ދުވެފައި ދިޔަ އަމްރު ފެނުނީ ނިޝާންއާއި އެތަނުގައި ތިބި ދެތިން މީހުންނަށެެވެ. ނިޝާން ވެގެން އުޅޭ ކަމެއް ނޭނގުނު ނަމަވެސް އެނގުނީ އަމްރު ދުވެފައި އެދަނީ ދެންމެ ވަޅުލި މީހާގެ މަހާނަ ކައިރިއަށް ކަމުގައެވެ. އެކަން ވިސްނުނު ނިޝާން އަވަހަކާއި އައިސް އަމްރު ހިފަހައްޓައި އަތުލަފި ކޮއްލައިފިއެވެ. އަމްރު ދެންވެސް މަސައްކަތް ކުރަމުން ދިޔައީ އެތަނަށް ދާށެވެ. ދޭތެރެއަކުން ނިކަތު ބުންޏޭ މަންމައޭވެސް ބުނެލިހެން ނިޝާނަށް ހީވިއެވެ. އަމްރު އުޅެންފެށި ގޮތުން ކައިރީގައި ތިބި މީހުންވެސް ހާސްވި ވަރުން އެކި ދިމަދިމާލަށް ބަލަންފެށީ އެތަނުގައި އާމުންގެ މީހުންވެސް ތިބީމައެވެ. ނިޝާން އަތަށް ބާރުލަމުން އަމްރުގެ މޫނުގައި އެތިފަހަރެއް ޖަހާލިއެވެ. މޮޔައެއްހެން އުޅުނު އަމްރު ވަގުތުން މަޑު ޖެހިއްޖެއެވެ.

“ކިހިނެއްވީ؟ ވެގެން އުޅޭ ގޮތެއް ބުނެބަލަ ހަމަޖެހިގެން…..” ނިޝާންއާއި ދެންތިބި މީހުން އެހެން ބުނެލިއިރު އަމްރުއަށްވެސް އުޅެވުނު ގޮތްމަތިން ހަނދާންވިއެވެ.

“ނިކޫ ބުނީ އެއީ މަންމައޭ..” އަމްރުއަށް ބުނެވުނީ އެވަރަށެވެ. ފަހަތުން ނިކަތު ބައްޕާއޭ ކިޔާފައި ގޮވަމުން އަންނަތަން ފެނުމުން އަމްރު އެދިމާލަށް ބަލާލިއެވެ.

“ނިކަތު ކިޔާ ކޮންމެ އެއްޗެއް ޤަބޫލު ނުކޮށް ފުރަތަމަ ތިބޮލުން ވިސްނަބަލަ…” އަމްރު ފަހަތަށް އެނބުރި ރުޅިވެރި ނަޒަރަކުން ނިކަތުގެ މޫނަށް ބަލާލިއެވެ. ހީވަނީ އިތުރަށް ކިޔައި ދޭށޭ ބުނާފަދަ ބަލާލި ހެންނެވެ. ނިކަތު އަތުގައި އޮތް ފޮޓޯ ދިއްކޮށްލަމުން އަމްރު އޭގައި ހިފާލަމުން އޭގެއަށް ބަލާލިއެވެ. އެމޫނުން އެއްވެސް އަސަރެއް ނުފެނުނެވެ. އޭގެން ނަގާނެ މާނައެއް ނިކަތުއަކަށް ނޭނގުނެވެ. އަމްރު އެހެން އޭގެއަށް ބަލަން އިނުމަށްފަހު ނިކަތު އަތަށް ފޮޓޯ ދީފިއެވެ.

“އެމީހާގެ ސާމްޕަލްސް ހުންނާނެ އެއްނު.. އައި ކޭން ޑޫ އަ ޑީ.އެން.އޭ…” އަމްރު ފިނި ގޮތަކަށް އެހެން ބުނެލިއިރު ނިކަތު ގައިން ހީބިހި ނަގައިގަތެވެ. އެމީހާއޭ އަމްރު އެބުނީ ޤަބޫލު ނުކުރާތީ ހެއްޔެވެ. އަމްރުގެ މޫނުން މިހާރު ހިތާމައިގެ އަސަރެއް ފެންނާކަށް ނެތެވެ. ދެންމެ އެމޫނުގައިވި އެއްވެސް ކުލަވަރެއް ނެތެވެ.

ކާރުގައި އިން ނިކަތު ބަލަމުން ދިޔައީ އަމްރުގެ މޫނަށެވެ. ނިޝާންވެސް އިރުކޮޅަކާއި ލޯގަނޑުން ބަލާލައެވެ. ނިކަތު އެހެން ބަލަން އިނުމުން އަމްރު ކަރު ކެހިލިއެވެ. އެކަރުގެ ކޮންމެ ނާރެއް އެވަގުތު ނިކަތު ފެނުނު ކަހަލައެވެ. ނަމަވެސް އޭނާގެ ނަސީބުގައި އެލޯބި ނެތްފަދައެވެ. ހިތަކީ ހިފެހެއްޓޭނެ އެއްޗެއްނަމަ ނިކަތު ދެވަނަ ފަހަރަށް އަމްރުދެކެ ލޯބި ވެވުމުން އެހިތް ސަލާތްކުރީހެވެ. ނިކަތު ހިންދިރުވާލަމުން މަޑުމަޑުން އޭނާގެ އަތުގައި އޮތް ފޮޓޯއަށް ބަލާލިއެވެ. އޭނާއަށް މިއީ ދުވާލު ފަދައިން އެފޮޓޯގައި އެވަނީ އީމާނާކަން އެނގެއެވެ. އިސްޖަހާލި ނިކަތުގެ މޫނަށް އަމްރު ބަލާލިއެވެ. އޭނާއަށް މަންމަ އަތުގައި އެކަހަލަ ނިޝާނެއް އިންނަ ކަމެއް ނޭނގެއެވެ. އެނގޭ ކަމަކީ އަބަދުވެސް މަންމަ އޭނާ ދޫކޮށްފައި ދާކަމެވެ.

ތިންމީހުން އެކުގައި ދިޔައީ ހުސައިން އާދަމް ބިލްޑިންއަށެވެ. ނިކަތު ހެނދުނު ލައިގެން ހުރި ހެދުން ބަދަލު ކޮށްލަން ބުނުމުން ނިކަތު ގޮވައިގެން ގެއަށްއައީ އަމްރުއެވެ. އައި މަގުމަތީގައިވެސް އަމްރު އަނގައިން ނުބުނެއެވެ. ކުރިން ރޭގެއި ހިނގައި ދިޔަ ކަންތަކަށްފަހު އަމްރު އޭނާއާއި އަދި ހަމަމެޖިގެން ވާހަކަ ދައްކާފައެއް ނުވެއެވެ. ނިކަތުއަށް ބެލެމުން ދިޔައީ އަމްރުގެ މޫނަށެވެ. އެކަމުން އަމްރުއަށް އުނދަގޫވިނަމަވެސް އޭނާ އެއްޗެކޭއެއް ނުބުނެއެވެ. ފާޑަކަށް އަނގަ ހަދާލަމުން އަމްރު ނިކަތު މޫނަށް ބަލާލިއެވެ. ހީވީ ދެންމެ ދެންމެ އެއްޗެކޭ ބުނެފާނެ ހެންނެވެ.

“ނިކަތު އަހަންނަށް ޖެއްސުން ކުރަންތަ ތިއުޅެނީ…” އަމްރު އަޑުގައިވީ ނުރުހުމެވެ. ނިތަށް ރޫގިނަވި ނިކަތު ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާ އަމްރުއަށް ޖެއްސުން ކުރަން އެފަދަ ކަމެއް ކުރަންވީ ކީއްވެ ހެއްޔެވެ؟

“ވައި ވުޑް އައި؟…” ނިކަތު އެނދުގައި އިށީންނަމުން ފައި އެނދަށް ލަމުން މަޑުމަޑުން ފައިގައި މޮޑެލިއެވެ.

“ނިކޫ އަހަންނާ ލިވީ…”

“އަހަންނަށް ހެޔޮ… ބޭބީ ބެލޭނެ އަހަންނަށް އެކަނި…” ނިކަތު ބަނޑުގައި އަތް ފިރުމާލިއެވެ. އަމްރު އެދިމާލަށް ބަލާލަމުން ކޮންކަހަލަ ކުއްޖެއްތޯ އަހާލަން ހިތަށް އެރިއެވެ. ނަމަވެސް އެޖުމްލަ ދުލުން ބޭރެއް ނުވިއެވެ.

“ކުރިންވެސް އަހަރެން ބަލާ ގޮތަކަށް ނޫން ހުރީ… އަވަހަށް ތައްޔާރުވާންވީނު…” އަމްރު އެހެން ބުނެފައި ނިކަތުގެ މޫނަށް ބަލާލިއެވެ. ނިކަތު އަދިވެސް އިނީ އެއިން ގޮތަށް ބަނޑުގައި އަތް ޖައްސާލައިގެންނެވެ.

“އަމްރު ދޭ…” ނިކަތު އެހެން ބުނެލަމުން އެނދުން ތެދުވެގެން ފާހާނާއަށް ވަނެވެ. ހުރިހައި ކަމަކާއި ހާސްވެފައި ހުރި އަމްރުއައި ރުޅީގައި ފައި ކުރުކޮށްލާފައި ޖަހާލެވުނީ ކައިރީގައި ހުރި އެނދުގައެވެ.

ފާހާނާއިން ނިކަތު ނިކުމެގެން އައިއިރުގައިވެސް އަދިވެސް އަމްރު ހުރީ ކުރިން ހުރި ތަނުގައެވެ. ނަމަވެސް މިހާރު އަމްރު ވާހަކަ ދައްކަމުން ދިޔައީ ފޯނުންނެވެ. ފޯނު ބޭއްވުމުގެ ކުރިން ޑީ.އެން.އޭ އެއް ހެދުމަށްވެސް އަމްރު އެދުނެވެ. ފޯނު ޖީބަށް ލަމުން އަމްރު ނިކަތުއަށް ބަލާލިއެވެ. ބަނޑުބޮޑު ނަމަވެސް ނިކަތު މާވަރަކަށް ފަލަވެފައެއް ނެތެވެ. ލައިގެން އިން ދޫދޫ ގަދަ ނޫކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ޓައިޓެކެވެ. އެތަން ފެނުނު އަމްރު ހިނިތުންވެލިއެވެ. ނިކަތުގެ އައިސް ލޯގަނޑު ކައިރިއަށް ހުއްޓެމުން އިސްތަށިގަނޑު ފަހަތަށް އައްސާލިއެވެ. ތިރިއަށް ބަލަންއިނދެފައި ނިކަތު ލޯގަނޑަށް ބަލާލި ހިނދު ހިތުގެ ހިނގުންވެސް ހުއްޓުނު ފަދައެވެ. ފަހަތުގައި އަމްރު ހުރިތަން ފެނުމުން އޭނާ އަވަހަށް ދުރަށް ޖެހިލެވުނީ ބޭއިޙްތިޔާރުގައެވެ.

ނަމަވެސް އަނެއްކާވެސް ގޮޮސް ޖެހުނީ އަމްރުގެ ގައިގައެވެ. ނިކަތު ފަހަތަށް އެނބުރެމުން އަމްރުގެ މޫނަށް ބަލާލިއެވެ. އޭމުނުގައި ހިތާމައިގެ އަސަރެއްނެތެވެ. އެއްވެސް އިހްސާސެއް ނެތް ކަހަލައެވެ. އަމްރު ނިކަތުގެ ކޮނޑުގައި ހިފަހައްޓާލަމުން ލޯގަނޑާއި ކައިރިއަށް ޖައްސައިލިއެވެ. މަޑުމަޑުން ނިކަތުގެ މޫނުގެ ދެފަރާތުގައި ހިފައި އޭނާއާއި ދިމާލަށް އަނބުރާލިއެވެ. އަމްރު އެމޫނުން އަތް ދޫކޮށްނުލައި މަޑުކޮށްލީ ނިކަތު ކުރިން ރޭގައި ލޯބިވާ ވާހަކަ ބުނުމުންނެވެ. ނިކަތުގެ ލޮލަށް ބަލާލީ އަމްރުއަށް މިވީ ހުރިހާ ދުވަހެއްގެ ކަމެއް އެއްފަހަރާއި ފެނުނު ކަހަލައެވެ. ނިކަތު ދުރަށް ޖެހިލަމުން އޭނާގެ ދަބަސް ނަގައި ކޮޓަރިން ނިކުންނަން ހިނގައި ގަތެވެ. އަމްރު ކޮންމެފަހަރަކު ބޭނުން ގޮތެއް އޭނާއަކަށް ނުހެދޭނެއެވެ.

އަމްރު އެތަނަށް ދިއުމުގެ ކުރިން އައްމާރުއާއި މުއާޒަށް ގުޅާލާފައި އޮފީހަށް އައުމަށް ބުނެލިއެވެ. އެއީ އޭނާ ކުޑަކަމެއްގައި އެހީތެރި ވެދިނުމަށްކަމުގައިވެސް ބުނެލީ އާދޭހާއި އެކުގައެވެ. އެކޮޅުން އެމީހުން ދައްކާ ވާހަކައެއް އަޑު ނީވުނު ކަމުގައިވިއަސް މުއާޒަށް ގުޅާފައި އަމްރު ފޯނު ބޭއްވީ ހިތްހަމަ ޖެހިގެނެއް ނޫންކަން ނިކަތުއަށް އެނގުނެވެ. އަމްރު ދެފަހަރެއްގެ މަތިން އީމާނާގެ ނަން ބޭނުން ކުރުމުން ކަމަށްވެސް ވެދާނެއެވެ. އަމްރު މުއާޒްއާއި މިއަދު ހެނދުނުވީ އެއްވެސް ކަމެއްގެ ވާހަކަވެސް އަދި ދައްކާފައެއް ނުވެއެވެ.

ދެމީހުން މަޑުކޮށްލައިގެން ތިބީ މީހުން ގެނެސް އިންޓްރޮގޭޓް ކުރާ ކޮޓަރީގައެވެ. ލޯގަނޑުގެ އަނެއްފަރާތުގައި ހުއްޓި ލައިގެން ހުރިއިރު އެތަނުގެ އެތެރޭގައި އައްމާރުއާއި މުއާޒް ހުއްޓެވެ. އެދެމީހުން ގެނެވުނީ އެއީ އީމާނާ އެންމެ ފަހުން ފެނުނު ދެމީހުން ކަމުގައި ވުމުންނެވެ. އައްމާރު އޭނައަށް އިނގޭ މިންވަރު ބުނެލަމުން ގޮނޑިން ތެދުވެގެން ބޭރަށް އައިސް ނިކަތު ހުރި ތަނުގައި ހުއްޓިލަމުން ނިކަތުއަށް ބަލާލިއެވެ. މުއާޒް، އައްމާރު ނިކުތުމުން އެކޮޓަރިއަށްވަދެ އަމްރުއަށާއި އަދި ދެން އަމްރު ކައިރީގައި ހުރި އަނެއް ޕޮލިސް ކުއްޖާއަށް ބަލާލަމުން ހީލިއެވެ. މުއާޒް އެގޮނޑީގައި އިށީންނަމުން އެންމެ ފުރަތަމަވެސް ހިނިތުންވެލީ އަމްރުއަށެވެ. ދެން ކުރިމަތިން ފެންނަން ހުރި ލޯގަނޑަށް ބަލާލަމުން ހީލިއެވެ. ނިކަތުއަށް ހީވީ ސީދާއޭނާއާއި ދިމާލަށް ބަލާލި ހެންނެވެ. އަމްރު އަތުގައި އޮތް ފައިލު މޭޒުމަތީގައި ބާއްވަމުން ދުރަށް ބަލާލަމުން ލޯގަނޑާއި ވީފަރާތަށް އެނބުރިލިއެވެ. ހީވަނީ އޭނާ މުއާޒްގެ މޫނަށް ބަލަން ބޭނުން ނުވާ ހެންނެވެ.

“ކޮން އިރަކުތޯ އެންމެ ފަހުން އީމާނާ ފެނުނީ..” އަމްރު ކައިރީގައި ހުރި އަނެއް ޕޮލިސް ކުއްޖާ އެހެން އަހާލުމުން މުއާޒް މޫނުގައިވި ހިނިތުންވުން ފިލައިގެން ހިނގައްޖެއެވެ.

“އަމްރު… އަމްރުއަށް ހީވަނީ ބައްޕަ ކަމެއްކުރި ހެންތަ؟…” މުއާޒް މޫނުމަތިން ފެނުނު ހިތާމައިގެ އަސަރުން އެތަނުގައި ސުވާލު ކުރަންހުރި ފިރިހެން ކުއްޖާވެސް ދެރަވިއެވެ.

“ނޫން ބައްޕާ…” އަމްރު އޭނާގެ މުނުގައިވި ކުލަތަށް ފޮރުވާލަމުން މުއާޒަށް ބަލާލަމުން ހީލިއެވެ. އަދިމީ ޝައްކު ކުރެވޭތީ ނޫންކަމަށްވެސް ބުނަމުން މުއާޒް ހިތްހަމަ ޖައްސައިދޭން މަސައްކަތްކުރިއެވެ.

“އަޅުގަނޑަށް އެންމެފަހުން އީމާނާ ފެނުނީ މީގެ ދެހަފްތާ ކުރިން…..” މުއާޒް އެހެން ބުނެލަމުން ކަނާތު ޝަހާދަ އިނގިލި ތަޅުވައިލިއެވެ. ނިކަތުއަށް ފުރަތަމަވެސް ލޮލުގައި އަޅައިގަތީ އެތަނެވެ. ކައިރީގައި ހުރި ޕޮލިސް ކުއްޖާ ކޮންމެ ސުވާލެއް ކޮއްލި ނަމަވެސް މުއާޒް އެހެން ހަދާލައެވެ. މީހެއްގެ ކުުދިކުދި ކަންތައް ދެނެގަތުމަކީ އުނދަގޫ ކަމަކަށްވީ ނަމަވެސް މިވީ އަހަރު ދުވަހުގެ ތެރޭގައި ނިކަތުއަށް މީހުންގެ އުޅުން ދަސްވެފައިވެއެވެ. އާންމު ގޮތެއްގައި ކަމަކާއި ހާސްވެ، ކަމެއް ސިއްރުކުރަން ބޭނުންވާ މީހުންގެ މިކަހަލަ ކުދިކުދި ކަންތައް ހުންނާނެއެވެ. އަހަރުމެންގެ ލޮލުގައި މިކަހަލަ ކަންތައް އަޅައި ނުގަނެދާނެއެވެ.

“ދެން ކީއްވެ މިތަނަށް ބައްޕަ ތިގެނައީ؟…” މުއާޒް އަދިވެސް ހުރީ ނުރުހުންވެފައެވެ. ކިތަންމެ ފަހަރަކު އެތަނުން ތެދުވެގެން ދާންއުޅޭ ހެންވެސް ހީވެއެވެ.

“އަޅުގަނޑަށް މައުލޫމާތެއް ލިބިގެން.. ހަފްތާއެއް ކުރިން ފެނުނު އަންހެންމީހާއަކީ މަންމައޭ މީހަކު ބުނި.. އެހެންވެ މިހާރު އަޅުގަނޑު ޑީ.އެން.އޭވެސް ހަދަން ދީފިން…” އަމްރު އެހެން ބުނެފައި މުއާޒަށް ބަލާލިއެވެ. އެމޫނުގައި އެއްވެސް ވަރަކަށް ހައިރާންކަމެއް ނުވެއެވެ. އަމްރު އެހެން ބުނުމުން ނޭފަތްމަތި ކަހާލާފައި މުއާޒް ހޫމް އަޅުވާލީއެވެ. ހީވީ އޭނާއާއި ބެހޭވެސް ކަމެއް ނޫން ހެންނެވެ.

“ކޮންވާހަކައެއްތޯ ތި ދެމެދުގައި ދެކެވުނީ؟…” ޕޮލިސް ކުއްޖާގެ ބަދަލުގައި މިފަހަރު ސުވާލު ކޮއްލީ އަމްރުއެވެ. އެދުވަހުވެސް އޭނާ މުއާޒް އެދުވަހުގައިވެސް އެއްޗެކޭ ނުބުނުމުން މިއަދު އަމްރު އެއެއް އެނގެން ބޭނުންވިއެވެ. މިއަދު މުއާޒްގެ ކުރިމަތީގައި އަމްރު ހުއްޓިގެންހުރީ މުއާޒްގެ ދަރީގެ އުސޫލަކުންނެއް ނޫނެވެ.

“އަމްރު…” މުއާޒް ލޯ މަރާލަމުން ބޯއަރިކޮއްލި ގޮތުން ރުޅިއައިވަރު އެތަނުގައިތިބި މީހުނަށް އެނގުނެވެ.  ނިކަތު ވިސްނަމުން ދިޔައީ މުއާޒް ކުޑަކޮށް ނަމަވެސް އީމާނާ މަރުވެފައިކަމަށް ބުނުމުން އެސްފިޔަވެސް ދެތިން ފަހަރު ޖަހާ ނުލީމައެވެ. އެހެން މީހެއްނަމަ ވަގުތުން އިތުރު މައުލޫމާތު އަހާނެެއެވެ.

“ކޮންވާހަކައެއް ތޯ ދެކެވުނީ؟..” މުއާޒް ބުނި އެއްޗަކަށް އަޑު އެހުމެއްނެތި އަމްރު އެހެން ބުނެލިއިރު އެއަޑުގައި މިފަހަރު ކުޑަ ނަމަވެސް ރިހުމެއްވިހެން ނިކަތުއަށް ހީވިއެވެ.

“ކީއްވެގެންކަން ކުރިން އަހަރުމެން ދޫކޮށް ދިޔައީ… އެދުވަހު ވަރަށް ވާހަކަ ދެކެވުނު އެމައުލޫގައި…” މުއާޒް އިސްއުފުލާ އަމްރު މޫނަށް ބަލާލަމުން އެހެން ބުނެލިއިރު ހީވަނީ އަމްރުއަށް އެއްޗެއް ވިސްނަދޭން އުޅުނު ހެންނެވެ.

“ދެން ކިހިނެއްތޯ ވީ…” އަމްރު ކައިރީގައި ހުރި ކުއްޖާ ފޮތަށް ބަލަންހުރެފައި އެހެން އަހާލަމުން މުއާޒަށް ބަލާލިއެވެ. މުއާޒް ޝަހާދަ އިނގިލި ތަޅުވާލަމުން ބަލާލީ ކުރިމަތީގައި ހުރި ލޯގަނޑަށެވެ. އެމޫނުން ނަގާނެ މާނައެއް ނިކަތުއަކަށް ނޭނގުނެވެ.

“އައްމާރު އައިސްފައި މާ ގިނައިރެއްނުވެ ދިޔައީ.. ދެން އީމާނާ ފޯނު ނަގައިގެން ކޮންމެވެސް މީހަކަށް ގުޅަގުޅާފަ ދިޔައީ..” މުއާޒް އެހެން ބުނުމުން އައްމާރުވެސް ނިކަތުގެ ކައިރީގައި ހުރެފައި ބޯ ޖަހާލިއެވެ. އައްމާރު ކޮޓަރިން ނިކުތްއިރު އީމާނާވެސް ދަނީއޭ ކިޔާފައި ނިކުންނަނީއެވެ.

“އެންމެ ރަނގަޅު ތޯ…” މުއާޒް އެހެން ބުނެފައި ގޮނޑިން ތެދުވެގެން އެތަނުން ނިކުމެއްޖެއެވެ. ކުޑަ އިރުކޮޅަކަށް ދާނެ ކޮޅެއް ނޭނގިފައި އަމްރު ހުއްޓެވެ.

މުއާޒް ނިކުމެގެން ދިޔަ މަންޒަރު ބަލަން ހުރެފައި ނިކަތުއައިސް އެތަނަށް ވަދެފައި އަނެއް ފިރިހެން ކުއްޖާއާއި ވާހަކަ ދައްކަން ފެށީ މުއާޒްއާއި ބެހޭ ގޮތުންނެވެ. އޭނާއަށް އަމްރު އެތަނުގައި ހުރިކަންވެސް ހީނުވާ ހެންނެވެ. އައްމާރު ބޭރުގައި މަޑުކޮށްލައިގެން ހުރިއިރު ނިކަތު ބަލާލީ އެކަރުމަތީގައިވި ލަކުނަށެވެ. މުއާޒް އައްމާރުއާއި ވާހަކަ ދައްކަން ހުރެފައި ފަހަތަށް އެނބުރުނު އިރުގައި މުއާޒްގެ ކަރުމަތީގައިވެސް ހަމަ އެފަދަ ލަކުނެއް ވިއެވެ. ނިކަތު ބޮލުގައި ކުއްލިއަކަށް ރިއްސަންފެށީ އިތުރަށް އޭނާއަށް ފެންނަމުންދިޔަ ކަންތައްތަކުގެ ސަބަބުންނެވެ. މިއީ ބަޔަކު އޭނާއަށް ކުރާ ސަމާސާއެއް ހެއްޔެވެ. އައްމާރު އެނބުރިލަމުން ނިކަތުއަށް ހީލިއެވެ. އަދި ނިކަތުގެ އަތުގައި އޮތް ފައިލް އަތުލަމުން އޭނާއާއިއެކު ކާރުގައި ދިއުމަށް ދައުވަތު ދިނެވެ. ނިކަތު އަވަހަކާއި ބޯ ޖަހާލީ އަމްރުއާއިއެކު ދާން ބޭނުންނުވާތީއެވެ.

ކާރުގެ ދޮރު ހުޅުވާފައި ނިކަތު އަވަހަށް އަރައި ހަމަ ޖެހިލިއެވެ. ހީވަނީ ނުދެވިފައި އިންހެންނެވެ. ނިކަތު ނުބުނި ނަމަވެސް އެކަން އައްމާރު ފާހަގަވިއެވެ. އައްމާރު ކާރު ސްޓާކޮއްލިތަނާހެން ކާރުގެ އަނެއް ފަރާތުގެ ދޮރު ހުޅުވާލާފައިހެން އަމްރު ކާރުގައި އިށީނެވެ. އަދި އައްމާރުއަށް ބަލާލަމުން ލޯއަޅާލީ ތިކުރަނީ ކޮންކަމެއްހޭ ބުނާ އުސޫލުންނެވެ.

“ހައި…” އަމްރު އެހެން ބުނެލަމުން ނިކަތުއަށް ބަލާލަމުން ހީލިއެވެ. ނަމަވެސް ނިކަތުގެ ހީވެސް ނުލައި ބަލާލީ އޭނާގެ އަތުގައި އޮތް ފޯނަށެވެ.

“ކީއްވެ މިކާރަށް ތިއެރީ؟…” އައްމާރު އެހެން އަހާލި ގޮތުން އަދިވެސް އަމްރުދެކެ ރުޅި އައިސްފައިކަން އެނގެއެވެ.

“ނިޝާންދިޔައީ އެހެން ތާކަށް.. އެހެން ނޫނަސް މިގަޑީގަ ބައްޕަ ހުރީ ބްލާސްޓްވާން ކައިރިވެފަ…” އަމްރު ޖެހިގެން ހުރި ނިކަތުގެ މޫނަށް ބަލާލިއެވެ.

“ނިކޫ.. ބަނާނާ މިލްކްޝޭކް…” އައްމާރު ނިކަތުއަށް ބަލާލަމުން އެހެން ބުުނުމުން ނިކަތު ވަގުތުން ބޯ ޖަހާލާފައި ހީލިއެވެ. ހީވީ އޭނާގެ ހިތުގެ އަޑު އިވިގެން އައްމާރު އެހެން ބުނެލި ހެންނެވެ.

“އަމްރުގެއަށްތަ ގެންގޮސް ދޭންވީ؟” އައްމާރު އެހެން ބުނެލުމުން އަމްރު ބޯ ޖަހާލިއެވެ. ނަމަވެސް އެހިތުގައި  އުތުރު އަރައިގަތް ރުޅިގަނޑު މިވަގުތު އެންމެނަށް ދެއްކޭކަށް ނެތެވެ. ގެ ކައިރިއަށް ކާރު މަޑުކޮއްލުމުން އަމްރު ފައިބަމުން ނިކަތުއަށް ނަޒަރެއް ދިނެވެ. ވަރުބަލި ވެފައި އިން ނިކަތު އިނީ ސީޓުގައި ލެގިލައިގެން ނިދިފައެވެ.

“ބެއްބެ ކީއްތިކުރަނީ؟….” ނިދިފައި އިން ނިކަތުގެ މޫނަށް ބަލާލަމުން އަމްރު އެހެން ބުނިއިރު އެއަޑު އައްމާރުއަށް އިވުނު ކަމަކަށް ނުވިއެވެ. އައްމާރުވެސް މަޑުމަޑުން ކާރުން ނިކުމެ އަމްރުގެ މޫނަށް ބަލާލަމުން އިސްޖަހާލިއެވެ. އަދި އަތުގެ އިޝާރާތުން އެތަނުން ދުރަށް އައުމަށް ބުނެލިއެވެ.

“އަމްރު ކީއްތިކުރަނީ؟ ބެއްބެއަށް އެހެންވެސް އެހިދާނެ… ނިކޫ އަމްރުދެކެ އެހާ ލޯބިވާއިރުވެސް ތިހުންނަނީ އަމްރު ކަންތައް ކުރާ ގޮތް.. އަމްރުއަކަށް ނޭނގޭތަ ނިކަތު ހަމަސް ބަނޑުބޮޑުކަމެއް.. ތަފާތު އެއްޗެހި ކާ ހިތްވާނެ ކަމެއް… ނޭނގޭތަ…” އައްމާރު ފައްޗަކަށް އަމުނާލަމުން ބަލާލިއިރު އަމްރު ހުރީ ޖީބަށް އަތް ޖަހާލައިގެން  ހުރީ އުޑާއި ދިމާލަށް ބަލަންށެވެ.

“ބެއްބޭ… ނިކޫ ބުނީ އެއީ މަންމައޭ… ނިކޫ އެހަދަނީ ތެދެއް ހެނެއް އަހަންނަކަށް ހިއެއް ނުވޭ…” އަމްރު އެހެން ބުނެލަމުން އައްމާރުއަށް ބަލާލިއެވެ.

“ނިކޫ ކީއްކުރަން އަމްރު ކައިރީގައި ދޮގު ހަދާކަށްވީ…” އައްމާރު އެެހެންބުނެފައި ކާރާއި ދިމާލަށް ބަލާލިއެވެ. އޭރު ނިކަތު ކާރުން ފައިބައިގެން އަންނަނީއެވެ. އެހިނގުމުގައި އުނދަގޫ ގޮތެއް ހުއްޓެވެ. އައްމާރު ނިކަތުގެ ބަނޑާއި ދިމާލަށް ބަލާލަމުން ހީލިއެވެ. އަމްރުއަށް އެތަން ފެނުމުން ތުންފަތް ޖައްސާ ބާރު ކޮއްލަމުން އަނެއް ފަރާތަށް އެނބުރިލިއެވެ.

“ޑޫ ޔު ނޯ ދަ ސެކްސް އޮފް ދަ ބޭބީ؟…” އައްމާރު އެހެން އަހާލަމުން ދުރުގައި ހަދާފައި ހުރި ޖޫގޯ ބޯ ތަނުގެ ކައިރިއަށް ގޮސް ހުއްޓުނެވެ. ނިކަތު ދެލޯ ބޮޑު ކޮއްލިތަން ފެނުމުން އަމްރުއަށް ވަގުތުން ނިކަތުއަށް އެނގޭކަން އެނގުނެވެ.

“އަމް…. އައި ޑޯންޓް…” ނިކަތު ލަސްލަހުން އެހެން ބުނެލަމުން ދުރަށް ހިނގައިގަތީ އަމްރު ބަލަން ހުރި ގޮތުންނެވެ. އޭނާއަށް އެބެލުމުން އުނދަގޫވަނީ ކީއްވެހެއްޔެވެ.

“ބުނެބަލަ ދެން… އަނެއްކާ ބަނާނާއެއްތަ؟…” އައްމާރު އެހެން ބުނެލުމުން ނިކަތު ހީލަމުން އަނެއްކާވެސް ފަހަތުގައި މޫނު ހަދައިގެން ހުރި އަމްރުގެ މޫނަށް ބަލާލިއެވެ. އަމްރު އަދިވެސް ހުރީ އެހުރި ގޮތަށެވެ. އެދެލޮލުން ބަލަންހުރި ގޮތުން ހީވަނީ ދެންމެ ދެންމެ އައިސް ނިކަތުގެ އަތުގައި ހިފަހައްޓަފާނެ ހެންނެވެ.

މިލްކްޝޭކް ބޮއެގެން ދިޔަ ނިކަތުއަށް ބަލަހައްޓައިގެން ހުރި އައްމާރު ހަނދާންވީ މީގެ އެތަށް އަހަރެއް ކުރިން އެންމެ ފުރަތަމަ އޭނާއަށް ކުޑަކުޑަ ނިކަތު ފެނުނު ދުވަހެވެ. އެދުވަހު އައްމާރުގެ ލޯ ހޯދާލީ އެތަނުން ކާކު ކަމެއް އައްމާރު އަކަށް ނޭނގުނެވެ. ނަމަވެސް މިއަދު އެއީ ނިކަތުކަން އޭނާއަށް ޔަޤީނެވެ. އެމައުސޫމު މޫނުން އެދުވަހު ހުރިހާ އެއްޗެއް އައްމާރުއަށް އެނގުނެވެ. މިއަދު މިހެން މިވަނީ ކީއްވެ ހެއްޔެވެ. ހުރިހާ ކަމެއް މިވަނީ އިދިކޮޅަށެވެ. ކިތަންމެ ފަހަރަކު ނިކަތުއަށް ގޮވާލަން ހިތަށް އަރައެވެ. ނަމަވެސް އެހިތްވަރެއް އައްމާރުގެ ނެތެވެ.

17 ޑިސެމްބަރ 2002

އައްމާރުއާއި މުއާޒް ފިހާރައިގެ ކައިރިއަށް އައީ މުއާޒް ކިޔާވަރުންނެވެ. ހީވަނީ މާކުރިންސުރެ މުއާޒް މީހަކަށް ފާރަލައިގެން ހުންނަ ހެންނެވެ. ދެމީހުން އެކުގައި އައިއިރު ފިހާރައާއި ދިމާލަށް ތަޝްކީލް އަންނަތަން ފެނެއެވެ. ދެއަތުގައި ހިފާލައިގެން ތިބި ކުޑަކުޑަ ދެ އަންހެން ކުދިން ފެނުނު ހިނދު އައްމާރު ހިތުގެ ވިންދުވެސް ދެތިން މިނެޓްއަށް ހުއްޓުނު ފަދައެވެ. މަޑުމަޑުން މާޝާﷲ އޭ ބުނެވުނީ އެއްވެސް އިހްތިޔާރެއް ނެތިއެވެ.

“ތަޝްކީލް…” އައްމާރު އެހެން ބުނެލުމުން ތަޝްކީލް ފިހާރައިގެ އެތެރެއަށްވަނީ މޫނު ހަދާލަމުންނެވެ.

ފިހާރައިގެ ތެރެއަސް ވަން އައްމާރު އެކިގޮތްގޮތަށް މުއާޒް ދައްކަން ބޭނުންވާ ވާހަކަ ބުނެދިނެވެ. އަދި ޝައްމޫންއަށް ވިސްނައިދިނުމަށް އެދި އާދޭސް ކުރިއެވެ. ނަމަވެސް ތަޝްކީލް ހުރީ އެއަށްވުރެ ބޮޑަށް ރުޅިއައިސްފައެވެ. އައްމާރު އެހެން ހުރެފައި ފިހާރައިގެ ލޯގަނޑުން ބޭރަށް ބަލައިލިއެވެ. އޭރު މުއާޒްހުރީ ދެކުދިން ކައިރީގައި ކަކޫ ޖަހާލައިގެންނެވެ. އޭގެ ތެރެއިން އެއްކުއްޖަކު އަނެއް ކުއްޖާގެ ފަހަތަށް ވަންތަން ފެނުމުން އައްމާރު ހީލިއެވެ. މުއާޒް ފެނުމުން ދެކުދިން ބިރުގަތީ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ކުރިމަތީގައި ހުރި ކުއްޖާއަށް މުއާޒް އެނގޭހެން ހީވެއެވެ. އެކުއްޖާގެ މޫނުމަތިން ކުޑަވެސް ބިރުގެ ކަންފުޅެއް ނުފެނެއެވެ. މުއާޒަށް މޫނު ހަދާލި ގޮތުން އައްމާރަށް ވަރަށް މަޖާވިއެވެ.

އަނެއްކާވެސް އައްމާރު ބަލާލީ ތަޝްކީލަށެވެ. އޭނާ އެކި ގޮތްގޮތުން ވާހަކަ ދެއްކިއެވެ. ތަޝްކީލް އެއްވެސް ވަރަކަށް ޝައްމޫންއާއި ވާހަކަ ދައްކަން ބޭނުންނުވާކަން އެނގުމުން އައްމާރު ކަރު އެލުވާލީ މުއާޒްއަށް ވާނެ ގޮތް އެނގުމުންނެވެ. އައްމާރު ވާރޭ ބޯކޮށްލުމުން ބޭރަށް ބަލާލިއެވެ. ކުއްލިއަކަށް އޭނާގެ ނިތަށް ރޫގިނަވެގެން ދިޔައީ މުއާޒް އޭގެ ތެރެއިން އެއްކުއްޖެއްގެ އަތުގައި ހިފަހައްޓައިގެން ހުރި ގޮތުންނެވެ. އެމޫނުގައިވި ހިނިތުންވުން އެއްވެސް ވަރަކަށް ރަނގަޅެއް ނޫނެވެ. އޭގެ ތެރެެއިން  އެއް ކުއްޖަކު ދުއްވައި ގަތުމުން އަނެއްކުއްޖާވެސް ދުއްވައި ގަނެއްޖެއެވެ. މުއާޒްވެސް އެހެން ހުރެފައި އެކުދިންގެ ފަރާތުން ދުއްވައި ގަތްތައް ފެނުމުން ތަޝްކީލް އަވަހަކާއި ނިކުމެއްޖެއެވެ.

“ރުކޫ… ނިކޫ… ” ތަޝްކީލް ކުދިންނަށް ގޮވައިލަމުން އައްމާރުއަށް ބަލާލިއެވެ. އެވަގުތު ވިދާލި ގޮތުން ހީވީ ބިންގަނޑުވެސް ގުޑުނު ހެންނެވެ. އަދި ހަމައެހައި ބާރު ގުގުރި އެއްވެސް ޖަހާލިއެވެ.

“އައްމާރު… އަހަރެން ކުދިން…” ތަޝްކީލް ވާރެއަށް ނިކުމެ ދުއްވައިގަންނަމުން އެހެން ބުނެލިއެވެ. ކުރިންވެސް ތަޝްކީލް ދެތިން ފަހަރެއްގެ މަތިން ފެނިފައި ވުމުން ތަޝްކީލްއާއި އައްމާރު ދެކެފަރިތައެވެ. ނަމަވެސް މުއާޒް މާގިނައިން ތަޝްކީލް ފަހަތުން އުޅޭތީ މިހާރު އައްމާރު ހުންނަނީ ބޮލުގައި ރިއްސާފައެވެ. އަބަދުވެސް އާދޭސް ކުރަމުން ގެންދާނީ އީމާނާއަށް ވިސްނައިދޭށޭ ކިޔައިގެންނެވެ.

5 މާރޗް 2019

ކޮޓަރިއަށްވަން އަމްރު މަޑުކޮއްލައިގެން ހުރީ ނިކަތު ކުރިން އެއްޗެކޭ ބުނޭތޯއެވެ. ނިކަތު ފާހާނައިން އެއްޗެހި ބަދަލު ކޮއްލައިގެން ނިކުމެ އަރައި އޮށޯތީއެވެ. ކައިރީގައި މީހަކު އޮތްހެންވެސް ނިކަތުއަށް ހީވާހެނެއް ހިއެއް ނުވެއެވެ. އަމްރު އެންމެ ފަހުން ނިކަތުގެ އަތުގައި ހިފައި އޭނާއާއި ވީފަރާތަށް އަނބުރާލިއެވެ. އަދި އެމޫނުގައި ހިފަހައްޓާލަމުން ކައިރި ވެލިއެވެ. އޭނާ ބޭނުންވަނީ ނިކަތުއަށް ވާގޮތެއް ބަލާށެވެ.

ނުނިމޭ

 

 

47

8 Comments

 1. unknown

  January 17, 2019 at 9:14 pm

  vrh reethi mi part ves. when next part?????

 2. Aki

  January 17, 2019 at 9:31 pm

  haadha reethi part e mee…
  avahah next part up kohla dheebaa pls

 3. Reader

  January 18, 2019 at 1:29 am

  How does Nikathu know everything ?. This is so interesting ?

 4. Hai

  January 18, 2019 at 4:48 am

  Next part Friday nuni sat pls….this story is awesome
  I love it….
  Next part Ava’s koladachay pls??????????????????????????????????

 5. Gigu

  January 18, 2019 at 7:19 pm

  Amru ula githun had a foosa…idagan ulairuvas ladu kudakan balaba….
  Next part Avas… pls

 6. Viska

  January 18, 2019 at 9:06 pm

  Next part Ava’s….
  Vvvvvvvvvvvvv reethi mi baivas???????????????????

 7. INAA

  January 18, 2019 at 9:34 pm

  This prt is Varah nice.. Alhe varah avahah aneh prt genesdhehchey…

 8. maybe

  January 20, 2019 at 8:55 pm

  story nimuneetha

Comments are closed.