
“އާނ….މަންމައާ އެކީގަ އުޅުނުއިރު އަދި މާ ބޮޑަށްކުރިން. މަންމައަކީ އިންޓަނޭޝަނަލް އޯތާއެއް.” ހަސަން އެންމެ ފަހަކަށް ބުނެލި ވާހަކައާމެދު ވިސްނާލެވުނު މިރްޒާން ސިކުންތުކޮޅެއްގެ ތެރޭގައި ގަނޑުވެގެން ދިޔައެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނައަށް ހަސަނާއި ދިމާލަށް ބަލާލެވުނެވެ.
**
ބައްޕަ އޭނައަށް ކުއްލިއަކަށް ބަލާލި ގޮތުން މުޙްސިން ކުޑަކޮށް ސިހުންވާ ގޮތްވިއެވެ. އޭނަ ދެންމެ ދެއްކި ވާހަކައިން ބައްޕައަށް އެފަދަ ބަދަލެއް އަންނަންވީ ސަބަބެއް މުޙްސިނަކަށް ނުވިސްނުނެވެ. ކެބިންގެ ސޯފާގައި އިންގޮތަށް އިނދެ ކުރިމަތީގައި ހުރި އޮފީސް ގޮނޑީގައި އިން ބައްޕައަށް ބަލަން އެއްޗެކޭ ނުބުނެ އޭނައަށް އިނދެވުނީ އެހެންވެއެވެ. އޭނައަށް އެނގިފައިވާ ގޮތުގައި މަންމަ ލިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވަނީ އޭނައަށް 5 އަހަރުވެސްވީ ފަހުން މަންމައާއެކީ މެލޭޝިޔާގައި އުޅެމުން ދިޔައިރު މަންމަ ލިޔުނު ފޮތްތަކެއްގެ ސަބަބުންނެވެ. ވީއިރު މަންމައަކީ ލިޔުންތެރިއެއްކަން ބައްޕައަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟ އެ ސުވާލު ހިތަށް ވެރިވި މުޙްސިނަށް ނޭނގުނު ކަމަކީ، އޭނައަށް ދެންމެ އެ އެޅުނީ ވަރަށް ވެސް ކަތި ފިޔަވަޅެއްކަމެވެ. ބައްޕައަށް މި ހުރިހާ ދުވަސް ވަންދެން އޭނަގެ ޙަޤީޤަތް ފޮރުވަން ކުރި މަސައްކަތް ފުނޑުފުނޑުކުރުވާ ފަދަ ފިޔަވަޅެއްކަމެވެ. ބައްޕަ ދެން ކުރި ސުވާލުން އޭނަގެ ހިތް ނުތަނަވަސްވެގެން ދިޔައީ އެހެންވެއެވެ.
“ކީކޭ ކިޔަނީ މަންމައަށް؟” މިރްޒާނަށް އެ ސުވާލުކޮށްލެވުނީ އަވަސްއަވަހަށެވެ. އޭނަގެ ރާގު ހުރި ގޮތުން މުޙްސިންގެ ހިތް ބާރަށް ތެޅެން ފެށިއެވެ.
“އަ..އަ..އައިޝް…ޝަތު…” އެފަދަ ދަނޑިވަޅެއްގައި ދޮގު ހަދަން އިންތިހާއަށް ދަތިވެގެން ދިޔަ މުޙްސިނަށް ކެނޑިކެނޑިގެން އެހެން ބުނެވުނުތަނާހެން މިރްޒާން ފުންމައިގެން ތެދުވެލަމުން ވާހަކަ ދެއްކިއެވެ.
“އައިޝަތު އަމްނާ ހާޝިމް! ބުނޭ އެހެން…..އެހެން އެއްވެސް ގޮތަކަށް ނުބުނާތި! ތިއީ ހަމަ އަހަރުމެންގެ ދަރިފުޅޭ. ކާކަށްތަ އޮޅުވަން ތިއުޅެނީ؟ ނޫނިއްޔާ ހަމަ ނޭނގެނީތަ ދަރިފުޅަށް؟ ތިއީ މުޙްސިންއޭ…..ބައްޕަގެ ދަރިފުޅު….ހާދަ އިންތިޒާރެއް ކުރީމޭ! ބައްޕާއޭ ކިޔައި ގޮވާލަބަލަ އެއްފަހަރު…” މިރްޒާން ގޮސް މުޙްސިންގެ ކުރިމައްޗަށް ކުރުފައި މައްޗަށް ތިރިވެ ކަރުނައިން ފުރިގެންވި ދެލޮލާއެކީ މުޙްސިންގެ އަތުގައި ހިފައި މޫނުގައި ފިރުމައި ހިފަހައްޓަމުން ރޮވިފައިވި އަޑަކުން ވާހަކަ ދެއްކިއެވެ. އެ މަންޒަރު ފެނިފައި މުޙްސިނަށް ދުވަހަކުވެސް އިޙްސާސް ކުރެވިފައި ނެތްފަދަ ތޫނު ވޭނެއް އޭނަގެ މޭތެރެއިން ހިނގާލިއެވެ. ބައްޕަ އެކަނިމާއެކަނި ރުއި މަންޒަރު އޭނައަށް މީގެ ކުރިން ވަނީ ފެނިފައެވެ. އެހެނަސް ބައްޕަގެ އެ ވޭނީ އަޑު ނުހަނު ކައިރިން އިވި އެ ހިތާމަވެރި މޫނު ނުހަނު ގާތުން ފެނުމުން މުޙްސިންގެ ލޮލުން ވެސް ކަރުނަތައް ނިރާލިއެވެ. މުޙްސިން ކިތަންމެ ބޭނުމެއްނުވިއެއްކަމަކު ހިތުތެރޭގައިވި ޖަޒުބާތުތަކަށް އޭނައަށް ބާރެއް ނުފޯރުވުނެވެ. އޭނަގެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވެގެން ދިޔަ ވަގުތު މިރްޒާން ދެއަތުން އެ މޫނުގައި ހިފަހައްޓާލިއެވެ.
“ދެރަނުވައްޗޭ ދަރިފުޅު. ދެން ދެރަނުވާތި. މިއީ އުފާކުރަންވީ ދުވަސް. ދެން ބައްޕައާ ދަރިފުޅު ވަކި ނުކުރެވޭނެ އެއްވެސް މީހަކަށް އިން ޝާ ﷲ! ހަމަ ޔަޤީނުންވެސް ﷲ އަކީ ދުޢާ އަޑުއައްސަވާ ރަސްކަލާނގެ.” މިރްޒާން ލޮލުން އޮހޮރެމުން ދިޔަ ކަރުނަތަކުގެ ތެރެއިން ހިނިތުންވާން މަސައްކަތް ކުރަމުން ބުނެލިއެވެ. އެ ހިނިތުންވުންތައް ފެނުނު މުޙްސިންގެ ހިތުގައި ރިހުމެއް ހިފާލިއެވެ. އޭނަ އިސާހިތަކު އޭނައަކީ މުޙްސިން ކަމަށް ބުނެ ބައްޕަ އުފާކޮށްދޭން އެވަގުތު ބޭނުންވި މިންވަރު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ އެވެ. އެހެނަސް ޙާލަތުގެ ސަބަބުން އޭނަވަނީ މަޖުބޫރުވެފައިކަން ބައްޕައަށް އެނގޭނެ ނަމައެވެ. ވިސްނުމެއްނެތި އޭނަ އަޅާލާ ފިޔަވަޅެއްގެ ސަބަބުން އޭނަގެ ޢާއިލާ ގުޅިގެން ދިޔުމުގެ ހުރިހާ އުއްމީދެއް ނެތިގެން ދާކަށް މުޙްސިން ބޭނުމެއްނުވެއެވެ. ކަން މިހެން އޮތްއިރު މިވަގުތު ބައްޕައަށް ޙަޤީޤަތް ކިޔައިދިނުން ބުއްދިވެރިއެއްނޫނެވެ. އެހެނަސް މުޙްސިން އެވަގުތު އެއްޗެކޭ ބުނަން ވެސް ނުކުޅެދުނެވެ. އޭނަ އިންގޮތަށް އިންދާ މިރްޒާން އޭނަގެ ކަރުނަތައް ފޮހެމުން ކޮޅަށް ތެދުވެލިއެވެ.
“އާދެބަލަ މުޙްސިން ބައްޕައާއެކީ. އާދޭ!” މިރްޒާން އެހެން ބުނެލީ މުޙްސިންގެ އެއްއަތުގައި ހިފައި ދަމަމުންނެވެ. މުޙްސިނަށް ކޮން ތަނަކަށްތޯ އެހުމުން ވެސް މިރްޒާން އެ އަތަށް ދަމަމުން އަންނާށޭ ބުނެލިއެވެ. އެއާއެކު މުޙްސިނަށް ކޮޅަށް ތެދުވެލުމުން މިރްޒާން މުޙްސިން ދަމައިގެން ކެބިންއިން ނިކުންނަން ދިޔައީ އުޖާލާވި ހިނިތުންވުމަކާއި އެކީގައެވެ. ކެބިންއިން ނިކުމެ މިރްޒާން ވަގުތުން މިޞްރާބުޖެހީ އެ ފަންގި ފިލާގައި ގިނަ މުވައްޒަފުންގެ ގޮޅިތައް ހުންނަ ޞަރަޙައްދަށެވެ. މުޙްސިން ގޮވައިގެން ގޮސް އެތާނގެ މެދާއި ހަމައަށް ގޮސް މަޑުކޮށްލަމުން މިރްޒާން ނުފިލާ ހިނިތުންވުމަކާއެކީ ވާހަކަ ދެއްކިއެވެ.
“ހުރިހާ އެންމެން އަޑުއަހާބަލަ. މިކޮޅު ނިކަން ބަލާލަބަލަ. އާތިފްވެސް އާދެބަލަ މިތާ ކައިރިއަށް…މިހިރީ އަހަރެންގެ ދަރިފުޅު. އަހަރެންގެ ދަރިފުޅު މުޙްސިން.” މިރްޒާން އެތާތިބި އެންމެންނަށް ގޮވައި އެންމެން އެތަނަށް ޖަމާވުމުން އަންގާލިއެވެ. އެއާއެކު އެތާތިބި އެންމެންގެ މޫނުމައްޗަށް ޙައިރާންކަން ވެރިވީ ހިނދު އެމީހންގެ މެދުގައި ސިއްރުވެރި ވާހަކަތަކެއް ހިނގާލިއެވެ. އެންމެންގެ ތެރެއިން އެންމެ އާދަޔާ ޚިލާފު ކުލަވަރެއް ވެރިވީ އެވަގުތު ކެބިންއިން ނިކުތް ޝަހާނީގެ މޫނުމަތިންނެވެ. ކުރިމަތިން ފެނުނު މަންޒަރުންނާއި އެތާތިބި މީހުން ‘މިރްޒާންގެ ދަރިފުޅޭ’ ކިޔާ އަޑަށް އޭނަގެ ދެލޯ ބޮޑުވެ މޫނުމައްޗަށް ވެރިވީ ނުތަނަވަސްކަމެވެ. އެ މަންޒަރު ފެނިގެން ދިޔަ މިރްޒާންގެ ކައިރީގައި ހުރި މުޙްސިންގެ މޫނުމައްޗަށް ވެސް ވެރިވީ އެފަދަ އަސަރެކެވެ.
“އަހަރެން އެތައް އަހަރެއް ވަންދެން މި ދަރިފުޅަށްޓަކައި އިންތިޒާރު ކުރީ ދަރިފުޅު އަނބުރާ އަންނާނެކަން ޔަޤީންވީތީ. އަހަރެން މޮޔަވީތީވެއެއްނޫން 15 އަހަރު ވަންދެން އެންމެ ތިން މަހުގައި ބަލިވެ އުޅެނިކޮށް އަހަންނާއި ވަކިވި ދަރިފުޅަށްޓަކައި އިންތިޒާރުކުރީ. ﷲ އަކީ ދުޢާތައް އިޖާބަކުރައްވާ ރަސްކަލާނގެކަން އެނގޭތީ އިންތިޒާރުކުރީ.” ކަރުނަތަކުން ފުރި ބަންޑުން ވަމުން ދިޔަ ދެލޮލާއެކީ އެތައް ދުވަސްތަކެއް ވަންދެން ދުރުދުރުން މީހުންގެ ދޫތަކުން އިވުނު އޭނަގެ ހިތަށް ދަތިކުރުވި އެތައް ބަސްތަކަކަށް ރައްދުދިނެވެ. އެހިނދު އެތާތިބި ގިނަ މީހުންގެ މޫނުމަތިން އެމީހުންގެ ހިތްތަކަށް ވެސް އަސަރު ކުރި ފަދަ ކުލަވަރުތައް ފާޅުވާން ފެށިއެވެ. ބައްޕަ ދެއްކި ވާހަކަތަކުން މުޙްސިންގެ މޫނުމައްޗަށް ވެސް އެފަދަ ކުލަވަރުތައް ވެރިވިއެވެ. އެހެނަސް ހަމަ އެ ހިނދު ނުތަނަވަސްކަމެއްގެ ތެރޭގައި ހުރި ޝަހާނީ އޭނައަށް ބަލަން ހުރެފައި ކުއްލިއަކަށް ފޯނު ނަގައި މީހަކަށް ގުޅަން ފެށުމުން މުޙްސިންގެ ހިތުގައި ބިރުވެރިކަމުގެ ރާޅު ބާންޏެއް ނެގިއެވެ. އޭނަ ކޮންމެ ގޮތެއް ހަދާފައިވެސް އެވަގުތު އޭނަގެ ޝަޚްޞިއްޔަތު ފޮރުވަންޖެހޭކަން އޭނައަށް އެނގުންވިއެވެ. ނަމަވެސް އެހެން ހަދައިފިނަމަ ބައްޕައަށް ދެންމެ އެ ލިބުނު އުފާވެރިކަން މުޅިން ފުނޑުފުނޑުވެގެން ދާނެކަން އެނގުންވުމުން މުޙްސިންގެ ހިތުގައި ހައިޖާނެއް އުފެދުނެވެ. ހަދާނެ ގޮތެއް ޔަޤީންނުވެފައި މުޙްސިނަށް އިސްޖަހައިގެން ހުރެ ދެފަރާތަށް ދެފަރާތަށް ކަޅި ހިންގެމުން ދިޔައެވެ. އެ ހިނދު މިރްޒާން އަނެއްކާވެސް އިތުރު މީހުންނަށް މުޙްސިން ދެއްކުމަށްޓަކައި ހިނގާށޭ ބުނެ މުޙްސިންގެ އަތަށް ދަމާލިއެވެ. އެހެނަސް މިފަހަރު ހިތުގައި އުތުރިއަރަން ފެށި ޖަޒުބާތުތަކެއްގެ ސަބަބުން މުޙްސިން ކުރިއަކަށް ނުދިޔައެވެ. މިރްޒާން ޙައިރާންވެފައިހުރެ ފަހަތް ބަލާލިއެވެ.
“ކިހިނެއްވީ މުޙްސިން؟ ބަލިވީތަ؟” މިރްޒާނަށް އަހާލެވުނެވެ. އެ ހިނދު މުޙްސިން މިރްޒާނަށް ބަލަން ހުރެ އޭނަގެ ޖަޒުބާތުތައް އަމިއްލަ ބާރުގެ ދަށަށް ގެންނަން މަސައްކަތް ކުރަމުން ފުން ނޭވައެއް އެތެރެއަށްލިއެވެ.
“ކޮން މުޙްސިންއެއް؟” އަމިއްލަ ހިތާއި ދެކޮޅަށް މުޙްސިން ކޮށްލި އެ ސުވާލާއެކީ މުޅި ތަނަށް މަރު ހިމޭންކަމެއް ވެރިވިއެވެ. ދުރުގައި ހުރި ޝަހާނީ އޭނަގެ ފޯނުން ނަޒަރު ވަކިކޮށް ޙައިރާންކަމާއެކީ އެދިމާލަށް ބަލާލި ވަގުތު މިރްޒާނަށް ލިބިގެން ދިޔަ ޝޮކާއެކީ އޭނަގެ ހިނިތުންވުން ފިލައިދިޔައެވެ. ހިތަށް ވެރިވި ޖަޒުބާތުތައް އަނެއްކާވެސް އޭނަގެ ހިތުގައިވި ޒަޚަމްތަކަށް ދިލަކަން ވެރިވާން އުޅުނު ވަގުތު މިރްޒާނަށް ވާހަކަ ދެކެވުނެވެ.
“ތިއީއެއްނު މުޙްސިން؟ ދަރިފުޅުގެ މަންމައަށް ކިޔަނީ އަމްނާއެއްނު؟ އަމްނާއަކީ މި ބޭބެގެ އަންހެނުންނޭ. ދަރިފުޅުގެ މަންމައަށާއި ބައްޕައަށް ލިބުނީ ހަމައެކަނި ދަރިފުޅޭ.” މިރްޒާން މުޙްސިންގެ އަތުން ދޫކޮށް އަނެއްކާވެސް މުޙްސިންގެ މޫނުގައި ހިފަހައްޓާލަމުން ކިޔައިދެވޭތޯ އުޅުނެވެ. އެހެނަސް މުޙްސިން ދެންވެސް ފަހަތަށް ޖެހި އޭނަގެ އަތާއި ދުރުވެލުމުން ފެންކަޅިވެފައިހުރި މިރްޒާންގެ މޫނުމަތިން ހިތާމަވެރިކަމާއި ބިރުވެރިކަން އެކުލެވިފައިވި އަސަރެއް ފެނިގެން ދިޔައެވެ. އޭނަ ބިރުގަތީ އޭނައަށް މި ލިބެން އުޅޭ ހިތާމައަށް އޭނައަށް ކެތްނުކުރެވޭނެހެން ހީވީތީވެ ފަދައެވެ. އެފަދަ އިންޒާރެއް ސިކުނޑި ދިނުމުން މިރްޒާން ދެންވެސް ވާހަކަ ދައްކަން އުޅުނު ވަގުތު ނުރުހުންތެރިކަން މޫނުމައްޗަށް ވެރިކުރުވި މުޙްސިން ވާހަކަ ދެއްކިއެވެ.
“އަހަންނަށް ކިޔަނީ ހަސަން! އަހަރެންގެ މަންމައާއި ބައްޕައެއް ނުތިބޭ މިހާރަކު އަހަންނާއެކީ. އަހަރެން އުޅެނީ އެކަނި. ވަކި ބޭނުމެއްވެސް ނޫން އެމީހުން ހޯދާކަށް!” މުޙްސިން ހިސާބެއްގެ ހަރުއަޑުން ރުޅިވެރިކަން އެކުލެވިފައިވި ގޮތަކަށް އެތާތިބި އެންމެންނަށް އިވޭވަރަށް އަންގާލިއެވެ. އެއާއެކު އެ އެންމެންގެ ދެލޯ ބޮޑުވެ ބައެއްމީހުން އަނގަމަތީގައި އަތްއެޅިއިރު ޝަހާނީ އޮޅުމެއް އެރި ފަދައަކުން ވިސްނުމެއްގެ ތެރެއަށް ގެއްލުނު މަންޒަރު މުޙްސިނަށް އެއްލި ކަޅިއަކުން ފެނުނެވެ. އެ މަންޒަރު ފެނިފައި މުޙްސިންގެ ހިތަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނެވެ. އެހެނަސް ދެވަނަ ސިކުންތުގައި އޭނަގެ ކުރިމަތީގައި ހުއްޓުން އަރާފައި ހުރި އޭނަގެ ބައްޕަ ފެނިފައި އޭނަގެ ހިތް ހުއްޓުމަކަށްއައެވެ. ބައްޕަ އެ ހުރިގޮތަށް ހުއްޓާ ބައްޕަގެ ލޮލުން ކަރުނައެއް ފައިބައިގެން އައި މަންޒަރު ފެނިފައި މުޙްސިން އޭނަގެ ލޮލަށް ޖަމާވާންފެށި ކަރުނަތައް ހިފަހައްޓަން ވަރަށް މަސައްކަތް ކުރަން ޖެހުނެވެ. މުޙްސިން ބަލަބަލާ ހުއްޓާ ހިތް ދުވަހަކުވެސް ހަލާކުނުވާވަރަށް ހަލާކުވި މިރްޒާން މަޑުމަޑުން ބޯޖަހާލީ އެނގިއްޖެއޭ ބުނާ ފަދައަކުންނެވެ. އެއަށްފަހު އޭނަގެ މެއަށާއި އެހެން ފަހަރުތަކާއި ޚިލާފަށް ކޮނޑާއި ދިމާލަށް ވެސް ފެތުރެން ފެށި ތަދާއެކީ މިރްޒާން ލަސް ފިޔަވަޅުތަކެއްގައި މުޙްސިނަށް ފަސްދީފައި އަނެއްކާވެސް އޭނަގެ ކެބިންއާއި ދިމާލަށް މިޞްރާބުޖެހިއެވެ. އެ ހިނދު އެތާތިބި އެންމެންހެން މިރްޒާނަށް ޙަމްދަރުދީގެ ނަޒަރަކުން ބަލަން ތިއްބެވެ. މިރްޒާން ކެބިންގެ ދޮރާއި ހަމަވީ ވަގުތު އެތާ ކައިރީގައި ހުރި އާތިފް ވެސް ދެރަ މޫނަކާއެކީ މިރްޒާނަށް ގޮވާލާނެހާ ހިތްވަރެއްވެސް ނެތި އޭނަގެ އެކުވެރިޔާއަށް ބަލަން ހުއްޓެވެ. އެންމެން ތިބި ގޮތަށް ތިއްބާ މިރްޒާން ކެބިންގެ ދޮރު ހުޅުވާލި ވަގުތު ކުއްލިއަކަށް އޭނަ މާ ބޮޑަށް ތަދުވެގެން އުޅޭ ފަދައަކުން މޭމަތީގައި އެއްއަތް އަޅާލިއެވެ. އޭނަގެ އަނގައިން ނުކުތް ވޭނީ އާހުގެ އަޑާއެކީ އޭނަ އަރިއަޅާލަން އުޅުނު ހިނދު މަންޒަރު ފެނުނު އާތިފް ހަރުއަޑުން މިއްޒޭއޭ ކިޔައި ގޮވާލި އަޑު މުޅި އެތާނގައި ގުގުމާލިއެވެ. އެއާއެކު ބައްޕައަށް ނުބަލަން ހުރި މުޙްސިނަށް ވެސް އެދިމާލަށް ބަލާލެވުނީ ކުއްލިއަކަށެވެ. އެހިނދު މިރްޒާންގެ ކައިރިއަށް ޖެހިލި އާތިފަށް އޭނަ ގައިގައި ނުހިފެހެއްޓެނީސް ކެބިންގެ ދޮރަށް ލެނގިގެން ގޮސް ދޮރު ހުޅުވި، މިރްޒާން ކެބިންގެ ތެރެއަށް ވެއްޓުނެވެ. މަންޒަރު ފެނުނު މުޙްސިންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އިސާހިތަކު އޭނައަށް ބައްޕާއޭ ކިޔައި ގޮވާލެވެން އުޅުނެވެ. އެހެނަސް އޭނަގެ އަނގައިން ވައި އަޑުން ނިކުތީ ހަމައެކަނި އެ ބަހުގެ ފުރަތަމަ އަކުރެވެ. އޭގެ ދެވަނަ ސިކުންތުގައި އާތިފް މިއްޒޭއޭ ކިޔައި މިރްޒާންގެ ކައިރިއަށް ގޮސް ތިރިވެލަމުން އެމްބިއުލާންސަކަށް ގުޅާލުމަށްބުނެ ހަޅޭއްލެވިއެވެ. އެއާއެކު ހަމަހޭވެރިކަމެއް ލިބިގެން ދިޔަ މުޙްސިން ވަގުތުން އެކަން ކުރިއެވެ. އޭގެ އިރުކޮޅެއްގެ ތެރޭގައި އޮފީސް ޢިމާރާތާއި ގާތްކުރި އެމްބިއުލާންސަށް މިރްޒާން އެރުވުނެވެ. މިރްޒާނާއެކީ އެމްބިއުލާންސަށް އެރީ އާތިފެވެ. އެ މަންޒަރު ބަލަން އެންމެ ގާތުގައި ހުރި މުޙްސިން ވެސް ހޭނެތިފައި އޮތް ބައްޕަ ލޯމައްޗަށް ގެއްލުނު ވަގުތު އެއަށް ނުހަނު އަރަން ބޭނުންވިއެވެ. އެހެނަސް އެމްބިއުލާންސްގެ ދޮރު ލެއްޕި އޭތި ދުއްވާލި ވަގުތުވެސް ރަތްވެފައިވާ ދެލޮލާއެކީ އެއަށް ބަލަހައްޓައިގެން ހުރުން ނޫންކަމެއް މުޙްސިނަކަށް ނުކުރެވުނެވެ. އެމްބިއުލާންސް ވެސް އޭނަގެ ލޯމައްޗަށް ގެއްލުނު ވަގުތު މުޙްސިން ޓެކްސީއެއް ހިފައި އެމްބިއުލާންސްގެ ފަހަތުން ދިޔުމަށް އަވަސްވިއެވެ.
**
“ހެލޯ އާޝިޔާ….އަހަންނަށް ހިއެއްނުވޭ އެ ކުއްޖާއަކީ މުޙްސިން ހެންނެއް.” އޮފީހުގެ ހުރިހާ ކަމެއް ހަމައަކަށް އެޅިގެން ދިޔަ ވަގުތު ޝަހާނީ އޭނަގެ ކެބިންގެ ސޯފާގައި ހިސާބެއްގެ ހާސްކަމެއްގެ ތެރޭގައި އިނދެ ބުނެލިއެވެ.
“ކީކޭ؟ ވަރަށް ހިއެއްނުވޭ އިނގޭ. އަހަންނަށް މި ޚަބަރު ދިން މީހަކު ބުނި އެކުއްޖާ މިރްޒާންއާ ވަރަށް ވައްތަރޭ ވެސް.” އާޝިޔާ އެކޮޅުން ބުންޏެވެ.
“އާނއެކޭ! މާ ބޮޑަށް ވެސް ވައްތަރު. އެކަމަކު މިއަދު ވީ އެއްޗަކުން މިހިރީ ބުނާނެ އެއްޗެއް ނޭނގިފަ. މިރްޒާން ތިއީ މުޙްސިން ދޯ އޭ ކިޔާފަ ވާހަކަ ދައްކަން ފެށީމަ އެކުއްޖާ ހަޅޭއްލަވާފަ އެކަމަށް އިންކާރު ކުރީ.” ޝަހާނީ ކިޔައިދިނެވެ.
“އެހެންތަ؟” އާޝިޔާގެ އަޑުގައި ވެސް ޙައިރާންކަމެއް އެކުލެވިގެންދިޔައެވެ.
“އާނ…ވަރަށް ހިއެއްނުވޭ އެއީ އެކުއްޖާހެން. އެހެންވީމަ އަހަރުމެން ހާސްވާންވީ ސަބަބެއް ނެތް.” ޝަހާނީ އެހެން ބުނެލީ ހިސާބެއްގެ ހަމަޖެހުމެއް ލިބުނު ފަދައަކުންނެވެ. އެއާއެކު އެކޮޅުން އާޝިޔާވެސް ފުން ނޭވައެއް ދޫކޮށްލި އަޑުއިވުނެވެ.
“ލެޓްސް ހޯޕް ދޯ؟ ދެރަކަމަކީ އަހަންނަށް ވެސް އަދި ސޫންއަށް ވެސް އެކުއްޖާ ހުންނަ ގޮތެއް ނޭނގޭ ކަން. ސޫންއަށް ވެސް އެކުއްޖާ ފެނިފަ ހުރީ 5 އަހަރުގަ ވިއްޔާ….އެންމެ ދަތްވިކެނީ އެ އަންހެނާއަށް އަހަރުމެންގެ އަތްދަށުން ސަލާމަތް ވެވުނީމަ! އަންނަ ރުޅިއެއްގަ ހިތަށްއަރާ ފަޅިފަޅި ކޮށްފަ ވަލު ޖަނަވާރަކަށް ކާންދީފާނަމޭ!!!” އެކޮޅުން އިވުނީ އާޝިޔާގެ ރުޅިވެރިކަމުން ފުރިފައިވި އަޑެވެ.
“ހާސްނުވޭ އާޝިޔާ. އަދި އަހަރުމެންގެ ދުވަސްވެސް އަންނާނެ.” ޝަހާނީ މަޑުމައިތިރި އަޑަކުން އެހެން ބުނެލިއިރު އެ މޫނުމަތިން އޭނަވީ ވަރުގަދަ ޢަޒުމެއްގައިކަން އެނގެއެވެ. ފޯނުގެ އަނެއްކޮޅުގައި ހުރި އާޝިޔާ އެ ބަސްތަކުން ސާބިތުކަން ހޯދަމުން ހޫންލައްވާލި އަޑު އިވުނެވެ.
**
އެދުވަހުގެ ރޭގަނޑުވާން ގާތްވަމުން ދިޔަ ވަގުތު ހޮސްޕިޓަލުގައި އޮތް މިރްޒާންގެ ޙާލަތު ރަނގަޅުވާން ފަށާފައިވިއެވެ. ހޮސްޕިޓަލަށް ގެންދެވުމާއެކު އޭނަ ވައްދާލެވުނީ އެމަޖެންސީ ރޫމަށެވެ. ވަގުތުން އީސީޖީއާއެކީ އެހެނިހެން ޓެސްޓްތައް ހެދި އޭނައަށް ފަރުވާކުރެވެން ފެށިއެވެ. ފަރުވާގެ ތެރެއިން އައިވީއެއް އެޅެން ފެށިތާ މާ ގިނައިރެއްނުވެ މިރްޒާންގެ ވިންދުތައް ރަނގަޅުވާން ފެށުމުން އޭނަ ވޯޑަކަށް ބަދަލުކުރަން ހުއްދަދެވުނެވެ. މިރްޒާންގެ އެހީތެރިއެއްގެ ގޮތުގައި އައިސްފައިހުރީ އާތިފް ކަމަށްވިޔަސް އާތިފަށް ވެސް ނިވާވެގެން ހުރެ މުޙްސިން ދުރުދުރުން ހުރިހާ މަންޒަރެއް ބަލަމުން ދިޔައެވެ. އެހެންކަމުން މިރްޒާން ވޯޑަށް ބަދަލުކުރުމުގެ ހުއްދަދެމުން ޑޮކްޓަރު އާތިފާއި ދެއްކި ވާހަކަތައް ވެސް އޭނައަށް އިވުނެވެ.
“އިރުކޮޅަކުން ހޭއަރާނެ ކަމަށް ލަފާކުރެވެނީ. ހުރިހާ ކަމެއްވެސް ރަނގަޅުވާނެހެން ހީވަނީ. އެކަމަކު ޕޭޝަންޓް ސްޓްރެސް ފްރީކޮށް އުޅުން މުހިއްމު. މި ހާޓް އެޓޭކަށް މެދުވެރިވެފައި މިވަނީ ޕޭޝަންޓަށް ދިމާވި ހިތާމަވެރި ޙާދިސާއަކުންކަމަށް ޤަބޫލުކުރެވޭ ތި ކިޔައިދީފައިވި ވާހަކަތަކުން. އެ ހިތާމަވެރިކަމުގެ މަތިން ހަނދާން ނައްތާލަން މިވަގުތަށް ޕޭޝަންޓަށް އެހީތެރިވުން މުހިއްމު. ރެކޮމެންޑް ކުރާނީ ކައުންސެލަރަކާވެސް އެޕޮއިންޓްމެންޓެއް ހަދާލުން.” އެ ދިވެހި ޑޮކްޓަރު އާތިފަށް ލަފާ ދިން އަޑު މުޙްސިނަށް އިވުނެވެ. އެ ހިނދު އެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ރޮމުން ގޮސް ވަރުބަލިވެފައިވި ކުލަވަރެކެވެ. ހަމައެކަނި އޭނަ ބުނި ބަސްތަކެއްގެ ސަބަބުން ބައްޕައަށް ދިމާވެފައިވި ޙާލު ހިތަށް ގެނެވޭ ކޮންމެ ފަހަރަކު މުޙްސިންގެ ލޮލުން ކަރުނަ ހިލެމުން ދިޔައެވެ. ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި ޓެކްސީ ތެރޭގައި އިނދެވެސް އޭނައަށް ރޮވުނެވެ. ބައްޕަ އެނދަކަށް އަރުވައި ބާރު މިނެއްގައި އެމަޖެންސީ ރޫމަށް ވައްދާލެވުނު ވަގުތު އޭނަގެ ހިތަށް ބިރުވެރިކަމެއް ވެރިވެފައިވިއެވެ. އޭނަ މުޅި ދުވަސް ހޭދަކޮށްލީ ރޮއިރޮއިފައި ބައްޕައަށްޓަކައި ދުޢާކުރުމުގައެވެ. ބައްޕައަށް އެހެންވުމުން އޭނައަށް އެދުވަހު އެއްވެސް އެއްޗެއް ކެވޭ ގޮތެއްވެސް ނުވިއެވެ. އެހެނަސް ދެންމެ ޑޮކްޓަރު ދެއްކި ވާހަކަތަކުން އޭނަގެ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބުނެވެ. ބައްޕަ ހޭ އެރުމުން ވެސް އޭނަ ދެކެން ބޭނުންވާނެތާއޭ ހިތަށްއެރި ވަގުތު މުޙްސިން ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. އޭނަ އިރުކޮޅެއް ވަންދެން ހުރިގޮތަށް ހުރެފައި އެމަޖެންސީ ރޫމުގައި ހުރި އެނދެއްގައި ދެލޯ މެރިފައި އޮތް މިރްޒާނަށް ބަލާލަމުން އެތަނުން ދާން ހިނގައިގަތީ ކަމެއް ރާވަމުންކަން އެމޫނަށް ބަލާލި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ.
**
އެރޭގެ 8:30 ވާން އުޅުނު ވަގުތު އާތިފް އިނީ މިރްޒާން ބޭއްވިފައި އޮތް ޕްރައިވޭޓް ރޫމުގެ އެހީތެރިޔާ ހުންނަ ގޮނޑީގައެވެ. މިރްޒާން ދޭތެރެދޭތެރެއިން ހޭއެރިއެއްކަމަކު އޭނަ ލުއި އާހުތަކުގެ އަޑާއެކީ ޤަޞްދުގައި ދެލޯ މަރަމުން ދިޔައެވެ. އޭނަ ދެން ދެލޯ ހުޅުވަން ބޭނުންނުވި ފަދައެވެ. އޭނަގެ މޭގައި އުފެދިފައިވި ރިހުން އޭނައަށް ބަރުދާސްތުކުރެވޭ ވަރަށްވުރެ ބޮޑުވެފައިވި ފަދައެވެ. ޑޮކްޓަރުން އެކަމަށްޓަކައި ވެސް މިރްޒާނަށްޓަކައި އިތުރު ބޭހެއް ލިޔުނެވެ. އެހެނަސް އެއަށްވުރެ ވެސް ބޮޑަށް މިރްޒާނަށް ބޭނުންވަނީ އޭނަގެ ހިތުގެ ހަމަޖެހުންކަން ޑޮކްޓަރުން ބުނަމުން ދިޔަ ގޮތުން އާތިފް އޭނަގެ އެކުވެރިޔާއަށްޓަކައި އިހުނަށްވުރެ ދެރަވިއެވެ. އޭނައަށް ވެވޭނެނަމަ އޭނަ މިރްޒާން އުފާވާނެ ގޮތަށް ކަންތައް ކޮށްދިނީހެވެ. އެހެނަސް އެއީ އޭނަގެ ބާރުގެ ދަށުގައިވާ ކަމެއްނޫންކަން އެނގުންވާ ކޮންމެ ފަހަރަކު އާތިފަށް ފުން ނޭވައެއް ދޫކޮށްލެވެއެވެ.
އާތިފް މިރްޒާންގެ ކައިރީގައި އިނދެފައި އެރޭ ގެއަށްދާން ޖެހުނީ ލަސްވެގެން އޭނަގެ އަންހެނުން ގުޅަން ފެށުމުންނެވެ. އާތިފް މިރްޒާންގެ ވޯޑުން ގެއަށް އިރުކޮޅަކަށް ގޮސް އަނެއްކާވެސް އަނބުރާ އައުމަށް ނިންމަމުންނެވެ. އާތިފް އެ ވޯޑުން ނިކުމެގެން ދިޔަތާ މާގިނައިރެއްނުވެ އެހެން މީހަކު އެ ވޯޑަށް ވަނެވެ.
**
ނިމުމެއްނެތް ވޭނެއްގެ ތެރޭގައި އޮތް މިރްޒާނަށް އަނެއްކާވެސް ހޭލެވޭ ގޮތްވީ އާތިފް ދިޔަތާ ބައިގަޑިއެއްހާއިރު ފަހުންނެވެ. ތަގުޅިވެގެން ދިޔަ ދެލޯ ހުޅުވާލެވުމާއެކު ބޮކީގެ ގަދަ އަލީގެ ސަބަބުން އޭނައަށް ދެލޯ ހަނިކޮށްލެވުނެވެ. އެވަގުތުވެސް އޭނަގެ މޭގައިވި ރިހުން ނުފިލާ ގޮތެއްގައި އޭނައަށް އިޙްސާސް ކުރެވެމުން ދިޔައެވެ. އޭނަގެ މޭގައި ރިހެނީ ކީއްވެކަން ހަނދާންވުމުން އެ ރިހުން އިތުރަށް ތޫނުވުން ނޫންކަމެއް ނުވިއެވެ. ހާސްވަނަ ފަހަރަށް އެއް ހިތާމައެއްގެ ސަބަބުން އޭނަގެ ލޮލުން ކަރުނަ ހިލުނު ވަގުތު އޭނަގެ އައިވީ ގުޅާލެވިފައިވި އަތްނޫން އަނެއްއަތުގެ ދަށުގައި ފޮތިކޮޅެއް ކަހަލަ އެއްޗެއް ބޭއްވިފައި އޮތްހެން އޭނައަށް ހީވިއެވެ. މިރްޒާން އޭގައި ރަނގަޅަށް ހިފައި ނަގާލިތަނާހެން އޭނަގެ އަތް ފިނިވެގެން ދިޔައެވެ. އެއީ މުޙްސިން ޅަ ފުރައިގައި ލައިއުޅުނު ނޫ ކުލައިގެ ޓީޝާޓް ނޫން އެހެން އެއްޗެއް ނޫނެވެ. އެ ޓީޝާޓަކީ އޭނަ މުޙްސިން އެންމެ ފަހު ފަހަރަށް އަތްމައްޗަށް ނެގި ދުވަހު ލައިގެން އޮތް ޓީޝާޓްކަން އެނގުންވުމުން ހިތަށް ވެރިވި ނުތަނަވަސްކަމާއެކީ މިރްޒާނަށް ފުންމައިގެން ތެދުވެ އެނދުގައި އިށީނދެވުނެވެ. އޭނަ ދެލޯ ބޮޑުވެފައި އިނދެ ބާރަށް ތެޅެމުން ދިޔަ ހިތަކާއެކީ އެ ޓީޝާޓަށް ބަލަން އިންދާ އެއްލިކަޅިއަކުން ޓީޝާޓް ބޭއްވިފައި އޮތް ދިމާލުން ފޮޓޯއެއްވެސް ފެނުނެވެ. މިރްޒާން މުޙްސިންގެ ޓީޝާޓް އެއްއަތަށް ލައި އެ ފޮޓޯގަނޑު އަނެއްއަތުން ނެގީ ރަތްވާން ފެށި ދެލޮލާއެކީގައެވެ. އެ ފޮޓޯގައި އޭނައާއި އަމްނާ މުޙްސިނާއެކީ ނުހަނު އުފާވެރިކަމާއެކީ ވިނަގަނޑެއްގެ މަތީގައި ތިބިތަން ފެނިފައި މިރްޒާންގެ ލޯ ކަރުނުން ފުސްވިއެވެ. އެ ހިނދު އޭނަގެ ހިތް މާ ބޮޑަށް ދެރަނުވީ އެ ހިތަށް ވެރިވެފައިވި ޙައިރާންކަމެއްގެ ސަބަބުންނެވެ. މި އެއްޗެހިތައް އޭނައާއި ހިސާބަށް ގެންނާނީ ކާކުތޯ ހިތަށްއެރި ވަގުތު އޭނައަށް ވޯޑުގެ އެއްފަރާތުން މީހެއްގެ އަޑު އިވުނެވެ.
“ބައްޕާ!” އިވުނު ބަހަކުން މިރްޒާންގެ ނޭވާ ހުއްޓި ހިތުގެ ތެޅުމަށްވެސް މެދުކެނޑުމެއް އައިހެން އޭނައަށް ހީވިއެވެ. މޭތެރޭގައިވި ރިހުން އިސާހިތަކު ނެތިގެން ދިޔަ ހިނދު އޭނަގެ އަނގައިން ކުރު އާހެއް ނިކުތެވެ. އޭގެ ދެވަނަ ސިކުންތުގައި ތުންފަތްމައްޗަށް ވެރިވި ހިނިތުންވުމާއެކީ އޭނައަށް އަޑު އައި ދިމާލަށް ބަލާލެވުނީ އުފާވެރިކަމުގެ ކަރުނަތަކުން ފުރެން ފެށި ދެލޮލާއި އެކީގައެވެ. އެ ހިނދު ވޯޑުގައި ހުރި ސޯފާގެ ކައިރީގައި ހަމަ އެފަދަ ޙާލެއްގައި ހުރި މުޙްސިން މިރްޒާނަށް ފެނުނެވެ. ނޭނގޭ ސަބަބަކާހުރެ މުޙްސިން އޮފީހުގައި އޭނައާއި ދިމާލަށް ދެއްކި ހުރިހާ ވާހަކައެއް އޭނަގެ ހަނދާނުން ފިލައިދިޔައެވެ. އެއީ ހަމަ އޭނަގެ ދަރިފުޅޭ ހިތް ބުނި ހިނދު އޭނައަށް ހީލެވުނީ ހިތަށް ވެރިވި އުފާވެރިކަމެއްގެ ސަބަބުންނެވެ. އެ ހީލި ވަގުތު ލޮލުން ފޭބި ކަރުނަތައް ފޮހެމުން މިރްޒާން ދަރިފުޅޭ ކިޔައި މުޙްސިނާއި ދިމާލަށް ދެއަތް ދިއްކޮށްލީ އިތުރު އެއްޗެކޭ ބުނަން ވެސް އޭނަ ނުކުޅެދުމުންނެވެ. އެ މަންޒަރު ފެނިފައި ކޯތާފަތް ތެމިގެން ދިޔަ މުޙްސިނަށް ގިސްލެވުނު ތަނާހެން އޭނަ ދިގު ފިޔަވަޅުތަކެއްގައި ގޮސް އޭނަގެ ބައްޕަގެ ގައިގައި ބާރަށް ބައްދާލިއެވެ. އެއާއެކު ދެބަފައިންނަށް އެކުއެކީގައި ގިސްލެވެން ފެށިއެވެ. އެތައް ޒަމާނެއް ވަންދެން އެ ހިތްތަކުގައި އަޅަމުން ދިޔަ ވޭންތަކުގެ ދިލަކަން ކަރުނަތަކެއްގެ ސިފައިގައި ނެތިދާން ފެށިފަދައެވެ. ހަމަ އެ ވަގުތުކޮޅުން ފެށިގެން ވެސް އެ ހިތްތަކަށް ލިބިފައިވި ޒަޚަމްތަކަށް ރާހަތެއް ލިބެން ފެށިކަން ޔަޤީނެވެ. އެ ވަގުތުކޮޅުގައި އޭނައަށް ވާހަކަ ނުދެކެވޭނެހެން ހީވި މުޙްސިނަށް ވާހަކަ ދެކެވުނީ އެހެންވެއެވެ.
“އަ…އައި އެމް ސޮރީ ބައް…ޕާ. އަހަންނަށް މަޢާފުކޮށްލަދީ. ބައްޕަ މިއަދު ތިހާ ބޮޑަށް ބަލިވީ އަ…ހަންނާ ހެދި. އެކަމަކު ބައްޕަ ދެން ދެރަނުވައްޗޭ. އަހަރެން މީ ބައްޕަ އެތައް އަހަރެއް ވަންދެން އިންތިޒާރުކުރި ދަރިފުޅު. ބައްޕަ ބުނިހެން ﷲ އަކީ ހަމަ ޔަޤީނުންވެސް ދުޢާތައް އިޖާބަކުރައްވާ ރަސްކަލާނގެ…” މުޙްސިން އޭނަގެ ގިސްލުމުގެ ތެރެއިން ދެއްކި ވާހަކައިން ދެމީހުންނަށް ވެސް އިތުރަށް ގިސްލެވުން ނޫންކަމެއް ނުވިއެވެ. އޭގެ އިރުކޮޅެއްފަހުން މުޙްސިން ދެންވެސް ވާހަކަ ދެއްކިއެވެ.
“އަހަރެން ބައްޕައަށް ދޮގު ހެދިކަމަށްޓަކައި އަހަންނަށް މަޢާފުކޮށްދީ ބައްޕާ. އެކަމަށްޓަކައި ބައްޕަ ބޭނުން ކޮންމެ އަދަބެއް ދިނަސް އަހަރެން ޤަބޫލުކުރާނަން.” މުޙްސިން މިރްޒާންގެ ކޮނޑުގައި ބޯއަޅައިގެން އޮވެ ބުންޏެވެ. މުޙްސިންގެ އެ ވާހަކައާއެކީ މިރްޒާން ވަގުތުން އޭނަގެ ރުއިން ހުއްޓަމުން މުޙްސިންގެ ކޮނޑުގައި ހިފައި އޭނައާއި ދުރުކޮށްލަމުން މުޙްސިންގެ މޫނަށް ބަލާލިއެވެ.
“ބައްޕަ މިއަދު ދަރިފުޅަށް ދޭނީ ކޮން އަދަބެއްތަ؟ ހަމަ އެއްގޮތަކަށް ވެސް ނުވިސްނޭ….އެކަމަކު ވަރަށް ދެރަވެފަ މި ހުރީ ވެސް މި ހުރިހާ ދުވަހު ދަރިފުޅު ބައްޕައަށް ޙަޤީޤަތް ފޮރުވީތީ. ކީއްވެ އެހެން ހެދީ ދަރިފުޅު؟” މިރްޒާން ކަރުނަތަކުގެ ތެރެއިން ޝަކުވާގެ ރާގަކަށް ސުވާލުކުރިއެވެ.
“ޙަޤީޤަތް ފޮރުވަން ޖެހުނު ބައިވަރު ސަބަބުތައް އެބަހުރި ބައްޕާ. އޭގެތެރެއިން ގިނަ ވާހަކަތަކަކީ މިވަގުތު އަހަންނަށް ބައްޕައާއި ޙިއްސާ ނުކުރެވޭނެ ވާހަކަތައް. އެކަމަކު ބައްޕައަށް އެންމެ ފުރަތަމަ ޙަޤީޤަތް ފޮރުވި ސަބަބަކަށްވީ މަންމަ އަހަރެން ކައިރީގަ ދައްކާފަ ހުރި ވާހަކަތައް. މަންމަ ވާހަކަ ދެއްކި ގޮތުން އަހަންނަށް ހީވީ ބައްޕައަކީ ވަރަށް އަނިޔާވެރި މީހެއްހެން. ޢާއިލާ ނިކަމެތިކަމުގެ ތެރެއަށް އެއްލާލާފަ އަޅާލުމެއްނެތި އުޅޭ މީހެއްހެން. އެކަމަކު އެންމެ ފަހުން ބައްޕައާއި ދިމާވީމަ މި އެނގުނީ އެއީ ކިހާ ބޮޑު ކުށްހީއެއްކަން. ހިއެއްނުކުރަން ބައްޕަ އަހަރެން ނެތިގެން އެހާ ބޮޑު ހިތާމައެއްގަ އުޅޭނެކަމަށް…” މުޙްސިން މިރްޒާންގެ ކައިރީގައި އެނދުމަތީގައި އިށީނދެ ދެރަވެފައި އިނދެ ކިޔައިދިނެވެ. މުޙްސިން ބުނެލި ފަހު ޖުމްލައިން މިރްޒާންގެ ހިތަށް ތަދުވިއެއްކަމަކު އެވަގުތު އޭނަގެ ހިތަށް ސަވާރުވެގެން ދިޔައީ އެންމެ ސުވާލެކެވެ.
“މަންމަ ކޮބާ؟” މިރްޒާނަށް ފިނިވެގެން ދިޔަ ހިތަކާއެކީ އަވަސްއަވަހަށް އަހާލެވުނެވެ.
ނުނިމޭ
18 Comments!
Comments are closed.
Assalaam’alaikum. next part sunday ga In Sha Allah. mi bai kuree bayahvure dhigu vaane. ekamaku haqeeqathuga adhives jana genesdheyn beynunvi hisaabakah noon genesdhevifa miothy. ekamaku dhen feshigen dhaany vaahakaige mulhin aa baabeh anehhen bunanya. mulhin ehen sifathah hunnaany e baabuga. ehenveema eythi vakin fashanvegen.
In Sha Allah jana maadhamaa vaahaka nugenesdhinas komme hafthaa egge hukuru dhuvahu arabi filaavalhuthah kuriah gendhaanan. Arabi kiyavaa kiyuntherin ehen noony foohi vedhaane dho? hehe…ehenveema maadhama Arabi filaavalhu onnaane. adhi mi bayaai gulhey post ves mirey genesdheynan In Sha Allah 🙂
Masha Allah. V furihama.
Alhamdhulillah! (All praise and thanks belong to Allah) 🙂 <3
V intersting
Alhamdhulillah! 🙂
Wow me first
Yal third mifaharu. not bad ingey? congrats! 😀
Noo.. god.. I’m crying.. Masha Allah vvvvvvv furihama ❤️ alhe haadha curious eyy dhn.. aneh part avahah genes dhehche plxx☹️☹️☹️
Thitha jana ahves rovuney mi bai liyunuiru. naseebeh jana ekani thaneggai hure vaahaka liyaakan. ehen noony laptopaai dhemeehun massala jehigen rony kamah kanneynge meehun heekuraany ves *facepalm* weird life of a writer. hehe 😀 Alhamdhulillah! next part sundayga genesdheven othy In Sha Allah 🙂 e noon gothakah buneven neh jana kuran huri masakkaiy thakah balaafa. kudakoh luivee dhuvahakun avas kohdheveytho balaanan In Sha Allah. 🙂
Oh no ? jana sis pls don’t say Amna is dead pls pls pls ???? but sis ah varah heevey dhn ehn hen vaani.. ☹️☹️ mirzaan dhn ulheyni minha aa eki dhw? ?? Ik he doesn’t like it but he will give it another chance I guess??? but e meehunnakah vx ufaluga noolheveyne eh nu with that shahaani maisoon and everyone? ??? varah fooohi veyey ??? Ekam e meehun keeh ve baa Hassan ah evarah undhagoo kurani? ?? Hassan ah engeni kanneynge e meehun Amna ah hedhi goh.. ??? but finally alhamadhulillah mirzaan got to know the truth right.. ???anyway Mi part vx hama varah reethi ingey masha Allah ???? dhn hama abadhu vx beynun kuraa words beynun Mi kurani. Hehe ???? I’m not so good at dhivehi. ??? waiting for the next part jana sis.. ??????????????❤️❤️❤️❤️❤️❤️❤️❤️ and pls don’t kill Amna IF you can help it ???
Subhaanallah Sis haadha asarun furigenvi commentekey. 😀 Amna aa beheygothun hama no comments ingey *mouth zipped* sis thi anna rulhi Maisoon mennah jana ves aadhey. adhi vakin khaassakoh Ashiya ah. Ashiya ge character adhi rangalhah engunyma thiavvure bodah sis rulhi annaane ingey. its coming soon. hehe…sis adhives thiulheny nanthah olhuvaigentha. Hassan noonennu dho mihaaru? Muhsin! 😀 dhen aneh kujjaa ahves kiyany Manha. Manha ves hury kommeves kamaku. balamaa keekkurankan. Let’s see In Sha Allah. jana ves dhivessah ehaa molheh noon. ekamaku vaahaka liyan feshifahun dhivessah loabi jehuny. adhi Arabives kiyavan feshi fahun hurihaa basthakeh dhekeves v loabivey. komme bahevves eyge zaathugai mussandhikan jana ah mi veythuve dhiya aharuthakugai ihsaas kurevigen dhiyaee. ehenveema ‘not so good’ viyas Sis ves dhivehi dhookohnulahchey. mee ves vvv salhi baheh jana men kahala meehunnah reehchah liyan adhi neyngunas. 😀
Masha allah. Mi part vx varah varah interesting. Alhey. Shifoo heekuri gothah dho mi v. Hassan akee hama mirzaan ge dharifulhu. Alhamdhulillah. Mirzaan ah mirzaan ge dharifulhu libijje. Mihaaru mi visneny dhn vaanee kihinei baa ey. Varah reethi hisaabakun thi vaahaka ninmaalee. Mihaaru varah inthizaaru kurevey mi vaahaka ah. Ekamu dhn sunday annandhen wait kuran dho jeheynee. Mee mihaaru mi site in Shifoo enme kiyaa hiy vaa vaahaka. Thanks jana sis ah. Mi vaahaka mihaa reethi koh genesdhey thy. May allah reward u. Curiously waiting 4 next part…
Alhamdhulillah! jana ves varah ufaavejje Mirzaan ah haqeeqaiy enguneema 🙂 aan dhen sunday ga engeyny dhen vaane gotheh In Sha Allah. May Allah bless you more. Ameen! <3 Much love <3 <3 <3
Blog post:
It’s one thing to say that “Allah Listens to the call” while you are calling upon Him. But it’s another, to say those same words, when the very thing you are calling for has happened right before your eyes. What we often forget is that we have to keep calling from that very first moment, to that happy ending in order for us to taste the true sweetness of that blessing. Because at the end of the day, that’s one of the ways that we get to feel the Love of the One Who Loves us the most.
#Nevergiveupondua #Selfreminder
Blog post: (Dhivehi)
ދުޢާއެއް ކުރަމުން ދާހިނދު “ﷲ އަކީ ދުޢާގެ އަޑުއައްސަވާ ރަސްކަލާނގެ’އޭ ބުނުމަކީ އެއްކަމެވެ. އެހެނަސް އެ ދުޢާ ކުރިކަމެއް ލޯ ކުރިމަތިން ޙަޤީޤަތަކަށް ވާ ހިނދު އެ ބަސްތައް ބުނުމަކީ މުޅިން އެހެން ކަމެކެވެ. އަހަރުމެން ހަނދާން ނައްތާލާ ކަމަކީ އެ ފުރަތަމަ ވަގުތު ކޮޅުން ފެށިގެން އެ އުފާވެރި ނިމުމާއި ހަމައަށް ދަންދެން ވެސް އަހަރުމެން ދުޢާ ކުރުމުގައި ދެމިތިބެން ޖެހޭކަމެވެ. އެ ލިބޭ ނިޢުމަތެއްގެ ފުރިހަމަ ފޮނި މީރުކަން އިޙްސާސް ކުރެވޭނީ އޭރުންނެވެ. އެހެނީ އަހަރުމެންދެކެ އެންމެ ބޮޑަށް ލޯބިވާ ފަރާތުގެ ލޯބި އިޙްސާސް ކުރެވޭ ގޮތްތަކުގެ ތެރެއިން އެއްގޮތަކީ އެއީއެވެ.
Assalaam’alaikum. miadhuge arabi filaavalhuge link:
https://guidancefromquran.blogspot.com/2019/01/isms-lesson-2-number.html
mi filaavalhuga jana english taawaluga mulhinves beynun koffa hunnaany english basthah. ey faseyha kurumuge gothun. ekamaku dhivehin singular plural kahala basthakah basthah nuhunnathy arabi basthah beynun koffa hunnaany. e basthakaa eky dhivehin kiyavaa kiyuntherinnah undhagoo vanya angaala dhinun edhen. ekamaku aslu e basthakaa eky kiyeveema ‘pro’ vamun dhaakan ihsaas vaany ves 😀 hehe….english in kiyavaa kiyuntherin ves beynumiyya dhivehi taawalun balaigen e basthakaa eky kiyeviyas massala eh neh In Sha Allah 🙂
Masha Allah.. Vrh reethi Avahah aneh part up kohlahvaa <3 <3
idhikolhahtha liyanii