ދޮންތަޔަކަށް ނޭނގެ ކީއްވެގެންކަމެއް، އަސްލު މޫނުބުރުގާ އަޅާ މީހުންނަށްވުރެ ނާޅާ މީހުންނަށް މާ އުނދަގޫވަނީ އެ އަޅައިގެން އުޅޭ މީހުން ފެނުމުން. އަހަރެމެން ޝަކުވާ ނުކުރާ ވަރަށް އެމީހުން ޝަކުވާކުރޭ އޭގެ އުނދަގުލާމެދު. ހޫނުވާނޭ.. ކާން އުނދަގޫވާނޭ.. ޖޮބެއް ނުލިބޭނޭ… އެކަހަލަ ބައިވަރު.. އެ ހުރިހާ އުނދަގުލަކަށް އަހަރުމެން ކުރިމަތިލާން އޯކޭ ވެގެން އަޅަނީ…. އެކަންތައްތައް އެނގިހުރެ. އެކަމު ނޭނގެ ކީއްވެކަމެއް މީހުންނަށް އެހާ އުނދަގޫވަނީ.. އެނީވޭސް ކޮންމެވެސް ދުވަހަކުން މަންމަމެނަށްވެސް ވިސްނޭނެކަމަށް އުންމީދުކުރަނީ.. އިންޝާ ﷲ.. ” ދެކުދިންގެ ވާހަކަ އެހާ ހިސާބައް ދިޔައިރު ހިބާ އިނީ އެނދުމަތީ ދެފައި ވަށްކޮށްލައިގެން އިށީނދެ ދެއަތް ދަތްދޮޅީގައި ވިއްދައިގެންނެވެ. ހުމާ އިނީ އޭނާގެ ދޮންތަގެ ވާހަކަތައް ސަމާލުކަމާއިއެކު އަޑުއަހަން ހިބާގެ އެއްފަރާތުގައި އިށީނދެލައިގެން ފަހަތައްވާގޮތައް އެނދުމަތީގައި ދެއަތް ވިއްދައިލައިގެންނެވެ.
ހިބާގެ ވާހަކަ ނިމުމުން ހުމާއަށް ރަނގަޅައް ބަލާލާފައި ބުންޏެވެ. “ދޮންތަގެވެސް އެބައޮތް ސުވާލެއް. ހަމަ ތިކަހަލަ ސުވާލެއް. ” ހުމާ ވަރަށް ހަމަޖެހިލާފައި ކޮށްލަބަލާށޭ ބުނީ ހިނިތުންވުމަކާއި އެކީގައެވެ. “ދޮންތަ މިކިޔައިދިނީ ދޮންތަ މޫނުބުރުގާ އެޅި ސަބަބު. ދެން ހުމާ ބުނެދީބަލަ އަސްލު ކީއްވެގެންކަން ހުމާ ތި ސްޓައިލައް ހެދުން އަޅަނީ؟ މި ބުނީ ހުމާވެސް އެބަބުނޭ އަދި ޤަބޫލުކުރާކަންވެސް އެނގޭ މޫނާއި ދެއަތްތިލަ ފިޔަވާ ހަށިގަނޑު އެއްކޮން ނިވާކުރަން ޖެހޭކަން. ސޯ ކީއްވެތަ ނިވާ ނުކުރަނީ؟” ހިބާ އެ ސުވާލުކުރީ އޭގެ ޖަވާބުވެސް އެނގިހުރެއެވެ. އެއީ ހުމާގެ ހިތުގައި ދީނަށްޓަކައި އެހާ ހާއްސަ މަޤާމެއް ދެވިފައި ނުވާތީއެވެ. ނަރަކައިން ސަލާމަތްވުމާއިމެދު ފިކުރު ނުކުރެވޭތީއެވެ. ސުވަރުގޭގައި ލިބޭނެ ހިތްހަމަޖެހުން އެ ހިތައް ތަސައްވަރުވެފައި ނުވާތީއެވެ. ﷲގެ އަމުރުފުޅައް ބޯލެނބުމަށްވުރެ ދުނިޔެ ދައްކާ ފެޝަންތަކާއި، ދުނިޔަވީ ކަންކަމަށް މާ އިސްކަން ދެވޭތީއެވެ. އަދި ﷲމަތިން ހަނދުމަކުރުމުން އެއްކިބާވެ، ދީނާއި ދުނިޔެއާއި އަދި އާޚިރަތާއިމެދުވެސް ޚިޔާލު ނުކުރެވޭތީއެވެ.
ހިބާ ބޭނުންވީ ހުމާ އެ ސުވާލުގެ ޖަވާބާއިމެދު އަމިއްލަ އަށް ވިސްނާށެވެ. ހުމާއަށް އެހެން އުޅެވެނީ ކީއްވެގެންކަން އަމިއްލަ ސިކުނޑިން ނަގައިގަނެ އާޚިރަތާއިމެދު ފިކުރު ހިންގާށެވެ. ހުމާ އިނީ އެ ސުވާލައްދޭނޭ ޖަވާބެއް ނޭނގި އެކަމާއިމެދު ވިސްނާށެވެ.
…………..
އާދުވަހަކަށް އިރުއަރައިގެން އައިއިރު މާހިލްގެ އާދައިގެ މަތިން އޭނާ މިއަދުވެސް އާޓިފިޝިއަލް ބީޗައް ހިނގާލާ، ދުވެ، ކަސްރަތު ކުރަން ދިޔައީ ފަތިސްނަމާދު ކޮށްލައިގެން އިރުއެރިފަހުންނެވެ. މިއަދު އޭނާ ގެއިން ނުކުތީންސުރެ އެކިކޮޅުކޮޅައް ބަލައި ހޯދެނީ އިއްޔެފެނުން ކުއްޖާ މިއަދުވެސް ފެންނާނެކަމުގެ އުންމީދުގައެވެ. އެއީ ކޮންކުއްޖެއްތޯ ބަލަން އޭނާގެ ހިތް އެދި ގޮވަނީއެވެ. “ހިބާމެން ގެއިން އެކުއްޖަކު ނުކުތުމުން ހަމަ ހިބާޔޭ ހިތައް އަރާވަރުންނެވެ. ހުމާ ހުންނަނީ ބުރުގާވެސް ނާޅާކަން މާހިލްއަށް އެނގެއެވެ. އަދި ހުމާޔާއި ރަހްމާވެސް ދޭތެރެ ދޭތެރެއިން ބޭރަށް ނުކުމެ ވަންނަތަން މާހިލް އަށްވަނީ ފެނިފައެވެ. ނަމަވެސް ހިބާ އައިސްގެން އުޅޭއިރުވެސް ހިބާއެއް ނުފެނެއެވެ. އެހެންވީމާ އެކުއްޖާވާނީ ހިބާޔައްކަން ކަށަވަރޭ އޭނާގެ ހިތް ބުނަމުން ދިޔައެވެ.
އެހެން ދުވަސްތަކަށްވުރެ ތަންކޮޅެއް ގިނައިރު މިއަދު ބީޗުގައި ހޭދަކުރެވިއްޖެއެވެ. ނަމަވެސް ހިބާގެ އަސަރެއް ނުފެނުނެވެ. އެހެންކަމުން އޭނާ އޮފީހައް ނިކުންނަން ވާއިރަށް އަވަހަށް ތައްޔާރުވާށާއިއެކު އިތުރަށްމަޑު ނުކޮށް ގެޔައް ދިއުމަށް ހިނގައިގަތެވެ. ހިބާމެންގޭ ގޯޅިގަނޑަށް އެޅިވަގުތު ނީލާ އެގެއިން ނިކުމެގެން ބޭރަށްދާން ހިނގައިގަތް މަންޒަރު މާހިލްއަށް ފެނުނެވެ. އެހެންކަމުން އަވަހަށް ވަގުތުގެ ބޭނުން ހިފުމަށް އަވަސް ހިނގުމެއްގައި ނީލާއާއި އަރާ ހަމަކުރިއެވެ. “ނީލާ!.. ކިހިނެއްތަ ހާލު؟” ނުދަންނަ ފިރިހެނެއް އައިސް އޭނާއައި އަރާ ހަމަކުރުމަށްފަހު ގޮވާލުމުން ޙައިރާންކަމާއިއެކު ސުވާލުން ފުރިގެންވާ ނަޒަރަކުން ނީލާ މާހިލްއާއި ދިމާލައް ބަލާލިއެވެ. “އަހަރެންމީ ހިބާގެ ފްރެންޑެއް. ކުރިން މިގެއަށް އައިސް އުޅެން. އެހެންވެ ނީލާވެސް ހިބާ މަންމަވެސް ބައްޕަވެސް އެނގޭ.. އަޑުއެހިން ހިބާ އައިސްގެން އުޅޭ ވާހަކަ. އަދި މިއުޅެނީ ދިމާނުވެގެން. ނަމްބަރެއްވެސް ނޭނގޭ.. ވަރަށްބަލަން ފެނޭތޯވެސް. ކޮބާތަ މިހާރު.؟” މާހިލް ނީލާ ކައިރިން އޭނާގެ ހިތުގައި އުފިދައިވާ ސުވާލުތަކުގެ ޖަވާބު ލިބޭތޯ ބެލިއެވެ. “ހިބާ މެޑަމް އުޅެނީ ރޫމްގައި.. އަހަރެން ނޭނގެނީ ކަލޭ..” ނީލާ ޖެހިލުންވެހުރެ ހިނގުން އަވަސްކޮށްލަމުން ބުނެލިއެވެ. “ހިބާއަށްވެސް މިހާރު އަހަރެން ފެނުނީމާ ނޭނގެނީ.. ތުނބުޅި ލައިފާ ހުރީމަ. ކުރީ ދުވަހު ތިގެއިން ނިކުތް މޫނުބުރުގާ އަޅާފަ ހުންނަ ކުއްޖެއް. އެއީ ހިބާ މެޑަމްތަ؟ ގޮވާލަން ނުކެރެނީ ކާކުކަން ނޭނގޭތީ..” މާހިލްވެސް ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. “އާނ.. އެއީ ހިބާ މެޑަމް. މެޑަމް މިހާރު ހުންނަނީ ކަޅު ފޮތިލައިގެން މޫނުބުރުގައި އަޅާފައި.” ނީލާ އަށް އެހެން ބުނެވުމާއިއެކު ނީލާގެ މަންޒިލް ޖެހި، އެތާގައިހުރި ފިހާރައަކަށް އޭނާ ވަނެވެ. މާހިލް ފުންނޭވާއެއް ދޫކޮށްލީ އޭނާ ހޯދަން ބޭނުންވި މައުލޫމާތު ލިބުނީމައި ހިތްހަމަ ޖެހުމުންނެވެ.
ނަމަވެސް އެއީ ހިބާކަން އެނގުމުން މާޒީގެ ޞަފްޙާތައް ހަނދާންވާން ފެށުމުން އެ ހިތުގެ ހަމަޖެހުން ގެއްލިފައި ވާކަހަލައެވެ. އުފަލާއި ހިތާމަވެރިކަން އެކުއެކީ އޭނާގެ ހިތައް ވެރިވެފައިވިއެވެ. އުފާވަނީ ﷲ އޭނާގެ ދުޢާގެ އެއްބައި ނަމަވެސް އިޖާބަކުރައްވާ ހިބާއަށް އަށް ތެދުމަގު ދެއްކެވީތީއެވެ. އޭނާގެ އާއިލާއަށްވެސް ﷲގެ ރަޙްމަތުން ވަރަށް އަވަހަށް ތެދުމަގު ފެނިދާނެއެވެ. އިންޝާ ﷲ.. ދެރަވަނީ އޭނާގެ މާޒީ ހަނދާނަށް އަންނަ ކޮންމެ ފަހަރަކުއެވެ. އޭނާ ހިބާއަށް ދީފައިވާ އަނިޔާތަކަށް އޭނާއަށް މާފު ލިބޭނެބާއޭ ހިތައް އެރުމުންނެވެ. ހިބާ އެކަންކަމަށް މާފު ކުރާނެބާއޭ ހިތައް އެރުމުންނެވެ. އޭނާއަށް ދެވަނަ ފުރުސަތެއް ހިބާ ދީފާނެ ކަމާއިމެދު ޝައްކުވާތީއެވެ. އޭނާގެ އަންބަކަށްވާން ހިބާ ޤަބޫލު ނުވާނޭ ހިތައް އަރާތީއެވެ.
ހިބާ އެއްފަރާތް ކޮށްލާފައި ނާސިރާއިމެދު ވިސްނާލިޔަސް ހިތުގައި ޖެހިލުންވުމެއް އުފެދެއެވެ. ގައިމުވެސް ނާސިރު ދުވަހަކުވެސް ހިބާ އޭނާއާއި ގުޅުވަން ޚިޔާލުވެސް ނުކުރާނެ ވިއްޔާއެވެ. ނާސިރުގެ ހިތުގައި މާހިލްއާއިމެދު ވާނީ ނަފްރަތުކަން ޔަޤީނެވެ.
އެފަދަ ޚިޔާލުތައް ސިކުނޑިއަށް ވެރިވާން ފެށުމުން އޭނާ އަމިއްލަ އަށް އެ ޚިޔާލުތަކުން ދުރުވެވޭތޯ މަސައްކަތް ކުރިއެވެ. އަދި ހިބާ ކައިރިން މާފައް އެދުން ނޫން އެހެން ކަމެއް ނޭދެން ސިކުނޑިއަށް ވިސްނައިދިނެވެ. އަދި އެހެންކަންކަމުގައި ޝާމިލްވެ އެ ޚިޔާލުތަކުން އެއްފަރާތް ވެވޭތޯ މަސައްކަތް ފެށިއެވެ.
………….
ހިބާ ހެނދުނު ސައިބޮއި ނިމިގެން އަތްދޮންނަން ބަދިގެއަތް ވަންއިރު ރަހްމާ އާއި ހުމާ އެނބުރި އެ މީހުންގެ ކޮޓަރިއަށް ހިނގައްޖެއެވެ. ނާސިރުވީ އާދައިގެމަތިން އޭނާގެ އޮފީހުގައެވެ. ނީލާ ކުޑަކޮށް ހިބާ ކައިރިއަށް ޖެހިލާފާ މިއަދު ހެނދުނު ހިބާގެ ފްރެންޑަކާއި ދިމާވި ވާހަކަ ބުންޏެވެ. އަދި އެ ފްރެންޑް ބުނި އެއްޗެހިވެސް ހިބާއަށް ކިޔައިދިނެވެ. އެ ފްރެންޑް ހުރިގޮތް ކިޔައިދިނުމުން އެއީ މާހިލްކަން ހިބާއަށް ނަގައިގަނެވުނެވެ. ނީލާއަށް ޝުކުރު އަދާކޮށްފައި ދެން ފަހަރަކުން އޭނާއާއި ބެހޭގޮތުން ކޮންމެ މީހަކު ކޮންމެ އެއްޗެއް އެހިޔަސް ބުނެ ނުދިނުމަށް އެދުނެވެ.
އެނބުރި އޭނާގެ ކޮޓަރިއަށް ދިޔައިރު އޭނާގެ ބޮލުގައިވަނީ ކުޑަކޮށް ރިހުންވެސް ހިފާފައެވެ. “މާހިލް އެ އުޅެނީ ކިހިނެއް ވެގެން ހެއްޔެވެ؟ މިއަދު ބީޗައް ނުދިޔައީވެސް މާހިލް އާއި ދިމާވާން ބޭނުން ނުވާތީއެވެ. މާހިލް މާވަރަކަށް މަގޭ ކަންކަން އޮޅުން ފިލުވަން އެ އުޅެނީ ކޮން ބޭނުމަކު ހެއްޔެވެ؟ ބައްޕައަށް އެކަން އެނގިއްޖެއްޔާ އަނެއްކާ ކުރިއަށްވުރެވެސް އަންނަ ރުޅި ގަދަވާނެ ވިއްޔާއެވެ.” ޕިސް ޕިސް ތަޅަމުން ދެކޮޅައް ބޯހޫރާލެވުނީ ބޮލައް އުނދަގޫ ވެގެންނެވެ.
މާހިލްއާއި މެދު އިތުރަށް ވިސްނަން ބޭނުން ނުވާތީ އޭނާ ލެޕްޓޮޕް ހުޅުވައިގެން އެކި އެކި ސައިޓްތައް ހާވަމުން ދިޔައީ ކަމުދާ ކަހަލަ ވަޒީފާއެއް ފެނޭތޯއެވެ. އެހެންނަމަވެސް ކިތަމެ ކަމުދާ ވަޒީފާއެއް ފެނުނަސް އޭނާގެ މޫނުބުރުގާގެ ސަބަބުން އެ ވަޒީފާއެއް ލިބުންވާނީ ދަތިކަމަކަށްކަން ހަނދާންވުމުން ފޫހިވެގެން ލެޕްޓޮޕް ލައްޕާލިއެވެ. އަދި އޭނާއަށް ކުރެވިދާނެ ކޮންމެވެސް ކަމަކާއިމެދު ވިސްނާލިއެވެ. އެވަގުތު ފޯނަށް ނޮޓިފިކޭޝަނެއް އައުމުން ހުޅުވާ ބަލާލިއިރު އެއީ އޭނާ އޮންލައިންކޮށް ކިޔަވަންވެގެން އެޕްލައިކުރި ކޯހަކުން އޭނާއަށް ޖާގަ ލިބުންކަމުގެ އީމެއިލްއެކެވެ. ހިބާ އުފަލުން ﷲ އަށް ހަމްދު ކޮށްލިއެވެ. އެއީ އޭނާ މެލޭޝިއާގައި ފަހުން ބަދަލުވާން ބޭނުންވި ޔުނިވާސިޓީގެ ކޯހެކެވެ. އެތަނުން އޮންލައިންކޮންވެސް ބައެއް ކޯސްތައް ކިޔަވައިދެއެވެ. ހިބާއަށް ލިބުނު އެ އުފާވެރި ޚަބަރު މައިންބަފައިންނާއި ހިއްސާކުރަން ހިތް އެދުނެވެ. އެހެންނަމަވެސް ނާސިރާއި ރަހްމާގެ އިތުރު މަލާމާތުގެ ބަސްތަކެއް އަޑުއަހަން ހިބާ ބޭނުން ނުވާތީ އެކަން އެއްވެސް މީހަކަށް ހިއްސާ ނުކޮށް ބޭއްވީއެވެ.
އެކަމާއިމެދު ވިސްނަން އިންދާ ލީޝާ ގުޅާފައި ހިބާ ބޭނުންވި ފަދައިން ރާއްޖޭގެ މަޝްހޫރު އެން.ޖީ.އޯ އަކާއި އޭނާ ވާހަކަ ދައްކައިފިކަމާއި، އެމީހުން ހިބާޔާއި ބައްދަލުކޮށްލާ ޚިޔާލު ބަދަލު ކޮށްލަން ބޭނުންވާ ވާހަކަ ބުނި ކަމަށް ބުންޏެވެ. ހިބާ އެ ފުރުސަތުގެ ބޭނުންހިފާނެކަމާއި އެމީހުންނާއި ބައްދަލުވާނެ ގަޑިއެއް ނިންމާފައި އަންގާލުމަށް އެދުނެވެ. ހުރިހާ ކަމެއްވެސް ހިބާ ބޭނުންވި ފަދައިން ދާތީ ﷲ އަށް ޙަމްދުކުރިއެވެ.
………….
ކިލާސް ކުއްޖެއްގެ އުފަންދުވަހުގެ ޕާޓީ އަކަށްދާން ތައްޔާރުވާން ލޯގަނޑު ކުރިމަތީ ބޮލުގައި ފުނާއަޅަން ހުރި ހިބާއަށް ކުއްލިއަކަށް ހަނދާންވީ އޭނާގެ ދޮންތަ އިއްޔެ ކުރި ސުވާލު މަތިންނެވެ. އޭނާޔަށް އަޢުރައަކީ ކޮބައިކަން އެނގޭ އިރުވެސް އަޢުރަ ނިވާ ނުކުރަނީ ކީއްވެގެންތޯ ކުރި ސުވާލެވެ. “އެއީ ކީއްވެގެން ހެއްޔެވެ؟ އަޢުރަ ނިވާ ކުރުމަކީ އެހާ މުހިންމު ކަމެއްކަން އެނގޭއިރުވެސް އެކަން ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ މިކަހަލަ ހެދުން މި ލަނީ ކީއްވެގެން ހެއްޔެވެ؟……………… މޭބީ ކުޑައިރުންސުރެ އާދަވެފައި ހުރީމަ ކަންނޭނގެ. އެންޑް އެހާ ދީންވެރި ނޫންވީމަ ވެސް މެ..” އަމިއްލަ އަށް އެ ސުވާލުތަކުގެ ޖަވާބު ހިތައް ވިސްނަދޭން އުޅުނެވެ.
އެވަގުތު ލޯގަނޑުން ފެންނަންހުރި އޭނާގެ ރީތި ސޫރައަށް ބަލާލިއެވެ. “ރީތިކަން ފާޅު ކުރުމަކީ ފާފަ އެއް ހެއްޔެވެ؟” ރަހްމާ އައިސް ހުމާގެ ކޮޓަރިއަށް ވަނީ އެވަގުތެވެ. އަދި ހުމާގެ ރީތިކަމަށް ތަޢުރީފް ކޮށްލިއެވެ. މަޑު ނޫކުލައިގެ ކުރު ސްކާޓަކާއި ގަޔަށްބާރު ހުދުކުލައިގެ ޓޮޕް ކޮޅެއް ލައިގެން ހުރި ހުމާ އޭނާގެ މަންމަގެ ތަޢުރީފައް ހީލާފައި ގޮސް ރަންކުލައިގެ ހައި ހީލް ފަޔަށް ހެޔޮވަރު ކޮށްލިއެވެ. “ޑްރައިވަރު އައިސް ހުރީ ދަރިފުޅު ލާންދާން. މަންމަވެސް މިއުޅެނީ އަފޫދައްތަޔާއެކީ އެމީހުންގެ ކާރުގައި ކުޑަކޮށް ޝޮޕިންއެއް ކޮށްލަން ދާންވެގެން. ޕާޓީ ނިންމާލާފާ އަވަހަށް ގެއަށް އަންނައްޗޭ އިނގޭ..” ރަހްމާ އެހެންބުނެ ހުމާގެ ބޮލުގައި ފިރުމާލާފައި ނިކުމެގެން ދިޔައީ ބޭރަށްދާން ތައްޔާރު ވާށެވެ.
……………
ހިބާ އޭނާ މާދަމާ އެން.ޖީ.އޯ އާއި ދައްކާނެ ވާހަކަތައް ކުޑަކޮށް ޕޮއިންޓް ފޯމެއް ގޮތައް ނޯޓް ކޮށްލިއެވެ. އަދި އޭނާގެ ޚިޔާލު އެކި ދިމަދިމާލައް އަނބުރަމުން ގޮސް ހިތްހަމަ ޖެހޭ ވަރުވުމުން ފޮތެއް ހިފައިގެން އެނދުގައި ޖައްސާލީ އެ ފޮތް ކިޔާލާށެވެ. އެހެންއޮށްވާ ނިދުނު އިރެއްވެސް ނޭނގުނެވެ. ހޭލެވުނީ ގަޑިން ދަންވަރު އެކެއް ޖަހަން އުޅެނިކޮށެވެ. ނުކައި އޮތުމުން ބަނޑުހައިކަން އިހްސާސްވާތީ އޭނާ ދިޔައީ ސައިތައްޓެއް ބޯލަން ބަދިގެއަށެވެ. ގޭ އެންމެން ތިބޭނީ ނިދާފަކަން އެނގޭތީ އެއްވެސް މީހަކަށް އުނދަގޫ ނުކުރަން ބޮކިތައްވެސް ނުދިއްލާ އޭނާ މަޑުމަޑުން ބަދިގެޔާއި ދިމާއަށް މިސްރާބު ޖެހިއެވެ.
އޭނާގެ ހިނގުން ހުއްޓުނީ އަޑެއް އިވޭތީއެވެ. އެ އަޑައް ސަމާލުކަން ދިނުމުން އެއީ މީހެއްގެ ނޭފަތް ދަމާއަޑުހެން ހީވެއެވެ. ހީވަނީ ރޮނީހެންނެވެ. ހިބާ މަޑުމަޑުން އަޑުއަންނަ ދިމާލައް ދިޔައެވެ. އެވަގުތު ސޯފާގައި މީހަކު އޮށޯވެ އޮތްހެން ހީވެގެން ކައިރިވެލާފައި ބަލާލީ ހުމާހެން ހީވާތީއެވެ. އެވަގުތު ހުމާއަށްވެސް ކައިރިއަށް އައިސް ހުއްޓުނު ހިބާ ފެނި ލިބުނީ ސިހުމެކެވެ. އެ ދަންވަރުގަޑީ ދޮންތަ ނުނިދާ އެތާ ކީއްކުރަނީ ބާއޭ ހިތައް އެރިއެވެ. ހިބާވެސް އެ ސުވާލު ހިތުގައި ނުބާއްވަން އެންމެ ފަހުން އަހާލިއެވެ. އަދި ރޮނީ ކީއްވެތޯވެސް އެހިއެވެ. ސިޓިންރޫމްގައި ދިއްލާފައިހުރި ފަނޑު އެއް ލައިޓުގެ އަލީގައި ކައިރިން އެކަކު އަނެކަކުގެ މޫނު ވަކިވާހާވަރު ވެއެވެ. ހިބާގޮސް ހުމާގެ ކައިރީގައި ސޯފާގެ އެއްފަރާތުގައި އިށީނދެލިއެވެ.
އަދި ކިހިނެއްވީހޭ އަހާލިއެވެ. ހުމާ މަޑުމަޑުން ތެދުވެ ސޯފާގައި އިށީނދެލިއެވެ. އަދި މައްޗައް ދިއުމަށް އިޝާރާތް ކޮށްލީ އެ ދެމީހުން ވާހަކަ ދައްކާ އަޑަށް މަންމަމެން ހޭލާފާނެތީއެވެ. ހިބާ އާއެކޭ ބުނެ ވަނީ ބަދިގެ އަށެވެ. ދެތަށީ ކޮފީ ގިރައިގެން މައްޗައް އެރިއިރު ހުމާ އިނީ އެނދުމަތީގައި އިށީނދެގެން އަތުން ކުޑަކޮށް ފައިގެ ކުޑަވާއިނގިލީގައި ފިރުމާލަ ފިރުމާލައެވެ.
**ނުނިމޭ**
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.




Vvvv reethi maashallah…whn is next part
Saturday In Shah Allah
☺
Jazaakillah..
Mashallah mi part ves v furihama
Jazaakillah
☺
great story
Jazaakallah