މާފްކުރާށޭ ކަލާ 4
އާސިފް”. ނުހާގެ ތުއި އަޑުން އާސިފް އިތުރަށް ނުހާ އޭނާގެ އަތުތެރޭގައި ފިއްތާލިއެވެ.
“ނުހާ ކަހަލަ ރީތި ކުއްޖަކާއެކު މިގޮތަށް ވަގުތު ލިބޭނެ ކަމަށް ދުވަހަކުވެސް ހީނުކުރަން. މިހާރު ހިތަށް އަރާ ނަސީބެކޭ ނުހާއަށް ލިފްޓެއް ދީ ވާހަކަ ދައްކާލެވުނުކަން.” އާސިފް ހުރީ އިންތިހާއަށް އުފާވެފައެވެ. އޭނާގެ އަންހެނުން ނިޔާވި ފަހުން އޭނާ އުޅެމުން ދިޔައީ ނުލާހިކު އެކަނިވެރި ދިރިއުޅުމެކެވެ. ނުހާ ކަހަލަ ޒުވާން ކުއްޖަކު އޭނާ ދެކެ ލޯބިވެދާނެ ބާއެވެ.
“އުހުނ..ތީ އަހަރެންގެ ނަސީބު.” ދެމާނަ އެކުލެވޭ ގޮތަށް ނުހާ ބުނެލި ޖުމްލައާމެދު އާސިފް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުންދަނީ އެހެން ޚިޔާލުތަކެކެވެ.
އާސިފް ނުހާއާ ކައިރިވެލަމުން އޭނާގެ ތެތް އިސްތަށިގަނޑު އެއްފަރާތް ކޮށްލިއެވެ. ނުހާގެ ދޮން ކަނދުރާގައި މުތީ ތަކެއްފަދައިން ހަރުލާފައި ހުރި ފެންތިކިތަކުގައި އާސިފްގެ މޫނު ޖައްސާލުމުން އޭނާގެ ހިތުގެ އެދުން ނުހާއަށް ވިސްނުނު ކަހަލައެވެ. އާސިފްއަތުން ވީއްލި ގަނެގެން ޕޫލް ތެރެއިން އެރިގަނެގެން ރޫމްއާ ދިމާއަށް ދުއްވައިގަތީ އާސިފްއަށް ދައުވަތު ދެމުންނެވެ. ނުހާގެ އެ އަމަލު އާސިފްއަށް ދަނެގަނެވުނު ކަހަލައެވެ. އާވަރާއެއް ފަދައިން ހޫރެމުން ނުހާގެ ފަހަތުން އާސިފް ހިނގައިގަތެވެ.
އެނދުގައި އަޅާފައި އޮތް ރަން ކުލައިގެ ބެޑްޝީޓް ތެމެމުން ދިޔައިރުވެސް ނުހާއާއި އާސިފް އުޅެމުންދިޔައީ މުޅިން އެހެން ދުނިޔެއެއްގައެވެ. އެކަކު އަނެކަކުގެ ހޫނު ނޭވާ އިޙްސާސް ކުރަމުން ދިޔައިރު ދެހަށިގަނޑު އޮތީ އެއް ހަށިގަނޑަކަށްވެފައެވެ.
ނުހާ އެހެން މީހެއްގެ ތަންމަތި ފަޅުފިލުވަމުން ދިޔައިރު ނުހާގެ ޚިޔާލުތަކުގައި އަޔާން އޭނާގެ ހުރިހާ ވަގުތުތަކެއް އެދަނީ ހޭދަކުރަމުންނެވެ. ހޭލާ ހުންނައިރުއާއު ނިދާފައި އޮންނައިރުއެވެ. ނުހާގެ ހަޤީޤަތް އަޔާން އަށް އެނގޭނެނަމަ ނުހާގެ ހިޔަނި ފެންނަ ހިސާބަށްވެސް އަޔާން ނުދާނެކަން ޔަޤީނެވެ.
“ބޭބީ ޕްލީޒް. އަންޑަސްޓޭންޑް ވެބާ. އޮފީހުގައި ދެކުދިން އެބަތިބި ޗުއްޓީގައި. ކިހިނެއްތަ ލީވް އެއް ނަގާނީ. ދެމަސް ފަހުން ދެން އެންމެ އަވަހަށް ވެސް ޗުއްޓީއެއް ލިބޭނީ. މެރީ ކުރަންވެސް ދެދުވަސް ނެގީމަ ހުރިހާ މަސައްކަތްތައް އެހުރީ ފުނިޖެހިފަ.” ފާލިހް މަސައްކަތް ކުރަމުން އެދަނީ މަލަކާއަށް ވިސްނާދެވޭތޯއެވެ. އެދެމީހުން ވާހަކަ ދައްކަން ތިބީ އެގޭގެ ޓެރަސްގައެވެ. މޫނު ކުނި ކޮށްލައިގެން މަލަކާ އިންއިރު ފާލިހް މަލަކާ ގެ އިސްތަށިގަނޑާ ކުޅެލަ ކުޅެލަ އިނެވެ. މަލަކާ ބޭނުންވަނީ އެމީހުންގެ ހަނީމޫން ރާއްޖޭން ބޭރުގައި ހޭދަކޮށްލާށެވެ.
“ދެން ތިބުނީނު. މަލޫ ކިތަންމެ ބޭނުންވިޔަސް ވާން ނެތް ކަމެއް ނުވާނު.” މަލަކާ ހުރީ އިންތިހާއަށް ދެރަވެފައެވެ. ފާލިހް މަލަކާގެ ނިއްކުރީގައި ބޮސްދެމުން ގެނެސް އޭނަގެ މެޔާލާ ބޮޑިކޮށްލިއެވެ.
“ކޮބާތަ އަޔާން. މިގެޔަށް ނުވެސް އާދޭ. އަނެއްކާ ފުރީތަ؟ ” ކުއްލިއަކަށް ހަނދާންވާ ކަހަލަ ގޮތަކަށް މަލަކާ އަހާލިއެވެ.
“އޭނަ ނޭނގެ ދެން ފުރާނެ ކަމެއް.” ފުން ނޭވާއެއް ދޫކޮށްލަމުން ފާލިހްއަށް އެހެން ބުނެވުނީ ބޭއިޚްތިޔާރުގައެވެ.
“އޭން…ކީކޭ..” ފާލިހްގެ އަތުތެރޭން ދުރަށް ޖެހިލަމުން ތެދުވިއިރު މަލަކާގެ ދެލޯ ހުރީ ބޮޑުވެފައެވެ. ހައިރާންވެފައި ހުރިއިރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހުސް ސުވާލުމާކެވެ.
ބުނެވުނު އެއްޗަކާއި މެދު ފާލިހް އަށް ވިސްނާލެވުނީ ދެނެވެ.
“މި..މިބުނީ…މި އޭނަގެ ބައްޕަ ބޭނުން ނުވެއޭ އޭނަ ދާކަށް. އެހެންވީމަ ފަހަރެއްގަ މަޑުކޮށްފާނެ އެއްނު”.
ދޮގުހަދަން ޖެހުމުން ފާލިހްއަށް ވާހަކަ ދެއްކުނީ އަޅައިގަންނަ ކަހަލަ ގޮތަކަށެވެ.
“އެކަމަކު އަޔާން އަކީ އޭނަ ބޭނުންވާ ގޮތަށް ނޫނީ އެއްވެސް ކަމެއް ނުކުރާ މީހެއްނު.” ދުރު ހަނދާނެއް ކޮށްލާ ކަހަލަ ގޮތަކަށް މަލަކާ ބުނެލިއެވެ. ފާލިހް އެއްވެސް އެއްޗެއް ނުބުނެ ހިނިތުންވެލިއެވެ. އަޔާންގެ އެސިއްރު ހާމަކުރަން އަދި އޭނާ ބޭނުން ނުވަނީއެވެ. މަލަކާ އަކީ އޭނާގެ ސިއްރުވެރިޔާ ކަމުގައިވިޔަސް އަޔާންގެ އެވާހަކަ އަދި އެއްވެސް މީހަކާއި ހިއްސާ ކުރުން ރަނގަޅު ނޫން ކަމަށް އޭނާގެ ޒަމީރު އޭނާއަށް ވިސްނައިދިނެވެ.
“މިއަދަށް ވާ ވަރު ވެއްޖެއެއްނު.” ގަޔަށް ހެދުން ހެޔޮވަރުކޮށްލަމުން ދިޔައިރު ނުހާ ހުރީ ވަރުބަލިވެ މާނޭވާ ލެވިފައެވެ. އޭނާގެ ތެމިފައިވާ ފަންއިސްތަށިކޮޅުގައި މިހާރު ފެނުގެ އެއްވެސް އަސަރެއްނެތެވެ.
“ގަޑިން ކިހާ އިރެއްތަ؟” މޯޅިއަކަށް ދެމިލަމުން އާސިފް ތެދުވިއެވެ.
“ދިހައެއް ޖަހަނީ.” މަލަކާ ޖީބުގައި އޮތް ފޯނު ނަގާ ގަޑިބަލައިލިއެވެ.
“އަސްލުވެސްތަ؟ މިހާރު އަޔާން އަހަރެން ހޯދާނެ ކަންނޭނގެ. ފްރެޝް ވެލައިގެން ނުހާ ދޭ ގެޔަށް. މާދަން އެޕާޓްމަންޓް ހަމަޖައްސާފައި ގުޅާނަން. އޮފީހަށް ނަޔަސް އެންމެ ރަނގަޅު.” ނުހާގެ މަޑުމަޑު ކޮލުގައި ހިފާލަމުން ލޯތްބާއެކު އާސިފް ބުނެލިއެވެ. ނުހާގެ ތުންފަތަށް ވެރިވި ފަނޑު ހިނިތުންވުމުން އޭނާ ބޭނުންވި ކަންތައްތައް ކާމިޔާބުވެއްޖެ ކަހަލައެވެ.
އާސިފް ދޮރުން ނިކުންނަން ހިނގައިގަތުމުން ނުހާ ދުވެފައި ގޮސް އޭނާގެ އަތުގައި ހިފެހެއްޓިއެވެ. އަދި ވަރަށް ލޯބިން ބައްދާލިއެވެ.
“ލަވް ޔޫ..” ނުހާގެ ތުއި އަޑު މިއުޒިކެއްފަދައިން އާސިފްގެ ކަންފަތާއި ހަމައަށް ފޯރިއިރު އާސިފް ހުރީ ހިނިތުން ވެފައެވެ.
“ހާދަ ވަރަކަށް ތިހެނީ.” ނީތާގެ އަޑަށް ނިދިފައި އޮތް އަޔާން އަށް ސިހިފައި ހޭލެވުނެވެ. އޭރު ނީތާ ކޮފީތަށްޓެއް ހިފައިގެން އަޔާންގެ އެނދު ކައިރީގައި ހުއްޓިގެން ހުއްޓެވެ.
ވާނީވެސް އެހެން ނޫންހެއްޔެވެ. މިހާރު އަޔާން ގެ ހިތާއި ސިކުނޑިއަށް ހަމައެކަނި ބާރުފޯރުވެނީ ނުހާއަށް އެކަންޏެވެ. ދެންމެވެސް ނީތާއަށް އޭނާ ހޭލައްވާ ލެވުނީވެސް ނުހާއާ އެކީ ލޯބިން އުޅެނިކޮށް ފެންނަ ހުވަފެނެއްގައި އޮއްވައެވެ.
“ޑޭޑް އައިއްސިތަ؟” އަޔާން ތެދުވެ އެނދުގައި އިށީނދެލިއެވެ.
“އައި އޭމް ހިއާ.” އެވަގުތު ކޮޓަރިއަށް ވަދެގެން އައި އާސިފްގެ އަޑަށް އަޔާންއާއި ނީތާއަށް އެއްފަހަރާ ބަލާލެވުނެވެ.
“މި ނިންމާލީ ހަމަ އޮފީސް. ވަރަށް ޓަޔަޑް ވެއްޖެ. ދަރިފުޅުވެސް ބައްޕައާއެކީ އޮފީހަށް ޖޮއިން ކުރަންވީނު. އޭރަށް ސެކްރެޓަރީއެއް ބަހައްޓާކަށްވެސް ނުޖެހޭނެއެއްނު.” ނީތާ އަތުގައި ތަބަކުގައި އިން ކޮފީތަށި ނަގާ އަޔާންއަށް ދިއްކޮށްލަމުން އާސިފް ބުނެލިއެވެ.
“އޯކޭ. ފުރަން ވަންދެން އަޔާން ދާނަން. އެކަމަކު އަދި ދާން ޖެހޭނެ އެކޮޅަށް.” އަޔާން ބޭނުންވީ ނުހާއާ އެންމެ ކައިރީގައި ހުންނާށެވެ. ނުހާގެ ލޯބި ކާމިޔާބު ކުރުމަށްޓަކައި މިވަގުތު އޮފީހަށް ނިކުތުން އެއީ އަޔާން ކުރަން ޖެހޭނެ އެންމެ މުހިންމު އެއްކަންތައް ކަމުގައި އޭނާ އަށް ވިސްނުނެވެ.
އަޔާންގެ މަޤްސަދު ނޭނގޭ ހާލުގައި އާސިފްގެ ހިތް އުފަލުން ފުރުނެވެ. އާސިފް އަބަދުވެސް ބޭނުންވަނީ އޭނަގެ ދަރިފުޅު އޭނާއަށް ފެންނަ ހިސާބުގައި ކައިރީގައި ހުންނާށެވެ.
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. މަގުމަތީގައި ރަސްކަން ކުރަމުންދަނީ ހަމަހިމޭން ކަމެވެ. ޖެހެމުންދާ ފިނިފިނި ރޯޅިން ގަސްތަކުގެ ފަތްތައް ނަށާ އަޑު ފިޔަވާ އިތުރު އަޑެއް ނީވެއެވެ. މުޅި ދުނިޔެވެސް ނިދާފައިވާ ކަހަލައެވެ. ހަވީރުއްސުރެ ރޭގަނޑު ވަންދެން ނިދުމުގެ ސަބަބުން އަޔާންގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއްނެތެވެ. ބެލްކަނީގެ ފާރުކޮޅު މަތީގައި ދެއަތް އަޅުވާލައިގެން ބޭރު ބަލަން އަޔާން ހުރިއިރު ތުންފަތުގައި ކުޅެމުންދިޔަ މިއުޒިކުން ވެސް އެނގެނީ އޭނާ އެވިސްނަނީ ނުހާ އާއި ދޭތެރޭގައި ކަމެވެ.
“ލޯބިވާ ވަރު އަންގަދޭނީ ފަހެ އިތުރު ކޮންލަފްޒަކުންހޭ…….
ހިތް އެދޭވަރު ބުނެލަދޭނީ ފަހެ އިތުރު ކޮންލަފްޒަކުންހޭ…”
ޖަޒުބާތުގެ އޮއިވަރުގައި ފެތި ޣަރަޤުވަމުން ދިޔަ އަޔާންއަށް އޭނަ ކިޔަމުން ދިޔަ ލަވަ ހުއްޓާލަން ޖެހުނީ މަގު ކޮޅުން ހިނގާފައި އަންނަ އަންހެން ކުއްޖެއް ފެނިގެންނެވެ. އެހާ ދުރުން ފެނުމުންވެސް އެއީ ނުހާކަން އަޔާންއަށް އެނގުނެވެ. މިހާ ލަސްގަޑިއެއްގައި ނުހާ އެކަނި ހިނގާފައި އެދަނީ ކޮންތާކަށް ހެއްޔެވެ؟
އަޔާން ބަލާކަށް ނުހުރެ ބޭރު ދޮރާއި ދިމާއަށް ދުއްވައިގަތެވެ. އޭނާގެ ނުހާ އެހުރީ ކޮންފަދަ ހާލެއްގައި ކަމެއްވެސް ނޭނގެއެވެ. އަޔާންގެ ކޯތާފަތް މައްޗަށް އޮހޮރެމުންދިޔަ ކަރުނަތަކުން އަޔާންގެ ހިތަށް އެވަނީ ފުން އަސަރު ތަކެއް ކޮށްފަކަން ޔަޤީނެވެ. އަޔާންއަށް ދޮރު ހުޅުވާލައިފައި ނިކުމެވުނީ ސީދާ ނުހާގެ ކުރިމައްޗަށެވެ.
ނުހާ އަށް ހީވީ މީހަކު އޭނާގެ މޫނުމަތީގައި ހޫނު އެތިފަހަރެއް އަޅާލިހެންނެވެ. ހަދާނެގޮތް ހުސްވިކަހަލައެވެ. ދެއަތުން ބޮލުގައި ހިފަހައްޓަމުން ނުހާ އަރިއަޅާލައިގެން ވެއްޓޭކަހަލަ ގޮތަކަށް ދެފަރާތަށް އެނބުރެން ފެށިއެވެ. ނުހާ އަރިއަޅާލައިގެން ވެއްޓޭކަހަލަ ގޮތަކަށް ދެފަރާތަށް އެނބުރެން ފެށިއެވެ. ނުހާއާ ހެދި ދީވާނާ ވެފައިވާ އަޔާންއަށް އެމަންޒަރު ބަލަން ކެތްވާނެ ހެއްޔެވެ. ނުހާގެ އަތުގައި އަޔާން އަށް ހިފުނު ވަގުތު ނުހާ އަޔާންގެ އަތުތެރެއަށް ވެއްޓިގެންފިއެވެ. އަޔާންއަށް ބޭއިހްތިޔާރުގައި ރޮއެ ގަނެވުނެވެ. ނުހާއަށްޓަކައި އޭނާގެ ހިތުގައި އުތުރި އަރަމުންދާ ލޯބީގެ ވަރުގަދަކަން ހާމަ ވަމުން ދަނީ އަޔާންގެ ލޮލުން ހިފެހެއްޓުމެއްނެތި ފައިބަމުންދާ ކަރުނައިންނެވެ. ނުހާގެ ލޫޅާފަތި ހަށިގަނޑު އަތްމައްޗަށް ލައިގެން އަޔާން އަށް ސިޑިން އެރުނީ ދުވެފައި އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
އަޔާން ގެ އެނދުމަތީގައި ނުހާ ބާއްވާލުމަށްފަހު ދޮރު ތަޅުލިއެވެ. ފަހަރެއްގައި ބައްޕަ ނޫނީ ނީތާއަށް ފެނިދާނެތީއެވެ.
ނުހާ..ނުހާ…އަޔާން ނުހާގެ މޫނުގައި ފިރުމަމުން ނުހާއަށް ގޮވަންފެށިއެވެ. ނަމަވެސް މަކަރުވެރިކަމުން ފުރިގެންވާ ނުހާ އެއޮތީ އޭނަގެ ދެލޯ ހުޅުވަން ބޭނުން ނުވެފައެވެ.
“މަގޭ ނުހާ. ކިހިނެއްވެފަތަ ތިއޮތީ. ނުހާ ގެ އަޔާން އޭ މީ..އެއްފަހަރު ދެލޯ ހުޅުވާލާފައި ބަލާބަލަ. ” އަޔާން މޮޔައެއްފަދައިން ދައްކަމުން ދިޔަ ވާހަކަތަކުން ނުހާއަށް ބޭއިހްތިޔާރުގައި ދެލޯ ހުޅުވާލެވުނެވެ.
ނުހާގެ ހުޅިފައިވާ ބޮޑު ދެލޯ ފެނުމުން އަޔާންގެ ހިތަށް ދިރުމެއް ލިބުނު ކަހަލައެވެ.
“ކިހިނެއްވީ ނުހާ……މީ އަޔާންއޭ……” ނުހާ އެތަން މިތަނަށް ކަޅި އުކަން ފެށުމުން އަޔާން ލޯތްބާއެކު ބުނެލިއެވެ. ނުހާއަށް އެއީ އަޔާން ކަމެއް އޮޅިފައެއްނުވެއެވެ. އަޔާން ފެނުމުން އޭނާ އަމިއްލައަށް ވެއްޓި ގަނެ ކުޅުނު ޑްރާމާ ފުރިހަމަ ކުރަނީއެވެ. ފަހަރެއްގައިވެސް އަޔާންއަށް އޭނާއަކީ ކާކު ކަމެއް އިނގޭކަށް އޭނާ ބޭނުމެއްނުވެއެވެ. އަދި މިހާރު އަޔާން ނުހާއާ ދޭތެރޭގައި ދެކޭ ގޮތް ހަމަ ރަނގަޅަށްވެސް ނުހާއަށް އެނގިއްޖެއެވެ.
“އަޔާން..އަހަރެން މިތަނަށް އައީ ކިހިނެއްތަ؟” ނުހާ އަކީ ހަމަ ކުޅަދާނަ އެކްޓަރެކެވެ. މޫނު މަތިން ހައިރާންވެފައި ހުރިކަން ދައްކަމުން ނުހާ އުޅުނީ އެނދުން ތެދުވާށެވެ. އެވަގުތު އަޔާން އެކަން މަނާ ކުރިއެވެ.
“މަޑުކުރޭ…..އެބަ އަންނަން.” އަޔާން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. އެމަންޒަރު ބަލަން އިން ނުހާ އަޔާން އަށް ފަރުވާތެރިކަމާއެކު ބަލަމުންދެއެވެ. ފުރަތަމަ ފަހަރަށް އަޔާންގެ ފިރިހެންވަންތަ ކަމާމެދު އޭނައަށް ވިސްނާލެވުނެވެ. އަޔާންގެ ދިގު އިސްކޮޅާއި ފިރިހެންވަންތަ ހަށިގަނޑު ބަލާ ފޫހި ނުވެއެވެ. ލައިގެން ހުރި ސްލިމްފިޓް ޓީޝާޓް އަޔާންއާއި ނުލާހިކު ގުޅެއެވެ.
“ވާއު..” ނުހާއަށް ވައި އަޑުން ބުނެލެވުނެވެ. ނަމަވެސް ހަމަ އެސިކުންތުގައި ނުހާގެ ފިނިފެންމަލެއް ފަދަ ތާޒާ މޫނު އުދާސްވެއްޖެއެވެ. ނުހާއަށް އޭނާގެ ފެންވަރާއި މެދު ވިސްނާލެވުނީމައެވެ. ދުވަހަކު މިހެން ނުހާއަކަށް ނުވެއެވެ. ޖެހުނުހާ ފިރިހެނެއްގެ ތަންމަތި ފަޅުފިލުވާ ދެމުންދާއިރު ނުހާ އެކަން ކުރަނީ ހިތްހަމަ ޖެހިފައި ހުރެގެންނެވެ.
ދޮރު ހުޅުވާލާފައި އަޔާން ކޮޓަރިތެރެއަށް ވަން އަޑަށް ނުހާއަށް އޭނާގެ ޚިޔާލީ ދުނިޔެއިން އެނބުރި އާދެވުނެވެ. ޖޫސްތައްޓެއް ހިފައިގެން އައި އަޔާން ނުހާ ކައިރީގައި އިށީނދެލިއެވެ.
“މި ޖޫސްތަށި ބޯލާ..އޭރުން ދެންވެސް ރަނގަޅުވާނީ.” އަޔާންގެ އޯގާތެރި އަޑު ނުހާގެ ކަންފަތުގައި ހަރުލައިފައިވާ ކަހަލައެވެ.
ނުހާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެފަދަ އަޅާލުމާއި އޯގާތެރިކަމަށް ނުހާ އަދި ވަރަށް އަލެވެ.
“މިއަށް ދަންވަރު އެކަނިމާއެކަނި ނުހާ ކޮންތާކަށް ތިދަނީ؟” އަޔާން ވާހަކަ ދައްކަމުން ދިޔައީ ސީދާ ނުހާގެ ދެލޮލަށް ބަލަން ހުރެއެވެ.
“ނޭނގެ.” ކުރު ޖަވާބެއް ދެމުން ނުހާ އަޔާންގެ އަތުން ޖޫސްތަށި އަތުލަމުން ބޯންފެށިއެވެ.
ނުހާގެ އެހަރަކާތުން އަޔާންއަށް ބޭއިހްތިޔާރުގައި ހީލެވުނެވެ.
“ދެން އަރާމު ކޮށްލާ.. އަހަރެން ސޯފާގައި އޮވެލާނަން.” އެއްނޭވާއިން ނުހާ ޖޫސްތަށި ހުސްކޮށްލުމުން އަޔާން ނުހާގެ ބޮލުގައި ފިރުމާލިއެވެ.
އަޔާންގެ ފިނިފިނި ދެއަތުގެ ބީހުން އިޙްސާސްވުމާއެކު ނުހާގެ ހިތުގައި އުފެދިގެން ދިޔަ އޮއިވަރާއެކު އޭނާއަށް ދެލޯ މަރާލެވުނެވެ.
“މިތާ އެނދުގައި އޮތަސް އަހަރެން އަޔާން ކައެއް ނުލާނަމޭ.” ހިނގަ ހިނގާހުރި އަޔާންގެ އަތުގައި ނުހާ ހިފިއެވެ. އަޔާން އަށް ލިބުނީ ބަޔާން ކުރަން ދަތި އުފަލެކެވެ. ނަމަވެސް އަޔާން ނުހާ ދެކެ ވަނީ ސާފުތާހިރު އެއްވެސް ކިލަނބުކަމެއް ނެތް ލޯތްބެކެވެ. އަޔާންގެ ޖަވާބެއް ނައުމުން ނުހާ އަޔާންގެ އަތުގައި ހިފާ ކުއްލިއެއް ޖަހައިފިއެވެ. ވިސްނާނުލާ ހުރި އަޔާން ނުހާގެ ގައިމައްޗަށް ވެއްޓުނީ އެއްވެސް ހުރަހެއްނެތިއެވެ.
ދެމީހުންގެ ހަތަރު ކަޅި ހަމަވި ވަގުތު އަޔާންއަށް ނުހާ ގެ މޫނުގައި ދެއަތުން ހިފަހައްޓާލެވުނެވެ. އެރީތި މޫނުގައި ބޮސްދޭން އަޔާންގެ ހިތްއެދި ގޮވަމުންދާ ކަހަލެއެވެ. ކަޅިވެސް ޖަހައިނުލާ ނުހާގެ ފުންދެލޮލުގެ ޖާދޫގައި ޖެހިފައި އަޔާން އޮތެވެ.
“އައި ލައިކް ޔޫ.” ނުހާ އަޔާންގެ ކަންފަތް ދޮށުގައި ސިއްރު ސިއްރުން ބުނެލި ޖުމްލައިން އަޔާންއަށް އުފަލުން ނުހާގެ ހަށިގަނޑުގައި އޮޅުލައިގަނެވުނެވެ.
ފުރުސަތުގެ ބޭނުން ހިފަމުން ނުހާ ގެ ދެއަތު ތެރޭގައި އަޔާންގެ ހަށިގަނޑު ހައްޔަރުކޮށްލިއެވެ. އިސާހިތަކު ދެހަށިގަނޑު އެއްހަށިގަނޑަކަށްވެގެން ހިނގައްޖެއެވެ.
އާދުވަހަކަށް ދުނިޔެ މަރުޙަބާ ކިޔައިފިއެވެ. އާސިފް އޮފީހަށް ދިއުމުގެ ކުރިން ފުރަތަމަވެސް ބެލީ އާ އެޕާޓްމަންޓަކަށް ނުހާ ބަދަލު ކުރުމުގެ ކަންތަކެވެ. ހޭލިގޮތަށް ފުރަތަމަވެސް ފޯނު ނަގައި ނަމްބަރަކަށް ޑައިލް ކޮށްލިއެވެ.
“ތޭންކްސް.” އަޅުގަނޑު ޕޭމަންޓް މިފޮނުވާލަނީ.” އާސިފް ހިތްހަމަ ޖެހުމުގެ ނޭވާއެއް ލަމުން ފޯނު ބޭއްވިއެވެ.
“ނީތާ. އަޔާން ހޭލީމަ ބުނޭ ބައްޕަ ބުންޏޭ އޮފީހަށް އައިސްދޭށޭ.” އާސިފް އޮފީހަށް ދާން ނިކުންނަމުން ބަދިގެ ތެރޭގައި މަސައްކަތް ކުރަން ހުރި ނީތާއަށް ބުނެލިއެވެ.
ކުޑަދޮރުން ވަތް ފިނިފިނި ރޯޅިއެއް އަޔާންގެ ފަން އިސްތަށިކޮޅާއި ސަމާސާކޮށްލުމާއެކު އަޔާންއަށް ސިހިފައި ދެލޯ ހުޅުވާލެވުނެވެ. އެންމެ ފުރަތަމަވެސް ބަލައިލެވުނީ ކައިރީގައި ނުހާ އޮތް ތޯއެވެ.
“އަނެއްކާ ކޮންތާކަށްތަ އެދިޔައީ.” އަޔާންއަށް ފުއްމައިގެން ތެދުވެވުނެވެ. ހަމަ އެސިކުންތުގައި އޭނާއަށް ލަދުން އިސްޖަހާލެވުނެވެ. އޭނާގެ ހަށިގަނޑުގައި އެއްވެސް ފޭރާމެއްނެތެވެ. އަވަސްއަވަހަށް ސޯޓް ގަޔަށް ހެޔޮވަރުކޮށްލަމުން އަޔާން ކޮޓަރިން ނިކުތެވެ.
“ހާދަ ބާރަކަށް ތިދުވަނީ. ވެއްޓިދާނެ.” ސިޑިން ދުވަމުން ކަހަލަ ގޮތަކަށް ފައިބައިގެން އަންނަ އަޔާން ފެނުމުން ނީތާއަށް ބުނެވުނެވެ.
“އެއްވެސް މީހެއް ދެކުނިންތަ؟” ސިއްރު ސިއްރުން އަޔާން އެހިއެވެ.
“އެއްވެސް މީހެކޭ. މިގޭގައި އިތުރު މީހެއް ނޫޅޭނު. ބައްޕަ ގޮސްފި އޮފީހަށް. އަޔާން ހޭލީމަ އޮފީހަށް އައިސް ދޭށޭ ވެސް ބުނި. ސައިހަދަންތަ؟ ” ނީތާ ހުރީ އަޔާން އުޅޭ ގޮތުން ހިނިއައިސްފަ އެވެ. ނީތާގެ ލާނެތް ހިނިތުންވުން ފެނިފައި އަޔާންއަށް އޭނާއަށް ބުނެވުނު އެއްޗަކާއި ދޭތެރޭގައި ވިސްނާލެވުނެވެ. ދެކޮނޑު އަރުވާލަމުން ރޭގެ ހާދިސާއާއި މެދު ވިސްނަމުން އަޔާން ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. މިއަދު އަޔާންއަށް ވުރެ ވަކި އުފަލުގައި ހުރި އެކަކުވެސް ނެތެވެ.
“އަބަދު ޗުއްޓީ..ޗުއްޓީ…ޗުއްޓީ މުޅި އުމުރަށް ނަގައިގެން ގޭގައި އޮންނަންވީނު.” ދެޖީބަށް އަތް ޖަހާލައިގެން ހުރެ އޭނާގެ އޮފީހުގެ ބޮސް ބުނަމުން ގެންދިޔަ ހަރުކަށި ބަސްތައް ފާލިހް އަޑުއަހަން ހުރިއިރު ރުޅި ގަދަވެގެން ގޮސް އޭނާއަށް ދަތްކުޑި ވިކާލެވުނެވެ.
“ތިކަހަލަ ސްޓާފުންނަށް އިހްތިރާމް ކުރަން ނޭނގޭ މީހެއް ކައިރީގައި މަސައްކަތް ކުރުމަށްވުރެ ގޭގައި ހުރުންވެސް މާ ރަނގަޅުވާނެ. ރަނގަޅު ވާހަކައެއް ތިނަންގަތީ. ” ފާލިހްގެ އަޑުގައި އެއްވެސް ނުރުހުމެއްނެތެވެ. އޭނާ ބޭނުންވީ އޭނާގެ މަޑުމައިތިރި މިޒާޖުން ބޮސްގެ ދުލުގައި ތަޅުއަޅުވާށެވެ.
“ކަލޭ ހީކުރީ މަސައްކަތް ކުރާނެ މީހުން ނުވެގެން-“
އަތުގެ އިޝާރާތުން އޭނާގެ ބޮސްގެ ޖުމްލަ ފުރިހަމަ ވުމުގެ ކުރިން ހުއްޓާލުމަށް އިޝާރާތް ކުރަމުން ފާލިހް ހިނގައިގަތެވެ. ޒުވާބު ކުރާކަށް އޭނާ ބޭނުމެއްނޫނެވެ. އެކަމަކު ވަޒީފާ ހޯދުމަކީ ދަތި އުނދަގޫކަމެކެވެ. މިއަދު އޭނާ ބަލަން ޖެހޭ އިތުރު މީހެއްވެސް އެބަހުއްޓެވެ. މަންމައާއި ބައްޕަ އަދި ދެކޮއްކޮ އިންޑިޔާގައި ދިރިއުޅުނަސް އެމީހުންނަށްވެސް ބަލަން ޖެހެއެވެ.
މީހުންނަށް ދައްކަން ބޭނުން ނުވިޔަސް އޭނާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފެންނަން ހުއްޓެވެ.
އޮފީހުން ނިކުމެ ފޯނު ނަގައި ފުރަތަމަވެސް ޑައިލް ކޮށްލީ އަޔާންގެ ނަމްބަރަށެވެ. ހިތްހަމަ ޖައްސާލާ ޚިޔާލު ބަދަލުކޮށްލުމަށެވެ.
“ކީކޭ ބްރޯ.” އަޔާންގެ އަޑުގައި ހުރި އުފާވެރިކަން ފާލިހް އަށްވެސް ފާހަގަވިއެވެ.
އައި ނީޑް ޓް ޓޯކް. ލެޓްސް ކޮފީ.” ހުރިހާ ވާހަކަތަކެއް ފޯނުން ދައްކަން ފާލިހް ބޭނުން ނުވިއެވެ. ސިޓްރަންގައި އަޔާންއަށް އިންތިޒާރު ކުރާނެ ވާހަކަ ބުނަމުން ފާލިހް ފޯނު ބޭއްވިއެވެ.
ހެނދުނުގެ ހޫނުން މުޅި ދުނިޔެ އަނދަމުން ދާކަހަލައެވެ. މަގުމަތީގައި ދުއްވާ އެއްޗެހި ގިނަކަމުން އަޔާންހުރީ ފާޑަކަށް ރުޅި އައިސްފަ އެވެ. އަދި އެހާ ހޫނެވެ.
“ބަލައިގެން ދުއްވާކަށް ނޭނގޭތަ؟” ނުބަލާ ގޯޅި އަޅާލިތަނާ ކުރިމަތިން މީހަކު ހުރަސްކޮށްލުމުން އަޔާންއަށް ބުރަކި ޖައްސާލެވުނެވެ. ނަމަވެސް އެކުއްޖެއްގެ ގައިގައި މަޑުމަޑުން ނަމަވެސް ސައިކަލްއިން ޖެހުނެވެ.
“ސޮރީ..”
އަޔާންގެ އަޑަށް ބިންމައްޗަށް ވެއްޓިފައި އޮތް ޕާސް ނަގަމުން އެކުއްޖާ އެނބުރި ބަލާލިއެވެ. އޭރު އަޔާންވެސް ހުރީ އެކުއްޖާއަށް ބަލާށެވެ. ދެމީހުންނަށްވެސް ތެޅިގަނެވުނީ އެއްފަހަރާއެވެ.
“އޭ ކާޓޫން. ސޮރީ އަނބުރާ ގެންގޮއްސިން.” މީތަން ފެނިފައި އަޔާން ގެ ހަނދާނަށް އައީ ކުރީ ދުވަހު އޭނާގެ ބޮލަށް ފެންއެތި އޮއްސާލި ދުވަސް މަތިންނެވެ. ހަމަރަނގަޅަށްވެސް އަޔާން އެހުރީ ރުޅި އައިސްފަ އެވެ.
“ތިކަހަލަ މީހުންގެ ފާޑޭ ތީ.” މީތަން މޫނު ކުނި ކޮށްލަމުން ދާން ހިނގައިގަތީ ފަތިވަރެއް ގޮވަމުންނެވެ.
“ކޮން ކަހަލަ މީހުންނެއްތަ؟ ބުނެފަ ދާންވާނީ.” އެއްލި އަތުން މީތަންގެ އަތުގައި އަޔާން ހިފިއެވެ. މީތަން ދެލޯ ބޮޑުކޮށްފައި އަޔާންއަށް ބަލަންފެށިއެވެ. މީތަންގެ އަތުގައި ހިފަން އަޔާން އަށް ކެރުނީތީ މީތަން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މަގުމަތިންދާ މީހުންގެ ނަޒަރު އެދެމީހުންނަށް ހުއްޓިފައި ހުރިތަން ފެނިފައި އަދި ވަކިން ބޮޑަށް މީތަން ހާސްވެއްޖެއެވެ.
“އަޅެ ބުނެބަލަ ކޮންކަހަލަ މީހުންގެ ކޮންކަހަލަ ފާޑެއްތަ؟” އަދިވެސް އަޔާން ހުރީ މީތަންގެ އަތުގައި ހިފަހައްޓައިގެންނެވެ.
“އަޔާން. ދޫކޮށްލާ. މީހުން އެބަ ބަލައޭ.” މީތަން އަޑުގައިވަނީ އާދޭހެވެ. މީތަންގެ އާދޭސްތައް އަޔާން އަށް އަޑުނީވޭ ކަހަލައެވެ. އޭނާ ބޭނުންވީ ކުރީ ދުވަހުގެ ބަދަލު ހިފާށެވެ.
“ސައިކަލަށް އަރާ.” އަޔާންގެ އެޖުމްލައިން މީތަން ހާސްވެއްޖެއެވެ.
“އޮފީހަށްނު ތިދަނީ.” މީތަންގެ އަތަށް ދަމާ ލަމުން އަޔާން ހީލިއެވެ. ހަދާނެގޮތް ހުސްވެފައި ހުރި މީތަން އަދިވެސް ހުރީއެވެ. އެންމެފަހުގެ ހަތިޔާރެއްގެ ގޮތުން މީތަންގެ އަތުގައި އޮތް ޕާސް އަޔާން ޖަހައިގަތެވެ. އެންމެފަހުން މީތަން އަށް ޖެހުނީ ސައިކަލަށް އަރާށެވެ. އަޔާން ގެ ގައިގައި ނުޖެހޭ ހިސާބުގައި މީތަން އިށީނދެލިއެވެ.
“ބާރަށް ހިފަހައްޓާތި. އެހެންނޫނީ ތިކާޓޫނު ވެއްޓި ރޫޅިދާނެ.” މީތަން އާއި އަޔާން ދިމާކޮށްލިއެވެ.
“މީތު މީ ކާޓޫނެއް ނޫން އިނގޭ.” މީތަން ރުޅިއައުމުން އަޔާން އަށް ލިބުނު ހިތްހަމަ ޖެހުމުގައި ސައިކަލް ދުއްވާލިއެވެ
މީތަން އާއި އަޔާންގެ ކުޅިވަރު ބަލަން ބެލްކަނީގައި ހުރި ނުހާ މޫނު ކުނި ކޮށްލިއެވެ. އެމަންޒަރު ބަލަން އޭނާ ހުންނަތާ ލައްކަ އިރުވެއްޖެއެވެ. އޮފީސް ގަޑީގައި މީތަން އެއައީ އާސިފް ފޮނުވައިގެން ނުހާގެ ގެއަށް ސިޓީ އުރައެއް ހިފައިގެންނެވެ.
މީތަން އާއި އަޔާން އެކުގައި ފެނުމުން ނުހާ އަކަށް ހިތްހަމައެއް ނުޖެހެވުނެވެ. ބެލްކަނީގެ ދޮރު ލައްޕާލަމުން އޭނާގެ އާ އެޕާޓްމަންޓް ހަމައަކަށް އެޅުވުމުގެ މަސައްކަތް ނުހާ ފެށިއެވެ.
އާޓިފިޝަލް ބީޗް ކައިރިއަށް ސައިކަލް މަޑުކޮށްލުމުން މީތަން ވަށައިގެން ހޯދަން ފެށިއެވެ.
“އޮފީސް ހުންނަނީ މާފަންނުގައެއްނު. މީ ކޮން ހިސާބެއް؟” ސައިކަލުން ފައިބަމުން މީތަން އަހާލިއެވެ.
“ގޮސް އެތާގައި އިށީނދެބަލަ.” އެއްފަރާތެއްގައި ހުރި ކުޑަ ފާރުބުރި އަށް އިޝާރާތް ކުރަމުން އަޔާން ބުނެލިއެވެ. ހިނިގަނޑު ކޮންޓްރޯލް ކޮށްގެން އަޔާންއަށް ހުރެވެނީ ހަމަކިރިޔާއެވެ. ބަސްއަހާ ކުޑަ ކުއްޖެއް ފަދައިން މީތަން ގޮސްއިށީނެވެ.
“ޕާސް ދޭނަން އިނގޭ ފަހުން. ދެން ހިނގާލާފަ ދޭ އޮފީހަށް.” އަޔާން ބާރަށް ހީގަންނަމުން ސައިކަލް ދުއްވާލިއެވެ. އަޔާން އަށް މީތަން ބާރަށް ގޮވާލި އަޑުވެސް އިވުނެވެ. ނަމަވެސް އެސްފިޔަ ޖަހާލާހާ އަވަހަށް އަޔާން ސައިކަލްގައި ގޮސް އޮބާލައިފިއެވެ.
އަޔާންއަށް ސިޓްރަން އިންނަ ހިސާބަށް ދެވުނުއިރު ފާލިހް އިނީ ނިކުމެ ބޭރުގައެވެ. ޕާކްކޮށްފައި ހުރި ސައިކަލެއްގެ މަތީގައެވެ.
“ލަސްވެއްޖެ ދޯ.” ސައިކަލް މަޑުކޮށްލަމުން އަޔާން އަހާލިއެވެ.
“މިހާރު އަންހެން ކުދިންގެ ޕާސް ވެސް ހިފައިގެންތަ އުޅެނީ.” ޖަވާބު ދިނުމުގެ ބަދަލުގައި ފާލިހްވެސް ކޮށްލީ ސުވާލެކެވެ. އަޔާން ހީގަންނަމުން ދެފަރާތަށް ބޯ ހޫރާލިއެވެ.
“އައި ލޮސްޓް މައި ޖޮބް.” ފާލިހްގެ އަޑުން އަޔާންގެ މޫޑް ބަދަލުވެގެން ދިޔައެވެ. ވީގޮތް ފާލިހް އޮޅުންފިލުވައިދިނެވެ. ފުންނޭވާއެއް ދޫކޮށްލަމުން އެއްޗެއް ބުނަން އަޔާން އަނގަ ހުޅުވާލިތަނާ ފާލިހްގެ ފުރަގަހުގައި ހުރި އާސިފް ފެނުމުން އަޔާން ހިމޭންވިއެވެ.
“ހަ އަހަރު އެމީހުން ކައިރީގައި އެހާ ތެދުވެރިކޮށް މަސައްކަތް ކުރީމަވެސް މިއަދު އެތަން ފެންނާކަށް ނެތެއްނު.” ފާލިހް އަތުގައި އޮތް ސިނގެރެޓްބުރި ތުބުގައި ޖަހާ ދަމާލިއެވެ.
“ވައި ޑޯންޓް ޔޫ ޖޮއިން އަޒް.” އާސިފްގެ އަޑުން ފާލިހް ކޮށިއަރައިގަތެވެ. އޭރު އިތުރު ދެމީހަކާއެކު އާސިފް ހެވިފައި ހުރެގެން އެމީހުންނާއި ދިމާއަށް އަންނަނީއެވެ.
“ޑޭޑް. މިތާގައި ކީއްކުރަނީ.” އަޔާން އަވަސް އަވަހަށް އަހާލިއެވެ.
“ބިޒްނަސް މީޓިންއެއް.” ފާލިހްގެ ކޮނޑުގައި އާސިފް ހިފަހައްޓާލަމުން އަޔާން އަށް ޖަވާބުދިނެވެ.
“މާދަން ހެނދުނު ނުވައެއް ޖަހާއިރަށް އޮފީހަށް އަންނާތި.” އާސިފްގެ އަމުރުވެރި ރާނގުން ފާލިހްއަށް ހުރެވުނީ ހިމޭންވެފައެވެ. ޝުކުރު އަދާކުރަންވެސް ހަނދާންނެތިފައެވެ.
“ގުޑް ލަކް މޭން.” އާސިފް ދާތަން ބަލަންހުރި ފާލިހްގެ ކޮނޑުގައި ހިފައިގަންނަމުން އަޔާން އުފަލުން ބުނެލިއެވެ. ލިބުނު ނަސީބާއި މެދު ފާލިހް ޝުކުރުކުރިއެވެ.
“ގެސް ވަޓް.” އަޔާން އެއް ލޯ މަރާލަމުން އެނބުރިގަތެވެ. އުފަލުންނެވެ.
“ނުހާ އާ ދިމާވީތަ؟” ފާލިހްއަށް ހީވީ ހަމަރަނގަޅަށެވެ.
“ހަމައެކަނި ދިމާވީ އެއްވެސް ނޫން. ވީ ބޯތު ހެޑްއަ ގްރޭޓް ޓައިމް. ނުހާ ހުރީ ވެސް ރޭގައި އަހަރުމެން ގޭގައި. ޝީ ލައިކްސް މީ ޓޫ.” އަޔާންގެ ވާހަކައިން ފާލިހް އެހާ އުފާވި ހެނެއް ހީއެއްނުވެއެވެ. އެހާ އަވަހަށް އެހާ ހިސާބަށް ދާނެބާއޭ ފާލިހްގެ ހިތަށް އެރިއެވެ.
“އަންނަންވީނު ނުހާ ގޮވައިގެން އަހަރެމެން ގެޔަށް. އަހަރެމެންނާއިވެސް ރައްޓެހިކޮށްދޭން ވާނު.” ފުން ވިސްނުމެއްގައި ހުރެ ފާލިހް ބުނެލިއެވެ.
“ސޫން ބްރޯ. އަދި މިއަދު އެމަންޖެގަނޑު ލޮލުންވެސް ނުދެކެން. ހިނގާބަލަ އޮފީހާއި ދިމާއަށް.” އަޔާން ސައިކަލްއަށް އެރިއެވެ.
“އަޔާން ދޭ. މަ އަންނާނަން ގެޔަށް ގޮސްލާފައި.. މިހާރު މަލަކާ ހުންނާނެ ހާސްވެފައި..” ފާލިހްގެ ވެސް ސައިކަލަށް އެރިއެވެ. ބޯ ޖަހައިލަމުން އަޔާން ދުއްވާލިއެވެ.
އޮފީސްތެރޭގައި އެއްވެސް މީހެއްގެ ހިލަމެއްނެތެވެ. ހަމަ ހިމޭންކަން ރަސްކަން ކުރަމުންދާ އެތަނުން އިވޭހާވެސް އަޑަކީ އަޔާން ގެ ބޫޓްގެ ފިޔަވަޅު އަޑެވެ. ނުހާ ފެނޭ ތޯ އެންމެ ފުރަތަމަވެސް އަޔާން އޭނާގެ ބައްޕަގެ ކެބިން ހުޅުވާލިއެވެ. އެއްވެސް މީހެއްގެ އިޝާރާތެއް ނުވުމުން ނުހާ ގެ މޭޒު ކައިރީގައި ހުރި ގޮނޑި ދަމާލަމުން އިށީނދެލިއެވެ. އަތުގައި އޮތް މީތަންގެ ޕާސް ހުޅުވާލުމާއެކު އަޔާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


Yaaaayyyy…. i am first…. eethan and ayan loabivaane hen hyvey….. anyway.. maashallah vvvvvv reethi…
Den e ayan ziney kuryma v hadi
V v rythi..
Ya .ayan ula vatara…
nuha ge hageega fala aruvan a….