
ބޭނުންވަނީ އުމުރަށް 19 ވަނަ ބައި
” އެހެންވީމާ ވިޔާމް އެބުނީ ރަނގަޅަށް. އެ ގޭގެ ރަޖިސްޓްރީ އެއޮތީ ގާސިމްގެ ނަންމަތީގަ. އެކަން ރިފްއަތުބެއަށް ނޭންގެނީ. އެގޭނަމަ މިއަދު މިހާ ހިސާބަކަށް ކަންތައް ނުދިޔައީސް ” ނިޔާޒް ފޯން ކަޑާލުމުން ޒޭނާ ބުނެލިއެވެ. ” އެނގިފަ އޮތަސް މިކަން މިހާ ހިސާބަށް ގެންގޮސްފާނެ. އެކަމަކު ދެން އެއްޗެއް ބުނަން އެނގޭނީ އެ ރަޖިސްޓްރީއެއް ފެނިގެން ” ނިޔާޒް ބުނެލިއެވެ. ” ހިނގާ އެންމެން ސައިބޯން ” ޒޭނާ ސައިބޯން ބުނުމުން އެންމެން ސައިބޯން ދިޔުމަށް ތިބިތަނުން ތެދުވިއެވެ.
ކޮޓަރީ ދޮރު ހުޅުވާލުމަށްފަހު މަޑުމަޑުން ރިޒްނީ ކޮޓަރިން ބޭރަށް ނިކުތެވެ. އޭރު ސިޓިން ރޫމުން ޓީވީގެ އަޑު އިވުމުން މަޑުމަޑުން ރިޒްނީ ސިޓިންރޫމަށް ބަލާލިއެވެ. ނަމަވެސް އެއްވެސް މީހަކުނެތެވެ. އެހެން ކަމުން ސިޓިން ރޫމްގަ ހުރި ސޯފާ ކައިރީގައި ހުރި ކުޑަ މޭޒް މަތީއޮތް ރިމޯޓް ނަގާ ޓީވީ ނިއްވާލުމަށްފަހު ގެއިން ބޭރަށް ނިކުމެ ބޭރު ބަލާލިއެވެ. އަދި މުޅި ގޭތެރެ ރަނގަޅަށް ރިޒްނީ ބަލާލިއެވެ. ރިފްއަތާ އަނީސާ ނެތްކަން އެނގުމުން ރިޒްނީ އަވަސްވެގަތީ ރަޖިސްޓްރީ ފެނޭތޯ ދިޔުމަށެވެ. ” އަހަރެންނަށް މާފް ކުރޭ. މިއަދު މަންމަޔާ ބައްޕަ ނެތް ވަގުތެއްގަ އަހަރެންނަށް މިކަން ކުރަން މި ޖެހުނީ މަޖުބޫރު ވެގެން ” ރިޒްނީ ކޮޓަރީ ދޮރުމަތީ ހުރެ ހިތާހިތާ ކިޔާލިއެވެ. އަދި ކޮޓަރީ ދޮރު ހުޅުވާލުމަށްފަހު ވަނެވެ. ރިފްއަތާ އަނީސާ އަންނާނެ ވަގުތެއް ނޭންގޭތީ ރިޒްނީ ފަހަރަކު ތަނެއް ބަލަމުން ދިޔައެވެ. ” ހުރިހާ ތަނެއްވެސް ބެލިއްޖެ. އެކަމަކު… ” މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތައް ރީތިކޮށްލަމުން އެކަނި ހުރެ ވާހަކަ ދައްކަމުން ދަނިކޮށް ކުއްލިއަކަށް ރިޒްނީގެ ލޮލުގައި އަޅައިގަތީ އަލަމާރީގެ ތިރީގައި ހުރި ދަމާ ވަތްގަނޑެވެ. އަވަސް އަވަހަށް ރިޒްނީ ވަތްގަނޑު ބޭރަށް ދަމާލާ ހާވަންފެށިއެވެ. އެވަގުތު އެއްޗެހި ތަކުގެ އެންމެ އަޑިއަށްލާފަ އޮތް ފައިލެއް ރިޒްނީއަށް ފެނުނެވެ. ފައިލް ނަގާ ހުޅުވާލިއެވެ. ފައިލްގައިވާ ގަޑުތައް ބަލަމުން ދަނިކޮށް އެންމެ ދަށުގައި އޮތް ގޭގެ ރަޖިސްޓްރީއަށް ރިޒްނީގެ ނަޒަރު ހުއްޓުނެވެ. އަދި އޭގައިވާ ގޭގެ މިލްކުވެރިފަރާތް ބަލާލިއެވެ. އެވަގުތު ރިޒްނީގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ” އެހެންވީމާ ވިޔާމް އެބުނީ ހަމަ ރަނގަޅަށް. މިގެއަކީ އެމިހުންގެ މިލްކެއް. ވިޔާމް އެބުނި ގޮތަށް އަހަރެން އޭނަޔާ ކައިވެނި ނުކޮށްފިއްޔާ…!!! ” ރިޒްނީގެ ލޮލަށް ޖަމާވެގެން ދިޔަ ކަރުނަތައް އެސްފިޔަ ތަކުގެ ތެރެއިން ފޫދިގެން ދިޔުމުގެކުރިން ފޮހެލުމަށްފަހު ރަޖިސްޓްރީ ނެގާ، ފައިލް އޮތް ގޮތަށް ވަތްގަނޑަށް ލުމަށްފަހު ކޮޓަރިން ނިކުމެ، ރިޒްނީގެ ކޮޓަރިއަށް ވަނެވެ.
” ބުނި ކައްތައް ވެއްޖެތަ؟ ” ރިޒްނީ ގުޅުމުން ނިޔާޒް ސުވާލުކޮށްލިއެވެ. ” އާނ. ” ރިޒްނީ ބުނެލިއެވެ. ” ރަނގަޅަށް އެ ބެލިންތަ؟ ” ނިޔާޒް އަހާލިއެވެ. ” ވިޔާމް ބުނީ ރަނގަޅަށް. މީ އަހަރުމެންގެ ބާރުގެ ދަށުގަވާ ތަނެއްނޫން ދޮންބޭ. އަހަރެން ވިޔާމާ ކައިވެނި ނުކޮށްފިއްޔާ މިގެއިން ނިކުންނަން ޖެހޭނީ. އޭރުން ވަންނާނެ ތަނެއްވެސް ނުހުންނާނެ ” ރިޒްނީ ރޮވޭގޮތްވިއެވެ. ” އަދި ރޯކަށް ނުވޭނު. ދޮންބެ ވެސް މިހުރީނު. ކަންބޮޑު ވާނެކަމެއްނެތް. ދެން ހުރިހާ ކަމެއްވެސް ނިމޭކަށް މާގިނަ ދުވަހެއް ނުނަގާނެ. ވިޔާމްގެ ނަމުގަ ތިވާ ބަލި ފިލުވާފަ ނޫނީ ދޮންބެ ހަމަޖެހި ނުލާނަން. އެހެންވީމާ ރަޖިސްޓްރީ މިރޭ ދޮންބެއަށްދީ ” ނިޔާޒް ބުނެލިއެވެ. ” މިރޭ ކިހިނެއްދޭނީ ” ރިޒްނީއަހާލިއެވެ. ” ކުރިން ރޭ ގެއިން ބޭރަށް ނިކުތްގޮތަށް މިރޭ ވެސް ނިކުންނާނީ. އޭރުން އެކަން ވެސް މިކަން ވެސް ވާނެއްނު ” މިހެން ބުނެ ނިޔާޒް ހީގަތެވެ.
” ނިޔާ ކޮބާ ކަންތައްތައް މިހާރު ކިހިނެއްވަނީ ” ސާހިދު އަހާލިއެވެ. ” ކަންތައްތައް ވާނީ އަހަރެން ބޭނުންވާ ގޮތަށް ” ނިޔާޒް ބުނެލިއެވެ. ” ތިބުނީ ކިހިނެއް ” އަކިޔަލް އަހާލިއެވެ. ” އެވާހަކަ ބާއްވާ. މިއަދު ރިޒްނީ ގުޅާފަ ބުނި ރަޖިސްޓް ފެނުންވާހަކަ ” ނިޔާޒް ބުނެލިއެވެ. އެހެންތަ؟. ވިޔާމް ބުނި ގޮތަށްތަ އޭގަ އޮތީ ” އަކިޔަލް ސުވާލުކޮށްލިއެވެ. ” އާނ. ވިޔާމް ހަމަ ބުނި ގޮތަށް ” ނިޔާޒް ބުނެލިއެވެ. ” އެހެންވީމާ ރިޒޫމެން އެގެއިން ނިކުންނަން ޖެހޭނެދޯ މިވާ ގޮތުން ” ސާހިދު ބުންޏެވެ. އާނ. ރިޒްނީ ވިޔާމާ ކައިވެނި ނުކޮށްފިއްޔާ ތިހެންވާނީ. އެހެންވިޔަސް އަހަރެން ހުރިހާ ހިނދަކު އެ ކައިވެނި ވިޔަ ނުދޭނަން ” ނިޔާޒް ބުންޏެވެ. ” ދެން މިހާރު ރަޖިސްޓްރީ ކޮބާ؟ ” އަކިޔަލް އަހާލިއެވެ. ” ރިޒްނީ އަތުގަ އޮތީ. އަހަރެން ބުނިން މިރޭ ރަޖިސްޓްރީ ބަލާ ދާނަމޭ. އަކިޔަލް ވެސް ވާނެ ދާން. ރަޖިސްޓްރީ އަހަރެންނަށް ލިބުނީމާ އަހަރެން ލަސްތަކެއްނުވެ ބައްޕަގެ ކުރިމައްޗަށް އަރާނަން ” ނިޔާޒް ބުނެލިއެވެ.
ކުރިން ރެއެކޭ އެއްގޮތަށް ރިފްއަތާ އަނީސާ ނިދިކަން ޔަގީން ކުރުމަށްފަހު ރިޒްނީ ގެއިން ބޭރަށް ނިކުތެވެ. އަދި މީހަކަށް ވެސް ހިލަމެއްނުވާ ގޮތަށް ރިޒްނީ އަކިޔަލާ ހަމައަށް އައެވެ. ” ކޮބާ ރަޖިސްޓްރީ ” ރިޒްނީ އައުމުން ނިޔާޒް އަހާލިއެވެ. އެވަގުތު ރިޒްނީގެ އަތުގައި އޮޅާލާފަ އޮތް ރަޖިސްޓްރީ ނިޔާޒަށް ދިއްކޮށްލުމުން އަވަސް އަވަހަށް ފޯނުން އަލިކޮށް ނިޔާޒް އޭގައި ލެޔެފައިވާ އެއްޗެއް ބަލާލިއެވެ. ” އެހެންވީމާ މީގެން އެނގެނީ ގޭގެ މިލްކުވެރި ފަރާތް އެއީ ބައްޕަ ނޫންކަން ” ނިޔާޒް ބުނެލިއެވެ. ” ދެން ކިހިނެއްވާނީ ” އަކިޔަލް އަހާލިއެވެ. ” ދެން ވާނީ ކިހިނެއްކަން އެނގޭނު ” ނިޔާޒް ގޮތް ހުސްވެފައިވާ ރާގެއްގައި ބުނެލިއެވެ. ” ބައްޕަ މިގެއިން ނިކުންނަން ޖެހިއްޖެނަމަ އަހަރެން ވަކި ކޮންތާކަށް ބައްޕަ ގެންދާނީ ” ނިޔާޒް ބުނެލިއެވެ. ” މަންމަ މެންގެ ގެ ހުންނާނެއްނު ” ސާހިދު ބުނެލިއެވެ. ” އެ ގެ އެބަހުރި. އެކަމަކު ތިން މީހަކަށް އުޅެވޭވަރަށް ވުރެއް އެގޭގެ ހާލަތު މިހާރު ދައްވާނެ ” ނިޔާޒް ބުންޏެވެ. ” ތިކަން އަހަރެންނަށް ދޫކޮށްލާ. އެމީހުންނަށް އުޅެވޭވަރުގެ ތަނެއް އަހަރެން ދައްކާނަން ” އަކިޔަލް ވިސްނާލާފަ ބުނެލިއެވެ. ” ކޮންތަނެއް އަކިޔަލް ދައްކާނީ ” ނިޔާޒް އަހާލިއެވެ. ” އަހަރެން ދައްކާނަން ތަނެއް. އެތަނުގެ ވެރިފަރާތާ އަހަރެން ވާހަކަ ދައްކާނަން. ހުރިހާ ކަމެއްވެސް ހަމަ ޖެހޭނެ ” އަކިޔަލް ޔަގީން ކަމާއެކު ބުނެލިއެވެ. ” ނޫނޭ އަކިޔަލް. އެމީހުންގެ ހުރިހާ ކަމެއްގެ ޒިންމާ ނަގަން ހުރީ އަހަރެން. އެކަމަކު ދެރަ ކަމަކީ ބައްޕައަށް ވެސް އަދި ދޮންމަންމައަށް ވެސް އަހަރެން މީ ހުރި މީހެއްކަން ނޭންގޭތީ. އަދި އަހަރެންގެ ހަގީގަތް އެނގޭ ހިސާބުން ދޮންމަންމަ ކަންތައް ކުރާނެ ގޮތް ނޭންގޭތީ ” ނިޔާޒް ބުނެލިއެވެ. ” ތިހުރިހާ ކަމެއް ބަދަލުވެގެން ދާ ދުވަހަކުން ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ. އެދުވަހަކުން މަންމަ ވެސް ދޮންބެ އެކްސެޕްޓް ކުރާނެ. މިއަދު މަންމަޔާ ބައްޕަ އެފާޑަށް ފެނުނަސް އެއީ އެމީހުންގެ އަސްލު ސިފައެއް ނޫން ދޮންބޭ ” ނިޔާޒްގެ ވާހަކަ އަޑު އަހަން ހުރެފަ ރިޒްނީ ބުނެލިއެވެ.
” ނިޔާ އެކަނި ހުރިކަމަށް ނުވިސްނާތި. އަހަރެން ވެސް އަދި އެބަހުރިން. ނިޔާއަކީ ފުރަތަމަ އަހަރެން ރައްޓެއްސެއް. އެހެންވީމާ އަހަރެންނަށް ކުރެވުނު ހުރިހާ ކަމެއް އަހަރެން ކުރާނަން. އަހަރުމެންގެ ކައިވެނި ވެއްޖެނަމަ އެމީހުން ވާނީ އަހަރެންގެ އާއިލާއަކަށްނު. އެހެންވީމާ އަހަރެންގެ ޒިންމާއެއް އެއީ އެމީހުނަށް އެހީވުން ” އަކިޔަލް ބުނެލިއެވެ. ” ކޮންތަނެއް ހަމަ ޖެހޭނެ ވާހަކަ ތިބުނީ ” ނިޔާޒް އަހާލިއެވެ. ” އެއީ ކާފަގެ ގެ. މާމަ ނިޔާވިފަހުން ކާފަ މި ގެންގުޅެނީ އަހަރެން. އެހެންވީމާ އެ އެހުންނަނީ ފަޅަށް. އަހަރެން ކާފަޔާ ވާހަކަދައްކާނަން މިކަމުގަ. އަހަރެނަށް ޔަގީން ކާފަ މިކަމަކާ ދެކޮޅު ނުހަދާނެ ” އަކިޔަލް ބުންޏެވެ. އަކިޔަލްގެ އެ ވާހަކައިން ނިޔާޒަށް ހަމަޖެހުން ގެނުވިއެވެ. ” ހިނގާބަލަ ތަންކޮޅެއް ދުރަށް ތީގަވާއެއްޗެއް ކިޔާލަން ” ސާހިދު ނިޔާޒްގެ ކޮޑުގައި އަތް އަޅާލަމުން ބުނެލިއެވެ. ސާހިދު އެހެން ބުނުމުން އެހެން އެބުނީ ރިޒްނީއާ އަކިޔަލަށް ވަގުތު ދިނުމުގެ ގޮތުންކަން އެނގި ދުރަށް ހިނގައިގަތެވެ.
” މީހާޔަށް ކިހިނެއްވެފަތަ ތިހުރީ މިހާރު ” ސާހިދާ ނިޔާޒް ދުރަށް ދިޔުމުން ރިޒްނީ އަހާލިއެވެ. ” އަހަރެންނަށް ކިހިނެއްވީތަ؟. މިހުރީ ހަމަ ކުރިންވެސް ހުރި ގޮތަކަށްނު ” އަކިޔަލް ބުނެލިއެވެ. ” ތީހަމަ ކުރިން ވެސް ހުރި މީހާކަން އެނގޭ. އެކަމަކު ތިއޮށް ތުބުޅިއެއް ” ރިޒްނީ ބުނެލިއެވެ. ” އެހެން ދޯ ތިބުނީ. މީ ހާލަތާ ގުޅިގެން އައި ބަދަލެއް ” ދިގުވެފާ ހުރި ތުބުޅީގެ އިސްތަށިތަކުގައި އަތް ހާކާލަމުން އަކިޔަލް ބުނެލިއެވެ. ” މިހެން ހުރީމާ ހަޑީތަ؟ ” އަކިޔަލް އަހާލިއެވެ. ” ހަޑިއޭ ނުބުނަމެއްނު. ތިހެން ހުއްޓަސް އަހަރެންނަކަށް ދުވަހަކު ވެސް އަކޫ ހަޑިއެއް ނުވާނެ. އެކަމަކު އަކޫ އާ ނުގުޅޭ ވާހަކަ މިބުނީ ” ރިޒްނީ އަކިޔަލާ ކައިރިއަށް ޖެހިލަމުން ބުނެލިއެވެ. ” ތި ޖެހުނީ ވިނަގަނޑު ތުނިކޮށްލާނެ ހަތިޔާރެއް ހޯދަން ” އަކިޔަލް ރިޒްނީގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ” މިރޭ ޒޭނާ ކޮބާ؟ ” ރިޒްނީ އަހާލިއެވެ. ” ޒޭނާ މަންމަ ކުޑަކޮށް ބަލިވެ އުޅޭތީ ނާދެވުނީ ” އަކިޔަލް ބުންޏެވެ. ” އަހަރެންގެ ސަލާމް ބުނެދޭތި. އަހަރެން މިކަމުން ސަލާމަތް ކޮށްދޭން ކުރާ މަސައްކަތަށް ޝުކުރުވެރިވާ ވާހަކަ ވެސް ބުނާތި ” ރިޒްނީ އިސްދަށަށް ޖަހާލަމުން ބުނެލިއެވެ. ” ތީގެން އެއްކަމެއް އަހަރެން ކޮށްދޭނަން. އަނެއްކަންތައް ކުރަން ޖެހޭނީ ރިޒޫ ” ރިޒްނީގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން އަކިޔަލް ބުނެލިއެވެ. ” ކޮންކަމެއް އަކޫ ކުރާނެ ވާހަކަ ތިބުނީ ” ރިޒްނީއަހާލިއެވެ. ” ސަލާމް އަހަރެން ބުނެދޭނަން. އެކަމަކު ޝުކުރުގެ ބައި ކުރިއަށް ގެންދަންވާނީ ރިޒޫ. ސަބަބަކީ ހަމަ އެކަނި މިހުރިހާ ކަމެއްގަ އެހީތެރިވަނީ ހަމައެކަނި ޒޭނާ އެކަނި ނޫންކަމަށްވާތީ ” އަކިޔަލް ބުނެލިއެވެ. ” އެންމެ ރަނގަޅު. ވިޔާމްގެ އުދަގުލުން ސަލާމަތްވީހާ އަވަހަކަށް އަހަރެން އިރާދުކުރެއްވިއްޔާ ތިކަން ކުރާނަން ” ރިޒްނީ ބުނެލިއެވެ. ” ހިނގާ ދެން ދާން. މިހެން އުޅެނިކޮށް މީހަކަށް ފެނިއްޖެނަމަ ކަންތަކާ ޖެހުނީ ” އަކިޔަލް ބުނެލިއެވެ. ” ހިނގާ އެމީހުން ކައިރިއަށްދާން ” މިހެންބުނެ ސާހިދާ ނިޔާޒް ކައިރިއަށް ދިޔުމަށް ހިނގައިގަތެވެ.
” ވިޔާމް އައިސް އެބަހުރި ” ރިޒްނީގެ ކޮޓަރީ ދޮރު ހުޅުވާލުމަށް ފަހު އަނީސާ ބުނެލިއެވެ. ” ކީއްކުރަން ” ރިޒްނީ ކޮށްލީ ސުވާލެކެވެ. ” ނޭންގެ. ހީވަނީ ރިޒްނީ ބަލާހެން ” އަނިސާ ބުނެލިއެވެ. ” މި ނިކުންނަނީ ” ރިޒްނީ މިހެން ބުނެލުމުން އަނީސާ ކޮޓަރީ ދޮރު ލައްޕާލުމުން ރިޒްނީ އައިސް ދޮރު ތަޅުލިއެވެ. އަދި ބާލީސްދަށުގައި އޮތް ފޯން ނަގާ ނިޔާޒަށް ގުޅާލިއެވެ. ” މިއަދު ވެސް ވިޔާމް އެބަހުރި އަހަރެން ބަލާ އައިސް ” ރިޒްނީ ބުނެލިއެވެ. ” އެހެންތަ؟. ދެން ކިހިނެއް ހަދަން ތިއުޅެނީ ” ނިޔާޒް އަހާލިއެވެ. ” މިއަދު އަހަރެން މިހުރިހާ ކަމެއްގެ ނިމުމާ ހަމަޔަށް ވާސިލް ވާނަން. އަހަރެން އަހަރެންގެ ދިރިއުޅުން އަމިއްލަ އަތުން ހަލާކުގެ ތެރެއަށް ވައްޓާލާކަށް ނުހަދާނަން ” ރިޒްނީ ކެރިގެން ބުނެލިއެވެ. ” ހަދަން ތިއުޅޭ އެއްޗެއް ބުނެބަލަ ” ރިޒްނީ ބުނި އެއްޗެއް ނިޔާޒަށް ދޭހަ ނުވުމުން ސުވާލުކޮށްލިއެވެ. ” ދިހަވަރަކަށް މިނިޓް ތެރޭ ދޮންބެ އާދޭ ރަޖިސްޓްރީ ހިފައިގެން. އެއަށްފަހު ދޮންބެ ހުރޭ މަންޒަރު ބަލަން ދުރުގަ. އޭރުން އެނގޭނެ ވާނުވާ ” ރިޒްނީ މިހެންބުނެ ފޯން ކަޑާލާ ކުޑަކޮށް ތައްޔާރު ވެލުމަށް އަވަސްވެގަތެވެ.
” މީއަދު ވަރުގަދަ މީހެއް. ހަދަން އުޅޭއެއްޗެއް ވެސް ނުބުނެ ފޯން އެކަޑާލީނު ” ރިޒްނީ ފޯން ކަޑާލުމުން ވާނުގާގަ ހުރެގެން ނިޔާޒް އަމިއްލަ ނަފުސާ ވާހަކަ ދައްކަން ފެށިއެވެ. ” އަކިޔަލްއަށް ގުޅާފަ އަވަހަށް މިވާހަކަ ބުނަންވީ ” ނިޔާޒް ވިސްނާލުމަށްފަހު އަކިޔަލަށް ގުޅިއެވެ. ” ކިހިނެއްވީ ނިޔާ ” އަކިޔަލް އަހާލިއެވެ. ” ކިހިނެއްވީހޭ ނާހާ!!. އަހަރެންނަށް ހީވަނީ މިއަދު މީ ހަނގުރާމަ ކުރަންޖެހޭ ދުވަސްހެން ” ނިޔާޒް ބުނެލިއެވެ. ” ކޮން ހަނގުރާމައެއް ” އަކިޔަލް އަހާލިއެވެ. ” ދެންމެ ރިޒްނީ ގުޅި. ވިޔާމް ރިޒްނީ ބަލާ އައިސް ހުރިވާހަކަ ބުނެފަ، އަހަރެން ކިހިނެއް ހަދަންހޭ ތިއުޅެނީ ބުނީމާ ބުނީ، މިއަދު މީ މިކަމުގެ ނިމުމާ ހަމަޔަށް ވާސިލްވާނެ ދުވަހޭ ” ނިޔާޒް ބުނެލިއެވެ. ” ކީއްކުރަން ރިޒޫ އެއުޅެނީ ” އަކިޔަލް ސުވާލުކޮށްލިއެވެ. ” ތިއޭ އަހަރެންނަށް ވެސް ނޭންގޭ ކަމަކީ. ސުވާލުކޮށްލީމާ ބުނީ ރަޖިސްޓްރީ ހިފައިގެން ދިހަ މިނިޓް ތެރޭ އައިސް މަންޒަރު ބަލަން ހުންނާށޭ. ވާނުވާ އެނގޭނޭ. އަހަރެން މިހުންނަނީ ހަދާނެ ގޮސް ހުސްވެފަ ” ނިޔާޒް ބުންޏެވެ. ” ދޭބަލަ. ވާނުވާ އެނގިދާނެއްނު އޭރުން ” އަކިޔަލް ބުނެލިއެވެ. ” އަހަރެން އެކަނި ދާންވީމާ މިހުންނަނީ. ” ނިޔާޒް ބުނެލިއެވެ. ” އަކިޔަލް ހިނގާ އަހަރެންނާއެކު ” ނިޔާޒް އަކިޔަލް ގާތުގައި ދާން އެދުނެވެ. ” އަހަރެން ދިޔައީމާ ކަމަކު ނުދާނެ. އެކަމަކު އަހަރެން ސާހިދު ފޮނުވާނަން ” ކިޔަލް ބުނެލިއެވެ. ” އޯކޭ. އަހަރެން މިދަނީ ތިގެއަށް. ސާހިދަށް ގުޅާފަ ބުނޭ އަންނާށޭ ” ނިޔާޒް މިހެން ބުނުމަށްފަހު ފޯން ކަޑާލިއެވެ.
” ކޮން ދުވަހަކުން ކައިވެނީގެ ކަންތައް ނިންމާނީ ” ރިފްއަތު އަހާލިއެވެ. ” އަހަރެންގެ މިހާރު ހުރީ ހަމައެކަނި ބައްޕަ. އެހެންވީމާ ބައްޕަ އަންނަންދެން މި މަޑުކޮށްލަނީ ” ވިޔާމް ބުނެލިއެވެ. ” ކޮންދުވަހަކުން ބައްޕަ އިންޑިއާއިން އަންނަނީ ” ރިފްއަތު އަހާލިއެވެ. ” ކުރިން ދުވަހު ގުޅާފަ ބައްޕަ ބުނި މިހާރު ޑޮކްޓަރަށް ދައްކާ ވެސް ނިމިފަ ހުރި ވާހަކަ. ދެން ރާއްޖެ އަންނަންވީއޭ ވެސް ބުނި. ދެން އެހާ ލަސްވާނެހެނެއް ހިއެއްނުވޭ ” ވިޔާމް ބުނެލިއެވެ. ” ވަރަށް ދުވަސް ވެއްޖެ އެއްނު ބައްޕަ ބަލިވެގެން އިންޑިއާގަ ހުންނަތާ. އެހެންވީމާ ބައްޕަ ނެތި ކައިވެނި ކޮށްފިއްޔާ ކަމަކުވެސް ނުދާނެ ” ވިޔާމްގެ ވާހަކަޔަށް ބާރު ދިނުމުގެ ގޮތުން ރިފްއަތު ބުނެލިއެވެ. އެވަގުތު އަނީސާ އައިސް ވިޔާމަށް ޖޫސްތައްޓެއް ދިއްކޮށްލިއެވެ. ޖޫސްތަށީގައި ހިފަން އެނބުރި ވަގުތު ބޭރަށް ނިކުންނަން އައި ރިޒްނީ ފެނުމުން ވިޔާމަށް ބަލާލެވުނެވެ. ހަމަ އެވަގުތު ރިޒްނީއަށް ވެސް ބަލާލެވުނެވެ. ” ހެވިފަ ހުރޭ. މިއަދު އަހަރެން ގެންދާކަށް ހަމަ ހިލާ ނުކެރޭ. މިއަދު އަހަރެން ކަލޭގެ ފަރުދާ އުފުލާފަ ނޫނީ ހަމަޖެހިނުލާނަން ” ރިޒްނީ ހިތާހިތުން ކިޔާލިއެވެ.
” މިއޮށް އައީނު ރިޒްނީ ” ރިޒްނީ ފެނުމުން ރިފްއަތު ބުނެލިއެވެ. ” ވިޔާމް އެއިނީ ދަރިފުޅު ބަލާއައިސް ” ރިފްއަތު މުހާތަބް ކުރި ގޮތުން ރިޒްނީ ހައިރާންވީ ފާއިތުވެދިޔަ ދުވަސްތަކުގަ އެހާ ލޯބިން ވާހަކަ ދައްކާފަ ނެތީމައެވެ. އޭގަވެސް ކޮންމެވެސް ސިއްރެއް ފޮރުވިފަ ވާނޭ ރިޒްނީގެ ހިތް ބުނަމުން ދިޔައެވެ. ” ކީއްކުރަން އަހަރެން ބަލާ ވިޔާމް އައީ ” ރިޒްނީގެ ސުވާލު އަމާޒުކޮށްލީ ރިފްއަތަށެވެ. ” ދަރިފުޅާ އެކަނި ވާހަކަ ދައްކަން ބޭނުންވާތީނު ބަލާ އަންނާނީ ” ގޭގެ ކުރިމަތީ ހުރި ގޮޑިތަކުން ގޮޑިއެއްގައި އިށީދެގެން އިން ރިފްއަތު ރިޒްނި ގާތަށް އައިސް ބުނެލިއެވެ. ” އަހަރެން މިފަހަރު ނުދާނަމޭ ބުނެފިއްޔާ ” ރިފްއަތަށް ފުރަގަސް ދެމުން ރިޒްނީ ބުނެލިއެވެ. އެވަގުތު ރިފްއަތުގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ” ނުދާންވީ ކީއްވެ. ދާން ޖެހޭނެ. އެއީ މުސްތަގުބަލުގަ ދަރިފުޅުގެ ފިރިމީހާ ” ރިފްއަތު ބުނެލިއެވެ. ” ބައްޕަގެ ނަޒަރުގަ ތިހެން ވެދާނެ. އެކަމަކު އަހަރެންގެ ނަޒަރުގަ އެއީ މީހެއްގެ ފިރިއެއްގެ މަގާމު ދެވޭވަރަށް ވުރެއް މުޑުދާރު މީހެއް ” ރިޒްނީ ބުނެލިއެވެ. ” އެނގޭތަ ތިކިޔޭ އެއްޗެއް. ވިޔާމަށް ވުރެއް ވަކި ރަނގަޅު މީހެއް ރިޒްނީއަށް ނުލިބޭނެ ” ފުރަގަސްދީގެން ހުރި ރިޒްނީ ރިފްއަތުގެ ކުރިމައްޗަށް ކޮޑުގައި ހިފާ އަނބުރާލުމަށްފަހު ރިފްއަތު ބުނެލިއެވެ. ” ވިޔާމަށް ވުރެއް ރަނގަޅު މީހެއް ނުލިބުނަސް، އަހަރެން ވިޔާމާ ކައިވެނި ނުކުރާނަން. އަދި މިއަދު އަހަރެން ވިޔާމާއެކު ދާނެ ގޮތެއް ވެސް އެއީ ނެތް ގޮތެއް ” ކެރިގެން ރިޒްނީ ބުނެލިއެވެ. މަންޒަރު ބަލަން އިން ވިޔާމް ރިޒްނީގެ ވާހަކަ އަޑު އަހަން ހުރުމަށްފަހު އިށީދެގެން އިން ގޮޑިން ތެދުވިއެވެ. ” ރިފްއަތުބޭ. ރިޒްނީ ދާން ނެތިއްޔާ އަޅާނުލާ. އަހަރެން ގަދަކަމުން ރިޒްނީ ގެންދާކަށް ނެތިން ” ވިޔާމް ބުނެލިއެވެ. ” ވިޔާމް މަޑުކުރޭ ރިޒްނީ ދާނެ ” ރިފްއަތު ބުނެލިއެވެ.
” ވިޔާމް ހަދާނެ އެއްޗެއް ހަދާކަށް އަހަރެން ނުދާނަން. ގަދަކަމުންނޭ ކިޔާފަ އަދި އެބަ ވާހަކަ ދައްކަ އެއްނު. އުޅެވޭ ގޮތް ވެސް ހަނދާން ނެތިގެންތަ ތިއުޅެނީ. ހަނދާން ނުވަންޏާ އަހަރެން ހަނދާންކޮށްދޭންވީތަ؟ ” ރިޒްނީ ވިޔާމްގެ ކުރިމަތީ ހުއްޓި ބުނެލިއެވެ. ” ތެޅިތެޅި ހޭބަލިވިޔަސް އަހަރެން ކަލޭ ކައިރިއަށް ނުދާނަން. ކަލެއަކީ ޖެހުނުހާ މަލަކުން ފޮނިބޮމުން އުދުހޭ ބަނޅިދަކަށް ވުރެއްވެސް ނުބައި ބަނޅިދެއް ” ރިޒްނީ އެހެން ބުނެލުމުން މަންޒަރު ބަލަން ގޭ ދޮރުމަތީ ހުރި އަނީސާ އައިސް ރިޒްނީގެ މޫނުމަތީ ބޮޑިއެއް އެޅިއެވެ. ” ދެވަނަ ފަހަރު ތި ފާޑަށް ވިޔާމާ ވާހަކަދައްކައިފިއްޔާ މި ގޭގެ ހިޔާވަހި ކަމުގަ ވެސް ނުހުރެވޭނެ ” އަނީސާ ބުނެލިއެވެ. ” މިހާލުގަ އުޅުމަށްވުރެއް ވެސް ތި ގޮތް އަހަރެންނަށް މާރަނގަޅު. އެކަމަކު ގެއިން ވެސް ނެރޭކަށް ނުކެރޭނެ. އަހަރެނަށް އެނގޭ އަހަރެން މިގެއިން ނެރިލުމަށްފަހު މިގޭގަ އެއްވެސް މީހަކަށް ނޫޅެވޭނެކަން ” ވިޔާމާ ދިމާއަށް ބަލާލަމުން ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން ރިޒްނީ ބުނެލިއެވެ.
” ބައްޕަޔަށް ނޭންގުނަސް ވިޔާމަކީ އަހަރެންނަށް އެންމެ ރަނގަޅު މީހާއެއްނޫން. ވިޔާމަކީ އެންމެ ބޭނުމަކަށް ފެންބޮވާފައިވާ މީހެއް. އެ ބޭނުން ފުދިފަ ނުވާތީ އަހަރެން ބަލާ އެއައީ. އެކަމަކު މިއަދު އަހަރެން ނުދާނަން ” ރިޒްނީ ބުނެލިއެވެ. އޭރު މަންޒަރު ބަލަން ނިޔާޒާ ސާހިދު އެގޭގެ އަތިރިމައްޗާވީ ފަރާތުން ފާރު މަތިން ބޯދީގެން ހުއްޓެވެ. ” މީއަދި އަހަރެންގެ އަތުން މަރުވާނެ މީހެއް ” ރިޒްނީގެ އިސްތަށިގަނޑުގަ ހިފާ ބާރުކޮށްލަމުން ރިފްއަތު ބުނެލިއެވެ.
” ދޫކުރޭ!!! ” ނިޔާޒްގެ އަޑަށް އެންމެންނަށް ދޮރާ ދިމާއަށް ބަލާލެވުނެވެ. ” ތީއަޅެ ބަފައެއްތަ؟. ބަފަޔަކު ދަރިއަކަށް ދޭންވާ ލޯތްބާ އޯގާތެރިކަން މިހާ އޯގާތެރިކޮށް ދޭތަން އަދި މިފެނުނީ އަލަށް. ދެން އިތުރަށް އެންމެ ފަހަރަކު ވެސް ތިފަދަ އަމަލެއް ކޮށްފިއްޔާ އޮށްނަންޖެހޭނީ ޖަލުގެ ކުޑަ ގޮޅިގަ. އެވަރު ހަނދާން ބަހައްޓާތި ” ނިޔާޒް ކުރިއަށް ހިނގަމުން ވާހަކަ ދައްކަމުން ދިޔައެވެ. ” އަނެއްކާ ވެސް ފުޅައްމަތިން ފުއްމާލީތަ ” މަލާމާތުގެ ރާގަކަށް އަނީސާ ސުވާލުކޮށްލިއެވެ. ” އަހަރެން ފުޅައްމަތިން ފުއްމާލި ސަބަބު އެގިއްޖެނަމަ މިތާ ނުހުންނާނެ. ފޮށިތަންމަތި ބައްދުކޮށްގެން ހިނގައިދާނެ ” ނިޔާޒް ބުނެލިއެވެ. ” އަހަރެން ކުރިން ދުވަހަކު ވެސް ބުނީމެއްނު ރިޒްނީގެ ކައިވެނި މިހިރަ ފެންނަ ގޮތެއް ނެތް ވިޔާމާ ވިޔަކަ ނުދޭނަމޭ. މިއަދު އަހަރެން މިއައީ އެކަން ކުރަން ވެގެން ” ނިޔާޒް ބުނެލިއެވެ. ” މަޑުކުރޭ. އަދި ކަލޭ ދާކަށް ނުވޭ ” ވިޔާމް އެތަނުން ދާން ހިނގައިގަތުމުން ނިޔާޒް ބުނެލިއެވެ.
” މިކައިވެނި ހުއްޓުވަން ތީކާކު؟ ” ރިފްއަތު ބުނެލިއެވެ. ” އަހަރެންމީ ކޮންމެ މީހަކަށް ވިޔަސް ކައިވެނި ވިޔަ ނުދޭނަން ” ނިޔާޒް ބުނެލިއެވެ. ” އަޖައިބެއް ކަހަލަ ކަމެއްމީ. ކަމާ ގުޅުން ނެތް މީހުން ކިއްވެގެންތަ ދަލުބޭރުން ޖެހޭ ގޮތް މިވަނީ ” ރިފްއަތު ބުނެލިއެވެ. ” މިކަމާ އަހަރެންނާ ގުޅުން ނެތޭ ހީވިޔަސް ފަރުވާލެއް ނެތް. އެކަމަކު މިކަމާ ގުޅުން އޮތް ހިސާބުން ފަށާނަން. ރިޒްނީގެ ކައިވެނި ކުރުވަން ތިއުޅޭ މިހިރަ ފެންނަ ވިޔާމަކީ ކާކުކަން އެނގޭތަ؟. އޭނަގެ އުޅުމާގުޅުން އެނގޭތަ؟. އަދި އޭނަގެ މަގުސަދު އެނގޭތަ؟ ” ނިޔާޒް ސުވާލުތަކެއް ރިފްއަތާ ކުރިއެވެ. ” ކޮންމެހެން ތިހުރިހާ ކަމެއް ބަލާކަށް ބޭނުމެއްނޫން. އެކަމަކު ރިޒްނީގެ ކައިވެނި ވާނީ ވިޔާމާ ” ރިފްއަތު ބުނެލިއެވެ. ” ވިޔާމްގެ ހަގީގަތް ބަލަން ބޭނުން ނުވާތީ އަހަރެން މި ކައިވެނި ވިޔަ ނުދޭނީ. އަހަރެން މިހުރިހާ ދުވަހު އިންތިޒާރު މިކުރަނީ މިކަމަށް. މިއަދު މިވަނީ ވަގުތު ޖެހިފަ. ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ ކައިވެނި ކުރަން އުޅޭ މީހާގެ އަސްލު ސިފަ ރަނގަޅު ވާނީ މަންޒަރާއެކު ބަލާލީމާ ” މިހެން ބުނެ ނިޔާޒް ސާހިދާ ދިމާއަށް އަތް ދިއްކޮށްލުމުން ސާހިދު އޭނާގެ ފޯން ނިޔާޒްގެ އަތަށް ލިއެވެ. އަދި ވިޔާމްގެ މައުސޫމް ކަމުގެ ފަހަތުގައި ސިއްރުވެފަވާ މަންޒަރުތައް ނިޔާޒް ލޯޑްކޮށްލާ، ފޯންގެ ފުލް ސްކްރީން ވާތަށް ސެޓްކޮށްލުމަށްފަހު ރިފްއަތާ ދިމާއަށް ފޯން ދިއްކޮށްލިއެވެ. އޭރު ވިޔާމް ހުރީ އިސްދަށަށް ޖަހާލައިގެންނެވެ. ދިފާއުގައި ދައްކާނެ ވާހަކައެއް ނެތުމުންނެވެ.
ފެންނަމުން ދިޔަ މަންޒަރުތަކުން ރިފްއަތުގެ ދެލޯ ބޮޑުވަމުން ދިޔައެވެ. އަދި ދެއަތް ބާރަށް މުއްކަވާލިއެވެ. ” އަދި ވެސް ބުނާނެދޯ ރިޒްނީގެ ކައިވެނި ކުރަން އެންމެ ހައްގުކަން ބޮޑީ މިފެންވަރުގެ މީހަކާއޭ ” ވީޑިއޯ ނިމުމުން ފޯން ސާހިދަށް ދިއްކޮށްލަމުން ނިޔާޒް ބުނެލިއެވެ. ” އަހަރެން ގަބޫލެއް ނުކުރާނަން. ތީ ވިޔާމް ބަދުނާމުކޮށް މި ކައިވެނި ވިޔަނުދީ އަހަރެންނާ ގާސިމާ ޖައްސަންވެގެން ކޮށްފައޮތް ކަމެއް ” ރިފްއަތު ބުނެލިއެވެ. ” އެނގޭ ތިހެންކަން ބުނާނީ. އެކަމަކު އެއީ ތިއިން އެއްވެސް ކަމެއް ކުރަން މީހަކު ކޮށްފަ އޮތް ކަމެއްނޫން. އެއީ ހަމަ ވިޔާމް. އޭނާގެ އުޅުމަކީ އެއީ. ފެށުނީއްސުރެއް ވެސް ދަރި ދޮންފުތު ކުރުމުގެ ނަތީޖާއަކީ މިއީ. ވިޔާމްގެ ބައްޕައަށް ވެސް ވިޔާމްގެ ކުށެއް މިހާތަނަކަށް ފެނިފައެއް ނުވޭ. މިއަދު އޭނަގެ ކުށެއްނެތް ކަމަށް ތި ގަބޫލް ކުރަނީ. ދެން އެ ވީޑިއޯ ގަބޫލު ނުކުރަންޏާ ޔަގީނުންވެސް މީ ގަބޫލް ކުރާނެ އެއްޗެއް ” ލައިގެން ހުރި ޖިންސްގެ ފަހަތު ޖީބުގައި ފަތްޖަހާފަ އޮތް ރަޖިސްޓްރީ ހުޅުވާ ރިފްއަތަށް ދައްކާލިއެވެ. ” މިގެއަކީ ގާސިމްގެ މިލްކިއްޔާތެއް. މި ރަޖިސްޓްރީގަ ވާގޮތުން މިގެޔާ މިގޭގަވާ އެންމެހާ ސާމާނަކީ ގާސިމްގެ މިލްކެއް. ވިޔާމް ރިޒްނީ އެކަނި ގެންދިޔަ ފުރަތަމަ ދުވަހުން ވެސް ވަނީ މިގޭގެ ވާހަކަ ބުނެފަ. އެދުވަހު އަހަރެން ރިޒްނި ލައްވާ ބަލަން ބޭނުންވީ އެދުވަހު ވިޔާމް ދެއްކީ ތެދު ވާހަކައެއްތޯ. އެންމެފަހުން ކަންވީ ވެސް ހަމަ ވިޔާމް ބުނިގޮތަށް. އެހެންވީމާ ރިޒްނީ މިގޭގެ ހިޔާ ވަހިކަމުން ދުރަށް ލެވޭ ދުވަހަކީ ބާކީ ތިބި މީހުންވެސް މިގެއިން ނިކުންނަން ޖެހޭނެ ދުވަސް ” ނިޔާޒް ތަފްސީލްކޮށް ކިޔާދިނެވެ. ” ތި ވެސްތީ އޮޅުވާލުމެއް. މިގެއަކީ އަހަރެންގެ ގެ އެއް. މިގޭގެ މައްޗަށް ބާރު ފޯރުވޭނެ އެއްވެސް މީހަކު ނުހުންނާނެ ” ރިފްއަތު މިހެން ބުނެލުމުން ވިޔާމް ރިފްއަތަށް ބަލާލިއެވެ. ” މި ގޭގެ މިލްކުވެރި ފަރާތަކީ އެހެން މިހެއް. އާނ!! މިގެއަކީ ރަހުމަތްތެރިކަމުގަ ދީފާހުރި ގެއެއް. އެކަމަކު މިލްކުވެރިކަން ހަވާލެއް ނުކުރޭ. ގެއާއެކު ދީފަވާ ރަޖިސްޓްރީއަކީ މީ. މީ ބަދަލު ކުރެވޭނެ އެއްޗެއްނޫން. ވިޔާމް ބުނެފަ އޮތީ އޭނަ ބުނާ ގޮތަކަށް ކަންތައް ނުކޮށްފިއްޏާ ގެއިން ނެރެ މަގުމަތިކޮށްލާނެ ކަމަށް. އެކަމަކު އަހަރެން ބުނެލަން އޮތީ ވިޔާމަށް އެހެން ވެސް ނުވާނޭ. ރިޒްނީގެ ކައިވެނި ވިޔަނުދިނީމާ ގެ އަތުލެވިދާނެ. އެކަމަކު ވަންނާނެތަނެއްނެތި މަގުމަތި ކޮށްނުލެވޭނެ ” ނިޔާޒް ބުނެލިއެވެ.
” މިހިރަ މީހާ އެކިޔަނީ ހެޔޮ އެއްޗެއްތަ؟. މިގެއަކީ ގާސިމްގެ މިލްކިއްޔާތެއްތަ؟ ބުނެބަލަ!! ” ރިފްއަތު ވިޔާމްގެ ކުރިމައްޗަށް ހުއްޓި ވިޔާމްގެ ދެކޮޑުގައި ހިފާ ސުވާލުކޮށްލިއެވެ. ނަމަވެސް ވިޔާމް އެއްޗެއް ނުބުނެ އިސްދަށަށް ޖަހާލިއެވެ. ” ބުނެބަލަ. އެކިޔަނީ ތެދެއްތަ؟ ގެއަކީ ގާސިމްގެ މިލްކެއްތަ؟ އެ ވީޑިއޯގަ އެވަނީ ވިޔާމްތަ؟ ބުނެބަލަ ” ވިޔާމް އިސްދަށަށް ޖަހާލުމުން ދެކޮޑުގައި ހިފާ ވިޔާމް ދުރަށް ކޮށްޕާލަމުން އަނެއްކާ ވެސް ރިފްއަތު ސުވާލު ތަކުރާރު ކުރިއެވެ. ” ތި ހިމޭންކަން އެދެއްކި ހުރިހާ ވާހަކަޔަކަށް ހެކިދޭ. އަހަރެން ހީވެސް ނުކުރަން ތީ ތިހާ ވަރުގެ މީހެއްކަމަކަށް. އަހަރެންނަށް އަހަރެންގެ ދިރިއުޅުން އަމިއްލަ އަތުން މިހަލާކު ކޮށްލެވުނީ ” ރިފްއަތަށް ރޮވޭގޮތްވިއެވެ. ” ބައްޕާ. އަދި ވަގުތު ފާއިތެއް ނުވޭ ” ރިޒްނީ ރިފްއަތުގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ” ބައްޕައަށް މާފުކުރޭ. ބައްޕައަށް ވީ ކިހިނެއްކަމެއް ވެސް ނޭންގެ. ދަރިފުޅުގެ ދިރިއުޅުން ބައްޕައަށް ހަލާކުކޮށްލެވުނީ. މިހުރިހާ ދުވަހު ބައްޕަ ދަރިފުޅަށް އަނިޔާ ކުރަމުން މިދިޔައީ ދަރިފުޅުގެ އެއްވެސް ވާހަކައެއް ބައްޕަ އަޑު އެހުމެއްނެތި. ދަރިފުޅުގެ އުފާތަކަކީ ކޮބައިތޯ ބަލާލުމެއްނެތި. އަހަރެންމީ ބައްޕައެކޭ ބުނާފަދަ ފެންވަރެއް ހުރި މީހެއްނޫން. ބައްޕައަށް މާފްކުރޭ ” ރިފްއަތުއަށް ރޮވުނެވެ. އޭރު ނިޔާޒްގެ ލޮލަށް ވެސް ކަރުނަ ޖަމާވިއެވެ. ކަމުގެ ހަގީގަތް އެގުމުން ކޮށްފައިވާ އަސަރުފެނި ރިފްއަތުގެ ގައިގަ ބައްދާލަން ވެސް ނިޔާޒްގެ ހިތް ބުނަމުން ދިޔައެވެ. ނަމަވެސް އަދި ވެސް ނިޔާޒްގެ ހަގީގަތް ރިފްއަތަށް ވަނީ ސިއްރުވެފައެވެ. ” ހަމަ މިހާރު ކަލޭ މިތަނުން ދާންއުޅޭ. ރިޒްނީގެ ކައިވެނި ކަލެއާ ކުރުވަން ވެގެން އަހަރެންނަށް ކުރެވުނު ފާފަ ދެވަނަ ފަހަރަށް ނުކުރާނަން. ރިޒްނީގެ ކައިވެނި ވިޔާމަކާ ނުވާނެ. ދާން އުޅޭ މިތަނުން ” ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލުމަށްފަހު ވިޔާމާ މުހާތަބްކޮށް ރުޅިވެރިކަމާއެކު ރިފްއަތު ބުނެލިއެވެ.
” ޑޭޑް ” ދޮރާ ދިމާއަށް ހިނގަމުން ދިޔަ ވިޔާމަށް ގާސިމް ފެނުމުން ބުނެލެވުނެވެ. ” ރިޒްނީގެ ކައިވެނި ވިޔާމާ ނުވަންޏާ ގޭގެ ރަޖިސްޓްރީގައިވާ ގޮތަށް ގެ ވެސް ހުސްކޮށްލާ ” ދޮރާ ދިމާލުން އިވުނު ގާސިމްގެ އަޑުން އެންމެނަށް ސިހުން ގެނުވިއެވެ. ” މިހުރިހާ ދުވަހު މިކަން ގާސިމް އަހަރެނަށް ސިއްރުކޮށްފަ އޮތީ ކީއްވެ ” ގާސިމް ފެނުމުން ރިފްއަތު ގާސިމްގެ ކުރިމަތީ ހުއްޓި ހުރެ ސުވާލުކޮށްލިއެވެ. ” އަހަރެން ގޭގެ ރަޖިސްޓްރީ ވެސް ދީފާ މިގޭގަ އުޅެން ބުނީ ރިފްއަތުގެ ވަންނާނެ ތަނެއްވެސް އޭރުގަ ނެތީމާ . އެކަމަކު ރަޖިސްޓްރީ ނުބެލުން އެއީ އަހަރެން ކުރާނެ ކަމެއް ނޫނެއްނު ” ގާސިމް ބުނެލިއެވެ. ” އެދުވަހު އަހަރެންގާތުގަ ބުނީ ރަހުމަތްތެރިކަމުގެ ހަދިޔާ އެކޭމީ ” ރިފްއަތު ބުނެލިއެވެ. ” އާނ. މިއަދާ ހަމަޔަށް ވެސް އެކަން އޮތީ އެހެން. އަހަރެން ވިސްނާފަ އޮތީ މި ރަހުމަތްތެރި ކަމުގެ ގުޅުން އާއިލީ ގުޅުމަކަށް ބަލުކޮށް ވަރުގަދަ ވެއްޖެނަމަ އަދި މާރަނގަޅު ވާނޭ. އެކަމަކު މިއަދު ކައިވެނި ވެސް ނުކުރުވާނެ ކަމަށް ތިބުނީ ” ގާސިމް ބުންޏެވެ. ” އާނ. އަހަރެންގެ ލޮލުގެ މައްސަލައަކުން ރިޒްނީ ދައްކަމުން ދިޔަ މަންޒަރު ނުފެނުނީ. އަދި ރިޒްނީ ދައްކަމުން ދިޔަ ވާހަކަ އަޑު ނީވުނީ ތިބުނާހެން ގުޅުން ވަރުގަދަ ކުރަން ކުރެވުނު އުންމީދެއްގެ އަޑު ގަދަވުމުގެ ސަބަބުން. އެކަމަކު މިއަދު އަހަރެންނަށް ކަމުގެ ހަގީގަތް އެގިއްޖެ. ރިޒްނީ ކައިވެނި ކުރާނީ ރިޒްނި ދެކެ ލޯބިވާ، އިޒްޒަތާ އަބުރުގެ އަގު އެއީ ހުރި އެއްޗެއްކަން ވިސްނޭ ވަރުގެ މީހަކާ. އަދި އާވާރާ ވެގެން ޖެހުނު ހުރިހާ ދިމާލަކަށް ހެޔޮވަރު ނުވާވަރުގެ ހެޔޮލަފާ މީހަކާ. އަހަރެން އުންމީދު ކުރިފަދަ މީހަކަށް ވިޔާމް ނުވުން އެއީ އަހަރެންގެ މިނިންމުމުގެ ސަބަބުން މިގެ ހުސްކުރަން ޖެހޭ ވަރުގެ ކަމެއްނަމަ އެކަން ވެސް އަހަރެން ކުރަން ތައްޔާރަށް މިހުރީ. އެކަމަކު ވިޔާމްގެ ކައިވެނި ރިޒްނީއަކާ ނުވާނެ ” ރިފްއަތު ކެރިގެން ބުނެލިއެވެ. ރިފްއަތުގެ ޖަވާބު އަޑު އެހުމަށްފަހު ގާސިމް ވިޔާމް ގޮވައިގެން އެތަނުން ދިޔައެވެ.
” ތިކޮށްދިން ހެޔޮކަން ދުވަހަކު ވެސް ހަނދާން ނައްތާނުލާނަން. މިއަދު ތި ސަލާމަތް ކޮށްދިނީ ރިޒްނީގެ ދިރިއުޅުން. އެކަމަކު މިއަދު އަހަރެންނަށް ވިސްނާނުލެވުމުން މިވަނީ މަގުމަތި ވެފަ. ވަންނާނެ ހިޔާވަހި ކަމެއް ނެތިފަ. އެދުވަހު ރިޒްނީ ދައްކަމުން ދިޔަ ވާހަކަ އަޑު އެހިނަމަ މިހާލުގަ ނުޖެހުނީސް ކަންނޭންގެ ” ރިފްއަތު ނިޔާޒްގެ ކުރިމަތީ ހުރެގެން ވާހަކަ ދައްކަމުން ދިޔައެވެ. ނިޔާޒް އެވާހަކަތައް އަޑު އަހަމުން ދިޔައީ ހިތްދަތި ކަމާއެކުއެވެ. ” ރަހުމަތްތެރި ކަމުގަވެސް އަހަރެންނަށް މިލިބުނީ ކެހި. އެހީއަކަށް އެދި އަހަރެން ދާނި ވެސް ކާކު ގާތަށް. މިއަދު އަހަރެން އެކަނި ވެއްޖެ. ބިކަ ވެއްޖެ ” ގެއާދިމާއަށް ބަލާލަމުން ރިފްއަތުގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. ” އަދި އަހަރެމެން އެކަނި އެއްނުވޭ. އެދުވަހު އެހެން ކައްތައް ބައްޕައަށް ކުރެވުނީ ބައްޕަގެ ދުވަސްވީ ރަހުމަތްތެރިޔާގެ ހަގީގަތް ހާމަވާން ކަންނޭންގެ އެއްނު ” ރިޒްނީ ބުނެލިއެވެ. ” ހިނގާ ދާން އަނީސާ. މީ މިއަދަށް މިންވަރުގާ ހުރި ގޮތް ” ރިފްއަތު އަނިސާއަށް މުހާތަބްކޮށް ވާހަކަ ދެއްކިއެވެ.
8 Comments!
Comments are closed.
Mi part ves v nice den konirakn aney part up kon deeny thanks xiroo
When next part? Story varah varah varah reethi. ??❤️ Dhen Niyaaz eiy kaakukan rihfath kairy bunan ulhega dear. Btw story Hama awesome ??? luv you??
Thankolhei avahah up kohdhyba next part
Alhey dhn knirakun thrr nxt part…..thankolheh avahah up kohbaaa plxxx….
varah avahah next part up kuraanan… dhevvi hiyaalah shukuriya HAJJA, KUDOO, LILU
No my name???
SORRY……… Varah avahah next Part up kuraanna.. RAIFA 🙂
Waiting for next part