ދިނީ ޒަހަރު… 15

- by - 26- February 10, 2019

14 ވަނަ ބައިގެ ތެރެއިން…..

“ނޫން. މިހާރު ތިއުޅެނީ މާރަނޑުވެގެން. ހުރެބަލަ ނިކަން” އައިނީ ޔަޒްދާން އެނދުގައި ބޭންދުމަށްފަހު ޔަޒްދާން ލައިގެން ހުރި ޓީޝާޓް ބޭލުވިއެވެ. ޔަޒްދާންގެ ދެކޮނޑުގައި ހިފާ އެނދުގައި ބާއްވާފައި އައިނީ އަރާ ޔަޒްދާންގެ ބަނޑުގެ ދެފަރާތަށް ދެފައި ލައިގެން އިށީނެވެ. ޔަޒްދާން އޮތީ އައިނީގެ މޫނަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭނާގެ މޫނުމަތިން މިވަގުތު ފެންނަމުން ދަނީ އައިނީގެ ބީހުންތަކަށް މަރުހަބާ ކިޔާކަހަލަ އަސަރުތަކެކެވެ. އައިނީ ޔަޒްދާންގެ މޭމަތީގައި ބޯއަޅާލުމުން ޔަޒްދާނަށް ހީވީ އޭނާގެ ހިމާޔަތަށް ޔަނާލް އެދުނުހެންނެވެ. އައިނީ ޔަޒްދާންގެ ކަންފަތް ދަށުގައި ތުންފަތް ޖައްސާލުމާއެކު ޔަޒްދާނަށް ދެލޯ މަރާލެވުނެވެ. އެއާއެކު އޭނާގެ ދެތުންފަތް ދޭތެރެއިން ނިކުމެގެން ދިޔައީ ޔަނާލްގެ ނަމެވެ. ވަގުތުން އައިނީ ތެދުވެ އެނދުންވެސް ފޭބިއެވެ. އޭނާ ހުރީ ޝައްކުގެ ނަޒަރަކުން ޔަޒްދާނަށް ބަލަހައްޓައިގެންނެވެ. ޔަޒްދާން އައިނީ ދެކެ ލޯބިވާއިރު މިފަދަ ދަނޑިވަޅެއްގައި ޔަނާލްގެ ނަމުން ގޮވަލީ ސަބަބެއް އައިނީ ހޯދަން ބޭނުންވިއެވެ. ޔަޒްދާން އޭނާގެ ޙިއްސުތައް ހަމަޔަކަށް އަޅުވަން އިރުގަނޑެއް ނެގިއެވެ.

*********************************************

“ޔަނާލް؟ ވައި ޔަނާލް؟ އިޓްސް މީ އައިނީ. ޔުއަރ ގާރލް” އައިނީ ނުރުހިފައި ބުނެލިއެވެ.

“ސޮރީ. އަހަރެން އައިނީގެ ފަރާތުން ބޭނުމީ މިކަހަލަ އުފާތަކެއްނޫން. މިކަންތައް އައިނީ ބޭނުންނަމަ މިހިސާބުން މިކަންތައް ނިންމާލަން އަހަރެން ބޭނުންވަނީ” ޔަޒްދާން އޭނާގެ ޓީޝާޓް ބޮލުން ވައްޓާލަމުން ކޮޓަރިން ނިކުންނަން ދިޔައެވެ. އޭނާ އައިނީއަށް އެންމެފަހަރަކުވެސް ބަލާނުލައެވެ. އޭނާގެ ހިތުގައި އައިނީއަށްޓަކައި ވަނީ ފޫހިކަމެވެ.

“ވެއިޓް. ޔޫ ޗީޓަރ…. ” އައިނީއަށް ރޮވުނެވެ. ދެރަވެ ހިތުގައި ޖެހުނުލެއް ބޮޑުކަމުން ހަޅެއްލަވާ ގަނެވުނެވެ. އައިނީ ކިޔާ އެއްޗަކަށް ބެލުމެއްނެތި ޔަޒްދާން ނިކުމެގެން ދިޔައެވެ. އެދިޔަ ބާރުމިނުގައި ޔަޒްދާން ގޮސް ކާރަށް އެރިއެވެ. ހުންގާނުގައި ދެއަތުން ހިފަހައްޓާލައިގެން އޭނާ މަގުމައްޗަށް ނަޒަރު ހުއްޓާލައިގެން އިންއިރު އޭނާގެ ދެލޮލުގެ ތެރޭގައި ކަރުނަތައް ބޮނޑިވަމުން ދިޔައެވެ. ކުރިއަށް ދުއްވާލުމަށްފަހު ޖެހިގެން އޮތް މަގަށް އެޅިއެވެ. އޭނާ ހަމަޖެހުމުގެ ނޭވައެއްލީ ދެނެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރޭގައި އަތް ހިންގާލިއިރު އޭނާ މޫނުމަތިން ފެންނަނީ ބޯހާސްވެފައިވާ ކަމުގެ ނިޝާންތަކެވެ. އެއްއަތުން ކާރުގެ ހުންގާނުގައި ބާރަށް ޖެހިއިރު އޭނާގެ ލޮލުން ފެންނަމުންދަނީ އަމިއްލަ ނަފްސަށް އެވަގުތު ކުރަމުން ދިޔަ ނަފްރަތެވެ.

“ޑޭމިޓް” ހުންގާނުގައި ދެއަތުން ބާރަށް ޖަހާލަމުން އޭނާއަށް ދެއަތް މަތީގައި ބޯއަޅާލެވުނެވެ. އޭނާއަށް އެކުރެވުނީ ރަނގަޅުކަމެއް ނޫނޭ ބުނެ ސިކުނޑި އިންޒާރު ދެނީއެވެ. ލޯބިނުވާއިރު އައިނީ އޭނާގެ ދިރިއުޅުމުގެ ތެރެއަށް ވެއްދީ އޭނަ އަމިއްލައަށެވެ. އައިނީއަކީ އެޒާތުގެ ކުއްޖެއްކަން ކުރިން އެނގިފައިވާނަމަ އޭނާ އައިނީއާއި ވައިވެސް ނޭޅުނީހެވެ. ކޮންމެގޮތެއްވިޔަސް އެދިޔަ ވަގުތުކޮޅުގައި ކުޑަ ހިނދުކޮޅަކަށް ނަމަވެސް އައިނީގެ ބީހުންތަކަށް އޭނާއަށްވެސް އެއްބާރުލުން ދެވުނެވެ. ނަމަވެސް ހެއްދެވި ފަރާތަށް ހަމްދު އޭނާ ކުރީ އެފާފައިން ސަލާމަތް ވެވުނުކަމަށްޓަކައެވެ. ދެން އޭނާ އުޅެންޖެހޭނީ ވަރަށް ވިސްނައިގެންނެވެ. އޭނާ ނުވިސްނާހުއްޓާ ޔަނާލްގެ ހިތްގައިމު ސޫރަ އޭނާގެ ހިތާއި ސިކުނޑީގައި ވަކި ހިއްޕާލައިފިއެވެ. އޭނާއަށް ނޭނގިހުއްޓާ ޔަނާލް އޭނާގެ މުޅި ނަފްސަށް ވެރިވެގަނެފިއެވެ. އޭނާގެ ހިތުން ޔަނާލް ބޭރުކުރަން މަސައްކަތްކުރާއިރު އަދިވެސް ރަން ގޮނޑީގައި އިނީ ޔަނާލެވެ. ގޮތްދޫނުކުރާ އަންހެންކުއްޖެކެވެ. އައިނީ އޭނާއާއި ގާތްވަމުން ދިޔަވަގުތުވެސް އޭނާއަށް އެދެވުނީ ޔަނާލަށެވެ. އެއީ ކޮންކަހަލަ އަންހެންކުއްޖެއް ހެއްޔެވެ؟ އެލޯތްބަށް ފިލަން މަސައްކަތް ކުރާވަރަކަށް ދަނީ ނާކާމިޔާބު ވަމުންނެވެ. އޭނާ ހުއްޓާލާނީ ޔަޒްދާން މޮޔަކޮށްލާފައި ހެއްޔެވެ؟

****************************************

އަހަރުގެ ކިޔެވުން ނިމެން ގާތްވުމާއި ގުޅިގެން ކޮލެޖުގެ މެނޭޖްމަންޓު ހުރިހާ ކިޔަވާ ކުދިންނާއި ބައްދަލުކުރިއެވެ. އެ ޖަލްސާގެ ތެރޭގައި އަހަރީ އިނާމު ދިނުމުގެ ޖަލްސާ އޮންނާނެ ދުވަހާއި ހުރިހާ ކުދިންނަށް އެންޑް އޮފް އިޔަރ ފާހަގަކުރަން ދުވަހެއް ހަމަޖެއްސުމާއި އަދި މުޅި ކޮލެޖް ހިމެނޭގޮތަށް ބޮޑުދަތުރެއް ދިޔުމަށް ހަމަޖެހިގެން ދިޔައެވެ. އެކަމަށް ޓީޗަރުންނާއި ކުދިންގެ ފަރާތުން އެއްބާރުލުން ލިބިގެން ދިޔައެވެ. ބައްދަލުވުން ނިމޭނެ އިރަކަށް އިންތިޒާރުކޮށްގެން އިން އައިނީ ޖަލްސާ ނިމުމާއެކު އަވަސް ފިޔަވަޅުތަކެއްގައި ޔަޒްދާން ފަހަތުން ނިކުތެވެ. ގެއަށް ދިޔުމުގެ ކުރިން ފާހާނާއަށް ވަދެލާފައި އަންނާނެކަމަށް ބުނެ ފައިޒަން ގޭޓު ކައިރީގައި ބަހައްޓާފައި ޔަޒްދާން ދިޔައީ ފާހާނާއާއި ދިމާލަށެވެ. އޭނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ކުރިމަތީގައި އައިސް ހުއްޓުނު އައިނީ ފެނިފައެވެ. ޔަޒްދާން ދިޔައީ ފާޑަކަށް ސިހިގެންނެވެ. އައިނީއަށް ބަލާވެސްނުލާ ޔަޒްދާން ކުރިއަށް ހިނގައިގަތުމުން ފަހަތުން ބޮޑެތި ފިޔަވަޅުތަކެއްގައި އައިނީ ވެސް ހިނގައިގަތެވެ. ޔަޒްދާން ފާހާނާއަށް ވަނުމުގެ ކުރިން އައިނީ ކުރި ބެއްދިއެވެ.

“ކިހިނެއްވެގެން ތިއުޅެނީ؟ ތިގޮތަށް އުޅެނިކޮށް މީހަކަށް ފެނިދާނެ” ޔަޒްދާން ނުރުހިފައި ހަރުކަށިކަމާއެކު ބުނެލިއެވެ.

“އިޓްސް އޯލްމޯސްޓް ޓޫ ވީކްސް. ކީއްވެތަ ދާން ފިލައިގެ ތިއުޅެނީ؟” ހިތާމަވެރި ގޮތަކަށް އައިނީ ބުނެލިއެވެ. ދެލޮލުގައި ކަރުނައެވެ.

“އެއީ އަހަރެން އައިނީއާއި އެއްވެސް ކަހަލަ ރިލޭޝަނެއް ބާއްވަން ބޭނުންނުވާތީ” ޔަޒްދާން ދުރުބަލަމުން ހަޤީޤަތް ހާމަކުރިއެވެ.

“ހެހެހެ… އައި ނިއު އިޓް ދާންގެ ޖަވާބު އަންނާނީ ތިހެންކަން. އެކަމަކު އަހަރެންނަށް ގުޅައިގެން ދެއްކި މޮޅު ވާހަކަތަކޯ. އެއީ ހުސް ފޭކް ދޯ….” އައިނީއަށް ރޮވުނެވެ.

“ޑޯޏްޓް ވޭސްޓް މައި ޓައިމް. ދާން ތަންދައްކާ” ޔަޒްދާން ކުރިއަށް ޖެހިލަމުން ބުނެލިއެވެ. އައިނީ އެންމެ ތަންކޮޅެއްވެސް ގުޑާ ނުލިއެވެ. އަޑެއްނީވޭތަ؟ އަހަރެންނަށް އިނގޭނެ ތިތަނުން އައިނީ ގަދަކަމުން ދުރަށްލާފަވެސް ދާން” ޔަޒްދާން ގަދަވެލިއެވެ.

“ދެން ތިހުންނަނީޔޯ. ދުރަށްލަބަލަ ގަދަކަމުން. ދާން އަހަރެންގެ އަތުގައި ފިރުމާލާތޯ އަހަރެން ކިހާ އިންތިޒާރެއް މިކުރަނީ” އައިނީ ބުނެލިއެވެ.

“އަހަރެން ބޭނުމެއްނޫން އައިނީގެ ހަށިގަނޑުގައި އިނގިލީ ކުރި ޖައްސާލަންވެސް. އައިމް ނޮޓް އިންޓްރެސްޓެޑް އިން ޔޫ ގާރލްސް” ޔަޒްދާން ބުނެލިއެވެ. އައިނީ  ދެބުމަށް ގޮށްޖެހުނެވެ.

“އޯއެމްޖީ… ގޭއި އެއްތަ؟ ބަލާލާފައެއް ހިއެއްނުވޭ” އައިނީ ބުނެލިއެވެ. ޔަޒްދާން ލޭކެކިގަތެވެ.

“ޝަޓްއަޕް….. ޖަސްޓް ޝަޓްއަޕް ޔޯ މައުތް. ގޭއި އެއްގެ ތާކިހާ ބޮލުގައި އަޅައިގެން އުޅެން ޖެހުނަސް ތި އަންހެނާއަކާ ކައިރިއެއް ނުވާނަން” އައިނީގެ މޫނާއި އިނގިލި ގާތްކޮށް އިންޒާރުގެ ބެލުމަކުން ބަލާލާފައި ޔަޒްދާން ބުނެލިއެވެ. އަދި އައިނީގެ އަތުގައި ހިފާ ލުއްކެއް ޖަހާލާފައި އޭނާއަށް ދެވޭވަރަށް ޖާގަ ހަދާލިއެވެ. އެއަށްފަހު ކުރިއަށް ހިނގައިގަތެވެ.

“އާނ… އައިނީއަށް ހީވީ ހަމަ ރަނގަޅަށް. ތިއީ ރަނޑު އަންހެނެއް. ފިރިހެނުންކުރާ އެއްވެސް ކަމެއް ކުރާކަށް ކަލެއަކަށް ނޭނގޭނެ. އެހެންވެ އަހަރެން ޓަޗްކުރީމަ އެއްވެސް ފީލިންގްސެއް ނައީ” އައިނީ ރުޅިގަދަވެފައި ޔަޒްދާނާއި ދިމާލަށް ހަޅޭއްލަވާގަތެވެ. އެއަޑު ޔަޒްދާން ލަސްވެގެން ފައިޒަންއާއި އެކު ފާހާނާއާއި ވީކޮޅަށް ހިނގާފައި އައި ޔަނާލަށް އިވުނެވެ. ޔަނާލް ފައިޒަންއަށް ބަލާލީ އެއަޑު ފައިޒަންއަށްވެސް އިވޭނެކަމަށް ހީކޮށެވެ. އެހެން ނަމަވެސް ފައިޒަން ފޯނެއްގައި ހުރުމުން އެތަނުގައިވީ އެއްވެސް ކަމެއް އޭނާއަށް ނޭނގޭއެވެ.

“ވަޓް؟” ޔަނާލަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ފޯނުގައި ހުރި ފައިޒަންއަށް ޔަނާލަށް ބަލާލެވުނީ ޔަނާލް އެއްޗެއް ބުނިހެން ހީވެގެންނެވެ. އައިނީ ދެލޯ އަޅައިގެންހުރެ އައިސް ހުއްޓުނީ ފައިޒަންއާއި ޔަނާލްގެ ކުރިމަތީގައެވެ.

“ކިހިނެއްވީ؟ ލޯބިވެރިޔާއާއި ދުރުގައި ނުހުރެވުނީދޯ” މަލާމާތުގެ ރާގަކަށް އައިނީ ބުނެލިއެވެ. ހައިރާންވީ ވަރުން ޔަނާލަށް އެކައްޗެއްވެސް ނުބުނެވުނެވެ. އަނގަހުޅުވި ބަލާލެވުނީ ފައިޒަންގެ މޫނަށެވެ.

“ކީކޭ އައިނީ ތިކިޔަނީ؟ ކޮންވައްތަރަކަށް ތިވާހަކަދައްކަނީ” ހިތްހަމަނުޖެހިފައި ފައިޒަން އަހާލިއެވެ.

“ޔަޒްދާން އަހަރެން ރިޖެކްޓްކޮށްލީ މި ޔަނާލަކާއި ހެދި. އެހެންނޫންނަމަ އަހަރެން ގާތްވި ވަގުތު އޭނަ ޔަނާލަކަށް ނުގޮވާނެ” އައިނީގެ ވާހަކަތަކުން ޔަނާލްގެ ދެލޯ ބޮޑުވެ ހައިރާންކަން މޫނުމަތީގައި ވަށާލިއެވެ.

“އައިނީ” އެންމެން ސިހުނީ ޔަޒްދާންގެ ބާރު އަޑުންނެވެ. ފައިޒަންވެސް ހުރީ އަޖައިބުވެފައެވެ. އޭނާ ދުވަހަކުވެސް ޔަޒްދާން އެހާ ރުޅިގަދަވެފައި ހުއްޓާ ނުދެކެއެވެ.

“ބުނަންތަ ވާހަކައެއް؟ އަހަރެން ތިއިން އެއްވެސް އަންހެނަކަށް ޝައުޤެއްނެތް. ކިހިނެއްވެގެންތަ ކަލޭ ތިއުޅެނީ. އަހަރެންގެ ފަހަތުން ދެން ނޫޅޭތި. އަހަރެންނޭ ކިޔައިގެން ދެން މިތާ ތެރޭގައި އެއްޗެކޭ ކިޔައިފިއްޔާ އެމައްސަލައެއް ނިންމާނީ އެންމެ މަތީ ފަރާތުން. އެކަން ހަނދާން ބަހައްޓާތި” ޔަޒްދާން އައިނީއަށް އިންޒާރެއް ދިނުމަށްފަހު އެމީހުން ފަސްދީ ހިނގައިގަތެވެ. އޭނާގެ ފަހަތުން ޔަނާލާއި ފައިޒަންވެސް ހިނގައިގަތެވެ. ވާނުވާ ނޭނގިހުރެ ކުރިއަށް ހިނގާފައި ދިޔަ ޔަނާލް އެއްފަހަރު ފަސްއެނބުރި އައިނީއަށް ބަލާލިއެވެ. އޭރު އައިނީ ހަށަންބަނދެލައިގެން އެމީހުންނަށް ބަލަހައްޓައިގެން ހުރިއިރު އޭނާގެ މޫނުމަތީގައި ވަނީ ރުޅިވެރިކަމާއި ފޫހިކަމެވެ. އިރުކޮޅަކުން އެތަނުން އައިނީއާއި ބައްދަލުކުރީ އެކޮލެޖުގައި އުޅޭ ޖާވިދެވެ.

**************************************************

ކުލްޝޫމްގެ އެތައް އާދޭހަކާއެކުވެސް ރިޔާޒް ތިރިއަށް ކާން ނުފޭބިއެވެ. މިވީ ދުވަސްތަކުގައި ރިޔާޒަށް އައި ބަދަލެއް ނޭނގޭތީ ކުލްޝޫމް ހުންނަނީ ވަރަށް ކަންބޮޑުވެފައެވެ. ރަނގަޅަށް ނުކައި ހުރުމުގެ ސަބަބުންނާއި ނުތެދުވެ ވިސްނާ ފިކުރުކުރުމުގެ ސަބަބުން ރިޔާޒްގެ ހަށިގަނޑު ވަނީ އަނަރޫފަވާން ނިކަމެތިވާން ފަށާފައެވެ.

“ހެޔޮނުވާނެ. މިހާރު އެއްގޮތަކަވެސް އޮފީހަށްވެސް ދަނީއެއްނުން. އަހަރެން ކައިރީގައި ހާރޫނުމެން އަހަންވެސް އަހައިފި. ތިހެން ރިޔާ ކަންތައްކުރީމަ ވިޔަފާރި ކަންތަކަށް ކިހިނެއްވާނީ. ފައިއަށް ވެސް ތިކަމުގެ ތެރެއަށް ނިކުމެވޭނީ އޭނާއަށް އަށާރަ އަހަރުވީމައެއްނު. ހިނގާބަލަ ކާއެއްޗެއް ކާން” އާދައިގެ މަތިން މިރޭވެސް ކުލްޝޫމް އެނދުގައި އޮތް ރިޔާޒް ކައިރީގައި އިނދެގެން އަދޭސްކުރަމުން ދިޔައެވެ.

“ކުލް. ކޮބާ އަހަރެންގެ ދެ ފިރިހެން ދަރިން. ޔަޒްދާނަކީވެސް މަގޭ ދަރިއެއް. ގޮވާބަލަ ފައިޒަންއަށް. އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަންބޭނުން” ރިޔާޒް ބުނެލިއެވެ. ކުލްޝޫމް ތެދުވެގެން ގޮސް ދެން އައިރު ފަހަތުން ފައިޒަންއާއި ޔަޒްދާންވެސް ވަނެވެ.

“ބައްޕާ. ކިހިނެއްވެފަ މިހާރަކަށް އައިސް ތިހުންނަނީ. ބައްޕަ ބަލީތަ؟ އަހަރެން ވަރަށް ދެރަވޭ ބައްޕަ ތިހެން އުޅޭތީ”  ފައިޒަން އިށީނީ ކުރިން ކުލްޝޫމް އިންތަނުގައެވެ. ފާރުގައި ލެގިލައިގެން ހުރި ޔަޒްދާންގެ ނަޒަރު ވަނީ އެހެން ދިމާލަކަށެވެ. އޭނާގެ ދެއަތް ވަނީ ލައިގެން ހުރި ޓްރެކްޝޫޓްގެ ޖީބަށް ޖަހާލާފައެވެ.

“ދަރިފުޅާ. މީ ބައްޕައަށް މިއަދު މިންވަރު ކުރެއްވެވި ގޮތް. ބައްޕައަށް މިވަނީ ވަރަށް ބޮޑު ކުށެއް ކުރެވިފައި. ތި ދެމައިންނާއި ޔަޒްދާންގެވެސް ކުށްވެރިއެއް ބައްޕައަކީ. ބައްޕައަށް މަޢާފްކުރައްޗެ….” ހާރޫން ކެއްސައިގަތެވެ. ފައިޒަންއާއި ޔަޒްދާން އެކަކު އަނެކަކަށް ނަޒަރެއް ދިނެވެ. ކުލްޝޫމް ވެސް އިނީ ހައިރާންކަމެއްގެ ތެރޭގައެވެ. ރިޔާޒަށް އަންނަމުންދާ ބަދަލު ނޭނގޭތީ އޭނާގެ ހިތުގައި ވަނީ ބިރުވެރިކަން ވަށާލާފައެވެ. ބައެއްފަހަރު ރިޔާޒް ބޮޑު ބައްޔަކާއި ހަނގުރާމަ ކުރާހެންވެސް އޭނާއަށް ހީވޭއެވެ.

“މިއަހަރު ކިޔަވާވެސް ތިނިމުނީ. ދަރިފުޅު ބައްޕަގެ ވިޔަފާރިއާއި ހަވާލުވާންވީ ވަގުތު އައިސް ޖެހިއްޖެ. ބައްޕަ ބޭނުންވަނީ ދަރިފުޅު ކައިވެނިކުރަން. އުފާވެރި މުސްތަގުބަލެއްގެ ބިންގާ އެޅޭނީ އޭރުން. އެހެންނޫނީ ޒުވާންކަމުގެ ޖޯޝުގައި ކުރަން ނުވާވަރުގެ ކަމެއް ކުރެވިދާނެތީ ބައްޕަ ދޭ ނަޞޭޙަތެއްމީ. ދަރިފުޅާ ބައްޕަ ނެތަސް މަންމަ ރަނގަޅަށް ބަލައްޗެ” ހާރޫން ފައިޒަންގެ އަތުގައި ހިފާލައިގެން އޮވެ ވާހަކަދައްކަމުން ދިޔައެވެ.

“ދަރިފުޅާ ޔަޒްދާން ތީ ބައްޕަގެ ދަރިއެއް. ދަރިފުޅުވެސް ބައްޕައަށް މަޢާފްކުރައްޗެ. ތިއީ މި ބައްޕަގެ ދަރިއެއް. މި އެންމެންގެ ކުރިމަތީގައި ބައްޕަ އެކަމަށް އިއުތިރާފްވަން” ފައިޒަންގެ އަތުގައި ހިފައިގެން ރިޔާޒް ވާހަކަދައްކަމުން ދިޔައިރު ކުޑަކޮށް ބޯ އަރިކޮށްލާފައި ފާރުކައިރީގައި ހުރި ޔަޒްދާނަށް ބަލަމުން ދިޔައެވެ. އޭނާގެދެލޮލުން ކަރުނަ އޮހޮރެމުން ދިޔަ މަންޒަރު ފެނުމުން ފުރަތަމަ ފަހަރަށް ޔަޒްދާންގެ ހިތަށް އަސަރުކޮށްލިއެވެ. ކުލްޝޫމްގެ މޫނުމަތިން ހައިރާންކަން ފާޅުވަމުން ދިޔައިރު އަދި ވެގެން މިއުޅޭގޮތެއް އޭނާއަށް ނަގައެއް ނުގަނެވުނެވެ. ހިތަށާއި ސިކުނޑިއަށް ކުރަމުންދިޔަ ބާރުތައް ބޮޑުވެގެން ގޮސް ކުޑައިރުކޮޅެއްގެ ތެރޭގައި ރިޔާޒް ހަބަރު ހުސްވިއެވެ. ކުލްޝޫމާއި ފައިޒަންގެ ހިތުގައި އެތައް ސުވާލެއް އުފެދެމުން ދިޔައިރު އެއިން އެއްވެސް ސުވާލެއްގެ ޖަވާބު ކުލްޝޫމަށް ނުލިބެއެވެ.

ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ރިޔާޒް ނިޔާވި ހަބާރާއެކު ފައިޒަންގެ މުޅި ދުނިޔެ އަނދިރިވި ކަހަލައެވެ. އޭނާއަށް ބާރަށް ރޮއެގަނެވުނެވެ. ކުއްލިއަކަށް މިވީ ކިހިނެއް ހެއްޔެވެ؟ ކުލްޝޫމަށް ލިބުނު ޝޮކުގައި ވާހަކައެއް ނުދެއްކުނެވެ. މަންމައަށް ވީގޮތް ފެނި ފައިޒަން ހިތްވަރުކޮށް ކުލްޝޫމަށް އެއްބާރުލުން ދިނެވެ. ހިތްހަރުކޮށްގެން ހުރި ޔަޒްދާންވެސް ފަހު ވަގުތު ފަޅައިގެން ދިޔައެވެ. ކޮންމެގޮތެއް ވިޔަސް އެއީ އޭނާގެ ބައްޕައެވެ. މިވަގުތު އޭނާގެ ހިޔާލަށް ފެންނަމުން ދަނީ ލިލިޔަން ނިޔާވި ދުވަހުގެ މަންޒަރުތަކެވެ. އެދުވަހުވެސް އޭނާ ހާދަ ރުޔެވެ. އޭނައަށް ހިތްވަރުދޭނެ މީހަކު އެދުވަހު ނެތެވެ. މަންމަގެ ޖަނާޒާއިގާ ހަރަކާތްތެރިވީ ޖަމާޢަތްތެރިންނާއި އޭނާ އެކަންޏެވެ.

ފަތިސް ނަމާދަށްފަހު ރިޔާޒް ވަޅުލެވުނެވެ. ގޭތެރެއަށް ވަނީ ފުންމިން ނޭނގޭ ހަމަހިމޭން ކަމެއް ވެރިވެފައެވެ. ކުލްޝޫމް ބޮޑު އެނދުއި އިންއިރު އެންމެފަހުން ރިޔާޒް ދެއްކި ވާހަކަތައް އޭނާގެ ސިކުނޑި ތެރޭގައި ދަޢުރުވަމުން ދިޔައެވެ. އޭނާ އެސުވާލުތަކުގެ ޖަވާބު ބޭނުންވެއެވެ. އޭނާއަށް ޖަވާބުދެވޭނީ ޔަޒްދާނަށް ކަމަށްވާތީ ކޮޓަރިން ނިކުތީ ހިތްހެޔޮ ކޮށްލައިގެން ހުރެއެވެ. ޔަޒްދާންގެ ކޮޓަރިއަށް ދިޔޔުމަށްޓަކައި ފައިޒަންގެ ކޮޓަރި ހުރަސްކުރި ވަގުތު އެކޮޓަރިން މީހެއްގެ ގިސްލުމުގެ އަޑު އިވެން ފެށުމުން ކުޑަކޮށް ހުޅުވިފައިހުރި ދޮރު ފޭކޮށްލުމަށްފަހު ބަލާލިއެވެ. އޭރު ޔަޒްދާންގެ ގައިގާ ބައްދާލައިގެން އިނދެ ފައިޒަން ރޮނީއެވެ. އެމަންޒަރުން އޭނާގެ ހިތް ފަޅައިގެންދާވަރު ވިއެވެ. ވަދެގެން އައި ކުލްޝޫމް އެންމެ ފުރަތަމަ ފެނުނީ ޔަޒްދާނަށެވެ. ޔަޒްދާން ފައިޒަން ދުރުކޮށްލުމަށްފަހު ކުޑަކޮށް ދުރަށް ޖެހިލިއެވެ. ކުލްޝޫމް އިށީނީ ފައިޒަންއާއި ޔަޒްދާންގެ ދެމެދުން ހެދިފައި ހުރި ހުސް ޖާގައިގައެވެ. ފައިޒަން ދެލޯ ފޮހެލުމަށްފަހު ކުލްޝޫމް ގައިގާ ބައްދައިގަތެވެ.

“ނުރޮއި. ހިތްވަރުކުރަންވާނެ. ދަރިފުޅު ތިގޮތަށް ރުއީމަ މަންމައަށް ހިތްވަރުދޭން ހުންނާނީ ކާކު؟” ފައިޒަންގެ ބޮލުގައި ފިރުމާލަމުން ކުލްޝޫމް ބުނެލިއެވެ. އޭނާގެ އަޑުވެސް ގިނައިރު ރުއިމުގެ ސަބަބުން ކުރެހިފައެވެ.

“މަންމައަށް ހީވަނީ ބައްޕައަށް ވަނީ ވަރަށް ބޮޑު ގޯހެއް ހެދިފަހެން. މިވަގުތު މީ ބައްޕއަށް މަޢާފްކޮށްފަ ހެޔޮދުޢާ ކުރަންވީ ވަގުތު. ބައްޕައަށްޓަކައި މަންމަގެ ހިތް ސާފު” ކުލްޝޫމް ބުނެލިއެވެ. ރޮވި އިސްޖެހިފައި ޔަޒްދާން އިނެވެ.

“ދާން. މިކަމުގެ ވަރަށް ބޮޑު ހަޤީޤަތެއް ދަރިފުޅަށް އެނގޭހެން ވަރަށް ހީވޭ. އެހުރިހާކަމެއް ދައްތަ ބޭނުން އެނގެން” ކުލްޝޫމް ޔަޒްދާނާއި ވީ ދިމާލަށް އެނބުރުނެވެ.

“އެއީ އަޅުގަނޑުގެ ބައްޕަ” ޔަޒްދާނަށް ބުނެވުނީ އެވަރަށެވެ. ފައިޒަންއަށް ޝޮކެއް ލިބިގެން ދިޔައިރު ކުލްޝޫމަށް އިވުނު އެއްޗެއް ޔަގީން ނުކުރެވި ދެލޯމަރާ ބާރުކޮށްލެވުނެވެ.

“ދައްތާ! އަޅުގަނޑަށް މަޢާފްކޮށްދެއްޗެ. އަޅުގަނޑު މިތަނަށްއައީ އާއިލާއެއް ރޫޅާލާކަށްނޫން. މަންމަގެ އެންމެފަހު ވަޞިއްޔަތަކީ އަޅުގަނޑު ބަލަދުވެރިޔާ ކައިރިއަށް އައުން. މަންމަ އަޅުގަނޑަށް ކިޔާދިނީ ހުރިހާ ކަމެއްވެސް. ދައްތައާއި ބައްޕަ ކައިވެނިކުރުމުގެ ކުރިން ބައްޕަ އަޅުގަނޑުގެ މަންމަ ރޭޕްކުރީ. އަޅުގަނޑަކީ ބައްޕަގެ ދަރިއެއްކަން އެނގުނު ހިސާބުން ބައްޕައަށް އެއައި ބަދަލެއް އައީ. އަޅުގަނޑު ކަށްވަޅަށްދާންދެން މިކަންތައް ސިއއްރުކުރީމުސް. ބައްޕަ އަޅުގަނޑަށް މަޖުބޫރުކުރީ. ދައްތާ އަޅުގަނޑަށް މަޢާފްކުރޭ” ޔަޒްދާނަށް ރޮވުނެވެ. އޭނާއަށް މޫނުމަތީގައި އަތްހިންގާލެވުނެވެ.

“ތިކަމުގައި ދަރިފުޅުގެ އެއްވެސް ކުށެއްނެތް. ތިކުދިންގެ ބައްޕައަށްވެސް މަޢާފްކޮށްފިން. ތީ އެއްބަފާ ދެކުދިން. ގުޅިގެން އެކަކު އަނެކަކުދެކެ ލޯބިން އުޅޭތި. ދައްތައަށް ރަނގަޅީ މީގެފަހުން މީ ވެސް މަންމައެއް ކަމަށް ދެކި މަންމަ ކިޔައިފިއްޔާ. ދުވަހަކުވެސް މި މަންމަ ދަރިފުޅު ދޫކޮށެއްނުލާނަން” އެތައް ޒަމާނަކަށްފަހު ޔަޒްދާނަށް ކުލްޝޫމްގެ ދެލޮލުގެ ތެރެއިން އޭނާގެ އުފަން މަންމަގެ ސޫރަ ސިފަވި ކަހަލައެވެ. އޭނާއަށް ކުލްޝޫމްގެ އުނގުގައި ބޯއަޅާލެވުނުއިރު މައިވަންތަ ލޯބި އިހުސާސް ކުރެވެމުން ދިޔަ ކަހަލައެވެ. އަނެއްފަރާތުން ފައިޒަންވެސް ކުލްޝޫމްގެ އުނގުގައި ބޯއަޅާލިއެވެ. ހުއްޓުމެއްނެތި ކުލްޝޫމްގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައިރު އޭނާ އިނީ ލިލިޔަންއާއި ރިޔާޒްއާއި މެދު އެކަންތައް ހިނގާދިޔަ ގޮތް އެނގެން ބޭނުންވެފައެވެ.

********************************************

ހަފްތާއެއް ފަހެވެ. ހޮނިހިރު ދުވަހަށްވާތީ ހުރިހާ މީހުން ހަމައަށް ގޭގައި ތިއްބެވެ. މެންދުރު ނަމާދުކޮށްގެން ޔަޒްދާނާއި ފައިޒަން ގެއަށް އައިސް ވަނީ ދާދި އެކުއެކީގައެވެ. ފައިޒަން ސޯފާގައި އިށީނުމުން ޔަޒްދާން ބަދިގެއާއި ދިމާލަށް ދިޔައީ ކަރުހިއްކާފައި ހުރިވަރުން ފެންފޮދެއް ބޯލުމަށެވެ. ގޭތެރެއިން ކުލްޝޫމް ފެންނާކަށް ނެތެވެ. މޭޒުމައްޗަށް މެންދުރުގެ ކެއުން އަރުވާފައި ހުއްޓެވެ.

ކުރިމަތީ ހުޅުވާފައި ހުރި ޓީވީއަށް ނަޒަރުހުއްޓާލައިގެން އިން ފައިޒަން ސިހުނީ އޭނާއާއި ދާދި ކައިރީގައި ހުއްޓުނު ޔަނާލް ފެނިފައެވެ. އޭރު އެ އާއިލާގެ ބާކީ ތިބި މެންބަރުންވެސް ވަދެގެން އަންނަނީއެވެ. މެންދުރު ނަމާދުކޮށްގެން ކުލްޝޫމް ވެސް ކޮޓަރިން ނިކުތީ އެވަގުތުއެވެ.

“ފައި އައެމް ސޮރީ. ފައި އެންމެ ބޭނުންވި ގަޑީގައި ކައިރީގައި ނުހުރެވުނީމަ” ފައިޒަންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ވަގުތުން ފައިޒަންގެ ދެލޯ ފުރިގެންއައެވެ. އޭނާއާއި ކައިރީގައި ކޮޅަށް ހުރި ޔަނާލްގެ ބަނޑާއި ހަމައިގާ ބައްދައިގަތެވެ. އެމަންޒަރު ބަދިގެއިން ނިކުމެގެން އައި ޔަޒްދާނަށް ފެނުމުން ހިތަށް އުނދަގުވިއެވެ. ނަމަވެސް ފެންނަކަމަށް ނަހަދާ އޭނާވެސް ސޯފާގައި ޖައްސާލިއެވެ. އޭރު ޔަނާލްގެ އާއިލާ ހުރިހާ މީހުން ތިބީ އިށީނދެގެންނެވެ.

“ކުލް…. އެކޮޅަށް ހަމަ ދެވުނުތަނާ ހަބަރު ލިބިއްޖެ. ކީއްކުރާނީ… ވަރަށް އަންނަން ބޭނުންވި” މާއިރާ ކުލްޝޫމްގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“ނުލާހިކު ރަނގަޅަށް ހުރީ. ފަހަކަށް އައިސް އޮފީހަކުންވެސް ނުފެނޭ. ފޯނަށް ގުޅިޔަސް ޖަވާބެއްނުދޭ. ގެއަށް އަޔަސް ބައްދަލުކުރާކަށް ބޭނުމެއްނުވި. ކިހިނެއްވީ އަސްލު؟” ހައިރާންވެފައި ހާރޫން އަހާލިއެވެ.

“ކުއްލިއަކަށް ކުރިމަތިލާން ޖެހުނު ހަޤީޤަތެއްގެ ސަބަބުން. އޭނާއަށް އެކަން ބަރުދާސްތު ނުކުރެވުނީ” ވާހަކަދެއްކިއިރު ކުލްޝޫމްގެ ދެލޯ ވަނީ ކަރުނުން ފުރިފައެވެ. ހިތާމައާއި ހިތްދަތިކަމެއް ލިބޭ ހިނދު އެހެން މީހެއްގެ ހަމްދަރުދީ ލިބުމުން ހިތަށް ކުރާ އަސަރު މާބޮޑުވެއެވެ.

“އަނެއްކާ ކިހިނެއްވީ؟ ބޮޑު ކަންތައްގަނޑެއް ހިނގީތަ؟” ހާރޫނާއި މާއިރާއަށް އެއްކޮށް ބުނެލެވުނެވެ. އެކަކު އަނެކަކަށް ނަޒަރެއް ދެވުނީ ހައިރާންވީ ވަރުންނެވެ.

“އާނ… އެއްވެސް ކަމަކީ އަބަދަށް ސިއްރުވެފައި އޮންނާނެކަމެއް ނޫން. ކިތަންމެ މޮޅަށް ކިތަންމެ ރޭވުންތެރިކަމާއެކު ކަމެއް ކުރިނަމަވެސް ދާދި އަވަހަށް އެކަމެއް ފަޅާއަރާފާނެ. ދުނިޔެއަކީ މިކަހަލަ ތަނެއް” ދެލޯ ފޮހެލަމުން ކުލްޝޫމް ބުނެލިއެވެ.

“ކުލް! ކޮބާ މައްސައަކީ؟ ކިހާވަރެއްގެ ކަމެއް ދިމާވީ؟” މާއިރާ އަހާލިއެވެ.

“ރިޔާ…ރިޔާގެ ދަރިއަކަށް ހުންނަނީ ހަމައެކަނި ފައި އެއްނޫން” ކުލްޝޫމް ބުނެލިއެވެ. ޔަނާލާށް ފައިޒަންއަށް ބަލާލެވުނެވެ. އެވަގުތު ފައިޒަން ޔަނާލަށް ބަލާލާފައި ބޯޖަހާލިއެވެ.

“ވަޓް؟؟؟؟ ކީކޭ ތިބުނީ؟؟… ދެން ތިބި ދަރިންވީ ކޮންތާކު؟” ހާރޫނަށް އަހާލެވުނެވެ.

“ޔަޒްދާނަކީ ލިލިޔަންއާއި ރިޔާގެ ދަރިފުޅު. މިހުރިހާ ދުވަހު ރިޔާ އުޅުނީ އެކަން ސިއްރުކޮށްގެން. އެކަމުގެ ސަބަބުން އޭނާގެ ހިތަށާއި ސިކުނޑިއަށް ބާރުބޮޑުވެ ކެތްނުވާ ދަރަޖައަށް ދިޔައިމަ އެވާހަކަތައް ހިއްސާކުރީ” ކުލްޝޫމް ދެއްކި ވާހަކަތަކުން ތަނަށްވެރިވީ ހަމަހިމޭންކަމެވެ. ހާރޫނާއި މާއިރާ ތިބީ އެވާހަކަތައް ޤަބޫލުނުކުރެވިފައެވެ. ޔަޒްދާނާއި ދިމާލަށް އެންމެންނަށް އެއްފަހަރާ ބަލަން ފެށުނެވެ.

“ކިހިނެއް ތިކަން ޔަޤީންކޮށް ބުނަން އެނގުނީ”  އިރުގަނޑެއްގެ ހިމޭންކަމަށްފަހު ވާހަކަދެއްކީ ހާރޫނެވެ. މާއިރާގެ މޫނުމަތިން ފެންނަނީ އޭނާވެސް އެސުވާލުގެ ޖަވާބު ބޭނުންވެފައިވާ ކަމުގެ ނިޝާންތަކެވެ.

“ޔަޒްދާނަށް އެކަން އިނގޭ މިތަނަށް އައިރުވެސް. އޭނާއަށް ކިޔާދިނީ ލިލީ” ކުލްޝޫމް ވާހަކަދެއްކިއެވެ. އަދި އެކަން އޭނާއަށް އެނގޭ މިންވަރަކުން ޔަޒްދާން ކިޔާދިން ގޮތަށް ކިޔޔާދިނެވެ. ޔަނާލްގެ ނަޒަރު ޔަޒްދާނާއި ބައްދަލުވި ވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. ނަޒަރު ވަކިކޮށްލީ ޔަޒްދާނެވެ.

“ދެން ކީކޭ ބުނާނީ. ތިކަން ތިއޮތީ ހިނގާފައި. ދެން އޮތް ގޮތަކީ ސުލްހަވެރިކަމާއެކު އެއީވެސް ދަރިއެއްގެ ގޮތުގައި ދެކިގެން އުޅުން. މި ވިޔަފާރީގައި އަހަރެންނާއެކު ހިއްސާވާ އެއްފަރާތް ރިޔާއަކީ. އަދިވެސް ހަމަ އެގުޅުން އެބައޮތް. އަހަރެންނަށް ފެންނަނީ ޔަޒޒްދާނާއި ފައިޒަންގެ ނަން މައްޗަށް އެކަން ބަދަލުކުރަން” ހާރޫން ވާހަކަދެއްކިއެވެ.

“ނޫން. އަޅުގަނޑު ބޭނުމެއްނޫން. އަޅުގަނޑު ބޭނުންވަނީ މަންމައާއި ފައިގެ މައްޗަށް ބައްޕަގެ ވިޔަފާރި ބަދަލުކުރިއްޔާ” ވަގުތުން ޔަޒްދާން ދެކޮޅު ހެދިއެވެ.

“އަޅުގަނޑަށް އަދި ނުވާނެ. އަދި ކިރިޔާ ކިޔަވާ މިނިމުނީ. އެންމެ ރަނގަޅުގޮތަކީ މަންމަގެ ނަންމަތީގައި ބޭއްވުން” ފައިޒަން އޭނާގެ ހިޔާލުވެސް ފާޅުކުރިއެވެ. އެންމެން އެގޮތާއި ރުހުނެވެ.

“ހިނގާ ކާން. ކާން ހުންނާނީ ތައްޔާރުކޮށްފައި” ކުލްޝޫމް ބުނެލިއެވެ. ދުވަސްގަނޑަކަށްފަހު ދެ އާއިލާ އެއް ސުފުރާ މަތިން ކެއުމުގައި އެތައް ވަގުތެއް ހޭދަކުރިއެވެ.

**************************************************

ކުރިން ރާވާފައިވާ ގޮތަށް ޖެހިގެން އަންނަ ހުކުރުގައި ހުރިހާ ކުދިން ދަތުރުދާ ގޮތަށް ހަމަޖެހުނެވެ. މުޅި ކޮލެޖު އެއްކޮށް އެދަތުރަށް ދިޔައީ ތައްޔާރުވަމުންނެވެ. ދަތުރުދާ ގޮތަށް ހަމަޖެހުނީ މާލެ ކައިރީގައި އޮންނަ ފަޅު ރަށަކަށެވެ. އެއްރޭކޮށްފައި  އަންނަ ގޮތަށް ދިޔުމަށް ރާވާފައިވާ ދަތުރު ވަރަށް ފުރުހަމައަށް ކުރިއަށް ގެންދިޔުމަށް ހުރިހާ ކުދިންވެސް ތިބީ ތައްޔާރު ވެގެންނެވެ.

“އަހަރެން ކިޔަންވީ ކޮންނަމަކުން؟ ދޮންބެތަ؟ ބޭބެތަ؟ ކުޑަބެތަ ނޫނީ ތިއްތިބެތަ؟ ފައިޒަން ސުވާލުކުރީ ބްރޭކަށް ނިކުތް ޔަޒްދާނާއެވެ. ޔަޒްދާން ހީލިއެވެ. ރިޔާޒްގެ މަރަށްފަހު ދެކުދިންވެސް މިހާރު ތިބީ ހަމަޖެހިފައެވެ.

“ފައި އަހަރެންނާއި ދިމާވީ ރައްޓިއްސެއް ގޮތަށްނު. އަހަރެމެން ދެމީހުން  ދޭތެރޭގައި އޮތް ލޭގެ ގުޅުމަށްވުރެ ބޮޑަށް ގާތީ އުފެދުނު އެކުވެރިކަން. އަހަރެން ޤަބޫލުކުރާ ގޮތުގައި ތިއީ އަހަރެންގެ އެއްބަފާ ކޮއްކޮ. އެއަށްވުރެ ގާތްކޮށް ބުނަންޏާ އެކުވެރި ކޮއްކޮއެއް ކަހަލަ ކުއްޖެއް. އެހެންވީމަ ކުރިންވެސް ކިއި ގޮތަށް ދާން ކިއީމަ ރަނގަޅުވާނެ” ފައިޒަންގެ ކޮނޑުގައި ޖަހާލަމުން ޔަޒްދާން ބުނެލިއެވެ.

“ސީރިޔަސްލީ…. ޔޫ ޓޫ އާރ ބްރްދަރސް ތަ؟” އެވަގުތު އެތަނަށް އައިސް ހުއްޓުނު އައިނީ ބުނެލިއެވެ.

“ލެޓްސް ގޯ ބްރޯ” އެތަނަށް މީހަކު އައިހެންވެސް ހީނުވެ ފައިޒަންގެ ކޮނޑަށް އަތްލައިގެން ހުރެ ޔަޒްދާން ބުނެލިއެވެ. ޔަޒްދާންގެ އެ އަމަލުން އައިނީގެ އަނގަ ހުތްވެގެން ދިޔައެވެ. ހަޤީޤަތުގައިވެސް އޭނާ ދެރަވިއެވެ. ފައިޒަން އެއްފަހަރު ފަހަތް ބަލާލިއިރު އައިނީ އެމީހުންނަށް ބަލަހައްޓައިގެން ހުއްޓެވެ.

“މަޑުކޮށްބަ. ތިދެމީހުން ދޭތެރޭގައި އެއްވެސް ކަމެއް ހިނގިތަ؟ ޓެލް މީ ޓްރުތް” ފައިޒަން ބުނެލިއެވެ.

“ހެހެހެ…. ކިހިނެއްވެގެން ތިހެން ތިއެހީ” ޔަޒްދާން ހީލާފައި އަހާލިއެވެ.

“ދެން ބުނެބަލަ. މަށަށް ޝައްކުވާތީ. އައިނީ ދައްކާ ވާހަކަތަކުން” ފައިޒަން ބުނެލިއެވެ.

“އަހަރެން ޓްރައި ކުރިން އޭނަޔާއެކު ރިލޭޝަންޝިޕަކަށް ދާން. އެކަމަކު… ޝީޒް ނޮޓް މައި ޓައިޕް” ފޫހިކަމާއެކު އަނގައަށް ގޮތެއް ހަދާލަމުން ޔަޒްދާން ބުނެލިއެވެ.

“އެހެންވެ ދޯ މިދުވަސްކޮޅު އައިނީ ހޫނުފެނަށް ވެއްޓިގެން މިއުޅެނީ. ބްރޯއަށް ނޭނގުނަސް ބުނަންތަ ވާހަކައެއް. މި ކޮލެޖުގައި މަދުވާނެ އޭނާ ހިތާނުވާ ފިރިހެނެއް. މީހެއްގެ މޫނަށް ބަލާލާއިރު އެހުންނަ މައުސޫމު ކަމަކުން ރީތިކަމަކުން މީހެއްގެ ހަޤީޤީ ސިފައެއް ހާމައެއް ނުވެދާނެ. އެކަމަކު އައިނީއަކީ މީހަކު ލޯބިވެގެން ހިތާވާވަރުގެ މީހެއް ނޫން. މިކޮލެޖުގައި އުޅޭ ހުރިހާ ފިރިހެނުންގެ ތުންފުހި އެއީ” ފައިޒަން ބުނެލިއެވެ. ޔަޒްދާން ހުރީ އެވާހަކަތައް ޤަބޫލުކުރަން ދަތިވެފައެވެ.

“ފައިގެވެސް ތަ؟” ޔަޒާދާން ހަމަޖެހިލާފައި ބުނެލިއެވެ. ފައިޒަން ޔަޒްދާނަށް ބަލާލިއެވެ. ނުހޭން މަސައްކަތްކޮށްގެން ޔަޒްދާނަށް ހުރެވުނީ އިރުކޮޅަކުއެވެ. އޭނާގެ ބަޑި ފަޅައިގެން ދިޔުމާއެކު ކުރިއަށް ދުއްވައިގަތީ ފައިޒަން އެއްލި ފައިން ނުޖެހެން ވެގެންނެވެ.

ނުނިމޭ

26

You may also like...

6 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Alhey ushaali…myge furathama bain feshigen up nukohdheveynetha?kon sitehga furathama bai 8nu…😊😊😊 i luv ur stories ,ekam adhi mivaahaka liyaanulevigen miulhenyy😊😊lu va soo much..wish u all the best in ur life👍👍👍❤❤❤😙

    ⚠Report!
    1. ushaaly ge page ah vanyma huriha episode thakeh kiyaa leveyne 🙂 and thakyu som much dear 🙂 🙂

      ⚠Report!

Leave a Reply

Your email address will not be published.