“މިސް ހާޝިމް!” ޕްރޮފެސާރ އިހުނަށްވުރެ ހަރުއަޑުން ގޮވާލުމާއެކު އެ އަންހެން ކުއްޖާ ސިއްސައިގެން ދިޔަ ވަގުތު އެ ދަޅު ހުޅުވިގެން ގޮސް އޭގައި ހުރި ކުނޑިތައް އޭނަގެ ގަޔަށާއި ކައިރީގައި އިން މިރްޒާންގެ ގަޔަށް ބުރުއްސައިގެން ގޮސް ދަޅާއި ދަޅުގެ މަތިގަނޑު ބިންމަތީގައި ޖެހުނު އަޑުއިވުނެވެ. ކުނޑިތަކުން ސަލާމަތްވުމަށް އެދިމާލަށް އަތްދިއްކޮށް ދެލޯ މަރާލެވުނު މިރްޒާން ލޯ ހުޅުވާލީ ލަސްލަހުންނެވެ. އެވަގުތު އޭނަގެ ކައިރީގައި އިން އަންހެން ކުއްޖާގެ ބޮލުގައި އޮތް ބައި ވެއްޓިފައިވުމުން ފެނިގެން ދިޔަ ސޫރައިން އޭނައަށް އެހެން ދިމާލަކަށް ނަޒަރު ހިންގާކަށް ނޭނގުނެވެ. އެއްފަރާތަކުން އެ ސޫރައިގެ އެއްފަޅި ފެންނަމުން ދިޔައިރު ދިގު އެސްފިޔަތަކުން ހިޔާއެޅިފައިވި އެކުއްޖާގެ ލޯ މިރްޒާން އާޝޯޚުކުރުވިއެވެ. ވަށް ބައްޓަމެއް ލިބިފައިވި ކުޑަ، ދޮން މޫނުގެ ކޯތާފަތް ފުފިފައި ހުރިގޮތުން މައުސޫމް ގޮތެއް ފެންނަމުން ދިޔައެވެ. މިރްޒާނަށް އޭނަގެ ވަށައިގެންވި ކަންތައްތަކަށް ސަމާލުކަމެއް ދެވޭ ގޮތްވީ، އެ ކޯތާފަތާއި ކަޅުކުލަ ގަދަ ބުމައިގެ މަތިން ވިދާ ކުނޑީގެ އަސަރުތައް ފާހަގަވެގެން ދިޔުމުންނެވެ. ކުލާހުގައި ތިބި ގިނަ ކުދިން އެ އަންހެން ކުއްޖާއަށް ބަލާފައި ހެމުން ދިޔަކަން އޭނައަށް އެނގުންވީ އެވަގުތެވެ. އެކުދިންނަށް ބަލާފައި އެ ކުއްޖާއަށް ބަލާލި ވަގުތު އެ މޫނުމަތިން ފާޅުވަމުން ދިޔަ ސީރިއަސްކަން މިރްޒާނަށް ފާހަގަވިއެވެ. އޭގެ ދެވަނަ ސިކުންތުގައި ޕްރޮފެސަރު ރުޅިވެރިކަމާއެކީ އެއްޗެކޭ ބުނަން ފެށި ވަގުތު އެކުއްޖާ ކޮޅަށް ތެދުވުނު މަންޒަރު ފެނުނެވެ. އެއަށްފަހު އެ ކުއްޖާ އެކަކަށްވެސް ބެލުމެއްނެތި އޭނަގެ އަތްދަބަސް ނަގައި އެތަނުން ދާން ހިނގައިގަތެވެ. ދިގު ފިޔަވަޅުތަކެއްގައި އެކުއްޖާ ގޮސް ކުލާހުން ނިކުންނަންދެން މިރްޒާނަށް އެކުއްޖާއަށް ބަލަން ހުރެވުނެވެ. ކުލާހުގެ ދޮރުން މިރްޒާނަށް ނަޒަރު ވަކިކޮށްލެވުނީ ޕްރޮފެސަރު އޭނައަށް ގޮވާލުމުންނެވެ. އަދި އޭނަގެ ގަމީހާއިމެދު ހަދާނީ ކިހިނެއްތޯ ސުވާލުކުރުމުންނެވެ. އެއާއެކު މިރްޒާނަށް ވިދާ ކުނޑިން ލައްވެފައި ހުރި އޭނަގެ ގަމީހުގެ އަތަށް ބަލާލެވުނު ހިނދު އަނެއްކާވެސް ލުއި ހުނުމެއްގެ އަޑު ކުލާސް ތެރެއިން އިވިގެން ދިޔައެވެ. މިރްޒާން އެކި މީހުން ވަކިވަކިން ބަލަމުން އެއީ މާ ބޮޑުކަމަކަށް ނަހަދައި އޭނަގެ ގަމީހުން އެކުނޑި އެއްއަތުން ފޮޅާލިއެވެ. އެއަށްފަހު ފިލާވަޅު ކުރިއަށް ދާން ފެށުމުން އެއަށް ސަމާލުކަން ދެވޭތޯ ބެލިއެވެ. އެހެނަސް އެވެގެން ދިޔައީ އޭނައަށް ދަތިކަމަކަށެވެ. އޭނަގެ ސިކުނޑި ދާދި ދެންމެއަކު ހިނގައިދިޔަ ‘ޙާދިސާ’އިން ނިކުންނަން އިންކާރު ކުރިއެވެ.
ކުލާހެއް ނިމޭނެ އިރަކަށް ދުވަހަކުވެސް ކެތްމަދުނުވާ ވަރަށް ކެތްމަދުވެފައި އިނދެފައި ގަޑި ޖެހުމާއެކު މިރްޒާނަށް އަވަސްއަވަހަށް ތެދުވެލެވުނީ ބޭއިޚްތިޔާރުގައެވެ. ނޭނގޭ ސަބަބަކާހުރެ މިވަގުތު އެކުއްޖާ ގެއަށް ގޮސްދާނެބާއޭ އެހިނދު މިރްޒާންގެ ހިތަށްއެރިއެވެ. މުޅި ފިލާވަޅު ތެރޭގައި އެކުއްޖާ އަނބުރާ އަންނާނެ އިރަކަށް އޭނައަށް އިންތިޒާރު ކުރެވުނެވެ. އެއީ އެ ރީތި ސޫރަ ދެވަނަ ފަހަރަށް ފެނިލުމުގެ ނަސީބު ލިބިދާނެކަމުގެ އުއްމީދުގައި ކަންނޭނގެއެވެ. ވޭތުވެދިޔަ ގަޑިއިރުގެ ތެރޭގައި ހާސްވަނަ ފަހަރަށް އެކުއްޖާ ސިއްސައިގެން ދިޔަ ގޮތް މިރްޒާންގެ ޚިޔާލަށް އައުމުން އޭނައަށް ހިނިތުންވެލެވުނެވެ. އޭނަ އެ ޚިޔާލުގައި ހުރެ ގޮނޑި އެތެރެއަށް ވައްދައި، ދާން ހިނގައިގަތް ވަގުތު ބޫޓު ދަށުގައި އެއްޗެއްވުމުން މިރްޒާނަށް ތިރި ބަލާލެވުނެވެ. އެ ހިނދު އެކުއްޖާ ހަދާފައި އޮތް މާ ފެނިފައި އޭނައަށް ފައި ދުރުކޮށްލެވުނެވެ. އަދި ދެވަނަ ވިސްނުމެއްނެތި ގުދުވެލަމުން އެ މާ ނަގައި ބަލާލިއެވެ. މިހާ ބުރަ މަސައްކަތް ކޮށްފައިވެސް އެކުއްޖާ ދިޔައީ މީތި އެއްލާލާފަތޯ މިރްޒާންގެ ހިތަށްއެރިއެވެ. އެކުރި މަސައްކަތް ހަނދާނަށް އައުމުން މިރްޒާން އޭތި ދޫކޮށްފައި ދާކަށް ބޭނުމެއްނުވިއެވެ. އެހެންކަމުން މިރްޒާން ކުލާހުން ނިކުންނަން ދިޔައީ އޭތި ހިފައިގެންނެވެ. އޭގެ އެއްސަބަބަކަށްވެފައިވީ އޭނަ އަނެއްކާވެސް ބައްދަލުކުރަން ބޭނުންވުންކަން އޭނަގެ ހިތް ބުންޏެއްކަމަކު މިރްޒާން އެއީ ޙަޤީޤަތެއް ނޫންކަމަށް އަމިއްލަ ނަފްސަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.
މިރްޒާން ޔުނިވާރސިޓީއިން ނިކުމެގެން އައީ އެކުއްޖާ ފެންނާނެކަމުގެ މާ ބޮޑު އުއްމީދެއްނެތިއެވެ. އޭނަގެ އަތުގައި އޮތް މާ ފެނިފައި ގިނަ ބައެއްގެ ނަޒަރު އޭނައަށް އަމާޒުވަމުން ދިޔައީތީވެއާއެކު، ޔުނިވާރސިޓީގެ މައިދޮރުން ނިކުންނަމުން އޭތި ދަބަހަށް އަޅާލަން މިރްޒާން ނިންމީ އެ އުއްމީދު މުޅިންހެން ކަނޑާލަމުންނެވެ. އެހެނަސް އޭނަ އިސްޖެހިފައިހުރެ ވިނަގަނޑުމަތިން ހިނގާފައި ދަނިކޮށް އިވުނު ޒުވާން އަންހެން ކުއްޖެއްގެ އަޑުން މިރްޒާންގެ ފިޔަވަޅުތައް މަޑުޖެހުނެވެ.
“ތުއްތާ އަހަރެން މިހިރީ މިތާ ސްޓަކްވެފައޭ! މިހާރު ކިހާއިރެއް ދޮންބޭބެއަށް ގުޅިތާ؟ އަޅެ ތުއްތަ އަދި އެއްފަހަރު ގުޅާފަ ބުނެލަދީބަ އަހަރެން މިހިރީ ޔުނީގައޭ. އަހަންނަށް ދެން ނުކެރޭނެ ގުޅާކަށް.” އޭނައަށް ފުރަގަހުން ފެންނަމުން ދިޔަ އަންހެން ކުއްޖާ ފޯނެއްގައި ހުރެ ދިވެހި ބަހުން ވާހަކަ ދެއްކި އަޑު އިވިފައި މިރްޒާންގެ ހިތަށް އުފަލެއް ލިބުނެވެ. އިތުރަށް އުފާވެގެން ދިޔައީ އެ އަންހެން ކުއްޖާ ހުރީ ނޫކުލައިގެ ޖިންސް ޖެކެޓަކާއި ހަމަ އެކުލައިގެ ޖިންސެއް ލައިގެންކަން އެނގުންވުމުންނެވެ. އެއީ ދެންމެ ކުލާހުގައި އޭނަ ކައިރީގައި އިން ކުއްޖާކަން ޔަޤީންވީ އަންހެން ކުއްޖާގެ ކޮނޑާއި ހަމައަށް އޮތް ފަންކޮށްފައި އޮތް ކަޅު އިސްތަށިގަނޑު ފެނުމުންނެވެ. ފުންވެގެން ދިޔަ ހިނިތުންވުމަކާއެކީ މިރްޒާނަށް އެއްފަހަރު އޭނަ އަތުގައި އޮތް މަލަށް އަނެއްފަހަރު އެ އަންހެން ކުއްޖާއަށް ބަލާލެވުނެވެ. އެއަށްފަހު އެ އަންހެން ކުއްޖާއާއި ދިމާލަށް ހިނގައިގަތީ އަމާނާތްތައް އޭގެ އަހުލުވެރިންނާ އަދާކުރަންވާނެތާއޭ ހިތާހިތުން ކިޔަމުންނެވެ. އެ ކުއްޖާއާއި އަރާ ހަމަކުރަމުން ދިޔަ ވަގުތު އޭނަގެ އަޑު ނުހަނު ފިރިހެންވަންތަ ކުރަން މަސައްކަތް ކުރަމުން މިރްޒާން ވާހަކަ ދެއްކިއެވެ.
“މިހާ ބުރަ މަސައްކަތްކޮށްފަ ހަދާ އެއްޗެހި އެއްލާލާކަށް ނުވާނެދޯ؟” މިރްޒާން ވާހަކަ ދައްކަން ފެށިތަނާހެން އެކުއްޖާ ފޯނު ކަނޑާލަމުން އޭނައާއި ދިމާލަށް ބަލާލިއެވެ. އޭނަ ދޯ ދިން ވަގުތަކީ އޭނައަށް އެކުއްޖާއާއި އެއްހަމައެއްގައި ހުރެވުނު ވަގުތެވެ. އެކުއްޖާ ޙައިރާންވެފައި އޭނަގެ މޫނަށް ބަލައިގެން ހުންނަން ފެށުމުން މިރްޒާން އޭނަގެ އަތުގައި އޮތް މާ އެކުއްޖާއަށް ދިއްކޮށްލިއެވެ. އޭތި ފެނުމާއެކު އެކުއްޖާގެ ފުރިހަމަ ހިނިތުންވުން ފެނިގެން ދިޔުމުން މިރްޒާނަށް ކާމިޔާބީގެ އިޙްސާސެއް ކުރެވުނެވެ.
“ހެހެހެ…..އަހަރެން ހަނދާނެއްވެސް ނެތް މިއާ ބެހޭގޮތުން…..ސޯ ޔޫ ވާރ ދެއާރ ނެކްސްޓް ޓު މީ! އެހެންވެދޯ ގަމީހުގަ ގްލިޓާރ ތިހިރީ؟ އަހަރެން ހީކުރީ އިނގިރޭސި ކުއްޖެއްކަމަށް.” އެ ކުއްޖާ ބަދަލުނުވާ ހިނިތުންވުމެއްގައި ހުރެ މިރްޒާންގެ އަތުން މާ ހޯދަމުން ނުހަނު އެކުވެރި ގޮތަކަށް ވާހަކަ ދެއްކިއެވެ. އޭގެ ސަބަބުން މިރްޒާނަށް އެ އެކުވެރިކަން ބަދަހިކުރުމަށް ހިތްވަރެއް ލިބުނެވެ.
“އޯ ރިއަލީ؟ އައި ޝުޑް ބީ ޕްލީޒްޑް! ހަމަ އެހާވެސް ރީތީތަ އަހަރެން؟” މިރްޒާން ސަމާސާ ރާގަކަށް އަހާލިއެވެ. އެއާއެކު އެކުއްޖާ އިހުނަށްވުރެ ބޮޑަށް ހީލިއިރު އެ ވަށް ކޯތާފަތް ރަތްވެގެން ދިޔައެވެ.
“އިފް ޔޫ އާސްކް މީ، ނޮޓް ބޭޑް އިނގޭ؟ ހެހެހެ….އެނީވޭސް، ޔޫ ކޭން ހޭވް ދިސް. އަހަރެން ހީކުރީ އަހަރެން ގްރެޖުއޭޓްވާނީ ދިވެހި ކުއްޖަކާ ދިމާނުވެ ކަމަށް. ފޯ ދަ ފަސްޓް ފްރެންޑް މޭޑް އިން ޔުނީ.” އެކުއްޖާ އަނެއްކާވެސް އެ މާ މިރްޒާނަށް ދިއްކޮށްލަމުން ބުނެލިއެވެ.
“ވެލް ތެންކިއު ދެޓްސް…ވެރީ ސްވީޓް އޮފް ޔޫ! ހެހެހެ….އެނީވޭސް، އައިމް މިރްޒާން.” މިރްޒާން އެކުއްޖާގެ އަތުން މާ އަނބުރާ ހޯދައި ސަލާމަށް އަތްދިއްކޮށްލީ ހުނުން ހުއްޓާލަމުންނެވެ. އަންހެން ކުއްޖާ ހިނިތުންވުމެއްގައި ހުރެފައި އެ އަތުގައި ހިފާލިއެވެ.
“އަމްނާ.” އަމްނާ އޭނަގެ ނަން މިރްޒާންގާތު ބުނެލީ އޭނައާއި ހަތަރުކަޅި ބައްދަލުކޮށްގެން ހުރެއެވެ. އެވަގުތު އެ ނަމަކީ އޭނަގެ ޙަޔާތުގައި ބޮޑުބައެއް އަދާކުރާނެ ނަމެއްހެން މިރްޒާނަށް ހީވީ ކީއްވެކަމެއް ނޭނގެއެވެ. އޭނައަށް ހިނދުކޮޅަކަށް އަމްނާގެ ރީތި މޫނާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. އެވަގުތުކޮޅުން ދެޒުވާނުންނަށް ނިކުމެވުނީ އަމްނާގެ އަތުގައި އޮތް ފޯނަށް މެސެޖެއް އައި އަޑު އިވުމުންނެވެ. އެއާއެކު އަމްނާ މިރްޒާންގެ އަތުން ދޫކޮށްލަމުން ފޯނު ހިއްލައި މެސެޖު ކިޔާލިއެވެ. މެސެޖު ކިޔައި ނިމުމާއެކު އެމޫނުމައްޗަށް ވެރިވީ ހާސްކަމެވެ.
“އޯ ނޯ! ދޮންބޭބެ ވޮއިސް މެއިލް މަތިން ހަނދާން ނައްތާލާފަ މީޓިންގް އަކަށް އެހެން ސިޓީއަކަށް ގޮއްސައޯ ހުރީ. މައި އަންކްލް! އަންކްލްއާ އެކީ އަހަރެން ޔުނީއަށް އައީ. އަންކްލް ނައިއްސިއްޔާ ދެން އަހަންނަކަށް ގެއަށް ނުދެވޭނެ!” އަމްނާ ކަންބޮޑުވުމަކާއެކީ އެ ވާހަކަ ދެއްކީ މިރްޒާން ގާތުގައެވެ.
“އޮހް….ބަހުގަ ދާންވީއެއްނު؟ އެއޮތް އަންނަނީ ބަސް.” މިރްޒާން އަމްނާއަށްޓަކައި ޙައްލެއް ހޯދައިދެވޭތޯ ބަލަމުން ހަމަ އެވަގުތު އެތާހުރި ސްޓޮޕް ކައިރިއަށް އަންނަމުން ދިޔަ ބަހަށް ޢިޝާރާތްކުރިއެވެ. އޭނަ އެހެން ބުނުމުން އަމްނާ އެއްއަތުގެ ނިޔަފަތީގައި ދަތް އަޅާލިތަން ފެނުނެވެ.
“ނޭނގޭ ދޮންބޭބެއާ ބައްޕަ މިކަމާބެހޭގޮތުން ބުނާނެ އެއްޗެއް. އެކަމަކު ދެން އެހާ ގިނައިރު ވަންދެން ވެސް ނުއެއް ހުރެވޭނެ މިތާނގަ….މިޒްރާން ވެސް ދަނީ ބަހުންތަ؟” އަމްނާ ދެންވެސް ހިސާބެއްގެ ހާސްކަމަކާއެކީ އަހާލިއެވެ. އަމްނާ އޭނައާއި މުޚާތަބު ކުރި ނަމުން މިރްޒާނަށް ހީލެވުނެވެ.
“އާނ އަހަރެން ދަނީ ބަހުން. އޭންޑް އިޓްސް މިރްޒާން.” މިރްޒާން ޖަވާބު ދެމުން ރަނގަޅުކޮށްލަދިނެވެ.
“އޮހް! ސޮރީ…ހިނގާދޯ ދާން؟” އަމްނާ ހިސާބަކަށް ލަދުގެންފައި ހުރެ ބުނެލަމުން މިރްޒާނާއެކީ ބަހާއި ދިމާލަށް މިޞްރާބުޖެހިއެވެ.
“އިޓްސް އޯކޭ. މިރްޒާންއޭ ކިޔަން އުދަގުލިއްޔާ މިއްޒޭ ކިޔުނަސް ރަނގަޅުވާނެ. އެކުވެރިން ކިޔައިއުޅެނީ އެހެން.” މިރްޒާން ހިނގަމުން އަމްނާގާތު ބުނެލިއެވެ. އަމްނާ އެ ވާހަކައަށް ބޯޖަހާލިއެވެ.
“އެންޑް ކޯލް މީ އައްނު. އަހަރެންގެ ހުރިހާ ފްރެންޑުން އަހަންނަށް ކިޔާނީ އެހެން.” އަމްނާ ހިނިތުންވުމަކާއެކީ ބުންޏެވެ. މިރްޒާނަށް އަމްނާއާއި ދިމާލަށް ބަލާލަމުން ހިނިތުންވެލެވުނީ އެ ނަން އޭނައަށް ލޯބިވީ މިންވަރުންނެވެ. އެހެނަސް އޭނަ އަމްނާއާއެކީ ބަހަށްއެރީ އެހެން ބުނަން ނުކެރިފައި ހުރެއެވެ. މާ ބޮޑަށް ތަޢުރީފު ކުރަން ފަށައިފިނަމަ އަމްނާއަށް އެހެން ކަހަލަ އެއްޗެއް ހީވެދާނެއޭ ހިތާއެވެ.
އަމްނާއާއި މިރްޒާންގެ ވާހަކަ ރަނގަޅަށް ފެށިގެން ދިޔައީ ބަސް ތެރެއިންނެވެ. އަމްނާވެގެން ދިޔައީ މިރްޒާނަށް އެންމެ ފުރަތަމަ އޭނަ ފެނުނުއިރު ހީކުރި ގޮތާއި ޚިލާފަށް ނުހަނު ވާހަކަ ގިނަ ކުއްޖަކަށެވެ. އެހެނަސް އެއިން މިރްޒާނަށް އުދަގުލެއް ނުވެއެވެ. އޭގެ ބަދަލުގައި އޭނަ ޢާއިލާއާއި މިހާ ދުރަށް އައިސް އޭނައަށް ކުރީކޮޅު އިޙްސާސް ކުރެވުނު އެކަނިވެރިކަން ފިލުވައިދޭނެ ބައިވެރިއެއް އޭނައަށް ލިބުނީހެން އޭނައަށް ހީވިއެވެ. އެންމެ ފުރަތަމަ ވެސް ބަހަށް އަރައި އަމްނާ އޭނަގެ އަމިއްލަ ނަފްސު ތަޢާރަފު ކުރި ގޮތް ވެސް މިރްޒާނަށް މަޖާވިއެވެ.
“އެކުވެރިވުމުގެ ކުރިން އަހަރެންގެ ޑިސްކްލެއިމާއެއް މި ދެނީ. އަހަރެން ވަރަށް ވަރަށް ވަރަށް ވަރަށް އަނގަގަދަ ވާނެ. ސިއްރެއް އޮތިއްޔާ އަހަންނާ ޙިއްސާ ނުކުރާތި. އެކަމަކު ޚަބަރެއް ފަތުރަން ވެއްޖެއްޔާ ވަގުތުން ޙިއްސާ ކުރާތި. އަނގަ ގަދަވެގެން އުދަގޫވާ އެމަޖެންސީ ޙާލަތްތަކުގަ ކަތުރާއި ކުލަ ގަނޑާއި ތެރަސް ކަހަލަ ހުރިހާ ސްޓޭޝަނަރީއެއް ދީފިއްޔާ ޙާލަތު ރަނގަޅުވެގެންދާނެ. އެއެއްޗެހި ލިބެން ނެތްތާކު ފޮތަކާއި ފަންސުރެއް ދީފިއްޔާވެސް އޯކޭވާނެ. އެއްވެސް އެއްޗެއް ލިބެން ނެތްތާކު ސައިޒް ކޮށްލީމަ ރަނގަޅުވާނެ.” އަމްނާ ތެދުތެދަށް އޭނަގެ އަމިއްލަ ނަފްސު ތަޢާރަފު ކޮށް ބޮޑުވާ އިނގިލި ދައްކާލި ގޮތުން މިރްޒާނަށް ހެވުނެވެ. އެ ދެއްކި ވާހަކައިގެ ތެރެއިން ވެސް އަމްނާ އަތްތެރި މަސައްކަތަށް ހުންނަ ޝައުޤުވެރިކަން މިރްޒާނަށް ނަގައިގަނެވުނެވެ. އަދި އަމްނާ އޭރު އެފަދަ މަސައްކަތެއް ކުރަން އިންއިރު ހިމޭނުން އިނީ ކީއްވެކަން ވެސް އެނގުންވިއެވެ.
“ކްރާފްޓް މަސައްކަތް ކުރުމަކީ ހޮބީދޯ؟ ދެން ކީއްވެ ކްލާސް ގަޑީގަ އެކަން ކުރަން ހުރީ؟” މިރްޒާން ސުވާލުކުރިއެވެ.
“އާނ ކްރާފްޓް އެއްޗެހި ހެދުމަކީ އަހަރެން އަބަދުވެސް ކުރާ ކަމެއް. ހޮބީއެއްގެ ގޮތުގަ ކުރަމުން އައީ. އެކަމަކު މިކޮޅަށް މީގެ މަހެއްހާ ދުވަސްކުރިން އައިސް އުޅެނިކޮށް ގެ ކައިރިން ފެނުނީ ވަރަށް ފަޤީރުކޮށް އުޅޭ ކުދިންކޮޅެއް. އެކުދިން ވެސް އަމިއްލައަށް އެކަހަލަ ކުދިކުދި އެއްޗެހި ހަދާފަ ވިއްކައިގެން ލާރި ހޯދާ މަންޒަރު އަހަންނަށް ފެނުނީ. ދެން އެހެންވެ ކޮންމެ ދުވަހަކު އަހަރެން ވެސް ބައެއް އެއްޗެހި ހަދައިގެން ގޮސް އެކުދިންގެ އެއްޗެހީގެ ތެރެއަށް ލަނީ. މިހާރު އެ އެއްޗެހި އިޝްތިހާރުކޮށްގެން ރަނގަޅަށް ވިއްކަން ވެސް އަހަރެން އެކުދިންނަށް ދަސްކޮށްދީފިން. މިހާރު ވަރަށް މަދު ދުވަހަކު އެއްވެސް އެއްޗެއް ބާކީ ހުންނާނީ ނުވިކި. އިއްޔެގަ ވެސް ހުރިހާ އެއްޗެއް ވިކުނު. އަހަރެން ވަޢުދުވިން އެކުދިން ކައިރި ޔުނީއަށް ދާން ފެށިއަސް ގެނެސްދޭނަމޭ. އެހެންވެ ކްލާހުގަ އިނދެވެސް އެ މަސައްކަތް ކުރެވޭތޯ ބެލީ.” އަމްނާ ކިޔައިދިނެވެ. އެ ވާހަކަތައް އަޑުއަހަމުން ދިޔަ މިރްޒާންގެ ހިތުގައި އަމްނާއަށްޓަކައި ޤަދަރެއް އުފެދުނެވެ. ހިތާހިތުން އަމްނާގެ ހިތްހެޔޮ ކަމަށްޓަކައި ތަޢުރީފު ކުރެވުނެވެ. އޭނަ އެއްޗެކޭ ނުބުނެ އިންދާ އަމްނާ ދެންވެސް ވާހަކަ ދެއްކިއެވެ.
“ދެން އެހެން ނޫނަސް އެހާ ފޫހި ގަޑިއެއްގަ މީހަކަށް އަތުން ފައިން މަސައްކަތެއް ނުކޮށް ހޭލާ ހުރެވޭތަ؟ ފޫހިކަމުން އަހަރެން އަނބުރާ ނައީވެސް. ދެން އެމީހުން އަހަންނާ ދިމާލަށް ހޭންފެށީމަ ވެސް….އެކަމަކު ހަމަ ބޮޑަށް ނައީ އެ ޕްރޮފެސަރު ސްލޯ މޯޝަންގަ ވާހަކަ ދައްކާ އަޑު ނާހަންވެގެން.” އަމްނާ ބުނެލިއެވެ.
“އާނދޯ؟ އެ ގަޑިއަކީ ފޫހި ގަޑިއެއް. އެކަމަކު އޭގެ ކުރިން ދިޔަ ދެ ގަޑީގަ އަހަރެން ކިޔަވާ ހިތްވި…ވަޓް އެބައުޓް ޔޫ؟ ލިޓްރޭޗާރ އެހާ އިންޓްރެސްޓިންގްއެއް ނޫން ދޯ؟” މިރްޒާން އެހިއެވެ.
“ނޫން….ލިޓްރޭޗާރއަކީ އޭގެ ޒާތުގަ ފޫހި އެއްޗެއްނޫން. އެކަމަކު ބައެއް ޕްރޮފެސަރުން ކިޔަވައިދޭ ގޮތް ކަމަކު ނުދަނީ.” އަމްނާ ބުންޏެވެ.
“އެހެންދޯ؟ ކީއްވެ ލިޓްރޭޗާރ ތި ކިޔަވަނީ؟ އޮފް އޯލް ތިންގްސް! އަނބުރާ ރާއްޖެއަށް ގޮސް ޖޮބެއްވެސް ލިބުން ދަތިވާނެއެއްނު ތީތި ކިޔަވައިގެން؟” މިރްޒާން އެނގެން ބޭނުންވެފައި ސުވާލުކުރިއެވެ.
“އައި ނޯ……އަސްލު އަހަރެން ބޭނުންވީ އާރޓްއާ ގުޅުންހުރި އެއްޗެއް ކިޔަވަން. އެކަމަކު ފެމިލީ ތެރޭގަ ހިނގި ކުޑަ ތަޅާފޮޅުންގަނޑެއްގެ ސަބަބުން އަހަރެން ޖެހުނީ މީތި ކިޔަވަން. އެކްޗުއަލީ އަހަރެން ޢަރަބި ކިޔަވަން ބައްޕަ ބޭނުންވީ.” އަމްނާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެލިއެވެ.
“ލެޓް މީ ގެސް….ޝެއިޚް؟” މިރްޒާން ސުވާލުގެ ރާގަކަށް ބުނެލިއެވެ.
“ޓޯޓަލީ! އެކަމަކު ބައްޕައަކީ އަސްލު ވަރަށް ނައިސް މީހެއް. މަންމަ ބައެއްފަހަރު ގަދަކަމުން އަހަންނާ ތުއްތަ ލައްވާ ގަދަކަމުން ނަމާދުކުރުވިޔަސް ބައްޕަ އަބަދުވެސް ނަޞޭޙަތްދީފަ ވަރަށް ލޯބިން ބުނާނީ. އަސްލު ފަނި ހެދީ ތުއްތަ. ތުއްތަ އަބަދުވެސް އުޅޭނީ ބައްޕައާއި ޒުވާބުކުރަން. ދީނާއި ބެހޭގޮތުން. ތުއްތަގެ ހުންނާނީ ވަރަށް ސެކިއުލާރ ވިސްނުމެއް. ބައްޕަ އަބަދުވެސް ބުނާނީ އިސްލާމް ދީނަކީ އެއިން މުޅި ދިރިއުޅުމުގެ ހުރިހާ ކަމަކަށް ބަދަލެއް އަންނަންޖެހޭ ދީނެކޭ. އަހަރެން ވެސް އެއާ މުޅިން އެއްބަހެއްނޫން. އެކަމަކު ބައްޕަގެ ކުރިމަތީގަ އެވާހަކަ ނުބުނަން. ތުއްތަ އެއާއި މުޅިން އިދިކޮޅު. ބައްޕަގެ ކުރިމަތީގަ ހަމަ އެހެން ބުނާނީ. ތިމަންނަ ބުރުގާ އަޅާކަށް ނުޖެހޭނެއޭ އެވެނިކަމެއް ކުރާކަށް ނުޖެހޭނެއޭ ތުއްތަ ފާޅުގަ ބުނާނެ. ބައްޕަ އެކަމާހެދި ރުޅިއައިސްގެން ވާހަކަ ދައްކާއިރު ވެސް ބައްޕަ ހުންނަނީ ވަރަށް ހާޓްވެފަކަން އަހަންނަށް އެނގޭ. އެއްދުވަހު ރޯންވެސް ރުއި. އެކަމަކު އެވަރުންވެސް ތުއްތަ އެންމެ ފަހުން މެރީ ކުރީވެސް ބައްޕައާއި ދެކޮޅަށް އެކަހަލަ ވިސްނުމެއް ހުންނަ މީހަކާ. މިހާރު ބޭބީއެއް ވެސް ލިބިއްޖެ. ބައްޕަ އެ ބޭބީއާމެދު ވެސް ކަންބޮޑުވޭ. އެ ބޭބީއަށް ހިދާޔަތް ނުލިބިދާނެތީ ބައްޕަ ކަންބޮޑުވާ ވާހަކަ ދެއްކީމަ ވެސް ތުއްތަ ރުޅި އިސްކުރަނީ. އަހަންނަށް ނުކެރޭ އެހެން ހަދާކަށް. ބައްޕައަށްވެސް އަދި ތުއްތައަށްވެސް. އެހެންވެގެން މިއަދު އަހަރެން މި މަޤާމުގަ ހުންނަން މި ޖެހުނީ. ސްކޫލް ނިމިގެން އަހަންނަށް ސްކޮލާޝިޕެއް ލިބުނީމަ ބައްޕަ އުޅުނީ ޢަރަބި ކިޔަވަން އަހަރެން ސަޢޫދީއަށް ފޮނުވަން. އެކަމަކު ބައްޕަ އެހެން ބުނިތަނާ ތުއްތަ ވަގުތުން ބުނީ އެތަނަށް ދާނެކަމެއްނެތޭ. ބޮޑު ހެދުންގަނޑެއްގެ ތެރެއަށް އެރި ސިކުނޑި ދޮވުން ނޫންކަމެއް ނުވާނެއޭ. ލަންޑަން ކަހަލަ ތަނަކަށް ދިޔައިމަ ތަންކޮޅެއް އޮޕެން-މައިންޑެޑްކޮށް ކިޔަވައިދޭނެއޭ އެބުނާ ޢަރަބިއާ ޤުރުއާނެއްވެސް. ތުއްތަ އެހެން ބުނީމަ ބައްޕަ ރުޅި އައިސްގެން ބުނީ ކޮންމެ ތަނަކަށް ދިޔަޔަސް ﷲ ގެ ބަސްފުޅުގެ ރީތިކަން ފެންނަން ހުރި މީހަކަށް ފެންނާނެއޭ. ސޯ ހިއާރ އައި އޭމް!” އަމްނާ އެންމެ ފަހު ޖުމްލަ ބުނެލީ ދެއަތުން އޭނަގެ އަމިއްލަ ނަފްސަށް ޢިޝާރާތް ކުރަމުންނެވެ.
“އެޕިކް ސްޓޯރީ! ދެން ކިހިނެއް އައްނުއަށް ހީވަނީ؟ އެބުނާ ރީތިކަމެއް ފެންނާނެތަ؟” މިރްޒާން އަހާލިއެވެ.
“ދެން ނޭނގެދޯ؟ ބަލަމާ. މިއަދު ހެނދުނު ދޮންބޭބެ ވެސް ކުރީ ތިކަހަލަ ސުވާލެއް. ޔޫ ވިލް ނޯ ހިމް. އަލްއުސްތާޒް ހުސެއިން ޞޮބާޙް. މިހާރު އޮންނަ ސަރުކާރުގެ މިނިސްޓަރެއް.” އަމްނާ ބުންޏެވެ. މިފަހަރު އަމްނާ ކިޔުނު ނަމަކުން މިރްޒާންގެ ދެބުމަ ކައިރިވިއެވެ. އެއީ އަމްނާ އެބުނި މީހަކީ އޭނައާއި އޭނަގެ ޢާއިލާ މީހުން ސަޕޯޓްކުރާ ޕާޓީއާއި އިދިކޮޅު ޕާޓީގެ މީހަކަށްވުމުންނެވެ. އަމްނާ އެމީހަކަށް ސަޕޯޓްކުރާނެކަން އެނގުންވީ ހިނދު މިރްޒާން ހިސާބަކަށް ނުރުހުންވިއެވެ. ބައްޕައާއި މަންމަ ހަރުކަށިކަމާއެކީ އެމީހުންނާ ދެކޮޅަށް ދައްކާ ވާހަކަތަކުގެ ސަބަބުން އަމްނާއާއި ވެސް ގުޅުން ކަނޑާލަން ހިނދުކޮޅަކަށް މިރްޒާންގެ ހިތަށްއެރިއެވެ. އެހެނަސް ހަމަ އެވަގުތު އަމްނާ އޭނަގެ އަތުގައި ހިފަހައްޓާލަމުން ބަލާބަލާށޭ ބުނެ ކުޑަދޮރުން ބޭރަށް ޢިޝާރާތް ކުރުމުން މިރްޒާނަށް އެއްފަހަރު އަމްނާގެ އަތަށް އަނެއްފަހަރު އެދިމާލަށް ބަލާލެވުނެވެ. އެ ހިނދު އުސް ޢިމާރާތަކާއި ނުހަނު ގާތުން އުދުހިފައި ދިޔަ ހުދުކުލައިގެ ދޫނިތަކެއްގެ އައިނެއް މިރްޒާނަށް ފެނުނެވެ. އެ މަންޒަރު މިރްޒާނަށް ރީތިވީ ވަރަށްވުރެ އޭނައަށް ރީތިވީ، އެ ތަރައްޤީވެފައިވާ ރަށުގައި ހުރި ހުރިހާ އެއްޗެހީގެ ތެރެއިން އަމްނާއަށް އެ ސާދާ ޤުދުރަތީކަން ފާހަގަވި ގޮތެވެ. އަމްނާ ނުހަނު ޖޯޝާއެކީ ވަރަށް ސަޅިދޯއޭ ބުނެލި ގޮތުން މިރްޒާނަށް ލުއި ގޮތަކަށް ހީލެވުނީ، މި ކުއްޖާއަކީ އޭނަގެ ޙަޔާތަށް ބޮޑު ބަދަލެއް ގެންނާނެ ކުއްޖެކޭ ހިތް ބުނި ވަގުތެވެ.
އެދުވަސްފަހުން ކޮންމެ ދުވަހަކުހެން މިރްޒާން އަމްނާއާއި ދިމާވެއެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ދެމީހުންގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަވަމުން ދިޔައެވެ. އަމްނާ އެ ފުރަތަމަ ދުވަހު އޭނަގެ ޢާއިލާގެ ވާހަކަ ކިޔައިދިން ފަދައިން މިރްޒާން ވެސް އޭނަގެ ޢާއިލާގެ ވާހަކަ އަމްނާއާއި ޙިއްސާ ކުރިއެވެ. އަދި އޭނަ ޝައުޤުވެރިވާ ކަންތައްތަކުގެ ވާހަކަތައް ވެސް ކިޔައިދިނީ ސިޔާސީ ވާހަކަތައް އެއްފަރާތް ކޮށްލަމުންނެވެ. އެ ވާހަކަތައް ދައްކައިފިނަމަ އޭނައަށް ލިބުނު މި އެއް ‘އެކުވެރިޔާ’ ގެއްލިދާނެހެން އޭނައަށް ހީވަމުން ދިޔައީތީވެއެވެ. އެއްދުވަހު އަމްނާ އޭނަގެ ދޮންބޭބެގެ ގެއަށް އައުމަށް މިރްޒާނަށް ދަޢުވަތު ދިނުމުން މިރްޒާން ޖެހިލުންވީ ވެސް އެ ސަބަބަށްޓަކައެވެ. އެހެނަސް އޭނައަށް އިންކާރު ނުކުރެވުނީ އަމްނާ ކިޔުނު ވަރުންނެވެ. ނަސީބު ރަނގަޅުކަމުން މިރްޒާން ދިޔަ ވަގުތަކު ދޮންބޭބެއެއް ނެތެވެ. އަމްނާ އެދުވަހު މިރްޒާނާއެކީ ސައި ބޮއިފައި ދިޔައީ ގެ ކައިރީގައި ހުންނަ ކުޑަ ގެއެއްގައި އުޅެމުންދާ ކުޑަ ކުދިންނާއި އެކުދިން ބަލަމުންދާ އަންހެން މީހާއާއި ބައްދަލުކުރުމަށެވެ. އަމްނާ އެކުދިންނާއެކީ އުޅެމުން ދިޔަ ގޮތުން މިރްޒާންގެ ހިތް އޭނަ ފަތަޙަ ކުރަމުން ދިޔައިރު ޚުދު މިރްޒާން ވެސް އެކުދިންނާއެކީ ސަމާސާކުރަމުން ދިޔައިރު އަމްނާއަށް ބަލާ ކޮންމެ ފަހަރަކު އަމްނާ ހުންނަނީ އޭނައަށް ގެއްލިފައިކަން މިރްޒާނަށް ފާހަގަކުރެވެމުން ދިޔައެވެ. އޭނައާއި އަމްނާގެ ހަތަރުކަޅި ހަމަވާ ކޮންމެ ފަހަރަކުހެން އަމްނާ ލަދުރަކި ގޮތަކަށް އިސްޖަހަމުން ދިޔަ ގޮތުން މިރްޒާންގެ ހިތުގައި އާދަޔާ ޚިލާފު ވިންދެއް ޖަހަން ފެށިއެވެ. އެ ވިންދަށް އިތުރު ލޮޅުމެއް އައީ ޗުއްޓީ ދުވަހެއްގައި ދިގު ދަތުރަކަށްފަހު އައިސް ސްކޭޓް ކުރާ ތަނަކަށް ދެމީހުން ދިޔަ ދުވަހުއެވެ. އެއީ އަމްނާ ނުހަނު ފަރިތަކަމާއެކީ ކުރާ ކަމަކަށް ވިޔަސް މިރްޒާނަށް އެއްގޮތަކަށް ވެސް ކުރަން އެނގޭ ކަމެއްނޫނެވެ. އެހެނަސް އަމްނާއާއި ދަސްކޮށްދޭން ތިބި ބައެއްގެ އެހީގައި މިރްޒާން ވެސް މަޑުމަޑުން ސްކޭޓް ކުރަން ފެށިއެވެ. އެއްފަހަރަކު މިރްޒާން އަމްނާގެ ކައިރީގައި ހުއްޓާ މިރްޒާން ކުއްލިއަކަށް ދާން އުޅުމުން އޭނަ ކައްސަން އުޅުނު ވަގުތު އަމްނާއަށް ‘މިޒް’ އޭ ކިޔައި ގޮވާލެވުނެވެ. ހަމަ އެ ހިނދު އަމްނާ މިރްޒާންގެ އަތުގައި ހިފަހައްޓައި މިރްޒާން ބެލެންސް ކުރުވިއެވެ. އެވަގުތުކޮޅު އެ ދެ ހިތުގައި ވެސް ހިނގާލީ އެއްކަހަލަ ޖަޒުބާތުތަކެއްކަން މިރްޒާނަށް ޔަޤީންވީ އަމްނާގެ މޫނުމަތިން އޭނައަށްޓަކައި ފެނުނު ކަންބޮޑުވުމުންނެވެ. އަދި އެދުވަސްފަހުން އަމްނާ ލަދުރަކި ހިނިތުންވުންތަކާއެކީ އެ ކުރު ނަމުން އޭނައާއި މުޚާތަބު ކުރަމުން ދިޔަ ގޮތުންނެވެ. އެ ނަމުން އޭނައަށް ގޮވަނީ ހަމައެކަނި އަމްނާއަށްވުމުން އޭނައަށް އަމްނާ ޚާއްޞަވިއެވެ. އެހެނަސް މިރްޒާނަށް ދެންވެސް އެ ވާހަކަ ބުނާކަށް ނުކެރުނެވެ.
މިރްޒާނާއި އަމްނާގެ ގުޅުން ބަދަހިވުމުގެ އިތުރުން ފާއިތުވަމުން ދިޔަ ދުވަސްތަކާއެކީ އެހެންކަމެއް ވެސް ވަމުން ދިޔައެވެ. އަމްނާ ޢަރަބި ބަސްތައް އޭނަ ދައްކާ ވާހަކަތަކުގައި ބޭނުންކުރަން ފެށީ ޔުނިވާރސިޓީއަށް ދާންފެށި ފުރަތަމަ އަހަރުގެ މެދުތެރެއިންނެވެ. އަމްނާގެ ކްލާހުން ޢަރަބިއަށް އެންމެ މޮޅީ އަމްނާހެން މިރްޒާނަށް ހީވެއެވެ. އަމްނާއަށް ލިބޭ ބްރޭކް ގަޑި ތަކުގައި ވެސް އޭނަ ކައިރިއަށް އައިސް ޝައްކުތައް އޮޅުން ފިލުވަން އޭނަގެ ކްލާހުގެ ބައެއް ކުދިން އަންނާތީވެއެވެ.
“މިތާނގަ އޮންނާނީ هِيَ. އެއީ އަންހެން ކުއްޖެއްގެ ވާހަކަ ދައްކާތީ. މިތަނަށް އަންނާނީ نَحْنُ. އެއީ އަހަރުމެންނޭ ބުނަން އުޅޭތީ.” އަމްނާ އެއްދުވަހު މިރްޒާނާއެކީ ގަހެއްގެ ދަށުގައި ވިނަގަނޑުމަތީގައި އިނދެ އޭނަގެ އަންހެން އެކުވެރިއަކަށް އިނގިރޭސި ބަހުން ކިޔައިދިނެވެ. އެ އެކުވެރިޔާ އަމްނާއަށް ޝުކުރު އަދާކުރަމުން އޭނަގެ ފޮތާއެކީ ތެދުވެ، ދާން ހިނގައިގަތެވެ. އަމްނާ ފުން ނޭވައެއް ދޫކޮށް، މިރްޒާނަށް ބަލާލަމުން ހިނިތުންވެލިއެވެ.
“ހާދަ އިންޓްރެސްޓިންގްއޭ ދޯ ޢަރަބި؟” މިރްޒާން ރާގަކަށް ދޯދިނެވެ.
“نَعَمْ” އަމްނާ އާނއެކޭ ބުނުމުގެ ގޮތުން އެހެން ބުނެލީ މިރްޒާން ރުޅި އަރުވާލުމަށެވެ. އޭނަ ޢަރަބިން ވާހަކަ ދެއްކުމުން މިރްޒާނަށް މާނަ ނޭނގޭތީ އޭނަ ރުޅިއަންނަކަން އެނގިގެންނެވެ. އެވަގުތު ވެސް މިރްޒާން ދަތްކުނޑިވިކަމުން ރުޅިވާކަމަށް ހެދުނު ގޮތުން އަމްނާއަށް ހެވުނެވެ.
“ހެހެހެ….މިޒްއަށް ވެސް ދަސްކުރީމަ އެނގޭނީ ކިހާ ސަޅިކަން. މިޒް ބޭނުމިއްޔާ އަހަރެން ދަސްކޮށްދީފާނަން.” އަމްނާ އެހެން ބުނެލީ ކައިރީގައި ހުރި އޭނަގެ ދަބަސް ތެރެއިން ފޮތެއް ނަގަމުންނެވެ.
“މުޅި ޢުމުރު ނަގާނެއެއްނު ދަސްކުރަން؟” މިރްޒާން ޒާތެއްގެ ހިނިތުންވުމަކާއެކީ އެހެން ބުނެލީ ޢިޝާރާތެއްގެ ގޮތުންނެވެ. އަމްނާ އޭނައަށް ދަސްކޮށްދޭނެނަމަ ހަދަން ޖެހެނީ ކިހިނެއްކަން އެންގުމަށެވެ. އެހެނަސް އޭނަ އުއްމީދު ކުރިފަދައިން އޭނަގެ މޫނަށް ނުބަލައި އިން އަމްނާއަށް އެ ޢިޝާރާތް ނަގައި ނުގަނެވުނެވެ. އެކަމާމެދު ހިސާބަކަށް ހިތްހަމަޖެހުނު ހިނދު ދެރަވެސްވިއެވެ.
“މުޅި ޢުމުރެއް ނުއެއްނަގާނެ. ހަމަ މިހާރު ވެސް ބަހެއް ފެންނައިރަށް އަހަރެން ކައިރީގަ އަހާ އޭގެ މާނައަކީ ކޮބައިކަން. އަހަރެން ބުނެދޭނަން. އޭރުން މަޑުމަޑުން އެނގެމުން ދާނެ.” އަމްނާ އެހެން ބުނެ އޭނަ ދަބަހުން ނެގި ރަތްކުލައިގެ ގަނޑެއް ލެވިފައިވި ފޮތް ނަގައި އޭގައި މާކަރަކުން ޢަރަބި ބަހެއް ލިޔަން ފެށިއެވެ. މިރްޒާން އެއަށް ބަލަން އިނދެފައި އަމްނާ ލިޔެ ނިމުމުން އޭތި ކިޔާލިއެވެ.
“حَيَاتِي….މާނައަކީ؟” މިރްޒާނަށް އަހާލެވުނެވެ.
“ޙަޔާތަކީ ކޯޗެއް؟” އަމްނާ އެ އަކުރު އިތުރަށް ރީތިކުރަމުން އެހިއެވެ.
“ޙަޔާތަކީ ހަމަ ޙަޔާތް” މިރްޒާން އެހެން ބަހެއް ނުވިސްނުމުން ބުނެލިއެވެ.
“ރަނގަޅު. އެހެންވީމަ ޙަޔާ….ތީ ކިޔުނީމަ އެ ވެގެން ދަނީ އަހަރެންގެ ޙަޔާތަށް. އަބަދުވެސް ބަހެއްގެ ފަހަތަށް ‘އީ’ ގެ އަޑު އައިމަ އޭތި އަހަރެންގެ މާނައިގަ ގިނައިން އަންނާނީ.” އަމްނާ ކިޔައިދޭ ހިތުން ކިޔައިދިނެވެ. މިރްޒާން ބޯޖަހާލީ ހިސާބަކަށް ފޫހިވެފައި އިނދެއެވެ.
“ދެން ތީ އެހެންވެއްޖެއްޔާ އައްނުގެ ލައިފްގަވާ ހުރިހާ ކަމެއް ލިޔާ ފޮތް؟” މިރްޒާން އެހިއެވެ.
“އާނ….ޑައިރީއެއް ގޮތަށް. ހިތަށް އެބައަރާ މުޅި އެތި ޢަރަބިން ލިޔެވޭނެނަމައޭ. އެކަމަކު އަދި އެހާވަރަށް އެ ބަސް ނުކިޔެވޭ. އެހެންވެ އަދި މީގަ ލިޔަމުން މިދަނީ އަހަންނަށް އެކި ފޮތްތަކުން ފެންނަ ޢަރަބި ޅެންތަކާ ކޯޓްސްތަކާ އެއްޗެހި. ހާދަ ސަޅިއޭ އެ ހުރިހާ އެއްޗެއްވެސް! އަދި އެނގޭތަ؟ ޤުރުއާނުގަ ހުންނަ ޢަރަބިއާ ބެހޭގޮތުން އެސައިންމެންޓެއް ހަދަން އިއްޔެ އަހަރުމެންނާ ޙަވާލުކުރީ. އެންޑް……ފުދޭވަރަކަށް ދުވަސްފަހުން އަހަރެން ޚަތިމެއްގަ އަތްލީ ވެސް އިއްޔެގަ. އެކަމަކު ނޭނގެ ކީއްވެކަމެއް މިޒް…..އަހަރެން އެސައިންމެންޓް ހަދަން އެކި އާޔަތްތައް ހޯދައި ބަލަން ފެށީމަ އެ އާޔަތްތަކަށް ގެއްލިފަ އިނދެވިއްޖެ. އެހެން ހުރިހާ ޅެންތަކާއި ކޯޓްސްތަކާ ބަލާއިރު އެ އާޔަތްތަކުގަ ތަފާތު ގޮތެއް ހުރި. އެ ހުރިހާ އެއްޗަކަށްވުރެ ވެސް ރީތި ގޮތެއްހުރި.” އަމްނާ އެހެން ބުނެލީ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ވިސްނުމެއްގެ ތެރޭގައި އިނދެއެވެ. އެ ހިނދު އޭނައަށް ބަލަން އިން މިރްޒާން އަމްނާ އެންމެ ފުރަތަމަ ދުވަހު ދެއްކި ވާހަކަ މަތިން ހަނދާންވިއެވެ. ﷲ ގެ ބަސްފުޅުގެ ރީތިކަން އޭނައަށް ‘ފެންނަން’ އޭނަގެ ބައްޕަ އެދުނު ގޮތުގެ ވާހަކައެވެ. އެ ވާހަކަ މަތިން އަމްނާއަށް ހަނދާންކޮށްދޭން އުޅެފައިވެސް މިރްޒާން އަނގަ ލައްޕާލީ އެވަގުތު ވާންފެށި އުދަގުލެއްގެ ސަބަބުންނެވެ. މި ހުރިހާ ދުވަހު އޭނަ ވެސް ގެންގުޅެމުން ދިޔައީ އަމްނާގެ ތުއްތަ ގެންގުޅޭ ފަދަ ވިސްނުމެކެވެ. އަމްނާއަށް ދުވަހަކުވެސް އަމްނާގެ ބައްޕަ އެ އުއްމީދުކުރާކަމެއް ނުފެންނާނެ ކަމަށް އޭނަ ހުރީ ޔަޤީންކޮށްގެނެވެ. އެހެނަސް މިއަދު މިއިވެނީ ކޮން ވާހަކަތަކެއް ހެއްޔެވެ؟ އަމްނާ އެ ވާހަކަތައް ބުނެލި ގޮތުން އެއީ ދޮގެއް ނޫނީ ސަމާސާއެއްހެން ވެސް ހިއެއްނުވެއެވެ. ސަމާސާއަކަށް ނުވާނަމަ އެއިން ނިންމޭ ނިންމުމަކީ މިރްޒާނަށް ބިރުވެރި ނިންމުމަކަށްވިއެވެ. އެއީ އޭނައަކީ އެއްއިރެއްގައި ވެސް ދީނުގައި އެހާ ބޮޑަށް ހިފެހެއްޓި މީހަކަށް ނުވާތީވެއެވެ. ޖެހިލުންވުމެއްނެތި ނަމާދުތައް އަޅަމުން ދިޔައީ މި ދީނުގައި ވަކި މާ ބޮޑު ޙަޤީޤަތެއް ނުވާނެއޭ ބުނަމުން ދިޔަ ހިތެއްގެ ސަބަބުންނެވެ. އަދި ދީންވެރިވެއްޖެނަމަ އޭނަ އުޅެންޖެހޭނީ ފޫހި ދިރިއުޅުމެއްހެން ހީވުމުންނެވެ. އެހެނަސް އޭނަގެ ހިތުން ޖާގައެއް ވެސް ހޯދާފައިވި އަންހެން ކުއްޖާ މި ދެއްކި ވާހަކައިން އޭނަގެ އެ ޚިޔާލުތަކަށް ލޮޅުމެއް އައިސްފިއެވެ. ހަމަ އެ ހިނދު އަމްނާއަށްޓަކައި ވެސް ނުތަނަވަސްވިއެވެ. އަމްނާ ވެސް ދީންވެރިވެއްޖެނަމަ އަމްނާއަށް ވާނީ ކިހިނެއްތޯ ހިތަށްއެރިއެވެ. އަމްނާގެ ތުއްތަ ބުނިހެން ބޮޑު ހެދުންގަނޑަކަށްއެރި އަމިއްލަ ވިސްނުން ބޭނުންނުކުރާ ކުއްޖަކަށް ވާނީ ހެއްޔެވެ؟ އަދި ދީންވެރި ކުދިން ހަދާހެން ފިރިހެން ކުދިންނާ ދުރުން އުޅުމަށްޓަކައި އޭނަވެސް ދޫކޮށްލާނީ ހެއްޔެވެ؟ އެ ސުވާލު ހިތަށް ވެރިވުމާއެކު އަމްނާ އެދުވަހު އިށީނދެގެން ވެސް އިނީ އޭނައާއި ތަންކޮޅެއް ދުރުގައި ކަން މިރްޒާނަށް މާ ބޮޑަށް ފާހަގަ ކުރެވުނެވެ. އެއާއެކު އޭނައަށް ވާހަކަ ދެކެވުނެވެ.
“ހް..ހެހެހެ….އަހަރެން އަޑުއެހިން ޢަރަބި ބަހުގަ ވަރަށް ރީތި ލޯބީގެ ޅެންތައް ހުންނަ ވާހަކަ. އައްނު ދުށިންތަ އެ ކަހަލަ އެއްޗެއް؟” މިރްޒާން ޖެހިލުންވެފައި އިނދެ ވާހަކަ އޮޅުވާލިއެވެ. އޭނަގެ ނަސީބު ރަނގަޅުކަމުން އަމްނާއަށް އެކަން ފާހަގައެއްނުވިއެވެ. އަމްނާ އޭނައަށް ބަލާލަމުން ހީލިއެވެ.
“ދުށީމޭ. ކުރީ ދުވަހު މިޒްއާ ޝެއާރ ވެސް ކުރީމެއްނު؟ އަދި….އޯ މައި ގޯޑް އިއްޔެގަ ފެނުނު އެތިން އަހަރެން މޮޔަވެސް ނުވީ ކިރިޔާ! މި ފޮތުގަވެސް އަހަރެން އޭތި ލިޔެފަ ހުންނާނެ. ހެހެ….ތުއްތައަށް ގުޅާފަ އޭތި ޝެއާރ ކުރީމަ ބުނީ ތީތި ކިޔައިދީބަލާށޭ ތި ލޯބިވެގެން އުޅޭ ކުއްޖް…..” އަމްނާއަށް އޭނަގެ ފޮތް ހުޅުވަމުން ދައްކަން ފެށި ވާހަކަ ހުއްޓާލެވުނީ ކުއްލިއަކަށެވެ. އަމްނާ ބުނި ވާހަކައަކުން ދެ ކަންފަތް ހުޅުވާލެވުނު މިރްޒާނަށް އިނދެވުނީ ނޭވާ ހިފަހައްޓައިގެންނެވެ. އަމްނާ އޭނައަށް ބަލާލުމުން ދެމީހުންނަށް ހިނދުކޮޅަކަށް އެއްވެސް ޙަރަކާތެއްނުކޮށް ތިބެވުނެވެ. އެއަށްފަހު މިރްޒާން ހިނިތުންވެލުމުން އަމްނާގެ މޫނުމައްޗަށް ވެސް ޖެހިލުންކަމެއް ވެރިވެފައިވި ހިނިތުންވުމެއް ވެރިވިއެވެ. އެއަށްފަހު އެ މޫނު ރަތްވެގެން ދިޔުމުން އޭނަ އަވަސްއަވަހަށް އޭނަގެ ފޮތް ދަބަހަށް އަޅާލަމުން އެތަނުން ތެދުވެލިއެވެ.
“ގޮޓަ ގޯ އިނގޭ. ކްލާސް ގަޑިޖެހެނީ.” އަމްނާ މިރްޒާނަށް ނުބަލަން މަސައްކަތް ކުރަމުން އެތަނުން ދާން ހިނގައިގަތެވެ. އަމްނާއަށް މާ ދުރަށް ނުދެވެނީސް މިރްޒާންވެސް ތެދުވެލަމުން އައްނުއޭ ކިޔައި ގޮވާލިއެވެ. އެއާއެކު އަމްނާ އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލިއެއްކަމަކު މިރްޒާނަށް ބަލައެއްނުލިއެވެ.
“އައި ލަވް ޔޫ ޓޫ.” މިރްޒާން އެހެން ބުނެލީ އޭނަ އަމްނާއާއެކީ އެހާތަނަށް ހޭދަކުރި ހުރިހާ ރީތި ވަގުތުތަކެއްގެ މަތިން ހަނދާންކުރަމުންނެވެ. އޭނަ އެހެން ބުނެލުމުން އަމްނާ އޭނައަށް ބަލާލަމުން އޭނަގެ ރަތްވެފައިވާ މޫނާއެކީ ހީލިއެވެ. އެއާއެކު މިރްޒާނަށް ވެސް ހީލެވުނީ ހިތަށްވެރިވެފައިވި އުފަލެއްގެ ސަބަބުންނެވެ. އަމްނާ އިތުރު އެއްޗެކޭ ނުބުނެ ދިޔުމުން ވެސް މިރްޒާނަށް އިރުކޮޅެއް ވަންދެން ހުރިތާ ހުރެވުނެވެ.
އެދުވަހު އޭނަ އުޅޭ އެޕާޓްމެންޓްގެ ކޮޓަރިއަށް ވަދެފައި ވެސް މިރްޒާނަށް މޮޔައެއްހެން އެކަނިހުރެ ހެވެމުން ދިޔައެވެ. އޭނަގެ ހިނިތުންވުން އެއްފަހަރުވެސް އެ މޫނުމަތިން ނުފިލައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކޮޓަރިއަށް ވަދެވުމާއެކު އެނދުމަތީގައި އިށީނދެ އޭނަ މައިސޫނަށް ގުޅާލީ މިވާހަކަ ކޮންމެވެސް މީހަކާ ޙިއްސާކުރަން ބޭނުންވީ މިންވަރުންނެވެ. އެކޮޅުން މައިސޫން ފޯނު ނެގުމާއެކު މިރްޒާނަށް ވާހަކަ ދެކެވުނެވެ.
“ހެލޯ ބްރޯ…..ކުޑަ ވާހަކައެއް ދައްކާލަން މި ގުޅާލީ.” މިރްޒާން ބުނެލިއެވެ.
“ލެޓް މީ ގެސް. އަންހެން ކުއްޖެއްގެ ވާހަކަތަ؟” މައިސޫން އެހިއެވެ.
“ހެހެ…..އާނ. އަމްނާ ކިޔާ ކުއްޖެއް އެއީ.” މިރްޒާން ކިޔައިދިނެވެ.
“އަމްނާ……އާނ ތީ އެއްކަލަ ދުވަހު އެކުއްޖެއްގެ ފޮޓޯ ފޮނުވި ކުއްޖާ ދޯ؟ ހާދަ ސަޅި ބިޓެކޭ ތީ…..” މައިސޫން އެންމެ ފަހުން ބުނެލި ޖުމްލައާއެކީ ދައްކަން ފެށި ވާހަކަތަކަކުން މިރްޒާންގެ ދެބުމަ ކައިރިވިއެވެ. މައިސޫން އަމްނާއަށް ތަޢުރީފުކުރަން ފެށީ އެންމެ ހުތުރު ގޮތްގޮތަށެވެ. މީގެ ކުރިން ވެސް މައިސޫން އޭނަ ލައްވާ ފޮޓޯ ފޮނުވައި އެހެން އަންހެން ކުދިންނާ ބެހޭގޮތުން މިގޮތަށް ވާހަކަ ދައްކާފައިވެއެވެ. އެހެނަސް މިހާތަނަށް އައިއިރު އެއީ މިރްޒާނަށް މާ ބޮޑު ކަމަކަށް ނުވިއެވެ. އެހެނަސް އަމްނާގެ ޤަދަރަށް މީހަކު އަރައިގަތް ކަހަލަ އިޙްސާސެއް ކުރެވުމުން އައީ އަމަށަކު ރުޅިއެއްނޫނެވެ. މައިސޫން އެންމެފަހުން ތިމަންނައާއި ޙިއްސާކޮށްލަންވީ ނޫންތޯ ބުނެލި ބުނުމާއެކީ އައި ރުޅީގައި މިރްޒާނަށް އޭނަގެ ފޯނު އަތުގެ ކޮޅަށް ހޫރާލެވުނެވެ.
ނުނިމޭ
9 Comments
Comments are closed.
Assalaam’alaikum. mi bayaa gulhey post ves miadhuge vagutheggai genesdheynan In Sha Allah 🙂 miadhuge post in jana genesdheyny Arabic pronouns ge chart eh. arabeega hunna he, she, they, we kahala basthah. fb ga noolhey kiyuntherinnah ves blog through koh chart ah access vaane In Sha Allah. hurihaa kiyuntherin post kiyaane kamah ummeedhukuran. adhi e chart understand viyya emme kiyuntheriehves jana ah ekan angaala dhinun edhen. eyrun engeyny mi gothah kiyaidhinun effective tho ves noony badhaleh gennan jeheytho ves noony huttaalan veetho ves. chart ga evves olhun araa thankolheh othiyya evves jehilumeh nethi comment thakuga suvaalu kurun edhen. jana ufalaa eky kiyaidheynan In Sha Allah. adhi ukhtheh viyya fb in vakin msg kuriyas massala eh neh In Sha Allah 🙂
https://www.facebook.com/Asr-1445208739121696/
One of my biggest dream is to learn Arabic language.. Hehe..
if that’s the case you are already half way there In Sha Allah. 😀 especially if you want to learn Arabic to understand the Word of Allah. Allah puts ease in whatever we do to remember Him In Sha Allah.
I do hope that my posts help you at least start your journey of learning Arabic In Sha Allah. And I tell you its one beautiful journey that you wont regret! 🙂
mi story dheke moyavejje….aneh baa avas plllllllzzzzzz……hadha haa vaa reecehe jana…kihine mihaa molhah liyan dhas kureee? huriha site eh ge huriha story eh kiyan ekam jana thee fav…love ur stories <3
hehe…fan dhen jana akah seedha bunedheykah neyngey kon kamegge sababun kameh. baivaru kanthakun liyuntheriegge liyumah asaru kuraane dho? e liyuntheriaku kiyaa liyunthakaa e liyuntheriakah libifa huri thajuribaa aa. jana ge mifaharu hama target akah vefa othy jana ge best dhinun. ehenve adhives jana ge nazarun rangalhu kurevidhaane kanthah ebahuri hehe….Alhamdhulillah! (All praise and thanks belong to Allah) 🙂
Masha allah. Mi part vx v.v.v interesting. When next part?? Curiously waiting 4 next part….
Alhamdhulillah! next part sunday ga In Sha Allah 🙂
Assalaam’alaikum. mifaharuge post aa eky chart eh hunnaathy jana mithaanga eythi nuliye hama ekani e post ah dhevey link mi post kollany. mihaaru hurihaa kiyuntherin thi thiby kahf surah kiyavaigen dho? hehe….varah dheravejje eyge kurin meethi nugenesdhevunyma. ey mi post kiyuneema kiyavaa iru baeh basthakuge maana engeynethy. enguneema vvv ufaavaane In Sha Allah 😀 hama gaimuves jana ah emme furathama madhu basthah ves tharujamaa aa nulaa quran kiyavaairu engen feshi dhuvasvaraky v ufaavi dhuvasvareh Alhamdhulillah! ummeedhaky thiya kiyuntherinnah ves e ufaaverikan ihsaasvun. jana mi post mi genesdhiny post liyefa arabi neyngey meehakah dhakkaafa e exercise e meehakah hedheytho balaafa. Alhamdhulillah e meehakah engunu. varah bodah ummeedhu kurevey thiya kiyuntherinnahves engigen dhaane kamah In Sha Allah. enguniyya jana ah angaala dhinumaky v bodu edhumeh. adhi shakkeh othiyya ahaalun ves edhen 🙂
https://guidancefromquran.blogspot.com/2018/12/hadhiya-blog-post-10.html
PS: phone in blog ah ziyaaraiy kuraa kiyuntherin emme thiriah gos ‘view web version’ ah click kollun edhen. eyrun thankolheh reehchah liyunkolhu fenigen dhaane In Sha Allah
Ma sha allah.. vv furihama masakkatheh.. maai Allah thibaage thi amalugai barakaailavvaa ilm ithurukoh dhevvaashi..
Arabi bahuga kalimaiga jahaafili depend vaanee evaguthegga kalima onna haalathakaa..eh kalima egga 3faharu 3filives jehidhaane..
Misaalaksh :kithaabu , kithaaba, kithaabi..
Lomeerakaa gulheyiru lomeerugai ibifili jeheynee kalimaiga ibifili vaanama.. “kithaabihee”
Abafili nuvatha ubufili vaanama kiyaanee hoo”kithaabuhoo,kithaabahoo”