މާފްކުރާށޭ ކަލާ 3

- by - 33- November 10, 2018

ކުއްލިއަކަށް ސިކުނޑި ހާސްވެ މީހާގެ މޫނު މަތިން ދާތިކިތައް ފާއްދާލިއެވެ. އަޔާން އަނެއްކާވެސް ދަހާ ގެ މޫނަށް ބަލާލިއެވެ. އޭރު ދަހާ ވެސް އަޔާން އަށް ބަލަހައްޓައިގެން ހެވިފައި ހުއްޓެވެ.
“ނުހާ. މީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު އަޔާން.” އާސިފް ދަހާއަށް އަޔާން ތަޢާރަފްކޮށް ދިނެވެ. ދަހާ ކުރިއަށް ޖެހިލާ އަޔާން އާއި ސަލާމްކޮށްލަން އަތް ދިއްކޮށްލިއެވެ. އަޔާން އަށް ގަނޑުވެފައި ހުރެވެނީއެވެ.
ކޮން ނުހާއެއް ހެއްޔެވެ؟ އަޔާން ދަންނަ މީހެއް ކަމަށްވެސް ނުހެދިއެވެ. އެކީއްވެ ހެއްޔެވެ؟ އެތަކެއް ސުވާލުތަކެއް އަޔާންގެ ހިތަށް އަރާ ފައިބަމުން ދިޔައެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ. އެއްވެސް ސުވާލެއް ކުރާނެ ހިތްވަރުވެސް އަޔާންގެ ނެތީއެވެ.
“ދަރިފުޅު. ކިހިނެއްވެފަ ތިހުރީ.” ތަނަށް ވެރިވެފައިވާ ހިމޭންކަން ފޫދުއްވާލީ އާސިފްގެ އަޑެވެ. އަޔާން ދެފަރާތަކަށް ބޯހޫރާލިއެވެ.
” ނުހާ މިއޮފީހުގައި ކޮންކަމެއް ކުރަނީ.” އަޔާން ހިތްވަރުކޮށްފައި ނުހާ ދިއްކޮށްލި އަތުގައި ހިފަމުން އަހާލިއެވެ.
“ނުހާއަކީ ބައްޕަގެ ޕާސަނަލް ސެކްރަޓަރީ.” ޖަވާބު ދިނީ އާސިފްއެވެ. ނުހާ ހިނިތުންވެލަމުން ނިތްއަރުވާލިއެވެ.
އަޔާން ބޭނުންވީ އެތަނުން ނިކުމެގެންދާށެވެ. ނަމަވެސް އެވަގުތު އަޔާންގެ ހިތަށް މޮޅު ޚިޔާލެއް އައުމުން މަޑުކޮށްލިއެވެ.
“ޑޭޑް. ނުހާގެ ސްޓާފް ރަޖިސްޓްރޭޝަން ކަންތައްތައް ކޮށް ނިމިއްޖެތަ؟ ކޮމްޕެނީ ޕޮލިސީގެ ދަށުން އެމައުލޫމާތު ރައްކާކުރެވިފައި ހުންނަން ޖެހޭނެއެއްނު.” އަޔާން ބޭނުންވީ އޭނާގެ ހިތުގައި އުފެދިފައިވާ ހުރިހާ ސުވާލެއްގެ ޖަވާބު ހޯދާށެވެ.
ޖަވާބު ދިނުމުގެ ބަދަލުގައި އާސިފް އަށް ބަލާލެވުނީ ނުހާގެ މޫނަށެވެ.
“އެހުރިހާ ކަމެއް ނިމިއްޖެ. ދެންމެ އެޗްއާރުން ފޮނުވި ކުއްޖަކަށް ހުރިހާ ޑޮކިޔުމެންޓްސް ހަވާލުކޮށްފިން. ” ނުހާ ހަމަޖެހޭގޮތް ދައްކާލަމުން މޭޒުމަތީގައި އޮތް ފައިލް ނަގާ ހާވަންފެށިއެވެ.
އަޔާންގެ ކަރުއެލުނެވެ. ބޭނުންވި އެއްވެސް ސުވާލެއްގެ ޖަވާބެއް ނުލިބުނެވެ. ހަދާނެގޮތެއް ނޭނގިގެން އެއްފަހަރު ބައްޕަގެ މޫނަށް އަނެއްފަހަރު ނުހާގެ މޫނަށް ބަލަން ހުރެވުނީއެވެ.
އެވަގުތު އާސިފް ފޯނާއި ކުޅެމުން ކެބިން އިން ބޭރަށް ނިކުތެވެ.

ބައްޕަ ލޯމައްޗަށް ގެއްލުމުން އަޔާން ނުހާ އާއި ދިމާއަށް ފަރުވާތެރިކަމާއެކު ބަލަން ފެށިއެވެ. ލައިގެން ހުރި ގަދަ ފެހިކުލައިގެ ގަމީހާއި ކަޅު ކުލައިގެ ކުރު ސްކާޓް ނުހާ އާއި ވަރަށް ގުޅެއެވެ. އޭނާގެ ދިގު އިސްތަށިގަނޑު މައްޗަށް ނަގައި ހުޅިއެއް ޖަހާފައި އިން އިރު އެދޮން ކަދުރާ އޮތީ ހާމައަށް ފެންނާށެވެ. އަޔާންއަށް ބޭއިހްތިޔާރުގައި ހިންދިރުވާލެވުނެވެ.
“ދަހާ.” އަޔާންގެ އަޑަށް ނުހާ ދިޔައީ ސިއްސައިގެންނެވެ. މިފަހަރު ނުހާއަކަށް އޭނަގެ މޫނުމަތީގައި ފެންނަން ހުރި ހާސްކަމެއް ނުފޮރުވުނެވެ.
“އޯ ނުހާ ތަ؟ ” އަޔާން މަޑުމަޑުން ނުހާއާ ދިމާއަށް އަންނަމުން ވައި އަޑުން އަހާލިއެވެ. ނުހާއަކަށް ޖަވާބެއް ނުދެވުނެވެ. އިސްއުފުލާ ބަލާލަންވެސް ނުކެރުނެވެ.
“އަސްލުގަ މަށަށް އެނގޭކަށް ނުޖެހޭ ތީ ކާކު ކަމެއް. އެކަމަކު މިސުވާލު ކުރަން މިޖެހުނީ ކީއްވެކަން އެނގޭނެހެން ހީވަނީ. އޮޅުން ފިލުވައިދިނިއްޔާ ވަރަށް ޝުކުރުވެރިވާނަން.” އަޔާންގެ މަޑުމައިތިރި މިޒާޖުން ނުހާ ހުރީ ހައިރާންވެ ލަދުގެންފައެވެ.
“އަސްލު މީ ނުހާ. އެރޭގަ އެހެން ބުނެވުނީ އަޔާން ބަލަންހުރި ގޮތުން. ނުދަންނަ މީހެއްވީމަ ނަން ބުނެ މައުލޫމާތުދީ ހަދާކަށް ނުވާނު.” ނުހާ އަޔާން އާ ހަތަރު ކަޅި ހަމަކޮށްލަމުން ބުނެލިއެވެ.
“ނުދަންނަ މީހެއްގެ އަތުގައި ހިފަން ކެރުނީ ކީއްވެ؟” ނުހާ ހުރީ އެސުވާލު އަޔާން ކޮށްފާނެތީވެސް ބިރުންނެވެ. ނުތަނަވަސްކަން ނުހާ ވަށާލުމުން ކައިރީގައި ހުރި ގޮޑީގައި އިށީނދެވުނެވެ.
އަޔާންއަށް އަހަރެން އެގޮތަށް ކަންތައްކުރީ ކީއްވެކަން ކިޔާ ދޭންވީ ހެއްޔެވެ؟ އަހަރެންމީ ކާކުކަން އޮޅުންފިލުވައިދޭން ވީ ހެއްޔެވެ؟ ބުނަން ބޭނުންވެ ނުބުނެވުނު ބަސްތައް ހިތުގައި ފޮރުވަމުން ނުހާ ގޮޑިން ތެދުވިއެވެ. އަދި މަޑު ހިނގުމެއްގައި ގޮސް އަޔާން ގެ ކުރިމައްޗަށް ހުއްޓުނެވެ. ނުހާ ގެ ހަރަކާތްތަކަށް ބަލަން ހުރި އަޔާން ގެ ހިތުގެ ތެޅުން ކުއްލިއަކަށް އަވަސްވަމުން ދާކަމުގެ އިޙްސާސް އަޔާންއަށް ކުރެވުނު ކަހަލައެވެ. އެއްވެސް އިހްތިޔާރަކާނުލާ އަޔާންގެ ދެއަތުން ނުހާގެ ދޮންމޫނުގައި ހިފަހައްޓާލެވުނެވެ. ނުހާ އަޔާން އާ ދުރަކަށްވެސް ނުޖެހުނެވެ. މަޑުމަޑުން އިސްޖަހާލައިގެން ހުރީއެވެ.
“ނުހާ. ބޮސް އެބަގޮވާ.” ދޮރުގައި ޓަކިޖެހުމެއް ނެތި މީތަން ދޮރުހުޅުވާލިއެވެ. އެވަގުތު ސިހިފައި އަޔާން ނުހާ އާ ދުރަށް ޖެހިލިއެވެ. މީތަންއަށް އެމަންޒަރު ފެނުނު ކަމުގައިވިޔަސް އޭނާ މާބޮޑު ކަމަކަށް ނުހެދިއެވެ. އެހެން ބުނެފައި އެނބުރި ދިޔައީއެވެ.
ނުހާ އަވަސްއަވަހަށް ބޭރަށް ނިކުންނަން ހިނގައިގަތެވެ.

އަދިވެސް އަޔާންގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ވެގެން އުޅޭ ގޮތެއް އޮޅުންފިލުވޭ ގޮތެއް ނުވެއެވެ. އެކަމަކު ނުހާއާއި ވާހަކަދައްކާ ސުވާލު ކުރެވުމުން ސިކުނޑިއަށްވަނީ ކޮންމެވެސް ވަރެއްޖެ ލުއި ކަމެއް ލިބިފައެވެ.
ނުހާ ނިކުމެގެން ދިޔަ ދޮރާއި ދިމާއަށް ބަލަންް ހުރެފައި އަޔާންވެސް އެތަނުން ބޭރަށް ނިކުތެވެ. އަދި ވަށައިގެން ނަޒަރު ހިންގާލިއެވެ. މީތަން ފެނޭތޯއެވެ. އޭރު ދެއަތް ފުރާ ފައިލްތަކެއް ހިފައިގެން މީތަން އަންނަނީއެވެ.
“ހާދަ ބުރަކޮށްލައިގެން.” އަޔާންއަށް އެހެން ބުނެވުނުލެއް ބާރުކަމުން ލިބުނު ސިހުމުގައި މީތަންގެ އަތުން ފައިލްތައް ދޫވެގެން ކާޕެޓް މައްޗަށް ވެއްޓިއްޖެއެވެ. ރުޅިއައިސްފައި ތުން އޫ ކޮށްލަމުން މީތަން އަޔާން އާ ދިމާއަށް ލޯއަޅާލިއެވެ.
އަޔާންއަށް ހީނގަނެވުނީ ބޭއިހްތިޔާރުގައެވެ. މީތަންގެ މިޒާޖާއި އާދަތައް އޭނައަށް ވަނީ މަޖާ ކަމަކަށެވެ.
“ކޮބާ ޑޭޑް.” މީތަން ގެ ފުސްވެފައިވާ މޫނު ފެނިފައި އަޔާން މައުލޫއު ބަދަލުކޮށްލިއެވެ.
“މީޓިންރޫމްގަ.” މީތަން ކުރު ޖަވާބެއް ދެމުން ފައިލްތައް ނަގަންފެށިއެވެ.
“ހެލްޕެއް ބޭނުންތަ؟” އަޔާން މީތަންއާ ދިމާއަށް ގުދުވެލިއެވެ. އެވަގުތު އަޔާންގެ ގައިން ދުވި މީރުވަހުން މީތަން އަށް ނޯށް ދަމާލެވުނެވެ.
މީތަންގެ ޖަވާބެއް ނުލިބުމުން އަޔާން ތެދުވެ ސީދާވެލިިިއެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި އޮފީހުން ނިކުންނަން ހިނގައިގަތެވެ. ބޭރަށް ނިކުމެ އަތު ކުރީގައި އަޅާފައި އޮތް ގަޑިއަށް ބަލާލިއިރު ހަވީރު ތިނެއް ޖަހަނީއެވެ. ޖީބުގައި އޮތް ފޯނުނަގާ ފާލިހް ގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ.
” ހަމަ މިއައީ މާލެ.” ފޯނު ނެނގި ގޮތަށް ފާލިހް އެކޮޅުން ޖަވާބު ދިނެވެ.
“އަދިވެސް ތި ބެޑްމޫން ނުނިމެނީތަ؟ ނެތްތަ މަށަށް ޓައިމް ކޮޅެއް ދެވޭކަށް” އަޔާންގެ އަޑުގައި ސަމާސާ ރާގު ހުއްޓަސް އޭނާ އެހުރީ ފަާލިހް އާއި ނުހަނު ވާހަކަ ދައްކާލަން ބޭނުންވެފައެވެ. ނުހާގެ ވާހަކައެވެ. އެއީ ކޮންމެ ކުއްޖެއް ކަމުގައި ވިޔަަސް އަޔާން ގެ ހިތް އެކުއްޖާގެ މައްޗަށް ލެނބިއްޖެއެވެ.
ދިހަ މިނެޓް ތެރޭ ގައި ސަލްސާ ރޯޔަލް އަށް އަންނަން ބުނެފައި އަޔާން ސައިކަލް އެރިއެވެ. އެވަގުތު އޮފީހުން ނިކުމެގެން ކާޓޫނެއް ހެން ހިނގައިފައި އަންނަ މީތަން އަޔާންގެ ލޮލުގައި އަޅައިގަތެވެ. ތުންފަތަށް ވެރިވި ފަނޑުހިނިތުންވުމާއެކު އަޔާން ސައިކަލް ދުއްވާލިއެވެ.

މަޑުމަޑު މިއުޒިކެއްގެ އަޑު ސަލްސާ ރޯޔަލްގެ ހިތްގައިމު މާހައުލަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެމުންދެއެވެ. މީހުންނާއި ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގައި އިށީނދެގެން އިން އަޔާން ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަމުން އެދަނީ ފާލިހް އަންނާނެ އިރަކަށެވެ.
“ކުޑަކޮށް ލަސްވެއްޖެ ދޯ.” ފާލިހްގެ އަޑަށް އަޔާންއަށް ބަލާލެވުނެވެ. ދެކޮނޑު އަރުވާލަމުން އަޔާން ހީލީ ފާލިހް އާއި އެވާހަކަތައް ހިއްސާކުރަން ފަށާނެ ގޮތަކާއި ދޭތެރޭގައި ވިސްނަމުންނެވެ.
“އަޔާން. ހާދަ ސީރިއަސްވެފަ ތިހުންނަނީ. އަނެއްކާ މެލޭޝިޔާއަށް ފުރަނީތަ؟ އެކަމާ ބައްޕައާއި ދެބަސްވީތަ؟ ” ފާލިހް ހުރިހާ ސުވާލުތަކެއް އެއްފަހަރާ ކޮށްލިއިރުވެސް އަޔާން އިނީ ހިމޭނުންނެވެ. އެވަގުތު ވެއިޓަރ އޯޑަރ ނަގަން ފާލިހް މެން ތިބި މޭޒު ކައިރިއަށް އައިސް ހުއްޓިލިއެވެ.
“ދެމިލްކް ކޮފީ.” އަޔާންގެ ޖަވާބެއް ނައުމުން އޯޑަރ ދިނީ ފާލިހްއެވެ.
ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން އަޔާން ވާހަކަ ދައްކަން ފެށީ ވެެއިޓަރ އޯޑަރު ނަގައިގެން ހިނގައިގަތުމުންނެވެ. ނުހާއާ ދިމާވިގޮތާއި އޭނާގެ ނަން ބަދަލުވެގެން ދިޔަ ގޮތާއި ހުރިހާ ވާހަކައެއް ކިޔައިދެމުން ދިޔައިރު ފާލިހް އިނީ ހައިރާންވެފައެވެ.
” ތި ހާދަ ފާޑެއްގެ ކުއްޖެކޭ ދޯ. އެއްވެސް ޚިޔާލެއް ދިނުމުގެ ކުރިން ޔަޤީންކޮށްލަން ބޭނުން އަޔާން އޭނައާއި ދޭތެރޭ ދެކެނީ ކިހިނެއްކަން؟ ޑޫ ޔޫ ލައިކް ހަރ؟ ” ފާލިހް ވާހަކަ ދެއްކީ ސީދާ އަޔާންގެ ލޮލަށް ބަލަހައްޓައިގެން ހުރެއެވެ.
” އައި އެމް ކްރޭޒީ އެބައުޓް ހަރ..” އަޔާންއަށް މިފަހަރު ޖަވާބު ދެވުނީ ވަރަށް އަވަހަށެވެ. އަމިއްލަ އިޙްތިޔާރަކާއި ނުލާ ކަހަލައެވެ.
ފާލިހް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަޔާންގެ ވާހަކަތަކުން އެނގެނީ އެކުއްޖާގެ އެއްވެސް މައުލޫމާތެއް އަދި އަޔާންއަށް ނޭނގޭ ކަމެވެ. އެންމެ ކުޑަ މިނުން އެކުއްޖާގެ އަސްލު ނަންވެސް އަދި އޮޅުން ފިލާފައެއް ނުވެއެވެ.
“އައި ނީޑް ހަރ އިން މައި ލައިފް” . ފާލިހްގެ ހިމޭކަން ފެނިފައި އަޔާން އަނެއްކާވެސް ބުނެލިއެވެ.
“ފުރަތަމަ ހިނގާބަލަ ރަނގަޅަށް ތިކުއްޖާ ދަަސްކުރަން. ފަހުން އަޔާންއަށް އެއްވެސް ދެރައެއް ލިބޭކަށް އޯ ދެރަވެފައި ހުންނަތަން ބަލާކަށްވެސް އަހަރެން ބޭނުމެއްނޫން. ” ފާލިހް ފާޅު ކުރީ އޭނާގެ ޚިޔާލެވެ. އަޔާން ހިތްހަމަ ނުޖެހުނަސް ހެޔޮކަމަށް ފާލިހް ލަފާ ދިނީ ދުރުދުރުން ނުހާ އުޅޭ ގޮތް ބެލުމަށެވެ. އެކަމުގައި އަޔާން އަށް ފުރިހަމަ އެހީތެރިކަން ދޭނެކަމަށް ބުނަމުން ފާލިހް އަޔާންއާ ވަކިވެގެން ދިޔައީ މަލަކާގެ ފޯނެއް އައުމުންނެވެ.
ކުޑައިރުކޮޅަކު އެތަނުގައި މަޑުކޮށްލުމަށްފަހު އަޔާން ކައުންޓަރަށް ގޮސް ބިލްދައްކާލީ ވެއިޓަރު ގެ ހިލަމެއް ނުވުމުންނެވެ.
ޖީބުން ކުޑަ ރުމާ ނަގައިގެން މޫނު ފޮހެލުމަށްފަހު ސައިކަލް މަތީގައި އިށީނދެލީ ނުހާގެ ހިޔާލުތައް އަނެއްކާވެސް އަޔާންގެ ސިކުނޑިއާއި ހިތާ ކުޅެން ފެށުމުންނެވެ.
ސިނގެރޭޓެއް ނަގާ ތުބުގައި ޖަހާ ރޯކޮށްލަމުން އަޔާން ވިސްްނަންފެށިއެވެ. ފާލިހް ބުނި ގޮތަށް ނުހާގެ މައުލޫމާތު ހޯދާނެ ގޮތަކާއި ދޭތެރޭގައެވެ.

ކުއްލިއަކަށް ބޮލަށް ފެންތަކެއް ފައިބައިގަތުމުން އަޔާންއަށް ހަޅޭލަވައިގަނެވުނެވެ. އެވަގުތު މަގުމަތީގައި ތިބިމީހުންގެ ލޯ އަމާޒުވެފައިވަނީ ސީދާ އަޔާންއަށެވެ. އަތުގައި ނިވިފައި އޮތް ސިނގެރޭޓް ބުރި އަތުކޮޅަށް ހޫރާ ލަމުން މައްޗަށް އަޔާން ބަލާލިއިރު އޭނާގެ ލޮލުން އަލިފާންކަނި ބުރާ ކަހަލައެވެ. އެހާވެސް އޭނާ ހުރީ ރުޅިއައިސްފައެވެ. ފެނުނު މަންޒަރުން އަދި އިތުރަށް އަޔާންގެ ރުޅި ގަދަވެގެން ދިޔައެވެ.
“އޭ ކާޓޫން. ބަލާލުމެއްވެސް ނޯވޭތަ؟” ބެލްކަނީގައި ގަސްތަކަށް ފެންދޭން ހުރި މީތަން ފެނިފައި އަޔާން ގާތަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. ގަޔަށްދޫ ބޮޑު ޓީޝާޓް ގަނޑަކާއި ދޫ ހަރުވާޅެއް ލައިގެން އަދި އެބޮޑު އައިނު ލޮލުގައި އަޅައިގެން ހުރިއިރު މީތަން ހަމަވައްތަރީ ކާޓޫނަކާއެވެ.
އަޔާންގެ އަޑެއް އޭނައަށް އިވުނު ހެނެއް ހިޔެއް ނުވެއެވެ. ނޫނީ އޭނާ އެހުރީ ހުވަފެނީ ދުނިޔެއަކަށް ގެއްލިފައެވެ.
މީތަން އެއްވެސް އެއްޗެއް ނުބުނެ ގަސްތަކަށް ފެންދޭން އިންތަން ފެނުމުން އަޔާން އަށް ދަތްކުޑިވިކައިލެވުނެވެ. ތެމިފައިވާ ޓީޝާޓްގައި އަތް ހާކާލަމުން އަޔާން ސައިކަލަށް އަރާ ދުއްވާލީ މީތަން އަށް ކުދި ކިޔަމުންނެވެ. އެއީ އަޔާންގެ ބަލިފައެވެ. ރުޅި ކޮންޓްރޯލް ކުރަން އޭނައަށް ވަރަށް އުނދަގުލެވެ. ރުޅި އައިސްފިނަމަ އޭނާއަށް ކޮންމެ ފަދަ ކަމެއްވެސް ކުރެވިދާނެއެވެ.

އިރުއޮއްސި އުޑުމައްޗަށް ރަތްވިލާގެ އަސަރުވެރިވަމުންދެއެވެ. އުދަރެހުގައިވާ ހުދުކުލަ މަޑުމަޑު އޮރެންޖް ކުލައަކަށް ބަދަލުވަމުންދާ މަންޒަރު ބަލާ އެއްވެސް މީހަކު ފޫހިނުވާނެކަން ޔަޤީނެވެ.
ހޮޓެލްޖެންގެ ސްވިމިންޕޫލްއަށް ދެފައި ބާލައިގެން ފެންގަނޑާ ކުޅެލަ ކުޅެލާ ނުހާ އިން އިރު މޫނުމަަަތިން ފެންނަނީ މަަސްތީ އަސަރެވެ. ލައިގެން ހުރި އަތްކަނޑާފައިވާ ކުރު ޓީޝާޓް ކޮޅުން އޭނާގެ ދޮން ބަނޑުން ބޮޑުބައެއް އޮތީ ހާމައަށް ފެންނާށެވެ. ކުއްލިއަކަށް މީހަކު ނުހާގެ ފައިގައި ހިފައި ދަމައިގަތުމުން އެއްވެސް ހުރަހެއްނެތި ޕޫލްގެ ތެރެއަށް ނުހާ ވެއްޓުނެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނުހާ ފެނުން މައްޗަށް ބޯ ހިއްލާލިއިރު އޭނާ އޮތީ ވަރުގަދަ އަތެއްގެ ތެރޭގައި ހައްޔަރުވެފައެވެ.
“އާސިފް”. ނުހާގެ ތުއި އަޑުން އާސިފް އިތުރަށް ނުހާ އޭނާގެ އަތުތެރޭގައި ފިއްތާލިއެވެ.

ނުނިމޭ

33

You may also like...

2 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Nuhaa aky nubai role kulhey kujjeh dw… hmmm..alhe ayaan dad kairy bunefiyya kihineibaavaaniii.. any way vvvv reechey hama buneveyniii

    ⚠Report!

Leave a Reply

Your email address will not be published.