
މާފްކުރާށޭ ކަލާ 14
އަދި ފެންޖަހައިފިއެއްނު.” ޝަރީފާ ރުޅި އައިސްގެން ޒާރާ ގައިގައި ޖަހަން އަތްމަޅައިގަތެވެ.
“ސޮރީ.” ޒާރާ ވަގުތުން އިސްޖެހިއެވެ.
“ބަލަ ކަލެއަަކަށް ނޭނގޭތަ ކަލޭތީ ވަކި މަޤްސަދެއްގަ މިގެޔަށް ގެނެއްސަ ހުރި މީހެއްކަމެއް. އަމިއްލަ އަމިއްލައަށް ކަންތައްތައް ކޮށްގެން ނުވާނެ ކަމެއް ނޭނގޭތަ.” ޝަރީފާ ހެދުމުން ފެން ފޮޅަމުން ޒާރާއާ ދިމާއަށް ހަޅޭލަވައިގަތެވެ.
“މަންމާ. ކޮން ހަޅޭކެއްތަ ތިލަވަނީ މިއޮށް ހެނދުނު.” ކުއްލިއަކަށް ފާލިހްގެ އަޑު އިވުމުން ޝަރީފާ އަށް ތެޅިގަނެވުނެވެ. ހާސްވެގެން ގޮސް މުޅިމީހާ ތުރުތުރު އަޅައިގަތެވެ.
“ކި-ކިހި-ނެއްވީ ދަރިފުޅާ.” ޝަރީފާގެ ހާސްކަން ފޮރުވޭގޮތެއް ނުވިއެވެ. އަޑުވެސް ދިޔައީ ކެނޑި ކެނޑިގެންނެވެ.
“ހާދަ ހާސްވެފަ ތިހުރީ.” ފާލިހް ހުރީ ހިސާބަކަށް ހައިރާންވެފައެވެ. ޒާރާގެ އިސްޖެހިފައިވާ މޫނަށް ފާލިހް އޭނާގެ ނަޒަރު ހުއްޓާލައިގެން ހުރިއިރު ޝަރީފާ ވިސްނަމުން އެދަނީ ބުނާނެ އެއްޗަކާއި ދޭތެރޭގައި ކަން ޔަޤީނެވެ.
“ހާސްވީކީ ނޫނޭ. ބަލާބަލަ މަންމަ މިހުރި ހާލު. ޒާރާ އަށް މަންމަ ފެނުނީ ގަހެއްގެ ސިފައިގައި ވިއްޔަ.” ޝަރީފާ ޒާރާއާއި ދިމާއަށް ބުނި އެއްވެސް އެއްޗެއްގެ އަޑު ފާާލިހްއަށް ނީވޭކަން ޔަޤީން ވުމުން ޝަރީފާ ވާހަކަ ހަމަޖައްސާލިލެއް ވަރަށް މޮޅެވެ. މަންމަގެ ތެމިފައިވާ ހެދުމަށް ބަލާލަމުން ފާލިހް ހީލިއެވެ.
“ތަންކޮޅެއް އަވަހަށް ސައި ތައްޔާރު ކޮށްލަބަލަ މަންމާ. މަލަކާއަށް މިހާރު ވަކި ގަޑިތަކެއްގަ ބޭސް ދޭން ޖެހޭ.” ފާލިހް ހިނގައިގަތެވެ.
“ސައިހުރީ ތައްޔާރުވެފައޭ. މަލަކާ ހޭލީތަ؟” ޝަރީފާގެ ސުވާލަށް ފާލިހް ބޯޖަހާލަމުން ގޮސް ގޭތެރެއަށް ވަނެވެ.
“ނަސީބެއްނު. ބަދިގެއަށް ގޮސް ސައިހަދަން ދޭބަލަ ދެންވެސް.” ފާލިހް ގޮސް ނިވާވުމުން ޝަރީފާ ޒާރާގެ ކޮނޑުގައި ހިފާކޮށްޕާލިއެވެ. އަދި ބާރުބާާރަށް ގެޔާ ދިމާއަށް ހިނގައިގަތެވެ.
ވެލާނާ އިންޓަރ ނޭޝަނަލް އެއާ ޕޯޓްގައި ތިބި އެންމެންގެ ލޯތައް އަމާޒުވެފައިވަނީ ނުހާއަށެވެ. ނުހާގެ ދިގު ފަންއިސްތަށިކޮޅު ވަނީ ކުރު ކޮށް ކޮށާލާފައެވެ. އޮފުއަރާ ކަޅުކަން ގަދަ އިސްތަށިކޮޅު މިހާރު އޮތީ ރަންކުލައިގައެވެ. ލައިގެން ހުރު ކުރު ހެދުމުގެ ސަބަބުން ނުހާގެ ދޮންފައިގެ ބޮޑު ބައެއް އޮތީ ފެންނާށެވެ. ބަލާ މީހަކަށް ހީވާނީ ނުހާއަކީ ބޭރު މީހެއްހެންނެވެ.
“އަޔާން ކައިރީގައި ނުބުނަންތަ އަންނަ ވާހަކައެއް.” ނުހާ އެކި ދިމަދިމާއަށް ނަޒަރު ހިންގާލިއެވެ.
“މެސެޖް ކުރިން. އޮފީހުގެ ހުރިހާ ކަމަކާއި ހަވާލުވެގެން އުޅޭތީ މާ ބިޒީއީ ކަންނޭނގެ.” އާސިފް ނުހާގެ އަތުގައި ހިފައި ގަޔާއި ކައިރިކޮށްލިއެވެ. މީހުންގެ ލޯތައް ނުހާއަށް އަމާޒުވެފައިވާތީ ނުހާ އަކީ އޭނާގެ މީހެއްކަން އަންގާލަން ބޭނުންވާ ކަހަލައެވެ.
ނުހާގެ މޫޑް ވަގުތުން ގޯސްވިއެވެ. އޭނަގެ ބަދަލުވެފައިވާ ސްޓައިލް ފެނިފައި އަޔާންއަށް ވާގޮތް ބަލަން ނުހާ ކެތްމަދުވެފައިވާ ކަހަލައެވެ.
“ލެޓްސް ގޯ މައި ކުއީން.” އާސިފް ލަގެޖް ނަގާ ޓްރޯލީ އަށް ލަމުން ނުހާއާއި ދިމާއަށް ބަލާލީ ވަރަށް ލޯބިންނެވެ. ނަމަވެސް ނުހާގެ މޫނުމަތިން ހިނިތުންވުމެއް ނުފެނުނެވެ.
“ހާދަ އެއްޗެއްސެއް ތައްޔާރުކޮށްލާފަ.” އަޔާން ސައިމޭޒު ދޮށުގައި އިށީންނަމުން ނޭފަތް އެތެރެއަށް ދަމާލިއެވެ. ނީތާ ހިނިތުންވެލިއެވެ.
“ފްރައިޑޭ ވީމަތަ؟” އަޔާން ތަށިން ސޭންޑްވިއްޗެއް ނަގާ ކާންފެށިއެވެ.
“މިއަދު އަޔާންގެ ޑޭޑްމެން އާދޭނު.” ނީތާ އަޔާން އަށް ޖޫސްތައްޓެއް އަޅާދިނެވެ.
އަޔާން އަށް ހަނދާންވީ ދެނެވެ.
” އޯ. އައި ފޮގޮޓް.” ހަމަ ހަޤީޤަތުގައިވެސް އަޔާން ހަނދާންނެތުނީއެވެ.
އަޔާން އަވަސް އަވަހަށް ފޯނު ނެގީ އާސިފްއަށް ގުޅަންވެގެންނެވެ.
“ވީ އާ ހިއަރ.” އާސިފްގެ އަޑަށް އަޔާންއާއި ނީތާ އަށް ބަލާލެވުނީ އެކުއެކީގައެވެ.
އޭރު އާސިފް ހިނިތުންވެފައި ހުރެގެން އެމީހުންނާއި ދިމާއަށް އަންނަނީއެވެ.
ކުޑަކޮށް ބޯ އަރިކޮށްލާފައި އަޔާން އަށް ބަލާލެވުނީ ބޭއިހްތިޔާރުގައެވެ. އާސިފްގެ ނިވަލުގައި ނުހާ ހުރީވެސް އަޔާންގެ ސަމާލުކަން އޭނައަށް ލިބޭތޯ ބަލާލުމަށް ކަހަލައެވެ.
އަޔާންގެ ހަރަކާތް ހުއްޓުނީ ނުހާ ފެނިފައެވެ. ނުހާގެ ރީތިކަމާއި ފުރިހަމަކަން އަޔާންގެ ހިތާއި ހިއްސުތައް އަނެއްކާާވެސް ހޭލައްވާލި ކަހަލައެވެ.
“ދަރިފުޅު. އޮފީހުގެ ކަންތައްތައް ކިހިނެއް.” އާސިފް އަޔާންގެ ގައިގައި ބައްދާލިއެވެ.
“ހުންނާނެ ވަރަށް ރީތި އެއްޗެހި ދަރިފުޅަށާއި ނީތާއަށް ގެނެއްސަ.” އާސިފް ދެވަނަ ފަހަރަށް ވާހަކަ ދެއްކިއިރުވެސް އަޔާންއަށް ރޭކާނުލައެވެ.
“އަޔާން. ބަލީތަ؟” ނުހާގެ އަޑުން އަޔާންއަށް ދެފަރާތަކަށް ބޯހުރާލެވުނެވެ. ނުހާގެ ތުންފަތަށް ވެރިވެގެން ދިޔައީ ލާނެތް ހިނިތުންވުމެކެވެ.
“ކީކޭ ޑޭޑް.” އަޔާން އާސިފްއާ ދިމާއަށް ބަލާލިއެވެ.
“އޮފީސް ކިހިނެއްހޭ ޑޭޑް އެހީ. ދަރިފުޅަށް ހުންނާނޭ ވަރަށް ސަޅި އެއްޗެހި ގެނެއްސަ.” އާސިފް ސޯފާގައި އިށީނދެލިއެވެ.
“އެވްރިތިންގް އިޒް ޕާރފެކްޓް ހަމަ.” އަޔާންއަށް ލޮލުގެ ހިމަކަޅިން ނުހާއާ ދިމާއަށް އަނެއްކާވެސް ބަލާލެވުނެވެ.
“އާދޭ ސައިބޯން” ނީތާ އެވަގުތު އެތަނަށް އައިސް ހުއްޓުނެވެ. އަޔާން ހިނގައިގަތީ ބޭރަށް ނިކުންނާށެވެ. އޭނާގެ ހަލަބޮލިވެފައިވާ ހިތަށް ހަމަޖެހުމެއް ލިބޭނީ ނުހާއާ ދުރަށް ދިޔައީމާ ކަން އަޔާންއަށް އިނގޭތީއެވެ.
“ދަރިފުޅު ސައިނުބޮއި ދަނީތަ؟” އާސިފް ސޯފާއިން ތެދުވަމުން އެހިއެވެ.
“ސައިބޮއިފިން ޑޭޑް. މިދަނީ މަލަކާގެ ހާލުބަލާލަން. ބުނީމެއްނު އިއްޔެގަ ބައްޕަ ގުޅިއިރު މަލަކާއަށް ދިމާވެގެން އުޅޭގޮތް.” އަޔާން ފަސްއެނބުރި ބަލާލިއެވެ.
ޔާ. އޯކޭ. ބައްޕަގެ ސަލާމްވެސް ބުނެދޭތި. ފްރީ ވަގުތަކުން ގޮސްލާނަން.” އާސިފް ނުހާގެ އަތުގައި ހިފަމުން ކާގެއާ ދިމާއަށް ހިނގައިގަތެވެ. އެމަންޒަރު ފެނިފައި އަޔާންއަށް ދެލޯ މަރާލެވުނެވެ.
ގެއިން ނިކުތުމަށްފަހު ވެސް އެތައް އިރެއް ވަންދެން އަޔާން ސައިކަލް މަތީގައި ވިސްނަން އިނދެވުނެވެ. ނުހާ އެހާ ދޮގު ހަދާ އޮޅުވާލީމަވެސް ނުހާ ފެންނަ އިރަށް އުނދަގޫވާންވީ ކީއްވެ ހެއްޔެވެ؟ އަޔާން މޫނުގައި ދެއަތް ހާކާލަމުން ސައިކަލް ދުއްވާލިއިރު އެމަންޒަރު ބަލަން ބެލްކަނީގައި ހުރި ނުހާ ހުރީ އުފަލުންނެވެ. އަޔާން އޭނަދެކެ ލޯބިވާކަން އަދިވެސް ނުހާއަށް ޔަޤީންވާ ކަހަލައެވެ.
“ދަރިފުޅު. ދޭބަލަ ޒާރާ ގޮވައިގެން ކޮލެޖަށް ގެންގޮސްދީފަ އަންނަން. މިއަދު ފުރަތަމަ ދުވަސްވީމަ ނޭނގޭނެއެއްނު ދާކަށް. މަންމަ މަލަކާ ކައިރީގައި މަޑުކޮށްލާނަން.” ކޮޓަރި ދޮރު ހުޅުވާލާފައި ޝަރީފާ ވަން އިރު ފާލިހް މަލަކާގެ ބޯ އޮމާން ކޮށްދެނީއެވެ. ޝަރީފާގެ ވާހަކައިން ފާލިހްއަށް ބަލާލެވުނީ މަލަކާގެ މޫނަށެވެ.
“ކާރުގައި ފޮނުވަންވީނު.” ފާލިހް އަވަަސް އަވަހަށް ބުނެލިއެވެ.
“ކާރުގެ ޑްރައިވަރު ނުދާނެ ދޯ ކޮލެޖްއަށް ވައްދަ ދޭކަށް.” ޝަރީފާ ހިތްހަމަ ނުޖެހުނެވެ.
މަލަކާ ފާލިހްއަށް ލޮލުގެ އިޝާރާތުން ދިއުމަށް އެންގިއެވެ.
“ބުނޭ ރެޑީވާށޭ.” ފާލިހް ފުން ނޭވާއެއް ދޫކޮށްލިއެވެ.
ފާލިހްމެން ދެއްކި ވާހަކަ އަހަން ކޮޓަރީގެ ދޮރު ކައިރީގައި ނިވާވެގެން ހުރި ޒާރާގެ ހިތް އުފަލުން ނަށައިގަތެވެ. ފައިގައި ހުރި ބާރެއްލާފާއި ޒާރާ އޭނާގެ ކޮޓަރިއާ ދިމާއަށް ދުއްވައިގަތީ އަވަހަށް ތައްޔާރުވުމަށެވެ.
ހަލަބޮލިވެފައިވާ މަގުގައި އަޔާން ދުއްވަމުން ގެންދިޔަ ސައިކަލް މަޑުކޮށްލީ ފޯނު ރިންގްވާން ފެށުމުންނެވެ.
ސައިކަލް އެއްފަރާތަކަށް މަޑުކޮށްލަމުން އަޔާންގެ ފޯނުގެ ސްކްރީނަށް ބަލާލިއިރު ގުޅަނީ ނުހާ އެވެ. ފޯނު ނަގަން ބޭނުން ނުވި ކަމުގައި ވިޔަސް އަތް ހަރަކާތް ކުރީ އަޔާންގެ އިހްތިޔާރާއި ނުލާ ކަހަލައެވެ.
“ކިހިނެއްވީ.” އަޔާން ރުންކުރު ގޮތަކަށް އަހާލިއެވެ.
“ގެޔަށް އައިސްދޭށޯ އަޔާންގެ ޑޭޑް ބުނީ.” ނުހާ ފޯނު ކަނޑާލިއެވެ. ނުހާގެ މިއުޒިކެއް ފަދަ އަޑު ކަންފަތުގައި ޖެހުމާއެކު އަޔާންގެ މެޔަށް ހީވީ ފިނިފެން އެއްޗެއް އޮއްސާލިހެންނެވެ. އަޔާން ފޯނު ނަގާ ޖީބަށް ކޮށްޕާލަމުން ސައިކަލް ދުއްވާލިއެވެ.
ކޮންތާކަށް ތިދަނީ.” ފާލިހް މެންގެ ދޮރު މައްޗަށް ސައިކަލް ހުއްޓާލަމުން ސައިކަލް ކައިރީގައި ފާލިހް މަޑުކޮށްގެން ހުރިތަން ފެނިފައި އަޔާން ފާލިހްގެ ކައިރިއަށް ސައިކަލް މަޑުކޮށްލިއެވެ.
“މިގޭގައި އުޅޭ ކުއްޖާ ކޮލެޖްއަށް ޑްރޮޕް ކޮށްދޭން.” ފާލިހް ސައިކަލަށް އެރިއެވެ. އެވަގުތު ޒާރާވެސް އެމީހުންނާއި އަރާ ހަމަވަނީއެވެ.
“މަލަކާ ހޭލާތަ؟ މަޑުކޮށްލާނަން އިނގޭ. ތި އަންނަނީ ދޯ.” އަޔާން ސައިކަލް ޕާކް ކޮށްލުމުން ފާލިހް ބޯޖަހާލިއެވެ.
މަލަކާ ކައިރީގައި ޝަރީފާ އިށީންދެގެން އިން އިރުވެސް މަލަކާ އާއި އަނގައިން ނުބުނާތީ މަލަކާ ހުރީ ދެރަވެފައެވެ. މަލަކާއަށް ހީވީ އޭނަގެ ދަރިފުޅު އެބޯޓް ވީމަ އެކަމާއި ރުޅިން ހުރިހެއްނެވެ.
“މަންމާ. ކަމަކާއި ހިތް ހަމަ ނުޖެހިފަތަ؟” މަލަކާ އޮތީ ފެންކަޅިވެފައެވެ.
“ދެން އަހަރެން ހިތްހަމަ ޖެހޭތޯ ނުޖެހޭތޯ ބަލާ މީހެއް މިގޭގައި އުޅެނީ ކީ ނޫނެއްނު.” ޝަރީފާ އިނީ ހުޅުވާފައި އިން ޓީވީ އަށް ނަޒަރު ހުއްޓާލައިގެންނެވެ. ކޮޓަރި ދޮރުގައި މީހަކު ޓަކި ޖަހާލީ އެވަގުުތުއެވެ. ޝަރީފާ ކުދި ކިޔަމުން ގޮސް ދޮރު ހުޅުވިއެވެ.
ދޮރު މަތީގައި ހުރި ފާލިހް ފެނުމުން ޝަރީފާ ހީލީ ވެސް ގަދަކަމުންނެވެ. އަޔާން އެތެރެއަށް ވަނުމުން ޝަރީފާ ނިކުތީ ބޭރަށެވެ.
“އަޔާން. އާދޭ. އާދޭ.” މަލަކާ ވަރަށް އުނދަގުލުން ކަހަލަ ގޮތަކަށް ތެދުވެ އެނދުގެ ކޮޅުގައި ލެގިލިއެވެ.
“މިހާރު ކިހިނެއް.” އަޔާން ޑްރެސިންޓޭބަލް ކައިރީގައި ހުރި ކުޑަ ގޮޑިއެއް ދަމާލަމުން އިށީނެވެ.
“ރަނގަޅޭ. އެކަމަކު ކުޑަކޮށް ބަނޑުގައި ރިއްސާ.” މަލަކާ ބަނޑުގައި އަތްހާކާލިއެވެ.
ޒާރާ އިނީ އުފަލުންނެވެ. ފާލިހްއާއި އެހާ ގާތުގައި އެކަނި އިންނަން ފުރުސަތެއް އެލިބުނީ އަލަށެވެ. އަދި ފާލިހްގެ ގައިން ދުވަމުންދާ މީރު ވަހުންވެސް ޒާރާގެ ހިތްފުރޭ ކަހަލައެވެ.
“މީ ކޮން މަގެއްތަ؟” ޒާރާ ބޭނުންވީ ފާލިހްއާއި ގާތް ގުޅުމެއް ބާއްވާށެވެ. ފާލިހްއާއި ގިނަ ވާހަކަ ދައްކާ ބީރައްޓެހިކަން ފިލުވާލާށެވެ.
“އަލަށްތަ މާލެ ތިއައީ؟” ފާލިހް ހައިރާންވެފައި އަހާލިއެވެ.
“ހޫމް.” ޒާރާ ދިނީ ކުރު ޖަވާބެކެވެ.
“މިއާދެވުނީ ކޮލެޖަށް.” ފާލިހް ސައިކަލް މަޑުކޮށްލިއެވެ. ޒާރާ ސައިކަލް ފޭބިއެވެ.
“ކައުންޓަރ އަށް ގޮއްސަ އަހާލަބަލަ ދާން ޖެހޭ ކްލާސް.” ޒާރާ ހުއްޓިގެން ހުރުމުން ފާލިހް ބުނެލިއެވެ.
“ޒާރާ.” ހިނިތުންވެލާފައި ކުރިއަށް ހިނގައިގަތް ޒާރާ ހުއްޓުވާލީ ފާލިހްގެ އަޑެވެ.
“ކިހާ އިރަކު ނިމެނީ.” ފާލިހްގެ ސުވާލުން ޒާރާގެ ހިތް އުފަލުން ފޮޅުނެވެ.
“ހަވީރު ހަތަރެއް ޖަހާއިރު.” ޒާރާ އަވަސް އަވަހަށް ބުނެލިއެވެ.
“އަން މީގަ ހިފާ.” ފާލިހް ވޮލެޓުން ރުފިޔާ ނަގާ ޒާރާ އަށް ދިއްކޮށްލިއެވެ.
“މިއައީ ކައިގެންނޭ ގެއިން. އިންޓަވަލް ގަޑީގައިވެސް ކާނެ އެއްޗެއް ގެނައީމޭ.” ޒާރާ އުފަލުން މޮޔަވަނީއެވެ. ފާލިހް އޭނައާއި ދޭތެރޭ ވިސްނާ ކަމަށް ހީކޮށެވެ.
“މީ ކާކަށް ނޫނޭ. ނިމުނީމަ ކާރުގަ އާދޭ.” ފާލިހް ދިއްކޮށްލި ރުފިޔާގެ ޒާރާ ހިފިއިރު އޭނާގެ މޫނުމަތީގައި ދެންމެއަކާއި ޖެހެންދެން ފެންނަން ހުރި އުފާވެރިކަމެއް ނެތެވެ. ކުރެވުނު ކުށް ހީގެ ސަބަބުން ޒާރާގެ އަމިއްލަ ނަފްސްވެސް އޭނައަށް މަލާމަތް ކުރާ ކަހަލައެވެ. ފާލިހް ސައިކަލްގައި ގޮސް ނިވާ ވަންދެން ޒާރާއަށް ހުރެވުނީ ބަލާށެވެ.
ފާލިހް ގޭދޮށަށް ސައިކަލްގައި މަޑުކޮށްލިއިރުވެސް މަލަކާއާއި ދޭތެރޭ ވިސްނެނީއެވެ.
“ފާލިހް.” ބާރު ފިޔަވަޅުތަކެއްގައި ގޭތެރެއަށް ވަދެ ވަދެ ހުރި ފާލިހް އެނބުރި ބަލާލީ އަޔާންގެ އަޑަށެވެ.
“ކިތަންމެ ބާރަށް ދިޔަސް ވާނެ ކަމެއްނެތޭ. މަލަކާއަށް އޮތީ ނިދިފަ. ނިދުނީމަ އުނދަގޫ ނުކުރަންވެގެން މިތާ ބޭރުގައި މިއިނީވެސް.” އަޔާން ފާލިހްއާއި ދިމާކުރާ ފަދަ ގޮތަކަށް ހީލިއެވެ. އަޔާން އިނީ ގޯތި ތެރޭގައި ހުރި ކުޑައެއްގެ ދޮށުގައި ހުރި މޭޒެއްގެ ކައިރީގައެވެ.
“ކީކޭ ބުނާނީ ދޯ. ދެން އެއީ ނުވާ ކަމަކަށް ނުވާނެއެއްނު ދޯ. މަލަކާ ހަނދާނެއް ނެތް ވީނުވީ އެއްވެސް.” ފާލިހް ގޮޑިއެއް ދަމާލުމަށްފަހު އަޔާންގެ ކުރިމަތީގައި އިށީނެވެ.
“ހަނދާނެއް ނެތޭ. ތި ބުނީ ކޮން ކަމެއް.” އަޔާން ހުރީ ވާނުވާ ނޭނގިފައެވެ.
“މަލަކާ ހޮސްޕިޓަލްއަށް ގެންދިޔައީ ބަދިގެ ތެރޭގައި ވެއްޓިފައި އޮއްވައޭ ބުނީމެއްނު. މަލަކާ ބުނީ ނޭނގެއޭ އެތަނަށް ދެވުނު ގޮތެއް. އޭނަ ހަނދާނެއް ނެތް އެއްކަމެއްވެސް. ދެން ހީވަނީ ފެން ބޯން ގޮއްސަ ހުއްޓާ އަނބުރައިގަތީ ކަމަށް.” ފާލިހްގެ މޫނު މަތިން އޭނާ އެހުރީ އަދިވެސް ދެރަވެފައިކަން އެނގެއެވެ.
“ދެން ނުވިސްނާ. މަލަކާ ކުރިމަތީގައި ތިގޮތަށް ނުހުންނާތި. އޭރުން އޭނަވެސް ހަމައަކަށް އެޅޭނީ.” އަޔާން ބެލީ ފާލިހް އަށް ވިސްނާދެވޭތޯއެވެ. ފާލިހްގެ ހާލަތު ހުރިގޮތުން އަޔާން އަކަށް އޭނަގެ އަމިއްލަ އެއްވެސް ވާހަކައެއް ދައްކާކަށް ނުކެރުނެވެ. އަޔާން ނުހާގެ ވާހަކަ ދައްކަންވެސް އިންތިހާއަށް ހުރީ ބޭނުންވެފައެވެ.
“އަޔާން ބައްޕަ އައީތަ؟” ފާލިހް ކުއްލިއަކަށް ހަނދާންވާ ކަހަލަ ގޮތަކަށް އަހާލިއެވެ.
“އާން. ވަރަށް ހެނދުނު އައިއްސި.” އަޔާން ގޮޑިން ތެދުވިއެވެ.
“މަޑުކޮށްބަލަ.” ފާލިހް އެދުމުން އަޔާން އަނެއްކާވެސް ގޮޑި ކައިރި ކޮށްލަމުން އިށީނެވެ.
“ކޮން ކަމަކާ ތި ވިސްނަނީ. ނުހާ އާ ދޭތެރޭގަ ދޯ.” ފާލިހް ނަޒަރު ސީދާ ހުއްޓިފައިވަނީ އަޔާންގެ ފުސް ވެފައިވާ މޫނަށެވެ.
އަޔާން އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން ހުރުމުން ފާލިހްއަށް ހީވި ހީވުން ޔަޤީންވި ކަަހަލައެވެ.
” އައި ނޯ އިޓްސް ޑިފިކަލްޓް. އެކަމަކު އަޔާންއަށްވެސް އެނގޭނެ ނުހާގެ ހަޤީޤަތް. ގޯ ފޯ އަ ރިލޭޝަން. ނެތްތަ ހިތްހަމަޖެހޭ އެހެން ކުއްޖެއް. މީތަން އާ ގަޔާވާހެން ވެސް ހީވޭ ބައެއްފަހަރު.” އަޔާންގެ ހިތުގެ ހާލަތު އަޔާން ބުނެނުދިނަސް ވަރަށް ފާލިހް އަށް ރަނގަޅަށް އެނގެއެވެ.
“އައި ލައިކް ހާ. ބަޓް. ނުހާގެ ހަނދާންތައް އަހަރެން ހުއްޓުވާ ކަހަލަ.” އަޔާން ބަޔާން ކުރީ އޭނަގެ ހިތުގެ ހާލަތެވެ.
“ހިތްވަރުކޮށްފަ ކުރިމަތިލާބަލަ.” ފާލިހް އަޔާން އަށް ހިތްވަރުދިނެވެ.
“ޒާރާ ނިމެނީ ކިހާ އިރަކުއޭތަ ބުނީ.” ޝަރީފާގެ އަޑުން އަޔާން މެން ދިޔައީ ސިއްސައިގެންނެވެ.
“މިއަދު ފްރައިޑޭ އެއްނު. ކޮލެޖް އޮވޭތަ މިއަދުވެސް.” އަޔާން ވަރަށް މަޑުމަޑުން ފާލިހްއަށް ބުނެލިއެވެ.
“ތިއެއް ނޭނގެ. ޒާާރާ ކޮލެޖަށް އެވަނީ ކޯސް ފެށިގެން ކުރިއަށްދާތާ ދުވަސް ކޮޅެއްވީމައެއްނު. ނުލިބި ހުރި ބައެއް މުހިންމު ފިލާވަޅުތައް ނަގަން ކޮލެޖް އިން ބުނެގެން ޒާރާ އެދިޔައީ. ނިމޭ ގަޑީގަ ބަލާދާތި.” އަޔާން އެހާ މަޑުމަޑުން ބުނި ވާހަކަވެސް ޝަރީފާއަށް އަޑު އިވުނެވެ. ބުނަން ބޭނުންވާ ހުރިހާ އެއްޗެއް ކިޔާފައި ޝަރީފާ ދިޔުމުން އަޔާންއާއި ފާލިހް އެއްފަހަރާ ކަހަލަ ގޮތަކަށް ހީނގަތެވެ.
“ރަނގަޅެއްނު. ދެވަނަ އަނބި ބަލާދާތި.” އަޔާން ފާލިހް ކޮނޑުގައި ޖަހާލަމުން ދިމާކޮށްލިއެވެ
“ކަލޭވެސްދޯ. ސާބަސް. އެއީ ކުޑަ ކުއްޖެކޭ. ފާލިހްވެސް އަޔާންއާއި ބައިވެރިވަމުން ހީނގަތެވެ.
ސަލްސާ ރޯޔަލް ކުރިމައްޗަށް ސައިކަލްގައި އަޔާން މަޑުކޮށްލިއިރުވެސް އޭނާ ވިސްނަމުން އެދަނީ ފާލިހް ދެންމެގަ ދެއްކި ވާހަކައާއި ދޭތެރޭގައެވެ. މީތަން އޭނަގެ ލައިފަށް އައިސްދާނެ ބާއެވެ. މީތަންގެ އެކަހަލަ އިޝާރާތެއްވެސް އަދި އަޔާންއަކަށް ފާހަަގަ ކުރެވިފައެއް ނުވެއެވެ.
ދެފިކުރެއްގައި ހުރެ އަޔާން ސައިކަލް ޕާކް ކޮށްލިއެވެ. ފިލްމު ތަކުގައި ހަދާ ގޮތަށް ރޮމޭންޓިކް ކޮށް ޕްރޮޕޯސްކުރާ ކަށް އަޔާން ބޭނުމެއްނުވިއެވެ. ފިނިފެންމަލުގެ ގުލްދަސްތާއަކުން ހިތް އަތުލާކަށްވެސް އަޔާން ބޭނުމެއްނޫނެވެ. ސިޑިން އަރަމުން ދިޔައިރު އޭނަގެ އަތްފައި ފިނިވާހެން އޭނައަށް ހީވިއެވެ.
އަވަސް އަވަހަށް ދެތިން ނޭވާ ލުމަށްފަހު މީތަންގެ ގޭގެ ދޮރުގައި އަޔާން ޓަކި ޖަހާލިއެވެ.
“ކާކުތަ؟ ” މީތަން ހުރީ ފުށުން ފެންވަރައިގެން ކަހަލައެވެ. ދޮރުމަތީގައި ހުރި އަޔާން ފެނުމުން މީތަންގެ އަނގަ ތަން މިނަން ހުޅުވުނެވެ. އަޔާންއަށް ހީގަނެވުނީ ބޭއިޚްތިޔާރުގައެވެ.
“މިހާރު ތީ ހަމަ ޕާފެކްޓް ކާޓޫނެއް. ލެޓްމީ ޓޭކްއަ ފޮޓޯ އޮފް ޔޫ.” އަޔާން ހެމުން ހެމުން ޖީބަށް އަތްކޮށްޕާލީ ފޯނު ނަގާށެވެ.
“އޭ ނުވާނެ ނަގައިގެނެއް. ޔޫ މަންކީ.” އަޔާން ވިސްނާނުލާ ހުއްޓާ މީތަން އައިސް އަޔާންގެ ގައިގައި ތަޅައިގަތެވެ.
އަޔާން ލައިގެން ހުރި ކަޅުކުލައިގެ ޓީޝާޓްގައި ވެސް މިހާރު އޮތީ ހުސްފުށެވެ. އަޔާން މީތަންގެ އުނަގަނޑުގައި ހިފާ ބާރުކޮށްލިއެވެ.
“ވިލް ޔޫ ބީ މައިން.؟” އަޔާން މީތަން ނަގާ އުރާލިއެވެ.
“ވަޓް.” މީތަން އަޔާންއާއި ހަތަރުކަޅި ހަމަކޮށްލަމުން ދެލޯ ބޮޑުކޮށްލިއެވެ.
“ޔެސް. އައި ލައިކް ޔޫ.” އަޔާންގެ މަސްތީ ރާގުން މީތަންގެ ހިތް ތެޅިލިއެވެ. އަވަސް ވެގެން ދިޔަ ނޭވާއާއި އެކު މީތަންގެ މޫނު ރަތްވެގެންދިޔައެވެ. އަޔާން އަދިވެސް ހުރީ މީތަން އުރާލައިގެންނެވެ.
“ހާދަ ބަރޭ. އަދިވެސް ޖަވާބެއް ނުދެމެއްނު.” އަޔާން ބޭނުންވީ މީތަން ހެއްވާލާށެވެ.
“އޯ އެހެންތަ؟ އެހެންވީއިރު ހުރޭ ތިހެން. ޖަވާބެއް ނުދެނީސް ދޫ ނުކުރަންޏާ. މަންމައަށް ގޮވަން ވީތަ؟” މީތަން ހީކުރީ އަޔާން ބިރުގަންނާނެ ކަމަށެވެ.
“އޯކޭ. ހަމަ ކޫލް.” އަޔާން އަދި އިތުރަށް މީތަން އޭނަގެ އަތު ތެރޭގައި ފިއްތާލިއެވެ.
“ދީ ވިސްނާލަން ޓައިމްކޮޅެއް.”މީތަން އުޅުނީ އޭނަގެ އުނަގަނޑުގައި ވަށާލައިފައިވާ އަޔާންގެ އަތް ނައްޓާލާށެވެ.
“ނޯ. މީ ފިލްމެއް ނޫނޭ. ސޯ އައި ނީޑް ޖަވާބެއް. އެވެސް މިހާރު.” އަޔާން އެހާ ކޫލް ކޮށް ވާހަކަ ދެއްކިއިރުވެސް ހަޤީޤަތުގައި އޭނަ އެހުރީ ވަރަށް ހާސްވެފައެވެ. މީތަން ނޫނެކޭ ބުނެފާނެތީއެވެ. ނުހާ މަތިން ހަނދާން ނައްތާލުމަށް އޭނަ މީތަން އާ ގުޅެން ބޭނުމެވެ. މީތަން ދެކެ ލޯބި ނުވިޔަސް އަޔާން މީތަން ދެކެ ލައިކްވެއެވެ.
“ދެން ދޫކޮށްބަލަ އަޔާން. މީހަކު އައިސްދާނޭ.” މީތަންގެ ރާގުގައިވަނީ އާދޭހެވެ. އަޔާން ދެފަރާތަށް ބޯ ހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.
“އޯކޭ. ޔެސް އޭ.” މީތަން އޭނަަގެ ރަތްވެފައިވާ މޫނު ދެއަތުން ފޮރުވާލީ ލަދުންނެވެ.
“ކޮން ކަމަކަށް ޔެސް ތިބުނީ.” އަޔާން ބޭނުންވީ މީތަންގެ އަގައިން ފުރިހަމަ ޖަވާބެއް ކަހަލައެވެ.
“މިބުނީ އައި ލައިކް ޔޫ ޓޫ އޭ.” މީތަން އަޔާންއާ ހަތަރު ކަޅި ހަމަކޮށްލިއެވެ.
ލިބުނު ހިތްހަމަ ޖެހުމާއެކު އަޔާން އުފަލުން މީތަން ގޮވައިގެން އެނބުރިގަތެވެ.
“އަޔާން. ވެއްޓިދާނެއޭ.” މީތަންގެ ތުއި އަޑު މުޅި ހިސާބުގައި މިއުޒިކެއް ފަދައެވެ. އަޔާން ފުން ނޭވާތަކެއް ލަމުން މީތަން ބިންމަތީގައި ބެހެއްޓިއެވެ.
“އަދި ކިރިޔާތަ ވަރުބަލިވިކަން ތި އިހްސާސްވީ.” އަޔާން އުޅުނު ގޮތުން މީތަން ތުންދަމާލިއެވެ.
“ދެން އަންހެންކުދިން ސެޓް ކުރަން އުޅޭއިރު ޖެހޭނެއެއްނު ވަރުބަލިނުވާ ކަމަށް ހެދެން ބޭނުންވާކަމެއް ވަންދެން.” އަޔާން މީތަންގެ އަތުގައި ހިފައި ގަޔާ ކައިރިއަށް ދަމާލިއެވެ.
“މިރޭ އަންނާނަން ބަލާ. އައި ހޭވް އަ ސަޕްރައިޒް ފޯ ޔޫ.” މީތަންގެ ކަންފަތާއި ކައިރިވެލަމުން އަޔާން ސިއްރު ސިއްރުން ބުނެލިއެވެ. މީތަން ހުރީ ލޯ ކުރިމަތީގައި ވަމުންދާ ކަންތައް ޤަބޫލުކުރަން ދަތިވެފައެވެ. އަދިވެސް ހިތަށް އަރަނީ މީ ހުވަފެނެއް ކަމަށެވެ.
” އަޔާން. މީހުވަފެނެއްތަ؟” މީތަންގެ އަޑުގައިވާ ތުރުތުރުން އަޔާން އަށް ހެވުނެވެ.
“މީ އަދި ހުވެފެނެއް. އެއްވެސް ކުލައެއްނެތް ހުވަފެނެއް.” އަޔާން މީތަންގެ ފަން އިސްތަށިގަނޑާއި ކުޅެލިއެވެ.
“ކީކޭ ތިބުނީ.” މީތަން އަޔާންއާ ދުރަށް ޖެހިލިއެވެ.
“ބުނާ އެއްޗަކަށް ނުބަލަބަލަ. މަތުލަބް ވިސްނިއްޖެއެއްނު.” އަޔާންގެ ދެމާނަ އެކުލެވޭ ޖުމްލަތައް މީތަންއަކަށް ނުވިސްނުނެވެ.
މީތަން އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ އަޔާން އޭނަގެ ތުނިތުނި ތުންފަތުގައި އިނގިލި ޖައްސާލިއެވެ.
“ދަނީ. މިރޭ އަންނާނަން ބަލާ. ނުވައެއް ޖަހާއިރު.” އަޔާން ސިޑިން ފައިބައިގެން ދިޔައިރުވެސް މީތަންއަށް ހުރެވުނީ ބަލާށެވެ.
ބޯ ކަޅު ވިލާތަކުން އުދަރެސް ބައްދާލައިފައި ވާއިރު ހީވަނީ ދެންމެ ދެންމެ ވާރޭ އޮއްސާލަފާނެހެންނެވެ. ހަވީރުގެ އެވަގުތު ވެސް ހީވަނީ ރޭގަނޑެއްހެންނެވެ. މުޅި ދުނިޔެމަތި ވަނީ އަނދިރިވެފައެވެ.
“ފާލިހް. ހިނގާބަލަ ރެއިން ބަލާލަން ކުޑަ ދަށަށް ދާން.” މަލަކާ ހީވަނީ ބޭބީ އެއްހެންނެވެ. ފާލިހްގެ ގަމީހުގެ ގޮށް އަނގަޔަށްލާ ހަފަމުން މަލަކާ ފާލިހްގެ ދެލޮލަށް ބަލާލިއެވެ.
“ނޫނޭ ދޫންޏާ. އަދި ތެދުވެ އުޅުން އެހާ ރަނގަޅެއްނުވާނޭ.” ފާލިހް މަލަކާގެ ބޮޑު ކޮލުގައި ލޯބިން ހިފާލިއެވެ.
“އަޅެ ދެން ނޫން. އަހަރެން މީ ބަލި މީހެއްނޫނޭ. މިހެން އޮންނަން ވެއްޖެއްޔާ އަދި މާބަލިވާނީ.” މަލަކާ ބޮޑާ ހާކަން ފެށުމުން ފާލިހްއަށް ޖެހުނީ ގޮތް ދޫކުރާށެވެ. ފާލިހް ގެ ގައިގައި މަލަކާ ލައްކޮށްލައިގެން ކޮޓަރިން ބޭރަށް ނިކުތެވެ. ހިނގަމުން ދިޔައީ ވެސް އެހާ މަޑުންނެވެ. މަލަކާ ހިނިތުންވެލަމުން ފާލިހްއަށް ބަލާލީ އޭނާގެ އޯގާތެރިކަމަށްޓަކާ ޝުކުރުވެރިވާފަދަ ގޮތަކަށެވެ.
“މިއޮތީ އާދެވިފައެއްނު. މަޑުމަޑުން އިށީންނާނީ.” ފާލިހް މޭޒުކައިރީގައި ހުރި ގޮޑި ދުރުކޮށްލަދިނެވެ.
“އަޅެ ހާދަ ހިތްހަމަޖެހެއޭ މިހެން ވާރޭ ވެހޭ މަންޒަރުބަލަން.” މަލަކާގެ ނަޒަރު ހުއްޓިފައިވަނީ ވެހެމުންދިޔަ ބޯވާރޭއަށެވެ. މަލަކާގެ ވާހަކައިން ފާލިހްގެ ތުންފަތުގައި ކުޅެލީ ލުއިލުއި ހިނިތުންވުމެކެވެ.
ކުއްލިއަކަށް ޖެހިލި ބާރު ފިނި ފިނި ރޯޅިއަކުން މަލަކާ ތުރުތުރު އަޅައިގަތެވެ.
“އަޅެ. ހާދަ ފިންޏޭ.” މަލަކާ ފާލިހްގެ އަތަށް މަޑުމަޑުން ފިއްތާލިއެވެ.
މަލަކާގެ ހިތުގެ އަޑު ފާލިހް އަށް އިހްސާސް ކުރެވުނު ކަހަލައެވެ. މަލަކާގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ފާލިހް މަލަކާގެ މޫނާއި ކައިރިވެލިއެވެ.
އެވަގުތު ގޭގެ ދޮރޯށި ހުޅުވުނު އަޑަށް ދެމީހުންނަށްވެސް ސިހިފައި ދުރަށް ޖެހެވުނެވެ. އޭރު ތެމިފޯވެފައިވާ ޒާރާ ދަބަހާއެކު ދުވެފައި އާދެއެވެ.
“ޒާރާ.”މަލަކާގެ އަޑަށް ޒާރާ އެނބުރި ބަލާލިއެވެ. ނަމަވެސް ވެހެމުންދިޔަ ބޯ ވާރޭގެ ސަބަބުން ޒާރާގެ މޫނުގެ ކުލަވަރު މަލަކާއަށް ފެންނަ ވަރެއް ނުވިއެވެ. ޒާރާވެސް އިތުރަކަށް މަޑެއް ނުކުރެއެވެ. ފާލިހްއާއި މަލަކާ އެކުގައި ފެނުމުން ހިތުގައި ޖެހުނީ ކަމަށްވެސް ވެދާނެއެވެ.
ފާލިހް މަލަކާގެ ހާސްވެފައިވާ މޫނަށް ބަލާލަމުން ހިނިތުންވެލީ އަޅާނުލާށޭ ބުނާފަދަ ގޮތަކަށެވެ.
އާސިފް. މިހާރު ވާރޭވެސް ހުއްޓާލައިފި. ހިނގާބަލަ ޝޮޕިންއަކަށް. ” ކޮޓަރިން ދޮރުން ނިކުމެ ނިކުމެ ހުރި އާސިފް ހުއްޓުނީ ނުހާގެ އަޑަށެވެ.
“ވާރޭ ހުއްޓާލި ވަގުތު އަހަރެންވެސް މިދަނީ ވަރަށް މުހިންމު މީޓިންއަކަށް ދާށޭ. އަނެއްކާ ނުހާ ވަންނާނީ އެންމެ ފިހާރައަކަށް ނޫން..” އާސިފްގެ އަޑުގައިވަނީ ހަރުކަށި ރާގުން ނުހާ މޫނު ކުނި ކޮށްލިއެވެ.
“އާން. މަގޮވައިގެން ތަނަކަށް ދާންވީމަ ބޮޑުވާނެ މިގޭގެ އެންމެންނަށްވެސް.” ނުހާ އޭނަގެ ހަޤީޤީ މަޤްސަދު ހާސިލް ކުރުމަށްޓަކައި މަގު ކޮށަން ފެށި ކަހަލައެވެ. ބޭރަށް ދާން ނުހާ ބޭނުންވަނީ އާސިފްއާއެކީ ގައެއް ނޫނެވެ. އަޔާންއާއި އެއްކޮށެވެ.
“އެންމެންނޭ. ކޮން އެންމެންނެއްތަ؟” އާސިފް ލައިގެން ހުރި ކޯޓްގެ އަތް ރަނގަޅު ކޮށްލިއެވެ. ނުހާ އެއްވެސް އެއްޗެއް ނުބުނެ ދުރަށް މޫނު އަނބުރާލިއެވެ.
“ކޮންމެ ކަމެއްގަ އެހާ ކަންތައް ބޮޑު ކުރާ އެއްޗެއް ނޫނޭ. އަޔާން ވެސް އެބައުޅޭ. އޭނައާއެކީ ދޭބަލަ.” އާސިފް އެދިނީ ނުހާ އެންމެ އަޑުއަހަން ބޭނުންވި ޖަވާބެވެ.
“ދެން މަށަށް ކެރޭތަ ބުނަން.” ނުހާ ހުރީ އުފަލުންނެވެ. ހިތް ނަށަމުންދާ ކަހަލައެވެ.
“އަޔާން.” އާސިފް އަޔާންއަށް ގޮވަމުން ސިޓިންރޫމްއަށް ނިކުތެވެ. ފަހަތުން ނުހާވެސް ނިކުތެވެ.
“ކީކޭ ޑޭޑް.” ސިޑިން ފައިބަމުން އައި އަޔާން ހިނިތުންވެލިއެވެ.
“ހާދަ ހެޕީ ވެފަ.” އެހެން ދުވަސް ދުވަހު ނުފެންނަ އުފާވެރިކަމެއް އާސިފް އަށް އަޔާންގެ މޫނުމަތިން ފެނުމުން އާސިފް އުފާވިއެވެ.
“ނޮޓް އެގޭން،” ނުހާ ހިތާހިތުން ކުދި ކިޔާލީ އާސިފް އަޔާން ގައިގައި ބައްދާލުމުންނެވެ.
“ދަރިފުޅު. ދޭބަލަ ނުހާ ގޮވައިގެން ފިހާރައަކަށް.” އާސިފްގެ ވާހަކައިން އަޔާންއަށް ބޭއިހްތިޔާރުގައި ނުހާއަށް ބަލާލެވުނެވެ. އޭރު ނުހާވެސް ހުރީ އަޔާންއާ ދިމާއަށް ބަލާށެވެ. އަޔާން ބަލާލުމުން ނުހާ ޖެއްސުމުގެ ގޮތަށް ނިތް އަރުވާލިއެވެ.
“ޑޭޑް. ވަރަށް ވިއްސާރައެއްނު. ފާލިހް ދެން އޮފީހަށް ނުނިކުންނާނެ ވީކެއް ފަހުން ނޫނީ. އެހެންވެ ބައެއް މުހިންމު ވޯކްސް ތައް ހުރީމަ އެދިމާލަށް މިދަނީ. މިރޭ ދާން ހަދަންވީނު.” އަޔާން ނުހާ ގޮވައިގެން އެއްވެސްތާކަށް ދާކަށް ބޭނުމެއްނުވެއެވެ. އަދި މިހާރު ވަކިން މީތަން ހީކުރާނެ އެއްޗަކާއިމެދު ވެސް އަޔާން ވިސްނަން ޖެހެއެވެ. އެކަމަކު ބައްޕަގެ ކުރިމަތީގައި ނޫނެކޭ ބުނާކަށްވެސް އަޔާންއަކަށް ނުކެރޭނެއެވެ.
“ކޮބާ. ބުނީމެއްނު އެކަކުވެސް ނުދާނޭ.” ނުހާ އަޔާންއާ ދިމާއަށް ދެލޯ އަޅައިގެން ހުރިއިރު ހީވަނީ ދެންމެ ދެންމެ އަޔާން ކާލަ ފާނެހެންނެވެ.
“ނުހާ. އަހަރެންވެސް މިއުޅެނީ ޝޮޕިންއަށް ދާން. ހިނގާ މަށާއެކު ދާން.” ނީތާ އަތްދަބަސް ކޮނޑަށް ހެއުވަރު ކުރަމުން އެތަނަށް އައިސް ހުއްޓުނެވެ.
“މައްސަލަ ހައްލުވީނު. ނުހާ ދޭ ބަލަ ނީތާ ގޮވައިގެން. މާގިނަ ފިހާރަތަކަށްވެސް ވަދެވޭނެ ހިނގާފަ ދަންޏާ.” ނުހާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި އާސިފް ހިނގައިގަތެވެ. ނުހާއަށް އެންމެ ފަހުން ޖެހުނީ ނީތާ އާއެކީ ދާށެވެ. އަޔާން ތުބުން ފުމެމުން ދިޔަ މަންޒަރު ބަލަން ހުރި ނުހާ ހުރީ ރުޅި އައިސްގެން ގޮސް މޮޔަވާން ކައިރިވެފައެވެ.
“އަސްލުވެސްތަ؟ އަޅޭ. ޔޫ އާ ސޯ ލަކީ.” މަލަކާ ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ނަށަންފެށިއެވެ. ފާހާނާއިން ނިކުތް ފާލިހްއަށް އެމަންޒަރު ފެނުމުން ހިތްހަމަ ނުޖެހުނު ކަމުގައި ވިޔަސް މަލަކާ ފޯނުގައި ހުރީމަ އެއްޗެއް ނުބުނެއެވެ. އަތުގެ އިޝާރާތުން އެނދުގައި އިށީންނުމަށް އެންގިއެވެ.
“ފާލިހް އެނގޭތަ؟ އަޔާން ޕްރޮޕޯސްޑް މީތަން.” މަލަކާ ހުރީ ދަތްޕިލަ ނަގާ އަތްމައްޗަށް ލައިގެންނެވެ.
“ސަޕްރައިޒެއްދޭކަށްވެސް އެކާޓޫނަކަށް ނޭނގޭނެ.” ކޮޓަރި ދޮރުމަތީގައި ހުރި އަޔާންގެ އަޑަށް ފާލިހްއާއި މަލަކާ އަށް ބަލާލެވުނީ އެއްފަހަރާއެވެ.
“އެހެންނޭ ވާނީ މާވަގަށް ކަންތައްކުރަންޏާ. އަޅެ. ހެޔޮވެސް ނުވާނެ ދޯ އެކުއްޖާއަށް ކާޓޫނު ކިޔަން.” ފާލިހް ހީނގަތެވެ.
“ކާޓޫނު ދޯ ކިޔާނީ އެހެން ހުންނަންޏާ. ބަލާބަލަ ނިކަން އެއަޅާ އައިނުގަނޑެއްވެސް.” އަޔާންވެސް ހީގަންނަމުން އައިސް އެނދުގައި އިށީނެވެ.
“ކަލޭމެންނަށް ނިމުނީ ދޯ ސަކަރާތް ޖެހެނިކޮށް. މިގޭގަ ބަލިމީހުންވެސް އެބައުޅޭ. އެވަރު ވިސްނަންވާނެއެއްނު.” ކޮޓަރި ދޮރުމައްޗަށް ހުއްޓި ހިތްހަމަ ނުޖެހުން ފާޅު ކުރަމުން ޝަރީފާ ހިނގައިގަތެވެ.
“ހިޓްލަރެއްދޯ ހަމަ.” އަޔާން ފާލިހްއަށް އެއްލޯ މަރާލިއެވެ. މަލަކާ ހުރީ ދެރަވެފައެވެ. ދެންމެއަކާއި ޖެހެންދެން އުފާވެރިކަމުން ވިދަވިދާހުރި އެމޫނު ވަނީ މިލާފައެވެ.
އެވަގުތު އަޔާންގެ ފޯނު ރިންގް ވާންފެށުމުން އަޔާން ޖީބަށް އަތް ކޮށްޕާލިއެވެ.
“އާން. ހަނދާން އެބަހުއްޓޭ. މިދަނީ.” އަޔާން ދެފަރާތަކަށް ބޯހޫރަލަމުން ފޯނު ޖީބަށް ކޮށްޕާލިއެވެ.
“ކާކު؟” ފާލިހް ސުވާލު ކުރީ އަޔާން ދެފަރާތަކަށް ބޯހޫރާލުމުން ގުޅީ ނުހާ ކަމަށް ހީކޮށެވެ.
“މާކިން. މެލޭޝިޔާގައި ހުރިއިރުގެ ފްރެންޑެއް. ފަހުން އަދި ދިމާކޮށްލާނަން އިނގޭ.” އަޔާން އަވަސް އަރުވާލަމުން ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ.
“މަންމަ ހޭޓްސް މީތަ؟” އަޔާން ދިޔުމުން މަލަކާއަށް ރޮވުނެވެ.
“ތިހެން ނުވިސްނަބަލަ. އެނގޭނު މަންމަގެ ފާޑު.” ފާލިހް މަލަކާ ގެނެސް އޭނަގެ މޭ ތެރޭގައި ފޮރުވާލިއެވެ.
އޮކްސިޖަންގެ ހަލަބޮލި މާހައުލެވެ. އިރުއޮއްސޭގަޑިވުމުން މުޅި އޮކްސިޖަން ތެރެ އޮތީ މީހުންނުން ފުރިފައެވެ.
“ހާދަ ހިސާބަކަށް އައިސް ތިއިނީ.” އަޔާންގެ އަޑަށް މާކިން ސިހިފައި ބަލާލިއެވެ.
“އާން ކަމަކު މިހިސާބަށް މިއައީ. މީހަކާއި ބައްދަލުކޮށްލަން. އެކަމަކު އެކަމެއްވެސް ނުވި.” މާކިން ފުން ނޭވާއެއް ދޫކޮށްލިއެވެ.
އެވަގުތު ވެއިޓަރ އޯޑަރ ނަގަން އައިސް މޭޒުގެ ކައިރިއަށް ހުއްޓުނެވެ.
“ކޮފީއެއް. މިލްކް.” އަޔާން ވެއިޓަރ އަށް ހިނިތުންވެލަމުން މާކިން އާ ކުރިމަތިލިއެވެ.
ހާދަ ހާސްވެފަ ތިހުރީ.” އަޔާން މޭޒުގައި އަތް އަޅުވާލިއެވެ.
“މިކޮޅަށް އައިސް އަދި ސެޓްލް ނުވެފަ. ޖޮބެއް ނުލިބޭތީ.” ހަޤީޤަތުގައިވެސް މާކިން ހުރީ ފިކުރުބޮޑުވެފައެވެ.
“ސެޓްފިކެޓެއް އޮތަސް މިހާރު އެޔަކަށް ނުބަލައެއްނު.” މާކިން ގެ ވާހަކައަށް އެއްބަސްވުމުގެ ގޮތުން އަޔާންވެސް ބޯޖަހާލިއެވެ.
“ކޮބާ ޒޫކަން.” ވެއިޓަރ ކޮފީތަށި ބަހައްޓަން ޖާގަ ދައްކާލަމުން އަޔާން އަހާލިއެވެ.
“އެބައުޅޭ ގޭގައި. އަހަރެންގެ މަންމަ ކައިރީގައި.” މާކިން ޖަވާބު ދިނީ ވަރަށް މަޑުމަޑުންނެވެ.
“ސަންޑޭގަ އޮފީހަށް އާދެބަލަ ސެޓްފިކެޓްތައް ހިފައިގެން. އައި ވިލް ހެލްޕް ޔޫ.” އަޔާން މާކިންގެ އުދާސްވެފައިވާ ހިތަށް ހިތްހަމަޖެހުމެއް ގެނެސްދިނެވެ.
“ތަނަކަށް ދާން ޖެހޭތީ އައި ހޭވް ޓް ގޯ. އެހެން ނޫންނަމަ އަދި އިރުކޮޅަކު މަޑު ކުރީސް. ގުޅާނަން އިނގޭ.” މާކިން އާ ސަލާމް ކޮށްލަމުން އަޔާން ގޮނޑި ދުރު ކޮށްލާފައި ތެދުވިއެވެ.
މީތަންގެ ގޭގެ ތިރީގައި ހުރި ދަގަނޑު ހޮޅި މަތީގައި އަޔާން އިށީންދެގެން އިންނަތާ ބައިގަޑި އިރު ވެއްޖެއެވެ. މީތަންގެ އިންތިޒާރުގައެވެ. ފައިވާނުގެ ޓޮއްޓޮއް އަޑަށް އަޔާން އިސްއުފުލާ ބަލާލިއެވެ. އެވަގުތު އަޔާން އަށް އިންތަނުން ތެދުވެވުނު ގޮތް ވެސް ނޭނގެއެވެ. ދެލޯ ބޮޑުކޮށްގެން އަޔާންއަށް ހުރެވުނީ ބަލާށެވެ. އޭނާގެ ކުރިމަތީގައި އިސްޖަހަައިގެން ހުރި މީތަންއަށެވެ. ރަތް ކުލައިގެ ޕެޕްލަމް ޓޮޕްއިން މީތަންގެ ހިމަ އުނަގަނޑާއި ލޫޅާފަތި ހަށިގަނޑުގެ ބައްޓަން އޮތީ ހާމައަށް ފެންނާށެވެ. އިސްތަށިގަނޑު އެއްކޮށް މައްޗަށް ނަގާ ހައްޔަރުކޮށްލާފައިވާއިރު މޫނުގެ ރީތިކަން އިންތިހާއެވެ. މާބޮޑު މޭކަޕެއް ނެތް މީތަންގެ ހިތްގައިމު މޫނުން އަޔާން އަށް ނަޒަރު ދުރުކޮށެއް ނުލެވުނެވެ.
“އަޔާން.” މީތަން ރަކި ގޮތަކަށް ހީލިއެވެ.
“މާފްކުރޭ މެޑަމް. އަހަރެންގެ ކުށެއް ނޫން. ތިޔަފަރި މޫނުގެ ކުށް. އެހެންވެ ވީގޮތް.” އަޔާން މީތަންގެ ކުރިމައްޗަށް އައިސް ހުއްޓުނެވެ.
“ކީކޭ.؟” މީތަން އަޔާންގެ ލޮލަށް ބަލާލިއެވެ.
“ބުނާ އެއްޗަކަށް ނުބަލަބަލަ. މަތުލަބް ވިސްނިއްޖެއެއްނު.” އަޔާން މީތަންގެ އަތުގައި މަޑުމަޑުން ހިފާލިއެވެ.
“ކޮން މަތުލަބެއްތަ؟” މީތަން އަޔާންއާ ދިމާއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.
“މަތުލަބް ނޭނގޭތަ؟ މަތުލަބް މީންސް މާނައަކީ. ގައިމު ލައްކަ ޑްރާމާ ބަލާނެ އަންހެންވެރިން.” އަޔާން މީތަންއާ ދިމާކޮށްލިއެވެ.
“ހުއް. ހުރިހާ އެންމެން ޑްރާމާ ނުބަލާނެ އިނގޭ.” މީތަން ވާހަކަދެއްކީ އަމިއްލަ ދިފާއުގައެވެ. އަޔާން ކައިރިއަށް ހިނިއައީ މީތަން މޫނަށް ޖައްސާލި ވައްތަރުންނެވެ.
“ބައި ދަ ވޭ. ކޮންތާކަށް މިދަނީ.” އަޔާންގެ ސައިކަލް ޕާކް ކޮށްފަ ހުރި ތަނަށް މަޑުކޮށްލުމާއެކު މީތަން އަހާލިއެވެ.
“ސަޕްރައިޒް.” އަޔާން ސައިކަލަށް އެރުމުން މީތަން އަޔާންގެ ފަހަތުގައި އިށީނދެލިއެވެ.
ޓީވީއިން ދައްކަމުންދިޔަ ޚަބަރަށް އާސިފް ގެއްލިފައި އިން އިރު ނުހާގެ މޫނުމަތިން އަދިވެސް ފެންނަނީ ނުރުހުމެވެ. މިއަދު އަޔާން ކަންތައް ކުރި ގޮތުން ނުހާގެ ހިތަށް ހަމަޖެހުމެއް ނުލިބޭ ކަހަލައެވެ.
“ޑޭޑް.” އަޔާންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. އާސިފްދެކެ ފަސްޖެހޭ އަޔާންގެ މޫނުމަތީގައި އެއްވެސް ހާސްކަމެއްނެތެވެ.
“ކީކޭ ދަރިފުޅާ.” އާސިފް ލޮލުގައި އޮތް އައިނު ނަގާ ސައިޑް ޓޭބަލް މަތީގައި ބާއްވާލަމުން ތެދުވިއެވެ. ނުހާވެސް ހުރީ ވާނުވާ ނޭނގި ބަލަހައްޓައިގެންނެވެ.
ކީއްވެ ނުވަދެ ދޮރުމަތީގައި ތިހުރީ.” އާސިފް ހުރީ ހިސާބަކަށް ހައިރާންވެފައެވެ.
“އައި ލަވް ހާ ޑޭޑް.” ނުހާ ތެޅިގެންފައި ފުންމައިގެން ތެދުވިއެވެ. އޭނާ ހީކުރީ އަޔާން އޭނާގެ ވާހަކަ ދައްކާކަމަށެވެ.
“އެތެދެއް.- ” ނުހާ ކުރިއަށް ޖެހިލައި އާސިފްގެ އަތުގައި ހިފާލަމުން ބުނެލި ޖުމްލަ ފުރިހަމަ ނުވީ އަޔާން ކޮށްލި ހަރަކާތުންނެވެ.
އަޔާން ފަހަތަށް ޖެހިލަމުން ދޮރާއި ދިމާއަށް އަތް ދިއްކޮށްލިއެވެ. އަޔާން ދިއްކޮށްލި އަތުގައި ހިފަމުން އިސްޖަހައިގެން ހުރެ ދޮރުން ވަން މީތަން ފެނިފައި ނުހާ އަށް މުށް ކަވާލެވުނެވެ.
“އޯ. ސޯ ސަޕްރައިޒްޑް. އާދޭ އިށީންނަން.” އާސިފް ހިނިތުންވެލިއެވެ. އަޔާން މީތަންގެ އަތުގައި ހިފައިގެން އެތެރެއަށް ވަންނަމުން ނުހާއަށް ބަލާލެވުނެވެ. ނުހާގެ ފެންކަޅިވެފައިވާ ދެލޯ އަޔާންގެ ހިތަށް ބާރު ފޯރުވަފާނެތީ އަޔާން ވަގުތުން އިސްޖަހާލިއެވެ. އާސިފް އަޔާންގެ ހޮވުމަށް މަރުޙަބާ ކީ އުފަލުންނެވެ. މީތަން ހުރީ ފަސްޖެހިފައެވެ. އޮފީހުގެ ބޮޑު މީހާގެ ކުރިމަތީގައި ހުންނަން ޖެހުމާއި އަދި ޚާއްސަކޮށް ނުހާގެ ނަފްރަތުން ފުރިގެންވާ ދެލޯ ސީދާ އޭނައަށް އަމާޒުވެފައިވާތީއެވެ.
“ޑޭޑް. ކޭން ވީ ގޯ.” އަޔާންއަށް ނުހާގެ ކުރިމަތީގައި ހުންނަން އުނދަގޫވާ ކަހަލައެވެ. އިރުއިރުކޮޅާއި އަޔާންއަށް ނުހާއާ ދިމާއަށް ބަލާވެސް ލެވެއެވެ. ކިތަންމެ ބޭނުން ނުވިޔަސް އަޔާންއަކަށް ނުހުރެވެއެވެ.
“އަދި އަންނަންޗޭ. ގޯޑް ބްލެސް ޔޫ ބޯތު.” އާސިފް އަޔާންގެ ބުރަކަށީގައި ފިރުމާލިއިރުވެސް އަޔާންއަށް ބެލެނީ ސޯފާގައި އިސްޖަހައިގެން އިން ނުހާއަށެވެ.
އަޔާން ސައިކަލް ދުއްވަމުން ގެންދިޔައީ ވަރަށް ބާރަށެވެ. އަޔާންގެ ފަހަތުގައި އިން މީތަން އިނީ ބިރުންނެވެ.
“އަޔާން. ސުވަރުގޭގެ ދޮރުތައް ބަންދުވާތީ ތަ ތިހާ ބާރަށް ތިދަނީ.” މީތަން އަޔާންގެ ދެކޮނޑުގައި ހިފާ ބާރުކޮށްލިއެވެ. އެކަމަކު އަޔާންއަށް ރޭކާވެސް ނުލިއެވެ. އަޑު އިވުނުހެންވެސް ހީނުވެއެވެ.
“އަޔާން.” މީތަން އަނެއްކާވެސް ގޮވާލިއެވެ. ނަމަވެސް އަޔާންގެ ޖަވާބެއް ނާދެއެވެ. މީތަންގެ ހިތުގައި ޖެހުނެވެ. ނަމަވެސް އިތުރު ސުވާލެއް ނުކޮށް މީތަން އިނީއެވެ.
ގޭގެ ދޮރުމައްޗަށް ސައިކަލް މަޑުކޮށްލުމާއެކު މީތަން ސައިކަލުން ފޭބިއެވެ.
“ގުޅާނަން.” މީތަންގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި އަޔާން ސައިކަލް ދުއްވާލިއެވެ. ވާނުވާ ނޭނގިފައި ހުރި މީތަން ގެއާއި ދިމާއަށް ހިނގައިގަތީ އިންތިހާއަށް ދެރަވެފައި ހުރެއެވެ.
ނިދާފައި އޮތް ފާލިހްއަށް ހޭލެވުނީ ބޯކޮށް ވާރޭ އޮއްސާލި އަޑަށެވެ. އޭރު ކޮޓަރި ތެރެ އޮތީ އެއްކޮށް އަނދިރިވެފައެވެ. ފާލިހް ނިދާ ބޮކި ޖައްސާލަން ސްވިޗްގައި އަތްލިއިރު ލައިޓް ހުރީ އޮން ކޮށްފައެވެ. އެހާ ހިސާބުން ގޭގައި ކަރަންޓް ނެތްކަން ފާލހްއަށް އެނގުނެވެ. ސައިޑް ޓޭބަލްގަ އޮތް ފޮށިން އުށްބައްތިއެއް ނަގައި ރޯކޮށްލަމުން ފާލިހް ކައިރީގައި ނިދާފައި އޮތް މަލަކާގެ މޫނަށް އަލިކޮށްލިއެވެ. މަލަކާ އޮތީ އަރާމުކޮށް ނިދާލާފައެވެ.
ރޯކޮށްފައިވާ އުއްބަތި ސައިޑް ޓޭބަލްމަތީގައި ބަހައްޓާލަމުން ފާލިހް އިތުރު އުއްބަތިއެއް ނަގާ ރޯކޮށްލިއެވެ. އަދި އުއްބަތި ހިފައިގެން ބަދިގެ އާއި ދިމާއަށް ހިނގައިގަތީ އެހާ ފިނީގައިވެސް ކަރު ހިއްކާފައިވާތީއެވެ. ވެހެމުންދިޔަ ބޯ ވާރޭގެ އަޑުގެ ތެރެއިން އަންހެން ކުއްޖެއްގެ ކުކުރުމުގެ އަޑު ފާލިހްގެ ކަންފަތުގައި ޖެހުނެވެ. ފާލިހް ހުއްޓުނެވެ. އަދި އިރުކޮޅަކު ވިސްނަން ހުރެފައި އަޑު އަންނަ ދިމާއަށް ހިނގަންފެށިއެވެ. ފާލިހްއަށް ހުއްޓިގެން ހުރެވުނީ ޒާރާގެ ކޮޓަރީގެ ދޮރު ކައިރީގައެވެ. ދެފިކުރެއްގައި ހުރެފައި ފާލިހް ދޮރުގެ ތަޅުގައި ހިފާ އަނބުރާލިއެވެ. ދޮރު ހުރީ އެތެރެއިން ތަޅު ނުލާ ކަމުން އެއްވެސް ހުރަހެއްނެތި ދޮރު ހުޅުވިގެން ދިޔައެވެ. އެވަގުތު ކަރަންޓްވެސް އައިސްފި އެވެ. ފާލިހް އަތުގައި އޮތް އުއްބަތި ނިއްވާލީ އެކޮޓަރި ތެރޭގައި ދިއްލާފައިވާ ނިދާ ބޮކީގެ އަލިން ކޮޓަރި ތެރެ ހިސާބަކަށް އަލިވެފައިވާތީއެވެ.
ފާލިހް އެނދުމަތީގައި ކުކުރާލަ ކުކުރާލަ އޮތް ޒާާރާއަށް ބަލާލިއެވެ. އޭނާއޮތީ ފާލިހްއަށް ފުރަގަސްދީގެންނެވެ.
“ޒާރާ.” ފާލިހް ގޮވާލީ ވަރަށް ފަސްޖެހިފައި ހުރެ އެހާމެ މަޑުންނެވެ. ޒާރާގެ އެއްވެސް ޖަވާބެއް ނައުމުން ފާލިހް އެނދުގެ ކައިރިއަށް ގުދުވެލާ ޒާރާގެ ކޮނޑުގައި އަތް ޖައްސާލިއެވެ. ނަމަވެސް ޒާރާގެ އެއްވެސް ހަރަކާތެއްނެތެވެ. ގައިމަތީގައި އޮތީ ތެތް ތުވާއްޔެއް އަޅާފައެވެ. ފާލިހް އެނދުމަތީގައި އިށީނދެ ޒާރާގެ ކޮނޑުގައި ހިފާ އަނބުރާލިއެވެ. އެވަގުތު ފެނުނު މަންޒަރުން ފާލިހްއަށް ލޯމަތީގައި އަތް އަޅާލެވުނެވެ. ޒާރާގެ ގައިގައި އެއްވެސް ފޭރާމެއްނެތެވެ. ހަމައެކަނި އަޅާފައިވަނީ ތެތް ތުވާލިގަޑެކެވެ. ޒާރާ އޮތީ ހުން އައިސް ރަތްވެފައެވެ. ފާލިހް އުޅުނީ ކޮޓަރިން ނިކުންނާށެވެ. އެނދުމަތިން ތެދުވިތަނާ ޒާާރާ އެއްލި އަތުން ފާލިހްގެ އަތުގައި ހިފިއެވެ. އަދި ހަމަ އެވަގުތު ޒާރާ ފާލިހްގެ އަތުން ދޫވެސް ކޮށްލިއެވެ. ގައިގައި އެއްވެސް ބާރެއް ޒާރާގެ ނެތީ ކަންނޭނގެއެވެ. ފާލިހްއަށް ބޭއިހްތިޔާރުގައި ޒާރާގެ ކައިރީގައި އިށީދެވުނެވެ. އަދި އޭނާގެ ލޯ ޒާރާގެ އެކިއެކި ވަނާތަކަށް ހުއްޓެމުން ދިޔައެވެ.
ނުނިމޭ
5 Comments!
Comments are closed.
YAY me first v reethi mi partves
Oh come on…varugadha nuha ehnun..i just hate her.and that mamma gandu zaara????…too mean ..but stry hama habeys???..keep up the good work??? luv ya sis❤❤❤
Faalih namanama goaheh nahadhaathi,dhen thi nubai group ganduge hilamehves vebala dhen thibi meehun nan ayaan ge hithun thi nuhaaganduves fohelaa eiy bodu randieh, nice story eh waiting for the next part
Faalih goaheh nahadhaathi…finally meethan aa ayan gulhunii dw.. hama ufaln rovihjje
Kobaaa nxt partttr hendhunuhsure waitingggg