
ރަހްމާ ކާން އިން ޕާންފޮތިވެސް އޭނާ ކާހިތް ކެނޑުނެވެ. އެހެންކަމުން ރުޅިއައިސްގެން ގޮސް އެ ޕާން ފޮތި ޑަސްބިނަށް ލަފައި ތައްޓާއި ގެންގުޅުނު މޭޒުމަތީ ވަޅި ސިންކައް ލާފައި އޭނާވެސް ގޮސްވަނީ ކޮޓަރިއަށެވެ. އެނދުމަތީ އިށީން ނަމަވެސް އެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ރުޅި ގަދަވެގެން ފަޅައިގެން ގޮސްފާނެހެން ހީވެއެވެ. އައި ރުޅީގައި އަތު ޖެހޭ ހިސާބުގައި އޮތް ބާލިސް ނަގަ ކޮޓަރި ތެރެއަށް ހޫރާލިއެވެ.
ނުބައި ވަސްވާސްތައް އޭނާގެ ސިކުނޑި ވަށައިލިއެވެ. “ކައިވެނި ކުރަން އުޅޭއިރު މަޔަކު ހުރިކަންވެސް ހަނދާން ނެތުނީތަ؟ މަންމަގެ ހުއްދަވެސް ހޯދަން ޖެހޭނެ ތޯއްޗެ؟ އަދި އެވަރުން ނުވެގެން ނާސިރުވެސް އޭނާގެ މަޅީގައި ބައްދައިފި ވިއްޔަ. ނާސިރަކަށްވެސް އަހަންނާ އެކަން ހިއްސާކުރުން މުހިންމެއް ނުވި ވިއްޔަ. އަހަރެންމީ އެއްވެސް މީހަކަށް ނުވިތާ؟ ހުރިހާ އެންމެން ރާވައިގެން މަށާ ސިއްރުން ކަންތައްގަނޑެއް އެބަ ހިންގައެއްނު. ނިކަށް ބަލާނަން ތިކަމެއް ވޭތޯ؟” ސިކުނޑީގައިވި ރުޅި އާއި، ބާކީ ކޮށްލިކަމަށް ޤަބޫލު ކުރެވުނު ޤަބޫލުކުރެވުމުން ރަހްމާއަށް ރޮވެން ފެށުނެވެ. އެކަމަށްވެސް އޭނާގެ ހިތް ތުހުމަތު އެޅުވީ ހިބާއަށެވެ. އެތައް ދުވަހަކަށްފަހު އެ ލޮލުން ކަރުނަ އަޅަން ޖެހުނީ ހިބާގެ ސަބަބުންކަމަށް އެ ނަފްސު ބުނަމުން ދިޔައެވެ. އަދި ހިބާއާއި ދޭތެރޭގައި އޭނާގެ ހިތުގައިވާ ރުޅިގަނޑު ކޮންޓްރޯލް ކުރަން އުނދަގޫވެގެން އުޅޭހެން ހީވިއެވެ. ތެދުވެ ގޮދަނޑީގެ ބެޑްޝީޓް ގަނޑުވެސް ނަގާ ހޫރާލިއެވެ. ނާސިރު އެވަގުތުގައި އެތާ ނެތްކަން ނަސީބެއް ކަންނޭނގެއެވެ. ނޫންނަމަ ކަންތައްތައް ދާނެ ގޮތްވެސް ބުނަން ނޭނގެއެވެ.
އެގޮތުގައި ހިނދުކޮޅެއް ހޭދަވުމުން ރަހްމާގެ ރުޅި ގަނޑު ކުޑަކޮށް މައިތިރިވުމުން އޭނާ ފެންވަރާ ތާޒާވެލައިގެން ނިކުތީ ކޮންމެވެސް ތާކަށް ބޭރައް ގޮސްލުމުން އެ ހިތައް ހަމަޖެހިލުމެއް ލިބޭނޭ ކަމަށެވެ. ރަހްމާ ލޯގަނޑުކައިރީ ބޮލުގައި ފުނާއަޅަން ހުއްޓާ ނާސިރު އައިސް ކޮޓަރިއަށް ވަނެވެ. އަދި އަޅައިގެންހުރި ޓައީ ނައްޓަލާފައި އެނދުމައްޗައް އެއްލާލާފައި ގަމީސް ބާލާ ޓީޝާޓެއް ލައިގެން އަނެއްކާވެސް ބޭރަށްދާން ނިކުންނަން އުޅުނެވެ. ރަހްމާހުރީ ލޯގަނޑުން އެ މަންޒަރު ބަލާށެވެ. އޭނާގެ ހިތުގައިވާ ޝަކުވާތައް ގިނަކަމުން ފަށާނެ ގޮތެއް ނޭނގިފާ ހުއްޓާ އަނެއްކާވެސް ނާސިރު ނިކުމެގެން ދިޔުމުން އޭނާގެ ރުޅިގަނޑު ގަދަވިއެވެ. މާ އަވަސް އަރުވާލައިގެން ނާސިރު އެދިޔައީ ކޮންތާކަށްބާއޭ ހިތައް އެރިއެވެ.
ހަމައެވަގުތު ރަހްމާގެ ފޯނު ރިންގުވާ އަޑައް ބަލައިލި އިރު ގުޅަނީ ނާސިރެވެ. ސުވާލުން ފުރިފައިހުރެ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. “ހަލޯ!!!… ރަހްމާ! ތައްޔާރުވެބަލަ ބޭރަށް ދާން. މަ މި އަންނަނީ ވަރަށް އަވަހައް. ދިހަވަރަކަށް މިނަޓްވާނީ… އުމޭރު ކައިރީ ބުނެފިން ކާރު ރެޑީ ކޮށްލާށޭ… މިހާރު އައިސްފަ ކަންނޭނގެ އޮންނާނީ… ދެދަރިން ކައިރީވެސް ނީލާ ލައްވާ ބުނެފިން ތައްޔާރުވާށޭ… އެހެންވީމާ އަވަސްކޮށްލައިގެން އެކުދިން ނިމެންދެން ސޯފާގައި މަޑުކޮށްލާ…” އެހެން ބުނެ ނާސިރު ފޯނު ކަނޑާލީ ރަހްމާއަށް އިތުރު އެއްޗެކޭ ބުނުމަށް ފުރުސަތުވެސް ނުދީއެވެ.
ރަހްމާގެ ހިތުގައި އެންމެން ގޮވައިގެން ނާސިރު ދާންއުޅޭ ތަނަކާއިމެދު ސުވާލު އުފެދުނެވެ. ދާންވީތަނެއް ނުބުނިއިރު ދެދަރިން ގެންދަނީ ކީއްވެކަމެއްވެސް ނުބުނޭ ވިއްޔާއެވެ. ރަހްމާ އޭރު ހުރީ ތައްޔާރުވެ ނިމިފައިކަމުން ބޭރު ލިވިންރޫމަށް ނިކުމެ ޓީވީ ކައިރީ އިށީނދެލީ ނާސިރު އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ޓީވީ ހުޅުވައިފައި ހުރިނަމަވެސް އިރުއިރުކޮޅާ ސިޑިއާއި ދިމާލައް ބެލެނީ ހުމާ އާދޭތޯއެވެ. ހުމާ ކައިރިން ދާން އުޅޭތަނެއް އޮޅުންފިލާފާނޭ ހިތައެވެ. އެހެން އިންދާ ފެނުނީ ދެކުދިން އެއްފަހަރާ އައި މަންޒަރެވެ. ހިބާ ފެނުމުން އޭނާގެ މޫނު އަނބުރައިލީ ހިތުގައިވި ހަސަދަ އިތުރުވާން ފެށުމުންނެވެ. އަދި ހިބާ ކައިރީގައި ހުރުމުން ހުމާއާއި ސުވާލެއްވެސް ކުރާ ހިތް ނުވެގެން ޓީވީ އަށް ބަލަހައްޓައިގެން އޭނާ އިނީއެވެ.
“މަންމާ! ކޮންތާކަށް ދާންތަ މިއުޅެނީ؟ ނީލާ ބުނީ ބައްޕަ ބުންޏޯ ރެޑީވެގެން ތިރިއަށް ފައިބާށޭ…” ހުމާގެ ހިތުގައިވި ސުވާލު ބޭރުކޮށްލިތަނާހެން ރަހްމާގެ ފޯނައް ނާސިރު އަނެއްކާވެސް ގުޅިއެވެ. “ކޮބާ؟ ހުރިހާ އެންމެން ރެޑީތަ؟” ރަހްމާ ހޫމް އަޅުވާލީ އެއްވެސް އަސަރެއްނެއް ރާޤަކަށެވެ. އަދި ދާންވީ ކޮންތާކަށްތޯ އަހާލުމުން އުމޭރައް އެނގޭނޭކަމަށް ނާސިރު ބުންޏެވެ. އެހެންކަމުން ހުރިހާ އެންމެން ކާރުގައި އައުމަށް އެދުނެވެ. އަދި ނާސިރު މިވަގުތު ބުރަ ކަމުން ގެއަށް ނުދެވޭނޭ ކަމަށާއި އެހެން ނަމަވެސް އެމީހުން އެތަނައް ދާން ވާއިރައް އެހިސާބައް ފޯރާނޭކަމަށް ބުނު ފޯނު ބޭއްވިއެވެ.
“ނޭނގެ މަންމަ އަކަށް ދާންއުޅޭތަނެއް. އުމޭރައް އެނގޭނެޔޯ… ކާރުގަ އަންނާށޯ.. ބައްޕަވެސް މި ދަނިއްޔޯ އެތަނައް.” ރަހްމާ އެހެންބުނީ ސޯފާއިން ތެދުވެ ކާރައް އެރުމަށްޓަކައި ހިނގައިގަންނަމުންނެވެ. އެހެންކަމުން ދެކުދިންވެސް ރަހްމާގެ ފަހަތުން އައިސް ކާރައް އެރުމުން އުމޭރު ކާރު ދުއްވާލިއެވެ. ރަހްމާ ހިބާ ދުރުކޮށްލައިގެން އުޅޭ ވަރުން ހިބާއަކަށްވެސް އޭނާގެ މަންމައާއި ވާހަކަ ދައްކާކަށް ނުކެރެއެވެ. ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ފިޔަވާ ނުބުނެއެވެ. ނަމަވެސް އަބަދުވެސް އެ މަންމަ އަށް ޓަކައި އޭނާ ހެޔޮ ދުޢާ ކުރެއެވެ.
ކާރުގޮސް މަޑުކޮށްލީ މާލޭގެ މަޝްހޫރު ބޮޑު ރެސްޓޯރެންޓެއްގެ ކުރިމައްޗަށެވެ. ހުރިހާ އެންމެން ކާރުން ފައިބާ އެ ރެސްޓޯރެންޓައް ނަޒަރު ހުއްޓާލައިގެންތިބީ އެތެރެއަށް ވަންނަންވީބާއޭ ހިތައް އެރުމުންނެވެ. އެވަގުތު ނާސިރުގެ އަޑު ކައިރިން އިވުނެވެ. އޭނާހުރީ ރެސްޓޯރެންޓްގެ ތެރޭގައެވެ. އަވަހައް އަންނާށޭ ބުނެ ކުރި އަށް ހިނގަމުންގޮސް އެތާގައި އިން ސިޑިން މައްޗައް އަރަން ފެށިއެވެ. އެންމެންވެސް އެތައް ދުވަހަކަށްފަހު އެކީ އެކަހަލަ ތާކަށް އާދެވުމުން ހިތުގައި އުފާވެރިކަމެއް ދުވެލި ނަމަވެސް ނާސިރު އެއްވެސް މީހަކު ކައިރީ ކުރިން ނުބުނެ ލަފައެއް ނުހޯދާ ކުރަން މިއުޅެނީ ކީއްކަމެއް، އެތަނައް ގެނައީ ކީއްކުރަން ކަމެއް ނޭނގޭތީ ތިންމައިންގެ ހިތުގައިވެސް ވަނީ ސުވާލުތައް ފުރިފައެވެ.
ނާސިރުގެ ފަހަތުން ތިންމައިންގޮސް މައްޗައް އަރާ ނާސިރު ދެއްކި މޭޒް ދޮށުގައި އިށީނދެ ހަމަޖެހިލިއެވެ. އެންމެންނަށްވެސް ބަލައިލެވުނީ އެ މާހައުލަށެވެ. އިތުރު މީހަކު އެ ބައިގައި ފެންނަން ނެތުމުން ހިތްހަމަޖެހުން ލިބުނެވެ. އަދި ފެމިލީ އިވެންޓެއްގެ އިހްސާސް ކުރެވުނުލެއް ބޮޑުވިއެވެ. ފުދޭވަރަކަށް ބޮޑު މާހައުލަކަށް ވެފައި އެތާގެ ފާރުގައި ލާފައިހުރި މަޑު ކްރީމް ކުލައިން ހިތައް ހަމަޖެހުން ގެނުވާ ކަހަލަ މަޑުމައިތިރި ކަމެއް އިހްސާސް ކުރެވުނެވެ. ރީތި ރީތި ކުދިކުދި ގަސްތަކުން އެކި ހިސާބު ޒީނަތްތެރި ކޮށްލާފައިވުމުން ބަގީޗާއެއްގައި ތިބެވޭ ކަހަލަ އިހްސާސެއް ކުރެވެއެވެ. އަދި ތަނުގެ އެއް ފަރާތުން ހާމައަށް ސާފު ވައި ވަންނާނޭހެން އޮތުމުން ނުލާހިކު ހިތްގައިމެވެ.
“ބައްޕަ ކޮންކަހަލަ ސަޕްރައިސެއް ދޭން ތިއުޅެނީ؟” އެންމެންގެ ސަމާލުކަން ހޯދީ ހުމާގެ ސުވާލުންނެވެ. އަދި އެންމެންނަށްވެސް ނާސިރައް ބަލާލެވުނީ އެ ސުވާލުގެ ޖަވާބު ބޭނުން ވެގެންނެވެ. “ހެހެހެ… މީ ހަމަ ވަރަށް ބޮޑު ސަޕްރައިޒެއް. ވަރަށް އުފާވެރި ޚަބަރެއް ދޭންވެގެން ބައްޕަ މިއުޅެނީ..” ނާސިރުގެ އެ ޖަވާބުން އެކި މީހުންގެ ހިތުގައި އެކި ޚިޔާލުތައް ދައުރު ކޮށްލިއެވެ. ހިބާއަށް ހީވީ ބައްޕަގެ ވިޔަފާރިއަށް ބޮޑު ކުރިއެރުމެއް ލިބުނީ ކަމަށެވެ. ހުމާއަށް ވިސްނާނެ ވަކި އެއްޗެއް ނޭނގި ނާސިރާއި ދިމާލައް ބަލަހައްޓައިގެން އިނީ އަވަހައް އެ ޚަބަރު ދޭނެ އިރަކަށެވެ. ރަހްމާގެ ހިތުގައި ހިނގާލީ ހިބާގެ ކައިވެނީގެ ޚަބަރުކަމަށެވެ.
އެވަގުތު ވެއިޓަރުން އައިސް ތަންކޮޅެއް ދުރުގައި ހުރި ދިގު މޭޒެއްމަތީ ކާއެއްޗެހި އަތުރަން ފެށިއެވެ. އަދި ހަމައެވަގުތު ސިޑިން އަރައިގެން އައި ފަސްމީހުންގެ އާއިލާއެއްވެސް އެ ހަތަރުމައިންގެ ލޮލުގައި އަޅައިގަތެވެ. އެ މީހުންގެ ނަޒަރު ހުއްޓިފައިވަނީ ނާސިރުގެ އާއިލާ މީހުންނަށެވެ. އެޔާއިއެކު ނާސިރު ތެދުވެގެންގޮސް އެމީހުންނަށް އެ ދިގު މޭޒުގައި އިށީނުމަށް އިޝާރާތް ކޮށްލިއެވެ. އަދި އެއަށްފަހު އައިސް އޭނަގެ އާއިލާ މީހުންނަށްވެސް އެ މެޒުކައިރިއަށް އައުމަށް ދަޢުވަތު ދިނެވެ. ވާނުވާގައި ތިބެ ދެކުދިން އެ ދިމާލައް ހިނގައިގަތް އިރު ރަހްމާގެ ހިތުގައިވި ޝައްކު ޔަޤީނައް ބަދަލުވިއެވެ.
ހުރިހާ އެންމެން މޭޒުދޮށުގައި އިށީނދެ ހަމަޖެހިލުމުން ނާސިރު ވާހަކަ ދައްކަން ފެށިއެވެ. “ވެލް… މި އިވެންޓަކީ މިތަނުން ވަރަށް ގިނަ މީހުންނަށް ވަރަށް ބޮޑު ސަޕްރައިޒަކަށްވާނެ. ސޯ ހިނގާދޯ އެ ސަޕްރައިޒް ދެމާ… އެއާއިލާގެ ތެރެއިން އެންމެ ދޮއްޓައް އިން ފިރިހެނާއަށް މުޙާތަބު ކޮށްލަމުން ނާސިރު ބުނެލިއެވެ. އަދި އެއަށްފަހު އެ ދެފިރިހެނުން ކޮޅައް ތެދުވެ ވާހަކަ ދައްކަން ފެށިއެވެ. “މައި ޑިއަރ ފެމިލީ… މި އުފާވެރި ހަފްލާއަކީ އަހަރެމެންގެ ދޮށީ ދަރިފުޅު ހިބާގެ ކައިވެނި ހަމަޖެހުނީތީ ބޭއްވި ހަފްލާއެއް.” ނާސިރު އެހެން ބުނެލުމުން ދެން ހުރި ފިރިހެންމީހާވެސް ވާހަކަ ދެއްކިއެވެ. “އަދި އަހަރެންގެ ދޮށީދަރިފުޅުގެވެސް ކައިވެނި ހަމަޖެހުނީތީ ދޭ ކެއުމެއް.”
ދެ އާއިލާގެ މީހުންނަށްވެސް ޙައިރާންކަމާއެކީ އެކަކު އަނެކަކަށް ބަލާލެވުނީ އުފަލުން ތިބެއެވެ. ނަމަވެސް ރަހްމާގެ ހިތުގައިވި ރުޅި ކޮންޓްރޯލް ކުރެވޭތޯ އޭނާ އެތައް މަސައްކަތެއް ކުރަމުންދަނީއެވެ. ހުމާ އުފަލުން ޔޭ އޭ ކިޔާފައި ގޮނޑި ދުރައް ޖައްސާލާފައި ހިބާގެ ގައިގައި އެއްފަރާތުން ކޮނޑާއިކޮނޑު ޖައްސާލާފައި މަރުހަބާ ކިޔާލިއެވެ. ނާސިރުގެ ނަޒަރު ރަހްމާއަށް ހުއްޓުނު އިރު ރަހްމާގެ މޫނުމަތިން ފެންނަމުންދިޔަ ޝުއޫރުތަކުން އެ ހިތުގައި ޖެހިލުންވުމެއްގެ ރާޅު އުފައްދާލިއެވެ. ހިތްދިރުވާލެވުނީ ބޭއިޙްތިޔާރުގައެވެ.
އަނެއް އާއިލާގެ ކުދިން އެ ކުދިންގެ ބައްޕަ ދިން ޚަބަރާއިއެކު ޝަކުވާކުރަމުން ދިޔައީ ދެން ދޮންބެ ނުލައި އައީ ކީއްވެތޯއެވެ. ދޮންބެއަށް ދޭން ވާ އުފާވެރި ޚަބަރެއްގައި ދޮންބެ ބައިވެރި ނުކުރީ ކީއްވެގެންތޯއެވެ.
ހިބާގެ ހިތުގައިވެސް އުފާވެރިކަން ދުވެލިއިރު އޭނާގެ ވާންއުޅޭ ބައިވެރިޔާ ފެންނަން ނެތުމުން ހިތުގައި ސުވާލު އުފެދުނެވެ. އަދި ކައިވެނި ކުރެވެން މި އުޅެނީ އަނެއްކާ މާހިލް އާ ބާއޭވެސް އެ ހިތް ސުވާލު ކޮށްލިއެވެ. މާހިލްގެ އާއިލާ އެކަކުވެސް އޭނާ ނުދަނެއެވެ. ވީމާ ކުރިމަތިން ފެންނަންތިބީ މުޅިންވެސް ނުދަންނަ މީހުންނެވެ. ބައިވެރިޔާގެ ނަންވެސް އެ މީހުން ނުކިޔާ ވިއްޔާއެވެ. އެ އާއިލާގެ އެންމެންނަށް ނަޒަރު ހިންގާލެވުނީ އެތަނުން އޭނާގެ ބައިވެރިޔާ ކޮބައިބާއޭ ހިތައް އެރުމުންނެވެ. ގައިމުވެސް މާހިލްއެއް އެތާކު ނެތް ވިއްޔާއެވެ. ފުރާވަރަށް ގޮސްފައިވާ ދެއަންހެން ކުދިންނާއި ފިރިހެން ކުއްޖަކު އެތާ ތިބިއިރު އެ ކުދިންގެ ޝަކުވާއިން ކައިވެނިވާން އުޅެނީ އެކުދިންގެ ދޮންބެ އާއިކަން އެނގުނެވެ. ނަމަވެސް އެ ދޮންބެ އެތާކު ނެތްކަންވެސް އެނގުންވުމުން ހިބާ އިނީ ވާންވީ އުފާކަމެއް ނުވަތަ ކުރަންވީ ހިތާމަ ކަމެއް ނޭނގިފައެވެ. ބައިވެރިޔާ އާއިމެދު ސުވާލު އުފެދިފައެވެ. އެކުދިން ޝަކުވާ ކުރަން ފެށުމުން ދޮންބެއަށް އަދި އެނގޭނޭކަމަށް އެމީހާ ބުނެލީ މާ ބޮޑު ކަމަކަށް ނަހަދައެވެ.
“އެނގޭ ތި އެންމެންގެ ހިތުގައިވެސް ޝަކުވާ ވާނެކަން. މިކަހަލަ ކަންކަމަކީ އާއިލާތެރޭ ވާހަކަ ދެކެވިގެން ނިންމަން ޖެހޭނެކަންކަން، ކަންވެސް ޤަބޫލުކުރަން. އެކަމު އަހަރެމެންގެ ހިބާއަށް ލިބުނު ބައިވެރިޔާގެ ރަނގަޅު އެތައް ސިފައެއް ފެނުމުން އިތުރައް މަޝްވަރާއަކަށް ނުގޮސް އަމިއްލަ އަށް ވިސްނާފައި މިކަން ނިންމީ… ” ނާސިރު ރަހްމާ އާއި ދިމާލައް ބަލަންހުރެ އެހެން ބުނެލީ ރަހްމާގެ ރުޅިގަނޑު މައިތިރި ކުރެވޭތޯއެވެ. ސަބަބުތަކުގައި ހިފާތޯއެވެ. “ހިބާއަށްވެސް ވާނީ މިކަން ބޮޑު ސަޕްރައިޒަކަށް. ހިބާއަށް ކައިވެނިކުރަން ކުއްޖަކު ހުށައެޅި ވާހަކަ އަހަރެން ހިބާ ކައިރީ ބުނިން. އޭނާ ކައިވެންޏަކަށް ތައްޔާރުތޯވެސް ބެލުމުގެ ގޮތުން. ނަސީބަކުން ހިބާގެ ޖަވާބު ވަރަށްވެސް ސާދާ.. ދީންވެރި އަޚްލާޤު ރަނގަޅު ބައިވެރިއެއް ނަމަ އޭނާގެ ޖަވާބަކީ އާއެކޭ ކަމަށް ބުނި. އަދި އެ ކަން ބެލުމަކީ އަހަރެންގެ ޒިންމާއެއްކަމާ އަހަރެންނަށް އެ ސިފަތައް އެ ކުއްޖާގެ ފަރާތުން ފެނޭތޯ ބެލުމަށް ބުނި. އަދި ފައިނަލް ޖަވާބަކީ އަހަރެންގެ ނިންމުން ކަމުގައިވެސް ބުނި. އެހެންވީމާ ރަނގަޅު ކުއްޖަކު ލިބިފައި ކައިވެނިކުރަން އުޅޭ ދެމީހުންގެ ރުހުން ލިބުނީމާ އިތުރައް ކުރާނެ މަޝްވަރާއެއް އޮތްކަމަކަށް އަހަރެމެންނަކަށް ނުފެނުނު ދޯ..” ނާސިރު އަނެއް ފަރާތުން ކޮޅައްހުރި ފިރިހެންމީހާއަށް ދޯދީފާ ބުނެލިއެވެ. “އެނގޭ އެކަމުވެސް ނިންމުން ނިންމި ނަމަވެސް، ބުނަން ޖެހޭނެކަން އާއިލާ މީހުންގެ ކައިރީ.. ހާއްސަކޮށް ކުއްޖާގެ މަންމަ އަށް އެނގެން ޖެހޭނެކަން.. އެކަމާއިމެދު ވިސްނާލުމުން ހިތައް އެރީ މިކަހަލަ ސަޕްރައިޒެކޭ ދޭނީ.. އޭރުން އަދި މި އުފާވެރިކަން ދެ ގުނަ ވާނޭ….. އަޅެ ނޫންތަ؟” ނާސިރު ވަރަށް ފޯރީގައި ބުނެލިއެވެ.
“އަދި ބައްޕަ އަށް އެނގޭ ކައިވެނިކުރެވެން ތި އުޅެނީ ކޮންމެ މީހަކާ ކަމުގައި ވީނަމަވެސް ދަރިފުޅު ބުނި ސިފަތައް ފުރިހަމަ ވާނަމަ ދަރިފުޅުގެ ޖަވާބަކަށްވާނީ އާނއެކޭކަން” ނާސިރު ހިބާއަށް ބަލަހައްޓައިގެންހުރެ އެހެން ބުނެލުމުން ހިބާއަށް ލިބުނީ ސިހުމެކެވެ. އަދި އޭނާގެ ހިތުގައި ކައިވެނި ވާންއުޅެ ފިރިމީހާ ނޭނގިފައިވާ ނޭނގުމަސް އިތުރު ބޮޅެއް ގުޅިގެން ދިޔައެވެ. އަދި ކައިވެނި ވާން މި އުޅެނީ މާހިލް އަކާ ނޫންތޯ އަނެއްކާވެސް ތަކުރާރުކޮށް އެ ހިތް ސުވާލު ކޮށްލިއެވެ. އަދި ހިތާހިތުން އޭނާގެ އަމިއްލަ ނަފްސާ ސުވާލުތަކެއް ކުރެވުނެވެ. “އެއީ ތެދެއް ހެއްޔެވެ؟ މާހިލް ނޫން ކޮންމެ މީހަކަސް ހެޔޮ ހެއްޔެވެ؟ އެ ސިފަތައް ވަނީ ނަމަ އޭނާ ރުހޭނެ ހެއްޔެވެ؟” އެ ސުވާލުގެ ޖަވާބެއް އޭނާއަކަށް ނުދެވުނެވެ. ހިބާ ހިތައް އެރިއެވެ. އެ ގޮތްވެސް ގޯހެއް ނުވާނެއެވެ. އެހެން ނަމަވެސް އޭނާ މިވީ ކުޑަދުވަސްކޮޅުގައި ހުވަފެން ދެކުނީ މާހިލްގެ އަންބަކަށް ވުމަށެވެ. އަދިވެސް އޭނާގެ ހިތުގައިވަނީ މާހިލްގެ ނަމެވެ. ވީމާ މިހާ ކުއްލި ގޮތަކަށް ނުވެސް ވިސްނާ ހުއްޓާ އެހެން މީހަކަށް އެ މަޤާމުދޭން ފަސޭހައެއް ނުވާނެއެވެ.”
އެޚިޔާލުތަކުން ހިބާގެ ހިތުގައި ނާސިރާއިމެދު ޝަކުވާ އުފެދުނެވެ. “މާހިލް ނޫން އެހެންމީހަކު ނަމަ، ބައްޕަ އޭނާ ކައިރީ ކުރިން ބުނަން ޖެހޭނެ ނޫން ހެއްޔެވެ؟ އޭނާގެ ހިތައް އެކަން ޤަބޫލުކޮށް މޫވްއޮން ކުރަން ކުޑަ ދުވަސްކޮޅެއް ބޭނުންވާނެ ނޫން ހެއްޔެވެ؟ ދެން ކުއްލިއަކަށް ކައިވެނި ކުރެވުމުން ފިރިމީހާއަށް ދޭންވާ އިޙްތިރާމާއި ޤަދަރު އޭނާއަށް ނުދެވިއްޖެނަމަ އޭނާ ކިހާ ފާފަވެރި ވާނެ ނޫން ހެއްޔެވެ؟ ބައްޕަ އަށް އެވަރުވެސް ނުވިސްނެނީ ބާވައެވެ؟” ހިބާގެ ހިތުގައި ބިރުވެރިކަން އުފެދުނީ އެހާ ކުއްލިގޮތަކަށް ނުވިސްނާ ހުއްޓާ އެކަހަލަ ގޮތެއް ވުމުން އޭނާއަށް ފުރިހަމަ ގޮތުގައި އަންބެއްގެ ވާޖިބު އަދާނުކުރެވިދާނެތީއެވެ. އަދި މާހިލް އާއި ކައިވެނި ކުރަން ރުހޭތޯ އެހުމަށްފަހު އެއީ ހެންމީހަކަށް ވެދާނެ ކަމުގެ އިޝާރާތެއް ނާސިރު ދޭންވީ ސަބަބެއްވެސް ހިބާއަކަށް ނުވިސްނުނެވެ. މާހިލް ވީތަނަކާއި، މާހިލްގެ ހުށައެޅުމަށް ބައްޕަ ދިން ޖަވާބަކާމެދުވެސް ހިބާގެ ހިތުގައި ސުވާލު އުފެދިއްޖެއެވެ.
…………….
ދެ އާއިލާ އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އަނބުރާ ގެއަށް އައިސް ފެންވަރާ ތާޒާ ވެލައިގެން ނާސިރު އެނދުގައި ޖައްސާލީ ވަރުބަލި ފިލުވާލާށެވެ. އޮފީހުގެ މަސައްކަތައް ފަހު އެ ސަޕްރައިޒްގެ އިންތިޒާމްތަކުގައި ބުރަކޮށް އުޅުމަށްފަހު މިނިވަންކަމާއި އެކު ނޭވާލާނެ ވަގުތުކޮޅެއް އޭނާއަށް އެލިބުނީ އަދި ކިރިޔާ ވިއްޔާއެވެ. ނަމަވެސް އޭނާގެ އިންތިޒާރުގައި އެނދުގެ ފަޑީގައި ލެނގިލައިގެން އިން ރަހްމާގެ މޫނުގެ ކުލަވަރު ފެނުމުން އޭނާއަށް އަދި ހިތްހަމަ ޖެހިގެން އަރާމު ކޮށްލެވެން ނެތްކަމުގެ އިހްސާސް ކުރެވުނެވެ. ބޭރަށްލީ ނޭވާ އެތެރޭގައި އަނބުރާ އެތެރެއަށް ވައްދަންޖެހުނު ފަދައެވެ.
“އަޅެ އަހަރެން މީ ކާކުތަ ނާސިރޫ؟ އަހަރެންގެ އެއްވެސް މުހިންމުކަމެއް ނެތީދޯ ނާސިރުގެ ދިރިއުޅުމުގައިވެސް ނޫނީ ދަރިންގެ ދިރިއުޅުމުގައިވެސް؟” ހިތްހަމަ ނުޖެހިފައިވާ ރާޤެއްގައި ރަހްމާ އޭނާގެ ޝަކުވާތައް ކޮށްލީ އެވެގެން ދިޔަ ކަންތައްތަކުގައި ރަހްމާގެ އެއްވެސް ޚިޔާލެއް ހޯދުމަށް ނާސިރު މަސައްކަތް ނުކުރީ ކީއްވެގެންތޯ ނާސިރު ބުނެދޭނޭ ކަމަށެވެ. “އަހަރެން ބުނެދީފީމެއްނު ރެސްޓޯރެންޓްގައި އެންމެން ކުރިމަތީ އެ ނިންމުންތައް ނިންމަން މެދުވެރިވި ސަބަބާއި، އެކަން ނުބުނީ ކީއްވެގެންކަން. ރަހްމާއަށް ސަޕްރައިޒެއް ދޭ ހިއްވީ.. ހެހެހެ… ހަމައެކަނި ރަހްމާ ކައިރިއަކު ނޫނެއްނު ނުބުނީކީވެސް. އަނެއް ފަރާތުންވެސް އެފެމިލީގެވެސް އެންމެންނަށް ހަމަ ސަޕްރައިޒެއްނު ލިބުނީ… އަދި މި އާއިލާއިންވެސް. ހިބާއަށްވެސް ސަޕްރައިޒެއްނު މި ދިނީ.. އަހަންނަށް އެނގޭ އަންހެނުން ވަރަށް ސަޕްރައިޒައް ލޯބިކުރާކަން.” ނާސިރު ހިނި އައިސްފައި އިނދެ ކިޔާލަދިނެވެ.
“ހޫމް….. އަންހެނުން ލޯބިކުރާ ކަންތައްތައް ވަރަށް ދަންނަ ފިރިހެނެއް ތިޔައީ… ދެން އެހެންވިއްޔާ ބުނެބަލަ ނިކަން. އަހަރެންގެ ޅީދަރިއަކަށްވާން އުޅެނީ ކާކުތަ؟ ކީއްވެގެންތަ އެމީހަކު އެ ސަޕްރައިޒްގަ ބައިވެރި ނުކުރީ؟؟” ރަހްމާ ވަރަށް ގަޔާވެލާފައި ސުވާލު ކޮށްލިއެވެ. ނަމަވެސް އެ ސުވާލުން ނާސިރުގެ ހިތުގައި ޖެހިލުންވުމެއް އުފެދުނެވެ. އަދި އޭގެ އަސަރުވެސް މޫނުމަތިން ފެންނަން ހުއްޓެވެ. “ހެހެހެ.. އެއީ އަނެއްކާ އަނެއް ސަޕްރައިޒް. އަދި އެނގޭނެ. މާދަމާ ރަންކިޔަން އަންނާނެ.. އާނ… އަދި އެވާހަކަ ދައްކަން ހަނދާން ނެތިފައޭ މިހުރީ… މާދަމާ ހަވީރު އެމީހުން އަންނާނީ.. އެހެންވީމާ ހަވީރު ސައި ތައްޔާރު ކޮށްލަން ވާނެ. ދެ ފަރާތު އާއިލާއަށް ވާވަރަށް. އެ އާއިލާއިން އަންނާނީ އަށްމީހުންކަމަށް އަންގަނީ…” ނާސިރު ފޯރިޔާއެކީ އެހެން ބުނެލިއިރު، އެހާ އަވަހައް އެކަންކަން ނިންމަން އުޅޭކަން އެނގުމުން ރަހްމާއަށް ލިބުނީ ޙައިރާންކަމެވެ.
“ހާދަ އަވަސް އަރުވާލައިގެން ތިއުޅެނީ… ” ރަހްމާ އެސުވާލު ކޮށްލުމުން ދެން ލަސްކުރަންވީ ސަބަބެއް ނެތް ކަމަށް ނާސިރު ބުނެލިއެވެ. ރަހްމާ އެންމެ ރަނގަޅޭ ބުނެ ތާޒާ ވެލަން ފާހާނާއަށް ވަންނަން ހިނގައިގަންނަން އުޅެނިކޮށް ނާސިރު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.
“އަދި އަހަރެން އެބައޮތޭ ރަހްމާ ކައިރީ ވާހަކައެއް ބުނަންވެފަ.” ރަހްމާ އެނދުގައި އިށީނދެ ވާހަކަ އަޑުއަހަން އިންކަން ހާމަ ކޮށްލިއެވެ. “ހިބާގެ ކައިވެންޏައް މި ހަމަޖެހުނު ކުއްޖަކީ ހަޤީޤަތުގަވެސް މިހާރު ވަރަށް ރަނގަޅު ކުއްޖެއް. މަސައްކަތްތެރި ޒިންމާ އުފުލަން ދަންނަ ކުއްޖެއް. އަދި ދީނަށް ލޯބިކުރާ އަޙްލާޤް ރަނގަޅު ކުއްޖެއް. ފަހަރެއްގައި އޭނާގެ ސިފަތަކަކީ ރަހްމާ ހިތްހަމަ ނުޖެހޭ ސިފަތަކެއް ހުރި ކުއްޖަކަށް ވެދާނެ. އެކަމަކު މީގައި މުހިންމީ ކައިވެނި ވާން އުޅޭ ދެކުދިން އެކަކު އަނެކަކާއި ގަޔާވުން. އެހެންވީމާ އަހަރެމެންގެ ހިތްހަމަ ނުޖެހުން އަހަރެމެން ކޮންޓްރޯލް ކުރެވޭތޯ ބަލަން ވާނެ”. ނާސިރު އޭނާ ބުނަން ބޭނުންވާ ބަސްކޮޅު ބުނެވުމުން ރަހްމާއަށް ހިނިތުންވުމެއް ރައްދުކޮށްލީ އެކަމުގައި އެއްބާރުލުން ދޭނަންދޯއޭ ބުނެއެވެ.
ނަމަވެސް ނާސިރު އެ ދެއްކި ވާހަކަތަކުން ރަހްމާގެ ހިތުގައި ސުވާލު އުފެދުނެވެ. “އަހަރެން ގަޔާނުވާ ސިފަތަކެއް އެމީހެއްގައިގައި ހުންނަންވީ ކީއްވެގެން ހެއްޔެވެ؟ ނާސިރު އެހެން އެބުނީ މާ ދީންވެރި މީހަކަށް ވާތީ ބާވައެވެ. އެކަހަލަ މީހަކު ވެއްޖިއްޔާ އަހަރެން އެހާ ގަޔާއެއް ނުވާނެއެވެ. އެމީހުން ތިބެނީ ދެން ދީންވެރިވެގެން ގޮސް ހައްދު ފަހަނަ އަޅާފަ ވިއްޔާއެވެ. އެކަމަކު ހިބާ ގަޔާވާނީ އެކަހަލަ މީހުންނާކަން ޔަޤީނެވެ. ނޫނީ ނާސިރު އެހެން ބުނަން ދެން އޮންނާނި ސަބަބަކީ ކޮބައި ހެއްޔެވެ؟” ރަހްމާ އެކަމާއި ވިސްނަމުން ގޮސް ފާހާނާއަށް ވަނެވެ.
ނާސިރު ފުން ނޭވާއެއް ދޫ ކޮށްލީ އިރުތަކެއް ވާންދެން ނޭވާ ހިފަހައްޓައިގެން އިން މީހެއް ފަދައިންނެވެ. އޭނާ އެ ސަޕްރައިޒް ރޭވި ސަބަބަކީވެސް ރަހްމާގެ ނުރުހުން ހުންނާނެ ގޮތް އެނގޭތީ އޭނާގެ ހިތް ރުއްސަން އެއަށްވުރެ ފަސޭހަވާނެ ގޮތެއް ނެތީމައެވެ. އެ ސަޕްރައިޒާއި ނުލާ ހިބާގެ ކައިވެނީގެ ވާހަކަ ވަކިން ދެއްކިނަމަ ރަހްމާގެ ސުވާލުތައް މާ ގިނަވެފައި އެހާ އަޑުވެސް ގަދަ ވާނެ ވިއްޔާއެވެ. ރަހްމާއަކީ އަބަދުވެސް ނުލާހިކު ގޮތްދޫނުކުރާ އަމިއްލަ ކުއް ޤަބޫލު ނުކުރާ އަންހެނެކެވެ. އަދި އެހާ ޝަކުވާވެސް ބޮޑު ވާނެ ވިއްޔާއެވެ. އެކަމަކު އަދި ކުރިއަށް އޮތްތާގައި އޭނާގެ އެކަހަލަ ޝަކުވާ ތަކާއި ކިތަމެ ސުވާލަކަށް ޖަވާބު ދޭން ޖެހޭނެކަން ހަނދާންވުމުން ނާސިރައް އިތުރު ފުން ނޭވާއެއް ދޫ ކޮށްލެވުނެވެ.
**ނުނިމޭ**
14 Comments!
Comments are closed.
Yey me 1st. Mi part vx v.v.v.reethi. When next part?? Waiting 4 next part….
6th dec ga next part. In Shaa Allah. 🙂 Jazaakillah
v interesting n reethi masha Allah <3
Jazaakillah ?
Masha allah ..thankolheh avahah up kohla dhehchey…❤
Jazaakillah ?
Mihaaru vaki laheh noonennu. Early morninga up killadhemennu. ☺
masha allah varah reethi mi bai ves.ekamkuh mibahugawi alif sukunuge badhalugai onnaanee shaviyani sukun ingey. dhen faharakau liyaairu ethankolhu rangalhu kollachchey ukhthee 🙂
In Shaa Allah. Handhaan kuraanan dhen faharakun. Thanks note kolladhinythy.. Jazaakillah. ?
This story is also so nice..and with beautiful msgs. jazakillah khairan.
May Allah reward u too.. ?
Ma sha Allah … this story is beautiful ❤️❤️❤️❤️
Jazaakillah khair
🙂
Ma sha Allah … this story is beautiful ❤️❤️❤️❤️
Jazaakallah khair
🙂