
އައްސުލްޠާން ޙަސަން ނޫރައްދީން
އައްސުލްޠާން ޙަސަން ނޫރައްދީނުއްޘާނީ ނުވަތަ އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) އަކީ، 1886 ވަނަ އަހަރުން ފެށިގެން 1888 އަހަރާއި ހަމައަށް ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (ދެވަނަ)، ނުވަތަ ކުޑަ ބަންޑާރައިންގެ ދަރިކަލެކެވެ. މިރަދުންގެ މަންމާފުޅަކީ ދަނޑިކޮށިގޭ ޒުލައިޚާދީދީއެވެ. މިރަދުން އުފަންވެވަޑައިގެންނެވީ މީލާދީ ތާރީޚުން 1887 ވަނަ އަހަރު މާޖެހިގޭގައެވެ. އޭރު ރަސްކަމުގައި ހުންނެވީ އެރަދުންގެ ބައްޕާފުޅު އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (ދެވަނަ)، ނުވަތަ ކުޑަ ބަންޑާރައިންނެވެ.
މިރަދުންނަށް މާޖެހިގޭމަނިއްޕުޅު، އެއްގަމުގޭ މަނިއްޕުޅު ނުވަތަ ދަނޑިކޮށިގޭ މަނިއްޕުޅު މިހެންކިޔައި އުޅެއެވެ. އެއީ، ރަސްކަމަށް އިސްވެވަޑައިގެންނެވުމުގެ ކުރީންނެވެ. މިރަދުންނާއި ރާއްޖޭގައި ތިރީސްއަހަރަށްވުރެ ގިނަދުވަސްވަންދެން ރަސްކަންކުރެއްވި އައްސުލްޠާން މުޙައްމަދު ޝަމުސުއްދީނަކީ ވަރަށް ތިމާގެފުޅު ދެބޭފުޅުންނެވެ. އެހެނީ، އައްސުލްޠާން ޙަސަން ނޫރައްދީންގެ ކާފާފުޅު ޙަސަން ޢިއްޒުއްދީނަކީ ޝަމުސުއްދީން ރަދުންގެ ބޮޑުބޭބޭފުޅެވެ.
ރަސްކަންލިބި ވަޑައިގެންނެވުން
އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) ރަސްކަމަށް އިސްކުރެވުނީ އޭގެ ކުރިން ރަސްކަމުގައި ހުންނެވި ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ރަސްކަމުން ދުރުކުރުމާއި ގުޅިގެން 21 ފެބުރުއަރީ 1935 ވީ ބުރާސްފަތި ދުވަހުއެވެ. އެއީ ހިޖުރީ ތާރީޚުން 1353 ވަނަ އަހަރުގައެވެ. ރަސްކަމަށް އިސްވެވަޑައިގެންނެވި ނަމަވެސް ރަސްކަމަށްކޮލި ލެވުނީ 20 އޮގަސްޓް 1938 ގައެވެ. އެމަނިއްޕުޅުގެ ކޮލީ ނަންފުޅެއްކަމުގައި ހަމަޖެހިގެން ދިޔައީ ކުލަސުންދުރަ ކައްތިރި ބަވަނަ މަހާރަދުންނެވެ. އެއީ ހިޖުރައިން 22 ޖުމާދިލް އޫލާ 1357 ވީ ބުރާސްފަތި ދުވަހެވެ. މިރަދުންގެ ބޮޑުވަޒީރެއްކަމުގައި ހުންނެވީ ފަހުން ރަސްކަން ހުރެއްވި މުހައްމަދު ފަރީދުދީދީއެވެ.
އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) ރަސްކަމަގެ ތެރޭގައި ދެވަނަ ބޮޑު ހަނގުރާމަ ފެށުނެވެ. އެކަމުގެ ސަބަބުން ދިވެހިރާއްޖެއަށް ވަރަށް ބޮޑުތަދުމަޑުކަމަކާއި ހައިހޫނުކަމެއް ކުރިމަތިލާންޖެހުނެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ވަރަށްގިނަ ބަޔަކު ދުނިޔެ ދޫކޮށްފައިވެއެވެ. މީސްތަކުން ބަނޑަށް މަރުވެ، ބައެއް ރައްތައް މުޅިން ފަޅުވުމުގެ ބިރު ހީވާ ދަރަޖައަށް ދިޔައެވެ. ތާރީޚުގެ އެދުރުން ފާހަގަ ކުރައްވާގޮތުގައި މިކަމުގެ ތެރޭގައި ދިވެހިރާއްޖޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި ނެތިގެން ދިޔައެވެ. ޙަޤީޤަތަށް ދަންނަވާނަމަ އެހައިހޫނުކަމުން ރާއްޖޭގެ ރައްޔިތުން ސަލާމަތް ކުރުމުގެ ފުރިހަމަ ލަޔާގާތްތެރިކަމެއް އޭރުގެ ސަރުކާރުގައެއްނެތެވެ. އެއީ ރާއްޖެއަށް މުދާގެނެވޭ ގޮތެއްނެތީމައެވެ. ނަމަވެސް ސަރުކާރުގެފަރާތުން ވެވެން އޮތް މިންވަރަކަށް އެހީތެރިކަން ދެއްވަމުން ގެންދެވިއެވެ.
އެގޮތުން ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ތަދުމަޑުކަންމަށް ހައްލެއް ގެންނެވުމަށްޓަކައި ސުލްތާން ޙަސަން ނޫރައްދީންގެ ދައުރުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައިވާކަން ތާރީޚުން ފާހަގަވެއެވެ. އެގޮތުން އޭރު ރާއްޖޭގެ އިޤްތިޞާދަށް އެންމެ ބޮޑަށް ބާރުފޯރުވަމުންގެންދާ ވޯރާ ވިޔަފާރިވެރިންގެ އަތުން ދިވެހިރާއްޖޭގެ އިޤްތިޞާދު މިނިވަން ކުރެއްވުމަށްޓަކައި ސަރުކާރުގެ ފަރާތުން ދިވެހި ރައްޔިތުންގެ ބޮޑު އިސްޓޯރު އުފެއްދެވިއެވެ. އެއީ 9 ޑިސެމްބަރު 1942 ވަނަ އަހަރުގެ ތެރޭގައެވެ.
ބޮޑު އިސްޓޯރު ހުޅުވުމުގެ ނަތީޖާއެއްގެ ގޮތުން ދިވެހިންގެ ބިމުގައި ދިވެހި ހިލާ ބޮއްޔާއީ، ވަށާރޯނާއި، ހިއްކާ މަސް ރަނގަޅު އަގެއްގައި ގަންނަތަނަކަށް މިތަންވެގެން ދިޔައެވެ. މިތަނުގެ ޒަރީއާއިން މިތަކެތި ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރެވެންފެށިއެވެ. ނަތީޖާއަކަށްވީ ދިވެހިން ކުރަމުންގެންދިޔަ ބުރަ މަސައްކަތުގެ ހައްޤު އުޖޫރައެއް ލިބި ދިވެހިންގެ އިޤްތިޞާދީ ޙާލަތު ދުވަހެއް ދުވަހަކަށް ކުރިއަރައިގެން ދިޔުމެވެ.
މީގެ އިތުރުން ޒަމާނުންސުރެ ދިވެހިން އެބައިމީހުން ހިލާ ބޮއްޔާއި ވަށާ ރޯނުންނާއި ހިއްކާ މަހުން ނަގަމުން އައި ވާރު ކަނޑާލުވެސް، މިރަދުންގެ ރަސްކަމުގެ ތެރޭގައި ފާހަގަކުރެވިފައިވެއެވެ. ވާރަކީ، އިހުގައި މީހުން އުފައްދާ ތަކެތީން، ނުވަތަ ކުރާ މަސައްކަތުން ނުވަތަ މީހުންގެ ބޯބޯމަތިން ސަރުކާރަށް ނަގާބައެވެ. އޭރު ދިވެހިންތިބީ އެފަދަ ޓެކުހެއް ނުވަތަ ވާރު ދެއްކޭފަދަ ތަނަވަސްކަމެއްގައެއް ނޫނެވެ. މިކަންތައް ކުރެއްވީ 1939 ވަނަ އަހަރުގެ ތެރޭގައެވެ.
އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) ރަސްކަމަގެ ތެރޭގައި ހިނގިކަމަށް ފާހަގަކޮށްލެވޭ އަނެއްކަމަކީ، ހައިހޫނުކަމުގެ ސަބަބުން ސަރުކާރާދެކޮޅަށް ހަޅުތާލުކުރުމަށް ތިލަދުންމަތީގެ ހަތަރުހާހެއްހާ މީހުން ސަތޭހައަށްވުރެ ގިނަ ދޯނުފަހަރުގައި އައިސް އުފެއްދި ފިތުނައެވެ. ނަމަވެސް އެބައިމީހުން މާލެއައުމަށްފަހު ވަރަށް އަވަހަށް އެ ފިތުނަ މައިތިރި ކުރެއްވީ ސަރުކާރުގެ ފަރާތުންނެވެ. މީގެ އިތުރުން މިރަދުންގެ ދައުރުގައި އިނގިރޭސި ސިފައިން އައްޑުއަތޮޅަށް ފައިބައި އެތަނުގައި އެބައިމީހުންގެ ރޯޔަލް ނޭވީންގެ ބައެއް ޤާއިމުކުރެވުނެވެ. މިރަދުންގެ ރަސްކަމުގައި އިނގިރޭސީންނާއި ދިވެހިންނާއި ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދިޔައެވެ.
ތާރީޚު ލިޔުއްވާ ލިޔުންތެރިންގެ ލިޔުއްވުންތަކުންނާއި، ނުރައްދީން ރަދުންގެ ރަސްކަންދެކެދެނެވަޑައިގެން ތިއްބެވި ބައެއް ބޭފުޅުންގެ ފަރާތުން ވާރިދުވެފައިވާ މައުލޫމާތުގެ މައްޗަށް ބަލާއިރު މިރަދުންގެ ދައުރުގައި ބަސްވިދާޅުވާން ތިއްބެވީ ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު އާއި، އޭނާގެ ދަރިކަލުން އަލްއަމީރު ޙަސަން ފަރީދު އެވެ. ރަސްކަމުގެ ފުރިހަމަ ބާރާއި ނުފޫޒު އޮތީ އޭގެ ދެކަލުންގެ އަތްޕުޅުގައެވެ. ނޫރައްދީން ރަސްގެފާނުގެ ހުންނެވީ ރަމްޒީވެރިއެއް ފަދަ ގޮތަކަށެވެ. ހަމައެކަނި ފަތްފަތްކޮޅުގައި ސޮއިކުރައްވާ ރަސްކަލެއްގެ ގޮތުގައެވެ.
އިސްތިއުފާ ދެއްވުމާއި އަވަހާރަވުން
1943 ވަނަ އަހަރުގެ ތެރޭގައި ކުރިމަތިވެވަޑައިގެންނެވި ބައެއް މައްސަލަތަކާއިހުރެ އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) ރަސްކަމުން އިސްތިއުފާ ދެއްވިއެވެ. އެއީ އެ އަހަރުގެ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ. އެއަށްފަހު ދައުލަތް ހިނގުމަށްޓަކައި އުފެދުނު ވާލީކޮމެޓީގެ މެންބަރެއްގެ ގޮތުގައި އެ މަނިކުފާނު ހުންނެވިއެވެ. ސާދާ ދިރިއުޅުއްވުމެއް އުޅުއްވުމަށްފަހު އެ ރަސްގެފާނު ފުރައުއްތަވީ 15 އޭޕްރީލް 1967 ގައެވެ. ފަސްދާނު ލެވިފައިވަނީ މާލޭ ގަލޮޅު ގަބުރުސްތާން ގައެވެ. އޭރު ޢުމުރުފުޅުން ގާތްގަނޑަކަށް 80 އަހަރުފުޅެއެވެ.
ބޭފުޅުން
އައްސުލްޠާން ޙަސަން ނޫރައްދީން ކާވެނިފުޅު ބައްލަވައިގެންނެވީ ޚަދީޖާ އިބްރާހީމް ( ކުދިބަތްގޭދީދީ) އާއެވެ. އެކަމަނާ އަވަހާރަވީ 2011 ވަނަ އަހަރުގެ ސެޕްޓްމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. އޭރު އުމުރުފުޅަކީ 93 އަހަރުފުޅެވެ. އެރަދުންގެ ބޭފުޅުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވީ އަލްއަމީރާ އަނީސާ ނޫރައްދީން އާއި އަލް އަމީރާ ޒަރީނާ ނޫރައްދީނާއި އަލްއަމީރު މުހައްމަދު ނޫރައްދީނެވެ. މިބޭފުޅުންނަކީ މިހާރު ރާއްޖޭގައި ތިއްބެވި ހަމައެކަނި ރަސްދަރިކައުކަނބަލުންނެވެ.
2 Comments!
Comments are closed.
Reethi
Nyc