Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހުވަފެން

Zara123 Level 1
December 1, 2018 5 Mins Read
2 Comments

ނިމާލް އިނީ އުފާވެފައެވެ. އޭނާއަށް ދަޢުވަތެއް ލިބުނީއެވެ. ކާކުގެ ދައުވަތެއްކަން އެނގޭ ހެއްޔެވެ. ނިޔާޝާގެ ދައުވަތެކެވެ. ދާންވީތަނާއި ގަޑިވެސް ބުނެދީފިއެވެ. ހޮޓެލްޖެންގެ ރޫފް ޓޮޕް ރެސްޓޯރެންޓަށެވެ. ގަޑި އަކީ ރޭގަނޑު ދިހައެއް ޖަހާއިރެވެ. އެހެންވެ އޭނާ އުފަލުން މޮޔަވަނީއެވެ. ރޭގައި އޭނާ ނުވެސް ނިދައެވެ. އެނދުގައި ފުރޮޅި ފުރޮޅި އޮތީއެވެ. ވަގުތު ހިނގާލެއް ލަސްވެގެންނެވެ. އިރު ނާރައިގެންނެވެ. އިރުއެރީމާ އޭނާ އެއުޅެނީ އިރު ނުއޮއްސިގެންނެވެ. ވަގުތު ނުޖެހިގެންނެވެ. އެކަމަކު ތަގުދީރުއަތުން ކުރަހައި ރާވަމުން އަންނަ މަންޒަރަކީ ހިތާމައިގެ ސާލެއް ކަމެއް ނިމާލްއަކަށް ނޭނގޭނެއެވެ.

ނިޔާޝާ ދެކެ ނިމާލް އިންތިހާއަށް ލޯބިވެއެވެ. އެކަން ނިޔާޝާއަށްވެސް އެނގޭތާ އަހަރުތަކެއް ވެއްޖެއެވެ. އެކަމަކު އެކަމާއި މެދު އޭނާގެ މާބޮޑު އަޅާލުމެއް ނެތެވެ. ނިމާލު އާއި ބައްދަލުކުރުމުގެ ޝަވުޤުވެރިކަމެއް ރޭގެ ކުރިއަކުން ނިޔާޝާ ފާޅެއް ނުކުރެއެވެ. އެއީ ނިމާލް އިންތިޒާރު ކުރަމުން އައި ވަގުތެވެ.

ނިމާލް އާއި ނިޔާޝާ ބައްދަލުވީ ފޭސްބުކް އިންނެވެ. އެގުޅުން ކުރިލައި ހެދި ފޯދުނީވެސް ފޭސްބުކްގައެވެ. ދެމީހުންގެ ޗެޓްލޮގްގެ ދިގުކަމުން އެތައްހާސް ކަރުދާސްރީމަކަށްވެސް އެޗެޓްލޮގްތައް ޕްރިންޓްކޮށް ހުހެއް ނުވާނެއެވެ. އެހާވެސް ގިނަ ވާހަކަ އެދެމީހުން ދައްކައިފިއެވެ. ދިރިއުޅުމާއި ހާލަތާއި ބެހޭ ގޮތުންނެވެ. ޤައުމުގެ އިޖުތިމާއީ ހާލަތަކާއި އެކަކު އަނެކަކު ގަޔާވާ ތަކެއްޗާއި ތަންތަނާއި ބެހޭ ގޮތުންނެވެ. އެކަމަކުވެސް އެދެމީހުން ނުދައްކާވާހަކަ އެއް އޮވެއެވެ. ލޯބީގެ ވާހަކައެވެ. އެފަދަ ވާހަކައެއް ނިމާލް ފަށާއިރަށް ނިޔާޝާ މައުލޫ ބަދަލުކޮށްލާނެއެވެ.

ނިމާލްގެ ހިތް ނިޔާޝާ އަތުލީ އެންމެ ފޮޓޯއަކުންނެވެ. އިންޑިއާގެ މުސްލިމް އަންހެން ކުދީން އަޅާކަހަލަ ހެދުމެއްގައި ނަގާފައިވާ ފޮޓޯއަކުންނެވެ. ޕާސްޕޯޓް ސައިޒުގެ ފޮޓޯގައި، ނޔާޝާގެ ރީތި ހުރިހާ ސިފައެއް ފެންނަން ހުއްޓެވެ. ދޮން މޫނާއި ކަޅުކުލަ ގަދަ އިސްތަށިގަނޑާއި މަސްތީ ކަޅިރަވައެއްގެ އިތުރުން ފިނިފެންމަލުގެ ފިޔަފަދަ ދެތުންފަތެވެ. ބޮލުގައި އޮޅާލާފައިވާ ތުނި ދޯޕައްޓާ ފޮތިގަނޑުގެ ތެރެއިން ނިއްކުރިމައްޗަށް ވައްޓާލާފައިވާ ބިނދިޔާއިން އޭނާގެ ރީތިކަން އިންތިހާއަށް އިތުރުކޮށްދެއެވެ.

ނިމާލްގެ ފޯންގެ ހޯމްޕޭޖްގައި ބެކްރައުންޑަކަށްވެސް އިންނާނީ އެފޮޓޯއެވެ. އެއީ އޭނާގެ ބިޓެވެ. އޭނާގެ ހިތުގެ ރާނީއެވެ. އޭނާގެ ހުވަފެންތަކުގެ މަލަކާއެވެ. މިހާރު އަހަރުތަކެއް ވީއެވެ. އެކަމަކު ވެބްކެމްއިން ކުރާ ވީޑިއޯ ކޯލްތަކުންނާއި، ފޭސްބުކްގައި އަޕްލޯޑްކޮށްފައި ހުންނަ ފޮޓޯތަކުން ނޫނީ ނިމާލްއަށް ނިޔާޝާއަކާއި ބައްދަލެއް ނުވެއެވެ.

މިއަދު އޮފީހުގައި އިނދެވެސް ނިމާލްއަށް މަސައްކަތެއް ކުރެވޭ ވަރެއް ނޫނެވެ. އޭނާ އިރު އިރުކޮޅާ ފޭސްބުކް ބަލާލައެވެ. ނިޔާޝާ އޮންލައިންވޭތޯއެވެ. އޭނާ އާއި ވާހަކަ ދައްކައިލާ ހިތުންނެވެ. އެހެން ދުވަސްތަކާއި މިއަދާ ތަފާތީއެވެ. ނިމާލް ކުރަމުން އަންނަ ދިގު އިންތިޒާރަކަށް ނިމުން އަންނާތީއެވެ. ނިޔާޝާ އާއި ބައްދަލުވާތީއެވެ. އެނޫން އެއްވެސް ކަމެއް ނެތެވެ.

ނިމާލް ފެނުނު ކޮންމެ މީހަކަށްވެސް އޭނާގެ މޫނުމަތީގައި ހުރި އާދަޔާ ޚިލާފް ހިނިތުންވުމާއި އުފާވެރިކަން ފާހަގަވާނެއެވެ. އޭނާގެ ހަރަކާތްތަކުން އެކަން އިހްސާސްވާނެއެވެ. ދެކޭ ކޮންމެ މީހަކަށް ހީވާނީ އޭނާއަކީ އުފަލުން މޮޔަވެފައި ހުރި މީހަކު ހެންނެވެ.

މަހުގެ މެދަކާއި ހަމައިން މުސާރަ ހުސްވާތީ މިމަހުގެ މިހިސާބަށް އައިރު ނިމާލްގެ އަތަކު ލާރިއެއް ނެތެވެ. އެހެންކަމުން އޭނާގެ ހިތުގައި ނުތަނަވަސް ކަމެއް އޮތެވެ. ހޮޓެލްޖެންއަށް ގޮސް ރެސްޓޯރެންޓްގެ ބިލް ދައްކާނީ ކާކުތޯއެވެ؟ މަތީފެންވަރުގެ އެހޮޓެލްގައި އަގުތައް ބޮޑުވާނެކަން އޭނާއަށް އެނގެއެވެ. އެކަމަކު އޭނާއަށް ނޭނގޭ އެކަމަކު އުންމީދު ކުރާކަމެއް އޮތެވެ. ނިޔާޝާއަކީ، މާލޭގެ ފޯރުންތެރި އާއިލާއެއްގެ ކުއްޖަކަށް ވުމެވެ.

ފޭސްބުކް އިން ވާހަކަދައްކާތާ އަހަރުތަކެއް ވެފައި ވީނަމަވެސް އަދި ނިމާލް އެތައް ފަހަރަކު ނިޔާޝާދެކެ ލޯބި ވާހަކަ ބުނެފައި ވީނަމަވެސް ނިޔާޝާ އެއަށް ސީދާ ޖަވާބެއް ނުދެއެވެ. އެކަމަކު އޭނާގެ ވާހަކަތަކާއި އަމަލުން ނިޔާޝާވެސް ނިމާލުދެކެ ލޯބިވާކަމުގެ އިހްސާސްތައް އޭނާއަށް ކޮށްދެއެވެ. އެހެން ނޫންނަމަ ނިމާލްގެ ކޮންމެ ފޮޓޯއަކަށް ލައިކްދީ ކޮމެންޓްކޮށް ކުރާކޮންމެ މެސެޖަކަށް ޖަވާބެއް ނުދިނީހެވެ. ފާއިތުވި ތިން އަހަރުގެ ތެރޭގައި ނިމާލްގެ ކޮންމެ ސްޓޭޓަސްއަކަށް އަދި ފޮޓޯއަކަށް ނުވަތަ ޝެއާ އަކަށް އެންމެ ފުރަތަމަ ލައިކްޖަހައި ކޮމެންޓް ކުރާމީހަކީ ނިޔާޝާއެވެ. އެކަމުގައި ހެނދުނެއް މެންދުރެއް ދަންވަރެއް ފަތިހެއް ނެތި ނިޔާޝާ ކުރި ހޯދައެވެ.

އެކަމަކު މިހުރިހާ ދުވަހު ނިޔާޝާގެ އަމިއްލަ މާގިނަ މައުލޫމާތެއް ނިމާލަކަށް ނުލިބެއެވެ. ކުޑަމިނުން އޭނާގެ އިސްކޮޅު ފުރިހަމައަށް ފެންނަ ފޮޓޯއެއްވެސް ނުދެކެވެ. ނަމަވެސް ނިޔާޝާގެ ފޭސްބުކުގައި ހުރި އޭނާގެ ހުރިހާ ފޮޓޯއެއްގައިވެސް ހުންނަނީ ޕާސްޕޯޓް ސައިޒްގައެވެ. ސެލްފީގެ ގޮތަށެވެ. ދެން ހުންނާނީ ގަނޑުވަރެއް ފަދަ ގެއެއްގެ ރީތި ތަކެއްޗާއި ތަންތަނުގެ ފޮޓޯތަކެވެ. ނިމާލްގެ ހިތް އެދެނީ ހަމައެކަނި ނިޔާޝާއަށް ނޫންކަމާއި އޭނާގެ މުއްސަނދި ދިރިއުޅުންވެސް އޭގައި ހިމެނިގެން ކަމުގެ އިހްސާސް ނިމާލަކަށް ނުކުރެވެއެވެ.

އޮފީސް ނިންމާލުމަށްފަހު، ނިމާލް ދިޔައީ ރައްޓެއްސެއްގެ ގާތަށެވެ. 2000 ރުފިޔާގެ ލޯނެއް ހޯދާށެވެ. މިރެއަށް ފުދޭނީ ކިރިޔާ އެވަރުން ކަމުގައި ވާތީއެވެ. ގެއަށް އައި މަގުމަތީގައި އޭނާ ފިހާރައަކަށް ވަދެ އައުގަމީހަކާއި ފަޓުލޫނަކާއި ބޫޓެއް ގަތީއެވެ. ލެކިއުޓަށް ވަދެ މީރުވަސް ދުވާ ސެންޓްފުޅިއެއް ގަތީއެވެ.

ނިމާލް ބޭނުންވަނީ ފުރަތަމަ ބައްދަލުވުމުގައިވެސް ނިޔާޝާއަށް އޭނާގެ ގައިން އެއްވެސް އުނިކަމެއް ނުފެންނާށެވެ. ދުރުތާ ތިމާގެ ކުއްޖެއްގެ އަތުގައި އޮތް ރޮލެކްސް ގަޑިއެއްވެސް ހަމައެކަނި މިރޭ އަޅާލަން އޭނާ ހޯދިއެވެ. އޭނާގެ އަތުގައި އޮތް އާދައިގެ ސެމްސަންގ ފޯނު ހިފައިގެންދާން ނުކެރޭނެތީ، ދައްތަގެ ފިރިމީހާ ދައްތައަށް ފޮނުވާފައި އޮތް އައިފޯން ސިކްސް ޕްލަސްވެސް ދައްތައަށް އާދޭސްކޮށްގެން ހޯދީއެވެ. ރައްޓެއްސަކަށް އައިފޯނުގެ ފީޗާތަކުގެ މޮޅުކަން ސާބިތުކޮށްދީގެން ފޯނެއް ލިބެން އޮތުމުން ކަމަށް ބުނެ ދައްތަ ހައްދާލައިގެންނެވެ.

އަށްގަޑި ބައިވީއިރު ނިމާލް ފެންވަރަން ވަދެއްޖެއެވެ. އޭނާ ފެންވަރައިގެން ފާޚާނާއިން ނުކުމެވުނީ، ސާޅީސް ފަސްވަރަކަށް މިނިޓުންނެވެ. އޭރު ގޭގެ އެހެން މީހުން ތިބީ ފާހާނާބޭނުންވެފައެވެ. ނިމާލް ނުކުތުމުން ނިމާލްގެ ދައްތަވެސް ބަލާލީ، ހައިރާން ކަމުގެ ނަޒަރަކުންނެވެ. ސައިބޯނި އުނގުޅާލި އުނގުޅާލީނުން ނިމާލްގެ ގައިހަންގަނޑު ފުސް ބުރާފައިވާތީއެވެ. ތުނބުޅި ހަދައި އޮމާންކޮށްލާފައި ވާތީއެވެ. އެކުވެފައިވާ ދެބުމަ ވަކިކޮށްލައި ކަޅުކޮށްލާފައި ވާތީއެވެ.

ވަރަށް ނޫންކަމަށް ހަދާލާފައި ނިމާލްގޮސް ރީތިވާން ފެށިއެވެ. ރީތިވާން ލޯގަނޑު ކައިރީވެސް އޭނާ ފަނަރަވަރަކަށް މިނިޓް ހޭދަކުރިއެވެ. ދަށަށް ޖަހައި ބޫޓަށް އަރައިގެން ނިމާލް ގެއިން ނުކުތެވެ. ޓެކްސީއެއްގައި ހޮޓެލްޖެންގެ ދޮރުމައްޗަށް ދިހައެއްޖެހުމުގެ ވިއްސަކަށް މިނިޓްކުރިން އޭނާ އައިސްފިއެވެ.

ޕާކިންގ ޒޯނުގައި ހުރި ސައިކަލެއް މަތީގައި އިށީނދެ ނިމާލް އިން އިރު އޭނާ އެއިނީ އޭނާގެ އަމިއްލަ ސައިކަލުމަތީގައި ނޫނޭ ދެކޭ މީހަކަށް ހިއެއް ނުވާނެއެވެ. އޭނާ އިނީއެހާވެސް ގަޔާވެލައިގެންނެވެ. އަތަށް އައިފޯން ނަގައިގެންނެވެ. ހަމައެކަނި އެއަށް ބަލަހައްޓައިގެންނެވެ. އަވަހަށް އަންނަން ހަދައިގެން އޭގެ ލޮކްކޯޑު ދައްތަ ގާތު އަހާލަންވެސް އޭނާ ހަނދާން ނެތެވެ.

ނިމާލް އެތާ އިން އިރު އެތައް ބަޔަކު، ހޮޓެލް ޖެންއަށް ވަދެ ނިކުމެ ހެދިއެވެ. އެކަމަކު އެމީހުންގެ ތެރެއިން ނިމާލްގެ ލޮލުގައި ނިޔާޝާ އަޅައެއް ނުގަތެވެ. އެކަމަކު ފުރޮޅުލީ ގޮނޑިއެއްގައި އިން ކުޑަކުއްޖަކު ގޮވައިގެން އިން ޅަފުރާގެ އަންހެން ކުއްޖަކު ނިމާލްއަށް މާނަވީ ބެލުމަކުން ބަލާލައި ހިނިތުންވެލިއެވެ. ނިމާލްއަށް ފާހަގަ ކުރެވުނު ކަމަކީ ހަމައެކަނި އެއީ އެވެ.

ދިހައެއް ޖެހިއިރުވެސް ނިޔާޝާގެ ޚަބަރެއް ނުވުމުން ނިމާލް މާޔޫސްވާ ގޮތްވިއެވެ. އެކަމަކު އޭނާއަށް ހިނިތުންވެ ލެވުނީ ޖީބަށްލައި ފޮރުވާފައި އޮތް އޭނާގެ ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. ފޯން ނެގިއިރު ނިޔާޝާއެވެ. އޭނާ ބުނީ އިންތިޒާރުގައި ރެސްޓޯރެންޓްގެ 7 ނަމްބަރު މޭޒްގައި އިން ކަމަށެވެ. ނިމާލް ހައިރާންވީ އޭނާއަށް ނުފެނި ނިޔާޝާ ވަތްގޮތަކާއި މެދުގައެވެ. ފަހަރުގައި ނިމާލްއަށް ވުރެވެސް ކުރިން ނިޔާޝާ އައީ ކަމުގައި ނިމާލް ޔަޤީންކުރިއެވެ.

ހޮޓެލްގެ ލިފްޓަށް އަރަންވެސް ނިމާލް އަށް އެނގުނީ ސެކިއުރިޓީއެއްގެ އެހީ ހޯދައިގެންނެވެ. ލިފްޓުން ރޫފްޓޮޕްއަށްދާން ފިތަންވީ ބަޓަންނޭނގި ފިތަން ނުކެރި ހުރުމުން އެއްފަހަރު ލިފްޓް މައްޗަށް ގޮސް ތިރިއަށް އައި އިރުވެސް ނިމާލް ހުރީއެވެ. އޭނާ ރޫފްޓޮޕްއަށް ދެވުނީ ފަހުން ރެސްޓޯރެންޓަށް ދިޔުމަށް ލިފްޓަށް އެރި ހޮޓެލްގެ މުވައްޒަފެއްގެ ފަހަތު އަޅުވާލައިގެންނެވެ. އެހާވެސް ނިމާލް އަލެވެ. މާހައުލުގެ އާކަމާއި އެކު އޭނާ ހުރީ ކަންބޮޑުވެސް ވެފައެވެ. ފާޚާނާއަށް ދާންޖެހިދާނެ ކަމުގެ އިހްސާސާއި ބިރުގައިވެސް މެއެވެ. އަތްފައި ފިނިވެ އަޑުގައި ތުރުތުރެއްވެސް ހުއްޓެވެ.

ނިމާލް ރެސްޓޯރެންޓްގެ ތެރެއަށް ވަދެ ނަޒަރު ހިންގާލިއެވެ. މޭޒުތަކުގައި މީހުން ތިއްބެވެ. އޭނާއަށް 7 ނަމްބަރު މޭޒަކީ ކޮބައިކަމެއް ނޭނގުނެވެ. ނިޔާޝާއެއް ނުފެނުނެވެ. ވޭޓަރު ގާތުގައި އަހާލުމުން އޭނާ އިޝާރާތުން މޭޒު ދައްކާލިއެވެ. ނިމާލްއަށް ލިބުނީ ސިހުމެކެވެ. އެމޭޒުކައިރީގައި ފުރޮޅުލީ ގޮނޑިއެއް ހުރީމައެވެ. އެއްގޮނޑީގައި އިންކުއްޖާ އަތުން ނިމާލްއަށް ހަނާ އަޅާލީމައެވެ. ދެން އެޓޭބަލްގައި އިނީ ހައެއްކަ އަހަރުގެ ކުޑަކުއްޖެކެވެ. ނިމާލް އެމޭޒާއި ކައިރިވި އިރުވެސް އޭނާގެ ހިތް ނެގިނެގިފައި ޖެހެއެވެ. އެކަމަކު އޭނާއަށް އެގޮވި އަންހެންކުއްޖަކީ ނިޔާޝާއެއް ނޫނެވެ. ވީއިރު ނިޔާޝާ ނިމާލްއަށް ސަޕްރައިޒެއް ދެނީ ހެއްޔެވެ؟

ކުޑަކުއްޖާ ސަލާމަށް އަތްދިއްކޮލާ “ހާއި ނިމާލް އޭ ބުނުމުން” ނިމާލްއަށް ބިރުން ދުއްވައި ނުގަނެވުނީ ކިރިޔާއެވެ. ނިޔާޝާ އޭނާގެ ހަމަލޮލަށް ފެނުމުންނެވެ. ނިމާލްއަށް ހީވީ އުޑުބޮލަށް ވެއްޓި ބިމާއި އުޑާއި ދެމެދު އޭނާ ފިތުނީހެންނެވެ. އެކަމަކު ކުރާނެ ކަމެއް ހަދާނެ ގޮތެއް ނޭނގިފައި ހުރި ނިމާލް ކުރިމަތިން ހުރި ގޮނޑީގައި އިށީނީ ނިޔާޝާ އިޝާރާތްކޮށްލީމައެވެ. އެވަގުތު އޭނާ ފާޚާނާއަކަށް ދާންޖެހުނުކަން އެއީ އޭނާގެ ނަސީބެވެ. އެބަ އަންނަމޭ ބުނެ އޭނާ ނުކުތެވެ. ފާޚާނާއަށް ވަދެ ތަށިމަތީ އިށީނދެ ވިސްނާލިއެވެ.

ނިޔާޝާއަކީ ޑްވާފް ކުއްޖަކަށް ވެދާނޭ ކަމަކަށް އޭނާ ހީއެއް ނުކުރެވެ. މިއީ އޭނާ ހުވަފެނަކުންވެސް ވެދާނޭ ކަމަށް އުންމީދު ކުރިގޮތެއް ނޫނެވެ. ނިޔާޝާގެ ފުރިހަމަ ފޮޓޯއެއް ފޭސްބުކުގައި އޭނާގެ އެކައުންޓުގައި ނުހުންނާތީ އެކަމާއި މެދު ނިމާލް ވިސްނިމެއެވެ. އެކަމަކު އެކަމުގެ ސިއްރަކީ މިއީ ކަމުގައި ވެދާނެ ކަމުގައި އޭނާ ހިއެއް ނުކުރެއެވެ. ދެން އޮތީ ނިމާލް ހީކުރިއަނެއް ކަންތަކެވެ. ނިޔާޝާ ހުރީ ހަމަ އާދައިގެ ގޮތަކަށެވެ. މުއްސަނދި ކެރިފޯރުންތެރި އާއިލާއެއްގެ ކުއްޖެއް ކަމުގެ އެއްވެސް ނިޝާނެއް އޭނާގެ ނެތެވެ. ދެކޭމީހަކު އޭނާ ބަލާފައި ބުނާނީވެސް އެއީ ރަށްފުށުގެ އާދައިގެ އާއިލާއެއްގެ އާއިލާއެއްގެ އަންހެންކުއްޖެއް ކަމަށެވެ.

ފާޚާނާގެ ތެރޭގައި ނިމާލް އެތައް ވަގުތެއް ހޭދަކުރީ ވިސްނާށެވެ. މިވީގޮތަކާއި މެދުގައެވެ. މިހަޤީޤަތާއި ކުރިމަތިލާނެ ގޮތަކާއި މެދުގައެވެ. އޭނާ ލޯބިވީ ނިޔާޝާދެކެއެވެ. އެކަމަކުވެސް….

އެތައް އިރަކު ފާޚާނާއިގައި ހުރުމަށް ފަހު، ނިމާލް ނުކުތެވެ. އެނބުރި މޭޒުކައިރިއަށް އޭނާ ދިޔައީ ދެފުށުއެޅެމުންނެވެ. ދާނެތޯ ނުދާނެތޯ އަމިއްލަ ހިތާ ސުވާލުކުރަމުންނެވެ. ނިޔާޝާ އެތާނގައި ނުއިދޭތޯވެސް އޭނާ ހިތާހިތުން ދުއާކުރިއެވެ.

ނިމާލް ދިޔައިރު ނިޔާޝާއެއް ނެތެވެ. އޭނާގެ އެކުވެރިޔާވެސް މެއެވެ. އެކަމަކު މޭޒުމަތީގައި ސިޓީ އުރައެއް އޮތެވެ. ނިމާލަށެވެ. ގޮނޑީގައި އިށީނދެ ނިމާލު ސިޓީ އުރަ ހުޅުވާލިއެވެ. އެއީ ނިޔާޝާ އޭނާގެ އަތުން ލިޔެފައި އޮތް އަސަރުގަދަ ކުރު ސިޓީއެކެވެ.

އޭގައިވެއެވެ. ނިމާލްއެވެ. އަހަރެން ނިމާލުދެކެ ލޯބިވީމެވެ. އެކަމަކު އެލޯތްބަކީ ހާސިލްވުން ނެތް ލޯތްބެއްކަން އެނގޭތީ މިއަދާއި ހަމައަށްވެސް ނިމާލުއަށް ފުރަގަސް ދިނީއެވެ. މިހަޤީޤަތް ހާމަކުރަން ނުކެރުނީއެވެ. އަހަރެންނާއި އަރާއަރަފޯދިގެންވާ މީހަކަށްނިމާލް ނުވާތީއެވެ. މިރޭ މިތަނުން ނިމާލް ފެނުމުން އެކަން މާބޮޑަށް އެނގިއްޖެއެވެ. ނިމާލުލައިގެން ހުރި އަގުބޮޑު ހެދުމުންނާއި ޖަހައިގެން ހުރި އަގުބޮޑު ސެންޓާއި އަތުގައި އޮތް އެންމެ ފަހުގެ ފޯނުން ތިޔައީ، މުއްސަނދި މަހުޖަނެއްގެ ދަރިއަކަށް ވެދާނެކަން ވިސްނިއްޖެއެވެ. އަހަރެންކަހަލަ އަމުދުން ކުޅެދުންތެރިކަން ކުޑަ ނިކަމެތި އާއިލާއެއްގެ ކުއްޖަކާ އެކަށީގެން ނުވާކަން އެނގިއްޖެއެވެ. ފަހަރުގައި އަހަރެމެންނަކީ އެއްފެންވަރެއްގެ ދެމީހުންނަށް ވީނަމަވެސް ނިމާލުއަށް އަހަރެން ބަލައިގަނެވުނީހެވެ. އަހަރެންނަށްވެސް އެކަން ޤަބޫލުކުރަން ފަސޭހަވީހެވެ. މުއްސަނދީން ލޯބި ކުރާނީ ރީތި ފުރިހަމަ އަގުބޮޑުތަކެއްޗަށެވެ. އެއީ އެމީހުންގެ ތަބީއަތެވެ. އަހަރެމެން ނިކަމެތީންނަކީ އެލިބުނު މިންވަރެއްގައި ރުހިގެން ދިރިއުޅުމެވެ. ވަރަށް ސަލާމެވެ.”

ނިމާލް މޫނުގައި އަތް އެޅިއެވެ. ދެރަވެގެންނެވެ. ލޯތްބަކީ މިއީ ކޮންކަހަލަ އެއްޗެއް ހެއްޔޭ އޭނާގެ ހިތަށް އެރިއެވެ. އަދި އިރުގަނޑަކު އެތާނގައި އިނުމަށްފަހު ނުކުމެގެން ގެއަށް ދިޔައެވެ.

އެ ރޭ ވީ ނިމާލް އާއި ނިޔާޝާގެ ގުޅުމުގެ އާޚިރީ ރެއަށެވެ. އެރެއަށްފަހު އެދެމީހުންގެ ވާހަކަ ދެއްކުން ހުއްޓުނީއެވެ. އެކަމަކު ފޭސްބުކް އިން ޗެޓްކޮށް ކޮމެންޓްކޮށް ނުހެދިޔަސް ކޮންމެ މީހަކުވެސް އަނެކެއްގެ ފޮޓޯތަކާއި ޝެއާތަކަށް ލައިކްޖަހައެވެ. އެކަކަށްވެސް އަނެކަކު ބްލޮކް ކުރާކަށް ނުކެރުނެވެ. ހަމަހިމޭން ދިރިއުޅުމެއް އެދުވަހަށް ފަހު ދެމީހުންވެސް ވޭތުކުރަން ފެށީއެވެ.

********

Share Article

Follow Me Written By

Zara123

Level 1

Other Articles

Previous

ވުމުން ހިތެއްގެ މިލްކުގައި 1

Next

ނުކުރާނަން މާފެއް ( 1 )

Next
December 1, 2018

ނުކުރާނަން މާފެއް ( 1 )

Previews
December 1, 2018

ވުމުން ހިތެއްގެ މިލްކުގައި 1

2 Comments!

  1. Anonymous says:
    December 1, 2018 at 7:45 pm

    Vaahakaige namaa vaahaka aai maabodu gulhumeh oiy heneh hieh nuvey

  2. ކަލާ 123 says:
    December 2, 2018 at 10:54 am

    ފަށްފަށުން ޝުކުރާއި ތަހުނިޔާ!އޮއްޓަރު ހުރި ރީތި ވާހަކައެއް. “މުއްސަނދީން ލޯބި ކުރާނީ ރީތި ފުރިހަމަ އަގު ބޮޑު ތަކެއްޗަށެވެ. އަހަރެމެން. ނިކަމެތިންނަކީ އެލިބުނު މިންވަރެއްގައި ރުހިގެން ދިރިއުޅުމެވެ.” ވަރަށް ބޮޑު ތެދެކެވެ. ވާހަކައިގެ އެންމެ އަސަރު ހުރި
    .ތަ ންކޮޅަކީ ވެސް މިއެވެ
    އަލި ހަނޑޫ ދޮލަނގުން ވީފުއްފުއް ދައްކާކަށް ނެތީމެވެ. ޒާރާގެ ލިޔުންތެރިކަމުގެ ފެންވަރު ވެސް ރަނގަޅެވެ

Comments are closed.



All Right Reserved!