Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ގެވެހި އަތްނބަކަށް ވެވުނުނަމައެވެ.

ismail ali kaleyfaanu Level 310 Stories100 Login100 Comments
November 10, 2018 2 Mins Read
6 Comments

އިސްމާޢީލް ޢަލީ، ރ. ކަނދޮޅުދޫ

އަހަރެން ހިތްއެދޭކަހަލަ ފިރިއަކު ލިބުނެވެ. ތަނަވަސް މޭމައްޗެއްގައި ބޯއަޅާލެވުނެވެ. އެއީ މުރުއްވަތްތެރި ކަމުގެވެސް ދެވަނައެއް ނުވާފަދަ ޚުލްޤު ރަނގަޅު މީހެކެވެ. ފެނުމުން އުފާވެރިކަން އިޙްސާސްކުރެވޭފަދަ ހިތްގައިމު ހިނިތުންވުމެއް ލިބިފައިވެއެވެ. މުލައްދަނޑީގެ ބާރުގަދަ އެވެ. އެކި ހިސާބުން މަސްތައް އުފުލިފައިވާ ގޮތުން ވެސް ޖަޒްބާތުތައް ކެކިއަރައެވެ. ދިރިއުޅުމުގެ ހުރިހާ ފަސޭހަތަކެއް ލިބިފައިވެއެވެ. ލޯބިވެތިކަމުގައި ވެސް މިސާލެއްނެތެވެ. ކޮންމެ ފަހަރަކީ އާ ތަޖުރިބާތަކެއް އިޙްސާސްކުރަންޖެހޭ ފަހަރެކެވެ.

ޤުދުރަތް ހުރިހާ ކަމެއްގައި ވެސް އެހީތެރިވެދެއެވެ. ފުށްގަނޑެއް ފަދަ ލޯބިލޯބި އަންހެންކުއްޖަކު އެކަލާނގެ އަހަރެމެންނަށް ދެއްވިއެވެ. އެ އަމާނާތަށް ރައްކާތެރިވުމަކީ އަހަރެމެންގެ މައްޗަށް ވާޖިބުވާ ކަމެކެވެ. ޚާއްޞަކޮށް އަހަރެން އެ އަމާނާތަށް ސަމާލުވާންޖެހެއެވެ. ފިރިމީހާ ގިނަ ވަގުތު ހޭދަކުރަންޖެހެނީ އާމްދަނީ ހޯދުމުގެ މަސައްކަތުގައި ކަމަށްވާތީއެވެ.

ފިރިމީހާ އަހަރެމެންނާއެކު ވަގުތު ހޭދަކުރެއެވެ. ދަރިފުޅު ތަރުބިއްޔަތަށް އެހީތެރިވެދެއެވެ. މަސައްކަތްކޮށްދޭނެ ކުއްޖަކުވެސް ހޯދައިދީފައިވެއެވެ. ބޭނުންވާނެ ހުރިހާ ވަސީލަތްތަކެއް ފަހިކޮށްދީފައިވެއެވެ.

އަހަރެން މިހުރިހާ ނިޢުމަތްތަކަށް ޝުކުރުވެރި ވެވުނުނަމަ އެވެ. ފިރިމީހާ އެދޭފަދަ ގެވެހި އަނތްބަކަށް ވެވުނުނަމަ އެވެ. ދަރިފުޅަށް މައިވަންތަކަމުގެ ލޯބި ދެވުނުނަމަ އެވެ.

އަހަރެންނަށް ހުރިހާ ކަމެއް ވިސްނުނީ މާފަހުންނެވެ. އޭރު ވަނީ ވަގުތު ފާއިތުވެފައެވެ. ވާނޭކަމެއްވެ ނިމިފައެވެ. އަބަދަށްޓަކައި އަހަރެން ދޫކޮށްލައިފައެވެ. ދަރިފުޅު މަންމަ ކިޔަނީ ގޭގައި ގެންގުޅޭ ކުއްޖާއަށެވެ. އަހަރެން ފެނުމުން ބިރުން ދުވާނެއެވެ.

ދަރިފުޅަށް ހަމަސް ނުފުރެނީސް ގާތުން ދިނުން ހުއްޓައިލައިފީމެވެ. މުސްކުޅިވެދާނެތީ އާއި ދަރިފުޅު މާގައިގޯޅި ވެދާނެތީ އެވެ. ދަރިފުޅު ނިންދަވަނީ ގޭގައި ގެންގުޅޭ ކުއްޖާގެ ކޮޓަރީގައެވެ. އަހަރެން ހަމަ ގަސްތުގައި އެމަންޖެއަށް ބިރުދެއްކީމެވެ. ބުޅަލަކަށް ވެގެންނެވެ. އަނެއްބައި ފަހަރު މާއްޔަކަށް ވެގެންނެވެ.

އަހަރެންނަށް ވިސްނިފައިއޮތީ މޮޅު ކާނާ ކައިގެން ނިދި ވަރަކަށް ހަށިގަނޑު ޒުވާންކަމުގައި ހުންނާނެކަމުގައެވެ. ހަށިގަނޑު ބަރުހެލިވަމުންދާ ކަމެއް، ސިފަ ގެއްލެމުންދާ ކަމެއް ހިތަކަށް ވެސް ނާރައެވެ.

އަހަރެންނަށް ޖެހުނު ބަލީގެ ނުރައްކާތެރިކަން ބުނެދޭނީ ކިހިނަކުން ހެއްޔެވެ؟ އެއްގޮތަކަށްވެސް އެނދުން ތެދުވާ ހިތެއްނުވެއެވެ. އަބަދު ކާހިތްވަނީ އެވެ. ދެންކުރާ ހިތްވާ ކަމަކީ ފިލްމު ބެލުމެވެ.

ފިރިމީހާގެ އެއްވެސް ކަމަކަށް އަޅައެއް ނުލެވެއެވެ. ގެއަށް އަންނަކަން ގިނަފަހަރު ނޭނގެއެވެ. ކާ ކަމެއް، ހެދުން ބަދަލުކުރާކަމެއް، ފެންވަރާކަމެއް ނޭނގެއެވެ.

ފިރިމީހާ އަތުވެއްޖެނަމަ ޝަކުވާގޯނީގެ ތުން މޮހައިލަމެވެ. ބޮލުގައި ރިއްސާކަމުގެ ޝަކުވާއެވެ. މީރު ކާއެއްޗެއް ނުލިބޭ ކަމުގެ ޝަކުވާއެވެ. ރީތި ފިލްމެއް ނުލިބޭކަމުގެ ޝަކުވާއެވެ.

އަހަރެންގެ ބައްޔަށް ފަރުވާ ހޯދުމަށް ފިރިމީހާ ވަރަށް މަސައްކަތްކޮށްދިނެވެ. ރާއްޖެއިން ބޭރަށް ވެސް ގެންގޮސްދިނެވެ. އެކަމަކު ވީ ކަމެއްނެތެވެ. ފިރިމީހާ ވަރަށް ގިނައިން ނަސޭޙަތްތެރިވާނެ އެވެ. ފަސްވަގުތު ނަމާދުކުރުމަށާއި ކުޑަކޮށް ނަމަވެސް ކަސްރަތުކުރުމަށާއި، ބޭރުތެރެއަށް ނުކުމެލައި މީހުންނާއި ވާހަކަދައްކައިލައި އުޅުމަށެވެ. ދަރިފުޅާއެކީ ވަގުތު ހޭދަކުރުމަށެވެ. މި ގޮތަށް ނަސޭޙަތްދިނުމުން އަހަރެން ގާތަށް އަންނަނީ ރުޅި އެވެ. އަހަރެން އުޅޭ ޙާލު އިޙްސާސް ނުކުރެވެނީއޭ ބުނެ އަހަރެން ފަށަނީ ރޯށެވެ.

އަހަރެންގެ ފިރިމީހާ ކުރިން އިންނަން އުޅުނު ކުއްޖާއަށް މިހާރު އިންނަން ވެސް ނިންމީ އެވެ. އެއީ އަހަރެންގެ ވެސް ރަނގަޅު ރަޙްމަތްތެރިޔާ އެވެ. މިއަދާ ހަމައަށްވެސް ކެތްތެރިކަމާއި، ޝުކުރުވެރިކަމާއިއެކު އަހަރެންގެ ފިރިމީހާގެ އިންތިޒާރުގައި ހުރީ އެވެ. އެއީ ފިރިމީހާގެ ފުރަތަމަ ލޯބިވެރިޔާ އެވެ. އަހަރެން އެ ދެމެދަށް ވަދެގަތީ އެވެ. އަހަރެންގެ މަޅިފަތީގައި ޖެހިގެން އެކުވެރިޔާ ދޫކޮށްލަން އޭނާ އަށް މަޖްބޫރުވީ އެވެ. އަހަރެން އެ ދުވަހު ކާމިޔާބީގެ ފޮނި ހިނިތުންވުމާއެކު އުފާކުރީމެވެ. އަހަރެންގެ ޢާއިލާގެ ނުފޫޒާއި، ބާރުވެރި އަދި އަހަރެންގެ ރީތިކަން އިޙްސާސްކުރެވުނެވެ. ޢާއިލާގެ ނަން މަޝްހޫރުކަން ހިތަށް އަރައިފައި ބޮޑާވެވުނެވެ. އެކުވެރިޔާއަކީ މަސްވެރިއެއްގެ ދަރިއެކެވެ. ހަމުން ކަޅެވެ. ނަމުން ހުތުރެވެ. ނޭނގުނު ނަމަވެސް އޭނާގެ އަތުގައި ޖަވާހިރެއް އޮތެވެ. މިއަދު އަހަރެންގެ ފިރިމީހާ އެއަތަށް ލަންބައިލުމުގެ ސިއްރަކީ އެއީ އެވެ.

އަހަރެންނަށް ކުރެވޭނެ ޝަކުވާއެއް ނެތެވެ. ބުނެވޭނެ އެއްޗެއް ވެސް ނެތެވެ. ރަޙްމަތްތެރިކަމުގައި ކޮޅުފައިންޖެހީ އަހަރެންނެވެ. ފިރިމީހާއަށް އަޅައިނުލީ އަހަރެންނެވެ. ދަރިފުޅުގެ ވާޖިބުތަކަށް ފުރަގަސްދިނީ އަހަރެންނެވެ.

މީދަލަކަށް ދުވަހެއް އައީވިއްޔާ ހިކަންޖަކަށް ވެސް ދުވަހެއް އަންނާނެއޭ ބުނާ ބަސް ތެދެވެ. މިއަދު އަހަރެން މިވަނީ ވަރަށް ބޮޑަށް ބާކީވެފައެވެ. ނާކާމިޔާބީގެ ހިތިރަހަ އަރުތެރޭގައި ލައެވެ. މިއަދު މިޖެހުނީ އަޑުން އަޑުނަގައިރޯށެވެ.

Share Article

Follow Me Written By

ismail ali kaleyfaanu

Level 310 Stories100 Login100 Comments

Other Articles

Previous

ދޫކޮށްފައި ނުދޭ ލޯބިވާ.. ( 2 )

Next

އިމްތިޙާން (6 ވަނަ ބައި)

Next
November 10, 2018

އިމްތިޙާން (6 ވަނަ ބައި)

Previews
November 10, 2018

ދޫކޮށްފައި ނުދޭ ލޯބިވާ.. ( 2 )

6 Comments!

  1. kala123 says:
    November 10, 2018 at 4:11 pm

    ވާހަކައަކަށް ބަލާއިރު އެހައި އެހާއެއް ނޫން.ނަމަވެސް ވަރަށް ސާދާސީދާ ރީތި އިބާރާތްކުރުމެއް.ލިޔުންތެރިޔާއަށް ޝުކުރިއަޔާ

    1. ismail ali kaleyfaanu says:
      November 12, 2018 at 11:16 am

      varah bodah shukuruverivan.

  2. cutie afuar says:
    November 10, 2018 at 5:50 pm

    nice. keep it up

    1. ismail ali kaleyfaanu says:
      November 12, 2018 at 11:14 am

      thank you

  3. Sara says:
    November 10, 2018 at 10:17 pm

    Varah reethi . Adhi eh vaahaka kiyaalam beynun

    1. ismail ali kaleyfaanu says:
      November 10, 2018 at 11:10 pm

      Thanks a lot.

Comments are closed.



All Right Reserved!