
އަހަރެން
ސިހުރޭ، ޖިންނިއޭ، މިއީ އަބަދުވެސް އަހަރެންގެ ކަންފަތަށް އިވޭ އަޑެކެވެ. ކުޑައިރުއްސުރެ ބޮޑުވީ މިކަހަލަ ވާހަކަ އަޑު އަހައަހައެވެ. އަހަރެންނަކީ އުމުރުން ތިންއަހަރު ވީއްސުރެ މިކަހަލަ ވާހަކަ އަޑުއަހައިގެން ބޮޑުވި ކުއްޖެއެވެ. މަންމަ ބުނާ ގޮތުންނަމަ އާއިލާގެ އެންމެނަށްވުރެ އަހަރެން އަނގަބޮޑެވެ. އަހަރެން ވަރަށް ކުޑައިރުގެ ހަނދާންތައް ހުރެއެވެ. އުމުރުން ގާތްގަނޑަކަށް ތިންއަހަރު ފުރުނު އިރުގެ ހަނދާންވެސް ހުރެއެވެ. މިއީ އަހަރެންގެ ވާހަކައެވެ. އަހަންނަކީ ރާއްޖެތެރެއަށް އުފަން އަންހެން ކުއްޖެކެވެ. އަޑު އަހާށެވެ. އޭރު ރަށުގައި ބަނދަރު ހެދުމުގެ މަސައްކަތް ފަށައިގެން އުޅެއެވެ. ގެ ހުންނަނީ އަތިރިމަތީގައި ވުމުން ފާރުމައްޗަށް އަރައި އަނެއް ފަރާތް ބަލާލުމުން ފެންނާނީ މޫދެވެ. ރާޅު ޖަހާތަނެވެ. އަހަރެމެންރަށު އޭރު ބަނދަރު ހަދަންފެށީއެވެ. އެއީ 1996 ނުވަތަ 1997ވަނަ އަހަރެވެ. އަހަރެންގެ އުމުރަކީ އޭރު 2ބައި ނޫނީ 3އަހަރެވެ.
ކުޑައިރުއްސުރެ އެހައި ކަންތައްތައް ހަނދާން ހުންނާތީ އަހަންނަށް މަންމަ ވަރަށް ކުޑައިރު ކިޔަވައިދޭން ފެށިއެވެ. އަހަރެން މާތްﷲގެ އިރާދަފުޅުން އެއްޗެއް މާކަ ގިނަ އިރު ކިޔާކަށް ނުޖެހެއެވެ. ދެތިން ފަހަރު ކިޔާލުމުން ހުންނަނީ ހިތުގައެވެ. ވަރަށް ކުޑައިރު ލިޔަންކިޔަން ދަސްވެ، ޤުރުއާންވެސް ކިޔަވައި ހަތިމް ކޮށްފީމެވެ. ފުރަތަމަ ދިވެހި ކިޔަން ދަސްކުރި އިރު ގޭގޭގެ ފާރުގައި މީހުން ލިޔެފައި ހުންނަ ހަޑި އެއްޗެހި ދަސްކޮށްގެން އައިސް މަންމައާއި ދޮންތަކައިރީގައި އަހަމެވެ. ދޮންތަ އެއްޗެކޭ ނުބުނި ނަމަވެސް މަންމަ ހަޅޭއްލަވައި ގަތުމުން އަހަރެން އަވަހަކާއި ދުވެފިލައެވެ. އަހަރެން އުޅެނީވެސް ވަރަށް ހަލަނި ކޮންނެވެ. އަހަރެންގެ ގިނައީ ހުސް ފިރިހެން ރައްޓެހިންނެވެ. ހުންނަނީ އެންމެ އަންހެން ރަހުމަތް ތެރިއެކެވެ. އެއީ ޒޫރިންއެވެ. ދެންހުންނާނީ އަހަރެންގެ ދެބެންގެދެދަރި ފިރިހެން ކޮއްކޮ ރޫމީއެވެ.
އުމުރުން ތިންއަހަރުގައި އަހަރެން އެންމެ ޝައުޤުވެރިކަން ހުންނަނީ ކާފަ ކިޔައިދޭ އެކި ޖިންނިންގެ ވާހަކައަށެވެ. ތަރިތަކުގެ ވާހަކައަށެވެ. ކަނޑުގެ ޖިންނިންގެ ވާހަކައަށް އަހަރެން ވަރަށް ޝައުޤު ވެރިވިއެވެ. އަދި އެވާހަކަ ވަރަށް ގިނައިން އަހައިވެސް ހަދަމެވެ. އަދި ތަރިތަކަށް ހުންނަ ޝައުޤުވެރި ކަމަކުން ތަރިތަކަށް ކިޔާ ނަންވެސް ދަސްކުރީމެވެ. ކާފައަކީ އަހަރެންގެ ދިރިއުޅުމުގައި ވަރަށް މުހިންމު މީހެކެވެ. ނަމަވެސް އަހަރެންގެ ތިންވަނަ އުފަންދުވަސް ނިމުނުތާ މާ ގިން ދުވަސްތަކެއް ނުވެ އަހަންނަށް ލިބުނީ ވަރަށް ހިތާމަވެރި ހަބަރެކެވެ. އެއީ އަހަރެންގެ ނިޔާވި ހަބަރެވެ.
އެދުވަހު އަހަރެން އިނީ ކުނަލެއްގެ މަތީގައި ދެކިރުތަށި ހިފައި ގެންނެވެ. އެއީ ކޮންމެ ދުވަހެއްގެވެސް އާދައެވެ. ކާފައާއި އަހަރެންގެ ދުވަހުގެ ފެށުމީ އެކިރު ތައްޓެވެ. އަހަރެން އެދުވަހުވެސް އިނީ ކާފައާދޭ ތޯއެވެ. އަހަރެންގެ ސަމާލުކަން އަތުލައިގަތީގަތީ މެދު އުމުރުގެ އަންހެނެއް ގޭގެ މައިދޮރުން ދުވެފައި އައިސް ވަނުމުންނެވެ. މިވަނީ ކީއްކަމެއް ނޭނގު ކަމުގައިވިޔަސް އަހަރެންގެ ޅަ ސިކުނޑިއަށް ކޮންމެވެސް ކަމެއްޖެކަން އެނގުނެވެ. އެމީހާއައިސް ބައްޕަ ކައިރީގައި ބުނީ ކާފަ ގޮނޑުދޮށަށް ވެއްޓިފައި އޮތް ވާހަކައެވެ. ބައިވަރު ލޭވެސް ހުރި ވާހަކައެވެ. އެއަޑަށް އަހަރެން ކައިރީގައި ހުރި ކިރުތަށީގައި އަތުންޖަހައި އުކާލީމެވެ. އެއީ އަހަތެން ކިރު ތައްޓެއް ބުއި އެންމެ ފަހު ދުވަހޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ދެން އަހަރުމެންގެ ބަހުންނަމަ ބުއްތައްޓެއް ބުއީ އަށާރައަހަރުވެސް ވީ ފަހުންނެވެ.
ކާފަ މަރުވީ އަހަރެންގެ އުމުރުން ތިންއަހަރުގައެވެ. އޭގެ މައްޗަށް ދެއަހަރުވީ އިރުވެސް އަހަރެން އެ ހަނދާންތަކާއި ދުރެއް ނުވިއެވެ. ކާފަ ފެންނަހެންވެސް ހީވެއެވެ. ކާފަ މެންގޭގައި ވަރަށްބޮޑު ބަނބުކެޔޮ ގަހެއް ހުރެއެވެ. ދޮންތަ މެންނާއިއެކު އެއްދުވަހަކު އަހަރެންވެސް ދިޔައީ ކާފަމެންގެއަށް ކުޅޭށެވެ. އެދުވަހު އަހަރެންގެ އުޅުނީ ކޮށި ވަޅި ގަނޑެއް ހިފައިގެންނެވެ. ކާފަ އަބަދުވެސް އަހަރެން އެކަހަލަ އެއްޗެހި ގެންގުޅޭތީ ރުޅި އަންނާނެއެވެ. ވަޅި ހިފައިގެން އަހަރެންއިނީ ބަނބުކެޔޮ ގަހުގެ މޫގަނޑެއްގެ މަތީގައި ތަޅާށެވެ. ކުއްލިއަކަށް ހުކުރު ދުވަހު ކާފަލާ ހުފު ގަމީސް ލައިގެން އައިސް އަހަރެންގެ ކައިރީގައި ހުރީ ކާފައެވެ. ނަމަވެސް މިހެންވާނީ ކިހިނެއް ހެއްޔެވެ. މީގެ ދެއަހަރު ކުރިން ކާފަވަނީ ނިޔާވެފައެވެ. ކާފަ މޫނު ހަދާލަމުން އަހަންނާއި ދިމާލަށް ބުނީ ވަޅި ހިފައިގެން ނޫޅޭށޭއެވެ. ވީ އުފަލެއްގެ ބޮޑުކަމުން އަހަރެން ވަޅި ނަގައި އެއްލާލީމެވެ. އަދި ކާފައާއިއެކު ދާން ތެދުވީމެވެ. ނަމަވެސް ކާފައެއް ނެތެވެ. އެހައި ދުވަސް ފަހުން ކާފަ ފެނިފައި އަހަރެން ނުލައި ދިއުމުން އަހަންނަށް ފިރަތަމަވެސް ފެށުނީ ރޯށެވެ. މަންމައާއި އާއިލާގެ އެންމެން އަހަރެން މަޑު ޖައްސަން އުޅިއުޅި އަހަރެން މަޑެއް ނުޖެހުނެވެ. އަހަރެން ބޭނުންވީ ކާފައެވެ. އެކަމާއި އަހަރެން ހަފްތާއަކަށްވުރެ ގިނަ ދުވަހު ހުންވެސް އައެވެ. އެދުވަސް ވެގެން ދިޔައީ ހުރިހައި ކަމެއްގެ ފެށުމަށެވެ. އެއީ ފެށުމެވެ.
އޭގެ ފަހުން އަހަރެންނަށް އެކަހަލަ ކަމެއް ނުވެއެވެ. ނަމަވެސް 2006 އަހަރު ވެގެން ދިޔައީ ބޮޑު އަހަރަކަށެވެ. ކިޔެވުމުގައި ގިނަ ކާމިޔާބީ ތަކެއް ހާސިލް ކުރަމުން އައިސް އަހަރެން އޭރު އުޅުނީ ގްރޭޑް ހައެއްގައެވެ. ސައިންސް ގަޑީދައި އަހަރެންއިނީ ކުޑަފޮތުގައި ކޮންމެވެސް އެއްޗެއް ކުރަހާށެވެ. އަހަރެން އެހެން އިނދެފައި އަތަށް ވާޅުވެގެން އިސް އުފުލާ ބަލާލީމެވެ. ކުރިމަތިން ކާފަ ހަނާ އަޅަލުމުން ދެލޯ ބޮޑުކޮއްލެވުނީ އިހުތިޔާރަކާއި ނުލައެވެ. ހީވި ހީވުމަކަށް ހަދާފައި އަހަރެން ހުރީ އެސްފިޔަވެސް ޖަހާ ނުލައެވެ. ދެވަނަ ފަހަރަށް ހަނާއަޅާ ލުމާއެކު އަހަރެން ކޮޅަށް ތެދުވެ ރޯން ފެށީމެވެ. އަދި ދެލޯ މަރައި ބާރު ކޮއްލީ އެތަން ނުބަލަން ވެގެންނެވެ. އަހަންނަށް އެނގޭ އެއްޗަކީ އެއީ އަހަރެންގެ ކާފަ ނޫންކެމެވެ. ސުކޫލް އޮފީހުން އަހަރެންގެ މަންމައަށް ގުޅައިގެން ގެނައީ އެދުވަހު އަހަރެން ލޯ ހުޅުވަން ބޭނުންނުވެ ރުއިންވެސް ހުއްޓާ ނުލުމުންނެވެ. އޭގެ އަނެއް ދުވަހު އަހަރެން އަނެއްކާވެސް ވަރަށް ގަދައަށް ހުންއައެވެ. ތަންދޮރު ނުދަންނަ ވަރަށެވެ. ދެން އަނެއްކާވެސް އަހަންނަށް އެކަހަލަ ކަމެއް ދިމައެއް ނުވެއެވެ.
ފުރާވަރަށް އެޅިގެން އައިއިރު އެކި ފިރިހެން ކުދިން އަހަންނަށް ވަރަށް ޖެއްސުން ކުރެއެވެ. ނަމަވެސް އަހަރެން އެކަހަލަ ކަމަކަށް އެއްވެސް ޝައުޤެއް ނުހުރެއެވެ. އަބަދުވެސް އުޅެވޭނީ ކޮންމެވެސް ފޮތެއް ހިފައިގެން ކިޔާށެވެ. އަހަރެންގެ ހުރިހާ ރަހުމަތް ތެރިންގެ އޭރު ލޯބި ވެރިން ތިބެއެވެ. ޒޫރިންއާއި ރޫމީގެވެސް މެއެވެ. ބޮޑުވަމުން އައިއިރު ޒޫރިންގެ އިތުރުން އަހަރެންގެ އެންމެގާތް ރަހުމަތްތެރިއަކަށްވީ ލައިލްއެވެ. އޭރު ފިރިހެން ކުދިން އަހަންނަށް އުނދަގޫ ކުރާތީ ލައިލް(ފިރިހެން ކުއްޖެއް) އެމީހުނާއި ތޮޅިވެސް ހަދައެވެ. އޭގެ ތެރެއިން އެއް ފިރިހެން ކުއްޖަކާއި އަހަރެން ވާހަކަ ދައްކަން ފެށީމެވެ. ހެޔޮހިތުންނެވެ. ނަމަވެސް އޭނާ އަހަންނޭ ކިޔާފައި ވަރަށް ދޮގުވާހަކަ ދެއްކިއެވެ. ކުރާނީ ކީއްހެއްޔެވެ. މީހެއްގެ އަނގައިގައެއް ނުއެއް ހިފެހެއްޓޭނެ ނޫން ހެއްޔެވެ. ކަންތައް ގޯސްވީ އެހިސާބުންނެވެ.
އެއީ އަހަރެން ވަރަށް މޮޅަށް ކިޔަވަމުންއައި އަހަރެކެވެ. ގޭތެރޭގައި ހުއްތައި އަހަރެންގެ ހަގަށް ހުންނަ ކޮއްކޮ އައިސް ބޮލުގައި ބާރަކަށް ޖެހުމުން އަހަރެން ސިހިފައި އަވަހަށް ބަލާލީމެވެ. ނަމަވެސް ކޮއްކޮ ތިރިއަށް ބަލަހައްޓައިގެން ހުރުމުން ކޮއްކޮ ޖެހީ އަހަރެންގައި ނޫންކަން އިނގުނެވެ. ކޮއްކޮ ގޭގެ ދޮރު ލެއްޕަމުން އަތުގެ އިޝާރާތުން ދޮރުމަތީގައި އޮތް ބޮޑު ކަކުނި ދައްކާލިއެވެ. އެއީ ގޮނޑުދޮށުގައި ހަރު ކޮންގެން އުލޭ ކަހަލަގެ ކަކުންޏެވެ. އަހަރެން ހައިރާންވީ އޭތީގެ ބުރަކަށި މަތީގައި އަރަބިން ލިޔެފައި ހުރުމުންނެވެ. ކޮއްކޮ ބައްޕަ ގޮވައިގެން އައުމުން ބައްޕަ ބަލާކަށް ނުހުރެ އޭގައި ފައިން ޖަހައި ގޭތެރެއަށް މަރާލައިފިއެވެ. އަހަރެން އިނީ ހަދާނެ ގޮތެއް ނޭނގިފައެވެ. އޭތި އަހަރެންގެ ކޮޓަރިއަށްވަދެ އަހަރެންގެ ގަޔަށް އެރީ ކިހިނެއް ހެއްޔެވެ؟
ނުނިމޭ
ނޯޓް:. މިއީ ކުރު ވާހަކައެއް
5 Comments!
Comments are closed.
Guys i always wanted to try this type of writing style. As in furathama meehaa ge nazarun.. i hope you all like it.. 🙂
Masha allah.. v reethi mi story … waiting next part ?
varah reethi wen it will come next part
Miga meendhy nunimey jahaafa soo ayga maana aky miey furathama part eyh dhw anyways ryti mi part
Varah reethi vaane kamah feney…❤asl v reethi