ހިތް އެދުނު ލޯބި
ހަވީރުގެ ވަގުތެވެ. އާދައިގެ މަތިން އަހަރެން އިނީ ޓެރަހުގައި އޮފީސް މަސައްކަތެއްގައި މަސްއޫލުވެގެންނެވެ. އޮފީހުގައި މިރޭ އޮންނަ ބައްދަލުވުމަކަށް ތައްޔާރުކުރަންޖެހޭ ޕްރެޒެންޓޭޝަނެއް ނިންމާލުމަށެވެ. މަސައްކަތުގެ ތެރެއަށް ވަދެވިފައި އިންވަރުން އެތަނަށް މީހަކު އައިކަމެއްވެސް އަހަރެންނަކަށް ނޭނގުނެވެ.
“ޕޮއް..” އަހަރެން ދިޔައީ ސިއްސައިގެންނެވެ. ސިއްސައިގެން ދިޔަ ވަގުތު މޭޒުގައި ފައިން ޖެހިފައި މޭޒުމަތީގައި ހުރި ކޮފީތަށި ބަންޑުންވިއެވެ. އަހަރެން ބަލާލިއިރު ކައިރީގައި ހެވިފައި ހުރީ އަހަރެންގެ ހަ އަހަރަށްދާ ފިރިހެން ދަރިފުޅު ޒައުލްއެވެ.
“ދަރިފުޅާ! ބައްޕަ އަބަދުވެސް ބުނަމެއްނު މަސައްކަތްކުރަން އިންނަ ގަޑީގައި ތިހެން ނުހަދާށޭ..” އަހަރެން ލެޕްޓޮޕް ނަގައި މޭޒުމަތިން ރީތިކޮށް ހުރި ތަނުގައި ބަހައްޓާފައި ޒައުލް ގެނެސް އަހަރެންގެ އުނގުގައި ބައިންދަމުން ވަރަށް ލޯބިން ބުނެލީމެވެ.
“ބައްޕާ! ޒައުލް ފޫހިވަނީ..”
“ކޮބައިތަ ކޮއްކޮ؟” އަހަރެން އަނެއްކާވެސް ވަރަށް ލޯބިން އަހާލީމެވެ.
“ކޮއްކޮ ނިދާފައި.. އެހެންވެ ފޫހިވަނީ..” ޒައުލް އަހަރެންގެ މޫނަށް ބަލާލާފައި ބުނެލިއެވެ.
“ކޮބާ އާޝާ ދައްތަ؟” އަހަރެން އަހާލީ ގޭގައި ގެންގުޅޭ ކުއްޖާ ކޮބައިތޯއެވެ.
“ދައްތަ ފިހާރައަށް ދިޔައީ.. ބުނީ ވަރަށް އަވަހަށް އަންނާނަމޭ.. ދައްތަ ނާންނަނީސް ކޮއްކޮ ހޭލައިފިއްޔާ ބައްޕައަށް ގޮވާށޯ..” ޒައުލް ބުންޏެވެ.
“އެހެންތަ؟” ޒައުލް ބޯޖަހާލިއެވެ.
“ބައްޕާ! ޒައުލްގެ މަންމަ ކޮބާ؟” އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު ޒައުލް އަހާލި ސުވާލުން އަހަރެން ކުޑަކޮށް ސިހުނެވެ.
“ކިހިނެއްވީ ދަރިފުޅާ؟”
“އެހެން ހުރިހާ ކުދިންގެ މަންމަ ހުރޭ.. އެކަމް ޒައުލްގެ މަންމައެއް ނުހުރޭ..” ޒައުލް ދެރަވެލާފައި ބުނެލި ގޮތުން އަހަރެންވެސް ދެރަވިއެވެ. ނަމަވެސް ކުރާނެކަމެއް ނެތެވެ. ކިތަންމެ ބޭނުންވިޔަސް އަހަރެންނަކަށް ޒައުލްގެ އެ އެދުން ފުރިހަމައެއް ނުކޮށްދެވޭނެއެވެ.
“އެކަކު ނެތަސް ބައްޕަ މިހުރީނު ދަރިފުޅު ކައިރީ..” ޒައުލްގެ ކޮލަށް ދޮނެއް ދެމުން އަހަރެން ބުނެލީމެވެ.
“ޒައުލް! އާދޭ އަވަހަށް ސައިބޯން.. މިހާރު އެއޮއްގެން އިރުއޮއްސެނީ..” އާޝާ ޓެރަހަށް ނުކުންނަމުން ބުނެލިއެވެ.
“އާޝާ!”
“ކިހިނެއްތޯ ވީ؟” ވަރަށް އަދަބުވެރިކަމާއެކު އާޝާ އަހާލިއެވެ. އާޝާ އަބަދުވެސް އަހަރެންނަށް އިޙްތިރާމްކުރެއެވެ. މާތް ބަހުން ވާހަކަ ނުދެއްކުމަށް ބުނުމުންވެސް އޭނާގެ އެ އާދައެއް ނުކެނޑުނެވެ.
“ޒައުލްއަށް ސައި ހަދައިދީފައި އަހަރެންނަށް ކޮފީތަށްޓެއް ގެނެސްދީބަލަ..” އަހަރެން އެހެން ބުނެލުމުން “ލައްބަ”އޭ ބުނެފައި ޒައުލް ގޮވައިގެން އާޝާ އެތެރެއަށް ވަނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އާޝާ ކޮފީތަށްޓެއް ހިފައިގެން އައިސް މޭޒުކައިރިއަށް ހުއްޓިލިއެވެ.
“ކޮފީ..” އާޝާގެ އަޑަށް އަހަރެން އެނބުރި ބަލާލީމެވެ. އަހަރެންނާ ދިމާއަށް ކޮފީތަށި ދިއްކޮށްލައިގެން، އިސްދަށަށް ޖަހާލައިގެން ހުރިއިރު އެމޫނުން ފާޅުވަމުންދާ މައުސޫމްކަމުން އަހަރެންގެ މޫނަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް މި އާދަޔާ ޚިލާފު އަންހެންކުއްޖާއާއިމެދު އަހަރެންގެ ހިތުގައި އެތަކެއް ސުވާލެއް އުފެދެއެވެ. މީގެކުރިން ދުވަހަކުވެސް މިހާ ކިޔަމަންތެރި އަންހެންކުއްޖަކު އަހަރެން ނުދެކެމެވެ. އަހަރެންނާ ވާހަކަދައްކާއިރު ދުވަހަކުވެސް އިސްއުފުލާ ނުލައެވެ. އެއަޑުގައި ވަނީ އާދަޔާ ޚިލާފު އޯގާތެރިކަމެކެވެ. އެއަޑުގައި ޖާދުވީ ގޮތެއް ހުންނަކަމަށް އަހަރެންނަށް ޤަބޫލުކުރެވެއެވެ. އޭނާގެ އަޑު އިވުމުން އަހަރެންގެ ހިތަށް ހަމަޖެހުން ލިބެނީ އެހެންވެގެން ނޫންހެއްޔެވެ؟
“އާޝާ! މި މޭޒުމަތި ސާފުކޮށްލަދީބަލަ.. ޒައުލް އައިސް ކުރި ކަމަކުން ކޮފީތަށި ބަންޑުންވެފަ މިހުރީ..” އަހަރެން އެހެން ބުނެލުމާއެކު އާޝާ ބޯޖަހާލާފައި އެތެރެއަށް ދިޔައެވެ. އާޝާ ގޮސް ސްޕަންޖުގަނޑަކާއި ފެންތަށްޓެއް ހިފައިގެން އައިސް މޭޒުމަތި ސާފުކުރަން ފެށިއެވެ. އޭނާ އެމަސައްކަތް ކުރަމުން ދިޔައިރު އަހަރެންނަށް އިނދެވުނީ އޭނާއާއި ދިމާއަށް ކަޅިޖަހާނުލާ ބަލާށެވެ. އޭނާގެ އަދާތައް ހުންނަގޮތުން އަހަރެންނަށް އޭނާއާއި ދޭތެރޭ ވިސްނުމަށް މަޖުބޫރުކުރުވައެވެ. ކިޔަމަންތެރިކަމުގެ އިތުރަށް އާޝާގެ މުރާލިކަމާއި ކަމަށް ކަމޭހިތުމަކީ މިޒަމާނަށް ބަލާނަމަ އަންހެންކުދިންގެ ފަރާތުން މަދުން ނޫނީ ނުފެންނާނެ ސިފަތަކެކެވެ. އަދި މިޒަމާނުގެ ގިނަ އަންހެންކުދިންނާއި ޚިލާފަށް އޭނާއަކީ މޭކަޕްގެ ސާމާނާއި ދުރުގައި އުޅޭ ސާދާ އަންހެންކުއްޖެކެވެ. ޒަމާނީ ހެދުންތަކަށްވުރެ އޭނާ އިސްކަންދެނީވެސް ވީހާވެސް ބޮޑަކަށް އޭނާގެ ހަށިގަނޑުގެ ބައްޓަން ނޭނގޭނެފަދަ ދޫ ހެދުން ލުމަށެވެ. އަނދިރި ކުލަކުލައިގެ ޕާކިސްތާނު ހެދުން ލާފައި ހުންނައިރު އޭނާގެ އަންހެންވަންތަކަން އިންތިހާއަށް ފާޅުވެއެވެ. އަޅަނީ އާދައިގެ ކަން ބުރުގާއެވެ.
“ސަރ..” އަހަރެންނަށް ހަމަބިމަށް އާދެވުނީ އާޝާ އަހަރެންނަށް ގޮވާލުމުންނެވެ.
“އާޝާ! އަހަރެންނަށް ސަރ ނުކިޔަފާނަންތަ؟” އަހަރެން އެހެން ބުނެލުމުން އޭނާ އެއްވެސް އެއްޗެއް ނުބުންޏެވެ.
“އަޅުގަނޑު ވާހަކައެއް އަހާލަންތޯ؟” އާޝާ އަހާލިއެވެ. އޭނާ ޖެހިލުންވެފައި ހުރިކަން އޭނާގެ އަޑުން ވަރަށް ރަނގަޅަށް ހާމަވެއެވެ. އަހަރެން އޭނާ ސުވާލުކުރުމަށް އެދުނީމެވެ.
“މީ.. ޒައުލްގެ މަންމަ ކޮބާ؟ ޒައުލް ވަރަށް ގިނައިން މަންމައާއި ބެހޭގޮތުން ސުވާލުކުރޭ..” އާޝާ އެހެން އަހާލުމުން އަހަރެންނަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.
“މިދުނިޔެއަކު ނެތް..” އަހަރެން ބޭނުންވީ ވީ އެންމެ ކުރު ގޮތަކަށް އެވާހަކަ ނިންމާލާށެވެ.
“އޯހ ސޮރީ.. ޒައުލްގެ މަންމައަށް ކިހިނެއްތޯ ވީ؟” އާޝާ އަނެއްކާވެސް ސުވާލުކޮށްލިއެވެ.
“އީމާންތެރިކަން ނެތީ..” އަހަރެން ބޭނުންވީ ވާހަކަ ކުރުކޮށްލާށެވެ. ނަމަވެސް އާޝާގެ ހިތުގައި އުފެދެމުންދިޔަ ސުވާލުތަކުގެ ޖަވާބު ހޯދުމަށް އޭނާ ހުރީ ޢަޒުމުކަނޑައަޅައިގެން ކަހަލައެވެ. ސުވާލަކަށްފަހު ސުވާލެއް ކުރަމުން ދިޔައިރު އޭނާގެ އަޑުގައިވާ ޖެހިލުންވުން ނެތެމުންދާކަން އަހަރެންނަށް ފާހަގަކުރެވުނެވެ. އަހަރެންވެސް އޭނާއެއް ނުހުއްޓުވަމެވެ. އެހެނީ އަހަރެންވެސް ހުރީ ކޮންމެވެސް މީހަކާ އެވާހަކަތައް ހިއްސާކޮށްލަން ބޭނުންވެފައެވެ. ވުމާއެކު އަހަރެން އޭނާ ސުވާލުކުރުމަށް ފުރުސަތު ދީގެން ޖަވާބުދެމުން ދިޔައީމެވެ.
“ތިބުނީ ޒައުލްގެ މަންމަ އަމިއްލައަށް މަރުވީއޭތޯ؟” އާޝާ ކުޑަކޮށް ހައިރާންވެފައި އަހާލިއެވެ.
“އާނ..”
“ވަރަށް ދެރަ.. އެކަމަކު އަޅުގަނޑު ހިތަށް އަރަނީ ކީއްވެބާއޭ އަމިއްލައަށް މަރުވީ؟ އީމާންތެރިކަމެއް ނެތަސް ކޮންމެވެސް ކަމެއް ދިމާނުވަނީސް އަމިއްލައަށް މަރުވެދާނެއެކޭ އަޅުގަނޑުގެ ހިތެއް ނުބުނޭ..” އާޝާ ބުނެލިއެވެ.
“އާނ.. އެއީ ވަރަށް ދެރަކޮށް ދިމާވި ކަމެއް.. އަހަރެންގެވެސް ސަބަބުން އެހެން ވާން ޖެހުނީ.. އަހަރެންނަށް ޒާނާއަށް މާބޮޑަށް އިތުބާރުކުރެވުނީ..” އަހަރެން މަޑުމަޑުން ހިތުގެ އުދާސްތައް ބޭރުކުރަން ފެށީމެވެ.
“އިތުބާރުކުރުމަކީ އަމިއްލައަށް މަރުވާންޖެހޭ ސަބަބެއްތޯ؟” އާޝާ ހައިރާންވިއެވެ. އަހަރެން ދައްކަމުންދިޔަ ވާހަކަތައް އޭނާއަށް ރަނގަޅަށް ދޭހަނުވާކަން އޭނާ އަހަރެންނާ ކުރިމަތި ކުރުވި ސުވާލުން އަހަރެންނަށް އެނގުނެވެ.
“ނޫނޭ.. ދެރަވެސްވޭ.. ލަދުވެސް ގަނޭ އެވާހަކަ ދައްކަން.. އެކަމަކު އަހަރެން ހިތަށް އަރަނީ އާޝާ އެކަން އޮޅުންފިލުވަން ވަރަށް ބޭނުންވެގެންނޭ ތި ސުވާލު ތިކުރީ.. އަހަރެން މީގެ ކުރިން އެއްވެސް މީހަކަށް މިވާހަކަ ކިޔައެއް ނުދެން.. އެކަމަކު މިވާހަކަތައް ހިތުގައި ފޮރުވައިގެން އުޅެން ވަރަށް އުނދަގޫވެސްވޭ.. އަދި މީގެ ކުރިން އެކަން އޮޅުންފިލުވަން ބޭނުންވި މީހަކާ ދިމައެއްވެސްނުވޭ.. އެހެންވެ ކަންނޭނގެ މި ހުރިހާ ދުވަހު އެވާހަކަ އެއްވެސް މީހަކަށް ކިޔައިނުދެވި އޮތީ.. މިއަދު އެކަން އޮޅުންފިލުވަން ބޭނުންވި މީހަކާ ދިމާވީމަ އަހަރެން ހިތަށްއަރަނީ ވަގުތު ޖެހިއްޖޭ.. ހިތުގެ އުދާސްތައް ބޭރުކޮށްލަންވީއޭ.. އާޝާ ހަމަ އަހަރެންގެ މާޒީ އޮޅުންފިލުވަން ބޭނުންތަ؟” އަހަރެން ޔަޤީންކޮށްލަންވެގެން އަހާލީމެވެ. އާޝާ ބޯޖަހާލިއެވެ. އަހަރެންނަށް ހިނިތުންވެލެވުނީ ހިތަށް ވަތް ޚިޔާލަކުންނެވެ.
“އަޑުއަހާ.. އެއީ މީގެ ހަތް އަހަރު ކުރި..”
**********
އަހަރެންނާއި ޒާނާއާއި ބައްދަލުވީ އޮފީސް ދަތުރެއްގައި ރާއްޖެތެރެއަށް ގޮސް އުޅުމުގެ ތެރޭގައެވެ. ގޮއިދޫއަށް ދިޔަ ދަތުރެއްގައި އަހަރެންނަށް ޒާނާ ފެނުނީ އެރަށުގެ އަތިރިމަތިންނެވެ. ޒާނާގެ ފުރަތަމަ ފެނިލުމާއެކުވެސް އަހަރެންގެ ހިތަށް ލޮޅުމެއް އެރިއެވެ. ޒާނާގެ ރީތިކަމުގެ ޖާދޫގައި އަހަރެން ހަމަ ރަނގަޅަށްވެސް ހައްޔަރުވިއެވެ. ޒާނާގެ އަދާތަކަށް ފާރަލަމުން ދިޔައީމެވެ. ދެތިން ދުވަހަކު ޒާނާއަށް ފާރަލީ ފަހުން އަހަރެންނަށް އޭނާއާއި ވާހަކަދައްކާލާނެ ފުރުޞަތެއް ލިބުނެވެ. އަހަރެން އެ ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފީމެވެ. ޒާނާގެ ކުރިމަތީގައި އަހަރެންގެ ހިތް ހުޅުވާލީ ކެރިހުރެއެވެ.
ފުރަތަމަ ނަޒަރުން ލޯބިވެވޭ ވާހަކަ ބައެއް މީހުން ބުނާތީ އަހަރެން އަޑުއަހަމެވެ. ނަމަވެސް އަހަރެން އެވާހަކައެއް ޤަބޫލެއް ނުކުރަމެވެ. ޒާނާއާއި އަހަރެންގެ ލޯބީގެ ޙަޔާތް ފެށުނު ޙާދިސާއަށްފަހުވެސް އަހަރެންގެ ވިސްނުން ބަދަލެއް ނުވިއެވެ. އަހަރެން ޤަބޫލުކުރި ގޮތުގައި އެއީ ލޯތްބެއް ނޫނެވެ. އެއީ ރީތި އެއްޗިއްސާއި ދިމާއަށް އިންސާނާ ދަމާ ދަގަތްފާނީ ބާރަކުން ހިނގި ޙާދިސާއެކެވެ. އަހަރެންނަށް ޒާނާދެކެ ލޯބިވެވުނީ ކައިވެނި ކުރެވުނު ފަހުންނެވެ. އަހަރެން ޒާނާދެކެ ލޯބިވާ ވާހަކަ އެންމެ ފުރަތަމަ ބުނީވެސް ކައިވެނީގެ ފަހުންނެވެ.
ކައިވެންޏަށް އަހަރު ފުރުނުތަނާ ޒައުލް ލިބުނެވެ. ޒާނާގެ ފަރާތުން އިންތިހާއަށް ލޯބި ލިބުނެވެ. ދެމީހުންގެ ދިރިއުޅުން އުފާވެރިކަމާއެކު ހޭދަކުރަމުން ދިޔައިރު ކުރިމަތީގައި އޮތީ ކިހާވަރެއްގެ ތޫފާނެއްކަމެއް ރޭކާއެއް ނުލައެވެ. ޒައުލްއަށް ހަތަރު އަހަރުގައި ޒާނާ ދެވަނަ ދަރިފުޅަށް ބަލިވެ އިނީ އަހަރެމެންގެ ޙަޔާތަށް އިތުރު އުފާވެރިކަން ގެނެސްދެމުންނެވެ. ނަމަވެސް ފަޒާއަށް ބަލިވެ އިން ހިސާބުން ޒާނާއަށް ބަދަލުތަކެއް އަންނަން ފެށިއެވެ. ކުދިކުދި ކަންތައްތަކާއި ރުޅިއައުން އާންމުވިއެވެ. އަހަރެންނާވެސް ވަރަށް ދުރުވިއެވެ. ޒާނާ ބަލިވެ އިނީއްސުރެ އަހަރެން އޭނާއަށް ޚާއްސަ ސަމާލުކަމެއް ދިނީމެވެ. އޭނާ ހިތްހަމަޖެހޭނެހެން ހީވާހާ ކަމެއް ކޮށްދެމުން ދިޔައީމެވެ. ޒައުލްގެވެސް އެއްވެސް ކަމެއް އޭނާއަށް ނުޖައްސާ އަހަރެން އަމިއްލައަށް ކޮށްދެމުން ދިޔައީވެސް އޭނާދެކެ ވެވުނު ލޯތްބެއްގެ ބޮޑުކަމުންނެވެ. ނަމަވެސް ޒާނާ އަހަރެންދެކެ ވީ ލޯބި ބަދަލުވަމުން ދިޔައީ ހީވެސް ނުކުރާހާ ބޮޑަށެވެ. އަހަރެންނަކީ އޭނާގެ ފިރިމީހާކަންވެސް އޭނާ ހަނދާން ނައްތާލިއެވެ. އަނތްބެއްގެ ފަރާތުން ފިރިއަކަށް ދޭންޖެހޭ އެއްވެސް ޚިދުމަތެއް އޭނާ އަހަރެންނަކަށް ނުދެއެވެ. ލޯބިން ވާހަކައެއް ނުދައްކައެވެ. ނަމަވެސް އަހަރެން ޝަކުވާއެއް ނުކުރަމެވެ. އަހަރެންނަށް ހީކުރެވުނީ އެއީ މާބަނޑު ދުވަސްވަރުކަމަށް ވުމުން ވީގޮތެއް ކަމަށެވެ.
ފައިސާގެ ދަތިކަން ކުރިމަތިވާން ފެށުމުން އަހަރެން އަނެއްކާވެސް އޮފީހަށް ނުކުންނަން ފެށީމެވެ. އަހަރެން އޮފީހަށް ނުކުންނަން ފެށުމުން ޒާނާއަށް ވަރަށް ދަތިވާނެކަން އަހަރެންނަށް އެނގެއެވެ. އެހެންކަމުން އަހަރެން ގޭގައި ގެންގުޅޭނެ ބިދޭސީ އަންހެންކުއްޖަކު ގެނައީމެވެ. ޒާނާއަށް ފަސޭހަކޮށްދިނުމަށްޓަކައެވެ.
ފަޒާ ވިހޭތާ ހަމަސް ވެގެން ދިޔައިރުވެސް ޒާނާގެ އުޅުމަކަށް މާބޮޑު ބަދަލެއް ނައެވެ. ދުވަހަކަށްވުރެ ދުވަހެއް އަހަރެންގެ ކަންތައްތަކަށް ފަރުވާކުޑަކުރަމުން ދުރުވަމުން ދިޔައެވެ. އަހަރެންގެވެސް ހިއްސުތައް ހުރީ ސަލާމަތުންނެވެ. ކެތްތެރިކަން ކޮޅުންލިއެވެ. އެވާހަކަ ޒާނާ ގާތުގައި ދެއްކީމެވެ. އެއްބާރުލުމެއް ނުލިބުނެވެ. ފަޒާއަށް ހަމަސްވީ ފަހުން ޒާނާގެ ފަރާތުން އަހަރެންނަށް އިތުރު ކަންތައްތައް ފާހަގަވަމުން ދިޔައެވެ. ޒާނާ ރޭގަނޑު މާގިނައިން ބޭރަށް ދާކަން އަހަރެންނަށް އެނގުނީ ގޭގައި ގެންގުޅޭ ސީމާގެ ފަރާތުންނެވެ. އަދި ޒާނާ އެއްގޮތަކަށްވެސް ފަޒާއަށް ގާތުން ނުދޭކަން އަހަރެންނަށް އެނގުމުން އަހަރެން ވަރަށް ހިތްހަމަނުޖެހުނެވެ. އަހަރެން ޒާނާއަށް ވިސްނައިދެވޭތޯ މަސައްކަތްކުރީމެވެ. ނަމަވެސް އޭނާގެ ޖަވާބު އެނގޭ ހެއްޔެވެ؟ އޭނާގެ ރީތި އުރަމަތީގެ ބައްޓަން ހަޑިވަނީޔޯލައެވެ. އަހަރެން ގާތަށް ވަރަށް ރުޅިއައެވެ. އެފަދަ ވިޔާނުދާ ވާހަކައެއް އޭނާއަށް ދައްކަން ކެރުނީތީ އަހަރެން ހައިރާންވެސްވިއެވެ. އެންމެފަހުން އޭނާ އަހަރެން ގާތުގައި ކޮށްދިނުމަށް އެދުނީ އަހަރެން ދުވަހަކުވެސް ކުރަން ހިތަށްވެސް ނާރާފަދަ ކަމެކެވެ. އޭނާ ދޫކޮށްލުމެވެ.
އަހަރެންނަށް ޒާނާގެ އުޅުމަށް އައި ބަދަލުގެ ޙަޤީޤަތް އެނގުނީ އޭގެ ދެތިން މަސް ފަހުންނެވެ. ޒާނާ އެހެން މީހަކާ ލޯބީގެ ގުޅުމެއް ހިންގަނީއެވެ. އަހަރެންނާއި އިނދެގެން ހުރެ ހިލޭ ފިރިހެނެއްގެ ފަރާތުން އުފާ ހޯދަމުން ދިޔަކަން އަހަރެންނަށް އެނގުނު ހިނދު އަހަރެންގެ ހިތް ކުދިކުދިވިއެވެ. އަހަރެންނަށް އޭނާއަށް އުނިކުރެވުނީ ކޮންކަމެއްބާއޭ ހިތަށްއެރިއެވެ. ލޯބި ނުދެވުނީބާވައެވެ. ނޫނީ އޭނާއަށް އަރާމު ނުހޯދައިދެވެނީބާވައެވެ. ނޫނެކެވެ. އަހަރެން އޭނާ އެދުނު ކޮންމެ ކަމެއް އެދުނު ގޮތަކަށް ކޮށްދިނީމެވެ. އަމިއްލަ ކުށް އަމިއްލައަށް ނުފެންނާނެތީ އަހަރެން ޒާނާ ގާތު އަހަރެންގެ މައްސަލައަކީ ކޮބައިތޯ ސުވާލުކުރީމެވެ. އޭނާއަކަށް އަހަރެންގެ އެއްވެސް މައްސަލައެއް ނުފެނުނެވެ. ހަމަ ފޫހިވަނީއެވެ. އެހެން މީހަކުދެކެ ލޯބިވެވުނީއެވެ. އަހަރެންގެ ކުށެއް ނެތްއިރު ވީއިރު ޒާނާއަށް އެއައި ބަދަލަކީ ހަމަ އޭނާގެ ވިޔާނުދާކަމުގެ ސަބަބުން އައި ބަދަލެކެވެ. އަހަރެން އޭނާއަށް ކުރި އިތުބާރު އޭނާ ގެއްލުވާލީއެވެ. އަހަރެން އޭނާދެކެ ވީ ލޯބި ފަނޑުވާން ފެށިއެވެ.
ދެމީހުންގެ ގުޅުން ނިމުމަކަށް ގެންނަން އަހަރެން ނިންމީ ޒާނާގެ އެ އުޅުން އިޞްލާޙުކުރަން މަސައްކަތްކޮށް ކާމިޔާބު ނުވުމުންނެވެ. އަހަރެން ޒާނާ ވަރިކުރުމުން ޒާނާ އޭނާގެ ލޯބިވެރިޔާ ޝާރިފް ކައިރިއަށް ދިޔައީ ދެދަރީން އަހަރެންގެ ބޮލަށް ޖަހާފައެވެ. އަހަރެން ހިތްހަމަޖެހުނެވެ. ޒާނާގެ އެ ވިޔާނުދާ އުޅުން އަހަރެންގެ ދަރީންނަށް ދަސްވާން ނޭދޭތީއެވެ. ޒާނާގެ ވިޔާނުދާ އުޅުން އެކުދިންނަށް ފެންނަނަމަ އެކުދިން އެއުޅުން ދަސްކުރާނެތީއެވެ. ޒާނާ ޝާރިފް ކައިރިއަށް ދިޔައިރު ޝާރިފް ވީ މީހެއްގެ ފިރިއަކަށެވެ. ތިންކުދިންގެ ބައްޕައަކަށެވެ. ލޯބިވާކަމަށް ބުނެ ޒާނާއަށް ދަޅަ ދެއްކީއެވެ. ޒާނާއަށް ޝާރިފް ދިން ކެހީގެ ސަބަބުން ތައުބާވެ އަހަރެންގެ ކިބައިން މާފަށް އެދި ދިރިއުޅުން ކުރިއަށް ގެންދިއުމުގެ ބަދަލުގައި އޭނާ ޚިޔާރުކުރީ ކުފުރުގެ މަގެވެ.
**********
“ވަރަށް ބޮޑަށް މާފަށް އެދެން..” އާޝާ މަޑުމަޑުން ބުނެލިއެވެ. އޭނާގެ ދެލޮލުން އޮހެމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލިއެވެ. އަދި ހިނިތުންވާން މަސައްކަތްކުރިއެވެ. އަހަރެންވެސް އަހަރެންގެ ދެލޮލުން އޮހޮރުނު ކަރުނަތައް ފޮހެލައި ހަމަޖެހިލީމެވެ.
“ނޫނޭ.. އެއީ އެއްވެސް މައްސަލައެއް ނޫން.. މިއަދު އާޝާގެ ސަބަބުން އަހަރެންގެ ހިތަށް ވަރަށް ބޮޑު ލުޔެއް ލިބިއްޖެ.. ވަރަށް ބޮޑު ހަމަޖެހުމެއް ލިބިއްޖެ..” އަހަރެން އެހެން ބުނެލުމުން އާޝާ ހިނިތުންވެލިއެވެ.
ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް އަހަރެންނަށް އާޝާގެ ހަރަކާތްތައް އިތުރަށް ކަމުދާން ފަށައިފިއެވެ. ނަމަވެސް މި އާދަޔާ ޚިލާފު އަންހެންކުއްޖާއާމެދު އަހަރެންގެ ހިތުގައި އުފެދެމުންދިޔަ ސުވާލުތަކަކަށް ޖަވާބު ލިބުމެއްވެސް ނެތެވެ. އޭނާގެ އަމިއްލަ ދިރިއުޅުމާއި ބެހޭގޮތުން އެއްވެސް ވާހަކައެއް އޭނާ ދައްކާފައި ނުވާތީއެވެ. ކުޑަމިނުން އޭނާއަކީ ކޮން ރަށެއްގެ ކާކުކަންވެސް އަހަރެންނަކަށް ނޭނގެއެވެ. އޭނާ ބުނެފައިވާ ގޮތުން ޚުދު އޭނާއަކަށްވެސް އޭނާގެ އުފަން ރަށެއް ނޭނގެއެވެ. އޭނާ އުޅެ ބޮޑުވީ މާލޭގައިކަމަށް އާޝާ ފުރަތަމަ މިގެއަށް އައި ދުވަހު ސުވާލުކުރުމުން ބުނެފައިވެއެވެ.
“އާޝާ.. މިތާ އިށީނދެބަލަ..” އަހަރެން އެހެން ބުނެލުމާއެކު އާޝާ އައިސް ސޯފާގައި އިށީނެވެ.
“އަހަރެން އެބައޮތް އާޝާ ގާތު ވަރަށް ބޮޑު ވާހަކައެއް ދައްކާލަންވެފައި..” އަހަރެން އެހެން ބުނެލުމުން އާޝާ ވަރަށް އަދަބުވެރިކަމާއެކު އެއީ ކޮން ވާހަކައެއްތޯ ސުވާލުކުރިއެވެ.
“ދުވަސްކޮޅެއް ވެއްޖެ މިހާރު އަހަރެން މިވާހަކަ ދައްކާލަން އުޅޭތާ.. އެކަމަކު ފަހުން ވެދާނެ ގޮތަކާއިމެދު ވިސްނާލާފައި ބުނަން ނުކެރިގެން މިއުޅެނީ..” އަހަރެން ބުނެލީމެވެ.
“ސަރ އަޅުގަނޑު ގާތު ދައްކަން ނުކެރިގެން ތި އުޅުއްވަނީ ކޮން ވާހަކައެއްތޯ؟ ބުނުއްވާ.. އަޅުގަނޑަށް ވާވަރުގެ ކަމެއް ވިއްޔާ ކޮށްދޭނަން..” އާޝާ ބުންޏެވެ.
“އަހަރެންގެ ދެދަރިންވެސް އާޝާދެކެ ވަރަށް ލޯބިވޭ.. އަހަރެންނަށް އެނގޭ އާޝާވެސް އެ ދެކުދިންދެކެ ވަރަށް ލޯބިވާކަން.. އާޝާ މިގެއިން ދާ ދުވަހަކުން އަހަރެން ވަރަށް ދެރަވާނެ..” އަހަރެން މަޑުމަޑުން އަހަރެންގެ ހިތް ހުޅުވާލެވޭތޯ މަސައްކަތްކުރީމެވެ.
“އަޅުގަނޑު ވަކި ދާނީ ކޮން ތަނަކަށްތޯ؟ އަޅުގަނޑަކީ މާލޭގައި އުޅުނަސް އާއިލާގެ އެއްވެސް މީހަކު، އަޅާލާނެ އެއްވެސް މީހަކު ނެތް ނިކަމެއްޗަކީން.. އަޅުގަނޑަކީ ކޮން ފަސްގަނޑެއްގެ މީހެއްކަންވެސް ޚުދު އަޅުގަނޑަށް ނޭނގޭ.. އެނގޭހާވެސް އެއްޗަކީ މާލޭގައި ރަޖިސްޓްރީކޮށްފައި އޮތްކަން.. މާލޭގައި އުޅެ ބޮޑުވިކަން.. މިއަދުވެސް ސަރ އަޅުގަނޑު މިގެއިން ނެރެފިނަމަ އަޅުގަނޑު ވަންނާނެ އެއްވެސް ތަނެއް ނެތް..” އާޝާގެ އަޑު ކުރެހުނެވެ.
“ނޫން.. އަހަރެން އާޝާ ފޮނުވާލާކަށް ބޭނުމެއްނޫން.. އަހަރެން ބޭނުންވަނީ އާޝާ މުޅި އުމުރަށް މިގޭގައި ބަހައްޓަން..” އަހަރެންގެ ޖުމުލައިން އާޝާ ސިހިފައި ބަލާލިއެވެ.
“އުމުރަށޭ ތި ބުނުއްވީ ކިހިނެއްތޯ؟” އާޝާ ދެއަތް ދެއަތާލައި މޮޑެމުން އަހާލިއެވެ. އޭނާ ހާސްވިކަން ކިތަންމެ ރަނގަޅަކަށްވެސް އަހަރެންނަށް އެނގުނެވެ. ނަމަވެސް ފުރުޞަތު ނަގާލާކަށް ބޭނުމެއް ނުވިއެވެ. އެވާހަކަ ބުނާނެ ދެވަނަ ފުރުޞަތެއް ނުލިބިދާނެތީއެވެ.
“އަހަރެން މިބުނީ އަހަރެންނާ އާޝާ ކައިވެނިކުރަންވީ ނޫންހޭ..” އަހަރެންގެ ޖުމުލައާއިއެކު އާޝާ ކުއްލިއަކަށް ސޯފާއިން ތެދުވިއެވެ. އަހަރެންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އާޝާ ނުރުހުންވީބާއޭ ހިތަށްއެރިއެވެ.
“ސަރ.. ސަރއަކަށް އަޅުގަނޑަކީ ކާކުކަމެއްވެސް ނޭނގެއެއްނު..” އާޝާ ކަންބޮޑުވެފައި ބުނެލިއެވެ.
“އެނގޭކަށް ބޭނުމެއްނުވެޔޭ ބުނެފިއްޔާ..”
“ރަނގަޅު ގޮތެއް ނޫން އެއީ.. ކައިވެންޏެއް ކުރަން ވާނީ އެކަކަށް އަނެކަކު ރަނގަޅަށް އެނގިގެން.. އެކަކަށް އަނެކަކުގެ ހައިސިއްޔަތާއި އުޅުމާއި ގުޅުންތައް އެނގިގެން.. އެހެންނޫނީ ދެމީހުންގެ ދިރިއުޅުން ހަލާކުވެދާނެ..” އާޝާ ވިސްނުންތެރިކަމާއެކު ބުނެލިއެވެ.
“އަހަރެންނަށް އާޝާ ވަރަށް ކަމުދޭ.. އަހަރެންނަށް ޔަޤީން އަހަރެންގެ ދަރިންނަށްވެސް ތިއަށްވުރެ ރަނގަޅު މަންމައަކު ނުލިބޭނެ.. އަހަރެންގެ ހިތް އާޝާއަށް ލެނބުނު އެންމެ ބޮޑު ސަބަބަކީވެސް އެއީ ކަންނޭނގެ.. އާޝާގެ ތި ކިޔަމަންތެރިކަމާއި ތެދުވެރިކަން އަދި ދިރިއުޅުމުގެ ސާދާ ގޮތްގަނޑަކީ އަހަރެން ވަރަށް ގަޔާވާ ސިފަތަކެއް..” އަހަރެން އަހަރެންގެ ހިތުގައިވާ ގޮތަށް ކިޔައިދިނީމެވެ.
“މާފްކުރައްވާ.. އަޅުގަނޑަކަށް ސަރގެ ތި ހުށަހެޅުން ޤަބޫލުކުރެވޭކަށް އަދިއެއް ނެތް..” އާޝާގެ ޖަވާބުން އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ.
“އެއީ ކީއްވެ އަދިއެއް ނެތޭ ތިބުނީ؟” އަހަރެން އޮޅުންފިލުވަން ބޭނުންވިއެވެ.
“އެއީ އަޅުގަނޑު މިބުނި ވާހަކައަކީ.. މީހަކާ އިންނަން އުޅޭއިރު އެމީހެއްގެ މަޢުލޫމާތު އެނގެންވާނެޔޭ.. އަޅުގަނޑަށް ތިކަމަށް އެއްބަސްވެވެން ނެތް ސަބަބަކީ އަޅުގަނޑަކީ މީހަކާ އިނދެ ވަރިވެ އިއްދައިގައި އިން މީހެއް.. އަދި އިއްދައިގައި ބާކީ އެއްމަސް އެބައޮތް.. އެހެންވީމަ އޭގެފަހުން އަޅުގަނޑަށް ސަރގެ ތި ހުށަހެޅުމަށް ޖަވާބެއް ދެވެން އޮތީ..” އާޝާ ބުނެލިއެވެ.
“އެންމެ ރަނގަޅު.. އާޝާގެ ޖަވާބަށް އަހަރެން އިންތިޒާރު ކުރާނަން.. އާޝާގެ ޖަވާބު ކޮންމެ ގޮތަކަށް އައިކަމުގައި ވިޔަސް އާޝާ ބޭނުން ދުވަހެއް ވަންދެން މިގޭގައި ހުރެވޭނެ.. އަހަރެންގެ ހިތުގައި އެއްވެސް ބުރަކަމެއް ނޯންނާނެ..” އަހަރެން ޔަޤީންކަން ދިނީމެވެ.
“ސަރގެ ތި ހެޔޮކަން އަހަރެން އަބަދުވެސް ހަނދާން ކުރާނަން..” އާޝާ ބުނެލިއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް އާޝާގެ އިއްދަ ހަމަވުމުން އަހަރެން އިންތިޒާރުކުރި ޖަވާބު ލިބުނެވެ. ހިތް އެދުނު ގޮތަށެވެ. އާޝާ އަހަރެންގެ ހުށަހެޅުން ޤަބޫލުކުރީއެވެ. އަހަރެންގެ ޙަޔާތުގައި ހިއްސާވާން އެއްބަސްވީއެވެ. އަހަރެންގެ ޙަޔާތަށް އުފާވެރިކަން ގެނެސްދިނީއެވެ. އަހަރެން ހިތް އެދުނު ފަދަ ލޯތްބެއް ލިބުނީއެވެ.
(ނިމުނީ)
12 Comments
Comments are closed.
Nice story.
Thank You shaha 🙂
aashaage lyf ah v goivolhun filuvaaladhin nama adhivakiin salhi vaanehen heevey.. nice story keep it uo saandy…
Thank You n@@zu.. Thy v ran’galhu khiyaaleh 🙂
Saandy are u a boy..vaahaka varah reethi.best of luck
Thank You Shaaaaaa.. Saandy aky boy eh 🙂
nice story it’s lovely and i love it <3
Thank You cutie afuar 🙂
V salhi
Thank You Angel 🙂
Vrh rythi
Thank You Inna 🙂