2000 ވަނަ އަހަރުގެ ޑިސެމްބަރު 1 ވަނަ ދުވަހެވެ. އޮފީހުގެ މުވައްޒަފުން ރާވަމުން ދިޔައީ އަންނަ ހަފްތާ ބަންދުގައި ދަތުރެއް ދިޔުމަށެވެ. ދަތުރުގެ އިންތިޒާމް ކޮށް ރޭވުމުގައި އެންމެ އިސްކޮށް ހުރީ އާކިލްއެވެ. އެކަހަލަ ކަންކަމުގައި އެންމެ އިސްކޮށް އުޅޭ މުވައްޒަފަކީ އެއީއެވެ. ކޮންމެ ހަފްތާ ބަންދަކު މިކަހަލަ ކޮންމެވެސް ކަމެއް ކުރުމަށް ރާވައެވެ. ނަމަވެސް ހުރިހާ ކަމެއް ރާވާ ނިމޭއިރު ދަތުރު ދާނެ މީހުން ހަމަ ނުވެގެން ރޭވި ހުރިހާކަމެއް ނިމެނީ ފެނަށް ވެގެންނެވެ.. ޗަންދާ ނަގައިގެން ކުރާކަމަކަށް ވާތީ ކަމަކަށްވެސް ވެދާނެއެވެ. ލިބޭ އެއްޗަކުން ދެކޮޅު ނުޖެހިގެން އުޅޭ އިރު ކޮންމެ ހަފްތާ ބަންދަކު ދަތުރުތަކަށް ހަރަދު ކުރާނެ ރުފިޔާ ހުންނާނެ ހެއްޔެވެ؟

“މިފަހަރު ނުވާނެ އެކަކުވެސް ފަނި ހަދައިގެންނެއް.. އަދި އިއްޔެ މުސާރަ އެލިބުނީ.. އެންމެން ދަންޔާ މީހަކު އަތުން މާ ބޮޑު އެއްޗެއްވެސް ނުދާނެ.. ” ހުރިހާ މުވައްޒަފުންނަށް އިވޭ ވަރަށް އާކިލް ބުންޏެވެ.
” އާކިލް ކުރާނެ ހަރަދެއް ނެތަސް އަހަރެމެން ހާދަ ހަރަދެެއް ކުރަންޖެހޭ..” ތަންކޮޅެއް ދުރުގައި އިން އާސިފް އާކިލް އަށް ރައްދު ދިނެވެ. އޭރު ބޮސްވެސް އޮފީސްތެރެއަށް ވަދެގެން އަންނަނީއެވެ. އެންމެން ދައްކަމުން ދިޔަ ވާހަކަތައް ބޮސް ފެނުމާއެކު ހުއްޓާލައިފިއެވެ. ތިނޯހެއް ވެއްޓުނަސް އަޑުއިވޭ ވަރަށް މާހައަލު ހަމަހިމޭން ވެއްޖެއެވެ.
އޮފީހުގެ ބޮސް ސައީދު ދެކެ އެންމެންވެސް ޖެހިލުންވެއެވެ. ރުންކުރު ހަރުކަށި ގޮތެއް ހުންނާތީއެވެ. ހަވާލު ކުރާ މަސައްކަތްތައް ވަގުތައް ނިންމުމަށް ސައީދު ވަރަށް ބާރު އަޅައެވެ. ބޭކާރު ވާހަކަތައް ދެެއްކުމުގައި ވަގުތު ބޭކާރުނުކުރުމަށް މުވައްޒަފުންނަށް އެތައް ފަހަރަކު އަންގައިފިއެވެ. ވެރިޔަކު ވެއްޖެއްޔާ މި ސިފަތަކަކީވެސް ހުންނަން ޖެހޭނެ ސިފަތަކެކެވެ. އޮފީހުގެ މަސައްކަތްތައް އެހާ ބަރާބަރަށް ކުރިޔަށް ދަނީ ސައީދުގެ ހިތްވަރުންނެވެ. މިހާތަނަކަށް އޭނާ މުވައްޒަފުންގެ މުސާރައިން ޒައްރެއްގެ މިންވަރުވެސް އުންޏެއް ނުކެރެއެވެ. އޮފީހަށް ވަން އެއްވެސް މުވައްޒަފަކު މިހާތަނަކަށް ވަކިވެސް ކުރެވިފައެއް ނެތެވެ. އޮފީހަށް ފުރަތަމަ ވަންނަ ދުވަހުންފެށިގެން މަސައްކަތަށް އަހުލުވެރި ކުރުވުމަކީ ސައީދު އެންމެ އިސްކަންދޭ ކަމެވެ. ނަމަވެސް މުވައްޒަފުންގެ ޝަކުވާއަކީ އަބަދު މަސައްކަތް ކުރަންޖެހޭތީއެވެ. އެހެން އޮފީސްތަކުގައި އޮންނަހެން ދަތުރުދިޔުމެއް ނުވަތަ ކުޅިވަރެއް ކުޅެލުމެއްވެސް ނޯންނާތީއެވެ.
1.30 ގައި ހުރިހާ މުވައްޒަފުން މީޓިންގ ރޫމަށް އައުމަށް އެދިފައި ސައީދު ދިޔައީ އެވެ. ކޮންމެ މީހަކުވެސް އަނެއްމީހާ މޫނަށް ބަލާލަނީ ސުވާލުގެ ނަޒަރަކުންނެވެ. އެންމެންގެ ސިކުނޑީގައިވެސް އުފެދެމުންދިޔަައީ ސުވާލުތަކެކެވެ. މިހާ ކުއްލިއަކަށް މިގޮތަށް ސައީދު މުވައްޒަފުންނާ ބައްދަލުކުރާ މިއީ ފުރަތަމަ ފަހަރެވެ. ކީއްވެގެން ބާއެވެ؟ އެންމެން ވެސް އެމީހަކަށް ހަވާލުކުރެވިފައިވާ މަސައްކަތްތައް ނިންމިފައި ހުރިތޯ ބަލާ ޗެކުކުރަން ފަށައިފިއެވެ. ވެދާނެއެވެ. މިއަދު އެއުޅެނީ މަސައްކަތްތައް ނިމުނުތޯ ބަލާށެވެ.

ގަޑިން 1.30 ވެއްޖެއެވެ. ހުރިހާ މުވައްޒަފުން ތިބީ މީޓިންގ ރޫމްގައެވެ. އެންމެންވެސް ތިބީ ބައްދަލުވުން މިހާ ކުއްލިގޮތަކަށް ބޭއްވަންޖެހުނު ސަބަބު އެގެން ބޭނުންވެފައެވެ. މާ ގިނަ އިރު ތަކެއް ނުވެ ސައީދު އައިސް ވަދެއްޖެއެވެ.
” މިއަދު މި ބައްދަލު ކޮށްލީ ވަރަށް މުހިއްމު ކަމަކު” ސައީދު ގޮޑީގައި އިށީދެ ހަމަޖެހިލަމުން ބުންޏެވެ.
” އަޅުގަނޑަށް އެނގޭ މި އޮފީހުގައި މިތިބި މުވައްޒަފުންނަކީ ވަރަށް ހީވާގި ބައެއްކަން. މުވައްޒަފުން އަބަދު މަސައްކަތުގައި ބައިތިއްބާކަށް އަޅުގަނޑުވެސް ބޭނުމެއް ނޫން. އެހެންވީމަ އަންނަ ހަފްތާ ބަންދުގައި ދަތުރެއް ދިޔުން ކިހިނެތް ވާނެ ކަމަށް ފެންނަނީ.. ދަތުރުގެ ހުރިހާ ހަރެދެއް ކުރާނީ އޮފީހުން” ސައީދު މުވައްޒަފުންގެ ހިޔާލަކަށް އެދުނެވެ.
މިހާރު ދަތުރުދާން ބޭނުންނުވާ އެކަކުވެސް ނެތެވެ. އެންމެ ބާރަށް އަޑުވީއްލާފައި ވަރަށް ރަގަޅުކަމެކޭ ބުނީ މިއޮތް ހުރިހާ ދުވަހު ދަތުރު ދާން ދެކޮޅުހެދި އާސިފެވެ. އޮފީހުން ދަތުރުގެ ހުރިހާ ހަރަދެއް ކުރާތީވެސް ތޯއްޗެކެވެ.
*********

ހުރިހާ މުވައްޒަފުން ދަތުރުދިޔުމަށް ތައްޔާރުވަމުން ދިޔައެވެ. ދަތުރުގެ ހުރިހާކަމަކާއި ހަވާލުވީ އާސިފެވެ. އާކިލްވެސް އެހެން މުވައްޒަފުންނެކޭ އެއް ފަދައިން ދަތުރަށް ތައްޔާރުވަމުން ދިޔައެވެ.

” މިދަތުރުގަ ވާނެ ވަރަށް ފޯރިގަދަ ކޮށްލަން ދޯ” އާރިފް އާކިލް އާ ދިމާ އަށް ހުސް ފުޅިއެއް އެއްލަމުން ބުންޏެވެ. އާކިލް ފުޅި ހިފަން މަސައްކަތް ކުރިނަމަވެސް ފުޅި ގޮސް ޖެހުނީ އާކިލްގެ ކަކުލުގައެވެ. ނަސީބަކުން ތަޅުން މައްޗަށް ވެއްޓި ފުޅި ތަޅައިގެންނެއްވެސް ނުދިޔައެވެ.

” އައްދިއްޔޯއި… މި ފުޅި މަގޭ ބޮލުގައި ޖެހުނު ނަމަޔޯ” އާކިލް ހަގީގަތުގައިވެސް ތަދުވެއްޖެއެވެ.

” ހެހެހެ… މަށަށް އެނގޭ އާކިލްގެ ބޮލުގައި ޖެހިފައި ފުޅިކަން ތަޅައިގެންދާނީ.. ތި ބޮލަކަށް ގޮތެއް ނުވާނެކަން..” އާރިފް އަކީ ސަމާސާ ކުރުމުގައި އޮފީހުގައި އެއްވަނައެވެ. އަދި އެއީ އާކިލްގެ އެންމެ ގާތް އެކުވެރިޔާވެސްމެއެވެ.

” ތިޔެއް އެގޭނީ ބޮލުގަ ޖެހުނުނަމަ….” އާކިލް އިނީ ފޯނުން “ސްނޭކް” ގޭމް ކުޅޭށެވެ. އޭރަކީ ސްމާޓް ފޯނުތަކުގެ ޒަމާނެއް ނޫނެވެ. އެއީ ދިރާގުން މޯބައިލް ފޯނު އަލަށް ތައާރަފް ކުރެވުނު ދުވަސްވަރެވެ. މޯބައިލް ފޯނުތަކަށް ހަމައެކަނި ހިދުމަތް ލިބެނީވެސް މާލޭގައެވެ. ފޯނަށް ލައްވާ ސިމަކީވެސް ކޮންމެ ކޮންމެ މީހަކަށް ގަނެވޭ ފެންވަރުގެ އެއްޗެއްް ނޫނެވެ.

” ތި ފޯނުން ކޮންބޭނުމެެއްތަ ކުރެވެނީ.. އަދިވެސް ރާއްޖެތެރޭ ރަށްރަށަކަށް މޯބައިލް ފޯނުގެ ހިދުމަތެއް ނުލިބޭ. މަ މިހުންނަނީ ރާއްޖެތެރެއަށް ތި ހިދުމަތް ތައާރަފް ވަންދެން ފޯނެއް ނުގަނެ..” އާރިފް އިނީ އާކިލް ގޭމް ކުޅޭތަން ބަލާށެވެ.
” ތި ފޯނު ބޭނުން ކޮށްގެން ބިޓެއް ސެޓުވޭތޯ ބަލާބަލަ ގޭމު ނުކުޅެ” އާރިފް ސަމާސާ ރާގެއްގަ ބުންޏެވެ.
ސަމާސާ އަކަށް ބުނިނަމަވެސް އާކިލް މާ ގަޔާވާ ކަހަލަ މައުޟޫ އަކަށް ވީ ތޯއްޗެކެވެ. ގޭމުކުޅުން ހުއްޓާލާފައި އާރިފް އާއި ދިމާއަށް އެބުރުނެވެ.
” މަ ބިޓެއް ބޭނުންވަނީ ރާއްޖެތެރޭ ރަށަކުން މޯބައިލް ފޯނުގެ ހިދުމަތް ލިބޭނެ ދުވަހަކަށް މިހުންނަނީ” އާކިލްވެސް އާރިފް ބުނި ރާގުގައި ބުންޏެވެ.

” މަ ދީފާނަން ވަރަށް މޮޅު ހިޔާލެއް” އާރިފް އަޅައިގެން އިން އައިނު ރަގަޅުކޮށްލަމުން އާކިލް އަތުގައި އޮތް ފުޅި އަތުލައިގެން ބަލަން ފެށިއެވެ.
އާރިފް އުޅޭ ގޮތުން ނުހޭން އިނަސް އާކިލްއަށް ހިނިއާދެވެއެވެ.

” މި ފުޅި ބޭނުން ކޮށްގެން ކުރެވިދާނެ ވަރަށް މޮޅުކަމެއް” އާރިފް ފުޅީގެ މަތި ހުޅުވަމުން ބުންޏެވެ.

” ހޫމް ކިޔާބަލަ” އާކިލްވެސް އިނީ އާރިފް އެ ދޭން އުޅޭ ‘މޮޅު’ ހިޔާލު އަޑު އަަހާށެވެ.

” ހިނގާބަލަ ދަތުރު ދާ ދުވަހު ދަތުރުމަތީގައި މި ފުޅިއަށް ނޯޓު ކޮޅެއް ލާފައި ކަނޑަށް ދޫކޮށްލަން… ކޮންމެވެސް މީހަކަށް މި ފުޅި ލިބިގެން އާކިލް ހޯދަން އުޅޭނެއެންނުން.. ހަމަ އަންހެން ކުއްޖަކަށްވެސް ފުޅި ލިބިދާނެއެންނުން” އާރިފްގެ ހިޔާލު އާކިލްއަށް މާ ކަމުހިގައްޖެއެވެ.

” ތީ ވަރަށް މޮޅުކަމެއް.. ތިކަންވާނެ ކުރަން” އާކިލް ފުޅިއަށްލާނެ ނޯޓުކޮޅެއް ލިޔަންފަށަައިފިއެވެ. އާކިލްގެ ނަމެއް އުޅޭ ރަށެއް އެޑްރެހެއް ނުޖަހާ ލިޔުނު އެ ނޯޓުކޮޅުގައި އާކިލް އާ ބެހޭ ހަމައެކަނި މައުލޫމާތަކަށް އޭނާ ލިޔުނީ އޭނާގެ ފޯނު ނަންބަރެވެ. ކަރުދާސް ކޮޅު ފުޅީގެ ތެރެއަށް ލުމުން ފުޅިއަށް ފެން ނުވަންނާނެހެން  އާރިފް ފުޅީގެ މަތި ރަގަޅަށް ބާރުކޮށްލިއެވެ.
********

ހޮނިހިރު ދުވަހެވެ. ފަތިހު 5 ޖެހި އިރު އެންމެން ތިބީ ދަތުރު ދިޔުމަށް ދޯންޏަށް އަރައެވެ. ދަތުރު ދިޔުމަށް ހަމަޖެހިފައިވަނީ ދިއްފުށްޓަށެވެ. ދަތުރުގެ މެދަކާ ހިސާބުން އާކިލް ފުޅި ނަގައިފިއެވެ. ފުޅި ކަނޑަށް ދޫކޮށްލުމަށް ފަހު ފުޅި ލޯމަތިން ގެއްލެންދެން ބަލަހައްޓައިގެން އިނެވެ. އާރިފް ހުރީ ހެވިފައި އާކިލްއާ ދިމާއަށް ބަލަހައްޓައިގެން ނެވެ. މާ ގިނަ އިރުތަކެއް ނުވެ ދިއްފުށްޓަށް އާދެވިއްޖެއެވެ.ރަށަށް ފޭބުމާއެކު ކުޅިވަރުތައް ފެށިއްޖެއެވެ. އެއްބަޔަކު ދަބަސް ތަކުން ބޯޅަތަކާއި ކުޅިވަރު ކުޅޭ އެހެނިހެން ސާމާނު ތައް ހޯދަނީއެވެ. ައަނެއް ބަޔަކު ހެދުނުގެ ސައިތައްޔާރު ކުރަމުންދާއިރު ދޯނިން ފޭބި ގޮތައް މޫދަށް އެރުނު މީހުންވެސް މަދެއް ނޫނެވެ.
ކުޅިވަރާއި މަޖަލުގައި ވަގުތުތައް ހޭދަވަމުންދާގޮތްވެސް ނޭގެއެވެ.

އެހެންނަމަވެސް އާކިލް ދޭތެރެ އަކުން ފުޅީގެ ވާހަކަ އާރިފް ގާތުގައި ދައްކައެވެ.
” ކިހާ ދުވަހެއް ވާނެބާ އެ ފުޅި މީހަކަށް ލިބެން “އާކިލް ނޫޑްލުސް ސަމްސަލެއް އަނގަޔަށް ލަމުން އާރިފް ކައިރިޔަށް ޖެހިލިއެވެ.
” ހެހެހެ…ޕިސް.. މާ މޮޅު ކަމެއް ކުރެވިގެން މިހާރު ދެން އަބަދު އެ ހިޔާލުގަ ދޯ.. ” އާރިފް ގާތަށް އައީ ހިންޏެވެ. އޭނާ މި ހިޔާލު އާކިލް އަށް ދިނީ އާކިލް އަށް މިވަރު ވާނެ ކަމަކަށެއް ނޫނެވެ.
” ފަހަރެއްގަ ހަމަ ހަފްތާ އެްއް ނޫނީ މަހެއް ވަރުވެސް ވެދާނެ.. ހަމަ ފަހަރެއްގަ ފަސް އަހަރުވަރުވެސް ވެދާނެ.. އާކިލް މަރުވާ ފަހުންވެސް މީހަކަށް ތި ފުޅި ފެނިދާނެ.. “އާރިފް ތަޖުރިބާކާރެއްހެން ހުރިހާ ވާހަކައެއް ފައްޗަކަށް އަމުނާލިއެވެ.

” ދެން ވާގޮތެއް އެގިދާނެތާ.. މަށަށް ހީވަނީ ވަރަށް އަވަހަށް މަށަށް މީހަކު ގުޅާނެހެން ފުޅި ހޮވާގެން…” އާކިލް ކޭ ތަށި ކުނިއަޅަން ބަހައްޓާފައި ހުރި ފޮށިގަނޑަށް ލާފައި ދިޔައީ މޫދަށެވެ.

******

ާައާކިލް އަކީ އިދުރީހަށާއި އައިމިނައަށް ލިބިފައިވާ ހަމަ އެކަނި ދަރިފުޅެވެ. އިދުރީހަކީ ލިބޭ އެއްޗަކުން ދެކޮޅުޖެހިގެން އުޅޭ މާލޭގައި ގެދޮރު ހުރި މެދުފަންތީގެ މީހެކެވެ. ދެމަފިރިން އުޅެމުން އައީ ވަރަށް ލޯބިންނެވެ.އެއީ އެހެންމީހުންނަށް މިސާލެކެވެ. ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތައް ބޭރުތެރެއަކަށް ނީއްވައެވެ. ދެމީހުންގެ އިތުބާރު ގެއްލޭ ފަދަ އެއްވެސް ކަމެއް ނުހިގައެވެ.ނަމަވެސް ދެމަފިރިން އެކުގައި ބިނާ ކުރަމުން އުސްކުރަމުުން އައި ގަނޑުވަރު ވެއްޓުނީ ކައިވެންޏަށް 5 އަހަރުވީ ފަހުންނެވެ. ފެންދެމުން ހައްދަމުން ދިޔަ ބަގީޗާގައި މަލެއްވެސް ފޮޅުނުފަހުންނެވެ. ނުރައްކާތެރި ކެންސަރުބަލީގެ ޝިކާރައަކަށް އައިމިނަވީ ނުވެސް އެގި ހުއްޓައެވެ. އައިމިނަ ނިޔާވީ ދަރިފުޅުގެ އުމުރުން 3 އަހަރުވެސް ނުވަނީހެވެ

. ހިތާއި ދެކޮޅަށް ނަމަވެސް އިދުރީހަށް ޖެހުނީ އާކިލް އަށް ދޮންމަންމަ އެއް ހޯދައިދޭށެވެ. ދިރިއުޅުމަށް މަސައްކަތް ކުރަމުން ދަރިއަށް އަޅާލާނެ ވަގުތު ނުވާތީއެވެ. އާކިލް ބަލާދޭނެ އެއްބަނޑު މީހެއް ތިމާގެ މީހެއްވެސް ނެތީމައެވެ. އެހެންމީހުންނާއި ހިލާފަށް އާކިލް އަށް ހޯދައިދެވުނު ދޮންމަންމަ ދޮން ނިޔަންދުރަކަށް ނުވިއެވެ. އާކިލް އޭނާގެ ބަނޑުން އުފަންނުވާކަމެވެ. ހުރިހާކަމެއްވެސް ކޮށްދެނީ އެއްވެސް ޝަކުވާއެއް ނެތިއެވެ. މަންމައެއްގެ ފަރާތުން ކޮށްދޭންޖެހޭ އެއްވެސް ކަމެއް އުންޏެއް ނުކުރެއެވެ. ސަބަބަކީ ދޮންމަންމައަށް ދަރިން ނުލިބުން ކަމަށްވެސް ވެދާނެއެވެ. މިއަދު އާކިލް ތަރުބިއްޔަތުކޮށް މޮޅުމީހަކަށް ވެފައި އެހުރީ ދޮންމަންމަގެ މިންނެތް މަސައްކަތުންނެވެ

( ނުނިމޭ)

27

5 Comments

 1. Rifu

  December 1, 2018 at 7:35 pm

  vvv.reethi…. Ma Shaa Allah…

 2. [email protected]!

  December 1, 2018 at 10:19 pm

  Masha allah ..whn nxt❤?

 3. fazoo

  December 3, 2018 at 7:27 pm

  V reethii masha allah ?? when next part ….??

 4. Ibsha

  December 3, 2018 at 10:34 pm

  ?

 5. Ainth

  December 21, 2018 at 11:52 pm

  Vvv reethi ekamakuves part thah annaleh lasve dhigudhemigendhanee

Comments are closed.