ކުރިން ވިސްނުނުނަމަ…
އިރު އޮއްސޭ މަންޒަރާއި އިރު އަރާ މަންޒަރަކީ ޤުދުރަތީ އަޖައިބުތަކުގެ ތެރެއިންވެސް ވަކިން ޚާއްސަކޮށް ފާހަގަކުރެވޭ ދެކަމެކެވެ. އިރު އަރާ ވަގުތާއި އިރު އޮއްސޭ ވަގުތު ދުނިޔެމައްޗަށް އަރަމުން އެދާ ހިތްގައިމު ކުލަތަކަކީ ކުރެހުންތަކަކުން ނުވަތަ ޅެންވެރިންގެ ފަށުވި އިބާރާތްތަކަކުން ސިފަކުރެވޭ ވަރަށްވުރެ މާ ފުރިހަމަ މަންޒަރުތަކެކެވެ. އެ ހިތްގައިމު މަންޒަރުތަކުން ހިތަށް ހަމަޖެހުން ހޯދާ މީހުން ވަރަށްވެސް ގިނައެވެ. އަހަރެންނަކީވެސް ޤުދުރަތުގެ އެ ހިތްގައިމު މަންޒަރުތަކުން ހިތަށް ހަމަޖެހުން ހޯދަމުންދާ މީހަކީމެވެ.
އަހަރެން އިރު އަރާ މަންޒަރާއި އިރު އޮއްސޭ މަންޒަރު ބަލަން ދަނީ ހަމައެކަނި އެ ހިތްގައިމު މަންޒަރުތަކުން ހިތަށް ލިބޭ ހަމަޖެހުން ލިބޭތީއެއް ނޫނެވެ. އެފަދަ ހިތްގައިމު މަންޒިލެއްގައި އަރާމު ވަގުތެއްގައި އެކަނިމާއެކަނި އިނދެ އަމިއްލަ ދިރިއުޅުމާއިމެދު ވިސްނާލުމުން ލިބޭ ހިތްހަމަޖެހުމަކީވެސް އަހަރެން އެ ވަގުތުތަކުގައި އަހަރެން އަތިރިމައްޗަށްދާ ސަބަބެކެވެ.
އަހަރެންގެ އުމުރުން ތިރީސް އަހަރު ވީއެވެ. ތިން ކައިވެނިކޮށް ދެ ބަނޑަށް ދެ ދަރިން އެބަ ތިއްބެވެ. އަހަރެންގެ މިހާރުގެ އަނބިމީހާ އާނާ މިހާރުވެސް އިނީ އަހަރެންގެ ދަރިއަކަށް ބަލިވެއެވެ. އާނާގެ ބަނޑަށް ހަތް މަހެވެ. ދުވަސްކޮޅަކުން އަހަރެންގެ ދަރިންގެ ލިސްޓަށް ދަރިއަކު އިތުރުވާނެއެވެ. އަހަރެންގެ ފިކުރު ބޮޑުވާ ސަބަބަކީވެސް އެއީއެވެ. ކައިވެނި ދެމެހެއްޓޭގޮތް ނުވާތީއެވެ. ކުދިކުދި މައްސަލަތައް ބޮޑުވެ، ހައްލުނުވެގެން ކައިވެނީގެ ގުޅުން ކުރިއަށް ނުގެންދެވި ދެ މީހުން ވަކިވާން ޖެހޭތީއެވެ. އަހަރެންގެ ކުރީގެ ދެ ކައިވެނި ރޫޅުނު ގޮތަށް އަހަރެންގެ ތިންވަނަ ކައިވެނިވެސް ރޫޅިދާނެކަމުގެ ބިރުވެރިކަން އޮތީއެވެ. ނަމަވެސް އަހަރެން އުއްމީދުކުރަނީ އަހަރެންގެ މި ކައިވެނި އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ދެމެހެއްޓޭނެ ކަމަށެވެ.
*****
އަހަރެންގެ ފުރަތަމަ ކައިވެނި އަހަރެން ކުރީ އަހަރެންގެ އުމުރުން ވިހި އަހަރުގައެވެ. އަހަރެންގެ އާއިލާގެ މީހުންނާއި ގާތް ރައްޓެހިންވެސް އަހަރެންގެ އެ ކައިވެންޏަށް ނުޤަބޫލުވިއެވެ. ކައިވެނި ކުރަން އަދި އަވަސްކަމަށް ބުންޏެވެ. ކައިވެންޏަކީ ވަރަށް މާތް މަޤުސަދެއްގައި ކުރެވޭ ޒިންމާ ބޮޑު މަސްއޫލިއްޔަތެއްކަމަށް ވިސްނައިދީ ނަޞޭޙަތްތެރިވިއެވެ. ނަމަވެސް އަހަރެން އޭރު އެއިން އެއްވެސް ވާހަކައެއް އަޑެއް ނޭހީމެވެ. އޭގެ ނަތީޖާވެސް ވަރަށް ހިއްޗެވެ.
އަހަރެންގެ ފުރަތަމަ އަނބި ރީނާއާއި ކައިވެނިކުރީ އޭނާދެކެ ވެވުނު ލޯތްބެއްގެ ސަބަބުންނެވެ. އަހަރެން އޭނާދެކެ އިންތިހާއަށް ލޯބިވީމެވެ. އޭނާ އަހަރެންނާއިމެދު ކަންތައް ކުރަމުންދިޔަ ގޮތުން އޭނާވެސް އަހަރެންދެކެ ލޯބިވާކަމަށް އަހަރެންނަށް ޤަބޫލުކުރެވުނެވެ. ނަމަވެސް އެކަން ދެމިއޮތީ ކުޑަ ދުވަސްކޮޅަކުއެވެ. ރީނާ ބަލިވެ އިނުމާއިއެކު އަހަރެންނަށް އޭނާގެ ޙަޤީޤީ ކުލަވަރު ފެންނަން ފެށިއެވެ. އަހަރެންގެ ކުރިމަތީ އަދަބެއް ނެތި ބަސްބުނުން ވެގެން ދިޔައީ އަހަރެންނަށް ބަލައިނުގަނެވުނު ސިފައަކަށެވެ. އޭނާއަށް އަހަރެންގެ ހަށިގަނޑުގައި ހިނގަމުންދިޔަ ޒުވާންކަމުގެ ހޫނު ލޭ ފިނިކޮށްނުދެވުން ވެގެން ދިޔައީ އަހަރެން އޭނާގެ މަތިން ފޫހިވާން މެދުވެރިވި ސަބަބަކަށެވެ. އެކަމުގެ ސަބަބުން ކައިވެނީގެ އެންމެ މުހިންމު އެއް މަޤުސަދު ކަމަށްވާ ފާހިޝް ޢަމަލުތަކުން ރައްކާތެރިވުން އަހަރެންގެ ސިކުނޑީގައި ޓަކިޖަހަން ފެށިއެވެ. އެފަދަ ފާހިޝް ޢަމަލަކަށް އަރައިގަނެވިދާނެކަމުގެ ބިރު ހިތުގައި އުފެދުމާއެކު އަހަރެން ރީނާއާއި އެވާހަކަ ދެއްކީމެވެ. ރީނާއަށް އެކަމަށް ހައްލެއް ހޯދައިނުދެވޭނެނަމަ އަހަރެން ދެއަނތްބަށް މީހަކާއި އިންނަން ބޭނުންކަމަށް ބުނީމެވެ. އޭގެ ބަދަލުގައި ރީނާ އެދުނީ ވަރިއަށެވެ. ދެއަނތްބަށް އިނދެގެން އުޅެން ބޭނުން ނުވީއެވެ. އަހަރެންވެސް އަމިއްލަ ނަފުސަށް އަނިޔާވެރިވެ ފާފައިން ސަލާމަތްވުމަށް ރީނާ ވަރިކުރީމެވެ. އަދި އޭގެ ތިން މަހެއްހާ ދުވަސް ފަހުން އަހަރެންގެ ދެވަނަ ކައިވެނި ކުރީމެވެ.
އަހަރެންގެ ދެވަނަ އަނބި ނީޒާއާއި ކައިވެނި ކުރިއިރު އަހަރެންގެ އަލަތު ދަރިފުޅަށް އެއް އަހަރެވެ. ނީޒާއަށް އަހަރެންގެ ކުރީގެ ދިރިއުޅުން ވަރަށް ރަނގަޅަށް ކިޔައިދިނީމެވެ. އަހަރެންގެ ދަރިފުޅަށް ޚަރަދު ދީ ދަރިފުޅުގެ ގާތަށް ގޮސް ހަދާނެކަމަށް ނީޒާއާއި އިނުމުގެ ކުރިން އަހަރެން ބުނީމެވެ. އެކަމަށް ހުރަސް އަޅަން މަސައްކަތްކޮށްގެން ނުވާނެކަމަށް އަހަރެން ނީޒާ ގާތުގައި ބުނީމެވެ. ނީޒާ އަހަރެންނާއި ކައިވެނި ކުރީ އެކަމަށް އެއްބަސްވެފައެވެ. ނަމަވެސް އެ ކައިވެނިވެސް ދެމެހެއްޓޭ ގޮތެއް ނުވިއެވެ. ނީޒާއަށް އަހަރެންގެ ދަރިފުޅު ގާތަށް ދާތީ ޝައްކު ކުރެވެނީއެވެ. އަހަރެން ކުރިއެކޭ އެއްގޮތަށް ރީނާދެކެ ލޯބިވާކަމަށް އޭނާއަށް ޤަބޫލުކުރެވެނީއެވެ. ޝައްކުގެ މަތީގައިވާ ކައިވެންޏެއް ދެމެހެއްޓޭނެ ގޮތެއް ނޯންނާނެކަން އަހަރެންނަށް ވިސްނުނެވެ. އެހެންކަމުން އަހަރެން އެ ކައިވެންޏަށް ދަރިއަކު ލިބުމުގެ ކުރިން ކައިވެނި ރޫޅާލީމެވެ. ދެމީހުން ވާހަކަ ދައްކައިގެން ރީތި ގޮތުގައެވެ.
ނީޒާއާއި ދުރުވުމަށްފަހު އަހަރެން ކައިވެނީގެ ޚިޔާލުތަކުން ކުޑަކޮށް އެއްފަރާތް ވެލީމެވެ. ރައްޓެހިންނާއެކު މަޖަލުގައި އުޅެވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް ކާމިޔާބެއް ނުލިބުނެވެ. އަހަރެންގެ ބައެއް ރައްޓެހިން ސަމާސާއަކަށް ހަދާފައި އަހަރެންގެ ކައިވެނިތަކާއި ގުޅުވައިގެން ބުނެލާ ދެރަ ބަސްބަހަކީ އަހަރެންނަށް ހަޖަމުކުރަން ދަތިވި ކަމަކަށްވިއެވެ. އެކަމުގެ ސަބަބުން އަހަރެންނާއި ރައްޓެހިންނާއި ދެމެދު ދެބަސްވުން އުފެދި، އަހަރެން އަމިއްލައަށް އެމީހުންނާއި ދުރުވީއެވެ. އެއީ ޙަޤީޤީ ރައްޓެހިން ކަމަކަށް އަހަރެން ޤަބޫލެއް ނުކުރަމެވެ. އެހެން ނޫންނަމަ އަހަރެންގެ ދިރިއުޅުން އަޑިގަނޑަކަށް ވެއްޓުނު ވަގުތު ދެރަ ބަސް ބުނެ އަހަރެން ބަލިކަށިކޮށް ނުލީހެވެ.
އަހަރެންގެ ރައްޓެހިންނެކޭ އެއްގޮތަށް އާއިލާގެ ފަރާތުންވެސް އަހަރެންނަކަށް މާބޮޑު އެއްބާރުލުމެއް އެ ދުވަސްތަކުގައެއް ނުލިބުނެވެ. މަންމަގެ ފަރާތުން އަބަދު އިވޭ ނުރުހުމުގެ ބަސްތަކާއި އާއިލާގެ އެހެން ބައެއް މެންބަރުންގެ ފަރާތުން އިވޭ މަލާމާތުގެ ބަސްތަކުގެ ސަބަބުން އަހަރެން ދުނިޔެމަތިން ފޫހިވާގޮތްވިއެވެ. އާއިލާގައި އަހަރެންނަށް ރަޙުމުކުރާ އެކަކުވެސް ނެތޭ އަހަރެންގެ ހިތަށް އެރި ނަމަވެސް އެއީ އަހަރެންނަށް ކުރެވުނު ކުށްހީއެއްކަން އަހަރެންގެ އެއްބަނޑު އެއްބަފާ ދައްތަ، ޢައިޝާއާއި އޭނާގެ ފިރިމީހާ ހުޝާމް ސާބިތުކޮށްދިނެވެ. އޭގެ ދެމަފިރިން އަހަރެން ބަލިކަށިވި ކޮންމެ ވަގުތެއްގައި އަހަރެންނަށް އަޅާލައި އޯގާތެރިވިއެވެ. ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް ހިތްވަރު ދިނެވެ.
ފަސް އަހަރުވަންދެން ހުސްހަށިބަޔަށް ހުރުމަށްފަހު އަހަރެން އާނާއާއި ކައިވެނި ކުރީ ދޮންތައާއި ހުޝާމް ދިން ހިތްވަރާއި ނަޞޭޙަތުގައި ހިފައިގެންނެވެ. އާނާއަކީ ހުޝާމްގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. އާނާ އަހަރެންނަށް ކަޅި އުކާތާ އެތައް ދުވަހެއް ވެއްޖެކަމަށް ހުޝާމް ބުނުމުން އަހަރެންނަށް ޤަބޫލުކުރަން ދަތިވިއެވެ. އާދަވެ މަދުވެގެން ހަފުތާއަކު އެއްފަހަރު އާނާ ފެންނައިރުވެސް އާނާގެ ފަރާތުން އެފަދަ އެއްވެސް އިޝާރާތެއް ލިބިފައި ނުވާތީއެވެ. ނުވަތަ އެފަދަ އިޝާރާތެއް ލިބޭކަން އަހަރެންނަށް ފާހަގަ ނުކުރެވުނީކަމަށްވެސް ވެދާނެއެވެ. ހުޝާމްއާއި ދޮންތަގެ ނަޞޭޙަތް ޤަބޫލުކޮށްގެން އާނާއާއި ކައިވެނި ކުރެވުނީތީ އަހަރެން އުފާވިއެވެ. އާނާގެ ފަރާތުން އަހަރެންގެ ހިތް ފުރި ބަންޑުންވާހާ ލޯތްބާއި އޯގާތެރިކަން ލިބުނެވެ.
ކައިވެންޏަށް އަހަރު ވީއިރު އާނާ އިނީ އަހަރެންގެ ދަރިއަކަށް ބަލިވެއެވެ. އަހަރެންނާއި އަހަރެންގެ މުޅި އާއިލާ އެކުގައި އުފާ ފާޅުކުރިއިރު އަހަރެންގެ އިތުރު ދަރިއަކު ހުރިކަން ހަނދާން ހުންނާނެކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ. ނަމަވެސް ދޮންތަ އަހަރެންގެ ދޮށީ ދަރިފުޅުގެ ވާހަކަ އެހުމުން އަހަރެން ވަރަށް އުފާވިއެވެ. އާނާވެސް އަހަރެން ދަރިފުޅާއި ބައްދަލުކުރަން އެގެއަށް ދިއުމަކަށް ހުރަހެއް ނާޅައެވެ. އޭނާ އުފަލާއިއެކު އަހަރެންނަށް އެކަމަށް ފުރުޞަތު ފަހިކޮށްދެމުން ދިޔައެވެ. އަހަރެންގެ ހިތް އާނާއަށްޓަކައި ލޯބިން ފުރުނެވެ. ކައިވެނި ރޫޅިފައިވާ ކޮންމެ ފިރިހެނަކަށްވެސް އާނާފަދަ އަނތްބަކު ލިބުމަށް އެދި ހިތާހިތުން ދުޢާކޮށްލެވުނެވެ.
އާނާއާއި އަހަރެންގެ ފުރަތަމަ ދަރިފުޅު ވިހެއި އިރުވެސް މަންމަގެ ހިތް އަހަރެންގެ މައްޗަށް މާ ރަނގަޅު ކަމަކަށް ފާހަގައެއް ނުކުރެވެއެވެ. އާނާގެ ކުރިމަތީގައި މަންމަ ކޮންމެވެސް ވަރަކަށް އަހަރެންނާއި ވާހަކަދެއްކި ނަމަވެސް އާނާ ނެތްނަމަ އަހަރެންނާއި ދިމާއަށް ބަލާވެސްނުލައެވެ. އާނާގެ ކުރިމަތީގައި މަންމަ އަހަރެންނާއި ވާހަކަދެއްކި ނަމަވެސް މަންމަގެ މޫނުމަތިން ނުރުހުން ނޫން އެއްޗެއް އަހަރެންނަކަށް ނުފެނެއެވެ. ސަބަބަކަށްވީ މަންމަމެންގެ ނުޤަބޫލުގައި އެހާ ޅަ އުމުރުގައި ޒަވާޖީ ޙަޔާތެއް ފެށުމެވެ.
މަންމަގެ އެ ދުރުކަމުން އަހަރެންގެ ހިތަށް އެތައް ވޭންތަކެއް ލިބެއެވެ. މަންމަ އަހަރެންގެ ގައިގައި ލޯބިން ފިރުމި ދުވަސްތައް ހަނދާންވުމުން ލޮލުން ކަރުނަ ހިލެއެވެ. އެ އޯގާތެރިވި ލޯބިވެތި ފިރުމުންތަކަށް އަދިވެސް އަހަރެންގެ ހިތް އެދެއެވެ. ނަމަވެސް އެއީ އަހަރެންގެ މުޅި އުމުރުގައިވެސް ދެން ވާނެ ކަމެއްހެނެއް ހިއެއް ނުވެއެވެ. އަހަރެންދެކެ މަންމަ ހިތްހަމަ ނުޖެހިފައި ހުރިނަމަވެސް އާނާއާއި އަހަރެންގެ ކައިވެންޏާއިމެދު މަންމަ ނުހަނު ޤަބޫލެވެ. އެކަން އަހަރެންނަށް ޔަޤީންވަނީ މަންމަ އާނާއާއިމެދު ކަންތައްކުރާ ގޮތުންނެވެ. މަންމަ އާނާއާއި ދޭތެރޭ ކަންތައް ކުރަނީ ކުރީގައި މަންމަ އަހަރެންނާއި ދޭތެރޭ ކަންތައްކުރި ގޮތަށެވެ. އެހާ ލޯބިންނެވެ. އަހަރެމެންގެ ކައިވެންޏާއި ދޭތެރޭ މަންމަ ހިތްހަމަނުޖެހޭނަމަ މަންމަ އާނާއަކަށް ޅީދަރިއެއްގެ މަޤާމުގެ ބަދަލުގައި ދަރިއެއްގެ މަޤާމެއް ނުދިނީހެވެ.
އަހަރެން އާނާއާއި ކައިވެނި ކުރުމަށްފަހު އަހަރެންގެ ކައިވެނީގައި ބޮޑެތި މައްސަލަތަކެއް ނުޖެހެއެވެ. ކުދިކުދި މައްސަލަތައް ހައްލުކުރެވެއެވެ. މައްސަލަތައް ހައްލުކުރުމަށް އާނާ އިސްނެގުން އެއީ މި ކައިވެނި ދެމެހެއްޓުމުގެ ހަމައެކަނި ސަބަބޭ ބުނެވޭނެ ޖާގައެއް ނެތެވެ. އަހަރެންގެ ކުރީގެ ކައިވެނިތަކުގައިވެސް އެކަން އެގޮތަށް ހިނގިއެވެ. ނަމަވެސް މައްސަލަ ހައްލުނުވެ އެއް މައްސަލައެއްގެ ތެރެއިން އަނެއް މައްސަލަ ނުކުމެ ކުރިލައި ހެދެއެވެ. އެހެންކަމުން އަހަރެންގެ ކުރީގެ ކައިވެނިތަކުގައި ރެނދުލައި ހަމަޖެހުމެއް ނުލިބިގެން އުޅުނު ސަބަބަކީ މަންމަގެ ރުހުން ނުލިބުންކަމަށް އަހަރެންނަށް ޤަބޫލުކުރެވުނެވެ. މަންމަގެ ރުހުމާއި ނުލާ ކުރާ ކަންކަމުގައި ބަރަކާތެއް ނުލައްވާނެޔޭ ބުނާ ވާހަކަ އަހަރެންނަށް ޤަބޫލުކުރެވުނެވެ.
*****
އަހަރެންނަށް ޚިޔާލުތަކުން ބޭރުވެވުނީ އަހަރެންގެ ކޮނޑުގައި މީހަކު އަތް ބާއްވާލުމުންނެވެ. އަހަރެންނަށް ސިހިފައި ބަލާލެވުނު އިރު ކައިރީގައި ހުރީ ހުޝާމްއެވެ. އަހަރެންގެ ދިރިއުޅުމުގެ އެންމެ ދަތި ދުވަސްތަކުގައި އަހަރެންނަށް އެހީތެރިވި އަހަރެންގެ ޙަޤީޤީ ރަޙުމަތްތެރިޔާއެވެ. އަހަރެންގެ ދޮންތަގެ ފިރިމީހާއެވެ.
“ކޮން ފިކުރެއްގައި؟” ހުޝާމް އަހާލިއެވެ.
“މި ދެން ދިރިއުޅުމާއި ދޭތެރޭ ވިސްނާލަނީ..” އަހަރެން ބުނެލީމެވެ.
“ކިހިނެއްވީ؟ އަނެއްކާ އާނާއާއި ދެކުދިން މައްސަލައެއް ޖެހުނީތަ؟” ހުޝާމް ކަންބޮޑުވެފައި އަހާލިއެވެ.
“ނޫނޭ.. މާޒީއާއި މިހާރުގެ ދިރިއުޅުމާއި އަޅާކިޔާލެވުނީ..” އަހަރެން އެއްވެސް ފޮރުވުމެއްނެތި ކިޔައިދިނީމެވެ. ހުޝާމްއަކީ އަހަރެންނަށްވުރެ ފަސް ވަރަކަށް އަހަރު ދޮށީ މީހަކަށްވީ ނަމަވެސް އަހަރެންނަށް އޭނާއާއި އެއްވެސް ކަމެއް ހިއްސާކުރާކަށް އުނދަގުލެއް ނޫނެވެ. އޭނާ އަހަރެންގެ އިހުސާސްތައް ދަނެ އިޙުތިރާމު ކުރާތީއެވެ.
“މާޒީއާއި ދޭތެރޭ ނުވިސްނާ.. މާޒީއާއި ދޭތެރޭ ވިސްނަންޏާ ކުރިމަގެއް ނުފެންނާނެ.. ފަސްއެނބުރި ނުބަލާ ކުރިއަށް ދިޔައިމަ އުޖާލާކަން ފެންނާނެ.. އިންޝާ ﷲ!!” ހުޝާމް އަހަރެންނަށް އަބަދުވެސް އެފަދަ ހެޔޮ ނަޞޭޙަތްތައް ދޭނެއެވެ. އަހަރެން ހިނިތުންވެލީމެވެ.
“ހުޝާމް ކީއް ތި ކުރަނީ މިތާ؟” އަހަރެން އަހާލީމެވެ.
“މި ހަމަ ފިނި ބުރެއް ޖަހާލަން ނުކުމެ އުޅެނިކޮށް އަދީލް ފެނިގެން މި އައީ..” ހުޝާމް ހިނިތުންވެލާފައި ބުނެލިއެވެ.
“އެހެންތަ؟ އެކަނި؟” ހުޝާމްއާއެކު އިތުރު މީހަކު ފެންނަން ނެތުމުން އަހަރެން އަހާލީމެވެ.
“އާނ.. ދޮންތަ ވެއްޖެ މަންމައާއެކު ކޮންމެވެސް ގެއަކަށް ގޮސް..” ހުޝާމް މަންމަގެ ވާހަކަ ބުނުމުން އަހަރެންގެ ހިނިތުންވުން ފަނޑުވިއެވެ. ހުޝާމްއަށް އަހަރެންގެ ހިތުގައިވީ އެއްޗެއް އެނގުނު ފަދައެވެ.
“ދެރަނުވޭ.. އިރާދަކުރެއްވިއްޔާ މަންމަ އަދި އަދީލްއާއި ވާހަކަދައްކާނެ.. މަންމަގެ ހިތް އަދީލްއަށް ސާފުވާނެ..” ހުޝާމް އެހެން ބުނިނަމަވެސް އަހަރެން އެވާހަކައެއް ޤަބޫލެއް ނުކުރަމެވެ. މަންމަގެ ހިތް ސާފުވޭތޯ އޭނާ އިންތިޒާރު ކުރާތާ އަށް އަހަރުވީއެވެ. އޭރު ނުވި ކަމެއް ވަކި މިހާރު ވާނެ ހެއްޔެވެ؟
“މަންމަގެ ހިތް އަހަރެންގެ މައްޗަކަށް ހެވެއް ނުވާނެ.. ވާނެނަމަ މިހާ ދުވަސްވީއިރު ވާނެ.. އަހަރެންގެ ދިރިއުޅުމުގައި މަންމަމެންގެ ނުޤަބޫލުގައި ކުރެވުނު އެންމެ ކަމެއްގެ އަދަބު މަންމަ އަބަދު އަހަރެންނަށް އެ ދެނީ.. މީ އިންސާފެއްތަ؟” އަހަރެންގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ.
“ތިހެން ނުބުނޭ.. މަންމައަށް އަދި ވިސްނޭނެ.. އަދީލް އެއްފަހަރުވެސް މަސައްކަތް ކުރިންތަ މަންމަގެ ރުހުން ހޯދަން؟ އަދީލްއަށް މަސައްކަތް ކުރެވުނުނަމަ.. އަހަރެންނަށް ޔަޤީންކަމާއެކު ބުނަން އެނގޭ މަންމަ މިހާރު އަދީލްއަށް މާފުކުރާނެތާ ކިތަންމެ ދުވަހެއް..” ހުޝާމް ވަރަށް ޔަޤީންކަމާއެކު ބުންޏެވެ.
“އަހަރެން މަންމަގެ ރުހުން ލިބޭތޯ މަންމަ ހިތްހަމަޖެހޭނެހާ ގޮތަކަށް ކަންތައް ކުރެވޭތޯ ބަލައިފިން.. އެކަމަކު މަންމަ.. މަންމަ ގޮތް ދުލެއް ނުކުރާނެ..” މަންމަގެ ރުހުން ލިބޭނެކަމާއިމެދު އަހަރެންގެ އުއްމީދެއް ނެތެވެ.
“ތިހާ އަވަހަށް އުއްމީދު ކަނޑާނުލާ.. އަހަރެން ބުނާ ގޮތަށް ކަންތައް ކޮށްބަލަ.. ޔަޤީން މަންމައަކަށް ހިތް ހިލަކޮށްލައިގެން ނުހުރެވޭނެކަން..” ހުޝާމް ޔަޤީންކަމާއެކު ބުނެލިއެވެ.
“އެއީ ކޮން ގޮތެއް؟” އަހަރެންނަށް އަވަސްއަވަހަށް އަހާލެވުނެވެ.
“އަދީލް ގޮސް މަންމަ ގާތުން މާފަށް އެދޭ.. ރޮއި އާދޭސްކުރޭ.. ޔަޤީން، އިސާހިތަކު މަންމަގެ ހިތް މަޑު ކަފަކޮޅަކަށް ވާނެ.. ދަރިންދެކެ ލޯބިވާ މަޔަކަށް ދަރިއަކު މައިމީހާގެ ކުރިމަތީ ރޯތަން ބަލާކަށް ކެތެއް ނުވާނެ..” ހުޝާމް އަހަރެންގެ ކޮނޑުގައި މަޑުމަޑުން ޖަހާލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. އަހަރެންވެސް ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ.
އަހަރެން ގެއަށް ދިޔައިރު މަންމަ ސިޓިންގރޫމުގައި އިނެވެ. ކޮންމެވެސް ފޮތެއް ހިފައިގެން ކިޔާށެވެ. އަހަރެންނަށް ބަލާލާފައި ފަރުވާކުޑަ ގޮތަކަށް މަންމަ ފޮތަށް ބަލާލިއެވެ. އަހަރެންގެ ހިތް ވިރިގެން ފޭބި ކަހަލައެވެ. ހުޝާމް ކުރަން ބުނި ކަންތަކުގެ މަތިން ހަނދާންވުމުން އަހަރެން ވަރަށް ހިތްވަރުކޮށްފައި ގޮސް މަންމަގެ ފައި ކައިރީގައި އިށީނީމެވެ. މަންމަގެ ކަކޫ މަތީގައި އަހަރެންގެ އަތް ބާއްވާލުމުން މަންމަ އަހަރެންނަށް ބަލާލިއެވެ. އަހަރެންނަށްވެސް މަންމައަށް ބަލާލެވުނު ވަގުތު ހަތަރުކަޅި ހަމަވިއެވެ. މަންމަ އަވަސްއަވަހަށް ފޮތަށް ނަޒަރު ހުއްޓާލީ އަހަރެންގެ ލޮލުން ފެނުނު ރިހުން ފެނި ކެތްނުވެގެން ކަންނޭނގެއެވެ. އަހަރެން މަންމަގެ ކުރިމަތީގައި ރޮއިރޮއިފައި މާފަށް އެދުނީމެވެ. މަންމަގެ ހިތް ހަލާލު ބޭނުންކަމަށް ބުނީމެވެ. މަންމަގެ އެ ދުރުކަމާއި ނުރުހުމަށް އަހަރެންނަށް ކެތްނުކުރެވޭނެ ވާހަކަ ބުނީމެވެ. އަހަރެންގެ އާދޭސްތަކަށް ބީރު ކަންފަތެއް ދީގެން މާ ގިނައިރަކު މަންމައަކަށް ނީނދެވުނެވެ. އަހަރެންގެ ގައިގައި އޮޅުލައިގެންފައި ރޮމުން މާފަށް އެދުނެވެ. މަންމައަށް އަހަރެންނާއި ދޭތެރޭ އެގޮތަށް ކަންތައް ކުރެވުނީތީއެވެ. އަދި މަންމަގެ ހިތް އަހަރެންނަށްޓަކައި ސާފުކުރިއެވެ. އެވަގުތު ގޭތެރެއަށް ވަދެގެން އައި ހުޝާމް އަހަރެންނާއި ދިމާއަށް ބަލާލިއެވެ. އަހަރެންނަށް ހިނިތުންވެލެވުނީ ޝުކުރުވެރި ނަޒަރަކުންނެވެ. އަހަރެންނަށް ކުރިން ވިސްނުނުނަމައެވެ.
(ނިމުނީ)
4 Comments
Comments are closed.
Story varah varah furihama adhi ehaame iburaiyytheri. Maasha Allah
Shukuriyya Kudoo 🙂
Nice
Thank You Shaya 🙂