މާބުރުގެ އުޞޫލު
އިސްމާޢީލް ޢަލީ ކަނދޮޅުދޫ
އަހަރެންގެ ކުލަ ކަޅެވެ.ދިހުން ގަދައެވެ.ބޫން އަޑު ލައްވަމެވެ.ގިނަމީހުން އަހަރެން ކައިރިވެލާ އިރަށް ދެކަންފަތުގައި އަތް އަޅައެވެ.އަހަރެން ކަންފަތަށް ވަދެދާނެ ކަމަށް އެމީހުން ބިރު ގަންނަނީއެވެ.އަދި އެމީހުންގެ ނަޒަރުގައި އަހަރެންނަކީ ސިހުރު ހަދާ އެއްޗެކެވެ.އަހަރެން ފެނިއްޖެނަމަ ނުބައިފާލެއްކަމުގައި ދެކެއެވެ.
އެކަކާއި ރަށްޓެހިވެލާފައި އަނެކަކާއި ރަށްޓެހި ވެގެން އުޅޭ މީހުނާއި ދިމާއަށް އެއީ އަހަރެންގެ އުސޫލޭ ބުނެއެވެ.އަހަރެން އެއްމަލުން ފޮނިބޮއިލާފައި އަނެއްމަލަށް ތިރިކޮށް އުޅޭތީއެވެ.އެކަމުގައި ފޮރުވިފައިވާ ސިއްރާއިމެދު އެމީހުން ނުވިސްނައެވެ.އަހަރެންގެ ސަބަބުން ނަސްލުތައް ދެމިގެން ދާކަމެއް އެމީހުންގެ ހިތަކަށްނާރައެވެ.އެމީހުން ހީކުރަނީ އަހަރެންނަކީ އަނިޔާވެރިއެއް ކަމުގައެވެ. ނާޒުކު މަލުގެ ފިޔަތައް ރޫޅާލަން އުޅޭމީހެއްކަމުގައެވެ. ކުލަ ރީތިމާމަލަށް އަހަރެން ހިތްކިޔަމެވެ. އެކަމަކު އިންސާނުން އެގޮތަށް އުޅޭކަށް އަހަރެން މަޖްބޫރެއްނުކުރަމެވެ.
އަހަރެން އެންމެ ބޮޑަށް ދެރަވަނީ ޒުވާން އަންހެންކުދީން އަހަރެންނަށް ނަފުރަތުގެ ބެލުމަކުން ބަލަމުން ދާތީއެވެ. އަހަރެން ފެނުމުން އެމީހުންގެ ހިތި މާޒީ ހަނދާން ވަނީއްޔޯލައެވެ. އެމީހުންނަށް އަނިޔާވެރި ވެފައިވާ ފިރިހެންވެރީން އަހަރެން ނަމޫނާ އަކަށް ބެލީކަމަށް އެމީހުން ޝަކުވާ ކުރެއެވެ.
އަހަރެމެންގެ މުޖުތަމަޢަކީ ތަފާތު މުޖުތަމަޢެކެވެ. އިންސާނީމުޖުތަމަޢު އެގޮތެއް ޤަބޫލެއް ނުކުރާނެއެވެ. އެކެއްގެ އަތްދަށު ވުމަށްފަހު ދޫކޮށްލާ އަންހެން ކުއްޖާއަކީ ޤަދަރު ގެއްލިފައިވާ ކުއްޖެކެވެ.މީހުން ދެކޭނީ ވަރަށް ދަށްނަޒަރަކުންނެވެ.އެހެންވީމާ އަންހެންކުދިންނަށް ލަނޑު ދޭކަށްނުވާނެއެވެ. އަންހެންކުދިން ފުރަތަމަ ލޯބިވެރިޔާގެ މަތިން ހަނދާން ނައްތާލުމަކީ ދަތި އުނދަގޫ ކަމެކެވެ. ދިރިއުޅުމުގެ ބޮޑު ބައެއް ވޭތުކުރަން ޖެހެނީ އެޚިޔާލައި ފިކުރުގައެވެ. އެވޭނުގައެވެ.
އަހަރެންގެ ކުލަ ކަޅުކަމުގައިވިޔަސް ނުލާހިކު ރީތިދޮން ހުޅިގަޑެއް ދެއްވާފައިވެއެވެ. އެކަމަށްޓަކައި ނިހާޔަތަށް އެކަލާނގެއަށް ޝުކުރުކުރަމެވެ. އަހަރެމެންނަށް އެނިޢުމަތް ނުލިބުނުނަމަ ހާދަ ވަރަކަށް ނިކަމެތިވީހޭ ހިތަށް އަރައެވެ. އިންސާނުން އެބައިމީހުންގެ އަބަދުގެ ޝަކުވާ އަކީ ކޮންމެވެސް ނިއުމަތެއް ނުލިބިގެން ކުރާ ޝަކުވާއެވެ. ދުވަހަކުވެސް އެމީހުންނަށް ލިބިފައިވާ ގުނާޢަދަދު ނުކުރެވޭފަދަ ނިޢުމަތްތަކާއި މެދަކު ނުވިސްނައެވެ. އެކަލާނގެ ދެއްވާފައިވާ ނިޢުމަތް ތަކާމެދު ފުންކޮށް ވިސްނާލައިފި ނަމަ ޝުކުރުވެރިވާނެއެވެ. މިހާރުލިބިފައިވާ ގިނަގުނަ ނިޢުމަތްތަކުން އެންމެ ނިޢުމަތެއް އުނިވިޔަސް އުޅެންޖެހޭނެ ޙާލު ހިތަށް ތަސައްވަރު ކުރެވޭނެއެވެ.
(ނިމުނީ)
3 Comments!
Comments are closed.




v reethi masha allah mihaaruge zuvaanunnah visneynenama … miyge vaaahaka eh vx kiyaanulaane . allah emyhun nah heyovisun dhevaashi amen .
yes…………
thanks