އަހަރެން
* ނޯޓް: މިއީ ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.
މެންދަމުގެ ވަގުތެވެ. ޖަހާލި ބާރު ގުގުރިއާއިއެކު ސިހިފައި އަހަރެންނަށް ހޭލެވުނެވެ. އެ އަޑާއި އެކުވެގެން ކަހަލަ ގޮތަކަށް ކުޑަކުއްޖެއްގެ ރުއިމުގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. ދެލޯ އުނގުޅާލަމުން އަވަސްއަވަހަށް ޖެހިގެން ހުރި ކުޑަ އެނދަށް އަހަރެން ބަލާލީމެވެ. ތިން އަހަރަށްދާ އެ ކުޑަކުއްޖާ ގެނެސް އަހަރެންގެ މޭގެތެރޭ ބޮނޑިކޮށްލީމެވެ. އެ ކުޑަކުޑަ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. އޭރުވެސް އެކުއްޖާގެ ރުއިމުގެ އަޑު މަޑުމަޑުން އިވިއިވި ހުއްޓެވެ.
“ދޫނީ.. އަވަހަށް ހުއްޓާލާ.. ޑެޑީ މިހުރީއެއްނު..” އަހަރެން ވަރަށް ލޯބިން ބުނެލީމެވެ. އެކުއްޖާގެ ރުއިމުގެ އަޑު ކެނޑުނުނަމަވެސް ގިސްލެވިލެވި ހުއްޓެވެ. އަހަރެން އެ ކުޑަކުއްޖާގެ ބުރަކަށީގައި ފިރުމަމުން ދިޔައީމެވެ. އަހަރެންގެ ހިމާޔަތް ލިބުމުން ކަންނޭނގެއެވެ. އަހަރެންގެ މޭގެތެރޭ ބޮނޑިވެލައިގެން އޮވެ އެކުއްޖާއަށް ނިދުނެވެ. އަހަރެން ވަރަށް ލޯބިން އެކުއްޖާ އަހަރެންގެ އެނދުގެ އެއްފަރާތުގައި ބާއްވާފައި އެކުއްޖާގެ މޫނަށް ބަލާލީމެވެ. ވަށް މޫނެކެވެ. ދޮން މޫނުގައި ލަކުނެއް، ބިއްސެއްހާ ހިސާބުވެސް ނެތެވެ. އެހާ އޮމާނެވެ. ބޮޑު ދެލޮލާއި ކުޑަ ނޭފަތެކެވެ. ފިޔާތޮށި ކުލަ އަރާ ކުޑަ ތުންފަތެކެވެ. މައުސޫމުކަމުގެ އިންތިހާއެވެ.
އަހަރެން އެނދުގައި އޮށޯވެ ހަމަޖެހިލީމެވެ. އަދި އެ ކުޑަކުއްޖާގެ މޭމަތީގައި އެއް އަތް ބާއްވާލަމުން ނިދޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް އަހަރެންނަކަށް ނިދޭ ގޮތެއް ނުވިއެވެ. އަހަރެން ފޯނު ނަގައި ބަލާލީމެވެ. ފޯނުގެ ސްކުރީނުން ފެންނަން ހުރީ އަހަރެން އެމީހެއްދެކެ އިންތިހާއަށް ލޯބިވި އަންހެންކުއްޖާއެވެ. ލިއުޝާއެވެ. ފޯނު ގެނެސް ތުންފަތުގައި ޖައްސާލުމާއެކު އަހަރެންގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ. މާޒީގެ ޞަފުޙާތައް ހުޅުވެން ފެށިއެވެ.
އަހަރެންގެ އުމުރުން ފަނަރަ އަހަރުން ފެށިގެން އަހަރެން އުޅެމުން އައީ ބައްޕައާއި އެކީގައެވެ. އަހަރެންގެ މަންމަ އަހަރެން ދޫކޮށްލާފައި ދިޔައީތީއެވެ. ބައްޕަ އިތުރު ކައިވެންޏެއް ކުރިއެވެ. ދޮންމަންމަ އަހަރެންނަށް ކިތަންމެހާވެސް ހެވެވެ. ނަމަވެސް އަހަރެންގެ ހިތް ދޮންމަންމައަކަށް ހެވެއް ނުވިއެވެ. ދޮންމަންމަ ވާނީ ދޮން ނިޔަނދުރަށޭ ބުނާ އުސޫލު އަހަރެން ހިތުގެ އަޑިން ޤަބޫލުކުރަމެވެ. ދޮން ނިޔަނދުރަކަށް ނުވާ ދޮންމަންމައެއް އަތުގެ އިނގިލިތަކުން ގުނާލެވޭހާ މަދުވާނެއެވެ. ވުމާއެކު އަހަރެން ބެލީ ދޮންމަންމައާއި ވީހާވެސް ދުރުން އުޅެވޭތޯއެވެ.
ދޮންމަންމައަށް ދަރިއަކު ލިބެން އުޅޭކަން އަހަރެންނަށް އެނގުމުން އަހަރެން އިންތިހާއަށް ރުޅިއައެވެ. ދޮންމަންމަ އުޅެނީ ބައްޕަގެ މުދާގަނޑު ފެނި އޭގެ ދަހިވެތިކަމުގައިކަމަށް އަހަރެން ޤަބޫލުކުރީމެވެ. އަހަރެންނަށް ޙައްޤުވާ މުދަލުން އެހެން މީހަކަށް ބައި އަޅާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެހެންކަމުން އަހަރެން މަސައްކަތް ކުރީ ދޮންމަންމަގެ އެ އެދުން ފުދުނަ ނުދިނުމަށެވެ. ދޮންމަންމައާއި ބައްޕަގެ ކޮޓަރި ހުންނަނީ މަތީބުރީގައި ކަމުން އަހަރެންނަށް ފެނުނު އެންމެ ރަނގަޅު ގޮތަކީ ދޮންމަންމަ ސިޑިން ވައްޓާލުމެވެ. އެހެންކަމުން ސިޑީގެ މެދަށް އަހަރެން ބެހެއްޓީ ފެން އަޅާފައެވެ. އެކަމުގެ ސަބަބުން ގެއްލުންވާނީ ޚުދު އަހަރެންނަށްކަން އެނގޭނީ ކިހިނެއް ހެއްޔެވެ؟
ހަވީރު ކުޅެން ދާން ތައްޔާރުވެގެން އަހަރެން މައްޗަށް ދިޔައީ ކާއެއްޗެއް ގަނެލަން ބައްޕަގެ އަތުން ރުފިޔާއެއް ހޯދަންވެގެންނެވެ. އޭރު އަހަރެން ހުރީ ސިޑިމައްޗަށް ފެން އެޅުނުކަން ހަނދާން ނެތިފައެވެ. އަހަރެންނަށް ފެން އެޅި ތަނަށް އެރުމާއެކު އަހަރެންގެ ފައި ކަހާލިއެވެ. ސިޑީގެ އަތްގަނޑުގައި ހިފަންވެގެން އަތް އެއްލައިގެން އަތެއް ނުޖެހުނެވެ. ސިޑިން އަހަރެން ވެއްޓެން ދިޔަ ވަގުތު އަހަރެންނަށް ހަޅޭއްލަވައިގަނެވުނެވެ. އަހަރެން މުށިތަކު މަތީގައި ޖެހުމާއެކު އަހަރެންގެ ބޮލަށް އެނބުރުން އެރިއެވެ. ދެލޯ މެރެމުންދިޔަ ވަގުތު “މަގޭ ދަރި”އޭ ކިޔާފައި ދޮންމަންމަ ހަޅޭއްލަވައިގަތް އަޑު އިވުނެވެ. ދެން ވީގޮތެއް ނޭނގުނެވެ.
އަހަރެންނަށް ހޭވެރިކަން ވީއިރު އަހަރެންނަށް އޮވެވުނީ ހޮސްޕިޓަލުގައެވެ. ގައިގައި އަޅަމުންދިޔަ ވޭނުން ގަޔަށް ގުޑުމެއްވެސް އަރުވާނުލެވުނެވެ. ބޮލުގައި ބެންޑޭޖު އޮޅާފައި އޮތްއިރު އެއް އަތާއި އެއް ފައިގައި ވަނީ ޕްލާސްޓަރު އަޅާފައެވެ. އަހަރެންގެ އެނދު ކައިރީގައި ރޮވިފައި ދޮންމަންމަ އިނެވެ. ދޮންމަންމަ އަހަރެން ގައިގައި ލޯބިން ފިރުމިއެވެ. ނަމަވެސް އަހަރެންނަށް އެ ފިރުމުންތަކުން އަރާމެއް އުފަލެއް ނުލިބުނެވެ. އޭގެ ބަދަލުގައި ދޮންމަންމަ އަހަރެންގެ ގައިގައި ހަށިގަނޑުގައި ބީހިލާ ކޮންމެ ފަހަރަކު ހީވަނީ އަލިފާން ޖައްސާހެންނެވެ. އަހަރެން ދޮންމަންމައަށް ކުރާ ނަފުރަތެއްގެ ސަބަބުންނެވެ.
އަހަރެން މޫނު އަނބުރާލީ އަހަރެންގެ ބައްޕަ އިން ފަރާތަށެވެ. ނަމަވެސް ބައްޕަގެ މޫނުމަތިން ފެނުނު ކުލަވަރުން އަހަރެންގެ ހިތް ތެޅިގަތެވެ. ބިރުން ރޫރޫ އަޅައިގަތެވެ. ބައްޕަގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަނުޖެހުމެވެ. ބައްޕައަށް އަހަރެން ކުރަން އުޅުނު ކަންތައް އެނގުނީބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. ބައްޕަ އަހަރެންނާއި އެއްވެސް ވާހަކައެއް ނުދެއްކިއެވެ. އަހަރެންގެ ހިތުގައި ޖެހުނެވެ. ނަމަވެސް ދޮންމަންމަ އަހަރެންނާއި ވަރަށް ވާހަކަ ދެއްކިއެވެ. ކެތްތެރިވުމަށް ބުނެ ހިތްވަރު ދިނެވެ. ދޮންމަންމަގެ ވާހަކަތަކުން އަހަރެންނަކަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. ޙަޤީޤަތުގައި ދޮންމަންމަ އެތާނގައި މަޑުކުރަންވެސް އަހަރެން ބޭނުމެއް ނޫނެވެ. ނަމަވެސް ބައްޕަ އިނުމުން އެހެންވެސް ބުނާކަށް ނުކެރުނެވެ.
ހޮސްޕިޓަލުން ދޫކޮށްލުމުން ގެއަށް ގެންދިޔައިރުވެސް ބައްޕަ އަހަރެންނާއި ވަރަށް ދުރެވެ. ކޮންމެހެން ބުނަން ބޭނުންވާ އެއްޗެއް ނޫނީ ނުބުނެއެވެ. ބައްޕަގެ އެ ދުރުކަމުގެ ސަބަބުން އަހަރެންގެ ހިތަށް އަސަރުކުރިއެވެ. ބައްޕަގެ އެ ދުރުކަމުގެ ސަބަބަކީ ދޮންމަންމަކަމުގައި އަހަރެން ޤަބޫލުކުރީމެވެ. ދޮންމަންމަގެ ހުރި ނުބައިކަމާއެވެ. އެންމެފަހުން އަހަރެންނާއި ބައްޕަވެސް ޖެއްސީއެވެ. އަހަރެންގެ ހިތުގައި ދޮންމަންމަގެ މައްޗަށް އުފެދުނު ނަފުރަތުގެ ހުޅުގަނޑު އިތުރަށް އަނދައިގަތެވެ.
“ފާޒިލް ތިކުރީ އެއްގޮތަކަށްވެސް ރަނގަޅުކަމެއް ނޫން.. ފާޒިލް ތިކުރި ކަމަކުން ބަލާބަލަ ފާޒިލްއަށް ވެފައި އޮތް ގޮތް.. ކިރިޔާ މަންމަވެސް ސިޑިން ނުވެއްޓުނީ.. ބައްޕައަށް އެގަޑީ މަންމައާއެކު ނުފޭބުނުނަމަ މަންމަ ވެއްޓުނީސް.. މަންމަ ވެއްޓުނުނަމަ ވާނެގޮތް ނޭނގެ ހިތަށް ގެންނާކަށްވެސް.. އެއީވެސް މި ބައްޕަގެ ދަރިއެކޭ..” ބައްޕަ ހިތްހަމަނުޖެހިފައި ވާހަކަ ދެއްކިއެވެ.
“ބައްޕާ.. އަ..”
“ބައްޕައަށް އެނގޭ ފާޒިލް ނޫން މީހަކު އެކަން ނުކުރާނެކަން.. ގެއަކީ އިތުރު އެއްވެސް މީހަކު އުޅޭ ގެއެއް ނޫން.. އަހަރެމެން ތިން މީހުން އެކަނި މި އުޅެނީ..” ބައްޕަ އަހަރެންގެ ޖުމުލަ މެދުކަނޑާލަމުން ބުނެލިއެވެ.
“ފިރާޤު.. އެސޮރާއި ދިމާއަށް އެއްޗެހި ނުކިޔަބަލަ.. އެއީ އަހަރެންގެ އަތުން ވެފައިހުރި ކަމެކޭ.. އަހަރެން ކޮޓަރިއަށް ފެންޖަގު ހިފައިގެން ދަނިކޮށް ބަންޑުންވެފައި ހުރީކަމަށް ވާނީ.. ފާޒިލް ކީއްކުރަންތަ އެކަހަލަ ކަމެއް ކުރަންވީކީ؟ ފާޒިލް އެކަހަލަ ކަމެއް ނުކުރާނެ.. އެއީ އެކަހަލަ ކުއްޖެއް ނޫން..” ދޮންމަންމަ އަހަރެންގެ ދިފާޢުގައި ވާހަކަ ދެއްކުމުން އެކަންވެސް އަހަރެންނަށް ދެކެވުނީ ކަންދެއްކުން ކަމުގައެވެ. އަހަރެންނަށް ދޮންމަންމައާއި ދޭތެރޭ ގޯސްކޮށް ދެކެވެނީ ދޮންމަންމަ އެއްވެސް ކަމެއް ގޯސްކޮށް ކޮށްގެނެއް ނޫނެވެ. އަހަރެންގެ ބޮލަށް އިބިލީސް ސަވާރުވެފައި ހުރިލެއް ބޮޑުކަމުންނެވެ. އަހަރެންގެ ނުބައިކަމުންނެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އަހަރެން ދޮންމަންމައަށް އެކި ގޮތްގޮތުން އުނދަގޫ ކުރީމެވެ. ބައެއްފަހަރު ދޮންމަންމައަށް އެކިވަރުގެ އަނިޔާތައްވެސް ލިބުނެވެ. ނަމަވެސް ދޮންމަންމަ ބައްޕައާއި ހަމައަށް އެވާހަކަތައް ގެންގޮސް ޝަކުވާއެއް ނުކުރެއެވެ. އަހަރެންނާއި ދިމާއަށް ބާރަށް އެއްޗެކޭވެސް ނުބުނެއެވެ. ރުޅިއެއްވެސް ނާދެއެވެ. އަހަރެންނަށް ވިސްނައިދީ ނަޞޭޙަތް ދެވޭތޯ ބެލިއެވެ. ނަމަވެސް އަހަރެން އަޑު އެހިއްޔާތާއެވެ. ބައްޕައާއި ދޮންމަންމަގެ ނަޞޭޙަތްތައް އަހާވަރަށްވުރެ އޭރު އަހަރެން ޖާހިލެވެ. މިއަދު އެކަމާ ހިތާމަކުރަމެވެ.
ދޮންމަންމަގެ ބަނޑަށް ހަތް މަސްވީއިރު ދޮންމަންމައަށް އެކަނި ކަންކަން ކުރެވޭވަރެއް ނުވެއެވެ. ކައްކަންވެސް ޖެހެނީ ބައްޕައަށެވެ. ބައްޕަ އެކަން ކުރަނީ ކުރާ ހިތުންނެވެ. ނަމަވެސް ދޮންމަންމަ އަރާމުކުރަން އެނދުގައި ބާއްވާފައި ބައްޕަ ބަދިގެއަށް ވަދެ ކައްކައި، އެއްޗެހި ދޮވެ އިސްތިރިކޮށް ގޭތެރެ ފޮޅާ ސާފުކުރުން އަހަރެން ހިތްހަމަޖެހޭ ކަމަކަށް ނުވިއެވެ. ބައްޕަ ހުރީ އަނބިދަށުވެގެން ގޮސް ހަލާކުވެފައެވެ. އެއީ އަހަރެންނަށް އޭރު ވިސްނުނު ގޮތެވެ. ނަމަވެސް އެއީ އެކަން އޮންނަންވާނެ ގޮތްކަން އަހަރެން މިހާރު ޤަބޫލުކުރަމެވެ. އަނބިމީހާ ބަލިވުމުން ފިރިމީހާ ގޭތެރޭގެ ކަންކަން ބެލެހެއްޓުމަކީ އަނބިދަށުވުމެއް ނޫނެވެ. އެއީ އަނބިމީހާދެކެ ފިރިމީހާ ވާ ލޯތްބެވެ.
ދުވަސް ޖެހުމާއެކު ދޮންމަންމަ އެނދުމަތި ކުރެވުނެވެ. ބަނޑުގައި ރިއްސާފައި ނުވިހައި ދޮންމަންމައާއިއެކު އެ ކުޑަ ދަރިފުޅު މިދުނިޔެ ދޫކޮށް ދިޔައީ އަހަރެންގެ ބަދުދުޢާތަކުގެ ސަބަބުން ކަންނޭނގެއެވެ. އަހަރެންގެ ދޫ ނުބައިކަމުގެ މައްޗަށް އަހަރެން އަމިއްލަ ނަފުސުދެކެ ރުޅި އާދެވެއެވެ. ދޮންމަންމަގެ ވަކިވެ ދިޔުމާއެކު އަހަރެންނަށް ވަރަށް ބޮޑަށް އެކަނިވެރިކަން އިހުސާސްވާން ފެށިއެވެ. ބައްޕަވެސް އަހަރެންނާ އާދަޔާ ޚިލާފަށް ދުރުވިއެވެ. ބައްޕައަކީ އަހަރެންނަށް ނެތް މީހެއް ފަދައެވެ. ބައްޕައަށް އައި ބަދަލުތަކަކީ ޚުދު އަހަރެންގެ ސަބަބުން އައި ބަދަލުތަކެއްކަން އަހަރެން ޤަބޫލުކުރަމެވެ. ބައްޕަގެ ދިރިއުޅުން ނުހަނު ރަނގަޅަށް ފެށިފައި ވަނިކޮށް އެ ހަމަޖެހުން ނަގާލީ ޚުދު އަހަރެންގެ ދެއަތުންނެވެ.
އަހަރެންނަށް ލިބުނު އެކަނިވެރިކަމަށް ޙައްލެއް ހޯދަން އަހަރެން ބޭނުންވިއެވެ. ވުމާއެކު އަހަރެން ގެއިން ބޭރުގައި ހޭދަކުރާ ވަގުތުތައް ގިނަކުރީމެވެ. އާ ރައްޓެހިން ހޯދީމެވެ. ތަފާތު މިޒާޖުގެ ރައްޓެހިންނެވެ. މުޖުތަމަޢުން ބާކީކޮށް އެކަހެރިކޮށްލުމުން ކުށުގެ ވެށިން ސަލާމަތްވާނެ ހިތްވަރެއް ނުލިބިފައި ތިބި ކިތަންމެ ބަޔަކާއި ދިމާވިއެވެ. އާއިލާގެ އެއްބާރުލުމާއި ލޯބިން މަޙުރޫމުވުމުގެ ސަބަބުން ކުށުގެ ވެށްޓަށް ހުޅަހެޅިފައިވާ ކުޑަކުދިންވެސް ބައިވަރެވެ. އަހަރެންނާއި އެއް އުމުރުގެ ކުދިންނާއި ބޮޑެތި މީހުންނާއިއެކު އަހަރެން އުޅެން ފެށީ މުޅިން އެހެން ދުނިޔެއެއްގައެވެ. ހިތަށްއެރި ކޮންމެ ކަމަކީ ކުރަންޖެހޭ ކަމެކެވެ. ފިކުރެއް ޚިޔާލެއް ނެތިއެވެ. ޙަލާލެއް ޙަރާމެއް ނުބަލައެވެ. މާތް ﷲއަށް ބިރުވެތިވުމަކީ އަހަރެމެންނަށް އޭރު ނެތް ކަމެކެވެ.
ބައްޕައަށް އަހަރެން އުޅޭ އުޅުން އެނގުމުން ވަރަށް ރުޅިއައެވެ. އެއްޗެހި ކިޔެވެ. އަހަރެންވެސް ހުރީ އޭރު ލަދުޙަޔާތް ކެނޑިފައެވެ. ބައްޕައާއި ޒުވާބުކުރަން ފެށީ އެއީ ކިހާ ނުބައި ކަމެއްކަން ހަނދާން ނެތް ޙާލުގައެވެ. ބައްޕަގެ ރުޅި ކޮންޓުރޯލުން ނެއްޓިއެވެ. އަހަރެންގެ ގައިގައި ފުރަތަމަ ފަހަރަށް ބައްޕަ ޖެހިއެވެ. އަހަރެންގެ ކުށުންނެވެ. ބައްޕަ އަހަރެން ގެއިން ބޭރުކޮށްލީ ދުވަހަކުވެސް އެގެއަށް އައިސްގެން ނުވާނެކަމަށް ބުނަމުންނެވެ. އަހަރެން ދިޔައީ އަހަރެންގެ އެކުވެރިއެއްގެ ގެޔަށެވެ. އެމީހުން އަހަރެންނަށް އަޅާލިއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ޤާނޫނީ ގޮތުން އަހަރެން ބޮޑު މީހަކަށްވިއެވެ. އަހަރެންނަށް މާ ހިތް އެދޭ ކުއްޖަކު ފެނިގެން މުގޯލި އަޅާތާ މަހެއް ވަނީއެވެ. ނަމަވެސް އެކުއްޖާގެ ފަރާތުން އެއްވެސް އިޝާރާތެއް ނުލިބެއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އަހަރެންނަށް ބަލާލާފައި ދުވަހަކު ފެންވެރި ވައްތަރެއް ނުޖަހާނެއެވެ. ދިގުކޮށްފައިވާ އިސްތަށިގަނޑުން ފިރިހެންވަންތަކަން ގެއްލިފައެވެ. ދިގުވެފައިވާ މަތިމަހުން އަނގަމަތި ހުރީ ފޮރުވިފައެވެ. އަހަރެން ލާ ބާ ޓީޝާޓުގަނޑު ހީވާނީ ދަނޑިގަނޑެއްގައި އަޅުވާލާފައި ހުންނަހެންނެވެ. ޖިންސު އުނގަނޑުގައި ހަރެއް ނުލާނެއެވެ. އަތާއި ކަރުގައި ބޮޑެތި ޗޭނުތައް އަޅާލާފައި ހުންނައިރު އަތުގެ ކޮންމެ އިނގިއްޔެއްގައި އަނގޮޓިއެއް ނޯންނަ އިރެއް ނުދާނެއެވެ. ދެކަންފަތް ދެތިން ތަނުން ތޮރުފައި މުދި ލާފައި ހުންނާނެއެވެ.
“ލޯބި ބޭނުމިއްޔާ އަމިއްލައަށް ދަންޖެހޭ.. ލޯބިވެޔޭ، ރައްޓެހިވާށޭ ބުނާއިރު ފުރަތަމަ ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓިފައި ތިމާ މީހާގެ ސޫރައަށް ބަލާލަބަލަ، ތިމާގެ ކިބައިގައި މީހަކު ގަޔާވާނެ އެއްވެސް ސިފައެއް ހުރިތޯ.. ކަލޭ މިހާރު ތިހުރި ސިފައިން ކަލެއާއި ދިމާއަށް ބަލާލާނެ މީހަކުވެސް ނުވާނެ.. ނޭނގެ މީން ޒަމާނަކު ފެންވެރިހެނެއްވެސް.. ޗީޗީ..” އަހަރެން އެ އަންހެންކުއްޖާއަށް ލޯބި ހުށަހެޅުމުން އަހަރެންނަށް އޭނާ ދިން ޖަވާބަކީ މިއީއެވެ.
އަހަރެން ގެއަށް އައިސް ލޯގަނޑު ކައިރިއަށް ހުއްޓި އަމިއްލަ ސޫރައަށް ބަލާލީމެވެ. ތެދެކެވެ. އަހަރެންގެ ގަޔަކު މީހަކު ގަޔާވާނެ އެއްވެސް ސިފައެއް ނެތެވެ. އަހަރެންގެ އަމިއްލަ ސޫރަދެކެ ފޫހިވިއެވެ. ވަގުތުން ކަންފަތުގައި ލާފައިވާ މުދިތައް ނެގީމެވެ. އަޅާފައިވާ ގަހަނާތައް ނެގީމެވެ. ޖެހިގެން އައި ދުވަހު ބޯވެސް ކޮށާލައި ތުނބުޅިއާއި މަތިމަސްވެސް ރީތިކޮށްލީމެވެ. ދެވަނަ ފަހަރަށް ލޯބި ހުށަހެޅީ އަހަރެންގެ އުޅުން އިސްލާޙުކުރުމަށްފަހުއެވެ. އޭނާ އަހަރެންނާއި ގުޅުނެވެ. އެ އަންހެންކުއްޖާއާއި ގުޅުމަށްފަހު އަހަރެންނާއި އެކުގައި އުޅުނު ވިޔާނުދާ އެކުވެރިންތައް ދޫކޮށްލީމެވެ. ހަމައެކަނި ލޯތްބަށްޓަކައެވެ. މުސްތަޤުބަލަށްޓަކައެވެ.
ދުވަސްވަރަކީ ނުހަނު ވިއްސާރަ ދުވަސްވަރެކެވެ. މާލޭގެ މަގުތަކުގައި އޮތީ ފެންބޮޑުވެފައެވެ. ނަމަވެސް އޭރަކު ދުއްވާ އެއްޗެހި ދުއްވާލަން ދަތިވާވަރެއް ނުވެއެވެ. އަހަރެން ހުރީ ފިހާރައެއްގެ ތެރޭގައެވެ. ވާރޭގައި ޖެހިގެން ގެއަށް ނުދެވިފައެވެ. ވާރޭ ވެހެމުންދިޔަލެއް ބޯކަމުން ވާރޭ ހުއްޓާލާނީ ކޮންއިރަކު ކަމެއްވެސް ނޭނގެއެވެ. އެތައް އިރެއް ވީފަހުން ވާރޭ ތުނިކޮށްލިއެވެ. ތުނިކޮށްލުމާއެކު ގެއަށް ދިޔުމަށްޓަކައި ނުކުމެ ހިނގައިގަތީމެވެ. ގެ ހުންނަ މަގަށް ލަނބާލިތަނާ އެމަގުން ބާރު ދުވެލީގައި އައި ކާރަކުން މީހެއްގެ ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. ކާރުގައި ޖެހިފައި އެމީހާ ވިއްސައިގެން އައީ ސީދާ އަހަރެންނާއި ދިމާއަށޭ ބުންޏަސް މުޅިއަކުން ދޮގަކަށް ނުވާނެއެވެ. އަވަސް ހަރަކާތަކާއިއެކު އަހަރެންނަށް އެއްފަރާތަށް ނުޖެހެވުނުނަމަ އަހަރެންނަށްވެސް އަނިޔާތަކެއް ވީހެވެ.
އެ ޠޫފާނީ ރޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަކީ އަހަރެން އިންތިހާއަށް ލޯބިވި އަންހެންކުއްޖާ އަހަރެންނާއި ވަކިވާން ޖެހުނު ސަބަބެވެ. އެރޭ އެ އެކްސިޑެންޓު ދިމާވި އަންހެން މީހާއާއި އަހަރެންނާއި ބައްދަލުވީ އިއްތިފާޤަކުންނެވެ. އެ އަންހެންމީހާއަކީ ހުވަފަތްވެފައިވާ، އާއިލާގައި އެއްވެސް މީހަކު ނެތް ނިކަމެއްޗެކެވެ. އޭނާ ނުކުތީ ކުޑަސޮރުގެ ނެޕީ ހުސްވެފައި ހުރުމުގެ ސަބަބުން އެ ގަންނަން ޖެހިގެންނެވެ. ކޮންމެހެން ނުނިކުމެ ނުވީތީއެވެ. ނޫންނަމަ ތުއްތު ކުއްޖަކު އެކަނި ބާއްވާފައި އޭނާ ނުނިކުތީހެވެ.
އެ އަންހެންމީހާ އެތައް އާދޭހަކާއިއެކު އަހަރެންގެ ގާތުން އެދުނީ އޭނާގެ ތުއްތު ދަރިފުޅު ބަލައިދިނުމަށެވެ. އެއީ އަޅާލާނެ އެއްވެސް މީހަކު ނެތް ކުއްޖެއްކަމަށެވެ. މާތް ﷲއަށްޓަކައި އެ ދަރިފުޅަކީ އަހަރެންގެ ދަރިއެއްގެ ގޮތުގައި ހެޔޮ މަގުގައި ބަލައި ބޮޑުކޮށްދިނުމަށެވެ. އެގޮތަށް އެކަން ކޮށްދީފިނަމަ އަހަރެން ސުވަރުގޭގައި ލައްވަވާތޯ ދުޢާކުރާނަން ކަމުގައި ބުންޏެވެ. އޭނާ އެފަދައިން ނުބުނި ނަމަވެސް އޭނާގެ އެދުމަށް އިންކާރު ކުރާކަށް އަހަރެންނަކަށް ނުކެރުނީހެވެ. އެހެނީ އޭނާގެ އަޑުގައިވާ އާދޭހުން އެކަނިވެސް އަހަރެންގެ ހިތް މަޑު ކަފަކޮޅަކަށް ވިއެވެ. އޭނާ އެދުނު ފަދައިން އަހަރެން އެކުއްޖާ ބަލައިދޭން އެއްބަސްވީމެވެ. އެ އަންހެންމީހާ މި ފަނާވަނިވި ދުނިޔެއާއި އަލްވަދާޢު ކީ އަހަރެންގެ މި ދެއަތުގެ ތެރޭގައެވެ.
އެ އަންހެންމީހާ ބުނި އެޑްރެހަށް އަހަރެން ދިޔައީ އެ ތުއްތު ކުއްޖާ ރޮއިރޮއި ހަލާކުވަނީއެވެ. އެކުއްޖާގެ ރުއިމުގައި ހުރި އަސަރަކުން އަހަރެންގެ ހިތުގެ އެންމެ ފުނަށް އަސަރުކުރުވިއެވެ. އެތައް މަސައްކަތަކުން އެކުއްޖާ މަސަލަސްކޮށްލެވުނުއިރު އަހަރެން ހުރީ ވަރުބަލިވެގެން ގޮސް ކުރާނެ ކަމެއް ނޭނގިފައެވެ. އެކުއްޖާ ގޮވައިގެން ގޮސް އަހަރެން ވަންނާނީ ކޮންތާކަށް ހެއްޔެވެ؟ އެކުއްޖާގެ ކާނާ އަހަރެން ހޯދާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންނަކީ މުއްސަނދި އާއިލާއަކަށް އުފަންވެ، ވިޔާނުދާ އުޅުމެއް އުޅެވުމުގެ ސަބަބުން އެ ނަސީބުން މަޙުރޫމުވެފައިވާ މީހަކީމެވެ. އަލުން އެނބުރި ބައްޕަގެ ގާތަށް ދާންވީ ހެއްޔެވެ؟ ބައްޕަ އަލުން އަހަރެން ޤަބޫލުކުރާނެބާވައެވެ؟ މީ އަހަރެންގެ ހިތުގައި އުފެދުނު ބައެއް ސުވާލުތަކެވެ.
ކޮންމެ ގޮތެއް ވަރިހަމަކޮށްފައި އަހަރެން އެނބުރި އަހަރެންގެ ގެޔަށް ދިޔައީ އިތުރު ގޮތެއް ނެތީމައެއް ނޫނެވެ. ބޭނުންނަމަ ސަލާން ޖަހައިގެންވެސް އަހަރެންނަށް އުޅެވިދާނެއެވެ. ނަމަވެސް އެކަމުގެ ސަބަބުން ބައްޕައަށް ލިބިދާނެ ހުތުރަކާއިމެދު ވިސްނިފައި ގެއަށް ދިޔައީއެވެ. އަހަރެން ހީކުރި ގޮތާއި ޚިލާފަށް ބައްޕަ އަހަރެން ޤަބޫލުކުރިއެވެ. އަދި އަހަރެންގެ ނިންމުމާއިމެދު އުފާކުރިއެވެ. ނިކަމެތިންނަށް އެހީތެރިވުމަކީ ތިމާގެ ފެންވަރު ދަށްވާނެ ކަމެއް ނޫންކަމަށް ބުނުމުން އަހަރެން ވަރަށް އުފާވިއެވެ. އެއީ މުއްސަނދިންގެ ފަރާތުން މަދުން ނޫނީ ނީވޭނެފަދަ ވާހަކައަކަށް ވީތީއެވެ.
އަހަރެން އަހަރެންގެ ލޯބިވެރިޔާއަށް ކަން ހިނގި ގޮތް ސާފުކޮށް އޮޅުންފިލުވައިދިނީމެވެ. އޭނާ ފާޅުގައި އެކަމާއި ދެކޮޅު ހެދިއެވެ. އެހެން މީހެއްގެ ދަރިއެއް އަމިއްލަ ދަރިއެއްގެ ގޮތުގައި ދުވަހަކުވެސް ބަލައިނުގަނެވޭނެކަމަށް ބުނުމުން އަހަރެން އިންތިހާއަށް ދެރަވިއެވެ. ފާޑަކަށް އޭނާދެކެ ފޫހިވެސް ވިއެވެ. އެއްވެސް ޙާލެއްގައި އަހަރެން އެ ތުއްތު ކުއްޖާ ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ. އެއީ ކޮންމެހެން އެކުއްޖާގެ މަންމައަށް ވެވުނު ވަޢުދެއްގެ ސަބަބުންނެއް ނޫނެވެ. އެކުއްޖާ ފުރަތަމަ ފެނިލުމާއިއެކު އަހަރެންގެ ހިތުގައި އުތުރި އަރައިގަތް ލޯތްބާއި ރަޙުމެއްގެ ބޮޑުކަމުންނެވެ. އެންމެފަހުން އަހަރެންގެ އަލަތު ލޯބި ހިތުގައި ކަފުންކޮށް ވަޅުލީއެވެ. އެދުވަހު އަހަރެންގެ ޙަޔާތުގެ އެންމެ ބޮޑު ނިންމުން ނިންމީމެވެ. އަހަރެންގެ ކައިވެނި ކުރެވޭނީ އެ ތުއްތު ދަރިފުޅަށް މަންމައެއްގެ ލޯބި ފުރިހަމައަށް ދެވޭނެވަރުގެ މީހަކާއެވެ. ނޫންނަމަ ހުސްހަށިބަޔަށް ހުންނާނީއެވެ. އެދުވަހަށްފަހު އެއީ އަހަރެންގެ ދަރިއެކެވެ. އަހަރެންގެ ލޯބި ލޯބި ޒާންއެވެ.
(ނިމުނީ)
20 Comments
Comments are closed.
Vrh reethi….
Thank You dear 🙂
vrh reethi ♥
Thank You banana 🙂
Yeaaaaa saandy ur back….
Thank You pinker.. I’m back 🙂
Wow u r a true writer ?
Thank You S 🙂
mashaa allah v v furihama ☺????❤?
Thank You shaan 🙂
Wow ????? story vvv reethi?????????
Thank You Minnnnu 🙂
nice story ?❤
Thank You shyn 🙂
Haadha asaru gadha vaahaka ekey, thank you saandy
Thank You Nishy 🙂
saandy ge vaahaka thah hama habeys
Thank You ixwaan 🙂
wow..very heart touching story..?God bless you!!??
Thank You sana 🙂