“ކީއްވެ މާމަ ގޭގަ މިއޮތީ؟!“ އަހަންނަށް އޮވެވުނީ އަހަރުތަކެއް ކުރިން މާމަގެ ގޭގައި، އަހަރެން މާމައާއިއެކު ނިދި ކޮޓަރީގައެވެ. ހާސްވެ ކަންތައް ބޮޑުވެފައި ޖީބުން ފޯނު ނެގީމެވެ. ގަޑިން އޭރު ނުވަގަޑި ބައެވެ. ތާރީހުން އެކެއް ޖެނުއަރީ، ދެހާސް އަށެކެވެ.

******************************

ފޯނަށް ނުދަންނަ ނަންބަރަކުން ފޮނުވާފައި އިން މެސެޖު ހުޅުވައިލީމެވެ. އެއީ އަހަރެން މާޒީއަށް ދަތުރުކުރުމުގެ ކުރިން ޖެނުއަރީ އެކެއް ދެހާސް ނަވާރައިގައި ލިބިފައި އިން މެސެޖެކެވެ. މެސެޖު ހުޅުވައި ކިޔައިލީމެވެ. 

“ސޮރީ ޕާސްޓް ސާރާ. އަހަރެން އަދި އެއް ވާހަކަ ނުބުނެ މި ފޮނުވާލީ. ތި ގަޑިން ހަފްތާއެއް ކުރިއަށް ދެވުމުގެ ކުރިން އެންމެ ފުރަތަމަ ދެވޭނީ އެގާރަ އަހަރު ކުރިއަށް. އޭރު ކަންތައްކުރެވުނު ގޮތާއި ބެހޭގޮތުން އެއްވެސް ކަމެއް ބަދަލުކުރަން ބޭނުމީއާ ތީ ލިބޭ ފުރުސަތެއް. ހާސް ކަނޑާލާ. ސައުއްވީސްގަޑިއިރު ފަހުން އޮރިޖިނަލް މަންޒިލަށް ދެވޭނެ. -ފިއުޗާރ ސާރާ-“ 

މެސެޖު ކިޔައި ނިމުންތަނާ އަނެއްކާވެސް ބޭރުން އަޑުފައްގަނޑެއް އިވިއްޖެއެެވެ. ކުޑަކުއްޖެއްގެ މަޑު ރުއިމާއި އެކުވެގެންނެވެ. ގޮދަޑިން ތެދުވެގެންގޮސް ދޮރު ހުޅުވައިލީމެވެ. ސިޓިންގރޫމުގައި ތިބީ ނުވަ އަހަރުގެ އަހަންނާއި، ބޮޑުބޭބެއެވެ. ގަދަހަދަމުން، ރޮމުންދިޔަ ނުވަ އަހަރުގެ އަހަރެންގެ އަތުގައި ހިފައި ދަމާ ކޫއްތާފައި ގެންގޮސް ބޮޑުބޭބެ އޭނާގެ ކޮޓަރިއަށް ވެއްދިއެވެ.‏ އަހަރެންގެ ދެފައި ތުރުތުރުއަޅަންފެށިއެވެ. އަލުންބަލުން އެ ބިރުވެރިކަން އިހުސާސުކުރެވެންފެށި ކަހަަލައެވެ. 

“ދޭ! އޭނަ ސަލާމަތްކުރަންދޭ!“ އަހަރެންގެ ހިތް އަމިއްލަ ނަފްސަށް ގޮވާ އާދޭސްކުރަމުންދިޔައެވެ. އަހަރެން ބޮޑުބޭބެ ގަތުލުކުރީ މިރޭކަން ހަނދާންވުމުން އެ ގޮވުންވީ އިތުރެވެ. ވަރަށް ހިތްވަރުކޮށްފައި މަޑު ފިޔަވަޅުމަތީގޮސް އެ ކޮޓަރީގެ ދޮރު ކައިވަތެއްހާ ތަނަށް ހުޅުވައިލީމެވެ. އެ ހުުތުރު މަންޒަރު ފެނި ލޯ މަރައިނުލައި ހުރުން ވީ އަޒާބަކަށެވެ. ނުވަ އަހަރުގެ އަހަރެން މޭވާ ވަށިގަނޑުގައި އިން ވަޅި ނެގީ އަހަރެން ބަލަހައްޓައިގެން ހުއްޓައެވެ. 

“ނޫން!“ ކުއްލިއަކަށް އަހަރެންގެ ދެފަޔަށް ފާޑެއްގެ ބާރެއް ލިބުނުކަހަލައެވެ. ދުވެފައިގޮސް ނުވަ އަހަރުގެ އަހަރެންގެ އަތުގައި ހިފީމެވެ. އެ ދެ މީހުންނަށްވެސް ލިބުނީ ސިހުމެކެވެ. އަހަންނާއި ދިމާއަށް ބަލައިލި ނުވަ އަހަރުގެ ސާރާގެ ބޮޑުވެފައިވާ ދެލޯ ފެނި އަހަރެންގެ ގައިން ހީބިހިނަގައިގަތެވެ. ބޮޑުބޭބެ ގަތުލުކުރިއިރު އަހަރެން ޖެހީ އެހާ ބިރުވެރި ސިފައެއްހެއްޔެވެ؟ އެ ލޮލުގައި ރަހުމެއްގެ ކަންފުޅެއްވެސް ނެތެވެ. 

“ކާކު ތީ؟“ ބޮޑުބޭބެ ގޮވައިލިއެވެ. ހިނދުކޮޅަކު ގަނޑުވެފައި ހުރެވުނު އަހަރެން އަވަސްއަވަހަށް އަތުގައި އޮތް ވަޅި އަތުލައި، ބިންމައްޗަށް ވައްޓައިލުމަށްފަހު ސާރާގެ އަތުގައި ހިގައިގެން އެތަނުން ނުކުތީމެވެ. ބޮޑުބޭބެއަށް ފަހަތުއަޅުވައިލެވުމެގެ ކުރިން ގެއިން ނުކުމެ ސިޑިން ފޭބީމެވެ. އެއްވެސް އެއްޗެކޭ ބުނުމަކާއިނުލައި ސާރާ އަހަންނާއި އެކީ އައެެވެ. 

ބިލްޑިންގއިން ނުކުމެ މީހުން ތިބި ހިސާބަކަށްނުކުތީ ބޮޑުބޭބެއަށް އެއްވެސް ކަމެއް ކުރެވުނަނުދިނުމަށެވެ. ހަމަޖެހިލުމަށްފަހު ސާރާއަށް ބަލައިލީމެވެ. އޭނާ ހުރީ އަދިވެސް ގަބުއަރާފައެވެ. 

“އިޓްސް އޯކޭ… ދައްތަ މިހިރީނުދޯ. ދެން އެއްވެސް ކަމެއް ނުވާނެ އިނގޭ.“ އަހަރެން ސާރާގެ ގައިގައި ބައްދައިލީމެވެ. އެެއާއިއެކު އޭނާގެ ހިތް ދިޔާވިކަހަލައެވެ. ރާއިން ސަލާމަތްކޮށްދިންއިރު ވީ ފަދައިން ކަރުނަތައް ފައިބައިގަތެވެ. އަލުން ދިރުންލިބުނު ކަހަލައެވެ. 

މާ ގިނައިރެއްް ނުވެ މާމަ ދޮންބެ ގޮވައިގެން އައުމުން އަހަރެން މާމައަށް ބޮޑުބޭބެގެ ފާހިޝް އަމަލުގެ ވާހަކަ ކިޔައިދިނީމެވެ. ބޮޑުބޭބެގެ އުޅުން އެންމެ ރަނގަޅަށް އިނގޭނީ މާމައަށްކަމުން، އަހަރެންގެ ވާހަކަ ގަބޫލުކުރާކަށް އެހާ އުނދަގުލެއްނުވިއެވެ. އަހަރެން ގެއަށް ވަނީ، ދޮރުމަތިންލާފައި ދަނިކޮށް ސާރާ ވާރަށް ބާރަށް ހަޅޭއްލާވާ އަޑު އިވިގެން ކަމަށް ބުނެ ދޮގު ހެދިމެވެ. ފުލުހުންނަށް އެ މައްސަލަ އަންގައި، ބޮޑުބޭބެ ހައްޔަރުކުރިއިރު އޭނާ އަމިއްލަ ދިފާއުގައި ބަހެއްވެސް ނުބުނިއެވެ. ހަނުހުރިގޮތަށް ހުރެ ދަމުން އަހަންނަށް ނަފްރަތުން ފުރިގެންވީ ނަޒަރަކުން ބަލައިލިއެވެ. ހިތް ބިތުގަނެގެންދިޔަ ނަމަވެސް މާ ބޮޑަކަށް އަޅައެއް ނުލަމެވެ. 

ހުރިހާކަމެއް ހަމައަކަށް އެޅުނުއިރު މެންދަންވެއްޖެއެވެ. މާމަ އަހަންނަށް ޝުކުރުއަދާކޮށްފައި ސާރާ ގޮވައިގެން ގޭތެރެއަށް ވަނެވެ. އެތެރެއަށް ވަދެ ދޮރު ލެއްޕުމުގެ ކުރިން އަހަންނަށް ސާރާ ހަދިޔާކޮށްލި ހިނިތުންވުން ސާފުކޮށް ދުށީމެވެ. އަމިއްލަ ނަފްސުގެ ފަރާތުން ކަންކަމަށް އާދޭސް އިވިފައި، ޝުކުރުވެސް ފެނުމުން ކުރެވުނީ ތަފާތު އިހުސާސެކެވެ.

އެހެން އިތުރު ކަމަކާއި ވިސްނުމުގެ ކުރިން، ރާއިން އަހަރެން ސަލާމަތްކުރި ޓެރަހަށް އެރީމެވެ. އެވަގުތު ރާއިން އެތަނުގައި ހުންނާނެކަމަށް އުންމީދުކޮށްގެންނެވެ. ހުޅުވައިލި ދޮރުން ބޭނުންވިގޮތަށް ރާއިން ފެނިއްޖެއެވެ. ނަމަވެސް މާ ހިތަށް ފަސޭހަ މަންޒަރަކާއިއެކުއެއް ނޫނެވެ. އޭނާ ހުރީ ރެއިލިންގުގެ ފަހަތުގައެވެ. ހީވަނީ ދެންމެ ދެންމެ ވެއްޓިދާނެހެންނެވެ. ކުރިއަށް ފައި އަޅައިލިވަގުތު އަހަރެން އަޅައި އިތިކޮށް ދުއްވައިގަތީމެވެ. ވެއްޓެންދިޔަ ރާއިންގެ އަތުގައި ހިފައިލެވުނީ ކިރިޔާއެވެ. ރާއިން އިސްއުފުލައި ބަލައިލިއެވެ. އެއްވެސް އަސަރެއް ނެތް ލޮލަކުންނެވެ. އަބަދުވެސް އޭނާ ބަލާގޮތަށެވެ. ކުޑަކުއްޖެއްކަން ނަސީބެކެވެ. ލުއިކަން ނަސިބެކެވެ. ވަރަށް ވަރުން އޭނާ ނަގައި ބިންމަތީ ޖައްސައިލުމުން އެންމެ ފުރަތަމަވެސް ގައިގައި ބައްދައިގަތީއެވެ. އަނގައިންވެސް ނުބުނެ އެ ހުރިގޮތަށް ހުރުމުން އަހަރެންވެސް ރާއިން ގައިގައި ބައްދައިލީމެވެ. އެ ފާރުކޮޅުމަތީ ހުރެ ތިރި ފެނުމުން ގަންނާނެ ބިރު އެންމެ ރަނގަޅަށް އިނގޭނީ އަހަންނަށެވެ. 

“ކީއްވެ؟“ ރާއިން އަހަންނާއި ދުރަށްޖެހުމުން އަހައިލީމެވެ. އިސްޖަހައިލުމަށްފަހު އޭނާ ބިންމަތީ އިށީންދެ ދެފައިކުރުކޮށްލިއެެވެ. އަހަރެން އޭނާ ކައިރީގައި އިށީންދެލީ ޖަވާބަކަށް އިންތިޒާރުކުރަމުންނެވެ. ވެހެމުންދިޔަ ބޯ ވާރޭވެސް ކުއްލިއަކަށްހެން ހުއްޓައިލައިފިއެވެ.

“ދައްތަ ވަރަށް ވައްތަރު އަޅުގަނޑު ކުރިމަތީ ހުންނަ ގޭގަ އުޅޭ ކުއްޖާޔާ.” ހަމަހިމޭންކަން ކަނޑުވައިލި ރާއިންގެ ފުރަތަމަ ޖުމުލައަކަށްވީ ހީނުކުރި އެއްޗެކެވެ. އަމިއްލަ މާމަވެސް ދެންމެއަކު ފެނުމުން އެހެން ހިތަކަށް ނާރާކަންނޭންގެއެވެ. ރާއިންގެ ތޫނުފިލިކަމެވެ. އަބަދު ކޮޓަރީގަ އިންނަ މީހަކަށް ނުވަ އަހަރުގެ ސާރާގެ ސިފަ އެހާ ބޮޑަށް ހަނދާންކުރެވިފައި ހުރީއެވެ. އެގޮތަށް އަހަރެން ވަކިކުރަން އައިޝާއަށްވެސް އިނގުނު ހަނދާންވިއެވެ.

“އެެއީ ދަންނަ ކުއްޖެއްތަ؟“ އަހަންނާއި ދޭތެރޭ ރާއިން ދެކުނު ގޮތް އަހައިލުމުގެ ޝައުގުވެރިކަން ކުއްލިއަކަށް ހިތުގައި އުފެދިއްޖެއެވެ. 

“ވަރަށް ގިނައިން މިހާރު ގެއަށް އާދޭ. މަންމަގެ ފްރެންޑެއް އެއީ. ވަރަށް މަޖާ ކުއްޖެއް…… އެކަމު ވާހަކަދައްކާކަށް ނުކެރޭ.” ރާއިން ދިން ޖަވާބު އަހަރެން ހައިރާންކުރުވިއެވެ. އަހަރެން މިއޮއްހާ ދުވަހު ހީކުރީ ރާއިން އަހަންނާ ވާހަކަ ނުދެއްކީ ޝައުގެއް ނެތިގެންކަމަށެވެ. ލަދުން ވާހަކަދައްކަން ނުކެރުނީއޭ ބުނުމުން އަހަރެން ގާތަށް ހިނިވެސް އައެވެ. ހާދަހާ މައުސޫމެެވެ. 

“ކީއްވެ އެތަަނަށް އެރީ؟“ އަހަރެން އެ ސުވާލު ތަކުރާރުކޮށްލީމެވެ. 

“ސްކޫލުކުދިން ބުލީކުރަނީ… ބައްޕަ ނުހުންނާތީ…”  އިރުކޮޅެއްގެ ސުކޫތަކަށްފަހު ރާއިން ލުއި އަޑަކުން ޖަވާބުދިނެެވެ. ދެން ބުނާނެ އެއްޗެއް ނޭންގިފައި އަހަރެން އިނީމެވެ. އަމިއްލަ ފުރާނަ ދުއްވާލަން އެހާ ކުޑަ ކުއްޖަކު ބޭނުންވާނީ ކިހާ ވަރެއްވީމަ ހެއްޔެވެ. އެހާ އެކަހެރިކޮށް އުޅެނީވެސް މިކަމާކަން އަހަންނަށް ވިސްނުނެވެ.  

“މަންމަ ކައިރިއަކު ނުބުނަންތަ؟“ އައިޝާއަކީ މިވަރު ކަމަކާ އަޅާނުލައި ހުންނާނެ މީހެއްކަމަކަށް އަހަންނަކަށް ގަބޫލެއް ނުކުރެވުނެވެ.  

“މަންމަ ކައިރީ ބުނީމަ މަންމަ ވަރަށް ދެރަވާނެ. ބައްޕަގެ ފޮޓޯއަށް ބަލަން އިނދެ ރޯނެ މަންމަ. އެއަށްވުރެ ބޮޑަށް މަންމަ ދެރަކުރާކަށް ބޭނުމެއްނޫން.” ރާއިންގެ ޖަވާބުން އަހަރެންގެ ހިތް ރޮއްވައިލިއެވެ. ނަމަވެސް ކަރުނަ އަޅައި ރާއިން ކުރިމަތީ ހިތާމަވެރިކަން ދައްކާކަށް ގަސްތެއް ނުކުރީމެވެ. 

“ދެން ރާއިން މަރުވީމަ މަންމަ ދެރައެއް ނުވާނެތަ؟ އެތަނުން ފުއްމާލައިފިއްޔާ މަރޭ ވާނީ.” ރާއިން އަހަންނަށް ބަލައިލިއެވެ. އެކަމާ ދޭތެރޭ އޭނާ ވިސްނާވެސް ނުލާކަހަލައެވެ. “އެހެންވީމަ ރާއިން ތިވާހަކަތައް މަންމަޔާ ހިއްސާކުރަންވާނެ. ހިތުގަ ބޮނޑިކޮށްގެން އުޅެންޏާ ބޯ ހާސްވާނެ. ދައްތަޔަށް ޕްރޮމިސްކުރޭ މަންމަ ކައިރީ ކިޔައިދޭނަންކަމަށާ، ދެން ދުވަހަކުވެސް ދެންމެ ކުރަން އުޅުނުކަހަލަ ކަމެއް ނުކުރާނަންކަމަށް.” އަހަރެން އަތްދިއްކޮށްލަމުން ބުނީމެވެ. ރާއިން އެއްފަހަރު އަހަރެންގެ އަތަށް އަނެއްފަހަރު މޫނަށް ބަލައިލިއެވެ. އަދި އޭނާގެ އަތުން އަހަރެންގެ އަތުގައި ޖަހައިލިއެވެ. އަހަރެން ހިނިތުންވެލީމެވެ. ރާއިންވެސް ފުރަތަމަ ފަހަރަށް ހީލިއެވެ.

​ރާއިން ގެއަށްލައިދިނުމަށްފަހު ފުރަތަމަ ފްލޯގެ ސިޑިމަތީ ޖައްސައިލަމުން ފޯނުގައި އޮތް މެސެޖަށް ބަލައިލީމެވެ. ރާއިން އެ ކަންތައްކުރަން އުޅުނު ގޮތާއިމެދު ވިސްނައިލެވުނެވެ. އޭނާ އަހަރެން ސަލާމަތްކުރި މާޒީގައިވެސް އެތަނަށް ފުރަތަމަ އައީ އެ މަގުސަދާއިއެކުގައި ހެއްޔެވެ؟ އަހަރެން އެކަންތައް ކުރާތަން ފެނުމުން ސަލާމަތްކުރުމަށްފަހު ހިތްނެތުނީބާއެވެ؟ ދެން އެއީ މިހާރު ނުހިނގާ ކަމެކެވެ. ވިސްނައިގެން ވާނެ ފައިދާއެއް ނެތެވެ. ސިޑިމަތިން ތެދުވެގެންގޮސް އެންމެ ކައިރި ހޮޓަލަށް ވަނީމެވެ. ވޮލެޓު ހިފައިގެން އާދެވުނުކަން ނަސީބެކެވެ.

ސައުއްވިސް ގަޑިއިރު ފާއިތުވިއިރު އަހަންނަށް ސައުއްވީސް އަހަރުހެންވެސް ހީވިއެވެ. އެރޭ ނުވައެއްޖެހިއިރު ނިދަން އޮށޯތް ނަމަވެސް ދެކޮޅަށް ފުރޮޅި ފުރޮޅި އޮއްވާ ނިދުންއިރު އެގާރަޖަހައިފި ކަންނޭންގެއެވެ. 

********************

​ސިކުނޑިއަށް ބާރުއަރައިގަތީ ގަދަކަމުން އެއްޗެހިތަކެއް އެތެރެއަށް ދެމިގަތުމުންނެވެ. ސިކުނޑި ފުރިގަތީ ހަނދާންތަކަކުންނެވެ. ބޮޑުބޭބެ ކިބައިން ސަލާމަތްކޮށްދިން ޒުވާން އަންހެނެކެވެ. ފުލުހުން ބޮޑުބޭބެ ހައްޔަރުކޮށްގެން ގެންދިޔަ މަންޒަރެވެ. ގެއިން ނުކުތް އައިޝާގެ ފަހަތުން ނުކުތް ރާއިން ހަދިޔާކޮށްލި ހިނިތުންވުމެކެވެ. އޭގެ ފަހުން މަންމައާއި ބައްޕަ ގެއަށް އައުމުން އުފަލުގައި ދުވަސްތައް ހޭދަކުރި ހަނދާންތަކެވެ. ދެލޯ ތަންމިނަށް ހުޅުވައިލެވުނުއިރު އަހަރެން އޮތީ ދާހިތްލާ ފޯވެފައެވެ. ބާރުބާރަށް ނޭވާލެވެމުންދިޔައިރު ބޮލުގައި ތޫނު ރިހުމެއް ހުއްޓެވެ. އަހަރެންގެ ސިކުނޑީގައި އެއް އިރެއްގައި ދެގޮތަށް ކަންތައްހިނގި ގޮތްތަކުގެ ހަނދާން ހުއްޓެވެ. އެއް ހަނދާނަކު ބޮޑުބޭބެ މަރައިލައިގެން ރީހެބިލިޓޭޝަން ސެންޓަރުގައި ދުވަސްތަކެއް ހޭދަކުރަންޖެހުނު ހަނދާނެވެ. އަނެއް ހަނދާނުގައި ޒުވާން އަންހެނަކު އެކަން ވުމުން ހުރަސްއެޅިއެވެ. އެ ޒުވާނާއަކީ މާޒީއަށް ދަތުރުކުރި މިހާރުގެ އަހަންނެވެ. އަދި އެ ހަނދާންތަކާއިއެކު މާޒީއަށް ކުރި ދަތުރުގެ ހަނދާންވެސް ނުފިލާ ހުއްޓެވެ. ނުވަ އަހަރުގެ އަހަރެންގެ ނަޒަރުން މިހާރުގެ އަހަރެން ދުއް ހަނދާން ހުރިއިރު، މިހާރުގެ އަހަރެންގެ ނަޒަރުން ނުވަ އަހަރުގެ އަހަރެން ދުއް ހަނދާންވެސް ހުއްޓެވެ. ސިކުނޑިއަށް ވީ ވަރުގަދަ ބިންހެލުމެއް އަތުވެ، ހައިޖާނުގަނޑެއް އުފައްދާފައެވެ.

މި އިނދެވެނީ ކޮންތާކުތޯ ވިސްނައިލެވުނީ ރަނގަޅަށް ބޯ ހަމަޖެހިލުމުންނެވެ. އެއީ އަހަރެންގެ އެޕާރޓްމެންޓްގައި ހުންނަ ސޯފާއެވެ. ފޯނު ބަލައިލީމެވެ. ގަޑިން އެގާރަގަޑި ފަންސާސް ފަހެކެވެ. ދުވަހަކީ ދެހާސް އަށާރަވަނަ އަހަރުގެ ޑިސެންބަރު ސައުއްވީހެވެ. އަވަސްއަރުވައިލީ ރޭވުމުގެމަތިން ކަންތައްކުރަން ބާރަޖާހާއިރު މުޖާހިދުގެ ގެއަށް ދާންޖެހޭތީއެވެ. 

ބާރަޖަހައި، ފަންސަވީސްވަނަ ދުވަސް ފެށުމުން މުޖާހިދުގެ އެޑްރެހަށް މިސްރާބުޖެހީމެވެ. އެ ގޭ ކައިރިއަށް ގޮސް މާ ގިނައިރަކު ހުންނާކަށް ނުޖެހުނެވެ. މުޖާހިދު ނުކުމެ ސައިކަލުގައި ދުއްވައިލުމުން އަހަރެންވެސް އަހަރެންގެ ސައިކަލުގައި ފަހަތުއަޅުވައިލީމެވެ. ދިހަ މިނެޓުގެ ދަތުރަކަށްފަހު މުޖާހިދު ސައިކަލުން ފޭބީ އަނދިރި ގޯޅިގަނޑެއްގައި ހުރި ދެބުރި ގެއެއް ކުރިމަތީއެވެ. ފޯނު ނަގައި މީހަކަށް ގުޅައިލުމަށްފަހު ވާހަކަދެއްކީ ކަންބޮޑުވުމަކާއިއެކުއެވެ. ތަންކޮޅެއް ދުރުގައި ހުރުމުން އަހަންނަކަށް ކިޔާ އެއްޗެއް ސާފެއް ނުވިއެވެ. ދެން މުޖާހިދު ހީވީ މީހަކަށް އިންތިޒާރުކުރާހެންނެވެ. އިރުއިރުކޮޅާ އެ ގޭގެ ދެވަނަ ބުރީ ބެލްކަންޏަށް އެއްފަހަރު، އަނެއްފަހަރު ހުޅުވާފައިހުރި މައި ދޮރަށް ބަލާލައެވެ. އެ އިންތިޒާރުކުރާ މީހަކު އައުމުގެ ކުރިން އަވަސްއަވަހަށް ސައިކަލު ޕާކުކޮށްލާފައި ތަންކޮޅަށް ގާތަށް ކެހިލީމެވެ. އެ އަންނަ މީހަކާ ދައްކާ ވާހަކައެއް އަޑުއަހާލުމަށެވެ. ފަސްވަރަކަށް މިނެޓު ފަހުން އެގެއިން ނުކުންނަން އައީ އަންހެންކުއްޖެކެވެ. 

“ކިތައް ފަހަރު ބުނާނީ މަގޭ ކުރިމަތިން ފެއްސެންއުޅޭށޭ. މިހާރު ކަލޭ މަތިން ފޫހިވެއްޖެއޭ. އެހެންމީހަކާއެއްކޮށް ނިދީމަ ދެން އެކަން ގެޓުވާންވީނުދޯ.” ރަނގަޅަށް އޮޅިގަނޑުން ބޭރަށް ދެފައި ނޭޅެނީސް އެ އަންހެންކުއްޖާ ތުއި އަޑަކުން އެތިފަހަރެއް ދަމާލައިފިއެވެ. 

“ޕްލީޒް ބޭބީ. ގިވް މީ ވަން މޯ ޗާންސް. އެ ކަމާ މާފުކޮށްފީމޭ. އާދޭސްކޮށްފަ މިބުނީ އަހަރެން ވަރަށް ލޯބިވޭ ރިޔާދެކެ. ރިޔާ އަހަރެން ދޫކޮށްލާފަ ގޮއްސިއްޔާ އަހަރެން މަރުވާނެ.” މުޖާހިދު އާދޭސްކުރަންފެށިއެވެ. 

“މާފޭ؟ އަހަރެން ކޮންއިރަކު މާފަށް އެދުނީ؟ މިއޮތީ! އަދިވެސް ގަބޫލުނުކުރެވެންޏާ ރަނގަޅަށް ބަލާ.” ރިޔާ އޭނާގެ ފޯނު ނެގުމަށްފަހު އޭނާއާއި އެހެން ފިރިހެނަކާއިއެކު ނަގާފައިހުރި ފޮޓޯތައް ދައްކަންފެށިއެވެ. އަހަރެން ހައިރާންވީ ރިޔާގެ ބޭވަފާތެރިކަން ފެނިފައެއްނޫނެވެ. އެ ފޮޓޯތަކުގައި ހުރި އަނެއް ފިރިހެނަކީ އަހަރެން މާ ރަނގަޅަށްވެސް ދަންނަ މީހެކެވެ. އެއީ އިނާޝްއެވެ.

“މީ މިހާރު އަހަރެންގެ ލޯބިވެރިޔާ… ތެދަށް ބުނަންޏާ މިވަގުތަށް ލޯބިވެރިޔާ. ކަލޭވެސް ތީ އަހަރެންގެ ފޫހިފިލުވަން ބޭނުންކުރި ކުޅޭއެއްޗެއް. މީނައަށްވެސް ޖެހޭނީ ތި ހާލަތު. އަހަންނަކީ މިކަހަލަ ނުލަފާ އަންހެނެއްކަން ނުވިސްނި މަޅީގަ ޖެހުން އެއީ ކަލޭމެންގެ މައްސަލައެންނު. އަހަރެން ނެތީޔާ މަރުވާނެއޭ؟ ދޭ މަރުވާން! މަށަށް ކޮންކަމެއް؟” ރިޔާ ފޮނިގޮތަކަށް އިސްތަށިގަނޑު ވިހުރުވައިލުމަށްފަހު ގެއަށް ވަދެ ދޮރުލެއްޕިއެވެ. މުޖާހިދުގެ ލޮލުން ފޭބި ކަރުނަތައް އަހަރެން ދުށީމެވެ. އޭނާ ހުރީ ހަމަ ރަނގަޅަށްވެސް އެ މަޅީގައި ޖެހިގޮސް ހުސްްވެފައެވެ. އުޑުފައިން ބިންމައްޗަށް ތިރިވެ އިރުގަނޑަކު އިސްޖަހައިގެން އިނެވެ. ފަހެއްކަ މިނެޓު ފަހުން މުޖާހިދު ތެދުވެއްޖެއެވެ. ސައިކަލުވެސް ބައިންދާފަ ހިނގައިގަތެވެ. އަހަރެންވެސް ފަހަތުން ދިޔައީމެވެ. މުޖާހިދުގެ ހިނގުން ހުއްޓުނީ ރަސްފަންނު ބީޗާއި ހަމައިންނެވެ. އިރުކޮޅަކު އައްސޭރިފަށުގައި އެއްވެސް އަސަރެއްނެތި މޫދަށް ބަލަހައްޓައިގެން ހުރެފައި މޫދަށް އެރެން ފަށައިފިއެވެ. ލޯ މަރައި ތަގުޅިކޮށްލާފައި އަހަރެން އަނެއްކޮޅަށް ހިނގައިގަތީމެވެ. މަގުގެ ކޮޅުން ލޮލަށްކޮޅަށް އޭރު ރާއިން އަންނަތަން ފެނެއެވެ.

“ރާއިން ހުއްޓުވަން ހަދާނީ ކިހިނެތް؟” އަހަރެން ކިޔައިލީމެވެ. ގަޑި އޭގެ ބާރުމިނުގައި ހިނގަމުންދަނީއެވެ. ސިކުނޑި ގާނަން ފެށީމެވެ. އެ ސިކުނޑީ ހިސާރުކޮށްފައިވީ ކައްވަޅަށް ފައިބަމުންދިޔަ މުޖާހިދެވެ.

“އޭތް ބުރޯ ވަރަށް ބޮޑު ކަމެއް ކޮށްދީބަލަ.” އެވަގުތު މަގުމަތިން ހިނގާފައިދިޔަ ޕާޓޭސޮރު ވީ އަހަރެންގެ ނަސީބަށެވެ.

“އޯ! ހާދަ ހޮޓު ޗިކެކޭ! ކިހިނެތްވީ މިރޭ ޕާޓުނަރެއް ބޭނުންވީތަ؟” ކިރިޔާ ދެލޯ ނުމެރޭ ހާލު އޭނާ ވަރުނެތް އަޑަކުން ފޮށެގަތެވެ.

“އޭ ތިއެއް ނޫނޭ. މާ ފައްކާ ޑީލްއެއް އެބައޮތް. އެއޮއް އަންނަ ގޮލާގެ ޖީބުން ވޮލެޓު ނޫނީ ފޯނުކަހަލަ އެއްޗެއް ޖަހައިގަންނަންވީ.” އެއްހާސް ރުފިޔާގެ ނޫޓެއް ދިއްކޮށްލަމުން ވައިއަޑުން ބުނެލީމެވެ. ޕާޓޭސޮރުގެ ދެލޮލުން ތަރިބުރައިގެންދިޔަ ކަހަލައެވެ. އޭނާއަށް ވާ ފައިދާ ޑަބަލްއެވެ. އަނެއްކޮޅުން އަހަރެން ހުރީ ފައިސާއާއިމެދު ވިސްނޭނެ ހާލެއްގައެއްނޫނެވެ. އެ ސޮރު އަގު މަތިކޮއްފިނަމަ އަދި އިތުރު ފަސްސަތޭކަވެސް ދޭން އަހަރެން ހުރީ ތައްޔާރަށެވެ.

“ޑީލް.” އެސޮރު ބުނެލިއެވެ. ނޫޓު އަތަށް ދިނުމުން އޭނާ ހަލުވި ހިނގުމެއްގައި ގޮސް ވަރަށް ހުޝިޔާާރުކަމާއިއެކު ރާއިންގެ ފަހަތުޖީބުން ފޯނު ޖަހައިގަތެވެ. ސިހިފައި ބަަލައިލެވުނު ރާއިންގެ ގާތަށް އައީ ސިނގުރުޅިއެކެވެ. އަޅާއިތިކޮށް އެ ސޮރު ފަހަތުން ދުއްވައިގަތްފިއެވެ. އަހަންނަށް ދެ މީހުން އަތްލާކުޅޭ މަންޒަރު ބަލަން ހުރެވޭކަށް ނެތެވެ. އަވަސްއަވަހަށް ފަސް އެނބުރި މުޖާހިދާއި ދިމާއަށް ދިޔައީމެވެ. މޫދާއި ހަމައަށް ފޯރިއިރު މުޖާހިދުގެ މެޔާއިހަމައަށް ފެންގަނޑު އަރައިފިއެވެ.

“އޭތް! މަޑުކުރޭ!” އަހަރެން ގޮވައިލީމެވެ. މުސްތަގުބަލުގައި ކިތަންމެވަރަކަށް މަރުވާން ތައްޔާރުވެގެން ހުރި މީހަކަސް، އަހަރެން ލޯމަތީ މަރުވާން ދޫކޮށްލާކަން ލަގޮނޑިއަކަށް ކެތެއްނުވިއެވެ. ވެލިގަނޑުމައްޗަށް ބޫޫޓު ބާލައި ހޫރައިލުމަށްފަހު ފެނަށް އެރެފީމެވެ. ކަކޫތާ ފެނާއި ހަމައަށް ދުވެފައި، ދެން ފަތާފައިގޮސް މުޖާހިދު އަތުކުރީމެވެ. އޭރު އޭނާގެ ކަރުން މައްޗަށް ފެން އަރައެވެ.

“ދޫކޮށްލާ!” މުޖާހިދު ގަދަހަދައިގަތެވެ. އަހަންނަށް އޭނާ ހިފަހައްޓައިލެވުނީ ކިރިޔާއެވެ.

“ނުކުރާނަން ދުލެއް! ހަމަ މަށާއެކީ އެއްގަމަށް އަރަންޖެހޭނީ.” އަހަރެންވެސް ވަކި ގޮތެއްދުލެއް ނުކުރަމެވެ. މީހަކު އަމިއްލަ ފުރާނަ ދުއްވައިލަނިކޮށް ސަލާމަތްކުރާ މީ ދެވަނަފަހަރުކަމުގައިވިޔަސް، ކިޔާނެ އެއްޗެއް އަހަންނަކަށް ނޭންގުނެވެ. ބާރުގެ ބޭނުންކުރުން ނޫންގޮތެއް ނެތުނެވެ. ދެ މީހުންނަށްވެސް ދެތިން ކޯވަރު ލޮނުބޮވުނުފަހުން މުޖާހިދު ގޮތްދޫކުރަން ނިންމައިފިއެވެ. ވަރުބަލިވެގެނެވެ. އަހަރެން އޭނާގެ އަތުގައި ހިފައިގެން ބަކަތަޅަމުން އައިސް އެއްގަމަށް އެރީމެވެ.

“އެކަހަލަ އަންހެނަަކަށްޓަކަައި ފުރާނަ ދުއްވާލަން ތި ދަނީ، ކަލޭ ހަމަތަ؟ ހުރެބަލަ މަ އޭނައަށް ކުޅި ދައްކާލާނަން. މިހާރު އެއުޅެނީ އަހަރެންގެ އެކްސް އަތްދަށުކޮށްގެނޭ.” މުޖާހިދު އަނގައަކުން ނުބުންޏެވެ. ހުރިހާ ފަތުވާއެއް ދިނީވެސް، ކުދިކީވެސް އަހަންނެވެ. މުޖާހިދު އަހަންނަށް ބަލައިލިއެވެ. ހަަމަ އަސްލުވެސް އޭނާއަށް ކުޅިދައްކާލާނަންހޭ އަހައިލާގޮތަކަށެވެ. ދުލުން ޖަވާބުދިނުމުގެ ބަދަލުގައި ދިހަވަރަކަށް މިނެޓު ކުރިން އައި ކޮޅަށް ހަރު ހިނގުމެއްގައި ހިނގައިގަތީމެވެ. އަންނާށޭ ބުނުމުން މުޖާހިދު، މަންމަ ފަހަތުން ބަސްއަހައިގެން އަންނަ ދަރިއެއްފަދައިން މަޑުމަޑުން އައެވެ. ރިޔާގެ ގެއާއި ހަމަޔަށް ދެެވުނުއިރު ނަސީބުގަދަކަމުން އޭނާ ހުރީ ދެވަނަ ބުރީ ބެލަކަނީގައި ފޯނެއްކުރަން ނުކުމެއެވެ.

“އޭތް!” އަހަރެން އަޑުގެ ކޮޅަށް ގޮވައިގަތީމެވެ. ސިހިފައި ރިޔާ ތިރިއަށް ބަލައިލިއެވެ. ފޯނު ބޭއްވުމަށްފަހު އަހަންނަށް ސަމާލުކަން ދިނުމުން އަރާފައި ހުރި ކަށިހިތްވަރުގަނޑުވީ އިތުރެވެ. މުޖާހިދު އޭރު ތަންކޮޅެއް ދުރުގައި ބަލަން ހުއްޓެވެ.

“ކަލޭ ހީކުރީ ތިހެން މީހުން ހައްދައިގެން ސަލާމަތްވެވޭނެކަމަށްތަ؟ މަ ކަމެއް ނުކުރިއަސް ތިކަމާ ކަލޭގެ ކަރުގަ ހިފާނެ މީހުންވާނެކަން ހަނދާންކުރާތި. މިހާރު ރައްޓެހިވެގެން ތިއުޅެނީ ކާކާކަން އިނގޭތަ؟ އިނާޝް އެއީ ބޮޑު ގޭންގެއް އުފައްދައިގެން އެ މީހުންގެ ބޮޑަކަށް ހުންނަ މީހާ. އޭނަ ރުޅި އަރުވާ ދުވަހަކުން ކަލޭގެ ފުރާނަ ދުއްވާލާކަށް ފަހެއްނުޖެހޭނެ. ކަލެއަށް އެކަންޏެއް ނުނޭ ނުލަފާވާން އިނގެނީކީ.” އަހަރެން ދިގު ފަތިވަރެއް އަމުނައިލީމެވެ. ރިޔާގެ މޫނުމަތިން ކުޑަ މިންވަރަކަށްނަމަވެސް ހަމަނުޖެހުމެއް ފެނުމުން އަހަރެންގެ ބަސްތައް އަޑިއާއިހަަމައަށް ފޯރައިފިކަން އިނގުނެވެ.

“ތީ ކާކު؟ ކަލެއަށް ކިހިނެތް… އި…އިނާޝް އިނގެނީ؟” ރިޔާ ޖެހިލުންވެފައި އެއްސެވެ.

“އިނާޝްއަކީ އަހަރެންގެ ލޯބިވެރިޔާ. އޭނަ އެ އުޅެނީ ކަލޭ ހައްދަން. ކަލޭ ތީ އޭނަގެ ސައިޑް ޗިކު. އަދި ކަލޭ އިރުކޮޅެއް ކުރިން މަރުވާންދާށޭ ތި ގޮވީ މަގޭ ލޯބިވާ ކޮއްކޮއަށް.” ދޮގު ހެދުމުގައި އަހަންނަށް އެވޯޑެއް ހައްގެވެ. އެއް ނޭވާމަތިން އެވަރަށް ދޮގު ހެދުނީ އަލަށް ކަންނޭންގެއެވެ.

“ހަހަހަ… މުޖާހިދުގޮސް ދައްތަކައިރީ ކުޓުވާލީތަ؟” ރިޔާ ހުނީ ގަދަކަމުންނެވެ. އެހާ ފަސޭހައިން ގަބޫލުކުރަން ހާދަ ބޯގޯސް އަންހެނެކޭ މަގޭ ހިތަށްއެރިއެވެ. މަށަށް އެންމެ ވިހި އަހަރެވެ. މުޖާހިދު އަހަންނަށްވުރެ ދޮށީ ވައްތަރުޖަހާއިރުވެސް ކޮއްކޮއޭ ބުނުމުން ގަބޫލުކޮށްފިއެވެ. “އެންޑް، އިނާޝް ކައިރީ އަހާނަމޭ ތީ ތެދެއްތޯ.”

“ހަހަހަ.. ކާކު ކައިރީ އަހާނަމޭ؟ އިނާޝް؟ އެ އިނާޝް ކައިރީ؟ އޭނަ އެއީ އޮސްކާ ލިބުން އެންމެ ހައްގުުބޮޑު މީހާ. ކަލޭ ކިތަންމެ ވަރަކަށް އެހިޔަސް އޭނަ ހީވޭތަ ތެދު ބުނާނެހެން؟ ހަމަ ހިލާ ނުބުނާނެ. ތިމާ ފޭހުނު އިލޮށި ތިއޮތީ ތިމާގެ ލޮލަށް ހެރިފަ. އޭނަ ކަލޭ މަތިން ފޫހިވަންދެން ކަލޭ ހައްދައިގެން ގެންގުޅޭނެ. އޭގެ ކުރިން އަސްލު ކުލައެއް ނުފެންނާނެ. އެންމެ މޮޅަށް އެކަން އިނގޭނީ އޭނަޔާ އެއް ޓީމެއްގެ، އެއް ކަމެއް ކުރާ ކަލެއަށެންނު.” ރިޔާގެ ލޮލުން ކަރުނަ ހިލިއްޖެއެވެ. އޭނާއަށް އެންމެ ގަބޫލުކުރެވުނީވެސް އަހަރެންގެ ފަހު ޖުމުލައެވެ. ދެން ބުނާނެ އެއްޗެއް ނޭންގިގެންގޮސް އެތެރެއަށް ވަދެއްޖެއެވެ.

“ސޮރީ އިނާޝް. ކަލެއޭ ކިޔައިގެން ވަރަށް ކުނި ދޮގުތަކެއް ހެދިއްޖެ. ފަހުން އޮޅުންފިލުވައިދޭނަން.” އަހަރެން ހިތާއިހިތުން ކިޔައިލީމެވެ.

“އަސްލުވެސް އޭނަ އެއީ ގޭންގު މީހެއްތަ؟” މުޖާހިދު ކައިރިއަށް ދިޔުމުން އޭނާ މަޑުމަޑުން އަހައިލިއެވެ. އަދިވެސް އޭނާއަށް ރިޔާއާއި ދޭތެރޭ ވިސްނެނީއެވެ. ރިޔާއަށް ކަމެއް ވެދާނެކަމުގެ ބިރުހީވެ ނުތަނަވަސްވަނީއެވެ.

“ނުނޭ. އެއީ ހުސްދޮގު. ކަލޭ ތީ މަގޭ ކޮއްކޮއޭ، އެވެސް ދޮގެންނު.” އަހަރެން އަނގަ އޮރިކޮށްލަމުން ބުނެލީމެވެ. މުޖާހިދަށް ހެވުނެވެ. މިލާފައި ހުރި އެ މޫނަށް ހިނިތުންވުމެއް ގެނެސްދެވުމުން އަހަރެންގެ ހިތްހަމަޖެހުނެވެ. “އިނާޝް އެއީ މަގޭ އެކްސް. މަ ފަހުން ގޮއްސަ އޭނައަށް ކިޔައިދޭނަން ވާނުވާ. އެ ސޮރު އެހެންނޫނީ ހުންނަންޖެހޭނީ ވާނުވާގަ… ދެން އޯކޭވާނެ އެހެންވީމަ… އެކަމާ މާ ވަރަށް ވިސްނާނެކަމެއްނެތް އިނގޭ.” މުޖާހިދުގެ ކޮނޑުގައި އަތްޖަހައިލަމުން ބުނީމެވެ. ހިތްހެޔޮކަމާއިއެކީ ބުނެލާނެ މާ މޮޅު އެއްޗެއް ސިކުނޑިއަކަށް ނައިވިއްޔާއެވެ. މުޖާހިދު ލުއިގޮތަކަށް ހީލާފައި ބޯޖަހައިލިއެވެ.

“ކޮން ނަމެއްތަ ކިޔަނީ؟” މުޖާހިދު އަހައިލިއެވެ. ނަމަކީ ސާރާއޭ ބުނީމެވެ. ސަލާމަތްކޮށްދިން ސަބަބޭ ކިޔައިގެން ބޭކާރު ސުވާލުތަކެއް ނުކުރިއެވެ. ހަމައެކަނި އެހީ ރިޔާއާއި ވާހަކަދައްކަނިކޮށް އަޑުއިވުނީހެއްޔޭއެވެ. އިނާޝް ރިޔާއާއި އެކީ އުޅޭކަން އިނގި، އަދި މުޖާހިދާވެސް ގުޅުމެއް އޮންނަކަން އިނގުމުން ފާރަލީކަމަށްބުނެ މުޖާހިދަށްވެސްް ދޮގުތަކެއް ހަދަންޖެހުނެވެ.

އޭގެ ފަހުން އަހަރެން ރާއިންގެ ހާލު ބަލައިލިއިރު އޭނާ އުޅުނީ އެއްކަލަ ޕާޓޭ ސޮރު ފުލުހާއި ހަވާލުކޮށްގެންނެވެ. އެއްވެސް މީހަކަށް ގެއްލުމެއްނުވެ ކަންތައް ނިމުމުން އަހަރެން ހިތްހަމަޖެހުނުނަމަވެސް، ރޭވުމާއި ހިލާފަށް މުޖާހިދު ސަލާމަތްކޮށްގެން އަހަަންނަށް ކުރެވުނީ ކުށެއްކަމަށްނުވޭތޯ އެދެވުނެވެ. މުޖާހިދު ދިރިހުއްޓަސް ރާއިންގެ އަތުން އޭނާ ސަލާމަތްނުވީތީއާއި އެ ދެމީހުން ބައްދަލުނުވީތީ ރާއިންގެ މަރުގެ ސަބަބަކަށް މުޖާހިދު ނުވާނެކަމަށް ހިތުގެ އަޑިން އުންމީދުކުރީމެވެ. އަނެއްކާވެސް ސައުއްވިސްގަޑިއިރު ވަންދެން މަޑުކުރަންޖެހުނެވެ. އެރޭ ނިދީ އެނބުރިދާއިރު ކަންތައް ހިނގާނެ ގޮތަކާއިމެދު ކަންބޮޑުވެފައި އޮއްވައެވެ.

********************

ފުން ނިންޖަކުން ހޭލެވުނުކަހަލަ އިހުސާސެއް ކުރެވުނެވެ. ދެތިން ފަހަރަކު އެސްފިޔަ ޖަހައިލުމަށްފަހު ތެދުވީމެވެ. އިނދެވުނީ ހޮސްޕިޓަލެއްގެ ވޯޑެއްގައެވެ. އަތަށް އައިވީއަކާއި ބޮޑުވާ އިނގިއްޔަށް ހިތުގެ ވިންދު ބަލާ މޮނީޓަރު ގުޅާފައިވިއެވެ. ދޮރު ހުޅުވާފައި ވަދެގެން އައި ބައްޕައަށް އަހަރެން ކޮޅަށް އިންތަން ފެނުމާއިއެކު ހީވީ ބޮޑު އަޖައިބެއް ފެނުންހެންނެވެ. ވަގުތުން ވަގުުތުން ނަރުހަށް ގޮވައިގަތެވެ. ނަރުސްކުއްޖާއާއި ޑޮކްޓަރު އައިސް އަހަރެންގެ ޗެކްއަޕް ހެދުމަށްފަހު ހުރިހާކަމެއް ރަނގަޅުކަމަށް ބުންޏެވެ. ބައްޕަގެ ފަރާތުން ފެނުނީ އިންތިހާދަރަޖައިގެ އުފާވެރިކަމެވެ. އަހަރެން އިނީ ވާނުވާގައެވެ.

“ބައްޕާ. މިއަދު ކޮންދުވަހެއް؟” އަހަރެން އަހައިލީމެވެ. ބައްޕަ ހިސާބަކަށް މާޔޫސްވިކަން ފާހަގަވިއެވެ. ނަމަވެސް ހިނިތުންވެލާފައި ޖަވާބުދިނީ މިއީ ދެހާސް ވިހީގެ ޑިސެންބަރު ތިރީސް އެކެއްކަމަށެވެ. މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. އަހަރެން ހާސްވިވަރު ފެނިފައި ބައްޕަ ބޮލުގައި ފިރުމައިލިއެވެ. އަދި ވީގޮތް ސާފުކޮށްދިނެވެ. ބައްޕަ ކިޔައިދިންގޮތުގައި އޭގެ ބަރާބަރު ދެ އަހަރުކުރިން ދިމާވި އެކްސިޑެންޓެއްގައި އަހަރެން ކޯމާއަކަށްދިޔައީއެވެ. އޭގެ ފަހުން އެ ހޭލެވުނީ ދެ އަަހަރު ފަހުން އަލަށެވެ. ބައްޕަ ވޯޑުން ނުކުތުމުން އަހަރެން އެކަމާ ވިސްނައިލީމެވެ. މާޒީއިން އަހަންނަށް ސީދާ އެ އެކްސިޑެންޓުގެ ވަގުތަށް އާދެވުނީބާއެވެ. ނޫނީ އެކްސިޑެންޓުގެ ފަހުން ހިނގި ހުރިހާ ހަމަނުޖެހުންގަނޑެއް އެއީ ކޯމާގައި އޮވެ ބެލުނު ހުވަފެނެއްބާއެވެ.

ހިޔާލުތަކުން ބޭރަށް ނުކުމެވުނީ ވޯޑުތެރެއަށް ބަޔަކު ވަނުމުންނެވެ. އެންމެ ފުރަތަމަ ވަނީ މަންމައާއި ދޮންބެއެވެ. ދެން މާމައެވެ. މާމަ ފަހަތުން ވަނީ އިތުރު ދެވަނަ މީހެއްނޫނެވެ. ބޮޑުބޭއެވެ. އަހަރެން އިނީ މޫނަށް ގެންނަންވީ ކުލައެއް ނޭންގިފައެވެ. ބޮޑުބޭބެ ދިރިހުރީތީ އެ ހުރިހާކަމަކީ ހުވަފެނެއްނޫންކަން ޔަގީންވިއެވެ. އަހަރެން ކޯމާގައި އޮތް ދެ އަހަރުތެރޭގައި ބޮޑުބޭބެ ޖަލުން މިނިވަންވީތާއެވެ. ވޯޑަށް ވަތްފަހުން އެމީހާ އަހަންނާއި ވާހަކަ ނުދައްކާތާ ހިނިތުންވެސް ވެނުލައެވެ. ހިތުގައިވީ ކޯޗެއްކަމެއް ނޭންގެއެވެ. ނަމަވެސް މާމަ ބުނީ އޭނާ ބަދަލުވެއްޖެކަމަށެވެ. ސާލިހުވެއްޖެކަމަށެވެ.

އެރޭ އަހަންނާއި ބައްދަލުކުރަން އަދި އިތުރު ބަޔަކު އައެވެ. އައިޝާއާއި ރާއިންއެވެ. އެ މީހުންނަށް ކުޑައިރު އެ ގެއަށް ގޮސް އުޅުނު ސާރާ ހޮސްޕިޓަލުގައި އޮތް ހަަބަރު ލިބުނީއެވެ. އައިޝާ ކުރިއެކޭވެސް އެއްގޮތަށް ހިތްހެވެވެ. ރާއިން ހީލިއެވެ. ނަމަވެސް ވާހަކައެއް ނުދައްކައެވެ. އައިޝާއަށް ފޯނެއް އައިސްގެން ބޭރަށް ނުކުތެވެ. އަހަންނާއި ރާއިންއާއި ދެމެދުގައިވީ ހިމޭންކަމެވެ. ހިމޭންކަން ފޫއަޅުވައިލީ ވޯޑަށް ވަތް މުޖާހިދެވެ.

“ސާރާ!” އޭނާ އައި ގޮތަށް އައިސް އަހަރެން ގައިގައި ބައްދައިލުމުން ރާއިންގެ އިތުރުން އަހަންނަށްވެސް ލިބުނީ ހައިރާންކަމެކެވެ.

“މީ ކާކު؟” މުޖާހިދު ރާއިންއަށް ބަލާލައިފައި އަހަރެން ކައިރީ އެހިއެވެ.

“މީ… މީ ކުޑައިރުގެ ފްރެންޑެއް.” މުޖާހިދު ބޯ ޖަހައިލިއެވެ. އެކުވެރިއެއްގެ ދަރަޖަ ދިނުމުން ރާއިން ކުޑަކޮށް ސިހުނެވެ. އޭނާ ހިތުން އޭނާ ދުވަހަކުވެސް އަހަންނަކާ ވާހަކައެއް ނުދައްކާވިއްޔާއެވެ.

“އަހަންނަކީ ސާރާގެ ބިޓު އިނގޭ.” މުޖާހިދު ރާއިންއާއި ސަލާންކޮށްލިއެވެ. ރާއިން ދެ ބުމަ ހިއްލައިލިއެވެ.

“އޭތް ކޮންއިރަކު ކަލޭ މަގޭ ބިޓަށް ވީ؟” އަހަންނަށް ބޭއިހްތިޔާރުގައި ބުނެވުނެވެ.

“އާނ ސާރާއަކަށް ނޭންގޭނެދޯ. ސާރާ ދެކެން ހޮސްޕިޓަލަށް އަންނަލެއް ގިނަކަމުން މިހާރު ސާރާގެ އާއިލާ މީހުން އަހަންނަށް ކިޔަނީ އެހެން. ދެން އެންމެން އެހެން ކިޔަންޏާ އަހަރުން ވާންވީނު ބިޓުންނަށް.” މުޖާހިދުު ވާހަކަ ކުރިއަށްގެންދިޔަލެއް އަވަސްކަމުން އަހަރެން ހާސްވިއެވެ.

“އެހެން ކިހިނެތް ވާނީ؟ މަގޭ އެއްވެސް ހުއްދައެއްނެތި ތިހާ ފަސޭހައިން ނުނިންމޭނެއެންނު.”

“އެ ތެދެއް. ކޯމާގަ އޮއްވަަ އަމިއްލައަކަށް ތިހެން ބިޓަކަށް ނުވެވޭނެއެންނު.” ކުއްލިއަކަށް ރާއިންވެސް ވާހަކަގަނޑު ތެރެއަށް ވަދެއްޖެއެވެ. އަހަންނަށާއި މުޖާހިދަށް އެއްފަހަރާ ރާއިންއާއި ދިމާއަށް ބަލައިލެވުމުން ރާާއިން ކުޑަކޮށް ނުތަނަވަސްވިއެވެ.

“ކަލެއަށް ކީއް؟” މުޖާހިދު އެއް ބުމަ އަރުވައިލަމުން ބުންޏެެވެ.

“މަވެސް އައީމޭ އެތަށް ފަހަރަކު ސާރާ މިތާ އޮތްއިިރު. ތަންކޮޅެއް ގިނައިން އައޭ ކިޔާފަ ބިޓަކަށް ނުވެވޭނެދޯ!” ރާއިން ކުޑަކޮށް އަޑުބާރުކޮށްލިއެވެ. ހަމަ އަސްލުވެސް އަހަރެން ކައިރިއަށް އައިންހޭ ހިތަށްއެރިއެވެ. ކުޑައިރު އަހަންނާއި ވާހަކަދައްކާހިތްވިހެން މިހާރުވެސް އެކުވެރިވާން ބޭނުންވަނީބާއެވެ؟

“ސާރާ އަކީ އަހަރެންގެ ފުރާނަ ސަލާމަތްކޮށްދިން ހީރޯ. އެހެންމީހަކަށް ނުދޭނަން!” މުޖާހިދު ހީވީ ކުޑަކުއްޖެއްހެންނެވެ.

“ސާރާއަކީ އަހަރެންގެ ސަލާ….” ރާއިން އޭނާގެ ޖުމުލަ މެދުކަނޑައިލިއެވެ. އަހަރެން ޝައުގުވެރިވިއެވެ. މުޖާހިދަށް އިތުރަށް ޒުވާބުނުކުރެވުނީ ފޯނު ކޯލަކަށް ޖަވާބުދޭން ޖެހުމުންނެވެ. ރާއިންއަށް ކަޅިއަޅާލާފައި އައިޝާއެކޭ އެއްފަދައިން އޭނާވެސް ބޭރަށް ނުކުތެވެ.

“ދެންމެ ކީކޭ ބުނަން އުޅުނީ؟” ކުރަން ބޭނުންވެފައި އިން ސުވާލު ރާއިންއާއި ކޮށްލީމެވެ. ރާއިން އިރުކޮޅަކު އިސްޖަހައިގެން އިނެވެ. ކުޑައިރެކޭ އެއްގޮތަށެވެ.

“އަހަރެން ކުޑައިރު ސަލާމަތްކޮށްދިން އަންހެންކުއްޖަކާ ވަރަށް ވައްތަރު ސާރާޔާ.” އޭނާ ދެއްކީ މާޒީއަށް އަހަރެން ދަތުރުކުރިއިރުގެ ވާހަކައެވެ. އޭނާއަކަށް އެކަމެއް ނޭންގެއެވެ. އެއީ އަހަންނާއި ވައްތަރު މީހެއް ނޫންކަން، އެއީ އަހަރެންކަން ނޭންގެއެވެ. “އެކަމަކު އެއީ މީގެ އެގާރަ އަހަރު ކުރިން. އޭރު އެ މީހާ ހުރީ ތި ވަރުގަ. އެހެންވީމަ އެއީ ސާރާއަކަށް ނުވާނެއެންނު. ސާރާ ތީ އޭރު ގެއަށް ކުޅެން އައިސް އުޅުން ކުއްޖާ.” ރާއިން އިސްއުފުލައިލުމަށްފަހު ހިނިތުންވެލިއެވެ.

“އެކަމު އޭރު ރާއިން އަހަންނާ ވާހަކަވެސް ނުދައްކާ.” އަހަރެން ތުން ދަމާލައިފައި އެހެން ބުނީ ރާއިން ބުނާނެ އެއްޗެއް ބަލައިލުމަށެވެ. “ނުކެރުނީއެކޭ ނުބުނާނަންދޯ ހަމަ.” އޭނާ ޖަވާބެއް ނުދިނުމުން ހިތާހިތުން ކިޔައިލެވުނެވެ.

އޭގެ ފަހުން ހޮސްޕިޓަލުން ދޫކޮށްލަންދެން ކޮންމެ ދުވަހަކު ރާއިންއާއި މުޖާހިދު އާދެއެވެ. ދަނީ ދެމީހުންގެ ކޮސް ކޯޅުންގަނޑަކުން އަހަރެންގެ ބޮލަށް އުނދަގޫކޮށްފައެވެ. ނަަމަވެސް އެއީ އަހަރެން ފުރާނަ ސަލާމަތްކުރި ދެ ޒުވާނުންނެވެ. ބާއްޖަވެރި ހަޔާތަކަށް ނޫނީ ނޭދެމެވެ. ހެޔޮކަމަކުން ނޫނެވެ. އަހަރެން ތަހައްމަލުކުރި އުނދަގޫތައް ފެނަށް ދާން ބޭނުންނުވާތީއެވެ. އަހަންނަކީ އެހާ ހެޔޮ މީހެއް ނޫނެވެ.

(ނިިމުނީ)

36

14 Comments

  1. selean

    December 11, 2018 at 9:44 am

    yey me first? stry v salhi… keep going?

    • Jinni

      December 11, 2018 at 10:12 am

      thanks selean

  2. Jinni

    December 11, 2018 at 10:10 am

    dear readers hope ur having a gud day. mi stry ga kuda mistake eh innane. aisha men apartment in nukunnan jehigen dhaa vaahaka bunefa inna gothun heevaanee bodubeybe maraalaa reyge kurin dhaahen. but actually emeehun ge in nukunnanee bodubeybe maraalaa reyge fahun ingey. i just noticed it n thought i should correct it. thnx for reading this story till the end

  3. Sis

    December 11, 2018 at 2:13 pm

    Varah reethi mi story.. Ekam maa avahah thi nimmaali ingey.. Waiting for more stories from you jinni.. ❤️❤️❤️

    • Jinni

      December 11, 2018 at 4:37 pm

      thnx sis ithurah kuriah gendhaane ideas netheema nimmaalee. ehen vaahaka eh liyefiyya kiyachey ingey

  4. Anèé

    December 11, 2018 at 2:54 pm

    Story v v salhi. Keep it up???

    • Jinni

      December 11, 2018 at 4:39 pm

      thnx Anee

  5. Cherry?

    December 11, 2018 at 6:48 pm

    I read this stry at the end and its awsome ekam heevani maa avaha story nihmaalihen this was very intrested story hope kuriyah oiyy thaagaves mikahala intrested stories kiyan libeyne kamah aslu varah kiyaa hiyyvey mikahala stories❤️❤️❤️❤️

    • Jinni

      December 11, 2018 at 8:16 pm

      aan kuriah gendhan ideas nethuneema nimmalee. thx for saying its interesting ?

  6. hamtii

    December 11, 2018 at 9:44 pm

    V salhi gothakah story liyefa mi inee jinni..eyy hama jinni molhu kamun..keep it up yo good work…

    • Jinni

      December 11, 2018 at 11:56 pm

      thnx bro?

  7. Raaya

    December 12, 2018 at 1:16 pm

    Mashallah. V salhi. Keep it up. Good luck. 😉

    • Jinni

      December 12, 2018 at 3:44 pm

      thnx raaya

  8. Nattu

    December 14, 2018 at 3:42 pm

    Jinni alhe mi vaahaka nimuny dhww v reethi mi stry dhen konirkun ehen stry eh liyaany . I will miss uh ?

Comments are closed.