ހޯދޭތޯ މަންޒިލެއް… 15
ފެންމާގަނޑުގެ ދަށުގައި ހުރި ނަހީކްގެ ފިރިހެންވަންތަ ހަށިގަނޑަށް އޮހެމުން ދިޔަ ފެންތަކުގެ ފިނިކަން ހަށިގަނޑަށް ސަވާރުވުމުން ސިކުނޑީގެ ބުރަކަމަށް ކުޑަ ލުޔެއް ލިބުނުހެން ހީވިއެވެ. ތެމިފައިވި ފަން އިސްތަށިގަނޑުގައި އޭނައަށް އަތް ފުނާއަޅާލެވުނެވެ. އަދި ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ކޮންމެ ހާލަތެއް މެދުވެރިވިކަމުގައި ވިޔަސް ދިރިއުޅުމުގައި ކުރިމަތިވެފައިވާ އަޑިގުޑަންގަނޑުން އަރައިގަންނަން ނަހީކް އަޒުމު ހިފިއެވެ. އޭނަ ޖެހޭނީ ހުރިހާ ކަމަކާއި ވެސް ކުރިމަތިލާށެވެ. ލޯބިވާ ދަރިފުޅުގެ ހައްޤުގައެވެ. އެދަރިފުޅަށް އެއްވެސް ކަމެއް އުނިވާން އޭނަ ބޭނުމެއް ނުވެއެވެ. އެދަރިފުޅަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބުމަށް އެދެވޭތީ އެވެ.
*****
ނަހީކް ކާމޭޒު ދޮށުގައި އިށީނުމުން ކާން ތައްޔާރުކޮށްފައި އާބިދާ ދިޔައީ ބޮޑުކޮޓަރިއަށެވެ. ނަހީކް އޭނަގެ އަތުގައި އޮތް ފޯނުން ދުވަހުގެ ނޫސްތައް ހުޅުވައިގެން އޭނަ ޝައުޤުވެރިވާ ލިޔުންތައް ކިޔަން ފަށަމުން ކެއުން ކުރިއަށް ގެން ދިޔަ އެވެ. އޭރު ބޮޑުކޮޓަރިން ޓީވީގެ އަޑު ކާކޮޓަރިއާ ހަމައަށް އިވިއިވި ހުއްޓެވެ.
”މަންމަ މިހިރީ ހަނދާން ނެތިފައޭ ފަލަކް ގާތު ބުނަން… މިއަދު ޝަރުމީލާ އައިސް ބުނި ބަސްމާގެ ދޮށީ ދަރިފުޅު ރަށަށް އައިސްގެން އުޅޭ ވާހަކަ… ދަރިފުޅާއެކު ވަރަށް ރައްޓެހިކޮށް އުޅުނު މަންޖެއެއްނު އެއީ… މިހާރު ރަށު އެންމެން ދައްކަނީ އެމަންޖެގެ ވާހަކަ… ވަރަށް ދެރަ ގޮތެއް ދޯ އެވީ ވެސް… އަޑުއެހިން އެމަންޖެގެ ފިރިސޮރު ނިޔާވިވިއުރު އެމަންޖެ އިނީ ބަލިވެއޭ ވެސް… ދަރިފުޅާ އޭނައާ ބައްދަލެއް ނުވޭތަ؟… ހާލުބަލާލަން އެގެއަށް ދާން ކަމަށް މަންމަ މިހުންނަނީ ވެސް… މާދަން ޝަރުމީލާ ބުނި ހަވީރު އެގެއަށް ދާނަމޭ… އޭނައާއެކު ދާން ކަމަށް މިވިސްނަނީ…” ޓީވީން ދައްކަމުން ދިޔަ ހިންދީ ސިލްސިލާގެ މަންޒަރެއް ފެނި ކަމެއް މަތިން ހަނދާންވުމާއެކު އާބިދާ ބުނެލިއެވެ. އެއަށްފަހު އޭނަ ބަލާލީ ފަލަކް އަށެވެ. ފަލަކްއަށް މާއީގެ ޚަބަރެއްވެފައި އޮވެދާނެއޭ އޭނަގެ ހިތް ބުނީތީއެވެ. ދެކުދިން އުޅުނީ ވަރަށް ވެސް އެކުވެރިކޮށް ވިއްޔާއެވެ.
”މިއަދު މެންދުރު ޔަލް ގޮވައިގެން ފިހާރައަށް ދިޔަ ގަޑީގަ މާއީއާ ދިމާވި… ހަވީރު ދިޔައިން ޒީމެން ގޮވައިގެން މާއީއާ ބައްދަލުކުރަން ވެސް… ދިމާވި ކަންތަކުން މާއީ ހުންނަނީ ވަރަށް ދެރަވެފަ… އަދި ބަލިވެ އިންދާ އެހުރިހާކަމެއް ދިމާވުމުން ކިހާ އަސަރެއް ކުރާނެ…” ފަލަކްގެ އަޑުގައި ހިތާމައިގެ އަސަރު ވިއެވެ. އެކުވެރިޔާއާ މެދު އޭނަ ކަންބޮޑުވާކަން އެކަމުން ހެކި ދެއެވެ. ”މާދަން ހަވީރު ޑިއުޓީ އޮތީމާ މަންމަމެންނާއެކު ނުވެސް ދެވޭނެ، އެކަމަކު އަހަރެން މާއީއަށް ގުޅާފަ މަންމަމެން ދާ ވާހަކަ ބުނެލާނަން…”
ނަހީކްއަށް އާބިދާމެން ދައްކަމުން ދިޔަ ވާހަކަތައް އަޑު އިވުމާއެކު ދިރުވާލަން އުޅުނު ކާއެތިކޮޅު ވެސް ކަރުތެރޭގައި ތާށި ވެއްޖެއެވެ. ކެއްސުންގަނޑު ހިލިގެން އައި ހިނދު މޭޒު މަތީ ހުރި ފެން ތަށި ނަގައި ތުނބުގައި ޖައްސާލެވުނީ އަވަސް ހަރަކާތްތަކާއެކުގަ އެވެ. އަދި ކޯވަރެއް ބޯލެވުނެވެ. އެއަށްފަހު މޭމަތީގައި ވެސް ފިރުމާލެވުނެވެ. މީހާ ހަމައަކަށް އެޅުނު އިރު ލޮލުން ފެން ވެސް އައިސްފިއެވެ.
މާއީގެ ފިރިމީހާ މަރުވި ޚަބަރު ރަށު ތެރެއަށް ފެތުރިގެން އުޅުނު އިރު އޭނައަށް ވެސް އޮތީ އަޑު އިވިފައެވެ. ނަމަވެސް މާއީ ރަށަށް އައިކަން އޭނައަށް އެނގުނީ ދެންމެ އާބިދާ ދެއްކި ވާހަކަތަކުންނެވެ. މީހާއަށް އައި ބަދަލުތަކާއެކު އިތުރަށް ކާހިތެއް ވެސް ނުވިއެވެ. އުލާއި ސަމުސާތައް ތަށީގެ ތެރެއަށް ދޫކޮށްލަމުން އޭނަ ފެން ތަށި ހުސްކޮށްލިއެވެ. އެއަށްފަހު ކާތަށި ހިފައިގެން ގޮސް ސިންކު ކައިރީ ހުރި ކުޑަ ކުނިވަށިގަނޑަށް އޭގައި ބާކީ ހުރި ކާއެއްޗެހި އަޅާލުމަށްފަހު، ސިންކުގެ އިސްކުރަށް ދޫކޮށްލިއެވެ. ނަހީކް ތަށި ދޮވުނު އިރު އެމޫނަށް އައިސްފަައިވި ބަދަލުތަކުން ޚިޔާލަކަށް ގެއްލިފައި ހުރިކަން އެނގެއެވެ.
”ކައި ނިންމާލާފަ މަންމައަށް ގޮވާލިނަމަ…” ބަދިގެއަށް ވަން އާބިދާއަށް ސިންކު ކައިރީ ހުރި ނަހީކު ފެނި ގޮވާލެވުނެވެ. އެއަޑަށް ޚިޔާލުތަކުގެ ވާފަށް ކެނޑިގެން ދިއުމުން ނަހީކް ސިހިފައި ފަސްއެނބުރި ބަލާލިއެވެ.
”މިއީ އެވަރުކަމެއް ނޫނެއްނު މަންމާ…” ނަހީކް ލުއި ހިނިތުންވުމަކާއެކު ބުނެލިއެވެ. އާބިދާ ގޮސް ނަހީކް ދޮވުނު ތަށި ހަރުގަނޑުގައި އަޅުވާލަމުން އަވަސްވެގަތީ ނިދަން ދިއުމުގެ ކުރިން ބަދިގެ ތަރުތީބު ކުރުމާއި، ގަރުދިޔަ އަދި ރިހަތެލި ހޫނުކުރުމާއިގެންނެވެ.
ނަހީކް ބަދިގެއިން ނިކުތް އިރު ފަލަކް ވެސް ފެންނާކަށް ނެތެވެ.
ނާހިކް ގޭގެ ފެންޑާއަށް ނިކުމެލަމުން މެދު ގޯތީގައި ހުރި ޖޯލި ފައްޗާއި ދިމާއަށް ހިނގައިގަތެވެ. ސާދަ ވިލޭރޭގެ ފުރިހަމަ ހަނދުގެ އަލި ގޯތީގައި ހުރި ޖަންބު، އަނބު އަދި ބަނބުކެޔޮ ގަސްތަކުގެ ފަތްތަކުގެ ތެރޭން ފުރޭނިގެން އައިސް އެހިސާބަށް ކޮކާހަނދުވަަރު ދީފައި އޮތެވެ.
ނަހީކް ގޮސް ޖޯލީގައި އިށީންނަމުން ސޯޓު ޖީބުގައި އޮތް ސިނގިރެޓު ފޮށި ނެގިއެވެ. އަދި އެއިން ނެގި ސިނގިރެޓު ތުނބުގައި ޖައްސާލަމުން ލައިޓަރުން ރޯކޮށްލިއެވެ. އެތެރެއަށް ދަމާލި ނޭވާއާއެކު އޭގެ ދުންތައް ޖިސްމުގެ ތެރެއަށް ފޭދިގެން ދިއުމާއެކު ހައްޓަށް ލުޔެއް ލިބުނުކަމުގެ އިހުސާސް ނަހީކްއަށް ކުރެވުނެވެ. ޖޯލީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލަމުން ދުންތައް ފަޒާގެ ތެރެއަށް ފޮނުވާލިއެވެ.
ނަހީކްއަށް އިތުރު ކަމަކާއި މެދު ނުވިސްނުނެވެ. މާއީގެ ޚިޔާލުތައް އޭނަގެ ސިކުނޑީގައި ވަކިހިއްޕާލާފައިވީ ވަކިނުވެވޭނެ ކަހަލަ ގޮތަކަށެވެ. އެގޭ ސަބަބުން އޭނަގެ ބޮލުގެ ރިހުން ވެސް ގަދަވާހެން ހީވެއެވެ. އޭނަގެ ހިތަށް ވެސް ގޮތްތަކެއްވަމުން ދިޔަ އެވެ. ފުލުފުލުގައި އޭނަ ސިނގިރެޓް ބޮމުން ދިޔައީ މާއީގެ ޚިޔާލުތަކުން ދުރުވުމަށެވެ. އެތައް އަހަރަށް ފަހު އެނަން އިވުމުން ވެސް އޭނަގެ ހިތަށް އުނދަގޫތަކެއް ވެއްޖެއެވެ. ހިތުގައި ކަފުންކޮށް ވަޅުލި އިހުސާސްތައް ހީވަނީ މިނިވަންވާން މަސައްކަތްކުރާހެންނެވެ. ހަމައެއާއެކު އޭނައަށް މީގެ ދުވަސްތަކެއް ކުރިން ލިބުނު ފޯންކޯލެއް މަތިން ވެސް ނަހީކް ހަނދާން ވިއެވެ. އޭގެ ސަބަބުން އޭނަގެ ނުތަނަވަސްކަން އިތުރުވެގެން ދިޔަ ކަހަލަ އެވެ.
*****
އެނދުގައި ދެއަތަށް ފުރޮޅެމުން ދިޔަ މާއީއަށް ނިދޭ ގޮތެއް ނުވިއެވެ. ސިކުނޑިއަށް ތަފާތު ޚިޔާލުތަކުން ބަރުވެފައި ވުމުން ލޮލުފިޔަ ޖަހާލުން ވެސް ވީ މުސްތަހީލުކަމަކަށެވެ. އާދައިގެ މަތިން މިރޭ ވެސް ނުނިދޭނެކަން އޭނައަށް އެނގުނެވެ. ނަމަވެސް އެހެނިހެން ރޭތަކާއި ޚިލާފަށް އޭނަގެ ޚިޔާލުތަކުގައި މުޅިން ވެސް ވަނީ ފަލަކް ދެއްކި ވާހަކަތަކެކެވެ. އޭގެ ސަބަބުން އޭނަގެ ހިތަށް ވެފައިވާ އުނދަގޫތަކުގެ އަސްލާ މެދު ވެސް މާއީއަކަށް ވިސްނައިނުގަނެވުނެވެ. އެވާހަކަތަކުން ހިތަށް ތަދުވާން މެދުވެރިވާން ޖެހޭ ސަބަބެއް ވެސް މެއެވެ. އޭނަ ނަހީކުގެ ހަނދާންތައް އެހިތުގައި ކަފުންކުރިތާ ކޮން ދުވަހެއް ހެއްޔެވެ؟ ދެން އޭނަގެ ހިތަށް މިވާ އުނދަގޫ ތަކުގެ ސިއްރަކީ ކޮބާ ހެއްޔެވެ؟
”ކިހިނެއްތަ މިވަނީ؟… ފަލަކްގެ ވާހަކަތަކުން އަހަންނަށް މިހާ ބޮޑަށް އުނދަގޫ މިވަނީ ކީއްވެތަ؟، އަމިއްލަ މީހާގެ ހާލަތަށް ވުރެ އެހެން މީހެއްގެ ހާލަތާ މެދު ވިސްނެނީ ކީއްވެތަ؟… މިއީ ރަގަޅު ގޮތެއް ވެސް ނޫން… ޒިވާން ނޫން ފަރާތަކާ މެދު އަހަރެން ވިސްނައިގެން ނުވާނެ… އެއީ ޒިވާންއަށް ވެސް ވެވޭނެ ބޭއިންސާފެއް، އެހެން މީހަކާ މެދު އަހަރެން ވިސްނައިގެން ނުވާނެ… އެއީ ހުތުރުކަމެއް…” މާއީ އެނދުގެ ހެޑްބޯޑަށް ލެނގިލަމުން ފުންނޭވާތަކެއް ދޫކޮށްލިއެވެ. ޚިޔާލުތަކުގެ ސަބަބުން ހީވަނީ އޭނައަށް ނޭވާލާން ވެސް އުނދަގޫވެފައިވާ ހެންނެވެ.
މާއީ ކިތަންމެ ވަރަކަށް ވެސް އޭނަގެ ހިތުގެ މައްޗަށް ބަރުފޯރުވަން މަސައްކަތް ކުރިއެވެ. ނަމަވެސް ބަސްނާހާ ހިތް ވަނީ އޭނަގެ ނުފޫޒުގެ ދަށުން މިނިވަންވެފަ އެވެ. އެތައް ދުވަހެއް ވަންދެން ހިތުގައި ވަޅުލެވިފައިވި އިހުސާސްތައް އުތުރިއަރަން މަސައްކަތް ކުރިއެވެ. ހަޔާތުގައި ވެވުނު ފުރަތަމަ ލޯބި މަތިން މާއީ ކިތަންމެ މަސައްކަތެއް ކުރިކަމުގައި ވިޔަސް ހަނދާން ނައްތައެއް ނުލެވުނެވެ. ބިންވަޅުނެގިފައިވި އެއުފާވެރި އިހުސާސްތަކާ ދުރެއް ވެސް ނުވެވުނެވެ. މާޒީގައި ކަންތައް ވެދިޔަ ގޮތަށް ފަހު އެސޫރަ ހިތުން ފޮހެލަން މާއީ ހާދަ މަސައްކަތެއް ކުރިއެވެ. ނަމަވެސް އޭގެ ސަބަބުން އިތުރު ވޭންތަކެއް މެނުވީ އޭނަގެ ނާޒުކު ހިތަކަށް ނުލިބުނެވެ. އެއުދާސްތަކުގެ ތެރޭގައި ވަނިކޮށް އޭނަގެ ޚަޔާތަށް އައީ ޒިވާން އެވެ. އަލުން ލޯބިވާން ދަސްކޮށްދިން ފަރާތަކީ ވެސް އެއެވެ. އެކުގައި ގިނަ ވަގުތު ހޭދަކުރެވުމުން ޒިވާންއާ މެދު އެހިތުގައި ކުލުނު އުފެދުނެވެ. އެކުލުނު ލޯތްބަށް ބަދަލުވެ ޒިވާންއަށް އޭނަގެ ހިތުން ޖާގަ ދެވުނީ ވެސް ޒިވާން އޭނަ ދެކެ ވީލޯބީގެ ބާރުންނެވެ. ނަމަވެސް ހިތާމައަކީ ނަހީކްއަށްޓަކައި އެހިތުން ދެވުނު މަޤާމަށް ބަދަލެއް ނައީތީއެވެ. މީހުން ބުނަނީ ތެދެއްކަން މާއީއަށް ރޭކާލީ އެދުވަހުއެވެ. އަލަތު ލޯބްބަކީ ހިތުން ފޮހެލެވޭނެ އިހުސާސްތަކެއް ނޫންކަމެވެ. އަބަދުވެސް އެލޯބީގެ ފަޅުކަން ހިތު ތެރޭގައި ވާނެކަމެވެ. އެހެނަސް ޒިވާންގެ ލޯތްބަށްޓަކައި އެއިހުސާސްތައް މައްޗަށް މާއީ ކުރި ހޯދިއެވެ. މާޒީ ކަފުންކޮށްވަޅުލިއެވެ. އެހަނދާންތަކުން އިތުރު ތަކުލީފުތައް މެނުވީ ނުލިބޭނެތީއެވެ. ހަމައެއާއެކު އެއީ ޒިވާންއަށް ވެވޭ ބޭވަފާތެރިކަމެއްކަމުގައި ވެސް ދެކުނީތީއެވެ. ނަމަވެސް މިހާރު ވަމުން މިދާ ގޮތަކުން މާއީގެ ހިތް ވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ.
”ޒިވާން… އަހަރެން އަދި ވެސް ލޯބި ވަނީ ޒިވާން ދެކެ…” މާއީ އޭަގެ ހިތަށް ވިސްނާދިނެވެ. ޒިވާން ދުނިޔޭގައި ނެތްކަމުގައި ވިޔަސް ދެން އިތުރު ފަރާތަކަށް އެހިތުން ޖާގައެއް ދޭން އޭނަ ބޭނުމެއް ނުވެއެވެ. ހިތުގައި އެވާ ގޮތް ނޭގޭ އިހުސާސްތަކުގެ މައްޗަށް ކުރި ހޯދަން މާއީ ބޭނުންވަނީ ވެސް އެހެންވެ އެވެ.
*****
އައު ދުވަހަކަށް ފެނުން ތޮޅެލި އިރު ދޯދިތަކުން އުދަރެސް ޖަރީކުރަމުން އައި ހިނދު ދުވަސް ފެށިއްޖެކަން އިޢުލާން ކުރުމާއިގެން ދޫނިސޫފާސީފިތައް ހޭލަމޭލަވަމުން ދިޔަ އެވެ. ހެނދުނުހެނދުނާ އަންހެންވެރިން ވެސް ނިކުމެ ގޯއްޗާއި މަގުތަކަށް އެޅިފައިވި ކުނިތައް ނެގުމާއިގެން މަސްޢޫލުވެއްޖެއެވެ. އޭރު އަވަށްޓެރިންގެ މެދުގައި ރަށުގައި އެދުވަސްކޮޅު ފެތެރެމުން އަންނަ ޚަބަރުތައް ހޫނުކޮށް ދެކެވެމުން ދިޔަ އެވެ. ސްކޫލް ކުދިންތައް ވެސް ފޮތްދަބަސް ހިފައިގެން ސްކޫލަށް ދިއުމަށް މިސްރާބު ޖަހާތަން ފެނެއެވެ. ފަތިހުގެ ހިމޭންކަން ކެނޑި ރަށް ދިޔައީ ހިނދަށްހިނދަކަށް ހަލަބޮލި ވަމުންނެވެ.
ރުކާން އޮފީހަށް ދިއުމުގެ ކުރިން ތޫގާ އޭނަގެ މަންމެން ގެއަށް ލައިދޭން ދިޔަ އެވެ. ކާރުން ފައިބަމުން ޑިކީގައި ހުރި ފޮށިތައް ގެންގޮސް އެތެރެއަށް ވެއްދިއެެވެ.
”އަހާނ… ދަރިފުޅުމެން ތިއައީ ދޯ؟…” ހެނދުނު ނާސްތާކުރަން އުޅުނު ބަސްމާއަށް ކާކޮޓަރިއަށް ވަން ތޫގާ ފެނި ބުނެލެވުނެވެ.
”ބައްޕަ ކޮބާތަ؟… ކުޑާ ވެސް ސައިބޯން ނާންނަނީތަ؟…” ބަސްމާ އެކަނިމާއެކަނި އިންތަން ފެނި ތޫގާއަށް ސުވާލުކޮށްލެވުނެވެ. މާއީ ވީތަނެއް ވެސް އޮޅުންފިލުވަން ސުވާލުކުރީ ކޮންމެހެން ހިތުގައި ޝައުޤުވެރިކަން އޮވެގެނެއް ނޫނެވެ. އޭނަ މާއީއާ މެދު ވިސްނާކަން ބަސްމާއަށް ދެއްކުމަށެވެ.
”ބައްޕަ ހަމަ ދެންމެ އޮފީހަށް އެދިޔައީ… ތަންކޮޅެއް ކުރިން އާދެވުނު ނަމަ ބައްޕާއާ ވެސް ބައްދަލުވީހެއްނު… މާއީއަށް ގޮވާލަން މަންމަ ދިޔަ އިރު ފެންވަރަށް ފާޚަނާގަ ހުރީ، އިރުކޮޅަކުން އަންނާނެ…” ބަސްމާ އޮޅުންފިލުވާލަ ދިނެވެ.
”ހެނދުނު ސައިގަ ބައިވެރިވާން ވީނު…” ކޮޓަރިއަށް ފޮށިތައް ވައްދާފައި އައި ރުކާން ފެނި ބަސްމާ ދަޢުވަތު ދިނެވެ.
”ނޫނޭ މަންމާ، ހަމަ ދެންމެ ގެއިން ސައިބޮއެގެން މިއައީ… އިތުރަށް ބަނޑުގައި ނެތް އެންމެ ޖާގައެއް ވެސް… އެކަމަކު މެންދުރު ކާން އަންނާނަން…” ރުކާން އޭނަގެ ބަނޑުގައި އަތް ޖައްސާލަމުން މަނާވެގަތެވެ. އަދި ތޫގާއަށް ފުރިހަމަ ހިނިތުންވުމެއް ދެމުން ނިކުންނަން ހިނގައިގަތެވެ. އެހިނިތުންވުމުން ރުކާން އޭނަ ދެކެ ވާ ލޯބި އިހުސާސް ކުރެވި ފޮނިގޮތަކަށް ތޫގާއަށް ހިނިތުންވެލެވުނެވެ.
ތޫގާގެ ހިނިތުންވުން ގެއްލިގެން ދިޔައީ ކާކޮޓަރިއަށް އައިސް ވަން މާއީ ފެނިފައެވެ. ގަޔަށް ދޫ ދެމޭ ފޮތީގެ ހެދުމަކާއި ކަޅުކުލައިގެ ހަރުވާޅެއްގައި ކިތަންމެ އާދައިގެ ގޮތަކަށް ހުއްޓަސް މާއީގެ ރީތިކަން ފާހަގަ ކުރެވި ތޫގާ ފޫހި ވިއެވެ. ތާޒާކަން އެކުލެވިގެންވި އެމޫނާއި ތެތްފިނިކަމުގެ އަސަރުވި ދިގު އިސްތަށިގަނޑު ދެކެ ވެސް ހަސަދަވެރިވެވުނެވެ.
ތޫގާ ފެނި މާއީ ހިނިތުންވެލީ ތޫގާ ވެސް އޭނައަށް ހިނިތުންވެލީތީއެވެ.
”މި ގޮލާ އެސްފީނާ ޖެހޭ ކަމަކަށް ވެސް ނުވެޔޭ… މާ ސާދާކަމަށް ދެއްކެން މިހާރު ކަޓު ހެދުން ގަނޑެއް ލައިގެން އެބަ އުޅެއެއްނު… ހޫނ، ވަރަށް ފޫހިވޭ… އިއްޔެގަ ފިރިހެނުން ހޯދަން ދިޔަ އިރު ހީވަނީ ޕްރޮސްޓިޓިއުޓެއް ހެން، މަންމައަށް ވެސް މީނަގެ ގޮތެއް އަދިވެސް ނޭގޭ، ހުރިހާ ތަނެއްގަ ނުބައި އުފައްދަން އުޅޭ މީހެއް……” ތޫގާގެ ހިނިތުންވެލުމުގެ ފަހަތުގައިވި ހަސަދަވެރިކަން ވީ އޭނަގެ ހިތުގައެވެ.
މާއީއަށް ލޯއަޅާލަމުން ގޮސް ބަސްމާ ގާތު ހުރި ގޮނޑީގައި ތޫގާ އިށީނެވެ.
*****
ދިހައެއް ޖަހަން އުޅެނިކޮށް ތޫގާއާއި މާއީ ގޭގައި އެކަނި ވިއެވެ. ބަސްމާ ކޮމިޓީ ބައްދަލުވުމަކަށް ބޭރަށް ދިއުމުން ބޮޑުކޮޓަރީގައި އިން ތޫގާ އަވަސްވެގަތީ މާއީގެ ކޮޓަރިއަށް ދިއުމަށެވެ. ހިތުގައިވާ ރުޅިވެރިކަން މާއީއަށް އަމާޒުނުކޮށްލެވޭތާ ވަރަށް ގިނަ ދުވަސް ވެއްޖެއެވެ. ލިބުނު ރަނުގެ ފުރުސަތު ގެއްލުވާލާކަށް ތޫގާ ބޭނުމެއް ނުވިއެވެ.
ތަޅުގައި ހިފާލި އިރު ހުރީ ހުޅުވާފައެވެ. ތޫގާ، ތަޅު އަނބުރާލަމުން ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެއަޑަށް އެނދުގައި ވާހަކަ ފޮތެއް ކިޔަން އިން މާއީ ދޮރާއި ދިމާއަށް ބަލާލިއެވެ. ތޫގާ ފެނުމުން އޭނައަށް ހައިރާންކަން ލިބުނެވެ.
”ކަމަކުތަ؟…” ތޫގާއާއި ޚިލާފަށް މާއީ ވާހަކަދެއްކީ މަޑުމައިތިރި ކަމާއެކުގައެވެ. ކިތަންމެ ވަރަކަށް ހިތްހަމަނުޖެހުނު ކަމުގައި ވިޔަސް ރުޅިވެރިކަމާއެކު ތޫގާއާއި މުހާތަބުކުރަން މާއީ ބޭނުމެއް ނުވެއެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ތޫގާއަކީ އޭނަގެ ކޮއްކޮ އެވެ. އެޤަދަރު އޭނަގެ ހިތުގައި އަބަދު ވެސް އޮންނާނެއެވެ.
”ހީވަނީ އަދިވެސް މާޒީގައި އުޅުންހެން ކަލޭގެ އަމާޒަކީ، ވެދާނެ މިފަހުން ދިމާވި ކަންތަކުގެ ހައްލަކަށް ފެނުނު ގޮތަކީ އެއީ ކަމަށް ވެސް… އެކަމަކު މާޒީގައި ވެސް ވަކި އުފާވެރިކަމެއް ނެތެއްނު… ހަޔާތަށް އަންނަ ކޮންމެ މީހެއްގެ ދިރިއުޅުން ވެސް ބަރުބާދުކުރަމުން ދުވާ މީހެއްނު ކަލޭ ތީ… ނަހީކް ވެސް އަދި ޒިވާން ވެސް ކަލެއާ ޖެހުނީމަ ދިރިއުޅުމެއް ނުލިބުނީ، ކަލޭގެ ވައިއެޅުނަސް ބަދުނަސީބެއް ނޫނީ އެމީހަކަށް ނުލިބޭ…”
މާއީގެ ކޮޓަރިއަށް ނަޒަރު ހިންގަމުން ތޫގާ އެތެރެއަށް ވަނެވެ. އޭނަގެ އަޑުގައި ވަނީ މަލާމާތެވެ. ތޫގާއަށް މާއީ ކިޔަވަން އުޅުނުއިރު ލިބުނު ރަން ވަނަތަކާއި ތަށިތައް އެތުރިފައި ހުރި ރެކު ފެނުމާއެކު ދެލޯއަޅާލެވުނެވެ. ތުން ވެސް އަނބުރާލެވުނެވެ. މާއީއަށް ދުވަހަކު ކާމިޔާބެއް ލިބެން ނޭދޭކަން އޭނަގެ ދެލޮލުން ހާމަވެއެވެ.
”ތޫގާގެ މައްސަލައަކީ ކޮބާތަ؟… ތިހެން އަހަރެން ދެރަވާނެހެން ވާހަކަ ދައްކަން އަހަރެން ތޫގާއަށް ކުރީ ކޮންކަމެއްތަ؟، އަހަރެން ކުރިން ވެސް އޮންނާނީ ބުނެފަ ޒިވާންއޭ ކިޔައިގެން އެއްވެސް އެއްޗެކޭ ނުބުނާށޭ… އޭރުން…” މާއީގެ ޖުމްލަ ތޫގާ މެދުކަނޑާލިއެވެ. އޭނަގެ އަޑުގައި ރުޅިވެރިކަން ވިއެވެ.
”އޭރުން ކަލޭ ކީއްކުރާނީ؟… މަންމަ ގާތު ބުނާނީ؟… މަންމަ ޤަބޫލުކުރާނީ އަހަރެން ދައްކާ ވާހަކަތަ ނޫނީ ކަލޭ ދައްކާ ވާހަކަތަ؟… ކަލޭ ދެކެ އަހަރެން ރުޅި އަންނަ ސަބަބު ހަމަ ނޭގިގެންތަ ސުވާލު ތިކުރަނީ؟… ކަލޭ ކަހަލަ ދެއްކުންތެރި އަންހެނެއް އަހަރެން ނުދެކެން… ތިމާ މީހާ މައުސޫމުކަމަށް ހެދިގެން އުޅޭ އިރު އިނބިލީހަށްވުރެން ނުބައި މީހެކޭ… އަހަރެން ބުނިކަމުގައި ވިޔަސް ހަޤީޤަތް އޮޅުވައެއް ނުލެވޭނެ… ކަލެއާ ޖެހޭ ކޮންމެ މީހެއްގެ ދިރިއުޅުން ހަލާކުވޭ… ޒިވާން ވެސް މަރުވީ ކަލޭގެ ސުންޕާކަމާ ހެދި… މިހާރު އޭނަ މަރުވީމަ ތިއުޅެނީ އެ ނަހީކް ފަހަތުން ދުވޭތޯ… ކަލޭ އަބަދުވެސް ބޭނުންވެގެން އުޅެނީ އޭނަ އެއްނު… ކުރިން އޭނައާ ހެދި ހޭބަލިވެގެނެއްނު އުޅުނީ… މިހާރު އޭނަ ހުސްކޮށްހުރިކަން އެނގުނީމަ އޭނައަށް ތިއްތި ދެއްކެމުން ދުވޭތޯ ތިއުޅެނީ، ކަލޭ ބަނޑުބޮޑުކަން ވެސް ހަނދާނެއް ނެތް ދޯ އޭނަ ފެނުނީމަ؟… ސުވާލެއް ކޮށްލަންތަ؟… ކަލޭ ކީއްވެތަ ނަހީކްއާ ހެދި ދީވާނާ ވެގެން އުޅެފަ ކުއްލިއަކަށް އެޒިވާންއާ އިނީ… ލާރި ހުރި މީހަކަށް ވީތީ ދޯ؟… ހުވާ މިބުނީ ކަލޭ ގޮތެއް ފޮތެއް……”
ތޫގާ ދައްކަމުން ދިޔަ ވާހަކަތަކަށް މެދުކެނޑުމެއް އައީ އޭނަގެ ކޯތާފަތަށް އެރި ދިލަ ހޫނު އެތިފަހަރާއެކުގައެވެ. މޫނުން ބުރައިގެން ދިޔަ ކޮކާތަކާއެކު ކަންފަތް ބައްވިހެން ވެސް ހީވިއެވެ. ކޯތާފަގައި އަތްއަޅާލެވުނީ ނަގަމުން ދިޔަ ދިލައިގެ ސަބަބުންނެވެ.
”ޚަބަރުދާރު!… ދެން ޒިވާންގެ ނަން ވެސް ތިދުލުން ބޭރު ނުކުރާތި… ތޫގާގެ ތިހުންނަ ވިދާ ނުދާ ވިސްނުން އަހަންނަށް މިހާރު ވަނީ އެނގިފައި… އަހަންނާ ދިމާއަށް އިނގިލި ދިއްކުރާއިރު ތިމާ މީހާއަށް އުޅޭވޭ ގޮތް ނޭގޭތަ؟… ކޮންމެ ދުވަހަކު ތިމާގެ ނެތް ފެންވަރު މީހުންނަށް ދައްކަމުން އުޅޭ އިރު އެއީ ކޮންކަހަލަކަމެއްކަން ވެސް ނުވިސްނޭ ދޯ؟… ހިތްހެޔޮކަމުގެ ޝަރުތު ހަމަނުވާ މީހަކު އެފަދައިން އަމަލުކުރާއިރު އެއީ ހިތްހެޔޮ މީހުނަށް ވެސް ކުރެވޭ މަލާމާތެއް… އަހަންނަށް ރަގަޅީ ދެން މީގެ ފަހުން ތޫގާ އަހަންނާ ވާހަކަ ނުދެއްކިއްޔާ… މަންމަމެން ކުރިމަތީ އަހަރެން އެއްވެސް ކަމެއް ނުވާ ކަމަށް ހެދެން މަސައްކަތްކުރާނަން… އެކަމަކު އޭގެ އިތުރުން އަހަރެން ތޫގާއާ އިތުރު ގުޅުމެއް ބާއްވާކަށް ބޭނުމެއް ނޫން… އިތުރު އެއްޗެއް ބުނަން ނެތިއްޔާ މި ކޮޓަރިން ނިކުމެގެން ދޭ!…” މާއީ އައި ރުޅީގައި ވާހަކަދައްކަމުން ގޮސް އޭނަގެ ހިތަށް ކޮށްފައިވި އަސަރާއެކު އެންމެފަހުން ރޮވުނެވެ. އޭނަ ލޮލުން ފޭބި ކަރުނަތައް ފޮހެލަމުން އަތުގެ އިޝާރާތުން ކޮޓަރިން ނިކުތުމަށް ތޫގާއަށް ބުނެލި އެވެ.
”ބިޗް!!!… އަހަރެން ނެތީން ކަލޭގެ މުޑުދާރު ސިފަ ފެންނަ ތަނެއްގައި ވެސް ހުންނާކަށް…” ތޫގާ ހަޅޭއްލަވައިގަންނަމުން ކޮޓަރިން ނިކުންނަން ދިޔައީ ރުޅި އައިސް ރަތްވެފައި ހުރެއެވެ. މާއީ ހޭއަރުވާލަން އޭނަ އެވަގުތު އަޒުމުކަނޑައެޅިއެވެ. އޭނަ ދެކުނު ގޮތުގައި އޭނަގެ ގަޔަށް އަތް އިސްކުރުމުގެ ހައިސިއްޔަތެއް މާއީގެ ނެތެވެ. އެކަމުގެ ބަދަލު ކޮންމެ ގޮތެއް ހަދާފައި ވެސް ހިފަން އޭނަ ގަސްދުކުރި އެވެ.
ތޫގާ ނިކުމެގެން ދިއުމާއެކު މާއީއަށް ލިޔާމޭޒު ކައިރީ ހުރި ގޮނޑީގައި އިށީދެވުނެވެ. އޭރު އޭނައަށް ރޮވިއްޖެއެވެ.
(ނުނިމޭ)
3 Comments!
Comments are closed.
Yaayyyy me first dhw? ?? varah reethi… ❤️❤️? when next part?
Wowww…
Vvvv reethi
Plssss up load sooooon
????
Vvvsalhi ?