ބޭނުންވަނީ އުމުރަށް 20 ވަނަ ބައި

- by - 13- January 7, 2019

ބައްޕާ. އަހަރެން ވާނީ ވަރަށް ދުވަސް ވަންދެން ބައްޕަޔާ މަންމައަށް ކަމެއް ސިއްރުކޮށްފަ ” ރިޒްނީ ރިފްއަތާ ދިމާއަށް ބަލާލަމުން ބުނެލިއެވެ. ” ކޮންކަމެއް ސިއްރުކޮށްފަ އޮތް ވާހަކަ ތިބުނީ ” ރިފްއަތު އަހާލިއެވެ. ” ބުނެބަލަ ” ރިޒްނީ ނިޔާޒް ގާތުގައި ބުނެލިއެވެ. އެވަގުތު ނިޔާޒް އަސަރުން ފުރިގެންވާ ގޮތަކަށް ރިޒްނީގެ މޫނަށް ބަލާލިއެވެ. ” ނުބުނިއްޔާ އަހަރެން ބުނާނަން. މިއަދު މީ ވިޔާމްގެ ނަމުގަވާ ބަލި ފަސޭހަވީ ދުވަސް. އެއާއެކު ސިއްރުވެފަ ހުރި ހުރިހާ ކަމެއް ހާމަވާނެ ” ރިޒްނީ ބުނެލިއެވެ. ” ކޮންކަމެއް ބުނާށޭ ތިކިޔަނީ ” ރިފްއަތު އަހާލިއެވެ. ” ރިޒޫއަށް ހިތްހަމަ ޖެހުން ލިބުން އެއީ އަހަރެންގެ ބޭނުމަކީ. ލޯބިވާ މީހާލިބި ރަގަނޅު ދިރިއުޅުމެއް ލިބުމަކީ އަހަރެންނަށް ލިބޭނެ އުފާ. އެވަރުން އަހަރެންނަށް ފުދޭ ” ނިޔާޒް ބުނެލިއެވެ. ” އެނގޭ ތިހުރިހާ ކަމެއް ވެސް. އެކަމަކު އެތައް އަހަރު ތަކެއް ވަންދެން އުންމީދު ކުރަމުން އައި ދުވަސް ޖެހުމުން ފުރަގަސް ތި ދެނީ ” ރިޒްނީ ބުނެލިއެވެ. ” އަހަރެން ލައްވާ އެކަން ކުރުވަން ނޫޅޭ. އެއީ އަހަރެންނަށް ވާވަރުގެ ކަމެއްނޫން ” ނިޔާޒް ބުނެލިއެވެ. ” ހަގީގަތް ހާމަކުރަންވީމާ އެކަން ކުރަން ނުކެރެންވީ ކީއްވެތަ؟ ” ރިޒްނީ ސުވާލުކޮށްލިއެވެ. ” ކިހިނެއް މިވަނީ. ކޮންކަމެއްގެ ހަގީގަތް ހާމަކުރަން ރިޒްނީ ތިކިޔަނީ ” ވާނުވާ ނެންގިފާ ހުރި ރިފްއަތު ހައިރާންކަމާއެކު ސުވާލުކޮށްލިއެވެ.

” އަހަރެންނަކަށް ތިކަމެއް ނުވާނެ ” މިހެން ބުނެ ނިޔާޒް އެތަނުން ދިޔުމަށް ހިނގައިގަތެވެ. އަދި ފަހަތުން ސާހިދު ވެސް ހިނގައިގަތެވެ. ” ދޮންބޭ ” ނިޔާޒް ހިނގާފަ ދިޔަ މަންޒަރު ބަލަން ފެންކަޅި ވެފާ ރިޒްނީ ހުރުމަށްފަހު ގޮވާލިއެވެ. ރިޒްނީގެ އަޑާއެކު ނިޔާޒް ހުއްޓުނެވެ. ދެލޯ ފިއްތާ ބާރުކޮށްލުމުން ލޮލަށް ޖަމާވެގެން ދިޔަ ކަރުނަތައް އޮހިގަތުމުން، ކަރުނަ ފޮހެލަމު އަނެއްކާ ވެސް ހިނގައިގަތެވެ. ނަމަވެސް ދެވަނަ ފަހަރަށް ނިޔާޒްގެ ހިނގުން ހުއްޓުމަކަށް އައީ ކުރިމަތީ ހުރި އަކިޔަލް ފެނުމުންނެވެ. އަކިޔަލް ފެނުމުން ނޫނެކޭ ބުނާފަދަ ގޮތަކަށް ނިޔާޒް ބޯހޫރާލިއެވެ. ” ކޮންކަމަކަށް މިއަދު ފުރަގަސް ތިދެނީ ” އަކިޔަލްގެ އަޑަށް އިސްދަށަށް ޖަހާލައިގެން ހުރި ރިޒްނީ ބަލާލިއެވެ.

” ކީއްވެގެން ދޮންބެ އޭ ކިޔާފަ ނިޔާޒަށް ތިގޮވަނީ ” ހައިރާން ކަމާއެކު ރިފްއަތު ރިޒްނީ ކުރެން އަހާލިއެވެ. ” އަހަރެން ކުރިން ވެސް ބުނީމެއްނު ކަމެއް ސިއްރު ކުރީމޭ. އެއީ އެ ސިއްރަކީ. އެއީ އަހަރެންގެ ދޮންބެ ” ރިޒްނީ ރިފްއަތާ ދިމާއަށް ބަލަން ހުރެ ބުނެލިއެވެ. ރިޒްނީގެ އެ ޖުމްލައިން ރިފްއަތަށް ނިޔާޒާ ދިމާއަށް ބަލާލެވުނެވެ. ” ކިހިނެއް ތިހެން ވާނީ. ރިޒްނީ ނޫން ދަރި އެއް އަހަރެންގެ ނުހުންނާނެ. ދެން ކީއްވެ ރިޒްނީގެ ދޮންބެއަށް ނިޔާޒް ވާންވީ ” ރިފްއަތު ބުނެލިއެވެ. ” ރިފްއަތުބެއަށް ނޭންގުނަސް ރިޒްނީ އެބުނީ ރަނގަޅަށް. ނިޔާޒަކީ ރިޒްނީގެ އެއްބަފާ ބޭބެ ” ނިޔާޒް ރިފްއަތާ ދިމާއަށް އަނބުރާލަމުން އަކިޔަލް ބުނެލިއެވެ. ” އެކަމަކު އެހެން ނުވާނެ. ރިޒްނީ ނޫން ދަރިއެއް އަހަރެންގެ ނުހުންނާނެ ” ރިފްއަތު އަނީސާއާ ދިމާއަށް ބަލާލަމުން ބުނެލިއެވެ. އަނީސާ ވެސް ހުރީ ވާނުވާ ނޭންގިފައެވެ.

” ދޮންބޭ ޕްލީޒް… ހުރިހާ އެއްޗެއް ބައްޕައަށް ކިޔާދީބަލަ. އޭރުން ދޮންބެއަށް ވެސް ހިތްހަމަ ޖެހުން ލިބޭނެ. ޕްލީޒް ކިޔާ ދީބަލަ ” ރިޒްނީ އާދޭސް ކުރަންފެށިއެވެ. ” ތިކަމުގަ ހަގީގަތެއް ވަންޏާއެއްނު އެއްޗެއް ކިޔާ ދެވޭނީ. ހަގީގަތެއް ނުވާތީ އިސްދަށަށް ޖަހައިގެން އެހުންނަނީ ” ރިފްއަތު ބުނެލިއެވެ. ” ކިޔާދީބަލަ. މިދުވަހަށް ނިޔާ ކުރި އިންތިޒާރުގެ ނިމުން މިއޮތީ އައިސް ޖެހިފަ ” އަކިޔަލް ބުނެލިއެވެ. ” އަހަރެން ބޭނުންވަނީ އެންމެ ސުވާލެއް ކުރަން. އެސުވާލާއެކު ރިޒޫ ނޫނަސް އެހެން ދަރިއަކު ވެސް ހުރިކަން އޭރުން އެނގި ޔަގީންވާނެ ” ނިޔާޒް އިސްއުފުލާ ލުމަށްފަހު ބުނެލިއެވެ. ” ކޮން ސުވާލެއް ” ރިފްއަތު ބުނެލިއެވެ. ” މުކުރިމަގު އަންހެނަކާ ކައިވެނި ކުރިންތަ؟ ” ނިޔާޒް ސުވާލުކޮށްލިއެވެ. ” ނިޔާޒްގެ ސުވާލު ބޮޑުކަމުން ރިފްއަތަށް ބަލާލެވުނީ އަނީސާގެ މޫނަށެވެ. ހަމަ އެވަގުތު ހައިރާންކަމާއެކު އަނިސާއަށް ވެސް ބަލާލެވުނެވެ. ” ބުނެބަލަ ބައްޕާ. މުކުރިމަގު އަންހެނަކާ ކައިވެނި ކުރިންތަ؟ ” ނިޔާޒްގެ ސުވާލު ރިޒްނީ ތަކުރާރުކޮށްލިއެވެ.

” ތީ ސަފިއްޔާގެ ދަރިއެއްތަ؟ ” ރިޒްނީގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ރިފްއަތު ނިޔާޒްގެ ކުރިމަތީ ހުރެ ސުވާލުކޮށްލުުމުން އާއެކޭ ބުނާފަދަ ގޮތަކަށް  ނިޔާޒް ބޯޖަހާލިއެވެ. ” އެކަމަކު އަހަރެންގެ ދަރިއަކަށް ސަފިއްޔާ ބަނޑު ބޮޑެއް ނުވާނެ ” ވިސްނާލާފަ ރިފްއަތު ބުނެލިއެވެ. ” ކީއްވެ ނުވާންވީ. އަހަރެންގެ މަންމަ ހަމައެކަނި ކައިވެނި ކުރި މީހަކީތީ. އެހެން މީހަކާ ކައިވެނި ނުކުރޭ ” ނިޔާޒް ބުނެލިއެވެ. އަހަރެންގެ މަންމަޔާ ކައިވެނި ކޮށްގެން އުޅުން އިރުވެސް ވިޔާމްގެ ބައްޕަ ގާސިމްއާ ރައްޓެހި ކަމުގެ ގުޅުން އޮވޭ. ގާސިމާއެކު އެކިއެކި ކަންތައްތަކުގަ ގަމަށް އައިސް އުޅެނިކޮށް ރިޒޫގެ މަންމަ ފެނުނީ. އެއަށްފަހު ގުޅުން ބަދަހިވެ މަޑުމަޑުން ބަދަލުވާން ފެށި. އަދި ގެއަށް އައުންވެސް މަދުވެގެން ދިޔަ. އެކަންތައްތަކާ ހިތްހަމަ ނުޖެހިގެން މަންމަ އެއްޗެއް ބުންޏަސް އެކަން ބޮޑު ކަމަކަށްވެ ޒުވާބަކަށް ބަދަލުގެންދާންދެށި. އެއަށްފަހު ޒުވާބު ކުރުން ވެސް އާދަޔަކަށްވެ، އެއްދުވަހު ޒުވާބު ކުރަމުން ގޮސް މަންމަ ވަރިކުރުމަށްފަހު ގެއިން ނިކުމެގެން ދިޔައީ. އެދުވަހުގެ ފަހަކުން މަންމަ ކޮބައިތޯ ވެސް ބަލާނުލާ. އެންމެ ފުރަތަމަ ވެވުން ލޯބި އެއީ އަގެއްނެތް އެއްޗަކަށް ވެގެން ދިޔަ. އަދި އުމުރަށް އެކީގާ ވުމަށް ވީ ވައުދު ވެސް އުވާލި. ބިނާ ކުރަމުން ދިޔަ ލޯބީގެ ގަނޑުވަރު އަމިއްލަ އަތުން ތަޅާ ސުންނާފަތީ ކޮށްލި. އޭގެ ދުވަސް ކޮޅެއްފަހުން މަންމަޔަށް އެނގުނީ މަންމަ އިނީ އަހަރެންނަށް ބަލިވެކަން. މަންމަ އެކަން އަގަންވެސް ވެސް ވަރަށް މަސައްކަތް ކުރި. ނަމަވެސް ކުރި މަސައްކަތުން އަލި މަގެއް ނުފެނުމުން މަންމަ އެކަން ހުއްޓާލި. އަހަރެން ވިހެމަށްފަހު ވެސް މަންމަ އަހަރެން ބަލަމުން ގެންދިޔައީ ގޭގެއަށް ގޮސް މަސައްކަތް ކޮށްގެން. މަންމަގެ މަސައްކަތުން އަހަރެންނަށް މިހާ ހިސާބަށް އާދެވުނީ. މަންމަޔާ ކައިވެނި ކޮށްގެން ކައްތައް ކުރި ގޮތް އަހަރެން ކިޔާ ނުދިނަސް އެނގޭނެކަން އެނގޭ. އެކަމަކުވެސް ދެންމެ ބުނި އެއްޗަކުން މިކިޔާދިނީ. މީ ހަގީގަތް. މިކަމުގަ އެއްވެސް އޮޅުވާލުމެއްނުވާނެ ” ނިޔާޒް ވާހަކަ ދައްކަމުން ދިޔައިރު ނިޔާޒްގެ ފުރަގަހުގައި ރިފްއަތު އިސްދަށަށް ޖަހާލައިގެން ހުރެ، ނިޔާޒް ދައްކަމުން ދިޔަ ވާހަކަ އަޑު އަހަން ހުރުމަށްފަހު، ރިފްއަތުގެ ފުރަގަހުގައި ތިބި ރިޒްނީއާ އަނީސާޔަށް ފަސްއެނބުރި ބަލާލިއެވެ.

” ކިހިނެއް ނިޔާޒާ ދިމާވީ ” ރިފްއަތު ރިޒްނީ ކުރެން ސުވާލުކޮށްލިއެވެ. ” މާލޭގަ ކިޔަވަން ހުރި އިރު ކޮލެޖުން ދިމާވީ. އޭރުގަ ނޭންގެ އެއްވެސް އެއްޗެއް. އެކަމަކު ފަހުން ހުރިހާ އެއްޗެއް އަހަރެންނަށް އެގުން. އެދުވަހުން ފެށިގެން މިއަދާ ހަމަޔަށް ވެސް އަހަރެން ދޮންބެ ބުނެގެން އެހުރިހާ ކަމެއް ސިއްރު ކުރިން. އެއީ ދޮންބެ ބުނާ ވަގުތެއް ޖެހެންދެން. މިއަދު އަހަރެން ގަބޫލް ކުރަނީ އެވަގުތު ޖެހިއްޖެ ކަމަށް. ދޮންބެ އެކިޔާދިން ވާހަކަ ތަކަކީ ހަގީގަތްނަމަ ދޮންބެ އަކީ ބައްޕަގެ ދޮށީ ދަރި ” ރިޒްނީ ބުނެލިއެވެ.

” ނިޔާޒް އެދެއްކީ ތެދު ވާހަކައެއް. އެއީ ހަގީގަތަކީ. އެކަމަކު އަހަރެންނަށް ކުޑަކޮށްވެސް ނޭންގެ ސަފިއްޔާ ބަލިވެ އިންކަމެއް. އަދި އަހަރެންގެ ފިރިހެން ދަރިއަކު ހުރިކަމެއް. މިކަމުގަ ކުށެއް އަހަރެންގެ ވާނަމަ މާފަށްއެދެން ” ރިފްއަތު އަނީސާގެ ކިބައިން މާފަށް އެދުނެވެ. ” ތިކަމުގަ ރިފްއަތު މާފަށް އެދޭކަށް ނުޖެހޭނެ. އެދުވަހު އަހަރެން ފެނިފަ ވެސް އަހަރެންނަށް ރިފްއަތާ ގުޅުން ނުބޭއްވުނަމަ މިއަދު ނިޔާޒަށް އެހިތާމަ ކުރާކަށް ނުޖެހުނީސް. އެކަމަކު އެދުވަސްތައް މާޒީ ވެއްޖެ. ނިޔާޒަށް ލިބެންވާ ލޯބިން ނިޔާޒް މަހުރޫމް ވުމުގެ ޒިންމާ އަހަރެން ވެސް ނަގަން ޖެހޭނެ. އެކަމުގަ ނިޔާޒްގެ ކިބައިން މާފަށްއެދެން ” އަނީސާ ނިޔާޒްގެ ކުރިމަތީ ހުއްޓި ހުރެ ބުނެލިއެވެ. އެވަގުތު ނޫނެކޭ ބުނާފަދަ ގޮތަކަށް ނިޔާޒް ބޯ ހޫރާލިއެވެ. ” ތިހެން ނުބުނޭ. ތީ އަހަރެންނަށް ވުރެއް ބޮޑެތި މީހުން. މާފަށް އެދެން ޖެހޭނީ އަހަރެން. އަހަރެންނަށް ބައްޕަގެ ލޯބި ލިބި، ދޮންމަންމަ އެއްކަމަކު މަންމައެއްގެ ލޯބި ލިބެންޏާ އަހަރެންނަށް ފުދޭނެ ” ނިޔާޒް ބުނެލިއެވެ. އެވަގުތު ފުރަތަމަ ފަހަރަށް ރިފްއަތު އައިސް ނިޔާޒްގެ ގައިގައި ބައްދާލިއެވެ. އެއާއެކު ނިޔާޒް ކޮންޓްރޯލް ކުރަމުން ދިޔަ ހިތް ނިޔާޒްގެ ކޮންޓުރޯލުން ބޭރުވެގެން ގޮސް ރޯންފެށިއެވެ. އަދި ދެއަތުން ރިފްއަތުގެ ގައިގައި ދެއަތް ވަށާ ބާރުކޮށްލީ ދުވަހަކު ވެސް ދޫކޮށްފަ ނުދާށޭ ބުނާފަދަ ގޮތަކަށެވެ. އޭރު ރިޒްނީ ވެސް ވަނީ އުފަލުން ދެލޯ ފެންކަޅިވެފައެވެ. އަނީސާގެ މޫނުމަތިން ވެސް އުފާވެރިކަން ފެންނަން ހުއްޓެވެ.

” ބައްޕަޔަށް މާފުކުރޭ. އިރާދުކުރެއްވިއްޔާ ދެން ދަރިފުޅު ހުންނާނީ ބައްޕަ ގާތުގަ. ގަބޫލް ކުރަން ލޯބި އެންމެ ބޭނުންވި ދުވަހު އެކަން ކޮށް ނުދެވުންކަން. އެކަމަކު ބައްޕަގެ ލޯބި ދެން އަބަދުވެސް ލިބޭނެ ” ރިފްއަތުގެ ގަޔާ ނިޔާޒް ދުރުކޮށްލުމަށްފަހު ބުނެލިއެވެ. ” މާފަށް އެދެން ޖެހޭނީ އަހަރެން. ރިޒޫގެ ކަންތައްތަކުގަ އަހަރެން ބައްޕަޔާ މުހާތަބު ކުރީ އެންމެ ރަނގަޅަކަށް ނޫން. ބައްޕަޔަށް އަހަރެން ނޭންގުނަސް، އަހަރެންނަށް ބައްޕަ އެނގޭތީ އެހެން ކަންތައް ކުރަން ޖެހުމުން ޖެހިލުންވި. އެކަމަކު އަހަރެންގެ ހުރި ހަމައެކަނި ކޮއްކޮގެ ހައްގުގާ މަޖުބޫރުވީ އެހެން ކަައްތައްކުރަން ” ނިޔާޒް ރިޒްނީއަށް ބަލާލަމުން ބުނެލިއެވެ. ” އެކަން ބައްޕަގެ ހިތުގައެއް ނެތް. ގަބޫލް ކުރަން ދަރިފުޅު އަދާ ތިކުރީ ބޭބެ އެއްގެ ޒިންމާކަން. އެކަމަކު ތި ހުރިހާ ވާހަކައެއް ދަރިފުޅަށް ކިޔާދިނީ ކާކު؟ ” ރިފްއަތު ސުވާލުކޮށްލިއެވެ. ” މަންމަ ހުރިހާ ވާހަކައެއް އަހަރެންނަށް ކިޔާދިނީ. އެކަމަކު އަހަރެންނަށް ހަގީގަތް އެނގުނަކަށް އެއްވެސް މީހަކު ދެކެ ރުޅިއެއްނާދޭ. އަހަރެން ގަބޫލް ކުރަނީ އެއީ މިންވަރުގާ އެދުވަހު ހުރި ގޮތް ކަމަށް ” ނިޔާޒް ބުނެލިއެވެ.

” ބައްޕާ… އަހަރެން އެބަ އޮތް ވަރަށް ބޮޑު ވާހަކައެއް ބުނަން ވެފަ. އުންމީދުކުރަން ދެކޮޅު ނުހަދާނެ ކަމަށް ” ނިޔާޒް ބުނެލިއެވެ. ” ކޮން ވާހަކައެއް ” ރިފްއަތު ބުނެލިއެވެ. ” އަހަރެންގެ އެދުމަކީ ބައްޕަ ރިޒޫގެ ކައިވެނީ ރިޒޫ ބޭނުންވާ މީހާޔާ ކޮށްދިނުން ” ނިޔާޒް އަކިޔަލްއަށް ބަލާލުމަށްފަހު ބުނެލިއެވެ. ” ތީ ޝައްކު ކުރަންޖެހޭ ވަރުގެ ކަމެއްވެސް ނޫނެއްނު. ދަރިފުޅުގެ ނިންމުން އައީ ހަމަ ބައްޕަގެ ނިންމުން. އެހެންނު އަނީސާ… ” ރިފްއަތު އަނިސާ ވެސް ޝާމިލް ކުރަމުން ބުނެލިއެވެ. ” ތި ދެބަފައިންގެ ނިންމުން އެއީ އެންމެ ރަނގަޅު ނިންމުމަށް ވާނީ ” އަނީސާ ހިނިތުން ވެލަމުން ބުނެލިއެވެ. ރިފްއަތުގެ ނިންމު ހާމަކުރުމުން ރިޒްނީ އައިސް ރިފްއަތާ ކައިރިވެލިއެވެ.

” ގަބޫލްކުރަން ހަގީގީ ލޯބި ވާބަޔަކު ދުރުނުކުރެވޭނެކަން. ބައްޕަ މިއަދު ބަލި ގަބޫލް ކުރަން ” ރިފްއަތު އަކިޔަލްގެ ކުރިމަތީ ހުރެ ބުނެލިއެވެ. ” އަހަރެންގެ ދިރިއުޅުމުގަ ވެސް މަދުވަނީ ލޯބި. އެހެން ހުރިހާ ކަމެއް އަހަރެންގެ މަސައްކަތުން މިދަނީ ފުރިހަމަ ކުރަމުން. އިތުރަށް ފުރިހަމަ ކުރުމަށް ބޭނުންވަނީ ބައްޕަގެ އެހީތެރިކަން ” އަކިޔަލް ބުނެލިއެވެ. ” އަހަރެން ކުރިން ހީކުރީ އަހަރެންގެ އާއިލާއަކީ ކުޑަ އާއިލާއެއްކަމަށް. ބަލާބަލަ ތަގުދިރުގެ ނިންމުން މަތިވެރިވެކަން. ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ކަންތައްތައް ބަދަލުވެގެން ދިޔައީ އަހަރެން އުންމީދުވެސް ކުރި ގޮތަކަށް ނޫން ” ރިފްއަތު ބުނެލިއެވެ.

” މިތާ ދެން ތިބުމުގެ ބޭނުމެއްނެތް. ހިނގާ ދާން ބައްޕާ ” ނިޔާޒް ބުނެލިއެވެ. ” ދާނީ ވެސް ވަކި ކޮންތާކަށް. ބައްޕަގެ މޮޔަކަމުން މިހެން މިވީ ” ގެއާދިމާއަށް ރިފްއަތު ބަލާލަމުން ބުނެލިއެވެ. ” ފިކުރު ބޮޑު ކުރާނެ ކަމެއްނެތް. ފިރިހެން ދަރިއަކަށް ބައްޕަގެ ހުރީ އަހަރެން. އެކަމަކު މީ ވަކި ދެރަ މީހެއްނޫން ” އަކިޔަލްގެ ކޮޑުގައި އަތް އަޅާލަމުން ނިޔާޒް ބުނެލިއެވެ. ” އަކިޔަލްގެ ކުޅަދާނަކަމާ، ކެއްތެރިކަމާ، އަހުލާގުގެ މާތްކަން ބައްޕަޔަށް އޮޅިފައެއް ނުވޭ ” ރިފްއަތު ބުނެލިއެވެ. ” އެހެންވީމާ މިބުނީ ހިނގާށޭ ދާން. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. ބައްޕަމެންނަށް އުޅެވޭނެ ގޮތް އަކޫ ވަނީ އިންތިޒާމްކޮށްފަ ” ނިޔާޒް ބުނެލިއެވެ. ” އެހެންތަ؟. ” ރިފްއަތު ބުނެލިއެވެ. ” ކަމުގެ ހަގީގަތް ބައްޕަޔަށް އެގިއްޖެނަމަ ދެންވާނެ ގޮތް އަންދާކޮށްފަ، އަދި ބައްޕަގެ ނިންމުން ގާސިމްއަށް އެގިއްޖެނަމަ ރަޖިސްޓްރީގަވާ ގޮތަށް ގެއިން ނިކުންނަން ޖެހޭނެކަން މާކުރިން ވެސް ވިޔާމް ވަނީ ބުނެފަ. އެހެންވެ ހުންނާނީ ހުރިހާ ކަމެއްވެސް ހަމަ ޖައްސާފަ ” ނިޔާޒް ބުނެލިއެވެ. ” މިގެއިން ގެންދާނެ މާގިނަ ސާމާނެއް ނުހުންނާނެ. އެހެންވީމާ އަންނައުނުތައް ބައްދުކޮށްގެން ހިފައިގެން ދާނީ ” ރިފްއަތު ބުނެލިއެވެ. ” ބައްދުކޮށްލާފަ ބަހައްޓާ. އަހަރެމެން ގެންދާނަންދޯ ނިޔާ ” ނިޔާޒަށް ދޯ ދެމުން އަކިޔަލް ބުނެލިއެވެ.

”  އަހަރެން ހީވެސް ނުކުރަން ރިޒޫއަށް އެހާ ހިތްވަރު ލިބޭނެ ކަމަށް ” ރިފްއަތާ، އަނީސާ އަދި ރިިޒްނީ ގެއަށް ފޮށިތަންމަތި ތައްޔާރު ކުރުމަށް ވަނުމުން ބޭރުގައި ހުރި ގޮޑިތަކުން ގޮޑިއެއްގައި އިށީދެގެންއިން ނިޔާޒް ބުނެލިއެވެ. ” އެ ހިތްވަރު ރިޒޫއަށް އެ ލިބުނީ ނިޔާގެ ހިތްވަރުން. އެހެން ނޫންނަމަ މިއަދު ވެސް ރިޒޫ އޮންނާނީ ކޮޓަރީގެ ހަތަރު ފާރުގެ ތެރޭގައި ހައްޔަރުވެފަ ކަންނޭގެ ” އަކިޔަލް ކޮޅަށް ހުރުމަށްފަހު ނިޔާޒާ ޖެހިގެން ހުރި ގޮޑީގައި އިށީންނަމުން ބުނެލިއެވެ.

” ނިމުނީތަ؟ ” ރިފްއަތު ގެއިން ބޭރަށް ނިކުތުމުން ނިޔާޒް ގޮޑިން ތެދުވަމުން ސުވާލުކޮށްލިއެވެ. ” އާނ… ގެންދާކަށް މާގިނަ އެއްޗެއް ނުހުންނާނެ ” ރިފްއަތު ބުނެލިއެވެ. އަނީސާއާ ރިޒްނީ ގެއިން ބޭރަށް ނިކުތުމުން އެންމެން އެކުގައި ހިނގައިގަތެވެ. ” މިހާރު މިދަނީ ގެއަށް ދާންވެގެން ” އަކިޔަލް އެހެން މީހުންނަށް ވުރެއް ފަހަތަށް ޖެހިލުމަށްފަހު ޒޭނާއަށް ގުޅާފަ ގެއަށްދާ ވާހަކަ ބުނުމަށްފަހު، ފޯންބާއްވާފަ އެމީހުންނާ އަރާ ހަމަ ކޮށްލިއެވެ.

” އަހަރެންނަށް އަކިޔަލް ވަނީ ހުރިހާ ވާހަކައެއްވެސް ކިޔާދީފަ. އެހެންވީމާ އެއްވެސް ކަމަކާ ފިކުރު ބޮޑު ކުރާނެ ކަމެއްނެތް. އަހަރެންގެ އަންހެނުން ދޮންއައިސަ ނިޔާވިފަހުން އަހަރެން އުޅެމުން މިދަނީ މިގޭގަ. އެހެންވީމާ ތި އާއިލާއަށް އަހަރެންގެ އެގޭގައި އުޅެވޭނެ. ހުރިހާ އިންތިޒާމެއް އަކިޔަލް ހުންނާނެ ހަމަޖައްސާފަ ” ރިފްއަތާ، އަނީސާ އަދި ރިޒްނީ އަކިޔަލްގެ ގެއަށް އައުމުން އިބްރާހިމް ރިފްއަތާ ސަލާމް ކޮށްލަމުން ބުނެލިއެވެ. ” ހިނގާ އެންމެން ސައިބޯން ” ޒޭނާ އައިސް ރިޒްނީގެ ގާތުގައި ހުއްޓި ބުނެލިއެވެ. އޭރު ސަކީނާވެސް ދުއްވާ ގޮޑީގައި ބޭރުގައި އިނެވެ.

” ދެން މަންމަގެ ހުރިހާ ކަމެއްވެސް ކުރާނީ އަހަރެން ” ރިޒްނީ ސަކީނާގެ ފައިކަރީ އިށީދެލަމުން ބުނެލިއެވެ. އެވަގުތު ސަކީނާ ބަލާލީ ރިޒްނީގެ ގާތުގައި ހުރި ޒޭނާއަށެވެ. ސަކީނާ ބަލާލި ގޮތުން ރިޒްނީއަށް ވެސް ބަލާލެވުނީ ޒޭނާއަށެވެ. ” މިބުނީ އަހަރެންނާ ޒޭނާޔާ އިނާޔާއާ އޭ ދެން މަންމަގެ ހުރިހާ ކަމެއް ކުރާނީ. އެގޮތް އެންމެ ރަނގަޅެއްނު ” ރިޒްނީ އެހެންބުނުމުން ސަކީނާ ހީލުމުން ރިޒްނީ ކޮޅަށް ތެދުވެލިއެވެ. އެއަށްފަހު އެންމެން އެއްކޮށް ގޭތެރެއަށް ވަނެވެ.

” ކޮންމަކަމާ ތި ވިސްނަނީ ” ރިފްއަތު އެދުގައި އޮށޯވެގެން ނިއްކުރިމަތީ އަތް ބާއްވާލައިގެން އޮތުމުން އަނީސާ އަތުގައި ހުރި އަންނައުނުތައް އަލަމާރިއަށް ލަމުން ސުވާލުކޮށްލިއެވެ. ” ނުވިސްނަން އެއްވެސް ކަމަކާ ” ރިފްއަތު ބުނެލިއެވެ. ” ކަމަކާ ވިސްނާކަން ރިފްއަތުގެ މޫނަށް ބަލާލީމާ އެނގޭ. ކިހިނެއްވީތަ؟. ” އަނީސާ ރިފްއަތުގެ ގާތުގައި އެނދުގައި އިށީންނަމުން ބުނެލިއެވެ. ” ދެން ނުވިސްނާ ވެސް ނުހުރެވޭނެދޯ. ޒަމާން ވަންދެން އުޅެމުން ދިޔަ ގެއިން ނިކުންނަން ޖެހުމަކީ ނުވިސްނާ ދޫކޮށްލެވޭނެ ކަމެއްނޫން. އަދި ގެއަކީ އަހަރެންގެ ބާރުގެ ދަށުގައިވާ ތަނަކަށް ނުވުމުން ވެސް ވިސްނަން ޖެހޭވަރު ވަކި ކުޑައެއް ނުވާނެކަން އެނގޭނު ” ރިފްއަތު ބުނެލިއެވެ. ” މިހާ ހިސާބަށް ކަންތައްތައް  ދިޔައީ އަހަރުމެންގެ ވެސް ކަންތައްތަކުން. ވިސްނަން ވާވަރަށް ވިސްނާނުލުމުން. އެހެން ނޫންނަމަ އެންމެ ފުރަތަމަ ދުވަހު ވެސް ގޭގެ ކަންތައްތަކުގަ ފޮރުވިފަވާ ސިއްރު އެނގުނީހެއްނު ” އަނީސާ ބުނެލިއެވެ. ” ތިބުނީ ރަނގަޅު ވާހަކައެއް. އެދުވަހު އަހަރެންނަށް ވެސް އެކަން ބެލިފަ އޮތްނަމަ މިއަދު މިހެން ނުވީސް ކަންނޭގެ. އަދި އަހަރެންގެ ރިޒްނީގެ ދިރިއުޅުން ބަރުބާދު ކުރަން އަހަރެންނަށް ކަމެއް ވެސް ނުކުރެވުނީސް. އެކަމަކު އަހަރެން މިއަދު މިވަނީ އެކަން ވެސް ކުރިމީހަކަށް ވެފަ ” ރިފްއަތަށް ކުރެވުނު ކަންތަކާމެދު ދެރަވާހާލު ވާހަކަ ދައްކަމުން ދިޔައެވެ. ” ދެން އެކަމާ އެހާވަރަށް ނުވިސްނާބަލަ. އިރާދުކުރެއްވިޔާ ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ. އެހެން ނޫނަސް އަހަރެންނަށް ޔަގީން ނިޔާޒް ހުއްޓާ ދެރަކަމެއް ވިޔަ ނުދޭނެ ” އަނީސާ ބުނެލިއެވެ. ” އާނ. ނިޔާޒަކީ އަހަރެންގެ ދަރިއަކަށް ވީކަން އެއީ އަހަރެންގެ ނަސީބު ކަންނޭގެ. ނިޔާޒް މިއަދު ސަލާމަތް އެކޮށްދީ ހަމައެކަނި ރިޒްނީގެ ދިރިއުޅެއްނޫން. އަހަރުމެން އެންމެގެ ދިރިއުޅުން. އެކަމަކު އަހަރެންނަށް އޭނަޔާ މެދުވެސް ކަންތައް މިކުރެވުނީ ރަނގަޅަކަށް ނޫން. އަހަރެންގެ އެހީ އެންމެ ބޭނުންވި ދުވަހު އެކަން ވެސް އަހަރެންނަށް ނުކުރެވި އޮތީ ” ރިފްއަތު އެނދުގެ ހެޑް ބޯޑުގައި ލެގިލަމުން ބުނެލިއެވެ.

” ނިޔާޒްގެ ކަންތައްވީ ކިހިނެއް ކަމެއް ނޭންގޭނު. އެހެން ނޫނަސް ނިޔާޒާ މެދު ފަރުވާ ކުޑަކޮށްލެވުނީ ގަސްތުގައެއް ނޫނެއްނު. އެހެންވީމާ އެކަމާ ނުވިސްނާ. މިއަދު ނިޔާޒް ވެސް އެހުރީނު. އަހަރެންނަށް ޔަގީންކަން އެބައޮތް ނިޔާޒް ފަދައިން އަކިޔަލަކީ ވެސް ވިސްނޭ، ކަންކަމުގަ ރަނގަޅު ގޮތް އެނގޭ ކުއްޖެއްކަން. އެމީހުން އަހަރެމެންނަށް ދެރަގޮތެއް ވާކަށް ނޭދޭނެ. އެކަމަކު އެދުވަހު ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން އެނގޭ. އެކަމާ ވިސްނުމަކުން ވާނެ ފައިދާއެއްނެތް. ވެދިޔަ ކަންތަކާ، އެކުދިންގެ ކިބައިން މާފަށްއެދި އާފެށުމަކުން ފެށުން އެއީ މިއަދަށް އޮތް ގޮތް. އެއީ އަދި އެންމެ ރަނގަޅު ވެސް ގޮތް ” އަނީސާއަށް ވެސް ކަންތައްކުރެވުނީ ރަނގަޅަށްނޫކަން އިހުސާސްވެ އެވާހަކަ ރިފްއަތާ ހިތްސާކުރިއެވެ.

” ކިހިނެއްވީ ” ރިޒްނީ ދޮރުގައި ޓަކި ޖެހުމުން އަނީސާ ދޮރު ހުޅުވާލުމަށްފަހު އަހާލިއެވެ. ” ދޮންބެ އެބަހުރި ކާން ބަލާ އައިސް ” ރިޒްނީ ބުނެލިއެވެ. ” މި އަންނަނީ ” އަނީސާ މިހެން ބުނެ ދޮރު ލައްޕާލިއެވެ. ” ކާކު އައީ ” އަނިސާ ދޮރު ލައްޕާލުމުން ރިފްއަތު ސުވާލުކޮށްލިއެވެ. ” ރިޒްނީ އައި ނިޔާޒް ބުނެގެން ކާން ދާން ” އަނީސާ ބުނެލިއެވެ. ” ހިނގާ ދާން. އެކުދިން އެބަތިބި ބޭރުގަ ” އަނީސާ މިހެން ބުނުމުން ރިފްއަތު އެނދުން ތެދުވިއެވެ.

” ކޮބާ މަންމަޔާ ބައްޕަ ” ރިޒްނީ ބޭރަށް ނިކުތުމުން ނިޔާޒް އަހާލިއެވެ. ” މަންމަ ބުނީ މި އަންނަނީއޭ ” ރިޒްނީ ބުނެލިއެވެ. ” ފަހުން ބައްޕަ ވިޔާމާ ގުޅޭ ވާހަކައެއް ނުދައްކާތަ؟ ” ނިޔާޒް އަހާލިއެވެ. ” އާނ. ނުދައްކާ. ރަނގަޅީވެސް ނުދެއްކިއްޔާ ” ރިޒްނީ ބުނެލިއެވެ. ” މިއޮށް އައީނު ” ރިފްއަތާ އަނީސާ ގެއިން ނިކުންނަން އަންނަތަން ފެނުމުން ރިޒްނީ ބުނެލިއެވެ. ” ހިނގާ ދާން. މިހާރު އަކިޔަލް ހުންނާނީ ލަސްވެފަ ކަންނޭންގެ ” ރިފްއަތު ކުރިއަށް ހިނގައި ގަންނަމުން ބުނެލިއެވެ. ” އެއީ އަބަދުވެސް ލަސްވެފަ ހުންނަ މީހެއް. މިހާރު އެއްފަހަރު ގުޅަންވެސް ގުޅައިފި ” ރިޒްނީއާ ނިޔާޒް އެކީގައި ހިނގައި ގަންނަމުން ބުނެލިއެވެ.

” ކަންތައްތައް މިހާރު ކިހިނެއް ވަނީ ” ދީނާ ސުވާލުކޮށްލިއެވެ. ” ތިބުނީ ކޮންކަމެއްގެ ވާހަކައެއް ” އެނދުގައި އޮށޯވެލައިގެން އޮތް ސާހިދު އަހާލިއެވެ. ” މިބުނީ އަކޫގެ ކަންތައްތައް މިހާރު ކިހިނެއްހޭ ވަނީ ” ދީނާ އައިސް އެނދުގައި އިށީންނަމުން ބުނެލިއެވެ. ” އެހުރިހާ ކަމެއްވެސް މިހާރު ހަމަ ޖެހިއްޖެ. ވިޔާމްގެ އުދަގުލުން ސަލާމަތް ނުވެގެން ވިއްޔާ މިހުރިހާ ދުވަހު އުޅެން ޖެހުނީ. އެކަން ރަނގަޅު ވިމާ ދެން ހުރިހާ ކަމެއްވެސް ދާނީ ރަނގަޅު ވަމުންނެއްނު ” ސާހިދު ވެސް ހިމެނޭގޮތަށް، އެންމެން ރިޒްނީ ވިޔާމްގެ މަކަރުވެރިކަމުން ސަލާމަތް ކުރަން ކުރަމުން ދިޔަ މަސައްކަތް ކާމިޔާބު ވެއްޖެކަމުގެ އުފާ ފާޅުކުރާ ހާލު ބުނެލިއެވެ. ” އެހެންވީމާ ދެން މާގިނަ ދުވަހެއް ނުވެ އަކޫއާ ރިޒޫގެ ކައިވެނި ވެސް ވާނެދޯ ” ދީނާ ހިނިތުން ވެލަމުން ބުނެލިއެވެ. ” އިރާދުކުރެއްވިއްޔާ ތިދުވަސް ދެން މާދުރުގައެއްނޫން އޮތީ. އެދުވަހަކީ އަހަރެން އަކޫގެ ކައިވެނީގެ ހުރިހާ ކަމެއް ކުރާނެ ދުވަސް. އަހަރެންގެ ކައިވެނީގެ ކަންކަން ކުރިގޮތަށް. އެހާ ފުރިހަމަކޮށް ” ސާހިދު ބުނެލިއެވެ. ” ކޮންތާކު ތިއުޅެނީ ” ފޯން ރިންގު ވާން ފެށުމުން ފޯން ނަގާ ކަންފަތުގައި ޖައްސާލިއެވެ. ” ގޭގަ މިއުޅެނީ. ކިހިނެއްވީ ” ސާހިދު އަހާލިއެވެ. ” އޭރު ދިޔަ ގޮތަށް ހަބަރެއް ވެސް ނުވީމާ ކޮބާތޯ ބަލާލަން މިގުޅީ ” އަކިޔަލް ބުނެލިއެވެ. ” އާދޭ ކާން ” އަކިޔަލް ބުނެލިއެވެ. ” މިއުޅެނީ ކާން ދާންވެގެން. ދީނާ އެބަހުރި ކާން ހަދާފަ. ކައިގެން ދާނަން އިނގޭ ” ކައިގެން ދާނެކަމަށް ބުނުމަށްފަހު ސާހިދު ފޯން ބޭއްވިއެވެ. ” ކާކު ގުޅީ ” ސާހިދު ފޯން ބޭއްވުމުން ދީނާ އަހާލިއެވެ. ” އަކޫ ގުޅީ ” ސާހިދު ބުނެލިއެވެ. ” ކިހިނެއްވީ ” ދީނާ ސުވާލުކޮށްލިއެވެ. ” އަހަރެންގެ ހަބަރެއް ނުވާތީ ކޮބާތޯ ބަލާލީޔޯ. ދެން ބުނި ކާން އަންނާށޭ ވެސް. އަހަރެން ބުނިން ދީނާ ކާން ހަދާފައޭ ހުރީ. ކައިގެން ދާނަމޭ ” ސާހިދު ވާހަކަ ދައްކަމުން ދިޔައިރު ދީނާ ފާޑަކަށް ހިނި އައިސްފަ ބަލަން އިނުމުން ސާހިދު ވެސް ހީލަމުން ބުނެލިއެވެ. ” ތީ ވަކިވާނެ ދެމީހުނެއް ނޫން. އެކަކު ނެތިއްޔާ އަނެކަކަށް ކަމެއް ވާކަމަކަށް ނުވާނެ. އަނެއްކާ ވެސް އަކޫ ނުގުޅަނީސް ކާން ހިނގާ ” ދިމާކުރާ ފާޑަކަށް ދީނާ ބުނެލިއެވެ. ” އެއީ ހަގީގީ ރަހުމަތްތެރި ކަމަކީ ” ދީނާގެ ފަހަތުން ހިނގައި ގަންނަމުން ސާހިދު ބުނެލިއެވެ. ” ތި ރަހުމަތްތެރިކަން ކިޔާ ދޭނެ ކަމެއްނެތް. ތީ އަހަރެންނަށް ނޭންގޭ ކަމެއްނޫނޭ ” ދީނާ ސާހިދާ ވާހަކަ ދައްކަމުން ގޮސް ކާގެއަށް ވަނެވެ.

” މަންމަ މިހާރު ކޮބާ؟ ” ކައިގެން އައިސް ރިފްއަތު ސިޓިންރޫމް ސޯފާގައި އިންދާ ނިޔާޒް އައިސް ސޯފާގައި އިށީނުމުން ރިފްއަތު ސުވާލުކޮށްލިއެވެ. ” މާލޭގަ ” ނިޔާޒް އިސްދަށަށް ޖަހާލަމުން ބުނެލިއެވެ. ” މަންމަ ދެން މިކޮޅަށް ގެންނަން ވީނު ” ރިފްއަތު ބުނެލިއެވެ. ” ބައްޕަޔަށް އެނގޭތަ. އަހަރެން ކިތައްމެ ފަހަރަކު ތިހެން ނިޔާ ގާތުގައި ބުނެފިން. އެކަމަކު މިއަދާ ހަމަޔަށް އައި އިރުވެސް ޖަވާބެއް ނުދޭ ” ދެބަފައިން ވާހަކަ ދައްކަން ތިއްބާ އަކިޔަލް އައިސް ރިފްއަތުގެ ކުރިމަތީ ހުރި ސޯފާގައި އިށީންނަމުން ބުނެލިއެވެ. ” ދަރިފުޅު ދެން މިކޮޅުގައި އުޅެންޏާ މަންމަ ވެސް މިކޮޅަށް ގެނައިމާ މަންމަ ވެސް ހިތްހަމަ ޖެހޭނެއްނު ” ރިފްއަތު ބުނެލިއެވެ. ” ރިޒޫގެ ކައިވެއްޏަށް ގެންނަން ވެގެން މިހުރީ ” ނިޔާޒް އިސްއުފުލާ ބަލާލަމުން ބުނެލިއެވެ. ” ފުރަތަމަ ތިކަން ވެސް ވާނީ މަންމަ މިކޮޅަށް ގެނެސްގެނެއްނު ” ރިފްއަތު ނިޔާޒަށް ބަލާލަމުން ބުނެލިއެވެ. ” އެތެދެއް. މަންމަ މިކޮޅަށް އަންނަހާ އަވަހަކަށް ރިޒްނީގެ ކައިވެނީގެ ކަންތައް ހަމަކުރަންވީ ” ރިފްއަތުގެ ގާތުގައި ސޯފާގައި އިން އަނީސާ ރިފްއަތުގެ ވާހަކަޔަށް ބާރު ދިނުމުގެ ގޮތުން ބުނެލިއެވެ. ރިފްއަތާ އަނީސާ އެހެން ބުނުމުން އަކިޔަލަށް ބަލާލެވުނީ ކާމޭޒު ކައިރީ ހުރި ރިޒްނީއަށެވެ. ރިޒްނީ ވެސް އަކިޔަލަށް ބަލާލުމުން އަކިޔަލް ހީލަމުން އެއްލޯ މަރާލިއެވެ. އަކިޔަލްގެ އެ އިޝާރާތުން ރިޒްނީގެ ތުންފަތުގައި ލަދުރަކި ހިނިތުންވުމެއްގެ މިއުޒިކު ކުޅެލިކަހަލައެވެ. ” އެހެންވީމާ ދަރިފުޅު މާލެ ގޮސް މަންމަ ގޮވައިގެން އާދޭ. ކައިވެނިގެ ހުރިހާ ކަމެއް ބައްޕަ ބަލާނަން ” ރިފްއަތު ބުނެލިއެވެ.

” އަހަރެންނަށް އަންގާ ވެސް ނުލާ ހުރިހާ ކަމެއް މިހާރު ނިންމާލީތަ އަކޫ ” ސާހިދު ގޭތެރެއަށް ވަންނަމުން ބުނެލިއެވެ. ” ކޮން ހުރިހާ ކަމެއްގެ ވާހަކަ އެއް ތިބުނީ ” އަކިޔަލް އަހާލިއެވެ. ” އަދި އެއްޗެއް ނޭންގޭ ކަމަށް އެބަ ހަދައެއްނު. މިދައްކަނީ ބޭފުޅާގެ ކައިވެނީގެ ވާހަކަ ” އަކިޔަލް ގާތުގައި އިށީންނަމުން ސާހިދު ބުނެލިއެވެ. ” އަހަރެން އަދި ކަމެއް… ” އަކިޔަލަށް ބާރަށް ހީގަނެވުނެވެ. ސާހިދުގެ ހަރަކާތް ހުރިގޮތުންނެވެ. ” މައިތިރިވޭ. އަކޫއަކަށް ނުވާނެ. ރިފްއަތުބޭ އެއްވެސް ކަމެއް ކުރާނެ ކަމެއްނެތް. އަހަރެންނާ ނިޔާއާ ހުރިހާކަމެއް ކުރާނަންދޯ ” ނިޔާޒާ ދިމާއަށް ބަލާލަމުން ސާހިދު ބުނެލިއެވެ. ” ސާހިދު ނިޔާޒަށް ” ދޯ ” ދިނުމުން އަކިޔަލް ބޮލުގެ އިޝާރާތުން ނުނެކޭ ބުނުމަށް ނިޔާޒަށް އަންގާލިއެވެ. އެވަގުތު ނިޔާޒް ހެވިފަ އަކިޔަލަށް ބަލާލުމުން ސާހިދު އަކިޔަލަށް ބަލާލިއެވެ. ” އަދި އެބަ އިޝާރާތް ކުރެއެއްނު. ކުރާނެ އިޝާރާތެއް ކުރޭ. އެކަމަކު މިފަހަރު ސަލާމަތް ވާނެކަމަށް ހީނުކުރާތި ” ސާހިދު އަކިޔަލްގެ ކޮޑުގައި އަތްއަޅާ ކޮށްޕާލަމުން ބުނެލިއެވެ. ސާހިދު އައުމުން މުޅިތަނަށް ދިރުން ގެނުވި ކަހަލައެވެ. ” އެތެދެއް ބައްޕާ. ޕާޓީގެ ހުރިހާ ކަމެއް އެމީހުންނާ ހަވާލު ކުރޭ. ދެން ބާކީ ހުރި ކަމެއް އަހަރެންނާ ބައްޕަޔާ ކުރާނީ ” އަކިޔަލް ބުނެލިއެވެ. ” އެންމެ ރަނގަޅު. ތިކުދިންނަށް ފެންނަގޮތެއް ހަމަ. ބައްޕަމެން ދެން ގެއަށް ގޮސްލާނަން ” ސޯފާއިން ތެދުވަމުން ރިފްއަތު ރިޒްނީއަށް ބަލާލުމަށްފަހު ބުނެލިއެވެ. ރިފްއަތު ގެއިން ބޭރަށް ނިކުތުމުން އަނީސާ ސަކީނާގެ ގާތަށް ޖެހިލުމަށްފަހު ދަނީއޭ ބުނެ ގެއިން ނިކުތެވެ. ” ހިނގާދޯ މަންމާ ކޮޓަރިއަށް ދާން ” އަނީސާ ދިޔުމުން ރިޒްނީ ސަކީނާ ގާތަށް ޖެހިލާ ބުނެލިއެވެ. އަދި ސަކީނާ ބޮލުގެ އިޝާރާތުން އާއެކޭ ބުނުމުން ރިޒްނީ ސަކީނާ އިށީދެގެން އިން ދުއްވާ ގޮޑި ކޮޓަރިއާ ދިމާއަށް ދުއްވާލިއެވެ.

” ކޮބާތަ މިރޭ ޒޭނާ ” ސަކީނާ ކޮޓަރިއަށް ގެންދިޔުމަށްފަހު އައިސް ރިޒްނި އަހާލިއެވެ. ” އެބަ އާދޭ. ހަމްދާން ކޮންމެވެސް ކަމެއްގަ ބިޒީ ވެގެންނޯ ލަސްވީ ” އަކިޔަލް ބުނެލިއެވެ. ” ދެން މިހާރު ކޮން ދުވަހަކުން ތަ ކައިވެނީގެ ކައްތައް ފައިނަލް ވެގެން މިދިޔައީ ” ސާހިދު އަހާލިއެވެ. ” އަދި ވަކި ދުވަހެއް ނުކުރަން. ދޮންބެއަށް އެނގޭނީ ” ރިޒްނީ ބުނެލިއެވެ. ” އެހެންތަ؟ ދޮންބެތަ ކައިވެނި ކުރަން މިއުޅެނީ ” ސާހިދު ދިމާކުރާ ފާޑަކަށް ބުނެލިއެވެ. ” ސާބަހޭ. މިބުނީ ދޮންބެ މާލެ ގޮސްފަ އައީމައޭ ” ރިޒްނީ ތުން އަނބުރާލަމުން ބުނެލިއެވެ. އެމަންޒަރު ސާފުކޮށް އަކިޔަލަށް ފެނުމުން ރިޒްނީ އިސްދަށަށް ޖަހާލިއެވެ.

” ހާދަ ގުރޫޕް ބޮޑުކޮށްލައިގެން ” ޒޭނާ ގޭތެރެއަށް ވަންނަމުން ބުނެލިއެވެ. ” ބޮޑެތި ކަންތައް ވާން އުޅެންޏާ ގުރޫޕްވެސް ބޮޑުވާނެދޯ ” ސާހިދު އަކިޔަލަށް ބަލާލަމުން ބުނެލިއެވެ. ” ކޮންފަދަ ބޮޑު ކަމެއް ވާން އުޅެނީ ”  ޒޭނާ އައިސް ސޯފާގައި އިށީދެލަމުން ސުވާލުކޮށްލިއެވެ. ” މީއަދި ފަސްދޮޅަހުގަ އުޅޭ މީހެއް ” ސާހިދު ހީ ގަންނަމުން ބުނެލިއެވެ. ” މިރޭ ސާހިދަށް ކިހިނެއްވެފަ މީނީ. ދިނާ އަނެއްކާ ކޮންއެއްޗެއް ކާންދިނީ ” ރިޒްނީ އެހެން ބުނުމުން އެންމެން އެއްފަހަރާ ހޭންފެށިއެވެ. ” ކޮންކަމެއްގެ މަސްވަރާއެއް މިކުރެވެނީ ” ހަމްދާން ބޭރުގައި ހުރެފައިސް ސުވާލުކޮށްލިއެވެ. ” މިއުޅެނީ އެންމެން ލޯބިވާ އަކިޔަލާ ރިޒްނީގެ ކައިވެނީގެ ވާހަކަ ދައްކާ ” ސާހިދު ބުނެލިއެވެ. ސާހިދު އެހެން ބުނުމުން އަކިޔަލް ދެލޯ ބޮޑުކޮށްލުމަށްފަހު ސާހިދަށް ބަލާލިއެވެ. ” ރަނގަޅު ތިހެން ބުނަން. ފެށުނީއްސުރެން އަކޫގެ ފަހަތުގައި ހުންނަ މީހެއްތީ. އެކަމަކު އެހެން މީހުންނެއްނު ނަން މިވީ ” ޒޭނާ ބުނެލިއެވެ. ” އެއީ އަސްލު ލޯބި ” ސާހިދު ހީލަމުން ބުނެލިއެވެ. ” އޯކޭ. މިހާރު މިވާ ގޮތަކީ އަކޫއާ ރިޒޫގެ ކައިވެނި ވީހާވެސް އަވަހަކަށް ކުރުވަން ރިފްއަތުބެ ބޭނުންވަނީ. އެހެންވެ އެވާހަކަ މިދައްކަނީ ” ސާހިދު ސީރިއަސް ގޮތް ދައްކާލަމުން ބުނެލިއެވެ. ” އެހެންތަ؟ މިހާރު އެހާ ހިސާބަށް ވެސް ދިޔައީތަ؟ އެހެންވިމާ ރިޒޫ ސައި އޮންނަން ވާނެ ” ޒޭނާ ބުނެލިއެވެ. ” ތީ ދެން ޝައްކުވެސް ކުރާ ކަހަލަ ކަމެއްނޫނެއްނު ” ރިޒްނީ ބުނެލިއެވެ. ” މިބުނީ ކައިވެނީގެ ސައިގެ ވާހަކަ އެއްނޫން ” ޒޭނާ ބުނެލިއެވެ. ” ދެން ކޮން ސައެއްގެ ވާހަކަ ތިބުނީ ” ރިޒްނީ ވެސް އަހާލިއެވެ. ” މިބުނީ އެހާ އަވަހަށް ކަންކަން ހަމަ ޖެހުނީމާ ސައި އޮންނަން ވާނެ ވާހަކަ. ކައިވެނިގެ ސައި އެއީ އަދި މުޅިން އެހެން ކަމެއްނު ” ޒޭނާ ބުނެލިއެވެ. ” އެހެންދޯ ތިބުނީ. އެކަމަކު ތިބުނާހާ އަވަހަށް ކަން ކަން ހަމަޖެހެން މެދުވެރިއަކަށްވީ ތި އެންމެން. އެހެން ނޫންނަމަ އަހަރެން އުޅެންޖެހޭނެ ހާލެއްވެސް ނޭންގެ ” ރިޒްނީ އައިސް ޒޭނާ ގާތުގައި ސޯފާގައި އިށީންނަމުން ބުނެލިއެވެ. ” އެވާހަކަ ދެން ނުދައްކާ. މިއަދު ހާލަތު ވަނީ ބަދަލުވެފަ. ދެން ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް ” ޒޭނާ ބުނެލިއެވެ.

” ދެން ކޮންދުވަހަކުން ކައިވެނި އޮތީ ” ޒޭނާ އަހާލިއެވެ. ” ދޮންބެ މާލެ ގޮސްފަ އައީމާ ” ރިޒްނީ ބުނެލިއެވެ. ” އަކޫ ދެން އަހަރެން ގޮސްލާނަން. އަންނާނަން މާދަން ” ނިޔާޒް ގެއަށްދާން ވެގެން ތެދުވަމުން، އެހެން ބުނުމުން އަކިޔަލް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ” ދޮންބެ ކީއްކުރަން މާލެ ދަނީ. ކައިވެންޏަށް ބޭނުންވާ އެއްޗެއް ބަލައިތަ؟ ” ނިޔާޒް ގެއިން ނިކުތުމުން ޒޭނާ ރިޒްނީ ކުރެން އަހާލިއެވެ. ” އެއީ ދޮންބެގެ މަންމަ ބަލާ. ބައްޕަ ބުނީ ދޮންބެ ގާތުގަ މަންމަ ގެނެސްފަ ކައިވެނިގެ ކަންތައްކުރަން. އަހަރެން ވެސް ބޭނުންވަނި އެގޮތް. އެހެންވެ ދޮންބެ މާލެ ދަނީ ” ރިޒްނީ ކިޔާދިނެވެ. ” ދެން ކޮންއިރަކުން ނިޔާ ފުރަނީ ” ހަމްދާން އަހާލިއެވެ. ” މާދަން ވެސް ހަމަ ފުރަންވީ. ބައްޕަ ބުނީ ވީހާވެސް އަވަހެއް ކުރާށޭ ” ރިޒްނީ ހީލަމުން ބުނެލިއެވެ. ” އަކޫ ޕާޓީއެއް ނުބާއްވަންތަ؟ ” ޒޭނާ އަހާލިއެވެ. އެވަގުތު އަކިޔަލް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ” އެހެންތަ؟ ޕާޓީ ނުބާއްވާ ހަމަ ނޭވާ ލިޔަ ވެސް ނުދޭނަން. ހެޔޮ ކިތައްމެ ވަރަކަށް ބޯޖެހިޔަސް ” އަކިޔަލް އެހެން ބުނެލުމުން ފޯނާ ކުޅެންއިން ސާހިދު ކުއްލިއަކަށް ބުނެލިއެވެ. ” ބޮޑު މީހާ އެބުނީނު. ދެން ޖެހޭނީ ބާއްވާކަށްނު ” އަކިޔަލް ހީލަމުން ބުނެލިއެވެ. ” އެހެންވީމާ ކުރީގެ ހުރިހާ ރައްޓެހިންނަށް ދައުވަތު ދޭންވާނެދޯ ” ޒޭނާ ބުނެލިއެވެ. ” ތީދެން އަހާކަލަ ވާހަކައެއްވެސް ނޫނެއްނު. އެންމެންނަށް ވެސް ދައުވަތު ދޭނަން ” އަކިޔަލް ބުނެލިއެވެ.

 

 

13

You may also like...

4 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Me first dhw 😀😀😘❤vrh vrh rythi mi prt vx💞💞💞💕💕💘💘masha allah..😊😊😉😉💜💜💖💖Whn nxt..curiously waiting ingey

    ⚠Report!

Leave a Reply

Your email address will not be published.