
ބޭނުންވަނީ އުމުރަށް 21 ވަނަ ބައި
” ޒޭނާ ވާނެ އަހަރެން ބުނާ ކަމެއް ކޮށްލަދޭން ” އަކިޔަލް ބުނެލިއެވެ. ” ކޮންކަމެއް އަނެއްކާ ” ޒޭނާ އަހާލިއެވެ. ” އަހަރެންދޭ ދަޢުވަތު ކާޑް ސާރާގެ ދެމަފިރިންނާ ހަވާލުކޮށްލަން ” އަކިޔަލް ރިޒްނީއަށް ބަލާލަމުން ބުނެލިއެވެ. ” ސާރާ…!!! ” ހައިރާންކަމާއެކު ޒޭނާއަށް ބުނެލެވުނެވެ. ” އާނ. އަހަރެމެން ދެމީހުން ވެސް ބޭނުންވީ ސާރާގެ ދެމަފިރިންނަށް ވެސް އިންވައިޓް ކުރަން. އެހެންވެ އެހެން މިބުނީ ” ރިޒްނީ ބުނެލިއެވެ. ” ސާރާ ފެނިފަ އަނެއްކާ ހޭބަލި ނުވާތި ” ހިނިގަނޑެއް ޖަހާލަމުން ސާހިދު ބުނެލިއެވެ. ” ދެން އެހެން ނުވާނެ. އެއީ މާޒީ ” އަކިޔަލް ބުނެލިއެވެ.
” ދޮންބެ މާލެ ގޮސްފަ އަންނާނީ ކޮން ދުވަހަކު ” ރިޒްނީ އަހާލިއެވެ. ” މާލެ ދެވުނީމާއެއްނު އެނގޭނީ އަދި. މަންމަ މިކޮޅަށް ގެންނަންޔާ ބައެއްކަހަލަ އެއްޗެހި ވެސް ގަންނަން ޖެހޭނެ. އެހެންވީމާ އެކަން ވެސް ކޮށްލައިގެން އަންނާނީ. ބައްޕަ ވެސް އެބަ އޮތް ލިސްޓެއް ދީފަ. އެ ސާމާނު ގަނެފަ ބޯއްޓަށް ވެސް ލާން ޖެހޭނެ ” ނިޔާޒް ބުނެލިއެވެ. ” އަންނާނަން ނިޔާ އެއާރ ޕޯޓަށް ލާފަ ” އަކިޔަލް މިހެން ބުނުމުން ރިޒްނީ ހިނިތުން ވެލަމުން ބޯޖަހާލިއެވެ.
” މިހާރު ނިންމާލީތަ؟ ” އަކިޔަލް ނިޔާޒް ގޮވައިގެން ދިޔުމުން ރިޒްނީ ބަދިގެއަށްވަދެ ޒޭނާ ކުރެން އަހާލިއެވެ. ” މީ ދެން މާ ގިނަ ވަގުތެއް ވާކަމެއްނޫނެއްނު. ފުއްގަނޑު މިއޮތީ މޮޑެ ނިމިފަ. ދެން ހަމަ ފިހަން ފަށަން ވީ ” ޒޭނާ ބުނެލިއެވެ. ” އަވަސް ކުރަން ކުރަން ހިނގާ. މަންމަ ވެސް އޮތީ ސައިތަށި ދިން ގޮތަށް ” ރިޒްނީ ބުނެލިއެވެ. ” އިނާޔާ މިއަދު ކޮބާތަ؟ ” ރިޒްނީ އަހާލިއެވެ. ” ފިހާރައިގެ ކަންތައް ހަމަޔަކަށް އަޅުވާލާފަ ހަމީދުއާ ހަވާލުކޮށްލާފަ އަންނާނަމޭ ބުނި ” ޒޭނާ ރޮށި ދަމަމުން ބުނެލިއެވެ.
” ބަލާލަބަލަ ބޭރުގަ މީހަކު ހުރިތޯ؟ ” ޒޭނާ ދޮރާ ދިމާއަށް ބަލާލަމުން ރިޒްނީ ގާތުގައި ބުނެލިއެވެ. ” ކިހިނެއްވީ އަނެއްކާ ” ޒޭނާ އެހެން ބުނުމުން ރިޒްނީއަށް ދޮރާ ދިމާއަށް ބަލާލެވުނެވެ. ” ދެން ބަލާލަ ބަލަ. އޭރުން ބުނާނަން ” ޒޭނާ ބުނެލިއެވެ. ” ދެން ބުނެބަލަ ” ޒޭނާ އެހެން ބުނުމުން ރިޒްނީ ބޭރު ބަލާފަ އައިސް ބުނެލިއެވެ. ” ވާހަކައެއް އަހާލަންތަ؟ ” ޒޭނާ ބުނެލިއެވެ. ” ކޮން ވާހަކަ އެއް އަހަން ތިޅެނީ ” ރިޒްނީ ތަވާ މަތީ އޮތް ރޮށި ފުށުން ޖަހާލަމުން ބުނެލިއެވެ. ” ނިޔާ އާ އިނާޔާ އާ ކަމެއްތަ؟ ” ޒޭނާ ރިޒްނީގެ މޫނަށް ބަލާލަމުން އަހާލިއެވެ. ” ވަޓް… ” ހައިރާންކަމާއެކު ރިޒްނީއަށް ޒޭނާއަށް ބަލާލެވުނެވެ.
” ކިހިނެއްވީ ތިހެން ތިބުނީ ” ރިޒްނީ އަހާލިއެވެ. ” ބުނެބަލަ. އެއީ ކަމެއްތަ؟ ” ޒޭނާ އަހާލިއެވެ. ” ނޭންގެ އަހަންނަކަށް. ތިފާޑުގެ ވަހެއް ނުދުވާ ” ރިޒްނީ ބުނެލިއެވެ. ” ރިޒޫއަށް އަކޫގެ ވަސް ނޫން އެހެން ވަހެއް ދުވާނަމަދޯ އެނގޭނީ ވެސް ” ދިމާ ކުރާ ފާޑަކަށް ޒޭނާ ބުނެލިއެވެ. ” ދެން މާ ވާހަކަ ދިގުނުކޮށް ބުނެބަލަ. ކީއްވެތަ ތިހެން ތި އެހީ. އަނެއްކާ ގޯހެއް އުޅެނީތަ؟ ” ރިޒްނީ އަހާލިއެވެ. ” އަހަރެންނަށް ވަރަށް ހީވޭ. ކަމެއް އުޅޭހެން ” ޒޭނާ ބުނެލިއެވެ. ” ކޮންއެއްޗެއް އެނގިގެން ތިއުޅެނީ ” ތަވާ މަތީ އޮތް ރޮށި ނަގާ ތައްޓަށްލަމުން ރިޒްނީ އަހާލިއެވެ. ” ތަންކޮޅެއް ކުރިން ރެއެއްގައި އެދެމީހުން ފެނުނީމަ ” ޒޭނާ ބުނެލިއެވެ. ” ކޮންތާކުން ފެނުނީ ” ރިޒްނީ ވަރުވަރުން ސުވާލުކުރަމުން ދިޔައެވެ. ” ހަމްދާނާ އެކުގަ ދުއްވާލަން ނިކުމެ އުޅެނިކޮށް، އިނާޔާމެންގޭ ކައިރިން ފެނުނީ. އޭގެ ފަހުން އަހަރެން ވަރަށް ބަލަން ވާވަރު. އެހެން އުޅެނިކޮށް ދެފަހަރެއްގެ މަތިން ފެނުން ” ޒޭނާ ބުނެލިއެވެ. ކުރިން ތިވާހަކަ ބުނި ނަމަ ތިވާހަކަ އަހަރެން ދޮންބެ ކުރިމަތީ ފަޅާލާނަން. އޭރުން އެނގޭނެ ސިއްރުން ކަންތައް ކުރާތީ ވާގޮތް ” ރިޒްނީ ހީގަންނަމުން ބުނެލިއެވެ. ” ތިހެން ހަދާފާނެތީ ނުބުނީ ވެސް. އެއްޗެއް ޔަގީން ވަންދެން ވެސް މަޑުން ނުހުންނާނެކަން އެނގޭ ” އެންމެ ފަހު ރޮށި ތަވާ މައްޗަށް ލަމުން ޒޭނާ ބުނެލިއެވެ. ” ދެން މިހާރު އެއްޗެއް ޔަގީން ކުރާކަށް ނެތެއްނު. އެއްފަހަރަށް ވުރެއް ގިނަފަހަރަށް ފެނުނީމާ އެއޮތީ ޝައްކު ޔަގީންވެ، މުޖައްރިބް ވެފަ ” ރިޒްނީ އެހެން ބުނުމުން ޒޭނާ ހީގަތެވެ. ” ހިނގާ އިނާޔާ ގާތުގަ އަހާލަން. އޭރުން ވާނުވާ އެނގޭނެއްނު. އިނާޔާ އެއްބަސް ވެއްޖެނަމަ ދޮންބެއަށް އަންގާ ވެސް ނުލާ އަހަރެން ތިވާހަކަ ބައްޕަ ގާތުގަ ބުނާނަން. އޭރުން ވަރަށް މަޖާ ވާނެ ” ރިޒްނީ ވިސްނާލާފަ ބުނެލިއެވެ.
” ހާދަ ބުރަ ކޮށްލައިގެން ” ހެނދުނުގެ ސައިގެ ކަންތައް ނިންމާލުމަށްފަހު ޒޭނާޔާ ރިޒްނީ ފިރާހައަށް ވަދެ ބުނެލިއެވެ. ” އެހާ ބުރައެއް ނޫން. ކިހިނެއްވީ ” އިނާ ބުނެލިއެވެ. ” ކަމެއްނުވޭ އަހާލީ ” ޒޭނާ ބުނެލިއެވެ. ” ނުވާނެ އެހެނެއް. ކޮންމެ ވެސް ކަމެއްވީމާ ތިހެން އަހާނީ ” އިނާޔާ ބުނެލިއެވެ. ” އެއްވެސް ކަމެއް ނުވޭ ” ޒޭނާ ބުނެލިއެވެ. ޒޭނާ އެހެން ބުނުމުން ރިޒްނީ ޒޭނާގެ ގައިގަ ކޮށްޓާލާފަ ބޮލުގެ އިޝާރާތުން އަހާށޭ ބުނުލިއެވެ. ” ކޮންކަމަކާ ދެމީހުން މާ ސިއްރުން ތި ވާހަކަ ދައްކަނީ ” ދެމީހުން ސިއްރުން އެއްޗެއް ކިޔާހެން ހީވެގެން އިނާޔާ އަތުގަ އޮތް ފައިލް ލައްޕާލަމުން ބުނެލިއެވެ. ” ނުކިޔަން އެއްޗެއް ” ސިހިފަ ރިޒްނީ ބުނެލިއެވެ. ” ނުވާނެ. ކޮންމެވެސް އެއްޗެއް ދެމީހުން އެބަކިޔާ. ކިހިނެއްވީތަ؟ ” އިނާޔާ ކައުންޓަރުން ބޭރަށް ނިކުންނަމުން ސުވާލުކޮށްލިއެވެ. ” އަސްލު ވެސް އެއްޗެއް ނުކިޔަން ” ޒޭނާ ރިޒްނީއަށް ބަލާލަމުން ބުނެލިއެވެ. ” އެއްޗެއް ނުކިޔާކަން ދެމީހުންގެ މޫނަށް ބަލާލީމާ ވެސް އެނގޭ ” ޒޭނާ އަދި ރިޒްނީއަށް ބަލާލަމުން އިނާޔާ ބުނެލިއެވެ. ” ބުނެބަލަ ވެގެން ތިއުޅޭ ގޮތެއް. އޭރުންދޯ އަހަރެންނަށް ވެސް ތިވާހަކައަށް ޖޮއިން ކޮށްލެވޭނީ ” އިނާޔާ ހަމަޖެހޭ ގޮތް ދައްކާލަމުން ބުނެލިއެވެ.
” ހަމަ ބުނަންވީތަ؟ ” ޒޭނާ އަހާލިއެވެ. ” އާނ. ބުނެބަލަ ” އިނާޔާ ބުނެލިއެވެ. ” އޯކޭ. އަހަރެން ކުރާ ސުވާލަކަށް ޖަވާބު ދޭންވީ. ވާނެތަ؟ ” ޒޭނާ ބުނެލިއެވެ. ” ތި ސުވާލެއް ކުރީމާދޯ ޖަވާބު ވެސް ދެވޭނީ. ފުރަތަމަ ސުވާލު ކޮށްބަލަ ” އިނާޔާ ބުނެލިއެވެ. ” ދޮގު ނުހަދާތި ” ރިޒްނީ ބުނެލިއެވެ. ” ދޮގު ހަދަންވީ ކީއްކުރަންތަ؟ ހަގީގަތް އެކުލެވޭ ކަމެއްގަ ސުވާލުކޮށްފިއްޔާ ޖަވާބު ދޭނަން. އެންމެ ރަނގަޅެއްނު ” ޕިސް ކަނޑާލަމުން އިނާޔާ ބުނެލިއެވެ. ” އިނާޔާގެ ބިޓް ކޮބާ؟ ” ޒޭނާ އަހާލިއެވެ. ” މާލެ ގޮސްވީ ” އިނާޔާ ޖެހުލުމެއްނެތި ބުނެލިއެވެ. އިނާޔާ އެހެން ބުނުމުން ޒޭނާއަށް ބަލާލެވުނީ ރިޒްނީއަށެވެ. ” ކީއްކުރަން މާލެ ދިޔައީ ” ދެވަނަ ސުވާލު ޒޭނާ ކޮށްލިއެވެ. ” އޭނާގެ މަންމަ ބަލާ ދިޔައީ. ކަލޭމެން ދެމީހުންނަށް ސާބަސް. ތިހާ ދުރު ދުރުން ސުވާލު ނުކުރިޔަސް ސީދާ ސުވާލު ކުރިނަމަ ވެސް އަހަރެން ކިޔާދޭނަމޭ ” އިނާޔާ ކައުންޓަރުގައި ލެނގިލަމުން ބުނެލިއެވެ. ” ތިބުނީ ދޮންބެ… ” ރިޒްނީ ހައިރާން ކަމާއެކު ބުނެލިއެވެ. އާއެކޭ ބުނުމުގެ ގޮުތުން އިނާޔާ ހީލަމުން ބޯޖަހާލިއެވެ. ” ކޮބާ!!! އަހަރެން ބުނީމެއްނު ވަހެއް ދުވައޭ ” ޒޭނާ ބުނެލިއެވެ. ” ތީ ކޮންއިރަކުން ފެށިގެން ދުއްވާ ވަހެއްތަ؟ ” ރިޒްނީ އިނާޔާ ކައިރިއަށް ޖެހި އިނާޔާގެ ކޮޑުގައި އަތް އަޅާލަމުން އަހާލިއެވެ. ” މިރަށަށް އައި ފަހުން ” އިނާޔާ ހީގަންނަމުން ބުނެލިއެވެ. ” ދެން ކީއްވެ ސިއްރުން ތިއުޅެނީ ” ޒޭނާ އަހާލިއެވެ. ” ނިޔާ ބުނީ އަދި އެއްވެސް މީހެއްގެ ގާތުގަ ނުބުނާށޭ. އެހެންވެ… އެކަމަކު މި ޒޭނާއަށް އެގިއްޖެ ” އިނާޔާ ބުނެލިއެވެ. ” އަހަރެންގެ ނޭފަތް ވަރަށް ދުރުން ވަސް ދެނެގަންނާނެ. އެހެންވެ އަހަރެންނަށް ވަސްދުވީ ” ސަމާސާ ރާގަކަށް ޒޭނާ ބުނެލިއެވެ. ” އަހަރެން ބައްޕަ ގާތުގަ ތިވާހަކަ ބުނާނަން. އަހަރެން ބޭނުންވަނީ ދޮންބެގެ ކައިވެނި ވެސް އަހަރެންނާއެކުގަ ވުން ” ރިޒްނީ ބުނެލިއެވެ. ” ސަޅި ކަމެއްތީ. ވަރަށް މަޖާ ވާނެ ތިހެން ވިއްޔާ ” ޒޭނާ އުފާވެރިކަމުގެ ހިނިތުންވުމަކާއެކުގަ ބުނެލިއެވެ.
” ހަމަ އެހާ ސަޅިވާނެ ޒޭނާގެ ކައިވެނި ވެސް މީގެ ތެރެއަށް އެޑްކޮށްލީމާ ” ފިހާރައަށް ވަންނަމުން އަކިޔަލް ބުނެލިއެވެ. ” ކޮންމެހެން ތިކަމާ އުޅޭނެ ކަމެއްނެތް ” އަކިޔަލްގެ އަޑު އިވުމުން ޒޭނާ ފަހަތަށް ބަލާލުމަށްފަހު ބުނެލިއެވެ. ” ކީއްވެ ނޫޅެންވީ. މިފަހަރު ވާނެ ތިކަން ވެސް ނިމެން. އެެރުން ފުރިހަމަ ވާނީ ” އަކިޔަލް ކައުންޓަރު ތެރޭގައި ހުރި ގޮޑީގައި އިށީންނަމުން ބުނެލިއެވެ. ” އަކޫއަށް އެނގޭތަ ދޮންބެ ކޮށްގެން އުޅޭ ކަމެއް ” ރިޒްނީ ބުނެލިއެވެ. ” އެނގޭ. ހުރިހާ އެއްޗެއް ވެސް އެނގޭ. ދޮންބެ އެކުރީ ހަމަ ވަރަށް ސަޅި ކަމެއް. އަހަރެން ދެކޭ ގޮތުގަ ދޮންބެއަށް އިނާޔާ ނޫން މީހަކު ކަމަކު ވެސް ނުދާނެ ކަންނޭންގެ ” އަކިޔަލްގެ ވާހަކައިން ތިން މީހުން ހައިރާން ވިއެވެ. ” އެހެންވީމާ އެކަން ކުރިން ވެސް އަކޫއަށް އެނގޭދޯ ” ޒޭނާ އަހާލިއެވެ. ” އަހަރެންނަށް ނޭންގި އެއްކަމެއް ވެސް ނިޔާ ނުކުރާނެ ކަމަށް އަހަރެން ބަލަނީ. އަދި އަހަރެންގެ ބެސްޓް ޖޯކަރު ސާހިދު ވެސް. އެހެންވީމާ އެހެން މީހުންނަށް ވުރެއް ކުރިން އަހަރެންނަށް ހުރިހާ ކަމެއްވެސް އެނގޭނެއްނު ” އަކިޔަލް ގޮޑިގައި ހަމަ ޖެހިލަމުން ބުނެލިއެވެ. ” އެކަމަކު ބައްޕަޔަށް ނޭންގޭނެ. އަހަރެން ބައްޕަ ގާތުގަ ބުނެފަ ދޮންބެ އަންނަން ވާއިރަށް ހުރިހާ ކަމެއް ސެޓް ކުރާނަން ” ޒޭނާ ބުނެލިއެވެ. ” އާނ… އަދި ބައްޕަ ގާތުގަ ނުބުނޭ. ދޮންބެއަށް ސަޕްރައިޒް ދޭން ތިކަން ތިމީހުންނަށް ހަވާލު. އެކަމަކު ޒޭނާ ތައްޔާރު ވެގެން ހުންނާތި. މިފަހަރު ތިކަންވެސް ވާނެ ނިމެން ” އަކިޔަލް މިހެން ބުނެލުމަށްފަހު ފިހާރައިން ނިކުމެގެން ދިޔައެވެ.
” ދަރިފުޅު ކައިވެނި ކުރަނީ ކޮންއިރަކުން ” ރިފްއަތު ބޭރު ޖޯލީގައި އިންދާ ނިޔާޒް އައިސް ޖޯލީގައި އިށީނުމުން ރިފްއަތު އަހާލިއެވެ. ” ރިޒޫގެ ކައިވެނީގެ ފަހުން ތިކަހަލަ ކަމަކާ ވިސްނާނީވެސް ” ނިޔާޒް ބުނެލިއެވެ. ” އެކަމަކު މިހާރު ބައްޕަޔަށް ހީވަނީ ދަރިފުޅު ކައިވެނި ކުރަން ވެއްޖެހެން ” ރިފްއަތު ބުނެލިއެވެ. ” އެތެދެއް ދޮންބޭ. އަހަރެންނަށް ވެސް ހީވަނީ ދޮންބެ ބޮޑުވެއްޖެހެން ” ރިޒްނީ ގޭތެރެއިން ނިކުމެ ބުނެލިއެވެ. ” މޮޅުވާހަކަ ނުދައްކާ ހުރެބަލަ ” ނިޔާޒް ބުނެލިއެވެ. ” އާނ… އަހަރެންމީ މޮޅު ވާހަކަ ދައްކާ މީހާ ” ރިޒްނީ ގޮތް ދައްކާލިއެވެ. ” ދެން ތިހާ ސިއްރުން ނޫޅުނަސް ވެދާނެދޯ. އަހަރުމެންގާތުގަ ވެސް ބުނެލިނަމަ ކިހާ ސަޅިވާނެ ” ގޭތެރެއިން ނިކުމެގެން އައި ޒޭނާ ނުހުރެވިގެން ބުނެލިއެވެ. ” ކޮންކަމެއް ސިއްރު ކުރި ވާހަކައެއް ތިބުނީ ” ނިޔާޒް ހައިރާންކަމާއެކު ބުނެލިއެވެ. ” މަޑުކުރޭ. އެބަ އަންނަން ” ޒޭނާ މިހެން ބުނެ ގޭތެރެއަށް ވަނެވެ.
” މީ ސިއްރުން ކުރާ ކަންތައް ” ކާމޭޒް ކައިރީ ސައިބޯން އިން އިނާޔާ ގޮވައިގެން އައިސް ޒޭނާ ބުނެލިއެވެ. ޒޭނާ އެހެން ބުނުމުން ނިޔާޒް އިސްދަށަށް ޖަހާލިއެވެ. ” ކޮއްކޮގެ ކައިވެންޏާއެކު ދަރިފުޅުވެސް ކައިވެނި ކުރަން ބައްޕަ ބޭނުންވަނީ ” ރިފްއަތު އެހެން ބުނެލުމަށްފަހު ޖޯލިން ތެދުވެގެން ދިޔައެވެ.
” ކާކު ބައްޕަ ގާތުގަ ބުނީ ” ރިފްއަތު ދިޔުމުން ނިޔާޒް އަހާލިއެވެ. އެކަކުވެސް އެއްޗެއް ނުބުނުމުން ނިޔާޒް ރިޒްނީއަށް ބަލާލިއެވެ. ” ޔަގީން ރިޒޫ ނައްޓާފަ ނުދާނެ ” ނިޔާޒް ބުނެލިއެވެ. ” އެވަގުތު ރިޒްނީއަށް ބާރަށް ހޭންފެށުނެވެ. ” ދޮންބެ އެހާ ސިއްރުން ކަމެއް ކުރާނެ ކަމެއް އަހަރެންނަށް ކިހިނެއް އެނގެނީ. އަހަރެންނަށް އެގުނީމާ ބައްޕަ ގާތުގަ ވެސް ބުނެލީ ” ނިޔާޒާ ޖެހިގެން ހުރި ޖޯލީގައި އިށީންނަމުން ރިޒްނީ ބުނެލިއެވެ. ” ދޮންބެއަށް އެނގޭތަ؟ އަދި އެހެން ކައިވެންޏެއްވެސް ވާނެ. ތިން ކައިވެނި ކުރެވި، އެއްކޮށް ޕާޓީ ބާއްވާއިރު ކިހާ މަޖާވާނެ ” ރިޒްނީ އުފަލުން ބުނެލިއެވެ. ” އިތުރަށް ކާކު މެރީ ކުރަނީ ” ހަމަޖެހިލައިގެން ޖޯލީގައި އޮތް ނިޔާޒް ރިޒްނީ ބުނި އެއްޗަކުން ތެދުވެ ކޮޅަށް ޖެހުނެވެ. ” މިހިރަ އަންހެނާގެ ” ޒޭނާއަށް އިޝާރާތް ކޮށްލަމުން ރިޒްނީ ސަމާސާ ރާގަކަށް ބުނެލިއެވެ. ” އަސްލުވެސްތަ؟ ބައްޕަތަ އެކަން ވެސް ކުރުވަނީ ” ނިޔާޒް ޒޭނާއަށް ބަލާލަމުން ބުނެލިއެވެ. ” ބައްޕައެއް ނޫން. އަހަރެން… ” އަކިޔަލް ގޭތެރެއިން ނިކުމެ ބުނެލިއެވެ.
” މިހާރު ކިހާ ދުވަހެއް އެހެން ތަތްލާން ނުކެރިފަ ތިބޭތާ. އެހެންވެ އަހަރެންގެ ހިތަށް އެރީ އަހަރުން މެރީ ކުރާއިރު ނިޔާގެ މެރީ ކުރިއަށްދާނެތީ، ޒޭނާގެ ވެސް ކަންތައް ނިންމާލަން. ޒޭނާގެ ކައިވެނީގެ ހުރިހާ ހަރަދެއް ކުރާނީ އަހަރެން. އެއީ އަހަރެން ޒޭނާއަށްދޭ ހަދިޔާއެއް. އަހަރެން ގަބޫލް ކުރަން އެވަރުންވެސް ޒޭނާ ވެދިން އެހީތެރިކަމުގެ އަގު ވަޒަން ނުކުރެވޭނެކަން. ޒޭނާ އެކޭ އެއްގޮތަށް އިނާޔާ ވެސް ވަރަށް އެހީތެރިކަން ވެދިން. އަހަރެން ވާނީ މިހާރު ހަމްދާން ގާތުގަ ވެސް ބުނެފަ. ޒޭނާގެ ކައިވެނީގެ ހުރިހާ ހަރަދެއް ކުރާނީ އަހަރެން ކަމަށް. ހަމަ އެގޮތަށް ނިޔާ ވެސް ހަރަދެއް ކުރާނެ ކަމެއްނެތް. އަހަރެންނަށް އެހީ ބޭނުންވި ދުވަހު އެހީތެރިކަން ވެދިން ހުރިހާ އެންމެންނަށް ވެސް ޝުކުރު އަދާކުރަން ބޭނުން ” އަކިޔަލް ޖޯލީގައި އިށީދެގެން އިދެ ބުނެލިއެވެ. ” ތީދެން ކޮންކަމެއް. އަހަރުމެން ކުރި ހުރިހާ ކަމަކީ އަކޫގެ ޝުކުރުގެ ފޮނިފޮނި ބަސްތައް އަޑު އަހަންވެގެން ކުރި ކަންތައްތަކެއް ނޫން. ތީ އަހަރުން އެންމެންގެ ވެސް އެންމެ އިސްމީހާ ކަމަށް ބަލާފަ، ކުރިން ސުރެއްވެސް އޮތް ގާތް ރަހުމަތްތެރިކަން އޮތީމާ. އިރާދުކުރެއް ވިއްޔާ އަހަރުން އެންމެންވެސް އަބަދުވެސް ވާނީ އެކީގަ ” ޒޭނާ ބުނެލިއެވެ.
އެންމެން ކުރަމުން އައި ފޮނި އުންމީދުގައި ހަގީގީ ކުލަ ޖެހެން ވަގުތު ކުޑަތަން ވަމުން ދިޔައެވެ. ރިޒްނީ، އިނާޔާ އަދި ޒޭނާ އެއްކޮށްތައްޔާރީތައް ވަމުން ދިޔައެވެ. ކައިވެނި ކުރާ މަޖިލީހަށް ދާއިރު ލާ ހެދުން ލައިގެން އާދައިގެ ގޮތަކަށް މޭކަޕް ކުރަމުން ދިޔައެވެ. އޭރު އަކިޔަލްގެ ގޭތެރޭގައި ކައިވެނީގެ މަޖިލީސް ތައްޔާރު ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ސާހިދުގެ ބެލުމުގެ ދަށުން ނިމިއްޖެއެވެ. ކައިވެނީގެ މަޖިލީހަށް ވެސް ސާހިދު ތަންތައްޔާރުކޮށްލާފަ ވަނީ ޕާޓީއަށް ތައްޔާރު ކުރާ އުސޫލުންނެވެ. އެހާ ވެސް ފުރިހަމަ އެވެ. ކައިވެނި ކުރުމަށް ހަމަ ޖެހިފައިވާ ވަގުތު ޖެހުމުން ކައިވެނީގެ މަޖިލީހަށް އެންމެން ހާޒިރު ވިއެެވެ. ތިން ފަރާތުގެ އާއިލާއިންނާއި، ގާތް ރަހުމަތްތެރިން ތަކުން މުޅިތަން ވަނީ ފުރާލާފައެވެ.
” ހާދަ ވަސްގަނޑު ރަނގަޅޭދޯ ” ރިޒްނީ ފެންވަރާލައިގެން އައިސް ޑްރެސިންގ ޓޭބަލް ކައިރީ ހުއްޓާ އަކިޔަލް ފުރަގަހުން ރިޒްނީގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. ” ކޮން އިރަކު ވަސް ނުބައި ވެގެން އުޅުނީ ” ރިޒްނީ އަކިޔަލާ ދިމާއަށް އެނބުރިލަމުން ބުނެލިއެވެ. ” މިބުނީ މިރޭ އަދި އާދަޔާ ހިލާފު މީރުވަހެއް ހުރި ވާހަކަ ” އަކިޔަލް ރިޒްނީގެ ކަރުދަށާ ދިމާއަށް މޫނު ކައިރިކޮށްލަމުން ބުނެލިއެވެ. ” ހޫމް… އެގިއްޖެ ވެގެން ތިއުޅޭ ގޮތް ” އަކިޔަލްގެ އެހަރަކާތުން އަކިޔަލް ދުރަށް ކޮށްޕާލަމުން ރިޒްނީ ބުނެލިއެވެ. އެވަގުތު ހުށިޔާރު ކަމާއެކު ދުރަށްދާން މަސައްކަތް ކުރި ރިޒްނީގެ އަތުގައި އަކިޔަލް ހިފާ ގާޔާ ކައިރިއަށް ދަމާލިއެވެ. އެއާއެކު ރިޒްނީ އައިސް އަކިޔަލްގެ މޭގަ ޖެހުމުން އަކިޔަލް ދެއަތުން ރިޒްނީގެ ގައިގައި ދެއަތް ވަށާ ބާރުކޮށްލިއެވެ. ” ދެން ދުރަށް ދަނީ ކިއްކުރަންތަ؟ މިދުވަހަށް އަހަރެން ވަރަށް އިންތިޒާރުކުރިން. ވަރަށް ކެއްކުރިން ” އަކިޔަލް ވައި އަޑުން ރިޒްނީގެ ކަންފަތް ކައިރީގައި ބުނެލިއެވެ. އަކިޔަލްގެ އަޑުގައިވާ ޖަޒުބާތު އިހުސާސް ކުރެވުމުން ރިޒްނީ އަކިޔަލްގެ ޒުވާން ހަށިގަނޑުގައި ބައްދާލަމުން ދެލޯ މަރާލިއެވެ. ރިޒްނީ އަކިޔަލްގެ ގައިގައި ބައްދާ ބާރުކޮށްލުމުން، އަކިޔަލް އޭނާގެ ދިގު އިގިލިތަކުން ރިޒްނީގެ ބުރަކަށީގައި ހަރަކާތް ކޮށްލިއެވެ. އަކިޔަލްގެ އެ ޖަޒުބާތުން ފުރިގެންވާ ހަރަކާތުން ރިޒްނީއަށް ތަފާތު އިހްސާސެއް ކުރުވިއެވެ. ރިޒްނީ ދެލޯ މަރާލައިގެން ހުއްޓާ އަކިޔަލް ރިޒްނީ ގަޔާ ދުކޮށްލުމަށްފަހު ރިޒްނީގެ މޫނުގެ ދެފަރާތުގައި ހިފާ އަކިޔަލްގެ މޫނާ ކައިރި ކޮށްލިއެވެ. އަކިޔަލްގެ ހޫނު ނޭވާ ރިޒްނީއަށް އިހްސާސް ވާހާ ކައިރިއަށެވެ. އަދި އަކިޔަލްގެ ތުންފަތް ރިޒްނީގެ ތުންފަތުގައި ޖައްސާލި ވަގުތު ކުއްލިއަކަށް ދޮރުގައި މީހަކު ޓަކިދިން އަޑަށް ދެމީހުން ސިހިފައި އެއްފަރާ ދޮރާ ދިމާއަށް ބަލާލެވުނެވެ. ” ރިޒޫ.. ކޮބާ ތައްޔާރު ވެއްޖެތަ؟ ” ޒޭނާގެ އަޑު އިވިގެން ދިޔައެވެ. ޒޭނާގެ އަޑު އިވުމުން ރިޒްނީ އަކިޔަލާ ދުރަށް ޖެހިލިއެވެ. ” އެމީހުން އެއީ ތައްޔާރު ވާންވެގެން ” ރިޒްނީ ދޮރާ ދިމާއަށް ދަމުން ބުނެލިއެވެ. ” ބާއި ” ދޮރު ހުޅުވާލުގެ ކުރިން ރިޒްނީ އަކިޔަލަށް ބާލާލުމަށްފަހު އަތުން އިޝާރާތް ކޮށްލިއެވެ. އަދި ކޮޓަރިން ނިކުމެގެން ހެމުން ދިޔައެވެ. ރިޒްނީގެ އެފަރި ހަރަކާތުން އަކިޔަލަށް ހިތްހަމަ ޖެހުން ގެނުވަމުން، ބޮލުގެ އިސްތަށި ގަޑުތެރެއަށް އަތްލާ ހާވާލަމުން އެނދުމައްޗަށް ހިނިތުންވެ ހުރެ އުޑުތިލަމަތިން ވެއްޓިގަތެވެ.
ރޭގަނޑު 8 ޖެހުމާއެކު ޕާޓީފެށިގެން ދިޔައެވެ. ގަމުގެ ގިނަ ބަޔަކަށް ޕާޓީއަށް ދައުވަތު ދެވިގެން ދިޔައިރު ހާއްސަ ދައުވަތު ދެވިގެން އައިސް ތިބި މީހުން ވެސް ހާޒިރުވެ ތިއްބެވެ. އޭގެ ތެރޭގައި ސާރާ އަދި ސިނާން ވެސް ހުއްޓެވެ. ސާރާ ވަށައިގެންްވާ ހިސާބަށް ނަޒަރު ހިންގާލިއެވެ. އެހިސާބުގައި ގުގުމާލާފަ ހުރީ ޖަހަމުން ދިޔަ ހިތްގައިމު މިއުޒީ އަޑާއި، މީހުންގެ އަޑުތަކުންނެވެ. ” ކިހިނެއްތަ ސާރާ ” ސާހިދު އައިސް އަހާލިއެވެ. ” ވަރަށް ރަނގަޅު ” ދެވަނަ ދަރިފުޅަށް ބަނޑު ބޮޑުވެފާއިން ސާރާ ބުނެލިއެވެ. ޕާޓީ ފެށުމާއެކު އެންމެ ފުރަތަމަ ވެސް އެތެރެއަށް ވަދެގެން ދިޔުމުގެ ފުރުސަތު ސާހިދު ދިނީ ސާރާއަށެވެ. ސާރާގެ ހާލަތަށް ބަލާފައެވެ. ޕާޓީއަށް ހަމަޖެހިފައިވާ ވަގުތު ނިމުމުން ރިޒްނީ، ޒޭނާ އަދި އިނާޔާ އެތާހުރި ގޮޑިތަކުން ގޮޑިއެއްގައި އިށީނެވެ. ” ދެފައިގެ މިހާރު ބޭނުމެއްނެތް. އެހާ ވެސް ރިއްސާ އެނބަ ” ރިޒްނީ ފައިގައި އަތް އުނގުޅަމުން ބުނެލިއެވެ. ” ދެން ނުރިއްސާނެ. މިކަން ވެސް މި ނިމުނީނު ” ސާހިދު އެހެން ބުނެލުމުން އަކިޔަލާ ނިޔާޒާ އަދި ހަމްދާން އެމީހުންގެ އަނބިންގެ ކުރިމަތީގައި އެއްކަކޫ ބިންމަތީ ޖައްސާ ތިރިވެލިއެވެ. އެ އަމަލުން ގޮޑީގައި އިށީދެގެން ތިބި ރިޒްނީ، ޒޭނާ އަދި އިނާޔާއަށް ހައިރާންކަމާއެކު ކޮޅަށް ތެދުވެލެވުނެވެ. އެވަގުތު ތިން މީހުން އެކުގައި ” ބޭނުންވަނީ އުމުރަށް ” ކަމަށް ބުނެ އެމީހެއްގެ އަނބި މީހާޔަށް އަތްދިއްކޮށްލިއެވެ. އަދި ތިން މީހުން ވެސް އެމީހުންގެ ފިރިންގެ އަތުތެރެއަށް އަތްލާ ” ބޭނުންވަނީ އުމުރަށް ” ކަމަށް ބުނެލިއެވެ.
ނިމުނީ
7 Comments!
Comments are closed.
alhamdhulillah konme haalega namaves vaahaka nimenden genes dineema v v bodae shukuriyaa ☺?? maasha allah v v furihama ehaame reethi vaahaka nice keep it up. love u xirooo ??????❤??????
thanx LIYAA
Dhmakun badi eh jahaahen mihaaru vaahaka thakah vaney
kiyun therin hama ekani kiyaalan thibi kamuga viyas liyaa meehaku varah burakoh work kuran jeheny…. aharen mee hama ekani vaahaka liyan husvegen hurevey meeheh nun… jobah ves dhamun libey husvaguthuga vaahaka liyanee… ba eh faharu busy vaathy aslu vaahaka lasvanee ves…. ekamah nihaayathah maafah edhen….
aharen ge mivaahakayah thi dhin shauguverikamah shukuru adhaakuran …. LIYAA, REET
Ekeehve reet thihen thi buny……
Readers please be nice to writers. They also have a personal life and you should appreciate them for taking their time for you. Writing is not as easy as reading.
IDIOT…. Thibuny ragalhah… liyumaky kiyaa meehaku kiyaalaaha faseyha kameh nun… job ge kanthah thah nimmalafa vaahaka liyanee…