“ކޮންތާކު ތިއިނީ؟” އީތަންއަށް ވަގުތުން ގޮނޑިއެއްގައި ބަނދެވިފައި އިން އަލީޝާ ސިފަކުރެވުނީ މާ ގިނައިން ފިލްމު ބަލާތީކަންނޭންގެއެވެ. ފޯނުން ނޯށަން އަޑެއް ނޫނީ ނީވުނެވެ. އަލީޝާ އިނީ ޖަވާބުދެވޭނެ ހާލަތެއްގައި ނޫންކަން އިނގިހުރެވެސް އީތަންއަށް ކޮށްލެވުނީ މޮޔަ ސުވާލެކެވެ. “އޭތް މަ ކުރާ ސުވާލަށް ޖަވާބުދޭން ފޯނުގަ ޖަހާލާއިނގޭ. އާނއެކޭ ވެއްޖިއްޔާ ދެ ފަހަރު ނޫނެކޭ ވެއްޖިއްޔާ ތިން ފަހަރު.” ފޯނުން ގުޅުނީ ކޮންމެވެސް ގޮތަކުން އަތްލައިގެންކަމަށް ވިސްނި އީތަން އިރުޝާދުދިނެވެ. ފޯނު ހިފައިގެން އެހެން މީހަކު ހުރީ ނޫންކަަމަށް އުންމީދުކުރެވުނެވެ. އެކަން ކުރި މީހަކު އީތަަންއަށް ގުޅިނަމަ ވާހަކަ ނުދައްކާ ހުރުމުގެ ސަބަބެއްވެސް ނެތްތާއެވެ. އަލީޝާ އިނގިލިން ދެ ފަހަރު ޖަަހައިލި އަޑު އިވިފައި އީތަން ފުން ނޭވާއެއް ދޫކޮށްލިއެވެ.

**************************

“ގެއެއްގަތަ ތީނީ؟” އީތަންގެ ސުވާލަށް އަލީޝާ ދެ ފަހަރު ޖަހައިލިއެވެ. “ފަޅު ގެއެއް؟” ދެން އީތަަން ކުރި ސުވާލަށް އަލީޝާ ޖަހައިލީ ތިން ފަހަރުއެވެ. “އިނގޭތަ ކޮން ތަނެއްކަން؟” އަލީޝާ އާނއެކޭ ބުނުމުގެގޮތުން ދެފަހަރު ޖަހައިލިއެވެ. “ކަލޭ ދަންނަ މީހެއްގެ ގެތަ؟” އަނެއްކާވެސް ދެ ފަހަރު ޖަހައިލި އަޑު އިވުނެވެ. “މަ ދަންނަ މީހެއްތަ؟” މިފަހަރުވެސް އަލީޝާ ޖަހައިިލީ ދެ ފަހަރުއެވެ. އޭރު އީތަން މިސްރާބެއްނެތި ހިނގަންފަށައިފިއެވެ. ސްކޫލު ކުއްޖެއްހޭ އެހުމުން އަލީޝާ ދެފަހަރު ޖަހައިލިއެވެ. ” ފޯނު ނުބާއްވާތި އިނގޭ މަ ވާހަކަދައްކާނަން. މީހަކު އަންނަންޏާ ހަތަރު ފަހަރު ޖަހާފަ ނޭންގޭ ކަމަށް ހަދައިގެން އިންނާނީ.” އީތަން އެހެން ބުނުމާއިއެކުހެން އަލީޝާ ފޯނުގައި ޖަހަން ފަށައިފިއެވެ. އީތަން ހީކުރީ އަލީޝާ އާނއެކޭ ބުނަން އުޅުނީ ކަމަށެވެ. ނަމަވެސް ޖެހީ ހަތަރު ފަހަރުއެވެ. އީތަންއަށް ނޭވާ ހިފަހައްޓައިލެވުނީ އެ އައި މީހަކަށް ފޯނުން ނޭވާގެ އަޑުވެސް އިވިދާންހެންނެވެ.

ދިހަ މިނެޓު ކުރި –

ގަޔަށް ސެންޓު ބުރުވާލާފައި އަލީޝާ ނުކުތީ އެކުވެރިންނާއިއެކު ބާބަކިއުއަކަށް ދިއުމަށެވެ. ގެއިން ނުކުތީ މުޅިން އާ އަލީޝާއެކެވެ. ހުރިހާ ނުތަވަސްކަމެއް ހަނދާންނައްތާލައިފައި، ހިތް ފުރެންދެން ސަކަރާތްނެގުމަށް ނިންމައިގެންނެވެ. މަޑުމަޑުން ލަވައެއް ކިޔަމުން ދިޔައިރު، މީހަކު އޭނާއަށް ފާރަލަމުންދިޔަކަން ނޭންގެއެވެ. އަނދިރި މަގަކުން ހިނގާފައި ދަނިކޮށް އަލީޝާ ސިހުނީ މީހަކު ފަހަތުން ކޮނޑުގައި އަތް ބާާއްވައިލުމުންނެވެ. އެނބުރި ބަލައިލިއިރު އެއީ އިބްރާހިމްއެވެ.

“އަލީޝާ… ކޮންތާކަށް ތި ދަނީ؟” އިބްރާހިމް އެއްސެވެ.

“ކިހިނެތްވީ؟ ކަމެއް ބޭނުންވީތަ؟” އިބްރާހިމްގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގަައި އަލީޝާވެސް ކޮށްލީ ސުވާލެކެވެ.

“އާާނ… މިއައީ އެކަމާ ވިސްނައިފިންތޯ އަހަން.” އިބްރާހިމްގެ އަޑުގައި ކުރަކިކަމެއްވިއެވެ. ދެލޯ ހުރީ ރަތް އަރާފައެވެ. އަލީޝާގެ މޫނަށް ވައްތަރެއްޖައްސައިލެވުނެވެ. މީ ކިހާ ބޮޑުވެއްޖެ ކަަމެއްހޭ ހިތަށްއެރިއެވެ.

“ފަހުން ދޯ ތިވާާހަކަދައްކާނީ. މިހާރު މިއުޅެނީ ތަނަކަށް ދާން ލަސްވެގެން.” އަވަހަށް ބަޗަންވެގެން އަލީޝާ ދޮގެއް ހަދައިލިއެވެ. ތާޒާކޮށް ހުރި މޫޑު ހަރާބުވާން އުޅޭހެން ހީވާތީއެވެ. ރީތިކޮށް ތަކުރާރު ކުރުމުންވެސް އިބްރާހިމްއަށް ނުވިސްނުނީތީއެވެ. އިބްރާހިމްއަށް އިތުރު އެއްޗެކޭ ބުނެވުމުގެ ކުރިން އަލީޝާ ހިނގައިގަތެވެ. ނަމަވެސް ތިން ފިޔަވަޅު އެޅުމުގެ ކުރިން ބޮލުގައި އެއްޗަކުން ވަރަށް ބާރަށް ޖެހުނު އިހުސާސެއް ކުރެވި، އެރި ތޫނު ތަދަކާއިއެކު މޫނު މައްޗަށް އަނދިރިވެއްޖެއެވެ.

ލޯ ހުޅުވައިލެވުނުއިރު އަލީޝާއަށް އޮވެވުނީ ކޮޓަރިއެއްގައެވެ. ހަތަރެސްފައި ބަނދެވިފައި، ބިންމަތީގައި އެއް އަރިއަކަށެވެ. ކޮޓަރީގައި އެނދަކާއި ކަބަޑަކާއި އެއްޗެހި ހުރުމުން އެއީ މީހަކު ދިރިއުޅޭ ތަނެއްކަން އިނގެއެވެެ. ގުޑިލި ގޮތަކުން ފަހަތަށް ވާގޮތަށް ޓޭޕުގަނޑަކުން އޮޅާފައި އޮތް ދެއަތުގައި ޖެހުނީ ޖިންސުގެ ފުރަގަސް ޖީބުން އެއްބައި ނުކުމެފައި އޮތް ފޯނެވެ. ފޯނު ނެގޭތޯ އަތް އިތިކޮށްލިތަނާ ކުރަން އުޅުނު މަސައްކަތް ހުއްޓައިލަންޖެހުނީ މީހަކު ދޮރު ހުޅުވައިލިމުންނެވެ. ހުޅުވުނު ދޮރުން ވަދެގެން އައި އިބްރާހިމް ފެނިފައި އަލީޝާ ހައިރާނެއްނުވިއެވެ.

“ކޮބާ މިހާރު ވިސްނޭނެތަ؟” ކުޑަކަކޫމައްޗަށް ތިރިވެފައި އަލީޝާއަށް އިޝްގީ ނަޒަރަކުން ބަލައިލި އިބްރާހިމް ބުންޏެވެ. އަލީޝާ އޮތީ އެއްވެސް އަސަރެއް ނެތް މޫނަކުންް ސީދާ އިބްރާހިމްގެ ލޮލަށް ކަޅި ހުއްޓާލައިގެންނެވެ. އިބްރާހިމް އަލީޝާގެ އަނގަމަތީ ތަތްކޮށްފައިވީ ޓޭޕުގަނޑު ނައްޓައިލިއެވެ. އަދި ސުވާލަށް ޖަވާބުދޭށޭ ބުނާފަދައިން ނިތްއަރުވައިލިއެވެ. އެ އޮތްގޮތަށް އޮތް އަލީޝާގެ އަނގައިން ނުކުތީ އެންމެ ބަހެކެވެ. ހަޑި ހުތުރު ބަހެކެވެ. އިބްރާހިމްއަށް އަނެއްފަޅިއަށް މޫނު އަނބުރައިލެވުނެވެ. އައި ރުޅިގަނޑު ހިފަހައްޓައިލަން ޖެހުނީ ދަތްކުނޑިވިކައިލަންށެވެ. އިބްރާހިމްއަށް އިތުރު އެއްޗެކޭ ބުނެވުމުގެ ކުރިން ގޭތެރެއިން ކޮންމެވެސް އަޑެއް އިވުނު އަޑަށް އޭނާ ސިހުނެވެ. ވަރަށް ހާސްވެފައި އަވަސްއަރުވާލައިގެން އަލީޝާގެ އަނގަމަތީ ޓޭޕުގަނޑު ތަތްކޮށްޕައި ކޮޓަރިން ނުކުތެވެ.

އަލީޝާ އޭނާ ކުރަންއުޅުނު މަސައްކަތާއިގެން ކުރިއަށްދިޔައެެވެ. ދެ އަތުގެ އުޅަނބޮށިން އަތް ބަނޑިކޮށް، އަތް މައްޗަށް ގެންދިޔުމަށްފަހު ޝަހާދަތް އިނގިއްޔާއި މެދު އިނގިލިން ފޯނުގައި ހިފައި މަޑުމަޑުން ޖީބުން ނެރުނެވެ. ބިންމަތީ އުއްޑުން ފޯނު ބޭއްވުމުން ވަރަށް ހާލުން ހިތުލަފަޔަށް ކޮންޓެކްޓްސްއަށް ވަނެވެ. އަދި ސްކްރީނުގެ މެދުން ވާތް ފަޅިއަށް ސްވައިޕްކޮށްލީ ވަކީ މީހެއްގެ ނަންބަރެއްކަން ފެނިގެންނެއް ނޫނެވެ. ތިން ފަހަރު ރިންގުވުމަށްފަހު ފޯނު ނަގައި ޖަވާބުދިނީ އީތަންއެވެ. މުޅި ކޮންޓެކްޓް ލިސްޓުންވެސް ގުޅެން އިނގުނީ އީތަންއަށެެވެ. އަލީޝާއަށް ކުރެވުނުހާވެސް ކަމަކީ ޓޭޕުގަނޑުގެ ދަށުން ނެރެވުނުހާ ބާރު އަޑެއް ނެރުމެވެ. އީތަންއަށް ހާލަތު ދެނެގަނެވުނުލެއް އަވަސްކަމުން އަލީޝާއަށް ހިތުގެ އަޑިން ޝުކުރުކުރެވުނެވެ. އީތަންގެ އިރުޝާދުގެ ދަށުން އޭނާގެ ސުވާލުތަަކަށް ޖަވާބުދިން ނަމަވެސް ކަނޑައެޅިގެން އެއީ ކޮންތަނެއްކަން އަންގައިދެވޭނެ ގޮތެއް ނެތެވެ. އީތަންގެ އަޑުގައިވީ ކަންބޮޑުވުމާއި، ހިތްހެޔޮކަމެއް އެކުލެވުގެންވީ ރާގުން އަލީޝާއަށް ހިތްހަމަޖެހުމެއް ލިބުނެވެ. އީތަން އޭނާ އެ ހާލަށް ދޫކޮށް ނުލާނެކަމަށާއި، ކޮންމެ ހާލެއްގައިވެސް ހޯދާނެކަމަށް ގަބޫލުކުރެވުނެވެ.

ފޯނުން މުއާމަލާތް ފެށިތަނާހެން އަނެއްކާވެސް އިބްރާހިމް ކޮޓަރި ތަޅުގައި ހިފި އަޑު އިވުނެވެ. ދޮރު ހުރީ ބޭރުން ތަޅުލާފައެވެ. ދޮރު ހުޅުވީ ތަޅުދަނޑިންނެވެ. މިފަހަރު އެތެރެއަށް ވަދެފައިވެސް ތަޅުލިއެވެ. އަލީޝާގެ ކުރިމައްޗަށް ވާގޮތަށް ހުރި އެނދުގައި އޭނާ އިށީނެވެ. އަލީޝާ އޮތީ އިބްރާހިިމްއަށް ބަލަހައްޓައިގެންނެވެ. ކުރިން ނުފެނުނުކަހަލަ ހާސްކަމެއް އަލީޝާގެ ލޮލުން ފެނުނީ އޭނާއާއި ފާރާއި ދެމެދުގައި އޮތް ފޯނު ފެނިދާނެތީއެވެ.

“ސޮރީ. އަހަންނާ ރައްޓެހިވާން ގަބޫލުނުވާހާ ހިނދަކު ދުލެއް ނުކުރާނަން. އަހަރެންގެ ކެތްތެރިކަން ކޮޅުންލައި، އަހަރެންވެސް ކުރަން ބޭނުންނުވާ ކަމެއް ކުރަން މަޖުބޫރުވުމުގެ ކުރިން އަވަސްކުރާތި.” އިބްރާހިމް ލޯބިން ފުރިގެންވީ އަޑަކުން އިންޒާރުދިނެވެ.

“އެއީ ކާކު؟” އީތަންއަށް ފޯނުން އިބްރާހިމްގެ އަޑު އިވުމުން ހިތަށްްއެރިއެވެ. އަލީޝާ ބުނި ގޮތުން އެއީ އޭނާވެސް ދަންނަ މީހެކެވެ. އެ އަޑު އިވުނު ހަދާނެއްވެސް އީތަންއަކަށް ނުވިއެވެ.

“މާ ރަނގަޅަށް ދަންނަ މީހެއް ނޫންކަން ޔަގީން. ކޮންމެސް އިރެއްގަ އަލީޝާއާ އެއްކޮށް ހުރި ގަޑިއެއްގަ ދިމާވީމަކަންނެ އެ ބުނީ މަ ދަންނާނެއޭ. ނޫނީ އަސްލަށްވެސް މަ ދަންނަ މީހެއްތަ؟ އެހެންވިއއްޔާ ކާކު؟ މަ ނޫނީ ކާކު އަލީޝާއާ ޖައްސާލައިގެން އުޅޭނީ؟” އީތަން ހަނދާންކުރަން މަސައްކަތްކުރިއެވެ. އެންމެ ފުރަތަމަވެސް ސިކުނޑިއަށް އައީ ރާއިންއެވެ. ރާއިިންއަކީ އެ ފާޑުގެ ކުއްޖެއް ނޫންކަން އިނގޭއިރުވެސް އަލީޝާ ރިޖެކްޓްކުރުމުން މޮޔަބޮލަށް އެރީކަަމަށް ވެދާނެތީއެވެ. ނަމަވެސް އެއީ ރާއިންގެ އަޑު ނޫންކަން ޔަގީންވިއެވެ. “ޖިނާހު؟ ރާފިއު؟ ނޫން ނޫން އެ މީހުންގެ އަޑެއްވެސް ނޫން!” އީތަންގެ ސިކުނޑީގައި ދެ އަޑެއް ވި ކަހަލައެވެ. އެންމެނަށް ޝައްކުކުރާ އަޑަކާއި، ވިސްނުންތެރި އަޑެކެވެ.

“އަނެއްކާ އަލީޝާ އުޅެނީ އެ އީތަންއާ ރައްޓެހިވެގެންތަ؟ އެއީ ތަ މި ވާ އެއްޗަކީ؟” އިބްރާހިމް ބުނެލި އަޑު އީތަންއަށް އިވި ސަމާލުކަން ދެވުނެވެ. “އޭނަޔާ ހެދިތަ އެ ބީރައްޓެހި ގޮލާވެސް ރިޖެކްޓުކުރީ މިއަދު؟”

“މީނަ އަލީޝާއަށް ފާރަލީތަ؟” އީތަން ހިތާއިހިތުން ކިޔައިލިއެވެ.

“އަހަރެން ދުވަހަކުވެސް އޭނަ މަތިން ހަނދާންނުނެތޭނެ! އެންމެ ފުރަތަމަ ދުވަހުވެސް އޭނަ އަހަރުމެން ދެ މީހުން ދެމެދަށްވަނީ. އެ ދުވަހު އޭނާ ދެމެދަށް ނުވަތްނަމަ އަލީޝާ ތަންކޮޅެއް ބޮޑަށް އަހަންނާ ދޭތެރޭ ވިސްނާލީސްކަން ޔަގީން.” މިހާރު އިބްރާހިމް ވާހަކަދައްކަމުންދިޔައީ ވަރަށް މަޑުމަޑުންނެވެ. ހީވަނީ އަމިއްލަނަފްސާއި ވާހަކަދައްކާހެންނެވެ. އެ އަޑުގައި ނުރައްކާތެރިކަމެއްވިއެވެ.

އިބްރާހިމްގެ ބަސްތަކުން މާނައެއް ދޭހަވޭތޯ އީތަން މަސައްކަތްކުރިއެވެ. އޭނާގެ ހަނދާނަށް އައީ ސަސްޕެންޑު ކުރުމަށްފަހު އެންމެ ފުރަތަމަ އޭނާ ސްކޫލަށް ނުކުތް ދުވަސް މަތިންނެވެ. ޕްލޭގްރައުންޑްއިން އަލީޝާއަށް ކުއްޖަކު ލޯބި ހުށައަޅާތަން ފެނުމުން އީތަންއަށް އިހުތިޔާކާއި ނުލައި އަޑުއަހަން މަޑުކޮށްލެވުނީ، އޭނާގެ ބަދަލުހިފުމުގެ ޕްލޭނަށް ބޭނުންހިފޭނެ ކަމެއް އަތުވެދާނެތީއެވެ. އިބްރާހިމްގެ ކިބައިން އަލީޝާއަށްޓަކައި ނުރައްކަލެއް ފެނުމުން، އީތަން ދެމެދަށްވަނީ މަޖަލަކަށެވެ. އަލީޝާއަށް އީތަން އޭނާ ސަލާމަތްކޮށްދިނީއޭ ހިތަށް އެރުމުން ދަށްވިކަމަށް އިހުސާސުވާނެކަން އިނގޭތީއެވެ. އެއީ އިބްރާހިމްކަން އީތަންއަށް ޔަގީންވިއެވެ. އެއީ އޭރު އޭނާއަށް އިވުނު އިބްރާހިމްގެ އަޑެވެ. އަވަހަށް ދުއްވައިގަތީ އިބްރާހިމްގެ ގެ ހޯދުމަށެވެ.

“މި ދަނީ ހަމަ މިހާރު އޭނަ މަރާލަން! އިބްރާހިމް ތެދުވެ ކަބަޑުން ނެގި ކަޓަރެއް ހިފައިގެން ނުކުތީ އަލީޝާގެ ހަޅޭކަށް ސަމާލުކަމެއްނުދީއެވެ. އެއޮށްހާއިރު ހަމަޖެހިގެން އޮތް އަލީޝާގެ މޭގަނޑު ނެގިނެގިފައި ޖެހެންފަށައިފިއެވެ. އިބްރާހިމް އެ ދިޔައީ ސަމާސާއެއްކޮށްފަހެނެއް ހިއެއްނުވިއެވެ. ދޮރު ލައްޕައި ބޭރުން ތަޅުލުމުން، އަލީޝާ އަވަސްއަވަހަށް ޝަހާދަތް އިނގިލިން ފޯނުގެ ސްކްރީނުގައި ތަޅައިގަތެވެ.

“ސާބަހޭ ހަމަޖެހިބަލަ. މަ ނޫޅެން އޭނަ އަތުން މަރުވާކަށް.” އީތަން އަލީޝާ ހިތް ހަމަޖައްސައިދިނުމުގެ ގޮތުން ބުންޏެވެ. އަލީޝާ އޭނާއަށްޓަކައި ކަންބޮޑުވިކަން އިހުސާސުވުމުން އެފަދަ ދަނޑިވަޅެއްގައިވެސް އުފާވުން އެއީ އޭނާގެ ބާރުގެދަށުގައި އޮތްކަމެއްނޫނެވެ. “ނުވައެއްގަ އުޅޭ އިބްރާހިމް ދޯ އެއީ.” އީތަން ޔަގީންކޮށްލުމުގެ ގޮތުން އަހައިލިއެވެ. އަލީޝާ ދެ ފަހަރު ޖަހައިލިއެވެ. މީނަ ހީކުރިހާ ގަމާރެއްވެސް ނޫންދޯއޭ އަލީޝާގެ ހިތަށްއެރިއެވެ.

މީހުންްގާތު އަހައި އޮޅުންފިލުވައިގެން އީތަންއަށް އިބްރާހިމްގެ ގެއާއި ހަމަޔަށް ފޯރައިފިއެވެ. ސިމެންތިވެސް ނުޖަހައި ހުރި ބާ ގެގަނޑެކެވެ. މާހައުލަށް ވެރިވެފައިވަނީ މަރުފަދަ ހިމޭންކަމެކެވެ. ދެ ފަރާތުން ވައު އޮތުމުންކަންނޭންގެއެވެ. ގޭގެ ފުރަގަހަށް ގޮސް ފާރުބުރިމަތިން އަރައިގެން ކުޑަދޮރަކުން ފެންޑާތެރެއަށް ބަލައިލިއެވެ.

އީތަން ހޯދަން ދުވި އިބްރާހިމްއަށް އީތަން އޭނާގެ ގެ ހޯދާ ހަބަރު ލިބުމުން ދެ ލޯ ބޮޑުވިއެވެ. އެޅުނު ޅަ އެއްޗަކީ އަލީޝާގެ ފޯނުމަތިން ހަނދާން ނައްތައިލެވުންކަން ވަގުތުން ރޭކައިލިއިއެވެ. ފައިގައި ހުރި ބާރެއްލާފައި ދުއްވައިގަތީ ގެއާއި ދިމާއަށެވެ.

ފެންޑާގެ މެދުގައި ހުރި ބާ ސޯފާގަނޑުގައި އިނީ މެދު އުމުރުގެ ޝަކީބެވެ. ކުރިމަތީ ހުރި އަޅި އަޅާ ތަށި ފުރާ ހުރީ ހުސްކޮށްފައި ހުރި ސިނގެރޭޓެވެ. އީތަން ބަލަން ހުއްޓައި ކުނޑި ޕެކެޓަކުން ވަސް ދަމައިލިއިރުވެސް އޭނާ އިނީ ހަމަޔަކު ނޫނެވެ.

ކުއްލިއަކަށް ގޭގެ މައި ދޮރު ބާރަކަށް ހުޅުވި އަޑަށް އީތަންވެސް، އަދި ޝަކީބުވެސް ދިޔައީ ސިއްސައިގެންނެވެ. ފެންޑާ ދޮރުމައްޗަށް އަރާފައި އެ އައި މީހަކު ދޮރުގައި ތަޅައިގަތެެވެ. ޝަކީބު އަވަސްއަވަހަށް އަތުގައި އޮތް ޕެކެޓު ސޯފާ ދަށަށް ދުއްވާލާފައި މޫނު ފޮހެލައިގެން ގޮސް ދޮރު ހުޅުވައިލިއެވެ. ދޮރުމަތީ މާނޭވާލެވިފައި ހުރީ އިބްރާހިމްއެވެ.

“ހޭބަލިވެގެންތަ ތި އުޅެނީ؟” ޝަކީބު އިބްރާހިމްއާއި ދިމާއަށް ބަވައިގެތެވެ. ޝަކީބުގެ ހަރުކަށި އަޑަށް އިބްރާހިމް އިސްޖެހިއެވެ. އޭނާގެ ކިބައިން ފެނުނީ އާދަޔާހިލާފު ކިޔަމަންތެރިކަމެކެވެ. “ކޮންތާކުން ތި އައީ؟” ޝަކީބު އެއްސެވެ.

“ބޭރުން…” އިބްރާހިމް އިސްޖަހައިގެން ހުރެ މަޑުމަޑުން ބުނެލިއެވެ.

“މަށަށް ފެނެއޭ ކަލޭ ބޭރުންކަން އައީ!” ޝަކީބު ހަޅޭއްލަވައިގަތުމަށްފަހު އިބްރާހިމްގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލައިލިއެވެ. ހީވީ އަތް އިސްކުރާނެ ދަނޑިވަޅެއް ނުފެނިފައި ހުރިހެންނެވެ. އިބްރާހިމް ރަނގަޅު ޖަވާބެއް ދިން ނަމަވެސް އޭނާ ޖެހީސްކަން ޔަގީނެވެ. އެ ހަމަލާގައި، އޭނާ ޖަހަން ބޭނުންވުން ނޫން އެހެން ސަބަބެއް، މާނައެއް ނެތެވެ. އިބްރާހިމް އަދިވެސް ހުރީ އިސްދަށަށް ޖަހައިގެންނެވެ. ޝަކީބު އެނބުރި ގޮސް ސޯފާގައި އިށީންދެފައި ސިނގެރޭޓެއް ރޯކޮށްލިއެވެ. އިބްރާހިމް މަޑުމަޑުން ދޮރު ލައްޕައި ތަޅުލިއެވެ. އަދި ޝަކީބާއި ދިމާއަށް އިސްއުފުލައި ބަލައިލިއެވެ.

“ބައްޕާ… ތި ވަރަށް ސިނގެރެޓު ބޯކަށް ނުވާނެ.” އިބްރާހިމް ބުނެލިއެވެ. ޝަކީބު ދެން އިބްރާހިމްއަށް ބަލައިލީ ވަލު ޖަނަވާރެއް އޭގެ ޝިކާރައަށް ބަލައިލާ ފަދައަކުންނެވެ. މި ބުނެވުނީ ރަނގަޅު އެއްޗެއް ނޫންކަން އިބްރާހިމްއަށް ނޭންގެނީކީ ނޫނެވެ. އެކަމަކުވެސް ހަމަ ބުނީއެވެ. އޭނާ ޝަކީބު ރުޅިއެރުވީ ގަސްތުގައެވެ. ޝަކީބުގޮސް ގޮވުނުހާ ނުބައި އެއްޗެއް ގޮވަމުން އިބްރާހިމް ގައިގައި ތަޅައިގަތެވެ. އެތަށް ފަހަރަކު އެތައް ތަނެއްގައި އަނިޔާވެރިގޮތަކަށް ތެޅުނު ފަހުން ކުއްލިއަކަށް އީތަންއަށް ފެނުނީ ޝަކީބު ހުއްޓުންއެރި ތަނެވެ. އަލީޝާ ކައިރީ ފޯނު ބާއްވަނީއޭ ބުނެފައި ފުލުހުންނަށް ގުޅައި ވާނުވާ އެންގުމަށް ނެގި ވަގުތުކޮޅުތެރޭ ހިނގި ކަންތައް އީތަންއަކަށް ނުފެނުނެވެ. އީތަންއަށް ފުރަގަސްދީގެން ހުރި ޝަކީބު އަމިއްލަ ކަރުގައި އަތް އަޅައިގެން އީތަން ހުރި ފަޅިއަށް އެނބުރުނުއިރު އޭނާގެ ކަރުން ލޭތައް ފައިބަނީއެވެ. އޭނާގެ ފަހަތުގައި މިހާރު ހުރި އިބްރާހިމް އަތުގައި އޮތީ ލެއިން ފޯވެފައި އޮތް ކަޓަރެކެވެ. އިބްރާހިމްގެ މޫނަށާއި ގަޔަށްވެސް ލޭ ބުރާފައި ހުއްޓެވެ. އޭނާ ޝަކީބަށް ހަމަލާދޭން އެ ނެގީ ސިކުންތުކޮޅެކެވެ. ޝަކީބު ބިންމައްޗަށް ވެއްޓި ތެޅިތެޅިފައި އެންމެ ފަހު ނޭވާ ދޫކޮށްލިތަން ބަލަން އިބްރާހިމް ހުރިއިރު މޫނުމަތީ އަސަރެއް ނެތެވެ. ހަމްދަރްދީގެ ކަންފުޅެއް ނެތެވެ. ފަނަރަ އަހަރު ވަންދެން އިހާނެތިކޮށް ހިތި ކަމުގެ ބަދަލު އެންމެ ފަހުން ދެވުނީތީ އޭނާ ހުރީ ހިތްހަމަޖެހިފައެވެ. ޝަކީބުގެ ފުރާނަ ނެތް މަސްގަނޑު ދަމާ ކޫއްތާފައި ކޮޓަރިއަކަށް ގެންގޮސް ވެއްދިއެވެ. އިރުކޮޅެއް ފަހުން ނުކުތްއިރު އޭނާގެ މޫނާއި، އަތުގައި އޮތް ކަޓަރުގައި ހުރި ލޭތައް ހުރީ ސާފުކޮށްފައެވެ. ދެން އޭނާ ގޮސް ވަނީ ޖެހިގެން ހުރި ކޮޓަރިއަށެވެ. އެ ކޮޓަރީގައި އަލީޝާ އޮތްކަމަށް އީތަންގެ ހަވަނަ ހިއްސު ގޮވިއެވެ. ގޭގެ ފުރަގަހުން ލާފައި ގޮސް އެ ކޮޓަރިއާއި ދިމާއަށް ހުއްޓުނުއިރު ކުޑަދޮރެއް ނެތެވެ. އެތެރެއަށް ވަންނާނެ، ނުވަތަ އެތެރެ ފެންނާނެ މަގެއް ނެތެވެ.

އީތަން ކުއްލިއަކަށް ފޯނު ކަނޑައިލުމުން އަލީޝާ އޮތީ ހިތް ނުތަނަވަސްވެފައެވެ. ދެ އަތުގައި ނުވަަތަ ދެ ފައިގައިވެސް އޮޅާފައިވީ ޓޭޕުގަނޑު ދަމާދަމައި ނެއްޓެން ހިތަށްވެސް ނޭރިއެވެ. ކޮޓަރިއަށް ވަދެގެން އައި އިބްރާހިމްގެ ޓީޝާޓުގައި ހުރި ލޭ ފެނިފައި އަލީޝާގެ ދެލޯ ތަންމިނަށް ބޮޑުވިއެވެ. އޭނާ ހީކުރީ އެއީ އީތަންގެ ލޭ ކަމަށެވެ. ފެންކަޅިވާނެ ފުރުސަތެއްވެސް ނުދީ އިބްރާހިމް އައި ގޮތަށް އައިސްް އަލީޝާ ކޮނޑަށް ނަގައިގެން އެ ކޮޓަރިން ނުކުތެވެ. ފުލުހުން އާދޭތޯ ބަލަން މައިދޮރު ކައިރިއަށް އީތަންއަށް ބޯ ދިއްކޮށްލެވުނީ އެ ވަގުތަށް ކަމުން އެތަން ނުފެނެއެވެ. ނަމަވެސް އިބްރާހިމްގެ ކޮނޑުމަތީ އޮތް އަލީޝާއަށް ބަދިގެ ފާރާތުން ހުރަސްކޮށްލި އީތަން ފެނުނެވެ. ފެނުނުއިރު މާ ލަސްވެއްޖެއެވެ. ހަޅޭއްލަވައިގަތުމުގެ ކުރިން އިބްރާހިމް އަލީޝާގެ މޫނު ކުރިމަތިން، ދެން ވަތް ކޮޓަރީގެ ދޮރު ހުރަސްކޮށްފިއެވެ.

(ނުނިމޭ)

 

32

5 Comments

  1. Ibsha

    February 15, 2019 at 9:51 pm

    Varah reethi

  2. Aroo

    February 15, 2019 at 11:23 pm

    Haadha lahun mihaaru thi up kohlanee.ehenve v foohi. Ekamaku vaahaka v reethi.

  3. Nattu

    February 16, 2019 at 9:28 am

    vvvv reeethi sissy ekam thankolheh lahyy upkohdheyle

  4. jiji

    February 16, 2019 at 9:58 am

    Hey Jinni brw..??????????.. kihineh tha u alhe????????..vrh vrh ufaa vejje mi prt up kohladhinyma..u r so gud..masha allah..mi part vx vrh vrh awsm?????????????????????❣️ ❣️..vrh lwbi vey koyaa??
    ??❤❤❤❤

  5. Sha

    February 17, 2019 at 9:13 am

    Vara vara reethi??? waiting

Comments are closed.