
ނަންފުޅާއި ނަސަބުފުޅު
ثابت بن قيس رضى اللّـه عنــه ގެ ފުރިހަމަ ނަންފުޅަކީ، ثابت بن شماس بن قيس، އެވެ. މަންމާފުޅުގެ ނަންފުޅަކީ، هند الطائية އެވެ. އެކަލޭގެފާނަކީ ކައުސާހިބާގެ މިތުރު ޞަޙާބީންގެ ތެރެއިން ހިމެނިވަޑައިގަންނަވާ އަންޞާރުންގެ ބޭކަލެކެވެ. އެކަލޭގެފާނު ނިސްބަތްވަނީ، މަދީނާގެ ޤަދަރުހުރި ވަންހައެއްކަމުގައިވާ ޚަޒުރަޖު ވަންހައަށެވެ.
އެބައިމީހުންގެ ތެރޭގައި އެކަލޭގެފާނު މަޝްހޫރުވެވަޑައިގެންފައިވަނީ خطيب الأنصار ގެ މަތިވެރި ލަޤަބުފުޅުންނެވެ. އެއީ، އެކަލޭގެފާނުގެ ދޫފުޅު ފަސޭހަކަމާއި، ބަސްފުޅުގެ ސީދާކަމުގެ ސަބަބުންނެވެ. ބަސްފުޅުގެ ފަޞާހާތްތެރިކަމާއި ބަލާޣާތްތެރިކަމުންގެ ސަބަބުންމެއެވެ. ثابت بن قيس رضى اللّـه عنــه ގެ ކުންޔަތުގެ ނަންފުޅުގެ ތެރޭގައި ދެ ނަންފުޅެއް ޢިލްމުވެރި ބަޔާން ކުރައްވާފައިވެއެވެ. އެއީ أبو عبد الرحمن އާއި أبو محمد المدني އެވެ.
އިސްލާމްވެޑައިގެންނެވުން
ޖާހިލިއްޔަ ޒަމާނުގައި މަދީނާގެ ގަބީލާގެ ތެރެއިން ޚަޒްރަޖުވަންހައަކީ، ޚާއްޞަ އިމްތިޔާޒީ މަޤާމެއް ލިބިފައިވާ ޤަބީލާއެކެވެ. މެހެމާނުންނަށް ކަމޭހިތުމާއި ދީލަތިކަމުގެ ސަބަބުންނެވެ. މިދެންނެވި ގަބީލާގެ އެންމެ ނުފޫޒުގަދަ ބޭކަލުންގެ ތެރެއިން އެއް ބޭކަލަކީ ثابت بن قيس رضى اللّـه عنــه އެވެ. ކުރިންވެސް ދެންނެވިފައިވާ ފަދައިން އެކަލޭގެފާނަކީ އެ ގަބީލާގައި އެންމެ މަޝްހޫރު އެއް ޝަޚްސިއްޔަތެވެ. އަދި ކީއްތޯ؟ މުޅި މަދީނާގެ ހަތަރު ބިތަށް މަޝްހޫރު ޚަތީބެކެވެ. ވިސްނުންފުޅު ތޫނު ރޯފިލާވަޑައިގަންނަވާފައި ހުންނެވި ބޭކަލެކެވެ.
ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم އިސްލާމީ ރިސާލަތުގެ މަތިވެރި އަމާނާތް އަދާކުރައްވަމުން ގެންދެވި ދުވަސްވަރަކީ ثابت بن قيس رضى اللّـه عنــه ގެ ޒުވާން ދުވަސްވަރެވެ. އޭރު އަދި މަދީނާގައި އިސްލާމް ދީނެއް ނުފެތުރެއެވެ. އިސްލާމްދީނުގެ ނަބިއްޔާ ރެއާއި ދުވާލު މައްކާގެ މަގުތަކުގައާއި ބޮޑުންގެ މަޖުލިސްތަކަށް ވަޑައިގެން އިސްލާމްދީނުގެ ދަޢުވަތު ދެއްވަމުން ގެންދެވިއެވެ. އެ މަތިވެރި ދަޢުވަތަށް އޭރު އިޖާބަ ދެއްވަމުން ގެންދެވީ މައްކާގެ ނިކަމެތި ފަރުދުންނެވެ. އެއީވެސް ވަރަށް މަދު ޢަދަދެކެވެ. އީމާންވަމުން ގެންދަވާ މީސްތަކުންނަށްވެސް މައްކާގެ މުޝްރިކުން ގެންދިޔައީ އިންސާނީޔަތާއި ޚިލާފު އެތަށް އަނިޔާތެކެއް ކުރަމުންނެވެ.
އެހެންކަމުން މައްކާގެ ގިނަ މީސްތަކުން ތިބީ ރަޙްމަތުގެ ނަބިއްޔާ صلّى اللّـه عليه وسلّم ، ރަޙްމާނާއި ރަޙީމުގެ ވެރިރަސްކަލާނގެ ޙަޟްރަތުންގެންނެވި، ދެ ދުނިޔޭގެ ރަޙްމަތް ލިބޭނެ ދީނާމެދު ލޯމަރައިލައިގެންނެވެ. ހިތްތައް ކަނުކޮށްގެންނެވެ. ދުރުވިސްނިވަޑައިގަންނަވާ އިންސާނިއްޔަތުގެ މުރައްބީ صلّى اللّـه عليه وسلّم ގެންދެވީ އިސްލާމްދީނުގެ ނޫރު ފަތުރާނެ މުޑުވައް ރަނގަޅު ބިމެއް ހޯދަވަމުންނެވެ. އެގޮތުން މަދީނާއިން މައްކާއަށް ޙައްޖަށް އަންނަ ޤަބީލާތަކަށް އެކަލޭގެފާނު ގެންދެވީ އިސްލާމްދީން ހުށައަޅުއްވަމުންނެވެ.
ނަތީޖާއެއްގެ ގޮތުން ކައުސާހިބާ صلّى اللّـه عليه وسلّم ދެއްވި އިސްލާމް ދީނުގެ ދަޢުވަތަށް ވަރަށް ގިނަ ޢަދަދެއްގެ އަންސާރު ބޭކަލުން އިސްލާމްވެވަޑައިގެންނެވިއެވެ. އިސްލާމްދީން ކުރިއެރުވުމުގެ އެންމެހައިކަމެއެއްގައި އެއްހިތްވެ ބައިވެރިވުމަށް ބަޢިއަތު ހިތްޕެވިއެވެ. މިގޮތުން ދެ ބަޢިއަތެއް ހިތްޕެވުނެވެ. އެއީ އަޤަބަތުގެ ފުރަތަމަ ބައިއަތާއި ދެވަނަ ބައިއަތެވެ.
މި ދެ ބައިއަތު ހިތްޕެވުމަށް ފަހު މަދީނާގެ އަންޞާރުންގެ ބޭކަލުންގެ އެދިލެއްވުމުގެ މަތީން އެބައިމީހުންނަށް އިސްލާމްދީން އުގައްނަވައިދެއްވައި ކީރިތި ޤުރުއާން ކިޔަވައިދެއްވަން ބޭކަލަކު ފޮނުއްވިއެވެ. އެބޭކަލަކީ މުސްލިމުންގެ ފުރަތަމަ އެންބެސަޑަރު مصعب بن عمير رضى اللّـه عنــه އެވެ. އެކަލޭގެފާނު ވަޑައިގެން މަދީނާގެ މީސްތަކުންނަށް އިސްލާމް ދީނުގެ ދަޢުވަތު ދެއްވުމުން ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު އިސްލާމްދީން ޤަބޫލުކުރެއްވިއެވެ. އޭގެ ތެރެއިން ބާއްޖަވެރި އެއް ބޭކަލަކީ ثابت بن قيس رضى اللّـه عنــه އެވެ. ثابت بن قيس رضى اللّـه عنــه އިސްލާމްވެވަޑައިގެންނެވި އިރު ކައުސާހިބާ صلّى اللّـه عليه وسلّم ހުންނެވީ މައްކާގައެވެ. އިތުރު ސާހިބާއަށް މަދީނާއަށް ވަޑައިގެންނެވުމުގެ އިލާހީ އަމުރުފުޅު ލިބިވަޑައިގެންފައި ނުވާތީއެވެ.
ބިއުޘަތުގެ ތޭރަ ވަނަ އަހަރު އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم އަށް މަދީނާއަށް ވަޑައިގެންނެވުމުގެ އިލާޙީ އަމުރުފުޅު ލިބިވަޑައިގެންނެވިއެވެ. އެހެންކަމުން އެކަލޭގެފާނުގެ މިތުރު أبوبكر الصّدّيق رضى اللّـه عنــه އާއެކުގައި ހިޖުރައިގެ ތާރީޚީ ދަތުރުފުޅު ފެއްޓެވިއެވެ. ކައުސާހިބާއާއި أبوبكر الصّدّيق رضى اللّـه عنــه ދަތުރުފުޅު ކުރައްވަމުން ވަޑައިގެން މަދީނާގެ ރައްބޭރަށް ވަޑައިގެންނެވޭ އިރަށް މަދީނާއަށް އިތުރު އެކަލޭގެފާނު ވަޑައިގެންނެވިކަމުގެ ޚަބަރު ފެތުރިއްޖެއެވެ. ނަތީޖާއެއްގެ ގޮތުން މަދީނާގެ ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު އެކަލޭގެފާނަށް އިސްތިޤުބާލު ކުރެއްވުމަށްޓަކައި މަދީނާގެ ރައްބޭރަށް ނުކުމެވަޑަގަތެވެ.
ثابت بن قيس رضى اللّـه عنــه ވެސް އަސްވާރުންގެ ޖަމާއަތަކާއެކު ވަޑައިގެން އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم އަށް ވަރަށް ވަރުގަދައަށް މަރުޙަބާ ދެންނެވިއެވެ. އެ ޖަމާއަތުގެ މީސްތަކުން ވަޑައިގެން ކައުސާހިބާ އާއި ބައްދަލުކުރެއްވިއެވެ. އެބައިމީހުންގެ ފަރާތުން ވާހަކަފުޅު ދެއްކެވީ ثابت بن قيس رضى اللّـه عنــه އެވެ. އެކަލޭގެފާނު ޙަމްދު ސަނާ ވިދާޅުވުމަށްފަހު ވިދާޅުވިއެވެ.
“އަޅުގަނޑުމެން ކަލޭގެފާނަށް ބަޢިޢަތު ހިފަމެވެ. އަޅުގަނޑުމެންގެ އަނބިދަރީން އަމިއްލަ ނަފުސު ރައްކާތެރި ކުރާފަދައިން ކަލޭގެފާނު ރައްކާތެރި ކުރާނަމެވެ. މި ކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބޭނެ އަޖުރަކީ ކޮބައިތޯއެވެ؟”
ކައުސާހިބާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. “ސުވަރުގެއެވެ.” އިސްލާމްދީނުގެ ނަބިއްޔާގެ ބަރަކާތްތެރި ދޫފުޅުން އެހެން ވިދާޅުވުމުން ثابت بن قيس رضى اللّـه عنــه އާއި އެކަލޭގެފާނުގެ އަރިހުގައި ވަޑައިގެން ތިއްބެވި ބޭކަލުންނަށް ވަރަށް ޚާއްޞަ އުފާފުޅެއް ލިބިވަޑައިގެންނެވިއެވެ. އެބޭކަލުން އެއްއަޑަކުން ވިދާޅުވިއެވެ. “ރުހިއްޖައީމުއެވެ. ރުހިއްޖައީމުއެވެ.”
އެދުވަހަށް ފަހުން ކައުސާހިބާ صلّى اللّـه عليه وسلّم , ثابت بن قيس رضى اللّـه عنــه އަކީ އެކަލޭގެފާނުގެ خطيب އެއްކަމުގައި ހަމަޖެއްސެވިއެވެ. އެކަލޭގެފާނުގެ ފަޞާޙާތްތެރިކަމާއި ބަލާޣާތްތެރިކަމުގެ ސަބަބުންނެވެ. ބަސްމަގުގެ ފޮނިކަމާއި ސީދާކަމުގެ ސަބަބުންނެވެ. ނަބަވީ ދަރުބާރުގެ ޅެންވެރިއެއްކަމުގައި ކައުސާހިބާ صلّى اللّـه عليه وسلّم ހަމަޖެއްސެވީ شاعر حَسَّان بن ثابت الأنصاري رضى اللّـه عنــه އެވެ.
ކައުސާހިބާގެ އަރިހުގައި
ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާ މުޙައްމަދު صلّى اللّـه عليه وسلّم ގެ އަރިހުގައި ثابت بن قيس رضى اللّـه عنــه ވަރަށް ގިނަ ޙަނގުރާމަތަކާއި މައުރިކާތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ. سير أعلام النبلاء ގައި إمام شمس الدين الذهبي ވިދާޅުވެފައިވެއެވެ. ثابت بن قيس رضى اللّـه عنــه، ހިޖުރައިން ދެވަނަ އަހަރު ކުރެވުނު ބަދުރު ހަނގުރާމައިގައާއި ހިޖުރައިން ތިންވަނަ އަހަރު ކުރެވުނު އުޙުދު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވިއެވެ. ހަމައެހެންމެ بيعة الرضوان ގައިވެސް އެކަލޭގެފާނު ބައިވެރިވެވަޑައިގެންނެވިއެވެ.
بيعة الرضوان ގައި ބައިވެރިވެވަޑައިގެންނެވި ޞަޙާބީންނަށް މާތް ﷲ ވަނީ ރުއްސުންލައްވާފައެވެ. މިއީ އެބޭކަލުންނަށް ލިބިވަޑައިގެންފައިވާ ވަރަށް މަތިވެރި ޝަރަފެކެވެ. ފަތުޙު ސޫރަތުގެ 18 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
لَّقَدْ رَضِيَ اللَّـهُ عَنِ الْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ الشَّجَرَةِ فَعَلِمَ مَا فِي قُلُوبِهِمْ فَأَنزَلَ السَّكِينَةَ عَلَيْهِمْ وَأَثَابَهُمْ فَتْحًا قَرِيبًا ﴿١٨﴾
“ހަމަކަށަވަރުން، ގަސްދޮށުގައި އެއުރެން ކަލޭގެފާނަށް بيعة ހިފާހިނދު، އެ مؤمن ތަކުންނާމެދު اللَّه ރުހިވޮޑިގެންފިއެވެ. ފަހެ، އެއުރެންގެ ހިތްތަކުގައިވާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، އެކަލާނގެ އެއުރެންގެ މައްޗަށް ހިތްހަމަޖެހުން ބާވައިލައްވައި އަދި ޖަޒާއެއްގެ ގޮތުގައި ގާތްވެގެންވާ فتح އެއް އެއުރެންނަށް ދެއްވިއެވެ.”
ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި، ثابت بن قيس رضى اللّـه عنــه، ބައިވެރިވެވަޑައިގެންނެވި އަނެއް މުހިއްމު ހަނގުރާމައަކީ މުރައިސީޢު ހަނގުރާމައެވެ. މި ހަނގުރާމައަށް މުޞްޠަލިޤުވަންހައިގެ ހަނގުރާމައޭވެސް ކިޔައެވެ. މި ހަނގުރާމަ ހިނގީ ހިޖުރައިން ފަސްވަނަ އަހަރުގެ ތެރޭގައެވެ.
މިހަނގުރާމައިގައި ثابت بن قيس رضى اللّـه عنــه ނުހަނު ވަރުގަދައަށް ހަނގުރާމަ ކުރެއްވިއެވެ. މާތް ﷲ ގެ މަދަދާއެކު ކާމިޔާބު ލިބުނީ މުސްލިމުންގެ ލަޝްކަރަށެވެ. މި ހަނގުރާމައިގައި ކާފިރުންގެ ދިހަ މީހުން ޤަތުލުވިއެވެ. އެބައިމީހުންގެ ތެރެއިން ވަރަށް ގިނަ ޢަދަދެއްގެ މީސްތަކުން އަސީރުންގެ ގޮތުގައި ހައްޔަރު ކުރެވިގެންގެނެވުނެވެ. އެބައިމީހުންގެ އަދަދަކީ 100 ކަމަށާއި 200 ކަމަށާއި 700 ކަމަށްވެސް ރިވާޔަތްތަކުގައި ބަޔާންކުރެވިފައި ހުރެއެވެ.
މި ހައްޔަރު ކުރެވުނު މީސްތަކުންގެ ތެރޭގައި މުޞްޠަލިޤުވަންހައިގެ ރައީސް الحارث بن أبى ضرار ގެ ދަރިކަނބަލުން السّيّدة جويرية بنت الحارث ވެސް ހިމެނިވަޑައިގެންނެވިއެވެ. އޭރު އެކަމަނާގެ ނަންފުޅެއްކަމުގައި ހިމެނުނީ برّة އެވެ. ޣަނީމާ ބެއްސެވުމުން السّيّدة برّة بنت الحارث ލިބިވަޑައިގަތީ ثابت بن قيس بن الشّمّاس رضى اللّـه عنه އަށެވެ. السّيّدة جويرية بنت الحارث އަކީ ރައީސެއްގެ ދަރިކަނބަލަކަށްވުމުން މީހެއްގެ އަޅެއްގެ ގޮތިގައި އިންނެވުމަކަށް ނުރުހެވުނެވެ. އެހެންކަމުން އެކަމަނާ ثابت بن قيس رضى اللّـه عنــه އާ ވާހަކަފުޅު ދައްކަވައިގެން މުކާތިބު އަޅަކަށްވެވަޑައިގެންނެވިއެވެ. ثابت އެކަމަނާގެ މިނިވަންކަމުގެ އަގެއްކަމުގައި ކަނޑައެޅުއްވީ ނުވަ އޫޤިއްޔަތުގެ ރަނެވެ.
ނަމަވެސް السّيّدة جويرية بنت الحارث ގެ އަތްޕުޅުގައި އެ ވަގުތު އެއްވެސް މުދަލެއްނެތެވެ. އެހެންކަމުން އެކަމުގެ ޝަކުވާ ކުރެއްވުމަށް އިސްލާމްދީނުގެ ނަބިއްޔާގެ އަރިހަށް ވަޑައިގެންނެވިއެވެ. އެކަމަނާގެ ފަރިޔާދު އައްސަވައި މި އުއްމަތުގެ މާތް ނަބިއްޔާ ނިންމެވީ އެކަމަނާއާ ކާވެނި ބައްލަވައިގެންނެވުމަށެވެ. ثابت بن قيس بن الشّمّاس رضى اللّـه عنه އަށް ނުވަ އޫޤިއްޔަތުގެ ރަންދެއްވުމަށްފަހުގައެވެ.
ثابت بن قيس رضى اللّـه عنــه އަކީ ނުހަނު އިޚްލާސްތެރި ޞަޙާބީބޭކަލެކެވެ. އިސްލާމްދީނަށާއި އެދީނުގެ މާތް ނަބިއްޔާއަށް ނަޞްރުދެއްވުމަށް އަބަދުވެސް ފުރާނަފުޅު އަތްޕުޅުގެ މައްޗަށް ލައްވައިގެން ހުންނެވި މާތް ބޭކަލެކެވެ. އެހެންކަމުން އެކަލޭގެފާނުގެ މާތް ކަމާއި މަތިވެރިކަމަށް އިތުރު ސާހިބާ އިއުތިރާފުވެވަޑައިގަންނަވައެވެ. އެކަލޭގެފާނަށް ތާރީފު ކުރައްވައެވެ. أبو هريرة رضى اللّـه عنه ވިދާޅުވެފައިވެއެވެ. ކައުސާހިބާ صلّى اللّـه عليه وسلّم ޙަދީޘްކުރެއްވިއެވެ.
“ نِعْمَ الرَّجُلُ أَبُو بَكْرٍ نِعْمَ الرَّجُلُ عُمَرُ نِعْمَ الرَّجُلُ أَبُو عُبَيْدَةَ بْنُ الْجَرَّاحِ نِعْمَ الرَّجُلُ أُسَيْدُ بْنُ حُضَيْرٍ نِعْمَ الرَّجُلُ ثَابِتُ بْنُ قَيْسِ بْنِ شَمَّاسٍ نِعْمَ الرَّجُلُ مُعَاذُ بْنُ جَبَلٍ نِعْمَ الرَّجُلُ مُعَاذُ بْنُ عَمْرِو بْنِ الْجَمُوحِ ”
މާނައީ: “އަބޫ ބަކުރުގެފާނަކީ ނުހަނު ރަނގަޅު ބޭކަލެކެވެ. ޢުމަރުގެފާނަކީ ނުހަނު ރަނގަޅު ބޭކަލެކެވެ. އަބޫ ޢުބައިދާ ބުން ޖައްރާޙުގެފާނަކީ ނުހަނު ރަނގަޅު ބޭކަލެކެވެ. ޢުސައިދު ބުން ޙުޟައިރުގެފާނަކީ ނުހަނު ރަނގަޅު ބޭކަލެކެވެ. ޘާބިތު ބުން ޤައިސުގެފާނަކީ ނުހަނު ރަނގަޅު ބޭކަލެކެވެ. މުޢާޛު ބުން ޖަބަލުގެފާނަކީ ނުހަނު ރަނގަޅު ބޭކަލެކެވެ. މުޢާޛު ބުން ޢަމްރު ބުން ޖުމޫޙުގެފާނަކީ ނުހަނު ރަނގަޅު ބޭކަލެކެވެ.”
މިދެންނެވުނީ އާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާ އެންމެ ރަނގަޅު އެންމެ ހެޔޮ ބޭކަލުންގެ ތެރޭގައި ހިމަނިވަޑައިގަންނަވާކަމުގައި ވިދާޅުވެފައިވާ ބޭކަލުންނެވެ. އެބޭކަލުންގެ ތެރޭގައި ثابت بن قيس بن الشّمّاس رضى اللّـه عنه ވަނީ ހިމެނިވަޑައިގެންފައެވެ.
އާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާ މުޙައްމަދު صلّى اللّـه عليه وسلّم ގެ އަރިހަށް ހިޖުރައިން ނުވަވަނަ އަހަރު އައި ވަފުދުތަކުގެ ތެރޭގައި بنو حنيفة ވަންހައިގެ ވަފުދު އައެވެ. އެބައިމީހުންގެ ވެރިއަކަށް އައީ مسلمة بن حبيب ނުވަތަ مسلمة الكذّاب އެވެ. އެބައިމީހުން މީނާ ގެނައީ ކީޔަކަށްލައިގެންނެވެ. އެއީ އޭނާގެ ޤަދަރުވެރިކަމަށްޓަކައެވެ. މީނާ އައީ އިތުރު ސާހިބާގެ އަރިހަށް އެކަލޭގެފާނުގެ ނަބީކަމުގައި އޭނާ ބައިވެރިކޮށް ދެއްވުމަށް އެދިގެންނެވެ. މި ވާހަކަ ޙަދީޘް ފޮތްތަކުގައި ރިވާވެގެންވެއެވެ.
حبرالأمّة عبد اللّـه بن عبّاس رضى اللّـه عنه ގެ އަރިހުން ޞަޙީޙު ބުޚާރީގައި ރިވާވެގެންވެއެވެ. مسلمة الكذّاب އާއި އޭނާގެ ޤަބީލާގެ މީހުންގެ އިތުރު ސާހިބާގެ ޒަމާނުގައި އެކަލޭގެފާނުގެ އަރިހަށްއައެވެ. އޭނާ މަދީނާއަށް އައިސް ބުންޏެވެ. “މުޙައްމަދުގެފާނުގެ ނަބީކަމުގައި ތިމަންނަ ބައިވެރިކޮށްފިނަމަ އަހަރެން އެކަލޭގެފާނަށް ތަބާވާނަމެވެ.” އިތުރު ސާހިބާއަށް މި ޚަބަރު ލިބިވަޑައިގެން އޭނާގެ އަރިހަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ވަޑައިގެންނެވީ ثابت بن قيس رضى اللّـه عنــه އާއެކުގައެވެ. އަތްޕުޅުގައި ކަދުރުރުކުގެ އޮށިގަނޑެއް އޮތެވެ. ވަޑައިގެން مسلمة الكذّاب އާއި އޭނާގެ މީސްތަކުންނާއި ބައްދަލުކުރައްވައި އެބައިމީހުންގެ ކުރިމަތީގައި ހުންނަވައި ވިދާޅުވިއެވެ. “ކަލޭގެ އަހަރެންގެ ފަރާތުން އަހަރެންގެ އަތުގައި މިއޮތް ކަދުރު ރުކުގެ އޮށިގަނޑު ދިނުމަށް އެދުނުނަމަވެސް ނުދެއްވީމުއެވެ. ތިޔަބައިމީހުންނެއްކަމަކު މާތް ﷲ ގެ އަމުރުފުޅެއް ނުމުގުރޭނެއެވެ. ތިޔަބައިމީހުން އިސްލާމްނުވެއްޖެނަމަ މާތް ﷲ ތިޔަބައިމީހުން ހަލާކުކުރައްވާނެތެވެ.”
مسلمة الكذّاب ގެ ވަފުދު އެބައިމީހުގެ ރަށައްދިޔަތާ މާގިނަ ދުވަސްތަކެއް ނުވަނީސް އިސްލާމްދީނުގެ ނަބިއްޔާ ސުވަރުގެ ވަޑައިގެންފިއެވެ. އޭގެ ކުރިން ކައުސާހިބާ އާލާސްކަންފުޅާ އުޅުއްވަނިކޮށް مسلمة الكذّاب ވަނީ އޭނާގެ ނަބީކަން އިއުލާންކޮށްފައެވެ. ކައުސާހިބާ ސުވަރުގެ ވަޑައިގެންނެވުމުން ދެން އިސްލާމީ ދަޢުލަތުގެ ވެރިކަމާ ޙަވާލުވެވަޑައިގެންނެވީ خليفة الرّسول أبوبكر الصّدّيق رضى اللّـه عنــه އެވެ. އެކަލޭގެފާނު އެންމެ ބޮޑަށް އިސްކަމެއްދެއްވި އެއްކަމަކީ ނަބީކަމަށް ދަޢުވާކޮށް މީސްތަކުން ހައްލަމުން ގެންދާ كذّاب ންނާއި ހަނގުރާމަ ކުރައްވައި އެބައިމީހުން ޤަތުލުކުރެއްވުމެވެ.
ޝަޙީދުވުން
މި މަތިވެރި މަޤްޞަދަށްޓަކައި مسلمة الكذّاب އާއި ހަނގުރާމަ ކުރުމަށް أمير المؤمنين أبوبكر رضى اللّـه عنــه ވަރަށް ވަރުގަދަ ލަޝްކަރެއް ތައްޔާރު ކުރެއްވިއެވެ. އެ ލަޝްކަރުގެ ވެރިއެއްކަމުގައި ހަމަޖެއްސެވީ عکرمه بن ابی جهل رضى اللّـه عنــه އެވެ. އެކަލޭގެފާނަކީ ނުހަނު ހުޝިޔާރު ހަނގުރާމައިގެ އުކުޅުތަށް ދެނެވަޑައިގެން ހުންނެވި ހެއްވެކެވެ.
މީގެ އިތުރުން ދެވަނަ ލަޝްކަރެއްވެސް أمير المؤمنين أبوبكر رضى اللّـه عنــه ތައްޔާރުކުރެއްވިއެވެ. ދެވަނަ ލަޝްކަރުގެ ވެރިއަކަށް އައްޔަން ކުރެއްވީ شرحبيل بن حسنه رضى اللّـه عنــه އެވެ. أمير المؤمنين أبوبكر رضى اللّـه عنــه އެދެ ލަޝްކަރަށް އަންގަވާފައިވަނީ ދެލަޝްކަރު އެއްވަގުތެއްގައި އެބައިވެގެން مسلمة الكذّاب ގެ ލަޝްކަރާ ޙަމަލާ ދިނުމަށެވެ. ނަމަވެސް عکرمه بن ابی جهل رضى اللّـه عنــه ވަޑައިގެން އެކަލޭގެފާނުގެ ލަޝްކަރު ގިނިކަންޏާ مسلمة الكذّاب ގެ ލަޝްކަރާ ޙަމަލާދިނުމުގެ ނަތީޖާއަކަށްވީ މުސްލިމުންގެ ލަޝްކަރު ބަލިވުމެވެ.
މި ޚަބަރު أمير المؤمنين أبوبكر رضى اللّـه عنــه އަށް ލިބިވަޑައިގެން ވަރަށް ކޯފާއިސްކުރެއްވިއެވެ. ނުހަނު ދެރަފުޅުވިއެވެ. ދެން އެކަލޭގެފާނު ނިންމެވީ އިސްލާމީ އުންމަތް އެބޭކަލަކާމެދު ތާއަބަދު ފަޚުރުވެރިވާ މަތިވެރި ޖަނަރަލް سيف اللّـه خالد بن الوليد رضى اللّـه عنــه ލަސްކަރަކާއިއެކުގައި ޙުނައިފަތު ވަންހައިގެ މީހުންނާ ހަނގުރާމައަށް ފޮނުވުމަށެވެ. خالد بن الوليد رضى اللّـه عنــه ވަޑައިގެންނެވުމާއިއެކު مسلمة الكذّاب ގެ ލަޝްކަރުގެ މީސްތަކުން ދުނި އުކަންފެށިއެވެ. އެހެންނަމަވެސް މުސްލިމުންގެ ޙިކުމަތްތެރި ޖެނެރަލް ބޯކޮށްވެހޭ ވާރޭގެ މިސާލުގައި އަންނަ ދުނީގެ ވާރޭގެ ތެރޭގައި މުސްލމުންގެ ލަޝްކަރު އިންތިޒާމު ކުރެއްވިއެވެ.
سيف اللّـه خالد بن الوليد رضى اللّـه عنــه މުސްލިމުންގެ ލަޝްކަރުގެ ދިދަދެއްވީ ثابت بن قيس رضى اللّـه عنــه ގެ އަތްޕުޅަށެވެ. ވާތްފަރާތުގެ ދިދަދެއްވީ އަބޫ ޙުޒައިފަތުގެފާނަށެވެ. ކަނާތްފަރާތުގެ ވެރިއަކަށް ހުންނެވީ ޒައިދު ބުން ޚައްތާބުގެފާނެވެ. ލަޝްކަރު އިންތިޒާމު ކުރުމަށްފަހު މުސްލިމުން مسلمة الكذّاب ގެ ލަޝްކަރަށް ވަރަށް ވަރުގަދަ ޙަމަލައެއްދިނެވެ. ނަމަވެސް އިރުކޮޅެއްގެ ތެރޭގައި މުސްލިމުންގެ ލަޝްކަރު ފަހަތަށް ޖެހޭންފެށިއެވެ. އެވަގުތު މުސްލިމުންގެ ލަޝްކަރު ކާފަރުންގެ ލަޝްކަރުގެ ވާތްފަރާތަށް ވަރަށް ވަރުގަދަ ޙަމަލައެއް ދިނެވެ. ثابت بن قيس رضى اللّـه عنــه ވެސް ނުހަނު ވަރުގަދައަށް އިސްލާމުދީނުގެ ދިފާއުގައި ހަނގުރާމަކުރެއްވިއެވެ. ނަމަވެސް އެހަނގުރާމައިގެ ތެރޭގައި އެކަލޭގެފާނު ޝަޙީދުވެއްޖެއެވެ.
ثابت بن قيس رضى اللّـه عنــه ގެ އިތުން މުސްލިމުންގެ ލަޝްކަރުގެ މަޝްހޫރު ފަހުލަވާނުންނަތަކެއް މި ހަނގުރާމައިގައި ޝަޙީދުވިއެވެ. އޭގެތެރޭގައި ޒައިދު ބުން ޚައްތާބުގެފާނާއި ޢަބްދު ﷲ ބުން ޝުހައިލު ބުން ޢަމްރުގެފާނާއި އަބޫ ދުޖާނާގެފާނާއި ޢައްބާދު ބުން ބިޝްރުގެފާނު ހިމެނިވަޑައިގަންވައެވެ.
ثابت بن قيس رضى اللّـه عنــه ޝަހީދުވެވަޑައިގެންނެވި ފަހުން އެއްރެއަކު ލަޝްކަރުގެ މީހަކަށް އެކަލޭގެފާނު ހުވަފެނުގައި ފެނުނެވެ. ثابت بن قيس رضى اللّـه عنــه އޭނާއަށް ވިދާޅުވިއެވެ. “އިއްޔެ އަޅުގަނޑު ޝަޙީދުކުރެވުނުފަހުން އަޅުގަނޑުގެ ހަށިގަނޑުގައިވާ ދަހަނާވަނީ މުސްލިމު މުޖާހިދަކު ގެންގިސްފައެވެ. އެއީ ވަރަށް އަގުބޮޑު ދަހަނާއެކެވެ. އޭނާ މިހާރުވަޑައިގެންވީ މުސްލިމުގެ ފޭލިގެތަކުގެ ތެރެއިން ފޭލިގެއެއްގައެވެ. އެހެން ވިދާޅުވެ ثابت بن قيس رضى اللّـه عنــه އެ ދަހަނާވީ ތަންވެސް ވިދާޅުވެއްވިއެވެ. ވިދާޅުވިއެވެ. ތިބާގޮސް خالد بن الوليد رضى اللّـه عنــه އަރިހުގައި ދަންނަވައިގެ އެ ދަހަނާ ހޯއްދަވައިދެއްވާށެވެ. އެ ހޯއްދަވައިގެން މަދީނާއަށް ވަޑައިގެންނެވޭ ދުވަހަކުން މުސްލިމުގެ ޚަލީފާގެ އަރިހުގައި ދަންނަވާށެވެ. ތިމަންކަލޭގެފާނު އެވެނި މީހަކު އަތުން ނެގި ދަރަންޏެއްވެއެވެ. އަދި ތިމަންކަލޭގެފާނުގެ އަޅުކަލޭގެ މިނިވަންކޮށްފީމުއެވެ. ތިބާއަށް ތިޔަ ފެނުނު ހުވަފެނަކީ މާ ބޮޑުކަމެކޭ ނުހިތްތަވައި އެއަށް އަމަލުނުކޮށް ކޮންމެވެސް ދޫކޮށް ނުލައްވައްޗެވެ.”
އަނެއް ދުވަހު އިރު އެރުމުން އޭނާ خالد بن الوليد رضى اللّـه عنــه ގެ އަރިހަށް ވަޑައިގެން ثابت بن قيس رضى اللّـه عنــه ގެ ދަހަނާގެ ވާހަކަ ވިދާޅުވިއެވެ. ދެން އޭގެ ދެކަލުންވަޑައިގެން ހޯއްދެވިއިރު ثابت بن قيس رضى اللّـه عنــه ވިދާޅުވިތަނުން އެ ދަހަނާފެނުނެވެ. ދެން އޭގެ ފަހުން އޭނާއަށް ފެނުނު ހުވަފެނުގެ ވާހަކަ أمير المؤمنين أبوبكر رضى اللّـه عنــه ގެ އަރިހުގައި ވިދާޅުވެ ދެއްވިއެވެ. އެހެން ވިދާޅުވުމުން أمير المؤمنين، ثابت بن قيس رضى اللّـه عنــه ގެ ވަޞީއްޔަތް ފުރިހަމަކޮށްދެއްވިއެވެ.
ދީލަތިފުޅުކަން
ثابت بن قيس رضى اللّـه عنــه އަކީ ނުހަނު ދީލަތިފުޅު ބޭކަލެކެވެ. އެކަލޭގެފާނުގެ ދީލަތިފުޅުކަން ބޯކޮށްވެހޭ ވާރޭ ވިލާގަނޑެކޭ އެއްފަދައެވެ. އެއްފަހަރަކު އެކަލޭގެފާނުގެ ކަދުރު ބަގީޗާއެއްގައި ވަރަށް ގިނައިން ކަދުރު އަޅާ ދޮންވެ ފައްކާވިއެވެ. އެކަލޭގެފާނު ކަދުރު ބިންނަވަން ދުވަސްކަނޑައަޅައި އެދުވަހު އެކަލޭގެފާނުގެ އަރިހަށް އަންނަ އެންމެހައި މީސްތަކުންނަށް އެއިން ކަދުރު ދިނުމަށް ނިންމެވިއެވެ. ކަންދިމާކުރި ގޮތުން ثابت بن قيس رضى اللّـه عنــه، ދަނޑުން ކަދުރު ބިންނެވި ދުވަހު ވަރަށް ގިނަ ނިކަމެތިންނާއި ފަޤީރު އެކަލޭގެފާނުގެ އަރިހަށް އައިސް ސަލާމްޖެހިއެވެ.
އެ އެންމެހައި މީސްތަކުންނަށް އެކަލޭގެފާނު ހިތްޕުޅުގެ ހޮޔޮފުޅުކަމާއެކުގައި ކަދުރު ދެއްވިއެވެ. އެ ދުވަހުގެ އިރު އޮއްސުނު އިރު އެކަލޭގެފާނުގެ އަތްޕުޅުގައި ކަދުރު ދަނޑުން ކެނޑުވި ކަދުރުގެ އެންމެ ކަދުރު އޮށެއްވެސް ނެތެވެ. ثابت بن قيس رضى اللّـه عنــه ގެ މި އަމަލުފުޅާމެދު އަރަހުށި މާތް ﷲ ނުހަނު ބޮޑަށް ރުއްސަވައި އެކަލޭގެފާނަށް ތާރީފުގެ ބަސްފުޅު ވަޙީ ކުރެއްވިއެވެ. އަންޢާމު ސޫރަތުގެ 141 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
وَهُوَ الَّذِي أَنشَأَ جَنَّاتٍ مَّعْرُوشَاتٍ وَغَيْرَ مَعْرُوشَاتٍ وَالنَّخْلَ وَالزَّرْعَ مُخْتَلِفًا أُكُلُهُ وَالزَّيْتُونَ وَالرُّمَّانَ مُتَشَابِهًا وَغَيْرَ مُتَشَابِهٍ ۚ كُلُوا مِن ثَمَرِهِ إِذَا أَثْمَرَ وَآتُوا حَقَّهُ يَوْمَ حَصَادِهِ ۖ وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ ﴿١٤١﴾
“އެކަލާނގެއީ، ފެތުރޭ ވެޔޮތަކާއި، ވެޔޮނޫން ގަސްތަކުގެ ބަގީޗާތަކާއި، އޭގެ މޭވާއާއި، އޮށްޓަރު ތަފާތުވެގެންވާ حال، ކަދުރުރުކާއި، ގޮވާމާއި، އެއްވައްތަރު ވެގެންވާ حال ގައްޔާއި، އެއްވައްތަރުވެގެން ނުވާ حال ގައި، ޒައިތޫންޏާއި، އަންނާރު އުފެއްދެވި ރަސްކަލާނގެއެވެ. އެ ގަސްތަކުން މޭވާ އަތުވެއްޖެނަމަ، އެ މޭވާއިން ތިޔަބައިމީހުން ކާށެވެ! އަދި ގޮވާންކަނޑާ ދުވަހަކުން، އޭގެ زكاة ދޭށެވެ! އަދި ތިޔަބައިމީހުން إسراف ނުކުރާށެވެ! އެހެނީ ހަމަކަށަވަރުން، إسراف ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ.”
ސުވަރުގޭގެ އުފާވެރި ޚަބަރު ލިބިވަޑައިގެންނެވުން
ثابت بن قيس رضى اللّـه عنــه އަކީ ޞަޙާބީނގެ ތެރެއިން އަޑުފުޅުތަންކޮޅެ ގަދަބޭކަލެކެވެ. ބަސްފުޅު ހަރުބޭކަލެކެވެ. އެހެން އެކަންވެފައިވަނިކޮށް ކައުސާހިބާ صلّى اللّـه عليه وسلّم ގެ އަރިހަށް ބަނީ ތަމީމު ވަންހައިގެ ވަފުދެއް އަތުވެއްޖެއެވެ. އެބައިމީހުން އައިސް އިތުރު އެކަލޭގެފާނުގެ ފައިންޕުޅުދެކެ އެބައިމީހުންގެ ތެރެއިން އަމީރަކު އައްޔަން ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. އެހިނދު أبوبكر رضى اللّـه عنــه އެދިވަޑައިގެންނެވީ އެބައިމީހުންގެ އަމީރަކަށް القعقاع بن معبد التميمي އައްޔަން ކުރެއްވުމަށެވެ. އެހިނދު عمربن الخطّاب رضى اللّـه عنــه، މަޝްވަރާއެރުއްވީ الأقرع بن حابس އެބައިމީހުންގެ ވެރިއަކަށް އައްޔަންކުރެއްވުމަށެވެ. عمر ގެފާނު އެހެން ވިދާޅުވުމުން أبوبكر رضى اللّـه عنــه ވިދާޅުވިއެވެ. ކަލޭގެފާނު ތިޔަ އުޅުއްވަނީ އެހެން އެއްވެސްކަމެއްވެގެންނެއްނޫނެވެ. ހަމަ އަޅަގަނޑާ ދެބަސްވާށެވެ. عمر ގެފާނު ވިދާޅުވިއެވެ. އަޅުގަނޑު އެހެން ދެންނެވީ އެއްގޮތަކަށްވެސް ކަލޭގެފާނާ ޚިލާފުވާކަށެއްނޫނެވެ. ދެން އޭގެ ދެކަލުންގެ ދޭތެރޭގައި ދެބަސްވެ، އެބޭކަލުންގެ އަޑުފުޅު އުފުލުނެވެ. ދެން މާތް ﷲ ޙުޖުރާތު ސޫރަތުގެ ދެވަނަ އާޔަތް ބާވައިލެއްވިއެވެ. އެ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا لَا تَرْفَعُوا أَصْوَاتَكُمْ فَوْقَ صَوْتِ النَّبِيِّ وَلَا تَجْهَرُوا لَهُ بِالْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَن تَحْبَطَ أَعْمَالُكُمْ وَأَنتُمْ لَا تَشْعُرُونَ ﴿٢﴾
“އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ނަބިއްޔާގެ އަޑުފުޅުގެ މައްޗަށް ތިޔަބައިމީހުންގެ އަޑުތައް ނޫފުލާށެވެ! އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ގަދައަޑުން ވާހަކަދައްކާފަދައިން އެކަލޭގެފާނަށް ގަދައަޑުން ބަސްނުދަންނަވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ނޭނގިތިއްބައި، ތިޔަބައިމީހުންގެ عمل ތައް باطل ވެދާނެތީއެވެ.”
މިދެންނެވި ހުޖުރާތު ސޫރަތުގެ ދެވަނަ އާޔަތް ބާވައިލެއްވުމުން ثابت بن قيس رضى اللّـه عنــه ހީފުޅުކުރެއްވީ އަރަހުށި މާތް ﷲ އެ އާޔަތް ބާވައިލައްވާފައިވަނީ އެކަލޭގެފާނާ މެދުގައި ކަމުގައެވެ. އެކަލޭގެފާނުގެ ޢަމަލުފުޅުތަށް ބާތިލުވެއްޖެކަމުގައި އެކަލޭގެފާނަށް ހީފުޅުކުރެވުނެވެ. އެކަމާ އެކަލޭގެފާނު ވަރަށް ދެރެފުޅުވެވަޑައިގެންނެވިއެވެ. ކައުސާހިބާގެ މަޖްލީސްތަކަށް ވަޑައިގެންނެވުންވެސް ހުއްޓާލެއްވިއެވެ.
أنس بن مالك الخزرجي الأنصاري رضى اللّـه عنــه ގެ އަރިހުން އިމާމު ބުޚާރީ ރިވާކުރައްވާފައިވެއެވެ. ކައުސާހިބާގެ މަޖްލީސްތަކަށް ثابت بن قيس رضى اللّـه عنــه ވަޑައިގެން ނޫޅުއްވާތީ އެކަމުގެ ހުސްކަން ކައުސާހިބާއަށް އިޙްސާސްވެވަޑައިގެންނެވިއެވެ. ދެން އިތުރު ސާހިބާ އެވާހަކަ ވިދާޅުވުމުން މީހަކު ދެންނެވިއެވެ. އަޅުގަނޑު އެކަލޭގެފާނުގެ ޚަބަރުބަލައިފައި ކަލޭގެފާނުގެ އަރިހަށް ޚަބަރުގެނެސްދޭނަމެވެ. ދެން އޭނާ އެގެއަށް ވަޑައިގެން ބެއްލެވިއިރު ثابت بن قيس رضى اللّـه عنــه އިންނެވީ އިސްދަށަށް ޖައްސަވައިލައްވައިގެން ވަރަށް ދެރަފުޅުވެފައެވެ. ދެން އޭނާ ޚަބަރު އަހާލުމުން ثابت بن قيس رضى اللّـه عنــه ވިދާޅުވިއެވެ. ނުބައި ޙާލަތެކެވެ. ނަބިއްޔާގެ އަޑުފުޅުގެ މައްޗަށް އަޑުއުފުލާ މީހާގެ ހެޔޮކަންތައްތައް ނެތި ހިގައްޖެއެވެ. އޭނާއަށް އޮތީ ނަރަކައެވެ. ދެން އޭނާގޮސް ކައުސާހިބާއަށް މި ޚަބަރުދެއްވައިފިއެވެ. އިތުރު ސާހިބާ ޙަދީޘް ކުރެއްވިއެވެ. “ކަލޭގެ ގޮސް ثابت بن قيس رضى اللّـه عنــه އަރިހުގައި ދަންނަވަވާށެވެ. ކަލޭގެފާނަކީ ނަރަކަވަންތަވެރިއެއްނޫނެވެ. ކަލޭގެފާނަކީ ސުވަރުގެވަންތަވެރި ބޭކަލެކެވެ.”
أنس بن مالك رضى اللّـه عنــه ވިދާޅުވެފައިވެއެވެ. “އޭގެފަހުން ތިމަންބޭކަލުންނާއެކުގައި ސުވަރުގެވަންތަވެރި ބޭކަލުން ހިނގަވާ އުޅުއްވާ މަންޒަރު އަހަރެމެން ދެކެމުއެވެ. ޔަމާމާގެ ހަނގުރާމައިގައި ފުރަތަމަ މުސްލިމުންގެ ލަޝްކަރު ފަހަތަށް ޖެހޭތަންފެނުމުން ثابت بن قيس رضى اللّـه عنــه ކަފުންކޮޅު ތުރުކުރައްވައިގެން ވަޑައިގެން ވިދާޅުވިއެވެ. އޭ މީސްތަކުންނޭވެ. އެންމެ ހުތުރު ކަމަކީ ހަނގުރާމައިގެ މައިދާނުގައި ދުޝްމަނުންނާ ބިރުން ހަނގުރާމައިގެ މައިދާނުން ފިލާންދުވުމެވެ. އެހެންކަމުން ފަހުން އަންނަ ބަޔަކަށް ނުބައި މިސާލެއް ކަމުގައި ތިޔަބައިމީހުންނުވާށެވެ. މިހެންވިދާޅުވެ އެކަލޭގެފާނު ހަނގުރާމަކޮށް ޝަޙީދުވެއްޖެއެވެ.”
އަނބިއަނބިކަނބަލުންނާއި ބޭފުޅުން
ثابت بن قيس رضى اللّـه عنــه ގެ ދެ އަނބިކަނބަލެއްގެ ނަންފުޅު ޢިލްމުވެރި ބަޔާން ކުރައްވާފައިވެއެވެ. އެދެބޭކަނބަލުންނަކީ جميلة بنت عبد الله بن أبي بن سلول އާއި حبيبة بنت سهل އެވެ. އެކަލޭގެފާނަށް محمد އާއި يحيى އާއި وعبد الله ލިބިވަޑައިގެންނެވިއެވެ. މި ތިން ދަރިކަލުން ޝަޙީދުވީ يوم الحرة ގައެވެ. حبيبة بنت سهل ފަހުން ޚުލުޢުވަރިއަކުން ثابت بن قيس رضى اللّـه عنــه ގެ އަރިހުން ވަރިވެވަޑައިގެންނެވީއެވެ.
2 Comments!
Comments are closed.
mikahala muhimmu mauloomaath kolheh kiyaalan libunythy varah ufaavehje … May Allah Bless You
Jazakallah Khair
I want to Read More Stories like This