓަރު ދުރަށް ވިއްސައިގެންދިޔަކަން އެނގުމުންނެވެ. އީތަންގެ ބާރުގެ ދަށުގައި ޖާނުން ވަރުގަދަ އިބްރާހިމްއަކަށް މާ ބޮޑު ބާރެއް ނުދެއްކުނެވެ. ދެތިން ފަހަރު އީތަންގެ ބަނޑަށާއި މޫނަށް އަތުން ދެވުނު ހަމަލާތަކަށްފަހުވެސް އީތަންގެ ހަމަލާތަކުން އިބްރާހިމް ހޭ ހުސްވެގެން ބިންމައްޗަށް ދެމިއްޖެއެވެ.
ދުރަށް ވިއްސައިގެން ގޮސްފައި އޮތް ކަޓަރު ނަގައި އަލީޝާގެ ހަތަރެސްފައިގައި ބަނދެވިފައިވީ ޓޭޕުތައް އީތަން މޮހައިލިއިރު އެ ދެމެދުގައި ބަހެއް ބަދަލުވުމެއް ނެތެވެ. އީތަން އިބްރާހިމްއަށް ބަލައިލި ވަަގުތު ތެދުވަން އުޅުނު އަލީޝާ އަރިއަޅާލައިގެން ގޮސް ވެއްޓުނީ ސީދާ ޝަކީބުގެ މަސްގަނޑު މައްޗަށެވެ. ޝަކީބު ގައިގައި އަތް އަޅައިލެވުމާއިއެކު އަލީޝާއަށް ލޭ ހުސްވެފައި އޮތް މޫނަށް ބަަލައިލެވުނެވެ. އެއާއިއެކު އޭނާ އަނބުރައިގަނެގެން ވެއްޓުނެވެ. އީތަން މި ފަހަރު ވަރަށް ހުޝިޔާރުކަމާއިއެކު، އިތުރަށް މުޅަ މަސްގަނޑުގައި ކޭއްތުމުގެ ކުރިން އަލީޝާ ހިފެހެއްޓިއެވެ.
ލޯ ހުޅުވައިލެވުނުއިރު އަލީޝާއަށް އޮވެވުނީ ސިއްހީ މަރުކަޒުގައެވެ. ކައިރީގައި އޭނާގެ އެކުވެރިންނާއި ރާއިދާވެސް ހުއްޓެވެ. އެނބުރި ރަށަށް އައިއިރު ދަރިފުޅަށް ދިމާވި ހާދިސާ އިވުމުން ރާއިދާއާއި ޔޫސުފަށް ތިބެވުނު ތަންވެސް ނޭންގުނެވެ.
“ކޮބާ އީތަން؟” އަލީޝާއަށް ފުރަތަމަވެސް އަހައިލެވުނެވެ. ހުދާ ވީ ގޮތް އޮޅުން ފިލުވައިދިނެވެ. ޔޫސުފް އަލީޝާއާއި ހަވާލުވުމުން، ޕޮލިސް ސްޓޭޝަނަށް ގޮސް ފުލުހުންގެ ތަހުގީގުތަކަށް ޖަވާބުދިނުމަށްފަހު އީތަން ދިޔައީ ގެއަށްކަމަށް ބުންޏެވެ. އަދި ޝަކީބުގެ މަރުގެެ ތުހުމަތުގައި ފުލުހުން އިބްރާހިމް ހައްޔަރުކުރިކަމާއި ޝަކީބުގެ ޖަނާޒާގެެ ކަންތައް ކުރިއަށްދާ ވާހަކަވެސް ބުންޏެވެ. އެ ހުރިހާ ވާހަކައެއް ނިމުނުއިރު އަލީޝާގެ ހިތުގައި އޮތީ އެެންމެ އެދުމެކެވެ. އީތަން ދެކިލުމަށެވެ.
(ނުނިމޭ)
4 Comments!
Comments are closed.
V niceee..when next up vaanee??? Will wait
Me first.. yeyyyy!!!
Me second… V NICE
Varah reethi