ހުވަފެނުގެ ރާނީ 12
އަމްރުއާއި އައްމާރު ބަލަން ހުރީ މުއާޒްގެ މޫނަށެވެ. ނިކަތު އަދިވެސް އިނީ ދޮންކެޔޯ މަތިން ވިސްނާށެވެ. ނަމަވެސް މުއާޒަށް އޭނާއެހައި ދޮންކެޔޮ ކާހިތުން ހުއްޓައި ކުއްލިއަކަށް އެހެން ބުނުމުން ނިކަތުވެސް އެދިމާލަށް ބަލާލިއެވެ. ނިކަތު ބޭނުންވީ އެތަނުން ދާެށެވެ. ކާއެއްޗެހި ގެނައުމުން މުއާޒްއާއި އައްމާރު އެއްކޮށްހެން ބަލާލީ ނިކަތުއަށެވެ. އޭރު ނިކަތު ދޮންކެޔޮ ވަށް އަތަށް ލައިފައި ބަލާލީ ދުރަށެވެ.
“ނިކޫެގެ މަންމައާއި އަހަރެން ރައްޓެހި ވާނެ…” މުއާޒް އެހެން ބުނެފައި ބަލާލީ އަމްރުގެ މޫނަށެވެ. ނިކަތުއަށްވުރެ ބޮޑަށް އަމްރު ހުރީ އެސުވާލުގެ ޖަވާބު ބޭނުން ވެފައެވެ.
“ކިހިނެއް ބައްޕައަށް އެނގެނީ؟..” އަމްރު އަނެއްކާވެސް ކޮއްލީ ސުވާލެކެވެ. އޭނާ އެހައި ފަށޭހައިން ދޫކުރާ ގޮތަށް ހުރިހެނެއް ހިއެއް ނުވެއެވެ.
“މަންމަ ނުދައްކާ އެކަމް ބައްޕަގެ ވާހަކައެއް….” ނިކަތު އެހެން ބުނެލީ ސާރާއަށް ނިސްބަތްކޮށެވެ. ސާރާ ދުވަހަކުވެސް މުއާޒްގެ ވާހަކައެއް ދައްކާފައެއް ނުވެއެވެ.
“ނިކަތު ވަރަށް ކުޑަވާނެ އޭރު.. ސާރާ ކައިރީގައި އަހާލަބަ…” މުއާޒް މޫނަށް ވެރިވި ނުތަނަވަސްކަން ފޮރުވަމުން އޭނާ ބުނެލިއެވެ. އެހެން ބުނެފައި މުއާޒް ފޯނެއް އަންނަ ކަމަށް ބުނަމުން އެތަނުން ތެދުވިއެވެ.
އެންމެން ކައިގެން ނިކުތްއިރު ވާރޭ ވެހެއެވެ. މިހާރަކަށް އައިސް މޫސުމް އޮންނާނެ ގޮތެއް މީހަކަށް ނުބުނެވޭނެއެވެ. އެމީހުނަށްވުރެ ކުރިން އެތަނުން ނިކުތް މުއާޒް ދުރުގައި ހުރި ތިންމީހުނާއި ކައިރިވަމުން އަތުގައި އޮތް ދޮންކެޔޮ ކޮތަޅު ނިކަތުއަށް ދިއްކޮށްލިއެވެ. ޖެހުނު ބާރު ވައިރޯޅިން ނިކަތުގެ މޫނަށް ފެންތިކިތަށްވެސް ބުރީ ހަމަ އެވަގުތުގައެވެ. ލޯމަރާލި ނިކަތުގެ ބޮލުގައި މީހަކު ވީހީ އެއްޗަކުން ޖެހި ހެންނެވެ. ތޫނު ތޫނު ބުނެދޭން ނޭނގޭ ކަހަލަ ތަދެއް ބޮލަށް އަރައިގެން ދިޔައެވެ. ލޯހުޅުވާލި ނިކަތު ވަށައިގެން ބަލާލިއެވެ. މިހާރު އޭނާ އެހުރީ ކޮންތާކު ހެއްޔެވެ؟
ވަށައިގެން ތަންތަން ބަދަލުވަމުން ދިޔައެވެ. ހީވީ ފިލްމަކުން ރިވައިންޑް ކޮއްލި ހެންނެވެ. މިހާރު ހަދާފައި ހުރި ގެތަށް އެންމެ ކުރީގެ ގޮތަށް ބަދަލުވަމުން ދިޔަ ތަން ފެނުނު ނިކަތު މޭގައި އަތް އަޅާލަމުން ނޭވާލާން މަސައްކަތް ކޮއްލިއެވެ. އެންމެ ކުޑަމިނުން މިހާރު މަގުގައި ގާވެސް ޖަހާފައި ނެތެވެ. ނިކަތު އޭނާގެ އަތަށް ބަލާލީ މީހަކު އޭނާގެ އަތުގައި މީހަކު ހިފާލުމުންނެވެ. ކައިރީގައި ހުރި އަންހެން މީހާ ނިކަތުއަށް ބަލާލިއެވެ. އެއަންހެންމީހާގެ އަނެއް އަތުގައި އެހެން ކުއްޖެއްވެސް ހިފައިގެން ހުއްޓެވެ. އެކުއްޖާއަށް ނިކަތު ގުދުވަމުން ބަލާލިއެވެ. އެކުއްޖާވެސް ނިކަތުއަށް ބަލާލިއެވެ. އެރީތީ ފެހިފެހި ކަޅިން ނިކަތު ހިނިތުންވެލިއެވެ. ނިކަތު ބަލާލީ ކައިރީގައި ހުރި އަމްރުއަށެވެ. ނަމަވެސް ކުރިމަތީގައި ތިބީ ކުޑައެއް ނަގައިގެން ތިބި ދެފިރިހެނުންނެވެ. އޭގެއިން އެއީ އަމްރު ކަމެއް ނޫނީ އައްމާރުކަމެއް ނޫނީ މުއާޒްކަމެއް ބުނެދޭކަށް ނިކަތުއަކަށް ނޭނގުނެވެ. އެއީ އައްމާރުއާއި މުއާޒެވެ. ނޫނެކެވެ. އަމްރުއާއި މުއާޒެވެ. އެހެން ނޫނީ އައްމާރުއާއި އަމްރުއެވެ. ވިސްނާނެ އެއްޗެއް ނޭނގުމުން ނިކަތު ލޯމަރާލިއެވެ. އަދި ކަންފަތުގައި އަތް އަޅާލިއެވެ.
17 ޑިސެމްބަރ 2002
ތަޝްކީލް ކުޑަކުޑަ ހައަހަރަށްދާ ނިކަތުއާއި ރުކާޔަތުގެ އަތުގައި ހިފައިގެން ދިޔައީ ދުރުގައި ހުރި ފިހާރައަކަށެވެ. ދެކުދިން ހެނދުނުން ފެށިގެން ދޮންކެޔޮ ކާން ރޯތީ އެންމެފަހުން ތަޝްކީލް ދިޔައީއެވެ. ފިހާރައަށް ވަން ތަޝްކީލް ކޮތަޅެއްގެ ފުރައި ދޮންކެޔޮ އަޅައިގެން ނިކުމެއްޖެއެވެ. ތަޝްކީލްމެންގެ ތިންމައިން ގެއިން ނުކުތްއިރުވެސް ކުޑަކޮށް ކެރި ޖަހައެވެ. ނަމަވެސް އެހައި ވަރަކަށް ނޫނެވެ. މިހާރު ވާރޭ ބޯކޮއްލައިފިއެވެ. ރުކާޔަތު ތެމިގެން ދާން ބޭނުން ނުވުމުން ތަޝްކީލް މަޑުކޮށްލީ ފިހާރައިގެ ބޭރުގައި އިށީންނަން ހަދާފައި ހުރި ތަންކޮޅުގައެވެ.
ކުޑައެއް ނަގައިގެން އައިސް އެފިހާރައަށް ވަން ދެފިރިހެނުން ފެނުމުން ތަޝްކީލް ތެދުވެއްޖެއެވެ. ދުރުގައި ކޮޅަށް ހުރި ރުކާޔަތު ފުރަތަމަވެސް ބަލާލީ މަންމަގެ މޫނަށް އެރި ކުލަތަކެވެ. މަންމަ ނުރުހިފައި ބަލާލީ ކާކުއަށް ކަމެއް ނޭނގުނެވެ. އޭގެ ތެރެއިން އެއް ފިރިހެންމީހާ ކުޑަ މަޅާލަމުން ރުކާޔަތަށް ބަލާލަމުން ހީލިއެވެ. ރުކާޔަތު ދެން ބަލާލީ އަނެއް މީހާއަށެވެ. އެދެމީހުން ހާދަހައި އެއްވައްތަރެވެ. އޭނާއާއި ނިކަތުހައި އެއްވައްތަރެވެ. ނިކަތު ބިރުން މަންމަގެ ފުރަގަހަށް ވަތްތަން ފެނުމުން ރުކާޔަތު އައިސް ކޮއްކޮގެ އަތުގައި ހިފައި ދުރަށް ގެންގޮސްފިއެވެ.
“އަހަރެން ބުނިން ދޯ އަހަރެންގެ ފަހަތުން ނޫޅޭށޭ….” ތަޝްކީލް އެހެން ބުނެފައި ވަނީ ފިހާރައަށެެވެ. އޭގެތެރެއިން މޫނުމަތިން ޅަކޮށް ހުރި ފިރިހެންމީހާ މަންމަގެ ފަހަތުން ފިހާރައަށް ވަންތަން ފެނިފައި ރުކާޔަތު ތުންދަމާލިއެވެ. ދުރުގައި ހުރި އަނެއް ފިރިހެން މީހާ ތިރިވެ ރުކާޔަތު ކުރިމަތީގައި އިށީންނަމުން އެމީހާގެ އަތުގައި އޮތް ދޮންކެޔޮ ކޮތަޅު ރުކާޔަތަށް ދިއްކޮށްލިއެވެ.
“ދޮންތާ އެމީހާ ކޮއްކޮގައި ކުރިން ދުވަހު ޖެހި..” ކައިރީގައި ހުރި ނިކަތު ސިއްރުސިއްރުން ރުކާޔަތު ގެ ކަންފަތް ދަށުގައި ބުނެލިއެވެ.
“ކީއްވެ؟..” ރުކާޔަތުވެސް މަޑުމަޑުން ނިކަތު ކައިރީގައި އަހާލިއެވެ. އެއްވެސް މީހަކު އޭނާގެ ކޮއްކޮ ގައިގައި ޖަހައިގެން ނުވާނެއެވެ.
“އެބަ އަޑުއިވޭ…” ކައިރީގައި ހުރި މީހާގެ ބަރުއަޑުން ނިކަތު ފަހަތަށް ޖެހިލިއެވެ. ނަމަވެސް އެމީހާ ނިކަތުގެ އަތުގައި ބާރު ބާރަށް ހިފައިލިއެވެ. އަދި ލަތްކެއް ޖާހަލިއެވެ. ރުކާޔަތު އަތުގައި އޮތް ދޮންކެޔު ވަކުން އެމީހާގެ މޫނުގައި ޖެހުމުން އެމީހާ ނިކަތުގެ އަތުން ދޫކޮއްލައިފިއެވެ. ނިކަތު ވަގުތުން ދުއްވައި ގަނެއްޖެއެވެ. ވެހެމުންދިޔަ ބޯވާރޭ ތެރޭގައި ނިކަތު ދުއްވައިގަތުމުން ރުކާޔަތު ގޮވާލިއެވެ.
“ނިކޫ…” ނިކަތު ދުއްވައިގަތުމުން ރުކާޔަތުގެ ފަހަތުން އެފިރިހެންމީހާވެސް ދުއްވައި ގަނެއްޖެއެވެ. ބާރުބާރަށް ތެޅެމުން ދިޔަ ހިތާއެކު ރުކާޔަތު ދުވަމުން ދިޔައީ ނިކަތުއަށްޓަކައެވެ.
“ރުކޫ.. ނިކޫ…” ބޭރަށް ނިކުތް ތަޝްކީލަށް އެމަންޒަރު ފެނުމުން އޭނާ ހާސްވިއެވެ. ކައިރީގައި ހުރި ފިރިހެންމިހާ ދެފަރާތަށް ބޯހޫރު ވާލަމުން ބަލާލީ ތަޝްކީލްގެ މޫނަށެވެ.
“ހަމަޖެހިބަަލަ…” އެކުއްޖާ އެހެން ބުނުމުން ތަޝްކީލް އިނގިލި ދިއްކޮށްލިއެވެ. އަދި އަމުރުވެރި ގޮތަށް ބުނެލީ މީގެ ކުރިންވެސް އެމީހުންގެ ފަރާތުން އޭނާގެ ދެކުދިންނަށް ލިބުނީ ދެރަ ކަމަށެވެ.
“އަހަރެން ބުނިން ދޯ….” ބުނަން އުޅުނު ނަން އަރުގައި ތާށިވި ތަޝްކީލް ބަލާލީ ދުވަމުން ދިޔަ ރުކާޔަތަށެެވެ. ބާރު ގުގުރިއެއް ޖާހާލަމުން ތަޝްކީލް ދުއްވައިގަތީ އޭނާގެ ދެކުދިން ދުވެފައި ދިޔަ ދިމާލަށެވެ. އަނެއްކާވެސް އެކުދިންނަށް ގެއްލުމެއް ދީފާނެއެވެ. މިހާރު އޭނާއަށް ގެއިން ބޭރަށްވެސް ނިކުމެވެސް ނޯވެއެވެ.
15 ޑިސެމްބަރ 2018
ކަންފަތުގައި އަތް އަޅައިގެން އިން ނިކަތުގެ އަތުގައި ހިފައި ދުރަށް ޖައްސާލަމުން އަމްރު ނިކަތުގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ. އަދި މަޑުމަޑުން ހިނގައިގަތީ ދުރުގައި އޮތް ކާރާއި ދިމާލަށެވެ. އޭނާ އެއްވެސް ވަރަކަށް މިވަގުތު އައްމާރުއާއި މުއާޒްއާއެކު ނިކަތު ގެންދަން ބޭނުން ނުވިއެވެ. ނިކަތުއަށްވި ގޮތް ފެނުމުން އައްމާރު ސުވާލުގެ ނަޒަރަކުން ބަލާލީ މުއާޒްގެ މޫނަށެވެ. އަމްރު ދަނީ ކަމުގައި ބުނެފައި ނިކަތުގެ މިލައްދަނޑިގައި ހިފަމުން ދަމަމުން ކަހަލަ ގޮތަކަށް ގެނެސް ކާރަށް އަރައި ދުއްވައިލިއެވެ. އަދި ފަހަތު ސީޓުގައި ބޯ ޖައްސާލައިގެން އިން ނިކަތުއަށް ބަލާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާ އަބަދުވެސް ނިކަތު ކައިރީގައި އަހަން ބޭނުންވިއެވެ. ނަމަވެސް ނާޒިން ކުރިން ބުނެފައިވި ވާހަކަތަކުން އޭނާއަށް އަހާކަށް ނުކެރެއެވެ. އަބަދުވެސް ނިކަތުއަށް ގޮތެއް ވެދާނެއޭ ހިތަށް އަރައެވެ. އެހެނަސް މިއަދު އޭނާ އަހާނެއެވެ.
“ނިކޫ…” އަމްރު ވަރަށް އޯގާތެރި ކަމާއެކު ގޮވާލިއެވެ.
“ހޫމް…” ކަންފަތް މަތިން އަތް ނަގަމުން ނިކަތު ލޯ ހުޅުވާލިއެވެ. އޭނާއަށް އަދިވެސް ސިފަވަމުން ދިޔައީ ކުޑަ ނަގައިގެންތިބި ދެފިރިހެނުންނެވެ. އެއީ އަނެއްކާ އަމްރު ބާވައެވެ.
“ވެއަރ ޑިޑް ޔޫ ގޯ؟…” އަމްރު އެހެން ބުނެލީ ވަރަށް ވިސްނާފައެވެ، ނިކަތު ޝައުގު ވެރިވެފައި ބަލާލިގޮތުން ނިކަތުއަށް ކޮންމެވެސް އެއްޗެއް ހަނދާންވިކަން އަމްރުއަށް ޔަޤީންވިއެވެ.
“ނޭނގެ.. ނޭނގެ..” ނިކަތު ވަރަށް ވިސްނަން ހުރެފައި ބުނެލިއެވެ. އޭނާއަށް އަސްލިކޮށްވެސް ނޭނގެއެވެ. އޭނާ ކިޔާދޭނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ.
“އަހަނަށް އެނގޭ ނިކޫއަށް ކޮންމެވެސް އެއްޗެއް ފެނުން ކަން.. އެހެން ނޫނީ ޔޫޑިޑް ގޯ ސަމްވެއަރ… ޕްލީޒް ލެޓް މީ އިން…” އަމްރު އާދޭސް ކުރާކަހަލަ ގޮތަކަށް ބުނެލިއެވެ. އަދި ނިކަތުއަށް ބަލާލީ އިތުބާރު ކުރާށޭ ބުނާ ކަހަލަ ގޮތަކަށެވެ.
“މިހާރު ދުވަސް ކޮޅެއް ވެއްޖެ… އައި ކީޕް ސީން ދިސް ލިޓްލް ގާރލް.. އެންޑް އެކުއްޖާގެ މަންމަ.. ދެކުދިން އެންމެ ކުއްޖެއް ނޫން..” ނިކަތު އެހެން ބުނަމުން ވާރޭ ވެހެމުން ދިޔަ ތަނަށް ބަލާލަމުން ކާރުގެ ލުއްވަގަނޑު ތިރި ކޮއްލިއެވެ.
“ކިހިނެއް މަންމަ ހުންނަނީ އެކުދިންގެ…” އަމްރު ބޭނުންވީ ނިކަތުއަށް ކިޔައިދޭން އިނގޭވަރެއް ބަލާށެވެ. އޭރުން ހަމަ ޔަޤީނުންވެސް ނިކަތު ކުރީގެ ހަނދާންތައް ވަނީ ކަމުގައި ބެލޭނެއެވެ.
“ދުވަހަކުވެސް އެހައި ރީތި މީހެއް ނުދެކެން.. މާޝާ ﷲ… ދޮންދޮން.. ލޮލުގައިވެސް ހުންނަނީ މުށިކުލަ، ފެހިކުލަ ދެން ނޫކުލަހެން ހީވަނީ…” ނިކަތު އަތަށް ހަދާ ގޮތުން އެއްޗެއް ބަލައިގެން ކިޔާދޭން އުޅޭހެންވެސް ހީވެއެވެ.
“ހޭޒަލް އައިސް…” އަމްރު ކުޑަކޮށް ހިނިތުން ވެލަމުން ފަހަތުގައި ހުރި ނިކަތުއަށް ކަޅިއެއް ދިނެވެ.
“ޔަޕް… ދިގު ދިގު މަޑު މުށިކުލައިގެ އިސްތަށިގަނޑު…” ނިކަތު އެހިސާބަށް ބުނެފައި ބޮލުގައި އަތް އަޅާލިއެވެ. އިތުރަށް ހަނދާން ކުރަން ބޭނުން ނުވާ ކަހަލައެވެ.
އިތުރަށް އަމްރު އެއްވެސް ވާހަކައެއް ނިކަތު ކައިރީގައެއް ނޭހިއެވެ. އޭނާ ނިކަތުއަށް ފިއްތާކަށް ބޭނުމެއް ނުވެއެވެ. ބުރަކަށި ޖައްސާލަމުން ނިކަތު އަނެއްކާވެސް ލޯމަރާލިއެވެ. ދެވަނަ ފަހަރަށް މަޑުމަޑުން އެހިޔާލު ތަކުގެ ތެރެއަށް ގެނބެން ބޭނުން ނުވަނީއެވެ. ކާރު ގޭޓޫ ކައިރީގައި މަޑުކޮއްލަމުން އަމްރު ފަހަތަށް ބަލާލިއެވެ. ސޯޓުގައި ލެގިލައިގެން އިން ނިކަތުއަށް ނިދިފައި އިންގޮތުން އަމްރު ހީލިއެވެ. އަދި ފޮޓޯއެއް ނަގަމުން ބަލާލީ ހޭވިފައިވި ނިކަތުގެ އިސްތަށިގަނޑަށެވެ. އޭނާ ނިކަތުއާއި ދުރަށް ދިޔައީވެސް އިތުރަށް އެހިތަށް ޒަހަމްތަކެއް ނުދޭށެވެ.
ލޯހުޅުވާލި ނިކަތުއަށް އަމްރު ބަލަންހުރި ގޮތް ފެނުމުން ދެރަވިއެވެ. މުނި ހަޔާތުގައިވެސް އޭނާ އިތުރު މީހަކަށް އިތުބާރެއް ނުކުރިއެވެ. ވާހަކައެއް ނުދެއްކިއެވެ. ނަމަވެސް މިރީތި ފިރިހެންމީހާ އޭނާގެ ދިރިއުޅުން މުނިން ބަދަލު ކޮއްލައިފިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ނިކަތު ކާރުން ފައިބައިގެން ހިނގައިގަތީ އެތެރެއަށެވެ. ނިކަތު ގޮސް ގެއްލެންދެން ބަލަން ހުރި އަމްރު މޭގައި އަތް ޖައްސާލިއެވެ. އޭނާގެ ހިތް ނެގިނެގިފައި މިވަރަށް ޖެހެންވީ ކީއްވެހެއްޔެވެ؟ ހަމަ ޔަޤީނުންވެސް އޭނާ ނިކަތުދެކެ ލޯތްބެއް ނުވެއެވެ.
އެނދު މައްޗަށް ދަބަސް އެއްލާލުމަށްފަހު ލޯމަރާލަމުން ނިކަތު ބަންޑުން އޮށޯވެލިއެވެ. އެހެން އިނދެފައި ދެން ނިކަތު ބަލާލީ ކުޑަދޮރުން ބޭރަށެވެ. އެތަނުގައި ހުއްޓި ހުރި ލިވިއާ ފެނުމުން އަނެއްކާވެސް ނިކަތުގެ ހިތުގައި ޖެހޭގޮތްވިއެވެ. އަމްރު އޭނާއަށް ކަމެހިތި ކަމުގައި ވިއަސް އޭނާދެކެ ލޯތްބެއް ނުވެއެވެ. އެތަނުގައި ހުރެފައި އަނެއްކާވެސް ނިކަތުއައިސް އެނދުގައި އިށީންނަމުން ފައިލްތަށް ނަގައި ހާވަން ފެށިއެވެ. ކުރިން ފަހަރު އޭނާގެ ދެ ކްލައިންޓުންނާއި ބައްދަލު ނުކުރެވުމުން އޭނާ ވަރަށް ދެރަވިއެވެ. ނަމަވެސް މިފަހަރު އެހެން ވިޔަ ނުދޭން އޭނާ ހުރީ އަޒުމް ކަނޑަ އަޅައިގެންނެވެ. ކޮންމެފަދަ ހާލެއްގައިވެސް އޭނާ އެކަން ކުރާނެއެވެ.
އެނދުގައި ބުރަކަށި ޖައްސައިގެން އޮތް ނިކަތު ތެދުވެލާފައި ބަލާލީ އަނެއްކާވެސް ކުޑަސޮރުން ބޭރަށެވެ. މިހާރު އެތަނުގައި އެކަކުވެސް ފެންނާކަށް ނެތެވެ. އެތަނުގައި އަތް އަޅުވާލައިގެން އިނުމަށްފަހު ނިކަތު މަޑުމަޑުން ތިރިވެ އިށީނދެއްޖެއެވެ. އަދި ތަރިތަކާއި ދިމާލަށް ބަލާލަމުން ހަނދާން ކުރަން މަސައްކަތް ކުރީ ކޮންކަމެއް ކަމެއް ނޭނގުނެވެ. ދިލަދިލަ ތަދެއް ބޮލަށް އަރައިގެން ދިއުމުން ނިކަތު އަވަހާއި ލޯ މަރާލިއެވެ. ހީވީ މީހަކު އޭނާގެ އިސްތަށިގަނޑުގައި ހިފައި ލަތްކެއް ޖެހި ހެންނެވެ. އެކަން ނިކަތުއަށް ފާހަގަވިއެވެ. މިހާރަކަށް އައިސް ފެންނަ ކަންތަކުން އޭނާ މޮޔަވަނީ ބާވައޭވެސް ނިކަތު ހިތަށް އަރައެވެ.
“ރުކޫ…” އެއަޑަށް ބަލާލި ނިކަތު ހާސްވިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ކަންފަތުގައި އަތް އަޅާލިއެވެ. އެއްވެސް ކަމެއްނުވެ ލޮލަށް ކަރުނަ ޖަމާވާން ފެށުމުން ނިކަތު ނޭވާ އަވަސްވިއެވެ.
“މަންމާ…” ނިކަތު ސާރާއަށް ގޮވާލީ އެއިން ގޮތަށް އިނދެއެވެ. އޭނާއަށް ކަމެއް ވާކަމުގެ އިހްސާސްވިއެވެ. ހިތުގެ ވިންދު އަވަސްވެ އޭނާ ބޭނުންވީ އެތަނުން ތެދުވާށެވެ.
“ރުކޫ.. ކޮބާ ރުކޫ…” އެތެރެއަށް ވަދެގެން އައި ސާރާ އެހެން ބުނެލިއެވެ. ނިކަތު ހާސްވެފައި ސާރާއަށް ބަލާލީ ސާރާ ރުކޫއޭ ބުނުމުންނެވެ.
“މަންމާ.. އާދެބަ…” ސާރާއާއި ދިމާލަށް އަތް ދިއްކޮށްލަމުން އެހެން ބުނެލި ނިކަތުއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ސާރާއައިސް ނިކަތުގެ އަތުގައި ހިފައި އެތަނުން ނަގަމުން ވީ ކިހިނެއްތޯ އަހާލިއެވެ.
“މަންމަ ދެންމެ ކީއްވެ ރުކޫ އޭ ބުނީ… އެއީ ކާކު؟…” ނިކަތު ޝައުޤު ވެރިވެފައި އެހެން ބުނެލިއެވެ.
“މަންމަ ބުނީ ނިކޫ އޭ..” ސާރާ ބުމަ ކައިރިކޮށްލަމުން އެހެން ބުނެލިއެވެ. އޭނާ ރުކޫއޭ ކިޔާފައި ނުގޮވާއިރު ނިކަތު އެހެން ބުނުމުން އޭނާ ނިކަތުގެ މޫނަށް ބަލަން އިނީ ސުވާލުގެ ނަޒަރަކުންނެވެ.
“އަޅުގަނޑަށް ހީވީ…” ނިކަތު ބޯ ހޫރުވާލަމުން ބުނެލިއެވެ. ނިކަތު އާއި ވާހަކަ ދައްކަން މަޑު ކޮއްލުމަށްފަހު ސާރާ ތިރިއަށް ފައިބައިގެން ދިޔައީ ދެހިޔާލެއްގައި އިނދެއެވެ.
“ސާރާ…” ދުރުން ނިޝާންގެ އަޑުއިވުމުން ސާރާ އަވަހަށް އަޑުއައި ދިމާލަށް ބަލާލިއެވެ.
“ކަމެއް ވީތަ؟ ސާރާ ކަމަކާ ވިސްނާތީ…” ނިޝާން ސޯފާގައި އިށީންނަމުން ފައިން އިސްޓާކީނު ދަމައިގަންނަމުން ބުނެލިއެވެ.
“ދެންމެ ނިކޫ ބުނަނީ މަންމަ ކީއްވެހޭ ތިމަންނައަށް ރުކޫއޭ ތިކިޔަނީ…” ސާރާ ކުޑަކޮށް ހީލައިގެން އިނދެ ބުނެލި ނަމަވެސް އެހިތުގައި ބިރުވެރިކަަމުގެ ހުޅުގަނޑު ހިފައިފިއެވެ.
“ސާރާ ކީންތަ އެހެން؟” ނިޝާން ކޮޅަށް ތެދުވަމުން އަވަހާއި ބުނެލިއެވެ.
“ނޫން އަހަރެން ނިކޫއޭ ބުނީ…” ސާރާ އެހެން ބުނެލަމުން ނިޝާންގެ އަތުގައި ހިފައިގެން ބޭރަށް ހިނގައި ގަނެއްޖެއެވެ. އޭނާ އެއްވެސް ވަރަކަށް ނިކަތުއަށް އަޑު އިވޭ ހިސާބުގައި މިކަހަލަ ވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ.
އައްމާރު އާއި އަމްރުއާއި ދެމީހުން އޮފީހަށް ވަދެގެން އައީ އެކު އެކީގައެވެ. އަމްރު ލޯ ހަދައިގެންހުރީ އައްމާރު ނިކަތުއާއި ދިމާލަށް ބަލާގިތް އެނގޭތީއެވެ. ނިކަތު ކެބިންއިން ނުކުންނަމުން އެތެރެއަށް ވަދެގެން އައި އަމްރުއަށް ބަލާނުލައި އައްމާރުއަށް ބަލާލަމުން ހީލިއެވެ. އައްމާރުވެސް ހީލަމުން ނިކަތު ކައިރީގައި ހުއްޓުނެވެ. ނިކަތުގެ ފަހަތުން ހިނގާފައި ދަމުން އައްމާރު ނިކަތުއަށް ބަލާލިއެވެ. މިކުއްޖާ އަހަރެއް ވާވަރަކަށް ރީތިވުން ނޫން ކަމެއް ނުވެއެވެ. އައްމާރު އައިސް ނިކަތުގެ އަތުގައި އޮތް ފައިލު ނަގަމުން އެ ބަލާލިއެވެ. އޭގައިވި ނަންތައް ފެނުމުން އޭނާ ސުވާލުގެ ނަޒަރުން ބަލާލީ ނިކަތުގެ މޫނަ އޭގައިވި އައްމާރުއަށް ބަލާލަމުން ހީލިއެވެ. އަމްރު ށް ބަލާލިއެވެ. އަމްރު ބުނީ ހަމަ ތެދެއް ހެއްޔެވެ. ނިކަތު ހަޤީޤަތުގައިވެސް ކުރީގެ ކަންތައް ހަނދާން ނެތީ ހެއްޔެވެ؟
ނިކަތު ކައިރީގައި ދަނީ ކޮން ތަނަކަށް ތޯ އަހާލުމުން ނިކަތުގެ ޖަވާބު ވަރަށް ކުރެވެ. އައްމާރު ފާޑަކަށް ހީލަމުން އޭނާ ނިކަތު އެގެއަށް ގެންގޮސް ދޭނެކަމަށް ބުނެލިއެވެ. ނިކަތު ހަނދާން ނުވާނަމަ އައްމާރު ބޭނުންވީ ނިކަތުއަށް ހަނދާން ކޮށްދޭށެވެ. އޭނާއަކީ ކާކުކަަން ހަނދާން ވާށެވެ. އައްމާރުވެސް ޖަވާބު ބޭނުންވާ އެތަށް ސުވާލެއް އެބަހުއްޓެވެ. އޭނާ ރާއްޖެ އަނބުރާ އައީ އެހެން ވެއެވެ. ކާރަށް އަރައި ހަމަޖެހިލަމުން އައްމާރު ނިކަތު ބުނި އެޑްރެހާއި ދިމާލަށް ދުއްވައިލިއެވެ. އޭރު އައްމާރުގެ ހިތް ތެޅެމުން ދިޔައެވެ. އައްމާރު ނިކަތުއަށް ނަޒަރެއް ދިނެވެ. އަދި އެރީތި މޫނަށް މޫނަށް ބަލާލިއެވެ. ދުނިޔޭގައި މިހައި ރީތި މީހުންވެސް އުޅޭބާވައެވެ.
“ނިކޫ…” އައްމާރު ގޮވާލީ ނިކަތު ބޭރަށް ބަލަން އިނުމުންނެވެ.
“ހޫމް…” އެދިމާލަށް ބަލާލަމުން ނިކަތު ހޫމް އަޅުވާލިއެވެ. ގޮނޑީގައި ސީދާވަމުން އޭނާ ބަލާލި ވައިބްރޭޓްވަމުން ދިޔަ ފޯނަށެވެ.
“ޔޫ ލައިކް ގްރީންދޯ…” އައްމާރު އެހެން ބުނެލީ ނިކަތު އަތުގައި އަޅާފައި އޮތް އެމެރަލްޑް ކެވެލި ކޮޅު ފެނުމުންނެވެ. ކުދި ކުދި ގަދަ ފެހި ކުލައިގެ އެމެލަޑް ތަކުގެ ވަށައިގެން އަޅާފައިވާ ރަނުން އެ ކެވެލިކޮޅު އިތުރަށް ފުރިހަމަ ކޮއްދެއެވެ. ނިކަތުގެ ލޮލުގައިވި ފެހި ކުލައެވެ.
“އުމް… ކުޑަ އިރުއްސުރެވެސް އެންމެ ލައިކް ވީ އެކުލަޔާ…” ނިކަތު ވިސްނާލިއެވެ. މީގެ ކުރިން އޭނާ އެކަމާއި އެވަރަކަށް ނުވިސްނައެވެ. ނަމަވެސް އެންމެ ކުޑައިރުންސުރެވެސް އޭނާ ދަންނަ ކަމަކަށްވީ ލޮލުގައިވި ފެހި ކުލައެވެ.
“ކީއްވެ؟” އައްމާރު އަހާލިއެވެ. އެހިތުގައި އެތަކެއް ސުވާލުތަކެއް ވިއެވެ. ކުޑައިރުގެ ނިކަތުގެ އެއްވެސް ކަމެއް ހަނދާން ހުރިތޯ ބަލަން އައްމާރު ބޭނުމެވެ.
“ނޭނގެ… އެންމެ ކުރިންވެސް އެނގެނީ ފެހި ކުލައަކީ ދަންނަ ކުލައެއް ކަން… ކޮންމެވެސް އެހެން ތަނަކުންވެސް ފެހި ކަޅިއެއް ދެކުނިންހެން ހީވަނީ…” ނިކަތު ހީނުވާ ގޮތަކަށް ބުނުމުން އައްމާރު ލޯ މަރާލިއެވެ. އަދި ހިންދިރުވާލިއެވެ. އޭނާ ބޭނުންވީ ނިކަތު ހަނދާންވާށެވެ. އީމާނާގެ ހަޤީޤަތް ހޯދާށެވެ.
ކައިރީގައި ހުރި ގޭ ގައިރީގައި ކާރު ޕާރކު ކޮއްލަމުން އައްމާރު ނިކުމެގެން އައިސް އެދޮރު ހުޅުވާލަމުން ނިކަތުވެސް ނިކުމެއްޖެއެވެ. އެއީ އޭނާ ދަންނަ ތަނެކޭ ހިތް ބުނެލިއެވެ. ނަމަވެސް މަޑުމަޑުން ފުންނޭވާއެއް ދޫކޮށްލިއެވެ. ކައިރީގައި ހުރި އައްމާރުއަށް ބަލާލަމުން ނިކަތު ހިނިތުންވެލިއެވެ. އައްމާރުގެ ފަހަތުން އައިސް ނިކަތުވެސ އެގޭ ކައިރީގައި ހުއްޓުނެވެ. ދިހަ ބުރިއަށް ނަގާފައިވާ އެގޭގައި ލާފައިހުރީ ފެހި ކިލައެވެ. ނިަތުަށް އެތަން ސިފަވީ ވަރަށް ކުރީގެ ގޮތަކަށެވެ. ބޯ ދެފަރާތަށް ހޫރުވާލަމުން ނިކަތު އެގެއަށް ވަނެވެ. އަދި ނިކަތު ހިނގައިގަތީ ސިޑިއާއި ދިމާލަށެވެ. އައްމާރުއަށް އެކަން ފާހަގަ ވުމުން އޭނާވެސް ހިޔާރު ކުރީ ސިޑިއެވެ. އެއްވަނަ ބުރީގައި ހުރި ފުރަތަމަ އެޕާރޓެންޓް ދޮރުގައި ޓަކި ޖަަހާލަމުން ވަރަށް އަވަހާއި ދޮރު ހުޅުވާލިއެވެ.
“ފާތުން…” ނިކަތު ހިނިތުން ވެލަމުން ސަލާމަށް އަތް ދިއްކޮށްލިއެވެ. ނިކަތު ފޯނުން ވާހަކަ ދައްކާފައި ވުމުން އެމީހާ ހިތްހެޔޮކަން ނިކަތުއަށް އެނގެއެވެ. ނަމަވެސް ފާތުން މިއަދު ސަލާމަށް އަތްދިއްކުރުމުގެ ބަދަލުގައި އަތް އަޅާލީ އަނގަމަތީގައެވެ. އުމުރުން ދުވަސްވެފައިހުރި އެމީހާގެ ލޮލަށް ކަރުން ޖަމާވިތަން ފެނުމުން ނިކަތު ބަލާލީ ފަހަތުގައި ހުރި އައްމާރު އަށެވެ. އައްމާރު ބަލަންހުރީ ފާތުންއަށެވެ. ޖީބަށް އަތް ޖަހާލައިގެން ހުރި އައްމާރު އެވަގުތު ބޯ ޖަހާލަމުން ހީލިއެވެ. އަދި ނިކަތުއަށް ބަލާލަމުން ކުރިއަށް ފުޅާ ހިނިތުން ވުމެއް ދިނެވެ.
“މަންމަގެ ތަޝްކީލް..” ފާތުން އެހެން ބުނެލަމުން ނިކަތު ގެނެސް ގަޔާއި ލައި ބޮނޑިކޮއްލިއެވެ.
ނުނިމޭ
7 Comments
Comments are closed.
Guys sorry late koh up kureveythi. I’m trying to upload it as soon as i can 🙂
Thank you guys
nice love it. next part avahah up kohlaadhinumah edhen
Really nice story
Dhn kon dhuvahaku up kuranii?
Vvvvvvv reethi mi parts was…??????????
Next part Ava’s kolachay…
next part when ?????
alhe alhe next part up kohba avahah kiyaa hithun moya vany ey mihaaru ???