ވަގުތު 7 (ފަހުބައި)

- by - 20- January 13, 2019

އެގޮތަށް ތިއްބާ އަސްރު ނަމާދު ބަންގިގޮވުމުން ނަމާދު ކުރަން ދަނީ އޭ ބުނެފައި އިޔާނާ އެ ކޮޓަރިން ނުކުމެގެން ދިޔައެވެ. އަދި ދިޔައީ ރޯޝީން ގާތުވެސް ނަމާދުކޮށް ކޮއްކޮ އަށް ހެޔޮ ވިސްނުން ދެއްވާތޯ ދުޢާކުރާށޭ ބުނެފައިއެވެ. ރޯޝީންއަށް ވިސްނައިލެވުނީ އިޔާނާގެ ހުރި ރަނގަޅު ސިފަތަކާއި މެދުއެވެ. އިޔާން އަށާއި އިޔާނާއަށް އެއްގޮތަކަށް ކަންތައް ކުރެވުމުންވެސް އިޔާންއަށް ވުރެ އިޔާނާ ހާދަ ތަފާތެވެ. އެގޮތަށް އިޔާނާ އާއި އިޔާން އާއި މެދު ވިސްނަން އޮވެފައި ރޯޝީން ވެސް ނަމާދަށް އެރިއެވެ. އަދި އެދެ ކުދިންނަށް ހެޔޮ ރަހްމަތް ލައްވާތޯ ދުޢާކުރިއެވެ.

***3 އަހަރު ފަސް***

ހަވީރުގެ ވަގުތުގައި އިޔާނާ އާއި ރޯޝީން އަވަދިނެތި އުޅުނީ ގޭ ސާފުކުރުމުގައެވެ. އެގޮތަށް ސާފުކުރަން އުޅެމުން އިރުއިރުކޮޅުން ދެމީހުން ހިނިގަނޑެއް ޖަހާލައެވެ. ނައީމުވެސް އެކަމުގައި ދިޔައީ އެންމެ ފުރިހަމައަށް ބައިވެރިވަމުންނެވެ. އިިޔާނާ ތަޅުންގަނޑުގައި މޮޕް ހާކަން ހުރިއިރު ރޯޝީން އުޅުނީ ކަބަޑްތަކުގައި ހުރި ކިލާތަށް ފޮޅުމުގައެވެ. ނައީމު ހަރުގަނޑަށް އަރައިގެން ގޭގައި ހުރި ހުރިހާ ފަންކާތަށް ސާފުކުރުމުގައި އުޅުނެވެ. ތިން މީހުންވެސް އެމީހުންގެ މަސައްކަތް ފުރިހަމައަށް އަދާކުރަމުން ދިޔައެވެ. އެގޮތަށް ތިއްބާ ތިން މީހުންގެ މޫނުމަތިން ވެސް އުފާވެރިކަން ފާޅުވީ ގޭގެ މައިދޮރު ހުޅުވާލައިފައި ވަން ޒުވާނާ ފެނިފައެވެ. އެއީ އިޔާން ނޫން ދެވަނަ މީހެއްނޫނެވެ. އިޔާން ހުރީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ބޮލުގެ އިސްތަށިގަނޑު ތުނިކޮށް ކޮށާފައެވެ. ކުރީގެ އިޔާންއާއި ހާސްބައި ތަފާތެވެ. ރޯޝީން އޭނާގެ އަތުގައި އޮތް ސާފުކުރަން ގެންގުޅުނު ފޮތިކޮޅު އެއްލާލައިފައި ދަރިފުޅާއޭ ކިޔައިފައި ދުވެފައި ގޮސް އިޔާން ގައިގައި ބައްދާލިއެވެ. އޭރު އެދެލޮލުން ކަރުނަތަށް ރޮގަކަށް ފައިބަމުން ދެއެވެ. ނަމަވެސް އެގޮތުގައި ރޯޝީންއަށް މާގިނައިރަކު ނުހުރެވުނެވެ. އިޔާން ރޯޝީންގެ ދެއަތް އޭނާގެ ގައިން ނައްޓުވާ ތަޅުންގަނޑު މައްޗަށް ވައްޓާލީ އެއްވެސް ހަމްދަރުދީއެއް ކުލުނެއް ރަހުމެއް ނެތިއެވެ. އެމަންޒަރު ބަލަން ހުރި އިޔާނާ އާއި ނައީމު ދުވެފައި ގޮސް ރޯޝީން ކޮޅަށްނެގިއެވެ. ”ކަލޭ ތީ ކާކު މަގައިގަ ބައްދަން… އަދި މާ ރަނގަޅު މީހަކަށް ހެދިގެން އައިސް މަ ގައިގަ ބައްދާފިއެއްނު… މަ ކޮންމެ ތަނަކަށް ގެންދިޔަސް ބަދަލެއްނުވާނެ.. ކަލޭއަކަށް ހެވެއް ނުވާނެ.. ހަނދާން ކުރާތި!” އިޔާން ހިތަށް އެރި ހާ އެއްޗެއް ގޮވައިފައި ކޮޓަރިއަށް ގޮސް ވަނީ ނައީމު ކިޔަމުން ދިޔަ އެއްޗެއް އަޑު އެހުމެއްވެސް ނެތިއެވެ. އިޔާނާ ވެސް ހުރީ އިޔާންގެ އެއަމަލުގެ ސަބަބުން ހައިރާންވެފައެވެ. މަންމައަށް އެވަރު ކުރަން ކެރޭނީ ހާދަ ހިތްވަރެއް ހުރެގެންނޭ އިޔާނާގެ ހިތަށް އެރިއެވެ. ނަމަވެސް އިޔާނާ އަޒުމެއް ކަނޑައެޅިއެވެ. ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އިޔާން ރަނގަޅު ކުރުމަށެވެ. އިޔާން އަށް ހެޔޮ ވިސްނައިދިނުމަށެވެ.

ރޯޝީން ދިޔައީ ނައީމުގެ ގައިގައި ބައްދައިގެން ހުރެގެން ރޮމުންނެވެ. ހަތަރު އަހަރުވަންދެން އޭނާ ބެލި ހުވަފެންތަށް ފެނަށްވީއެވެ. އެހިތަށް ކުރާނެ އަސަރު އިޔާންއަށް ހަމަ ނޭނގެނީބާއެވެ. ކޮންމެ ރެއަކު އިޔާން އައިސް އެނާގެ ގައިގައި ބައްދާލާތަން ރޯޝީން އަށް ފެނެއެވެ. މަންމާ އޭ ކިޔާފައި ގޮވާލައެވެ. ލޯބިން މޫނުގައި ފިރުމާލައެވެ. ނަމަވެސް މިއަދު އެހުރިހާ ކަމެއް އޭގެ އިދިކޮޅެވެ. ރޯޝީން އަށް އެހުރިހާ ކަމެއް ހަނދާންވެ އިތުރަށް ރޮވޭ ގޮތްވިއެވެ. ނައީމުގެ ލޮލުން ވެސް ދިޔައީ ކަރުނަ ފައިބަމުންނެވެ. އިޔާންގެ އެ އަމަލުގެ ސަބަބުން އަސަރު ނުކުރާނީ ކާކުގެ ހިތަކަށް ހެއްޔެވެ؟

ހަތަރު އަހަރަށް ފަހު ރުހުޒީ އަށް ލޫޝާން ފެނުމުން ކަރުނަތަށް ވާރެހެން ވެހެން ފެށިއެވެ. އަދި ލޫޝާންއައިސް އޭނާގެ ގައިގައި ބައްދާލުމުން ލިބުނު އުފަލުންވެސް ރޮވުނެވެ. ”މަންމާ އަޅުގަނޑަށް މަޢާފު ކުރޭ.. މިހާރު ވިސްނިއްޖެ… މަންމަ އާއި ދިމާއަށް އުއްފުގެ މިންވަރުވެސް ބުނެލަން ނުވާނެކަން… މިހާރު ވިސްނިއްޖެ ބައްޕައަކާއި ނުލައި މަންމަ އަޅުގަނޑު ބަލައި ބޮޑު ކުރީ ނުހަނު ހާލުން ކަން.. މިހާރު ވިސްނިއްޖެ އޭރު އުޅެވުނީ ރަނގަޅަކަށް ނޫންކަން.. މަންމާ! އަޅުގަނޑަށް މަޢާފު ކުރޭ.. ދެން ދުވަހަކުވެސް ކުރިން އުޅުނު ގޮތަކަށް ނޫޅޭނަން.. މަޢާފުކުރޭ މަންމާ..” ލޫޝާން އަށް ހުރީ ހަމަ ރަނގަޅަށް ވެސް ރޮވިފައެވެ. އެހުރިހާ ވާހަކައެއް ދައްކަމުން ދިޔައީ ރުހުޒީގެ ގައިގައި ބައްދާލައިގެން ހުރެއެވެ. ރުހުޒީވެސް ހުރީ ލޫޝާންގެ ގައިގައި ބައްދާލައިގެންނެވެ. އަދި ދިޔައީ ލޫޝާންގެ ބުރަކަށީގައި ފިރުމަމުންނެވެ. ”އަލްހަމްދުލިއްލާހް.. މަންމަ ވަރަށް އުފާވެއްޖެ ދަރިފުޅަށް ވިސްނުނީމަ.. މަންމަ ދަރިފުޅަށް މަޢާފު ކޮށްފިން.. އަދި ދަރިފުޅު ވަގުތުގެ ބޭނުން ހިފައި ތައުބާ ވުމުން މާ ބޮޑަށް ވެސް އުފާވެއްޖެ.. ދަރިފުޅާ! ދެން ދުވަހަކުވެސް ގޯސް އެކުވެރިން ނުހޯދާތި.. އަބަދުވެސް ހިޔާރު ކުރަންވާނީ ރަނގަޅު ދަރިފުޅަށް އަޅާލާ އެކުވެރިން.. އެހެންނޫނީ އަނެއްކާވެސް ހަމަދެވޭނީ ގޯސް މަގުން.. ދަރިފުޅާ ދެން ދޭ އަވަހަށް ނަމާދަށް.. މިހާރު އެއޮށް މަޣްރިބު ނަމާދު ބަންގި ގޮވަނީ.. މަންމަވެސް މިދަނީ ނަމާދަށް..” ރުހުޒީ ލޫޝާންއަށް މަޢާފު ކުރީ ނުހަނު އުފަލުން ހުރެއެވެ. މިއަދު ރުހުޒީގެ ހިތަށް ނުހަނު ބޮޑު ހިތްހަމަ ޖެހުމެއް ލިބިއްޖެއެވެ. ލޫޝާން ރުހުޒީގެ ބަސް އަހާފިއެވެ. ނަމާދަށް ވެސް ދިޔައީ އެންމެ ފަހަރަކު ބުނެލައިގެންނެވެ. ﷲއަށް ހަމްދު ހުއްޓެވެ.

އިޔާން ކޮޓަރީގައި އޮވެގެން ދިޔައީ ފޯނުން ކޮންމެވެސް މީހަކަށް މެސެޖް ކުރަމުނެވެ. އެގޮތަށް އޮއްވާ ނުދަންނަ ނަންބަރަކުން މެސެޖެއް އައުމުން އަވަހަށް އެކާކުތޯ ބަލާލަން ބޭނުންވި ވަރުން އެނަންބަރަށް ކާކު ހޭ ކިޔައިފައި މެސެޖް ކޮށްލިއެވެ. ”ގޭގެ ބަގީޗާއަށް ނިކުމެވިދާނެތަ ބިޒީ ނޫނިއްޔާ..” އެމެސެޖްގައި ވަނީ މިހެންނެވެ. އިޔާން ކުރި ސުވާލަށް ޖަވާބު ނުދީ އެނަންބަރުން ދެވަނަ ފަހަރަށް ވެސް ބުނީ ހަމަ އެހެންނެވެ. ގޭގެ ބަގީޗާއިން ބައްދަލުކުރެވިދާނެ ހެއްޔެވެ. އިޔާން ކޮޓަރިން ނިކުމެ ނުހަނު ބާރަށް ހިނގާލައިފައި ދިޔައީ އެއީ ކާކުތޯ ބަލާލުމުގެ ޝައުގުވެރިކަން ހުރުމުންނެވެ. އިޔާންއަށް ބަގީޗާއަށް ނުކުމެވުނު އިރު ބަގީޗާގައި ހުރި އުނދޯލީގައި އިށީންދެލައިގެން އަންހެން ކުއްޖަކު އިނެވެ. އިޔާން ގޮސް އެކުއްޖާ ކައިރީ ހުއްޓިލައިފައި އޭނާއަށް މެސެޖް ކުރި މީހަކީ ތީހޭ އަހާއިލިއެވެ. އެކުއްޖާ ޖަވާބު ދިނީ ބޮލުންނެވެ. ”އިޔާން.. މީ އިޔާންގެ ދައްތަ.. އިޔާނާ..” ”ކީކޭ.. މަ ދައްތައެއް ނުހުންނާނެ..” އިޔާނާގެ ވާހަކަ އިޔާން މެދު ކަނޑާއިލީ ނުހަނު ހައިރާންވެ ހުރެއެވެ. ”އިޔާން ގަބޫލުނުކުރިޔަސް މީހަމަ ތެދެއް.. އަހަރެންގެ މަންމަ އަކީ ހަމަ އިޔާންގެ ވެސް މަންމަ.. އެކަމަކު އަހަރެންގެ ބައްޕައެއް  ނުހު…” ”ކާކު ކަލޭއަށް މަ ނަންބަރު ދިނީ؟” މިފަހަރުވެސް އިޔާން އިޔާނާގެ ވާހަކަ މެދުކަނޑާލިއެވެ. އިޔާންގެ ވާހަކައިންނާއި ލޮލުން އިޔާން ހުރީ ރުޅިއައިސް ކަން އިޔާނާއަށް އިނގުނެވެ. ”އިޔާން އަހަރެން މިދައްކާ ވާހަކަ އަޑު އަހާބަ.. އާދެބަލަ މިތާ އިށީއްނަން..” އިޔާނާ ބެލީ އިޔާންއާއި ރީތިކޮށް ވާހަަކަ ދެއްކޭތޯއެވެ. ”ކާކުހޭ ކަލޭއަށް މަނަންބަރު ދިނީ..؟ މަކުރި ސުވާލަށް ޖަވާބުދީބަލަ..” އިޔާން ހުރީ ރުޅިއައިސް ރަތްވެފައެވެ. ”މަ..މަންމަ” އިޔާން އިޔާނާގެ ގައި ޖަހަން އުޅުމުން އިޔާނާ އޭނައަށް ނަމްބަރު ދިނީ މަންމައޭ ބުނެލިއެވެ. އިޔާން ދުވެފައި ދިޔަ ގޮތަށް ދިޔައީ ބަދިގެއަށެވެ. އެތާނގައި ރޯޝީން ހުރީމައެވެ. ފަހަތުން އިޔާނާވެސް ބާރަށް ހިނގާލައިފައި ދިޔައެވެ. ”ކަލޭ ޖެހޭތަ މީހުންނަށް މަ ނަމްބަރު ދޭން.. ކީކޭ ހިތަށް އަރައިގެން އޭނާއަށް މަނަމްބަރު ދިނީ.. އޭން.. ބުނެބަލަ..” އިޔާން ރޯޝީންއާއި ދިމާއަށް ޝަހާދު އިނގިލި ދިއްކުރަމުން ދިޔައީ ވާހަކަ ދައްކަމުންނެވެ. އަދި ބުނަން ނުވާ ވަރުގެ ބަހެއް ވެސް ބުނެލިއެވެ. އިޔާނާ ހުރީ ހައިރާންވެފައެވެ. މަންމައާއި ދިމާއަށް އެވަރުގެ ބަހެއް ބުނެލަން ކެރުނީމައެވެ. ”އަހަރެން ބުނެގެން މަންމަ ނަމްބަރު ދިނީ.. އެތަށް ފަހަރަކު ބުނެގެން… އިޔާން ތީތަ މަންމައާއި ވާހަަކަ ދައްކަން ޖެހޭ ގޮތަކީ.. މަންމަ އަހަންނަށް އިޔާންގެ ނަމްބަރު ދިނުން އެއީ މައްސަލައެއްތަ؟” އިޔާނާގެ ލޮލުން ވަނީ ކަރުނަ ހިލިފައެވެ. ”އާން! ވަރަށް ބޮޑު މައްސަލައެއް.. މަ ނަމްބަރެއް ނުޖެހޭނެ އޭނާއަށް އެކަކަށްވެސް ދޭކަށް..” އިޔާން ކިޔަން ހުރި ހުރިހާ އެއްޗެއް ކިޔާފައި ދިޔައީ ރޯޝީން ރޮއިރޮއި އޮއްވައެވެ. އިޔާނާވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނަމަވެސް ކޮންމެ ގޮތެއް ހަދާފައިވެސް އިޔާނާ އިޔާން ރަނގަޅު ކުރާނެއެވެ.

މެންދުރުގެ ވަގުތުގައި ނައީމު ޑިއުޓީ އިން އައިސް ސޯފާގައި އިށީންދެލައިގެން އިނީ ނޫހެއް ކިޔާލާށެވެ. ”ރޯޝީން.. އާއިޒް އާއި ލޫޝާން މީހާރު ފެނޭ ކޮންމެ ދުވަހަކު ނަމާދަށް އަރާތަން.. އަހަރެން ނަމާދަށް ދާއިރު ފެނޭ.. ބައެއް ދުވަސްދުވަހު އަހަންނަށް ވުރެ ކުރިން ގޮސް ހުރޭ.. އެއްދުވަހު ފެނިގެން ވާހަކަވެސް ދެއްކިން.. ވަރަށް ހިިތް ހެޔޮކޮށް ވާހަކަ ދައްކަނީ.. އެދެ ކުދިންނަށް އެހުރީ ވިސްނިފައި.. ހެޔޮ މަގަށް އެބުރި އައިސް.. ޝިބާން އެދެކުދިންނާއިއެކު ނުފެންނާތީ އެއްދުވަހު ސުވާލުކުރީމަ ބުނީ އަދިވެސް ޝިބާން އުޅެނީ އެހެންނޯ.. އަހަރެން ހިތަށް އެރި އިޔާންވެސް ބަދަލުވިނަމައޭ.. އެކަމަކު ކީއް ކުރާނީ..” ރޯޝީން އައިސް ސޯފާގައި އިށީނދުމުން ނައީމު ވާހަކަ ދެއްކިއެވެ. އެދެ ކުދިންނަށް ހެޔޮ ވިސްނުން ލިބުނީތީ ރޯޝީން ހުރީ ނުހަނު އުފާވެފައެވެ. އިޔާންއަށް ވެސް ވިސްނޭނޭ ނައީމު ގާތު ރޯޝީން ބުނެލީ ނުހަނު ބޮޑު އުންމީދަކާއި އެކީއެވެ.

ރޭގަނޑުގެ ހަމަ ހިމޭން ވަގުތުގައި އިޔާނާ ދިޔައީ އޭނާގެ ފޯނުން ގުރްޢާން އަޑު ހަަމުންނެވެ. އެއީ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. އެގޮތަށް އޮވެފައި ބުރުގާ އަޅާލައިގެން ބޭރަށް ނިކުމީ ކޮޓަރީގައި އިން ފެން އަޅާ ޖަގު ހުސްވެފައި އިނުމުން ފެން އަޅާށެވެ. އެ ދިޔަ މަގުމަތީގައި އިޔާން ގެ ކޮޓަރީގެ ދޮރު ނުލައްޕާ ހުރުމުން އިޔާނާ އެދިމާއަށް މިސްރާބު ޖެހިއެވެ. އެ ކޮޓަރިއާއި ހަމައަށް ދެވުމުން ކޮޓަރީގައި އިޔާން އުޅޭތަން ފެނުމުން އިޔާނާ ކޮޓަރި ދޮރުގައި ޓަކިޖަހައިލައިފައި އެތެެރެއަށް ވަނެވެ. ”ކީއްކުރަން މިތަނަށް ތިއައީ؟؟” އިޔާން އަދިވެސް ހުރީ އިޔާނާ ދެކެ ރުޅިއައިސްއެވެ. ”އިޔާން! މިތާ އިށީންދެބަަލަ..” އިޔާނާ ގޮސް އިޔާންގެ އެނދުގައި އިށީނދެލިއެވެ. އަދި އިޔާން ގާތު އިށީންނާށޭ އެތަށް ފަހަރަކު ބުނުމުން އިށީނިއެވެ. ”ކީއްވެ ތިހެން ތިއުޅެނީ..؟ ކީއްވެ މަންމައާއި މެދު އެގޮތަށް ކަންތައް ކުރަނީ؟” އިޔާނާ ފެށި ވާހަަކައިން އިޔާން ނުހަނު ބޮޑަށް ފޫހިވިއެވެ. ”އިޔާނާ އަކަށް ނޭނގޭނެ ރޯޝީ… އެމަންމަ އަހަންނާމެދު ކަންތައް ކުރި ގޮތެއް..” ” އެހެންޔާ އިޔާން އަށް އެނގޭތަ އެމަންމަ އަހަންނާ މެދު ކަންތަށް ކުރި ގޮތް؟ އެން.. އިނގޭތަ؟ އަހަރެން ބޭނުމިއްޔާ މަންމަ އާއި ދިމާއަށް ހަމަ އެއްޗެހި ގޮވިދާނެ.. އިޔާން ތި ކަންތައް ކުރާ ގޮތަށް ކަންތަށް ވެސް ކުރެވިދާނެ.. އެކަމަކު ބޭނުމެއް ނޫން.. މަންމަ އަހަންނާމެދު ކިތަންމެ ދެރަކޮށް ކަންތަސް ކުރި ކަމުގައި ވި ނަމަވެސް އެގޮތަށް މަންމަ އާއި މެދު ކަންތައް ކުރާކަށް ބޭނުމެއް ނޫން.. އެއީ މަންމަ ވީމަ.. އިޔާންއަށް އިނގޭތަ؟ މަންމައާއި ދިމާއަށް އުއްފުގެ މިންވަރުވެސް ބުނެލަން ނުވާނެކަން؟ އިޔާންއަށް އިނގޭތަ މަންމަ މާތް ކުރެވިފައި މިންވަރު.. އަހަރެމެން އެންމެ ެިސްކަނދޭން ޖެހެނީ މަންމައަށް… ދެވަނަ އަށް ވެސް މަންމައަށް.. ތިން ވަނައަށް ވެސް މަންމައަށް.. ހަތަރު ވަނައަށް ބައްޕައަށް.. މަންމަ މާތް ކުރައްވާފައިވާ މިންވަރު މިކަމުން ހާމަވޭ.. އެމަންމައަށް އަހަރެމެން އިހްތިރާމް ކުރަން ޖެހޭނެ.. އަދި އިނގޭތަ މަންމަގެ ފައިތިލަ ދަށުގައިކަން ސުވަރުގެ ވަނީ؟                                                                    އަހަރެންނަށް ޖެހޭ މަންމަ ބުނި ކޮންމެ ކަމެއް ކުރަން… މަންމަގެ ދަރިއެކޭ ކިޔައިފަ މަންމަ އަހަރެން ގެންގުޅުނީ އަޅެއް ހެން… އަހަރެންނަށް ކާކަށް ނުދޭ… އަބަދުވެސް އުޅެނީ ބޭރުގައި.. އަބަދު އަހަންނަށް އެއްޗެހި ގޮވުމުގައި.. މަންމަ ބޭރުން އަންނަން ވާއިރަށް މަންމަ ބުނާ ހުރިހާ ކަމެއް ކުރަން ޖެހޭ.. ކައްކަން ނޭނގުނަސް ކައްކަން ޖައްސާ.. ކައްކާ އެއްޗެއްގަ ލާން ޖެހޭ ރަހައެއް ނުލާފިއްޔާ ގެއިން ބޭރު ކޮށްލާ.. ގެއިން ނެރެލާ ގޮތަށް ގެއަށް ވައްދަނީ އޭގެ އަނެއް ދުވަހު.. އެކަނި މާއެކަނި ގޭ ސާފުކުރަން.. އެއްޗެހި ދޮންނަން ޖެހޭ.. އިސްތިރި ކުރަން ޖެހޭ..  ޝަކުވާއެއް ނުކުރަން.. އަހަރެންނަށް ފެންވަރާލާނެ ވަގުތެއް ނުލިބޭ.. އަރާމު ކުރާނެ ވަގުތެއް ނުލިބޭ.. އުމުރުން ނުވަ އަހަރުގައި އަހަރެން ގޮތް ނޭނގޭ ބަޔަކަށް ހަވާލުކުރީ.. އެކަމަކު އެމީހުން އަހަންނަށް ވަރަށް ހެޔޮ… އެއިރުން ސުރެ ގަބޫލުކުރަން ކޮންމެވެސް ދުވަހަކުން އެމަންމަ އަހަރެން ބަލާ އަންނާނެކަން.. ވިސްނިގެން އެބުރި އައިސް އަހަރެން ގާތުން މަޢާފަށް އެދޭނެކަން… ކަން ވީވެސް ހަމަ އެހެން.. އެމަންމަ އެބުރި އައީ އަހަރެން ބަލާ.. އެމަންމަ އަހަރެން ގާތުން މަޢާފަށް އެދުނީ.. އެދުވަހު އަހަރެންނަށް މަންމަ ފެނުނު ގޮަތަށް މީގެ ތިން އަހަރު ކުރިން އަހަންނަށް މަންމަ ފެނުނީ.. އެކަމަކު އަހަރެން މަންމަ ގާތު އެއްވެސް ޝަކުވާއެއް ނުކުރަން… މަންމައަށް މަޢާފު ކުރީ އުފަލާއެކީ.. އެއީ އަހަރެން މަންމަގެ ލޯބި ބޭނުން ވީމަ.. މިއަދު އަހަރެންނަށް އެމަންމަގެ ލޯބި އެބަ ލިބޭ.. އެދުވަހު މަންމައަށް މައާފު ނުކުރިނަމަ އަހަރެންނަށް މަންމަގެ ލޯބި ލިބޭނެތަ؟ ނުލިބޭނެ.. އަހަރެން އެދުވަހު އުފާކުރިން މަންމަ ވަގުތުގެ ބޭނުން ހިފީމަ.. މާތްﷲ އަށް ހަމްދު ކުރިން.. އިޔާން! އިޔާން އަށް ވެސް ވަގުތު އެބައޮތް.. ނަމަވެސް ތައުބާ ނުވެ ހުއްޓާ މަރު ވެއްޖެ ނަމަ ދެން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ.. އެހެންވެ ބުނަނީ ވަގުތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާށޭ..” އިޔާނާގެ ވާހަކަ ނިންމާލިއިރު އޭނާއަށް ހަމަ ރަނގަޅަށްވެސް ހުރީ ރޮވިފައެވެ. އިޔާނާ ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ކުރިމަތިން އެމަންޒަރު ސިފަވަމުން ދިޔައެވެ.

”އިޔާނާއަށް އަދި މަންމަ ތިކުރީ މަށަށް ކަންތަށް ކުރި ވަރަށް ވުރެ ކުޑަކޮށް… މަ އޭރު މަންމަދެކެ ނުހަނު ލޯބިވޭ.. އެމަންމައަށް އަޅާލަން.. އެކަމަކު މަންމަ މަށަށް ލޯތްބެއް ނުދޭ.. އަބަދުވެސް… އަބަދުވެސް ކޮންމެވެސް ކަމެއް ކުރަން ޖައްސާފަ… އަބަދު މަގައިގަ.. ގައިގަ ތެޅުމުގަ.. ބައްޕަ ބުނެގެން އެތަށް ފަހަރަކު ކާން ބަަލައިދަން.. އެކަމަކު.. ތީ އަހަރެންގެ ދަރިއެއް ނޫނޭ ކިޔައިފަ ކޮއްޕާ ވައްޓާލާ.. މަންމަ ނުކިޔަން އެތަށް ފަހަރަކު ބުނޭ…މަ ވެސް ހަމަ އެހެން ހެދިން.. ކާން ބަލާ އައީމަ ކޮށްޕާ ވައްޓާލިން.. ދަރިފުޅު ނުކިޔަން ބުނިން.. ބައްޕަ ނޫޅޭ ވަގުތުތަކުގައި މަށަށް އަބަދު ކޮންމެވެސް ކަމެއް ކުރަން ޖައްސާފަ.. ގޭ ސާފުކުރަން.. ފަންކާތަށް ސާފުކުރަން.. ސުކޫލަކަށް ނުފޮނުވާ… އެކަމަކު ކޮންމެ ފަހަރަކު ބައްޕަ ކައިރީ ބުނަނީ މަ ސުކޫލަށް ނުދަނީއޭ… އެހެން ކިޔައިފަ ދޮގުހަދާ… މަންމަ އެހެން ބުނާއިރަށް ބައްޕަ މަށާ ދިމާއަށް ނުލާހިކު އެއްޗެހި ގޮވާ.. ގެއިން ނެެރެލާ.. ބައްޕަ އަހަންނާ ދިމާއަށް އެއްޗެހި ގޮވާ ކޮންމެ ފަހަރަކު މަންމަ ހުރޭ ހެމުން މަށާއި ދިމާއަށް ބަލަން… އެކަމަކު މަންމަ ދޮގުހަދާކަން ބައްޕައަށް އެނގުނީ.. މިގޭ ކައިރީގައި ހުންނަ ގޭގައި އުޅޭ ފަރުހާނާ ބުނީމަ.. އެދުވަހު ބައްޕަ ބެލި މަންމައަށް ވިސްނައިދެވޭތޯ.. އެކަމަކު އެކަމެއް ނުވި.. އަބަދުވެސް ލާނީ ފޫކޮޅު ފެންނަ ވަރުގެ ޓޮޕް ކޮށްކޮޅު.. ބުރުގަލެއް ނާޅާ.. ބައްޕަ ގޭގައި ނޫޅޭ ދުވަސް ދުވަހު އެކި ދުވަސް ދުވަހު އެކި ފިރިހެނުން ގޮވައިގެން ސޯފާގައި އިންނާނެ.. ބައްޕައަންނަން ވާއިރަށް ފޮނުވާލާނެ… އެކަމަކު އެކަމެއްވެސް ސިއްރެއް ނުވި.. ބައްޕައަށް ޑިޔުޓީއިން އަވަހަށް އާދެވުނު ދުވަހެއްގަ ފެނުނީ.. އެދުވަހުން ފެށިގެން މަ މަންމައަށް ނަފްރަތު ކުރަން.. އެދުވަހުން ފެށިގެން ހިތަށް އެރީ މަންމައަށް ވިސްނޭ ދުވަހަކުން މަ ހަމަ އެގޮތަށް މަންމައާއި މެދު ކަންތަށް ކުރަން.. ބަދަލު ހިފަން ބޭނުންވީ… އެހެން ހިތަށް އަރާފަ މާ ގިނަ ދުވަހެއްވެސް ނުވޭ… މަންމަ އައިސް މަ ގާތުން މަޢާފު ކުރާށޭ ކިޔަން ފަށައިފި.. އެކަމަކު މަ ބޭނުންވީ ބަދަލުހިފަން… ބޭނުމެއްނޫން އޭނާއަށް މަޢާފުކުރާކަށް.. އަދިވެސް މިދެލޯ ކުރިމަތިން ސިފަވޭ އޭނާ މަށާމެދު ކަންތަށް ކުރިގޮތް.. އަމިއްލައަށް އަމިއްލަ ދަރިފުޅު ނުބައި ކޮށްފަ ބައްދަން އަންނާނެ… މަވެސް އެތަށް ފަހަރަކު ބުނިން އޭނާ ކައިރީ މަށަށް ދަރިފުޅު ނުކިޔަން.. އެކަމަކު ކިޔާނެ.. އޭނާ މަށާމެދު ކަންތަށް ކުރި ގޮތަށް މަވެސް ކަންތަށް ކުރަން..” އިޔާނާއަށް އިޔާން އެވާހަކަތަށް ކިޔައިދިނީ ރުޅިއައިސް ހުރެއެވެ. ނަމަވެސް އެއަޑު ގައި މަޑު ތުރުތުރެއް ހުއްޓެވެ. އިޔާންގެ ލޮލުގައި ކަރުނައިގެ ފަށަލައެއްވިއެވެ.

”އެކަމަކު އިޔާން.. ބަދަލު ހިފުމަކީ ވަަރަށް ނުބައި ކަމެއް… އަދި އެވެސް މަންމަ ކުރި ކަމަކަށް ބަދަލު ހިފަން ތިއުޅެނީ.. މަންމަ އިޔާން އާއި އަހަރެންނާއި މެދު ކަންތަށް ކުރީ ހަމަ އެހައި އިހާނަތިކޮށް… އެކަމަކު އަހަރެން ނޫޅެން ބަދަލު ހިފާކަށް.. ދެން ކީއްވެ އިޔާން ބަދަލުހިފަން ތި ބޭނުން ވަނީ؟ އިޔާން މިއަދުވެސް މަންމައަސް މަޢާފު ކޮށްބަލަ… އޭރު ނުލިބުނި ލޯބި ލިބޭނެ.. އެމަންމަ އެހުރީ އިޔާންއަށް މަޢާފު ކުރަން ތައްޔާރަށް.. އިޔާންއަށް ލޯބިދޭން ތައްޔާރަށް.. އިޔާން! މަންމައަށް މަޢާފުކުރޭ.. މަޢާފަށް އެދޭ މީހައަށް ވުރެ މަޢާފު ކުރާ މީހާ މާ މާތް ވާނެ.. މަޢާާފަށް އެދުމަކީ ވެސް މާތްﷲގެ ހަޟްރަތުގައި ނުހަނު މާތްކަމެއް.. އިޔާން ވިސްނާލަބަލަ.. މިއަދު ތިހެން އުޅެގެން އިޔާން އަށް ލިބެނީ ކޮން ފައިދާއެއް.. ބަދަލުހިފިމުން އެއްވެސް ފައިދާއެއް ލިބޭތަ؟ ނުލިބޭނެ… މާތްﷲގެ ހަޟްރަތަށް ތައުބާ ވުމުން މާ ފައިދާ ބޮޑުވާނެ.. ވިސްނާލާ.. މިއީ ވަގުތީ ތަނެއް… ގިޔާމަތް ދުވަސް އަންނާނެކަން އަބަދުވެސް ހަނދާން ކުރަން ޖެހޭ… މަރަކީ އަހަރެމެންނާ އެންމެ ކައިރީގައި ވާ އެއްޗަކީ.. މަރު ވާނީ ކޮން އިރަކު ކަމެއް ކޮން ދުވަހަކު ކަމެއް އަހަރެމެންނަކަށް ނޭނގޭނެ.. މަރުން ސަލާމަތްވެވޭކަށް ނޯންނާނެ އަހަރެމެންނަކަށް.. އެހެންވެ ބުނަނީ މަރު ބަލާ އަންނަން ވާއިރަށް ތައްޔާރުވެގެން ހުންނަން.. ދެން ވަގުތު… ވަގުތަކީ ވެސް ގެއްލިއްޖާ އަބުރާ ލިބޭނެ އެއްޗެއް ނޫން.. ވަގުތާއި ނުލައި އެއްވެސް މަޚްލޫޤަކަށް ވުޖޫދުވެ ނޫޅެވޭނެ.. މުސްލިމަކަށް އޭނާގެ އާހިރަތް ބާއްޖަ ކުރެވޭނީ ވެސް ދުނިޔޭގައި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން…. އެހެން ނޫންނަމަ ދެ ދުނިޔޭގައި ވެސް ހުރީ ގެއްލުމާއި ހަލާކު… އެންމެ ކުޑަމިނުން ގެއްލިގެންދާ ސިކުންތެއްގެ މިންވަރު ވެސް ގެނައުމަކީ ކުޅަދާނަ ކަމެއް ނޫން.. ވިސްނަބަލަ އިޔާން..” އިޔާނާ އެދެއްކި ވާހަކައާއި މެދު ފުރަތަމަފަހަރަށް އިޔާންއަށް ވިސްނާލެވުނެވެ. އިޔާނާ އިޔާންއަށް ވިސްނައިދޭން އިނެފައި ފަތިސްވި އިރުވެސް ނޭނގެއެވެ. އިޔާންއަށް ވެސް އެކަން ނޭނގެއެވެ. ފަތިސް ނަމާދު ބަންގީގެ އަޑު އިވުމުން އިޔާނާ ދިޔައީ ސިއްސައިގެންނެވެ. އަވަހަށް އެކޮޓަރިން ނުކުމެގެން ދިޔައީ ނަމާދު ކުރާށެވެ. އިޔާން ގާތުވެސް ނަމާދު ކުރަން ބުނެފައެވެ. ނަމަވެސް އިޔާނާ ދިޔުމުން އިޔާން ބެޑް ގައި އޮށޯވެލައިގެން އޮވެގެން އިޔާނާގެ ވާހަކަތަކާއި މެދު ވިސްނައިލިއެވެ.

އިޔާނާ ދިޔަތާ ކުޑަ އިރުކޮޅެއް ފަހުން އިޔާނާގެ ކޮޓަރިން މަދަހައެއްގެ އަޑު އިވެން ފެށިއެވެ. އިޔާން ގެ ކޮޓަރިއައި އިޔާނާގެ ކޮޓަރި ކައިރީގައި ހުރުމުން ވަރަށް ސާފުކޮށް މަދަހަ އަޑު އިވެއެވެ. އިޔާން މަޑުމަޑުން އޮތީ މަދަހާއިގައި ކިޔާއެއްޗެހި އަޑު އަހާލައިށެވެ.

ވަގުތީ ދުނިޔެ، ނިމިގެން މިދަނީ، ވިސްނާށެ އަޙުން އުޙްތުނޭ…                                    މަރުގެ ހިތި ރަހަ ލިބިގެން ދެޔޭ… ވަގުތީ ދެނިޔެ ނިމިގެން މިދަނީ ވިސްނާށެ އަހުން އުހްތުނޭ…                    މަރުގެ ސަކަރާތަކީ ވޭން އެހާ ހުރި ކަމެއް.. ހުރި ކަމެއް..                                      މިންޖުވުން އެކަކުވެސް ވޭނުވާނޭ ކަމެއް ބޮޑު ކަމެއް…                                        ވަގުތު ޖެހުމުން މިތާ.. މަލަކުލް މައުތު އައިސް ގެންދާނެ ފުރާނާ މަގޭ..                              ވަގުތީ ދުނިޔެ، ނިމިގެން މިދަނީ، ވިސްނާށެ އަހުން އުހްތުނޭ….

މަދަހަ ނިމުނު އިރު އިޔާން އަށް އޮތީ ނިދިފައިއެވެ. ނަމަވެސް އެދެލޮލުން ކަރުނަ ފައިބައިފައި ހުރިކަން މޫނުގައި ހުރި ރޮނގުތަކުން ހާމަވެއެވެ.

މެންދުރު ބަންގި ގޮވިއިރުވެސް އިޔާން އޮތީ ނިދާފައެވެ. ނަމަވެސް އިޔާން ފުއްމައިގެން ތެދުވީ ނައީމު އައިސް އިޔާންއަށް ގޮވައިފައި ބުނިވާހަކައިންނެވެ. ”އިޔާން! ޝިބާން ނިޔާވެއްޖެ..” އެޖުމުލަ ދިޔައީ އިޔާންގެ ކަންފަތުގައި ގުގުމަމުންނެވެ. އަވަސް އަވަހަށް މޫނު ދޮވެލައިގެން ސައިކަލަށް އަރައި ނައްޓާލީ ޝިބާންގެ ގެއަށް ދިޔުމަށެވެ. އެގެއާއި ހަމައަށް އިޔާން ފޯރިއިރު އެގޭ ދޮށުގައި ބައިވަރު މީހުންވެސް އެއްވެފައިއޮތެވެ. މީހުންތަކުގެ ތެރެއިން ފުރޭނެމުން ޝިބާން ބާއްވާފައި އޮތްތަނާއި ހަމަވިއިރު އިޔާން ހުރީ ދާ ހިތްލާ ފޯވެފައެވެ. އިޔާންގެ ކަންފަތުގައި ގުގުމަމުން ދިޔައީ އިޔާނާ ރޭގައި ބުނި ވާހަކަތަކެވެ. ”ތައުބާ ނުވެ ހުއްޓާ މަރުވެއްޖެ ނަމަ ދެން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ..” އިޔާންގެ ހިތަށް އެރިއެވެ. ޝިބާންއަށް ތައުބާ ވާނެ ވަގުތެއް ދެން ނެތެވެ. ތައުބާ ނުވެ އުޅެނި ކޮށް ޝިބާން މި ފަނާވަނިވި ދުނިޔެއާއި ވަކިވީއެވެ. އިޔާން އުޅުނު ގޮތް އޭނާގެ ލޯމަތިން ސިފަ ވަމުން ދިޔައެވެ. އޭނާގެ ހަޔާތާއި މެދު ވިސްނާލައިފައި އިޔާންއަށް ފުރަތަމަ ފަހަރަށް ރޮވުނެވެ. އެގޮތަށް ހުރިތާ ހުރެފައި ޝިބާންގެ މަންމަ ލަމްހާއާއި ދިމާ ބަލާލިއެވެ. ރޮއިރޮއި ދެލޯ ވަނީ ދުޅަވެފައިއެވެ. ފުރަތަމަ ފަހަރަށް އިޔާންއަށް އޭނާގެ މަންމަ އާއި މެދުވެސް ވިސްނާލެވުނެވެ. އޭނާ އެހެން އުޅުމުން އެމަންމަ ރުއިވަރު އެދެލޮލުން ވަނީ ދެކެފައިއެވެ. އޭނާ ކުރި ކަންތަކުގެ ސަބަބުން ކުރިމަތީގައި ހުރެގެން ރޮއިރޮއިފައި މަޢާފުކުރާށޭ ކިޔަމުން ދިޔަ މަންޒަރު އިޔާންގެ ކުރިމަތިން ދަނީ ސިފަވަމުންނެވެ.

ޝީބާންގެ ކަށު ނަމާދު އޮތީ އަސުރު ނަމާދު ވަގުތުގައި ކަމުން އެންމެން ވެސް ދިޔައީ އެކަމަށް ނުހަނު ބޮޑަށް ތައްޔާރުވަމުންނެވެ. ޝިބާންގެ ކުއްލި މަރުގެ ސަބަބުން އެތަށް ބަޔަކަށް ވަނީ އިބްރަތެއް ލިބިފައެވެ. އޭގެ ތެރެއިން އެކަކީ އިޔާންއެވެ. ޝިބާންގެ ކައިރިން އިޔާން ދުރަށް ނުދެއެވެ. ކަށު ނަމާދުގައި ވެސް އިޔާން އެންމެ ފުރިހަމައަށް ބައިވެރިއެވެ. ކަށު ނަމާދަށް ފަހު އިޔާން މިސްކިތުގައި ރޯން އިންތަން ފެނުމުން ނައީމުއައިސް އިޔާންގެ ކޮނޑުގައި އަތްބާއްވާލައިފައި ކިހިނެއް ވީ ހޭ ސުވާލުކުރިއެވެ. އިޔާން ބުނިހާ ވެސް އެއްޗަކީ އޭނާ ތައުބާ ވާން ބޭނުންވާ ވާހަކައެވެ. އުމުރުން އަށް އަހަރުގައި ބައްޕައާއި އެކު މިސްކިތަށް ވަން ގޮތަށް އިޔާން މިސްކިތަށް އެވަނީ އެކާވީސް އަހަރުގައެވެ. ނަމާދުގައި ކިޔާނެ ތަކެތިވެސް ހަނދާން ނެތިފައި ހުރުމުން ބައްޕަ ގާތު ހުރިހާ އެއްޗެއް ކިޔާދެން ބުނެފައި އިޔާން ބައްޕަގެ އިރުޝާދާ އެއްގޮތަށް ކަންތައް ކުރިއެވެ. ދެރަކުޢަތުގެ ނަމާދުވެސް އިޔާން ކުރީ ނައީމުގެ އިރުޝާދާއި އެކީއެވެ. އަދި މާތްﷲގެ ހަޟްރަތުގައި ދުޢާކުރީ ފާފަތަށް ފުއްސަވާދެއްވުމަށެވެ. އޭރުވެސް އިޔާންގެ ދެ ލޮލުން ހުއްޓާނުލައި ދިޔައީ ކަރުނަތަށް އޮހެމުންނެވެ. ނައީމު ކައިރީގައި ހިނިތުންވެލައިގެން އިނީ އިޔާން އަށް ވިސްނުމުންނެވެ. އަދި މަޑުމަޑުން އަލްހަމްދުލިއްލާހް އޭ ބުނެލިއެވެ. އިޔާން ނިމުމުން ނައީމުވެސް އިޔާން އާއިއެކު މިސްކިތުން ފޭބިއެވެ. އަދި ނުހަނު ބާރަށް އިޔާންގެ ގައިގައި ބައްދާލައިފައި ބުރަކަށީގައި ފިރުމަން ފެށިއެވެ. އިޔާން ދިޔައީ ނައީމުގައިގައި ބައްދާގެން އޮވެގެން ރޮމުންނެވެ. އެމޫނުވެސް ވަނީ ރަތްވެފައިއެވެ. ލޯކައިރިވެސް ވަނީ ދުޅަވެފައިއެވެ. ދެބަފައިން އެކުގައި ދެން ގޮސް ޝިބާން ވަޅުލިތާ ކައިރީ ގޮސް ހުއްޓިލިއެވެ. އޭރުވެސް އިޔާންގެ ލޮލުން ކާރުނަ ފައިބަމުން ދިޔައެވެ.

އިޔާން އާއި ނައީމު އެކުގައި ގެއަށް އައިސް ވަންތައް ފެނުމުން ރޯޝީންގެ މޫނުމަތިން އުފާވެރިކަން ފާޅުވިއެވެ. އިޔާން ދުވެފައި ގޮސް ރޯޝީންގެ ގައިގައި ބައްދާލިއެވެ. ރޯޝީންވެސް އިޔާންގެ ގައިގައި ނުހަނު ބާރަށް ބައްދާލިއެވެ. ރޯޝީންގެ ލޮލުން ފައިބަމުން ދިޔައީ އުފާވެރިމަކުގެ ކަރުނަ ކަމުގައި ވީނަމަވެސް އިޔާންގެ ލޮލުން ފައިބަމުން ދިޔައީ ހިތާމައިގެ ކަރުނައެވެ. ”މަންމާ އަހަރެން މަންމައަށް މަޢާފު ކޮށްފިން.. މަންމާ އަހަންނަށް މަޢާފު ކުރޭ.. އަހަންނަށް ވިސްނިއްޖެ… ތައުބާވެސް ވެފިން މަންމާ.. މަޢާފު ކޮށްދީ..” އިޔާން ހަމަ އެއޮތް ގޮތަށް އޮވެފައި ބުނެލިއެވެ. ”ދަރިފުޅާ… މަންމަ ވަރަށް ވަރަށް ބޮޑަށް އުފާވެއްޖެ.. އަލްހަމްދުލިއްލާހް… މަންމަ ދަރިފުޅަށް މަޢާފު ކޮށްފިން…” ރޯޝީން ހުރީ ނުހަނު ބޮޑަށް އުފާވެފައިއެވެ. އިޔާންއަށް ވިސްނުނީމައެވެ. އިޔާނާގެ ދުލުންވެސް ހަމައެކަނި ބޭރުވި ބަަހަކީ ”އަލްހަމްދުލިއްލާހް” އެވެ. ނައީމުވެސް ގޮސް އެދެމީހުންގެ ގައިގައި ބައްދާލިއެވެ. އަދި ދުރުގައި ހުރި އިޔާނާއަށް އިޝާރާތް ކޮށްލާފައި އައުމަށް ބުނެލިއެވެ. އިޔާނާ ވެސް އެމީހުންގެ ގައިގައި ބައްދާލިއެވެ. އިޔާނާ ހުރީ އިޔާން ގެ ކައިރީގައި ކަމުން އިޔާން މަޑުމަޑޫން އިޔާނާގެ ކަންފަތް ދޮށުގައި ”ތެންކް ޔޫ” ބުނެލިއެވެ. ހަތަރު މީހުން އެކުގައި ގެއަށް ގޮސް ވަނީ ނުހަނު އުފާވެފައި ހުރެއެވެ. އާއިލާގެ ހުރިހާ އެންމެން އެއް ގަލަކަށް އެރީ ހާދަ ދުޢާއެއް ކޮށްގެންނެވެ. ވަގުތުގެ ބޭނުން ހިފައި މިއާއިލާގެ މެމްބަރުންވެސް ތައުބާ ވީއެވެ.

ދިރިއުޅުމުގެ ޙަޔާތުގައި ވަގުތަކީ އެހާވެސް މުހިންމު އެއްޗެކެވެ. ޚާއްޞަކޮށް އަޅުގަނޑުމެން މުސްލިމުންނަށް ވަގުތަކީ އަގުބޮޑު ޖަވާހިރަށްވުރެސް މުހިންމު އެއްޗަކަށް ވެގެންނޫނީ ދާންއޮތް އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރެވޭނެ ހަމައެއްގޮތެއްވެސް ނޯންނާނެއެވެ. ނަމަވެސް، މިކަން އަޅުގަނޑުމެން މުސްލިމުންކަމަށް ދަޢުވާކުރާ މީހުންނަށް ނުވިސްނޭކަމީ މިއަދު ޙައިރާންވާކަމެކެވެ.

މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައެވެ. ” ތިމަން އިލާހު އިންސިންނާއި ޖިންނިން ތިމަން އިލާހަށް އަޅުކަންކުރަންމެނުވީ ނުއުފައްދަވަމެވެ. ” މި އާޔަތުގެ މާނައިންވެސް އަޅުގަނޑުމެންނަށް ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހޭކަމުގެ މުހިންމުކަން އެނގިގެންދެއެވެ. އެހެނީ އިންސާނުން ދުނިޔެއަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ފޮނުއްވީ އެކަލާނގެއަށް އަޅުކަންކުރާށެވެ. އެއަޅުކަން ފުރިހަމައަށް އަދާކުރުމަށްޓަކައި ދިރިއުޅުމުގެ އެހެނިހެން ކަންކަމުގައިވެސް ޝާމިލްވެ އުޅެންޖެހެއެވެ. އެގޮތުން ގެދޮރު ޢިމާރާތްކުރުމާއި ޢާންމުދަނީ ހޯދުމަށްޓަކައި ކުރެވޭ އެހެނިހެން މަސައްކަތްތަކެވެ. އަނބިދަރިންނާއި ނުވަތަ އެކުވެރިންނާއި އެކު ހޭދަކުރެވޭ ވަގުތުތަކެވެ. މިދެންނެވުނު ކޮންމެ ކަމަކީވެސް  އެކަލާނގެ ރުއްސަވާގޮތަށް ކުރެވިއްޖެނަމަ އަޅުކަމުގެ ތެރޭގައި ހިމެނިގެންދާނެކަންކަމެވެ.

އެއާއިއެކު، އިތުރު ވަގުތުތަކެއް ތިބާއެކަނި އިނދެ އެކަލާނގެމަތިން ހަނދުމަކޮށް ޛިކުރު ކުރުމަށްޓަކައި ހުސްކޮށްލަން އެބަޖެހެއެވެ. އެގޮތުން ކީރިތި ޤުރުއާން ކިޔެވުމާއި ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމަށާއި އަދިވެސް އެހެނިހެން ދުޢާތައް ކިޔުމުގައްޔާއި ތަފާތު ޢިބްރަތްތައް ލިބިދޭ ދަރުސްތައް އަޑުއެހުމުގައި ތިމާގެ ވަގުތު ހޭދަކޮށްލުމީ ވަރަށްވެސް މުހިންމުކަމެކެވެ.

ނަމަވެސް ހިތާމައަކީ، މިއަދު މިފަދަ ޒަމާނެއްގައި އަޅުގަނޑުމެން ވަގުތާއިމެދު ވަރަށްބޮޑަށް ޣާފިލްވެފައިވާކަމެވެ. އެހެނީ، ދިރިއުޅުމުގެކަންކަން ނިމި ހުސްވަގުތެއް ލިބިއްޖެނަމަ، އަބަދުވެސް ބެލެނީ ކޮންމެވެސް ކަހަލަ ކުޅިވަރެއް ނުވަތަ އެނޫންވެސް ކަމެއް ރާވާލެވޭތޯއެވެ.

މިދަންނަވަނީ، ކުޅިވަރު ނުކުޅޭށެކޭ ނޫނެވެ. އަދި ހުސްވަގުތުގައި އެހެނިހެން ކަންކަންވެސް ނުކުރާށެކޭ ނޫނެވެ. އެހެނަސް އަޅުގަނޑުމެންގެ ތެރެއިން އެތައްބަޔަކު ވަނީ، ހުސްވަގުތު މިފަދަކަންކަން ކުރުމުގައި ހައްދުފަހަނަ އަޅާގޮސްފައެވެ. ޕިކްނިކް ދިޔުމުގައްޔާއި ބާބަކިއު ހެދުމުގައިވެސް ނުވަތަ ކުޅިވަރު ކުޅުމުގައިވެސް ވަކިވަރެއްގެ ޙައްދެއް ގެންގުޅެންވާނެއެވެ. އެއީ މުސްލިމުންގެ ގޮތެވެ. މުސްލިމުން އެއްވެސް ކަމެއްގައި ޙައްދުފަހަނައަޅައެއް ނުދާނެއެވެ.

އަޅުގަނޑުމެންނަކީ އަބަދުވެސް ކޮންމެވެސް ކަހަލަ ފާފައަކުން ސަލާމަތްނުވެވިގެން އުޅޭ މީހުންނެވެ. މިހެންކަމުން ތިމާއަށް ލިބޭ ހުސްވަގުތުތައް، ކޮންމެވެސް ގޮތަކަށް ޝެޑިއުލްކޮށް ﷲ ތަޢާލާ މަތިން ހަނދުމަކުރުމުގަޔާއި ޤުރުއާން ކިޔެވުމާއި އެނޫންވެސް ހެޔޮކަންކަމުގައި ހޭދަކުރުމަށް ޢަޒުމް ކަނޑައަޅަމާ ހިންގަވާށެވެ.

(ނިމުނީ)

20

mariyanbu

A girl who loves to read nd write stories. :) loves to get comments from readers to improve my writing. :) Author of vaguthu , kurehun elhuney hithuge adygai , zeeshan nd konme vaguthakuves visnidhaane.. :) luv u all.. :)

You may also like...

9 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Maa sha allah.. vvvvvvvvv furihama.. ehaame iburaiyytheri adhi vrh asarugadha.. vaahaka kiyamun dhiya iru hama fenkalhivefa iny.. vrh realistic.. author ah kaamiyaabu minvaru kohdhehvaa heyo rahmaiyy lahvaashi.. aameen..☺️ Adhives eh faharu bunelaa beynun, vrh vrh vrh reethi mi vaahaka.. Mifadha dheeny vaahaka gina ginain genesdheyne kamah unmeedhu kuran.. kaamiyaabah edhen.. well done dear.. and Gud luck on your upcoming stories.. ☺️👏👏👏👏👏

    ⚠Report!
    1. awwn anonymous… 🙂 vr happy vehjje anonymous ge lovely comment kiyailafa… 🙂 nd vvvvvvvvvvvvv bodah thanks…. 🙂 🙂 adhi vr happy vehjje dear ah mi story kamudhiya e mavs… 🙂 🙂 anonymous ah vs heyo rahmaii lahvaashi… aameen… adhi ufaaveri dhuvas thakakah edhen.. 🙂 insha allah… adhives alhugandu ge vaahaka kiyaalan libeyne… but ehaa avahakah libeyne ehnneh hiyeh nuvey.. heheh.. 🙂 adhives ehfaharu vvvvvvvvv bodah thanks.. 🙂 🙂 🙂

      ⚠Report!
  2. Masha allah❤💕🙂..vrh vrh rythi stry eh mii..asarugadha kamunnaa reethi kamun vx hama hairaan kuruvaifi..Jazakillah khairan dear..❤💕🙂..I’m so glad mikahala lovely stryx thah dear ge faraathun fennaathy..Future ga vx dear ge mikahala rythi stry thah kiyaalan libeyne kamah ummeedhu kuran..maaiy allah thibaa ge faafa fuhsavaa thibaa ah heyo rahumaiy lavvaashi..Aameen❤💕🙂..

    ⚠Report!
    1. Awwwn beryl stone…❤️❤️❤️ Thank u so much… Yess… Kuri ah oii thaa adhi mikahala strys than fennaane… Insha Allah…😊😊💓💓 maaii Allah thibaa ah heyo rahmaii lahvaashi.. aameen..💓💓💓 once again thank u beryl stone…💓💓💓💓💓💓💓💓💓💓💓

      ⚠Report!
  3. assalaam alaikum.
    miothy 7 vana part up vefai… nd the last part of the story… mivaahaka kiyuntherinnah kamudhaane kamah unmeedhu kuran… 🙂 mi part kury part thakah vure dhiguvaane… 🙂 ehaa avahah mi story ninmaalan jehuny sch hulhuvunyma.. sch ge kanthakaa hedhi vaahaka nuliye vi dhaanethy avahah ninmaaly.. 🙂 nd mivaahakain vr bodu iburatheh libigannaane kamah unmeedhu kuran.. 🙂 kiyuntherin alhugandah thidhin support ah vvvvvvvvvvv bodah shukuriyyaa.. 🙂 🙂 🙂
    hurihaa kiyuntherinnah vs ufaaveri adhi baahjjaveri dhuvas thakakah edhen.. 🙂 🙂
    ¬lysm¬

    ⚠Report!

Leave a Reply

Your email address will not be published.