Skip to content
އެސްފިޔަ

އެ ސުވާލު

ޝީނާ އިނީ އޭނާގެ ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން ޚިޔާލަކަށް ގެއްލިފައެވެ. އޭނާގެ ހަމަހިމޭން ތަނަވަސް ކޮޓަރީގައި އެލުވާފައި ހުރި، މަޑުނޫކުލައިގެ، މަޑު ސްޕޮންޖު ސީޓުގެ ހެއްލޭ ޖޯލީގައި، ހަމަޖެހިލައިގެން ފޯނަށް ނަޒަރު ހުއްޓާލައިގެން އޮތް ނަމަވެސް، އޭނާގެ ވިސްނުމާއި ފިކުރު ވަނީ މުޅިން އެހެން ދިމާލެއްގައެވެ. ފޯނުގެ ސްކްރީނުން ފެންނަމުންދަނީ ޝީނާގެ އިންސްޓާގްރާމް އެކައުންޓައް އޭނާ އެންމެ ފަހުން ލީ ފޮޓޮއެކެވެ. ގަދަ ނޫ ކުލައިގެ ކިރިޔާ ފޫޅު ފޮރުވޭވަރުގެ ޓޮޕް ކޮޅަކާއި ޖިންސްފޮތީގެ ފަލަމަސްގަނޑުގެ ދެބައިކޮޅު އެއްބައި ފޮރުވޭވަރުގެ އެ ކުރު ސޯޓުގައި އޭނާއަށް އޭނާ ނުލާހިކު ހިތްގައިމެވެ. ބަނޑު ފެންނަން ހުރުމުންނާއި އޭނާގެ އޮމާން ދޮން ހަންގަނޑުގެ ބޮޑުބައި ފެންނަން ހުރުމުން ބޭރުގެ ރީތި މޮޑެލަކާއި ނުލާހިކު އެއްގޮތެވެ. އެ ފޮޓޮއަށް ފަސްހާހެއްހާ މީހުން ލައިކް ކޮށްފާވެއެވެ. ހުޅުމާލޭގެ ފެހި ގަސްތަކުގެ ތެރޭގައި ހުރެ ނަގާފައިވުމުން ފޮޓޮޔައް އިތުރު ފުރިހަމަކަމެއް ގެނުވައެވެ. އެތައް ބަޔަކު އެ ފޮޓޮޔައް އެކި ގޮތްގޮތައް ކޮމެންޓް ކޮށްފައިވާއިރު އެއްބަޔެއްގެ ބަހުރުވަ ހުތުރުކަމުން ރުޅިގަދަވާހާވެއެވެ. އަނެއްބަޔަކު އެތައް ތަޢުރީފެއް ކޮށްފައިވާއިރު ދެތިން މީހަކު ރުޅި އައިސްގެން އެއްޗެހިވެސް ކިޔާފައިވެއެވެ. ޝީނާ މެން ކަހަލަ އަންހެނުންނަކީ ދީނަށްހުރި އަދި އަންހެނުންނަށްވެސް ހުރި ހުތުރެއްކަމަށާއި، ލަދާއި ޙަޔާތް ގެއްލުނީމައި ނޫޅޭނެ ވަށްތަރެއް ނެތްކަމަށް ބުނެފައިވެއެވެ.

އެއީ ޝީނާއަށް އާ ކަމެއް ނޫނެވެ. އޭނާ މޮޑެލްއެއްގެ ގޮތުގައި މަޝްހޫރުވާންފެށި ހިސާބުން އޭނާ ޕަބްލިކަށް ދޫ ކޮށްލާ ކޮންމެ ފޮޓޮޔަކަށްވެސް އެފަދަ އެއްޗެހި ކިޔާ މީހުން ބައިވަރު އުޅެއެވެ. ފުރަތަމަކޮޅު ހިތައް ކިތަމެ އުނދަގޫވީ ނަމަވެސް އޭނާގެ ސިކުނޑި އޭނާޔައް ވިސްނައިދިނީ އެއީ އޭނާގެ ކާމިޔާބައް ހަސަދަވެރިވާ ބަޔެއްކަމުގައެވެ. އަދި އޭގެ ތެރޭގައި ދީނީގޮތުން ހައްދު ފަހަނައަޅައި، ދުނިޔޭގެ ކަންކަމަށް ރަނގަޅައް ލޯ ނުހުޅުވޭ ބަޔަކުވެސް އުޅޭކަމުގައެވެ. އެ ވިސްނުމުގައި އޭނާ އެފަދަ މީހުންގެ ކޮމެންޓު ތަކަކަށް އަޅައެއް ނުލައެވެ. ދުވަހަކަށްވުރެ ދުވަހެއް އެ ދާއިރާގައި އޭނާއަށް ލިބުނު ކާމިޔާބީތައް ގިނަވެ ރާއްޖޭން ބޭރުންވެސް އެތައް ބަޔަކު އޭނާގެ އެކައުންޓައް ފޮލޯކޮށް އިތުރު ހުށަހެޅުންތައްވެސް ދިޔައީ ލިބެމުންނެވެ.

އޭނާގެ މުޅި ދުވަހުގެ ޝެޑިޔުލް ފުލްކަމުން އަބަދު ރިސޯޓުތަކުގެ ހިތްގައިމު ގޮނޑުދޮއް ތަކުންނާއި، ރާއްޖޭގެ ހިތްގައިމު ރަށްތަކުގެ ފެހިކުލަގަދަ ގަސްތަކާއި، ރީތި ބަގީޗާ ތަކުންނާއި، މާލޭގެ މަޝްހޫރު މޮޅެތި ފޮޓޯގްރާފަރުންގެ ހިތްގައިމު ސްޓޫޑިއޯތަކުގައި ދުވަސްތައް ގުނަމުން ދިޔައީ އުފަލާއި މަޖަލުގައެވެ. ހުސްވަގުތެއް ލިބުނަސް ސޯޝިއަލްމީޑިއާގެ އެކައުންޓުތަކަށް ޝީނާ އަޅާފައި ހުރި ފޮޓޯތައްބަލާ މީހުންގެ ތަޢުރީފު ބަސްތަކުން ހިތް ވަރުލިބުން ނޫން ކަމެއް އޭނާގެ ދިރިއުޅުމުގައި ނެތްފަދައެވެ.

ނަމަވެސް މިއަދު އޭނާގެ ސިކުނޑި ވަނީ މުޅިން އެހެން ދިމާލެއްގައެވެ. ކުރިން ދުވަހަކުވެސް ހިތައް ނާރާ އަދި ވިސްނާލަންވެސް މުހިންމުކަމެއް ނުދެވުނު ކަމަކަށް އޭނާގެ ސިކުނޑި މިއަދު ހުޅުވިއްޖެއެވެ. “އަހަންނަށް މިއުޅެވެނީ ރަނގަޅައް ހެއްޔެވެ؟ އަހަންނަށް ސުވަރުގެ ހައްޤު ހެއްޔެވެ؟” މި ކުރު ދެ ސުވާލު ޝީނާގެ ސިކުނޑީގައި އެނބުރޭތާ މިހާރު ހަފްތާއެއް ވަނީއެވެ. އުޅެވެނީ ރަނގަޅަކަށް ނޫނޭ ހިތުގެ ކަނަކުން އެހިތައް އިންޒާރުދޭ ފަދައެވެ. އޭނާގެ ބިޒީ ޝެޑިއުލުން ފުރަތަމަ ފަހަރައް އަމިއްލަ ނަފްސު އެކަމުގެ ސަބަބުތަކަށް ވިސްނާލަން ވަގުތުކޮޅެއް ދީފިއެވެ. “އަހަރެންގެ އަމަލުތައް އަހަރެން ސުވަރުގެއަށް ވަނުން ދުރުނުކުރާނެ ހެއްޔެވެ؟” އެ ސުވާލު ޝީނާގެ ސިކުނޑިއަށްވަނީ ކިހިނެއް ހެއްޔެވެ؟ މޮޑެލިން ކުރުމާއި އަމިއްލަ ރީތިކަން މީހުންނަށް ދެއްކުމާއި، ރައްޓެހިންނާއިއެކު މަޖާކުރުމުގައި އެތައް އަހަރެއް ހޭދަކުރިއިރު މިއިން ދުވަހަކުވެސް ހިތައް ނޭރި އެ ސުވާލު މިއަދު އެ ސިކުނޑިއަށްވަނީ ކިހިނެއް ހެއްޔެވެ؟

ޝީނާގެ ކެރިއަރާއި ބެހޭގޮތުން އޮންލައިން ނޫހެއްގައި އޭނާގެ އިންޓަވިއު އަކާއި އެކު ލިޔެފައިވާ އާޓިކަލަކަށް މީހަކު ކޮށްފައިވާ ކުރުކުރު ކޮމެންޓެއްގެ ސަބަބުންނެވެ. އެ ކޮމެންޓުކުރީ އޭނާއަށް އެއްވެސް ހާއްސަ މީހެއްނޫނެވެ. އަދި ދަންނަ މީހެއްވެސް ނޫނެކެވެ. ނަމަވެސް އެ ކޮމެންޓުގައި ބުނެދޭން ނޭނގޭ އެޓްރެކްޝަނެއްވެއެވެ. އެ ލިޔުނު މީހާ ދީފައިވާ ނަސޭހަތް ޝީނާގެ ސިކުނޑީގެ އެންމެ އަޑިޔައް ދަތުރުކުރާނީ ޔަޤީނުންވެސް އޭގައި ހާއްސަކަމެއް ހުރީމަތާއެވެ. މީގެ ކުރިން އެހެން މީހުންދޭ އެއްވެސް ނަސޭހަތަކަށް އަދި މީހަކު ކިޔާ އެއްޗަކުންވެސް އޭނާއަށް އެގޮތައް އެއްވެސް އަސަރެއް ކޮށްފަކާ ނުވެއެވެ. ހަމައެކަނި މީހުންގެ ތަޢުރީފު ބަސްތަކުންނާއި ލިބޭ ގިނަ ލައިކްތަކުން ލިބިދޭ އުފާވެރިކަން ފިޔަވައެވެ. ދެން އެ ކޮމެންޓުގައިވަނީ ކީކޭތޯއެވެ؟ އަދި އޭގައިން އަސަރުކުރި ސަބަބަކީ ކޮބައިތޯއެވެ؟

“މާޝާ ﷲ! ﷲ ތިބާއަށް ދެއްވާފައި ތަނަވަސްކަމާއި، އުފާވެރިކަމާއި، ތިޔަ ނަފްސުގެ ރީތިކަމާއެވެ. ތިޔަ އޮމާން ހަންގަނޑާއި ރީތި އިސްތަށިގަނޑު ތިބާއަށް ދެއްވާފައިވާ އިލާހުގެ މަތިވެރިކަމާއެވެ. އެކަލާނގެ އެންގެވިމަގުން ހިނގަން ތިބާ ކުރީ ކީއްހެއްޔެވެ؟ އެކަލާނގެ ތިޔަފަދަ ނިޢުމަތްތަކެއް ތިބާއަށް ދެއްވަން ހައްޤު ހެއްޔެވެ؟ އެކަމަކުވެސް އެއީ ހަމަ އެންމެ އޯޤާވަންތަ ރަސްކަލާނގެއެވެ. ތިޔައުފާވެރިކަން، ތިޔަމުއްސަނދިކަން، އަދި ތިޔަ ހުރިހާއެއްޗެއް ތިބާގެ އަތުން ގެއްލިދާނެ ދުވަހަކަށް ބިރުވެތިވެބަލާށެވެ. އެކަލާނގެ ތިޔަނިޢުމަތްތައް ތިބާ އަތުން އަތުލާ ތިބާ ތިޔަކުރާ ފާފަތަކުގެ ހައްޤު އަދަބު ދޭން ސިކުންތެއްވެސް ނުނަގާނައެވެ. ވިސްނާ ފިކުރު ކޮށްބަލާށެވެ. އެއިލާހުގެ ނިޢުމަތްތަކާއި، ވޭންދެނިވި އަޒާބުތައްމަތީން ހަނދާން ކޮށްބަލާށެވެ. އިމްތިޙާންތައް ކުރިމަތި ކުރުވަނީ ތިބާ ސުވަރުގެއަށް ވަނުމަށް ހުޅުވޭ ދޮރެއްގެ ގޮތުގައެވެ. ވީމާ އެ ދޮރު އަމިއްލަ އަމަލުތަކުގެ ސަބަބުން ބަންދު ނުކުރާށެވެ. ﷲ އަޅަމެންނަށް ތެދުމަގު ދައްކަވާށިއެވެ.” މީހާގެ ނަމަކަށްޖަހާފައިވަނީ ހެޔޮ އެދޭ މިހެއްކަމަށެވެ.

އެ ކޮމެންޓް ކިޔާލެވުނީންސުރެ އޭނާގެ ހިތަށާއި ސިކުނޑި އެބަސްތައް ހަނދާން ނައްތާލަން ބޭނުން ނުވާފަދައެވެ. އަބަދާއި އަބަދު ސިކުނޑީގައި ވަނީ އެޚިޔާލުތަކެވެ. ބޮނބި ނަރެއްފަދަ ހިމަހިމަ އަލިކަމުގެ ނޫރެއްގެ އިހްސާސް އެހިތައް ކުރެވެންފެށިފަދައެވެ. އޭނާގެ އެއްވެސް އަމަލަކުން ހިތައް އުފާވެރިކަމެއް ނުލިބޭފަދައެވެ. އަބަދާއި އަބަދު އެ ކޮމެންޓުގައި އަމިއްލަ ނަފްސައް ކުރަން ބުނެފައި އެވާ ސުވާލު ތަކުރާރު ކުރެވެނީއެވެ. “ތިބާއަށް ތިޔަ އުފާވެރިކަން ހައްޤުވާން ތިބާ އެކަލާނގެ އެންގެވި އެއްވެސް އަމަލެއް ކުރިން ހެއްޔެވެ؟” އެ ސުވާލުގެ ޖަވާބަކީ ޔަޤީނުންވެސް ނޫނެކޭއެވެ. ޝީނާ އެންމެ ނަމާދެއް ނުކުރާތާވެސް ވީ ކިހާ ދުވަހެއްކަމެއް ބުނެދޭންވެސް ނޭނގެއެވެ. އަދި އަޢުރަ ނިވާ ނުކުރުމަކީ ބޮޑު ފާފައެއްކަންވެސް އެނގެއެވެ. ނަމަވެސް އަޢުރަ ނިވާކުރުމަށްވުރެ މޮޑެލް ކުރުމަށް ޝީނާގެ ހިތުގައިވާ ޝަޢުޤުވެރިކަން މާ ބޮޑީއެވެ. ފޮރުވިގެން އުޅުމުން ލިބޭ އުފަލަށްވުރެ ދެއްކުންތެރިވީމާ މީހުން ކުރާ ތަޢުރީފަށް ހިތްވަނީ ލެނބި، މާ ބޮޑަށްވެސް ހުޅުވާލެވިފައެވެ. ނަމާދުންލިބޭ ހިތްހަމަ ޖެހުމެއް ޝީނާއަކަށް އިހްސާސެއް ނުވެއެވެ. ނަމަވެސް ލިބޭ އެތައް ބައިވަރު ރުފިޔާއިން ބޭނުންވާގޮތައް އުޅެވޭތީ ލިބޭ ހިތްހަމަޖެހުން މާ ބޮޑެވެ. ކަލަކަށް ބޯ ލެނބުމަށްވުރެ ލޯބިވެރިންގެ ތަންމަތިތަކުން ލިބޭ ވަގުތީ އަރާމަށްވަނީ ހޭނިފައެވެ. އާޙިރަތް ދުވަސްވާކަން ހަނދާން ވަނީ މަދު ފަހަރަކުއެވެ. ދެންވެސް އާޙިރަތައްވުރެ ދުނިޔޭގެ އުފަލާއި އަރާމު މާ މުހިންމު ވަނީއެވެ. އެފައިސާވެރިކަމާއި އުފަލާއި މަޖާ ދޫކޮށްލަން ބޭނުން ނުވަނީއެވެ. ޤިޔާމަތްދުވަހުން ލިބޭނެ އަޒާބާއިމެދު ވިސްނާލަން އެސިކުނޑިވަނީ ނުކުޅެދިފައެވެ.

އެގޮތައް އުޅޭތާ އެތައް ދުވަހެއް ވީ އިރު، ކަލަކު ވާކަން، އަދި ތިމާ ނިސްބަތްވަނީ އިސްލާމްދީނަށްކަން، ފުރަތަމަ ފަހަރަށް މީހަކު އޭނާއަށް ހަނދާން ކޮށްދިނީއެވެ. އޭނާއަށް ލިބިފައިވާ ހުރިހާ އެއްޗެއް ގެއްލެން ބޭނުން ނުވިނަމަވެސް، އެތަކެތި އަނބުރާ ގެންދެވުމުގެ ބާރު ލިބިގެންވާ އިލާހަކު ވާކަން ހަނދާން ކޮށްދިނީއެވެ. އަދި އޭނާގެ ރީތިކަމަކީ އެކަލާންގެ ދެއްވި ނިޢުމަތެއް ނަމަވެސް އެ ނިޢުމަތައް އޭނާ ހައްޤު ނޫންކަމުގެ އިހްސާސް އެ ހިތައް ކުރުވައިފިއެވެ. ޝީނާ އަށް އެ ނިޢުމަތް ހައްޤު ނުވަނީ އޭނާ އެކަލާނގެ އެންގެވިގޮތައް ނޫޅޭތީކަން ޝީނާގެ ސިކުނޑީގައި ބިންވަޅު ނެގިއްޖެއެވެ. އެ ނިޢުމަތްތަކުގެ ބޭނުން ހަލާލު ނޫންގޮތުގައި ކުރެވޭކަން ފުރަތަމަ ފަހަރަށް ސިކުނޑިއަށް ޤަބޫލު ކުރެވިއްޖެއެވެ. އޭނާ ހޯދަމުންއައި ހިތްހަމަޖެހުންތަކަކީ އެއްވެސް މާނައެއްނެތް، ބޭކާރު، އަދި އާޙިރުގައި އޭގެ ސަބަބުން އެތައް އަޒާބަކާއި ވޭނެއް އުފުލަންޖެހޭނެ ކަންތައް ތަކެއްކަން އެ ސިކުނޑި ހަނދާން ކޮށްދެމުން ދަނީއެެވެ.

އެ ކޮމެންޓު ޝީނާއަށް ﷲގެ އަޒާބާއިމެދު ވިސްނަަން ފުރުސަތު ދިން ފަދައެވެ. އެ ކުރު ކޮމެންޓުން ޝީނާގެ މުޅި ހަޔާތް ބަދަލު ވުމަކީ އެކަށޭނެ ކަމެކެވެ. ޝީނާ އުޅުން އިސްލާހުކޮށް ﷲގެ ތެދުވެރި އަޅެއްގެ ގޮތުގައި ނިމިދިޔުން އެކަށީގެންވެއެވެ. އެހެންކަމަށްވާނަމަ އެ ކޮމެންޓު ކުރި މީހަކަށްވެސް އެ ކުޑަކުޑަ ނަސޭހަތުން އެތައް ސަވާބެއް ލިބޭނެއެވެ. އިންދި ކުޑަކުޑަ އޮށަކުން ގަސްފަޅައި އެތައް ކުރިޔެއް ނިކުމެ ހެދިބޮޑުވާފަދައިން ޝީނާ ކުރާ ކޮންމެ ހެޔޮ އަމަލަކުން އެމީހަކަށް ހެޔޮ ސަވާބު ލިބެމުންދާނެއެވެ. އިސްލާމްދީނަކީ މުޅި ދިރިއުޅުމުގެ ހުރިހާ ކަމަކާވެސް ގުޅިލާމެހިފައިވާ ދީނެކެވެ. ކުރާކޮންމެ އަމަލަކުން ހެޔޮ ސަވާބު ހޯދުމުގެ ފުރުސަތު ލިބިފައިވާކަމީ ޝައްކެތް ނެތްކަމެކެވެ. ވީމާ އެކަން އެގޮތައްއޮށްވާ ހަޑި ހުތުރުބަހުން މީހުންނާއި ދިމާލައް އެއްޗެހި ގޮވުމުން ތިމާއަށް ނުވަތަ އެމީހަކަށްވެސް ލިބޭނެ ފައިދާއެއް ނޯންނާނެ ނޫންތޯއެވެ.

ކީރިތި ރަސޫލާ މުޙައްމަދު (ޞ.ޢ.ވ) ވެސް އެކަލޭގެފާނުގެ އުންމަތައް ދައްކަވާފައިވަނީ މުޅީންވެސް ރިވެތި ނަމޫނާއެވެ. އެކަލޭގެ ފާނު ހަދީޘް ކުރައްވާފައިވާ ކޮންމެ ބަސްފުޅަކީ ﷲއަށްޓަކައި އެކަލާނގެ މަގުގައި ހަދީޘް ކުރައްވާފައިވާ ބަސްފުޅެކެވެ. ކާފަރުންނާއިމެދުވެސް ބަސްމަގު ބަހައްޓަވާފައިވާ ރިވެތި ގޮތުން އެތައް ކާފިރަކުވަނީ އިސްލާމް ވެފައެވެ. އަދި މުސްލިމުންގެ ތެރެއިން ނޭނގި ނަމަވެސް ފާފަތަކަށް އަރާގަނެވިފައިވާ ބޭފުޅުންނަށްވެސް ތަޢުބާވުމަށް އެދި ރަނގަޅުގޮތް ބަޔާންކޮށްދެއްވާފައިވަނީ މަޑުމައިތިރިކަމާއި ވިސްނުންތެރިކަމާއިއެކުގައެވެ. ކަލޭ އުޅެނީ އެހެން މިހެނޭ ކިޔާ ހަޅޭ ލަވާ އުސޫލަކުންނޫނެވެ. އޭގެބަދަލުގައި އެމީހާގެ ހާލަތާއި ކަމާއި ވަގުތާ އެކަށީގެންވާ ގޮތުގެމަތިން އެމީހަކަށް އެބުނާ އެއްޗެއް ފުރިހަމަގޮތުގައި ވިސްނޭނޭ ގޮތުގެމަތީންނެވެ. މިއީ ކޮންމެ މުސްލިމަކުވެސް ވިސްނަންޖެހޭ ކަންކަމެވެ. އަބަދުވެސް ތިމާގެ ދުލާއި، އަމަލުންވެސް ކުރެވޭ އަދި ކުރަންއުޅޭ ކަންކަމާއިމެދު ވިސްނާ ފިކުރުކުރާށެވެ. ތިމާގެ ނަފްސާއި ސުވާލުކުރާށެވެ. މިކަމުން ފާފަވެރިވާނެ ހެއްޔެވެ؟ނުވަތަ މިއީ ﷲ ލޯބިކުރައްވާނެ ފަދަ އަމަލެއް ހެއްޔެވެ؟
**ނިމުނީ**

Comments (12)

  1. Shaazleen

    Ma sha allah a comment kuri meehaa ah allah rahu mai lavvash aameen

    1. Faathii
      Shaazleen

      Sheenaa ahves heyo rahmai lahvaatho dhua kuranvaanehnu. She. Needs to be encouraged to change her life. Hehe..
      Jazaakillah khair.

  2. Twinkle?

    Masha allah… iburathun furifaivi rythi adhi vrh thafaathu vaahaka eh… keep it up dear

    1. Faathii
      Twinkle?

      ☺
      Jazaakillah khair. ❤

  3. Aroo

    Miee hama hingaafaivaa haadhisaa eh tho? Ehen kamah vaanama naseyhayi dhin meehaayashaa naseyhayi gaboolu kuri meehaayah rahymyi lavvaashi!

    1. Faathii
      Aroo

      Mee misaalee vaahakaeh. 🙂
      Egothah rangalhu gothuga heyo naseyhatheh dhyfinama, nuvatha rangalhugoi bunedhyfinama myhakah rangalhugoi visni dhaanekamuge misaaleh dheefa evy. Allah thibaa ahves heyo rahmai lavvaashi. ?

  4. Aroo

    Thibaa kuraa masahkathugai barakaayi ithuru kurahvaashi. Ameen

    1. Faathii
      Aroo

      Aameen. ?

  5. ikoo

    masha Allah v reethi vaahaka eh

    1. Faathii
      ikoo

      Jazaakallah khair. 🙂

  6. Amee

    Maashaa Allah vrh reethi vaahaka eh….ea commen Seena ah fonuvu meehaa ah fahhashun shukururu veri van

  7. Unknown girl

    Vrh reethi vaahakaeh
    Maashaa Allah..keep it up

Comments are closed.