
ފުސްމާޒީ
އިސްމާޢީލް ޢަލީ ކަނދޮޅުދޫ
މިއަދަކީ ފުސްނަކަތުގެ ނުވަވަނަ ދުވަހެވެ. ކުޑަކޮށް ފުސްވިލާ ބުރާލިކަމުގައި ވިޔަސް މޫސުން ރީތިވާން އުޅޭހެން ހީވެއެވެ. ފާތުން އޮތީ ގޯތިތެރޭގައި ހުރި ފަތްޖެހި އެނދެއްގައެވެ.އަތުގައި ކަރުދާސްގަޑެއް އޮތެވެ. އެއީފާތުންގެ ކުޑައިރުގެ ރަޙުމަތްތެރިއަކު ފޮނުވާފައިވާ ސިޓީއެކެވެ. ފާތުން އެތަކެއްފަހަރު އެސިޓީ ކިޔައިފިއެވެ. އަނެއްކާވެސް އެސިޓީ ކިޔަން ފަށައިފިއެވެ.
ފާތުންއެވެ! ކަލާއަށް އޮތް އެންމެ މޮޅުފަރުވާއަކީ މާޒީ ހަނދާން ނައްތާލުމެވެ. ކޮންމެ މީހެއްގެވެސް ފުސްމާޒީއެއް ވާނެއެވެ. ހޭނުޖެހޭއިރު ވިޔާ ނުދާކަންތައް ކުރެވޭނެއެވެ. ކަތިގޯޅިންވެސް ދެވޭނެއެވެ. ޢާއިލާ ބަދުނާމުވުމުގެ ލައްތައް ޖެހޭނެއެވެ.
މިއަދު އެލައްތަކަށް ބަލާފައިރުޔަސް ކުރެވޭނެ ކަމެއްނެތެވެ. ގެއްލިއްޖެ އަބުރެއް ދެނެއް ނުލިބޭނެއޭ މީހުން ބުނެއުޅޭ ނޫންހެއްޔެވެ؟ ކުރިއަށް އޮތް ދުވަސްތަކުގައި ރަގަޅު އުޅުމެއް އުޅެވެތޯ ބަލަންވީއެވެ.ދަރިންކޮޅު ރަގަޅު ބަޔަކަށް ހެދޭތޯ ބަލަންވީއެވެ. ފިރިމީހާއަށް ދޭސަމާލުކަން އިތުރު ކުރަންވީއެވެ. ހުރިހާ އަންހެނުންނަށް ނަމޫނާއަކަށް ވާންވީއެވެ. ފިރިމީހާއަށް އިޙުތިރާމާއި،ލޯބިދޭންވީއެވެ. ފިރިމިހާގެ ޤަދަރު ހިފަހައްޓަންވީއެވެ.
ތެދެކެވެ.ކަލާގެ މާޒީ ނުހަނު ހިތްޗެވެ. ބޭވަފާތެރިޔާ ކަލާ ގަނަތެޅުވިއެވެ. އަންހެނެއްގެ އިމުން ބޭރުކުރުވިއެވެ. ބަކަރިއެއްހެން އެއްފުޅަންމަތީން އަނެއްފުޅައް މަތީން ފުންމަން މަޖްބޫރު ކުރުވިއެވެ. ރޭގަޑުގެ ނިދިން މަޙްރޫމު ކުރުވިއެވެ. ކަރުނަ ނުހިކޭވަރަށް އަނިޔާ ކުރިއެވެ. ރީތި އިސްތަށިގަޑު ހުލިކޮށްލިއެވެ. ފުރޭތައެއްގެ ފަރާތުންވެސް ނުލިބޭފަދަ ގޯނާ ކުރިއެވެ. އެހެންމީހަކަށް ރަހަވެސް ދައްކަން ބޭނުން ނުވީތޯއްޗެކެވެ.
އެހުރިހާ އަނިޔާތަކެއްވެސް ކަލާ ތަޙައްމަލުކުރީ އުފަލާއި،ހިތްހަމަޖެހުމާއި،ލޯތްބާއިއެގުގައެވެ.އޭގެ ބަދަލުގައި އެނުލަފާމީހާ ކަލެއަށްދިނީ ކޮންއެއްޗެއް ހެއްޔެވެ.
ކަލާގެ ހިތާމަތައް ލުއިކޮށް ދެވޭތޯ މައިންބަފައިން ކަރުނަތައް އޮއްބާލައިގެން މަސައްކަތް ކުރިއެވެ.ކަލާއަށް ރަގަޅު ވަފާތެރި ބައިވެރިއަކު ހޯދާދިނެވެ. އެއީ ކަލައަށް ލިބުނު އަގުބޮޑު ޖަވާހިރެކެވެ. އޭގެ ބޭނުން ކުރަންވީއެވެ. އޭރުން ކަލާގެ ހިތާމަތަކަށް ލުއިކަމެއް ލިބޭނެއެވެ.
ކަލާ ތިޔަޚިޔާލުތަކާއި ދުރަށް ނުދެވުމުގެ ނަތީޖާއަކަށްވާނީ ކަލާގެ ނަފްސު ހަލާކުވުމެވެ. ދިރިއުޅުމެއްނުފެނުމެވެ. މިހާރު ތިޔަޢަމަލު ކުރެވޭގޮތުން ކަލާއަށް ލިބިފައިވާ ކުދިންނަށްވެސް ވަރަށް ނޭދެވޭ އަސަރުތަކެއްކުރާނެއެވެ. އެކަމުގެ އާޚިރު ނަތީޖާއަކަށްވާނީ އެކުދިންގެ ކުރިމަގު ގެއްލުމެވެ.
ތިޔަކަންތަކާއި ވިސްނާ ވިސްނާ ކަލާ ބަލިމީހަކަށް ވެއްޖެއެވެ. އެނދުން ތެދުވެވޭ ދުވަހެއް ނާދެއެވެ.ފިރިމީހާއަކަށް ދަރިއަކަށް އަޅައެއް ނުލެވެއެވެ.ކަލާގެ ތިޔަބައްޔަށް ފަރުވާއެއް ލިބޭތޯ ނުހަދާ ބޭހެއް ފަންޑިތައެއް ނެތެވެ.ރާއްޖެއިން ބޭރުންވެސް މިހާރު ތިޔަވަނީ ބޭސްކުރެވިފައެވެ.
ތިޔަރީތި ދެލޮލުގައި މިހާރުވެސް ޖާޒުބީ އަސަރު އެބަހުއްޓެވެ.ދެލޯ ވަޅުވަދެފައިވިޔަސް ދެލޮލުގެ ވަށައިގެން ކަޅުފާރެއް ލެވިފައިވިޔަސް ވެހެވެ.ކަލާއަކީ މިރަށުގެ ބަގީޗާގައި ފޮޅުނު އެންމެ ޗާލުމަލެވެ. މިކަން ހިމެނުނީ ކަލާގެ ބަދުނަސީބުކަމުގައެވެ. އެވިޔާނުދާމީހާގެ ލިސްޓުގެ އެންމެކުރިއަށް ކަލާގެ ނަން އަރަންޖެހުމުގެ ސަބަބުކަމުގައެވެ.
ފާތުން ސިޓީ ފަތްޖަހާލުމަސްފަހު ބާލީސް ދަށަށް ލިއެވެ. އަދި ގަތާލެވިފައިވާ ދެއަތްތިލައިން ނިތްކުރިއަށް އޮބާލައިގެން އިރުކޮޅަކު އޮތުމަށްފަހު ތެދުވެ އިށީދެލިއެވެ. ސިޓީއާއިބާލީސް ހިފައިގެން ގޭތެރެއަށްވަނީ ވަރުގަދަ ޢަޒުމެއްގައެވެ. އެއިރު މަޣުރިބްނަމާދަށް ބަންގި ގޮވަނީއެވެ. ދުވަހެއް މާޒީއާއިއެކުވެ ދިޔައީއެވެ. އާދުވަހަކަށް މަރުޙަބާ ކިޔާނެ ކަމުގެ އުފާވެރި ޚަބަރު ދެމުންނެވެ.
( ނިމުނީ )
One Comment
Comments are closed.
✍️?